Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް 26

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
January 20, 2021 7 Mins Read
4 Comments

ގަދަ ފެހި ކުލައިގެ އަތް ދިގު ޖާޒީ އިޝަލްއާ ވަރަށް ގުޅެއެވެ. ބޮލުގައި އަޅައިފައި އިން ކަޅު ހެލްމެޓުގެ ދަށުން އިސްތަށިގަނޑުން ދިގުވެފައި އޮތް ބައި ފެންނަމުން ދިޔައެވެ. ތުނިކޮށް ބަހައްޓައިފައި ހުރި ތުނބުޅީގެ ސަބަބުން ކުރިއަށް ވުރެ ހަރު ވައްތަރު ޖަހައެވެ.

ކުޅުންތެރިންގެ ސަފުގައި ހުއްޓިލައިގެން ހުރި އިރު އެހެން ކުޅުންތެރިންނަށް ވުރެ އިޝަލް އިސްކޮޅުން ދިގެވެ. އިޝަލްގެ އިސްކޮޅަށް ބަލާލާފައި އެއީ ރާއްޖޭ ކުޅުންތެރިއެކޭ ވެސް ނުބުނާނެއެވެ.

މެޗު ނުފެށެނީސް ވެސް ޑޯރޓްމަންޑް ސަޕޯޓަރުންގެ އަޑު ގަދަވިއެވެ. ހީވީ ލިވަޕޫލް ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ކަމެއް ސާބިތުކޮށްދޭން އުޅޭ ހެންނެވެ. އެމީހުން ކުލަބުގެ ކުޅުންތެރިންނަށް ޚާއްސަކޮށް ހަދާފައި ހުންނަ ލަވަތައް ކިޔަމުން ދިޔައެވެ.

ޑޯރޓްމަންޑް ސަޕޯޓަރުން ޖަރުމަނު ބަހުން ކިޔަމުން ދިޔަ ނަމަވެސް އެ މީހުން އަޑު ދަށުން ކިޔޭތޯ މިންހާ އާއި ޒާޔާ އުޅުނެވެ. މިންހާއަށް ކޮންމެސް ވަރަކަށް ޖަރުމަން ބަސް އެނގޭތީ އެއީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. އެމީހުން އިޝަލްއަށްޓަކައި ތައްޔާރުކޮށްފައި ހުރި ލަވަ ކިޔަން ފެށުމުން ފަޚުރުވެރި ކަމާއެކު ހިނިތުންވެވުނެވެ.

މެޗު ފެށުމުގެ ކުރިން މިންހާ ފެނެތޯ އިޝަލް ހޯދައިލިއެވެ. ޑޯރމަންޑް ސަޕޯޓަރުންނާއި އެއްކޮށް ތިބި ޒާޔާ އާއި އަހާން އަދި މިންހާ އޭނާއަށް ފެނުނެވެ. އޭނާ ބަލާލި ވަގުތު ވެގެން ދިޔައީ މިންހާ ވެސް އޭނާއަަށް ބަލާލިި ވަގުތަށެވެ. ދެ ޒުވާނުންގެ ހަތަރު ކަޅި ބައްދަލުވީ ހިނދު އިޝަލް ހިތުގައި ކަރަންޓު ޝޮކެއް ޖެހުނުހެން ހީވިއެވެ.

މެޗުގެ ކުޅުން ފެށިގެން ކުރިއަށް ދިޔައިރު ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. މެދު ތެރޭ ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައިރު އެއްވެސް ޓީމަކަށް ގޯލާއި ދިމާއަށް ހަމަލާއެއް ފޮނުވާނުލެވެއެވެ. ކޮންމެހެން މާ ވަރަކުން ބޯޅަ ހިފައިގެން ކުރިއަށް އަރާކަށް ދެ ޓީމުން މާ ބޮޑު މަސައްކަތެއް ވެސް ނުކުރެއެވެ.

ާ

އޭސި މިލާންގެ ދަނޑުގައި އާސެނަލާއި އޭސި މިލާން ކުޅެމުން ދިޔަ މެޗުގެ ފޯރި ވަރަށް ގަދައެވެ. މެޗު ފެށުނީންސުރެ މިލާނުގެ ގޯލަށް ނުރައްކާ ކުރަން އާސެނަލުން މަސައްކަތް ކުރަމުން ދިޔައެވެ. ނުރައްކާތެރި ދެތިން ހަމަލާ ވެސް ފޮނުވާލާފިއެވެ. ނަމަވެސް އެންމެ ބޯޅައެއް ފިޔަވާ ދެން ހުރިހާ ބޯޅައެއް ދިޔައީ ގޯލާއި ސީދާ ނުވެ މާބޮަޑަށް ބޭރަށެވެ. ގޯލާއި ދިމާއަށް ދިޔަ ބޯޅަ ވެސް ޑިފެންޑަރެއް ގައިގައި ޖެހިފައި މަޑުމަޑުން ދިޔައީ ސީދާ ކީޕަރު އަތަށެވެ.

ގޯލު ކައިރީ ހަމަޖެހިލައިގެން އިނީ އޭނާއާ ދިމާއަށް އެއްވެސް ބޯޅައެއް ނާންނާތީއެވެ. ދޭތެރެއަކުން އޭނާގެ ކަޅި މިންހާއަށް ހުއްޓިލައެވެ. އެއިން ކޮންމެ ފަަހަކުވެސް މިންހާ އިންނަނީ ހިނިތުންވެލައިގެންނެވެ. މެޗަށް ވުރެ ބޮޑަށް އިޝަލްއަށް މިންހާއާ މެދު ވިސްނެމުން ދިޔައެވެ. ބޯޅައަށް ވުރެ ބޮޑަށް ބެލެމުން ވެސް ދިޔައީ މިންހާއަށެވެ.

އިޝަލް މިންހާއަށް ބަލަން ހުއްޓައި ގޯލާއި ދިމާއަށް ހަމަލާއެއް ލިވަޕޫލުން ފޮނުވާލިއެވެ. ގޯލާއި އަމާޒުކޮށް އަލްޔަސް ފޮނުވާލި ބޯޅަ ސަލާމަތް ކުރަން އިޝަލްއަށް އުޅެވުނު އިރު މާ ލަސްވެއްޖެއެވެ. ބޯޅައަށް މާ ލަހުން ހަރަކާތް ކުރެވުމުން އޭނަ އަތުގައި ޖެހިފައި ބޯޅަ ގޮސް ގޯލުގެ ތެރެއަށް ވަދެގެން ލިވަޕޫލުން ކުރި ހޯދިއެވެ. އެއާއެކު ބިންމައްޗަށް ތިރިވެފައި ގޮށް މުށުން ވިނަގަނޑު މަތީ އެތި ފަހަރެއް އިޝަލް އަޅުވާލިއެވެ. އޭނާގެ މޫނު މަތިން ކުށްވެރިވި ކަމުގެ ކުލަތައް ފެންނަމުން ދިޔައެވެ. ލިވަޕޫލް ސަޕޯޓަރުންގެ އަޑު ކަންފަތުގައި ގުގުމައިގެން ދިޔައެވެ.

ގޯލުގެ ތެރެއަށް އަލްޔަސް ބޯޅަ ވައްދާލުމާއެކު ލިވަޕޫލު ކުޅުން ތެރިން ގޮސް އަލްޔަސް ގަޔަށް އަރައި ގަތެވެ. ފުރަތަމަ ތިރީސް މިނެޓު ތެރޭ މެޗުން ކުރި ހޯދުމުން ކޮންމެސް ވަރެއްގެ ހަމަޖެހުން ލިވަޕޫލު ކުޅުންތެރިންނަށް ލިބިގެން ދިޔައެވެ.

އަލްޔަސް ލަނޑު ޖެހި ނަމަވެސް އަލައިކާ އުފަލެއް ނުވިއެވެ. ކޮއްކޮގެ ފަރާތުން ނުފެންނަ ފަދަ ގޯހެއް ހެދުމުން އަލައިކާ ކަންބޮޑުވިއެވެ. އަލްޔަސް ގޯލާއި ދިމާއަށް ބޯޅަ ފޮނުވާލީ މާ ބާރަކަށް ވެސް ނޫނެވެ. އިޝަލް ފަދަ ކީޕަރަކަށް އެ ބޯޅަ މަތަ ކުރަން މާ އުނދަގުލެއް ނުވާނެއެވެ. އަލްޔަސް ބޯޅަ ގޯލާއި ދިމާއަށް ފޮނުވާލިއިރު އިޝަލް ހުރީ މުޅިން އެހެން ދުނިޔެއެއްގައި އެވެ.

“އަލްޔަސްގެ ފަރާތުން ރީތި ގޯލެއް ފެނިގެން އެ ދިޔައީ. އެހެންނަމަވެސް އެ ބޯޅައަކީ ކީޕަރަށް ސަލާމަތް ނުކުރެވޭ ވަރުގެ ބޯޅައެއް ނޫން. މި ފެނިގެން ދަނީ ކީޕަރު ބޯޅައަށް ނުވިސްނާ ހުއްޓައި އަލްޔަސް ގޮސް މަޑު މަޑުން އެ ބޯޅަ ފޮނުވާލާ ލަނޑު ކާމިޔާބު މި ކުރީ. ކީޕަރުގެ ހަރަކާތް މި އައީ މާ ލަހުން. ޒުވާން ކީޕަރުގެ ފަރާތުން ގޯހެއް ހެދި ލިވަޕޫލުން މި ވަނީ މެޗުގެ ލީޑު ފުޅާކޮށްފަ” މެޗުގެ ކޮމެންޓޭޓަރު ވެސް އިޝަލްއަށް ހެދުނު ގޯސް ފާހަގަ ކުރިއެވެ. އިޝަލް އެ ބޯޅައަށް ނުވިސްނާ ހުރިކަން ކޮމެންޓޭޓަރަށް ވެސް ފާހަގަވިއެވެ.

“ކީއްތިކުރީ؟ އެލެކް ބޭކާރުކަންކަމާ ނުވިސްނާ މެޗަށް ވިސްނާ” އިޝަލްއަށް ވީ ކިހިނެއްކަން އެނގުމާއެކު ނުރުހުން ވެފައި ޖޯޝުއާ ބުންޏެވެ. އިޝަލް މިންހާއަށް ބަލަން ހަދައިގެން ބައިކޮޅަށް ލަނޑު ވަނުމުން ޖޯޝުއާ ފާޑަކަށް މިންހާ ދެކެ ރުޅިއައެވެ. “އަންހެނުންގެ ގޮތް. އަހަރުމެން މޮޔަ ކުރާ ބައެއް އެއީ” ނުރުހުންވެފައި އަމިއްލަ ނަފްސަށް ޖޯޝުއާ ބުނެލިއެވެ.

މިލާން އާއި އާސެނަލްގެ މެޗު ކުރިއަށް ވުރެ ފޯރިގަދަވީ މިލާން ކޮޅަށް އާސެނަލް ލަނޑު ޖެހުމުންނެވެ. އެއާއެކު އެގްރިގޭޓް ނަތީޖާ އެކެއް އެކަކަށް އެއްވަރުވީއެވެ. އެރިކް ނަގައިދިން ހުރަހުން އެ ލަނޑު ޖަހައިދިނީ އެންޑްރިއުއެވެ. އެންޑްރިއުގެ އެ ލަނޑާއެކު ޗެމްޕިއަންސް ލީގުގައި އެރިކް މުޅި އަކު ފަސް އެސިސްޓް ފުރިހަކަ ކުރިއެވެ. އެރިކް ވަރަށް ބަލައިލައި ފައި ކަނާއަތް ފަރާތު އަރިމަތިން ނަގައިދިން ކޯނަރު ލިބުނީ ސީދާ އެންޑްރިއުއަށެވެ. ވަގުތު ބޭކާރު ކުރަން ނަހަދައި އެންޑްރިއު ބޮލުން ޖަހައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީއެވެ. އެރިކް ނަގައިދިން މޮޅު ހުރަހުން މޮޅު ގޯލެއް އެންޑްރިއު ކާމިޔާބު ކުރުމުން ދެ ކުޅުންތެރިންގެ ހުނަރަށް ވެސް ކޮމެންޓޭޓަރުން ތަޢުރީފު ކުރިއެވެ. މެޗުތައް ކުޅެމުން ދިޔަ ވަރަކަށް އެރިކްގެ ހުނަރު ފެންނަމުން ދިޔައެވެ. ކުރިއަށް އޮތް ތަނުގައި ފުޓުބޯޅާގައި ބޮޑު ނަމަކަށް އެރިކް ވާނެކަމުގައި ކޮމެންޓޭޓަރުން ފާހަގަ ކުރިއެވެ. މިހާރު ވެސް އެރިކްގެ ނަން އެ ވަނީ ޔޫރަޕުގައި ވިދަން ފަށައިފައެވެ.

ޑޯރޓްމަނޑް ކުޅުންތެރިން ހިތްވަރު އެލުވާނުލާ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ލިވަޕޫލުގެ ތަޖުރިބާކާރު ޑިފެންސް ލައިން ފޫ އާޅުވާލުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލުން ވެގެން ދިޔައީ އުނދަގޫ ކަމަަކަށެވެ. ބައި ކޮޅަށް ލަނޑު ވަނުމާއެކު އިޝަލް ވިސްނައިގެން ހުންނަން ފެށިއެވެ. ބޯޅަ ކުރީގައި އޮންނަ ނަމަވެސް އޭނާ ބޯޅައަށް ބަލައެވެ. ފަހަތުގައި ހުރެގެން ވެސް ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ހިތްވަރު ދެމުން ދިޔައެވެ. ގޯލާއި ދިމާއަށް ބޯޅަ ފޮނުވައިފި ނަމަ އަނގައިން އަޑު އަޑު ނެރެއެވެ. އަދި ބޯޅަ ގޯލަށް ނުވުމުން މޫނަށް ގޮތް ގޮތް ހަދާލައެވެ. ބައެއް ކެމެރާ ތަކަށް އިޝަލްގެ ކުދި ކުދި ހަރާކާތްތައް އަރަމުން ދިޔައެވެ. އޭނާގެ ސަޕޯޓަރުން އެ ވީޑިއޯތައް ސޯޝަލް މީޑިއާއަށް ވަގުތުން ލާންފެށިއެވެ.

މެޗުގެ ދެވަހަ ހާފުގެ ހަތްދިހަ ވަނަ މިނެޓު އާސެނަލަށް ހިލޭ ޖެހުމެއް ލިބުނެވެ. ހިލޭ ޖެހުން ޖަހަން ގޮސް ހުއްޓިލައިގެން ތިބީ އެންޑްރިއު އާއި އެރިކްއެވެ. ބޯޅަ ކައިރީ މަޑުކޮށްގެން ތިބެ ދެ ކުޅުންތެރިން ކޮންމެސް ވާހަކައެއް ވަރަށް ސިއްރުން ދެއްކިއެވެ. ހިލޭ ޖެހުން ޖަހަން ރެފްރީ ކަށިގަނޑު ފުމުމާއެކު އެެިކް ބޯޅާގައި ޖަހަން ދިޔައެވެ. ގޯލާއި ދިމާއަށް ބޯޅަ ފޮނުވާލުމުގެ ބަދަލުގައި ކައިރީގައި ހުރި އެންޑްރިއުއަށް ބޯޅަ ޖައްސާލީއެވެ. އެއާއެކު ތިރިތިރިން އެންޑްރިއު ފޮނުވާލި ބޯޅަ މިލާން ކުޅުންތެރިން ފައިދަށުން ލާފައި ގޮސް ގޯލުގެ ތެރެއަށް ވަދެ އާސެނަލިން މެޗުގެ ލީޑު ފުޅާކުރިއެވެ.

އޭނާގެ ޓީމުން ދެވަނަ ލަނަޑު ކާމިޔާބު ކުރުމާއެކު އަކްމަލަށް ހުރެވުނު ތަން ވެސް ނޭންގެއެވެ. ފުންމައިފައި ހަޅޭއްލަވައި ގަނެވުނެވެ. އެންމެ ގާތުގައި ހުރި އޭނާގެ އެސިްސްޓެންޓް ކޯޗުގައި އޮޅުލައިގަތެވެ.

ލަނޑާއި އެކު މިލާން ކުޅުންތެރިން މާޔޫސްވެގެން ދިޔައެވެ. ހީވެސް ނުކޮށް ތިއްބައި މުޅި މެޗުގެ ނަތީޖާ އާސެނަލް ކޮޅަށް އެދިޔައީ އެނބުރިގެންނެވެ. މެޗު ފެށިއިރު އެމީހުން އަތުގައި އޮތްބާރު މިހާރު އެ ވަނީ އާސެނަލް އަތުގައެވެ. ކުއާރޓާރ ފައިނަލުން ޖާގަ ބޭނުންނަމަ އިތުރު ދެ ލަނޑު އެމީހުން ކާމިޔާބު ކުރަން ޖެހެއެވެ.

ޑޯރޓްމަންޑިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަކުރިއެވެ. ޑޯރޓްމަންޑްގެ އެންމެ ކުރިއަށް ކުޅޭ ކުޅުންތެރިޔާ ޑޮމިނިކް މެކާލް ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި އޭނާގެ ވައަތު ފައިން ފޮނުވާލި ބާރު ހަމަލާ ލިވަޕޫލު ކުޅުންތެރިން ބަލަބަލާ ތިއްބައި ގޮސް ގޯލު ތެރެއަށް ވެނެވެ.

ލަނޑެއް ކާމިޔާބު ކުރެވުމާއެކު ޑޯރޓްމަންޑް ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބުނެވެ. ސަޕޯޓަރުންގެ އަޑުވެސް ބާރުވާން ފެށިއެވެ. އިތުރު ލަނޑެއް ކާމިޔާބުކޮށް ގަދަ ސޯޅައިން ލިވަޕޫލު ކަޓުވާލުމަށް ފަހު ކުއާރޓާއަށް ދާން ކުރިއަށް ވުރެ ބޮޑަށް ކުޅުންތެރިން ބޭނުންވިއެވެ. ބެންޗުގައި ތިބި ކުޅުންތެރިންނާއި ކޯޗިން ސްޓާފުގެ ފަރާތުން ދަނޑުގައި ތިބި ކުޅުންތެރިންނަށް ހިތްވަރު ލިބެމުން ދިޔައެވެ. އިޝަލް ވެސް ކުރިއަށް ވުރެއް ބޮޑަށް ކުޅުމުގެ ތެރެއަށް ވަދެ ބައިކޮޅަށް ލަނޑެއް ވަނަ ނުދޭން މަސައްކަތް ކުރިއެވެ.

ލިވަޕޫލުން ބެލީ އެމީހުން އަތުގައި ބޯޅަ ބާއްވައިގެން އިދިކޮޅު ޓީމުން ލަނޑެއް ޖެހިޔަނުދީ ހިފެހެއްޓޭ ތޯއެވެ. މިހާރު އޮތް ގޮތަށް އޮވެއްޖެ ނަމަ އަވޭ ގޯލުން އެމީހުންނަށް ކުއާރޓާ ފައިނަލަށް ދެވޭނެއެވެ.

މެޗުގެ ފަހު މިނެޓުތެރޭގައި އަނެއްކާވެސް ލިވަޕޫލުން ގޯލާއި ދިމާއަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. ކުރީފަހަރާއި ޚިލާފަށް މި ފަހަރު އިޝަލް ހުށިޔާރު ވެގެން އިނުމުން އެ ބޯޅަ އައީ ސީދާ އިޝަލްގެ އަތަށެވެ. ބޯޅަ އަތަށް ނަގާފައި އިޝަލް ކުރިއަށް ނަޒަރު ހިންގާލިއެވެ. ލިވަޕޫލްގެ ގިނަ ކުޅުންތެރިން އެ ވަގުތު ތިބީ ކުރިއަށް އަރަައެވެ. ފަހަތުގައި ކީޕަރުގެ އިތުރަށް ހުރީ އެންމެ ކުޅުންތެރިއެކެވެ. އެ ކުޅުންތެރިޔާއާއެކު ޖޯޝުއާ ކުރިއަށް އަރާ އޮތެވެ.

ލަސް ކުރުމެެއް ނެތި ލިވަޕޫލު ކުޅުންތެރިން ނުވިސްނާ ތިއްބައި އިޝަލް ސައްޕު ޖަހައި އެ ބޯޅަ ކުރީގައި ހުސްކޮށް އޮތް ޖޯޝުއާއަށް ދިނެވެ. ބޯޅަ ލިބުމާއެކު އޭނާ ގާތު ހުރި ޑިފެންޑަރު ކަޓުވާލުމަށް ފަހު ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައިލައިގެން މެޗުގެ ފަހު ވަގުތު ޑޯރޓްމަންޑަށް ކުރި ހޯދައިދިނެވެ.

އަނެއް ހާފު ތެރޭ އޮވެފައި އިޝަލް ދުވަމުން ޖޯޝުއާ ގާތަށް އައެވެ. އޭރު ލަނޑު ޖެހުމުގެ އުފަލުގައި ޖޯޝުއާ ޖާޒީ ބާލާފައި ރޮނާލްޑޯ ސެލެބްރޭޝަން ހަދަނީއެވެ. އިޝަލް ވަކި ހިސާބަކަށް ދުވެފައި ވިނަ ގަނޑު މަތީ ސްލައިޑް ކޮށްލުމަށް ފަހު ގޮސް ޖޯޝުއާއާ ހަމަ ކުރިއެވެ. އޭރު ޖޯޝުއާ ހުރީ އިޝަލް އަންނަން ދެން އިންތިޒާރުގައެވެ. އިިޝަލް ކޮޅަށް ތެދުވުމާއެކު އިޝަލް ގައި ބައްދާލާފައި ދެ ކުޅުންތެރިން ސަޕޯޓަރުންނާ ދިމާއަށް އެނބުރި އުފާ ފާޅުކުރިއެވެ. އޭނާއަށް ގޯލު ކާމިޔާބު ކުރެވުނީ އިޝަލްގެ އެހީއާއެކު ކަން އަތުގެ އިޝާރާތުން ސަޕޯޓަރުންނަށް ޖޯޝުއާ ބުނެދެމުން ދިޔައެވެ.

ޖޯޝުއާ ލަނޑު ޖެހުމާއެކު މިންހާ ފުންމައިގެން ތެދުވެ ހަޅޭއްލަވައި ގަތެވެ. ކުޑަ ކުއްޖެއް ފަދައިން އަތްތިލަ ބަޑި ޖަހާލުމަށް ފަހު ލަނޑު ޖެހީއޭ ކިޔައި ޒާޔާ ކަރުގައި އޮޅުލައިގަތެވެ. އޭނާ ބޮޑަށް އުފާވީ އެ ލަނޑު ޖަހަން އެސިސްޓް ކޮށްދިން ކުޅުންތެރިޔަކީ އިޝަލްއަށް ވީމައެވެ.

އަލައިކާއަށް ވެސް ފުންމައިގެން ތެދުވެވުނީ ކޮއްކޮގެ ފަރާތުން ފެނުނު މޮޅު އެސިސްޓްގެ ސަބަބުންނެވެ. އޭނާއަކީ އަލްޔަސްގެ އަންހެނުންކަން އެނގި އެތާތިބި އެންމެން ފާޑަކަށް އޭނާއަށް ބަލަމުން ދިޔައެވެ. “އިޝަލް މި ބުނީ އެލެކްއަކީ އަހަރެންގެ ކޮއްކޮ” އެންމެން ބަލަން ފެށުމުން ފަޚުރުވެރިކަމާއެކު އަލައިކާ ބުންޏެވެ.

އަރްޝާދަށް ވެސް ކާފަ ދަރިފުޅާއި މެދު ފަޚުރުވެރި ވެވުނެވެ. އެ ދަރިފުޅުގެ އެހީއާއެކު ވަރުގަދަ ލިވަޕޫލާއި ދެކޮޅަށް ޒުވާން ޓީމަކުން މެޗުން އެ ދަނީ މޮޅުވާށެވެ.

ފަހު ވަގުތު ބައިކޮޅަށް ލަނޑެއް ވަނުމުން ލިވަޕޫލު ކުޅުންތެރިން މާޔޫސްވިއެވެ. ޔޫސުފް އާއި އަލްޔަސް ވެސް އެކަން ޤަބޫލު ކުރަން ދަތިވެފައި ތިއްބެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތިން މިނެޓު ހަމަވުމާއެކު ރެފްރީ ކަށިގަނޑު ފުމެލިއެވެ. އެއާއެކު ލިބުނު އުފަލުގައި ޑޯރޓްމަންޑް ބެންޗުގައި ތިބި ކުޅުންތެރިން ދަނޑަށް އަރައިގަތެވެ. ވަރުގަދަ ލިވަޕޫލު ގަދަ ސޯޅައިން ކަޓުވާލުމަށް ފަހު އެ މީހުން ކުއާރޓާ ފައިނަލުން ޖާގަ ހޯދީއެވެ.

ޗެމްޕިއަންސް ލީގުން ކެޓީކަން ޤަބޫލު ނުކުރެފައި ދަނޑުމަތީ އިށީންދެލައިގެން ލިވަޕޫލު ކުޅުންތެރިންނަށް ތިބެވުނެވެ. މޮޅުވާން ދަނިކޮށް ފަހު ވަގުތު ވީގޮތެއް ނޭންގި ބަލިވީއެވެ. ބައެއް ކުޅުންތެރިން ކަރުނަވީ ދެލޮލާއެކު ގަނޑުވެފައި ތިއްބެވެ.

މޫނު މަތީ ޖާޒީ އަޅައިގެން ޔޫސުފް ރޮމުން ދިޔައެވެ. މަންމަ އާއި ބައްޕަ ފެއިލު ކޮށްލެވުނު ކަމުގެ އިޙްސާސް ކުރެވުމުންމެވެ.

އިޝަލް ގޮސް ރޯން އިން ޔޫސުފް ގައިގައި ބައްދާލުމަށް ފަހު މާފަށް އެދުނެވެ. “ދޭ އާރ އެންޑް ދޭ ވިލް އޯލްވޭޒް ބީ ޕްރައުޑް އޮފް ޔޫ” ޔޫސުފް އެހާ ހިތްދަތިވީ ކިހިނެއްވެގެން ކަން ނަގައިގަންނަށް އިޝަލްއަށް އުނދަގުލެއް ނުވިއެވެ. “ދޭ ވިލް ބީ ޕްރައުޑް އޮފް ޔޫ ޓޫ ލިޓްލް ބްރަދާރ. މިރޭ މެޗުން ބަލިވިއަސް ހަމަގައިމުވެސް އެލެކް ބޭބެ އަދި ރާއްޖޭ ޤައުމީ ޓީމުގެ ކެޕްޓަންގެ ޙައިޞިއްޔަތުން އެލެކްގެ ކުޅުމާ މެދު ވަރަށް ފަޚުރުވެރިވޭ” ޔޫސުފް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށް ފަހު ކޮއްކޮއަށް ތަޢުރީފު ކުރިއެވެ. ހަޤީޤަތުގައި ވެސް އޭނާ އިޝަލްއާ މެދު ވަރަށް ފަޚުރުވެރިވެއެވެ. އެ ވަގުތު ލިވަޕޫލުގެ ކޯޗު ފިރްމިނޯ ވެސް އެ ދެމީހުން ގާތަށް އައިސް އިޝަލްގެ ކުޅުމަށް ތަޢުރީފު ކުރިއެވެ. “އަންނަ ސީޒަންގަ އެލެކް ލިވަޕޫލަށް ގެންނަންވީ ދޯ” “ތިއީ ވާނެ ކަމެއް ނޫން. ޕީއެލްގަ އާސެނަލް ނޫން އެހެން ކުލަބަކަށް ކުލަބަކަށް ކުޅެން ވިސްނުމުގައެއް ނެތް” ކޯޗު ފިރްމިނޯ އިޝަލްއާ ސަމާސާ ކުރުމުން އިޝަލް ވެސް އެ ސަމާސާގައި ބައިވެރިވިއެވެ.

މެޗުގެ ފަހު ވަގުތު އެންޑްރިއު މެޗުގައި ހެދި ހެޓްރިކާއި އެކު ތިނެއް ސުމެއްގެ ނަތީޖާއިން މޮޅުވެ އާސެނަލިން ވެސް ޗެމްޕިއަންސް ލީގުގެ ކުއާރޓާ ފައިނަލުން ޖާގަ ހޯދިއެވެ. އޭސި މިލާން ދަނޑުގައި އެމީހުންގެ ސަޕޯޓަރުން ކުރިމަތީ އާސެނަލް ކުޅުންތެރިން އުފާފާޅު ކުރަމުން ދިޔައެވެ. މިލާންގެ ކިބައިން ރަނގަޅު ބަދަލެއް އާސެން ހިފިއެވެ.

އެންމެންގެ ތަޢުރީފު ލިބުމާއެކު އިޝަލް ހުރީ ވަރަށް ފޮނިވެފައެވެ. މެޗު ނިންމާފާއި އޭނާ ވަނީ ޖޯޝުއާ ގެންގޮސް މިންހާއަށް ތަޢާރަފުކޮށްދީފައެވެ.

އިޝަލް ގައިގައި ބައާދާލާފައި މިންހާ މަރުހަބާ ކިޔެވެ. “ވަރަށް ރީތި އެސިސްޓެއް. އަސްލު ޖޯޝް، އޯކޭދޯ ޖޯޝް ކިޔަސް؟ ޖޯޝްއަށް ޝުކުރު އަދާކުރަން ޖެހޭނީ. ކަޒް ދިން ބޯޅައިން ރީތި ލަނޑެއް ޖެހީމަ” އިޝަލްގެ ކޮނޑަށް އަތް ވައްޓައިލައިގެން މިންހާ ވާހަކަ ދެއްކިއެވެ. އިޝަލްއަށް ބަލާލާފައި މިންހާ ހިނިތުންވުމާއެކު އިޝަލްގެ ހިތްވިރިގެން ނުދިޔައީ ކިރިޔާއެވެ.

“ތޭންކްސް ޑާރލިންގް” އެންމެ ބްރިޓިޝް އެކްސެންޓުން، މިންހާއަށް އެއް ލޯ މަރާލަމުން ޖޯޝުއާ ޝުކުރު އަދާކުރިއެވެ. ޖޯޝުއާގެ އެ އަމަލިން މިންހާ ރަކިވެ މުޅި މޫނު ރަތްވިއެވެ.

“ވާއު އެއޮަށް އެކްސެންޓެއް” ޖޯޝުއާގެ އެކްސެންޓަށް ތަޢުރީފު ނުކޮށް ޒާޔާއަކަށް ނީންދެވުނެވެ. “ރިލޭކްސް ޑާރލިންގް މައިން އިޒް ބެޓާރ” ޒާޔާއަށް ފޮނި ދައްކަން އަހާން ލަންޑަން އެކްސެންޓިން ބުނެލިއެވެ. ކުޑައިރުން ސުރެ ލަންޑަނަށް ގޮސް ހަދާތީ އެމީހުން ވާހަކަ ދައްކާ ގޮތަށް ވާހަކަ. ދެއްކުމަކީ އަހާންއަށް އުނދަގޫ ކަމެއް ނޫނެވެ. ބައެއް ފަހަރު އަހާން އާއި އިޝަލް ގޭގައި ވާދައަށް ލަންޑަން އެކްސެންޓިން ވާހަކަ ދައްކައެވެ. މާލެ ގޮއްސައި ވެސް އަންހެންކުދިންނަށް ފޮނި ދައްކަން ވެގެން މަގު މަތިން ދާއިރު އެ އެކްސެންޓިން ދެ މީހުން ވާހަކަ ދައްކައެވެ. ދެ ޒުވާނުން ވެސް ވާހަކަ ދައްކާލެއާ ރީތި ކަމުން އަންހެން ކުދިން މޮޔަ ވެގެން ބަލައެވެ. ކޮލެޖުގައި ވެސް އަހާން ވާހަކަ ދައްކާ ގޮތުން ކުދިން ހީކުރަނީ އަހާންއަކީ އިނގެރޭސި ވިލާތު ކުއްޖެއް ކަމަށެވެ.

“އައްޗީޑި ހީވަނީ ކާޅެއް ހަޅޭއްލަވާހެން” އަހާން މާ ބޮޑަށް ފޮނި ކެނޑުމުން ޒާޔާ ބުނެލިއެވެ. ޒާޔާއާ ދިމާއަށް ދޫ ނެރިފައި އަމިއްލައަށް އިނދެގެން އިނގެރޭސި އެކްސެންޓުން ަައަހާން ވާހަކަ ދެއްކިއެވެ.

ޖޯޝުއާއާއެކު ޑްރެސިންރޫމަށް ދަމުން އިޝަލް ޖޯޝުއާ އަތުގައި ވިކައި ގަތެވެ. ތަދުވީ ވަރުން ޖޯޝުއާ ކަރުތެރެއިން ބާރު އަޑެއް ނުކުތެވެ. “އެއީ މިންހާއާ ފުލާރޓު ކުރީމަ ދިން އަދަބެއް. އަދި ޖޯޝް ކިޔަސް ހެވޭ ވެސް ބުނެފިއެއްނު. ކަލޭގެ އެކްސެންޓް ބޭނުން ކޮށްގެން މަގޭ މިންހާ ކަޓުވާލަން ހިތާދޯ ތި އުޅެނީ. މަގޭ އެންމެ ގާތް އެކުވެރިއެއް ގޮތުގަ ހުރެ ކުރަން އުޅޭ ކަންތައްދޯ” އިޝަލް ސަމާސާ ރާގަކަށް ޖޯޝުއާއާ ދިމާއަށް ބުންޏެވެ. ކިތަންމެ މަޖާވެފައި އެހެން ބުނި ކަމުގައި ވިއަސް އޭނާ ހުރީ ފާޑަކަށް ހަސަދަ ވެރިވެފައެވެ. ޖޯޝުއާ ވާހަކަ ދެއްކުމުން މިންހާގެ ކޯތާފަތް ރަތްވި ތަން ރީއްޗަށް އިޝަލްއަށް ފެނުނެވެ. މިންހާ އަދި ޒާޔާ ރީތި ކުޅުންތެރިންނާ ހެދި އުޅޭތަން އޭނާއަށް ވަނީ ފެނިފައެވެ.

ނުނީމެ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އެ ދުވަސް

Next

ފަތްގަނޑު ފުރޭތަ 20

Next
January 21, 2021

ފަތްގަނޑު ފުރޭތަ 20

Previews
January 20, 2021

އެ ދުވަސް

4 Comments!

  1. Kiyara says:
    January 20, 2021 at 1:16 pm

    Salam guys. Here is the 26th episode of Manzil. Hope you all enjoyed reading this episode too. Soo guys what do u think will happen? When will Ishal express his feelings to Minhaa? What will Minha do when she finds out that hee Cux has has feelings for her? How is Eric gonna react when he finds out his BFF has feelings for his GF? How is it gonna effect them? With Whom do u wanna minhaa to end up with? Ishal or Eric? Or someone else other than both of them?

    Leave a comment on ur thoughts. Take care and stay safe everyone

  2. StoryyQuyyn says:
    January 20, 2021 at 4:49 pm

    wowwww … sooo beautiful..waitin for next part curiously…

  3. sahoo says:
    January 20, 2021 at 7:01 pm

    Wow very very nice this part also waiting for the next part of the story and keep it up

  4. ?Ril? says:
    January 20, 2021 at 10:24 pm

    Wow vrh Sali mi part
    Masha Allah
    Minhaa and Erick enme guleny miaa aa ishal aa zaayaa aa ahaan aa migotha enme guleny
    In my opinion ?
    Waiting for the next one.
    Stay safe sis

Comments are closed.

Next Episodeމަންޒިލް 27←


All Right Reserved!