Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-16

SomeOne Level 210 Stories
March 19, 2021 5 Mins Read
0 Comments

ޑޮކްޓަރު އިތުރަށް ބުނެދިނީ ދެ މީހުންވެސް ފުރަތަމަ ގެންދާނީ އައި.ސީ.ޔޫ އަށް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ 6 ގަޑިއިރުފަހުން ތުއްތުބޭ ކޮޓަރިއަށް ބަދަލު ކުރާނޭކަމަށެވެ. ނަމަވެސް ބައްޕަ ކޮޓަރިއަށް ގެންދާނީ 24-12 ގަޑިއިރުފަހުންކަމުގައިވެސް ޑޮކްޓަރު ބުންޏެވެ. ބައެއް ހާލަތްތަކުގައި ބަދަލު ކުރާ ކިޑްނީ ހަށިގަނޑުން ބަލައި ނުގަންނަކަމާއި އެކަމުން ސަލާމަތްކުރުމަށް ބައެއް ބޭސް ދެމުންގެންދާތީ ވަރަށް ގާތުން ބަލަން ޖެހޭކަމުގައި ޑޮކްޓަރު ބުނެދިނެވެ. މިހެން މެދުވެރިވަނީ މަދު ހާލަތެއްގައި ނަމަވެސް މި ފަދަ ކަމެއް މެދުވެރިވެދާނެތީ އޮބްޒަވޭޝަންގައި ބާއްވަން ޖެހޭނެ ކަމުގައި ބުންޏެވެ. އަހަރެމެން ދެ މީހުންވެސް  ނުކުމެ މަންމަމެންނަށް ޑޮކްޓަރު ކިޔައިދިން ކަންކަން އޮޅުންފިލުވައި ދިނީމެވެ. އަދި އެންމެ އަވަހަށްވެސް ތުއްތުބެއާއި ދިމާވާނީ މިރޭކަމަށާއި އެހެންކަމުން ކާއެއްޗެއް ކާންދިޔުމަށް އެދުނީމެވެ. ވަރަށް ގިނަ ފަހަރު އާދޭސްކޮށްގެން  މަންމަ އާއި ނިޔުމާއްތަ ގޮވައިން އިޖާޒް ކާން ދިޔައެވެ. އެއްވެސް ކަމެއްޖެހިގެން ޑޮކްޓަރު ގޮވާލަފާނެތީ އަހަރެން މަޑުކުރީއެވެ. އެހެން އިދެ އަހަރެން ލައިތްއަށް ގުޅާލީމެވެ. އެންމެ ރިންގަކުން ލައިތް ފޯނު ނެގިއެވެ. އޭރުވެސް ލައިތް އިނީ ޗެކިން ވެގެން ފުރަން ތައްޔާރުވެގެންނެވެ. އެހެންކަމުން މާގިން ވާހަކަ ނުދައްކާ އަހަރެން ފޯނު ބޭއްވީއެވެ. ލައިތް މިރޭގުޅާނޭކަމުގައި ބުންޏެވެ. ފޯނު ބޭއްވުމާއިއެކު ދޮންދައްތައަށްވެސް ގުޅާ އަޕްޑޭޓްދިނީމެވެ.

މަންމަމެން ކާންދިޔަތާ މާގިނައިރެއްނުވަނީސް އެނބުރި އައިސްފިއެވެ.

” ރަނގަޅަށް ނުކައި ދޯ ތިއައީ” މަންމަ ފެނުމާއި އެކު ޝަކުވާ ކުރެވުނެވެ.

“އާން. ކޮންމެ މީހަކު ސޭންޑްވިޗްއެއް ކާލައިގެން އެއައީ” އިޖާޒް އަވަސްއަވަހަށް ޖަވާބު ދިނެވެ.

” ދަރިފުޅު ދޭ އާޔާއާއިއެކީ ކާން” ނިއުމާއްތަ އިޖާޒްއާއި ދިމާއަށް އެހެން ބުނުމުން އިޖާޒް ނުކައި އައިކަން އަހަރެންނަށް އެނގުނެވެ.

އަހަރެން ގޮސް އައިސީޔޫ ބެލް އަޅާލުމަށްފަހު މި ވަގުތަށް އެއްވެސް އެއްޗެއް ބޭނުންތޯ ބަލާ ވާހަކަ ދައްކާލީމެވެ.ތުއްތުބެ ހޭ އެރިވާހަކައާއި އިރުކޮޅަކުން އެކަކަށް ބައްދަލުކޮށްލަން ފުރުސަތުދޭނެ ވާހަކަ ބުންޏެވެ. ބައްޕަ އަދި ހޭ ނާރާކަމާއި ނަމަވެސް ސްޓޭބަލް ކަމުގައި ނަރުސްކުއްޖާ ބުންޏެވެ. ތުއްތުބޭގެ އެހީތެރިއަކަށް ގޮވައިފިނަމަ އެތެރެއަށް ވަނުމަށް ނިޢުމާއްތަކައިރީ ބުނުމަށްފަހު އިޖާޒް އާއިއެކީ ލިފްޓާއި ދިމާއަށް ހިނގައިގަތީމެވެ.

ކެންޓީނަށްވަދެ ފްރެޝް ޖޫސްތަށްޓަކަށް އޯދަރު ދިނުމަށްފަހު މޭޒު ކައިރީ އިށީނީމެވެ.

” އާޔާ ވެސް ނުކަނީތަ؟ ތިހެން އުޅެގެން ދެން އެންމެން އެއްފަހަރާ ބަލިވީމަ ކިހިނެއްތަ ހަދަނީ؟ ” އިޖާޒްގެ އަޑުގައި ނުރުހުމުގެ އަސަރުހުރިކަން ފާހަގަކުރެވުނެވެ.

” ފަހުން ކާނީ. މިގަޑީ ފިނިއެއްޗެއް ބޯލީމަ ރަނގަޅުވާނެއޭ. ބައްޔެއް ނުވާނެ” ބައްޕަ އައިސީޔޫގައި އޮތުމުން އަހަރެން އަދިވެސް ހިތް ނުތަނަވަސްވަނީއެވެ.

އިޖާޒް އިތުރު އެއްޗެއް ނުބުނެ ގްރީން ސެލެޑްއަކާއި ޖޫސްތަށްޓަކައި އޯޑަރކޮށްލިއެވެ.

“އާޔާ. އިންޝާﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެ. އަހަރެން ހީކުރިވަރަށްވުރެވެސް އާޔާ އަސްލު ހިތްވަރުގަދަ އެނގޭ” އިޖާޒް އެހެންބުނުމާއި އެކު އަހަރެންނަށް ފެންކަޅިވިއެވެ. ވަގުތުން ޓިޝޫއެއްނަގާ ލޯ ފުހެލުމަށްފަހު ހީލެވޭޓޯ މަސައްކަތް ކުރީމެވެ.

ތުއްތުބޭ ކޮޓަރިއަށްގެނައީ އެރޭ 7 ޖެހިއިރުއެވެ. ފުރަތަމަވެސް ތުއްތުބޭ އެހީ އަދިވެސް ބައްޕަ ނުގެނޭތޯއެވެ. ބައްޕަ ރަނގަޅުކަމާއި ޑޮކްޓަރު ބުނި ވާޙަކަތައް ތުއްތުބޭއަށް ކިޔާދިނީމެވެ. ތުއްތުބޭ ކޮޓަރިއަށް ގެނެސް ހުރިހާކަމެއް ހަމަޖެހުމުން އަހަރެން މަންމައާއިއކު އައިސީޔޫ ކައިރިއަށް ދިޔައީ ބައްޕަގެ ހާލެއް ބަލާލުމަށެވެ. ބައްޕަ ހޭ އެރިކަމާއި ނަމަވެސް އަދި އޮތީ ނިދިފައިކަމުގައި ޑޮކްޓަރު ބުނެދިނެވެ. އަދި ވަރަށް ވާހަކަ ދެއްކުމުން ވަކި ހިސާބަކުން ދުރުން ބައްޕަ ދެކިލުމުގެ ފުރުސަތު މަންމައަށް ދިނެވެ. އަހަރެމެންނާއިއެކި އިޖާޒް އައިސްއިންކަން އަހަރެންނަށް އެނގުނީވެސް މަންމަ އައިސީޔޫއަށް ވައްދާފައި ނުކުމެ ބޭރުގައި އިންދައެވެ.

މަންމަ އައިސީޔޫއިން ނުކުތުމާއިއެކު އަހަރެންގައިގައި ބައްދާ ރޯންފެށިއެވެ. އުމުރުއެކުގައި ދިރިއުޅެމުން އައި ލޯބިވާ ފިރިމީހާ އޮތް ހާލަތު ފެނި ކެތްނުވީކަން ޔަޤީންކުރެވުނެވެ. އަހަރެން ދުވަހަކުވެސް މަންމަ އެހާވަރަށް ރޮނިކޮށް ނުދެކެމެވެ. އެތައް އިރަކު ރުއިމަށްފަހު ހަމަޖެހިލިއެވެ.

“މަންމަ ދާންވީނު ގެއަށް ގޮސްލަން. ފެންވަރާ ހަދާލައިގެން ޖައްސާލާފަ އާދޭ. ބައްޕަ އަދި ނެރޭނެ އިރެއްވެސް ނޭނގެއެއްނު” މަންމަ އަރާމުކޮށްލަން ހޮޓަލަށް ފޮނުވާލަން އަހަރެން ބޭނުންވިނަމަވެސް މަންމަހުރީ ދާން ބޭނުންވެފައެއް ނޫނެވެ.

” ދައްތަ ދާންވީނު ބައްޕަ އެޑްމިޓްކުރި ކޮޓަރިއަށް. އެތަނުން ކުޑަކޮށް ގައި ދޮވެލާ ބޭބެ އެނދުގައިވިޔަސް ސޯފާގަވިއަސް ޖައްސާލެވޭނެ އެއްނު” އިޖާޒް އެހެން ބުނީ މަންމަ ގެއަށް ނުދާނެކަން ޔަޤީންވާތީއެވެ.

އަހަރެން ކިޔާ ކިޔާ ކުރުނުކޮށްގެން މަންމް ހިނގައިގަތީ ބައްޕަމެން އެޑްމިޓްކުރި ރޫމަށް އަރާމުކޮށްލަން ޖައްސާލަންށެވެ. މަންމައާއިއެކު އިޖާޒްވެސް ދިޔައެވެ. އަހަރެން ފޯނު ނަގާ އިޖާޒްއަށް މެސެޖްއެއްކޮށްލީމެވެ.

” ތުއްތުބޭ ކައިރީ ބުނެބަ މަންމަ އާ ވާހަކަ ދައްކައިގެން ކާއެއްޗެއް ދެއްޗޭ ޕްލީޒް.”

” ޑޯންޓް ވޮރީ. ތިތާ ގޮނޑި ބަރީގައި ޖައްސާލައިގެން އޮވެލާ.” ލައިތް ގެ ރިޕްލައި ނުހަނު އަވަހަށް އައެވެ.

” އައި ޑޯންޓް ނީ ހައުޓު ތެންކިޔު އިނަފް ފޯ ވަޓް ޔޫއާ” ( އަހަރެންނަށް ޝުކުރުއަދާކުރާނޭ ގޮތެއްވެސް ނޭނގޭ) އަހަރެންވެސް މެސެޖްގައި ލިޔެލާފައި ފޮނުވާލީމެވެ.

އެކަނިވެލުމާއިއެކު އަހަރެން އިޖާޒްއަށް ގުޅާލީމެވެ. ނަމަވެސް ފޯނު އޮތީ ނިވިފައެވެ. ދަތުރު ނިންމާފަ އަދި ހަމަ ނުޖެހެވެނީކަމުގައި އަހަރެންނަށް އެނގުނެވެ. އައިސީޔޫ ކައިރި ގޮނޑިތަކުގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ. ގޮނޑިތަށް އެއްކޮށް ހަމަޖެހިލައިގެން ތިބި މީހުންނާއި ގޮނޑިމައްޗަށް ދެފައި ނަގައި ތިބިމީހުންނެވެ. އެއްބަޔަކު ފާރު ކައިރީ ބެޑް ޝީޓްއަޅައިގެންވެސް ތިއްބެވެ. އަހަރެން ކައިރީ 3 ގޮނޑި ހުސްކޮށް އިނުމާއިއެކު ދެފައި ދަމާލާ ގޮނޑީގައި ޖައްސާލީމެވެ. އެހެން އޮއްވައި އަހަރެންނަށް ނިދުނު ކަމެއްވެސް އަހަރެންނަށް ނޭގުނެވެ. ހޭ ވެރިކަންވީ  ދަންވަރު 1 ޖެހިއިރު މީހަކު ގޮވުމުންނެވެ. އޭރު އަހަރެންގެ ބޯ އޮތީ އިޖާޒްގެ ފައިމަތީގައެވެ. އަހަރެންނަށް ނިދިފައި  އޮއްވައި އިޖާޒް އައިސް އަހަރެންގެ ބޯ އުފުލާލާ އެ ގޮނޑީގައި އިށީންކަމެއް އަހަރެންނަކަށް ނޭނގުނެވެ.ފުންމައިގެން ތެދުވެ އިށީނީމެވެ. އޭރުވެސް ނިދީގެ އަސަރު ލޮލުގައި ހުއްޓެވެ.

“ބައްޕަގެ އެހީތެރިއަކަށް އެ ގޮވަނީ. ދޭބަ އެތެރެއަށް” ހަމަހޭ ވެރިކަން ވީ އިޖާޒް އެހެން ބުނުމުންނެވެ. އަވަސް އަވަހަށް ގޮސް އައިސީޔޫގައި ބެލް އަޅާލީމެވެ.

ދޮރުހުޅުވާ އެތެރެއަށް ވަނުމުން ޑޮކްޓަރު ބުނީ ބައްޕަ ލޭ މައްޗަށް ދާ ވާޙަކައާއި އެކަމަށް ބޭސް ދޭންފެށި ވާހަކައެވެ. އެއީ އޮޕަރޭޝަންގެ ފަހުން ބައެއް މީހުންނަށް ދިމާވާ ކަމެއްކަމުގައިވެސް ޑޮކްޓަރު ބުނެދިނެވެ. އަދި މިރޭ ރޫމަށް ބަދަލު ނުކުރާ ވާހަކައެވެ. އަހަރެން ބައްޕަ އާއި ބައްދަލުކޮށްލުމަށް އާދޭހާއިއެކު އެދުނީމެވެ. ހިނިތުންވެލަމުން ޑޮކްޓަރު ނަރުހަކަށް އިޝާރާތްކޮށް އަހަރެން ވެއްދުމަށް ބުންޏެވެ. ނަމަވެސް ބައްޕަ ގައިގައި އަތްނުލުމަށާއި 5 މިނިޓްއަށްވުރެ ގިނައިރު ނުހުރުމަށް ނަސޭހަތް ދިނެވެ. އެތަނަށްވަނުމަށް ހާއްސަ ހެދުން ލުމަށްފަހު އަތްދޮވެގެން ނަރުސްކުއްޖާ ފަހަތުން އަހަރެން ހިނގައިގަތީމެވެ.

ބައްޕަ ފެނުމާއިއެކު އަހަރެންގެ ހިތަށް ކެތެއްނުވިއެވެ. މަންމަ އެވަރަށްރުއި ސަބަބު އަހަރެންނަށް އިހްސާސްކުރެވުނީވެސް އެވަގުތުއެވެ. ބައްޕަގެ ލޯމެރިފައި އޮތްއިރު މުޅި ގައިގެ އެތަން މިތަނުގައި އެކި ސައިޒުގެ ހޮޅިތައް ގުޅާފައި ހުއްޓެވެ. އޭގެ އިތުރުންވެސް ވަށައިގެން އެކި މޮނީޓަރުތައް ބަހައްޓާފައި ހުއްޓެވެ. އެހެން މާގިނައިރު ހުންނާނޭ ހިތްވަރެއް އަހަރެންނަށް ނުލިބުނެވެ. ބާރަށް ރިވިދާނެތީ އަވަސް އަވަހަށް އެތަނުން ނުކުތީމެވެ. އަދި އައިސީޔޫއިން ނުކުތް ގޮތަށް ފާހާނާއަށް ދިމާއަށް ދުއްވައިގަތީ ރޮވޭހެން ހީވުމުންނެވެ. ފާހާނާ އާއި އައިސީޔޫ އާއި ދެމެދު ފުދޭވަރަކަށް ދުރުމިން ހުރުމުން ފާހާނާއާއި ހަމައަށް ނުދެވެނީސް އިޖާޒް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަދި ކުޑަދޮރާއި ކައިރިވެ ވަރަށް ބާރަށް އަހަރެންގެ ގައިގައި ބައްދާލިއެވެ. ބަޑި ފަޅައިގެން ދެޔޭ ބުނާ އުސޫލުން އަޑުން އަޑުނަގާފައި އަހަރެންނަށް ރޮއެގަނެވުނުވެ. މިއޮއްހުރިހާ އިރަކު ކުރަމުން އައި ހިތްވަރު ދިޔައީ ބައްޕަ ފެނުމުންނެވެ.އެތައް އިރަކު އެހެން އިޖާޒް ގައިގައި ބައްދާލައިގެންހުރެ އަހަރެން ރުއީމެވެ. އަހަރެން ރުއިން ހުއްޓުނީ ކަރުނަ ހުސްވުމުން ކަންނޭނގެއެވެ.

“ހިނގާ ފާޚާނާއަށް ގޮސް މޫނު ދޮވެލައިގެން އެއްޗެއް ބޯލަން. މިއަދު އެއްކޮށްވެސް އާޔާ ތިއުޅެނީ އެއްޗެއް ނުކައެއްނު”  ތެދެކެވެ. އަހަރެން ބަނޑުން ހޫނު އަރާކަން އިހްސާސްކުރެވުނީ އެވަގުތުއެވެ. ފާޚާނާއަށްވަދެ މޫނު ދޮވެލައިގެން ދެމީހުން އެކުގައި ކެންޓީނަށް ވަނީމެވެ. އަހަރެންނަށްވެސް އޯޑަރުދިނީ އިޖާޒްއެވެ. ސޭންޑްވިޗް އަކާއި ޖޫސްތައްޓެއް ބޯލައިގެން އެނބުރި އައިސީޔޫ ކައިރިއަށް ދިޔައިރު މަންމަ އިނެވެ.

“ޑޮކްޓަރު ބަލައިފިތަ؟ ކީކޭ ބުނީ؟” މަންމަ އަވަސް އަވަހަށް އަހަރެން ފެނުމާއިއެކު އަހާލިއެވެ.

” މާދަން ހެނދުނު އޯ އެންމެ އަވަހަށްވެސް ރޫމަށް ބަދަލު ކުރާނީ. މަންމަ ދޭބަލަ ޖައްސާލަން. ބައްޕަ ނުކުންނަ އިރު މަންމަ ހުންނަން ޖެހޭނެއެއްނު” އަހަރެން ބުނެލީމެވެ.

“ތެދެއް ދައްތާ. މާދަން އެއްކޮށް ދައްތަ ހުންނާނީ ބޭބެ ކައިރީ. މިހާރު ގޮސް ނިދާލީމަ ހަމަޖެހޭނީ. ހިނގާދާން”  އިޖާޒް އެހެން ބުނުމުން އަހަރެންގެ މަންމަ އަހަރެންގެ ގައިގައި ބައްދާލުމަށްފަހު އިޖާޒް އާއިއެކީ ހިނގައިގަތެވެ.

އެރޭ އެއްކޮށްވެސް ލައިތްގެ ޚަބަރެއް ނުވެއެވެ. ނަމަވެސް ދޭތެރެއަކުން އަހަރެން މެސެޖް ކުރަމެވެ. ލައިތްގެ ފޯން ކޯލެއް ދެން އަހަރެންނަށްއައީ އެދުވަހު ހެނދުނުއެވެ. އޭރު ބައްޕަ އައިސީޔޫ އިން ނެރެ ކޮޓަރިއަށް ބަދަލު ކުރަނީއެވެ. އަހަރެން ފޯނު ބިޒީ ކޮށްލުމަށްފަހު  ފަހުން ގުޅާނޭ ކަމުގައިބުނެ މސެެޖެއް ކޮށްލީމެވެ. ބައްޕަ ކޮޓަރިއަށް ބަދަލުކުރިއިރު ގައިގައި ހުރި ގިނަ ހޮޅިތަށްވެސް ހުރީ ނައްޓާފައެވެ.ކޮޓަރިއަށް ވަދެ ހަމަޖެހެލެވުމާއިއެކު އަހަރެން ނިންމީ ފެންވަރާލަން ހޮޓަލަށް ދިއުމަށެވެ. އޭރު އަހަރެން ފެން ނުވަރާތާ އެއްދުވަސް ވެއްޖެއެވެ.

” މެންދުރު އަންނާނަން އެންގޭ މަންމާ” ނުކުންނަމުން އަހަރެން ބުނެލީމެވެ. ބައްޕައަށް އޭރުވެސް އޮތީ ނިދިފައެވެ.

“އިޖާޒް. ދަރިފުޅުވެސް ދޭ. ޖައްސާލާފަ އާދޭ. ބައްޕަ ފެންވަރާނީ މެންދުރު ދަރިފުޅު އައީމަ” ތުއްތުބޭ އެހެން ބުނުމާއިއެކު އިޖާޒް ގޮސް ކަބަޑު ހުޅުވާލާފައި އޭނާގެ ދަބަސް ނެގިއެވެ.

“އެއްވެސް ކަމެއް ބޭނުން ވެއްޖެއްޔާ ގުޅާތި އެނގޭ މަންމާ” ނިއުމާއްތައަށް އިޝާރާތްކޮށް އެހެން ބުނެލުމަށްފަހު އިޖާޒްވެސް އަހަރެންގެ ފަހަތުން ހިނގައިގަތެވެ. އަހަރެންމެން ތިބޭ ހޮޓެލް ހޮސްޕިޓަލްއާއި ކައިރިވުމާއިއެކު ދެމީހުން ނިންމީ ހިނގާލާފައި ދިޔުމަށެވެ. ކޮޓަރިއަށްވަދެ ފެންވަރާލައިގެން ނަމާދުކޮށްލާ އެނދުގައި ޖައްސާލާ ދޮންދައްތައަށް ގުޅާލީމެވެ. އަދި  ލައިތްއަށްވެސް ގުޅާލީމެވެ. ރޭގައި ނުގުޅުނީ މޫސުމް ގޯސްވުމުގެ ސަބަބުން ފްލައިޓް ޑިލޭ ވެގެން ކަމުގައި ލައިތް ބުންޏެވެ. އެހެން ލައިތްއާއި ވާހަކަ ދައްކާލަން އޮއްވައި އަހަރެންނަށް ނިދުނެވެ.

މެންދުރު ހޭލައިގެން އިޖާޒް ކޮތަރި ދޮރުގައި ޖަހާލިތަނާހެން ދޮރުހުޅުވާލިއެވެ. ތުވާއްޔެއް އަނދެގެން އިޖާޒްހުރި އިރު މުޅިގައިގައި ފެން ހުއްޓެވެ. ފިރހެންވަންތަ ހަށިގަނޑު ފެނުމާއިއެކު އަހަރެންވެސް ކުޑަކޮށް ލަދު ގަންނަގޮތްވިއެވެ. ލައިތް އާއި އެކު ހޭދަވި މަދު ދުވަސްކޮޅުވެސް ލައިތް ޓީޝާޓް ނުލާ ހުއްޓައި އަހަރެން ނުދެކެމެވެ. އަހަރެން އަވަސް އަވަހަށް ފުރަގަސް ދިނީމެވެ.

“މި ނުކުތީ ފެންވަރައިގެން. ދީ 5 މިނިޓް އެނގޭ” އަވަސް އަވަހަށް އިޖާޒް ކޮޓަރި ދޮރު ލައްޕާލިއެވެ.

އަހަރެން ސޯފާގައި އިށީނީމެވެ. މާލަސްތަކެއް ނުވޭ އިޖާޒް ވެސް ނުކުމެއްޖެއެވެ.

“މެންދުރު ކައިގެން ދޯ ދާނީ. އެންމެން ކައިފީމޯ. އާޔާ މަންމަވެސް ބަތް ކެޔޯ މިއަދު” ވޮލެޓް ޖީބަށް ލަމުން ކޮޓަރިން ނުކުމެ އިޖާޒް ބުނެލިއެވެ.

“ހިނގާ މިތާކައިރި ކެފޭއަކުން ކަމާ. ލަހެއް ނުވާނެ އެއްނު” އަހަރެންނަށް ކެންޓީން ކެއުން އެހާ ކަމު ނުދާތީ އަހަރެން ބޭނުންވީ ހަމަޖެހިގެން ކެއުމަށެވެ.

މެންދުރު ކައިގެން ހޮސްޕިޓަލަށް ދިއަ ގޮތަށް  އިޖާޒް އެންމެ ފުރަތަމަވެސް ތުއްތުބޭ ރީތިކޮށްދިނެވެ. އަދި އެއަށްފަހު އަހަރެންގެ ބައްޕަވެސް ރީތިކޮށްދިނީ އިޖާޒް އެވެ. މަންމަ އާއި ނިއުމާއްތަ ނިދާލަން ހޮޓަލަށް ފޮނުވީމެވެ. ދެމިހުންވެސް ލާން ދިޔައީ އިޖާޒް އެވެ. އެދުވަހުގެ ހަވީރު ޑޮކްޓަރު އައި ބެލުމަށްފަހު ކުޑަކޮށް ހިނގާލުމުގެ ހުއްދަ ބައްޕައަށްވެސް އަދި ތުއްތުބެއަށްވެސް ދިނެވެ.

ހޮސްޕިޓަލުގައި 5 ދުވަސް ފަރުވާ ދިނުމަށްފަހު ދެ މީހުންވެސް ހޮޓަލަށް ބަދަލު ކުރީ އަދި 5 ދުވަސް ފަހުން ދައްކާލުމަށް ބުނެފައެވެ. ހޮސްޕިތަލްގައި ހޭދަވި ދުވަސްތަކުގައި ރޭގަނޑޫ ހޭލައި ތިބެނީ އަހަރެންނާއި އިޖާޒްއެވެ. ބައްޕަ ފާޚާނާއަށް ގެންގޮސް ދިނުމާއި ފެންވެރުމުގެ ކަންކަންވެސްކޮށްދެނީ އިޖާޒްއެވެ. ބައެއް ފަހަރު ފިރިހެން ދަރިއެއް ހުރިނަމަ ކޮންފަދަހޭ ވެސް ބައްޕައަށް ބުނެވެއެވެ. މީގެން ކޮންމެ ފަހަރަކުވެސް ތުއްތުބޭ ބުނާ ބަހެއް އޮވެއެވެ.

” އަހަރެންގެ ދަރިއަކީ ފައިސަލްގެ ވެސް ދަރިއެއް. ފައިސަލްގެ ދަރީންނަކީ ހަމަ އަހަރެންގެވެސް ދަރިން” ތެދެކެވެ. އިޖާޒް އަހަރެންގެ ބައްޕަ ގެ ކަންކަން ކޮށްދެމުން އައީ އަމިއްލަ ބައްޕައަށް ކަންތައް ކޮށްދޭހާ ލޯބިންނެވެ. މި ދުވަސްތަކުގައި އަހަރެންނާއި އިޖާޒްވެސް އަލުން ރަނގަޅު ރަހްމަތްތެރިންނަށްވިއެވެ. ކުޑައިރު އެކީގައި އުޅުނު ނަމަވެސް އަހަރެންނަށްވުރެ ކުރިން މާލެ ބަދަލު ވީ އިޖާޒް އެވެ. އޭގެ ފަހުން އަހަރެންނަށް އިޖާޒް ނުފެނި ހުރެފައި މި ފެނުނީ މި ފަހަރު ރަށަށް ދިޔުމުންނެވެ. އެހެން ކަމުން ދެމީހުންގެ މެދުގައި ކުރިން އޮތް ގުޅުން ނެތެވެ. ހަމަ އެހެންމެ އިޖާޒް އޭރު އަހަރެން ކައިރީ ރަށްޓެހިވާން އެހުން އެއީވެސް ދެމީހުންގެ ގުޅުން ހީނަރުވުމަށް މެދުވެރިވި ސަބަބެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ބޭވަފާތެރިވުމުން ޔާރާ – 8

Next

ތިޔަ ލޯތްބަށް އެދެމޭ – 8 & 9

Next
March 19, 2021

ތިޔަ ލޯތްބަށް އެދެމޭ – 8 & 9

Previews
March 18, 2021

ބޭވަފާތެރިވުމުން ޔާރާ – 8



All Right Reserved!