Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން -26

SomeOne Level 210 Stories
March 28, 2021 5 Mins Read
0 Comments

އަހަރެން ވިހަންދާން ގަސްތުކުރީ މާލެއަށެވެ. އަލަތު ދަރިފުޅުކަމަށް ވުމާއިއެކު ރަށުގައި އެދެވޭ ފެންވަރުގެ ވަސީލަތްތައް ނުހުންނާތީ ދެ މީހުންގެ މައިން ބަފައިންވެސް ބޭނުންވީ މާލެ ފޮނުވާށެވެ. އަހަރެންގެ ލޭގެ ގުރޫޕަކީވެސް އޯ ނެގެޓިވް ކަމުން ލޭ އަޅަން ޖެހޭފަދަ ހާލަތެއް އައިސްފިނަމަ އެކަންވެސް ރަށުން ނުވާނެއެވެ. ދުވަސް ފުރުމުގެ 2 ހަފްތާކުރިން އަހަރެންނާއި އިޖާޒް އަދި މައިދައިތަ މާލެ ދިޔައީމެވެ. އަހަރެންގެ މައިންބަފައިންނާއި އިޖާޒް ގެ ބައްޕަ މާލެ ދިޔުމަށް ހަމަޖެއްސީ އަހަރެން ވިހާ ދުވަހުއެވެ.

 

ދުވަސް ފުރި އިތުރަށް ހަފްތާއެއް ވީ އިރުވެސް އަހަރެން ބަނޑުގައި ނުރިއްސިއެވެ. އެހެންކަމުން އެޑްމިޓްކުރުމަށްފަހު ރިއްސުވަން އިންޖެކްޝަން ޖަހާ އެތައް މަސައްކަތެއް ކުރުމަށްފަހު ޑޮކްޓަރު ލަފާދިނީ ސިޒޭރިއަންއަކަށް ދާށެވެ. އަހަރެން ބާއްވާފައި އޮތީ ވިއްސާކޮޓަރީގައި ކަމުން އެތަނުގައި މަޑުކުރެވެނީ އެންމެ މީހަކަށެވެ. އަހަރެން އެދުމުގެ މަތީން އަހަރެން ކައިރީ މަޑުކުރީ މައިދައިތައެވެ. ނަމަވެސް އިޖާޒްވެސް ދޭތެރެ ދޭތެރެއިން އައިސް ހާލުބަލާލައެވެ. ސިޒޭރިއަށް ހަދަން ވާއިރަށް ލޭހޯދުމަށް ޑޮކްޓަރު އެދިފައި ވުމާއިއެކު އިޖާޒް ވަތް ގަޑީ ލޭ ލިބުނުތޯ އަހާލީމެވެ.

“ވަރަށް ފަސޭހައިނ ލިބިއްޖެ. ޕޮލިސް ކުއްޖަކާ އާޔާ މަންމަގެ ފަހަރިއެއްގެ ކޮއްކޮ. ” އިޖާޒް ގެ ބަސްތަކުން އަހަރެންގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ.

“އޭނ؟ ކާކު އޭ” އަހަރެންނަށް އެހެން އަހާލެވުނީ ބޭ އިޚްތިޔާރުގައެވެ. ހިތުގައި އެނބުރުނީ ލައިތްގެ ނަމަވެ.

“އެންމެން އެބަތިބި ހޮސްޕިޓަލްގަ. އާޔާ ވިހާނެ އިރެއްގެ އިންތިޒާރުގަ” އިޖާޒްއަށް އެހެން ބުނެވުމާއިއެކު 2 ނަރުސް ކުދިން އައިސް އަހަރެން އޮޕަރޭޝަން ތިއޭޓަރަށް ވަށްދަން ގެންދަނީކަމުގައި ބުނެލިއެވެ.

“އާޔާ! ހިތްވަރު ކުރައްޗޭ! ބޭބީ އެކަންޏެއްނޫން އާޔާ ވެސް ފުރިހަމަ ސިއްހަތެއްގަ އަހަރެން ބޭނުން” އަހަރެން އޮތް އެނދު ނެރެން ފެށުމާއިއެކު އިޖާޒް އަހަރެން އަތުގައި ހިފާލާފައި ބުނެލި އެންމެ ފަހު ޖުމްލައަކީއެއީއެވެ.

އޮޕަރޭޝަން ތިއޭޓަރަށް ގެންދެވެނީ ވިހާކޮޓަރިން ނެރެގެން ކަމުން ބޭރަށް އަހަރެން ނެރުމާއިއެކު އެތަނުގައި ތިބި އެންމެން އަހަރެންނަށް ފެނުނެވެ. ތިމާގެ އާއިލާ އެންމެންހެން އެތަތިއްބެވެ. އަހަރެންގެން ގޮސް ލިފްޓަށް އަރުވަނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ މާ ދުރުނޫން ހިސާބެއްގައި މީހުންތަކުގެ ތެރޭގައި ނޫ ގަމީހަކާއި ސޯޓެއް ލައިގެންހުރި ޒުވާނެކެވެ. އަތުގައި މަލަންކޮޅެއް އަޅާފައި އިންތަނުގައި އަނެއްއަތުން ފިތާލއިގެން ހުރެ އަތުގެ ހަރަކާތްތަކެއް ކުރެއެވެ. އޭނާ ބަލަހައްޓައިގެން ހުރީ އަހަރެންނާއި ދިމާއަށެވެ. އޭނާގެ މޫނުމަތީގައި ހިނިތުންވުމެއް ވީނަމަވެސް ލޮލުން ވިދާ ބަބުޅަމުންދިޔަ ފެންތިކިތައް އަހަރެންނަށް ކިތަންމެހާވެސް ރީއްޗަކަށް ފެނުނެވެ.ކުރިންވެސް އަހަރެން ބުނީމެއްނޫންހެއްޔެވެ.

“ދެލޯ ބަންދުވިއަކަސް މަގޭ ހިތުގެ ވިންދުން”

“ޔަޤީނޭ ކަލާ އަބަދު ފާހަގަ ކުރާނަން”

އާނއެކެވެ. އެއީ ހަމަ ލައިތްއެވެ. އަހަރެންގެ ހިތެއް ދޮގެއްނުބުނާނެއެވެ ކިތަންމެ ކުޑަ ވަގުތުކޮޅަށް ފެނުނުނަމަވެސް އަހަރެންނަށް އެ މޫނު އޮޅުވައެއް ނުލެވޭނެއެވެ. ފާޅު ނުކުރިކަމުގައި ވީނަމަވެސް އަހަރެންގެ ހިތުގެ އެންމެ ފުންމިނުން އަދިވެސް ލައިތްދެކެ ނިކަން ލޯބިވެއެވެ. ބޭ އިޚްތިޔާރުގައި އަހަރެންގެ ލޮލުން ކަރުނަ އައެވެ.

“އޭ ނުރޮއެބަލަ! އިންޝާﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެ.” އިޖާޒް އަހަރެން އަތުގައި ހިފާލިއެވެ. އިޖާޒް ހީކުރީ އަހަރެންނަށް ބިރުން ރޮވުނީކަމަށެވެ. އެކަމަކު ހަޤީގަތް އެނގޭނީ ހަމައެކަނި އަހަރެންނާއި ލައިތްގެ އިތުރުން ހެއްދެވި ފަރާތަށް އެކަންޏެވެ. އަހަރެން ގަދަ ކަމުން ހިނިތުންވެލީ އިޖާޒް މާ ބޮޑަށް ހާސްވެދާނެތީއެވެ.

އޮޕަރޭޝަން ތިއޭޓަރަށް ވައްދާ އައްސިކުރުމަށްފަހު އިރުކޮޅެއް ފަހުން ދެން އިވުނީ ކުޑަކުޑަ ކުއްޖެއް ރޯލިއަޑެއެވެ. އޭރުގަޑިން ހަވީރު 4:30 ވީއެވެ. ދުނިޔޭގެ ހުރިހާކަމެއްގެމަތިން އަހަރެން ހަނދާން ނެތުނެވެ.

“މަރުހަބާ. އަންހެން ކުއްޖެއް” އެ ލޯބި ލޯބި ތުއްތު ދަރިފުޅު ނެގި ގޮތަށް ކުޑަވަގުތުކޮޅަކަށް އަހަރެން މޭމަތީގައި ބާއްވާލިއެވެ. އެވަގުތު އެ ކުރެވުނު އެހިސާސްއަކީ މަޔަކަށް އެކަނި ކުރެވޭނޭ އިހްސާސްއެކެވެ. އެއީ ގަލަމަކުން ބަޔާންކުރެވޭފަދަ އިހްސާސެއް ނޫނެވެ.

 

ސިޒޭރިއަންގެ ކަންކަން ނިމި އިރުކޮޅެއްފަހުން ގާތުން ދިނުމަށް ދަރިފުޅު ގެނެސްބާއްވާލިއެވެ. އަހަރެންނަށް ދަރިފުޅު ރީއްޗަށް ފެނުނު ވަގުތަކީ އެއީއެވެ. ކުޑަކަމުން ސިފަކިއަން ނޭގުނަސް އިޖާޒްގެ ކުޑައިރުގެ ފޮޓާއަކާއި ވަރަށް ވައްތަރެވެ. ނަމަވެސް އިސްތަށިގަނޑު އެއީ ސީދާ އަހަރެންގެ ކިބައިން ވާރުތަ ވެފައިކަން އެނގެއެވެ. އެހާ ފަންވެފައި ދިގެވެ.

ބޭބީގެ ހާލުވެސް ރަނގަޅުވުމާއި އެކު އަހަރެން ދެން ބަދަލުކުރީ ރޫމަށްށެވެ. އެ ކޮޓަރިވެސް ހުރީ މަލުން ޒީނަތްތެރިކޮށްލާފައެވެ. ފާރުގައި ” ވެލްކަމް ޓު މަދާ ހުޑް” ޖަހާފައި އިން ބެނާއެއް ހަރުކޮށްފައިއިނެވެ. ކޮޓަރިއަށް ގެނެސް ހަމަޖެހުމާއިއެކު އެންމެން އައިސް ދަރިފުޅު އުރާ އެކި މީހުންނާއި ވައްތަރު ކުރަން ފެށިއެވެ. އެންމެންވެސް އެއްބަސްވާ ކަމަކީ އަހަރެންނާއި ވައްތަރު ނޫންކަމެވެ.

“މީ ބޮޑުމަންމީ ގެ ދަރިއެކޭ ދޯ ދޫނީ” އަހަރެންގެ ދޮންތަ ހީވަނީ އުފަލުންގޮސް އެހެން ކަމެއްހެނެވެ. އެންމެން އެންމެނަށް ޖަހާ ސަކަރާތް ބަލަން ހެވިފައި އަހަރެން އޮތީމެވެ. ކޮޓަރިން މީހުންމަދުވެ އެންމެފަހުންތިބީ ދެމީހުންގެ މައިންބަފައިންނާއި އިޖާޒްއެވެ.

“ދަރިފުޅުދާންވީ ނު ނިދާލަން. މަންމަ މަޑުކޮށްލާނަން” އަހަރެންގެ މަންމަ އެހެން ބުނި ނަމަވެސް އިޖާޒް އެކަމާއި އެއްބަހެއް ނުވިއެވެ.

“މަންމަ މަޑުކުރިއަސް އަހަރެންނަށް މަޑުކުރެވިދާނެއެއްނު. އެހެރީ އެއް އެނދު މިއޮތީ ސޯފާއެއް.” އަހަރެންހުރީ ގެއަށްދާންބޭނުންވެފައެއްނޫނެވެ.

“މަންމަމެން ދޭގެއަށްގޮސް ފެންވަރާލާހަދާލައިގެން އާދޭ! މަންމައާ އިޖާޒްއާއި މަޑުކުރެވޭނެއެއްނު އޭރުން”

އަހަރެންގެ ޚިޔާލު އެންމެންނަށްވެސް ކަމުދިޔައެވެ. އެންމެން ނުކުންނަށް ހިނގާގަތްވަގުތު ނަރުސް ކުއްޖެއް އައިސްވަނީ އަހަރެންގެ އަދި ބޭބީގެ ބައެއް ޓެސްޓްތައް ހައްދަން ލޭ ނެގުމަށެވެ. ލޭނަގައިގެން ނަރުސް ކުއްޖާ ދިޔުމާއިއެކު އަހަރެންނާއި ބޭބީ އަދި އިޖާޒް އެކަނިވިއެވެ. އިޖާޒް އިނީ އެ ފަދަ ވަގުތުކޮޅަކަށް އެދިއެދިކަން އަހަރެންނަށް އެނގުނެވެ.

“އާޔާ ތެންކިޔު.” އިޖާޒް އައިސް އަހަރެން ނިއްކުރީގައި ދޮނެއް ދިނެވެ. އަހަރެން ހީލީމެވެ.

އަހަރެމެން ދެމީހުން ދަރިފުޅަށް ކިއާނޭ ނަމަކާއިމެދު މަޝްވަރާކުރީމެވެ. “އަލިފަކުން ފެށޭ ކޮންމެ ނަމެއްވެސް އޯކޭ. ނަންކިޔަންވާނީ އާޔާ. ބޭބީގެ ނަމުގެ ފަހަތުގަ އިންނާނީ އަހަރެންގެ ނަމެއްނު” އިޖާޒް ބޭނުންވީ އަހަރެން ދަރިފުޅަށް ނަންކިޔާށެވެ.

“އަމަތުﷲ އިރާމް އިބްރާހިމް އިޖާޒް” އަހަރެންނަށް އިޚްތިޔާރަކާއި ނުލާ ބުނެވުނެވެ/

“އައްދެ! ނަންވެސް ވިސްނައިގެން ދޯ ތިހިރީ މާކުރިން. އަމަތުﷲ އިރާމް.. ވަރަށް ރީތި ނަމެއް. ” އިޖާޒް ވާހަކަ ދައްކަމުންގޮސް ދަރިފުޅު އުރާލިއެވެ. އޭރު ދަރިފުޅު އޮތީ ހޭލައެވެ.

“މި ބައްޕަގެ އީރާ! ދޯ ދަރިފުޅޫ!” ދަރިފުޅާއި ވާހަކަ ދައްކަމުން އެނދާ ކައިރިވެ ފޯނު ނެގުމަށްފަހު ތިން މީހުންގެ ފޮޓޯއެއް ނަގާލިއެވެ. އަދި އިރުކޮޅަކު ދަރިފުޅާ ވާހަކަ ދައްކާލުމަށްފަހު ގެންގޮސް ބޭއްވިއެވެ.

އަހަރެން ހޮސްޕިޓަލުން ދޫކޮށްލީ 5 ދުވަސް ފަހުންނެވެ. ލޭ މަދުވެގެން ލޭއަޅަން ޖެހުމާއިއެކު އިތުރު ދުވަސްތަކަކަށް ބޭއްވީއެވެ. ހޮސްޕިޓަލުން ދޫކޮށްލުމާއިއެކު އަހަރެމެން އަވަސްވެގަތީ ރަށަށް ދިޔުމަށެވެ. ދޮންދައްތަ ވަރަށް ރުޔެވެ. އަހަރެންގެ ދަރިފުޅުދެކެ ދޮންދައްތަ އަމިއްލަ ދަރިއެއްފަދައިން ލޯބިވާކަން އަހަރެންނަށް އެނގެއެވެ. ރަށަށް ދިޔުމާއިއެކު ދަރިފުޅަށް ނަންކިޔުމުގެ ކަންކަމާއިގެން އަވަސްވެގަތެވެ. އަހަރެން ދިން ނަން ހުރިހާ އެންމެންނަށްވެސް ވަރަށް ކަމުދިޔައެވެ.

“ކޮންމެ ނަމެއް ކިޔަސް މީ ބައްޕަގެ ކަނބުލޮ! ” އަހަރެންގެ ބައްޕަ ދަރިފުޅު އުރާލަމުން ބުނެލިއެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އަދި އިޖާޒްގެ މަންމަމެންވެސް ދަރިފުޅަން ކިއަނީ ކަނބުލޮއެވެ. އެހެން އެންމެންކީ އިޖާޒް ކީހެން އީރާ އެވެ. ވިހެއުމާއިއެކު އަހަރެން އޮފީހުގެ ވަޒީފާއިންވަކިވީމެވެ. އަހަރެންގެ ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކުރަން ބޭނުންވާތީއެވެ. އެވިސްނުމާއި އިޖާޒްވެސް ދެމީހުންގެ މައިންބަފައިންވެސް ރުހި ޤަބޫލުވިއެވެ.

މާލެއިން ލައިތް ފެނުމާއިއެކު ލައިތް ރާއްޖެއައިކަން އަހަރެންނަށް ކަށަވަރުވިއެވެ. ނަމަވެސް އެއްވެސް ޚަބަރެއް ނުވާތީ އަހަރެން ހިތްހަމަޖެހުނެވެ. ލައިތް އައިސް އަހަރެން ހޯދަން އައިސްދާނެތީ އަހަރެން ހުރީ ވަރަށް ބިރުންނެވެ. އަހަރެންނަށް ހީކުރެވުނީ ލައިތް މާލެ އަންނަގޮތަށް އަހަރެން ހޯދަން އަންނާނޭކަމަށެވެ. އަހަރެންނާ ނުލާ ލައިތް ދިރިއުޅެން ދަސްކުރިކަން އެނގުމުން އަހަރެންވެސް އުފާވިއެވެ.

އީރާ ގެ އުފަންވުމާއިއެކު ގޭތެރެއަށް އިތުރަށް ދިރުން ގެނުވިއެވެ. އަހަރެންނަށް އީރާ އުރާލަން ލިބެނީ އެކުއްޖާ ބަނޑުހައިވީމައާއި ރޭގަނޑު ނިދަންވީމައެވެ. އެހެން ހުރިހާ ގަޑިއެއްގައި އީރާ ގެންގުޅެނީ ދެ މާމައިންނެވެ. އިޖާޒް ވެސް ކުރިއަށްވުރެވެސް އަހަރެންނަށް އަޅާލަން ފެށިއެވެ. ބައެއް ރޭރޭ ދަންވަރު އީރާ ހޭލުމުން އަހަރެންނަށް ނިދިފައި އޮތްނަމަ އަހަރެންނަށް ނުގޮވަ ނެޕީ ބަދަލުކޮށް ހަދައެވެ. ފުރަތަމަކޮޅު އެހެން އިޖާޒް އުޅެނިކޮށް އަހަރެންނަށް ހޭލެވުމުން ބަލަން އޮންނައިރު ވަރަށް ހިނި އަންނަ ކަންކަންވެސް ކުރެއެވެ. އީރާއާއިއެކު އަހަރެންގެ ހަޔާތަށް ބަޔާން ކުރަންނޭގޭހާ އުފާވެރިކަން ގެނުވިއެވެ. ނަމަވެސް އަހަރެން ވިހައިގެން ރަށަށް އައިތާ ދެވަނަ ހަފްތާ އިޖާޒް އަށް ޕޮލިހުން ޗިޓްއެއް އައީ އެއްމަސްދުވަހަށް މާލެ ދިޔުމަށެވެ. އަހަރެންހުރީ އިޖާޒް އާއިއެކު މާލެ ދިޔުމަށް ތައްޔާރަށެވެ. ނަމަވެސް ދެމީހުންގެ މައިންބަފައިންވެސް އަހަރެން ފޮނުވަން ދެކޮޅު ހެދިއެވެ. އަދި ވިހާ ގަދަ ނުވާތީ އާއި އިޖާޒް ބިޒީކޮށް އުޅޭއިރު އަޅާނުލެވިދާނެތީއެވެ. އިޖާޒް ގޮތްދޫކޮށް މާލެ ފުރައިގެން ދިޔައީ ވަރަށް ދެރަވެގެން ހުރެއެވެ.

އިޖާޒް ދިޔަނަމަވެސް އަހަރެންނަށް މާ ބޮޑު ދައްޗެއް ކުރިމައްޗެއް ނުވެއެވެ. މަންމަ މެންނާއި ބައްޕަމެން އަބަދުވެސް އަހަރެން ކައިރީތިބެއެވެ. އިޖާޒް ނެތް ދުވަސްކޮޅު މައިދައިތަ ނިދީވެސް އަހަރެން ކޮޓަރީގައެވެ. ބައެއް ރޭރޭ މަންމަވެސް ނިދަން އާދެއެވެ. އަހަރެންނަށް ލިބުނު ނިޢުމަތްތަކަށް އަބަދުވެސް އަހަރެން ހަމްދުކުރަމެވެ.

އިޖާޒް ދިޔަތާ ދޮޅުމަސްފަހުން އެނބުރި ރަށަށް އަންނަ ޚަބަރުދިނެވެ. އޭނާ އައުމަށް ހަމަޖެހިފައި އޮތީ ރޭގަނޑު 7:30 ގެ ފްލައިޓުންނެވެ.އަހަރެން ބަދިގެއަށް ވަދެއުޅެން މައިދައިތަ ހިތްހަމަ ނުޖެހޭތީ ވަރަށް ޝަކުވާ ކޮށްގެން  ބަދިގެއަށް ވަދެ އެރޭ ޚާއްސަ ކެއުމެއްވެސް އަހަރެން ތައްޔާރު ކުރީމެވެ. އީރާ ނިދަން ރެޑީކޮށް ގާތުންދޭން އޮއްވައި އަހަރެންނަށް ނިދި ޖެހުނެވެ. އަހަރެންނަށް ހޭލެވުނީ އިޖާޒް އައިސް އީރާ އުރާލުމުންނެވެ. އަހަރެން ތެދުވެ ގަޑި ބަލާލީމެވެ. ގަޑިން އޭރު އަދި 8:15 އެވެ.

“ބައްޕަގެ ދޫނީ! އައި މިސްޑްޔޫ!” ކޮލުގައި ބޮސްދެމުން އިޖާޒް ވާހަކަ ދެއްކީ އީރާއާއެވެ. އަދި ގުދުވެ އަހަރެން ނިއްކުރި މައްޗަށް ބޮސް ދިނުމަށްފަހު
” އައިމިސްޑް ޔޫޓޫ އީރާ ގެ މަންމާ” އޭ ބުނެލިއެވެ

” ވީ މިސްޑް ޔޫ ޓޫ ޑެޑީ” އަހަރެން އީރާގެ މަތިން ބުނެލީމެވެ. ހިނގާ ކާންދާން ބަނޑުހައިވެއްޖެ އެއްނު”

“ދޭ ކާން ހަދާދޭން. ވަރަށް ބަނޑުހައި. މަންމަވެސް އެބައުޅޭ ކަންނޭނގެ ބަދިގޭގަ. ދެ މީހުންނަށް ކާންހަދައްޗޭ ރަށްޓެއްސެއްވެސް ގޮވައިގެން މިއައީ. އަހަރެން ދާނަން އީރާ ނިންދަވާފަ” އިޖާޒް އީރާ ގޮވައިގެން އެނދުގައި ޖައްސާލިއެވެ.

އަހަރެން ގޮސް އީރާ އެނދު ކައިރީ އިން ބޭބީ މޮނިޓަރ އޮންކޮއްލީ ފަހަރުގަވެސް އިޖާޒް ހަނދާން ނެތިއްޖަނަމަ އީރާ ރުޔަސް ނޭނގޭނެތީއެވެ. މޮނިޓަރ އޮންކޮށްލުމުން ބަދިގެއަށް އަދި ސިޓިން ރޫމަށްވެސް އީރާ ރޯއަޑު އިވޭނެއެވެ.

އަހަރެން ބަދިގެއަށް ވަތްއިރު މަންމަވެސް ކާންހަދަން އުޅެއެވެ. ސިޓިން ރޫމްގައި އިތުރު މީހަކު ނެތުމުން މަންމަ ކައިރީ އަހަރެންނަށް އަހާލެވުނެވެ.

“އިޖާޒް ބުނި ރައްޓެއްސަކު އައިވާހަކަ؟ ކާކު ގޮވައިން އައީ؟ ” އަހަރެން އެހެން އަހާލީ އިޖާޒް އަކީ މާ ރަށްޓެހިންވެގެން އުޅޭ މީހެއް ނޫންވީމައެވެ. އޭނަގެ މަސައްކަތު ގަޑި ފިޔަވާ ހުރިހާ ގަޑިއެއްވެސް ހޭދަކުރަނީ ގޭގައެވެ.

” އާން ކުއްޖަކު ގޮވައިގެން އަންނަ ވާހަކ ބުނި ކުރިންވެސް. ވަޒީފާއަށްދާ ކުއްޖެކޯ. ކުއްޔަށްތަނެއް ހޯދާތީ ހުސްކޮށް އެހެރަ ކޮޓަރީގަ ބަހައްޓަން ގެނައީއޯ” މަންމަ އަހަރެންނަށް ތަފްސީލް ދިނެވެ.

” އަނެއްކާ އަންހެން ކުއްޖެއްތަ މަންމާ” އަހަރެން ހެމުން ހެމުން އެހެން ބުނެލީމެވެ.

“ނޭގެ ދަރިފުޅާ މަންމަވެސް ނުދެކެން އަދި. އަންހެން މަންޖެއެއްވެއްޖެއްޔާ ތިގެއަށް ބަދަލުކޮށްލަ ފާނަމޭ. ހާސްނުވޭ” މައިދައިތަވެސް އަހަރެންނާ އެއްބައިވެލާ ސަކަރާތްޖަހާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ދައްތަ ފެހި ހެދުން.

Next

އަބަދުވެސް…8

Next
March 28, 2021

އަބަދުވެސް…8

Previews
March 28, 2021

ދައްތަ ފެހި ހެދުން.



All Right Reserved!