Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 12

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
December 29, 2020 7 Mins Read
2 Comments

* އިޒްކާން ވައިރޯޅިއެއްހާ ބާރަށް ސައިކަލު ދުއްވަން ފެށުމުން ނީޝަލްއަށް ބޭއިޚްތިޔާރުގައި އިޒްކާން ގައިގައި ބާރުބާރަށް ހިފާއްޓާލެވުނެވެ. އިޒްކާންގެ ގައިގައި ބޮނޑިވެގެން ކަހަލަ ގޮތަކަށް އިން ނީޝަލްގެ ހިތުގެ ތެޅުން އިޒްކާންއަށް އިހުސާސްވަމުން ދިޔައެވެ. މީހަކު ރޭހެއްގައި ވެސް ނުދުއްވާނެހާ ބާރަށް ސައިކަލުގައި ނީޝަލް ގޮވައިގެން ދިޔަ އިޒްކާންއަށް ބަލަން ތިންވަނަ ފަރާތެއް ވެސް ހުއްޓެވެ. ގެއެއްގައި އުނަގަނޑާއި ހަމައަށް ރާނާފައިވާ ފާރުބުރި މަތީގައި އިން ރޫހާންގެ އަތް މުއްކެވިގެން ދިޔައެވެ. ބާރު ސްޕީޑެއްގައި ކޮލެޖަށް ދާން ގޯޅި އަޅާލި އިޒްކާންއަށށް ރޫހާން ބަލާލީ އަލިފާނުގެ ބެލުމަކުންނެވެ. *

ގޮނޑީގައި ލެނގިލައިގެން އިން އައިހަމްގެ ޚިޔާލުގައި ވަނީ މީގެ ފަނަރަވަރަކަށް މިނެޓް ކުރިން ހިޔާން ދެއްކި ވާހަކަތަކެވެ.

**********

“ކަލޭވެސް.. ކަލޭވެސް.. ދެމީހުންވެސް..” ކޮލެޖް ބޭރުގައި ހުރި ގަސްތައް ކައިރީ އެހެން މީހުންނާއި އެކަހެރިކޮށް ހުރެ ހިޔާން ބުނެލިއެވެ. އޭރު ފައިލަމް ހިޔާންގެ ކައިރީގައި ކޮޅަށް ހުއްޓެވެ. “ކިހިނެތްވީ ޔާން..؟” އާހިލް އެއްސެވެ. “ކަލޭމެން ދެމީހުން މިފަރާތަށް ޖެހިބަލަ..” އާހިލްގެ ސުވާލަށް ޖަވާބު ނުދީ ހިޔާން އިޝާރާތް ކޮށްލިއެވެ. އޭރު ވާނުވާގައި ހުރެ އައިހަމް އާއި އާހިލް ގަހުގެ ކަނާތް ފަޅިއަށް ޖެހުނެވެ. ފައިލަމް ހިޔާންގެ ވާތްފަޅީގައި ހުރީ ކުޅި ބަލާށެވެ. “ކަލޭމެން ދެމީހުން އެއްވެސް އަންހެން ކުއްޖެއް ދެކެ ލޯބިވޭތަ..؟” ހިޔާން ދެން އަހާލި ސުވާލުން އައިހަމް އާއި އާހިލް އެއް އަޑަކުން ހީނގަނެފައި އަތާއަތް ޖެއްސެވެ. “މަ ސްކޫލަށް ދިޔަނުދީ މިތަނަށް ތި ގެނައީ މިކަހަލަ މޮޔަ ސުވާލެއް ކުރުވަން ވެގެންތަ..؟ ކުރިން އެނގުނު ނަމަ ނުވެސް އައީމުސް..” އާހިލް ހީނހީނފައި ބުނެލިއެވެ. ނަމަވެސް ހިޔާންގެ ލޮލުގައިވާ ސީރިއަސްކަން އިހުސާސްވުމުން އާހިލް ހުނުން ހުއްޓާލާފައި ހޭން ހުރި އައިހަމްގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ. ހުނުން ހުއްޓާލާތޯއެވެ.

“އަޅެ ދެން ލަދުނުގަނެ ބުނެބަލަ.. މަ ނޫޅެން އިތުރު މީހަކަށް އަންގާކަށް.. ނުވެސް ބުނާނަން އިޒްކާން ކައިރިއަކުވެސް…” ހިޔާން ކުޑަކޮށް ހިނިތުންވެލިއިރު އެ ހިނިތުންވުމުގެ ފަހަތުގައިވާ މަކަރުވެރިކަން އާހިލް ނުވަތަ އައިހަމްއަށް އިހުސާސްވިނަމައެވެ. “މަ ފުރަތަމަ ބުނެފާނަން… މިހިރަ ފައިލަމް ނުބުނާނެ ލަދުންވެސް…” ޖެއްސުމަށް އާހިލް އައިހަމްއާއި ދިމާލަށް ފައިލަމޭ ކިޔާ ގޮވީވެސް ގަސްތުގައެވެ. އެ ކަމަށްޓަކައި އެކަނިވެސް ފައިލަމްގެ އަތުގެ ހޫނު ހަމަލާއެއް އެރިއެވެ.

“މަ ދޯ… މަ ލައިކް ވަނީ… އިނގެއެއްނު އިޒްކާންގެ ކޮއްކޮ..؟ އައިރީން..؟” “އޭނ..؟؟؟ ކަލޭ ލޯބި ވަނީ އިޒްކާންގެ ކޮއްކޮ ދެކެ..؟؟؟ މާތްކަލާނގެ ކުޅަދުންވަންތަކަން.. ކީއްވެ އަންގާނުލީ..؟؟” އާހިލަށް ޖުމްލަ ފުރިހަމަ ކުރަން ނުދީ ލިބުނު ހައިރާންކަމުން ފައިލަމް އެއްސެވެ. އާހިލް ފައިލަމަށް ލޯ އަޅާލިއެވެ. “މަ ބުނަން އުޅުނީ މަ ލައިކް ވަނީ އައިރީންގެ ބެސްޓްފްރެންޑް ރައުލާ ދެކެއޭ…” އާހިލް ޖުމްލަ ރަނގަޅު ކޮށްދިން އިރު ހިޔާންގެ ތުންފަތް މައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. “އެއީ އިޒްކާންގެ ކޮއްކޮއަށް ނުވިކަން ނަސީބެއްނު..” ހިޔާން ބުނެލިއެވެ. “އެއީ ކީއއްވެގެން ނަސީބަކަށް ވާންވީ..؟” އާހިލް އެއްސެވެ. “ކަލޭ ލޯބިވަނީ ކާކުދެކެތަ އައިހަމް..؟” އާހިލް ކުރި ސުވާލު އޮއްބާލާފައި ހިޔާން އައިހަމް އާއި ސުވާލު ކުރިއެވެ.

އެ ސުވާލަށް ޖަވާބުދޭން އައިހަމް ފަސްޖެހުނެވެ. މިހާ ދުވަސް ވަންދެން ކުޑަމިނުން ފައިލަމަށް ވެސް ނާންގާ އޭނާ ސިއްރުސިއްރުން ލޯބިވި އަންހެން ކުއްޖާގެ ނަން ބުނަން ނުކެރެނީއެވެ. “މީނަ އަންހެން ކުއްޖެއްގެ ވާހަކަ ދުވަހެއް ކޮޅުންވެސް މަގޭ ކައިރީ ދައްކާފައެއްނުވޭ…” ފައިލަމް ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. “އެއީ…..” އައިހަމް އަދިވެސް ބުނަން ޖެހިލުންވިއެވެ. “އެއީ…؟” ހިޔާން އެއްސެވެ. “ބަލާ.. އެހެރަ ދާ ކުއްޖާ..” އަސްލު ލޯބިވާ ކުއްޖާގެ ނަން ބުނަން ފަސްޖެހުމުން އައިހަމް އަވަހަށް ކޮލެޖް ކުރިމަތީ ފެނުނު ފުރަތަމަ އަންހެން ކުއްޖާއަށް އިޝާރާތް ކޮށްލިއެވެ.

“އޭނަ..؟” ފައިލަމް މޫނަށް ވައްތަރެއް ޖައްސާލީ ކޮލެޖް ދޮރު މަތީގައި މުޅިން ކަޅު ހެދުން ލައިގެން ކަޅުކުލައިގެ ބޮޑު ތިންކަންލީ ބުރުގާއެއް އަޅައި ނިވާވެގެންހުރި ހުދާ ދައްކާލާފައެވެ. “ދެން ކީއްވީ..؟” އައިހަމް އެއްސެވެ. “އައިހަމް ކަލޭ ހަމައިގަތަ ތިހުރީ..؟” ފައިލަމް އެއްސެވެ. “އާނއެކޭ މަ މިހުރީ ހަމައިގައޭ..” އައިހަމް ބުނެލިއެވެ. “އެ ހުދާ ދެކެ ކަލޭ ލޯބިވަނީ..؟ އޭނަ ފެނުނަސް މަ ބިރުގަނޭ… މުޅިން ކަޅު ހެދުމުގައި ހުރީމަ ޖަހަނީ ވެސް ބިރުވެރި ފުރޭތައެއް ވައްތަރު..” ފައިލަމް މޫނަށް ގޮތެއް ހަދާލާފައި ބުނެލިއެވެ. “އެހެންނެއްނޫންތަ އަންހެން ކުދިން އަސްލު ހެދުން އަޅަން ޖެހޭނީ..؟” މަޑު މައިތިރި އަޑަކުން އައިހަމް ބުނެލިއެވެ. “ކަލޭ ހާދަ ސާލިހްވެއްޖެޔޭ..” ފައިލަމް ބުނެލިއެވެ. އައިހަމް ދެކޮނޑު އަރުވާލާފައި ދުރު ބަލާލިއެވެ.

“އޯކޭ.. މައްސަލައެއް ނެތް… މިއަދު ކަލޭމެން ތިން މީހުން މެންދުރު ގަޑީގައި މަށާއި ބައްދަލުކުރަން ޖެހޭނެ… ދެއެއްގެ ކުރިން އަތިރިމައްޗާއި ހަމައަށް އަންނާތި..” ހިޔާން ބުނެލިއެވެ. ”އޭތް.. މަޑުކުރޭ މަ އިޒްކާންއަށް ގުޅާފައި ތިކަން އަންގާލާނަން…” އައިހަމް ޖީބުން އޭނާގެ ފޯނު ނެގިއެވެ. ހިޔާން ވިދުވަރެއްހާ އަވަހަށް އެކަން ހުއްޓުވިއެވެ. “ހީކޮށްލާ މިއީ ހަމައެކަނި އަހަރުން ހަތަރު މީހުންގެ މެދުގައި އޮތް ކަމެކޭ..” ހިޔާން ބުނެލިއެވެ. ވަގުތުން އާހިލްއަށް އެއްބުމަ މައްޗަށް އަރުވާލިއެވެ. “ތި ބުނަނީ އިޒްކާންއެއް ނާންނާނެއޭތަ..؟” އައިހަމްއަށް އެހުނެވެ. “އާނ…” އަސަރުނެތް ރާގަކަށް ހިޔާން ޖަވާބުދިނެވެ. “އެޔޯ..؟ އަހަރެމެން ފަސް ބްރޯއިން އަބަދުވެސް އުޅެނީ އެކުގައެއްނޫންތަ..؟” އާހިލް ބުނެލިއެވެ. “މަ ބުނާގޮތަށް ހަދާ.. އިޒްކާންއަށް މެންދުރު އަހަރެމެން އެންމމެން ވަކިން މީޓު ކުރާ ވާހަކަ ނާންގާތި..” ހިޔާން ބުނެލިއެވެ. އޮޅުންއަރާފައިހުރެ ނަމަވެސް އާހިލް އާއި އައިހަމް ބޯޖަހާލިއެވެ. “މަ ނައްޓާލަނީ އެހެންވިއްޔާ.. ގަޑި ޖެހެނީ..” ދެން ދައްކާނެ ވާހަކައެއް ނޭނގުމުން އާހިލް ސްކޫލަށް ދާންވެގެން ބައިސްކަލަށް އަރާ ނައްޓާލިއެވެ.

ހިޔާންގެ ކޮނޑަށް އަތް ވައްޓާލާފައި ފައިލަމް ހިނގައިގަތީ ހުދާއޭ ކިޔާ އައިހަމް އާއި ދިމާކޮށްލާފައެވެ. އައިހަމް މަޑު ހިނގުމެއްގައި ގޮސް ކޮލެޖަށް ވަނެވެ.

***********

“ޔާން ބޭނުންވަނީ ކީއްކުރަންބާ..؟” އައިހަމްއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ކުއްލިއަކަށް އޭނައާއި އާހިލް ލޯބިވާ މީހުންގެ ނަން އެ ހޯދީ ކޮންމެވެސް ސަބަބެއް އޮވެގެންކަން އައިހަމްއަށްވެސް އެނގެއެވެ. ނަމަވެސް ނޭނގެނީ އެ ސަބަބަކީ ކޮބައި ކަމެވެ.

ސައިކަލު ޕާރކް ކޮށްފައި އިޒްކާން ނީޝަލް ގޮވައިގެން ކްލާހަށް ވަނީ ދުވެފައި ކަހަލަ ގޮތަކަށެވެ. ނަސީބަކުން އޭރުވެސް ލެކްޗަރާއެއް ނާދެއެވެ. ވަރުބަލިވެފައި ކަހަލަ ގޮތަކަށް ނީޝަލް ގޮސް ހޫރީންގެ ކައިރީގައި އިށީނެވެ. “ހާދަ ލަހަކުން..؟” މޭޒުމައްޗަށް ގްލިޓަރ ޕެންތަކެއް ފަތުރާލައިގެން ހުރެ ހޫރީން އެއްސެވެ. “ސޮރީ.. މަށާ ހެދި…” ނީޝަލް އަވަސްއަވަހަށް ބުނެލިއެވެ. “އެ މައްސަލައެއް ނޫނޭ… އެހެންނޫނަސް ސަރވެސް އަދި ނާދެއެއްނު..؟” ނީޝަލް ހިތްހަމަ ޖައްސައިދޭން އިޒްކާން މަސައްކަތް ކުރިއެވެ. “އޭތް ހޫރީން..” ހޫރީން، ނީޝަލް އަދި އިޒްކާންގެ މޭޒު ކައިރިއަށް އައިސް ދެން ހުއްޓުނީ ކުރިން ދުވަހު ޝަހާމާ ގެއްލުނު ޚަބަރު ދިން ދެ އަންހެން ކުދިންނެވެ.

“ކިހިނެތްވީ..؟” އޮރެންޖް ކުލައިގެ ގްލިޓަރ ޕެން އަނގަޔަށް ލައިގެން އަނެއް އަތުން ރަތް ކުލައިގެ ގްލިޓަރ ޕެން އިން ފޮތުގައި ކޮންމެވެސް އެއްޗެއް ލިޔަމުން ހޫރީން އަހާލީ އުނދަގޫ ގޮތަކަށެވެ. “ޝަހާމާ ފެނިއްޖެ… އެކަމަކު މިއަދު އަނެއްކާ ސަރީފައްތަމެންގެ ގޭގައި އުޅޭ މައިހާ ގެއްލިއްޖެ…” އެ އަންހެން ކުއްޖާ ހޫނު ހަބަރެއް ދިނެވެ. “ޝަހާމާ ފެނުނީއޭ..؟ ކޮންއިރަކުތަ..؟ މިރަށުގެ ފަޅުގެ ކައިރި ހިސާބަކުން ދޯ ފެނުނީ..؟” ހޫރީން ކުރަންހުރި ކަންތައްތައް ވަގުތުން ހުއްޓާލިއެވެ. “ހޫރީން… ކަލެއަށް ކިހިނެތް އެނގުނީ ޝަހާމާ ފެނުނީ އެ ފަޅުގެ އާއި އިންވެގެން ހުރި ގެއިންކަން..؟” އެކުއްޖާ ހައިރާންވެފައި އެއްސެވެ. “ސީސީޓީވީ… ފުޓޭޖްތައް ބެލީމައި.. އެކަމަކު މަށަށް އެމަންޒަރު މާ ސާފު ކޮށެއް ނުފެނުނު.. އެގޭދޮށުގައި ހުރި ސީސީޓީވީ ވަނީ ހަލާކުކޮށްލާފައި.. މަށަށް އެ ފުޓޭޖްވެސް ލިބޭ ގޮތްވީ ޖެހިގެން ހުރި މަގުގައި ހުރި ސީސީޓީވީއެއްގެ ފުޓޭޖްތައް ހޯދީމައި..” ހޫރީން ފޮނިވެފައި އޭނާ އެކަންކުރި ގޮތް ކިޔައިދިނެވެ. އިޒްކާން ވަގުތުން ހާސްވާގޮތްވިއެވެ. އެގޭދޮށުގައި ހުރި ސީސީޓީވީތައް ހަލާކުކޮށްލާފައި ހުރިކަން އެއީ ހަމަ ނަސީބެކެވެ. ނޫނީ އެކުށުގައި ހިޔާން އާއި އެކީ އިޒްކާންވެސް ބެދުނީހެވެ. ފުންނޭވާއެއްލާ އިޒްކާން ހަމަޖެހިލެވޭތޯ މަސައްކަތްކުރިއެވެ،

“މަންޖެ މިހާރުވެސް ޕޮލިހުންނާއި ގުޅެން ބޭނުމިއްޔާ ހަމަ ޔަގީން ފުރުސަތު ލިބޭނެކަން..” އެ ހަބަރު ދިން އަންހެންކުއްޖާ ހައިރާންވެފައި ބުނެލިއެވެ. “ހޫރީން މޮޅީކީއެއްނޫން… މިރަށުގައި އުޅޭ ފުލުހުން ހިސާބަށް ވުރެ މޮޔައީ..” ފަހަތުގައި ހުރެފައި ޝައިމާ ބުނެލިއެވެ. އެ އަންހެން ކުއްޖާ ބޯ ހޫރާލާފައި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. އެއިން އެކަކުވެސް ޝައިމާ ދެއްކި ވާހަކައަށް ސަމާލުކަމެއް ދިން ހެންނެއް ހިޔެއްނުވެއެވެ. “ދެން މިއަދު އަނެއްކާ މައިހާ ގެއްލުނީ.. ބޮޑަށް ހީވަނީ މެންދަމުގެ ވަގުތެއްގައި ހެން މައިހާ ކިޑްނެޕް ކޮށްފައިވަނީ..” ފޯރިއާއި އެކީގައި އެކުއްޖާ ކިޔައިދިނެވެ. ހިޔާންގެ ކަންތައްތައް މާ މައްޗަށް ދަނީއޭ އިޒްކާންގެ ހިތަށްއެރި އަދަދު ބުނެދޭކަށްވެސް ނޭނގެއެވެ.

“މަ ވީ ތިކަންވެސް ބަލާލަން…” އަޒުމާއި އެކީގައި ހޫރީން ބުނެލިއެވެ. ހޫރީން އާއި އެދެ އަންހެން ކުދިންނާއި ވާހަކަ ދައްކަންފެށުމުން ނީޝަލް ފޫހިވެގެން އަމިއްލަ އިސްތަށިގަނޑު ގަތަން ފެށިއެވެ. “މަ ވަރަށް ނިދިއައިސްފި..” އިޒްކާން މޯޅިއަކަށް ދެމިލަމުން ބުނެލިއެވެ. ”ރޭ ނުނިދަނީތަ..؟” ކުޑަ ހިނިތުންވުމަކާއި އެކީ ނީޝަލް އެއްސެވެ. “ނޫނޭ ނިދިން.. އެކަމަކު ނިދި އަންނަނީ ހަމަ..” އިޒްކާން ބުނެލިއެވެ. ނީޝަލްގެ ގާތަށް ހިނިއައެވެ. އިޒްކާން ދައްކާ ކޮންމެ ވާހަކައެއް ނީޝަލްއަށް ގަޔާވެވޭ ވަރުންނެވެ. އެންމެ ދެތިން ދުވަހުގެ ތެރޭގައި އިޒްކާން އާއި ދޭތެރޭ ހިތުގައި އުފެދުނު އިހުސާސްތައް މިހާ ވަރުގަދަވީ ކީއްވެގެންކަމެއް އަދިވެސް ނީޝަލްއަކަށް ނުވިސްނެއެވެ.

ކުއްލިއަކަށް އިޒްކާން ނީޝަލްގެ ކޮނޑުގައި ބޯ އަޅާލިއެވެ. ފަހަތުގައި އިން ޝައިމާ ހީވަނީ ރުޅިން ގޮސް ދެންމެދެންމޭން ފަޅައިގެން ހިނގައިދާނެ ހެންނެވެ. އެ ދޮން މޫނު ޖަންބެއްހާ ރަތްވެފައިވެއެވެ. ފިލްމްތަކުގައި ދައްކާ ފަދައިން ހަގީގަތުގައިވެސް މީހާ ރުޅި އަންނައިރު ކަންފަތުން ދުން ނުކުންނަނަމަ ޝައިމާގެ ކަންފަތުން މިހާރު ދުން ނުކުތީސްކަން ކަށަވަރެވެ.

އިޒްކާން ނީޝަލްގެ ކޮނޑުގައި ބޯ އަޅައިގެން އިންގޮތުން އިޒްކާންގެ ހޫނުނޭވާތައް ނީޝަލްގެ ކަރުގައި މަޑުމަޑުން އެޅެންފެށިއެވެ. ހިތްއަވަސްވެ ގައިން ހީބިހި ނަގާފައި ނީޝަލްއަށް އިނދެވުނީ އަތަކަށް ގުޑިލަން ވެސް ނޭނގިފައެވެ. އޭރު އަނެއް އަންހެންކުދިންނާއި ވާހަކަ ދައްކަންހުރި ހޫރީންއަށް މިއިން ކަމެއް ރޭކައެއް ނުލައެވެ. ލެކްޗަރާ ނައިސް ލަސްވެގެން އެންމެންވެސް ތިބީ އެމީހެއްގެ އެކުވެރިޔަކާއި ވާހަކަ ދައްކާށެވެ. ހަލަބޮލިވެފައިވާ ކްލާސް ތެރެއިން އިޒްކާން އާއި ނީޝަލްގެ އެ ‘ވަގުތުކޮޅު’ ފެނުނީ އެންމެ ދެ މީހަކަށެވެ. ފަހަތު ޑެސްކުދޮށުގައި ރުޅިން ފޯވެފައިހުރި ޝައިމާ އަށާއި ދުރުގައި ހިމޭނުން ނަމަވެސް ހަސަދަ އާއި ރުޅި ބޮލަށް ސަވާރުވެފައިވާ ހިޔާންއަށެވެ.

ކޮލެޖް ގަޑި ކުރިއަށް ދިޔައިރުވެސް ހޫރީން ގިނަވަގުތު އިނީ ގްލިޓަރ ޕެންތައް ހިފައިގެން ފޮތުގައި ކޮންމެވެސް އެއްޗެއް ލިޔާށެވެ. އިޒްކާން ދޭތެރެ ދޭތެރެއިން ކޮށްލާ ކުދި ސަމާސާތަކކުން ހިތްހަމަޖެހިގެން ނީޝަލްވެސް އެތަނުގައި އިނެވެ. ކޮލެޖް ގަޑި ނިމުނުކަން ހޫރީންއަށް އެނގުނީ ނީޝަލް ކޮނޑުގައި ޖަހާލާފައި ގެއަށް ދަނީއޭ ބުނެލުމުންނެވެ. “މިއަދު މެންދުރު ނީޝް ވެސް އިޒްކާންވެސް އަހަރެމެންގެ ގެއަށް އަންނައްޗޭ..” ހޫރީން އެދުނެވެ. “ކޮންކަމަކަށް ކީއްކުރަން..؟” އިޒްކާން އެއްސެވެ. ”ފިލްމެއް ބަލަން..” ހޫރީން ބުނެލިއެވެ. “އޯކޭ..” ނީޝަލް ވަގުތުން އެއްބަސްވިއެވެ.

އެ އަޑު ޖެހުނީ އެމީހުންނާއި އަރާހަމަކުރި ހިޔާންގެ ކަންފަތުގައެވެ. “މިވީ މާ ރަނގަޅަށް.. މިއަދު މަ އާހިލްމެންނާއި ބައްދަލު ކުރަން ދާއިރު އިޒްކާން ބިޒީވާނެ..” ހިޔާން ހިތާހިތުން އެހެން ކިޔާލާފައި އަވަހަށް ކްލާހުން ނުކުތެވެ. ނީޝަލް އޭނާގެ ހައްގަކަށް ހެދުމަށް ހަދަމުން ދިޔަ ޕްލޭނަށް އުނިއިތުރު ގެންނަމުން ހިޔާން ކުރިއަށް ދިޔައިރު ތުންފަތްމަތީގައި ދުވެލާފައިވަނީ އާދަޔާޚިލާފް ހިނިތުންވުމެކެވެ. އެވަރުން އެކަނި ވެސް ހިޔާން އެ ހިޔާލީފޮލާ ކައްކަނީކަން ޔަގީންވާވަރުވެއެވެ.

ގެއަށް ދާންވެގެން ނީޝަލް އާއި ހޫރީން އާއި އިޒްކާން ކޮލެޖުން ބޭރަށް ނުކުތެވެ. އެއްލިކަޅިއަކުން ނީޝަލްގެ ލޮލުގައި އަޅައިގަތީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ފިރިހެން ކުއްޖާ ހުރީ ކާރު ތެރޭގައެވެ. އޭރު އެ އަންހެން ކުއްޖާ ކާރުތެރެއަށް އަރަނީއެވެ. އެ އަންހެން ކުއްޖާ ހުރީ ރެޑް ވައިން ކުލައިގެ ރީތި ޒަމާނީ ހެދުމެއް ލައިގެންނެވެ. އެ ހެދުން ލައިގެން ހުރުމުން އެ އަންހެން ކުއްޖާގެ ދޮން ދެ އަތް ވަނީ ހާމައަށް ފެންނާށެވެ. އެ ހެދުމުގެ އަތުގެ ބަދަލުގައި ވަނީ ކަރުވަށާ އައްސާލާ ރަތްކުލައިގެ ހިމަ ފޮތިކޮޅެކެވެ. މޭމަތިން ފެށިގެން ހެދުމުގެ ބަންދާއި ހަމައަށް ވިދަވިދާ ހުރި ފޮއްޗަކުން ވަނީ ޑިޒައިން ކުރެވިފައެވެ. އެ ހެދުން ކުރުކަމުން އެ އަންހެން ކުއްޖާގެ ފަލަމަސްގަނޑުވެސް ވަނީ ނިވާ ނުވެއެވެ. ހެދުމުގެ ތިރީބައިގައި މާތަކެއް ޖަހާ ރީތިކޮށްފައިވާއިރު އުނަގަނޑުގެ ދެ ފަރާތުން ދިގު ފޮތިގަނޑެއް ވައްޓާލާފައި ވެއެވެ. ޖެހޭ ލުއި ވައިރޯޅިތަކަށް އެ ފޮތިގަނޑު ބިންމަތީގައި ނުޖެހި ވައިގެ ތެރޭގައި ހަރަކާތް ކުރަމުން ދިޔައެވެ.

ނީޝަލްގެ ބޮލުގައި ރިއްސައިގަތެވެ. ކުއްލިއަކަށް އެފަދަ ހެދުމެއްގެ ލައިގެން އޭނާ ހުރި މަންޒަރު ހަނދާންވީ ކީއްވެގެންކަމެއް ނީޝަލްއަކަށް ނުވިސްނުނެވެ. އެކަމާއި ވިސްނެން ފެށުމުން ބޮލުގައިވީ ރިހުން ގަދަވާން ފެށިއެވެ. ނީޝަލްއަށް ފަސް ހަވަރަކަށް ފިޔަވަޅު ކުރިއަށް އަޅާލެވުނެވެ. އިޒްކާން ހުރީ ހޫރީން އާއި ވާހަކަ ދައްކަން ކަމުން އެ މަންޒަރު ފެންނަގޮތެއް ނުވިއެވެ. ނީޝަލްއަށް ބޮލުގައި އަތް އަޅައިގެން ދެލޯ މަރާ ފިއްތާލައިގެން ހުރެވުނީ މަގު މެދުގައިކަން އެނގުނީ ކިރިޔާވެސް ބޮލަށް ލުއި ވާއިރަށް ދެލޯ ހުޅުވާލެވުމުންނެވެ. އެވަގުތު ވާތްފަޅިން ބާރު ސްޕީޑެއްގައި ދުއްވާފައި އައި ވޭން ފެނިފައި ނީޝަލްއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.

ރެސްޓޯރެންޓް ޑިއުޓީ ނިންމާލާފައި ހައިނާ ގެއަށް އައިއިރު ހުރީ ވަރުބަލިވެފައެވެ. މިއަދު ވަޒީފާއަށް ދިޔުމުގެ ކުރިން ރަނާ ގުޅާފައި ކައިޔަން ދެއްކި ވާހަކަތައް ވަނީ ކިޔާދީފައެވެ. އިޒްކާން އާއި އެކުގައި އެދުވަހު އެގެއަށްއައީ ނީޝަލްކަން ދެނެގަންނަން ހައިނާއަށް މާ އުނދަގުލެއް ނުވިއެވެ. ފެންވަރައިގެން ހައިނާ ހޫރީންމެން އަންނަން ވާއިރަށް މެންދުރުގެ ކެއުން ތައްޔާރު ކޮށްލެވޭތޯ އުޅުނެވެ. “މާޔާ.. ކަލޭ ކޮންކަމެއް ބޭނުންވެގެން ތި އުޅެނީ..؟” މައިކްރޯވޭވް ކައިރީގައި ހުރެ ހައިނާއަށް އެހުނެވެ.

“ނީޝަލް…!!” ކުއްލިއަކަށް މީހަކު އޭނާގެ ނަން ބާރަށް ކިޔާލިގޮތަށް ގޮސް ނީޝަލްގެ އަތުގައި ހިފާ ދަމައިގަތެވެ. އެ ވޭނުގައި ނުޖެހި ނީޝަލް ސަލާމަތްވީވެސް ހަމަ އެ މީހާގެ ސަބަބުންނެވެ. ބިރުން ހުރެ ލޯމަރާލެވުނުގޮތަށް ނީޝަލްއަށް ލޯ ހުޅުވާލެވުނީ ކައިރީގައި ހުރި މީހާގެ ގައިން ދުވި ލުއި ސެންޓު ވަހުންނެވެ. ނީޝަލްއަށް އަނެއްކާވެސް އެއީ އާ ވަހެއް ނޫންހެން ހީވިއެވެ. ނަމަވެސް އެ ސެންޓުގެ ވަސް ޖެހޭއިރަށް ނީޝަލްގެ ހިތް ވަށާލަނީ ބިރުވެރިކަމުންނެވެ. ވަގުތުން އެ މީހާ އާއި ދުރަށް ޖެހިލެވުނީވެސް އެހެންވެއެވެ.

އަޅި ކުލައިގެ ހޫޑީއަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރި އެ ޒުވާނާ ހިނިތުންވެފައި ދެން ކުރި ކަމަކުން ނީޝަލްއަށް ވީގޮތްވެސް ނޭނގުނެވެ. އެމީހާގެ މޭމަތީ އަޅާ ދުރަށް ކޮއްޕާލެވުނެވެ. އެ ނުދަންނަ މީހާ އޭނާގެ ކޯތާފަތުގައި ބޮސްދޭން ޖެހޭ ހެއްޔެވެ.؟ އެމީހާގެ ލަދު ކޮބާހެއްޔެވެ.؟ ވަށައިގެން ތިބި އެންމެންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ވީއިރުވެސް އެމީހާ ނީޝަލްގެ ކޯތާފަތަށް ބޮސްދިން ކަމެއް އެކަކަށްވެސް ނޭނގެއެވެ. ނީޝަލްގެ އިސްތަށިގަނޑު ހޭވިފައި ހުރި ގޮތުންނާއި އެ ޒުވާނާ ހަރަކާތް ކުރިލެއް އަވަސްކަމުން ނޭނގުނީކަމަށްވެސް ވެދާއެވެ. އެ މީހާ ހިނިތުންވެފައި ނީޝަލްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. “ވީ ވިލް މީޓް އެގެއިން.. ނީޝް..” އެ ޒުވާނާ ހޫޑީގެ ދެ ޖީބަށް އަތް ޖަހާލަމުން ކުރިއަށް ހިނގައިގަތް އިރުވެސް ނީޝަލްއަށް ހުރެވުނީ ކުރަންވީ ކަމެއް ނޭނގިފައެވެ.

“ހޭ އާރ ޔޫ އޯކޭ..؟” ނީޝަލްގެ ކައިރިއަށް ޖެހިލި ހޫރީން އަށާއި އިޒްކާންއަށް އެއްއަޑަކުން އެހުނެވެ. “އަ.. އައިމް ފައިން..” ނީޝަލްއަށް ހިމަ އަޑަކުން އެހެން ބުނެވުނެވެ. އެ މީހާގެ ފުން ދެލޯ ނީޝަލްގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް އުފައްދައިފިއެވެ. އިޒްކާން އާއި އެއްވަރަކަށް ހިނގަންފެށި ނީޝަލްގެ ހިތުގައިވަނީ އެންމެ ސުވާލެކެވެ. “އޭނަޔަށް އަހަރެންގެ ނަން އެނގުނީ ކިހިނެތް..؟” ނީޝަލްއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ނީޝަލް އޮޅުންގަނޑެއްގެ ތެރޭގައި ހުރިއިރު ނީޝަލް ސަލާމަތް ކޮށްފައި ހިނގައިގަތް ރޫހާންގެ ތުންފަތުގެ އެއްކޮޅުން އަނެއްކޮޅަށް ދުވެލާފައިވަނީ ކާމިޔާބީގެ ފަޚުރުވެރި ހިނިތުންވުމެކެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

މި ހިތުން މަޤާމޭ މި ދެނީ 19

Next

މިޝްކާ (ފަހުބައި)

Next
December 29, 2020

މިޝްކާ (ފަހުބައި)

Previews
December 28, 2020

މި ހިތުން މަޤާމޭ މި ދެނީ 19

2 Comments!

  1. Insi kuhjja says:
    December 29, 2020 at 10:58 am

    Me first dhw? ???. Vrh reethi mi bai vess ??. Love it. Dhen in bai kiyaalan libeyny kon irakun? Once again luv ur stories. Stay safe and take care. ???

  2. ?Ril? says:
    December 29, 2020 at 12:00 pm

    Heiii yooon ????♥️♥️♥️
    Vrh Sali mi part vxxxx♥️♥️♥️♥️♥️♥️♥️♥️
    MashaAllah♥️♥️♥️♥️♥️♥️♥️♥️♥️
    Anehkaa hiyaan aiham men ge lwbi verin hoodany Emeehun kidnapp kuran baaa?????????????
    Pis pis hiyaan vss uley goi dhw ??????????
    Hooryn ah ehn hoodanikoh eyy hiyaan ge kameh Kan ingihjehyaa vrh dera vaane dhw???????????
    Aleyyy anehkaa vxx roohaan dhw pis neeshal kolah bosdeyn jeheytha neeshal bunihhen hehehehehehe???????????
    Btw Ril kurin 11 vans part ahvxx bigu cmnt eh e publish eh nuvi vrh dera ehnve????♥️♥️♥️♥️♥️♥️
    Waiting for the next part♥️♥️♥️♥️
    Love uuuu soo much ♥️♥️♥️♥️
    Stay safe ♥️♥️♥️

Comments are closed.

Next Episodeއެކުއްޖާ 2 – 13←


All Right Reserved!