
އެކުއްޖާ 2 – 19
“މާޔާ..” އަވްލީންގެ ލޮލުން ކަރުނަ ހިލުނެވެ. އަވްލީންއަށް ފީނައިގަނެވުނީ މީގެ ބާރަވަރަކަށް އަހަރު ކުރީގެ ހަނދާންތަކަށެވެ. އެއީ އަވްލީންގެ ހަޔާތުގައި ލިޔެވުނު މާޔާ ނަމަކަށް ކިޔުނު ބާބުގެ ފެށުމެވެ. އަވްލީންގެ ހަޔާތަށް ހެޔޮކަމުގެ ސިފައިގައި އައި ބިރުވެރި ޒަލްޒަލާގެ ހަނދާންތަކެވެ. އެ ހަނދާންތައް އާވާން ފެށުމުން އަވްލީން އެއްއަރިއަކަށް އޮށޯވެލިއެވެ.
ބާރަ އަހަރު ކުރިން **********
ހޮސްޕިޓަލުގެ ބޭރުގައި މަޑުކޮށްލައިގެން ހުރި އަވްލީންގެ އިންތިޒާރަށް ނިމުމެއް އައީ ކައިޔަން ކާރުގައި އޭނާ ބަލާ އައުމުންނެވެ. ހޮސްޕިޓަލުން ޗުއްޓީ ނަގާފައިވާތީ އަވްލީން ޑިއުޓީއަށް ދާކަށް ނުޖެހެއެވެ. މިއަދަކީ ފަރުހާން (އަވީނާގެފިރިމީހާ) ގެ މަރަށް ސޯޅަ މަސް ވީ ދުވަހެވެ. އަވްލީން އަވީނާގެ މަތިން ހަނދާންވިއެވެ. އެ ދުވަހުގެ ފަހުން އަވީނާ ގިނައިން އޮންނަނީ ގޭގައެވެ. މީހަކާއި އަނގައިން ބުނެ ހަދަނީވެސް ވަރަށް މަދުންނެވެ. ފަރުހާންގެ ކުއްލި ވަކިވެ ދިޔުމުން އަވީނާގެ ހިތަށް އެ ކޮށްފައިވާ ފުން އަސަރު އަވްލީންއަށް އަންދާޒާކޮށްލަންވެސް ދައްޗެވެ.
އުރުގައި ފަސްވަރަކަށް އަހަރުގެ ނީޝަލް އިނީ އަނގަޔަށް އިނގިލި ލައިގެންނެވެ. އޭރު އަށްމަހަށް އަޅާފައިވާ ބަނޑާއި އެކީގައި އަވްލީން ފެންނަލެއް ނުހަނު ލޯތްބެވެ. “އަވަހަށް އަރާ..” ހީނލާފައި ކައިޔަން ބުނެލިއެވެ. އަވްލީން ކާރަށް އެރުމުން ކައިޔަން ކާރު ދުއްވާލައިފިއެވެ. ފްރާންސްގެ ކާރޫބާރު ބޮޑު މަގުތަކުގައި ކައިޔަން ކާރު ދުއްވަމުން ގެންދިޔައީ ކުޑަކޮށް ބާރަށް ނަމަވެސް ވަރަށް ފަރުވާތެރި ވެގެންނެވެ. “ތެންކިއު އިނގޭ އަވްލަވް…” ކައިޔަން އެހެން ބުނެލިގޮތަށް އަވްލީންގެ ކޯތާފަތުގައި މަޑުމަޑުން އަތް ބީއްސާލިއެވެ. “ކޮން ކަމަކާ..؟” އަވްލީން ދެލޯ ކުޑަ ކޮށްލާފައި އެހެން އަހާލީ ކައިޔަން އެ ދައްކަނީ ކޮން ވާހަކައެއްކަން ފަހުމު ނުވެގެންނެވެ.
“މަށަށް ލިބެން އުޅޭ ގިފްޓަށް..” އަވްލީންގެ ބަނޑަށް އިޝާރާތް ކޮށްލާފައި ކައިޔަން ބުނެލިއެވެ. “އޯވް ކައީ..” އަވްލީން ހިނިތުންވެލި ގަޑީގައި ދެކޯތާފަތަށް ރަތްކަމެއް ވެރިވިއެވެ. “މަށަށް ޔަގީން ދެންވެސް ލިބޭނީ އަވް ކަހަލަ ލޯބިލޯބި ޕްރިންސެސްއެއް ކަން.. ދޯ ޝަލް ދަރިފުޅާ..؟” ކައިޔަން ފަހަތު ސީޓުގައި ޓެޑީ ބެއަރ އަކާއި ކުޅެލަ ކުޅެލާ އިން ނީޝަލްއަށް ‘ދޯ’ ދިނެވެ. “ނިއު ބޭބީ ސިސް ޔޭއި..” ކައިޔަން ދެއްކި ވާހަކަ ރަނގަޅަށް ފަހުމު ނުވިޔަސް ނީޝަލް ދެއަތް ޖަހާލާފައި އެހެން ބުނި އަޑު އިވުމުން އަވްލީންގެ ގާތަށް ހިނި އައެވެ.
“ނޫނޭ.. އަވްއަށް ހީވަނީ މިފަހަރު އިރާދަކުރެއްވިއްޔާ ލިބޭނީ ކައި ކަހަލަ ހޭންޑްސަމް ޕްރިންސްއެއް ހެން… ދޯ ދަރިފުޅު.. ޑެޑީ ކަހަލަ ހޭންޑްސަމް ބޭބީ އެއް އޯކޭވާނެ ދޯ..؟ އޭރުން ޝަލްކޮކީ އާއި އެކީގައި ކުޅެން ބޭބީ ބްރަދަރ އެއް…” އަވްލީން ވެސް ބުނެލިއެވެ. “ނޯ.. ޝަލް ބޭނުމީ ބޭބީ ސިސްޓާރއެއް..” ފިރިހެން ކޮއްކޮއެއްގެ ވާހަކަ ދެއްކުމުން ހިތްހަމަނުޖެހިފައި ނީޝަލް ދުރު ބަލާލިތަން ފެނިފައި އަވްލީން މަޑުމަޑުން ނީޝަލްގެ ކޮލުގައި ހިފާލާ އިސްތަށިގަނޑު ރީތި ކޮށްދިނެވެ.
“އަވަހަށް ވަދޭ… ޝަލްކޮއްކީ… ޑެޑީ މި ދަނީ އިނގޭ… އިރާދަކުރެއްވިއްޔާ މިރޭ އަންނަމުން ބައިވަރު ޗޮކްލެޓް ގެނެސްދޭނަން..” އަވްލީން ކާރުން ފައިބާފައި ނީޝަލް ބޭލުމުގެ ކުރިން ކައިޔަން ބުނެލިއެވެ. “އަދި އާފަލުވެސް ބައްޕާ..” ނީޝަލް އެހެން ބުނުމުން ކައިޔަން ހީނލިއެވެ. “ލައްބަ ގެނެސްދޭނަން އިނގޭ… ދަރިފުޅު މަންމިއަށް އެހާ އުނދަގޫ ނުކުރައްޗޭ އިނގޭ..” ކައިޔަން ނީޝަލްގެ ކަންފަތްދޮށަށް ގުދުވެލިއެވެ. “ޑެޑީ އައީމަ ދެކުދިން ވެގެން މަންމިއަށް ކުޑަކޮށް ޖެއްސުން ކޮށްލާނީ..” ކައިޔަން ހިނިއައިސްފައި އެހެން ބުނުމުން ނީޝަލްވެސް ލޯބި ހިނިގަނޑެއް ޖަހާލާފައި ކައިޔަންގެ ކަރުގައި އޮޅުލައިގަތެވެ. “ބާއި…!!” ކައިޔަން ކާރު ދުއްވާލުމުން އަވްލީން އާއި ނީޝަލް ކައިޔަންއަށް އަތް ހޫރާލިއެވެ. އަވްލީން ނީޝަލްގެ އަތުގައި ހިފައިގެން ގެއަށް ވަންނަން ދިޔައެވެ. ދެމައިންވެސް ގެއަށް ވަނީ މިއަދު މީ އެމީހުންނާއި ކުރިމަތިވާން އުޅޭ ބޮޑު މުސީބާތުގެ ފެށުންކަން ނޭނގިހުރެއެވެ.
ރޭގަނޑުގެ ވަގުތެވެ. ނީޝަލް ފެންވަރުވާ ނިންދަވާފައި އަވްލީން އުޅުނީ ކައިޔަން އަންނަންވާއިރަށް ކާން ހެދޭތޯއެވެ. “އަޅެ މިގަޑީ..؟؟” އަވްލީން ތަށިތައް އަތުރަން ހުއްޓާ ވާރޭ އޮއްސައިގަތް އަޑު އިވުމުން ތުންފަތުގައި ދަތް އަޅާލާފައި އަވްލީންއަށް އެހެން ބުނެވުނީ ފޫހި ރާގަކަށެވެ. ދެވުނުހާ އެންމެ ހަލުވިކޮށް އަވްލީން މިސްރާބު ޖެހީ ބެލްކަންޏާއި ދިމާލަށެވެ. ހަވީރު ހިއްކަން އެޅުވި އަންނައުނުތައް ތެމިދާނެތީ އަވަހަށް އެ ނެގުމަށެވެ. “މިވެސް އަނދާފައި ދޯ..؟” ބެލްކަނީގައި ހަރުކޮށްފައިވާ މަޑު އޮރެންޖް ކުލައިގެ ބޮކި ދިއްލާއިރަށް ދެފަހަރަކު ކަނިކަނިލާފައި ނިވުމުން އަވްލީން ބޮލުގައި ޖަހާލާފައި ބެލްކަންޏަށް ނުކުތެވެ. އަދި ހެދުންތައް ނަގަން ފެށިއެވެ.
ހެދުންތައް ނަގަން ހުއްޓާ އަވްލީންއަށް ސިހުމެއް ލިބުނީ ކުއްލިއަކަށް މީހަކު ކުކުރާ އަޑު ކަންފަތުގައި ޖެހުމުންނެވެ. ބެލްކަނިދޮށުން އެ އަޑު އިވެން ފެށުމުން އަވްލީންގެ ހިތަށް ބިރުވެރިކަން ވަނެވެ. ވަށައިގެން ބަލާލެވުނީވެސް އެހެންވެގެންނެވެ. މީހަކު ފެންނާކަށް ނެތެވެ. އެ ކުކުރުމުގެ އަޑު މަޑުވެފައި ކުރިއަށްވުރެ ބާރަށް އިވެން ފެށުމުން އަވްލީންގެ ހިތުގެ ހިނގުން އަވަސްވާން ފެށިއެވެ. “ކާކު..؟” ބިރުން ހުރުމުންނާއި އަދި ފިނިވެފައި ހުރުމުން އަވްލީންގެ އަޑު ނުކުތީ ފުދޭވަރަކަށް މަޑުންނެވެ. އެ ވޭނީ ކުކުރުމުގެ އަޑު ކުއްލިއަކަށް ކެނޑުނެވެ. އަވްލީން ހިތްވަރުގަދަ ކޮށްފައި ކުރިއަށް ނެގި ފިޔަވަޅު މަޑުޖައްސާލަން ޖެހުނީ އަންހެނަކު ވަރަށް ބާރަށް ރޯންފެށިއަޑު އިވުމުންނެވެ. “ކާކު ހެއްޔޭ..؟” ލޯ މައްޗަށް އެކަކުވެސް ނުފެނި ރޯ އަޑު އިވޭތީ އަވްލީން ރުޅިވެސް އަންނަ ގޮތްވެއްޖެއެވެ.
“އަހަރެންނަށް އެހީ… ވެދީ..” ޖެހިލި ބާރު ވައިރޯޅިއާއި އެކީގައި އަވްލީންގެ ކަންފަތުގައި ޖެހުނީ އެ ކުރު ޖުމްލަ އެކަންޏެވެ. އަވްލީން މަޑުމަޑުން ޖީބުގައި އޮތް ފޯނު ނަގަމުން ބެލްކަނިން ބޭރަށް ބޯ ދިއްކޮށްލިއެވެ. ތަނަށް ވެރިވެފައިވާ ފުން އަނދިރިކަމުން އަވްލީންއަށް ތަނެއްދޮރެއް ފެންނަ ގޮތެއްވެސް ނުވިއެވެ. އަވަސް އަރުވާލާފައި ފޯނުން ފްލޭޝްލައިޓް ދިއްލަން އުޅެނިކޮށް ކުއްލިއަކަށް ވިދާލިއެވެ. މުޅި ތަން އަލިވެގެން ދިޔުމާއި އެކީގައި އަވްލީންއަށް ތިރި ބަލާލެވުނެވެ. ”މަންމާތް…!!!” އަވްލީންގެ ލޮލުގައި އަޅައިގަތީ ވެއްޓިފައި އޮތް އަންހެންކުއްޖެކެވެ. އެ އަލިކަމުގެ ތެރެއިން އަވްލީންއަށް ބަލާލެވުނީ ސީދާ އެ އަންހެން ކުއްޖާގެ އަނދުނުން ފެވިފައިވާ ރަތްކުލަ އަރާފައިވާ ދެ ލޮލަށެވެ.
“އަވް..!” އަވްލީންއަށް އިވުނީ ކައިޔަންގެ އަޑެވެ. އޭރު އަވަސް ފިޔަވަޅުތަކެއްގައި ކައިޔަން ގެއަށް ވަދެ ބެލްކަންޏާއި ދިމާލަށް އަންނަނީއެވެ. “ކިހިނެތްވީ..؟؟” ކައިޔަން ހާސްވެފައި ހުރިވަރުން އެއައީ އަވްލީން އަޑުކޮޅަށް ހަޅޭއްލަވައިގަތް އަޑު އިވިގެންކަން އަވްލީންއަށް ޔަގީންވިއެވެ. ދުލުން ބަހެއް ބުނަން ނުކުޅެދިފައި ހުރެ އަވްލީންއަށް އިޝާރާތް ކޮށްލެވުނީ ބެލްކަންޏާއި ދިމާލަށެވެ. “ކިހިނެތްވީ..؟ ހަންޑިއެއްތަ..؟” އެފަދަ ގަޑިއެއްގައި ކައިޔަން އެހެން ބުނުމުން އަވްލީން އިތުރަށް ބިރުގަތެވެ. “އަ.. އަންހެނެއް… ވަރަށް ބަލި މީހެއްހެން ހީވަނީ…” އަވްލީންއަށް ކިޔާދެވުނެވެ. “އެބަ އަންނަން…” ކައިޔަން ބޭރަށް ނުކުތުމުން އަވްލީން އަނެއްކާވެސް ބެލްކަންޏާއި ކައިރިއަށް ޖެހިލިއެވެ. ކައިޔަން ބޭރުން ގޮސް ބެލްކަނިން ބޭރުގައި ހައްދާފައިވާ ގަސްތަކުގެ ތެރެއަށް ވަނެވެ. އަދި ފޯނުން ފްލޭޝް ލައިޓް ދިއްލާލިއެވެ.
“މާޔާ…” އަވްލީންއަށް ދެން އިވުނީ ކައިޔަންގެ ދުލުން ބޭރުވި އެ ނަމެވެ. “މާޔާ..” އަވްލީންއަށް ހިތާހިތުން ކިޔާލެވުނެވެ. ކައިޔަން ތެޅިގަނެފައި އެ އަންހެންކުއްޖާ އަތްދަނޑިމައްޗަށް ލީ ވަގުތުގައި އެ އަންހެންކުއްޖާ ބައްދާލައިގެން ހުރި ތުއްތު ފިރިހެން ކުއްޖާ އަވްލީންގެ ލޮލުގައި އަޅައިގަތެވެ. “ކައި… މަޑުކުރޭ..” އަވްލީންއަށް ބުނެވުނެވެ. ކައިޔަން އަރާ ޕްރެޝަރުގައި ބާރުބާރަށް ކުރިއަށް ހިނގައިގަންނައިރު އެކުޑަކުއްޖާ ވެއްޓި ހާނިއްކައެއް ވެދާނެތީއެވެ. ކައިޔަންއަށް އެ ކުޑަކުއްޖާ ފެނުމުން ބެލްކަންޏާއި ގާތަށް ޖެހިލާ އަވްލީންގެ ގާތުގައި އެ ކުއްޖާ އުރުމަށް އެދުނެވެ. ޗަކަ އާއި ވާރެއިން ފޯ ވެފައިވާ އެ ކުޑަ ކުއްޖާއަށް އަވްލީން އޭނާގެ އަތުގެ ހިމާޔާތްތެރިކަން ދިނެވެ. އެވަގުތު ކައިޔަންގެ އަތްދަނޑިމަތީގައި އޮތް ހިމަތޮޅި އަންހެންކުއްޖާގެ ބޮޑުވެފައިވާ ބަނޑު އަވްލީންގެ ލޮލުގައި އަޅައިގަތެވެ. “ނޯވޭ… ޝީ އިޒް..” އެ އަންހެން ކުއްޖާ ބަނޑުބޮޑުހެން ހީވުމުން އަވްލީންގެ ހިތަށް ރަހުމު ވަނެވެ.
އަވަހަށް އެ އަންހެންކުއްޖާ ގޭތެރެއަށް ވައްދާފައި ފާހާނާއަށް ފެންވަރަން ވެއްދުމަށް އަވްލީން ކައިޔަންގެ ގާތުގައި އެދުނެވެ. އަދި އުރުގައި ހުރި ފިރިހެންކުއްޖާ ގަޔާއި ކައިރިކޮށްލިއެވެ. ފިނިވެގެން ގޮސް ތުރުތުރު އަޅައަޅާ ހުރި އެ ފިރިހެންކުއްޖާ ފިނިކަމުން ހީވަނީ ދެންމެދެންމޭން ގަނޑުފެންގަނޑަކަށް ބަދަލުވެދާނެ ހެންނެވެ.
އަވްލީންގެ ހިތަށް ވަގުތުން ހަމްދަރުދީ ވަނެވެ. އެ ފަސްވަރަކަށް އަހަރުގެ ދޮން ފުށްކޮޅެއް ފަދަ ކުއްޖާ ގޮވައިގެން އަވްލީން ވަގުތުން ދިޔައީ ފާޚާނާއަށެވެ. އަދި ހޫނު ފެނުން އެ ކުއްޖާ ފެންވަރުވައިދިނެވެ. ތުރުތުރު އަޅަމުން ދިޔަ އެ ކުއްޖާއަށް ލޯ ހުޅުވާލެވޭވަރުވެސް ވީ ދެނެވެ. “މަންމަ..” އެ ފިރިހެން ކުއްޖާގެ ދުލުން ދެން ބޭރުވި އެ ރީތި ލަފްޒުން އަވްލީން ހިތްހެޔޮކޮށް ހިނިތުންވެލިއެވެ. “ދަރިފުޅުގެ މަންމަ އެބަހުރި މިގޭގައި..” އަވްލީން އެހެން ބުނެލީ ތެމިފައިވާ އެކުއްޖާގެ އިސްތަށިގަނޑު ހިއްކައި ދެމުންނެވެ. “ތިއީ ކޮން ކުއްޖެއްތަ..؟” އެ ފިރިހެން ކުއްޖާ ބީރައްޓެހިގޮތަކަށް އިންނަން ފެށުމުން އަވްލީން އަހާލިއެވެ. “ރޫހާން..” ވާހަކަ ދެއްކުމުގައިވެސް ރޫހާންގެ އެއްވެސް އެކުވެރިކަމެއް ނެތެވެ. “މީ އަވްލީން ދައްތަ އިނގޭ..” އަވްލީން ތައާރަފް ވުމުންވެސް ރޫހާންގެ ފަރާތުން ޖަވާބަކަށް ލިބުނީ ހަމައެކަނި ހޫމް އެކެވެ. “އަންނަންވީނު ކާން..؟ ރޫހާންގެ މަންމަވެސް އިރުކޮޅަކުން ކާން އަންނާނެ..” އަވްލީން އެހެން ބުނުމުން ދެކޮޅު ހެދުމެއް ނެތި ރޫހާން އަވްލީންގެ ފަހަތުން ހިނގައިގަތެވެ.
ކައިޔަން އިނީ ސޯފާގައި އިށީނދެލައިގެންނެވެ. މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރު ތަކެވެ. ކައިޔަން އާއި ފަހުން ސުވާލުކުރަން ނިންމާފައި އަވްލީން ދެން ވަނީ ކޮޓަރިއަށެވެ. އޭރު ހަމައެކަނި ބާތްރޯބްއެއް ލައިގެން އެ އަންހެން ކުއްޖާ އިނީ ޑްރެސިންގ ޓޭބަލްގެ ކައިރީގައި އިށީނދެގެންނެވެ. “އަވަހަށް އާދޭ ކާން..” އަވްލީން އޭނަގެ ތަނުން ހެދުމަކާއި ހަރުވާޅެއް އެ އަންހެން ކުއްޖާގެ އަތަށް ލައިދެމުން ބުނެލިއެވެ. އެ އަންހެން ކުއްޖާ އަވްލީންގެ މޫނަށް ބަލާލުން ނޫން އެހެން ކަމެއް ނުކުރިއެވެ. އެ ކުއްޖާ އެއްޗެކޭ ނުބުނުމުން އަވްލީން ނުކުންނަން ހިނގައިގަތެވެ. “އަހަރެންގެ ދަރިފުޅު ކޮބާ..؟” އަވްލީން ދޮރުގެ ތަޅުގައި ހިފާލުމާއި އެކީގައި އެ އަންހެންކުއްޖާ ވާހަކަ ދެއްކި އަޑު އިވުނެވެ. “އެބަ ހުރި ބޭރުގައި… އިންތިޒާރުގައި އެކުއްޖާގެ މަންމަ އަންނަންދެން..” އަވްލީން ހީނލާފައި ބުނެލިއެވެ. ދެން ފެނުނީ އެ އަންހެންކުއްޖާ ފެންކަޅިވިތަނެވެ. ހޯސްލާފައި އެދެލޮލުން ކަރުނަތައް ބަންޑުންވުމުން އަވްލީން ގޮސް އެ އަންހެން ކުއްޖާގެ އަތުގައި ހިފިއެވެ. ”އަވަހަށް އާދޭ އިނގޭ..” އަވްލީން ކޮޓަރިން ނުކުތެވެ.
އިރުކޮޅެއް ނުވަނީސް އެ އަންހެންކުއްޖާ އަވްލީން ދިން ހެދުންތައް ލައިގެން ބޭރަށް ނުކުމެއްޖެއެވެ. ގޮނޑިއެއްގައި ހުސްގަޔާ ހަމައެކަނި ސޯޓެއް ލައިގެން އިން ރޫހާން ފެނިފައި އެ އަންހެން ކުއްޖާ ގޮސް ރޫހާންގެ ގައިގައި ބައްދާލިއެވެ. “މާޔާ..” ސޯފާއިން ތެދުވަމުން ކައިޔަން އެހެން ގޮވާލި އަޑަށް މާޔާ ކައިޔަން އާއި ދިމާލަށް ބަލާލިއެވެ. ދެން ފެނުނީ މާޔާގެ ދެލޯ ބޮޑުވި ތަނެވެ. ”ކައި.. ކައިޔަން.. ކައިޔަން ދޯ..؟” މާޔާ ފުރަތަމަ ކައިޔަންގެ ނަން ކިޔާލީ ވަރަށް ޔަގީންކަމާއި އެކީގައެވެ. ނަމަވެސް ފަހުން މާޔާ ހުރީ ދެފިކުރެއްގެ މަތީގައި ހެން އަވްލީންއަށް ހީވިއެވެ. “އެނގިއްޖެދޯ..” ކައިޔަން އިސްތަށިގަނޑުގައި އަތް ހިންގާލާފައި ބުނެލިއެވެ. ”އެކަމަކު ކައިޔަން.. ކިހިނެތް.. މިތަނުގައި..؟؟” މާޔާގެ މޫނުމައްޗަށް ވެރިވި ކުލަވަރުން މާޔާ އެހުރީ އެތައް ސުވާލެއް ކުރަން ބޭނުންވެފައިކަން އަންގައިދިނެވެ.
“އަވަހަށް އިށީނދޭ ކާން…” ކައިޔަން އިށީންނަމުން ބުނެލިއެވެ. އަވްލީން ތައްޔާރު ކޮށްފައިވާ ތަރުކާރީ ފްރައިޑް ރައިސް އާއި ފްރުޓް ސެލެޑް މާޔާ ކައި ނިންމާލި ގޮތުން އެ ހުރީ ނުހަނު ބަނޑުހައިވެފައިކަން އަންގައިދިނެވެ. ބަތް ނުކާން ރޫހާން ބޮޑާ ހޭކުމުން އަވްލީން ދިން ޗީޒް ބްރެޑްއިން އެތިކޮޅުކޮޅު ހަފާލަ ހަފާލަ އިން ރޫހާންއަށް އަވްލީން ބަލާލިއެވެ. “އަވަހަށް ދޭ އިނގޭ ނިދަން.. މާދަމާ އަހަރެން މާޔާގެ ސުވާލުތަކަށް ޖަވާބު ދޭނަން.. ހަމަ އެފަދައިން މާޔާ ވެސް އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނެ..” ކައިޔަން އެހެން ބުނުމުން އަނެއްކާވެސް މާޔާ ފެންކަޅިވިއެވެ. އަވްލީންގެ ހިތުގައި ސުވާލު އުފެދުނެވެ. “މިއީ އަނެއްކާ ޑިޕްރެޝަން ހުންނަ ކުއްޖެއް ނޫންބާ..؟” ކުއްލި ކުއްލިއަށް ވަކި ސަބަބެއް ނެތި މާޔާ އެހެން ރޯތީ އަވްލީންގެ ހިތުގައި އެ ސުވާލު އުފެދުނީއެވެ. މާދަމާ އެ ސުވާލުގެ ޖަވާބު އަވްލީން ހޯދަން ބޭނުންވިއެވެ.
މާޔާ ރޫހާން ގޮވައިގެން ގެސްޓް ރޫމަށް ވަނުމުން އަވްލީން އާއި ކައިޔަން އެދެމީހުންގެ ކޮޓަރިއަށް ވަނެވެ. ނިދާ އެއްޗެއްސަށް ބަދަލުކޮށްގެން އަވްލީން އެނދަށް އެރިއެވެ. ކައިޔަން ވެސް ނިދަން އެރުމުން އަވްލީން ކައިޔަން އާއި ވީ ފަޅިއަށް އެނބުރި ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން ފެންނަމުން ދިޔަ ކައިޔަންގެ ރޭގަނޑެއް ފަދަ ރީތި ދެލޮލަށް ބަލާލިއެވެ.
“މާޔާ އެއީ ކާކު..؟” އަވްލީން އެންމެ ފަހުން އެ ސުވާލު އަހާލިއެވެ. “ހަނދާންވޭތަ އަވް އާއި އަހަރެން ފުރަތަމަ ދިމާވި ދުވަސް..؟” ހީވީ ކައިޔަން ހުރީ މާ ކުރިންވެސް އެ ސުވާލަށް ޖަވާބުދޭން ދުރާލާ ތައްޔާރުވެގެން ހުރިހެންނެވެ. “އާނ ހަނދާން އެބަހުރި.. ކިހިނެތްވީ..؟” އަވްލީން އެއްސެވެ. “އޭރު އަހަރެން ވަރަށް ފޮނިވާނެ… އަހަރެން ފިޔަވާ އެންމެންނަކީ ވަރަށް ދަށްބަޔެއް ކަމަށް ދެކިގެން އަހަރެންނަށް އުޅެވުނީ.. މާޔާއަކީ އޭރު އަހަރެމެންގެ ރަށުގައި އުޅޭ އަންހެންކުއްޖެއް.. އަހަރެމެންނަށް ވުރެ އެންމެ ދެއަހަރު މާޔާ ކުޑަ ވާނީ…” ކައިޔަން ބުނެލިއެވެ.
“ހާނ ދެން..؟” އަވްލީން އޮތީ ޝައުގުވެރިވެފައެވެ. “މާޔާ އަކީ އޭރުވެސް ޑިޕްރެޝަން ހުންނަ ކުއްޖެއް… ސިކުނޑިވެސް މާޔާއަށް ވުރެ ކުޑަކޮށް ޅަ ވާނެ.. އެހެންވެ އަހަރެންނާއި އިކޫ އަދި ރަނޫމެން ވަރަށް ޖެއްސުންކޮށް ހަދަން މާޔާ އާއި..” ކައިޔަން ކިޔައިދިނެވެ. “ދެން..؟” އަވްލީންގެ ދުލުން އެނޫން ބަހެއް ބޭރެއް ނުވެއެވެ. “ދެން އޭގެ ދުވަސްކޮޅެއްގެ ފަހުން މާޔާގެ ހާލަތު ގޯސްވާން ފެށީމައި މާޔާގެ އާއިލާ މާޔާ ގޮވައިގެން ބޭރަށް ފުރިކަން އަހަރެން ހަނދާންވަނީ.. މިހާރު ގާތްގަނޑަކަށް އެ ހަތް އަހަރު ވަނީ މާޔާ ދިޔަ ފަހުން… އަވް އައީ މާޔާ ދިޔަފަހުން..” ކައިޔަން ބުނެލިއެވެ. “ކައިއަށް މާޔާ ވަކިކުރަން އެނގުނީ ކިހިނެތް..؟” އަވްލީން އެއްސެވެ. “އޭނަ ނެތް އެހާވަރަށް ބަދަލުވެފައެއް… ދަ ސޭމް މާޔާ އައި ނޯ..” ކައިޔަން ބުނެލިއެވެ. “އޯހްހް..” އަވްލީންއަށް ބުނެވުނެވެ. “އަވް މާދަމާ ޓްރައި ކޮށްދޭންވީއެއްނު މާޔާ އަށް އެހީއެއް ވާން..؟ ދަ ސައިކޭޓްރީ…” ކައިޔަން އެދުނެވެ. އަވްލީން ހީނލާފައި ބޯ ޖަހާލިއެވެ. ކައިޔަން ނިކަން ބޮޑަށް ހިނިތުންވެލިއެވެ.
“އޯކޭ… މާޔާގެ ޑިޕްރެޝަން ހުރޭ ދޯ..؟” އަވްލީން އެހެން އެހުމުން ކައިޔަންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން އަވްލީންގެ ލޮލުގައި އަޅައިގަތެވެ. “ކިހިނެތްވީ..؟” އަވްލީން އެއްސެވެ. ”މަ ހީކުރީ އަދި ފިލްމްތަކުން ފެންނަ ކަހަލަ ޓިޕިކަލް ވައިވްސް ހެން އަވް ވެސް ޖޭ ވާނީ ކަމަށް.. ދެން އޯކޭ.. މިހާރު މާ ބޮޑަށްވެސް ޔަގީންވެއްޖެ އަވް އަހަންނަށް އިތުބާރު ކުރާ މިންވަރު..” ކައިޔަން އަވްލީންގެ މޫނުގައި ދެއަތުން ހިފާލާފައި އޭނާގެ މޫނާއި ކައިރި ކޮށްލިއެވެ. ކައިޔަންގެ ހޫނު ނޭވާތައް ހުރަހެއް ނެތި އޭނާގެ މޫނުގައި ބީހެން ފެށުމުން އަވްލީންއަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު އަވްލީން ހޭލި އިރު މާޔާ ހުރީ ސޯފާގައި އިށީނދެލައިގެންނެވެ. އޭރު މާޔާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަތައް އޮހެމުން ދިޔައެވެ. “މާޔާ…” އަވްލީން ގޮވާލި އަޑަށް ސިހިފައި މާޔާ އަވްލީން އާއި ދިމާލަށް އެނބުރުނެވެ. “އާނ..” މާޔާ އަވަސް ޖަވާބެއް ދިނެވެ. “އާދެބަލަ އަހަންނާއި އެކީ..” އަވްލީން މާޔާގެ އަތުގައި ހިފައިގެން ގެއިން ބޭރަށް ނުކުތެވެ. އޭރު ބެލްކަނީގައި ފެހި ކުރެހުންތަކެއް އަޅާފައިވާ ހުދު ހެދުމެއް އަޅުވާފައި އޮތެވެ. އެއީ ރޭ މާޔާ ފެނުނު އިރު ލައިގެން ހުރި ހެދުންކަން ދެނެގަންނަން އަވްލީންއަށް އުނދަގުލެއް ނުވިއެވެ.
***********
އަވްލީންއަށް ސިހުމެއް ލިބުނީ ކައިޔަން ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނުމުންނެވެ. “އަވް..؟ އަދިވެސް ނިދި ނާދޭ..؟ އަހަރެން ހީކުރީ އަދި ނިދިފަ ކަމަށް އޮންނާނީ..” ކައިޔަން ޓީޝާޓް ބާލަމުން ބުނެލިއެވެ. “ނިދި އައިސްފިއޭ.. ދެންމެ ކުޑަ ކަމަކާއި ދޭތެރޭ ވިސްނާލަން އޮވެވުނީ.. އެހެންވެ ނުނިދިފަ މިއޮތީ..” ލިބިފައިވާ ހާސްކަން ފުޅާ ހިނިތުންވުމެއްގެ ފަހަތުގައި ފަރުދާ ކޮށްލަމުން އަވްލީން ބުނެލިއެވެ. “އެހެންދޯ.. މާދަމާ ތަންކޮޅެއް އަވަހަށް ގޮވާލާތި އިނގޭ.. މާދަން ތަންކޮޅެއް އަވަހަށް ގޮސްފައި ނިންމަންޖެހޭ ޕޭޕަރ ވޯކްސްތަކެއް އެބަހުރި..” ކައިޔަން އެދުނެވެ. “އެއްވެސް މައްސަލައެއް ނޯންނާނެ.. އިންޝާ ﷲ..” އަވްލީން ހީލާފައި އެއްޗެހި ބަދަލު ކުރަން ދިޔައެވެ.
އަވްލީންގެ ހަނދާނަށް އައީ ފެހި ކުރެހުންތަކެއް ހުރި ހުދު ހެދުމެވެ. އެއީ މާޔާ ފުރަތަމަ އަވްލީންއަށް ފެނުނު ދުވަހުވެސް ލައިގެން ހުރި ހެދުމެވެ. މިއަދު އަނެއްކާ މާޔާ އެ ހެދުން ލައިގެން ހުރިތަން ފެނުމުން އަވްލީންގެ ހިތަށް ބިރުވެރިކަމުގެ ރާޅެއް ޖެހި ކަހަލަ އިހުސާސެއް ކުރެވުނެވެ.
*************
ހަފްތާއެއް ފަހެވެ. އެ މުޅި ހަފްތާގެ ތެރޭގައިވެސް ނީޝަލް އުޅުނީ އެންމެންނަށްހެން ފިލައިގެންނެވެ. ނެޒެލީ އާއި ދޭތެރޭ ވިސްނަން ހަދައިގެން ނީޝަލްއަށް ކޮލެޖުން ދޭ މަސައްކަތްތަކަށްވެސް ސަމާލު ކަމެއް ދެވޭގޮތެއް ނުވިއެވެ. އަދި ދޭތެރެ ދޭތެރެއިން އޭނާއަށް ފެންނަ އެ ގޮތްނޭނގޭ ޒުވާނާ އާއި ދޭތެރޭ ވިސްނާވިސްނާވެސް ނީޝަލް ވަނީ ބޯ ގޮވާވަރު ވެފައެވެ. އަބަދު ނުފެނި އުޅޭވަރުން އިޒްކާން ދޭތެރެ ދޭތެރެއިން ކޮށްއުޅޭ މެސެޖްތަކަށް ރިޕްލައި ދިން ކަމުގައި ވިޔަސް ނީޝަލްއަށް އިޒްކާންއަށް މިހާރު ކުރިން ދެވުނުވަރަށް ސަމާލުކަމެއް ނުދެވެއެވެ. ނީޝަލް އެހުރީ ދުނިޔޭގައި ނަމަވެސް ދުވަހެއްގެ ސައުވީސް ގަޑިއިރުގެ ތެރެއިން ގިނަ އިރުތަކެއްގައި ނީޝަލްގެ ސިކުނޑި އެ ފީނަނީ މުޅިން ޚިޔާލީ ދުނިޔެއެއް ގައެވެ.
“ނީޝަލް..” ކޮލެޖް ނިންމާފައި އެހެން އެކަކަށްވުރެ ވެސް އަވަހަށް ގެއަށް ދާން އުޅެނިކޮށް ފަހަތުން ހޫރީން ގޮވާލި އަޑު އިވިފައި ނީޝަލްއަށް ފަހަތް ބަލާލެވުނެވެ. އޭރު ބާރަކަށް ހިނގާލާފައި އައިސް ހޫރީން ނީޝަލް އާއި އެއްހަމަ ކޮށްފިއެވެ. “މިހާރު ކޮލެޖުން ނޫނީ ނުފެނޭ.. އަނެއްކާ ބަލީތަ..؟” ހޫރީން ކަންބޮޑުވެފައި އެއްސެވެ. ނީޝަލް ކުޑަކޮށް ހިނިތުންވެލިއެވެ. “ނޫނޭ ބަލީކީ ނޫން..” ނީޝަލް ބުނެލިއެވެ. ”އިޒްކާން މިއަދު ނާދޭ ދޯ ކޮލެޖަކަށް..؟” ހޫރީން ބުނެލިއެވެ. އާނއެކެވެ. އެބުނީ ތެދެކެވެ. މިއަދު އިޒްކާން ކޮލެޖަކަށް ނާދެއެވެ. މިއަދު ކްލާސް ތެރޭ އިން އިރު ނީޝަލްއަށް އޭނާއަށް އިޒްކާން ދެކެ ވެވިފައިވާ ލޯބީގެ މިންވަރު އިހުސާސްވެގެން ދިޔައެވެ. އެކަމުގެ ހެއްކަކީ ނޯޓް ނެގިއިރު ދޭތެރެ ދޭތެރެއިން އިޒްކާންގެ މަތިން ހަނދާންވާވަރުން ނީޝަލްއަށް ނޯޓްލިޔާ ފޮތުގައި އިޒްކާންގެ ނަން ލިޔެވެމުން ގެންދެވުމެވެ.
“އަހަރެން ދެން ގެއަށް ދަނީ…” ނީޝަލް އިތުރަށް ވާހަކަ ގިނަ ކުރާ ހިތެއް ނުވިއެވެ ކުޑަކޮށް ހޫރީންގެ ގައިގައި ބައްދާލާފައި ސަލާން ވެސް ކޮށްލާފައި ނީޝަލް އަވަހަށް ހިނގައިގަތީ ގެއަށް ދިޔުމަށެވެ.
“ކަލޭ ކީއްވެގެން މިއަދު ކޮލެޖަށް ނައީ..؟” އިޒްކާން ބެލްކަނީގައި އިންދާ އައިހަމް ގުޅިއެވެ. “އެއީ ކުޑަކޮށް ބޮލުގައި ރިއްސާތީ..” އިޒްކާން ކުރު ޖަވާބަކުން ފުއްދާލިއެވެ. ހަގީގަތުގައި ކަންކަމާއި ދޭތެރޭ ވިސްނަމުން އެ ގެންދަނީ ނީޝަލް އެކަންޏެއް ނޫނެވެ. އިޒްކާން ވެސްމެއެވެ. އެދުވަހު ރެސްޓޯރެންޓް ގައި އިންދާ ނީޝަލްއަށް ބުނެވުނު މީހުންތަކެއްގެ ނަންތަކަށް ފަހުގައި ނީޝަލްގެ އުޅުމަށް އައި އާދަޔާޚިލާފް ބަދަލު އިޒްކާންއަށް ވަނީ ފާހަގަ ކުރެވިފައެވެ. ކުރިން ނީޝަލް އަކީ އިޒްކާން މެސެޖެއް ކޮށްލާއިރަށް އެއަށް ރިޕްލައި ދޭ ކުއްޖެކެވެ. ނަމަވެސް މިހާރު ގިނަފަހަރަށް ދޭ ކުރުކުރު ރިޕްލައިތަކުގެ ސަބަބުން އިޒްކާންއަށް ހީވަނީ ނުގޮތަކަށް ނީޝަލް އިޒްކާންގެ ކައިރީގައި ތިމަންނަޔަށް މެސެޖު ނުކުރާށޭ ބުނާހެންނެވެ. މިފަހަކަށް އައިސް އެ ކުރު ރިޕްލައިތައް ވެސް ނުދީ ސީންޒޯންކުރާ ވަރުން އިޒްކާންއަށް ކޮންމެވެސް ނުބައެއް އުޅޭހެންވެސް ހީވިއެވެ.
”ނީޝް.. ވަޓް ހެޕަންޑް ޓު ޔޫ…” އިޒްކާންއަށް އެހުނެވެ. ”ކީކޭ…؟” ފޯނެއްގައި ހުރެވުނުކަން ވެސް ހަނދާންވީ އެކޮޅުން އައިހަމް ވާހަކަ ދެއްކުމުންނެވެ. ”އާނ އޯކޭ ބާއްވަނީ..” އިޒްކާން އެއްޗެކޭ ނުބުނުމުން އައިހަމް ފޯނު ކަނޑާލިއެވެ.
“ކީކޭ އޭނަ ބުނީ..؟” ގާތުގައި ހުރި އާހިލް އެއްސެވެ. ދެ މީހުންވެސް އިނީ މައި ކޭކްސް ކެފޭގައެވެ. އެއީ މިހާރު އައިހަމް އާއި އާހިލް ކުރިއަށް ގެންދާ ‘މީޓިންގ’ ތައް ބާއްވާ ތަނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިޔާން ނުވަތަ ފައިލަމްމެންގެ ތެރެއިން އާ ޚަބަރެއް ލިބިއްޖެ ނަމަ ދެމީހުންވެސް އެކަމަކާއި ބެހޭގޮތުން ޚިޔާލު ބަދަލުކުރަން ބައްދަލު ކުރަނީ މައިކޭކްސް ކެފޭއިންނެވެ. “ބޮލުގައި ރިއްސާތީއޯ ނުދިޔައީ..” އައިހަމް ދަތްދޮޅީގައި އަތް ހާކާލިއެވެ. “ކަލޭގެ ތުނބުޅިއެއް ހުރިނަމަތާ ތިހެން ހެދީމައި މޮޔައެއް ވައްތަރު ނުޖަހާނީ… އިސްތައްޓެއް ނެތް ދަތްދޮޅިއެއްގައި ހުސް އަތް ކޭއްތީމައި ވަރަށް ޖޯކު ވައްތަރެއް ޖަހާ..” އާހިލަށް ދިމާ ކޮށްނުލައެއް ނުހުރެވުނެވެ. އައިހަމް ލޯ އަޅާލިއެވެ.
“ތިއެއް ނޫނޭ.. މިހާރު ފައިލަމް ވީ އަހަރެމެންގެ ގޭގައި މައިހާ، ހުދާ އަދި ރައުލާވެސް ބަހައްޓާފައި.. މިހާރު އެ ހަފްތާއެއް ވަނީ.. އޭނަޔާއި ހިޔާން އެމީހުންނަށް ކީއްބާ ކުރަނީ..؟” އައިހަމް ބުނެލީ ވިސްނާލަން ޖެހޭ ޕޮއިންޓެކެވެ. “އާނ ދޯ… ދޮގެއް ވާ ނޫން.. އެއް ހަފްތާ ވަނީ.. މަށަށް އެދެމީހުން ކުރެ އެކަކު ނުވެސް ފެނޭ މި ހަފްތާ ތެރެއަކު..” އާހިލް ބުނެލިއެވެ. “އިނގެޔޭ.. މަށަށްވެސް ފެނިލީ އެންމެ ފަހަރަކު… ހުއްޓާނުލާ ބޯކޮށް ވެހޭ ވާރޭއެއް ފަދައިން ހިޔާން މަށަށް ހުސް އިންޒާރު ދިނީ.. އިޒްކާން ކައިރީގައި ބުނެފިއްޔާ އެވެނިކަމެއް ވާނެޔޭ މިވެނިކަމެއް ވާނެޔޭ… ހުދާ ނޫނީ ރައުލާގެ ތެރެއިން ކޮންމެވެސް އެކަކުގެ ފުރާނަ އަށްވެސް ގެއްލުންވާނެ ކަމެއް ކޮށްފާނަމޭ ބުނި..” އައިހަމް ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި ވީނުވީ ގޮތް އާހިލަށް ކިޔައިދިނެވެ.
“އަހަރެމެން ވީ އެދެމީހުން އެތަނުން ނެރޭށެއްނު..؟” އާހިލް ބުނެލިއެވެ. “ތިކަން ވޭތޯ އުޅެންވީއޭ… އެކަމަކު މަށަށް ހީވަނީ އަހަރެމެން މިކަން ކުރަން އުޅެފިއްޔާ މިނެޓެއް ނުވަނީސް އަތަށްގޮވާނެހެން..” އައިހަމް ބުނެލިއެވެ. “ދެން މަސައްކަތް ކުރީމައެއްނު އިނގޭނީ..” އާހިލް ބޮޑުމީހެއް ކުޑަ ކުއްޖަކަށް ވިސްނައިދޭން އުޅޭ ފަދައަކުން އައިހަމްއަށް ވިސްނައިދެވޭތޯ އުޅުނެވެ.
“އޯކޭ.. މި ހުކުރަށް ތައްޔާރުވޭ.. ފަހަރެއްގައި އަހަރެމެންނަށް މިކަން ވެދާނެ..” ބައިގަޑިއިރެއް ހާއިރު ވަންދެން އާހިލް ހުއްޓާނުލާ އެކަން ވެދާނެއޭ ކިޔައި ތެޅި އަނގައިން އައިހަމް އެކަމާއި އެއްބަސްވީ އަޒުމު ވަރުގަދަވެގެން ކަމެއް ނުވަތަ ބޮލަށް އުނދަގޫ ވެގެން އާހިލް ވާހަކަދެއްކުން ހުއްޓާލާތޯ ކަމެއް ބުނެދޭކަށް ނޭނގުނެވެ. “ދެން ކަލޭ ކޮންއިރަކުންތަ ކަލޭގެ އަމިއްލަ ގޯއްޗަށް ދާނީ..؟” އާހިލް އެއްސެވެ. ފައިލަމް އާއި ހިޔާން އެ އަންހެން ކުދިންތައް އައިހަމް އާއި ފައިލަމް މެންގެ ގޭގައި ބަންދު ކުރި ފަހުން އައިހަމް އުޅެމުން ދަނީ އާހިލްމެންގެ ގޭގައެވެ. “މިކަންތައްތައް ނިމުނީމައި..” އައިހަމް ބުނެލިއެވެ.
ހިޔާން އާއި ފައިލަމް ހުރީ ފައިލަމް މެންގެ ގޭގައެވެ. އޭރު ހިޔާންގެ ފައިބުޑުގައި ވަރެއް ނެތިގެން ވެއްޓިފައި މައިހާ އޮތެވެ. “އަނެއް ދެމީހުން އެބަ އުޅޭ ދޯ..؟” ހިޔާން ހުދާ އާއި ރައުލާ އަދިވެސް އެގޭތެރޭގައި ބަންދުވެފައި އޮތްތޯ ޔަގީން ކުރިއެވެ. “އާނ އެމީހުން ހުރީ އައްސާފައޭ.. އަތަކަށް ގުޑި ލެވިގެންތާ ތަނަކަށް ދެވޭނީ..” ފައިލަމް ޔަގީންކަން ދިނެވެ. “ދެން އަހަރެންނަށް ނީޝަލް ލިބޭކަށް މާ ގިނަ ދުވަހެއް ނެތް..” ހިޔާން ސިޓިންގރޫމްގައި ހަރުކޮށްފައިވާ ކަލަންޑަރަށް ބަލާލާފައި ބުނެލީ ވިހަ ހިނިތުންވުމަކުން ހިނިތުންވެލަމުންނެވެ.
ގެއަށް ދެވުނުހާ އަވަހަކަށް ހޫރީން އެއްޗެހި ބަދަލު ކޮށްލައިގެން ނުވެސް ކައި މިސްރާބު ޖެހީ މައި ކޭކްސް ކެފޭ އާއި ދިމާލަށެވެ. މިވީ ހަފްތާގެ ތެރޭގައި މައިހާ އާއި އެކީގައި ވީނުވީއެއް ނޭނގި ގެއްލުނު ހުދާ އާއި ރައުލާއަށް ވީގޮތެއް ނޭނގޭތީ އަދި ހޫރީން އެ ތިން އަންހެންކުދިން ހޯދަން ކުރާ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ ހޫރީންގެ ހިތްވަރު ވަނީ އެލޭގޮތްވެފައެވެ. މައި ކޭކްސް ކެފޭ ދޮރުމައްޗަށް އަރާފައި ހޫރީންއަށް ބަލާލެވުނީ ތަފާތެއް ފާހަގަ ވެގެންނެވެ. އެ ފާހަގަވީ ކޯޗެއްކަން އެނގުމުން ހޫރީންގެ ހިތް އުފަލުން ނަށައިގަތެވެ. މައި ކޭކްސް ކެފޭގެ ވަންނަ ދޮރު ކައިރީ އިންދާފައިވާ ބޮޑު ގަހުގެ ފަތްތަކާއި ގޮފިތަކުން ނިވާވެފައިވާ ސީސީޓީވީ ކެމެރާއެއް ފެނުމުންނެވެ. ވީ އުފަލުން ހޫރީން ނަށަމުން ކަހަލަ ގޮތަކަށް އެ ދިމާލަށް ދާންވެގެން ނެގި ފިޔަވަޅުމަތީގައި ހުއްޓެން މަޖުބޫރުވީ ދެން ފެނުނު މަންޒަރުންނެވެ.
= ނުނިމޭ =
10 Comments!
Comments are closed.
Really sorry for the late update.. Yoon ge tests kulli gothakah feshuneema I couldn’t continue… Really sorry for not informing why the story stopped… 🙁
And Ril and Sahoo.. yoon dhekudhin ge comment vx previous part in dhekunin.. Ekam Comments close vefa othyma I couldn’t reply.. But Thank you so so much.. ?✨? All your support means so much to me dearlss.. Thank u very much ?✨?
Its ok yoon.
u have to study too
Hope your tests are ok
yoon netheema site ves falhuvefa
and mi bai ves haadha salhi ey
Adhi flashbacks an naane dho..?
Can’t wait for the next part
Love you girl
Always my fav writer
Aww thank u so much Xem ? Labba I hope they r gonna be good too hehe… Yesh adhi annane hn heevany.. Can’t spoil dhww hehe.. Insha allah nxt part vx vrh avahah up kolladheveythw balaanan ingeii dear.. Love u more Xem ?? Aww thats so sweet of u dearlss ??
Heyyyyyy! ???that’s OK
By the way this part had made me really curious ?????
Waiting for the next part ??
Take care❤️❤️
Heii dearlss.. I’m so happy that u understand 😀 Hehe glad u liked it… ?? insha allah nxt vrh avahah genesdheveythw try kuraanan ingeii… Thank u so so much Smoke gurl ?? You take care too dear ?
Pls this is my first comment to S2 of ekujjaa ☺️☺️☺️
I’m so happy to see it 😀 Thanks a lot for all the support dear ???
Masha Allah vrh furihama mi part vxxx ♥️
Vrh vrh vxx reethi Hama♥️♥️
And issoke yoooon test are more important no need of swry I understand eyy☺️♥️
Awwwwwnnnn neesh kudairu haadha cute eyy Masha Allah♥️♥️♥️
Pis hiyaan AAA failam vxx dhw♥️♥️
Dhn in part ah waiting ingey♥️♥️
Love u♥️♥️
Stay safe ♥️♥️
Aww thank u so so much Ril dear ?? I am so happy that u like it hehe… Labba it’s more important dhw yesh.. Ahaha yesshh dhw she is vrh lwbi 😀 Insha allah the wait won’t be long ingeii ? Lym and more dearlsss ??? U stay safe too 😀 ??
Its okey yooonyyy.. Understand ve eyy..
Mi part vx v salhi engey… After so long kiyaalan libunyma happy vefa myny.. In fact it reduced my exam stress too..
Miyoh hiyaan ey.. Bolumathyga jahaa hama bimah gennan v kanneyge.. ???
Waiting for next part curioslyyy..
Love u❤️❤️
Be in the protection if allah.. ❤️❤️