މި ހިތުން މަޤާމޭ މި ދެނީ 10
އައިދަން އައުމުން ކުރިއެކޭ އެއްގޮތަށް ޒިއާމްގެ ވަގުތާ ސަމާލުކަން އަލުން ޔަލްދާއަށް ލިބޭނެ ކަމަށް ހިތަށް ވިސްނައިދީގެން ޔަލްދާ ކެތްކުރިއެވެ. ޒިއާމްގެ ހިތް ހޯދުމަށް ކުރިއަށް ވުރެ ބޮޑަށް ޔަލްދާ މަސައްކަތް ކުރަން ފެށިއެވެ.
ކޮންމެ ދުވަހަކުވެސް އައިދަން މައިރާއަށް ގުޅައެވެ. އައިދަން ގުޅާނެ ވަގުތަކަށް މުޅި ދުވަހު މައިރާއަށް އިންތިޒާރު ކުރެވެއެވެ. ހެނދުނު ގުޅައިގެން ވާހަކަ ދެއްކުމަށް ފަހު ދެން އިނދެވެނީ ރޭގަނޑުގެ ކޯލުގެ އިންތިޒާރުގައެވެ. ދެ ހަފްތާ ދިޔައީ އެ ގޮތުގައެވެ.
އައިދަން އަންނަން އޮތް ދުވަހު މައިރާ ހެނދުނު ހެނދުނާ ހޭލައިގެން ކޮޓަރި ސާފުކޮށް، އެނދުގެ ތަންމަތި ބަދަލު ކުރިއެވެ. އައިދަން އަންނަން ވާ އިރަށް މައިރާ ލުމަށް އައިދަންއަށް އެންމެ ރީތި ހެދުން އިސްތިރި ކުރިއެވެ. އެ ރެއަށް އެކި ކަންތައް ރާވާ ތައްޔާރު ކުރިއެވެ. ރައިހާނާއާ ރަޒާނާގެ އެހީގައި އައިދަންއަށް ކަމުދާނެ ކާ އެއްޗެހި ތައްޔާރު ކުރިއެވެ.
އައިދަން އަންނަން އޮތީ ހަވީރުއެވެ. ހެނދުނު ގުޅި ފަހުން އެއަރޕޯޓަށް ދާން ނިކުންނަމުންވެސް މައިރާއަށް އައިދަން ގުޅިއެވެ. އަދި ފްލައިޓަށް އެރުމުގެ ކުރިން ގުޅާނެ ކަމަށް ބުނެފައި ވަރަށް ލޯބިވާ ކަމަށާއި، މައިރާ ފެންނާނެ އިރަކަށް އިންތިޒާރު ކުރެވޭ ކަމަށް ބުނެ އެވަގުތަކުން ކުރާނެ ކަންތައްވެސް ކިޔާދިނެވެ. ރަކިވެފައި އިނދެ އެ ވަގުތަށް މައިރާވެސް އިންތިޒާރު ކުރާނެ ކަމަށް ބުނެ ޖަވާބު ދީފައި މައިރާ ފޯން ކަނޑާލީ އައިދަންގެ އެ ސަމާސާ ބަސްތައް ނުހުއްޓާނެ ކަން އެނގޭތީއެވެ.
އަދި ގުޅާނެ ކަމަށް ބުނި ނަމަވެސް ފަހުން އައިދަން ނުގުޅައެވެ. އައިދަން ބަލާ ޒިއާމް އެއަރޕޯޓަށް ދާން ނިކުތުމުން މައިރާ ކޮޓަރިއަށް ވަނީ އައިދަން އަންނަން ވާ އިރަށް ފެންވަރާ ތައްޔާރުވާށެވެ.
އައިދަން އަންނަން އޮތް ފްލައިޓް ޖެއްސި އިރު ޒިއާމް ބޭރުގައި ހުއްޓެވެ. އެ ފްލައިޓުން އައި މީހުން ނިކުންނަން ފެށުމުން ޒިއާމް އެތަނާ ކައިރިއަށް ޖެހިލިއެވެ. މީހުން މަދުވާން ފެށި އިރުވެސް އައިދަންއެއް ނުނިކުތެވެ. ކޮންމެވެސް ކަމެއް ދިމާ ވެގެން ލަސް ވީއޭ ހިތަށް އަރާ ޒިއާމް އައިދަންގެ ފޯނަށް ގުޅީ އެ ފޯން މިހާރު އޮންނާނީ ހުޅުވާފައޭ ހިތަށް އަރާފައެވެ. ނަމަވެސް އައިދަންގެ ފޯނަށް ގުޅުމުން ބުނަނީ ފޯން އޮތީ ނިއްވާލާފައި ނުވަތަ ގުޅޭ ސަރައްހައްދުން ބޭރުގައި ކަމަށެވެ.
ގަޑިއެއްހާ އިރު ހުރެފައި ޒިއާމް ގެއަށް ގުޅާލީ ފަހަރެއްގައި ޒިއާމްއަށް ނޭނގި އައިދަން ގެއަށް ގޮސްދާނެއޭ ހިތަށް އަރާފައެވެ. އައިދަން ގެއަށް ނުދާކަން ރައިހާނާގެ ފަރާތުން އެނގުމުން އެއަރޕޯޓުގައި އުޅޭ ރައްޓެއްސަކަށް ގުޅައިގެން މަޢުލޫމާތެއް ލިބޭތޯ ޒިއާމް މަސައްކަތް ކުރިއެވެ.
އައިދަން ލަސް ވެގެން މައިރާ ގުޅި ޒިއާމް ރިޒްވާންއާ ވާހަކަ ދައްކަން ހުއްޓައެވެ.
މައިރާގެ ކޯލަށް ޖަވާބު ނުދީ ކަނޑާލުމަށް ފަހު ޒިއާމް ހާފިޒްއަށް ގުޅީ އެ ފްލައިޓަށް އައިދަން ނާރާ ކަން ޔަގީން ވުމުންނެވެ. އައިދަން އެ ކޮޅުގައި ގެންގުޅުނު ނަމްބަރަށްވެސް ގުޅޭތޯ ޒިއާމް މަސައްކަތް ކުރިއެވެ. ނަމަވެސް އެ ނަމްބަރަކަށްވެސް ނުގުޅުނެވެ. އޮފީހުގެ ފަރާތުން އެ ދަތުރުގައި އައިދަންއާ އެކު ބައިވެރިވި ޝާދިންވެސް ނާންނަ ކަން އެނގުނީ އައިދަންއަށް ވީ ގޮތެއް ނޭނގިގެން ޒިއާމް އުޅެނިކޮށެވެ.
ޒިއާމްއާ ހާފިޒް ގެއަށް ދިޔައީ އިރު އޮއްސުނު ފަހުންނެވެ. އޭރުވެސް އައިދަންއަށް ވީ ގޮތެއް ނޭނގުނެވެ. ކަމާ ބެހޭ އެކި ފަރާތްތަކަށް ހާފިޒް ގުޅިއެވެ. އެހެން ނަމަވެސް ޚަބަރެއް ލިބޭނީ އަނެއް ދުވަހުން ކަމަށް ބުނުމުން އެ މީހުން ގެއަށް ދިޔައީ އެހެން ގޮތެއް ނެތިގެންނެވެ.
އަނެއް ދުވަހު ޒިއާމްނެމްގެ އާއިލާއަށް ލިބުނީ ހީވެސް ކޮށްފައި ނުވާ ފަދަ ޚަބަރެކެވެ. އައިދަންއާ ޝާދިން އެއަރޕޯޓަށް ދާން ދަތުރު ކުރަމުން ދިޔަ ޓެކްސީ އެކްސްޑެންޓް ވީއެވެ. ބްރިޖެއްގެ މަތިން ދަތުރު ކުރަމުން ދަނިކޮށް ދިމާވި ނުރައްކާތެރި ހާދިސާއެއްގައި އެ ޓެކްސީގެ އިތުރުން އިތުރު އެތައް ދުއްވާ އެއްޗެހިތަކެއް ޖެހި ރޯވެ ގޮވީއެވެ.
އެ ޚަބަރު ލިބުމާއެކު ރައިހާނާ އަނބުރައިގަތެވެ. މައިރާއަށް ބަހެއް ނުބުނެވިފައި އިނީއެވެ. ރޯންފެށި ރަޒާނާ ބެލީ ރައިހާނާއަށް އެހީ ވެވޭތޯއެވެ. އާލިޔާއާ އަޒްހާއަށްވެސް ބާރަށް ރުއިން ފިޔަވާ އެހެން ކަމެއް ނުކުރެވުނެވެ.
އެހީއަކަށް އެދި ޒިއާމް ގުޅީ ޔަލްދާއަށެވެ. ވެގެން އުޅޭ ގޮތް އެނގުމުން ވަގުތުން ޔަލްދާ އައެވެ. މައިރާ އިން ގޮތް ފެނިފައި ޔަލްދާއަށްވެސް ރޮވުނެވެ. އެހެން ނަމަވެސް އެ ވަގުތު އެ މީހުންނަށް ޔަލްދާގެ އެހީތެރިކަން ބޭނުން ވާނެކަން އެނގޭތީ ޔަލްދާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ.
ޒިއާމްއާ ހާފިޒް ފުރީ އަނެއް ދުވަހު ހެނދުނުއެވެ. އެ ހިސާބަށް ދިޔަ ނަމަވެސް އެ މީހުންނަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އެ އެކްސިޑެންޓްގައި ހިމެނުނު އެތައް މީހުންނެއްގެ ތެރޭގައި އައިދަންއާ ޝާދިންގެ ނަންވެސް ވިއެވެ.
ނިޔާވި މީހުން ބައިތިއްބާފައި ހުރި ތަނަށް ދިޔައ އިރު ލޮލުން ކަރުނަ އަންނަމުން ދިޔަ ނަމަވެސް ޒިއާމް ހިތްވަރު ކުރީ ހާފިޒްއަށް ޓަކައެވެ. އައިދަންގެ ނަން ޖަހާފައި އޮތް އެނދު ކައިރިއަށް ގޮސްފައި ހާފިޒް ހުއްޓުނެވެ.
“ދަރިފުޅާ، ބޭބެއަކަށް ނުވާނެ…” އެ ފޮތިގަނޑު ހިއްލާލުމަށް އަތް ހިއްލާލާފައިވެސް ހާފިޒް ދެފަރާތަށް ބޯ ހަލުވާލަމުން ޖެހުނީ ފަހަތަށެވެ. ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅުގެ މޫނު ފެންނާނީ ކިހިނެއް ކަން އެނގޭތީ ހާފިޒްއަށް އެ ހިތްވަރު ނުކުރެވުނީއެވެ.
ބޯ ޖަހާލަމުން ޒިއާމް ކުރިއަށް ޖެހުނެވެ. ފޮތިގަނޑު ހިއްލާލީ ލޯ މަރައިގެން ހުރެއެވެ. ލޯ ހުޅުވާލީ އެހެން އިރުކޮޅަކު ހުރެފައެވެ. އެއާއެކު ސިހިފައި ޒިއާމްއަށް ފަހަތަށް ޖެހިލެވުނީ ފެނުނު މަންޒަރުންނެވެ. ފިހިގެން ގޮސް ކަޅުވެފައިވި އެ މޫނު އެއީ އައިދަންގެ މޫނު ކަމަށް ގަބޫލު ކުރަން ޒިއާމްއަށް ދަތިވިއެވެ.
ފަހަތަށް ފިޔަވަޅު އަޅަމުން ދިޔަ ޒިއާމް ހުއްޓުނީ ހާފިޒް ހިފެހެއްޓުމުންނެވެ.
“ބޭބޭ…” ބުނަން އުޅުނު އެއްޗެއް ޒިއާމްއަކަށްވެސް ނޭނގެއެވެ. އެއްވެސް ބަހެއް ދުލަކަށް ނައެވެ. ސިކުނޑި މަސައްކަތް ކުރުން ހުއްޓާލާފައި ވާ ކަހަލައެވެ. އެ ކޮޓަރީގެ ދޮރާ ދިމާއަށް ބަލަން ހުރެފައި ޒިއާމް ހާފިޒްގެ އަތުގައި ހިފައިގެން ނިކުތެވެ.
އެ މީހުން ތިބި ހޮޓެލްގެ ކޮޓަރިއަށް ވަދެވުމާއެކު ހާފިޒްއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ބާރަށް ރޯން ފެށުނީއެވެ. ޒިއާމް އެއްޗެއް ނުބުނެ ދުރުގައި ހުރި އިރު އެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ. އިރު އޮއްސުނު އިރުވެސް އެ މީހުން ތިބީ އެހެންނެވެ. ކޮތަރިތެރެއަށް އަނދިރި ވާން ފެށުމުން ޒިއާމް އިން ތަނުން ތެދުވިއެވެ.
“ބޭބޭ… ނަމާދު ކޮށްގެން އެއްޗެއް ކާލަން ވީނު؟” ސޯފާގައި އިން ހާފިޒްގެ ކޮނޑުގައި ހިފާލަމުން ޒިއާމް ބުންޏެވެ.
“ޒިއާމް، ދަރިފުޅާ… މި ތަނުން ދާން ބޭބެ ބޭނުމީ” ހާފިޒް އެދުނެވެ.
ޒިއާމް ބޯ ޖަހާލިއެވެ. އެހެން ނަމަވެސް އަދި ދެވެން ނެތް ކަން ޒިއާމް އަމިއްލަ ނަފްސަށް ހަނދާން ކޮށްދިނެވެ. ކުރަން ޖެހޭ ކަންތައް ނިންމުމަށް ފަހު ނޫނީ ނުދެވޭނެއެވެ. އެހެން ނަމަވެސް އެ ވަގުތު ޒިއާމްއަށް އެންމެ މުހިންމު ކަމަކަށް ވީ ހާފިޒް ހަމައަކަށް އެޅުވުމެވެ.
އެކްސިޑެންޓްގައި ނިޔާވި މީހުންގެ ލިސްޓަގައި އައިދަންގެ ނަން އޮތް ނަމަވެސް، އަދި އައިދަންގެ ހަށިގަނޑު ދެއްކި ނަމަވެސް ޒިއާމް ބޭނުން ވީ އެކަން ޔަގީން ކުރާށެވެ. އެ ގޮތުން ޖެހިގެން އައި ދެ ދުވަހުގައި ޒިއާމް އުޅުނީ އެކަންތަކުގައެވެ. އެންމެ ފަހުން އެ ކޮޅުގައި ހަތަރު ދުވަސް ކޮށްފައި ޒިއާމްއާ ހާފިޒް މާލެއަށް ދިޔައީ އައިދަންގެ ޖަނާޒާގެ ހުރިހާ ކަމެއް އެ ތަނުގައި ކޮށް ނިންމާފައެވެ.
ކޮންމެ ދުވަހަކު އެތައް ފަހަރަކު ޒިއާމް ރަޒާނާމެންނަށް ގުޅައެވެ. މައިރާގެ ހާލު ރަނގަޅު ނޫން ކަމަށް އެ މީހުން ބުނެއެވެ. ރައިހާނާގެ ހާލު ރަނގަޅު ކަމަށް ރަޒާނާވެސް ޔަލްދާވެސް ބުންޏެވެ.
ގެއަށް އައިސް ވަން އިރު މައިރާ ނޫން އެހެން މީހުން ސިޓިންގްރޫމްގައި ތިއްބެވެ. ހާފިޒް ފެނުމާއެކު ރައިހާނާ ރޮމުން އައިސް ފިރިމީހާ ގައިގައި ބައްދާލިއެވެ. އެ ހުރިހާ ދުވަހު ހިތްވަރު ކޮށްގެން ހުރި ނަމަވެސް ހާފިޒްއަށްވެސް އެ ވަގުތު ރޮވުނެވެ. އާލިޔާއާ އަޒްހާ އައިސް މަންމައާ ބައްޕަ ގައިގައި ބައްދާލި އިރު އެ ދެކުދިންވެސް ރޮނީއެވެ. ޒިއާމްމެން ވަނުމުން ރައިހާނާ ކައިރީގައި އިނދެފައި ތެދުވި ރަޒާނާ އައިސް ޒިއާމް ގައިގައި ބައްދާލި އިރު ރަޒާނާއަށްވެސް ރޮވިއްޖެއެވެ. މަންމަ ގައިގައި ބައްދާލުމާއެކު ޒިއާމްއަށްވެސް ރޮވުނެވެ.
“މައިރާ ކޮބާ؟” ލޯ ފޮހެލާފައި ރަޒާނާ ގައިން ދޫކޮށް ނުލާ ހުރެ ޒިއާމް ސުވާލު ކޮށްލީ ޔަލްދާއާއެވެ.
އެ މަންޒަރު ބަލަން ހުރި އިރު ނުރޯން ހިތްވަރު ކޮށްގެން ހުރި ޔަލްދާ އިޝާރާތް ކޮށްލީ މައިރާގެ ކޮޓަރިއަށެވެ.
ރަޒާނާ ގައިން ދޫކޮށްލާފައި ޒިއާމް ރަޒާނާ ގޮވައިގެން ގޮސް ސޯފާގައި ބޭންދިއެވެ. ފުން ނޭވައެއް ބޭރުކޮށްލާފައި ޒިއާމް ގޮސް މައިރާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ހުޅުވާލިއެވެ.
“އައިދަން…” އެތެރެއަށް ނުވަދެވެނީސް މައިރާ އައިދަންގެ ނަމުން ބާރަށް ގޮވާލުމާއެކީ އައިސް ޒިއާމް ގައިގައި ބައްދައިގަތެވެ.
ސިހިފައި ޒިއާމްއަށް ފަހަތަށް ދެ ފިޔަވަޅެއް ވަރު ދެވުނީ މައިރާ އައިލެއް ބާރު ކަމުންނެވެ. އިޚްތިޔާރަކާ ނުލާ ޒިއާމްއަށް ދެ އަތުން މައިރާ ގައިގައި ބައްދާލެވުނެވެ.
“އައިދަން… އައިދަން… އައިދަން…” މައިރާ ބާރަށް ރޮމުން ޒިއާމްއާ އަދިވެސް ކައިރި ވާން މަސައްކަތް ކުރަމުން ދިޔައެވެ.
“މައިރާ…!” މައިރާގެ ދެ އަތުގައި ހިފާ ޒިއާމްއާ ދުރަށް ޖައްސާލަމުން ޒިއާމް ގޮވާލިއެވެ.
“ނޫން ނޫން….” ޒިއާމް ދުރަށް ޖައްސާލުމާއެކު މައިރާ އަނެއްކާވެސް ޒިއާމް ގައިގައި ބައްދައިގަތީ ކުރިއަށް ވުރެ ބާރަށެވެ.
“މައިރާ… މީ އައިދަންއެއް ނޫނޭ… ޒިއާމްއޭ… މައިރާ…” ދެންވެސް ޒިއާމް މައިރާ ގަޔާ ދުރު ކުރަން މަސައްކަތް ކުރަމުން ބުންޏެވެ.
ނަމަވެސް މައިރާއަށް އެ އަޑު ނީވޭ ފަދައެވެ. އައިދަން ކަމަށް ހީކޮށް ޒިއާމް ދުރު ކުރަން މަސައްކަތް ކުރި ވަރަކަށް މައިރާ ޒިއާމްއާ ދުރަށް ނުދާން ގަދަ ހަދަމުން ދިޔައެވެ.
“މައިރާ!” މައިރާ ގަޔާ ދުރަށް ޖައްސާލަމުން ޒިއާމް ހަޅޭލަވައިގަތެވެ. އެ އަޑަށް ބޭރުގައި ތިބި އެންމެން އައިސް އެ ކޮޓަރިއަށް ވަނެވެ.
“އައިދަން…؟” ޒިއާމްގެ މޫނަށް ބަލާލަމުން މައިރާ ދެންވެސް އުޅުނީ ޒިއާމްގެ މޭގައި މޫނު ފޮރުވާށެވެ.
“އައިދަންއެއް ނޫނޭ މީ… މައިރާ ހަމަ ޖެހިބަލަ… ޒިއާމްއޭ މީ!” މައިރާގެ ދެ އަތުގައި ހިފާ ތަޅުވައިގަންނަމުން އަނެއްކާވެސް ޒިއާމް ހަޅޭ ލަވައިގަތެވެ.
“ޒިއާމް…؟” ހައިރާންވެފައި ޒިއާމްގެ މޫނަށް ބަލާލަމުން މައިރާ ގޮވާލިއެވެ. އެއާއެކު އަނބުރައިގަނެގެން ޒިއާމްގެ އަތުތެރެއަށް މައިރާ ދެމުނެވެ.
ދެ އަތް މައްޗަށް މައިރާ ނަގައިގެން ގޮސް ޒިއާމް މައިރާ އެނދުގައި ބޭއްވިއެވެ.
ރަޒާނާގެ މަސައްކަތުން މައިރާއަށް ހޭލެވުމާއެކު ބާރަށް ރޮމުން އަނެއް ފަރާތަށް އެނބުރުނެވެ. އެ ވަގުތު މައިރާއަށް އެއްވެސް ކަމެއް ކޮށްނުދެވޭނެތީ އެ ތަނުން އެންމެން ނިކުތީއެވެ.
ސިޓިންގްރޫމްގައި އެންމެން އެކި ތަނުގައި ތިއްބެވެ. އެކަކުވެސް އެއްޗެއް ނުބުނެއެވެ. ބައިގަޑިއެއްހާ އިރު ފަހުން އަޒްހާ އެ ގެއިން ނިކުތީ ނިދާފައި އޮތް އުލްވާ ހޭލުމުންނެވެ.
“ތިއްތި، އެއްޗެއް ކަލަން ވީނު؟ ބައްޕަވެސް؟” އެ ވަގުތު ބަދިގެއާ ދިމާއަށް ދަމުން އާލިޔާ ބުންޏެވެ.
“ފަހުން…” އެހެން ބުނެފައި ޒިއާމް ކޮޓަރިއަށް ވަނެވެ.
“ދޮންތަވެސް އެ އިންނަނީ އެއްޗެއް ނުކައި. ބޭބެއާ ދެ މީހުން އާދޭ ކޮންމެސް އެއްޗެއް ކާލަން” ރަޒާނާވެސް އާލިޔާއަށް އެހީވާން ދިޔައެވެ.
ރައިހާނާއާ ހާފިޒް ކާ މޭޒު ދޮށުގައި އިށީން ނަމަވެސް އެކަކުވެސް ކާކަށް ނޫޅުނެވެ. އެންމެ ފަހުން ރަޒާނާ އެމީހުންގެ ކުރިމަތީ ބެހެއްޓި ސައިތަށި ދެ މީހުންވެސް ބޯން ފެށީ އާލިޔާ ތިން ހަތަރު ފަހަރަށް އެދުމުނެވެ.
“ޔަލްދާ…” އާލިޔާ ޔަލްދާއަށް ގޮވާލާފައި ޒިއާމް ކައިރިއަށް ދިޔުމަށް އިޝާރާތް ކޮށްލީ އެ ވަގުތު ޒިއާމްއަށް އެހީއެއް ވެދެވޭނީ ޔަލްދާއަށް ހެން ހީވާތީއެވެ.
ކޮޓަރިއަށް ވަން ގޮތަށް ލައިގެން ހުރި އެއްޗެހި ބާލާފައި ޒިއާމް ވަނީ ފެންވަރާށެވެ. މާގަނޑު ދޫކޮށްލައިގެން ހުރި އިރު އެ ހިތުގައި ވީ އައިދަންގެ ޚިޔާލެވެ. ވެ ދިޔަ ކަންތައް ގަބޫލު ކުރަން ޒިއާމްއަށް އަދިވެސް ދަތިވަނީއެވެ. އެހެން ނަމަވެސް ގަބޫލު ކުރުން ނޫން ގޮތެއް ނެތެވެ.
ޒިއާމް ފާހާނާއިން ނިކުތް އިރު އެނދުގައި ޔަލްދާ އިނެވެ. ޔަލްދާއާ ދިމާއަށް ބަލަހައްޓައިގެން ޒިއާމް އިރުކޮޅަކު ހުރީއެވެ.
“ޒިއާމް…؟” ޔަލްދާ އެއްޗެއް ބުނަން އުޅުނެވެ.
ނަމަވެސް އެ ފުރުސަތު ނުދީ ޒިއާމް ދިޔަ ގޮތަށް ގޮސް ޔަލްދާ ގައިގައި ބައްދާލިއެވެ. އަދި އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޔަލްދާގެ ބަސް ހުއްޓުވިއެވެ. ހީވީ ހިތާ ސިކުނޑިގައި ވި ހުރިހާ ޚިޔާލެއް ފޮހެލަން އުޅުނު ހެންނެވެ. ޒިއާމްގެ ފަރާތުން އެ ސިފަ އޭގެ ކުރިން ފެނިފައި ނުވި ނަމަވެސް އެ ވަގުތު ޒިއާމް ބޭނުން ވަނީ ކޮންކަމެއް ކަން ޔަލްދާއަށް އެނގުނު ކަހަލައެވެ. ދެކޮޅު ހެދުމެއް ނެތި ޔަލްދާ ޒިއާމްއަށް ފުރުސަތު ދިނެވެ.
“އާހ…!” ދުރަށް ޖެހިލުމާއެކު ޒިއާމް ލޯ މަރާލިއެވެ. ޔަލްދާ އެނދުގެ މަގަތުން އިށީނދެ ޒިއާމްއަށް ބަލާލިއެވެ.
މޭގައި އެއް އަތް ޖައްސާލައިގެން އަނެއް އަތް ލޯމަތީ ހުރަސް ކޮށްގެން ޒިއާމް އޮތީއެވެ. ޔަލްދާވެސް އެއްޗެއް ނުބުނެ ޒިއާމްއަށް ބަލަން އިނީއެވެ. އިރުކޮޅަކު އެހެން އޮވެފައި ޒިއާމް ލޯ މަތިން އަތް ނަގާ ޔަލްދާއާ ދިމާއަށް ދިއްކޮށްލިއެވެ. އެ އަތުގައި ޔަލްދާ ހިފާލުމުން ޒިއާމް ޔަލްދާ ގެނެސް ކައިރީގައި ބާއްވަމުން ބައްދާލިއެވެ. ޒިއާމްގެ ހާމައަށް އޮތް މޭމަތީ ޔަލްދާ އަތުން ފިރުމަން ފެށިއެވެ. އިރުކޮޅަކު ޔަލްދާއަށް ފުރުސަތު ދީގެން އޮވެފައި ޒިއާމް ލޯ މަރާލަމުން ޔަލްދާގެ އަތުގައި ހިފާ ހުއްޓުވިއެވެ. ޒިއާމްގެ އަތު ތެރެއިން އަތްތިލަ މިނިވަން ކޮށްލަމުން ޔަލްދާ ޒިއާމްގެ މޫނުގައި ހިފާލިއެވެ.
ޒިއާމް ލޯ ހުޅުވާ ޔަލްދާގެ މޫނަށް ބަލާލިއެވެ. މައިރާގެ ކޮޓަރިތެރޭގައި ކަންތައް ވީ ގޮތް ހަނދާން ވުމާއެކު ޒިއާމް ދެ އަތުން ޔަލްދާގެ މޫނުގައި ހިފާ ކައިރިކޮށްލިއެވެ. އެ އަތުގެ ތެރެއަށް މައިރާ އައި ވަގުތު އެ ހަށިގަނޑުން ދޫކޮށްލުމަށް ޒިއާމް ބޭނުމެއް ނުވިއެވެ. ހިތް އެދުނީ އެ ގޮތުގައި ހުރުމަށެވެ. ނަމަވެސް އައިދަންގެ އިންތިޒާރުގައި ހުރި މައިރާ އެ ގޮތަށް ޒިއާމްގެ އަތު ތެރެއަށް ވަނީ ޒިއާމް ފެނުމުން އެއީ އައިދަން ކަމަށް ހީކޮށް ކަން ޒިއާމްއަށް އެނގެއެވެ.
އައިދަންގެ ވަކި ވުމުން ޒިއާމްގެ ހަށިގަނޑުން ބައެއް އުނިވެފައި ވާ ފަދަ އިހުސާސެއް ކުރެވެމުން ދާ އިރު، އެ ވޭނަށް ކެތް ކުރުން ދަތި ވަނީ މައިރާއަށް ކުރަމުންދާ ހިތާމަ އެނގޭތީއެވެ. އެ ހުރިހާ ކަމަކަށް ޒިއާމް ކެތް ކުރާނީ ކިހިނެއް ހެއްޔެވެ؟ އައިދަންގެ ބަދަލުގައި ޒިއާމްއަށް އެހެން ދިމާ ނުވީ ކީއްވެ ހެއްޔެވެ؟
އެ އިހުސާސްތައް ޒިއާމްގެ ހިތުން ފިލާނީ ކިހިނެއް ހެދިއްޔާ ހެއްޔެވެ؟ މައިރާއަށް އެ ހިތް ނޭދޭނެ ދުވަހެއް އަންނާނެ ހެއްޔެވެ؟ އެ ހިތުގެ އެންމެ ފަހުގެ ވިންދާ ޖެހެން ދެން ޒިއާމް އުޅެން ޖެހޭނީ އެ ވޭނުގައި ހެއްޔެވެ؟ އުމުރު ނިމެން ދެން ޒިއާމް ހުންނަން ޖެހޭނީ ލިބެން ނެތް ލޯތްބެއްގެ އިންތިޒާރުގައި ހެއްޔެވެ؟
ޓަކި ޖަހާލުމާ އެކު ދޮރު ހުޅުވާލި އަޑަށް ޒިއާމްއާ ޔަލްދާ އެކަކު އަނެކަކާ ދުރުވެލިއެވެ. ރަޒާނާ ފެނުމުން ޒިއާމް އަވަހަށް އެނދުން ފައިބައިގެން އައިސް ދުރުގައި ހުއްޓުނެވެ. ޔަލްދާވެސް ތެދުވެ ރަޒާނާއާ ދިމާއަށް ބަލާލަން ނުކެރިފައި އިސް ޖަހައިގެން ހުއްޓެވެ.
“ދަރިފުޅާ، ބޭބެ އެބަ އިން ކާން އަރާ، ޒިއާމްއަށް ގޮވާށޭ ބުނީމަ ބަލާ މި އައީ” ޒިއާމްއަށް ބަލާލާފައި ރަޒާނާ ބުންޏެވެ.
އިސް އުފުލާނުލާ ހުރެ ޒިއާމް ބޯ ޖަހާލިއެވެ.
ޒިއާމްއާ ދިމާއަށް ބަލަން އިރުކޮޅަކު ހުރެފައި ރަޒާނާ ނިކުތުމުން ޔަލްދާވެސް ނިކުތެވެ.
އޭގެ ފަހުން ހަފްތާއެއް ވެގެން ދިޔައިރުވެސް ޒިއާމްމެން ގޭތެރެ އޮންނަނީ ހިމޭން ވެފައެވެ. އައިދަން ހުރި އިރު އަބަދު އިވޭ ސަކަރާތުގެ އަޑު މުޅިން ކެނޑިފައެވެ. އާލިއާއާ އަޒްހާ ކުދިން ގޮވައިގެން އައިސް އުޅޭ ވަގުތެއްގައި ފިޔަވާ އެ ގޭތެރެއިން އަޑެއް އިވިނުލައެވެ. އޮފީހަށް ނުގޮސް ހާފިޒް ގޭގައި މަޑު ކުރީ ރައިހާނާގެ ސަބަބުންނެވެ. އައިދަންގެ ވަކިވުމަށް ފަހު ރައިހާނާ ބަލިވީއެވެ. ދެ ފިރިހެން ދަރިންނާ ވަކިވާން ޖެހުމުން އެ ހިތާމައަށް ކެތް ކުރަން ރައިހާނާއަށް ދަތިވީއެވެ.
މައިރާވެސް ނުނިކުމެއެވެ. ކޮޓަރީގައި އެކަނި އިނދެ ރޮނީއެވެ. އެކަކުވެސް އެ ކޮޓަރިއަށް ވަންނާކަށް މައިރާ ގަބޫލެއް ނުވެއެވެ. މުނާއާ މިޝްޔާއާ ޝަފީއު އަޔަސް މައިރާ އެ މީހުންނާ ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނުވެއެވެ. އައިމަލްއާ ހަމްނާ އަޔަސް މައިރާ ނުނިކުމެއެވެ. ކޮންމެ ކާ ގަޑިއެއްގައި ނިކުމެ އެންމެންނާ އެކު މޭޒުދޮށުގައި އިނދެ އެތިކޮޅެއް ކާލަނީ ހަމައެކަނި ބަނޑުގައި އޮތް ދަރިފުޅަށް ޓަކާ ކަހަލައެވެ.
ރައިހާނާއާ މައިރާއާ މެދު ރަޒާނާ ކަންބޮޑު ވެއެވެ. އެކަނި އިނދެ ރުޔަސް ރަޒާނާ އެއް ފަހަރުވެސް އެ މީހުންގެ ކުރިމަތީ ނުރޮއެވެ. އާލިޔާއާ އަޒްހާއާ އެކު އެހެން މީހުންނަށް ހިތްވަރު ދިނުމުގައި ރަޒާނާ އުޅެއެވެ. އެ ދެ ކުދިންނަށްވެސް ހިތްވަރު ދޭން މަސައްކަތް ކުރެއެވެ. އެ ވަގުތު ރައިހާނާ ހުރީ އެ ކުދިންނާ މެދު ވިސްނޭ ހާލެއްގައި ނޫން ކަން އެނގޭތީ، އެ ހާލަތުގައި މަންމަގެ ލޯތްބާ އަޅާލުމަށް ބޭނުންވެފައި ތިބި ދެ އަންހެން ކުދިންގެ މަންމައަކަށް ރަޒާނާ ވިއެވެ.
ރަޒާނާގެ ހިތްވަރު ފެނި މަންމައާ މެދު ޒިއާމް ފަޚުރުވެރިވެއެވެ. ރަޒާނާ އެހެން މީހުންނަށް އަޅާލާ ހެން ޒިއާމް ރަޒާނާއަށް އަޅާލައެވެ. އެހެން މީހުންނަށް ކާ އެއްޗެއް ދެވޭތޯ މަސައްކަތް ކުރާ ރަޒާނާއަށް ކާން ދެނީ ޒިއާމްއެވެ. އެހެން މީހުންގެ ލޮލުން ކަރުނަ ފޮހެދޭ ރަޒާނާގެ ލޮލުން ކަރުނަ ފޮހެދެނީ ޒިއާމްއެވެ.
އެ ގޮތުގައި ސާދަ ދުވަސް ވީ އިރުވެސް މައިރާ އެއްވެސް މީހަކާ އަނގައިންނެއް ނުބުނެއެވެ. ކުރީ ދުވަހުގެ ހާދިސާއަށް ފަހު އެ ކޮޓަރިއަށް ނުވަދެ ހުރި ޒިއާމް އެންމެ ފަހުން އެ ކޮޓަރިއަށް ވަނީ މައިރާއާ މެދު ކަންބޮޑުވެގެންނެވެ.
މުނާއާ މިޝްޔާއާ ޝަފީއު އައިސް މައިރާއަށް ގޮވާތާ ބައިގަޑި އިރު ވީ އިރުވެސް މައިރާ ދޮރެއް ނުހުޅުވިއެވެ. މުނާއަށް ރޮވުނީ ދަރިފުޅާ މެދު ކަންބޮޑު ވީ ވަރުންނެވެ. އައިދަން ނިޔާވި ފަހުން ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވީ އިރު މަދު ފަހަރެއްގައި، އެވެސް ކުޑަ ވަގުތުކޮޅަކަށް ނޫނީ އެ މީހުންނަށް މައިރާ ނުފެނެއެވެ. ފެންނަ ފަހަރެއްގައިވެސް އެ މީހުން ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް މައިރާ ޖަވާބުގައި އެންމެ ބަހެއްވެސް ނުބުނެއެވެ. ދަރިފުޅުގެ އެ ހާލަށް ކެތް ނުވެގެން މުނާ ރޯން ފެށުމުން މިޝްޔާ މުނާއަށް ހިތްވަރު ދެވޭތޯ މަސައްކަތް ކުރި ނަމަވެސް އެ ކުއްޖާއަށްވެސް ރޮވުނީއެވެ.
ކޮޓަރީގައި އިން ޒިއާމް ނިކުމެ މުނާއަށް ބަލަން އިރުކޮޅަކު ހުރެފައި މައިރާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ.
“މައިރާ، ދޮރު ހުޅުވަބަލަ!” ޒިއާމް ގޮވާލިއެވެ.
ފަނަރަ މިނަޓް ވީ އިރުވެސް މައިރާ ދޮރެއް ނުހުޅުވިއެވެ.
“މައިރާ!” ދޮރުގައި ބާރަށް ފައިން ޖަހަމުން ޒިއާމް ބާރަށް ގޮވާލިއެވެ.
އެއާއެކު އެތާ ތިބި އެންމެން ސިހިގެން ދިޔައެވެ.
“ޒިއާމް!” ރަޒާނާއަށް ގޮވާލެވުނެވެ. ރައިހާނާ ކައިރީގައި އިން ހާފިޒްވެސް ކޮތަރިން ނިކުތެވެ.
ކޮޓަރީގައި އިން މައިރާ އައިސް ދޮރު ހުޅުވާލާފައި އަނެއްކާވެސް ވަނީ އެތެރެއަށެވެ.
ޒިއާމް ވަން އިރު މައިރާ އެނދުގައި އިށީނދެލައިގެން އިނެވެ.
“މައިރާއަށް އެނގޭތަ އެހެން މީހުން މައިރާއާ މެދު ކަންބޮޑު ވާކަން؟” ޒިއާމް އަހާލިއެވެ.
މައިރާ ޖަވާބެއް ނުދެއެވެ. ޒިއާމް ބުނި އެއްޗެއް މައިރާއަށް އަޑުވެސް ނީވޭ ފަދައެވެ.
“މައިރާ!” ޒިއާމް ބާރަށް ގޮވާލިއެވެ.
“އަހަރެން ބޭނުމީ އެކަނިވެލަން” ލޯ މަރާލަމުން މައިރާ މަޑުމަޑުން ބުނެލިއެވެ.
މައިރާއާ ދިމާއަށް ބަލަން ހުރެފައި ޒިއާމް ގޮސް މައިރާގެ އަތުގައި ހިފާ އެނދުން ނަގާ ދަމާފައި ކަހަލަ ގޮތަކަށް ކޮޓަރިން ބޭރަށް ނެރުނެވެ.
“ބަލާބަލަ! އެ މީހުން އެ ތިބީ މައިރާއާ މެދު ކަންބޮޑު ވެގެން ގޮސް ހަދާނެ ގޮތް ހުސްވެފަ. އެއީ މައިރާގެ މަންމައާ ބައްޕައޭ. ދެން އެހެރީ މައިރާގެ ކޮއްކޮއޭ. ކިތައް ދުވަހު އެ މީހުން އައިސް މައިރާ ފެނޭތޯ ތިބެތިބެފަ ދިޔައީ؟ ކިތައް ދުވަހު މައިރާ އެއްޗެއް ބުނޭތޯ އެ މީހުން މަސައްކަތް ކުރީ؟ މައިރާއަކަށް ނޭނގޭތަ އެހެން މީހުން މައިރާއާ މެދު ކަންބޮޑުވާ ކަމެއް؟ އައިދަން އަކީ މައިރާގެ ފިރިމީހާ އެކަންޏެއް ނޫނޭ. އެއީ ބޭބެއާ ދޮންތަގެ ދަރިފުޅު. އެއީ އާލިޔާއާ އަޒްހާގެ ބޭބެ. އެއީ އަހަރެންގެ މަންމަގެ ބަނޑުން ނުވިހެޔަސް އެ މަންމަގެވެސް ދަރިއެއް. އެއީ އަހަރެންގެ ކޮއްކޮ. އައިދަން ވަކި ވެގެން އެކަމާ ދެރަ ވަނީ މައިރާ އެކަނިތަ؟ މައިރާއަށް ހީވަނީތަ މައިރާ އެކަންޏޭ އައިދަން މަރު ވެގެން ހިތާމަ ކުރަނީ؟ އެ މީހުން ދެރައެއް ނުވާނެތަ؟ އަހަރެން ދެރައެއް ނުވާނެތަ…؟” ޒިއާމްގެ އަޑު ކެނޑުނެވެ. ލޮލުން އައި ކަރުނައާ އެކު ޒިއާމް އަނެއް ފަރާތަށް އެނބުރި ދެ އަތުން މޫނު ފޮހެލިއެވެ.
“އަހަރެން… އަހަރެން…” މައިރާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެއްޗެއް ނުބުނެ ރޮވުނީއެވެ. ހުރި ތަނަށް ތިރިވެ މޫނުގައި އަތް އަޅާލި މައިރާގެ ގައިގައި މުނާ އައިސް ބައްދާލިއެވެ.
“މަންމާ… އަހަރެން ކިހިނެއް ހަދާނީ؟ އައިދަންއާ ނުލާ އަހަރެން ކިހިނެއް އުޅޭނީ؟ އަހަރެން މަރު ވެދާނެ… މަންމާ… އަހަރެން މަރު ވެދާނެ…” ރުއިމުގެ ތެރެއިން މައިރާ ބުންޏެވެ.
“ދަރިފުޅާ، ހިތްވަރު ކުރަން ވާނެ… އިފަން ނުވާ ތި ދަރިފުޅަށް ޓަކާވެސް މައިރާ ހިތްވަރު ކުރަން ވާނެ… އައިދަން ބޭނުން ވާނެތަ މައިރާ ތިހެން އުޅެން؟ މި އެންމެން މި ތިބީ މައިރާއާ އެކީ، އެ މީހުންވެސް ދެރަ ވޭ. އެކަމަކު އެ މީހުންވެސް ހިތްވަރު ކުރަނީއެއްނު؟ މައިރާވެސް ހިތްވަރު ކުރަން ވާނެއެއްނު؟” މައިރާގެ ގައިގައި ފިރުމަމުން ވާހަކަ ދެއްކި އިރު މުނާވެސް ރޮނީއެވެ.
މައިރާ ހަމައަކަށް އެޅުނީ މުނާއާ މިޝްޔާއާ ރަޒާނާގެ މައްސައްކަތުންނެވެ. ރުއިން ހުއްޓާލެވުމުން މައިރާ ލޯ ފޮހެލާފައި ރަޒާނާއަށް ބަލާލިއެވެ.
“މަންމަ ކޮބާ؟” މައިރާ އެހިއެވެ.
“ކޮޓަރީގަ” ރަޒާނާ ޖަވާބު ދިނުމުން މުނާގެ އެހީގައި މައިރާ ތެދުވިއެވެ. ރައިހާނާގެ ކޮޓަރި ދޮރުމަތީ ހުރި ހާފިޒް މައިރާގެ ބޮލުގައި ފިރުމާލާފައި މައިރާ ވަނުމަށް ތަންދެއްކިއެވެ.
“މަންމާ…” އެނދުގައި އޮތް ރައިހާނާއަށް މައިރާ ގޮވާލިއެވެ.
މައިރާގެ އަޑަށް ރައިހާނާ ލޯ ހުޅުވާ ބަލާލިއެވެ.
“މައިރާ… ދަރިފުޅާ… މަންމަގެ ދަރިފުޅު… މަންމަގެ އައިދަން…” މައިރާއާ ދިމާއަށް އަތް ދިއްކޮށްލަމުން ރައިހާނާ ރޮމުން ބުންޏެވެ.
“މަންމާ… ރޯކަށް ނުވާނެ. ދެން ހުއްޓާލާ. ހިތްވަރު ކުރަން ވާނެއެއްނު؟ އައިދަން ބޭނުމެއް ނުވާނެ މަންމަ ރޮއެ ހިތާމަކޮށް ބަލި ވާކަށް. ދެން ރޮއެގެން ނުވާނެ. މަންމަ ދެން މަސައްކަތް ކުރަން ވީ އަވަހަށް ރަނގަޅު ވޭތޯ. އަޅުގަނޑަށްވެސް މި ހުރިހާ ދުވަހު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. މަންމައަށް އަޅުގަނޑުގެ އެހީ ބޭނުން ވި އިރު އަޅުގަނޑަށް އެކަން ނުވިސްނުނީ. އެކަމަކު ދެން ނުވާނެ އެހެންނެއް. އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީ ވާނީ. މަންމަ ތެދުވޭ ދެން، ހިނގާ ބޭރުގަ އެންމެންނާ އެކީ އިރުކޮޅަކު އިނދެލަން. އޭރުން ހިތްހަމަ ޖެހޭނީ” ރައިހާނާގެ އަތުގައި ހިފާލައިގެން އިނދެ މައިރާ ވާހަކަ ދެއްކިއެވެ. އަދި ތެދުވެ ރައިހާނާ ތެދުވުމަށް އެހީވިއެވެ. އެ މަންޒަރު ފެނި ދޮރުމަތީ ހުރި ހާފިޒް އައިސް ރައިހާނާއަށް ތެދުވުމަށް އެހީވިއެވެ.
ސޯފާގައި ރައިހާނާ އިށީނުމުން މުނާއާއި ރަޒާނާ އައިސް ރައިހާނާގެ ދެ ފަރާތުގައި އިށީނެވެ. އަނެއް ސޯފާގައި ހާފިޒްއާ ޝަފީއު އިށީނެވެ.
ދުރުގައި ތިބި އާލިޔާއާ އަޒްހާ ކައިރިއަށް ގޮސް މައިރާ އެ ދެ ކުދިންގެ ގައިގައި ބައްދާލިއެވެ. އެއްވެސް ބަހެއް ބުނުމެއް ނެތި، އެ ދެ ކުދިންވެސް މައިރާ ގައިގައި ބައްދާލީ އެކަކު އަނެކަކުގެ ހިތުގައި ވާ އެއްޗެއް އެނގޭތީއެވެ.
“ޒިއާމް…” މައިރާ ގޮސް ޒިއާމްގެ ކުރިމަތީ ހުއްޓުނެވެ.
“ތީ އަބަދުވެސް އަހަރެންގެ އެންމެ ހެޔޮ އެދޭ، އެންމެ ގާތް އެކުވެރިޔާ…” ޒިއާމްގެ ކޮނޑުގައި އަތް ޖައްސާލަމުން މައިރާ ބުންޏެވެ.
ޒިއާމް އެއްޗެއް ނުބުނެ މައިރާއަށް ބަލަން ހުރީއެވެ.
އެންމެންގެ ހާލަތުވެސް ބަދަލު ވީ އެ ދުވަހުގެ ފަހުންނެވެ. އެކަކު އަނެކަކަށް ޓަކާ ހިތްވަރު ކުރަމުން، ކޮންމެ މީހަކުވެސް ބެލީ އަނެއް މީހާއަށް އެހިވެވޭތޯއެވެ. އަނެކަކުގެ ހިތާމަ ލުއިކޮށްދެވޭތޯއެވެ. އެ މަސައްކަތާއެކު ކޮންމެ ހިތަކަށްވެސް ލުއިލިބެމުން އައީ އެންމެންގެ ލޯބިންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.








Salaam, miothy part 10, dhen anna bai Monday ga genesdheynan ❤️?