ތިން ލަފްޒުން (20)
“ލަމް.. މިވަގުތު ސުހާންގެ ކަންތަކުގަ ވިސްނުމަށް ވުރެ މުހިންމީ މަންމަ ކައިރިއަށް ދިއުން.. ލަސްކުރެވޭ އެންމެ މިނެޓަކީވެސް ވަރަށް ބޮޑު އެއްޗެއް.. ލަމްގެ މަންމަ ހާލު އެހާ ސީރިއަސްއިރު ސުހާންކަހަލަ މީހަކަށް ވަގުތު ބޭކާރު ކުރުމުގެ ބޭނުމަކީ ކޮބާ.. ލަމް.. މެންދުރު ފުލައިޓުން ދާންވިނުން..” ވިޝާމް އެހެން ބުނެފައި ލަމްހާގެ މޫނަށް ބަލާލިއެވެ. ލަމްހާ އިސްޖެހިގޮތަށް އިރުކޮޅަކު ހުއްޓެވެ. ވިޝާމް އަނެއްކާވެސް ތަކުރާރު ކޮއްލުމުން ލަމްހާ ފުންނޭވާއެއް ލިއެވެ.
“އޯކޭ.. ވިޝާމް އަހަރެން ބަލާ އަންނާނަން ދޯ” އިސް އުފުލާލާފައި ލަމްހާ ބުނެލިއެވެ. ލަމްހާ ސުހާންއަށް އިތުބާރު ކުރިނަމަވެސް ވިޝާމް އެދެއްކި ވާހަކަތަށްވެސް ގަބޫލު ކުރަން އޭނާގެ ހިތް ބުނަމުން ދިޔައެވެ. ލުވޭޒާއާ މެދު ހާސްވެފައި އިންދާ މިކަހަލަ ބޮޑު ހަބަރެއް ލިބުމުން ލަމްހާގެ ސިކުނޑި ކޮށިވިއެވެ. ސުހާންގެ ފަރާތުން ހަގީގަތް އޮޅުން ފިލުވުމުގެ ބަދަލުގައި ވިޝާމްގެ ބަސްތަށް ގަބޫލު ކުރެވުނީ އެހެންވެއެވެ.
ވިޝާމް ލަމްހާގެ ގެއިން ނުކުތެވެ. ދޮރު ލައްޕާ ލެވުމާއެކު ވިޝާމްގެ ތުންފަތް މައްޗަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ. ދެޖީބަށް އަތް ޖަހާލާފައި ވިޝާމް ލިފްޓާ ދިމާއަށް މިސްރާބު ޖެހީ ހިތްހަމަ ޖެހި ހުރެއެވެ.
ވިޝާމް ދިއުމުން ނުރޯން ގަސްތުކޮށްގެން ހުރި ލަމްހާގެ ރުއިން ފަޅައިގެން ދިޔައެވެ. އަނގަ މަތީ އަތް އަޅާފައި ލަމްހާ އަށް ގިސްލެވެން ފެށުނެވެ. ސުހާން އޭނާއަށް އެހާ ބޮޑު ކެއްސެއް ދީފާނެ ކަމަކަށް ލަމްހާ އަކަށް ގަބޫލެއް ނުކުރެވުނެވެ. ލަމްހާ ސުހާންދެކެ ވީ ލޯބީގެ ބަދަލުގައި މިފަދަ އަގެއް ދޭނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. ކޮންމެ ދުވަހަކަ ސުހާން އިއްވަދޭ ލޯބިގެ ބަސްތަކަކީ މުޅިން ހިޔާލީ ދޮގުތަކެއްކަން ލަމްހާއަށް ދެނެގަނެވުމުން ލަމްހާ ރުޅިއައެވެ. މިވަގުތު އޭނާގެ ސިކުނޑި ހިތްވަރު ދިނީ ސުޙަންއާ ދެކޮޅަށެވެ.
ލަމްހާ ފޯނު ނަގާ ސުހާންގެ ނަންބަރަށް ފިއްތާލިއެވެ. ދެފަހަރަކު ރިންގުވެފައި ފޯނު ކެނޑިއްޖެއެވެ. ދެން ގުޅުމުންވެސް ރިންގުވެފައި ކެނޑުނީއެވެ. ތިންވަނަ ފަހަރަށް ގުޅީރު ފޯނު ނިއްވާލާފައިކަމަށް ބުންޏެވެ.
މީގެ ކުރިންވެސް ލަމްހާ ގުޅުމުން ސުހާން ފޯނެއް ކަނޑައެއް ނުލައެވެ. މީޓިންނެއްގައި ހުރި ނަމަވެސް އެންމެ ކުޑަމިނުން މެސެޖެއްވެސް ކޮއްލާނެއެވެ. ނަމަވެސް މިއަދު ސުހާން ކަންތަށް ކުރިގޮތުން ލަމްހާގެ ޝައްކު ޔަގީނާ ގާތްވާން ފެށިއެވެ. މަޑުމަޑުން ވިޝާމް ދެއްކި ވާހަކަތަށް އޭނައަށް ގަބޫލު ކުރެވިއްޖެއެވެ.
މީޓިން ނިމިގެން ސުހާން އޭނާގެ ކެބިންނަށް ދިޔައެވެ. ޖީބުން ފޯނު ނަގާ ބަލާލި އިރު ފޯނު އޮތީ ނިވިފައެވެ. ރޭގައި ފޯނު ޗާޖު ނުކުރެވުމުން ބެޓެރި ލޯވެފައެވެ. ސުހާން ޕިސް ޖަހާލާފައި ފޯނު މޭޒުމަތީގައި ބޭއްވިއެވެ. އޮފީހު ލައިނު ފޯނުން ލަމްހާއަށް ގުޅަން އުޅެނިކޮށް ލައިނު ފޯނު ރިންގުވިއެވެ.
“އައްސަލާމު އަލައިކުން..” ސުހާން މަޑުމައިތިރި ކޮށް ފޯނަށް ޖަވާބުދިނެވެ..
“މިއީ ވިޝާމް.. ބޭބެ ކިހިނެއްތަ؟” ވިޝާމް މަލާމަތުގެ ރާގަކަށް ބުނެލިއެވެ.
“އަހަރެންގެ ހާލު ބަލާ ވަރުގެ ގާތް މީހެއް ނޫން ތިއީ.. ކޮން ބޭނުމަކު ތިގުޅީ؟” ސުހާން ނުރުހުންވެފައި ބުނެލިއެވެ.
“ވަރަށް މުހިންމު ވާހަކައެއް ބުނަންވެގެން” ވިޝާމް ބުނެލިއެވެ.
“ތި ބުނަން އުޅޭ ވާހަކައެއް އަވަހަށް ބުނޭ.. އެހާ މުހިންމު ނޫނިއްޔާ ކޮންމެވެސް އެހެން އިރަކުން ގުޅާ” ސުހާން އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ބުނެލިއެވެ.
“މީގެ ދުވަސްކޮޅެއް ކުރިން މީހަކު ލަމްހާ ކިޑުނޭޕު ކުރިކަން އެނގޭ ދޯ” ވިޝާމް ބުނެލިއެވެ.
“އެނގޭ.. ދެން ކަލެއަށް ކީއް؟” ސުހާން ބުނެލިއެވެ.
“އެނގޭތަ އެއީ ކާކުގެ ކަމެއްކަން؟” ވިޝާމް ބުނެލިއެވެ.
“ކާކުގެ ކަމެއް އެއީ؟” އެރޭ މަތިން ހަނދާންވުމުން ސުހާންގެ ދެބުމަ ގޮށްޖެހުނެވެ. ލަމްހާއަށް އެހެން ހެދުމުގެ ފަހަތުގައި ވަނީ ކާކުކަމެއް އަދިވެސް ސުހާންއަކަށް ނޭނގެއެވެ. އެރޭ އަތުލައިގަތް ދެމީހުނަކަށްވެސް އެއީ ކާކުކަމެއް ނޭނގޭ ކަމަށް ބުނުމުން މިހާރު ވަނީ ދޫކޮއްލާފައެވެ.
“އެނގެން ބޭނުމިއްޔާ މިހާރު މަ ބުނާތާކަށް ދޭ” ވިޝާމް ބުނެލިއެވެ.
“ކޮންތާކަށް؟” ސުހާން ހުރީ އެއީ ކާކުކަމެއް ބަލަން ބޭނުންވެފައެވެ. އެމީހެއްގެ ފަރާތުން ބަދަލު ހިފަންވެގެންނެވެ.
ވިޝާމް ކެފޭއެއްގެ ނަން ބުނުމުން ސުހާން ފޯނާ ޕަވާ ބެންކު ހިފައިގެން ރޯޔަލް ގާނޑެންއިން ނުކުތެވެ. ލަމްހާގެ ފުލައިޓު ގަޑި އަދި ނުޖެހޭތީ ސުހާން ފުރަތަމަ ވިޝާމް ބުނި ތާކަށް ދާން ބޭނުންވިއެވެ.
ކެފޭ ކުރިމައްޗަށް ހުއްޓިފައި ސުހާން ފޯނު ހުޅުވާލިއެވެ. އޭރު ކޮންމެވެސް ވަރަކަށް ފޯނު ވަނީ ޗާޖުވެފައެވެ. ފޯނު ހުޅުވުމާއެކު ލަމްހާގެ މިސްކޯލުތަކާ ވިޝާމް ފޮނުވާފައި ހުރި ފޮޓޯތަކެއް ހުއްޓެވެ.
ވިޝާމް ފޮނުވާފައި ހުރި ފޮޓޯތަށް ހުޅުވާލިއިރު އެއީ ދެމީހެއްގެ ދެމެދު ކުރެވިފައިވާ މެސެޖު ތަކެކެވެ.
ސުހާން ރުޅިއައިސްގެން މޫނު ރަތްވިއެވެ. ބާރު ހިނގުމެއްގައި އޭނާ ކެފޭއަށް ވަނެވެ
ވިޝާމް ގުޅާފައި ކެފޭއިން ބައްދަލުވާން ބުނުމުން ސިއާއާއި ބެކާ އިނި އޭނާގެ އިންތިޒާރުގައެވެ.
“އޭނަ ރުފިޔާ ދިނީ ހަމައަށްތަ؟” ބެކާ އަހާލިއެވެ.
“އާން.. އަދި ބެކާއަށް ވީ ބައި އަހަރެން ފޮނުވާލާނަން.. މަ ހީކުރި ވަރަށް ވުރެވެސް ގަދަ މިހެއް އެއީ. މިހާ ކުޑަ ދުވަސްކޮޅެއް ތެރޭ އެދެމިހުން ދުރު ކޮއްލީއެ.. މިއަދު ލަމްހާ ފުރާނެޔޯ ރާއްޖެ ދާން. އޭރުން ދެން ސުހާން އަހަންނަށް ލިބޭކަށް މާގިނަ ދުވަހެއް ނެތް” ސިއާ ހުވަފެނީކޮށް ލޯމަރާލަމުން ބުނެލިއެވެ.
އޮލަ ވާހަކައިގައި ތިބި ދެއެކުވެރިން ސިހުނީ އެތަނަށް އައިސް ހުއްޓުނު ސުހާން ފެނިފައެވެ. އެއްވެސް އެއްޗެކޭ ނުބުނެ ސުހާން އެދެމީހުންގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީނެވެ.
“ސުހާން ސާރ..” ސިއާއާއި ބެކާ އެކަކު އަނެކަކު މޫނަށް ބަލާލަމުން ސުހާންއަށް ގޮވާލިއެވެ. ސުހާން ރުޅި ވެރި ނަޒަރަކުން އެދެމީހުނަށް ބަލާލާފައި ސުހާން އޭނާގެ ފޯނު މޭޒުމަތީ ބޭއްވިއެވެ.
“ސާރ.. ކިހިނެއް… މި ފޮޓޯ..” ސިއާއާއި ބެކާ ބިރުން އެކަކު އަނެކަކަށް ބަލާލެވުނެވެ.
‘ކޮބާ ބޭނުމަކީ؟” ސުހާން ދަތްކުޑި ވިކާލާފައި އަހާލިއެވެ.
“ސާރ.. މިއީ ފޭކު ފޮޓޯތަކެއް” ސިއާ ބުނެލިއެވެ.
“ލަމްހާއަށް އެވަރު ބޮޑު ކަމެއް ކުރުމުގެ ބޭނުމަކި ކޮބާހޭ؟؟” ސުހާންގެ އަޑު ކުރިއަށް ވުރެ ބާރުވިއެވެ.
“ސާރ..” ސިއާ ބިރުން ތުރު ތުރު އަޅައިގަތެވެ.
“އަހަރެން ހިއެއް ނުކުރަން ތިއީ ތިހާ ގޮތްކުޑަ ބައެއްކަމަށް.. އަންހެނަކަށް ވެހުރެ ލަމްހާއަށް އެހެން ހަދާކަށް ކަލެމެން ލަދެއް ނުގަނޭތަ..” ސުހާންގެ އަޑުގަދަ ކަމުން ކެފޭގައި ތިބި މީހުންތަށް ބަލަންފެށިއެވެ. ސުހާން ވާހަކަ ދެއްކީ އިނގިރޭސި ބަހުންކަމުން އެންމެނަށްވެސް އެކިޔާ އެއްޗެއް ސާފުވެއެވެ.
“މިއީ އަހަރެންނަށް ގަބޫލު ކުރެވޭ ވަރު ކަމެއް ނޫން.. މީގެ ފަހުން ތި ދެމީހުންކުރެ އެކަކުވެސް ރޯޔަލް ޑިނާއަށް ދާނެ ކަމެއް ނެތް.. ތިހިރީ ވަޒީފާއިންވެސް ވަކިކޮއްފަ.. އަހަރެންނަށް ރަނގަޅީ އަހަރެން ފެންނަ ހިސާބަށްވެސް ނައްޔާ” ސުހާން އެހެން ބުނެފައި އެތަނުން ނުކުތެވެ.
ކެފޭގައި ތިބި މިހުން ބަލާވަރުން ސިއާއާއި ބެކާ ލަދުން މަރުވާވަރު ވިއެވެ. މިހާރު ވިޑިއޯ ކޮއްފައި މީޑިއާއަށް ނުލާ ކަމެއްވެސް ނޭނގެއެވެ.
“ކިހިނެއް ސުހާންއަށް އެނގުނީ؟ ދެން ކިހިނެއް ހަދާނީ؟” ބެކާ ބުނެލިއެވެ.
“ވިޝާމްއަށް ނޫނިއްޔާ ކާކަށް މިކަންތަށް އެނގޭނީ” ސިއާ ތިރީ ތުންފަތް ހަފާލަމުން ބުނެލިއެވެ. އަދި ގޮނޑިން ތެދުވެގެން ސުހާންގެ ފަހަތުން ދުއްވައި ގަތެވެ. ނަމަވެސް ސިއާއަށް ނުކުމެވެން ވާއިރަށް ސުހާން ކާރަށް އަރާ ދުއްވަލާފިއެވެ.
ކާރުން ފޭބުމާއެކީ ވިޝާމް ކާރުގެ ޑިކީގައި ހުރި ލަމްހާގެ ފޮށިތައް ބާލުވައި ދިނެވެ. ލަމްހާ ކައިރީ ގޮނޑީގައި އިށިނުމަށް ބުނެފައި ދެން ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކޮއްދިނީ ވިޝާމްއެވެ. އެއްފަހަރާ އެތަށް ކަމެއް ދިމާވުމުން ލަމްހާގެ ހިތަށް ނުކުޅެދޭ ވަރުވިއެވެ. ލީންގެ އަތުގައި ހިފައިގެން ހުރި ލަމްހާ އިރު އިރުކޮޅާ ލޯ ފުހެލައެވެ. ލަމްހާ ރޯތީވެ ލީންވެސް އިނީ ކަންބޮޑުވެފައެވެ.
“މަންމާ.. ކޮބާ ސުހާންބެ؟” ލިން ލަމްހާގެ އަތުގައި ކޮއްޓާލަމުން ބުނެލިއެވެ.
“ލީން.. ސުހާންބެ ނުދާނެ އަހަރެމެންނާ އެކީ” ސުހާންގެ ވާހަކަ ދެއްކުމުން ލަމްހާ އިތުރަށް ދެރަވިއެވެ. ބޯޑިން ވާ ގަޑި ކުޑަތަންވަމުން ދިޔަވަރަކަށް ލަމްހާގެ ހިތް ބަރުވަމުންދެއެވެ. ދެންމެ ދެންމެވެސް ސުހާންއައިސް އޭނާގެ ނަމުން ގޮވާލާހެން ލަމްހާއަށް ހީވަމުން ދިޔައެވެ. އެފޮޓޯ ތަކަކީ އަސްލެއް ނުންކަމަށާ ވިޝާމް އެދެއްކި ހަގީގަތެއް ނެތް ވާހަކައެއްކަމަށް ސުހާންގެ ފަރާތުން އިވެން ބޭނުމެވެ.
“ލަމް.. ބޯޑިން ވާ ގަޑި ޖެހިއްޖެ.. ދެން ދޭ.. ލަމްގެ ބައްޕައަށާ އާއިލާ މީހުނަށް އަހަރެންގެ ސަލާމް ބުނާތި” ވިޝާމް ލަމްހާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ. ވިޝާމްގެ ތުންފަތްމަތީ ނުފިލާ ހިނިތުންވުމެއް ވެއެވެ. އޭނާ ހުރީ ވަރަށްވެސް އުފާ ވެފައެވެ. ލަމްހާ ދެރަވެފައި ހުރިތަން ފެނުމުން ހިތަށް ތަދުވި ނަމަވެސް އަމިއްލަ ނަފްސު ހަމަޖައްސާލީ މީގެ ފަހުން އޭނާ އަބަދުވެސް ލަމްހާ އުފާ ކޮއްދޭނެ ކަމަށް ބުނެދެމުންނެވެ.
ފުރާމީހުން ދާން ހާއްސަ ކޮއްފައި އޮންނަ ދޮރުންލާފައި ވަންނަމުން ލަމްހާއަށް އަދި އެއްފަހަރު ފަހަތަށް ބަލާލެވުނެވެ. މީހުން ތަކުގެ ތެރެރޭގައި ސުހާން ފެންނަން ހުރިތޯއެވެ. އެންމެ ފަހު ފަހަރަށް ނަމަވެސް އެ ސޫރަ ދެކިލުމަށެވެ.
ލިންގެ އަތުގައި ހިފާ ބާރު ކޮއްލިއިރު އަނެއްކާވެސް ލަމްހާގެ ލޮލުން ކަރުނަ ހިލުނެވެ.
ކާރަށް އަރާ ދުއްވާލާފައި ސުހާން ލަމްހާގެ ނަންބަރަށް ފިއްތާލިއެވެ. ނަމަވެސް އެކޮޅުން ފޯނެއް ނުނަގައެވެ. ގުޅޭ ސަރަހައްދުން ބޭރުގައި ވާކަމަށް ބުނުމުން ސުހާން ހައިރާންވިއެވެ. ދެވަނަ ފަހަރަށް ގުޅުމުން ލަމްހާގެ ފޯނު އޮތީ ނިއްވާލާފައެވެ.
ކާރުގެ ދުވެލި ބާރުކޮއްލަމުން ލަމްހާގެ ގެއާ ދިމާއަށް ސުހާން މިސްރާބު ޖެހިއެވެ. ގޭގެ ބެލްއަޅާ އަޅާވެސް މީހަކު ދޮރެއް ނުހުޅުވިއެވެ. ޖީބުގައި އޮތް ތަޅުދަނޑި ނަގާ ތަޅަށް ޖަހާލިއިރު އެ އަތުގައި މަޑު ތުރު ތުރެއް ވެއެވެ. ހާސްވެފައި ހުރުމުން ދޮރު ހުޅުވުންވެސް ސުހާންއަށްވީ ބޮޑު ކަމަކަށެވެ.
އެޕާޓުމެންޓުގެ ދޮރު ހުޅުވާލިއިރު ސުހާންއަށް ލިބުނީ ހައިރާން ކަމެކެވެ. ސިޓިން ރޫމުގައި އެކަކުވެސް ނެތުމުން ސުހާން ދުވެފައި ކަހަލަ ގޮތަކަށް ލަމްހާގެ ކޮޓަރިއަށް ދިޔައެވެ. އެތަނުގައި އެއްވެސް މީހަކު ނެތެވެ. ލަމްހާ ގެ އެއްވެސް އެއްޗެއް އެތަނަކު ނެތެވެ.
ސުހާންގެ ހިތަށް ގޮތް ނޭނގޭ ބިރެއް ވަނެވެ. ފޯނު ނަގާ ލަމްހާއަށް ގުޅަމުން ސުހާން ބޭރަށް ނުކުންނަށް އުޅެނިކޮށް ސޯފާ ކައިރީ ހުރި ކުޑަ މޭޒުމަތީ އޮތް ލަމްހާގެ އަނގޮޓި ފެނުނެވެ..
އަނގޮޓި މުށުތެރޭ ފިއްތާލަމުން ސުހާން ސޯފާގައި އިށީނެވެ. ލަމްހާ ހޯދަން ދާންވީ ވަކި ދިމާއެއް ނޭނގުމުން ސުހާންގެ ބޮލުގައި ރިއްސާލިއެވެ. އަދި އެއްފަހަރު ލަމްހާއަށް ގުޅާލަން ފޯނު ނެގިއެވެ. އެވަގުތު ފޯނަށް އައިސް އިން ލަމްހާގެ މެސެޖެއް ސުހާންއަށް ފެނުނެވެ.
“އަހަރެން ހީކުރި ކަހަލަ މިހަކަށް ސުހާން ނުވި.. ދިރިއުޅުން މަތިން ފޫހިވެފައި ވަނިކޮށް އަހަރެންނަށް ހިޔާލީ އެތަށް ކުލަތަކެއް ދައްކައި ދިނީ ސުހާން.. ފުރަތަމަ ފަހަރަށް އަހަރެންނަށް ލޯބި އިހްސާސް ކޮއްދިނިވެސް ސުހާން.. ހަމަ އެގޮތަށް އަހަރެންގެ ހިތާ ކުޅެލާފަ ހިތް ހަލާކު ކޮށް ލޯތްބަކީ ހަގީގަތެއް ނޫންކަން ދަސްކޮއްދިނީވެސް ސުހާން.. އަހަރެން ހޯދަން ނާންނާނެ ކަމަށް އުންމީދު ކުރަން.. ސުހާންއަށް އުފާވެރި ދިރިއުޅުމަކަށް އެދެން… އަލްވަދާއު”
ލަމްހާގެ މެސެޖު ކިޔާލުމަށް ފަހު ސުހާންގެ ބޮލަށް ތޫނު ތަދެއް އެރިއެވެ. ތުރު ތުރު އަޅަ އަޅާ ހުރި އޭނާގެ އަތުތެރެއިން ފޯނު ދޫވެގެން ވެއްޓުނެވެ. ބޮލުގައި އަތް އަޅާ އޭނާ ހަމަ ޖެހެން މަސައްކަތް ކުރިއެވެ. އެމެސެޖުގައި އޮތް އެއްޗެއް ސުހާންއަކަށް ނުވިސްނުނެވެ. ކުއްލިއަކަށް ލަމްހާ އޭނާދެކެ ރުޅިއައިސް އެފަދަ ބަހެއް ބުނަންވީ ސަބަބެއް ސުހާންއަކަށް ނުވިސްނުނެވެ. ލަމްހާ އޭނައާ ސަމާސާ ކުރަނީ ހެއްޔެވެ. ނަމަވެސް މިފަދަ ސަމާސާއެއް ކުރުމުގެ ބޭނުމަކީވެސް ކޮބާހެއްޔެވެ.
ސުހާން ބާރު ހިނގުމެއްގައިގޮސް ޕާކު ކޮއްފައިވާ އޭނާގެ ކާރަށް އެރިއެވެ. ބާރު ދުވެލީގައި ސުހާން ދުއްވާލީ އެއާޕޯޓާ ދިމާއަށެވެ. ދުވަމުން ކަހަލަ ގޮތަކަށް ސުހާން އެތަނަށް ވަނެވެ. މެންދުރުގެ ފުލައިޓު ނައްޓާލި ފަހުން އިރުކޮޅެއް ވުމުން އެތަނުގައި މިހުން ވަރަށް މަދެވެ.
“ސުހާން.. ކީއް މިތާ ކުރަނީ؟” އެއާޕޮޓުގައި މަސައްކަތްކުރާ ސުހާންގެ އެކުވެރިއަކަށް އޭނާ ފެނިގެން އަހާލިއެވެ.
“ރިކް.. އަހަންނަށް ކަމެއް ކޮއްދީދާނަންތަ.. މިއަދުގެ މެންދުރު ފުލައިޓުން ރާއްޖެ ދިޔަ މިހުންގެތެރޭގަ މީހަކު ނަން އިންތޯ ބަލާލެވިދާނެތަ” ސުހާން ރިކްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.
“އާން.. ކާކު ތިހޯދަނި؟” އޭނާ ބުނެލިއެވެ.
” އައިޝަތް ލަމްހާ ހަމްޒާ” ސުހާން ބުނެލިއެވެ. އެބަ އަންނަމޭ ބުނެ ރިކް ދުރަށް ހިނގައި ގަތެވެ. އިރުކޮޅަކުން އޭނާ އެނބުރި އައިސް ބުނި ޖުމަލައިން ސުހާން މާޔޫސްވިއެވެ.
ސުހާންއަށް އަންގާވެސް ނުލާ އެހެން ފުލައިޓަކުން ލަމްހާ ރާއްޖެ ދިއުމުން ސުހާން ހުރީ ވާނުވާގައެވެ. ކުއްލިއަކަށް ލަމްހާ އޭނައާ ރުޅިވުމުން ސުހާން ދެރަވިއެވެ. ރުޅިވާންވީ ސަބަބެއްވެސް ސުހާންއަކަށް އެނގެނީކީ ނޫނެވެ.
އެނބުރި ލަމްހާގެ ގެއަށް އައިސް ސުހާން ސޯފާގައި އިށީނެވެ. ބޮލުގައި އަތް އަޅާލާފައި ފުންނޭވާއެއް ދޫކޮއްލިއެވެ. ސުހާން މުޅިން މާޔޫސް ވެއްޖެއެވެ. ދުވަސްތަކަކަށްފަހު އެކަނިވެރިކަން އޭނާގެ ހަޔާތަށް އައިކަމުގެ ބިރު ހީވާން ފެށިއެވެ. ލަމްހާ އޭނަގެ ދިރިއުޅުމަށް އައުމުގެ ކުރިން އޭނާއަކީ ބޮޑު އެކަނިވެރިއެކެވެ. ލަމްހާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އޭނާގެ ހަޔާތަށް އުފާވެރިކަން ގެނެސްދިނެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ލިބެމުން ދިޔަ ހިތްހަމަ ޖެހުމާ އުފަވެރިކަން އަނެއްކާވެސް ބީވެއްޖެއެވެ. އެކަނިވެރިކަމާ އަނދިރިކަން އޭނާ ވަށާލާފިއެވެ. ދިރިއުޅުމަކީވެސް ހާދަ ހެއްވާ އެއްޗެކެވެ. ދުވަސްކޮޅަކު ހިޔާލީ ހުވަފެން ދައްކަ ދީފައި ހަގީގަތަށް ޙޭލައްވާލަނީ އެއްވެސް ރަހުމެއް ނެތިއެވެ. ތަގުދީރު މިކުޅެލި ސަމާސާއެއް ސުހާންއަކަށް އެއްގޮތަކަށްވެސް މަޖަލައެއް ނޫނެވެ.
ދުވަސްކޮޅެއް ފަސް…
“ސުހާން.. މީޓިން ފެށޭ ގަޑި ޖެހިއްޖެ” އާޒިމް ސުހާންގެ މޭޒުގައި ޖަހާލަމުން ބުނެލިއެވެ. މެޒުމަތީ ބޯއަޅާލައިގެން ނިދަފައި އޮތް ސުހާން ސިއްސައިގެންގޮސް ތެދުވިއެވެ.
“ރޭގަ ގެޔަކަށްވެސް ނުދަންދޯ” ސުހާން ލައިގެން ހުރީ އިއްޔެވެސް ލައިގެން ހުރި އެއްޗެހިކަމުން އާޒިމް އަހާލިއެވެ. ސުހާން އެއްޗެކޭ ނުބުނުމުން އާޒިމް ބޯހޫރާލިއެވެ.
ފަހަކަށް އައިސް ސުހާން މާ ރުޅިއައިސް ހުންނާތީ މީޓިންގައި އެންމެންވެސް ތިބީ ވަރަށް މަޑުންނެވެ. އެހެންޏާ ކުދި ކުދި ސަމާސާ ކުރާ ސުހާން މިޙާރު ހީވަނީ ރޮބޮޓެއް ހެނެވެ. ބުނަން ޖެހޭ މަދު ބަހެއް ފިޔަވާ އެހެން އެއްޗެއް ނުބުނެއެވެ. ސުހާން ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވިއްޖެ ނަމަ އެއްޗެހިވެސް ކިޔައެވެ.
ބޮސް ޖިންނި މޮޔަވީއޭވެސް ބައެއްމިހުން ކިޔައެވެ. އެހެން ނުބުނެވެންވީ ސަބަބެއް ނެތެވެ. ކުރީގެ ސުހާންއާއި މިހާރުގެ ސުހާން ރެޔާ ދުވާލުހާ ތަފާތެވެ. މިއަދުގެ މީޓިންވެސް ނިމިގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. ސުހާން ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވިގެން އެމީހާ އަށް ރޮވޭ ވަރަށް އެއްޗެހި ކިޔާލާފައި ސުހާން އެތަނުން ނުކުތެވެ. ބުނާނެ އެއްޗެއް ނޭނގިފައި އާޒިމްވެސް ސުހާން ފަހަތުން ނުކުތެވެ.
“ސުހާން.. ސުހާންއާ ބައްދަލު ކުރަން އެބަހުރި މީހަކު އައިސް” އޮފީހުގެ ބޮޑު ބިއްލޫރި ބިތުގެ ކައިރީ ސިނގިރޭޓެއް ބޯން ހުރި ސުހާންގެ ކައިރީ ހުއްޓިލަމުން އާޒިމް ބުނެލިއެވެ.
“ކާކު؟” ދުން ބޮޅެއް ބޭރު ކޮއްލަމުން ސުހާން އަހާލިއެވެ.
“ސިއާ ކިޔާ މީހެއް.. ބުނީ ވަރަށް މުހިންމު ވާހަކައެއް ދައްކާށޯ” އާޒިމް ބުނެލިއެވެ.
“ކޮންމެ ކޮންމެ މިހަކަށް އަހަރެންނާ ބައްދަލު ކުރަން އާދެވޭތަ.. ދެން އޭނަ އައިސްފިއްޔާ ސެކިއުރިޓީ މީހާ ކައިރީ ބުނޭ ބޭރުކުރާށޭ” ސުހާން ބުނެލިއެވެ.
“އޭނަ މިހާރު މިތަނަށް އައިސް އާދޭސް ކުރާތާ ދުވަސްކޮޅެއް ވެއްޖެ.. އެންމެ ފަހަރަކުވެސް އޭނަ ކިޔާ އެއްޗެއް އަޑު އަހާލަގަ” އާޒިމް ބުނެލިއެވެ. ނަމަވެސް ސުހާން އެއްޗެކޭ ނުބުނެއެވެ. ސުހާންގެ މޫނުމައްޗަށް އަރާފޭބި ކުލަވަރުން އޭނާ ރުޅިއައީކަން އެގުމުން އާޒިމް އިތުރަށް ސިއާގެ ވާހަކައެއް ނުދައްކައެވެ.
“މިރެއަށް އެޕޮއިންޓުމެންޓު ހައްދާފަ އިންނާނީ.. މިރޭ ކޮންމެހެންވެސް ދާންވާނެ.. ސުހާންގެ ތިބޮލަކަށް ތިވާގޮތެއްވެސް ވެއްޖޭނުން ބަލަން” އާޒިމް ބުނެލިއެވެ.
“އަހަރެން މިހާރު ރަނގަޅޭ.. މާބުރަކޮށް އުޅޭތީ ބޮލުގަ ރިއްސަނިއޭ” ސުހާން ބުނެލިއެވެ.
“ބޮލުގަ ރިހެޔެކޭ ކިޔާނެ ކަމެއްނެތް.. ރޭގަނޑު ހަމަ ނިދި ނުލިބޭއިރުވެސް އެހާވަރަށް ސޮގިރޭޓު ބޮއޭއެބަ.. މިއަދުގެވެސް ދެވަނަ ފޮށި ކަންނޭނގެ” އާޒިމް ބުނެލިއެވެ.
“އޯކޭ.. އަހަރެން ދާނަން މިރޭ.. މިހާރު ހުޅުމާލޭގަ އަޅާ މޯލްގެ ކަންތަށް ކިހިނެއް ދަނީ” ސުހާން ވާހަކަ ބަދަލު ކޮއްލިއެވެ.
“މިހާރު ބުލޫ ޕުރިންޓު ފައިނަލް ވެއްޖެ.. ރާނާ ގުރުޕެއްވެސް ހަމަ ޖެހިއްޖެ..” އާޒިމް ބުނެލިއެވެ.
“ސުހާން ދާންވާނެ އަހަރެންނާއެކު ރާއްޖެއަށް.. ފަހަރެއްގަ ލަމްހާއާ ބައްދަލުވެ ތިވެގެން އުޅޭ ގޮތެއްވެސް އެނގިދާނެއްނު” ލަމްހާގެ ނަން އިވުމުން ސުހާންގެ ހިތުގައި ރިއްސާލިއެވެ. ވަގުތުން މިހާގެ އަތްފައި ފިނިވިއެވެ. ލަމްހާގެ ހަބަރެއް ނުވާތީ ސުހާން ހުންނަނީ ގޮތް ހުސްވެފައެވެ. ލަމްހާ މަތިން ހަނދާން ވާވަރުން ދިރިއުޅެންވެސް ވަނީ ބޮޑު ވޭނަކަށެވެ. ދާ ކޮންމެ ތަނަކުން ލަމްހާ އަދި ލިންއާއެކު ހޭދަކުރެވިފައިވާ ވަގުތުތަށް ހަނދާން ވާތީ ސުހާން ދެރަވެއެވެ. މާޒީއަކީ އަނބުރާ ގެނޭވޭނެ އެއްޗެއް ނަމަ ސުހާން މިޙާރު އެތަށް ފަހަރަކު މާޒީ ބަދަލު ކުރަން އުޅުނީހެވެ.
އާޒިމްގެ އެދުމުގެ މަތިން ސުހާން އެރޭ ހޮސްޕިޓަލަށް ދިޔައެވެ. ސިކުނޑީގެ ޑޮކްޓަރަކަށް ދެއްކުމަށެވެ. ސިކުނޑީގެ ފެންކެކި ބޮލުގެ މެދުގައި ރިއްސާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކުރިން މިހާބޮޑަށް ނުރިހުނު ނަމަވެސް މިހާރު ކެތްކުރެވޭ ވަރަށް ވުރެ ތަދު ވެއެވެ. ބައެއްފަހަރު ހެޔަށް ގޮތްވާ ފަހަރުވެސް އާދެއެވެ.
“ސުހާން.. ދައްކަން މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް.. އަހަރެން ހެދި ބައެއް ޓެސްތުތަކުން ސުހާންގެ ސިކުނޑީގަ ކޮންމެވެސް އުނި ކަމެއް އުޅޭތީ ސްކޭން ކުރަން ބުނީ.. މިއޮތީ ސްކޭންގެ ނަތީޖާ.. ސުހާންގެ ސިކުނޑީގެ މެދުގަވަނީ ލޭގަނޑުވެފަ..” ޑޮކްޓަރު ކޮންމެ ލަފްޒެއްވެސް ސާފުވާގޮތަށް ބުނެލިއެވެ.
“ވަރަށް ނުރައްކާ ކަމެއްތަ މިއީ؟” ސުހާން އަހާލިއެވެ. ލޭ ގަނޑުވުމުން އެ ލޭކޮޅު ޓިއުމަރަށް ބަދަލުވެ ކެންސަރަށް ބަދަލުވާކަން އެއީ ސުހާންއަށް ނޭގޭ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ ފަހަރަކު އެއީ އެހާ ނުރައްކާ ކަމަކަށް ނުވެވެސް ދެއެވެ.
“ސިކުނޑީގެ މެދުގައި ލޭގަނޑުވުން މިއީ ނުރައްކާތެރި ކަމެއް.. އެ ލޭކޮޅު ޓިއުމަރަށް ބަދަލުވުމުގެ ކުރިން އޮޕެރޭސަން ކުރުން ބުއްދިވެރީ. ސިކުނޑީގަ ލޭ ގަނޑުވުމަކީ ބުރެއިން ސްޓުރޯކަށްވެސް މަގުފަހި ވާކަމެއް. މިދުވަސްކޮޅު ކަންކަމާ ވިސްނާ ބުރަކޮށް އުޅެންޔާ ސިކުނޑީގެ ޕުރެސަރު މައްޗަށްގޮސް ވަރަށް ސީރިއަސް ހާލަތަކަށް ހިނގައި ދާނެ” ޑޮކްޓަރު ބުނި ޖުމަލައިން ސުހާން މާޔޫސްވިއެވެ.
“މިވަގުތު އޮޕެރޭސަން ކުރުން ކުޑަކޮށް ދަތިވާނެ” ސުހާން ބުނެލިއެވެ.
“އަދި އެހާ ނުރައްކާ ނުވެދާނެ.. އެކަމު އަވަސްކުރުން ބުއްދިވެރީ” ޑޮކްޓަރު އެހެން ބުނުމުން ސުހާން ހޮސްޕިޓަލުން ނުކުތެވެ. މިވަގުތު އޮޕެރޭޝަން ކުރުމުން އޭނާ ހަވާލުވެފައިވާ ހުރިހާ ޕުރޮޖެކްޓުތަކާ ހަވާލު ވާނެ މީހަކު ނުހުންނާނެއެވެ. އޮފީހުގެ ކަންތަށް ހަމަޔަކަށް އަޅުވާފައި ނޫނީ އޮޕެރޭޝަން ކުރާކަށް ސުހާން ބޭނުމެއް ނުވިއެވެ.
ޑޮކްޓަރު ދީފައިވާ ބޭސް ކައިގެން މިވަގުތު ކޮންޓުރޯލް ކުރެވޭނެ ކަމަށް ޑަކްޓަރުވަނީ ބުނެފައެވެ
ލަމްހާ ރާއްޖެ ދިޔަފަހުން ދުވަސްކޮޅެއް ތެރޭ ލުވޭޒާވެސް ރަނގަޅުވިއެވެ. އެހާ ބޮޑުވަރު ނުވަނީސް ފަރުވާ ދެވުން އެއީ ލުވޭޒާގެ ނަސީބު ކަމަށް ޑަކުޓަރު ބުންޏެވެ.
ލުވޭޒާ ރަނގަޅު ވުމުންނާއި އަހަރުތަކަކަށްފަހު ލަމްހާ އާއި ލީން ގެއަށް އައުމުން އެންމެންވެސް ތިބީ ނުހަނު އުފާވެފައެވެ.
ގޭގެ ސިޓިން ރޫމުގައި ލަމްހާގެ އާއިލާ ތިބީ ވާހަކަ ދައްކާށެވެ. ލީންއާއި ލަޔާންގެ ދަރިފުޅު ނައުފަލް ވަރަށް ފޯރީގައި ސަކަރާތް ޖަހަމުން ދިޔައެވެ. އާއިލާއަށް އިތުރު ކުޑަކުއްޖަކު އައުމުން ހީވަނީ ދެއީދު އެއްފަހަރާ އައިސްގެން އުޅޭހެނެވެ.
ހަމްޒާއާއި ލަޔާން ވިޔަފާރީގެ ވާހަކަ ދައްކަން ތިބިއިރު ނައުރާ ލުވޭޒާ އަދި ލަމްހާ ތިބީ އެމީހުންގެ އަމިއްލަ ވާހަކައިގައެވެ.
“ލަމް.. ދެން ކޮންއިރަކުން މެރީކުރަނީ.. އެކަހަލަ ހިޔާލެއް ނުގެންގުޅެންތަ” ނައުރާ އަހާލިއެވެ. ކައިވެނީގެ ވާހަކަ ދެއްކުމުން ލަމްހާގެ މޫނު ފުސްވިއެވެ. ކުއްލިއަކަށް ސުހާންގެ މަތިން ހަނދާންވީއެވެ.
“އަދި ނުވިސްނަން” ލަމްހާ ހީލަމުން ބުނެލިއެވެ.
“ކޫބެކުން ނުފެނޭތަ ރަނގަޅު ކުއްޖެއް” ނައުރާ އަނެއްކާވެސް އަހާލިއެވެ.
“ހުމްމް.. އެބަ އަންނަން ފާހަނައަށް ގޮސްފަ” ލަމްހާ އެތަނުގައި ނުހުންނަން އަވަހަށް ތެދުވިއެވެ. ލޮލަށް ކަރުނަ ޖަމާވުމުގެ ކުރިން ލަމްހާ އަވަހަށް ސިޑިއާ ދިމާއަށް ހިނގައި ގަތެވެ. ލަމްހާއަށް އައި ބަދަލު ނައުރާއަށް ފާހަގަ ނުވިއަސް ލުވޭޒާއަށް ފާހަގަވިއެވެ.
ލަމްހާގެ ފަހަތުން ލުވޭޒާ ހިނގައި ގަތެވެ. ކޮޓަރިއަށް ވަދެވުމާއެކު ލަމްހާގެ ދެލޯ ފޫއްދުއްވާލާފައި ކަރުނަ ތިކިތަށް ފައިބައިގަތެވެ. ކުޑަދޮރު ކައިރީ ހުއްޓިފައި ލަމްހާ ބޭރަށް ބަލާލިއެވެ. އެންމެ ތަރިއެއްވެސް ނެތް އަނދިރި އުޑުމައްޗަށް ބަލަހައްޓައިގެން ހުރީރު ލަމްހާގެ ސިކުނޑީގައި އެނބުރެނީ ސުހާންގެ ހިޔާލުތަކެވެ. ދެމިހުން އެކުގައި ވޭތުކުރެވެނު އުފާވެރި ވަގުތު ތަކެވެ. ވޭތުވި ދުވަސްކޮޅުގައި ލަމްހާ ސުހާން މަތިން ވަރަށް ހަނދާންވިއެވެ. އެނބުރި ކޫބެކަށް ދާންވެސް އޭނާ ހިތް އެދެމުން ދިޔައެވެ. ނަމަވެސް ސުހާން އޭނައަށް ބޭވަފާތެރިވުމުން ލަމްހާ ހިތް އެކަމާ ހުރަސް އަޅަނީއެވެ. ސުހާންއަށް ފުރުސަތެއް ދޭން ހިތް އެދެމުން ދިޔަޔަސް އޭނާގެ ސިކުނޑި ސުޙާންމަތިން ހަނދާން ނައްތާލަން ބާރު އަޅަނީއެވެ.
ލަމްހާ ސުހާންގެ ހަނދާނުގައި ކުދިކުދިވެގެން ދާއިރު ސުހާން އޭނާ މަތިން ހަނދާން ވޭބާއޭ ލަމްހާ ހިތަށް އެރިއެވެ. ސުހާންގެ ގާތު ސިއާ ހުންނާނެ ކަން އެނގުމުން އެހިތް ކުދިކުދިވިއެވެ.
“ލަމްހާ.. ދަރިފުޅު ރޮނީތަ” ލަމްހާ ސިހުނީ ލުވޭޒާގެ އަޑަށެވެ.
“ނޫން.. ކިހިނެއްވީ؟” ލަމްހާ ލޯ ފުހެލަމުން ނޫންކަމަށް ހެދުނެވެ. ނަމަވެސް ލުވޭޒާއަށް އޭނާގެ ދަރިފުޅެއް ނޯޅެއެވެ. ލަމްހާއަކީ ދުވަހަކުވެސް އެކަހަލަ ކަންތަށް ހިއްސާކުރާ ކުއްޖެއް ނޫންކަމުން މިފަހަރުވެސް ނުބުނާނެކަން އޭނާއަށް އެނގެއެވެ.
“މަންމަ އަކަށް އޮޅުވައެއް ނުލެވޭނެ.. މަންމައަށް ފާހަގަ ކުރެވޭ ދަރިފުޅު ރާއްޖެ އައިފަހުން ހުންނަނީ ވަރަށް ދެރަވެފަކަން. ކޮންމެވެސް ކަމަކާ ވިސްނާ ކަމަކަށް ގެއްލިފަ ހުންނަކަން.. ކަމެއް ގޯސްކޮށް އުޅެނީތަ.. މަންމަ ގާތު ބުނެބަލަ” ލުވޭޒާ ވަރަށް ލޯބިން ލަމްހާގެ އަތުގައި ހިފާލިއެވެ.
“ނޫން.. ކަމެއްނުވެއޭ މަންމާ.. އަހަރެން މިދަނީ ލީންއަށް ކާންދޭން.. މަންމަ ލީން ނިންދަވާ ދޭނަން ދޯ.. އަހަރެން ބޭނުން ޔުސް ކައިރިއަށް ދާން” ލަމްހާ ބުނެލިއެވެ.
އަދި ލުވޭޒާ އިތުރަށް އެވާހަކަ ދައްކަ ފާނެތީ އަވަހަށް ދުރަށް ދިޔައެވެ. ލީންއަށް ކާންދީ ފެންވަރުވާ ރީތިކޮއްފައި ލުވޭޒާގެ ކޮޓަރިއަށް ގެންދިޔައެވެ. ލުވޭޒަ ލީން އުރާލައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. ލީންވެސް މާމަ ދޭކެ ވާ ލޯތްބެއްގެ ބޮޑުކަމުން ލުވޭޒާ ކައިރީ ވަރަށް ބަސްއަހައެވެ.
ލަމްހާ ރީތި ވެލައިގެން ޔުސްރާގެ ގެއަށް ދިޔައެވެ. ސަލާން ގޮވާލުމުން ޖަވާބު ދިނީ ޔުސްރާގެ ފިރިމީހާ އަނަސްއެވެ.
“ޔުސް އެބަ އޮތް ކޮޓަރީގަ” އަނަސްއަށް ލަމްހާ ފެނުމުން ހީލާފައި ބުނެލިއެވެ. ލަމްހާވެސް ހީލާފައި އެތެރެއަށް ވަނެވެ.
“ހައި ޔުސް ކިހިނެއްތަ؟” ލަމްހާ ކޮޓަރިއަށް ވަދެފައި ބުނެލިއެވެ. އެނދުމަތީ އިށީންދެ އިންދެ ބިސްކޮދެއް ކަމުން ޓީވީ ބަލަން އިން ޔުސްރާ ސިހުނެވެ.
“ލަމްމްމް.. ޔުސްރާ ކޮޅަށް ތެދުވެފައި ލަމްހާގެ ގައިގައި ބައްދައިގަތެވެ. ކޮންމެ ދުވަހަކު ފެންނަ އިރުވެސް މިގޮތަށް އުފަލުން އުޅޭތީ މީހުނަށް ހީވަނީ އަހަރުތަކަކަށް ފަހު ބައްދަލުވެގެން އުޅޭ ދެމީހުން ހެނެވެ.
“ކޯއްޗެއް ގެނައީ” ލަމްހާ ގެނައި ކޮތަލު ބަލާލަމުން ޔުސްރާ ބުނެލިއެވެ. ނަމަވެސް އޭގައި ހުރި މޭވާތަށް ފެނުމުން ޔުސްރާ ތުން އޫކޮއްލިއެވެ.
“ބިސްކޯދެއް ކަހަލަ އެއްޗެއް ގެނައި ނަމަ.. އަނަސްވެސް މޭވަ ކާންދޭވަރުން މިހާރު މޭވާމަތިން ފޫހި ވެއްޖެ.. ނޭނގެ މިހާރު ބަނޑުގަ ގަހެއް ނުފަޅާ ކަމެއްވެސް” ޔުސްރާ އެހެން ބުނުމުން ލަމްހާއަށް ހެވުނެވެ.
“ބަނޑު ބޮޑުއިރު މާބޮޑަށް ފޮނި އެއްޗެހި ކަންޏާމުން ވިހެއީމަ ހިކެން ވަރަށް އުނދަގޫ ވާނެ އިނގޭ.. ޔުސް ފަލަ ވެއްޖެއްޔާމުން އަނަސް އަނެއްކަ ޅަކުއްޖަކު ހޯދަން ހިނގައި ދާނެ” ލަމްހާ ބުނެލިއެވެ.
“ގޮސް ދާނެއްނު.. އަހަރެންވެސް ހިނގައި ދާނަމޭ ރީތި ބިޓެއް ހޯދަން” ޔުސްރާ އެހެން ބުނި ވަގުތު ޖޫސްތައްޓެއް ހިފައިގެން އަނަސް ކޮޓަރިއަށް ވަންނަނީއެވެ.
“މަގޭ ބޯ ކާއިރުވެސް ޔުސްގެ ތިބަނޑެއް ނުއެއް ފުރޭތަ.. ބަނޑުގެ ބަދަލުގަ ކަނޑެއްތަ އޮންނަނީ” އަނަސް ލަމްހާއަތަށް ޖޫސްތަށި ދީފައި ޔުސްރާގެ ކޮލުގައި ހިފާ ދަމާލިއެވެ. އަނަސްއާއި ޔުސްރާ އަދިވެސް އުޅެނީ ކުޑަކުދިން އުޅޭހެނެވެ. ފެންނަ މީހަކަށް އެއީ ދެމަފިރިންހެނެއް ހިއެއް ނުވާނެއެވެ.
އަނަސް އާއި ޔުސްރާ އުޅޭލެ ލޯބިކަމުން ލަމްހާ ސުހާން މަތިން ހަނދާންވިއެވެ. އެދެމީހުން އެއްވެއްޖެ ނަމަ ކޯޅެ ކޯޅުންތަކުގެ މަތިން ހަނދާންވިއެވެ. ވަގުތުން ލަމްހާގެ މޫނު މަތީވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ޔުސްރާގެ އިތުރުން އަނަސްއަށްވެސް ލަމްހާގެ ކުލަ ވެއްޓިފައިވާ މޫނު ފާހަގަވިއެވެ. ޔުސްރާ ލޮލުގެ އިޝާރާތުން ބޭރަށް ދާށޭ ބުނުމުން އަނަސް ދެއެކުވެރިންނަށް ވަގުތު ދީފައި ކޮޓަރިން ނުކުތެވެ.
“ލަމް.. ކޮން ކަމަކާ ތިވިސްނަނީ؟” ޔުސްރާ ލަމްހާގެ އަތް މަތީ އަތްބާއްވާލަމުން އަހާލިއެވެ.
“ނުވިސްނަން ކަމަކާ؟.. ” ލަމްހާ ގަދަކަމުން ހީލިއެވެ. އެ ފަނޑުން ހިނިތުންވުމުންވެސް ހިތާމައިގެ އަސަރު ފެންނަން ހުއްޓެވެ.
“ޔުސް.. އަހަރެން ދަނީ އިނގޭ.. މިހާރު ވަރަށް ލަސްވެސް ވެއްޖެ.. މާދަން އަންނާނަން” ޔުސްރާ އިތުރަށް އެއްޗެކޭ ބުނެދާނެތީ ލަމްހާ އަވަހަށް ބުނެލިއެވެ. ލަމްހާގެ ގޮތް ދޫނުކުރުން ފެނިފައި ޔުސްރާ ކުޑަކޮށް ނުރުހުނެވެ. ނަމަވެސް ލަމްހާ ރުޅިއައިސްދާނެތީ ޔުސްރާވެސް އެކަމަކާ އެއްޗެކޭ ނުބުނެއެވެ.
“އޯކޭ.. ބަލައިގެން ދައްޗޭ” ޔުސްރާ އެހެން ބުނުމުން ބޯޖަހާލާފައި ލަމްހާ އެގެއިން ނުކުތެވެ.
ހުޅުމާލޭ މަގުތަކުގައި ހިނގަމުން ލަމްހާ ދިޔައެވެ. އޭރު ތުނިކޮށް ވާރޭ ކަނި ޖަހަމުން ދިޔައެވެ. ވާރޭ ބޯކޮއްލުމުގެ ކުރިން ގެއަށްދާން ބޭނުންވެފައި ވީނަމަވެސް ލަމްހާ ހިނގަމުން ދިޔައީ އާދައިގެ ވަރަކަށެވެ. ރޭގަނޑު ލަސްވެފައި ވީނަމަވެސް މަގުތަކުގައި ދުއްވަމުން ދިޔަ އުޅަނދުތަކެއް މަދެއް ނުވެއެވެ. ކުއްލިއަކަށް ވާރޭ ކަނިތަށް ގިނަވެ ގަދަ ވަޔާއެކު ވާރޭ ބޯކޮއްލިއެވެ. ލަމްހާ ހިނގުން އަވަސް ކޮއްލަފައި އެތާ ކައިރި ފިހާރައެއްގެ އަސްކެނި ދަށަށް ވަނެވެ. ވާރޭ ތުނިކޮއްލަންދެން އެތަނުގައި މަޑުކޮއްލުމުގެ ނިޔަތުގައެވެ. ނަމަވެސް އިރުކޮޅެއް ވީއިރުވެސް ވާރޭ ތުންޏެއް ނުކުރިއެވެ. ކުރިއަށްވުރެ ބޯކޮއްލީއެވެ. ގިނައިރު މަގުގަ ހުންނަން ނުކެރިގެން ލަމްހާ ފޯނުނަގާ ޓެކްސީއަކަށް ގުލާލަން ނިންމިއެވެ. ޓެކްސީ ނަންބަރަށް ފިއްތާލަނިކޮށް ލަމްހާގެ ކުރިމައްޗަށް ވާގޮތަށް ހުއްޓުނީ ކަޅު ކުލައިގެ ކާރެކެވެ.
“ލަމް..” ކާރުގެ ބިއްލޫރި ގަނޑު ތިރި ކޮއްލަމުން ވިޝާމް ލަމްހާގެ ނަމުން ގޮވާލިއެވެ.
“ހެއި.. ” ލަމްހާވެސް ހީލިއެވެ.
“އަދިވެސް ހުންނަނީތަ.. އަރާބަލަ ކާރަށް އަހަރެން ގެންގޮސް ދޭނަން” ވިޝާމް ބުނެލިއެވެ. ލަމްހާ ދެހިޔާލެއް މަތީހުރެ އެންމެ ފަހުން ކާރަށް އެރިއެވެ.
“ކީއްތިކުރަނީ މިއޮތް ވިއްސާރާގަ މަގުމަތީގަ” ވިޝާމް ލަމްހާގެ އަތަށް ރުމާލެއް ދިއްކޮއްލަމުން ބުނެލިއެވެ.
“ޔުސްމެން ގެޔަށް ގޮސްފަ މިއަންނަނީ.. ދެން ވާރޭ ބޯކޮއްލިމަ އެތަނުގަ މަޑުކޮއްލީ” ލަމްހާ ބުނެލިއެވެ.
“އަހަރެންނަށް ގުޅާލިނަމަ..” ވިޝާމް ބުނެލިއެވެ. ނަމަވެސް ލަމްހާ އިތުރަށް ވާހަކަ ނުދައްކާ ރުމާލުން އޭނާގެ މޫނުގައި ހުރި ފެންތިކިތަށް ފުހެލިއެވެ.
ކާރު ދުއްވަމުން ދިޔައިރު ވިޝާމްއަކަށް މަގަކަށް ސަމާލުކަމެއް ނުދެވެއެވެ. އިރު އިރުކޮޅާ ލަމްހާއާ ދިމާއަށް އޭނާއަށް ބެލެއެވެ. ގިނައިން ފެނުނު ވަރަކަށް ލަމްހާ އިތުރަށް ރީތިވަމުން ދާކަކަމަށް ވިޝާމްއަށް ފާހަގަ ކުރެވުނެވެ.
ލަމްހާ އޭނައާށް ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރެވެމުން ދާއިރު ކެތްވަނީކީވެސް ނޫނެވެ. މިވަގުތުވެސް ލޯބިވާވަރު ހާމަކުރަން އޭނާ ހިތް އެދެމުން ދިޔައެވެ. ނަމަވެސް ލަމްހާ އޭނާގެ ލޯބި ގަބޫލު ނުކޮށްފާނެތީ ވިޝާމް ޖެހިލުންވިއެވެ.
ލަމްހާވެސް ވާހަކަ ނުދެއްކުމުން ގެއަށް ދެވެންދެންވެސް އެދެމެދަށް ވެރިވެފައި ވަނީ ހަމަ ހިމޭންކަމެވެ.
“ތެންކްސް.. ” ގެއާ ހަމައަށް ކާރު ހުއްޓުމުން ލަމްހާ ފޭބިއެވެ.
“އެނީ ޓައިމް” ވިޝާމްވެސް ހަނާ އަޅާލަމުން ހީލިއެވެ.
ލަމްހާ ގެއަށް ވަތްއިރު ހަމްޒާ އިނީ ސޯފާގައެވެ. ހަމްޒާގެ ކައިރީ އިން ލުވޭޒާ ލަމްހާ އާދިމާއަށް ބަލާލަމުން ބުނެލިއެވެ.
“ދަރިފުލާ ކޮންތާކުން ތިއައީ.. ހާދަ ލަސްވެއްޖެއޭ މިހާރު” ލުވޭޒާ ކަންބޮޑުވެފައި ހުރުމުން ލަމްހާ ހީލަމުން މަންމަ ގާތު އިށީނެވެ.
“ވާރޭ ދަށުވިއްޔޭ.. އެހެން ނޫނަސް އަހަރެން މިއީ މިހާރު ކުޑަ ކުއްޖެއް ނުނޭ” ލަމްހާ ބުނެލިއެވެ.
“ދަރިފުޅު އަދިވެސް ވިޝާމްއާ ވާހަކަ ދައްކަންތަ؟” ހަމްޒާ އަހާލިއެވެ. ލަމްހާ ހީކުރިގޮތާ ހިލާފަށް މިހާރު ހަމްޒާ ލަމްހާއާ ވާހަކަ ދައްކަނީ ވަރަށް ރީތިކޮށެވެ. ކުރިން އައިސްފައި އެހުންނަ ރުޅިގަނޑެއް މިހާރަކު ނެތެވެ. މައިންބަފައިންނަށް ދަރިންދެކެ ރުޅިއައިސްގެނެ ގިނަދުވަހަކު ނުތިބެވޭނެއެވެ.
“އަނެހެން ނުދައްކަން.. ވަރަށް މަދު މަދުން.. ކިހިނެއްވީ ބައްޕާ؟” ލަމްހާ އަހާލިއެވެ.
“ކަމެއް ނުވޭ ހަމަ ބާލާލީ.. ވިޝާމް ވަރަށް ގިނައިން ބައްޕަގެ އޮފީހަށް އާދޭ.. އަބަދުވެސް ދަރިފުޅުގެ ވާހަ ދައްކާނެ.. އެހެންވެ” ހަމްޒާ ބުނެލިއެވެ.
“އަޅުގަނޑު މިދަނީ ނިދަން.. މަންމަމެންވެސް ދެން ދޭ ނިދަން.. މިހާރު ވަރަށް ލަސްވެއްޖެ އޭނުން” ލަމްހާ ސޯފާއިން ތެދުވަމުން ބުނެލިއެވެ.
ޖެހިގެން އައި ދުވަހެވެ. ފައިލުތަކެއް ބަލަން އިން ހަމްޒާ ސިހުނީ އޭނާގެ ކެބިންގައި މީހަކު ޓަކި ޖަހާލުމުންނެވެ. ފައިލު ލައްޕާލަމުން ހަމްޒާ އެތެރެއަށް ވަނުމަށް ބުނެލިއެވެ.
“ބޭބޭ.. ހާދަ ބިޒީ ކޮއްލައިގެން ތިއުޅެނީ” ކެބިންގެ ދޮރު ހުޅުވާފައި ވަތް ވިޝާމް ބުނެލިއެވެ.
“ނުނޭ.. ބިޒީއެއް ނޫން.. ކަމަކުތަ؟” ހަމްޒާ ބުނެލިއެވެ.
“ނޫން.. ހަމަ ހާލު ބަލާލަން. އަން.. މިއޮތީ ބައްޕަ ބޭބެއަށް ދޭށޭ ބުނެފައި ދިން ކުޑަ ހަދިޔާއެއް” ވިޝާމް ބޮޑު ކަރުދާސް ކޮތަޅު ދިއްކޮއްލަމުން ބުނެލިއެވެ.
“ބޭބެއަށް ހީވާ އެއްޗެއް ބުނަންތަ.. ވިޝާމް ކޮންމެ ދުވަހަކު އަހަރެންނާ ބައްދަލު ކުރަން އައުމުގެ ކޮންމެވެސް ބޭނުމެއް އޮންނާނެ.. ދެން ބުނަންވީނުން” ހަމްޒާ އެއްކަނަވާއިން ހީލަމުން ބުނެލިއެވެ.
“ހެހެ.. ނޫނޭ އެހެނެއް ނޫން.. އެކަމު އަޅުގަނޑު ކުޑަ ވާހަކައެއް ބުނަން ބޭނުން” ވިޝާމް ފުންނޭވާއެއް ލަމުން ބުނެލިއެވެ.
“ކޮން ވާހަކައެއް؟” ހަމްޒާ އަހާލިއެވެ.
“އަޅުގަނޑު ބޭނުން ލަމްހާއާ ކައިވެނި ކުރަން.”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Wow Maasha Allah v reethi mi part vx
Stay safe n Tc
Thank you M@L@@N@ ❤️❤️❤️
you too stay safe ???