
މަންޒިލް 27
ޖޯޝުއާއާއެކު ޑްރެސިންރޫމަށް ދަމުން އިޝަލް ޖޯޝުއާ އަތުގައި ވިކައި ގަތެވެ. ތަދުވީ ވަރުން ޖޯޝުއާ ކަރުތެރެއިން ބާރު އަޑެއް ނުކުތެވެ. “އެއީ މިންހާއާ ފުލާރޓު ކުރީމަ ދިން އަދަބެއް. އަދި ޖޯޝް ކިޔަސް ހެވޭ ވެސް ބުނެފިއެއްނު. ކަލޭގެ އެކްސެންޓް ބޭނުން ކޮށްގެން މަގޭ މިންހާ ކަޓުވާލަން ހިތާދޯ ތި އުޅެނީ. މަގޭ އެންމެ ގާތް އެކުވެރިއެއް ގޮތުގަ ހުރެ ކުރަން އުޅޭ ކަންތައްދޯ” އިޝަލް ސަމާސާ ރާގަކަށް ޖޯޝުއާއާ ދިމާއަށް ބުންޏެވެ. ކިތަންމެ މަޖާވެފައި އެހެން ބުނި ކަމުގައި ވިއަސް އޭނާ ހުރީ ފާޑަކަށް ހަސަދަ ވެރިވެފައެވެ. ޖޯޝުއާ ވާހަކަ ދެއްކުމުން މިންހާގެ ކޯތާފަތް ރަތްވި ތަން ރީއްޗަށް އިޝަލްއަށް ފެނުނެވެ. މިންހާ އަދި ޒާޔާ ރީތި ކުޅުންތެރިންނާ ހެދި އުޅޭތަން އޭނާއަށް ވަނީ ފެނިފައެވެ.
ހޮޓެލަށް ގޮއްސައި މިންހާ ފުރަތަމަ ވެސް އާސެނަލް މެޗުގެ ހައިލައިޓްސް ބެލިއެވެ. އެރިކްގެ މޮޅު ކުޅުން ފެނި ހިތާހިތުން ލޯބިވެރިޔާއަށް ތަޢުރީފު ކުރިއެވެ. މިންހާއާ އެކު ޒާޔާ އާއި އަހާން ވެސް ހައިލައިޓްސް ބަލަން ތިއްބެވެ. ދެމީހުންގެ ކަމަކަށް އޮތީ މިންހާއާ ދިމާކުރުމެވެ.
މުޅިރޭ އާސެނަލް ކުޅުންތެރިން ހޭދަކުރީ އުފާފާޅު ކުރުމުގައެވެ. އެމީހުން ތިބި ހޮޓެލުގެ އެއް ކޮޓަރިއަށް އެއްވެ އެންމެ ސަކަރާތްޖެހިއެވެ. ލަޒާނި އާއި ޕިއްޒާ ގެނަސްގެން ކެއެވެ. ހުރިހާ ކުޅުންތެރިން އެކީ މެޗުގެ އުސް އަލިތައް ބަލަން ތިއްބެވެ.
މިންހާ އާއި ޒާޔާ އަދި އަހާން އާދޭސްކުރާ ވަރުން އެ ދެކުދިން ގޮވައިގެން އޭނާ އުޅޭ އެޕާޓްމެންޓް ދައްކާލަށް އިޝަލް ދިޔައެވެ. އެޕާޓްމެންޓަށް ވަން ގޮތަށް އަހާން ސޯފާއަށް ވެއްޓިގަތް އިރު މިންހާ އާއި ޒާޔާ ދެ ޕޮލިސް އޮފިސަރުންހެން މުޅި ގެ ބަލާ ފާސް ކުރިއެވެ.
ތަރިތީބު ކަމެއް ނެތް އިޝަލްގެ ކްލޮޒެޓް ފެނި މިންހާ ބޯ އަނބުރައިގަތެވެ. އިޝަލްއާ ދިމާއަށް ކުދި ކުދި ކިޔަމުން އެތަން ތަރުތީބު ކުރަން މިންހާ ފެށިއެވެ.
މިންހާ ކްލޮޒެޓް ސާފު ކުރަން ފެށުމުން އިޝަލް އެނދުގައި އިށީންދެލައިގެން މިންހާއަށް ބަލަން އިނެވެ. އޭނާގެ އަންނައުނުތައް ފަރުވާތެރި ކަމާއެކު މިންހާ ފަތްޖަހަމުން ދިޔައެވެ. އިޝަލް ހިތަށް ތަފާތު އެއްޗިހި އަރައި ފައިބަމުން ދިޔައެވެ. ކުރެވެމުން ދިޔަ މިޔަ ޚިޔާލުތަކުން އިޝަލްއަށް ބޭ އިޚްތިޔާރުގައި ހިނިތުންވެވުނެވެ.
އަހާން އާއި ޒަޔާ ޓީވީއިން ދައްކަމުން ދިޔަ ޖަރުމަން ބަހުން އަންނަ ޕުރޮގްރާމެއް ބަލަން ތިއްެބެވެ. އެމީހުންގެ ބަހުރުވަ ހުންނަ ގޮތުން މަޖާވެގެން ދެ ޒުވާނުން ހެމުން ދިޔައެވެ. އެ ޕުރޮގްރާމު ހުށަހަޅަން އިން ފިރިހެން ކުއްޖާއަށް ހެދިގެން އަހާން އުޅުނެވެ. އަހާންއާ ހެދި ޒާޔާ އިނީ ހީހީ ވަރުބަލިވެފައެވެ. “އަހާން ހެޔޮނުވާނެ ދެން ހުއްޓާލާ” ބަނޑުގައި އެ އަތް އަޅައިގެން އޮވެ އަނެއް އަތުން ހުއްޓާށޭ ކިޔައި އިޝާރާތް ކުރަމުން ދިޔައެވެ. ހީހީ ގޮސް އޭނާ ބަނޑަށް ވެސް ތަދުވެ ލޮލުން ފެންވެސް އައިސިއެވެ.
އެނދުމަތީގައި އޮތް މިންހާގެ ފޯނު ރިންގުވާން ފެށުމުން ގުޅަނީ ކާކުތޯ އިޝަލް ބަލައިލިއެވެ. ސްކްރީނަށް އަރައިފައި އިން އެރިކްގެ ނަން ފެނި އިޝަލްއަށް ހައިރާންކަން ލިބުނެވެ. “ކީއްވެ އެރިކް މިންހާއަށް ގުޅަނީ؟” މިންހާ ފޯނު އަތަށް ނަގަމުން އިޝަލް ސުވާލު ކުރިއެވެ.
މިންހާއަށް ލަސްލަހުން އޭނާ ކުރަން އިން މަސައްކަތް ހުއްޓާލެވުނެވެ. އޭނާއަށް ހީވީ އަރުތެރޭ ނޭވާ ތާށިވިހެންނެވެ. ވައްކަން ކުރަމުން ދަނިކޮށް ފަޅާ އެރުމުން ކުރެވޭ ފަދަ އިޙްސާސެއް ކުރެވެމުން ދިޔައެވެ. އިޝަލް މޫނު މަތީގައިވި އަސަރުން ތެދު ބުނަން މިންހާ ޖެހިލުންވިއެވެ. “ނޭންގެ؟” އުނގު މަތީ ހުރި އިޝަލްގެ ގަމީސްތައް ރީތި ކޮށް ކްލޮޒްތެރޭ ބަހައްޓައިފައި މިންހާ ތެދުވިއެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.
މިންހާގެ ފޯނަށް އަންނަ ކޯލަށް ޖަވާބު ދިނުމަކީ ރަނގަޅު ނޫން ކަމެއްކަން އެނގިހުރެ ވެސް އިޝަލް ފޯނަށް ޖަވާބު ދިނެވެ. އެރިކް މިންހާއަށް ގުޅަނީ ކީއްކުރަންތޯ ބަލަން ބޭނުންވިއެވެ. “ހައި މިންހާ މިއީ މިއާ އިނގޭ. ކޮލެޖު ކަމެއްގަ ޒާޔާ އާއި އަހާންއަށް ގުޅާ ގުޅާ ފޯނު ނުނަގައިގެން މިންހާއަށް މި ގުޅީ. އަހަރެން ފޯނު މައްސަލައެއް ޖެހިގެން ރިކްގެ ފޯނު މި ވަގުތު ބޭނުން މިކުރަނީ” އެރިކްގެ ބަދަލުގައި މިއާގެ އަޑު އިވުމުން އިޝަލްއަށް ހަމަޖެހުމުވެ ނޭވާއެއް ދޫކޮށްލެވުނެވެ. މޫނުމަތީގައިވި ސީރިއަސްކަން ފިލާ ހިނިތުންވެވުނެވެ.
“އޯ މިއާ” އިޝަލް މިއާއޭ ބުނުމުން ހިފަހައްޓައިގެން ހުރި ނޭވާ މިންހާއަށް ދޫކޮށްލެވުނެވެ. މިންހާ އަތަށް ފޯނު ދިނުމުގެ ބަދަލުގައި އިޝަލް އެނދުގައި އިށީންދެ ހަމަޖެހިލުމަށް ފަހު މިއާއާ ވާހަކަ ދައްކަން ފެށިއެވެ.
އިޝަލްގެ އަޑު ޖެހުމުން ކަންފަތުން ފޯނު ދުރުކުރުމަށް ފަހު އޭނާއަށް ގުޅުނީ މިންހާއަށް ތޯ މިއާ ޔަޤީން ކޮށްލިއެވެ. “މިންހާގެ އަތްދިގު ކަމުން މި ގަޑީ އިނީ އަހަރެންގެ ކްލޮޒެޓް ސާފު ކުރަން. އެހެންވެ އަހަރެން ފޯނު މި ނެގީ” މިއާ ވާނުވާގައި އިނުމުން ވީ ގޮތް އިޝަލް ކިޔައިދިނެވެ. ކުޑަކޮށް ހީލާފައި އެހެން ހެއްޔޭ މިއާ ބުނެލިއެވެ. އިޝަލް ސަމާސާ ކުރަން ފެށުމުން މިއާ ލަދުގަންނަ ގޮތްވިއެވެ. ހީކުރި ވަރަށް ގުރެ އިޝަލްއާ ވާހަކަ ދެއްކުންވީ އުނދަގޫ ކަމަކަށެވެ.
މިއާ ފޯނު ބޭއްވުމުން އިޝަލް ޒާޔާ އައި އަހާންއަށް ގޮވާފައި އެ މީހުން ހޯދަން މިއާ ގުޅިކަން ބުނެދިނެވެ. އަދި އެ ދެ މީހުންނަށް ހުސް ވަގުތެއް ވުމުން އެރިކްގެ ފޯނަށް ގުޅާށޭ ބުންޏެވެ. އިޝަލް އެރިކްއޭ ބުނުމުން ޒާޔާ އަދި އަހާން މިންހާއަށް ބަލައިލިއެވެ. އޭރު މިންހާ އަނެއްކާވެސް އިނީ އެނބުރި އޭނާ ކުރަން ހުރި މަސަައްކަތް ކުރާށެވެ. އަހާން އާއި އިޝަލް އަނެއްކާވެސް އެނދަށް އެރުމުން ޒާޔާ ގޮސް ކްލޮޒެޓް ތެރޭ މިންހާ ގާތު އިށީނެވެ. “ކޮންއިރަކުން އެލެކް ގާތު ބުނަނީ؟” ޒާޔާ ވެސް އިޝަލްގެ ޓީޝާޓެއް ނަގައި ފަތްޖަހަމުން މިންހާ ގާތު އެހިއެވެ. “ވަރަށް ބޭނުން ބުނަން އެކަމަކު ނޭންގެ ކީއްވެކަމެއް ކަޒް ގާތު ބުނަން އުޅޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އެއްބަހެއް ނުވޭ ބުނާކަށް” އިޝަލް ގާތު އޭނާ އާއި އެރިކްގެ ގުޅުމުގެ ވާހަކަ ބުނަން މިންހާ ހިތަށް އަރުވާ ކޮންމެ ފަހަރަކު އޭނާގެ ހިތް އެކަމާ ދެކޮޅު ހަދައެވެ. އެއީ ކީއްވެ ކަމެއް މިންހާއަކަށް ނޭންގެއެވެ.
އެނދުގައި އޮށޯވެލައިގެން ޒާޔާއަށް ބަލަން އަހާން އޮތްގޮތް އިޝަލްއަށް ފާހަގަވިއެވެ. އެއް ފަހަރު ޒާޔާއަށް ބަލާލާފައި އަނެއް ފަހަރު އަހާންއަށް ބަލައިލިއެވެ. ހިތަށް އެރި އެއްޗަކުން އިޝަލްއަަށް އޭނާގެ ދެލޯ ބޮޑުކޮށްލެވުނެވެ. “ބްރޯ ކައޭ ޒާޔާދެކެ ލޯބިވޭ ދޯ؟” އޮށޯވެގެން އޮތް އަހާން އަތުގައި ހިފައި ނަގައިފައި ވައި އަޑުން އަހާން ކަންފަތް ދޮށުގައި ބުނެލިއެެވެ. ކޮންމެހެން އޮޅުވާލަން ނުހަދާ އަހާން މަޑު މަޑުން ބޯ ޖަހައިލިއެވެ. “އޮޅިގެން ވެސް ޒާޔާ ގާތު ނުބުނާތި. ޒާޔާއަކަށް ނޭންގޭ. އިނގިއްޖެޔާމުން ޒާޔާ ދެރަވޭނެ” މަޑުން ނަމަވެސް އަހާން އިޝަލްއަށް އިންޒާރެް ދިނެވެ.
އިޝަލްގެ މޫނު މަތީގައިވި ހިނިތުންވުން ފިލައި ގޮސް މޮޅިވެރިވިއެވެ. ރިއަންއާއެކު ޒާޔާ އުޅޭތަން ބަލަން އަހާންގެ ހިތަށް ތަދުވާނެ ވަރު އިޙްސާސް ކުރާކަށް ވެސް އޭނާއަކަށް ނޭންގޭނެއެވެ. ހިތްވަރު ދިނުމުގެ ގޮތުން އަހާން ކޮނޑުގައި މަޑު މަޑުން ޖަހާލުމަށް ފަހު އަހާން ގައިގައި އިޝަލް ބައްދާލިއެވެ.
މަސައްކަތް ނިންމާފައި ޒާޔާ އާއި މިންހާ ސިޓިންރޫމަށް ދިޔައިރު ޔޫސުފް އާއި އަލްޔަސް ވެސް ތިއްބެވެ. “އެއޮށް އައިނު އެލެކްގެ ޕާސަނަލް ވައިފް. ކޮބާ ރީތިކޮށް ނިމުނީތަ؟” މިންހާ އައުމާއެކު ފުރަތަމަ ވެސް ޔޫސުފް ދިމާކޮށްލީއެވެ. ވަގުތުން މިންހާ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
މިންހާއެކޭ އެއްފަދައިން އިޝަލް މޫނު މަތީގެ ކުލަވަރު ވެސް ބަދަލުވިއެވެ. ރަކި ވުމާއެކު އޭނާގެ އިސްތަށިގަނޑާއި ކުޅެން ފެށިއެވެ. ޔޫސުފްގެ ދިމާ ކުރުމަށް ދޭނެ ރައްދެއް ނޭންގުމުން ހަނު ހުއްޓެވެ.
ގިނަ އަހަރުތަކަކަށް ފަހު ބުންޑަސް ލީގާ ތާވަލުގެ އެއްވަނައިގައި ދި ޕޮއިންޓްގެ ލީޑަކާއެކު ބުރޯޝިއާ ޑޯރޓްމަންޑު އޮތެވެ. އެމީހުންނަށް އެ ހިސާބަށް އާދެވުނީ އިޝަލްގެ ހުނަރުވެރި މޮޅު ކުޅުމުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަނެއްކޮޅުން ޗެމްޕިއަނސް ލީގުގރ ކުއާރޓާ ފައިނަލުން ސްޕެއިންގެ ބާސެލޯނާ ކަޓުވާލުމަށް ފަހު ސެމީ ފައިނަލުން އެމީހުން ވަނީ ޖަގާ ހޯދާފައެވެ. ސެމީ ފައިނަލްގައި އެމީހުން ކުޅެން ޖެހެނީ ފްރާންސްގެ ޕީއެސްޖީއާ ދެކޮަށެވެ.
ޕްރިމިއާރ ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑާއިއެކު އާސެނަލް އޮތެވެ. އާސެނަލް ވެސް ވަނީ ކުއާރޓާ ފައިނަލްގައި ޖަރުމަނުގެ ގަދަ ބާރު ބަޔާންމިއުނިކް ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ސެމީ ފައިނަލުގައި އެމީހުން ވާދަ ކުރަން ޖެހެނީ ސްޕެއިން އަދި ޔޫރަޕުގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުލަބު ރިއަލް މެޑްރިޑާއި ދެކޮޅަށެވެ.
ޝާރިމްއަށް ރިއަން އުޅެނީ ޔާޒްގެ ކޮއްކޮ ޒާޔާއާއެކީ ކަން އެނގުމާއެކު ޔާޒް ކިބައިން ބަދަލު ހިފަން ޒާޔާއަށް ގެއްލުން ދިނުމުގެ ރޭވުން ރާވަން ފެށިއެވެ. އަހަރުތަކެއް ކުރިން ކޮއްކޮ ރިއަންގެ ބޮލަށް އެރިގެން އޭނާ ވަނީ އައިރާގެ ކިބައިން ރަނގަޅު ބަދަލެއް ހިފާފައެވެ. އަހާން އާއި ރިއަންއަކީ ގާތް އެކުވެރިން ކަމާއި ދެކުދިން އެއްކޮށް ފުޓުބޯޅަ އެކަޑެމީއެއްގައި ކުޅެން އުޅޭކަން އޭނާއަށް އެނގުނެވެ.
އަހުސަމް ފަދައިން މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމުގެ ހުވަފެން ކުޑަ ކުޑަ އަހާން ދެކެމުން ދިޔައެވެ. ބައްޕަ އަހުސަމްއެކޭ އެއްގޮތަށް ފުޓުބޯޅަ ކުޅުމުގެ ހުނަރު އަހާން ގައިގައި ހުއްޓެވެ. ރާއްޖޭގެ ކްލަބް އީގަލްސްގެ އެކަޑަމީގައި އަހާން ދިޔައީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. ރިއަންއަކީ އޭރު އަހާންގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ އެންމެ އިތުބާރު ކުރާ އެކަކަށް ރިއަން ވެގެން ދާނެއެވެ. އެނާ އާއި ރިއަންގެ އެކުވެރިކަމުގައި ރިއަން ޒާޔާއާ ވެސް އެކުވެރިވިއެވެ. އެހެނަސް ރިއަންއަށް ވުރެ ބޮޑަށް ފުޓުބޯޅަކުޅުގެ ހުނަރު އަހާން ގައިގައި ހުރެއެވެ. ކޯޗުގެ ލޮތްބާއި އިތުބާރު ރިއަން ވުރެ އަހާންއަށް ބޮޑެވެ. ފުރަތަމަ އެއީ މައްސަލައެއް ކަމުގައި ރިއަން ނުދެކެއެވެ. އެކުވެރިޔާއާ މެދު އޭނާ ވެސް ފަޚުރުވެރިވިއެވެ. ރިއަން ހިތުގައި އަހާންއާ މެދު ހަސަދަވެރިކަން އުުފެއްްދީ ޝާރިމްެއެވެ. ރިއަންގެ ކުޑަ ސިކުނޑިއަށް ފާޑުފާޑުގެ ވަސްވާސް ލައިދޭން ފެށިއެވެ.
ނުނިމޭ
2 Comments!
Comments are closed.
Wowwwwww I love this part also waiting for the next part of the story and be safe
I love to see another story from sis and I love it❤️❤️❤️ btw spelling mistakes hurikan faahaga kohlaanan. Dhen nerey episode akun spelling mistake eh nufennaane kamah unmeedhu kuran
TC SIS!!! ¡¡¡¡??