Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-20

SomeOne Level 210 Stories
March 24, 2021 5 Mins Read
1 Comment

“މަންމާ. ނުރޮއެބަލަ. އަހަރެން މިދަނީ ކުރިމަތީގަ އެހެރަ ގެއަށޭ. މަންމަ ގޮވާލާ އަޑު އިވޭހާކައިރި. އަހަރެން ގިނައިން އުޅޭނީ މިގޭގައޭ. މަންމަ ލޯ ކުރިމަތިން އަހަރެން ނުގެއްލޭނަން އިންޝާﷲ” އަހަރެން ވާހަކަ ދެއްކީ މަންމަގެ ހިތް ހަމަ ޖައްސާލަދިނުމަށެވެ.

“މަންމައަށް އެނގެޔޭ. މަންމަގެ ކުޑަދަރިވެސް ބޮޑުވެ ހަޔާތެއް ފެށީމަ އުފަލުން ރޮވުނީއޭ” މަންމަ ލޯ ފޮހެލަމުން ބުންޏެވެ.

“އިޖާޒް. ބައްޕަ މެންގެ ލޮލުގެ ކޮއެ ފަދަ ދަރިއެއް ތީ. ދުވަހެއްގެ ކޮޅުންވެސް އެކުގަ ނޫޅެވޭނެހެން ހީވަންޔާވެސް އެއްވެސް އަނިޔާއެއް ދެރައެއް ނުދީ ގެނެސް ބައްޕަމެންނާ ހަވާލުކުރާތި.” ބައްޕަވެސް އިޖާޒްގެ ކޮނޑުގައި ޖަހާލަމުން ބައްޕަގެ ފަހުގެ އެދުން އިއްވާލިއެވެ.

“ދުވަހަކުވެސް އާޔާއަކަށް ދެރައެއް ނުދޭނަން. އަހަރެމެން ގޭގަ އާޔާ އުޅުނަސް އާޔާ ބޭނުން ވަގުތެއް މިގޭގަ ހޭދަ ކުރެވޭނެ. އާޔާ އާއިއެކީ އަޅުގަނޑުގެ މުޅި ޢުމުރު ހޭދަކުރުން ދުޢާއަކީ” އިޖާޒްވެސް އުމުރަށް އަހަރެންނާއިއެކު ވާނޭ ކަމުގެ ވަޢުދު ކުރަމުން ދެމީހުންއެކީ އިޖާޒްމެންގެއަށް ދިޔުމަށް ހިނގައިގަތީމެވެ. އެވަގުތު ދޮރުމަތީގައި ތުއްތުބޭ ހުއްޓެވެ.

“ފައިސަލް. އަހަރެންމި ގެންދަނީ ޅީ ދަރިއެއް ނޫން. އަހަރެންގެ އަންހެންދަރިއެއް” ތުއްތުބޭ ބައްޕަ އަށް އިވޭ ވަރަށް އެހެން ބުނެލުމަށްފަހު އަހަރެމެންނާއިއެކު ގޮސް އެގެއަށްވަނެވެ.

ކުޑައިރު ގިނަ ވަގުތު އެގޭގައި އުޅުނު ނަމަވެސް އެގެ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެގެ ޢިމާރާތްކުރި ފަހުން މަދު ފަހަރަކު ވަދެވުނު ނަމަވެސް ސިޓިން ރޫމާއި ބަދިގެއާއި ކާކޮޓަރި ފިޔަވާ އިތުރުތަނެއް އަހަރެން ނުދެކެމެވެ.

ގޭތެރެއަށްވަތް އިރު ނިއުމާއްތަ ސިޓިން ރޫމްގައި އިނީ އަހަރެމެންގެ އިންތިޒާރުގައެވެ.

“ދަރިފުޅާ އާޔާ. މިތާ އިށީނދެބަލަ” އަހަރެން ގޮސް ނިއުމާއްތަ އާއި ޖެހިގެން ހުރި ސޯފާގައި އިށީނީމެވެ.

“އަންނާނަން ފޮށި ކޮޓަރިއަށް ލާފަ” އިޖާޒް ހިނގައިގަތީ ކޮޓަރިއަށް ފޮށިލާންށެވެ.

“މަންމަ ވަރަށް އުފާވެއްޖެ އިޖާޒްގެ އަތްބަކަށް ދަރިފުޅުވީމަ. އިޖާޒް ބަލާދޭތި. އަހަރެމެން ދެމީހުންގެ ހުރި ހަމަ އެކަނި ފުރާނަ އެއީ” ނިއުމާއްތަ ބަސްތަކުން މައިވަންތް ކަމުގެ އަސަރު ފާޅުވެއެވެ.

“އަތްބެއްގެ ފަރާތުން ލިބެންޖެހޭ ހުރިހާ އަޅާލުމަކާއި ލޯތްބެއް އިޖާޒްއަށް ލިބޭނެ” އަހަރެން އިސްޖަހާލައިގެން އިނދެ ވާހަކަ ދެއްކީމެވެ.

” ދެން ނިއުމާއްތައާއި ތުއްތުބެއެއް ނޫން މީ. މީ ހަމަ އާޔާގެ މަންމަ އާއި ބައްޕަ.” ނިއުމާއްތަ އެހެން ބުނެލުމުން އަހަރެން ކުޑަކޮށް ލަދުގަތެވެ. އެހެންކަމުން އެއްވެސް އެއްޗެއް ނުބުނަމެވެ.

” ދެމީހުން އެކުގަ ނަމާދުކުރައްޗެ އެނގޭ ނިދުމުގެ ކުރިން. ކޮޓަރީގަ ހުންނާނެ ކިރުވެސް” އަހަރެން ލައްބައޭ ބުނެލިމެވެ.އެވަގުތު ނިއުމާއްތަ، އާދެ އަހަރެންގެ މައިދައިތަ ތެދުވެގެން އައިސް އަހަރެން އިން ސޯފާ ކައިރިއަށް ހުއްޓި އަހަރެން އަތުގައި ހިފިއެވެ.

“މީ އަހަރެން ހައްޖަށް ދެވުނު ފަހަރު އިޖާޒް ގެ އަނބި މީހާ އަތުގަ އަޅުވަން ގެނައި ކެވެލި ކޮޅެއް” ވަރަށް ރީތި ދެ ރަންކެވެލިކޮޅު ނަގާ އަހަރެންގެ އަތުގައި މައިދައިތަ އަޅުވައިދިނެވެ. އަހަރެން އިސްޖައިގެން ހުރެ ޝުކުރިއްޔާއޭ ބުނީމެވެ. އެވަގުތު އިޖާޒްވެސް އައިސް ހުއްޓުނެވެ.

“ދެން ދޭ ދެކުދިންވެސް ނިދަން. މިހާރު އެއޮއް ދިހައެއް ޖެހީ”  އަހަރެންގެ މައިދައިތަ އާއި ބައްފައިބެ އާއި ދެމީހުން އެކީގައި ކޮޓަރިއާއި ދިމާއަށް ހިނގައި ގަތުމުން އިޖާޒްވެސް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އަހަރެން އިޖާޒް ގެ ފަހަތުން ދިޔައީމެވެ.

އަހަރެމެންގެ ގެ ހާ ބޮޑު ނޫނަސް އެގެވެސް ވަނީ ޒަމާނީ ފެންވަރަށް ހަދާފައެވެ. ސިޓިން ރޫމަކާއި ބަދިގެއެއް އަދި ކާތަނުގެ އިތުރުން 2 ކޮޓަރި ހުރެއެވެ. އިޖާޒް ސިޓިން ރޫމުތެރެއިން ގޮސް ނުކުތީ ގޭގެ އަނެއް ފަރާތަށެވެ. އެފަރާތް އަހަރެން މި ދެކުނީ އަލަށެވެ. ގެއިން ނުކުންނައިރު މަތި ހިޔާކޮށް ދެފަރާތުގައި ގަސް ހައްދާފައިވާ ގޯޅިގަނޑެއްގެ ތެރެއިން ވަކިން ހުރި ކޮޓަރިއެއް ހުއްޓެވެ. ކޮޓަރި ބޭރުގައިވެސް ކޮފީ މޭޒަކާއި 2 ގޮނޑި ހުއްޓެވެ. އަދި ފައިވާން ރެކެއްގެ އިތުރުން ތަފާތު ގިނަ ގަސް މުށިތައް ބަހައްޓާފައި ހުއްޓެވެ.

އިޖާޒް ދިރިއުޅެން ހަދާފައިވަނީ ވަރަށް ފުރިހަމަ ކޮޓަރިއެކެވެ. ތިރިގައި ވޯކިން ވޯޑްރޯބެއްގެ އިތުރުން ސޯފާ ސެޓަކާއި ޓީވީ އެއް ގެ އިތުރުން މިނީ ބާއަކާއި ފޮތް ހަރުގަނޑެއް ހުއްޓެވެ. ކޮޓަރީގެ އެއްކަނުގައި ކުޑަ ޖިމްއެއްކަހަލަ ތަންކޮޅެއް ހަދާފައި އިނެވެ. ކޮޓަރީގެ މެދުން އިން ވަށް ސިޑިން އަރާއިރު ނިދާ އެނދަކާއި އިތުރު ސޯފާ އެއްގެ އިތުރުން ޑްރެސިން ޓޭބަލް އެއް ހުއްޓެވެ. އަދި ބެޑް ސައިޑް ލޭމްޕަކާއި ޓޭބަލް އެއް ހުރިއިރު ކޮޓަރިތެރޭގައި އެއްޗެހި ބަހައްޓާލާފައިވަނީ ވަރަށް ތަރުތީބުންނެވެ.. ފާޚާނާވެސް ހުރީ އެންމެ ޒަމާނީ ގޮތަށް ހަދާލާފައެވެ. ގެއާއި ދިމާއަށް އިން ފަޅީގައި އެއްކޮށް ވަނީ ބިއްލޫރި ޖަހާފައެވެ. އަދި އެ ދިމާލުން ނުކުމެވޭ ކުޑަ ބެލްކަންޏެއް އިނެވެ. އެތަނުގައި އުނދޯއްޏަކާއި ކުޑަ މޭޒެއްގެ އިތުރުން ކޮފީ މެޝިންއެއް ހުއްޓެވެ. ބެލްކަނި އޮތީ މަތި ހިޔާކޮށްފައި ނަމަވެސް ބެލްކަނިން ގޯތި ތެރޭގައި ހައްދާފައިވާ ރީތި ގަސްތަކާއި  އުނދޯލިގެ ފެނެއެވެ. .އަދި ބެލްކަނީގައިވެސް ތަފާތު ވައްތަރުގެ ގަސްތައް ހައްދާފައި ހުއްޓެވެ. ރަށު ގެ ނިސްބަތުން އެންމެ ފެންވަރު ރަނގަޅު ކޮޓަރިތަކުގެ ތެރޭގައި އިޖާޒްގެ ކޮޓަރި ކިއާލެވޭހާ ފުރިހަމަވާނޭކަން ޔަޤީނެވެ. އިޖާޒް އަހަރެންނަށް ކޮޓަރި ދައްކާލުމަށްފަހު ފާޚާނާއަށް ވަނެވެ. އަހަރެންގެ މޭ އިހުނަށްވުރެ ބާރަށް ތެޅެންފެށީ ކޮޓަރީގައި އެކަނިވި ވަގުތުއެވެ. ނަމަވެސް އިޖާޒް ފާޚާނާއިންނުކުތް ގޮތަށް އެދުނީ ވުލޫކޮށްގެން ނަމާދުކޮށްލަން އައުމަށެވެ. އަހަރެން އަވަސް އަވަހަށް ފާޚާނާއަށް ވަދެ ވުލޫކޮށްލައިން ނުކުމެ ފޮށި ހުޅުވާލާ މުސައްލަ ނަގާ އިޖާޒްގެ ފަހަތުގައި ހުރެގެން ނަމާދުކޮށްލީމެވެ. ނަމާދަށް ފަހުވެސް ﷲގެ ހަޟްރަތުގައި ތަކުރާޜުކޮށް ދެންނެވުނީ އަހަރެން އިޖާޒް އާއި އިންނަން ނިންމި ނިންމުމަށް ބަރަކާތް ލައްވާ ކައިވެނީގައި ސާބިތުވެގެން ހުރުން މިންވަރުކޮށްދެއްވާތޯއެވެ.

ނަމާދުން ފައިބައިގެން ގޮސް އެނދުގެ އެއްފަރާތުގައި ހުރި ކުޑަ މޭޒުމަތީ ހުރި ކިރުތަށިން އެއްބައި ބޯލުމަށްފަހު އަނެއްބައި އަހަރެންނަށް ދިއްކޮށްލިއެވެ. އަހަރެން މަޑުމަޑުން އެތަށީގައި ހިފާ ބާކީ ބައި ބޯލުމަށްފަހު ފާޚާނާއަށް ވަދެ ތަށި ދޮވެލައިގެން ނުކުތް އިރު އިޖާޒް ހުރީ އެއްޗެހި ބަދަލުކޮށްގެންނެވެ. ސޯޓަކާއި ޓީޝާޓް ލައިގެން ބާލީހެއް ހިފައިގެން އިޖާޒް ހިނގައިގަތީ ސިޑިން ތިރިއަށް ފޭބުމަށެވެ.

“އޯކޭވާނެ އެނދުގަ ނިދިއަސް” އަހަރެން އިސްޖަހައިގެން ހުރެ މަޑުމަޑުން ބުނީމެވެ.

އިޖާޒް ކުޑަކޮށް މަޑުޖެހިލާ ފަހަތަށް އެނބުރި ބަލާލިއެވެ.” މާދަން ހުކުރޭ. މިދަނީ ފިލްމެއް ބަލާލަން. ލަހުން ނިދާނީ. އާޔާ އޮށޯވެލާ”

އަހަރެންވެސް ތިރިއަށް ފައިބާ ފޮށީގައި ހުރިތަކެތި އަލަމާރިއަށް ލުމަށްފަހު ހަރުވާޅަކާއި އަތްދިގު ޓީޝާޓެއް އަދި ކުޑަ ބުރުގައެއް ހިފައިގެން މައްޗަށް އަރާ ފާޚާނާއަށް ވަދެ އެއްޗެހި ބަދަލުކޮށްލާ އެނދުގައި އޮށޯވެލީ ނިދޭތޯއެވެ. އަވަގުތުވެސް އަހަރެންގެ ސިކުނޑި ހިސޯރު ކުރީ ލައިތްގެ ޚިޔާލުތަކެވެ. މިރެއަކީ އަހަރެން ލައިތް އާއި އިނދެވުނު ނަމަ ހަޔާތުގައި ވެސް އަންނާނޭ އެންމެ އުފާވެރި ރޭކަން ޤައިމެވެ. އިޖާޒް އާއި އިނުމަކީވެސް އަހަރެންގެ އަމިއްލަ ނިންމުމެކެވެ. ނަމަވެސް ލައިތް ގެ ހިޔާލުތަކުން ދުރުވުމަކީ އަހަރެންނަށް ނުހަނު އުނދަގޫކަމަކަށްވާނެކަން ޔަޤީނެވެ. ސިއްސައިގެން ގޮސް ލޯހުޅުވާލެވުނީ މީހެއްގެ ހިޔަނި ވީހެން ހީވެގެންނެވެ. އޭރު އިޖާޒް އަހަރެންނާއި ދާދި ކައިރީ ގުދުވެގެން އޮތެވެ. ފުންމައިގެން ތެދުވެ  އެނދުގައި ލައްގަނެލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.

” މަށޭ މީ. އަހަރެން އާޔާ ގަޔަކު އަތެއް ނުލާނަމޭ. ބޭސް ކާން ވެގެން މިއައީ.” އެނދު ކައިރީ ހުރި މޭޒުމަތީހުރި ބޭސްތަކަކުން ބޭސް ގުޅައެއް ނަގައިގެން އިޖާޒް ހިނގަގަތެވެ. އަދި ހުއްޓި ފަހަތް ބަލާލުމަށްފަހު ބުނެލިއެވެ.

“އަހަރެން ވައުދުވީމެއްނު އާޔާއަށް ވަގުތު ދޭން. އާޔާގެ ނުގަބޫލުގައި އާޔާގެ ގަޔަކު ނުބީހޭނަން. އިތުބާރުކުރޭ”  އަދި މަޑުމަޑުން ސިޑިން ފައިބައިގެން ދިޔައެވެ.

އަހަރެންނަށް މި ކުރެވުނީ ކީއްހެއްޔެވެ. އަހަރެންނަކީ މިހާރު އިޖާޒް ގެ ހައްގެކެވެ. އިޖާޒްގެ އެދުންތަކަށް ބޯލެނބުމަކީ، އުޒުރެއް ނެތްނަމަ އަތްބެއްގެ ހައިސިއްޔަތުން އަހަރެން ގެ މައްޗަށް ވާޖިބު ކަމެކެވެ. އެކަމަކު އަހަރެން އަދި ވަގުތު ބޭނުންވެއެވެ. ލައިތް ނޫން މީހަކު އަހަރެން ގައިގައި މިހާތަނަށް ބީހިލާފަވެސް ނުވެއެވެ. ލައިތް ނޫން މީހަކު އަހަރެންގެ ގައިގައި ބީހެން އަހަރެންގެ ހިތެއް ނޭދެއެވެ.

ކޮންމެއަކަސް އެހެން އެނދުގައި އިށީންދެ އިންދައި އަހަރެންނަށް ނިދުނީއެވެ. ދެން އަހަރެންނަށް ހޭލެވުނީ ފަތިހު 4:30 ގައެވެ. އަހަރެންނަށް ނިދުނީ އެނދުގައި ލައްގަނެގެން އިނދެ ނަމަވެސް ހޭލެވުނު އިރު އަހަރެން އޮތީ ރީއްޗަށް އޮށޯވެއެވެ. އަދި އަހަރެންގެ ގައިމަތީ ބްލޭންކެޓްއެއް އަޅާފައި އޮތެވެ. ފުންމައިގެން ތެދުވެ ވަށާބަލާލީމެވެ. އިޖާޒް އެއް އެނދަކު ނެތެވެ. ސިޑިއާއި ކައިރިވެ ތިރި ބަލާލިއިރު އިޖާޒް  ސޯފާގައި ނިދާފައި އޮތެވެ.

އަހަރެން ތެދުވެ ފާޚާނާއަށް ވަދެ ފެންވަރަލާ ނަމާދުކޮށްލުމަށް ފަހު ބަދިގެއަށް ދިޔައީމެވެ.އޭރުވެސް އިޖާޒް ސޯފާގައި ނިދާފައި އޮތެވެ. ގޭތެރެއަށް ވަތްއިރު މައިދައިތަ ޤުރުއާން ކިޔަވާއަޑު އިވެއެވެ. އަހަރެން ގޮސް ބަދިގެއަށް ވަދެ ރޮށި ފިހަން ފެށީމެވެ. އަހަރެން އުޅޭ އަޑު އިވިގެން މައިދައިތަވެސް ބަދިގެއަށް އައެވެ.

“ދަރިފުޅާ. ތަން ބަދަލުވީމަ ނުވެސް ނިދުން ދޯ ރަނގަޅަށް” ބަދިގެއަށް ވަންނަމުން މައިދައިތަ އަހާލިއެވެ.

“ނޫނޭ! ނިދިން ރަނގަޅަށް.” އަހަރެން ރޮށި ފިހުމާއިގެން ކުރިއަށް ދިޔައީމެވެ.

“ލައިގެން ކާން ކޯންޗެއް ހަދަންވީ؟ އާޔާ ބޭނުން އެއްޗެއް މިއަދު މަންމަ ތައްޔާރުކޮށްދޭނީ”

“ބައްޕަމެންނަށް ކަމުދާ އެއްޗެއް ތައްޔާރު ކުރީމަ ރަނގަޅުވާނެ. އާޔާ ވަކި އެއްޗެއް ބޭނުމެއް ނޫން” އަހަރެންނަކީ ކެއުމުގައި އެހާ މައްސަލަ ޖައްސާމީހެއް ނޫނެވެ.

“އެހެންވިއްޔާ އަންނާނަން ތޮރައެއް ހިފައިގެން. އާޔާ މަންމަ ކައިރީ ބުނާނަން ލައިގެން ކާ އެއްޗެހި ނަހަދަން. މިއަދު މިގޭން ގެންދާނީ ދޯ”

އަހަރެން މައިދައިތަ އަށް ބަލާލާފަ ހީލީމެވެ. ” މަންމަ ޤަބޫލެއް ނުވާނެ ނުކައްކަ ހުންނާކަށް. ނޭގެ މިހާރުވެސް ބަދިގެ ނުނިމޭކަމެއް” އަހަރެންގެ މަންމައަކީ ގޭތެރޭގެ ކަންކަން ކުރުމަށް ވަރަށް އަތްމަތި އަވަސް މީހެކެވެ.

“މަންމަ އަންނާނަން ގެއަށް ވަދެފަ” މައިދައިތަ ނުކުމެގެން ދިޔުމުން ބާކީ ހުރި ރޮށިކޮޅު ފިހެލާ ގޭތެރެ ކުނިކަހާލާ ހެދީމެވެ. އަދި މަސްހުނި މޮޑެން ހުނި ގާނަން ހުއްޓައި މައިދައިތަ އައިސްވަނީ ތޮރާތަކެއް ހިފައިގެންނެވެ.

“މަންމަވެސް މަސްހުނި މޮޑެން ކާށި ބިންނަން ހުއްޓަ ދެވުނީ. މިއައީ ހުއްޓުވާފަ. މެންދުރު ކައްކަން ގެއަށް ދާގޮތަށް އެއްބަސްވެފަ މިއައީ” މައިދައިތަ ވަންނަމުން ވާހަކަ ދެއްކިއެވެ.

ސައިތައްޔާރުކޮށް ނިމުމުން ބައްޕަވެސް ގޭގައި ނެތީމައި މައިދައިތަ ދިއައީ މަސްހުނި ތަށި ހިފައިގެން އަހަރެމެން ގެއަށް ލާންށެވެ. އަހަރެން ގޮސް ކޮޓަރިއަށްވަނީ އިޖާޒްއަށް ގޮވާށެވެ. އަހަރެން ކޮޓަރިއަށް ވަތްއިރު އިޖާޒް ސިޑިން މައްޗަށް އަރަނީއެވެ. އަހަރެން ދޮރުހުޅުވުމާއިއެކު ހުއްޓިލާފައި ބަލާލިއެވެ.

“ކޮފީއެއް ބޭނުން؟” އަހަރެން އަހާލީމެވެ.

“ބްލެކް ހަކުރު ނާޅާ ޕްލީސް. ބެލްކަނީގަ ހުންނާނެ މެޝިންވެސް”  އަހަރެން ހީލާފައި އިޖާޒް ފަހަތުން މައްޗަށް އެރީމެވެ. އޭނާ ފާޚާނާއަށް ވަދެ ދަތް އުނގުޅާލައިގެން ނުކުތްއިރު ކޮފީތަށި ބެލްކަނީ މޭޒުމަތީ ހުންނާނެއެވެ.އަހަރެން ވެސް ފޯނު ހިފައިގެން އުނދޯލީގައި އިށީނދެލީމެވެ.

“ކޮފީ އެއް ނުބޯނަން؟” އިޖާޒް ކޮފީތަށި ނަގަމުން އަހާލިއެވެ.

” އެހާ ކޮފީ އެއް ނޫން” އަހަރެންކޮންމެވެސް ވަރަކަށް ކޮފީ ބޮއެ އުޅުނަސް ހެނދުނު ކޮފީ ބުއިމަކީ އަހަރެން ގެ އާދައެއް ނޫނެވެ.

“ޓީ ޕާސަން އެއް ދޯ” އަހަރެން ޖަވާބެއްގެ ގޮތުގައި ހީލީމެވެ.

“މިތަނަށް ދެން ޓީ ޕޮޓަކާ ސައިފަތް ދޯ ހޯދަންވީ. އޭރުންނެއްނު ފުރިހަމަވާނީ” ކޮފީ މެޝިންއާއި ދިމާއަށް ބަލާލަމުން އިޖާޒް ވާހަކަ ދެއްކިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ތިޔަ ލޯތްބަށް އެދެމޭ – 11 & 12

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (18)

Next
March 24, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (18)

Previews
March 23, 2021

ތިޔަ ލޯތްބަށް އެދެމޭ – 11 & 12

One Comment

  1. sahoo says:
    March 24, 2021 at 4:34 pm

    Wow very nice waiting for the next part of the story keep it up.

Comments are closed.

Next Episodeނިކަންލޯބިން -21←


All Right Reserved!