Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 22

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 19, 2020 6 Mins Read
1 Comment

 

މާނީ އާއި އާރާޝް ޓެރަހުގައި ތިބޭ ވާހަކަ މިންހާ ދެއްކުމުން އިޝަލްއަށް މާނަ ނެގުނީ މުޅިން ނުބައި ކޮށެވެ. އޭނާއަށް ހީކުރެވުނީ މިންހާގެ ހިތުގައި ވެސް އޭނާއާ މެދު އިޙްސާސްތަކެއް ވަނީ ކަމަށެވެ. އަދި އެކަން ނުސީދާކޮށް މިންހާ އޭނާއަށް ބުނެދިނީ ކަމަށެވެ. ހަޤީގަތް ނޭންގި އިޝަލްގެ ހިތް އުފަލުން ނަށާލިއެވެ.

 

އަހާންއަށް ހޭލެވުނީ ކަރަށް ނާރެއް އަރައިގެންނެވެ. ކަންނެއްކަމާއެކު ލޯ ހުޅުވާލި ފުރަތަމަ ވަގުތު ވެސް ފެނުނީ އޭނާ ކޮނޑުގައި ބޯ އަޅައިގެން ލޯބިކޮށް ނިދާލާއިފައި އޮތް ޒާޔާއެވެ. އަހާންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޒާޔާއަށް ހޭލެވިދާނެތީ ގުޑިލަން ވެސް އަހާންއަކަށް ނުކެރުނެވެ. އަނެއްކޮޅުން އާޔާ ވެސް އޮތީ އޭނާ ގައިމަތީއެވެ. ދެފަރާތުން ވެސް އަހާން ވަނީ ހައްޔަރުވެފައެވެ.

ޒާޔާ އެސްފިޔަތަށް ތަޅުވާފައި ލޯ ހުޅުވަން އުޅޭހެން ހީވުމާއެކު އަހާން އަވަހަށް ދެ ލޯ މަރާ ބާރުކޮށްލިއެވެ. އޭނާ ހޭލާ އޮތްކަން ޒާޔާއަށް އެނގޭކަށް އަހާން ބޭނުމެއް ނޫނެވެ.

އުނދަގޫ ގޮތަކަށް ލޯ ހުޅުވާލި ޒާޔާއަށް ފުރަތަމަ ވެސް ފެނުނީ އަހާންއެވެ. ސިހިފައި ނިކަން އަވަހަށް ޒާޔާ ތެދުވަން އުޅުނެެވެ. ނަމަވެސް ޒާޔާ އަޅައިގެން އިން ބުރުގާގައި ޖަހައިގައި އިން ދަތި އޮތީ އަހާން ލައިގެން އިން ޓީޝާޓުގެ ގިރުވާނުގައި އެޅިފައެވެ.

އަހާންގެ މޫނު ނުހަނު ގާތުން ފެނުމުން ޒާޔާއަށް އެ މޫނަށް ބަލަން އޮވެވުނެވެ. “އައި ލަވްޑް ޔޫ އަހާން. މި ހިތުން އެންމެ ފުރަތަމަ ޖާގަ ދެވުނު ފަރާތަކީ ތިއީ. އަހާންގެ އެކުވެެރިކަން ގެއްލިދާނެ ކަމުގެ ބިރަށް މި ހިތުގެ ހާލު މުޅި ދުނިޔެއަށް ސިއްރުކޮށްގެން އުޅުނީ. މި ޙަޔާތަށް އަހަރެން ދެކެ އިންތިހާއަށް ލޯބިވާ މީހަކު ލިބުމުން ވެސް އަހަރުމެންގެ އެކުވެރިކަމަށް ޓަކައި އެ ލޯބި ޤުރުބާން ކުރަން އަހަރެން ހުރީ ތައްޔާރަށް. ލޮތްބަށް ވުރެ އަހަރުމެން ދެ މީހުންގެ އެކުވެރިކަން އަހަންނަށް މާ މުހިންމު. ދެން ކީއްވެ އަހާންއަށް މި އެކުވެެރިކަން މުހިންމު ނޫނީ؟ ކީއްވެ މަށާ ދުރަށް ތި ދަނީ؟ އިޓް ހާރޓްސް ސޯ މަޗް އަހާން. އަހަރެން ތި ގޮތަށް ދުރުކޮށްލީމަ ހާދަ ހިތަށް ތަދުވެޔޭ” ޒާޔާގެ ހިތްވަނީ ޝަކުވާއިން ފުރިފައެވެ. ނަމަވެސް ދުލާއި ހަމައަށް އެންމެ ލަފުޒެއް ވެސް ގެންނާނެހާ ހިތްވަރެއް ނެތެވެ. އޭނާގެ ރީތި ބޮޑު ދެލޯ ކަރުނައިން ފުރިގެން ދިޔައެވެ.

ޒާޔާގެ ކަރުނައިން އަހާންގެ ޓީޝާޓު ތެމެމުން ދިޔައެވެ. ޓީޝާޓު ތެމޭ ކަމުގެ އިޙްސާސް ކުރެވުމާއެކު ޒާޔާ ރޮނީކަން ވަގުތުން އަހާންއަށް އިނގުނެވެ. ނަމަވެސް ލޯ ހުޅުވަން ނުކެރިފައި އޮތް ގޮތަށް އަހާން އޮތެވެ.

މިންހާއަށް އެރިކްގެ ޚަބަރެއް ވީ އެ ދުވަހު ހަވީރު ވާން އުޅެނިކޮށެވެ. ގިނަ އިރުތަކެއް ވަންދެން ޚަބަރެއް ނުވެވުމުން އެރިކް މާފަށް އެދުނެވެ. ލިވަޕޫލަށް ކުޅޭ ޔޫސުފް ގެ ގާތް އެކުވެރިއެއް ކަމަށްވާ ޓޮމީ އޭނާއާ އެކު ގިނަ ވަގުތު އުޅުމުން މިންހާއަށް ގުޅަން ނުކެރުނީ ކަމަށް އެރިކް ބުންޏެވެ.

“މެސެޖެއް ކޮށްލި ނަމައެއްނު. އޭރަށް ވެސް އަހަރެން އެހާ ހާހެއް ނުވާނެ. ރިކީގެ ޚަބަރެއް ނުވެގެން ރޭގަ ނުވެސް ނިދުނު”

“އޯކޭ. ހުސް މެސެޖެއް ނަމަވެސް ދެން ކޮށްފަ ބައިންދާނީ. ކޮންއިރަކު ދެން އަންނަނީ؟ އަހަރެން ވާހަކައެއް އަހާލަންތަ؟ އަހަރުމެން ދެމީހުން ގުޅެން މިނީގެ އާއިލާއިން ޤަބޫލު ވާނެތަ؟” އެރިކް ހިތުގައިވި ސުވާލު އޭނާކޮށްލިއެވެ. އޭނާ އާއި މިންހާގެ ގުޅުމަށް މިންހާ އިން ޤަބޫލު ނުވެދާނެ ކަމުގެ ބިރު އެރިކްގެ ހިތުގައިވިއެވެ. އެހެންވެއްޖެ ނަމަ ދެން ހަދާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ.

އެރިކްގެ އެ ސުވާލުން މިންހާ ގާތަށް އައެވެ. “ރިކީ ހާސްނުވެބަ. އަހަރެންގެ އާއިލާ އަކީ ވަރަށް ކޫލް އާއިލާއެއް. އާއިލާގެ އެންމެން ވެސް އެ އުޅެނީ އެމީހަކު އެންމެ ލޯބިވާ މީހަކާ ގުޅިގެން. ދެން ކީއްވެ އަހަރެންގެ އާއިލާއިން ރިކީ އާއި އަހަރެންގެ ގުޅުމަށް އޯކޭ ނުވާންވީ؟ ދޮންބެ، ދޮންތި އާދި ޔާޒްބެ ވެސް އެމީހުން ބޭނުން މީހުންނާ މެރީ ކުރީ” އެރިކް އާއި އޭނާގެ ގުޅުމަށް އާއިލާއިން ނުރުހިދާނެ ކަމަކަށް މިންހާގެ ހިތެއް ނުބުނެއެވެ. ލޯބިވާ ފަރާތާއި ކައިވެނި ކުރުމުގެ ފުރުސަތު އެ އާއިލާގެ ހުރިހާ ކުދިންނަށް ވެސް ވަނީ ލިބިފައެވެ.

“މިނީ ބުނީމަ އަހަރެން ޤަބޫލު ކޮށްފިން. ހިނގާ އެލެކް ގާތު އަހަރުމެންގެ ވާހަކަ ބުނަން. އެލެކް ގާތު ނުބުނެ އުޅެން އަހަރެން ވަރަށް ގިލްޓީވޭ. އެއީ އަހަރެންގެ ބެސްޓް ފްރެންޑް”

“އުނހޫ. ފެމެލީ އޯކޭ ވިއަސް އޭގެ މާނައެއް ނޫން އަހަރެން އަދި ރެޑީއޭ އެމީހުން ގާތު މި ވާހަކަ ދައްކަން. އަދި ދުވަސްކޮޅެއް ބޭނުން. އަދި އެބަޖެހޭ އެހެން ކަމަކާ ވެސް އުޅެން” އާއިލާއާ ހަމައަށް އެ ދެމީހުންގެ ގުޅުން ގެންދާކަށް މިންހާ އަދި ތައްޔާރެއް ނޫނެވެ.

އެނބުރި ލިވަޕޫލަށް ދިއުމުގެ ކުރިން މިންހާ އަހާންއާ ވާހަކަ ދެއްކިއެވެ. ހިތުގެ ހާލު ސިއްރުނުކޮށް ޒާޔާއަަށް އަންގަން މިންހާ އެދުނެވެ. “މިންހާ މޮޔަތަ؟ ޒާޔާ ގާތު ބުނެގެން ވާނެ ފައިދާއެއް ނޯންނާނެ. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން ޒާޔާ އާއި ރިއަން ވަކިވާކަށް”

“ރިއަން ގެއްލުމަށް ވުރެ އަހާންގެ އެކުވެރިކަން ގެއްލުނީމަ ޒާޔާ މާ ދެރަވާނެ. ރިއަންއަށް ވުރެ ކުރިން ޒާޔާ ލޯބިވީ އަހާން ދެކެ. އިޝްޤީ ލޮތްބަށް ނޫން ކަމުގައި ވިއަސް ޒާޔާ އަބަދުވެސް އަހާން ދެކެ ލޯބިވޭ” އަހާންއަށް ވިސްނައިދެވޭތޯ މިންހާ މަސައްކަތް ކުރަމުން ދިޔައެވެ. އެކަކު އަނެކަކު ދެކެ ހިތްހަމަ ނުޖެހިގެން އުޅުމަކީ ޒާޔާ އަދި އަހާންއަށް ވެސް ފަސޭހަކަމެއް ނޫނެވެ. ދެމީހުން ވެސް އެ ދަނީ އަމިއްލަ ހިތަށް އަނިޔާ ދެމުންނެވެ.

“މިންނުއަކަށް ނުވިސްނޭނެ. އަހަރެން ލޯބިވާކަން ޒާޔާއަށް އެނގިއްޖެޔާ އޭރަށް ޒާޔާ މާ ދެރަވާނެ. ގިލްޓީފީލް ވާނެ އެ ލޯބި އަހަރެންނަށް އަނބުރާ ނުދެވޭނެތީވެ. އޭރަށް ޒާޔާ އުޅޭނީ މާ ވޭނުގަ. އެ ވާހަކަ ބާއްވާފަ މިންނުގެ ވާހަކައަށް ދަމާ. މަށަށް އެނގޭ މިންނު އާއި ރިކްއާ ދެމީހުންގެ ކަންތައް” މިންހާގެ ދެލޯ ވަގުތުން ބޮޑުވެގެން ދިޔައެވެ. މީހާ ބަސް ހުއްޓި ނޭވާ ލާން ވެސް ހަނދާން ނެތުނެވެ. “ހާސްނުވޭ. މަށެއް ނުބުނާނަން އެކަކު ކައިރީގަ ވެސް. އެކަމަކު ވަރަށް ދެރަވެއްޖެ އަހަރެން ގާތު ނުބުނީމަ. މަ ހިތް އޮތް ގޮތަށް ނަގާފަ މިންނުއަށް ދެއްކީމާ ވެސް މިންނުގެ ބޮޑު ސީކްރެޓް ނުބުނީމަ ދެރަ ދޯ” އަހާން ދެރަވާ ކަމަށް ހެދެމުން ސަމާސާ ރާގެއްގައި ބުންޏެވެ. މިންހާ އެރިކްއަށް ގުޅައިގެން ވާހަކަ ދެއްކި އަޑު އޭނާއަށް ވަނީ އިވިފައެވެ. މިންހާ ނުބުނި ކަމުގައި ވިއަސް އޭނާ އަބަދުހެން މެސެޖު ކުރަނީ އެރިކްއަށް ކަން އަހާންއަށް އެނގުނެވެ. މިންހާއަށް ޓަކައި އުފާވި ނަމާވެސް އަހާން ކަންބޮޑުވިއެވެ. އިޝަލް މިންހާއާ މެދު ތަފާތު ނަޒަރަކުން ދެކޭކަން އޭނާއަށް ވަނީ ޝައްކުވެފައެވެ. އެހެންވެއްޖެ ނަމަ އޭނާ ފަދައިން އެކުވެެރިޔާގެ ހިތް ވެސް ހަލާކުވާނެއެވެ. އެ ގޮތަށް ކަންތައް ވާކަށް އަހާން ބޭނުމެއް ނޫނެވެ. އެއްވެސް މީހަކަށް އެ ފަދަ ގޮތެއް ވާކަށް އަހާން ނޭދެއެވެ. ޚާއްސަކޮށް ބޭބެއެއް ފަދައިން އޭނާ ދެކޭ މީހަކަށެވެ.

އަހާން އޭނާގެ ލޯބިވެރިޔާއޭ ކިޔާ ޒާޔާއަށް ދެއްކީ މިއާއެވެ. ފުރަތަމަ ނަޒަރުން އަހާންއަށް މިއާ ކަމުދިޔައީ ކަން އަހާން ކިޔައިދިނެވެ. އެއާއެކު ޒާޔާ ހަނދާނަށް އައީ އިޝަލް އާއި އަހާން އެރިކްމެން ގެއަށް ގޮއްސަ އައިސް މިއާ ފެނިގެން ދެއްކި ވާހަކަތެކެވެ. މިއާ ގޮވައިގެން ލިވަޕޫލަށް ދިޔަ ދުވަހު އަހާން މިއާއަށް ބެލި ގޮތެވެ. އެހުރިހާ ކަމެއް ހަނދާނަށް އައުމުން އަހާން ހެދި ދޮގު ޤަބޫލު ކުރަން ޒާޔާއަށް ފަސޭހަވިއެވެ. ދެރަވި ނަމަވެސް ކުރިން އުޅުނު ގޮތަށް އަހާންއާ އެއްކޮށް ނޫޅެވޭނެކަން އަމިއްލަ ހިތަށް ވިސްނައިދިނެވެ.

ޑޯރޓްމަންޑްގައި އިޝަލް މޮޅު ކުޅުމެއް ދައްކަމުން ދިޔައެވެ. މޮޅެތި ސޭވްތަކެއްކޮށް ގިނަ ބަޔަކު ހައިރާން ކޮށްލިއެވެ. އިޝަލްގެ މޮޅެތި ސޭވްތަކުން ޑޯރޓްމަންޑް ބަލި ނުވެ ސަލާމަތްވަމުން ދިޔައެވެ. ފުރަތަމަ ފަސް މެޗުން އޭނާ ވަނީ ކްލީން ޝީޓެއް ހަދައި ބުންޑަސް ލީގާގައި ޖެހިޖެހިގެން ފަސް މެޗުން ކްލީން ޝީޓް ހެދި އެންމެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ބުންޑަސްލީގާގެ އިތުރުން ޗެމްޕިއަންސް ލީގުގައި ވެސް އިޝަލް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ގަދަ ސޯޅައަށް ޑޯރޓްމަންޑް ދިއުމަށް އެންމެ އެހީވެދިން ކުޅުންތެރިޔަކީ އިޝަލްއެވެ. ފަހަކަށް އައިސް ގޯކު ކީޕަރުންގެ ފަރާތުން ނުފެންނަ މޮޅު ކުޅުމެއް އޭނާ ދައްކަމުން ދިޔައެވެ.

ޕްރިމީއާރ ލީގުގައި އެންމެ ނަން މަޝްހޫރު ކުޅުންތެރިޔައަކަށް އެރިކް ވެގެން ދިޔައެވެ. ޑިފެންސަށް ކުޅުނު ކަމުގައި ވިއަސް ގޯލު ޖަހަން ފުރުސަތު ހޯދައިދޭ އަދި ގޯލު ޖަހާ ކުޅުންތެރިއަކަށް އެރިކް ވެގެން ދިޔައެވެ. ފަހަކަށް އައިސް އާސެނަލަށް ލިބޭ ހުރިހާ ހިލޭ ޖެހުން ތަކާއި ކޯނަރުތައް ނަގައިދެނީ އެރިކްއެވެ. އެރިކް ވަނީ ދެ ހިލޭ ޖެހުމުން އާސެނަލްއަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗެއްގެ ފަހު ވަގުތުގައި އޭނާ ނަގައިދިން ކޯނަރަކުން ލަނޑެއް ކާމިޔާބުކޮށްދީ އާސެނަލްއަށް ތިން ޕޮއިންޓް ވަނީ ހޯދައިދީފައެވެ. އެރިކްގެ ސަބަބުން އާސެނަލްގެ މުޅި ޑިފެންސްލައިން ވަނީ ވަރުގަދަ ވެފައެވެ. އެރިކް ކަޓުވާފައި ގޯލު ކީޕަރާ ހަމައަށް ދިއުން އިދިކޮޅު ކުޅުންތެރިންނަށް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

އެކުވެރިންނާ އެކު ޓީވީ ދޮށުގައި އިޝަލް އިނެވެ. އޭނާ ހިތާހިތުން ދުޢާ ކުރަމުން ދިޔައީ ޗެމްޕިއަންސް ލީގު ގަދަ ސޯޅާގައި އާސެނަލްއާ ކުޅެން ނުޖެހޭތޯއެވެ. ޑޯރޓްމަންޑާއި އާއި ކުޅެން ޖެހޭ ޓީމު ނަގަން ދިޔަ ވަގުތު އިޝަލްގެ ހިތް ނެގިނެގިފައި ތެޅެމުން ދިޔައެވެ. ދެލޯ މަރައިގެން އިން އިރު އެއީ އާސެނަލްއަށް ނުވޭތޯ ދުޢާ ކޮށްލަ ކޮށްލާ އިނދެވުނެވެ.

ގުރު ނަގަން ގޮސް ހުރީ ކުރީގެ މަޝްހޫރު ބާސެލޯނާގެ ތަރި ލިއޯ މެސީއެވެ. ގުޅީގެ ތެރެ ކުޑަކޮށް ހާވާލުމަށް ފަހު ޓީމުގެ ނަން ޖަހަފައި އޮތް ގަނޑުކޮޅު ލާފާއި އިން ބޯޅަ ނަގައި މެސީ ހުޅުވައިލިއެވެ.

“ޑޯރޓްމަންޑާ ދެކޮޅަށް ގަދަ ސޯޅާގައި ކުޅެން މި ޖެހެނީ ކުރީ ދެއަހަރުގެ ވެސް ޗެމްޕިއަން ލިވަޕޫލް” އާސެނަލްއަށް ނުވުމުން އިޝަލްއަށް ހަމަޖެހުމުގެ ނޭވާއެއްް ލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އަލްޔަސް އަދި ޔޫސުފް ލިވަޕޫލަށް ކުޅޭކަން ހަނދާންވެފައި އޭނާގެ މޫޑު ވަގުތުން ގޯސްވިއެވެ.

“ސީ ޔޫ ސޫން ބްރަދާރ” އިޝަލް ފޯނަށް ޓްވިޓާއިން ނޮޓިފިކޭޝަނެއް އައުމުން ބަލާލިއިރު އޭނާ ޓެގްކޮށްފައި ޔޫސުފް ޓްވީޓްކޮށްފައި އިނެވެ. އިޝަލް މޫނަށް ގޮތެއް ހަދާފައި އިމޯޖީ ތަކެއް ޖަހައިފައި އެއަށް ކޮމެންޓްކުރިއެވެ.

ގަދަ ސޯޅާގައި ޑޯރޓްމަންޑާއި ކުޅެން ޖެހެނީ ލިވަޕޫލްކަމަށް ޔޫއެފާ އިން ކުރި ޓްވީޓް އެއް ލޯ މަރާގެންނާއި އަނގަމަތީ އަތް އަޅައިގެން ހުރި އިމޯޖީސްތަކެއް ޖަހައިފައި އަހާން ރީޓްވީޓް ކުރިއެވެ.

ފޯނުން ޓްވީޓާރ ހުޅުވައިގެން އިން އަރްޝާދް ހޭންފެށުމުން ކިހިނެއްވީތޯ އަފްރީން އަހައިލިއެވެ. ވެގެން އުޅޭ ގޮތް ކިޔައިދިނުމުން އަފްރީން ގާތަށް ވެސް ހިނިއައެވެ. “އަހަރުމެން ވާނެ ލިވަޕޫލަށް އަދި ޑޯރޓްމަންޑަށް ވެސް މެޗު ބަލަން ދާ. ޔޫސުފް އަދި އިޝަލްއަށް ވެސް މުހިންމު ދެ މެޗަށް މި ދެ މެޗު ވާނެ” ފުރަތަމަ ލެގު ކުޅެން އޮތީ ލިވަޕޫލްގައެވެ. އަރްޝާދް ވަގުތުން ވަގުތަށް މެޗުގެ ދެ ދުވަސް ކުރިން ލިވަޕޫލަށް ދާން ޓިކެޓު ބުކް ކުރިއެވެ.

ގަދަ ސޯޅާގައި ޑޯރޓްމަންޑާއި ލިވަޕޫލް ކުޅެން ޖެހޭކަން އެނގުމާއެކު މިންހާ ވަގުތުން އިޝަލްއަށް ވީޑިއޯ ކޯލް ކުރިއެވެ. އިޝަލްގެ މޫނު މަތީގައިވީ ހާސްކަން މިންހާއަށް ސިއްރެއް ނުވިއެވެ.

މިންހާ ވާހަކަ ދައްކަމުން ދިޔައިރު ކަޅި ވެސް ޖަހާނުލާއި ބަލަން އިޝަލްއަށް އިނދެވުނެވެ. އެ އަންހެންކުއްޖާ ފެނުމުން އެހެން ހުރިހާ ކަމެއް މަތިން ސިކުންތު ކޮޅެއްގެ ތެރޭގައި އޭނާ ހަނދާން ނެތިގެން ދިޔައެވެ. މުޅި އުމުރަށް ވެސް މިންހާއަށް ބަލަން އޭނާއަށް އިނދެވިދާނެއެވެ. ސީޒަން ނިމުމުން އެނބުރި އާސެނަލްއަށް ދެވިއްޖެނަމަ އޭނާ ހިތުގެ ހާލު މިންހާއަށް އަންގަދޭން އިޝަލް ނިންމިއެވެ. އެ ދުވަސް ޖެހެން ދެން އޭނާ ބޭނުންވީ އެކަން ސިއްރެއްގެ ގޮތުގައި ބާއްވަންށެވެ.

މިންހާގެ ފަރާތުން ހިތްވަރުގެ ބަސްތައް އިޝަލްއަށް ލިބުނެވެ. ބިރާއި ހާސްކަން ފިލައިގެން ދިޔައެވެ. ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗު އޮތީ އަދި ދެ މަސް ފަހުންނެވެ. އޭގެ ކުރިން ލީގުގައި ކުޅޭ މެޗުތައް ރަނގަޅަށް ކުޅެ އަމިއްލަ ނަފްސަށް އޮތް އިތުބަރު ބޮޑުކުރަންވީއެވެ. އޭނާއަކީ އާދައިގެ ކީޕަރެއް ނޫންކަން ދުނިޔެއަށް ސާބިތުކޮށްދޭންވީއެވެ.

ރިއަން އަކީ އޭނާގެ ލޯބިވެރިޔާކަން ޒާޔާ އެންމެންނަށް އަންގަދިނެވެ. ހިތުގައި ބިރުވެރިކަން ވީ ނަމަވެސް އަހާންގެ އެއްބާރުލުމާއެކު އިތުރަށް ސިއްރުކުމެއް ނެތި ރިއަންއާ އޭނާގެ ގުޅުން އާއިލާއަށް ހާމަ ކުރިއެވެ. ޔާޒް ރުޅި އައި ނަމަވެސް މާއިޒް އާއި ނަވްޔާ އަދި އައިރާ ވެސްއެ ގުޅުމާއި ރުހުނެވެ.

“އަހާން ރިއަންއަށް މާފު ކުރިއިރު ޔާޒްއަށް ކީއްވެ ނުކުރެވެންވީ؟ ތި ގޮތަށް ރުޅި ހެދީމަ ކޮއްކޮ ކިހާ ދެރަވާނެ. ރިއަން އަކީ ރަނގަޅު ކުއްޖެއް. އެއީ ޝާރިމް…”

“އައިރާ ސްޓޮޕް. މިއީ މާފު ކުރުމާ ނުކުރުމުގެ ކަމެއް ނޫން. މަށެއް ބޭނުމެއް ނޫން ޝާރިމް އާއިލާގެ ވަސް ޖެހުބު މީހެއް ވެސް އަހަރެންގެ ކޮއްކޮގެ ޙަޔާތަށް އަންނާކަށް. އަހަރެން ބޭނުމެއް ނޫން މިކަމާ ހެދި އައިރާއާ ޒުވާބު ކުރާކަން. އިތުރަށް މި ވާހަކަ މަށާ ނުދެއްކިއްޔާ ރަނގަޅީ” ޝާރިމްގެ ގޮތް އެންމެ ރަނގަޅަށް އެނގޭ މީހަކީ ޔާޒްއެވެ. ފަހަރުގައި ރިއަން އޭނާގެ ކޮއްކޮއަށް އަނިޔާއެއް ނުދީފާނައެވެ. ނަމަވެސް ޝާރިމް އެ ހުންނަނީ އޭނާއަށް ގެއްލުމެއް ދޭނެ ގޮތެއް ބަލަބަލާއެވެ. އޭނާ ދެރަ ކުރަން ކޮއްކޮއަށް ޝާރިމް ގެއްލުން ދީފާނެއެވެ. އައިރާގެ ކިބައިން ބަދަލު ހިފަން ރިއަން ލައްވާ އަހާންއަށް ދިން ގެއްލުން އޭނާ ހަނދާނެއް ނުނެތެއެވެ. ކަންތައް ތައް އެ ގޮތަށް އޮތް އިރު ކޮއްކޮއާ ރިއަން ގުޅެން ހިތް ރުހެވޭނީ ކިހިނެއް ހެއްޔެވެ؟

“ޔާޒްބެ ދުވަސްކޮޅަކުން އޯކޭ ވެދާނެ. ހީ ނީޑްސް ސަމް ޓައިމް” ޒާޔާ އެކަނި މާ އެކަނި ޕޫލް ކައިރީ އިނދެ ވިސްނަނީ ކޮންކަމަކާ ކަން އަހާންއަށް ދެނެގަންނަން އުނދަގުލެއް ނުވިއެެވެ. ޒާޔާ ޓެރަހުގައި އިން ކަން އެނގި އޭނާ އައީ ހޮޓް ޗޮކްލެޓް ތަށްޓެއް ހަދައިގެންނެވެ. ފިނި މޫސުމަށް ވުމުން ރޭގަނޑުގެ އެ ވަގުތުގައު ހޫނު ބުއިމެއް ބޯލުމުން ހަށިގަނޑަށް ހޫނުކަން އިޙްސާސް ކުރެވޭނެއެވެ. ކޮޓޮން ފޮތީގެ ބޮޑު ހުޑީއެއް މަތިން ޖެކެޓް ލައިގެން އިން އިރުވެސް ޒާޔާ އިނީ ފިނިވެފައެވެ.

“ކޮން އިރަކުން މިއާ ގެންނަނީ؟” ހޮޓް ޗޮކްލެޓް ތަށިން އެތި ފޮދެއް ބޯލުމަށް ފަހު ޒާޔާ އަހައިލިއެވެ. އަހާން އެއް މިޔައިން ހިނިތުންވެލައިފައި ބޯ ކަހައިލިއެވެ. “ދެން ގެންނަން ވީ ދޯ” ވަރަށް ނޫން ގޮތަކަށް އަހާން ދޯ ދިނެވެ.

 

މިންހާ ވަރަށް އަރާމުގައި ސީރީޒެއް ބަލަން އޮއްވައި އެރިކް ގުޅިއެވެ. އާންމުކޮށް އެ ގަޑި އެއީ އެރިކް ގުޅާ ގަޑިއެއް ވެސް ނޫނެވެ. “ވަރަށް އަވަހަށް ނުކުމެބަ ބޭރަށް” މިންހާ ފޯނަށް ޖަވާބު ދިނުމުން އެހެން ބުނެފައި މިންހާއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެރިކް ފޯނު ކަނޑާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހިރާސް (ޓްރައިލަރ)

Next

އެކުއްޖާ 2 – 7

Next
December 19, 2020

އެކުއްޖާ 2 – 7

Previews
December 18, 2020

ހިރާސް (ޓްރައިލަރ)

One Comment

  1. Kiyara says:
    December 19, 2020 at 2:50 am

    Salam all here is the 22nd part of Manzil. Hope you all loved this episode too. Stay safe and take care.

Comments are closed.

Next Episodeމަންޒިލް 23←


All Right Reserved!