މިންހާ ވަރަށް އަރާމުގައި ސީރީޒެއް ބަލަން އޮއްވައި އެރިކް ގުޅިއެވެ. އާންމުކޮށް އެ ގަޑި އެއީ އެރިކް ގުޅާ ގަޑިއެއް ވެސް ނޫނެވެ. “ވަރަށް އަވަހަށް ނުކުމެބަ ބޭރަށް” މިންހާ ފޯނަށް ޖަވާބު ދިނުމުން އެހެން ބުނެފައި މިންހާއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެރިކް ފޯނު ކަނޑާލިއެވެ.
ނަސީބަކުން މިންހާ ނުކުތް އިރު ޔޫސުފް އަދި ނަވާރް ވެސް ފެންނާކަށް ނެތެވެ. ލައިގެން އިން ހެދުން މަތިން ގަދަ ނޫކުލައިގެ ޖެކެޓަކާ އަތަށް އަންގި އަރުވައިގެން ނިކަން ސިއްރުން މިންހާ ނުކުތެވެ. ބޯޖެކެޓް ލައިގެން އިން އިރުވެސް ފިނިކަމުން އޭނާ ހީކަރުވަމުން ދިޔައެވެ.
ގެއިން ބޭރަށް ނުކުމެ މިންހާ ދެފަރާތް ހޯދާލިއެވެ. މީހެއްގެ ހިލަން ނުވުމުން ޖެކެޓުގެ ޖީބު ތެރެއިން ފޯނު ނަގާ އެރިކްއަށް ގުޅައިލިއެވެ. “ފަހަތް ބަލާބަ” އެރިކްގެ އަޑު އައީ ފަހަތުންނެވެ. މިންހާ ލަސް ލަހުން ފަހަތަށް އެނބުރުނު އިރު ހިނިތުންވެލައިގެން އެރިކް ހުއްޓެވެ.
އުއްމީދު ވެސް ނުކޮށް ހުއްޓާ އެރިކް އައުމުން އޭނާއަށް ވަނީ ބަޔާން ކުރަން ދަތި އުފަލެއް ލިބިފައެވެ. އެ ދެމީހުންގެ ގުޅުން އާ ހަރުފަތަކަށް ދިޔަ ފަހުން އެކަކު އަނެކަކާ ބައްދަލުވި ފުރަތަމަ ފަހަރު ކަމުން ހަދަންވީ ގޮތެއް ނޭންގިފައި މިންހާ އިނެވެ. އުފަލާ އެއް ވަރަށް އޭނާ އިނީ ބިރުވެސް ގަނެފައެވެ.
އެރިކް އައިސް މިންހާ ގާތު މަޑުކޮށްލިއެވެ. ދުވަސް ތަކަކަށް ފަހު ހިތުގެ ރާނީ ހަމަ ލޮލަށް ފެނުމުން އެރިކްގެ ހިތަށް ބަޔާން ކުރަން ދަތި ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
މިންހާ ގޮވައިގެން އެރިކް އެ ގެއާ ކައިރީގައި ހުރި ޕާކަށް ދިޔައެވެ. ރޭގަނޑުގެ ވަގުތަށް ވުމުން ޕާކުގެ ތަންތަން ކޮޅުގައި މަޑުކޮށްގެން މުޅިހެން ވެސް ތިބީ ލޯބިވެރިންނެވެ.
އެރިކް އާއި މިންހާ ގޮސް ބެންޗެއްގައި އިށީނެވެ. ބޮޑު ޖެކެޓެއް ލައިގެން އިން ނަމަވެސް މިންހާއަށް ފިނި ވެގެން ތުރުތުރު އަޅަމުން ދިޔައެވެ. އެރިކް މިންހާއާ ގާތަށް ޖެހިލައިފައި އޭނާގެ އަތް މިންހާ ކޮނޑުގައި ވަށާލައިފައި އޭނާ ގާތަށް މިންހާ ދަމާލިއެެވެ.
ދެލޯ ބޮޑުކޮށްގެން މިންހާ އެރިކްއަށް ބަލާލި ގޮތުން މިންހާ ހިތްހަމަ ނުޖެހުނީހެން އެރިކްއަށް ހީވިއެވެ. “ސޮރީ” އެރިކް ދުރުށް ޖެހެން ހެދުމާއެކު މިންހާ ނިކަން އަވަހަށް އެރިކް ކޮނޑުގައި ބޯ އަޅައިލިއެވެ. އެއާއެކު އެރިކް ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
“ކޮންއިރަކު ރިކް ލިވަޕޫލަށް އައީ؟” ދެމީހުންގެ މެދުގައިވި ހިމޭންކަން ނެތިގެން ދިޔައީ މިންހާގެ ސުވާލުންނެވެ. “މީގެ އިރުކޮޅެއް ކުރިން. އާރޗީގެ ގާލްފްރެންޑް ވެސް ދިރިއުޅެނީ ލިވަޕޫލްގަ. އާރޗީ ބޭނުންވީ ބެޓީއަށް ސަޕްރައިޒެއް ދޭން. އެހެންވެ އޭނާ މިރޭ އައި އިރުގަ އަހަރެން ވެސް އައީ އަހަރެންގެ ގާލްފްރެންޑަށް ސަޕްރައިޒެއް ދޭން” އެރިކް އޭނާއަށް ނިޞްބަތްކޮށް ‘ގާލްފްރެންޑް’އޭ ބުނުމުން މިންހާއަށް ލަދުން އިސްޖަހައިލެވުނެވެ.
މާ ލަސްވުމުގެ ކުރިން އެރިކް މިންހާ ގެއަށް ގެންދިޔައެވެ. ވަދާއުގެ ސަލާމަށް ފަހު މިންހާ ގެއަށް ވަންނަން ދިއުމުން އެރިކް މިންހާ އަތުގައި ހިފައި މަޑުކުރުވިއެވެ. އަދި އޭނާ ގާތަށް ދަމާލާފައި މިންހާ ނިއްކުރީގައި ނިކަން ލޯބިން ބޮސްދިނެވެ. “އައި ލަވް ޔޫ މިންހާ” ފުރަތަމަ ފަހަރަށް އެރިކްގެ ދުލުން ލޯބިވާކަން ހާމަ ކުރުމާއެކު ނޭވާލާން ވެސް މިންހާ ހަނދާން ނެތުނެވެ. ރައްދުގައި ލޯބިވެޔޭ ބުނާކަށް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ.
ދެލޯ ބޮޑުކޮށްގެން އޭނާއަށް މިންހާ ބަލަން ފެށުމުން އެރިކް ނިކަން އަވަހަށް މާފަށް އެދުނެވެ. ބުނަން ނުވާ ވަރު އެއްޗެއް ބުނެވުނު ފަދައިން އިސްޖަހައިލިއެވެ. އަދި މިންހާއަށް ފުރަގަސް ދީފައި ދާން ހިނގައިގަތެވެ. އޭނާއަށް ކުރިއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. މިންހާ އޭނާ އަތުގައި ހިފެހެއްޓިއެވެ. އެރިކް މިންހާއާ ދިމާއަށް އެނބުރުމުން މިންހާ އޭނާއާ ގާތަށް ޖެހިލިއެވެ. “އައި ލަވް ޔޫ ޓޫ” ކުޑަކޮށް ކޮރާލާފައި މިންހާ އެރިކް ކަންފަތް ދޮށުގައި ވައި އަޑުން ބުނެލިއެވެ. އެއަށްފަހު އެރިކް ކޮލަށް ބޮސް ދިނުމަށް ފަހު ދެފައި ހުރި ބާރެއް ލާފައި ގެއަށް ވަންނަން ދުއްވައިގަތެވެ.
މިނެޓެއް ވަންދެކަށް ގުޑި ލާން ވެސް ހަނދާން ނެތިފައި އެރިކްއަށް ހުރެވުނެވެ. ކޮލުގައި އަތް ޖައްސާލުމާއެކު އެރިކްއަށް ލަސް ލަހުން ހިނިތުންވެވުނެވެ.
ކޮޓަރިއަށް ވަދެ ބޮކި ޖެެއްސި މިންހާ ސިއްސައިގެން ދިޔައީ ނަވާރް ފެނިފައެވެ. “ދޮންބެ… ދައްތަ” އަޅަ އަޅައި ގަންނަމުން މިންހާއަށް ބުނެވުނެވެ. “މިންނު މިއޮށް ރޭގަނޑު ކޮންތާކަށް ގޮއްސަ ތިއައީ؟” ނަވާރްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭންގިފައި މިންހާއަށް އިނދެވުނެވެ.
“މިންހާ؟” މިންހާ ފަރާތުން ޖަވާބެއް ނުލިބުމުން ތަންކޮޅެއް ހަރުކަށިކޮށް މިންހާގެ ނަމުން ނަވާރް ގޮވާލިއެވެ.
މިންހާ ވިސްނާލުމަށް ފަހު ތެދުތެދަށް އޭނާ ދިޔައީ ކޮންތާކަށް ކަން ނަވާރްއަށް ބުނެދިނެވެ. އަދި އޭނާއާ އެރިކްއާ ދެމެދު އޮތް ގުޅުން ވެސް ނަވާރްއާ ޙިއްސާ ކުރިއެވެ. ދެމީހުން ވާހަކަ ދައްކާތާ ދުވަސްކޮޅެއް ވެއްޖެކަމާއި ދެމީހުން ވެސް އެކަކު އަނެކަކު ދެކެ ލޯބިވާ ކަމެވެ.
“ދޮންބެދައްތަ އެކަމު އަދި މި ވަގުތު ދޮންބެ ގާތު ނުބުނައްޗޭ. ޕްލީޒް. ރަނގަޅު ވަގުތު ޖެހުނީމަ މިންނު އަމިއްލައަށް ދޮންބެއަށް ކިޔާދޭނަން” މިންހާ އާދޭހާއެކު އެދުމުން ޔޫސުފް ގާތު އަދި އެހަށް ނުބުނަން ނަވާރް އެއްބަސްވިއެވެ. “އެކަމު ދެން ތި ގޮތަށް ނުދައްޗޭ. މިންނު ކޮބާތޯ ބަލަން އައިރު ނުފެނުނީމަ ވަރަށް ބިރުގަތް. ދޮންބެއަށް ގޮވަން އުޅެނިކޮށް މިންނު ތިއައީ” ނިދުމުގެ ކުރިން ކޮންމެ ރެއަކުވެސް މިންހާ އޮތީ ކޮޓަރި ތަޅުލައިގެންތޯ ޔޫސުފް ނޫނީ ނަވާރް ބަލާނެއެވެ. މިރޭވެސް ނަވާރް ދިޔައީ މިންހާ ތަޅުލިތޯ ބަލާށެވެ. ދޮރު ތަޅުގައި ހިފިއިރު ތަޅުނުލައި ހުރުމުން މިންހާ ނިދީތޯ ބަލަން ނަވާރް ދޮރު ހުޅުވިއިރު ކޮޓަރި އޮތީ ނިއްވާލާފައި އެވެ. މިންހާ ވެސް ނެތެވެ. ނަވާރް މުޅި ގޭތެރެ ބަލައިގެން ވެސް މިންހާ ނުފެނުމުން އަނެއްކާވެސް މިންހާގެ ކޮޓަރިއަށް ދިޔައީ ޔޫސުފްއަށް ގޮވުމުގެ ކުރިން އަދި އެއްފަހަރު މިންހާ ކޮޓަރި ބަލާލާށެވެ.
އަހާން އާއި މިއާ ތިބީ ކޮލެޖު ތެރޭ ހުރި ބެންޗެއްގައި އިށީންދެލައިގެންނެވެ. އަހާން މިއާ ގާތުން އެދުނީ މިއާގެ އެހީއަށެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އޭނާގެ ‘ފޭކު’ ލޯބިވެރިޔާއަށް ވެދިނުމަށެވެ. “އަހާން އާއި ޒާޔާ ތިއީ މިކޮޅަށް އަހަރެން އައި ފަހުން ލިބުނު އެންމެ ގާތް އެކުވެރިން. ތި ދެމީހުންނަށް ޓަކައި ކޮންމެ ކަމެއް ވެސް އަހަންނަށް ކޮށްދެވިދާނެ. މަށަށް އަހާންގެ ފޭކް ގާލް ފްރެންޑަށް ވެވެން ނެތީ އެހެންވީމަ. ފަހުން އަހާންއަށް އެނގޭނެ ކީއްވެކަން” އަހާންގެ ހުށަހެޅުމަށް މިއާ ދެކޮޅު ހެދިއެވެ. އަހާން ވެސް އިތުރަށް އެވާހަކަ ނުދައްކައެވެ. މިއާ ބޭނުންނުވާއިރު ގަދަ ކަމުން އޭނާ ލައްވާ ފޭކު ޑްރާމާއެއް ކުޅޭކަށް އަހާން ވެސް ބޭނުމެއް ނޫނެވެ.
ޒާޔާއާ ބައްދަލު ކުރަން މަދު މަދުން ނަމަވެސް ރިއަން އަންނަން ފެށިއެވެ. ރިއަންއާއެކު ޒާޔާ ފެންނަ ކޮންމެ ފަހަރަކު އަހާންގެ ހިތްހަލާކު ވެގެން ދެއެވެ. ލޮލުން ކަރުނަ ނައެއް ކަމަކު އޭނާގެ ހިތް ރޮމުން ދެޔެވެ.
ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗު ކުޅުމަށްޓަކައި ދެ ދުވަސް ކުރިން ޑޯރޓްމަންޑް ޓީމުން ލިވަޕޫލަށް ދިޔައެވެ. އެ މެޗަށްޓަކައި ޑޯރޓްމަނޑުގެ މުޅި ޓީމު ވަނީ ދުރާލާ ތައްޔާރުވެފައެވެ. ލިވަޕޫލް ކޮންމެ ކުޅުންތެރިއަކު ކުޅޭ ގޮތާއީ އެ ކުޅުންތެރިންގެ ބަލިފައި ވަނީ ރަނގަޅަށް ދަސްކޮށްފައެވެ. ކޯޗު ފިރްމިނޯ ކުޅުވާ އުސްލޫބު ވެސް ވަނީ ބަލާ ދަސްކޮށްފައެވެ.
މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެސްގައި އިޝަލްއާ ބެހޭ ގޮތުން ނޫސްވެރިން ޔޫސޫފްއާ ސުވާލު ކުރިއެވެ. އެ ސުވާލުގެ ޖަވާބުދިން އިރު ޔޫސުފް ވަނީ އިޝަލްއަށް ވަރަށް ބޮޑަށް ތަޢުރީފު ކޮށްފައެވެ.
“ބޭނުމަކީ މެޗުން މޮޅުވުން. އެންފިލްޑްގައި އެހެން ޓީމުތަކަށް މޮޅު ހޯދުމަކީ އުނދަގޫ ކަމެއް. ލިވަޕޫލްގެ ކޮންމެ ކުޅުންތެރިއަކީ ވޯލްޑް ކްލާސް ކުޅުންތެެރިއެއް. ކޮންމެ މަޤާމެްްގައި ވެސް ތިބީ އެންމެ މޮޅެތި ކުޅުންތެރިން. ޑިފެންސްގައި ވިއަސް އެޓޭކްގަ ވެސް. އެމީހުންގެ އެޓޭކް ހުއްޓުވުމަކީ އުނދަގޫ ކަމެއް. އެކަމަކު ނުވާ ވަރުގެ ކަމެއް ނޫން. މި މެޗަކީ ފައިނަލެއް ކަމަށް ދެކިގެން ބައި ކޮޅަށް ގޯލެއް ވައްދާނުލާ މެޗު ނިންމާލަން ބޭނުމީ” މެޗާއި ބެހޭ ގޮތުން އިޝަލްއާ ނޫސްވެރިއަކު ކުރި ސުވާލަށް އޭނާ ޖަވާބު ދިނެވެ. އުނދަގޫ ކަމެއް ކަމުގައި ވިއަސް އޭނާގެ އަމާޒަކީ ބައިކޮޅަށް ލަނޑެއް ވައްދާނުލާ މެޗު ނިއްމާލުމެވެ. ލިވަޕޫލްއާ އެއްކޮށް ކުޅޭ މެޗުން ކްލީން ޝީޓެއް ލިބުމަކީ ކޮންމެ ކީޕަރަކަށް އަދި ޑިފެންޑަރަކަށް ވެސް ލިބޭނެ ފަޚުރެވެ.
މެޗު ފެށުމުގެ ފަނަރަ ވަރަކަށް މިނެޓު ކުރިން ސަޕޯޓަރުން ވަދެ ދަނޑު ފުރާލިއެވެ. މެޗު ބެލުމަށްޓަކައި ޖަރުމަނުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ލިވަޕޫލަށް ދަތުރު ކޮށްފައެވެ.
އަރްޝާދާއި އަފްރީން އަދި އައްޒާމާއި އަފްރާ ވެސް އައިސް ތިއްބެވެ.
ދަނޑަށް އެރުމަށްޓަކައި ހުރިހާ ކުޅުންތެރިން މަޑުކޮށްގެން ތިއްބެވެ. ލިވަޕޫލް ކުޅުންތެރި ތިބި ސަފުގެ އެންމެ ކުރީގައި ކެޕްޓަން ބޭންޑު އަޅައިގެން ޔޫސުފް އިނެވެ.
ޑޯރޓްމަނޑު ކުޅުންތެރިންގެ ސަފުގައި އެ ޓީމުގެ ކެޕްޓަން ފަހަތުގައި އިޝަލް މަޑުކޮށްލުމުން ޔޫސުފް އިޝަލްއަށް ބަލާލާފައި ހީވެސް ނުލައެވެ. އިޝަލް ވެސް ޔޫސުފް ފެނުނުކަމަށް ވެސް ނުހަދައެވެ. މެޗު ނިމެންދެކަށް ޔޫސުފް އަކީ އޭނާގެ ދެބެއިންގެ ދެދަރި ބޭބެކަން އިޝަލް ހަނދާން ނައްތާލިއެވެ. އެ ވަގުތަށް ޔޫސުފް ވެގެން ދިޔައީ އޭނާގެ ޓީމާއި ދެކޮޅަށް ކުޅޭ އެންމެ ނުރައްކާތެރި ކުޅުންތެރިޔާއަށެވެ.
ޒާޔާއާއެކު ރިއަން ވެސް މެޗު ބަލަން އައިސް އިނެވެ. ރިއަން އެވަރޓަންގެ ކުޅުންތެރިއަކަށް ވެފައި ލިވަޕޫލް މެޗެއް ބަލަން އައިސް އިނުމުން މީޑިއާގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ޚާއްސަކޮށް ޗެމްޕިއަންސް ލީގުގެ މެޗަކަށް ވުމުންނެވެ.
އިންސްޓަގްރާމް ހުޅުވާލި ތަނުން ފޭން ޕޭޖަކުން ލައިފައި އިން ފޮޓޯ ފެނިފައި އަހާން ގާތަށް ހިނިއައެވެ. ދަނޑަށް ވަން އިރު މިންހާ އާއި ރިއަން ވަނީ އެއްކޮށެވެ. އެތަން ފޮޓޯ ނަގާފައި ރިއަން މެޗު ބަލަން އައި ލިވަޕޫލްގެ ތަރި ޔޫސުފްގެ ކޮއްކޮ މިންހާއާ އެއްކޮށް ތޯ ސުވާލު އުފައްދާފައި އޮތެވެ. އެ ޕޯސްޓްގެ ކޮމެންޓް ތަކުގައި މިންހާ އާއި ރިއަންއަކީ ވަރަށް ގުޅޭ ޖޯޑެއްް ކަމަށް މީހުން ލިޔެފައި ހުއްޓެވެ.
“ރިކް މިހާރު އިންނާނެ ޖޭވެގެން މޮޔަ ވާ ވަރު ވެފެ” އަހާން އެ ޕޯސްޓް މިންހާއަށް ދެއްކިއެވެ. “އަޅެ ރިކީއަށް ތި ޕޯސްޓް ފޮނުވާލަބަ ކީކޭ ތޯ ބުނަނީ” ނިކަން ލާނެއް ވެފައި އަހާން ގާތު މިންހާ ބުންޏެވެ. އެންމެ ސިކުންތެއް ވެސް ލަސްނުކޮށް އަހާން އެރިކްއަށް އެ ޕޯސްޓް ފޮނުވިއެވެ.
ރެފްރީގެ ކަށިގަނޑާއެކު ލިވަޕޫލުން މެޗު ފެށިއެވެ. ތަޖުރިބާ ކާރު ލިވަޕޫލްގެ ކުޅުންތެރިން އަތުން ބޯޅަ ހޯދަން ޑޯރޓްމަންޑްގެ ޒުވާން ކުޅުންތެރިންނަށް އުނދަގޫވިއެވެ. ބޯޅަ ގޯލަށް ޖެހުމުގެ ބަދަލުގައި ލިވަޕޫލުން ބެލީ ބޯޅަ ހިފަހައްޓައިގެން ކުޅެވޭތޯއެވެ. އަމާޒަކީ އޮޅިގެން ނަމަވެސް ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހިފެހެއްޓުމެވެ.
އަރިމަތިން ލިވާޕޫލްގެ ޑިފެންޑަރު ބޯޅަ ހިފައިގެން ކުރިއަށް އެރިއެވެ. އެ ކުޅުންތެރިޔާ ހަލުވި ކަމުން ޑޯރޓްމަނޑު ކުޅުންތެރިންނަށް އަރާ ހަމައެއް ނުކުރެވުނެވެ. އެ ވަގުތު ޔޫސުފް ޕެނަލްޓީ އޭރިއާގެ ތަންކޮޅެއް ބޭރުގައި ހުސްކޮށް އޮތެވެ. ޑިފެންޑަރު ބަލާލާފައި ވަރަށް ރީތިކޮށް އެ ބޯޅަ ޔޫސުފްއަށް ނަގައި ދިނެވެ. ޔޫސުފް ވަރަށް ހިތްގަމުކޮށް ބޯޅަ ކޮންޓްރޯލް ކޮށްފައި ސީދާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލިއެވެ.
ޔޫސުފް ބޯޅަ ޖަހާނެކަން އެނގި ހުރެ އިޝަލް ހުރީ ވަރަށް ހުށިޔާރުވެއެވެ. ޔޫސުފް ގޯލާއި ދިމާއަށް ބޯޅަ ފޮނުވާލުމާއެކު މައްޗަށް ފުންމާފައި އަތުން ޖަހައި ކޯނަރަކަށް ބޯޅަ ބޭރުކޮށްލިއެވެ.
ގޯލު އެތެރެއަށް ވަދެވަދެ އޮތް ބޯޅަ ނުވަނުމުން ޔޫސުފް ރުޅިގަދަވިއެވެ. ދެއަތުން މޫނުގައި އަތް އަޅާފައި ވިނަގަނޑުގައި ފައިން ޖަހައިލިއެވެ. ރުޅި ގަދަ ވުމާއެކު އޭނާގެ ދޮން މޫނު ވަގުތުން ރަތް ކުލައަށް ބަދަލުވެގެން ދިޔައެވެ.
ޑޯރމަންޑް ކުޅުންތެރިން ގޮސް އިޝަލްއަށް ތައުރީފުކުރިއެވެ. ބެންޗުގައި ތިބި ކުޅުންތެރިން ވެސް އަތްތިލަ ބަޑި ޖެހިއެވެ. ޑޯރޓްމަންޑުގެ ކޯޗުގެ މޫނު މަތިން ވެސް ހިތްހަމަޖެހުން ފެނިގެން ދިޔައެވެ.
“މަށަކަށް ނޭންގެ އުފާވާންވީން ކަމެއް ނޫނީ ދެރަވާންވީ ކަމެއް” އަރްޝާދް އޭނާގެ އަމިއްލަ ނަފްސަަށް އަޑު އިވޭވަރަށް ބުނެލިއެވެ.
“ޔެސް ކަޒް. އައި އޭމް ޕްރައުޑް އޮފް ޔޫ!” މިންހާ އަތްތިލަ ބަޑި ޖަހާފައި ބާރު ބާރަށް ހަޅޭއްލަވާގަތެވެ.
ސަޕޯޓަރުންގެ އަޑާ އެކުވެގެން ވެސް މިންހާގެ އަޑު އިޝަލްއަށް އިވިގެން ދިޔައެވެ. އެއާއެކު މޮޅަށް ކުޅެން އިތުރު ހިތްވަރެއް އޭނާއަށް ލިބިގެން ދިޔައެވެ.
ލިވަޕޫލް ދަނޑުގައި ލިވަޕޫލާއި ޑޯރޓްމަނޑުގެ މެޗު ކުޅެމުން ދިޔައިރު އާސެނަލް ދަނޑުގައި އާސެނަލް އާއި އިޓަލީގެ އޭސި މިލާން ކުޅެމުން ދިޔައެވެ. އޭސި މިލާނުން އާސެނަލްގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. މެޗުގައި އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނެއެވެ. ކުޅުންތެރިންގެ ކުޅުމާ މެދު އަކްމަލް އެއް ގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެއެވެ. އެރިކްގެ ފަރާތުން ވެސް ފެންނަމުން ދިޔައީ ވަރަށް ދަށް ކުޅުމެކެވެ. އޭނާއަށް ހެދުނު ގޯސްތަކަކުން އޭސި މިލާނުން ވަނީ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްފައެވެ. ނަމަވެސް އާސެނަލްގެ ނަސީބު ރަނގަޅު ކަމުން ގޯލަށް ބޯޅަ ނުވަންނަނީއެވެ.
ލިވަޕޫލުން އުފައްދަމުން ދިޔަ ގިނަ ހަމަލާތަށް ހުށިޔާރު ކަމާއެކު އިޝަލް ދިފާއު ކުރަމުން ދިޔައެވެ. އެއްފަހަރު އަލްޔަސް ހުރިހާ ޑިފެންޑަރުން ކަޓުވާފައި ހުސްކޮށް ހުރެ އައިސް ގޯލަށް ފޮނުވާލި ބޯޅަ ހުށިޔާރު ކަމާއެކު ފައިންޖަހާ ބޭރުކޮށްލިއެވެ. ގޯލާއި އަމާޒުކޮށް ޔޫސުފް ފޮނުވި ހުރިހާ ހަމަލާއެއް އިޝަލް ވަނީ ދިފާއު ކޮށްފައެވެ. އިޝަލް ދައްކަމުން ދިޔަ މޮޅު ކުޅުމުގެ ސަބަބުން ޑޯރޓްމަންޑުގެ އެހެން ކުޅުންތެރިންނަށް ވެސް ހިތްވަރު ލިބެމުން ދިޔައެވެ. މެޗުން ތިން ޕޮއިންޓް ހޯދުމަށް ބޭނުންވިއެވެ. ކަށިން ހިތްވަރު ނެރިގެން ޒުވާން ކުޅުންތެރިން ލަނޑެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. މިރޭ މެޗުގައި ލަނޑެއް ކާމިޔާބު ކުރެވިއްޖެ ނަމަ އަވޭ ގޯލުގެ ފައިދާ އެމީހުންނަށް ލިބޭނެއެވެ.
ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ޑޯރޓްމަންޑް ކުޅުންތެރިން ހިތްހަމަ ޖެހުނު ކަމުގައި ވިއަސް ލިވަޕޫލް ކުޅުންތެރިން ޕްރެޝަރަށް ވެއްޓުނެވެ.
އާސެނަލް ކުޅުންތެރިންގެ ފަރުވާ ކުޑަ ކަމުން ފުރަތަމަ ހާފު ނިމުމުގެ ދެ މިނެޓު ކުރިން އާސެނަލް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑާއެކު އޭސި މިލާނުން ވަނީ ކުރި ހޯދާފައެވެ. ޑިފެންޑަރަކު ބަލާ ނުލާ ކީޕަރަށް ބޯޅަ ޖެއްސއިއިރު ކީޕަރު އާރޗީ އޮތީ މާ ދުރުގައެވެ. ބޯޅަ މަޑު މަޑުން އައިސް ގޯލުގެ ތެރެއަށް ވަން އިރު ކުޅުންތެރިންނަށް ތިބެވުނީ ބަލަހައްޓައިގެންނެވެ.
ހާފު ވަގުތުގައި އަކްމަލް ވަރަށް ހިތްހަމަ ނުޖެހިގެން އޭނާގެ ކުޅުންތެރިންނާ ވާހަކަ ދެއްކިއެވެ. އޭނާ އުއްމީދު ކުރި ފަދަ ކުޅުމެއް އެ ކުޅުންތެރިންގެ ފަރާތުން ނުފެނުނުނެވެ. “އަދި އެއް ހާފު އޮތް ގޮތަށް އެބައޮތް. ލަނޑެއް ނުޖެހުނަސް ބައިކޮޅަށް ގިނަ ލަނޑުތަކެއް ވަނަ ނުދީ ނިންމާލަން އެބަ ޖެހޭ” ހިތްހަމަ ނުޖެހުނު ކަމުގައި ވިއަސް އަކްމަލް ވާހަކަ ދެއްކީ ރީތިކޮށެވެ. ކުޅުންތެރިންނަށް ވިސްނައިދޭ ފަދައަކުންނެވެ. ދެވަނަ ހާފަށް ނުކުތުމުގެ ކުރިން އަކްމަލް ޓީމަށް ހިތްވަރުލައިދިނެވެ.
ދެވަނަ ހާފުގައި ފުރަތަމަ ހާފަށް ވުރެއް ރަނގަޅަށް އާސެނަލް ކުޅެމުން ދިޔައެވެ. ޑިފެންސް ލައިންގައި ތިބި ކުޅުންތެރިން ފަރުވާ ކުޑަނުކޮށް ވިސްނުންތެރި ކަމާއެކު ކުޅެމުން ދިޔައެވެ. އެރިކް ވެސް ބެލީ ހިތްއަވަސްނުވެ ރަނގަޅަށް ކުޅެވޭތޯއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅާގައި އަލަށް ކުޅެން ޖެހުމުން އެރިކް މާ ބޮޑަށް ހިތްއަވަސްވީއެވެ. ގޯހެއް ހެދިދާނެތީ ބިރުން އުޅުމުގެ ސަބަބުން ގޯސް ހެދުނީއެވެ. ދެވަނަ ހާފަށް ކުޅެން ނުކުތްއިރު މީހާ ހުރީ ކޮންމެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ކުޅުމުގެ ތެރެއަށް ރަނގަޅަށް އޭނާއަށް ވަދެވުނެވެ. ބޭކާރު ޚިޔާލުތައް ސިކުނޑިން ފުހެލައި މުޅި ނަފްސާއި ޖާނު ކުޅުމުގެ ތެރެއަށް ވަނެވެ.
އެރިކް ބޯޅަ ދިފާއު ކުރުމުގެ އިތުރަށް ކުރިއަށް ބޯޅަ ސަޕްލައި ވެސް ކޮށްދެމުން ދިޔައެވެ. ކަނާއަތް ފަޅި އަރިމަތިން ރީތި ހުރަސްތަކެއް ނަގައިދެމުން ދިޔައެވެ. އެރިކްގެ ހަލުވި ދުވެލީގެ ސަބަބުން އިދިކޮޅު ޓީމަށް އެރިކް ހުއްޓުވުންވީ އުނދަގޫ ކަމަކަށެވެ.
އެރިކްގެ ކުޅުން ފެނިފައި އަކްމަލަށް ހިތްހަމަ ޖެހެވެން ފެށުނެވެ. ފަހަތުގައި މޮޅު ކުޅުމެއް ކުޅެފައި ކުރިއަށް ވެސް ބޯޅަ ހިފައިގެން އެރިކް ދާތީއެވެ.
ލިވަޕޫލްގައި ކުޅެވެމުން ދިޔަ މެޗުގެ ފޯރި ގަދަވީ ޑޯރމްނޑް ކުޅުންތެރިއަކު ޕެނަލްޓީ އޭރިއާ ތެރެއިން ލިވަޕޫލްގެ މެދު ތެރެއަށް ކުޅޭ ފްރާންސްގެ ކުޅުންތެރިޔާ ޓޮމީއަށް ކުރި ފައުލާއި ގުޅިގެން ރެފްެރީ ލިވަޕޫލަށް ޕެނަލްޓީއެއް ދިނުމުންނެވެ.
ޕެނަލްޓީ ޖަހަން ދިޔައީ ޔޫސުފްއެވެ. ބޯޅަ ހިފައިގެން ގޮސް ރެފްރީ އަޅާފައި އިން ހުދު ރޮނގުމަތީ ބޯޅަ ބޭއްވިއެވެ. މޫނު މަތިން އެއްވެސް އަސަރެއް ނުދައްކާ އިޝަލްއަށް ބަލާލާފައި ފުންނޭވައެއް ދޫކޮށްލިއެވެ. ކޮނޑާ ހަމައަށް ދިގުވެފައި އޮތް ފަން އިސްތަށިކޮޅުގައި އަތް ފުނަ އަޅައިފައި އުނަގަނޑުގައި ދެއަަތް ވިއްދާލިއެވެ.
އިޝަލްގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ޔޫސުފް ބޯޅަ ޖަހާނެ ދިމާއެއް އޭނާއަކަށް ނޭންގެއެވެ. އޭނާ ވުމުން ޔޫސުފް އެހާ ފަސޭހަކޮށްލާފައެއް ނުޖަހާނެއެވެ. އެ ޕެނަލްޓީ ޔޫސުފް ކާމިޔާބުކޮށްފި ނަމަ މިރޭ އޭނާ ކުރި ހުރިހާ މަސައްކަތެއް ދާނީ ބޭކާރު ވެގެންނެވެ. ގޯލް ލައިން މަތީ މަޑުކޮށައިގެން އިޝަލް ހުއްޓެވެ. އޭނާގެ ދެލޯ ކުޑަކޮށްލާފައި ޔޫސުފްއަށް ބަލާލިއެވެ. ދެލޯ މަރާލުމަށް ފަހު ފުންކޮށް ދެތިން ނޭވާ ލިއެވެ.
ރެފްރީ ކަޝށިގަނޑު ފުމެލުމާއެކު ބޯޅަ ޖަހަން ޔޫސުފް ހަރަކާތް ކުރިއެވެ. ލަސް ލަހުން ދުވަމުން އައިސް މަޑު މަޑުން ބޯޅާގައި ޖަހައި ސީދާ ގޯލުގެ މެދަށް ބޯޅަ ފޮނުވާލިއެވެ.
ޔޫސުފް ދުއްވައި ގަތް ގޮތުން ބޯޅަ ޖަހާނީ ކޮންތާކަށް ކަން އިޝަލްއަށް އިނގުނެވެ. އިޝަލް ހުރިތާ ހުރެފައި ބޯޅަ ގޯލު ތެރެއަށް ވަނުމުގެ ކުރިން ދެފައި ތިލަ މެދުގައި ބޯޅަ ހައްޔަރުކޮށްލިއެވެ.
އޭނާ ޖެހި ޕެނަލްޓީ އިޝަލް ދިފާއު ކުރުމުން ޔޫސުފްއަށް މޫނުގައި ދެއަތް އަޅާލެވުނެވެ. މިސީޒަންގައި އޭނާ ލިވަޕޫލަށް ޖަހައިދިން އެއްވެސް ޕެނަލްޓީއެއް އަދި ނާކާމިޔާބުވެފައެއް ނެތެވެ. އިޝަލް އެ ޕެނަލްޓީ މަތަކޮށްގެން އެ ސްޓްރީކަށް ނިމުން ގެނައީއެވެ.
ޑޯރޓްމަންޑް ކުޅުންތެރިން ގޮސް އިޝަލް ގަޔަށް އަރައިގަތެވެ. ސަޕޯޓަރުން ވެސް އެއް އަޑަކުން ގޮވަމުން ދިޔައީ ‘އެލެކް، އެލެކް’އެވެ. އެ ވަގުތުގައި އިޝަލްއަށް ތަފާތު އިޙްސާސެއް ކުރެވެމުން ދިޔައެވެ.
އަރްޝާދް އޭނާ ކާފަ ދަރިފުޅުގެ މޮޅު ކުޅުމަށް ހިތާހިތުން ތަޢުރީފު ކުރެވުނެވެ. އޭނާގެ މޫނު މަތިން އިޝަލްއާ މެދު ފަޚުރުވެރިވެފައިވާ ކަން ފެނެއެވެ. “މެޗުގަ އިދިކޮޅަށް ކުޅުނަސް ޔޫސުފް ވެސް ހަމަ ޔަޤީން އިޝަލްގެ އެ ކުޅުމާ މެދު ފަޚުުރުވެރު ވާނެ” އޭނާ ގާތު އިން އަފްރީން ގާތު އަރްޝާދް ބުނެލިއެވެ. އަރްޝާދްގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުން އަފްރީން ބޯޖަހައިލިއެވެ.
ލިވަޕޫލްގެ ޕެނަލްޓީ ނާކާމިޔާބު ވުމުން ރިއަންއަށް އުފާވެރިކަން ލިބުނެވެ. އޭނާގެ ޓީމާއި ވާދަވެރި ކުލަބު މޮޅުވުމަށާ ވުރެ ޑޯރޓްމަންޑް މޮޅުވިއްޔާ އޭނާއަށް މާ ރަނގަޅެވެ. ޕެނަލްޓީ ދިފާއު ކުރުމުން އޭނާ ވެސް އިޝަލްއަށް ތަޢުރީފުކުރަމުން ދިޔައެވެ. އަދި ވީހާ ވެސް އަޑުގަދަކޮށް ޑޯރޓްމަންޑަށް ސަޕޯޓު ކުރިއެވެ.
މިންހާ އަތްތިލަ ބަޑި ޖަހާފައި ހަޅޭއްލަވައި ގަތް އިރު ހީވަނީ މާނީ ޒުވާން ދުވަސް ވަރު ހެންނެވެ. މަންމަ މާނީ ފަދައިން މިހާރު މިންހާ ވެސް މެޗު ބަލާ ވަގުތު ފޯރި އަރަން ފެށީއެވެ. އޭނާ މިރޭ ބޭނުންވީ ދޮންބެގެ ޓީމު ބަލިވެ އިޝަލްގެ ޓީމު މޮޅުވާށެވެ. ލިވަޕޫލާއި އެކު ވާވަރަށް ދޮންބެ ތަށިތައް ނަގައިފިއެވެ. ދެން ބޭނުމީ އިޝަލް އޭނާގެ ކުލަބާއެކު ކާމިޔާބީ ހޯދާށެވެ. އެއީ ދޮންބެ ބަލިކޮށްފައި ވީ ކަމުގައި ވިއަސް އޭނާއަށް ހެޔޮއެވެ.
ލިބުނު ޕެނަލްޓީ ނާކާމިޔާބު ވުމާއެކު މެޗު ނިމިގެން ދިޔައީ ސުމެއް ސުމެއްގެ ނަތީޖާއިން މެޗު އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ އިޝަލްއަށެވެ.
މެޗު ނިމުމާއެކު ޔޫސުފް ގޮސް އިޝަލް ގައިގައި ބައްދާލިއެވެ. އަދި ބޭބެއެއްގެ ޙައިސިއްޔަތުން ކޮއްކޮގެ ކުޅުމަށް ތަޢުރީފު ކުރިއެވެ.
މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުމުން ދިން އެވޯޑް ހިފައިގެން އިޝަލް އޭނާގެ އާއިލާ ގާތަށް ދިއުމުން އެންމެ ފުރަތަމަ އައިސް އޭނާ ގައިގައި ބައްދާލީ މިންހާއެވެ. “އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ ކަޒް” މޭން އޮފް ދި މެޗުގެ އެވޯޑު ލިބުމަށް ވުރެ މިންހާގެ ފަރާތުން އިވުނު ބަސްތަކުން އިޝަލްއަށް މާ ބޮޑު އުފާވެރިކަން ލިބުނެވެ. “މި އެވޯޑަށް ވުރެ ކަޒް ޕްރައުޑް ކޮށްދެވުމުން މާ އުފާވެއްޖެ. އަބަދުވެސް ކަޒް މަށާއެކު ވައްޗޭ. ބޭނުންވާ މަންޒިލާއި ހަމައަށް ވާސިލް ވުމަށް އެންމެ ބޭނުމީ މިންހާގެ އެހީ” ސީދާ މިންހާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ދެ މާނަ އެކުލެވޭ ގޮތަށް އިޝަލް ބުންޏެވެ. އެ ބަސްތަކުގެ ފަހަތުގައިވީ ދެވަނަ މާނަ ނޭންގޭ ހާލު މިންހާ އެއްބަސް ވިއެވެ. “އަބަދުވެސް އަހަރެން ކަޒްއާއެކު ވާނަން. އޯލްވޭޒް އެންޑް ފޯރްއެވާރ އިންޝާ ﷲ” އިޝަލް އަތުތެރެއަށް އޭނާގެ އަތް މަހާލަމުން ހިނިތުންވެލާފައި މިންހާ ބުނެލިއެވެ. މިންހާ ހިނިތުންވުމާއެކު އިޝަލްއަށް ވެސް ހިނިތުންވެވުނެވެ.
ނުނިމޭ
2 Comments!
Comments are closed.
Salam guys. Here is the 23rd episode of Manzil. I owe all my readers an apology for not updating regularly. I am not sure if my readers are interested to read the story anymore because i haven’t updated the story since a long time. I was not able to write this story as i actually lost touch in writing and took me a while to get back. I was able to complete this episode after a lot of work. I actually thought of stop writing the story. However when i read the comments of the other episodes i didn’t find it in my heart to disappoint my readers. With all difficulties i am having i will try my best to continue writing and make my fans happy. I hope you all are not upset with me and haven’t lost interest in this story. I am truly sorry for taking too long to update.
Take care and stay safe everyone.
Wow fainally manzil up vee dhw I was really waiting for this ♥️♥️♥️
Vrh vrh Sali mi part vxxx♥️♥️♥️
Masha Allah♥️♥️♥️♥️
Aleyyy sis issoke false that u think to not stop writing but thinked to going ahead.♥️♥️♥️ ♥️♥️♥️♥️♥️I am so happy to see this.♥️♥️♥️♥️
Vrh Sali stry eh aslu vxx Me sis♥️♥️♥️♥️ nuhuhtaalaacheyy ingeyy ♥️♥️♥️
Waiting for the next part ♥️♥️♥️♥️
Lysssmmmm ♥️♥️♥️
Stay safe and take care♥️♥️♥️