
ނިކަން ލޯބިން-15
“އާނ ދަރިފުޅާ. އެއްވެސް މީހެއްކައިރީ ނުބުނެ ކްރޮސް މެޗް ހައްދައިފި. މަންމަމެންނަށްވެސް އެނގުނީ ޑޮކްޓަރު ދެންމެ އައިސް ބުނީމަ. މަންމަ އަކަށް ނޭނގެ ޝުކުރުވެރިވާނެ ގޮތެއްވެސް. މި ޒަމާނުގަ އާއިލާ މީހުންވެސް އެކަކު އަނެކަކަށް ނުބަލަ. ” މަންމަ ރޮމުން ރޮމުން ވާހަކަ ދެއްކިއިރު އަހަރެންނަށްވެސް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޒަމާންތަކަކަށްފަހު އުފާވެރިކަމުގެ ކަރުނައެވެ. އަހަރެން އަވަސް އަވަހަށް އެބަގުޅަމޭ ބުނެ ފޯނު ކަނޑާލީމެވެ. އަދި ތުއްތުބޭއަށް ގުޅާލީމެވެ. ފޯނު ނެގުމާއިއެކު ތުއްތުބޭ ވާހަކަ ދައްކަންފެށީ އަހަރެންނަށްވުރެ ކުރިންނެވެ.
“އާޔާ! އެންމެން އެންމެނަށް ތުއްތުބޭއަށް ޝުކުރު އަދާކުރަން ނުގުޅަބަލަ. ތުއްތުބޭގެ އާއިލާމީހަކަށްވެސް ރަށްޓެއްސަކަށްވެސް ދުނިޔޭގަ ހުރީ އާޔާމެންގެ ބައްޕައޭ. ބައްޕަ ގެއްލިގެން ދާކަށް ތުއްތުބޭ ނޭދެން. ތިކުދިންނެކޭ އެއްގޮތަށް ތުއްތުބޭވެސް އެކަނިވާނެ. ”
“އެކަމަކު އިޖާޒް.. ނިއުމާއްތަ… އެންމެން ކައިރީ އެހިންތަ؟ ތުއްތުބޭ އަދި ވިސްނާލަންވީނު. ތުއްތުބެއަށް ގެއްލުމެއް ލިބޭކަށް އަހަރެމެންވެސް ނޭދެން” ތުއްތުބޭގެ ނިންމުމާއި މެދު ފަހުން ދެރަވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއްކިޑްނީ އާއި އެކު ކުރިން އުޅުނު ކަހަލަ އެންމެ އާދައިގެ ދިރިއުޅުމެއް ނޫޅެވިދާނެތީއެވެ.
“ތުއްތުބެ އެއްވެސް ނިންމުމެއް ނުނިންމަން އެދެމައިންގެ ޚިޔާލު ނުހޯދާ.އެޔެއްނު ތުއްތުބޭގެ ފުރާނައަކީ. ނިއުމާއްތަވެސް ބުނީ މީވެސް ޞަދަގާތެކޭ.” ތުއްތުބޭގެ ނިންމުން ނިއުމާއްތައަށްވެސް އެނގޭތީ އަހަރެން ހިތްހަމަ ޖެހުނެވެ.
“އެކަމަކުވެސް. ނިހާޔަތަށް ޝުކުރުވެރިވަން. ތުއްތުބޭ އަހަރެން ކައިރީ އެދޭ ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން” އަހަރެން ތުއްތުބޭއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގުނެވެ.
“އެހެންތަ؟ ކޮންމެ ކަމެއްކޮށްދޭނަމޭ؟ޔަޤީން؟” ތުއްތުބޭ އެހެން އެހުމުން އެއްވެސް އިޚްތިޔާރަކާއި ނުލާ އަހަރެންނަށް އާނއެކޭ ބުނެވުނެވެ.
” ދަރިފުޅާ! ތުއްތުބޭ ދުވަހަކުވެސް ބަދަލުގަ ކަމަކަށް ނޭދޭނަން. ދަރިފުޅުމެން ތީ ތުއްތުބެގެ އާއިލާގެ އެއްބައި. ތުއްތުބެއަށް ރަނގަޅީ މިވާޙަކަ ދެން ނުދެއްކިއްޔާ. އަވަހަށް ޗުއްޓީ ނަގައިގެން އާދޭ ބައްޕަ ގޮވައިގެން ދާން”
އަހަރެން ފޯނު ބާއްވަމުން ތުއްތުބޭއަށް ޝުކުރު އަދާކުރީމެވެ. އަދި ދޮންއަށް ގުޅާފައި ބައްޕަ ގެ ރިފަރަލް ޑޮކިޔުމެންޓްތަކާއި އެހެނިހެން ލިޔުންތައް ހޯދުމަށްފަހު ހެލްތް މިނިސްޓްރީއަށް ޗުއްޓީއަކަށްއެދި މެއިލްކުރީމެވެ. ހަމަޖެހުމުގެ އިހްސާސްއެއް އަހަރެންނަށް ކުރެވެމުން ދިޔައެވެ. ފާޚާނާއަށްވަދެ ފެންވަރާލައިގެން އައިސް މެންދުރު ނަމާދުކޮށް ޝުކުރުގެ ސަޖިދަވެސްކުރީމެވެ.ދެން އަވަސްވެގަތީ ނިއުމާއްތަ ކައިރިއަށް ދިޔުމަށެވެ. ގެއިން ނުކުންނަމުން ޑޯނަރ ލިބުނު ވާހަކަ ލައިތްއަށް މެސެޖް ކުރީމެވެ. އަހަރެންގެ މެސެޖްތައް ލައިތް ނުކީނަމަވެސް އަހަރެންގެ ދިރިއުޅުމުގެ ކަންކަން ލައިތްއަށް މެސެޖް ކުރަމުއެވެ. ދަތުރު ނިންމާފައި އައިސް މެސެޖްތައް ކިޔާ ރިޕްލައި ކުރާނޭކަން އަހަރެންނަށް އެނގޭތީއެވެ.
އަހަރެންނާ ނިއުމާއްތަ ދިމާވީ ދޮރުން ނުކުތްތަނާ މަގުމަތިންނެވެ. ބޭއިޚްތިޔާރުގައި އަހަރެންނަށް ނިއުމާއްތަ ގައިގައި ބައްދާލެވުނެވެ.
” އަހަރެމެން ކިހިނެއް ތިއާއިލާއަށް ޝުކުރު އަދާކުރާނީ. ” އަހަރެންނަށް އިތުރުއެއްޗެއް ނުބުނެވެނީސް ނިއުމާއްތަ ވާހަކަދައްކަންފެށިއެވެ.
“އާޔާ. އެއީ އެވަރުކަމެއް ނޫނޭ. އާޔާ ބައްޕަ އަހަރެމެންނަށް ކޮށްދޭ ކަންކަމަށް ބަލާފަ އެއީ އެއްވެސް ކަމެއް ނޫން” ނިއުމާއްތަ އަހަރެން ބުރަކަށީގަ ފިރުމާލިއެވެ.
” އަހަރެން ތުއްތުބެ އާއި ނިއުމާއްތަގެ ހެޔޮކަން ދުވަހަކުވެސް ހަނދާން ނައްތާނުލާނަން” އަހަރެން ނިއުމާއްތަ އަތުގައި ހިފާ އެހެން ބުނެލީމެވެ.
“ކައިފިންތަ؟ މިއައީ ވަރަށް މީރުކޮށް ފަރުމަހުގަ ރިހަ ކައްކާފަ ބަށި ހިކިކޮށްހަދާފަ. ހިނގާ ކާންދާން”ނިއުމާއްތަ އިތުރަށް އެމައުލޫއަށް ވާހަކަ ދައްކަން ބޭނުން ނުވީ ކަންނޭނގެއެވެ. އެހެންކަމުން އަހަރެންވެސް އިތުރު އެއްޗެއް ނުބުނެ ބަނޑުހައިވެފައިވެސް ހުރުމާއިއެކު އެގެއަށް ދިއީމެވެ.
މެންދުރުގެ ކެއުމަށްފަހު ފިހާރައަށް ގޮސް ކަންކަން ބަލާލުމަށްފަހު ދޮންދައްތަ އަށް ގުޅާ ޗުއްޓީނަގަން އެދުނީމެވެ. އަހަރެން ދިޔުމުން ވިޔަފާރީގެ ކަންކަން ބަލަހައްޓާނޭ މީހަކު ނުހުންނާނޭކަމާއި ޝާމްބެ މަންމަމެން ގޮވައިން އައުމަށްވެސް ޚިޔާލު ދިނީމެވެ. ދޮންދައްތައަށްވެސް އަހަރެންގެ ޚިޔާލު ކަމުދިޔައެވެ. ޝާމްބެއާއި ވާހަކަ ދައްކާލާފައި ގުޅާނޭކަމުގައި ބުންޏެވެ.
އޮފީހުން އަހަރެންގެ ޗުއްޓީ އެޕްރޫވްކުރިކަމުގެ ލިޔުންއައީ އާދިއްތަ ދުވަހުގެ މެންދުރު އަހަރެން އޮފީހުގައި ހުއްޓައެވެ. ވިޔަފާރީގައި އުޅޭ އެންމެންނާ ބައްދަލުކޮށް ދޮންދައްތަ އަންނާނޭ ވާހަކަ ބުނެލުމަށްފަހު މާލެދާން ދަތުރު ހެދީމެވެ. ތުއްތުބޭވެސް ސާޖަރީ ކުރާނެތީ އިޖާޒް އާއި ނިއުމާއްތަވެސް އަހަރެންނާއިއެކު ދާގޮތަށް އޮތީ ރޭވިފައެވެ.
އެރޭގެ އަށެއްގެ ފްލައިޓުން 3 މީހުން އެކުގައި މާލެ ފުރީމެވެ. އަހަރެމެން ބަލާ ތުއްތުބެއާއި ބޮޑުބެ މެން ތިއްބެވެ. އަހަރެން ކުރިންވެސް އުޅުނު ފަހަރިމެންގެއަށް ފޮށިތައް ލާފައި އެންމެ ފުރަތަމަ އަހަރެން ދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ބައްޕަ އޮތް ކޮޓަރީގައި ޓަކިދިނުމާއިއެކު ދޮރުހުޅުވީ މަންމައެވެ. އަހަރެން މަންމަ ގައިގައި ބައްދާލީމެވެ. އަދި ބައްޕަ ކައިރިއަށްގޮސް ބައްޕަގެ އަތުގައި ހިފާލީމެވެ. އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ދުވަހަކުވެސް ބައްޕަ މިހެން ބަލި އެނދުގައި އޮއްވައި އަހަރެންނުދެކެމެވެ. ބައްޕައަށް އޮތީ ނިދިފައިކަމުން މަންމަ އާއި ވާހަކަ ދައްކާލުމަށް ސޯފާގައި އިށީނީމެވެ. ބައްޕަ އަށް ހޭލެވުނީ 11 ޖަހަން ކައިރިވެފައި ހުއްޓައެވެ. އަހަރެން ފެނުމާއި އެކު ބައްޕަ އަހަރެންނަށް ގޮވާލިއެވެ. އަހަރެން ބައްޕައާއި ކައިރިވެލީމެވެ.
“މޫސަބޭ ބުނި އާޔާ ވަރަށް މޮޅޯ ފިހާރައިގެ ކަންކަން ބަލަހަށްޓަން. ވަޒީފާއިން ކެނޑިގެން ދެން ވިޔަފާރިއާއި ހަވާލުވާންވީނު. ބައްޕަ ނެއް ދުނިޔެއެއްގައިވެސް….” ބައްޕަ އެހިސާބަށް ބުނުމާއިއެކު އަހަރެން ބައްޕަ ގެ އަނގަމަތީގައި އަތް އެޅީމެވެ.
” މޮޔަވާހަކަ ނުދައްކަބަލަ ބައްޕާ! އިރާދަކުރެއްވިއްޔާ ބައްޕަ ވަރަށް އަވަހަށް ރަނގަޅު ވާނެ. ތުއްތުބޭމެން ތިއްބަ ބައްޕައަށް ދެރަގޮތެއް ވާނެތަ؟” އަހަރެން ބައްޕައަށް ހިތްވަރުދެވޭތޯ މަސައްކަތް ކުރީމެވެ.
” ކޮސް ވާހަކަ ނުދައްކާ.ހިނގާ ބަތްޕެން ފޮދެއް ބޯން” މަންމަވެސް އެގަޑީ ބަތްޕެން ތަށްޓެއް ހިފައިގެން ބައްޕައާއި ގާތްވެލިއެވެ.
އަހަރެން ދުރަށް ޖެހެލުމުން މަންމަ ބައްޕައަށް ބަތްޕެން ފޮދު ލަވާދިނެވެ.
“މަންމަ ދާންވީނު މިރޭ ނިދާލަން. އަހަރެން މަޑުކުރާނަން” މާލެ އައިތާ 2 ދުވަސް ވީއިރު މަންމަ ހޮސްޕިޓަލުން ނުނިކުންނާތީ އަހަރެން މަންމަ ގެއަށް ފޮނުވާލަން ބޭނުންވިއެވެ. ނަމަވެސް މަންމަ އެއްގޮތަކަށްވެސް ގެއަށް ދާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އަހަރެމެން ގެއަށް ދިއައީ މަންމަ ބަސްގަބޫލުނުކުރާނޭކަންޔަގީން ވާތީއެވެ. އެދުވަސް ވާނީ ލައިތް އާއި އަހަރެން ގުޅުންފަހުން މެސެޖްއެއް ނުކުރާ ހަމައެކަނި ދުވަހަށެވެ. މެސެޖް ބަލާލަން އަހަރެން ހަނދާންވެސް ނެތުނީއެވެ. އެހެން ކަމުން ގެއަށް ދެވުމާއިއެކު ވަޓްސްއަޕް ބަލާލީމެވެ. ލައިތް ވަރަށް ގިނަ ފަހަރު ގުޅާފައި ހުއްޓެވެ. އަދި މި ދަނޑިވަޅު އަހަރެން ކައިރީ ނުހުރެވުނީތީ ހިތާމަ ކުރާވާހަކަ ޖަހާފައި މެސެޖްއެއްކޮށްފައި އޮތެވެ. ގަޑީގެ ތަފާތާއިއެކު އެކޮޅަށް ދަންވަރު 2:30 ވާނޭކަން އެނގިހުރެ އަހަރެން ލައިތްއަށް ގުޅާލީ ފޯނު ނަގާނެ ކަމުގެ އުންމީދުގައެއްނޫނެވެ. ނަމަވެސް އެއް ރިންގުން ލައިތް ފޯނު ނެގިއެވެ. އަހަރެމެން ގަޑިއެއްހާއިރު ވާހަކަދައްކަން ތިބީމެވެ. އަންގާރަ ދުވަހު އިންޑިޔާއަށް ފުރާވާހަކައާއި މިހާރު މާލޭގައި ހުރިވާހަކަވެސް ބުނީމެވެ. ލައިތް ތަކުރާރުކޮށް ބުނަމުން ދިޔައީ އަހަރެން އެންމެ ބޭނުންވި ދުވަހު ކައިރީގައި ނެތުމުން ދެރަވާވަހާކައެވެ. އަހަރެންނަށް އެކަން ލައިތްގެ އަޑުން އިހްސާސް ކުރެވެއެވެ.
އިންޑިޔާއަށް ދިޔުމަށް އަހަރެންނާއި މަންމަ އަދި ބައްޕަގެ އިތުރުން ތުއްތުބެއާއި ނިއުމާއްތަ އަދި އިޖާޒް ފުރީ އަންގާރަ ދުވަހުގެ ހެނދުނުއެވެ. އަހަރެމެންނާއިއެކު ޑޮކްޓަރެއްވެސް ދަތުރުކުރާގޮތަށް ހޮސްޕިޓަލުން އިންތިޒާމްކުރީ ބައްޕަ ގެ ހާލު އެހާ ރަނގަޅު ނުވުމުންނެވެ. ދޮންދައްތަ އާއި ޝާމްބެމެންވެސް އަހަރެމެން ފުރުވަން އައިސް ތިއްބެވެ. އަދި އެވަގުތު މާލޭގައި ތިބި އާއިލާ އެންމެންނާއި ބައްޕަގެ ގާތް ރަށްޓެހިންވެސް އެއާޕޯޓަށް އައެވެ. އަހަރެމެން ފުރުމުން 20 ދުވަހުގެ ޗުއްޓީއަކަށް ދޮން އާއި ޝާމްބެގެ އާއިލާ ރަށަށް ދިޔުމަށްވަނީ ރޭވިފައެވެ.
އިންޑިޔާއަށް ފްލައިޓް ޖެއްސިއިރު އެމްބިޔުލާންސް އައިސްއޮތެވެ. އަހަރެމެން ދިޔުމަށް ހަމަޖެހިފައި އޮތީ އަމްރިތާ ހޮސްޕިޓަލްއަށްކަމަށްވުމާއި އެކު ހޮސްޕިޓަލް ކައިރިން 2 ރޫމް ވެސް ކުރިއާލާ އަހަރެމެން ބުކްކުރީމެވެ. އިޖާޒް އާއިއެކު މަންމަ އާއި ނިއުމާއްތަ ހޮޓަލަށް ފޮނުވާލައި އަހަރެންނާއި ތުއްތުބޭ ދިޔައީ ހޮސްޕިޓަލަށެވެ. މަންމް ހިތާދެކޮޅަށް ހޮޓަލަށް ދިޔައީ ހޮސްޕިޓަލަށް މަންމަ ނުފަރިތަވާނޭތީއާއި ހޮޓެލް ހުންނަނީ ހޮސްޕިޓަލުން ހިނގާލާފައި 5 މިނިޓްއިން ދެވޭހާ ކައިރީގައި ވީމައެވެ.
ހޮސްޕިޓަލްއަށް އެމްބިޔުލާންސް ކައިރިކުރުމާއިއެކު ބައްޕަ ފުރަތަމަ ގެންދެވުނީ އަވަސް ފަރުވާދޭ ކޮޓަރިއަށެވެ. ހޭންޑް އޯވާގެ ކަންކަން ނިމުމުން ބައްޕަ އެޑްމިޓްކުރެވުނީ އަހަރެމެން އެދުނު ފަދައިން ކޮޓަރިއެއްގައެވެ. ޓްވިން ކޮޓަރިއެއް އަހަރެމެން ނެގީ ތުއްތުބޭވެސް އެޑްމިޓްކުރާއިރު ދެމީހުން އެއްތަނެއްގައި ބައިތިއްބުމުގެ މަޤްޞަދުގައެވެ
ބައްޕާ އެޑްމިޓް ކުރެވުމާއި އެކު އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޓެސްޓްތައް ހެދުނެވެ. ބައްޕަ ގެ ޓެސްޓްތަކާއި އެކު ތުއްތުބޭގެ ޓެސްޓްތައްވެސް ކުރިއަށް ގެންދެވުނެވެ. އެރޭ ބައްޕަ ކައިރީ ހޭލައި މަންމައިނުމުން އަހަރެމެން އެންމެން ނިދަން ދިޔައީ ދަންވަރު1 ޖެހިފަހުންނެވެ.
ޖެހިގެން އައިދުވަހުގެ ހެނދުނު ހެނދުނާ އަހަރެމެން ހޮސްޕިޓަލަށް ދޔައީ 7:30 ގައި ޑޮކްޓަރު އަންނާނޭވާހަކަ ބުނެފައި އޮތީމައެވެ. އަހަރެމެން ހޮސްޕިޓަލް ދިޔަތާ މާގިނައިރެއްނުވެ ޑޮކްޓަރު އައެވެ. ދިނީ ވަރަށް އުފާވެރި ޚަބަރެކެވެ. ޖެހިގެން އަންނަ ދުވަހުގެ ހެނދުނު އޮޕަރޭޝަން އަށް ތައްޔާރުވާހަކައެވެ. އަދި ހަމަ އެދުވަހު ތުއްތުބޭވެސް އެޑްމިޓްކުރެވުނެވެ. ޤަވައިދުން އަހަރެން ދިޔައީ ދޮންދައްތައާއި ލައިތްއަށް އަޕްޑޭޓްދެމުންނެވެ. އެދެމީހުންވެސް އަހަރެންނަށް ވަރަށް ހިތްވަރުދެއެވެ.
ޝެޑިޔުލް ކުރެވިފައިވާ ގޮތަށް ބުރާސްފަތި ދިބަހުގެ ހެނދުނު 6:30 ގައި ދެ މީހުންވެސް ތިއޭޓަރަށް ވެއްދީ އެކުއެކީގައެވެ. ތުއްތުބޭ ތިއޭޓަރަށް ވައްދަން ގެންދަނިކޮށްވެސް އަހަރެން ތުއްތުބޭ އަތުގައި ހިފާލާ ޝުކުރު އަދާކުރީމެވެ. އަހަރެން ކިތަންމެ ވަރަކަށް ޝުކުރު އަދާކުރިއަސް ތުއްތުބެ ވެދޭ ޤުރުބާނީއަށް އަހަރެމެންނަށް ދުވަހަކުވެސް ބަދަލުނުދެވޭނޭކަން އެނގެއެވެ.
އަހަރެމެން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދިޔައީ އޮޕަރޭޝަން ނިމޭމޭ ގަޑިއަކަށެވެ. މަންމަގެ ކޮނޑުގައި ބޯއަޅާލައިގެން އިންއިރު އަހަރެންނަށް ދޭތެރެ ދޭތެރެއިން ރޮވެއެވެ. މަންމަ ކިތަންމެ ހިތްވަރު ކުރިއަސް މަންމަ ވެސް އިނީ ފެންކަޅިވެފައެވެ. ނިއުމާއްތަގެ ހާލަކީވެސް ހަމައެއީއެވެ. ދޭތެރެއަކުން ނަރުހެއް އައިސް އަހަރެމެންނަށް ވާނުވާ އަންގަމުންގެނދިޔައެވެ. އޮޕަރޭޝަން ފެށުނީ 7:30 ގައި ކަމާއި ގާތްގަނޑަކަށް 3-5 ގަޑިއިރުވާނޭ ވާހަކަވެސް ބުންޏެވެ. އިޖާޒް ދޭތެރެއަކުން އެންމެންނަށް ފެނާއި ކޮފީ ގެނެސްދެއެވެ. އެންމެންވެސް ތިބީ ހިތް ނުތަނަވަސްވެފައިކަމުން އެއްވެސް މީހަކު ހެނދުނުގެ ނާސްތާކުރަންވެސް ބޭނުމެއްނުވިއެވެ.
އަހަރެމެން އެންމެންގެ އިންތިޒާރަށް ނިމުމެއް ގެނުވީ ބައްޕަ އާއި ތުއްތުބޭގެ އެހީތެރިން އެތެރެއަށް ވަނުމަށް ގޮވުމުންނެވެ. އަހަރެންނާއި އިޖާޒް އަވަސް އަވަހަށް އެތެއަށްވަނީމެވެ. 2 ޑޮކްޓަރުންނާއި 2 ނަރުހުން މޭޒެއްގެ ކައިރީތިއްބެވެ.
“ކޮންގްރެޗުލޭޝަންސް. ބޮތް އޮޕަރޭޝަންސް އާ ސަކްސަސްފުލް”(މަރުހަބާ. ދެ އޮޕަރޭޝަންވެސް ކާމިޔާބު) އަހަރެމެން ފެނުމާއިއެކު އެއްޑޮކްޓަރު ވާހަކަ ދެއްކިއެވެ.ދެމީހުންނަށްވެސް އެއްފަހަރާ އަލްހަމްދިﷲއޭ ބުނެވުނެވެ.
ޑޮކްޓަރު އިތުރަށް ބުނެދިނީ ދެ މީހުންވެސް ފުރަތަމަ ގެންދާނީ އައި.ސީ.ޔޫ އަށް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ 6 ގަޑިއިރުފަހުން ތުއްތުބޭ ކޮޓަރިއަށް ބަދަލު ކުރާނޭކަމަށެވެ. ނަމަވެސް ބައްޕަ ކޮޓަރިއަށް ގެންދާނީ 24-12 ގަޑިއިރުފަހުންކަމުގައިވެސް ޑޮކްޓަރު ބުންޏެވެ. ބައެއް ހާލަތްތަކުގައި ބަދަލު ކުރާ ކިޑްނީ ހަށިގަނޑުން ބަލައި ނުގަންނަކަމާއި އެކަމުން ސަލާމަތްކުރުމަށް ބައެއް ބޭސް ދެމުންގެންދާތީ ވަރަށް ގާތުން ބަލަން ޖެހޭކަމުގައި ޑޮކްޓަރު ބުނެދިނެވެ. މިހެން މެދުވެރިވަނީ މަދު ހާލަތެއްގައި ނަމަވެސް މި ފަދަ ކަމެއް މެދުވެރިވެދާނެތީ އޮބްޒަވޭޝަންގައި ބާއްވަން ޖެހޭނެ ކަމުގައި ބުންޏެވެ. އަހަރެމެން ދެ މީހުންވެސް ނުކުމެ މަންމަމެންނަށް ޑޮކްޓަރު ކިޔައިދިން ކަންކަން އޮޅުންފިލުވައި ދިނީމެވެ. އަދި އެންމެ އަވަހަށްވެސް ތުއްތުބެއާއި ދިމާވާނީ މިރޭކަމަށާއި އެހެންކަމުން ކާއެއްޗެއް ކާންދިޔުމަށް އެދުނީމެވެ. ވަރަށް ގިނަ ފަހަރު އާދޭސްކޮށްގެން މަންމަ އާއި ނިޔުމާއްތަ ގޮވައިން އިޖާޒް ކާން ދިޔައެވެ. އެއްވެސް ކަމެއްޖެހިގެން ޑޮކްޓަރު ގޮވާލަފާނެތީ އަހަރެން މަޑުކުރީއެވެ. އެހެން އިދެ އަހަރެން ލައިތްއަށް ގުޅާލީމެވެ. އެންމެ ރިންގަކުން ލައިތް ފޯނު ނެގިއެވެ. އޭރުވެސް ލައިތް އިނީ ޗެކިން ވެގެން ފުރަން ތައްޔާރުވެގެންނެވެ. އެހެންކަމުން މާގިން ވާހަކަ ނުދައްކާ އަހަރެން ފޯނު ބޭއްވީއެވެ. ލައިތް މިރޭގުޅާނޭކަމުގައި ބުންޏެވެ. ފޯނު ބޭއްވުމާއިއެކު ދޮންދައްތައަށްވެސް ގުޅާ އަޕްޑޭޓްދިނީމެވެ.
(ނުނިމޭ)