މި ހިތުން މަޤާމޭ މި ދެނީ 11
“ތީ އަބަދުވެސް އަހަރެންގެ އެންމެ ހެޔޮ އެދޭ، އެންމެ ގާތް އެކުވެރިޔާ…” ޒިއާމްގެ ކޮނޑުގައި އަތް ޖައްސާލަމުން މައިރާ ބުންޏެވެ.
ޒިއާމް އެއްޗެއް ނުބުނެ މައިރާއަށް ބަލަން ހުރީއެވެ.
އެންމެންގެ ހާލަތުވެސް ބަދަލު ވީ އެ ދުވަހުގެ ފަހުންނެވެ. އެކަކު އަނެކަކަށް ޓަކާ ހިތްވަރު ކުރަމުން، ކޮންމެ މީހަކުވެސް ބެލީ އަނެއް މީހާއަށް އެހިވެވޭތޯއެވެ. އަނެކަކުގެ ހިތާމަ ލުއިކޮށްދެވޭތޯއެވެ. އެ މަސައްކަތާއެކު ކޮންމެ ހިތަކަށްވެސް ލުއިލިބެމުން އައީ އެންމެންގެ ލޯބިންނެވެ.
ހާފިޒްއާ ޒިއާމް ވަޒީފާއަށް ނިކުންނަން ފެށިއެވެ. ރައިހާނާގެ ހާލު ރަނގަޅުވެ ކުރިއެކޭ އެއްގޮތަށް ގޭތެރޭގެ ކަންތަކުގައި ރަޒާނާއާ ބައިވެރި ވާން ފެށިއެވެ. މައިރާވެސް ގިނަ ވަގުތު އެ މީހުންނާ އެކު ހޭދަ ކުރެއެވެ. އެހެން ނަމަވެސް އެކަނި ވާ ކޮންމެ ވަގުތެއްގައި އައިދަންގެ ހަނދާން ވުމުން ރޮވެއެވެ. ބަނޑުގައި އޮތް ދަރިފުޅަށް ޓަކާ ހިތްވަރު ކުރި ނަމަވެސް ދިރިއުޅުން ދެކެ ފޫހިވެ ޝަކުވާ ކުރެވޭ ފަހަރު އާދެއެވެ. އެހެން މީހުންނަށް ޓަކާ ހިނިތުންވާން މަސައްކަތް ކުރި ނަމަވެސް ހިތަށް ކެތް ނުވެގެން ރޮވޭ ފަހަރުވެސް އާދެއެވެ.
އެފަދަ ކޮންމެ ވަގުތެއްގައި މައިރާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ޒިއާމްގެ ފަރާތުންނެވެ. މަންމައާ ކޮއްކޮގެ ފަރާތުންވެސް ނުލިބޭ ފަދަ ހަމަޖެހުމެއް ހިތަށް ލިބެނީ ޒިއާމްގެ ބަސްތަކުންނެވެ.
އޭގެ ފަހުން މަހެއް ވީ އިރު މައިރާގެ ބަނޑަށް އަށްމަސް ވެއްޖެއެވެ. ވިހަން އެހާ ކައިރި ވީ އިރުވެސް ވިހަން ވާ އިރަށް ބޭނުން ވާނެ އެއްޗެހި ނުގަނެވޭތީ އެރޭ ކެއުމުގެ ތެރޭގައި ދެކެވުނީ އެ ވާހަކައެވެ.
“މައިރާ ދާންވީނު މަންމަ ނޫނީ މިޝީ ގޮވައިގެން ބާޒާރު ކޮށްލަން؟ މަންމައާ ތިއްތައަށްވެސް ދެވިދާނެ މައިރާއާ އެކީ. މައިރާ ބޭނުން ގޮތެއް ހަދަން ވީ. އެކަމަކު ދެން މާ ލަސް ނުކޮށް އެއްޗެހި ހޯދާ ހަމަ ކުރަން ވާނެ” ރައިހާނާ އެ ވާހަކަ ފެށީ މައިރާ ވިހަން ވާ އިރަށް އެއްވެސް އެއްޗެއް އަދި ހޯދާފައި ނުވާތީއެވެ.
“މަންމާ، އަޅުގަނޑު ބޭނުން ގޮތަކަށް ދެން އެއްވެސް ކަމެއް ނުވާނެ… އަޅުގަނޑު ވިހާ އިރު އަޅުގަނޑު ކައިރީ އައިދަން ހުންނަން ބޭނުން… މި ދަރިފުޅު ފުރަތަމަ ދޭން ބޭނުން ވަނީ އޭނަގެ ބައްޕަ އަތަށް… މިހާރުވެސް އަޅުގަނޑާ އެންމެ ކައިރީގައި ހުންނަން ބޭނުމީ އައިދަން… އެކަމަކު… ދެން ދުވަހަކުވެސް އައިދަން ނާންނާނެ… މި ދަރިފުޅަށް ދުވަހަކުވެސް އޭނަގެ ބައްޕަ ނުފެންނާނެ…” އެ ވަރަށް ބުނެފައި މައިރާއަށް ރޮވުނެވެ.
“ދަރިފުޅާ، ހިތްވަރު ކުރަން ވާނެ، ކެތް ކުރަން ވާނެ… މައިރާގެ ބަނޑުގަ ތި އޮތީ އައިދަންގެ އެންމެ ފަހުގެ ހަނދާން… އެހެން ވީމަ އެ ދަރިފުޅަށް ޓަކާވެސް ހިތަވްރު ކުރަން ވާނެއެއްނު؟” މައިރާގެ ގައިގައި ފިރުމަމުން ރައިހާނާ ބުންޏެވެ.
“މަންމާ… ހިތްވަރު ކުރަން ވީ ކިހާ ވަރަކަށްތަ؟ އަޅުގަނޑަކަށް ދެން ނުވާނެ… ދެން ނުވާނެ…” ރައިހާނާ ގައިގައި ބައްދާލަމުން މައިރާ ބުނެލިއެވެ.
މައިރާގެ ހިތްހަމަ ޖައްސައިދިނުމަށް ބުނާނެ އެއްޗެއް ނުވިސްނުމުން ރައިހާނާ މައިރާގެ ގައިގައި ބައްދާލައިގެން އިނީއެވެ. އެހެން އިނދެފައި މައިރާ ތެދުވިއެވެ. އެޅި ބަތްކޮޅުވެސް ނުކައި މައިރާ ވަނީ ކޮޓަރިއަށެވެ.
“އެ ކުއްޖާގެ ހިތްހަމަ ޖައްސައިދޭން ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގެ… ހާފިޒް، ދެން ކިހިނެއް ހަދާނީ؟” ގޮތްހުސްވެފައިވާ މީހަކު ހެން ރައިހާނާ ބުނެލިއެވެ. އަދި އެހީއަކަށް އެދޭ ފަދައިން ފިރިމީހާއަށް ގޮވާލިއެވެ.
“މައިރާއަށް ވަގުތު ދީ. ހަމައަކަށް އެޅެން އަދި ދުވަސް ނަގާނެ. ފަހަރެއްގަ ވިހެއީމަ މިހާރަށް ވުރެ ރަނގަޅު ވެދާނެ. އެހާ ކަންބޮޑު ނުވޭ ރައިހާނާ. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް އަދި ރަނގަޅު ވާނެ” ހާފިޒް ބުންޏެވެ.
ކައި ނިމިގެން ޒިއާމް މައިރާގެ ކޮޓަރިއަށް ވަނެވެ. އޭރު އެނދުގެ ހެޑްބޯޑްގައި ލެނގިލައިގެން މައިރާ އިނެވެ.
“އަހަރެން ދަންތަ މައިއާ އެކީ؟” ޑްރެސިންގް ޓޭބަލް ކައިރީ ހުރި ގޮނޑި އެނދާ ކައިރި ކޮށްލާފައި އިށީންނަމުން ޒިއާމް އަހާލިއެވެ.
“ކޮން ތާކަށް؟” ހައިރާންވެފައި މައިރާއަށް އަހާލެވުނީ ޒިއާމް ބުނި އެއްޗެއް ނުވިސްނިގެންނެވެ.
“ބޭބީއަށް އެއްޗެހި ގަންނަން؟ އަހަންނަށް ކުއްޖަކު ލިބެން ވާ އިރަށް އޭރުން އެ ކަންތައް ދަސް ވާނެއެއްނު؟” ސަމާސާ ރާގެއްގައި ޒިއާމް ބުނެލީ އިރުކޮޅަކަށް ނަމަވެސް އެ ޚިޔާލުތަކާ މައިރާ ދުރަށް ގެންދެވޭތޯއެވެ.
މައިރާ ޖަވާބެއް ނުދިނެވެ.
“މައި، ހިނގާ މިރޭ ދާން؟” ޒިއާމް އަނެއްކާވެސް ބުންޏެވެ.
“މިރޭތަ؟ އެހެން ރެއަކުން ދޯ؟” މައިރާ ދެކޮޅު ހެދިއެވެ.
“ތިހެން ފަސްކޮށްކޮށް ހުއްޓާ ވިހާފާނެ” ޒިއާމް ބުނެލިއެވެ.
“ޕްލީޒް…” މައިރާ އާދޭސް ކޮށްލިއެވެ.
ޒިއާމް އެއްޗެއް ނުބުނެ އިނެވެ.
“ޒިއާމް… އައި މިސް ހިމް ސޯ މަޗް… ސޯ މަޗް… ކޮންމެ ދުވަހަކު އެތައް ފަހަރަކު ހިތަށް އަރާ އެހެން ގޮތަކަށް ކަންތައް ވީ ނަމައޭ… އެ ދުވަސް އަލުން އަންނަ ނަމައޭ… މީ ހުވަފެނަކަށް ވާނެ ނަމައޭ… އެކަމަކު އެއްވެސް ކަމެއް ބަދަލެއް ނުވޭ… އައިދަންއެއް ދެން ނާންނާނެ… ދުވަހަކުވެސް ނުފެންނާނެ…” މައިރާއަށް އަނެއްކާވެސް ރޮވުނެވެ.
ޒިއާމްގެ ހިތުގައި އައިދަންގެ ހަނދާންތައް އެނބުރިގަތެވެ. އެއީ ޒިއާމްގެ ކޮއްކޮއެވެ. އެންމެ ގާތް އެކުވެރިޔާއެވެ. އެ މީހަކަށް ޓަކާ ކޮންމެ ކަމެއް ކުރަން ޖެހުނަސް ޒިއާމް ފަސް ނުޖެހޭނެ މީހާއެވެ. ކުޑަ އިރު އެކުގައި ކުޅެން އުޅުނު އިރުން ފެށިގެން ޒުވާނުންނަށް ވީ އިރުވެސް އެ ގުޅުމަށް ބަދަލެއް ނައި މީހަކު އެ ނޫނީ ޒިއާމްގެ ޙަޔާތުގައި ނުވެއެވެ. ދެ މީހުން އެކުގައި ކުރި އެކިއެކި ކަންތައް ޒިއާމްގެ ހަނދާނަށް އައެވެ. ލޮލަށް ގިނަވި ކަރުނަތައް ހިންދާލަމުން ޒިއާމް ލޯމަރާ ބާރުކޮށްލިއެވެ.
“އައިދަން!” ހިތާހިތުން ޒިއާމް ގޮވާލިއެވެ. އެހެން ނަމަވެސް އެ ވަގުތު މައިރާއަށް އެހެން މީހުންގެ އެހީތެރިކަމާ އަޅާލުން ބޭނުން ވާނެ ކަން ހިތަށް ވިސްނައިދެމުން ޒިއާމް ލޯ ހުޅުވާ މައިރާއަށް ބަލާލީ އެ ހިތުގައި ވީ ރިހުން ފޮރުވާލަމުންނެވެ.
މޭގައި އަތް ޖައްސާލައިގެން ލޯ މަރައިގެން އިން އިރު މައިރާގެ ލޮލުން ކަރުނަ އާދެއެވެ. އެހެން އިން އިރު އެ ތުންފަތް ހަރަކާތް ކުރަމުން ދިޔައެވެ. އަޑު ނީވުނު ނަމަވެސް މައިރާ ތަކުރާރުކޮށް ކިޔަމުން އެ ދަނީ އައިދަންގެ ނަން ކަން ޒިއާމްއަށް އެނގުނެވެ.
ދެ އަތުގެ ތެރެއަށް މައިރާ ގެނެސް އެ މޭގައި ފޮރުވާލުމަށް ޒިއާމްގެ ހިތް ގޮވާލިއެވެ. ނަމަވެސް ހަރަކާތެއްވެސް ކޮށްނުލާ ޒިއާމް އިނީއެވެ. މަޖުބޫރު ވެފައިވާ ފަދައިންނެވެ. އިސް ޖަހާލީ އަމިއްލަ ހިތާމެދު ނުރުހިގެންނެވެ. ޒިއާމްއަށް ދުވަހަކުވެސް މައިރާ ނުލިބޭނެ ކަން އެ ހިތަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ އެ ފަދަ ވަގުތެއްގައިވެސް އެ ހިތް މައިރާއަށް އެދި ގޮވަނީ ކީއްވެ ހެއްޔެވެ؟ ޒިއާމްގެ ބާރު އެ ހިތުގެ މައްޗަށް ނުފޯރަނީ ކީއްވެ ހެއްޔެވެ؟ މައިރާގެ ބަދަލުގައި އެ ހިތުގައި ޔަލްދާގެ ނަން ނުލިޔެވެނީ ކީއްވެ ހެއްޔެވެ؟ ޒިއާމްއަށް ވެގެން ވާނެ ނަމަ ހަށިގަނޑާ އެ ހިތް މިހާރު ވަކި ކޮށްލައިފީހެވެ. އޭރުން އެ ހިތުން އަބަދު މައިރާގެ ނަމެއް ނުކިޔާނެއެވެ. ނިދީގަޔާ، ހޭލާ ހުންނަ އިރުވެސް އެ ހިތް މައިރާއަށް އެދި ނުގޮވާނެއެވެ.
“ޒިއާމް…” މައިރާ ގޮވާލި އަޑަށް ޒިއާމް އިސް އުފުލާ ބަލާލިއެވެ.
“އަވަހަށް ޔަލްދާއާ މެރީ ކުރޭ… އެކީގަ ހޭދަ ކޮށްލަން ލިބޭނީ ކިހާ ދުވަހެއް ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ. ތިހެން ތިބެ ބޭކާރު ވެގެން އެ ދަނީ ކިހާ ދުވަހެއް؟ އަވަސް ކުރޭ. އައިދަން އަބަދުވެސް ޒިއާމްއާ މެދު ވިސްނާ. އަހަންނާ އިން ފަހުން އަބަދުވެސް ބުނާނެ އައިދަންއަށް ލިބޭ ހުރިހާ އުފަލެއް ޒިއާމްއަށްވެސް ލިބުން އެދެމޭ. މީހަކާ އިނދެގެން ޒިއާމްވެސް ދިރިއުޅުމެއް ފަށާ ތަން ދެކެން ބޭނުމޭ. އެކަމަކު އެ ދުވަހެއް ދެން އައިދަންއަކަށް ނުފެންނާނެ، އެހެން ވިޔަސް އެއީ އޭނަގެ ވަރަށް ބޮޑު އެދުމެއް. ޒިއާމް އެކަން ފުރިހަމަ ކޮށްދެއްޗޭ”
މައިރާ ދެއްކި ވާހަކަ އަޑު އަހާފައި ޒިއާމް އަނެއްކާވެސް އިސް ޖަހާލީއެވެ. ޒިއާމް ޔަލްދާއާ ގުޅުނީ އެ މަގްސަދުގައެވެ. އެ ކަމަށް އެންމެ ބާރު އެޅީ އައިދަންއެވެ. އެއީ ޒިއާމްގެ އުފަލަށް ހިތުގެ އަޑިން އައިދަން އެދޭތީ ކަން ޒިއާމްއަށް އެނގެއެވެ. ކައިވެންޏަށް ޒިއާމްއާ ޔަލްދާ ތައްޔާރު ވަމުން އައީ އެ މީހުންގެ އުފަލުގައި އައިދަން ބައިވެރިވާނެ ކަމުގެ ޔަގީންކަމާ އެކުއެވެ. އެހެން ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ؟ ޒިއާމްގެ ޙަޔާތުގެ އެންމެ މުހިންމު ދުވަހު އައިދަންއެއް ނުހުންނާނެއެވެ. އައިދަން ކައިވެނި ކުރި ދުވަހު އައިދަންއާ އެންމެ ކައިރީގައި ޒިއާމް ހުރިހެން ޒިއާމްގެ ކައިވެނި ކުރެވޭ ދުވަހުން އެންމެ ކައިރީގައި އައިދަން ހުރުމަށް ޒިއާމް އެދެއެވެ.
އެއާއެކު އައިދަންގެ ވަކި ވުމުން ޒިއާމްގެ ޙަޔާތުން އެ އުނިވީ ކިހާ ވަރެއްގެ ބައެއް ކަމުގެ އިހުސާސް ކުރެވުމާއެކު ޒިއާމްގެ ލޮލުން އައި ކަރުނައެއް ނުހުއްޓުވުނެވެ. އިން ތަނުން ތެދުވެގެން ޒިއާމް ގޮސް އެ ކޮޓަރީގެ ކުޑަ ދޮރު ކައިރީ ހުއްޓި އަތުން ދެލޯ ނިވާ ކޮށްލިއެވެ. އެ ނޫނީ އެ ގޮތަށް ޒިއާމްގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ދޫނުވެއެވެ.
ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ނިތްކުރި ޖައްސާލައިގެން ހުރި ޒިއާމްގެ ބުރަކަށީގައި ލުއި ބީހުމެއްގެ އިހުސާސް ކުރެވުމުން ޒިއާމްގެ މުޅި ހަށިގަނޑު އެކީ ސަމާލުވެގެން ދިޔައެވެ.
“ޒިއާމް…” މައިރާ ގޮވާލުމުން ޒިއާމް ދެ އަތުން މޫނު ފޮހެލާފައި އެނބުރުނެވެ.
ޒިއާމްގެ މޫނާ، ރަތް ވެފައިވާ ދެލޯ ފެނުމުން މައިރާ އިތުރަށް ދެރަވިއެވެ. އައިދަން ވަކިވުމުގެ ހިތާމައިގައި މައިރާ އެހެން މީހުން މަތިން ހަނދާން ނެތުނީއެވެ. މައިރާ އެކޭ އެއްފަދައިން ޒިއާމްވެސް އައިދަން މަތިން ހަނދާން ކުރާނެއެވެ. އެއީ އެންމެ ކުޑަ އިރުން ފެށިގެންވެސް އައިދަންއާ އެކު އުޅުނު އައިދަންގެ ބޭބެއަށް ވީ އިރު ޒިއާމްގެ ހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ އެކަން މައިރާއަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ؟
އަބަދު އެހެން މީހުންނަށް ހިތްވަރު ދިނުމަށް މަސައްކަތް ކުރަނީ ޒިއާމްއެވެ. އައިދަންގެ މަންމައާ ބައްޕައާ، ޒިއާމްގެ މަންމައާ، އައިދަންގެ ކޮއްކޮމެންގެ އިތުރުން މައިރާއަށްވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ޒިއާމްގެ ފަރާތުންނެވެ. ނަމަވެސް އެކަކުވެސް ޒިއާމްއާ މެދު އެ ވަރަށް ވިސްނާ ހެއްޔެވެ؟ އެހެން މީހުންނާ މެދު ޒިއާމް އެ އަޅާލާ އަޅާލުން ހަމަ ޒިއާމްއަށްވެސް ބޭނުން ވާނެއެވެ.
އެއްޗެއް ނުބުނެ ދެ އަތުން ޒިއާމްގެ އުނަގަނޑުގެ ދެ ފަރާތުން ދެއަތް ވަށާލާ ބައްދާލަމުން އެމޭގައި މައިރާ ބޯ ޖައްސާލިއެވެ. ދުލުން ނުބުނި ނަމަވެސް އެ ހަރަކާތުން ދުވަސް ވީ އެކުވެރިޔާގެ ހިތާމައިގައި ބައިވެރިވާ ކަން އަންގައިދެމުންނެވެ. އެ ޙާލަތުގައި ބަސްތަކަކުން ހިތަށް ހަމަޖެހުމެއް ނުލިބޭނެ ކަން އެނގޭތީއެވެ.
އެހެން ނަމަވެސް މައިރާ ބައްދާލުމުން ޒިއާމްއަށް ވީ އުނދަގުލެވެ. އެ ބައްދާލުމުން މައިރާ ބުނަން ބޭނުން ވަނީ ކީކޭ ކަން ވިސްނުނު ނަމަވެސް ޒިއާމްގެ ހިތަށް ވަމުން ދިޔައީ އެހެން ގޮތްތަކެކެވެ. އެ ހިތް އެދެމުން ދިޔައީ އެހެން ކަމަކަށެވެ.
ހުރިހާ ކަމެއް ހަނދާން ނައްތާލުމަށް ޒިއާމްގެ ހިތް ގޮވާލިއެވެ. ފުރަތަމަ ފިޔަވަޅު އެޅީ މައިރާއެވެ. ޒިއާމްގެ އަތު ތެރެއަށް އައީ މައިރާއެވެ. ޒިއާމް ގައިގައި ބައްދާލީ މައިރާއެވެ. ހަނދާން ނައްތާލާށެވެ. ހަނދާން ނައްތާލާށެވެ. އެ ހިތް ޒިއާމް ގާތު އާދޭސް ކުރާ ކަހަލައެވެ.
ޒިއާމް ލޯ މަރާލިއެވެ. އެއާއެކު މައިރާއާ އެކު އެހެން ދުނިޔެއަކަށް ޒިއާމްއަށް ދެވުނު ކަހަލައެވެ. އެލުވާލައިގެން ހުރި ދެ އަތް ނަގާ މައިރާގެ ބުރަކަށީގައި ފިރުމާލިއެވެ. ހިތަށް އެހެން މަންޒަރުތަކެއް ސިފަވެގެން ދިޔައެވެ. ޒިއާމްއާ މައިރާއާ ދެ މީހުން އެކުގައެވެ. އެއާއެކު ހޫނުވެ ޒިއާމް ދާ ހިއްލަން ފެށިއެވެ.
ހިތާހިތުން ނޫނެކޭ ބުނަމުން ޒިއާމް ދެ ފަރާތަށް ބޯ ހަލުވާލިއެވެ. އެ ޚިޔާލުތައް ހިތުން ފޮހެލަމުން ލޯ ހުޅުވާލީ ހިތާ ދެކޮޅަށެވެ. ޔަލްދާގެ ނަން ހިތަށް ގެންނަމުން އެ އަންހެން ކުއްޖާއަށް ބޭވަފާތެރި ނުވުމަށް އަމިއްލަ ނަފްސަށް ގޮވާލިއެވެ. ހަމަ އެއާއެކު މައިރާއަކީ އައިދަންގެ އަމާނާތެއް ކަން އެ ހިތަށް ހަނދާން ކޮށްދިނެވެ. އޭގެ އިތުރުން މައިރާއާ ޒިއާމްގެ އެކުވެރިކަމަށް ހުރަހެއް އެޅޭ ފަދަ ކަމެއް ނުކުރުމަށް ސިކުނޑި ވިސްނައިދިނެވެ.
ޒިއާމް ދެ އަތުން މައިރާގެ ކޮނޑުގައި ހިފާ ދުރުކޮށްލިއެވެ. މައިރާގެ ލޮލުން އައިސްފައި ހުރި ކަރުނަ ޒިއާމްގެ ދެ އަތުން ފޮހެދިން އިރު ހިތުގައި އޮތް ލޯބި އެ ދެލޮލުން ސިއްރެއް ނުކުރެވުނެވެ. ދެ އަތުން އެ މޫނުގެ ދެ ފަރާތުގައި ހިފާލަމުން މައިރާގެ ނިތްކުރީގައި ބޮސްދީފައި ޒިއާމް އެ ކޮޓަރިން ނިކުތީއެވެ.
އޭގެ ފަހުން ހަފްތާއެއް ވީ އިރު މައިރާގެ ކޮޓަރިއަކަށް ޒިއާމް ނުވަދެއެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކުވެސް މައިރާގެ ޙާލު ބަލައެވެ. މައިރާ ނުފެނި ގިނަ އިރު ވެއްޖެ ނަމަ ރައިހާނާ ނުވަތަ ރަޒާނާ ކައިރީ ބުނެގެން ކޮޓަރިން ބޭރަށް މައިރާ ނެރެއެވެ. ޔަލްދާ ގޮވައިގެން ގެއަށް އައިސްފައިވެސް ސިޓިންގްރޫމްގައި އިންނަނީ މައިރާއަށްވެސް ގޮވައިގެންނެވެ.
ޔަލްދާއާ ޒިއާމް ދުރުވަމުން ދިޔައެވެ. އެހެން ނަމަވެސް އެކަން ޒިއާމްއަކަށް ފަހަގައެއް ނުކުރެވެއެވެ. ޔަލްދާ ކައިރީގައި އިންނަ އިރުވެސް ޒިއާމް ވާހަކަ ދައްކަނީ މައިރާއާއެވެ. ދެ މީހުން އެކުގައި ކޮޓަރިން ރަޒާނާއަށް ފެނުނު ފަހުން ޒިއާމް ޔަލްދާ ގޮވައިގެން ކޮޓަރިއަކަށް ނުވަދެއެވެ. ޔަލްދާމެން ގެއަށް ޒިއާމް ދަނީ މަދު ފަހަރެއްގައެވެ. އެހެން ދާ ރެއެއްގައިވެސް އެގޭގައި ޒިއާމް ގިނަ އިރަކު މަޑެއް ނުކުރެއެވެ.
ޒިއާމްގެ ސަމާލުކަން ދެވިފައި ވަނީ ހަމަ އެކަނި މައިރާއަށް ކަހަލައެވެ. އަބަދުވެސް ޔަލްދާއަށް ވުރެ ކުރިން ޒިއާމް ވިސްނަނީ މައިރާއާ މެދުއެވެ. އެކަން ބަލައިގަންނަން ޔަލްދާއަށް އުނދަގޫ ވަނީއެވެ. އެކުގައި ދިރިއުޅުމެއް ފަށަން ނިންމާފައި ވާއިރު ޒިއާމްގެ ޙަޔާތުގައި ޔަލްދާއަށް ވުރެ އިސްކަން ދޭ އެހެން މީހަކު ހުންނަ ކަން އެނގި ޔަލްދާއަށް އެކަމާ ރުހެވޭނީ ކިހިނެއް ހެއްޔެވެ؟ އެ ވާހަކަ ޒިއާމްއާ ދައްކާނެ ގޮތެއް ޔަލްދާއަކަށް ނުވިސްނެއެވެ. އެހެން ނަމަވެސް ދުވަހެއް ދުވަހަކަށް އެ ގުޅުން ހީނަރު ވެގެން ދާ އިރު އެ ވާހަކަ ނުދައްކާ ނުހުރެވޭނެ ކަންވެސް ޔަލްދާއަށް އެނގެއެވެ.
އެކަމާ ޒިއާމްއާ ވާހަކަ ދައްކަން ޔަލްދާ ނިންމިއެވެ. އެހެން ނަމަވެސް ޒިއާމްމެން ގޭގައި އެ ވާހަކަ ދައްކާނެ ފުރުސަތެއް ޔަލްދާއަކަށް ނުލިބެއެވެ. ދެ މީހުން އެކަހެރިވެގެން ނޫނީ އެ ފަދަ ވާހަކައެއް ނުދެއްކެނެތީ ޔަލްދާ އެދުނީ ޔަލްދާމެން ގެއަށް ޒިއާމް އައުމަށެވެ.
“ކިހިނެއް ވީ؟” ޒިއާމްގެ އަތުގައި ހިފައިގެން ޔަލްދާގެ ކޮޓަރިއަށް ވަނުމުން ޒިއާމް އަހާލިއެވެ.
ޔަލްދާ އެއްޗެއް ނުބުނެ ޒިއާމް ގައިގައި ބައްދާލިއެވެ.
ޔަލްދާއާ އިތުރަށް ކައިރިވެލީ ޒިއާމްއެވެ. ބަހެއް ބުނުމެއް ނެތި އިރުކޮޅެއް ހޭދަވީ އެ ގޮތުގައެވެ.
“ޒިއާމް… އަހަރެން ބޭނުން ވާހަކައެއް ދައްކާލަން” ދައްކަން އުޅޭ ވާހަކައިގެ ގޮތުން ޔަލްދާ ހުރީ ޖެހިލުންވެފައެވެ.
ޒިއާމް ބޯ ޖަހާލަމުން ޔަލްދާގެ އާ އެކު އެނދުގައި އިށީނެވެ.
“ޒިއާމް… އަހަރުމެން މި އުޅެނީ މެރީ ކުރާކަށްނު؟” ޔަލްދާ ފެށިއެވެ.
“އާނ” ޔަލްދާ ފެށި ވާހަކައިން އުނދަގޫވެފައި އިނދެ ޒިއާމް ޔަލްދާގެ މޫނަށް ބަލާލިއެވެ.
“ޒިއާމް އަދިވެސް… ލޯބިވަނީ އޭނަ ދެކެ…” ލަސްލަހުން ޔަލްދާ ބުނެލިއެވެ.
“ޔަލް…” ޒިއާމްއަށް ޔަލްދާގެ ނަމުން ގޮވާލެވުނެވެ.
“އަހަރެން ޒިއާމް ކުށްވެރި ކުރަނީއެއް ނޫން. އެކަމާ ޝަކުވާ ކުރާކަށްވެސް ނޫން މިއުޅެނީ. އެކަމަކު… ޒިއާމްއަށް އެނގޭތަ މި ވީ ދުވަސްތަކުގަ ޒިއާމްއަށް އަހަންނަށް ދެވުނީ ކިހާ ވަގުތެއް ކަން؟ އަހަންނަށް ގުޅާލެވުނީ ކިތައް ފަހަރު ކަން؟ މެރީ ކުރަން އުޅޭ އިރު އަހަންނަށް ޔަގީނެއް ނުވޭ ޒިއާމްގެ ލައިފްގަ އަހަރެންގެ ޕްލޭސްއަކީ ކޮބާ ކަމެއް. އަހަންނަށް ހީވަނީ އަހަރެން އަންނަނީ ވަރަށް ގިނަ މީހުންގެ ފަހުންނޭ. ތީ އަހަރެންގެ ވާން އުޅޭ ފިރިމީހާއަށް ވާ އިރު ޒިއާމްގެ ލައިފްގަ މުހިންމު މީހަކަށް އަހަރެން ވާ ކަމަކަށް އަހަންނަކަށް އިހުސާސެއް ނުކުރެވޭ. އަހަރެން ބޭނުން ވާ ވަރަކަށް އަހަންނަކަށް ޒިއާމްގެ ވަގުތެއް އަދި ސަމާލުކަމެއްވެސް ނުލިބޭ. މި ވާހަކަތައް ދައްކަން ބޭނުން ވިޔަސް މި ވީ ކަންތަކަށް ފަހު އަހަރެން މަޑު ކުރިން. ހިތަށް އެރީ އެ ކަހަލަ ކަމެއް ދިމާ ވުމަށް ފަހު ކޮންމެ މީހަކަށްވެސް ވަގުތު ބޭނުން ވާނެޔޭ
އަހަންނަށް އެނގޭ ޒިއާމް ލޯބިވަނީ އެހެން އަންހެން ކުއްޖެއް ދެކެ ކަން. އެކަމާ އަހަރެން ޝަކުވާއެއް ނުކުރަން. އަހަންނަށް ވިސްނޭ އެއީ އެއްވެސް މީހެއްގެ ބާރު ހިނގާނެ ކަންތައްތަކެއް ނޫން ކަން. އެކަމަކު އަހަރެންވެސް ބޭނުން އަހަރެންގެ ލައިފްއަށް އަންނަ މީހަކު އަހަރެން ދެކެވެސް ލޯބި ވާން، އެޓްލީސްޓް ޓްރައި ކުރަން… ޒިއާމް އެހެން މީހެއް ދެކެ ލޯބި ވާކަން އެނގި ހުރެ އަހަރެން ޒިއާމްއާ މެރީ ކުރަން އާނއެކޭ ބުނީ، އަހަރެން ބޭނުން ވާތީ، އަހަރެން ލޯބި ވާތީ. އެކަމަކު ހޯޕްއެއް ނެތިއްޔާ އަހަރެން ކިހިނެއް ކުރިއަށް ދާނީ؟ ޒިއާމް ބުނެބަލަ އަހަރެން ހަދަން ވީ ގޮތެއް” ޔަލްދާ ބުނަން ބޭނުން ވި އެއްޗެއް ބުނެފައި ޒިއާމްއަށް ބަލާލިއެވެ.
“އައި ކާންޓް ހެލްޕް އިޓް…” ޒިއާމް ބުނެލީ ހަމައެކަނި އެހެންނެވެ.
ޔަލްދާ ލޯ މަރާލިއެވެ. ޒިއާމް އެ ބުނި ބަހުން ޔަލްދާއަށް ޔަގީން ވިއެވެ. ޒިއާމްގެ ހިތުން ޔަލްދާ ބޭނުން ވާ މަޤާމު ދުވަހަކުވެސް ނުލިބޭނެ ކަމެވެ. އެ ހިތުގައި އެހެން އަންހެން ކުއްޖަކަށް ދޭނެ ޖާގައެއް ނެތެވެ. އެ ހިތުގެ މައްޗަށް ޒިއާމްގެ ބާރެއް ނުވެއެވެ. އެ ހިތް މިލްކު ކޮށްފައިވަނީ އެހެން އަންހެން ކުއްޖެކެވެ.
ޒިއާމްގެ ހިތުން ޖާގައެއް ނުލިބޭނެ ނަމަ އެންމެ ރަނގަޅު ވާނީ ވަކިވުން ކަމުގައި އެ ވަގުތު ޔަލްދާ ނިންމިއެވެ. ދެރަ ވިޔަސް ޔަލްދާ އެދެނީ ޒިއާމް އުފަލުން ހުރުމެވެ. ޒިއާމްގެ ލޯބި ކާމިޔާބުވުމެވެ.
“މަސައްކަތް ކޮށްބަލަ ޒިއާމް!” ޔަލްދާ ބުނެލިއެވެ.
“އަހަރެން މަސައްކަތް ކުރީމޭ… ހަނދާން ނައްތާލަންވެސް މަސައްކަތް ކުރިން… ޔަލް ދެކެ ލޯބި ވާންވެސް މަސައްކަތް ކުރިން…” ޒިއާމް ބުނަން އުޅުނު އެއްޗެއް މެދު ކަނޑާލަމުން ޔަލްދާ ޒިއާމްގެ ނަމުން ގޮވާލިއެވެ.
ޒިއާމް އެއްޗެއް ނުބުނެ އިނީ ޒިއާމްއަކީ ޔަލްދާގެ ކުށްވެރިއެއް ކަން ވިސްނޭތީއެވެ. ޔަލްދާ ބުނާ ކޮންމެ އެއްޗެއް އަޑު އަހަން ޒިއާމް ހުރީ ތައްޔާރަށެވެ.
“ލޯބި ވަންޏާ ޓްރައި ކޮށްބަލަ ޒިއާމް، މަސައްކަތް ކޮށްގެން ކާމިޔާބު ވާނީ” ޔަލްދާގެ މޫނަށް ޒިއާމް ބަލާލީ ޔަލްދާ އެ ބުނި އެއްޗެއްގެ މާނަ ނުވިސްނިގެންނެވެ.
“ޒިއާމްއާ ޒިއާމްގެ ލޯތްބާ ދެމެދު ހުރަހަކަށް ވެގެން ހުންނާކަށް އަހަރެން ބޭނުމެއް ނޫން. ޒިއާމްއާ ދޭތެރޭ އަހަރެންގެ ހިތުގަ އެއްވެސް ބުރަ ކަމެއް ނެތް. އަހަންނަށް އެނގޭ ޒިއާމްއަށް އަހަރެން ދެކެ ލޯބި ނުވެވޭނެ ކަން. އެއަށް ވުރެ މާ ބޮޑަށް ޒިއާމް އޭނަ ދެކެ ލޯބި ވަނީ. އަހަރެން ޒިއާމް ހިފަހައްޓާކަށް ބޭނުމެއް ނޫން. އައި ވޯންޓް ޔޫ ޓު ބީ ހެޕީ. ޒިއާމް އޭނަ ދެކެ ލޯބި ވަންޏާ މަސައްކަތް ކުރޭ އޭނަގެ ހިތް ހޯދަން” ހިނިތުން ވެލަމުން ޔަލްދާ ޒިއާމްގެ އަތުގައި ހިފާލިއެވެ.
“ޔަލް…” ދެ ފަރާތަށް ބޯ ހަލުވާލަމުން ޒިއާމް އުޅުނީ ޔަލްދާގެ ނިންމުމާ ދެކޮޅަށް ވާހަކަ ދައްކާށެވެ. ޔަލްދާ އެ ބުނާ އެއްޗެއް ވިސްނުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.








Salaam. Here’s part 11. Part 12 on Thursday ❤️