އެކުއްޖާ 2 – 18
* “ޒެލީ..!!” ބޮލުގައި އަތް އަޅައިގެން ތިރިވެ އިނދެ ނީޝަލްއަށް ހަޅޭއްލަވައިގަނެވުނެވެ. “ނީޝް..” ނެޒެލީއަށް ބުނެވުނެވެ. އައްސާފައިވާ އަތް މިންޖުކުރެވޭތޯ ބަލަމުންނެވެ. *
އަވްލީން ހުރީ ޑިއުޓީ ގަޑި ނިމުމުން ކައިޔަން ބަލާ އަންނަންދެން ހޮސްޕިޓަލުން ބޭރުގައި ހުރި ބެންޗެއްގައި އިށީނދެލައިގެންނެވެ. ފްރާންސްގެ ހަލަބޮލި މަގަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނާ އާއި ދިމާލަށް މީހަކު އަންނަކަމެއް އަވްލީން ނުދަނެ ހުއްޓެވެ. “އަވް…” މީހަކު އޭނާއަށް ގޮވާލުމާއި އެކީގައި އަވްލީން ފަހަތަށް އެނބުރި ބަލާލިއެވެ. ފަހަތުގައި އެރިކް އާއި އިފާ މަޑުކޮށްލައިގެން ހުއްޓެވެ. އެއީ އަވްލީންގެ ހިތުން ވަރަށް ބޮޑު ޖާގައެއް ދެވިފައިވާ ދެމީހުންނެވެ. އަވްލީންގެ ބޮލުގެ އޮޕަރޭޝަން ކުރިއިރު އެންމެ ގާތުގައިވީ އެރިކް އާއި ރަށުގައި ކިޔެވިއިރު އެންމެ ގާތްކޮށް އުޅުނު މިތުރު އިފާއެވެ. “އެރިކް.. އިފާ.. މިކޮޅުގައި..؟” އަވްލީން އެއްސެވެ. އިފާ އާއި އެރިކް ކައިވެނި ކުރިފަހުން އުޅެމުން ދިޔައީ ރާއްޖޭގައެވެ. ކުއްލިއަކަށް ފްރާންސްއިން އިފާ އާއި އެރިކް އާއި ބައްދަލުވުމުން އަވްލީންއަށް ވަނީ ބަޔާންކުރަން ނޭނގޭހާ ބޮޑު އުފަލެއް ލިބިފައެވެ. “ހްމްމް..” އިފާ އަޅުވާލީ ހޫމްއެކެވެ. ހުރިގޮތުން އެކަނިވެސް އިފާ ކަމަކާއި ހިތްހަމަނުޖެހިފައި ހުރިހެން ހީވެއެވެ.
“އެރިކް… ހާލު ކިހިނެތްތަ..؟ ކުދިންކޮޅުގެ ހާލު ރަނގަޅުތަ..؟” ބުނާނެ އެއްޗެއް ނޭނގުމުން އަވްލީން އެންމެފަހުން އެރިކް އާއި ކުރިމަތިލިއެވެ. “ރަނގަޅު.. އެކުދިންވެސް ރަނގަޅު..” އެރިކްވެސް ހުރީ ކަމަކާއި ހިތްހަމަނުޖެހިފައެވެ. “ކިހިނެތްވީތަ..؟” އެރިކް އާއި އިފާ ވާހަކަ ދައްކަމުން ދިޔަ ގޮތުން އަވްލީން ހާސްވާގޮތްވިއެވެ. “އަވް..” އިފާ ގޮސް ބެންޗުގައި ޖައްސައިލިއެވެ. “ކީއްވެގެންތަ ޝަލް ރާއްޖެއަށް ފޮނުވާލީ…؟” އިފާ އަހާލި ސުވާލުން އަވްލީންއަށް މަޖުބޫރުވީ އިސްދަށަށް ޖަހާލާށެވެ. “އެ ތެދެއް.. ކީއްވެ..؟” އެރިކްވެސް އެހިއެވެ. ”މިކޮޅުން އަނެއްކާ ނީޝްއަށް ދެރައެއް ލިބެން ނޭދޭތީ..” އަވްލީން މަޑުމަޑުން ބުނެލިއެވެ. “އެކަމަކު އަވްލީން.. އައި ޑޯންޓް ތިންކް ދެޓް އިޒް ގުޑް..” އެރިކް ކަންބޮޑުވެފައި ބުނެލިއެވެ.
“އިނގެޔޭ.. މިހާރު ރާއްޖެތެރެއަށް ފޮނުވުނުކަމުގެ މޮޔަވެސް ހިތަށްއަރާ.. މާޔާ އަހަރެމެންނަށް އެހާ ނަފްރަތު ކުރާކަމެއް އަހަރެންނަކަށް ނޭނގޭ.. މިވީހާ އަހަރުތަކުގެ ތެރޭގައިވެސް މާޔާ އަހަރެމެންނަށް ކުރަން ފެށި ނަފްރަތަކަށް ނިމުމެއް ނައި.. ނީޝްއަށް އަދި އެވަރަށް އަނިޔާވެރިވެފައި އަލުން އަނެއްކާ އެކަން ކުރަން މާޔާ ނިންމައިފި..” އަވްލީން ދެން ބުނެލި ވާހަކަ އިފާއަށް ގަބޫލު ކުރަން އުނދަގޫވިކަން އަވްލީންގެ މޫނަށް އިފާ ބަލާލިގޮތުން އެކަނިވެސް ފަހުމުވެގެން ދިޔައއެވެ. “އަދިވެސް..؟؟؟” އެރިކްވެސް ހައިރާންވެފައި ހުރެ ސުވާލު ކުރިއެވެ. ޖަވާބެއްގެ ގޮތުން އަވްލީންއަށް އެނގުނީ ބޯ ޖަހާލާށެވެ.
”ދެން އަވް ކީއްވެގެން ރާއްޖެއަށް ނުގޮސް ނޫނީ ނީޝް މިކޮޅަށް ނުގެނެސް ތި ހުންނަނީ..؟” އެރިކް އެއްސެވެ. “އަހަރެންނާއި ކައިޔަން އެކޮޅަށް ދާން ނިންމައިފިން.. އެކަމަކު އަހަރެންނަށް ޗުއްޓީ އެހާ އަވަހަށް ހަމަޖެހޭނެހެންނެއް ހިޔެއްނުވޭ..” އަވްލީން އެހާ ކަންބޮޑުވެފައި ނުހުންނާތީ އިފާ ހުރީ އާޝޯހު ވެފައެވެ. “އެހެންވިއްޔާ އަވް.. އަވް ތިހާ ރިލެކްސްވެފައި ތި ހުންނަނީ ކީއްވެގެން..؟” އިފާ އެއްސެވެ. ނުހުރެވިގެންނެވެ.
“އަހަރެން އިކުވާންމެންގެ ކައިރީގައިވެސް ބުނެފިން ނީޝަލް އުޅޭނޫޅޭ ގޮތް ބަލާލލަދޭށޭ..” އަވްލީން ބުނެލިއެވެ. “ރޫ އަކީ އެހާ އަވަހަށް ކަމެއް ކުރަން އުޅޭ މީހެއް ނޫން.. ރޫ ކަމެއް ކުރާނީ ވަރަށް ރަނގަޅަށް އެ ކުރަން އުޅޭ ކަމެއް ވިސްނާ ދުރާލާ ނިންމާފައި..” އަވްލީން އިތުރު ކޮށްލިއެވެ. ”ރޫ.. ރޫހާން ދޯ..؟ އެ މާޔާގެ ދަރިފުޅު ދޯ..؟ އޭ މަޑުކޮށްބަލަ..! އޭނަ ވީ ރާއްޖޭގައިތަ..؟؟” އިފާ ސިހިފައި ކަހަލަ ގޮތަކަށް އެއްސެވެ. “އަހަރެންނަކަށް ނުވެސް އިނގޭ ކިހިނެތްކަމެއް ރޫއަށް ނީޝަލް ރާއްޖެއަށް ދިޔަ ކަން އެނގުނީ.. އެކަމަކު މަށަށް ޔަގީން ވަނީ ރޫހާން އެހުރީ ރާއްޖޭގައި ކަން..” އަވްލީން ބުނެލިއެވެ. “އަހަރެންނާއި އިފާ މިކޮޅަށް މިއައީ އަހަރެންގެ ކޮއްކޮއަށް ވިޒިޓް ކުރަން.. އަހަރެމެން މިއުޅެނީ އަނބުރާ ރާއްޖެ ދާން..” އެރިކް ބުނެލިއެވެ. “ކޮންއިރަކު..؟” އަވްލީން އެއްސެވެ. “މާދަމާގެ ފްލައިޓް އިން..” އިފާ ޖަވާބުދާރީވިއެވެ.
“އިންޝާ ﷲ ރާއްޖެއިން ދިމާވާންވާނެ..” އަވްލީން އެހެން ބުނެލާފައި އެރިކް އާއި ސަލާމް ކޮށްލާފައި އިފާގެ ގައިގައި ބައްދާލިއެވެ.
“މަންމާ…” ނީޝަލްއަށް ވީގޮތުން ހޫރީންވެސް ދިޔައީ ސިއްސައިގެންނެވެ. އިޒްކާން ކޯކުތައްޓަކާއި ކޯކު ތައްޓެއް ދޫކޮށްލާފައި އަވަހަށް ނީޝަލްގެ ދެކޮނޑުގައި ހިފަހައްޓާލީ އެހެން އެކަކަށްވުރެ ވެސް ކުރިންނެވެ. “ނީޝަލް..” ހައިނާ ހާސްވެފައި އަވަހަށް ނީޝަލްއަށް ގޮވާލިއެވެ. “މާ ބިރުގަތީދޯ…” އިކުވާން އަވަހަށް ނީޝަލްގެ އަތުގައި ހިފާ ސޯފާގައި ބޭންދިއެވެ. އޭރު އިޒްކާން ދިޔައީ ހުއްޓާލުމެއް ނެތި ނީޝަލްގެ ބުރަކަށީގައި ފިރުމަމުންނެވެ. ބަލާލާ މީހަކަށް އިޒްކާންގެ ދެލޮލުންނާއި މޫނުމަތީގެ ކުލަވަރުން އެކަނިވެސް އިޒްކާން ނީޝަލް ދެކެ ލޯބިވާ މިންވަރު އެނގޭނެއެވެ.
“މާދަމާ ދޯ ދެން އަނެއް ބައި ބަލާނީ..؟” ނީޝަލްއަށް ވީގޮތުން ކަންބޮޑުވެފައި ހުރެ ހޫރީން ބުނެލިއެވެ. “އާނ މާދަން އެބައި ބަލާނީ… މިވަގުތަށް އަހަރެން ނީޝަލް ގޮވައިގެން ގެއަށް ދާނަން..” އިޒްކާން ބުނެލިއެވެ. ހޫރީންގެ ވާހަކައާއި އެއްބަސްވަމުންނެވެ. “މައްސަލައެއް ނެތް… އިޒްކާން ނީޝަލްއަށް ބަލައިގެން އުޅެއްޗޭ..” ހައިނާ އެހެން ބުނުމުން ހެވިފައި ހުރެ އިޒްކާން ބޯ ޖަހާލިއެވެ. ދެލޯ މަރައިގެން އިން ނީޝަލް ކުޑަކޮށް ގަޔާއި ކައިރިކޮށްލިއެވެ. ނީޝަލް ހަމައަކަށް އެޅުނީ އޭގެ ދިހަވަރަކަށް މިނެޓް ފަހުންނެވެ. އޭރު ވެސް ނީޝަލްގެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުގަނެފައިވާ މިންވަރެވެ. އެ ދިގު އެސްފިޔަތައް އަވަސް އަވަހަށް ޖަހަމުން ދިޔައިރު އެ ރީތި ދެލޯ ވަނީ ކަރުނުން ބަރާވެފައެވެ. ހީވަނީ ދެންމެދެންމޭން ކަރުނަތައް އޮހިގެންފާނެހެންނެވެ. ނީޝަލްއަށް ފިލްމަކުން އެވަރު ވުމުން އިޒްކާން ހުރީ ހައިރާނާއި އެއްވަރަށް ދެރަވެސް ވެފައެވެ.
“ދަނީ އިނގޭ…” ނީޝަލްގެ މަޑު ފުށްގަނޑެއްފަދަ އަތް އޭނާގެ އަތްތެރެއަށްލާ ފޮރުވާލަމުން އިޒްކާން ހޫރީންއަށް ހަނާ އަޅާލިއެވެ. އިޒްކާންމެން ނުކުތުމުން ހޫރީން ގަޑިއަށް ބަލާލިއެވެ. “މާތްކަލާކޯ..!!!” ހޫރީންގެ ދެލޯ އަތަށް ނައީ ކިރިޔާއެވެ. “ފަހެއްޖަހަން އެއުޅެނީ… މަންމާ އަޅުގަނޑު ވަރަށް އަވަހަށް އެބަ އަންނަން… ފިހާރައަށް ގޮސްފައި..” ބޭރަށް ދާން ހޫރީން އަވަހަށް ބަހަނާއެއް ހަދާލިއެވެ. “ނޫން ދަރިފުޅާ… މިހާރު ކުދިން ވަރަށް އެބަ ގެއްލެޔޯ ރަށުތެރެއިން.. ހުސް އަންހެންކުދިން.. މަށަށް ޔަގީން ހަމަ މިކޮޅުގައި މިއުޅޭ ނުސިޔާނު ފިރިހެންދަރިން ކަން އެކަން ކުރަނީ… މިހާރުގެ ހާލަތުދޯ… ދެން ކީއްކުރާނީ…” ހައިނާ ބުނެލިއެވެ. “ދެން މޯމްމްމް… ޕްލީޒް..” ހޫރީން އެދުނެވެ. ”ބައްޕަ އާއި އެކީ ދާންވީއެއްނު..” ހޫރީން އެހާވަރަށް އާދޭސް ކުރާތީ ހައިނާއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. “އާނ އެއީ ތެދެއް.. ދަރިފުޅު ރެޑީވެލާ.. ބައްޕަ މިހުރީ ސައިކަލުގައި ބޭރުގަ..” އިކުވާން ހޫރީންއަށް ހިނިތުން ވުމެއް ހަދިޔާކޮށްލާފައި ބުނެލިއެވެ.
ވަގުތުން ފުމެމުން ކަހަލަ ގޮތަކަށް ހޫރީން ގޮސް ކޮޓަރިއަށް ވަނެވެ. ދިޔުމުގެ ކުރިން ކުޑަކޮށް ރީތިވެލާށެވެ. ހަވީރު ގަޑީގައި އޭނާ ނިންމައިގެން ހުރީ މައި ކޭކްސް ކެފޭ އާއި ދިމާއިން މައިހާ ގެއްލުނު ތަން އަލުން ބަލާލަން ދާށެވެ. މަޣްރިބް ނަމާދަށް ގޮވަންވާއިރަށް އެހިސާބަށް ފޯރޭނެބާއޭ ހޫރީންގެ ހިތަށް އެރިއެވެ.
އިޒްކާން ނީޝަލް ގޮވައިގެން ވަނީ ރެސްޓޯރެންޓަކަށެވެ. ބަސްމަދުވެ ހިނިތުން ގެއްލިފައިވާ ނީޝަލްގެ މޫނުމަތީގެ ކުލަވަރު އެކީއެކަށް ބަދަލުވީ ދެނެވެ. “ވާއު އަދި އަލަށް މި ރާއްޖޭގެ ރެސްޓޯރެންޓަކަށް ވަނީ.. އިޓް ލުކްސް ސޯ ޕްރީޓީ…” ނީޝަލް ބުނެލިއެވެ. ވަށައިގެން ހޯދަމުންނެވެ. ނީޝަލްއަށް ބަލަން ހުރި އިޒްކާންއަށް ހުންނަން ޖެހުނީ ހީނލަހީނލައެވެ. “ދެންވެސް މިތާ އިށީނދެބަލަ.. ކޯޗެއް ގެންނަންވީ..؟” އިށީންނަމުން އިޒްކާން އެއްސެވެ. “އިޒްކާން ބޭނުން ކޮންމެ އެއްޗެއް އަހަންނަށްވެސް އޯކޭ..” ނީޝަލް އަވަހަށް ޖަވާބުދިނެވެ. ބީޗް ވިއު ލިބޭ އެ ރެސްޓޯރެންޓްގެ އެތަން މިތަނުގައި ފެއަރީ ލައިޓްސް ހަރު ކޮށްފައިވެއެވެ. އިޒްކާން ދެ މިނީ ސަބްމެރިންއަށް އޯޑަރު ދިނެވެ. “ބޯން ކޯޗެއް..؟” އިޒްކާން އެއްސެވެ. “އަމްމްމް…” ނީޝަލް މެނޫއަށް ބަލަހައްޓައިގެން ހުއްޓެވެ. “މިލްކްޝޭކް…” ނީޝަލް ދަތްކޮޅު ދައްކާލާ ހީނލާފައި ބުނެލިއެވެ. “އޯކޭ.. މަށަށް އައިސްޑް ކޮފީއެއް..” އިޒްކާން ބުނެލިއެވެ.
ކާއެއްޗެހި ގެނެސްދިނުމުން ދެމީހުންވެސް ކާންފެށީ ތަފާތު ވާހަކަތަކެއް ދައްކަމުންނެވެ. “ޓެލް މީ މޯރ އަބައުޓް ޔޫ…” އިޒްކާން އަހާލި ސުވާލުން ނީޝަލް ކޮށިނޭރީ ކިރިޔާއެވެ. “މިހާރު އަހަރެންނާއި ބެހޭގޮތުން ނޭނގޭ ކަމެއް އެބައޮތްތަ..؟” ނީޝަލް ވެސް އެހީ ސުވާލެކެވެ. “އާނ ހަމަ އޮވެދާނެދޯ.. ކިހިނެތް އެނގޭނީ.. ބައެއް މީހުން ކިޔާއުޅޭ އެންމެ ރީތި ކުދިންގެ އޭ އެންމެ ސިއްރު ގިނަވާނީ..” އިޒްކާން ބުނެލިއެވެ. “އެންމެ ތިން އަހަރުންސުރެ ފަށައިގެން ފްރާންސްގައި އުޅެއުޅެފައި ދެން މިކޮޅަށް ބަދަލުވީ.. ދެޓްސް އޯލް… އަހަރެންގެ ލައިފް ޑޮކިއުމެންޓްރީއެއް ހަދާހާ އިންޓްރެސްޓިންގއެއް ނުވާނެ.. ލޮލް..” ނީޝަލް ބުނެލިއެވެ.
“ނީޝަލް ތި ބުނީއެއްނު އެންމެ ކުރިއްސުރެ ފަށައިގެންވެސް އުޅުނީ ފްރާންސްގައޭ..؟ އެހެންވިއްޔާ ބުނެބަލަ.. އެކޮޅުގެ އެކުވެރިންތައް ކޮބާ..؟ މަ ނުދެކެން އަދި އެންމެ މީހަކަށްވެސް ނީޝަލް މެސެޖެއް ކޮށްލިތަނެއް.. ނޫނީ ގުޅައިގެން އުޅުނު ތަނެއް ވެސް..” އިޒްކާން އޭނާގެ ހިތުގައި އުފެދެމުން އައި ސުވާލު ތަކުގެ ތެރެއިން އެއްސުވާލު ކޮށްލިއެވެ. “އެންމެންނާއި ވެސް ވާހަކަ ދައްކަން.. އެކަމް އެންމެ ކްލޯޒްކޮށް ވާހަކަ ދައްކާނީ ޒެލީ އާއި އޯރެލް އާއި ރޫ އާއި އެކަނި..” ސަބްމެރިން ކަމުން ނީޝަލްއަށް ބުނެވުނީ ކީކޭކަންވެސް ރޭކައެއްނުލިއެވެ. އިޒްކާންއަށް ބުމަ އަރުވާލެވުނެވެ. “ޒެލީ..؟ އޯރެލް..؟ ރޫ..؟ އެ ކޮންބަޔެއް..؟؟” އިޒްކާން އެއްސެވެ. މީގެ ކުރިން ނީޝަލް އެއިން މީހެއް ވާހަކަ ކިޔައިދީފައި ނުވާތީއެވެ. ނީޝަލް ތުންފަތުގައި ހަފާލިއެވެ. “ޒެލީ.. މަގޭ ބެސްޓްފްރެންޑް… އޯރެލް.. މަގޭ ވަރަށް ކްލޯޒް ފްރެންޑެއް… ދެން ހުންނަނީ ރޫހާން…….” އިނގިލިތައް ބޭނުންކޮށްގެން ގުނަމުން ވާހަކަ ދެއްކި ނީޝަލްއަށް މަޖުބޫރުވީ ވާހަކަ މަޑު ޖައްސާލާށެވެ.
“ޒެލީ….” ނީޝަލްއަށް މަޑުމަޑުން ބުނެވުނެވެ. “ޒެލީ… ނެޒެލީ….” ނީޝަލްއަށް ކޮޅަށް ތެދުވެ އެ ތަނުން ނުކުންނަން ހިނގައިގަނެވުނީ އިޒްކާން ގޮވަގޮވާ އޮއްވައެވެ. “ޒެލީ… މަގޭ ބެސްޓްފްރެންޑް.. ވައި ކާންޓް އައި ރިމެންބަރ އެނީތިންގ… ކީއްވެގެންތަ… ޒެލީ މަތިން ހަނދާންނުވަނީ..؟” ނީޝަލް ކުރިއަށް ނެގި ފިޔަވަޅު މަތީގައި ހުއްޓެން ޖެހުނީ އިޒްކާން އޭނާގެ މުލައްދަނޑީގައި ހިފާ ބާރު ކޮށްލުމުންނެވެ. “ޒެލީ…” ނީޝަލް ހުއްޓުމެއް ނެތި ތަސްބީހައެއް ފަދައިން އެ ނަން ކިޔަމުން ގެންދިޔުމާއި ނީޝަލްއަށް ދޭތެރެ ދޭތެރެއިން މި އަންނަ އާދަޔާޚިލާފް ބަދަލުތައް އިޒްކާންގެ ސިކުނޑި ހާސް ކޮށްލައިފިއެވެ.
ރަށުތެރެއިން ދިމާވި އަނގަގަދަ އަންހެންކުއްޖަކާއި އެކުވެރި ވެލައިގެން ޒީޝްގެ ހަވީރު ނިމިގެން ދިޔައީ އަމާންކަމާއި މަޖަލާއެކީގައެވެ. ލައިގެން ހުރި އޮރެންޖް ކުލައިގެ ކްރޮޕްޓޮޕް ރީތި ކޮށްލާފައި ޖިންސްގެ އެއްޖީބަށް ޒީޝް އަތް ޖަހާލީ ފިނިވާން ފެށުމުންނެވެ. “އޭ މަޑުކޮށްބަލަ…” ޒީޝްގެ ފިޔަވަޅުތައް މަޑު ޖެހުނީ ދެން އިވުނު އަޑުންނެވެ. ފިރިހެންވަންތަ އަޑެކެވެ. އިސްތަށިގަނޑާއި ކުޅެލާފައި ޒީޝް ފަހަތް ބަލާލިއެވެ. އޭރު މާ ދުރު ނޫން ހިސާބެއްގައި ފިރިހެންކުއްޖެއް ހުއްޓެވެ. “މަށަށްތަ ތި ގޮވީ..؟” ޒީޝް އެއްސެވެ. ޔަގީން ކުރުމުގެ ބޭނުމުގައެވެ. “އާނ.. ރީތިކަމުން ދެން ގޮވާލާ ހިތްވެސް ވާނެތާ.. ތި ކުއްޖާގެ ނަން ބުނެދީބަލަ..” އެ ފިރިހެންކުއްޖާގެ ޖެހިލުންވުމޭ މިކިޔާ ސިފަ ހުރިހެންނެއް ހިޔެއް ނުވެއެވެ. ޒީޝް އިތުރަށް ގަޔާވިއެވެ. މީގެ ދެތިން ދުވަސްކުރިން ރައިހާންގެ ހަނދާނުގައި އެޅިހާ ކަރުނައެއް އެ ސިކުންތުގެ ތެރޭގައި ހަނދާންނެތިގެން ދިޔަ ކަހަލައެވެ.
“މަށަށް ކިޔަނީ ޒީޝް… ތިއީ ކާކު..؟” ޒީޝް ތައާރަފްވެލިއެވެ. އެ ފިރިހެންކުއްޖާގެ ބޮލުން ފެށިގެން ފަޔަށް ނަޒަރެއް ހިންގާލަމުންނެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑަކާއި އަޅައިގަންނަކަހަލަ ގޮތެއް ހުރި މޫނެކެވެ. އެ ފިރިހެންކުއްޖާ ދަތްތައް ދައްކާލަމުން ހިނިތުންވެލިއެވެ. ޒީޝް އެންމެ ބޮޑަށް އަޅައިގަތީ އެ ފިރިހެން ކުއްޖާގެ ފޭރާދަތުގައެވެ. އެދަތް އާދަޔާޚިލާފަށް ދިގެވެ. ނަމަވެސް އެއް ގޮތަކަށްވެސް އައިބެއް ނޫނެވެ. މިއީ ވެންޕަޔަރެއް ނޫން ބާވައޭ ހިތަށްއަރާ ޒީޝްއަށް މަޖާވިއެވެ. އަދި ނުހަނު ގަޔާވެސް ވިއެވެ. “ޒީޝް ދޯ ކިޔަނީ.. ވަރަށް ރީތި ނަމެއް… ތިކުއްޖާ އާއި ވަރަށް ގުޅޭ… މަށަށް ކިޔަނީ މާޔަން…” މާޔަން އަމިއްލައަށް ތައާރަފްވެލައިފިއެވެ.
ޒީޝް ހީނލިއެވެ. ޒީޝްގެ ކޯތާފާތަށް އެޅުނު އަޑިކޮޅަށް ބަލަން އާޝޯހުވެފައި ހުރި މާޔަން ފެނިފައި ޒީޝް އިތުރަށް ހިނިއަންނަގޮތްވިއެވެ. “ދެން ދަނީ…” މާޔަން މާވަރަކަށް ބަލަން ފެށުމުން ޒީޝް ލަދުގަންނަ ގޮތްވިއެވެ. “އޭ އާނ އޯކޭ… ނަންބަރު ދީބަލަ ދިޔުމުގެ ކުރިން..” މާޔަން އެދުނެވެ. ދެކޮޅު ހަދަން ނުކެރިގެން ޒީޝް މާޔަންއަށް ނަންބަރު ދިނެވެ. އަދި މަޑުމަޑުން އަތް ހޫރުވާލާފައި ޒީޝް ގެއާއި ދިމާލަށް ހިނގައިގަތެވެ. ޒީޝް ހިސާބަކަށް ގޮސް ފަސްއެނބުރި ބަލާލިއިރު މާޔަން އެހުރިގޮތަށް ޖީބަށް އެއް އަތް ޖަހާލައިގެން ހުއްޓެވެ. އަނެއްކާވެސް ހަނާ އަޅާލާފައި ޒީޝް ކުރިއަށް ހިނގައިގަތްއިރު ތުންފަތް މަތީގައި ދުވެލާފައިވީ ހިނިތުންވުން ސިއްރެއްނުވާނެއެވެ.
ގެއަށް އައިސް އެނދަށް ވެއްޓިގަނެވުނުގޮތަށް ނީޝަލްއަށް ވިސްނެން ފެށުނީ މިއަދދު ވީ ކަންތައްތަކާއި ދޭތެރޭގައެވެ. “ޒެލީ.. ނެޒެލީ.. މަގޭ އެންމެ ގާތް އެކުވެރިޔާ… އެކަމަކު..” ނީޝަލްއަށް ނެޒެލީ އަކީ އޭނާ އާއި ގުޅުމެއްވާ ފަރާތެއް ކަން ހަނދާންވިއެވެ. އެކަމަކު އިތުރަށް އެކައްޗެއްވެސް ހަނދާނެއް ނުވިއެވެ. “ނެޒެލީ.. ނެޒެލީ… ޒެލީ.. ޒެލީ..” ލަވައެއް ހެން ނީޝަލް އެހެން ކިޔަމުން ގެންދިޔައެވެ. މަޣްރިބް ނަމާދު ކޮށްލައިގެން ނީޝަލް އެނދުމަތީގައި އޮތްއިރު ޓެން އޮތީ ނީޝަލްގެ ބަނޑުމަތީގައެވެ. ނީޝަލް ކަމަކާއި ދޭތެރޭ ފިކުރު ކުރާކަން އެސޮރަށްވެސް އިހުސާސްވީ ކަންނޭނގެއެވެ.
“ޒީޝް.. ހާދަ ލަހަކުން..” ހިތްހަމަނުޖެހިފައި ހުރެވެސް ޒިވީން ވާހަކަ ދެއްކީ ރީއްޗަށެވެ. ނަމަވެސް ޒިވީންގެ އަޑުގައި އެ ފޮރުވިފައިވާ ހިތްހަމަނުޖެހުން ޒީޝްއަށް ސިއްރެއް ނުވިއެވެ. “ސޮރީ ތިއްތާ.. ދެން ލަހެއް ނުވާނަން…” އަވަސްއަރުވާލާފައި ބޫޓު ބާލާފައި ދުވަމުން ޒީޝް ކޮޓަރިއަށް ވަނީ ސޯފާ ގައި އިޝްހާ އާއި ވާހަކަދައްކަން ޒާތެއްގެ ރަކި ހިނިތުންވުމެއް ދައްކާލައިގެން އިން ނައިލްއަށް ދިމާ ކޮށްލާފައެވެ. އޭރު އައިން ނައިލް އާއި ޖެހިގެން އިނެވެ. ޒުކާން އުނގަށް ލައިގެން ޒުކާންއަށް އާފަލު ކާންދޭށެވެ. ބޮޑާ ނުހާކާ ކުދިކުދިކޮށް ކޮށާފައިވާ އާފަލުތައް ޒުކާން ހުސް ކުރަމުން ދިޔައީ ބަސްއަހާ ކުއްޖެއް ފަދައިންނެވެ.
“ނީޝް…!!!” ކޮޓަރިއަށް ވަދެ ޒީޝް ހަޅޭއްލަވައިގަތްގޮތުން ނީޝަލްގެ އިތުރުން ޓެންވެސް ދިޔައީ ސިހިގެންނެވެ. “ކިހިނެތްވީ ކުޑާ..؟” ނީޝަލް އެއްސެވެ. އާދައިގެ ރާގެއްގައެވެ. “ގެސް ވަޓް…؟” ޒީޝް ދިޔަގޮތަށް ގޮސް އެނދުގައި އިށީނެވެ. “ވަޓް..؟” ނީޝަލް އެއްސެވެ. “ކުޑާއަށް ވަރަށް ނައިސް ކުއްޖަކާއި ދިމާވެއްޖެ..” ޒީޝް ހޫނު ޚަބަރުގެ ސުރުހީ އަޅާލިއެވެ.
ކައިޔަން ކައިގެން ޓީވީ ބަލަން ޖައްސާލުމުން އަވްލީން ދިޔައީ ތަށިތައް ދޮންނާށެވެ. ސިންކް ކައިރީގައި ހުންނަ ކުޑަދޮރުން ރީއްޗަށް އަވްލީންމެން ގޭގެ ބޭރުގައިވާ މަންޒަރުތައް ފެނެއެވެ. އޭރު ދެ ފިރިހެން ކުއްޖެއް ސަކަރާތްޖަހަން ހުއްޓެވެ. އެދިމާ ހަމަހިމޭނެވެ. ރޭގަނޑުގެ ވަގުތުކަމުން އެ މަގު ކުޑަކޮށް ނަމަވެސް ހަމަހިމޭނެވެ. މޫނުގައި ބީހިލި ލުއި ވައިރޯޅިން އަވްލީންއަށް ދެލޯ މަރާލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އަވްލީންއަށް ގޭ ދޮރުމަތީގައި ހަރުކޮށްފައިވާ ރީނދޫ އޮރެންޖް ކުލައަކަށްދާ ލައިޓްގެ ދަށުން މީހެއްގެ ހިލަންވިއެވެ. ދެލޯ ހުޅުވާލާފައި އެދިމާލަށް ބަލާލެވުނީވެސް އެހެންވެއެވެ.
“މާޔާ…” އަވްލީންގެ ދުލުން ބޭރުވިއެވެ. އޭރު ގޭ ދޮރުމަތީގައިވާ ތިން ހަރުފަތުން ދެވަނަ ހަރުފަތް މަތީ ކަކުލުގައި ބޯ ޖައްސާލައިގެން އިން މާޔާ ހީވަނީ ހަންޑިއެއް ހެންނެވެ. އިސްތަށިގަނޑު ހާވާލާފައި ހުރުމުން އަވްލީންގެ ގައިން ހީބިހިން ފުރުނީ ހިނދުކޮޅެއްގެ ތެރޭގައެވެ. މާޔާ އިން ތަނުން ތެދުވިއެވެ. މާޔާ ލައިގެން ހުރި ހެދުން ފެނިފައި އަވްލީންއަށް ދެތިން ފިޔަވަޅު ފަހހަތަށް އެޅުނެވެ. އާނއެކެވެ. އެ ހެދުން އަވްލީން އަކަށް އޮޅުވައެއް ނުލެވޭނެއެވެ.
އަވްލީން ކުޑަދޮރު ލައްޕާލިއެވެ. އެ ވަރުން ނުވެގެން ދޮރު ފޮތިގަނޑު ވެސް ދަމާލިއެވެ. އެއަށްފަހު އެ ގޭގެ ދޮރުތައް ހުރީ ތަޅުލާފައިތޯ އަވްލީންއަށް ޗެކް ކުރެވުނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ. ކައިޔަން ޓީވީ ބަލަން ބައިންދާފައި އަވްލީންއަށް ވަދެވުނީ ކޮޓަރިއަށެވެ. އެނދުގެ މަގަތުގައި އިށީނދެވުނު ގޮތަށް އަވްލީންއަށް ބޮކި ނިވާލެވުނެވެ. އަދި އެނދުގައި ޖައްސާލިއެވެ. ސީލިންގ ގައި ހަރުކޮށްފައިވާ ގްލޯ އިން ދަ ޑަރކް އަކުރުތަކަށް ބަލަން އަވްލީންއަށް އޮވެވުނެވެ.
“މާޔާ..” އަވްލީންގެ ލޮލުން ކަރުނަ ހިލުނެވެ. އަވްލީންއަށް ފީނައިގަނެވުނީ މީގެ ބާރަވަރަކަށް އަހަރު ކުރީގެ ހަނދާންތަކަށެވެ. އެއީ އަވްލީންގެ ހަޔާތުގައި ލިޔެވުނު މާޔާ ނަމަކަށް ކިޔުނު ބާބުގެ ފެށުމެވެ. އަވްލީންގެ ހަޔާތަށް ހެޔޮކަމުގެ ސިފައިގައި އައި ބިރުވެރި ޒަލްޒަލާގެ ހަނދާންތަކެވެ. އެ ހަނދާންތައް އާވާން ފެށުމުން އަވްލީން އެއްއަރިއަކަށް އޮށޯވެލިއެވެ.
ބާރަ އަހަރު ކުރިން **********
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





Wow vrh sali mi part vxx Masha Allah
Neesh ah veegoi dhw I think slowly slowly hurihaa kameh hadhaan vamun hen edany
Next part gaa maayaa men ge baa anaane dhw I mena past so waiting for that vrh curious♥️♥️♥️
Kurin part ah vxx kurin cmnt eh I guess publish eh nuvey
Waiting for the next part
Love uuuuu ♥️♥️
Stay safe and take care ♥️♥️
Wow this part is so very nice me and my family are waiting For the next part of the story.