ނިކަންލޯބިން -21
ސައިތައްޔާރުކޮށް ނިމުމުން ބައްޕަވެސް ގޭގައި ނެތީމައި މައިދައިތަ ދިއައީ މަސްހުނި ތަށި ހިފައިގެން އަހަރެމެން ގެއަށް ލާންށެވެ. އަހަރެން ގޮސް ކޮޓަރިއަށްވަނީ އިޖާޒްއަށް ގޮވާށެވެ. އަހަރެން ކޮޓަރިއަށް ވަތްއިރު އިޖާޒް ސިޑިން މައްޗަށް އަރަނީއެވެ. އަހަރެން ދޮރުހުޅުވުމާއިއެކު ހުއްޓިލާފައި ބަލާލިއެވެ.
“ކޮފީއެއް ބޭނުން؟” އަހަރެން އަހާލީމެވެ.
“ބްލެކް ހަކުރު ނާޅާ ޕްލީސް. ބެލްކަނީގަ ހުންނާނެ މެޝިންވެސް” އަހަރެން ހީލާފައި އިޖާޒް ފަހަތުން މައްޗަށް އެރީމެވެ. އޭނާ ފާޚާނާއަށް ވަދެ ދަތް އުނގުޅާލައިގެން ނުކުތްއިރު ކޮފީތަށި ބެލްކަނީ މޭޒުމަތީ ހުންނާނެއެވެ.އަހަރެން ވެސް ފޯނު ހިފައިގެން އުނދޯލީގައި އިށީނދެލީމެވެ.
“ކޮފީ އެއް ނުބޯނަން؟” އިޖާޒް ކޮފީތަށި ނަގަމުން އަހާލިއެވެ.
” އެހާ ކޮފީ އެއް ނޫން” އަހަރެންކޮންމެވެސް ވަރަކަށް ކޮފީ ބޮއެ އުޅުނަސް ހެނދުނު ކޮފީ ބުއިމަކީ އަހަރެން ގެ އާދައެއް ނޫނެވެ.
“ޓީ ޕާސަން އެއް ދޯ” އަހަރެން ޖަވާބެއްގެ ގޮތުގައި ހީލީމެވެ.
“މިތަނަށް ދެން ޓީ ޕޮޓަކާ ސައިފަތް ދޯ ހޯދަންވީ. އޭރުންނެއްނު ފުރިހަމަވާނީ” ކޮފީ މެޝިންއާއި ދިމާއަށް ބަލާލަމުން އިޖާޒް ވާހަކަ ދެއްކިއެވެ.
“ނޫނޭ. އެހާވަރަކަށް ސައެއް ނުބޮމޭ.”
“ދަރިފުޅާ އާދޭ ދެކުދިން ސައިބޯން. ބައްޕަ ވެސް އެ އަރަނީ ސައިބޯން” ކުއްލިއަކަށް އިވުނީ ތިރިން މައިދައިތަ ގޮވާލި އަޑެވެ.
“މި ދަނީ މަންމާ” މައިދައިތައަށް ޖަވާބު ދިނީ އިޖާޒްއެވެ.
ދެމީހުން ފައިބައިގެންގޮސް ސައިބޮއެގެން އަހަރެން ދިޔައީ އަހަރެމެން ގެއަށެވެ. އޭރު މަންމަ ކައްކަން ތައްޔާރުކުރަނީއެވެ. އަހަރެމެން ކެއްކުމުގައި އުޅެނިކޮށް މައިދައިތަވެސް އައިސް ކެއްކުމުގައި ބައިވެރިއެވެ. ބަދިގޭގެ ކަންކަން 11:30 ވީއިރު ނިންމާލާ މަންމަ އާއި މައިދައިތަވެސް ދިޔައީ ފެންވަރާށެވެ. އަހަރެން އެނބުރި ކޮޓަރިއަށް ދިޔައީ އިޖާޒް ހުކުރަށް ދިއުމަށް އެއްޗެހި ތައްޔާރުކޮށްދޭށެވެ.
އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލިއިރު އިޖާޒް ހުރީ އެއްޗެހި އިސްތިރިކުރާށެވެ.
“ގެނޭ އަހަރެން އަތަށް.” ކޮޓަރިއަށް ވަނުމާއިއެކު އަހަރެން ބުނެލީމެވެ.
” އަހަރެން މިގެއަށް ހޯދީ ގެންގުޅޭ މަސައްކަތު މީހެއް ނޫނޭ” އިޖާޒް އިސްތިރިކުރަމުން އިސްވެސް އުފުލާ ނުލާ ބުނެލިއެވެ.
“އެހެންނެއް ނޫނޭ. އެކަމަކުވެސް ގެނޭ. ” އަހަރެން ކައިރިވުމުން އިޖާޒް ދުރަށް ދިޔައެވެ. އަލަމާރި ކައިރީ ހުރި ރެކް ގައި އަޅުވާލާފައި އިން ތުވާލި ނަގާ އަނދެލުމަށްފަހު ލައިގެން ހުރި އެއްޗެހި ބާލާ ދާވަށިގަނޑަށް ލުމަށްފަހު ފާޚާނާއަށް ވަނުމަށް ހިނގައިގަތެވެ. އަހަރެންގެ ހިތުގެ ހާލަކީތޯއެވެ. އަލަށް ލައިތް އާއި ދިމާވިއިރުވެސް އެހާވަރަކަށް ހިތެއް ނުތެޅެއެވެ. އިސް އުފުލާލަން ނުކެރުނުތާ އަތްފައި ތުރުތުރު އަޅާހެންވެސް ހީވިއެވެ. އަހަރެން މިހާ ބިރުގަންނަންވީ ކީއްވެގެން ހެއްޔެވެ. އެއީ މިހާރު އަހަރެންގެ ހަލާލު ފިރިމީހާއެވެ.
އަލަތު ކައިވެނިކޮށްގެން އުޅޭ ދެލޯބިވެރިން މާމުއީގެ ހަނދުގައި މާތަށް ފޮޅުވަމުން ދިޔުމަކީ ދުނިޔޭގެ އުސޫލެވެ. ނަމަވެސް އަހަރެމެންގެ ކައިވެނީގެ ފުރަތަމަ ދުވަސް ހޭދަކުރީ އާއިލާއާއި އެކީއެވެ. އަހަރެން ބެލީ ދެމީހުން އެކަނިވާ ކަހަލަ ވަގުތު ވީހާވެސް މަދުކުރެވޭތޯއެވެ. މެންދުރު ކައިގެން އިޖާޒް ގެއަށް ދިޔުމުންވެސް އަހަރެން ގޭގައި މަޑުކުރީ އެހެންވެއެވެ.
އަހަރެމެން ކައިވެންޏަށް މަސް ދުވަސް ވެގެން ދިޔައިރުވެސް ދެމީހުންގެ ގުޅުމަކަށް މާބޮޑު ކުރިއެރުމެއް ނާދައެވެ. އެންމެ ބޮޑު ތަފާތަކަށް އައީ ކޮންމެ ދުވަހަކު އަހަރެން އޮފީހަށް ގެންގޮސް ގެއަށް ގެނެސްދެނީ އިޖާޒްއަށް ވުމެވެ. އަތްބެއްގެ ލޯބި ނުދެވުނުނަމަވެސް އަހަރެން އިޖާޒްގެ ކަންކަން ފަރުވާތެރިކަމާއިއެކު ކޮށްދެމެވެ. އެއްމަސް ވެގެން ދިޔައިރު އެންމެ ފަހަރަކުވެސް އަހަރެންނަށް އިޖާޒް ކުރިމަތީ ބުރުގާ ނުނަގަމެވެ. އިޖާޒްއަކީ ވެސް ފުރިހަމަ ސިއްހަތެއްގައި ހުރި ފިރިހެނެކެވެ. އޭނާގެ ފިރިހެންވަންތަ ހިއްސުތައް ހޭލާފާނޭ ފަދަ އެއްވެސް ކަމެއް ހިނގާފާނެތީ އަހަރެން ޖެހެލުންވިއެވެ. މީގެން އެއްވަސް ދުވަހަކު ދެމީހުން އެއް އެނދުގައި ނުވެސް ނިދަމެވެ. ނޭނގި އިޚްތިޔާރުން ބޭރުންވެސް ކަމެއް ހިނގާފާނެތީ އަހަރެން ބިރު ގަންނަނީއެވެ. މީގެން އެއްވެސް ކަމަކާ ޝަކުވާ ނުކުރާތާ އަހަރެންގެ ކަންކަން ކުރުމަށް އިޖާޒް ވަގުތުދެއެވެ. ކަމެއް ޖެހިގެން ނޫނީ އިޖާޒްގެ ފަހަތުގައި ދުއްވާލަންވެސް އަހަރެން ނުދަމެވެ. އިޖާޒްވެސް ނާހައެވެ. ފަހަރުގައި އިޖާޒް ދުއްވާލަން ދާން އެދުނު ނަމަ އަހަރެންނަށް ނޫނެކޭ ބުނަން ނުކެރުނީސް ކަންނޭނގެއެވެ. ނަމަވެސް އަހަރެންނަށް މިކަހަލަ ކަންކަމާއި ދތެރޭ ވަރަށް ވިސްނެއެވެ. އަހަރެން ބިރުގަންނަންވީ ކޮން ސަބަބަކާހެދިހެއްޔެވެ. އިޖާޒްއަކީ އަހަރެންގެ ފިރިމީހާއެވެ. އަހަރެންގެ ދިރިއުޅުން އެއްކޮށް އެކުގައި ހޭދަކުރަން ހުރި އަހަރެންގެ ހަޔާތުގެ ބައިވެރިޔާއެވެ. ލައިތް އަހަރެންގެ ހަޔާތަށް ދެންނާންނާނެއެވެ. އެހެންކަމުން ލައިތްއަށްޓަކައި އަހަރެން މިހެން އިންތިޒާރު ކުރަންވީ ކީއްވެހެއްޔެވެ.
އަހަރެމެން ހަނީމޫނަށް ނުގޮސްގެން މަންމަމެންވެސް ވަރަށް ޝަކުވާ ކުރެއެވެ. ނަމަވެސް އަހަރެމެންގެ ބަހަނާއަކަށްވީ ޗުއްޓީ ނުލިބުމެވެ. އޮފީސް ބިޒީ ވުމެވެ.ދެ މީހުންނަކީ ޒިންމާދާރު ވަޒީފާގައި އުޅޭ ދެމީހުންކަމުން އެކަންވެސް މައިންބަފައިން ޤަބޫލުކުރެއެވެ.
ކައިވެނި ކޮށްގެން މަސްދުވަސްވީ އިރުވެސް އަހަރެންނަށް ލައިތްމަތިން ހަނދާން ނައްތައެއް ނުލެވުނެވެ. ބައެއް ފަހަރު ލައިތްއަށް ގުޅާލަން ވަރަށް ހިތްބުނެއެވެ. ނަމަވެސް ފިރިމީހާއަށް ބޭވަފާތެރިއަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އިޖާޒްއާއި އިންނަން ނިންމި ނިންމުމަކީވެސް އަހަރެންގެ އަމިއްލަ ނިންމުމެކެވެ. އެހެންކަމުން އިޖާޒް އަށް ދެރައެއް ދިނުމަކީ އަހަރެން ދުވަހަކުވެސް ކުރާނޭ ކަމެއް ނޫނެވެ.
އިޖާޒް އަކީ އެންމެ ފުރިހަމަ ފިރިއެއްކަން މި ދުވަސްތަކުގައިވެސް ދައްކައިދިނެވެ. ކެތްތެރި އަހަރެންނަށް އިހްތިރާމްކުރާ މީހެކެވެ. ހުސްވަގުތުތަކުގައި އަހަރެންގެ ބައްޕައަށް ވިޔަފާރީގެ ކަންކަމުގައި އެހީތެރިވެދެއެވެ. އަހަރެންގެ ބައްޕަގެ މޫނުމަތިންވެސް އިންތިހާ އުފާވެރިކަން ފެނެއެވެ. އެއްދުވަހަކު ބައްޕަ ރަށްޓެއްސެއްކައިރީ ބުނާތީ އަހަރެންނަށް އަޑު އިވުނެވެ.
” އަހަރެންގެ ދިރިއުޅުމުގެ އުންމީދުތައް ފުރިހަމަ ވެއްޖެ. ފިރިހެންދަރިއެއް ނެތްކަމުގެ އެއްވެސް އިހްސާސްއެއް ނުކުރެވޭ މިހާރު. ވިޔަފާރީގެ ކަންކަމުގައި ކުރިއަށްވުރެ މާބޮޑަށްވެސް ލުއި. ހުރިހާކަމެއްގަ މަގޭ އިޖާޒް އެހީވަނީ. އެއީ އަހަރެމެންނަށް ލިބުނު ރަހްމަތެއް”
ބައްޕަގެ ބަސްތަކުން ބައްޕަގެ އުފާވެރިކަން އަހަރެންނަށް އިހްސާސްކުރެވުނެވެ. އެވަގުތަކީ އަހަރެން އިޖާޒް އާއި އިންނަން ނިންމި ނިންމުމަކީ އެންމެ ރަނގަޅަށް ކުރެވުނުކަމެއްކަމުގައި ވިސްނުނުވަގުތެވެ.އަދި އިޖާޒްއާއި ކައިވެނު ކުރެވުނީތީ ﷲއަށް ހަމްދުކުރީމެވެ.
ހަޔާތުގެ ސޮފްހާތަށް އުކެމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އާދައިގެ މިނެއްގައި ދިރިއުޅުމުގެ ބައްތެލި ކުރިއަށް ދެއެވެ. އަހަރެންނަށް އިޖާޒްގެ ކަންކަން ރަނގަޅަން ނޭނގޭކަން އިހްސާސް ކުރެވުނީ ކައިވެންޏަށް ފަސް މަސްދުވަސް ވީފަހުންނެވެ. އަހަރެންނަށް އިޖާޒްގެ ކަންކަން އެންމެ ފުރިހަމައަށް ނުކޮށްދެވޭކަން އެދުވަހު އަހަރެންނަށް އެނގުނެވެ. އެއީ އަހަރެން ނިހާޔަތަށް ދެރަވި ދުވަހެކެވެ.
އަހަރެން އޮފީހުގައި އިންދައި އިޖާޒް ގުޅިއެވެ. ދެ ދުވަހަކަށް މާލެ ދާން ޖެހޭވާހަކަ ބުނުމުން ކިހިނެއްވެތޯ އަހަރެން ނާހަމެވެ. ނަމަވެސް އެދުވަހު ބްރޭކްއަށް ގެއަށް ގޮސް މަޑުކުރަން ނިންމީ އިޖާޒް ހަވީރު ފުރާވާހަކަ ބުނެފަ އޮތީމައެވެ. އަހަރެން ގެއަށްގޮސް އަލަމާރި ތެރެއިން ބެކްޕެކްއެއް ނަގާ 2 ޓީޝާޓަކާއި 2 ޖިންސް ނަގާ އިސްތިރިކޮށްލުމަށްފަހު ދަބަހަށްލާ ތައްޔާރުކޮށްލީމެވެ. އާދަކޮށް ކާންއަންނަ ފަދައިން އެދުވަހުވެސް 12:30 ވީއިރު އިޖާޒްކާންއައެވެ. އެގަޑިއަށް ބަފާބެވެސް ކާންއައެވެ.އަހަރެން އިޖާޒްއާއި އިނދެގެން ދިޔަފަހުން މެންދުރު ކާނީ އަބަދުވެސް ހަތަރު މީހުން އެއްކޮށްނެވެ.
“ދަރިފުޅާ އެކޮޅަށް ގޮސް ވާނުވާ އަންގައްޗޭ. އާޔާ ގޮވައިގެންދޯ ތި ދަނީ” ބަފައިބެ އެހެން އަހާލުމާކއިއެކު އިޖާޒް އަވަސްއަވަހަށް ޖަވާބު ދިނެވެ.
“އެންމެ ޖާގައެއް ލިބުނީ ބައްޕާ. އެހެންވެ އާޔާ ނުގެންދެވޭނެއެއްނު. އެކޮޅަށް ގޮސް ދެންވާގޮތެއް ބަލާފަ ބުނާނަމޭ” އަހަރެން އިޖާޒް ގެ މޫނަށް ބަހައްޓއިގެން އިނީ ވާނުވާ ނޭނގިގެންނެވެ. އިޖާޒް އެންމެ ފަހަރަކުވެސް އަހަރެން ކައިރީ އިޖާޒް އާއިއެކު މާލެދާކަށް ނުބުނެއެވެ.
“ޗާންސްއަކަށް ދާންވީނު.” އިޖާޒްގެ ބައްޕަ އެހާވަރަށް އަހަރެން އިޖާޒް އާއިއެކީ ފޮނުވަން އެއުޅެނީ ކީއްވެބާވައޭ އަހަރެންގެ ހިތަށް އަރަމުންދިޔައެވެ.
“އާޔާ ވެސް ތިހެން ކިއަން ހެދީމަ ވަރަށް ވާހަކަ ދައްކައިގެން ހަމަޖެއްސުނީ. ދެން އަނެއްކާ ބައްޕަ ތި ފަށަނީ” އިޖާޒް ދައްކަމުންދިޔަ ވާހަކަ އަހަރެންނަށް އެއްވެސް ވަރަކަށް ނުވިސްނެއެވެ. ކުޑަކޮށް ހިތްހަމަ ނުޖެހެވުމާއިއެކު އަހަރެންނަށްވެސް އެއްޗެއް ނުބުނެ ނީނދެވުނެވެ.
” ބައްޕަ އަޅާނުލާބަ. އިޖާޒް އަހަރެން ގެންދަން ބޭނުންނުވާތީ އެއްނު އެހާ ބަހަނާ ގިނަވަނީ” އަހަރެންގެ އަޑުންވެސް ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވާނެކަން ޔަޤީނެވެ.
“މި ބައްޕަ ގެ ކަންތައް. އަނެއްކާ ދެން ފުރުމުގެ ކުރިން އާޔާ މަސަލަސްކުރަން އުޅެން ޖެހޭނީ” އިޖާޒް ކައި ނިންމާލައިގެން ތެދުވަމުން ވާހަކަ ދެއްކިއެވެ. އޭރު އެންމެން ކައި ނިމިއްޖެއެވެ. އަހަރެން ތަށިތައް ނަގަން އުޅެނިކޮށް މަދައިތައައިސް ތަށިތައް ބަހައްޓާފައި އިޖާޒް ދަބަސް ތައްޔާރުކޮށްދޭން ދިޔުމަށް ބުނުމުން އިތުރު އެއްޗެއް ނުބުނެ ކޮޓަރިއަށް ދިޔައީ އަހަރެންގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބެއް ބޭނުންވާތީއެވެ.
އަހަރެން ކޮޓަރިއަށް ވަތްއިރު އިޖާޒް ކޮފީއެއް ހިފައިގެން އުނދޯލީގައި އިނެވެ. އަހަރެން ގޮސް އެތާކުރިމަތީހުރި ގޮނޑިއެއްގައި އިށީނީމެވެ. އެއްވެސް ބަހެއް ނުބުނަމެވެ. އެއީ އަހަރެން އުޅޭގޮތެއް ނޫންކަމުން އިޖާޒްއަށް ވިސްނުނީކަންނޭގެއެވެ.
“ސޮރީ އާޔާ. ކުޑަކޮށް ބަލިވެ އުޅޭތީ ޑޮކްޓަރަށް ދައްކާލަން މިދަނީ. ބައްޕަ ބޭނުމެއް ނުވާނެ އެކަނި ފޮނުވާކަށް. އަބަދުވެސް ބައްޕަ ދާނީ. އެކަމަކު އަހަރެން ބޭނުން އެކަނި ގޮސްލަން” ތެދެކެވެ. ބައެއް ރޭރޭ އިޖާޒް ބޭސް ކާތީ އަހަރެންނަށް ފެނެއެވެ. އަދި ބައެއް ރޭރޭ ސޯފާގައި އިށީނދެ އިނދެ ނިދާފީވެސް ދެކެމެވެ. ނަމަވެސް އެއްވެސް ފަހަރަކު ބަލީތޯ އަހަރެން ނާހާލަމެވެ.
“ކުޑަކޮށް ބަލިވެގެން އެއްފަހަރަށްވުރެ ގިނައިން ދައްކަން ދޭތަ؟ ތިބުނީ އެހެން ނޫނީ ބައްޕައޭދަނީ. ސޯ ކުރިންވެސް ދަންދޯ” އަހަރެން އެހެން އަހާލި އިސްޖަހއިގެން އިނދެ މަޑުމަޑުންނެވެ.
“އާނ. ކޮންމެ ހަމަހަކުން ދައްކާލަން ދަން.އެކަމަކު އިންޝާﷲ އަހަރެން ރަނގަޅު”
“ކީއްވެތޯ އަހަރެންނަށް އަހާލެވިދާނެތަ؟” އަހަރެން ބޭނުންވީ އިޖާޒް ޑޮކްޓަރަށް ދައްކާ ސަބަބެއް ހޯދާށެވެ. ކުޑައިރުވެސް ދޭތެރެއަކުން ބަލިވެ އުޅޭކަން އަހަރެން ހަނދާންވެއެވެ. އެކަމަކު ކީއްވެގެންކަމެއް އަހަރެންނަކަށްވެސް ނޭގެއެވެ. ސްކޫލްއަށް ނާންނަ ދުވަސް ދުވަހު ވެސް ކިހިނެއްވީތޯ އެހުމުން “ކުޑަކޮށްބަލީ” އޭ ބުނެލާނެއެވެ.
“ސޮރީ ނުބުނެވި އޮތީމަ. އާޔާއަށް ނޭނގޭކަމެއް އަހަރެންނަކަށް އަސްލު ނޭގެ. އުފެދުމުގައިވެސް ހިތުގެ މައްސަލައެއްހުރޭ. ވަކިވަރެއް ވީމަ އޮޕަރޭޝަންއަކަށް ދާން ޖެހިދާނެއޭ ބުނެފައޮތީ. އެކަމް އަލްހަމްދުލިއްﷲ. ބޭހުން ހިފަހެއްޓޭ. އާޔާގެ މަންމައަށްވެސް ބައްޕައަށްވެސް އެނގޭނެ. އަސްލު އަހަރެން އެސިޔުމް ކޮށްގެން ނުވާނެ އެނގޭނެކަމަކަށް. ސޮރީ އާޔާ”
އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ. އިޖާޒް އަކީ ބަލި މީހެކޭ ބުނިނަމަ އަހަރެން އިޖާޒްއާ ނީންނާނީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެންމީ އެކަހަލަ މީހެއް ނޫނެވެ. އެކަމަކު އިޖާޒް ބަލިކަން އެނގުންނަމަ އަހަރެން އިޖާޒްއަށް އިތުރަށް ބަލާނޭ ނޫންހެއްޔެވެ. ޤަވައިދުން ބޭސްކައިތޯ ބަލާ ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ޒިންމާއެއް ނަގާނޭ ނޫންހެއްޔެވެ.
އަހަރެން ވާހަކަ ނުދައްކާ އިނުމުން އިޖާޒް އަށް ވިސްނުނީ އަހަރެން ރުޅި އައީކަމަށެވެ.
“ހިތަށް ނާރުވައްޗޭ އަނެއްކާ އަހަރެން އޮޅުވާލައިގެން އާޔާއާ އިނީއޭ”
” އިޖާޒް. އަހަރެންމީ އެކަހަލަ މީހެއް ނޫން. އެކަމަކު ވަރަށް ދެރަވެއްޖެ. އަހަރެންނަށް އިޖާޒްގެ ކަންކަން ނުބެލޭކަން އިހްސާސްވެއްޖެ. އަތްބެއްގެ އެއްވެސް ވާޖިބެއް އަހަރެންނަށް އަދާނުކުރެވޭ. ފިރިމީހާ ބަލިއިރުގަ އަހަރެންނަށް ނޭނގޭނީ ވަރަށް އަޅާލުން ކުޑަވީމަ ދޯ” ބޭ އިޚްތިޔާރުގައި އަހަރެންނަށް ރޮވިއްޖެއެވެ.
އިޖާޒް އުނދޯލިން ތެދުވެގެން އައިސް އަހަރެންގެ ކޮނޑުގައި ހިފައިގެން ކޮޓަރިއަށް ވެއްދީ މަންމަ މެންނަށް ފެނެދާނެތީކަން ޔަޤީނެވެ. ކޮޓަރިއަށް ވަދެ އެނދުމަތީ އަހަރެންއިށީނީމެވެ. އިޖާޒްވެސް އަހަރެންނާ ޖެހިގެން އިނެވެ.
“ދެ ދުވަހަކަށް އޮފީހަށް ސަލާމް ބުނެވޭނެތަ” އިޖާޒް އެހެން އަހާލުމުން އަހަރެން އާއެކޭ ބުނެލީ އިޖާޒް އާއިއެކު ދާން ބޭނުންވެފައި ހުރުމުންނެވެ. އަހަރެންނަށް އިޖާޒް ދެކެ ލޯބި ނުވެވުނުނަމަވެސް އަތްބެއްގެ ހައިސިއްޔަތުން އެންމެ ކުޑަމިނުން ފިރިމީހާ ޑޮކްޓަރަށް ދައްކާލަންދާއިރު އަހަރެން ދާން ބޭނުމެވެ. އިޖާޒް ވަގުތުން ފޯނުނަގާފައި އިތުރު ޖާގެއް ހޯދިއެވެ. އަދި އަވަހަށް ރެޑީވެލުމަށް އަހަރެން ކައިރީ އެދެމުން ބޭރަށް ނުކުތީ އަހަރެން މަންމަމެން ކައިރީ ފުރާވާހަކަ ބުނެލަން ދާންވެގެންނެވެ. އިޖާޒް ފުރަންދާން ދަބަސް އަޅުވައިގެން ނުކުތް އިރު ފަހަތުން އަހަރެންވެސް ބެކްޕެކް ހިފައިގެން ނުކުތްތަންފެނިފައި އިޖާޒް ގެ ބައްޕަގެ މޫނުމަތިން ހައިރާންކަން ފެނުނެވެ.
“އާޔާދޭތަ؟ ބުނީމެއްނު ޖާގައެއް ނުލިބެއޭ”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Wow