
އެކުއްޖާ 2 – 11
* “ނެފިއު ހާދަ ލަސްވެއްޖެޔޭ..” ޕޮޕްކޯން ގަންނަންވެގެން ފޮނުވި ނައިލް ފަނަރަ މިނެޓް ވީއިރުވެސް އަނބުރާ ނައުމުން ޒީޝް ބުނެލިއެވެ. “އަސްލުވެސްދޯ.. އަހަރެން އަންނާނަން ނައިލް ކޮބާތޯ ބަލާލާފައި…” ނީޝަލް އަވަހަށް ތެދުވެގެން ހިނގައިގަތެވެ. ޕޮޕްކޯން ވިއްކާ ތަނުގެ ކުރިމައްޗަށް އަރާފައި ނީޝަލްއަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުންނެވެ. ބޭއިޚްތިޔާރުގައި އަނގަމަތީ އަތް އެޅުނުއިރު ނީޝަލްގެ ދެލޯ ފެންކަޅިވިއެވެ. *
ސެލޫންގައި ހުރިއިރު ރަނާގެ ހަނދާނަށް އަންނަމުން ދިޔައީ ކައިޔަން ގުޅާފައި ދެއްކި ވާހަކަތަކެވެ.
********
“ރަނޫ… ނީޝްއަށް ސޯޅަ އަހަރުގައި ވީ ކަންތައްތައް މަތިން ހަނދާންވޭތަ..؟” ކައިޔަން އަހާލި ސުވާލުން ރަނާގެ ނޭވާ އަވަސްވިއެވެ. އަޑު ބޭރުނުވުމުން ރަނާއަށް ބޯ ޖަހާލެވުނީއެވެ. މިހުރެވުނީ ވީޑިޔޯ ކޯލެއްގައި ނޫންކަން ވެސް ރަނާ ހަނދާނެއް ނެތެވެ. ރަނާ ބޯޖެހިޔަސް ކައިޔަންއަށް އެމަންޒަރު ފެންނާނީކީ ނޫން ވިއްޔާއެވެ. “ހަލޯ..؟” ކައިޔަން ގޮވާލިއަޑަށް ރަނާއަށް އާނ ހަނދާން އެބަ ހުއްޓޭ ބުނެވުނެވެ. “އެކަމާއި ހުރެ މަށާއި އަވް.. މަށާއި އަވް ނީޝަލް ރާއްޖެއަށް ފޮނުވާލައިފިން މީގެ ދެތިން ދުވަސް ކުރިން…” ކައިޔަން ދެން ދިނީ ޚުދު ރަނާވެސް ހައިރާންވީވަރުގެ ހަބަރެކެވެ. “އޭނ.. ނީޝަލް މިކޮޅަށް ފޮނުވާލީއޭ..؟ ކީއްވެ..؟” ރަނާއަށް އެހުނެވެ. “އާނ.. ނައިލްވެސް.. އެއީ މާޔާ އާއި ރޫހާން ނީޝަލްއަށް އަނެއްކާވެސް ގޮތެއް ހަދާފާނެތީ..” ކައިޔަން ބުނެލިއެވެ. “މާޔާއާއި ރޫހާން.. ތި ބުނީ އެއްކަލަ މާޔާގެ ވާހަކަތަ..؟” ރަނާ ބޭނުންވީ ޔަގީން ކުރާށެވެ. އެކޮޅު މަޑު އާހެއް ދޫކޮށްލާފައި ކައިޔަން އާނއެކޭ ބުނެލިއެވެ. “ދެން..؟” ރަނާއަށް އަދިވެސް ކައިޔަންގެ މަގުސަދެއް ނޭނގުނެވެ. “އަހަރެމެން ނީޝް މިކޮޅަށް ފޮނުވީ ރޫހާން އާއި މާޔާއަށް ނީޝް ފޮރުވަންވެގެން… އެކަމަކު….” ކައިޔަން ޖުމްލަ މެދުކަނޑާލުމުން ގޮތްނޭނގޭ ބިރެއް އައިސް ރަނާގެ ހިތް ހިސޯރުކޮށްލިއެވެ. “އެކަމަކު ކިހިނެތްވީ..؟” ރަނާއަށް އަހާލެވުނެވެ. “އެކަމަކު ރޫހާންއަށް ނީޝަލް ވީ ރާއްޖޭގައިކަން އެނގިއްޖެ..” ކައިޔަން އެހެން ބުނެލުމުން ރަނާގެ ހިތް ބާރަށް ތެޅިގަތެވެ.
“މާޔާއަށްވެސް އެނގޭތަ..؟” ރަނާއަށް އެހުނެވެ. “އާނ.. ރޫހާންއަށް އެނގެންޏާ މާޔާއަށް ނޭނގި ނުދާނެ..” ކައިޔަން ބުނެލިއެވެ. “ނީޝަލް ހުރީ މިރަށުގައި..؟” ރަނާ އެއްސެވެ. “އާނ.. ޒިވީމެންގެ ގޭގައި…” ކައިޔަން ބުނެލިއެވެ. “ދެން ތި ބުނީ ރޫހާންވެސް ހުރީ މިރަށުގައޭތަ..؟” ރަނާ އެއްސެވެ. “ނޭނގެ ރޫހާން ހުރީ ވަކި ތިރަށުގައޭ ބުނާކަށް.. އެކަމަކު އޭނާ މިވަގުތު ހުރީ ރާއްޖޭގައި..” ކައިޔަން ޔަގީންކަން ދިނެވެ.
“ދެން އަހަރެން ކީއްކޮށްދޭންވީ..؟” ކައިޔަން އެހުމުގެ ކުރިން ރަނާއަށް އެހެން ބުނެވުނީ އިޚްތިޔާރަކާއި ނުލައެވެ. “ރަނޫ ކޮށްދޭންވީ ކަމަކީ ނީޝަލް ބޭރުތެރޭ އުޅޭއިރު ކުޑަކޮށް ބަލާލަދޭންވީ… ޔަގީން ކޮށްދޭންވީ ރޫހާން ނީޝަލް ފަހަތުން ނޫޅޭކަން..” ކައިޔަން އާދޭހުގެ ރާގަކަށް އެދުނެވެ. ރަނާ ވަގުތުން އެއްބަސްވީ ދެވަނަ ވިސްނުމެއް ނެތިއެވެ. “ތޭންކްސް ރަނާ… ރަނޫއަށް ޝުކުރުއަދާކުރާނެ ގޮތެއްވެސް ނޭނގޭ..” ކައިޔަން ޝުކުރުއަދާކުރިއެވެ. “ތެންކިއު ނުބުންޏަސް ވެދާނެ.. ނީޝަލް އިޒް ލައިކް އަ ޑޯޓަރ ޓު މީ..” ރަނާ ބުނެލިއެވެ. “ކޮށްދޭނަން ދޯ..؟” ކައިޔަން އެއްސެވެ. “ޔަގީނުންވެސް ކޮށްދޭނަން..” ރަނާ ބުނެލިއެވެ. “ހައިނާ، އިކޫ އަދި ލިޔާން ނޫން މީހަކަށް މިކަން އަދި ނާންގައްޗޭ..” ކައިޔަން އެދުނެވެ. “އާނ.. ނުބުނާނަން..” ރަނާ ވައުދުވިއެވެ.
***********
ނީޝަލްއަށް އަނގަމަތީގައި އަތް އަޅާލެވުނީވެސް އޭނާ ހޭން ފެށިއިރު އަޑު ބޭރުވެދާނެތީއެވެ. އެހެން ހެދުމުން ހިނިއައިސްގެން ގޮސް ނީޝަލްގެ ދެލޮލުން ފެން އައެވެ. ފެންކަޅިވުމުގެ އަސްލަކީ އެޔެވެ. ދުރުގައި ހުރި ނައިލް ހުރީ އަންހެން ކުއްޖެއް ފާރާއި ދޭތެރޭ ފިއްތާލައިގެން ކަހަލަ ގޮތަކަށެވެ. ނައިލް އެ އަންހެން ކުއްޖާ އާއި ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. ނީޝަލް އާއި ނައިލް ހުރީ ފުދޭވަރަކަށް ދުރުގައި ކަމުން ނީޝަލްއަށް އެ ދެއްކި ވާހަކައެއް ފަހުމެއް ނުވިއެވެ. ނައިލް ވާހަކަ ދައްކާ ނިމުމުނން ހީވާގޮތުންނަމަ އެ އަންހެން ކުއްޖާ އުޅުނީ ނައިލް އާއި ދެކޮޅަށް ވާހަކަ ދައްކަން ފަށާށެވެ. ނަމަވެސް އޭގެ ކުރިން ނައިލް ކުރި ކަމަކުން ނީޝަލްއަށް މަޖުބޫރުވީ އައި ކޮޅަށް ހިނގައިގަންނާށެވެ. އެތާ ހުރިއްޔާ އަޑުން އަޑުނަގާ ހީނގަނެވިދާނެކަމުގެ ބިރު އޮތުމުންނެވެ. އޭރު ނައިލް އާއި އެ އަންހެން ކުއްޖާގެ ފައިބުޑުގައި ޓެން އެ ހުރިހާ މަންޒަރެއް ބަލަން އޮތެވެ. ޓެން ހީވަނީ ހެކިވެރިޔެއް ހެންނެވެ.
ނައިލް ބަލާ ދިޔަ ނީޝަލް ނައިލް ނުލާ އައުމުން ޒީޝް ވަގުތުން ސުވާލު އުފެއްދިއެވެ. ނީޝަލްއަށް ހިނިގަނޑު މަތަކޮށްގެން ހުރެވުނީ ޒީޝް އެ ސުވާލު އަހަންދެނެވެ. ޒީޝް ހަމަ ސުވާލު ކުރުމާއިއެކީ ނީޝަލްއަށް އަނގައިގައިހުރި ހުރިހާ ދަތެއް ފެންނަވަރަށް ހީނގަނެވުނެވެ. “ސާބަހޭ ކިހިނެތްތަވީ..؟” ޒީޝް ހުރީ ޝައުގުވެރިވެފައެވެ. “ނައިލް… މިހާރު މަށަށް ޔަގީންވެއްޖެ ނައިލް އަންހެން ކުދިންނަށް އެލާރޖިކް ނޫންކަން..” ނީޝަލް އެހެން ބުނެލުމުން ޒީޝްގެ ގަޔަށް ހީވީ ކަށްޓެއް ޖެހިހެންނެވެ. “އޭ ވަޓް..؟ އަސްލުވެސް..؟ ކިހިނެތްވީ..؟ ކިހިނެތް އެނގުނީ..؟” ޒީޝް ހައިރާންވީ ވަރުން ސުވާލުބޮނޑި އޮއްސާލިއެވެ. “ދެންމެ ނައިލް ހޯދަން ދިޔައިރު މަށަށް ފެނުނީ… މޫވީސް ތަކުގައި ހީރޯ ހުރެއެއްނު ގިނަފަހަރަށް ހީރޯއިން ކޮންމެވެސް ފާރަކާއި ނޫނީ އެހެން ތަނަކާއި ލާ ފިއްތާލައިގެން..؟ އެ ފާޑަކަށް ނައިލް ވެސް ހުރީ އެ އަންހެން ކުއްޖާ އާއި އެކީގައި… ވަރަށް ސީރިއަސްވެގެން ހުރީ ކޮންމެވެސް އެއްޗެއް ކިޔަން..” ނީޝަލް ކިޔައިދިނެވެ. ނީޝަލް އެކިޔައިދޭ މަންޒަރު ޒީޝްއަށް ސިފަކުރެވޭނެގޮތަށް މަގުފަހި ކޮށްދެމުންނެވެ. “ވާއު.. ކުޑާ ހަމަ ޝޮކް..” ޒީޝް ދެލޯ ބޮޑުކޮށްލައިގެން ހުރެ ބުނެލިއެވެ. އެވަގުތުކޮޅު ރައިހާން އާއި ވަކިވުމުން ލިބުނު ހިތާމަތަކުގެ މަތިން ޒީޝް ހަނދާންވެސް ނެތްފަދައެވެ. “ދޯ..؟ މަ ވެސް..” ނީޝަލްވެސް ޒީޝް އާއި އެއްބަސްވީ އޭނާއަށްވެސް ވަނީ ޝޮކެއް ޖެހިފައިކަން އަންގައިދޭށެވެ.
“އަދި ނިމުނީއެއް ނޫނޭ… ދެން ނައިލް ވާހަކަ ދައްކާ ނިމުނީމައި އެ އަންހެންކުއްޖާ އެއްޗެކޭ ބުނާއިރަށް ނައިލް އެ ކުއްޖާ ގައިގައި ބައްދާލީ.. އެވެސް އަދި ވަރަށް ބާރަށް… ސީރިއަސްލީ އިޓް ފެލްޓް ލައިކް އައި ވޯޒް ވޮޗިންގ އަ މޫވީ…” ނީޝަލް އެހެން ބުނުމުން ހައިރާންވީވަރުން ޒީޝް ވެސް ހުރީ ބަހެއް ބުނަންވެސް ނޭނގިފައެވެ. އަންހެން ކުދިންނަކީ ދުނިޔޭގައި ލެއްވި އެންމެ ބިރުވެރި ނުރައްކާތެރި ބަޔޭ ކިޔައިގެން އުޅުނު ނައިލްއަށް މިއަދު އެވީ ކީއްހެއްޔެވެ.؟
ރޫހާން ގެއަށް ވަތްއިރު ނެޒެލީ ކަކުލުގައި ބައްދާލައިގެން އިނެވެ. ދިރުމެއް ނެތިފައިވާ އެ މޫނުން ފެންނަމުން ދިޔައީ ހަތަރު އުދަރެސް ފެނުޖެހިފައިވާ ކަހަލަ ކުލަވަރެކެވެ. “ޒެލީ..” ރޫހާންގެ އަޑުއިވޭ އިރަށް ނެޒެލީ ސިއްސައިގެން ގޮސްފައި ބަލާލިއެވެ. “ކާން ހިނގާ..” ރޫހާން އެހެން ބުނުމުންވެސް ނެޒެލީ ބަލާނުލިތަނުގައި އަޅާވެސް ނުލިއެވެ. “ޒެލީ…” ރޫހާން ނެޒެލީއަށް ގޮވާލާފައި އެނދު ކައިރީ ކުޑަކަކޫ ޖަހާ އިށީނެވެ. “ޒެލީ ކާންޖެހޭނެއެއްނު.. އެނޫނީ ދެން ނީޝްއާއި ބައްދަލެއް ނުވާނެ..” ރޫހާން ނީޝަލްގެ ނަން ކިޔާލުމާއި އެކީގައި ނެޒެލީ ސިހިފައި ރޫހާންގެ މޫނަށް ބަލާލިއެވެ. “އާނ ޒެލީ… ޒެލީ ބުނީ ހަމަ ރަނގަޅަށް.. ނީޝަލް ރާއްޖެ އައިސްފި.. ދެންމެ ދިމާވި..” ރރޫހާން ބުނެލިއެވެ. ރޫހާން ބަލަބަލާ ހުއްޓާ ނެޒެލީގެ ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.
“ދެން ހިނގާ ކާން.. ޒެލީ މަރުވެއްޖެނަމަ އަހަރެން ފަސްމަސް ދުވަސް ކުރިން ޒެލީ ކިޑްނެޕް ކުރި ކުރުން ވާނީ ހަމަ ބޭކާރު ކަމަކަށް..” ރޫހާން އެހެން ބުނެލާފައި ގެނައި ލުއިކާނާ ތަކުގެ ތެރެއިން ޒެލީއަށް ޗިޕްސް ޕެކެޓެއް ދިނެވެ. ނެޒެލީ އޭގެ ތެރެއިން އެތިކޮޅެއް ނަގާ އަނގަޔަށް ލިއެވެ. ނެޒެލީގެ ހަރަކާތްތަކަށް ބަލަން ހުރެފައި ރޫހާންވެސް ކާންފެށިއެވެ.
ރޭގަނޑު ކާންވެގެން އިޒްކާން ބޭރަށް ނުކުތްއިރު ލިޔާން ލެޕްޓޮޕާއި ފޯނު ހުޅުވައިގެން ހުއްޓެވެ. އެއްފަހަރު ލެޕްޓޮޕްގައި ދެތިން އެއްޗެއް ޓައިޕް ކޮށްލާފައި އަނެއް ފަހަރު ފޯނުން ކޮންމެވެސް އެއްޗެއް ބަލާލައެވެ. ހޮސްޕިޓަލް ކަމެއް ގައިވެސް ލިޔާން މިހަ އަވަސްއަރުވާލާފައި ބިޒީކޮށް އުޅޭތަނެއް މީގެ ކުރިން އިޒްކާންއަކަށް ފެނިފައެއް ނުވެއެވެ. އެހާ ބިޒީކޮށްލައިގެން ލިޔާން އެކުރަނީ ކީއްތޯ އިޒްކާން ބަލާލާހިތްވިއެވެ. ވަގު ފިޔަވަޅުތަކެއް ނަގަމުން އިޒްކާން ލިޔާންއަށް ހިލަމެއް ނުވާނެހެން ފަހަތުގައި ހުއްޓުނެވެ. “ލިޓްލް ރެޕަންޒަލް.. ލިޓްލް ރެޕަންޒަލް… މައި ލިޓްލް ލަވް.. ކޮންތާކުތަ ތި އުޅެނީ..” ލިޔާން ކިޔަމުން ގެންދިޔަ އެއްޗެހި އަޑުއިވުމުން އިޒްކާންގެ ލޮލުން ތަރިބުރައިގެން ނުދިޔައީ ކިރިޔާއެވެ. “ޑޭޑް..؟؟” އިޒްކާން ގޮވާލިއަޑަށް ލިޔާންއަށް ހީވީ މީހަކު އޭނާ ގޮނޑިން ކޮއްޕާ ވައްޓާލިހެންނެވެ. އެހާވެސް ސިހިފައި ލިޔާން އިޒްކާންގެ މޫނަށް ބަލާލިއެވެ.
“ކިހިނެތްވީ އިޒްކާން..؟” އާދައިގެ ރާގަކަށް ލިޔާން އެއްސެވެ. “އާރ ޔޫ..؟” އިޒްކާންއަށް ފުރިހަމަ ކުރެވުނީ ބުނަން އުޅުނު ޖުމްލައިގެ އެއްބައެވެ. “ކިހިނެތްވީ ދަރިފުޅާ..؟” ވީހާވެސް އާދައިގެ ގޮތަކަށް އެހެން ބުނެވޭތޯ ލިޔާން މަސައްކަތް ކުރިއެވެ. އެއްޗެކޭ ބުނުމުގެ ކުރިން އިޒްކާން ދެކޮޅު ބަލާލިއެވެ. ފެންނަ ހިސާބުގައި އައިރީން ނެތުމުން އިޒްކާން ލިޔާންގެ ކަންފަތްދޮށަށް ގުދުވެ ބުނި ވާހަކައިން ލިޔާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އާރ ޔޫ ޗީޓިންގ އޮން މޯމް..؟” އިޒްކާން އެހެން ބުނުމުން ލިޔާންއަށް ހަމަ ނޭވާއެއްވެސް ލެވުނީ ދެތިން ތަށި ފެން ބޮވުނު ފަހުންނެވެ. “ނޫނޭ ނޫނޭ ދަރިފުޅާ… ބައްޕަގެ އެކުވެރިއެއްގެ ދަރިފުޅު މިކޮޅަށް ބަދަލުވެގެން އެކުއްޖާގެ އިންސްޓަގްރާމް ނޫނީ އެހެން އެއްވެސް ސޯޝަލް މީޑިޔާއެއް ހޯދޭތޯ ބައްޕަ މި ބަލަނީ…” ލިޔާން އަދިވެސް ކޮށި އަރަމުން ކަހަލަ ގޮތަކަށް ކިޔައިދިނެވެ.
“އޯހް އެހެންދޯ..” ވީގޮތް ނަގައިގަނެވުމުން އިޒްކާން ރަކިވާގޮތްވިއެވެ. “ދަރިފުޅުވެސް ވިސްނާގޮތްދޯ..” ލިޔާންއަށް އަނެއްކާވެސް ހެވުނެވެ. “ކޮން ކުއްޖެއްތަ..؟” މައުޟޫ އޮޅުވާލަންވެގެން އިޒްކާން އަވަހަށް އެއްސެވެ. “ދަރިފުޅާއި ގާތްގަނޑަކަށް ހަމަ އެއްވަރެއް ވާނީ… ކައިޔަން ބޭބެގެ ދަރިފުޅު.. ކައިޔަން ބޭބެ ބުނެފައި އޮތީ އެކުއްޖާ ވީ މިކޮޅުގައޭ.. އެހެންވެ އެކުއްޖާ ކުޑަކޮށް ބަލައިލަދޭށޭ… އެހެންވެގެން ބައްޕަ މި ފޭސްބުކް، އިންސްޓަގްރާމް އަދި އެހެން އެއްވެސް ސޯޝަލް މީޑިޔާއެއްގައި އެ ކުއްޖާ އުޅޭތޯ މި ބަލާލަނީ..” ލިޔާން ބުނެލިއެވެ. “ނަމަކީ ކޮބާ..؟” ލިޔާން ކައިރިއަށް ގޮނޑިއެއް ދަމާލާފައި އިށީންނަމުން އިޒްކާން އެއްސެވެ. “ފާތިމަތު ނީޝަލް..” ލިޔާން އެހެން ބުނެލުމާއި އެކީގައި އިޒްކާންގެ ބޮލަށް ހީވީ ފަރުބަދަ ފަޅިއެއް ވައްޓާލިހެންނެވެ. ފުންމައިގެން ދެފައިމައްޗަށް ކޮޅަށް ތެދުވެވުނުއިރުވެސް އިޒްކާންއަކަށް ނޭނގުނެވެ. “ނީޝަލްއޭ..؟” އިޒްކާންއަށް އެހުނެވެ. “އާނ.. ކައިޔަން ބޭބެ ދަރިފުޅު ނީޝަލް…” ލިޔާން ލެޕްޓޮޕް އިން ނީޝަލްގެ ފޮޓޯގަނޑެއް ދައްކާލަދިނެވެ. ”އޯހް…” އިޒްކާންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. މިފަދަ އިއްތިފާގެއް އައިސްދާނެ ކަމަކަށް އިޒްކާން އުންމީދުވެސް ނުކުރެއެވެ.
“އަދި އެބަހުރިތަ ފޮޓޯ..؟” އިޒްކާން އެއްސެވެ. އެހެން ބުނެލުމާއި އެކީގައި ލިޔާން އިތުރު ހަތަރު ފޮޓޯ ދައްކާލިއެވެ. “ޑޭޑް.. ލެޓްސް މޭކް އަ ޑީލް…” އިޒްކާން ބުނެލިއެވެ. “ކިޔާބަލަ..” ލިޔާންގެ ގާތަށް ހިނިއައެވެ. “މަ ބައްޕައަށް ނީޝަލްގެ އިންސްޓާ އައިޑީ ދީފިއްޔާ ތި ފޮޓޯތައް ދެވޭނެތަ..؟” އިޒްކާން ތުންކޮޅު އޫކޮށްލަމުން އެއްސެވެ. “ދަރިފުޅަށް ނީޝަލް އިނގޭތަ..؟” އެ ހަބަރު ވެގެން ދިޔައީ ލިޔާން ހައިރާން ކޮށްލި ހަބަރަކަށެވެ. “ލައްބަ އިނގޭ… އެއް ކޮލެޖަކަށް ދަނީ… އެއީ މަގޭ…….” އިޒްކާން ވަރަށް ވެފައި ވާހަކަ ދައްކަނިކޮށް އަމިއްލަ ސިއްރު ބޭޒާރު ނުކޮށްލެވުނީ ކިރިޔާއެވެ. “އެއީ އިޒްކާންގެ..؟” ލިޔާން އެއްސެވެ. “ވަރަށް ގާތް އެކުވެރިއެއް…” އިޒްކާން އަވަސްއަވަހަށް ބުނެލިއެވެ.
“އެކަމަކު ބައްޕަ ކީއްވެގެން ނީޝަލް އާއި ދިމާލަށް ލިޓްލް ރެޕަންޒަލްއޭ ކިޔަނީ..؟” އިޒްކާން އެއްސެވެ. “މަށެއް ނޫންތަ ނީޝަލް އާއި ދިމާލަށް ތިހެން ކިޔަން ޖެހޭނީ…” ހިތާހިތުން އިޒްކާން ކުދި ކިޔާލިއެވެ. “ނީޝަލްގެ މަންމަ އިނގޭދޯ..؟ އަވްލީން..؟ ބައްޕަމެން އެންމެން އިޒްކާންމެން ވަރު އިރުގައި އަވް އާއި ދިމާލަށް ކިޔާ އުޅުނު ވަނަމަކީ ރެޕަންޒަލް… ދެން މިއަދު ނީޝަލްގެ ފޮޓޯ ފެނުނީމައި އަވްލީން އާއި ވައްތަރުކަމުން ބައްޕައަށް ލިޓްލް ރެޕަންޒަލްއޭ ކިޔުނީ…” ލިޔާން ހިނިތުންވެފައި ބުނެލިއެވެ. “އަވް ދައްތަ އާއި ނީޝަލް އަސްލުވެސް ވަރަށް ވައްތަރު..” އިޒްކާންވެސް އެއްބަސްވިއެވެ. “ކިހިނެތް އެނގުނީ..؟” ލިޔާން އެއްސެވެ. “ހޫރީން ގެންގުޅޭ އަލްބަމް ފުނި ތެރޭގައި އޮތް އަލްބަމްއަކުން އަވްދައްތަ ފޮޓޯއެއް ފެނުނީ..” އިޒްކާން ބުނެލިއެވެ.
“އެހެންދޯ… މައްސަލައެއް ނެތް.. އެކަމަކު ދަރިފުޅު ނުވާނެ މިއިން އެއްވެސް ފޮޓޯއެއް ނަހަމަ ގޮތުގައި ބޭނުން ކޮށްގެންނެއް..” ލިޔާން އެދުނެވެ. އިޒްކާން އެހެން ނުހަދާނެކަން ޔަގީނާއި ގާތަށް އިނގޭއިރުވެސް ލިޔާން ބޭނުންވީ ޔަގީން ކުރާށެވެ. “ޓްރަސްޓް މީ ޑޭޑް…” ވަރަށް ފޮނިވެފައި އިޒްކާން ބުނެލިއެވެ. ބޯ ޖަހާލާފައި ލިޔާން އެ ފޮޓޯތައް އިޒްކާންގެ ފޯނަށް ފޮނުވާލުމުން އެއްބަސްވީ ފަދައިން އިޒްކާން ނީޝަލްގެ އިންސްޓަގްރާމް އައިޑީ ލިޔާންއަށް ބުނެދިނެވެ. އައިރީން ކާން ހެދުމުން ކައިގެން ސައިކަލު ދުއްވާލަން އިޒްކާން ދިޔައީ ކުރެވުނު މޮޅު ކަންތަކާއި ހުރެ އަމިއްލަ ނަފްސަށް ފަޚުރުވެރި ވެގެން ހުރެއެވެ.
ޖެހިގެން އައި ދުވަހު ނީޝަލްއަށް ހޭލެވުނީ ވަރަށް ލަހުންނެވެ. އިއްޔެ ހަވީރު ހިނގާލަން ގޮސްފައި ގެއަށް އައިސް ރޭގަނޑު ދަންވަންދެން ޒީޝް އާއި ނައިލް އާއިއެކީގައި ފިލްމް ބަލަން އިނުމުން ވީ ގޮތޭ ކިޔާ ނީޝަލް އަވަހަށް ފެންވެރިއެވެ. ފެންވަރައިގެން ނީޝަލްއަށް ނުކުމެވުނުއިރު ބާކީ އޮތީ އެންމެ ފަސްމިނެޓެވެ. އަވަހަކަށް މިޑްލްމިސްޓްސް ރެޑް ކެމީލިއާ މާ ކުލައިގެ ޖަމްޕްސޫޓްއެއް ލާފައި ނީޝަލް ދަބަހަށް ފޮތްތައް އަޅައިގެން ދުވެފައި ކޮޓަރިން ނުކުތެވެ. “ތިއްތާ..! ނީޝްގެ ސްނިކަރސް ކޮބާތަ..؟ އެއްކަލަ ޕިންކް ކުލައިގައި ހުރެއެއްނު ރޯޒްއެއް ކުރަހާފައި ހުންނަ ސްނިކަރސްއެއް..؟” ދަބަހަށް އެޅިފައިވާ ފޮތްތައް ހަމަތޯ ބަލަމުން ނީޝަލް އެއްސެވެ. ޒިވީންގެ އަޑެއް ބަޑެއް ނީވުމުން ނީޝަލް ބަލާލިއެވެ. ލާނެތް ގޮތަކަށް ހީނލައިގެން ޒިވީން ނީޝަލް އާއި ދިމާލަށް ބަލަން ހުއްޓެވެ. ސޯފާގައި އިށީނދެލައިގެން އިން އިޒްކާންގެ ގާތަށް ވެސް ހުރީ ހިނިއައިސްފައެވެ. “އެސޮރު އެހުރީ ނީޝް ނައިސް ލަސްވެފައޭ..” ޒިވީން ބުނެލިއެވެ. “ސޮރީ ސޮރީ.. މިއަދު ލަހުން ހޭލެވުނީ..” ނީޝަލް އަވަހަށް މައާފަށް އެދުނެވެ.
“އިޓްސް ފައިން… އަދި ގަޑި ޖެހެން ހަތަރު މިނެޓް އެބައޮތް..” އިޒްކާން އެހެން ބުނެލުމުން ނީޝަލް އަނެއްކާވެސް ތެޅިގަނެފައި ބޫޓު ހަރުގަނޑުން އަތުޖެހުނު ސްނިކަރސްއެއް ނެގިއެވެ. “އަދި ފޮތްތައް ހަމަތޯ ރަނގަޅަކަށްނުވެސް ބަލަން… އަޅޭ..” ނީޝަލް ބޮލުގައި ޖަހާލިއެވެ. ނީޝަލް އުޅޭގޮތް ފެނި ހިނިއަންނަގޮތްވީ ނަމަވެސް އިޒްކާން ތެދުވެގެން ގޮސް ނީޝަލްގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލައިގެން އިށީނެވެ. “ބަލާބަލަ ފޮތްތައް ހަމަތޯ..” އިޒްކާން ނީޝަލް ސްނިކާރސްއަށް އެރުމުން ބުނެލިއެވެ. އަދި ސްނިކަރސްގެ ނާޑުވާ އައްސައިދޭން ފެށިއެވެ. އަވަސްއަވަހަށް ނީޝަލް ފޮތްތައް ހަމަތޯ ބަލާ ނިންމާލިއިރު އިޒްކާން ނީޝަލްގެ ނާޑުވާ އައްސައިދީފިއެވެ. “އާދޭ ދާން..” އަވަސްކުރަން ހަދައިގެން އިޒްކާންއަށް ނީޝަލްގެ އަތުގައި ހިފުނެވެ. ގަޑިޖެހިދާނެތީ ހާސްވެފައި ހުރިވަރުން ނީޝަލްއަށް މިއިން ކަމެއް އިހުސާސެއް ނުވެއެވެ. ސައިކަލާއި ހަމައަށް ދެވެންދެންވެސް އިޒްކާން ހުރީ ނީޝަލްގެ އަތުގައި ހިފައިގެންނެވެ.
އިޒްކާން ސައިކަލަށް އެރިތަނާހެން ކައިރިން މުސްކުޅި އުމުރުފުރާގެ ފިރިހެނެއް ހުރަސް ކޮށްލަނީއެވެ. އެމީހާ ލޮލުގައި އޮތް ނަންބަރު އައިނު ލޮލަށް ހެޔޮވަރު ކޮށްލާފައި ނީޝަލްގެ މޫނަށް ބަލާލިއެވެ. “އޭ ކޮއްކޯ… މަގުމަތީގައި އުޅޭއިރު ވަރަށް ބަލައިގެން އުޅޭތި… ރަނގަޅީ މީހަކާއި އެކީގައި ނޫނީ ގެއިން ބޭރަށްވެސް ނުނިކުތިއްޔާ… ކޮއިފުޅާ…. ބޭބެ މި ދައްކާ ވާހަކަ ރަނގަޅަށް އަޑު އަހާތި..” އެމީހާ ބުނެލިއެވެ. ނީޝަލް ބޯ ޖަހާލިއެވެ. “އަދުގެ ބައެއް ޒުވާނުން ވަރަށް ނުސިޔާނު ވެއްޖެ… ކުރިން ދުވަހު ނަދީމާ ގޯތި ޝަހާމާ ގެއްލުނީ.. މިއަދު އަނެއްކާ ސަރީފާ ގޯތި އަންހެން މަންޖެ ގެއްލިއްޖެ…” އެ މީހާ ދިން ހަބަރުން ނީޝަލްގެ ގައިން ހީބިހި ހިލުވާލިއެވެ. އިޒްކާން ހުރީ ހިމޭނުންނެވެ. މިވެސް ހެޔޮކޮށްވިއްޔާ ވާނީ ހިޔާންގެ ކަމަކަށޭ ހިތަށް އެރުމުންނެވެ.
ދެން އެމީހާ ބަލާލީ އިޒްކާންގެ މޫނަށެވެ. “މީ ކޮއްކޮގެ ލޯބިވެރިޔާއެއްނު..؟ މި މަންޖެއަށް ބަލައިގެން ކޮއްކޮ ވެސް އުޅޭތި..” އެމީހާ އެހެން ބުނުމުން އިޒްކާން ކުޑަކޮށް ލަދުގަތެވެ. އޭރު ނީޝަލްވެސް ރަކިވެގެން ދުރު ބަލާލަނީއެވެ. “ބޭބޭ…” އިޒްކާން ނީޝަލް އަކީ އޭނާގެ އެކުވެރިޔެކޭ ބުނަން އުޅުނެވެ. ނަމަވެސް އެހެން ބުނުމުގެ ކުރިން އެ މީހާ ވަރަށް ބަލައިގެން އުޅެއްޗޭ ބުނެ ދުރަށް ހިނގައިގަތެވެ.
އިޒްކާން ވަށްކަޅިން ނީޝަލްގެ މޫނަށް ބަލާލާފައި އުޑުމައްޗަށް ބަލާލިއެވެ. ކަޅުވިލާތައް އުޑުމައްޗަށް ގަދަ ކުރަމުން ގެންދިޔަ މަންޒަރު ފެނިފައި ވާރޭވެހެން އުޅޭހެން އިޒްކާންއަށް ހީވިއެެވެ. ޖެހިލި ތެތްފިނި ވައިރޯޅި ގައިގައި ބީހިލުމުން ނީޝަލްވެސް ހީކަރުވައިގަނެގެން ދެއަތުން އަމިއްލަ ގައިގައި ބައްދާލައިފިއެވެ.
އިޒްކާން އަވަހަށް ސައިކަލަށް އެރިއެވެ. އަދި ނީޝަލް އެރުމުން ކުރިން ނުދުއްވާހާ ބާރަށް ސައިކަލު ދުއްވާލިއެވެ. ލިބުނު ސިހުމުން ނީޝަލްއަށް އިޒްކާން ލައިގެން ހުރި އޮރެންޖް ކުލައިގެ ޓީޝާރޓް އަތަށް ބޮނޑިކޮށްލެވުނެވެ. އިޒްކާން ވައިރޯޅިއެއްހާ ބާރަށް ސައިކަލު ދުއްވަން ފެށުމުން ނީޝަލްއަށް ބޭއިޚްތިޔާރުގައި އިޒްކާންގެ ގައިގައި ބާރުބާރަށް ހިފާއްޓާލެވުނެވެ. އިޒްކާންގެ ގައިގައި ބޮނޑިވެގެން ކަހަލަ ގޮތަކަށް އިން ނީޝަލްގެ ހިތުގެ ތެޅުން އިޒްކާންއަށް އިހުސާސްވަމުން ދިޔައެވެ.
މީހަކު ރޭހެއްގައި ވެސް ނުދުއްވާނެހާ ބާރަށް ސައިކަލުގައި ނީޝަލް ގޮވައިގެން ދިޔަ އިޒްކާންއަށް ބަލަން ތިންވަނަ ފަރާތެއް ވެސް ހުއްޓެވެ. ގެއެއްގައި އުނަގަނޑާއި ހަމައަށް ރާނާފައިވާ ފާރުބުރި މަތީގައި އިން ރޫހާންގެ އަތް މުއްކެވިގެން ދިޔައެވެ. ބާރު ސްޕީޑެއްގައި ކޮލެޖަށް ދާން ގޯޅި އަޅާލި އިޒްކާންއަށް ރޫހާން ބަލާލީ އަލިފާނުގެ ބެލުމަކުންނެވެ.
= ނުނިމޭ =
One Comment
Comments are closed.
Wow Hama vrh vrh Sali mi part ❤️❤️❤️❤️❤️VXXX♥️♥️♥️♥️♥️♥️♥️♥️??????
Yoon mi part today menduru ge kurin kiyaalan libeyne eyy buny maa Ril hedunu heyleesure mi inany mi vaahaka ge inthizaarugaa ❤️❤️❤️❤️vaahaka fenun, vxx up vefaa inthaa 30 minute fahun hehhehehehe????????????????????
Hahahahaha nail mihaaru gadha vehje dhw ??????hahahhahaha Ril vxxx huree hevifaa mi part keeiru hahahahahah neeshal ah veevarun vxx heveyne eh nu hahahahahha?????????❤️❤️❤️❤️❤️❤️
Hahahhaha liaan aa izkaan ge part vxx vrh majaa?????????????????????????????
Pis hiyaan vxx dhw ????
Ril ah Hama heevee stry therey gaa hen ❤️❤️mioleny ehaa vxx Sali ❤️❤️❤️❤️♥️♥️♥️???????????????????
Roohaan dhn keehbaa kuraany izkaan aa neeshal ehkoh fenuny maaa????
Waiting for the next part ❤️❤️❤️❤️❤️??
Love u sooo much ♥️♥️♥️♥️♥️
Stay safe and take care Yoo ❤️❤️❤️❤️