Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-19

SomeOne Level 210 Stories
March 23, 2021 5 Mins Read
0 Comments

އެރޭގެ 09 ޖެހީ އިޖާޒް އަހަރެމެންގޭގައި ހުއްޓައެވެ. މަންމަ އާއި ބައްޕަ އެވަގުތު ވީ ފިހާރައެއްގައި ކަމުން ގޭގައި އެއްވެސް މީހަކު ނޫޅެއެވެ. އަހަރެން އިޖާޒް ގޮވައިގެން ޓެރަސް އަށް އަރާ ޖޯލީގައިއިށީނީމެވެ.

“މިހާރު ވިސްނައި ނިމުނީތަ؟ ވަރަށް އިންތިޒާރު ކުރެވިއްޖެ” އިށީންނަމުން އިޖާޒް ވާޙަކަ ދެއްކިއެވެ.

” އިޖާޒް. ވަރަށް ތެދަށް އަހަރެން ވާޙަކަ ދައްކަން ބޭނުން. އިޖާޒް އަޑު އަހާފަ ގޮތެއް ނިންމާ” އަހަރެންވެސް ޖެހިގެން ހުރި ޖޯލީގައި އިށީނީމެވެ.

” އަނެއްކާ ނޫނެކޭ ބުނަންތަ ތިއުޅެނީ؟ މައްސަލައެއް ނެތް ހަމަ. އާޔާ ދައްކާ ހުރިހާ ވާހަކައެއް އަޑުއަހާ ނިންމާ ނިންމުމަކަށް އިހްތިރާމް ކުރާނަން. އެކަމަކު އަހަރެންގެ އެދުމެއް އެބައޮތް. އާޔާ ގެ ނިންމުން ބިނާ ވެގެން ނުވާނެ އަހަރެމެންގެ ދެ އާއިލާ ދެމެދުގަ މި އޮތް ގުޅުމަށް. އާޔާ ނޫނެކޭ ބުންޏަސް އަހަރެމެން ގެ ރަށްޓެހިކަމަކަށް އަދި އާއިލީ ގުޅުމަކަށް ބުރުލެއް ނާރާނެ. މަޖުބޫރުން އެއްވެސް ނިންމުމެއް ނުނިންމާތި” އިޖާޒް ވާހަކަ ދެއްކީ ވަރަށް މަޑުމަޑުން އިސްޖަހައިގެން އިނދެއެވެ.

“އަހަރެންގެ ވާހަކަ އެހަށް އަޑުއަހާބަލަ” އަހަރެން އިޖާޒް ވާހަކަ ދައްކަ ދައްކަ އިންދަ މެދު ކަނޑާލީމެވެ.

“ސޮރީ. ކުރިއަށް ގެންދޭ. މީނީ އަޑުއަހަން” އިޖާޒް އިސްނަގާ އަހަރެންނާއި ދިމާއަށް ބަލާލީމެވެ.

އަހަރެން ވާހަކަ ދައްކަން ފެށީމެވެ.” ވަރަށް ބޮޑަށް ސޮރީ. އަހަރެން އިޖާޒް ދެކެ ލޯތްބެއް ނުވޭ.” އަހަރެންގެ ފުރަތަމަ ޖުމްލައިން ވެސް އިޖާޒް ހިނިތުންވެލާފައި އިސްޖަހާލިއެވެ.

“އެކަމަކު އަހަރެން އިޖާޒްގެ ހުށައެޅުމަށް ނޫނެކޭވެސް ބުނާކަށް ބޭނުމެއް ނޫން. އަހަރެންނަށް އިނގޭ އިޖާޒް އަހަރެން ބޭނުންވާވަރު. އޭރުވެސް އަހަރެން އާނއެކޭ ނުބުނާން ވެގެން ޕޮލިހަކާ އިންނާނީ އޭ ބުނީވެސް. މިއަދު އިޖާޒް ތިހިރީ އެކަންވެސް ފުރިހަމަކޮށްގެން.ތިއީ ހެޔޮލަފާ ހިތްހެޔޮ ފުރިހަމަ ފިރިއެއްގައިގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް ފުރިހަމަ މީހެއް. އަހަރެންނަށް ޔަޤީން އަހަރެންގެ މައިންބަފައިނަށްވެސް ވަކި ތިޔަށްވުރެ ހެޔޮ އޯގާތެރި ދަނބިދަރިއަކު ނުލިބޭނެ. މިހާރުވެސް ތިއީ އަހަރެން މައިންބަފައިންގެ އަމިއްލަ ދަރިއެއްފަދަ. އެކަމަކު އަހަރެން ޓައިމް ބޭނުންވާނެ. އަހަރެން އިޖާޒް އަށް އިހްތިރާމް ކުރާނަން. ފިރިއަކަށް ދޭންޖެހޭ ޚިދުމަތްތައް ފުރިހަމައަށް އަދާކޮށްދެވޭ ތޯ ބަލާނަން. އެކަމަކު އިޖާޒްއާއި އަހަރެން ގާތްވާން ވަގުތު ދޭންވާނެ. އެގޮތް އިޖާޒަށް ކަމުދަންޏާ އަހަރެން ބޭނުން ވަރަށް އަވަހަށް ކައިވެނި ކުރަން”

އިޖާޒް ގެ މޫނުމަތިން އުޖާލާކަން ފެނިގެން ދިޔައެވެ.

“އަހަރެން ޤަބޫލު ކުރަން އާޔާއަށް ވަގުތު ބޭނުންވާނެކަން. އެއްވެސް ކަމަކަށް އަހަރެން މަޖުބޫރެއް ނުކުރާނަން. އަހަރެންނަށް ޔަޤީން އާޔާއަށް އަހަރެން ދެކެ ލޯބިވެވޭނެކަން. އެދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން. އެކަމަކު އަހަރެންގެވެސް އެބައޮތް ޝަރުތެއް. އަހަރެންނަކީ އަހަރެންގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރި. ކައިވެނިކޮށްގެން އަހަރެން އުޅެން ބޭނުމީ ގޭގަ. އާޔާ މެންގެއާ އަހަރެމެންގެއާ ތިހިރީ ޖެހިޖެހިގެން. އެހެންވީމަ އާޔާއަށް އޯކޭވާނެކަމަށް އުންމީދުކުރަން.” އަހަރެން އެ ޝަރުތައް އެއްބަސް ވީ ދެ ގެވެސް ކައިރިކައިރީ ހުރުމުންނެވެ. ގޮވާލީމައި އަޑު އިވޭހާ ކައިރިއެވެ.

” ކޮން އިރަކުން އިންނާނީ؟ އާޔާ ބޭނުން ތާރީޚްއެއްގަ އިންނަމާ” އިޖާޒް ހުރީ އަހަރެންނާއި އިންނަ ހިތުން ކެތްމަދުވެފައެވެ.

“އޯކޭ ކޮންމެ ތާރީޚްއަކަސް. އެކަމް ޕާޓީ އެއް ބޭނުމެއް ނޫން. އަހަރެމެންގޭގަ ސައެއް ހަދާލާނީ. ވީކެންޑްއަކަށް ހެދީމަ ދޮން އަށް ވެސް އާދެވޭނީ. ހަވީރު ކައިވެނިކޮށްފަ ރޭގަނޑު ފްލައިޓުން ދެވޭ ގޮތަށް ޕްލޭން ކުރާނީ ދޯ. 2 ހަފްތާ ފަހުން ޖުލައި މެދުތެރެއަށް ހެދީމާ އޯކޭވާނެކަންނޭގެ” އަހަރެން ބުނެލީމެވެ.

“ކޮން އިރަކުން މަންމަ މެން ކައިރީ ބުނާނީ؟” އިޖާޒް ބޭނުންވަނީ ހުރިހާކަމެއްވެސް އަހަރެން ބޭނުން ގޮތަކަށް ކުރަންށެވެ.

” މާދަމާ ފްރައިޑޭ އެއްނު. ލަންޗްގަޑީގަ ބުނަމާ” އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންކަން ފަށާށެވެ. އިޖާޒް އާއި އެކު އުޅެން ފެށުމުން ލައިތްމަތިން ހަނދާން ނައްތާލެވިދާނެކަމުގެ ޔަޤީންކަން ބޮޑުވީމައެވެ.

“އޯކޭ. ތެންކިޔު އާޔާ. ވަރަށް އުފާވެއްޖެ. އާޔާ ތި ބުނިހެން ޓައިމް ދޭނަން. އަހަރެން ބޭނުމީ މަންމައަށް އާޔާކަހަލަ ޅީ ދަރިއަކު ހޯދައިދޭން. ކޮންމެސް ދުވަހަކުން އަހަރެންނަށްވެސް އާޔާގެ ލޯބި ލިބޭނެ ކަމުގެ އުންމީދު ކުރާނަން. ދެންދަނީ މަންމަމެން އައިސް ދާނެ” އިޖާޒް ޖޯލިން ތެދުވެލިއެވެ. އަހަރެންވެސް އިޖާޒް ފަހަތުން ތިރިއަށް ފޭބީމެވެ. އަދި އޭނާ ދިޔުމުން ކޮޓަރިއަށް ވަނުމާއިއެކު ރޯން ފެށުނެވެ. ބޭއިޚްތިޔާރުގައެވެ. އަހަރެންނަށް ނިދުނީވެސް އެހެން އޮއްވައެވެ.

ޖެހިގެން އައި ހުކުރުދުވަހު އާދައިގެ މަތީން ތުއްތުބެ ކާން އައީ އަހަރެމެން ގެއަށެވެ. އަހަރެންގެ ޚިޔާލާއި އެއްގޮތަށް ނިއުމާއްތައާއި އިޖާޒް ކާން އައުމަށް ދައުވަތު ދިނީ މަންމައެވެ. މެންދުރުގެ ކެއުމަށް އިންސާފުކޮށް ނިންމާ ހުރިހާ އެންމެންވެސް ދުފާލަން ސޯފާގައި ތިބީ އެކި ވާހަކަތަކުގައެވެ. އިރުކޮޅަކު ތިބުމަށްފަހު އިޖާޒް ވާހަކަދައްކަންފެށިއެވެ.

“އަޅުގަނޑު އެބައޮތް އަދި ވާހަކައެއް ބުނަން.” ވަކި މީހަކަށް ޢިޝާރާތްނުކޮށް ބުނި ނަމަވެސް އިޖާޒް އިނީ އަހަރެންގެ ބައްޕައާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

“ކޮން ވާޙަކައެއް ދަރިފުޅާ؟” ތުއްތުބޭ ގެ މޫނުމަތީގައިވަނީ ސުވާލުމާކެކެވެ.

“ތެދެއް؟ އިޖާޒް އަށް ޕްރަމޯޝަންއެއް ލިބެނީތަ އަނެއްކާ؟ ” އަހަރެންގެ ބައްޕަވެސް އަވަސް އަވަހަށް އަހާލިއެވެ.

“އުނހު. ޕްރަމޯޝަންއެއްނޫން. މީ….އަޅުގަނޑު….. އަޅުގަނޑު އާޔާ އާއި ކައިވެނި ކުރަންކަމަށް” އިޖާޒްއަށް ވާހަކަ ދެއްކެނީ ވަރަށް އަޅައަޅައިގަނެފައެވެ.

“އޭނ؟ރަނގަޅަށްތަ މި އިވެނީ؟ އާޔާ؟” އަހަރެންގެ ބައްޕަ އަށް ގަބޫލު ނުކުރެވުނު ކަހަލައެވެ. އެންމެންގެ މޫނުމަތިންވެސް ފެނުނީ ހައިރާން ކަމެވެ.

“ލައްބަ. ދެ އާއިލާ ޤަބޫލިއްޔާ އިންނަންކަމަށް” އަހަރެންވެސް ވާހަކަ ދެއްކީ އިސްޖަހައިގެން އިނދެއެވެ.

“ތުއްތުބެއާއި ނިއުމާއްތަ ހަމަ ހިތުން ރުހުމުން ޤަބޫލު. އާޔާއަށް ވުރެ ރަނގަޅު ދަރިއެއް ނުލިބޭނެ ދޯ ނިއުމާ” ތުއްތުބޭ ދޯދިނީ ނިއުމާއްތައަށެވެ.

“އާނ. އެކަމަކު އެއީ ފައިސަލްމެން ދެމަފިރިން ވެސްޤަބޫލިއްޔާ.” ނިއުމާއްތަ ބަލާލީ އަހަރެންގެ ބައްޕައަށެވެ.

“ތި ގުޅުމަކީ ދެކުދިން އަމިއްލަ އަށް ބޭނުންވެގެން ކުރިއަށް ގެންދާ ގުޅުމެއްކަމައް ވަންޏާ ބައްޕަމެންގެ އެއްވެސް މައްސަލައެއް ނެތް.” ހުރިހާ އެންމެންގެ ރުހުން ފާޅު ކުރަމުން ދިޔައިރުވެސް މަންމަ ބަހެއް ނުބުނެ ހީލަ ހީލަ އިނެވެ. އަހަރެންމެން ކައިވެނި ކުރަން ރޭވި ތާރީޚާއި އެއްޗެހި ފައިނަލްކޮށް ނިންމުމަށްފަހު އިޖާޒްމެން ގެއަށް ދިއުމުން ކޮޓަރިއަށްވަދެ ދޮރު ލައްޕާލީމެވެ. ހަމަ އެވަގުތު މީހަކު ކޮޓަރީގައި ޓަކި ދިނެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ މަންމައެވެ.

“މިތާ އިށީނދެބަލަ” މަންމަ އަހަރެން ކޮޓަރި އެނދުމަތީ އިށީންނަމުން އަހަރެންވެސް އިށީނުމަށް އެދުނެވެ.

“ދަރިފުޅު ހަމަ ބޭނުންވެގެންތަ އިންނަން ތިއުޅެނީ؟ އިއްޔެ ދެއްކީ ދަރިފުޅުގެ ވާހަކަ ދޯ؟ ދަރިފުޅު ލޯބިވާ މީހަކު ހުރިއްޔާ އެމީހަކާ އިނދެގެން އެ މީހެއްގެ ރަށަށް ދަރިފުޅު ދިޔަޔަސް މަންމަމެންގެ އެއްވެސް ޝަކުވާއެއްނެތް. މަންމަމެން އަބަދުވެސް އެދެނީ ދަރިފުޅުމެން އުފަލުގައި ތިބުން. މަންމަމެންނަށްޓަކައޭ ކިޔާފަ ލޯބި ޤުރުބާން ނުކުރާތި” ދަރިއެއްގެ ހިތުގެ އަޑު ހަމަ ރަނގަޅަށްވެސް މައިމީހާއަށް ސިއްރެއް ނުކުރެވޭނެއެވެ. ނަމަވެސް އަހަރެން މަސައްކަތްކުރީ އެއަޑު އޮއްބާލާ އެކަން މަންމައަށް ސިއްރުކުރާށެވެ.

“ނޫން މަންމާ! މީ ހަމަ އަޅުގަނޑު ހިތުން ރުހުމުން ކުރާ ކައިވެންޏެއް. މަންމައަށް އެނގޭތަ މީގެ 11 ވަރަކަށް އަހަރު ކުރިން އިޖާޒް އެހިއޭ ރަށްޓެހިވާން. އޭރުދެން ބޮލުން ކަޓުވާލަށް ބުނީ ޕޮލިހަކަށް ވެގެން އަންނާށޭ.އެހެރީ މިހާރު ޕޮލިހަކަށް ވެފައެއްނު! އެހެންވީމަ ދެން އިންނަން ވާނެއެއްނު.” އަހަރެން ހިތުގައިވާ އުދާސްތައް ފޮރުވަމުން އުފާވެރިކަން ދެއްކޭތޯ މަސައްކަތްކުރީމެވެ.

” އެހެން ވިޔަސް. އަދި ލަހެއް ނުވޭ . ލޯބިވާ އެހެން ކުއްޖެއް ހުރިއާ ތިކަން ހުއްޓާލާފަ އެކުއްޖަކާ ގުޅޭ.” މަންމަ އަހަރެންގެ އަތުގައި ހިފަމުން ވާޙަކަ ދެއްކިއެވެ.

” އަސްލު ގަޔާވި ކުއްޖެއް ހުރެޔޭ. އެކަމަކު ދެތިން ފަހަރު ދިމާވީ. ދެން ނޭނގެ ފެންނާނެ ކަމެއްވެސް. ދެން އޭނަ އައިމާ އަނެއްކާ އަހާއިރު އޭނަ އެހެން މީހެއް ދެކެ ލޯބި ވަންޔާ ދިރިއުޅުން ބޭކާރުވީނު. މިހާރު އޭނާއަށް ގުޅޭނެ ނަންބަރެއްވެސް ނޭނގެ. ދެން ޒުވާން އިރު ރީތިކުދިން ފެނުނީމާ ހިތްކިޔާނު. އެކަހަލަކަމެކޭ” އަހަރެން ދޮގަކަށްފަހު ދޮގެއް ހަދަމުން ދިއީމެވެ.

“އެންމެ ރަނގަޅު. އާޔާ އަށް ފެންނަ ގޮތެއް. އެކަމަކު ހަނދާންކުރާތި އާޔާ ބޭނުންވާ ގޮތަކަށް މަންމަމެން ރުހި ގަބޫލު ވާނީ. މީޙަކާ އިނުމަށްފަހު ފިރިމީހާއަށް ލޯތްބާ އަޅާލުން ދޭންވާނެ. އަތްބެއްގެ ޒިންމާ އަދާކުރަންވާނޭ” މަންމަ ނަސޭހަތް ދެމުން ދިޔައެވެ.

“އާނ މަންމާ. ހަމަ ޔަޤީން. މަންމަ އަޅުގަނޑުމެންނަށް ދިން ތަރުބިއްޔަތާއިމެދު ޝައްކު ނުކުރޭ!” މަންމަ އަހަރެންގައި ގައި ބައްދާލުމަށްފަހު ނުކުމެންގެން ދިޔައީއެވެ. އަހަރެން ދޮރު ލައްޕާލުމަށްފަހު އެޚަބަރު ދޮންދައްތައަށް ދިނީމެވެ. އަދި އެނދުގައި އޮށޯވެލީ ބޯހަމަ ޖައްސާލުމަށްޓަކައެވެ. ފޯނު ނަގާ ބަލާލީމެވެ. ލައިތްމަތިން ވަރަށް ހަނދާންވެއެވެ. އެހެންނަމަވެސް އަހަރެންގެ ނިންމުން ބަދަލު ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.

ޖެހިގެން އައި ދެ ހަފްތާ ދިއައީ ކައިވެންޏަށް ތައްޔާރުވުމަށެވެ. މަންމަ އާއި ބައްޕަ އަދި އިޖާޒް ގެ މައިން ބަފައިން ވެސް ތިބީ ވަރަށް އުފަލުންނެވެ. އިސްވެ މައިން ބަފައިން ނުބުނި ކަމުގައިވިޔަސް މިއީ ކުރިންސުރެވެސް އެމީހުން ބޭނުންވި ކަމެއްކަން އަހަރެންނަށް އިނގުނެވެ. މި ދުވަސްތަކުގައި އަހަރެން އިޖާޒްއާއި ވަކިން ބައްދަލުކޮށް ނަހަދަމެވެ. ކައިވެނީގެ ހުރިހާކަމެއްވެސް ރާވަމުން ދިޔައީ މައިންބަފައިންނާއި އެކީއެވެ. ކައިވެނިކުރަން ލާ ހެދުން ފަހާދިނީވެސް ނިއުމާއްތައެވެ. ލޭސް އިން ޒީނަތްތެރިކޮށްފައިވާ ހުދު ހަރުވާޅު ހެދުން ކިތަންމެހާވެސް ސާދާއެވެ.

އަހަރެންގެ ކައިވެނި އިޖާޒްއާއި ކުރެވިގެން ދިއައީ ބުރާސްފަތި ދުވަހެއްގެ ހަވީރެވެ. އިޖާޒް އަނބި ޤަބޫލުކޮށްފީމޭ ބުނި ވަގުތުން ފެށިގެން ލައިތްމަތިން ހަނދާން ނައްތާލުމަށް އަހަރެން ޢަޒުމް ކަނޑައެޅީމެވެ.

މާ ބޮޑު ތައްޔާރިތަކެއް ނުވިނަމަވެސް ގޭގައި ކުޑަ ސައެއް ހަދާލީ އާއިލާ މީހުންނަށާއި އޮފީސް މީހުންނަށެވެ.ދޮންދައްތައާއި ޝާމްބެވެސް ރަށަށް އައީ މެންދުރު ފްލައިޓުންނެވެ. އަދި ކައިވެނީގެ ކަންކަން ނިމުމުން ރޭގަނޑު ފްލައިޓުން އެނބުރި ދާ ގޮތަށެވެ.  ދެމީހުންގެ މައިންބަފައިންވެސް ރަށުގައި ބޮޑު ޕާޓީއެއް ބާއްވަން ވަރަށް ބޭނުންވިއެވެ. ނަމަވެސް އަހަރެން އެކަމާއި ދެކޮޅު ހެދުމުން އާއިލާއިން ދޫކޮށްލީއެވެ. އެމީހުންގެ ހިތްހަމަ ޖައްސައިދިނުމަށް  އަހަރެމެން ދެމީހުންނަށް ޗުއްޓީއެއް ލިބުނީމައި ހަނީމޫނަށް ދާން އެއްބަސްވީމެވެ.

ކައިވެނީގެ ހަފްލާ ނިމުމުން މަންމަ އަހަރެންނާއިއެކު އިށީނދެ އެތަކެއް ނަސޭހަތެއް ދިނެވެ.ފިރިމީހާގެ ހައްޤުތަކާއި އަނބިމީހާގެ ހައްޤުތަށް ކިޔާދިނެވެ. އާއިލާއެއް ބިނާ ކުރުމާއި  ފިރިމީހާއަށް ވަފާތެރިވެ ކިޔަމަންތެރިކަން އަދާކުރުމަށް ނަސޭހަތް ދިނެވެ. މައިދައިތަ އާއި ބަފާބެ އަކީ ދެވަނަ މަންމަ އާއި ބައްޕަކަމަށް ބަލާ އެމީހުންނަށް އޯގާތެރިވުމަށް ނަސޭހަތްދިނެވެ. މަންމަ ދެއްކި ހުރިހާ ވާހަކައެއްވެއް އަހަރެން ކަނުލާ އަޑުއެހީމެވެ.

ހުރިހާކަމެއް ނިމި ދޮންދައްތަވެސް ފުރުމުން އަހަރެން ކޮޓަރިއަށް ވަދެ ފޮށްޓަކަށް އަހަރެންގެ ބައެއް އެއްޗެހި އަޅާލީ  އިޖާޒްމެންގެއަށް ބަދަލު ވުމަށެވެ. ކޮޓަރިތެރޭ އެކަނިވެލުމަށްފަހު ފޯނު ހުޅުވާ ލައިތްގެ ހުރިހާ ކޮންވަޒޭޝަންތަކާއި ދެމީހުން އެކުގައި ނަގާފައިވާ މަދު ފޮޓޯތައް ޑިލީޓްކޮށްލީމެވެ. ފުންނޭވާއެއްލުމަށްފަހު މާޒީގެ ހުރިހާ ހަދާންތައް ފަހަތަށް ދޫކޮށްލަމުން ކޮޓަރިން ނުކުތީމެވެ. އިޖާޒްވެސް އެވަގުތު މައްޗަށްއަރާ އަހަރެންގެ ފޮށި ހިފައިގެން ތިރިއަށް ފޭބިއެވެ. ގެއިން ނުކުތުމުގެކުރިން މަންމަގައިގައި ބައްދާލީމެވެ. މަންމަގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ދޮންދައްތަ ކައިވެނި ކުރިރޭވެސް މަންމަ ރޯނެކަން ޔަޤީނެވެ.

“މަންމާ. ނުރޮއެބަލަ. އަހަރެން މިދަނީ ކުރިމަތީގަ އެހެރަ ގެއަށޭ. މަންމަ ގޮވާލާ އަޑު އިވޭހާކައިރި. އަހަރެން ގިނައިން އުޅޭނީ މިގޭގައޭ. މަންމަ ލޯ ކުރިމަތިން އަހަރެން ނުގެއްލޭނަން އިންޝާﷲ” އަހަރެން ވާހަކަ ދެއްކީ މަންމަގެ ހިތް ހަމަ ޖައްސާލަދިނުމަށެވެ.

“މަންމައަށް އެނގެޔޭ. މަންމަގެ ކުޑަދަރިވެސް ބޮޑުވެ ހަޔާތެއް ފެށީމަ އުފަލުން ރޮވުނީއޭ” މަންމަ ލޯ ފޮހެލަމުން ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ނިކަން ލޯބިން-18

Next

ކޮމެޑީ ލޭންޑް

Next
March 23, 2021

ކޮމެޑީ ލޭންޑް

Previews
March 23, 2021

ނިކަން ލޯބިން-18



All Right Reserved!