Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-17

SomeOne Level 110 Stories
March 22, 2021 5 Mins Read
0 Comments

” އަހަރެންގެ ދަރިއަކީ ފައިސަލްގެ ވެސް ދަރިއެއް. ފައިސަލްގެ ދަރީންނަކީ ހަމަ އަހަރެންގެވެސް ދަރިން” ތެދެކެވެ. އިޖާޒް އަހަރެންގެ ބައްޕަ ގެ ކަންކަން ކޮށްދެމުން އައީ އަމިއްލަ ބައްޕައަށް ކަންތައް ކޮށްދޭހާ ލޯބިންނެވެ. މި ދުވަސްތަކުގައި އަހަރެންނާއި އިޖާޒްވެސް އަލުން ރަނގަޅު ރަހްމަތްތެރިންނަށްވިއެވެ. ކުޑައިރު އެކީގައި އުޅުނު ނަމަވެސް އަހަރެންނަށްވުރެ ކުރިން މާލެ ބަދަލު ވީ އިޖާޒް އެވެ. އޭގެ ފަހުން އަހަރެންނަށް އިޖާޒް ނުފެނި ހުރެފައި މި ފެނުނީ މި ފަހަރު ރަށަށް ދިޔުމުންނެވެ. އެހެން ކަމުން ދެމީހުންގެ މެދުގައި ކުރިން އޮތް ގުޅުން ނެތެވެ. ހަމަ އެހެންމެ އިޖާޒް އޭރު އަހަރެން ކައިރީ ރަށްޓެހިވާން އެހުން އެއީވެސް ދެމީހުންގެ ގުޅުން ހީނަރުވުމަށް މެދުވެރިވި ސަބަބެކެވެ.

ހޮސްޕިޓަލުން ގެއަށް ބަދަލުވި ފަހުން ދޭތެރެއަކުން އަހަރެމެން ދެމީހުން ބާޒާރަށް ގޮސް ހަދަމެވެ. ބައެއް ފަހަރު އަހަރެން މަންމަ އާއި ނިޔުމާއްތަ ގޮވައިންވެސް ބޭރަށް ނުކުމެލާ ހަދަމެވެ. ކަނޑައެޅިފައިވާ ދުވަހަށް އަހަރެމެން ރިވިޔުއަށް ދިޔައީމެވެ. ޑޮކްޓަރު ވިދާޅުވީ ރިކަވަރީ ވަރަށް ރަނގަޅު ކަމާއި އެނބުރި މާލެ ދެވިދާނެކަމަށެވެ. އަދި ކެއުމަށް ޚާއްސަ ސަމާލު ކަމެއް ދެމީހުންވެސް ދިނުމަށާއި ގަވައިދުން ހަ މަހުން ޗެކްއަޕް ހެއްދުމަށް ނަސޭހަތްތެރިވިއެވެ. ކިޑްނީ  ހަދިޔާ ކުރުމުގެ ސަބަބުން ތުއްތުބޭގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ނާންނޭކަމާއި ކުރިންވެސް އުޅުނު ފަދައިން އާދައިގެ ދިރިއުޅުމެއް އުޅެވިދާނެކަމުގައި ޑޮކްޓަރު ބުނުމުން އަހަރެން ނުހަނު އުފާވިއެވެ.

ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއް ނިންމާލުމަށްފަހު އަހަރެމެން މާލެދިޔުމަށް ދަތުރުފެށީ އިންޑިޔާއަށް އައިތާ  16 ދުވަސް ފަހުންނެވެ. ފްލައިޓް އެއާޓް ޕޯޓުގައި ޖެއްސުމާއިއެކު އަހަރެމެން ލަގެޖް ނަގައި ޑޮމެސްޓިކް ގިމަތަށް ދިއުމަށް އަވަސްވެގަތީމެވެ. އަހަރެމެން އައީ ހަމަ އެރޭ ހަނިމާދޫއަށް ދާ ފްލައިޓުން ޖާގަ ހޯދައިގެންނެވެ.

ރަށަށް ދެވުމާއިއެކު ހިތް ހަމަ ޖެހުމުގެ ނޭވާއެއް ލީމެވެ. އަހަރެމެން ބަލާ ތުއްތުބޭ ތިމާގެ މީހަކާއި ދޮންދައްތަ އާއި ޝާމްބެގެ  އިތުރުންބައްޕަ ގެ މުވައްޒަފުނާއި ބައެއް ރަށްޓެހިންނާއި ގާތްތިމާގެ މީހުން ތިއްބެވެ. ގެއަށް ދެވުމާއި އެކު  ބައްޕަ އެންމެ ފުރަތަމަވެސް ބެލީ ވިޔަފާރީގެ ކަންކަމެވެ. ބައްޕަ ހީކުރި ގޮތާއި ޚިލާފަށް ވިޔަފާރި ބައްޕަ ދޫކޮށްފައި ދިޔަ ގޮތަށް ހަމަ ކުރިއަށް ދިޔައެވެ. ދޮންދައްތަ އާއި ޝާމްބެ ވަރަށް ރަނގަޅަށް ވިޔަފާރީގެ ކަންކަން ބަލަހައްޓަމުން ގެންގޮސްފައި ވެއެވެ.

އަހަރެމެން ރަށަށް ބަދަލުވުމާއިއެކު ދޮންދައްތަމެން އެނބުރި މާލެ ދިޔައެވެ. އަހަރެންވެސް ވަޒީފާއަށް ނުކުންނަން ފެށީމެވެ. ބައްޕަ އަރާމުކުރުމަށް ބަހައްޓާފައި ބައްޕަގެ އިރުޝާދުގެ ދަށުން ވިޔފާރީގެ ހުރިހާކަމެއް ބަލަހައްޓަމުން ގެންދިޔައީ އަހަރެންނެވެ. އިޖާޒްވެސް ކުރިއަށްވުރެ ގިނައިން އަހަރެމެން ގެއަށް އައިސްހަދައެވެ. ބައްޕަ ގެ ވިޔަފާރީގެ ކަންކަމުގައި ވެސް އިޖާޒް ދިޔައީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ގޭގައި ފިރިހެނަކު ނެތުމުގެ އިހްސާސް އަހަރެމެންނަށް ނުކުރެވޭ އެއް ސަބަބަކީވެސް އިޖާޒް އެވެ.

އަހަރެންނާއި ލައިތްގެވެސް ގުޅުން ފޯނުގެ ޒަރީޢާއިން ބަދަހިކުރަމުން ގެންދިޔައީމެވެ. ދުރުގައި ހުރިނަމަވެސް އަހަރެންގެ ހާލު އަހުވާލު އަބަދުވެސް ބަލާ ހަދައެވެ. ކޮންމެ ފްލައިޓްއެއް ފެށުމުގެ ކުރިން މެސެޖް ކުރެއެވެ. އަދި ޗުއްޓީ ދުވަސް ދުވަހު އެތައް ވަގުތެއް އަހަރެމެން ވީޑިޔޯކޯލް ކޮށްގެން ތިބެމުއެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ ލައިތް އެނބުރި އަންނާނޭ ދުވަހަކަށެވެ.

މި ގޮތުގައި ދުވަސްތައް ހޭދަވަމުން ދިޔައީ އަހަރެން ހީ ނުކުރާހާ އަވަހަށެވެ. ލައިތް ފުރިތާ 6 މަސް ވީ ދުވަހަކީ އަހަރެންގެ 25 ވަނަ އުފަންދުވަހެވެ. އެންމެންނަށްވުރެ ކުރީ އަހަރެންނަށް އުފަން ދުވަހުގެ ތަހުނިޔާކީވެސް ލައިތްއެވެ. ދުރުގައި ހުރިނަމަވެސް އަހަރެންގެ ހިތް އުފާކޮށްދެވޭތޯ ލައިތް ކުރަމުންދާ މަސައްކަތް އަހަރެން އަބަދުވެސް ބަލައިގަންނަމެވެ. އުފަންދުވަސް ފާހަގަކުރުމަކީ އަހަރެންކޮށްއުޅޭ ކަމެއް ނޫންކަމުން އެދުވަހާއި އެހެން ދުވަސްތަކާއި މާ ބޮޑު ތަފާތެއް އަހަރެންނަށް ފާހަގައެއް ނުކުރެވެއެވެ.

އެދުވަހުގެ ހަވީރު  4 ޖަހާލާއިރު އަހަރެންގެ ފޯނަށް އިޖާޒް މެސެޖްއެއްކުރިއެވެ. އެ މެސެޖްގައި އޭނާ އެދުނީ އެރޭގެ 9 ޖަހާލާއިރު ބައްދަލުކޮށްލުމަށެވެ. ޖަވާބެއްގެ ގޮތުން އަހަރެން އުފަންދުވަސް ފާހަގަކުރަން ކަމުގައިވަނީނަމަ ބައްދަލު ނުކުރާނޭ ވާހަކަ ބުނީމެވެ. އަދި އެހެން ދުވަސްތަކެކޭ އެއްގޮތަށް އިޖާޒްއަށް ކޮންމެ ގަޑިއަކުވެސް އަހަރެމެން ގެއަށް އައިސް އަހަރެންނާއި ބައްދަލު ކުރެވޭނޭ ނޫންހެއްޔޭ ބުނީމެވެ. އެ މެސެޖަށް އިތުރު ޖަވާބެއް ނާދެއެވެ. ނަމަވެސް އެރޭކައިގެން ކޮޓަރިއަށްވަދެ ހަމަޖެހި ނުލެވި އުޅެނިކޮށް މަންމަ އަހަރެންނަށް ގުޅާ މީހަކު އެއްޗެއް ހިފައިގެން އައިސް ހުރިވާޙަކަ ބުނުމުން ތިރިއަށް ފޭބިއިރު ހުރީ އަހަރެން ދަންނަ މީހެއް ނޫނެވެ. އެމީހާ ހުރީ ބޮޑު ފޮށިގަނޑެއް ހިފައިގެންނެވެ.

“ކޮންތާކު ބަހައްޓަންވީ” އަހަރެން ފެނުމާއިއެކު އޭނާ އަހާލިއެވެ.

“ކާކު ދިން ކޯންޗެއް ތީ” އަހަރެންވެސް ކޮށްލީ ސުވާލެކެވެ.

” އަޅުގަނޑަކަށްވެސް ނޭގެ. މީހަކު ބުނީ މިގޭ އެޑްރެސް ދީފަ އާޔާއަށް ދޭށޭ”

“މިތާ ބަހައްޓާ.” އަހަރެން ކޮފީ މޭޒާ ދިމާއަށް އަތް ދިއްކޮށްލަމުން ބުނީމެވެ.

އިތުރުއެއްޗެއް ނުބުނެ އެމީހާ ދިޔައީއެވެ. އަހަރެން ފޮށިގަނޑު ހިއްލާލިއިރު މާބަރެއް ނޫނެވެ. އެހެންކަމުން ފޮށިގަނޑު ހިފައިގެން ގޮސް ކޮޓަރިއަށްވަނީމެވެ.

ކޮންމެވެސް ވަރަކަށް އަހަރެންގެ ހިތް ބުނަމުން ދިޔައީ މިވާނީ އިޖާޒް ފޮނުވި އެއްޗަކަށެވެ.ހަމަ އެވަގުތު އިޖާޒް ގުޅިއެވެ.

” މިހިރީ ތިގޭ ދޮރުމަތީގަ. ހިނގާ ދުއްވާލަން ދާން” ފޯނު ނެގުމާއިއެކު އިޖާޒް ވާހަކަ ދައްކަން ފެށިއެވެ.

“މި ގަޑީގަ؟ .އެއްވެސް ބާތްޑޭ ސެލެބްރޭޝަންއެއް ވެއްޖެއްޔާ ނުދާނަން އެނގޭ.” އަހަރެން ހިތް ކުޑަކޮށް ނުތަނަވަސް ވާހެން ހީވިއެވެ.

“ސާބަހޭ. މަ ނޫޅެމޭ ސެލެބްރޭޓް ކުރާކަށް. އާޔާ ބައްޕަ ފިހާރައަށް ގޮސް ޗެކެއްގައި ސޮއެކުރުވަން. އާޔާ މަންމަ ބުނީ ބައްޕައަށް ނިދިފަޔޯ އޮތޯ. އާޔާ ލައްވަ ސޮއެކުރުވާށޯ. ދެން މަގޭ ސައިކަލު ފަހަތުގަ ދަންޏާ ދުއްވާލަން ދަނީއެއްވެސް ބުނެވިދާނެއެއްނު” އެއްފަށްޗަކަށް އިޖާޒް އަމުނާލިއެވެ.

” ދެން ތި ހިފައިގެން ގެއަށް އައިނަމަ ގައިމު ވަގުތުން ސޮއެކޮށްލެވުނީސް ދޯ” އަހަރެން ޝަކުވާ ކޮށްލީމެވެ. އިޖާޒް ދުއްވާލަން ދާންށޭ ބުނީމައި ކޮންމެވެސް ވަރަކަށް އަހަރެން ހުރީ ޖެހެލުންވެފައެވެ.

“މަށާ އެކީ ނުދާން ދައްކާހާ ބަހަނާތަ ތީ އަޅެ” އެންމެ ފަހުން އިޖާޒް އަހަރެންގެ ހިތުގައި އޮތްގޮތް ދެނެގަންފި ކަހަލައެވެ.

އެހެންކަމުން އެކަން ނުދެއްކުމަށް އަވަހަށް އަހަރެން މިދަނީއޭ ބުނެ ކުޑަކޮށް ރެޑީވެލައިގެން ނުކުތީމެވެ. އެ ފޮށިގަނޑުވެސް ގެނައިގޮތަށް އެނދުމަތީގައި ބަހައްޓާފައެވެ. އަދި އިޖާޒް އާއިއެކު ފިހާރައަށް ގޮސް ޗެކުގައި ސޮއެކޮށްލުމަށްފަހު ގެއަށް ދިޔުމަށް ސައިކަލަށް އެރީމެވެ.

“މިހާރު ތީނީ މަގޭ ސައިކަލް ފަހަތުގަ މަ ގެންދިޔަ ތާކަށް ދެންދެވޭނީ” އިޖާޒް އެހެން ބުނެލުމުން އަހަރެން ކުޑަކޮށް ބިރުގަތެވެ.

” އުނހު. ހިނގާ ގެއަށް ލާން. ” އަވަސް އަވަހަށް އަހަރެންނަށް ބުނެވުނެވެ.

“އާޔާ އަހަރެންނަށް އިތުބާރެއްވެސް ނުކުރަންދޯ؟ ހާދަ ބިރެކޭ ތި ގަންނަނީ” އިޖާޒް ގެ އަޑުން ތަފާތު ކަމެއް އިހްސާސްކުރެވުނެވެ.

“ބިރެއް ނުގަނެއޭ! ދެން އިޖާޒް އަށް އަހަރެން އިތުބާރު ނުކުރަންވީ ސަބަބެއް ދައްކަބަލަ” އަހަރެން ހަމަޖެހިލަމުން ބުނީމެވެ.

“އެހެންވިއްޔާ ހިނގާބަ 15 މިނެޓަށް މިތާ ތުނޑިއަށް. ނޯ ސެލެބްރޭޝަން އައި ޕްރޮމިސް. އެކަމަކު ހަނދު ވަރަށް ރީތި. ”

” ހިނގާ” އަހަރެން އެހެން ބުނީ ހިތާދެކޮޅަށް ނަމަވެސް އިޖާޒް އެހާ ރަނގަޅު އިރު  ގޯސްގޮތަކަށް އޭނާ އަށް ވިސްނިދާނެތީއެވެ.

ތުނޑީއަށް ދެވުމާއިއެކު ސައިކަލް ޕާކްކޮށް މަޑު ހިނގުމެއްގައި ގޮސް ދޮންވެލި ތުނޑީގައި އިށީނީމެވެ. ވަގުތުން އަހަރެންގެ ހަނދާނަށް އައީ ލައިތްއެވެ.ފަޅުރަށުގައި އަހަރެމެން ދެ މީހުންގެ ލޯބީގެ ބިންގާއެޅުނުރޭ މަތީންނެވެ. އަހަރެން ފޮޓޮއެއްނަގާލާފައި ލައިތް އަށް “އައި މިސް ޔޫ” ޖަހާލާފައި ފޮނުވާލީމެވެ.

ބަހެއް ނުބުނެ އިރުކޮޅަކު ތިބުމަށްފަހު ގެއަށް ދާން އެދުނީމެވެ. އަދި އަހަރެން ތެދުވެ ހިނގައި ގަތީމެވެ. އެވަގުތު އިޖާޒް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަރެންގެ ހިތް ހީވީ ބޭރަށް ނުކުމެދާނެހެންނެވެ. އެހާބަރަށް ތެޅެން ފެށިއެވެ.

” އަހަރެން ވާހަކަ އެއް ބުނަން ވެގެން އާޔާ މިގެނައީ. އެއްޗެއް ނުބުނެ އަޑު އަހަން ހުއްޓަސް އޯކޭ” އިޖާޒް ވާހަކަ ދައްކަން ފެށިއެވެ.

އިޖާޒް ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އަހަރެން ބިރުގަތީ މި ދުވަސް އައިސްދާނެތީއެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައީ އިޖާޒް އެއްވެސް އެއްޗެއް ނުބުނުމަށެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް ރަށްޓެހިކަމަށް ބުރޫއަރާކަށް އަހަރެން ބޭނުމެއްނޫނެވެ. ނަމަވެސް އަނގައިން ބަހެއް ނުބުނެވި އުޅެނިކޮށް އިޖާޒް ވާހަކަ ދައްކަން ފެށިއެވެ.

“މީ މިވާޙަކަ ދައްކަން އެންމެ ރަނގަޅު ވަގުތަށް ނުވެވެސް ދާނެ. އެކަމަކު ވަގުތުފާއިތުވެދާނެތީ ބިރުވެސް ގަނޭ. އަހަރެން އަދިވެސް އާޔާ ދެކެ ވަރަށް ލޯބިވޭ. އާޔާގެ އެދުމުގެ މަތިން މިހިރީ ފުލުސް އޮފިސަރަކަށްވެގެން އައިސް. އާޔާ އަހަރެންނާ ގުޅޭނަންތަ މިހާރު؟”

ވަގުތުން އިޖާޒުގެ އަނގައިގަ އަތްއަޅަން އަހަރެން ބޭނުންވިއެވެ. ލައިތްދެކެ އަހަރެން ލޯބިވާ ވާޙަކައާއި މިހާރުވެސް މާ ބޮޑަށްވެސް ލަސްވެއްޖެ ކަމުގައި ބުނަން ބޭނުންވިއެވެ ނަމަވެސް އަހަރެންގެ ދުލުގައި ވަރެއްނެތެވެ. އަތްފައި ފިނިވެއްޖެއެވެ. ނަމަވެސް މީހާ ދާ ހިއްލަން ފެށިއެވެ. އަހަރެން އެއްޗެއް ނުބުނުމުން އިޖާޒް އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.

“އާޔާ ހިތަށް ނާރުވާތި އާޔާއަށް މަޖުބޫރު ކުރުވަނީއޭ. އަހަރެމެން ދެމީހުންގެ އާއިލާ ދެމެދު އޮންނަ ގުޅުމަކީ ތަފާތު ގުޅުމެއް. އާޔާ ކޮންމެ ގޮތަކަށް ނިންމިއަސް އެ ގުޅުމަށް ބުރުލެއް ނާރާނެ ކަމުގައި ޔަޤީންކަންދެން. އާޔާ އެހެން މީހަކު ދެކެ ލޯބިވާނަމަ އެކަމަށްވެސް އަހަރެން އިހްތިރާމް ކުރާނަން.” އިޖާޒް ވާހަކަ ދައްކަމުން ދިޔައިރު އަހަރެން ދިޔައީ ހަމަޖެހެވޭތޯ މަސައްކަތް ކުރަމުންނެވެ.

” ވިސްނާލާނަން. ހިނގާ ގެއަށް ދާން” އަހަރެން ގެއަށްދާން އެދުމުން އިޖާޒް އިތުރު ބަހެއްނުބުނެ ސައިކަލަށް އަރާ ދުއްވާލިއެވެ. ގެއާއި ހަމައަށް ދެވުނު އިރުވެސް ދެމީހުންވެސް އެއްޗެއް ނުބުނަމެވެ. އަދި އެހުރިގޮތަށް ގެއަށް ވަދެގެން އަހަރެން ދިޔައީއެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު މާނޭޥާއެއް ދޫކޮށްލީމެވެ. ފޯނު ނަގާފައި އަވަހަށް ލައިތްއަށް ގުޅާލީ އެވާހަކަވެސް ލައިތްއަށް ކިޔާދިނުމަށްޓަކައެވެ. ދުރުގައި ހުރިނަމަވެސް އެއްވެސް ކަމެއް ސިއްރުކުރަން ބޭނުންނުވާތީއެވެ. ނަމަވެސް އިރުކޮޅަކު ވާޙަކަ ދައްކާފައި ފޯނުބޭއްވި އިރުވެސް އަހަރެން ބުނަން އުޅުނު ވާހަކައެއް ނުބުނެވުނެވެ.

ހިތްހަމަ ޖައްސާލުމަށް ފާހާނާއަށް ވަދެ ފެންވަރަން ފެށީމެވެ. ފެންވަރަށް ހުރިއިރުވެސް އެކި ޚިޔާލުތައް އަހަރެން ވަށާލާފައިވެއެވެ.

“އިޖާޒްއަށް ވަގުތުން ނޫނެކޭ އަހަރެން ނުބުނީ ކީއްވެ ހެއްޔެވެ؟ އަހަރެން ލޯބިވާ މީހަކު ހުންނަ ވާހަކަ އެވަގުތު ބުނެފައި އެކަން ނިންމާ ލެވުނީސް ނޫންހެއްޔެވެ. ލައިތް ކައިރީ އިޖާޒް ވާހަކަ އަހަންނަށް ނުބުނެވުނީ ކީއްވެ ހެއްޔެވެ؟ ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟”

ފެންވަރާލައިގެން ނުކުތްތަނުން އެނދުމަތީގައި އިން ފޮށިގަނޑު އަހަރެންގެ ލޮލުގައި އަޅައިގަތެވެ.

މަޑު މަޑުން ފަރުވާތެރިކަމާއިއެކު އަހަރެން  އެ ފޮށިގަނޑު ކަނޑާލީމެވެ.އޭގައި އެތައް ބައިވަރު ކާޑާއި އެކި ވަރުގެ ހަދިޔާތައް ހުއްޓެވެ. ފަހަރަކު ހަދިޔާއެއް ނަގާ ބަލަމުން ދިޔަ ވަރަކަށް ބުނަން ނޭނގޭ ކަހަލަ އިހްސާސްއެއްކުރުވަމުން ދިޔައެވެ. އޭގައި ހުރީ އަހަރެންމ އުމުރުން 15 ވަނަ އުފަންދުވަހުން ފެށިގެން މިއަދާހަމައަށް ކޮންމެ އުފަންދުވަހެއްގައި އިޖާޒް އަހަރެންނަށްތައްޔާރުކޮށްފައިވާ އުފަންދުވަހުގެ ކާޑުތަކާއި ހަދިޔާތަކެވެ. އަމިއްލައަށް ހަދާފައިވާ ތަކެއްޗާއި  ގަނެފައިވާ ތަކެއްޗެވެ. ފޮށިގަނޑު އެންމެ އަޑީގައި ވަރަށް ރީތިކޮށް ޕާރްސަލްކޮށްފައިވާ ކުޑަ ފޮއްޓެއް އިނެވެ. އަވަސް އަވަހަށް ނަގާ އެ ފޮށި ކަނޑާލީމެވެ. އޭގައި ވަނީ ވަރަށް ރީތި 2 ކެވެލިކޮޅެވެ. އެއާއިއެކުބިއްލޫރި ފުޅިއެއްގެ ތެރޭގައި ހަލާކުނުވާހެން ރައްކާކޮށްފައިވާ އެކި ކަހަލަ މާތަކަކެވެ. އެފޮށި ތެރޭގައި އިތުރު ނޯޓެއްވެސް އިނެވެ.

“އާޔާއަށް، އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށްވުމަށް މީގެ 11 އަހަރުކުރިން އެދުނީ ލޯތްބަކީ ކޮންޗެއްކަން ނޭނގިއެވެ. ވޭތުވެދިޔަ 11 އަހަރު ތެރޭގައި އަހަރެންނަށް އެއްވެސް އަންހެން ކުއްޖަކު ކަމަކު ނުދިޔައެވެ. ހިތް އެދެމުން ދިޔައީ އާޔާ އައި ދުވަހަކުން އާޔާ އަށް ލޯބި ހުށައެޅުމަށެވެ. އަހަރެންގެ ލޯބި ޤަބޫލުކުރާނެކަމަށް އުންމީދު ކުރަމެވެ.”

(ނުނިމޭ)

Share Article

Follow Me Written By

SomeOne

Level 110 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް 50

Next

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 7

Next
March 22, 2021

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 7

Previews
March 20, 2021

ނޭދެމޭ ވަކިވުމެއް 50


All Right Reserved!