Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (14)

Dheem&Eekku Level 410 Stories100 Login500 Login
March 5, 2021 4 Mins Read
0 Comments

ދާނިޝްއާއި ޔީޝާއަށް ވަގުތު ދީފައި ނަހުވާންވެސް ފާޑަކަށް ހެމުން ހެމުން ގޭތެރެއަށް ވަދެގެން ދިޔައެވެ. ނަހުވާން ދިޔުމުން ދާނިޝް ޔީޝާއާ ކައިރިވެލފާއި ވައި އަޑުން ޔީޝާގެ ނަމުން ގޮވާލިއެވެ. ނަމަވެސް ޔިޝާއަށް އެއަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. ދެވަނަ ފަހަރަށް ދާނިޝް ގޮވާލިއެވެ. ކުރިއަށްވުރެ ބާރަށެވެ.

ދާނިޝްގެ އަޑަށް ޔީޝާއަށް ލޯހުޅުވާލެވުނެވެ. ނަމަވެސް އެހާކައިރީ ހުރި ދާނިޝްގެ މޫނު ފެނިފައި ޔީޝާ ސިހުނެވެ. އަދި ލަދުން އިސްޖަހާލެވުނެވެ.

“ނިދިފަތަ ތިއޮތީ؟” ދާނިޝް އަހާލިއެވެ.

“ނޫން.. ނުނިދަން” ޔީޝާ އެއްބަސްނުވުމުގެ ގޮތުން ބޯހޫރާލިއެވެ.

“ދެން ކީއްވެ ގޮވީމަވެސް އަނގައިން ނުބުނެ ތިއޮތީ..” ދާނިޝް ހީލަމުން ބުނެލިއެވެ.

“ނީވުނު ގޮވިއަޑެއް” ޔީޝާ ބުނެލިއެވެ.

“ނިދާފަ އޮތީމަކާ ނީވޭނެއްނު.. ހިނގާ ކާން ދާން.. ކައިގެން ބޭރަށް ދާނީ” ދާނިޝް އެހެން ބުނުމުން ޔީޝާ ބޯޖަހާލާފައި އޭނާގެ ފަހަތުން ހިނގާގަތެވެ.

ތުނޑިއަށް ދާން އޮންނަ ހަނިމަގުން ދުއްވާފައި ދިޔަ ސައިކަލުން އެތަނުގެ ހަމަ ހިމޭން ކަން ނަގާލިއެވެ. މަގުގެ އެއްފަރާތެއްގައި ސައިކަލު މަޑު ކޮއްލުމާއެކު ޔީޝާ ސައިކަލުން ފޭބިއެވެ. އަދި ދާނިޝް އާއެކު ތުނޑިއާ ދިމާއަށް ހިނގާގަތެވެ.

ހިމުން ހުދު ވެލިގަނޑުމަތީ ދެމީހެއްގެ ފިޔަވަޅު ކުރެހެމުން ދިޔައިރު މަޑުމަޑުން އެއްގަމަށް ބީއްސަމުން ދިޔަ ރާޅުތަކުން އެ ކުރެހުންތަށް ފުހެވެމުން ދިޔައެވެ. ފަލަކުގައި ރަސްކަން ކުރަމުން ދިޔަ ބުރުހަމަ ހަނދުގެ ރިހި އަލި މޫދުގެ ލޮނުގަނޑަށް އެޅިފައިވާއިރު ހީވަނީ އެތަށް ހާސް މުތީތަކެއް ބަބުޅަމުންދާހެނެވެ. ހަނދުވަރުގެ އަލިން ފަޒާގައި ފިޔަޖަހަމުން ދިޔަ އެތަށް ހާސް ތަރިތައްވެސް އެއެއްޗެހީގެ އެންމެ ފުރިހަމަކަން ދައްކުވައި ދެމުން ދިޔައެވެ. ޖެހެމުން ދިޔަ ނަލަ ވައިރޯޅިން ފަޒާގައި ތެތް ފިނިކަމެއް އެކުލެވިފައި ވެއެވެ. އެހެން އެއްވެސް އިންސާނެއްގެ ހިލަމެއް ނުވާ އެ ބޮޑު ތުނޑިމަތީ ދާނިޝްއާއެކު އެކަނި ހުރުމުން ޔީޝާގެ ހިތަށް ކުރުވަމުން ދިޔައީ ބުނެދޭން ދަތި އިހްސާސެކެވެ. އިރު އިރުކޮޅާ ދާނިޝްގެ މޫނަށް ބަލާލެވެނީ އެ ޅަހިތުގައި ދާނިޝްގެ ރީތިކަމަށް ތައުރީފު ކުރަމުންނެވެ.  ކަޅުކުލައިގެ ޓީޝާޓާއި ޖިންސުގައި ދާނިޝް މިރޭ ވަރަށް ހިތް ގައިމެވެ.

ޔީޝާއެކޭ އެއްފަދައިން ދާނިޝްވެސް ޔީޝާގެ ރީތިކަމަށް ސާބަސް ދެމުން ދިޔައެވެ. ހުދު ޖިންސާއި ވަޅު ފެހި ކުލައިގެ އަތް ދިގު މަތިކޮޅުގައި ޔީޝާގެ ރީތިކަން އިހުނަށްވުރެ ފުރިހަމަ ކަމަށް ދާނިޝްގެ ހިތް ބުނަމުން ދިޔައެވެ.

ދެމީހުންކުރެ އެކަކުވެސް ވާހަކަ ނުދައްކާތީ އެތަނަށް ވެރިވެފައި ވަނީ މަރުގެ ހަމަ ހިމޭންކަމެވެ. އެ ހަމަހިމޭންކަމުން ހިތަށް އުނދަގޫވަމުން ދިޔަނަމަވެސް އެ ހަމަހިމޭންކަން ނަގާލާކަށް އެކަކުވެސް ބޭނުމެއް ނުވާފަދައެވެ. މަޑު ފިޔަވަޅުތަކުގައި ދެމީހުން ކުރިއަށް ހިނގަމުން ދިޔައެވެ. އެހެން ހިނގަމުން ދަނިކޮށް ދާނިޝްގެ އަތްތިލަ ޔީޝާގެ އަތްތިލާގައި ބީހިލިއެވެ. ފާޑަކަށް ރަކިވެފައި ދާނިޝް ހީލުމުން ޔީޝާ އެއަތުގައި ހިފާލިއެވެ.

އަމިއްލައަށް އިސްވެ ޔީޝާގެ އޭނާގެ އަތުގައި ހިފުމުން ދާނިޝްގެ ހިތް އުފަލުން ފޮޅުނެވެ. އަދި ލުއި ހިނިތުންވުމަކާއެކު ޔީޝާގެ ހިމަ އިނގިލި ތަކުތެރޭ ދާނިޝްގެ ދިގު އިނގިލިތަށް ހެޔޮވަރު ކޮއްލިއެވެ. އިރުކޮޅަކު ހިނގާލާފައި ދެމީހުންވެސް ފަސްގަނޑުމަތީ އިށީނެވެ.

އަތުކުރީ އޮތް ވޫލު ކޮޅު އަތަށް ހެޔޮވަރު ކޮއްލާފައި ވަޔާ ނަށަމުން ދިޔަ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލުމަށް ޔީޝާ އަތް ހިއްލާލިއެވެ. ނަމަވެސް ދާނިޝް އެއަތުގައި ހިފާ އެކަން ހުއްޓުވިއެވެ.

“އިސްތަށިގަނޑު ދޫކޮއްލާފައި ހުރީމަ ޔީޝް މާ ރީތި.. އަހަންނަށް ވަރަށް ކަމުދޭ ޔީޝްގެ ތި އިސްތަށިގަނޑު ދޫކޮއްލާފަ އޮތީމަ” ދާނިޝްގެ ޖުމްލައިން ޔިޝާ ލަދުގަތެވެ. އަދި އޭނާގެ އިސްތަށިގަނޑު އެއްފަރާތުން ކޮނޑުމައްޗަށް ދޫކޮއްލާފައި ވޫލުކޮޅު އަތުގައި އަޅުވާލިއެވެ.

“އަހަންނަށް ކަމުދާ ވަރަށް ގިނަ ސިފަތަށް ޔީޝްގެ އެބަހުރި.. ހަމައެކަނި ސިފަޔަކު ނޫން އުޅުމުގަވެސް.. ޔީޝްއަށް އަހަރެންގެ ކަމުދާ ސިފަތަކަކީ ކޮބާ؟” ޔީޝާގެ އަތް ގެނެސް ދާނިޝްގެ އުނގުމަތީގައި ބާއްވަމުން ދާނިޝް އަހާލިއެވެ.

“އުމްމް.. ދާނިޝްގެ ފަރާތުން އަހަންނަށް ކަމުދާ ސިފަތަށް ކިޔާ ދޭންވެއްޖެއްޔާ އަލިވިލޭރުވެސް ކިޔައެއް ނުދެވޭނެ ކަންނޭގެ” ޔީޝާ ބުނެލިއެވެ.

“ޔީޝްގެ ދުލުން ދައްކ ާވާހަކައެއް ކިތަންމެ ގިނައިރުވިއަސް އަޑުއަހާކަށް އަހަންނަކަށް ފޫއްސެއް ނުވާނެ..” ދާނިޝް ބުނެލިއެވެ.

“އެއީ؟ އަހަންނަށް ހަމަ ޔަގީން ގަޑީރެއް ވާއިރު ދާނިޝް ހުންނާނީ ނިދި އައިސްފަކަން” ޔީޝާ ހެމުން ބުނެލިއެވެ.

“ނުވާނެ.. އެއަށްވުރެ ބޮޑަށް އަހަރެން ޔީޝްދެކެ ލޯބި ވޭ” ދާނިޝް އެހެން ބުނުމުން ޔީޝާގެ ހުނުން މައިތިރި ކުރަން މަޖުބޫރުވިއެވެ. ދާނިޝްގެ ދުލުން އެފަދަ ބަސްތަށް އިވުމުން ޔީޝާގެ ދެކޯތާފަތް ރަތް ވެގެން ދިޔައެވެ. މީގެ ކުރިން ކުދިންނާ ރައްޓެހިވެފައި ވީނަމަވެސް ދާނިޝް ފަރާތުން ނޫނީ އަބަދުހެން އެފަދަ ހުވަފެނީ ބަސްތަކެއް ޔީޝާ އަހާފައެއް ނުވެއެވެ. ދާނިޝްއާ މެދު އޭނާގެ ހިތުގައި ހާއްސަކަމެއް ދެވިފައި ވަނީވެސް އެހެންވެ ކަންނޭނގެއެވެ.

“ދެން ތިހެންވިއްޔާ ބުނެބަލަ އަހަރެންގެ ހުންނަ ޔީޝްއަށް ކަމުނުދާ ސިފައެއް” ދާނިޝް ބުނެލިއެވެ.

ޔީޝާ ދުރު ބަލާލަމުން ވިސްނާލިއެވެ. މިހާތަނަށް ދާނިޝްގެ ފަރާތުން ޔީޝާ ހިތް ހަމަ ނުޖެހޭ ސިފައެއް ފެނިފައެއް ނުވެއެވެ. ދާނިޝްގެ ފަރާތުން ޔީޝާއަށް ލިބިފައިވަނީ ލޯތްބާ ހިތްހަމަ ޖެހުމެވެ. ޔީޝާ ހިތުގަ ޖެހޭ ނޫނީ ރުޅިއަންނަ އެއްވެސް ކަހަލަ ކަމެއް ކޮއްފައެއް ނުވެއެވެ. އޭގެ އިތުރުން ދާނިޝްއަކީ އަހްލާގު ރަނގަޅު ހަރުދަނާ މީހެކެވެ. ކެހިވެރިންނާ ދޮގުވެރިން އުޅޭ މިދުނިޔޭގައި ދާނިޝް ކަހަލަ ޒުވާނަކީ ރަން މުތެކެވެ.

“ތެދަށް ބުނަންޔާ ކަމުނުދާ އެއްވެސް ސިފައެއް ނެތް.. ދާނިޝް ތިއީ އަހަރެންނަށް ކަމުދާ ހުރިހާ ސިފައެއް ހުރިމީހެއް” ޔީޝާ ބުނެލިއެވެ.

“ޔީޝް.. އެއްޗެކޭ ހީނުކުރާ މަތިން އަހަރެން ވާހަކައެއް އަހާލަންތަ؟” ދާނީޝް ވަރަށް ސީރިއަސްވެލާފައި އެހެން އެހުމުން ޔީޝާ ކިހިނެއްވީހޭ އެހިއެވެ.

“ޔީޝް މެރީކުރަން ބޭނުންވަނީ ކޮންއިރަކުން..؟ މިބުނީ މެރީކުރުމާމެދު ޔީޝްގެ ހިޔާލަކީ ކޮބާ؟” ދާނިޝް އަހާލިއެވެ. ދާނިޝްގެ ފަރާތުން މިހާ އަވަހަށް ކައިވެނީގެ ވާހަކަ އިވުމުން ޔީޝާ ކުޑަކޮށް ހައިރާންވިއެވެ. ދޭނެ ޖަވާބެއް ނޭނގިފައި ހުރެވުނެވެ.

“ކިހިނެއްވީ؟ އަހަރެން މިއަހަނީ މިހާރުން މިހާރަށް އަހަންނާ އިންނާނަން ހެއްޔެކޭ ނޫނޭ.. ކައިވެންޔާ މެދު ޔީޝްގެ ވިސްނުމާ ހިޔާލު ހުރިގޮތެއް ބަލާލާ ހިތްވީ.. އޭރުންތާ ދޯ އަހަންވެސް އިނގޭނީ” ދާނިޝް ބުނެލިއެވެ.

“އަސްލު ކައިވެންޏާ މެދު އަހަރެން އަދި ނުވިސްނަން.. އެކަމު މިހާރު މިހުރީ އެކަހަލަ ކަންކަމާ ވިސްނަންވީ އުމުރަށް އަޅާފަ.. ލޯބިވާ އިތުބާރުކުރެވޭ މީހަކާ ބައްދަލުވީމަ ހަމަ އިންނަންވީ ދޯ ” ޔީޝާ ބުނެލިއެވެ.

“އެހެންވީމަ މިހާރު އަހަރެން އިންނަން އަހާފިއްޔާ ޔީޝްގެ ޖަވާބަކީ ކޮބާ؟” ދާނިޝް އަހާލިއެވެ.

ޔީޝާގެ ދޫަބަންދުވިއެވެ. ޔީޝާ ދާނިޝްދެކެ ލޯބިވެއެވެ. ދާނިޝްއަށް އިތުބާރު ކުރެވެއެވެ. ނަމަވެސް ޔީޝާ އަދި ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫނެވެ. އެފަދަ ކަމަކާ ހިޔާލުވެސް ނުކުރެއެވެ. ނަމަވެސް ދިމާލަށް ނޫނެކޭ ބުނާކަށް ޔީޝާއަކަށް ނުކެރުނެވެ. ޔީޝާއަށް ބުނެވޭ އެއްޗަކުން ދާނިޝް ދެރަވާކަށް ޔީޝާ ބޭނުމެއް ނޫނެވެ.

“ބަލާ.. ޝޫޓިން ސްޓާއެއް” ޔީޝާގެ ޖަވާބަކަށް އިންތިޒާރުގައި ހުރި ދާނިޝް ސިހުނީ ކުއްލިއަކަށް ޔީޝާ އުޑާ ދިމާއަށް ބަލާލާފައި އެހެން ބުނުމުންނެވެ.

“އަވަހަށް ވިޝްއެއް ކޮއްލާ.. މިކަހަލަ ނަސީބެއް ލިބޭނީ ވަރަށް މަދު ފަހަރަކު ” ޔީޝާ ދެލޯ މަރާލަމުން ބުނެލިއެވެ.

“ޔީޝް އެކަހަލަ އެއްޗެހިވެސް ގަބޫލުކުރަންތަ؟” ޔީޝާގެ މޫނަށް ބަލަންހުރި ދާނިޝް ހެވިފައި އަހާލިއެވެ.

“ނޫނޭ.. ގަބޫލުކުރަނީކީ ނޫން.. އެކަމު ހަމަ ވިޝްއެއް ކޮއްލީ.. ދެން އެނގިދާނެއްނު ވިޝް ފުރިހަމަ ވޭތޯ ނޫނީ ނުވޭތޯ” ޔީޝާ އެހެން ބުނުމުން ދާނިޝްވެސް ބޯޖަހާލާފައި ދެލޯ މަރާލިއެވެ. އަދި ދާނިޝްގެ ވިޝް އޭނާ ހިތުލިއެވެ.

“ކޮންކަމަކަށް ތިޔަ ވިޝްކުރީ؟” ދާނިޝްގެ ކޮނޑުގައި ބޯއަޅާލަމުން ޔީޝާ އަހާލިއެވެ.

“ނުބުނާނަން.. އޭރުން ވިޝްއެއް ފުރިހަމައެއް ނުވާނެ ދޯ.. އަހަރެންގެ ވިޝް ފުރިހަމަ ވެއްޖެއްޔާ އަހަރެން ޔީޝް ކައިރީ ބުނާނަން” ދާނިޝް ބުނެލިއެވެ.

“އޯކޭ ފައިން.. ތިހެން ވިއްޔާ ޔީޝް އެއްވެސް ނުބުނާނަން.” ޔީޝާ އެހެން ބުނެފައި ދާނިޝްގެ ކޮނޑުން ބޯނެގިއެވެ.

“ޔީޝް.. ތެންކިއު އިނގޭ އަހަރެންގެ ލޯބި ގަބޫލު ކުރީމަ.. އަސްލު އަހަރެން ހަޔާތުގަވެސް އެންމެ ބޮޑަށް ލޯބި ވެވުނު ކުއްޖަކީ ހަމައެކަނި ޔީޝް.. އަހަރެން ބޭނުންވަނީ އަހަރެންގެ އެންމެ ފަހު ނޭވަޔާ ހަމައަށްވެސް ޔީޝްއާއެކު ވާން.. ޔީޝް އަހަރެން ދޫކޮށެއް ނުލާނަންދޯ.. ޔީޝް އަހަރެންދެކެ އުމުރަށް ލޯބިވާނަންތަ” ޔީޝާގެ ކޮނޑުގައި ދެއަތުން ހިފާލަމުން ދާނިޝް ކުއްލިއަކަށް ބުނެލިއެވެ. ޔީޝާ އިސްއުފުލާލުމުން ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ.

ދާނީޝް ބަލަން ހުރިގޮތުން ޔީޝާގެ ނޭވާ ހޮޅިތެރޭ ތާށިވިއެވެ. ކަޅިވެސް ޖަހާލަން ނޭނގިފައި ޔީޝާއަށް ދާނިޝްގެ ފުންކަނޑެއްފަދަ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ.

ޔީޝާގެ ދުލުން ޖަވާބެއް ނައި ނަމަވެސް އެދެލޮލުން ޔީޝާވެސް އޭނާދެކެ ލޯބިވާކަން ދާނިޝްއަށް ޔަގީންވިއެވެ. ދާނިޝްގެ ހިތަށް ފިނިކަން ލިބިގެން ދިޔަވަގުތު އެ ހަށިގަނޑު ކޮންޓުރޯލުން ނެއްޓިގެން ދިޔައެވެ. ހިތުގައި އުތުރި އަރައި ގަތީ އެހެންކަހަލަ އިހްސާސެކެވެ. ޔީޝާގެ ހަށިގަނޑު ގެނެސް އޭނާގެ ހަށިގަނޑާ ލައި ފިއްތާލަން ބޭނުންވިއެވެ. އެތުނި ތުންފަތަށް ބޮސްދޭން ބޭނުންވިއެވެ. ޔީޝާގެ އެރީތިކަމަކީ ކޮންފަދަ ޖާދޫއެއް ހެއްޔެވެ. ދާނިޝްގެ އަމިއްލަ ހިތަށް ސިކުނޑި ވިސްނަ ދެމުން ދިޔަނަމަވެސް އޭނާގެ ހިތް އަނެއްކޮޅަށް ލެބެން ފެށިއެވެ.

ދާނިޝްގެ މޫނު ފަހަރަކަށް ވުރެ ފަހަރެއް ކައިރިވަމުން ދާ މަންޒަރު ބަަލަން ޔިޝާއަށް ހުރެވުނީ ހުއްޓުވަން ބޭނުން ނުވެގެނެއް ނޫނެވެ. ނަމަވެސް އޭނާގެ ހިތްވެސް އެކަމަށް ބޭނުންވާތީއެވެ. ޔީޝާގެ ހިތުގައިވެސް އެފަދަ އިހްސާސެއް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. އޭނާގެ ހިތް ނުތަނަވަސް ވަމުން ދިޔަނަމަވެސް އެ ފޮނި އިހްސާސް އޭނާ ބޭނުންވެއެވެ. ޔީޝާގެ އަތް ދާނިޝްގެ މޭމަތީ ބާއްވާ ލެވުނީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ. ދެމީހުންގެ ނޭވާ އިހްސާސްވާހާ ކައިރިވެވުނު އިރު ދެމީހުންގެ ދެލޯ ވަނީ މެރިފައެވެ. އެ ވަގުތު ކުރެވެމުން ދިޔަ ފޮނި އިހްސާސްތަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެން އެދެ ހިތްވެސް ބޭނުމެވެ. ނަމަވެސް ދާނިޝްގެ ތުންފަތް ޔީޝާގެ ތުންފަތުގައި ބީހިލުމުގެ ކުރިން ދެމީހުން ސިހިގެން ދިޔައީ އެމީހުން ތިބި ދިމާ ގަސްތަކު ތެރެއިން އަޑެއް އިވިގެން ދިޔުމުންނެވެ. ސިއްސައިގެން ދިޔަވަރުން ދެމީހުނަށްވެސް ދެލޯހުޅުވާލާފައި ފަރާތް ފަރާތް ބަލާލެވުނެވެ.

“ރުކަކުން ކާއްޓެއް ވެއްޓުނު އަޑު ކަންނޭނގެ” ބިރުގަނެފައިވާ ޔީޝާ ހަމަ ޖައްސައި ދިނުމަށް ދާނިޝް ހީލަމުން ބުނެލިއެވެ.

ދާނިޝް އެހެން ބުނުމާއެކު އެދެމީހުންގެ ދެމެދަށް ވެރިވީ ގޮތް ނޭނގޭ ހަމަހިމޭން ކަމެކެވެ. އޭރު އެދެމީހުންގެ މޫނުވެސް ވަނީ ލަދުން ރަތްވެފައެވެ. ގަސްތަކު ތެރެއިން އެއިވުނު އަޑު ނީވުނު ނަަމަ އެދެމެދު ހިނގާނީ ކޮންފަދަކަމެއްވެސް ނޭނގެއެވެ. އެ ވަގުތު އެމީހުންގެ ހިމާޔަތަށް އައީ ޔީޝާގެ ފޯނަށް އައި ކޯލެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

އިމްތިޙާން 63 (ފަހުބައި)

Next

ތިޔަ ލޯތްބަށް އެދެމޭ – 3

Next
March 5, 2021

ތިޔަ ލޯތްބަށް އެދެމޭ – 3

Previews
March 5, 2021

އިމްތިޙާން 63 (ފަހުބައި)



All Right Reserved!