Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (15)

Dheem&Eekku Level 410 Stories100 Login500 Login
March 10, 2021 5 Mins Read
0 Comments

“ރުކަކުން ކާއްޓެއް ވެއްޓުނު އަޑު ކަންނޭނގެ” ބިރުގަނެފައިވާ ޔީޝާ ހަމަ ޖައްސައި ދިނުމަށް ދާނިޝް ހީލަމުން ބުނެލިއެވެ.

ދާނިޝް އެހެން ބުނުމާއެކު އެދެމީހުންގެ ދެމެދަށް ވެރިވީ ގޮތް ނޭނގޭ ހަމަހިމޭން ކަމެކެވެ. އޭރު އެދެމީހުންގެ މޫނުވެސް  ވަނީ ލަދުން ރަތްވެފައެވެ. ގަސްތަކު ތެރެއިން އެއިވުނު އަޑު ނީވުނު ނަަމަ އެދެމެދު ހިނގާނީ ކޮންފަދަކަމެއްވެސް ނޭނގެއެވެ. އެ ވަގުތު އެމީހުންގެ ހިމާޔަތަށް އައީ ޔީޝާގެ ފޯނަށް އައި ކޯލެކެވެ.

****

“އެސްކިއުސް އިނގޭ” ޔީޝާ ފޯނު ނަގަމުން ބުނެލިއެވެ.

“ހަލޯ.. ކީކޭ މަންމާ.. އާން.. ނޫން މިއުޅެނީ ބޭރުގަ. ގެއަށް ގޮސްފަ ގުޅާލާނަން އިނގޭ” ދާނިޝްގެ ހުއްދަޔާއެކު ޔީޝާ ފޯނަށް ޖަވާބު ދިނެވެ.

“ކީކޭ މާމާ.. އާން އަޅުގަނޑު ރަނގަޅޭ.. ލައްބަ.. ތަ.. ތަވީދު.. ތަވީދު އެބައޮތޭ.. ނުނަގަމޭ” ހައްވާދީ ތަވީދުގެ ވާހަކަ ފެށުމުން ޔީޝާ އަވަހަށް ބުނެލިއެވެ. އިރުކޮޅަކު ހައްވާދީއާ ވާހަކަ ދައްކާލާފައި ޔީޝާ ފޯނު ބޭއްވީ ގެޔަށް ގޮސްފައި ގުޅާނަން ކަމުގައި ބުނެފައެވެ.

“މަންމަ އެގުޅީ.. މާމަ ގެޔަށް ދިޔަތަނާ މާމަ ބުނީއޯ ޔީޝްއާ ވާހަކަ ދައްކާލަން ބޭނުންވޭ. އެހެންވެ.. ” ފޯނު ޖިންސު ޖީބަށް ލަމުން ޔީޝާ ބުނެލިއެވެ.

“ކޮން ތަވީދެއްގެ ވާހަކަ ތިދެއްކީ؟ ޔީޝް ތަވީދުވެސް އަޅަންތަ؟” ދާނިޝް އަހާލިއެވެ.

“ކުރިން އެޅިން.. އެއީ މާމަ ނުނަގާށޭ ކިޔާފަ އެޅުވި އެއްޗެ.. މީހުންގެ އެސްފީނައިން ސަލާމަތް ވާނޭ ކިޔާފަ.. އެކަމު މިހާރު އެތަވީދު ގެއްލުނު ފަހުން ދުވަސްކޮޅެއް ވެއްޖެ” ޔީޝާ ބުނެލިއެވެ.

“ޔީޝްގެ މާމަމެން އެކަހަލަ އެއްޗެހި ގަބޫލު ކުރޭ ދޯ..” ދާނިޝް ފަހަތަށް އަތް ދަމާލާފައި ވެލިގަނޑުމަތީ ވިއްދާލިއެވެ.

“މާމަ އަކީ ކުރިން އެކަހަލަ ކަންތަށް ކޮށް އުޅުނު މީހެއް.. އެކަމު މިހާރު ބަލިވީމަ އެކަހަލަ ކަންކަމާ ވަރަށް ދުރު.. ދާނިޝް ގަބޫލެއް ނުކުރަން ދޯ ޖިންނި ޝައިތޯނުންނެއް” ޔީޝާ އަހާލިއެވެ.

“ނޫން.. ޖިންނީން އުޅޭކަން ގަބޫލުކުރަން.. އެކަމު ތަވީދާ ހަށި ރައްކަލަށް ކުރާ ކަންކަން އެހާ ގަބޫލެއް ނުކުރެވޭ.. ކޮންމެ ގޮތެއްވިއަސް އަހަރެމެންނަށް ރައްކާތެރިކަން ދެއްވާނީ އެންމެ ފަރާތަކުން.. އެއީ ތަވީދެއްގެ މޮޅު ކަމަކުންނެއް ނޫން.. ޔީޝް ކީއްވެ ތަވީދު އެބައޮތޭ ކިޔާފަ ދޮގު ތިހެދީ” ދާނިޝް އަހާލިއެވެ.

“އަހަރެން އަތުން ތަވީދު ގެއްލިއްޖޭ ބުނާއިރަށް މާމަ ވަރަށް ކަންބޮޑުވާނެ.. ބުނެދާނެ އެންމެ އަވަހަށް ފެރީއޮތް ދުވަަހަކުން ރަށަށް ދާށޭވެސް.. އަހަރެން ހަނދާނެއް ނުހުރޭ އަހަރެން ގައިގަ މިތަވީދު ނެތް އިރެއް.. ބައެއްފަހަރު އަހަރެން ހިތަށް އަރާ ކީއްވެ ބާއޭ ހަމައެކަނި އަހަރެންގެ އުނަގަނޑުގަ ތަވީދު އަޅުވަންވީ..” ޔީޝާ ބުނެލިއެވެ.

“އެވެދާނެއްނު ޔީޝް ރީތި ވީމަ މާމަ ކަންބޮޑުވަނީ ކަމަށް.” ދާނިޝް އެހެން ބުނީ ސަމާސާއަކަށެވެ. ޔީޝާވެސް ބޯހޫރާލާފައި ހޭން ފެށިއެވެ.

“ދެން ހިނގާދޯ ދާން.. މިހާރު މާލަސްވެއްޖެ. މިހާރު އަފާމެންވެސް ގެއަށް ގޮސްދާނެ” ޔީޝާ އެހެން ބުނެފައި ތެދުވެ ޖިންސުގައި ހުރި ވެލިތަށް ފޮޅާލިއެވެ. ދާނިޝްއާ ދިމާއަށް އަތް ދިއްކޮއްލުމުން ދާނިޝް އެއަތުގައި ހިފިއެވެ. ދާނިޝްއާ އަތާ އަތް ޖޯޑު ކޮށްގެން ޔީޝާ ހިނގާގަތެވެ.

ގޭކައިރިއަށް ސައިކަލު މަޑުކޮއްލުމުން ޔީޝާ ސައިކަލުން ފޭބިއެވެ. ދޮރާށިން އެތެރެއަށް ވަދެފައި ޔީޝާމެން އުޅޭބަޔަށް ދާ ސިޑިކައިރީ ދެމީހުން މަޑުކޮއްލިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ތިބެފައި އެރެއަށް އަލްވަދާއު ކީ ބާއްޖަވެރި ރެއަކަށް އެދެމުންނެވެ. ދާނިޝް އޭނާގެ ގެއަށް ދާން ހިނގާގަތުމުން ޔީޝާވެސް ސިޑިއަށް އަރަން ހިނގާގަތެވެ. ނަމަވެސް ސިޑީގެ މެދަކާ ހަމައަށް އެރުނު ތަނާ ޔީޝާގެ ފޯނަށް އައީ މެސެޖެކެވެ. އެއީ އަފާއެވެ.

ގެއަށް އަންނަ މަގުމަތީ އެއްޗެއް ގަނެދޭށޭ ކިޔާފައި ފޮނުވި މެސެޖެކެވެ. ގެއަށް ވަނުމުގެ ބަދަލުގައި ޔީޝާ ހިނގާގަތީ ބޭރަށެވެ. ދާނިޝް އާއެކު ދާ ހިޔާލު ދޫކޮއްލާފައި އެކަނި ހިނގާގަތީ އެމަގުގައި ކަންމައްޗަށް ހުންނަ ފިހާރައަށް ދާނީއޭ ހިތަށް އެރުމުނެވެ.

އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ޔީޝާ މަގުގެ އެއްފަރާތުން ހިނގަމުން ދިޔައެވެ. އެހެން ދަނިކޮށް މީހަކު ފަހަތުން އަންނަ ކަހަލަ އިހްސާސެއް ކުރެވެން ފެށުނެވެ. ދެފަހަރަކު ފަހަތަށް އެނބުރި ބަލާވެސް ލެވިއްޖެއެވެ. ނަމަވެސް އެތަނަކުން އެއްވެސް މީހެއް ޔީޝާއަކަށް ނުފެނުނެވެ. ޔީޝާ ނޫން އެހެން މީހަކު ނުވެސް ނެތް މަގަގުން ފެންނާނީ ކާކުހެއްޔެވެ. އެއީ ކުރެވުނު ކުއްހީއެއް ކަމަށް ހީކޮށް ޔީޝާ އެކަމަކާ އަޅައެއް ނުލައެވެ. ކުރިއަށް ވުރެ ބާރަށް ފިހާރައާ ދިމާއަށް ހިނގާގަތެވެ.

ފިހާރައާ ހަމަވިތަނާ ޔީޝާ ސިއްސައިގެން ދިޔައީ ކުރިމައްޗަށް ވާގޮތަށް ފާރުމަތިން ފުންމާލި ކަޅުބުޅާ ފެނިފައެވެ. ސިހުނު ވަރުން ޔީޝާއަށް ހަޅޭ ލަވައި ގަނެވުމުން އެބުޅާވެސް “މިޔާއޯ” އޭ ކިޔާ ގޮވާގަނެފައި އޭތީގެ ރައްކާތެރިކަމަށް ދުއްވައިގަތެވެ. މޭގައި އަތް އަޅައިގެން ހުރި ޔީޝާ ދެވަނަ ފަަރަށް ސިހުނީ ފިހާރާގައި ހުރި މީހާ ބޭރަށް ބޯދިއްކޮއްލާފައި ބަންދު ކުރާ ގަޑި ޖެހެނީއޭ ބުނުމުންނެވެ. ދެންމެ އެފެނުނު ބުޅާ މަތިން ހަނދާން ނައްތާލަމުން ޔީޝާ އަވަހަށް ފިހާރައަށް ވަނެވެ. ބޭނުންވާ އެއްޗެހި ގަނެގެން ފިހާރައިން ނުކުމެ ޔީޝާ މަގުގެ ދެފަރާތް ބަލާލިއެވެ. މަގުގައި އެއްވެސް މީހެއް ފެންނަން ނެތުމުން ޔީޝާ ހިތް ނުތަނަވަސްވިއެވެ.

ހިނގާގަންނަން ނުކެރިފައި ހުއްޓާ ފިހާރާގައި އިން ސޭޓު މީހާވެސް އެރެއަށް ވިޔަފާރި ނިންމާލާފައި ފިހާރަ ބަންދު ކޮއްފިއެވެ. އެމީހާވެސް ސައިކަލަށް އަރާ ދުއްވާލުމުން ޔީޝާއަށް އިތުރަކަށް އެތަނުގައި ހުންނާކަށް ނުކެރުނެވެ. ހިތަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ޔީޝާ ގެޔާ ދިމާއަށް ހިނގާގަތެވެ. ބިރުގަނެފައި ހުރިވަރުން ދާންވީ މަންޒިލްވެސް ދުރުހެން ޔީޝާއަށް ހީވިއެވެ. ބާރު ފިޔަވަޅުގައި ކުރިއަށް ދަމުން ދިޔަ ޔީޝާއަށް އަނެއްކާވެސް މީހަކު ފަހަތުން އަންނަހެން ހީވާން ފެށިއެވެ. ފަސްއެނބުރި ބަލާލިއިރު އެތަނަކު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ޔީޝާގެ ހިތަަށް ބިރުވެރިކަން ވެރިވިއެވެ. ކުރުޝި ކިޔަމުން ޔީޝާ ގެޔާ ދިމާއަށް ދުއްވައި ގަތެވެ. ފަހަތުން އިވެމުން ދިޔަ ފިޔަވަޅުގެ އަޑުވެސް ބާރުވާން ފެށިހެން ޔީޝާއަށް ހީވިއެވެ. ދެވަނަ ފަހަރަށް ފަހަތް ބަލާލާކަށް ޔީޝާއަކަށް ނުކެރުނެވެ. ދުވަމުން ދުވަމުން ދަނިކޮށް ޔީޝާ ލައިގަތީ މީހެއްގެ ގައިގައެވެ. އެމީހާގެ ބިޔަ ހަށިގަނޑުގައި ޔީޝާ ލައިގަތުމުން ފަހަތަށް ނުވެއްޓުނީ ކިރިޔާއެވެ.

ސޮރީއޭ ކިޔަމުން ޔީޝާ އިސްއުފުލާލާ ކުރިމަތީީ ހުރި މީހާއާ ދިމާއަށް ބާލާލިއެވެ. ކުރިމަތީގައި ހުރީ ޔީޝާ މީގެ ކުރިން ދެކެފައިވާ މީހެއް ނޫނެވެ. ހަށިގަނޑު ބިޔަވެފައި ވަރުގަދައިރު ހަމުގެ ކުލަވެސް ފުދޭވަރަކަށް ކަޅެވެ. ބޮލުގެ އިސްތަށިގަނޑުގައި ނުރައިގެ އަސަރު ފެންނަން ހުރިއިރު އެއީ ފުދޭވަރަކަށް ދުވަސްވީ މީހެއްކަން ޔީޝާއަށް އެނގުނެވެ. މޫނުމަތީ ތުނބުޅި މަތިމަހުގެ އަސަރު ހުރީރު މޫނުމަތީގައި ފިއްތަކެއް ފާޑު އެއްޗެހިތަކެއް ނަގާފައި ހުއްޓެވެ. އެމީހާގެ ދެލޯވެސް ހުރީ ރަތްވެފައެވެ. އެމީހާ ބަލަން ހުރި ނުރައްޓެހި ގޮތުން ޔީޝާއަށް އުނދަގޫވިއެވެ. އަދި އެއްފަހަރު ސޮރީއޭ ބުނެ ޔީޝާ ހިނގާ ގަތެވެ. އޭރު ޔީޝާއަށް ހުރެވުނީ ގެއާ ވަރަށް ކައިރީގައެވެ.

ގޭގެ ދޮރާށިން އެތެރެއަށް ވަންނަމުން ޔީޝާ އަދި އެއްފަހަރު އެމީހާ ހުރިތޯ ބަލާލިއެވެ. ނަމަވެސް ޔީޝާއަށް ލިބުނީ ހައިރާންކަމެވެ. މިހާ އަވަހަށް އެމީހާ އެދިޔައީ ކޮންތާކަށް ބާއޭ ޔީޝާ ހިތަށް އެރިއެވެ. އަނެއްކާ އެމީހާ އެވަނީ ޖެހިގެން މިހިރަ ގެޔަށް ބާވައެވެ. އެއީވެސް ވެދާނެ ކަމެކެވެ.

އެފަދަ ހިޔާލުތަކެއްގައި ޔީޝާ އެތެރެއަށް ވަނެވެ. އަދި އަވަސް އަވަހަށް ސިޑިން  މައްޗަށް އަރާ ގެއަށްވަނެވެ. ގެއަށް ވަދެވުމާއެކު އަތުގައި އޮތް ކޮތަޅު މޭޒުމަތީ ބަހައްޓާފައި ޔީޝާ ސޯފާއަށް ވެއްޓިގަތެވެ. ކަށިދިގު ފައިވާނެއްގައި ބާރަށް ދުވެފައި އައުމުން ޔީޝާގެ ފަޔަށް ވަނީ ތަދެއް އަރާފައެވެ. ފައިގެ ކުޑަހުޅުގައި ފިރުމާލާފައި ޔީޝާ ކޮޓަރިއާ ދިމާއަށް ހިނގާގަތެވެ. އަވަހަށް ފެންވަރާލައިގެން ޔީޝާ ނިދަން އޮށޯތެވެ.

ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. ޔީޝާއާއި ދާނިޝްގެ ލޯބީގެ ދުވަސްތަށް ގުނަމުން ދިޔައީ ދެފަރާތުގެ އާއިލާގެވެސް ރުހުމާއެކުއެވެ. މިހާރު ރަށުގެ ގިނަމީހުނަށްވެސް އެވާހަކަ އިނގިއްޖެއެވެ. ދެމީހުން އެކީ ސައިކަލުގައި ތަންތަނަށް ދާތަން ފެނުމުން ބައެއްމީހުންގެ ނުރުހުމުގެ ބަސްތަށް އަމާޒުވަމުން ދިޔަނަމަވެސް ޔީޝާއާއި ދާނިޝް އެކަމަކާ އަޅައެއް ނުލައެވެ.

ހުކުރު ވިލޭރެއެވެ. ކުއްލިގޮތަކަށް އަފާގެ ކާފަ ނިޔާވުމުން އަފާ ރަށަށް ދާން ޖެހުނެވެ. އެހެންކަމުން ޔީޝާއަށް އެ ހަފްތާ ނިދަން ޖެހުނީ އެކަނިއެވެ. ފަަހަކަށް އައިސް ޔީޝާ އެކަނި ނިދާކަށް ބިރެއް ނުގަނެއެވެ. ކޮންމެ ރެއަކުހެން ޔީޝާގެ ނިދި ނަގާލާ ހުވަފެންތަށް މިހާރު ނުފެންނާތީ ކަންނޭގެއެވެ.

ފާހަނައަށް ވަދެ ތާޒާ ވެލައިގެން ޔީޝާ ނިދަންލާ ކުރު ސޯޓާ ޓީސާޓު ލިއެވެ. ދާނީޝްއަށް މެސެޖު ކުރަމުން އައިސް ޔީޝާ ކޮޓަރި ކުޑަދޮރު ކައިރީ މަޑުކޮއްލިއެވެ. އޭރު ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ގޭގެ ބިއްދަށު ފަރާތުގައި ހުރި ބިޔަ ގަސްތަށް ވަޔާ ހެލޭ މަންޒަރު ބަލަން ޔީޝާ ހުރީރު ދޭތެރެއަކުން ދާނިޝްގެ މެސެޖުތަކަށް ޖަވާބު ދެމުން ދިޔައެވެ. އިރުކޮޅަކު އެހެން ހުރެފައި އެރެއަށް ވާހަކަ މެދުކަނޑާލީ ނިދިއަންނަ ގޮތް ވުމުންނެވެ. ކުޑަދޮރު ލައްޕާލާފައި ޔީޝާ އެނދަށް އެރިއެވެ. އަދި ގައިގައި ރަޖާ އަޅާލާފައި ކޮޓަރީގެ ބޮކިތަށް ނިއްވާލިއެވެ. އެ ފިނިރޭގެ އަރާމު ނިދީގެ ދަހިވެތިކަމުގައި ޔީޝާ ދެލޯ މަރާލިއެވެ. އިރުތަކެއް ނުވެ ޔީޝާއަށް ނިދުނެވެ.

ނިދިފައި އޮތް ޔީޝާއަށް ދެފަރާތަށް ފުރޮޅިލެވުނީ މީހަކު އޭނާގެ ދެއަތުގެ މަތިން ތިރިއަށް ފިރުމާލުމުންނެވެ. ދެވަނަ ފަހަރަށްވެސް ޔީޝާގެ ކަނދުރާ ކައިރިން ދިގު އިނގިލިތަކެއްގެ ފިރުމުން އިހްސާސްވިއެވެ. އުނދަގޫވެގެން ޔީޝާއަށް ކުޑަކޮށް ލޯހުޅުވާލެވުނެވެ. ނަމަވެސް އެތަނަކު މީހެއް ނެތްކަން އެނގުމުން އަނެއްކާވެސް ދެލޯ މަރާލިއެވެ. ޔީޝާގެ ނިދީގެ ތެރެއަށް ގެނބިގެން ދިއުމާއެކު މަޑުމަޑުން އޭނާ ލައިގެން ހުރި ޓީސާޓު މައްޗަށް ހިއްލެން ފެށިއެވެ. ޔީޝާގެ ހަށިގަނޑު އޭސީގެ ފިނިކަމަށް ކަޝްފުވެގެން ދިޔުމާއެކު ތުރު ތުރު އަޅައިގަތެވެ. ޓީސާޓަށް ފަހު ޔީޝާގެ ހަށިގަނޑުގައިވާ ހުރިހާ ފޭރާމެއް ބޭލެމުން ދިޔައެވެ. އޭނާގެ ފުރިހަމަ ވަނާތަކުގައި ތެތް އަތަކުން ފިރުމަމުންދާ ކަހަލަ އިހްސާސެއްވެސް ކުރުވަން ފަށައިފިއެވެ. އެ އިހްސާސްތަށް ކުރެވެމުން ދިޔައިރު ޔީޝާގެ އަތްފައިން ވަރުދޫވެ ހަށިގަނޑުގެ ލޭކެކެން ފެށިއެވެ.

ޔީޝާގެ ހަށިގަނޑަށް ކުރަމުން ދިޔަ އާދަޔާ ހިލާފު އިހްސާސްތަކުން އުނދަގޫވަމުން ދިޔަ ނަމަވެސް ދެލޯ ހުޅުވާލާނެ ހިއްވަރެއް ޔިޝާގެ ހަށިގަނޑަކު ނެތެވެ. ހުވަފެނެއްހެން ޔީޝާއަށް އެވަމުންދާކަމެއް ފެންނަމުން ދިޔައެވެ. އޭނާގެ ހަށިގަނޑަށް ބާރު ފޯރުވަނީ ކާކު ކަމެއް ނޭނގުނު ނަމަވެސް އޭނާގެ ގައިމަތީ އޮތީ މީހެއްކަން ޔީޝާއަށް އެނގެޔެވެ.

“ދާނިޝް!” ދެބަދޭތެރޭ އޮތް ޔީޝާގެ ނޭވާ ކުރުވަމުން ދިޔަ ވަގުތު މަޑު މަޑުން އެނަން އެދުލުން ބޭރުވިއެވެ. ހަމަ އެޔާއެކު ޔީޝާގެ ހަށިގަނޑުގައި ފިރުމަމުން ދިޔަ އަތްތިލައިގެ ހަރަކާތް ހުއްޓުނެވެ.

ނަމަވެސް ދެވަނަ ސިކުންތު ޔީޝާގެ ދެއަތްތިލަ ބޮލާހަައަށް މައްޗަށް ހިއްލުނެވެ. ދެލޯ ތަގުޅި ކޮށްގެން އޮވެ ޔީޝާ އެއަށް ތިރި ކުރަން މަސައްކަތް ކުރިނަމަވެސް އެއަތް ގުޑުވާވެސް ނުލެވުނެވެ. ހީވަނީ ބާރުގަދަ އަތަކުން ދެއަތުގައި ހިފާފައިވާހެނެވެ.

“ޔީޝާ…!” ފިރިހެނެއްގެ އަޑަކަށްވުރެވެސް ބަރު އަޑަކުން އޭނާގެ ނަމުން މީހަކު ގޮވާލިއެވެ. އެއަޑު އިވުނު ގޮތުންވެސް އެއަޑުގެ ވެރިޔާ ހުރީ އޭނައާ ނުހަނު ކައިރީގައިކަން ޔީޝާއަށް ދެނެގަނެވުނެވެ. ސިހިފައި ޔީޝާއަށް ދެލޯ ހުޅުވާލެވުނެވެ. ދެލޯ ހުޅުވާލި ވަގުތު ގައިމަތީ އޮތް ކަޅުއެތި ފެނިފައި ޔިޝާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބިރުގަނެފައި ހުރި ވަރުން ޔީޝާގެ އަނގައިން އެންމެ އަޑެއްވެސް ބޭރެއް ނުކޮއްލެވުނެވެ. ދެލޯ ބޮޑުކޮއްގެން ޔީޝާއާ ދިމާއަށް ބަލަން ހުރި މަހުލޫގުގެ މޫނު މަތީ ވަނީ ރުޅިވެރިކަމެވެ. އެބިރުވެރި ސިފައިގައި ހުރި އެއްޗާ ދިމާއަށް ނުބަލަން ޔީޝާ ދެލޯ މަރާ ބަރުކޮއްލިއެވެ. ޔީޝާގެ ދެލޯ ފޫދުއްވާލާފައި ރޮނގަކަށް ކަރުނަ އޮހިގަތެވެ. ތުން ފިއްތައިގެން އޮވެ ޔީޝާއަށް ރޮވެމުން ދިޔައީ އަނގައިން އެންމެ އަޑެއްވެސް ބޭރުކޮއްލަން ބިރުންނެވެ.

ޔީޝާ އެހެން އޮއްވާ އޭނާގެ މޫނާ ވަރަށް ކައިރިން ހޫނު ނޭވާ އިހްސާސް ވާން ފެށިއެވެ. އެ ބިރުވެރި އެތި އެހުރީ އޭނާއާ ވަރަށް ކައިރީކަން ޔީޝާއަށް ޔަގީންވިއެވެ.

“އަހަރެންގެ ނަމަކީ ޒަބޫރިޝް..!”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ސައިރެން – 15

Next

ނިކަން ލޯބިން-6

Next
March 10, 2021

ނިކަން ލޯބިން-6

Previews
March 10, 2021

ސައިރެން – 15



All Right Reserved!