Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިން ލަފްޒުން (21)

Dheem&Eekku Level 410 Stories100 Login500 Login
November 25, 2020 10 Mins Read
4 Comments

“ބޭބެއަށް ހީވާ އެއްޗެއް ބުނަންތަ.. ވިޝާމް ކޮންމެ ދުވަހަކު އަހަރެންނާ ބައްދަލު ކުރަން އައުމުގެ ކޮންމެވެސް ބޭނުމެއް އޮންނާނެ.. ދެން ބުނަންވީނުން” ހަމްޒާ އެއްކަނަވާއިން ހީލަމުން ބުނެލިއެވެ.

“ހެހެ.. ނޫނޭ އެހެނެއް ނޫން.. އެކަމު އަޅުގަނޑު ކުޑަ ވާހަކައެއް ބުނަން ބޭނުން” ވިޝާމް ފުންނޭވާއެއް ލަމުން ބުނެލިއެވެ.

“ކޮން ވާހަކައެއް؟” ހަމްޒާ އަހާލިއެވެ.

“އަޅުގަނޑު ބޭނުން ލަމްހާއާ ކައިވެނި ކުރަން.” ވިޝާމް ބުނެލިއެވެ.

****

“އަހަންނަށް ހީވީ ހަމަ ރަނގަޅަށް.. ވިޝާމް ކޮންމެ ދުވަހަކު އަހަންނާ ބައްދަލު ކުރަން އަންނާތީ ތިކަހަލަ އެއްޗެއް ހީވިއޭ..” ހަމްޒާ ބުނެލިއެވެ.

“އަޅުގަނޑު ލަމްހާދެކެ ވަރަށް ލޯބިވޭ” ވިޝާމް ބުނެލިއެވެ.

“ވިޝާމް ލަމްހާދެކެ ތިހާ ވަރަށް ލޯބި ވާނަމަ ކީއްވެ ކުރިން ލަމްހާއާ ނީނީ.. މިހާރުވެސް އެއީ ހަމަ އެ ލަމްހާ.. ދަރިއެއްގެ މަންމައެއް” ހަމްޒާ ކުޑަކޮށް ނުރުހުނެވެ.

“އެދުވަހު އަޅުގަނޑަށް މަންމަމެންގެ ބަސް ގަބޫލު ކުރެވުނީ.. އެދުވަހު އަހަރެން ހުރީ ވަރަށް ބޮޑު ޝޮކެއްގަ.. އެކަމު ފަހުން އަޅުގަނޑަށް ކަންތައްތަށް ވިސްނުނު އިރު މާލަސްވެއްޖެ” ވިޝާމް ބުނެލިއެވެ.

“ތިއީ އަހަރެންނާ ބެހޭ ކަމެއްނޫން.. އެކަމު އަހަރެން މިކައިވެންޏާ ގަބޫލެއް ނޫން.. ލަމްހާވެސް މިކަމަކާ ގަބޫލު ވާނެހެނެއް ހިއެއް ނުވޭ” ހަމްޒާ އެހެން ބުނުމުން ވިޝާމް އިސްޖަހާލިއެވެ.

“އަޅުގަނޑަށް އޭރު ކުރެވުނު ކުށް ގަބޫލު ކުރަން.. އަޅުގަނޑުގެ ސަބަބުން ބޭބެގެ އާއިލާގެ އަގު ވެއްޓުނުކަންވެސް އެނގޭ.. އެކަމު އަޅުގަނޑު ލަމްހާދެކެ ވާ ލޯބި ސާބިތު ކޮއްދޭން ބޭނުން” ވިޝާމް ބުނެލިއެވެ.

“ވިޝާމް.. ތިދެކުދީން ދެން ކައިވެނި ކޮއްފިނަމަ ދެއާއިލާގެ އަގުވެސް ވެއްޓޭނެ. ވިޝާމްގެ ކުރީގެ އަނބި މީހާ ހަނާއަކި އަހަރެންގެ ބޭބެގެ ދަރިއެއް.. ވިޝާމް ލަމްހާދެކެ ލޮބިވެޔޭ ކިޔާފަ އަހަރެންގެ އާއިލާގަ މައްސަލަ ޖައްސާކަށް ބޭނުމެއް ނޫން” ހަމްޒާ ބުނެލިއެވެ.

“ބޭބޭ.. އަހަންނަށް އެންމެ ފުރުސަތެއް ދީ.. ހަމަ އެންމެ ފުރުސަތެއް.. އަހަރެން އަހަރެންގެ ހުރިހާ މުދާތަކެއް ބޭބެގެ ނަންމައްޗަށް ބަދަލުކޮއްފިން.. ލަމްހާ ނުލިބޭނެ ނަމަ މި މުދާތަކެއް އަހަރެން ބޭނުމެއް ނޫން” ވިޝާމްގެ ޖުމްލަ އިވިފައި ހަމްޒާގެ ދެލޯ ބޮޑުވިއެވެ.

ހަމްޒާގެ މޫނަށް އައި ބަދަލު ފެނުމުން ވިޝާމް އޭނާގެ ދަބަހުން ފައިލެއް ނެގިއެވެ. އަދި އެފައިލު ހަމްޒާއަށް ދިއްކޮއްލިއެވެ.

“ގަބޫލު ނުކުރެވެންޏާ މި ފައިލު ބަލާލާ.. އަހަރެންގެ ހުރިހާ އެއްޗެއް މިހާރު އޮންނާނި ބޭބެގެ ނަންމައްޗަށް ރަޖިސްޓުރީ ކޮއްފަ” ވިޝާމް ބުނެލިއެވެ.

ފައިލުގައިވާ ލިޔުންތަށް ކިޔާފައި ހަމްޒާ ދެލޯ އިތުރަށް ބޮޑުވިއެވެ. އަހްމަދުގެ ވިޔަފާރީގެ ދެބައިކުޅެ އެއްބަޔަކީ ވިޝާމްގެ އެއްޗެކެވެ. މިޙާރު އެ ހުރިހާ އެއްޗެއް އޮތީ ހަމްޒާގެ ނަމުގަ މަތީގައެވެ.

“ވިޝާމް.. ބޭބެ މިކަމާ ވިސްނާލަން ވަގުތު ކޮޅެއްދީ” ހަމްޒާގެ ރާގު ވަގުތުން ބަދަލުވެގެން ދިޔައެވެ.

“ބޭބެ ލަމްހާއަށް ވިސްނަ ދޭނެ ކަމަށް އުންމީދު ކުރަން” ވިޝާމް ހަމަ ޖެހުމުގެ ނޭވާއެއް ލުމަށްފަހު ބުނެލިއެވެ.

ކާރަށް އަރާފައި ވިޝާމް ފުންނޭވާއެއް ލިއެވެ. އެއާއެކު ކާރުތެރޭގައި ގުގުމާލި ވިޝާމްގެ ހުނުމުގެ އަޑެވެ. ހަމްޒާ ކަންތަށް ކުރި ގޮތުން ވިޝާމް ހުރީ ހިނިގަނޑު މަތަ ކޮއްލައިގެނެވެ. ފުރަތަމަ އެވާހަ ދެއްކުމުން ދަރިންގެ ނިންމުންތަކަށް ކަމޭހިތާ ރަނގަޅު ބައްޕައެއް ފަދައިން ވާހަކަ ދެއްކި ނަމަވެސް ލާރިއާ މުއްސަނދިކަމުގެ ކުރިމަތީގައި އަސްލު ސިފަ ފެނިގެން ދިޔައީ މަދު ސިކުންތު ކޮޅެއް ތެރޭގައެވެ. ލާރިއަށްޓަކައި ކޮންމެފަދަ ކަމެއް ކުރުމަކީވެސް ބައެއް އިންސާނުންގެ ހުންނަ ސިފައެކެވެ.

 

އެދުވަހު ހަމްޒާ ގެއަށް ދިއުމާއެކީ ލަމްހާގެ ކޮޓަރިއަށް ވަނެވެ. ލީން ރީތި ކުރަން އިން ލަމްހާއަށް ގޮވާލާފައި އައުމަށް ބުނެލިއެވެ.

“ކިހިނެއްވީ ބައްޕާ؟” ލަމްހާ ސިޓިން ރޫމަށް ފޭބިއިރު ލުވޭޒާއާއި ހަމްޒާ އަދި ލަޔާންވެސް އެތަނުގައި ތިއްބެވެ.

“އިށީންދެބަލަ” ހަމްޒާ ބުނެލިއެވެ.

“ދަރިފުޅު މީހަކާ އިންނާނި ކޮންދުވަހަކުން؟” ހަމްޒާ އަހާލިއެވެ. ކުއްލިއަކަށް ބައްޕަ ކައިވެނީގެ ވާހަކަ ދެއްކުމުން ލަމްހާ ހިތް ނުތަނަވަސްވިއެވެ. އަނެއްކާވެސް މަޖުބޫރު ކައިވެންޏެއް ކުރުވަން އުޅޭކަމުގެ އިހްސާސެއް ވުމުންނެވެ.

“އަދި ނުވިސްނަން” ލަމްހާ ބުނެލިއެވެ.

“މީހުނާ ނީންދެ އަބަދަކު ތިހެނެއް ނުހުރެވޭނެއްނު.. އެއީ ރަނގަޅު ކަމެއް ނޫން.. ބައްޕައަށް ފެންނަނީ ދަރިފުޅު ވިޝާމްއާ ކައިވެނި ކުރަން..” ހަމްޒާ އެހެން ބުނުމުން ލަމްހާ ސިހިފައި ފަހަރަކު މީހަކު މޫނަށް ބަލާލެވުނެވެ. ލުވޭޒާއާއި ލަޔާންގެ މޫނުމަތިން ތަފާތު ކަމެއް ނުފެނުމުން އެމީހުންނަށްވެސް މިކަން އެނގޭކަން ލަމްހާއަށް އެނގުނެވެ.

“ވިޝާމް އާ ކައިވެނި ކުރާށޭ؟” ލަމްހާއަށް އަހާލެވުނެވެ.

“އާން.. ވިޝާމް ދަރިފުޅުދެކެ ވަރަށް ލޯބިވޭ.. ކޮންމެ ދުވަހަކު ބައްޕަގެ ކައިރީ އެހެން ކިޔާފަ އާދޭސް ކުރޭ.. ވިޝާމް އަށްވުރެ ބޮޑަށް ދަރިފުޅު ދެކެ ލޯބިވާނެ އެހެންމީހަކު ނުލިބޭނެ.. ލީންއަށްވެސް ބައްޕައެއްގެ ލޯބި އެންމެ ބޮޑަށް ދެވޭނީ ވިޝާމްއަށް” ހަމްޒާ ބުނެލިއެވެ.

“ބައްޕާ.. އޭރުން ހަނާއޯ.. ހަމްދާދުބެވެސް ކިހާ ހިތްހަމަ ނުޖެހޭނެ.” ލަމްހާ ބުނެލިއެވެ.

“އެމީހުނަށް ވިސްނޭނެ.. އެހެން ނޫނަސް އެއީ އެމިހުނާ ބެހޭ ކަމެއް ނޫން.. ތިދެކުދީން އެކަކު އަނެކަކު ދެކެ ލޯބިވަންނާ އެ ނިމުނީ” ހަމްޒާ ބުނެލިއެވެ.

“ބައްޕާ.. އަހަރެން ވިޝާމްދެކެ ލޯތްބެއް ނުވޭ.. އަހަރެން ބޭނުމެއް ނޫން” ލަމްހާ ބުނެލިއެވެ.

“ލަމްހާ ކީއްވެތަ ގޮތް ދޫނުކުރަނީ.. މިހާރު ތިއީ ކުޑަ ކުއްޖެއް ނޫން.. ލީންއާ ދޭތެރޭ ވިސްނާލަބަލަ. ބައްޕައަކާ ނުލާ އެކުއްޖާ އެބޮޑުވަނީ.. ލަމްހާ ބޭނުންވި ގޮތަށް މީގެ ހަތަރު އަހަރު ކުރިން ހުރިހާ ކަމެއްވެސް ކޮއްދިނިން. އޭގެ ބަދަލުގަ ބައްޕަ ބުނީތިވެސް ވިޝާމްއާ ކައިވެނިކުރަން އެއްބަސްވޭ” ހަމްޒާ ބުނެލިއެވެ.

“ލަމްހާ އެކަމާ ވިސްނާލަން ވަގުތު ކޮޅެއްދީ.. ލަމްހާ ދެން ދޭ އެތެރެއަށް” ލުވޭޒާ ބުނެލިއެވެ. ލުވޭޒާ އެހެން ބުނުމުން ލަމްހާ އެންމެ ހިނދު ކޮޅަކަށްވެސް މަޑު ނުކޮށް މައްޗަށް އެރިއެވެ.

“ލަމްހާ..” ލުވޭޒާ ކޮޓަރިއަށް ވަންނަމުން ގޮވާލިއެވެ.

“މަންމަވެސް ބޭނުންވަނީ އަހަރެން ވިޝާމްއާ އިންނަންތަ؟” ލަމްހާ އަހާލިއެވެ.

“އާން ދަރިފުޅާ.. މިފަހަރު ބައްޕަ ބުނާގޮތް ހަދާ.. މަންމައަށްވެސް ހީވަނީ ވިޝާމް ދަރިފުޅުދެކެ ވަރަށް ލޯބިވޭހެން.. ދަރިފުޅު މިކާމާ ރަނގަޅަށް ވިސްނާނެ ކަމަށް މަންމަ އުންމީދުކުރަން” ލުވޭޒާ އެހެން ބުނެފައި ކޮޓަރިން ނުކުތެވެ.

ލުވޭޒާވެސް ހަމްޒާއާ އެއްކޮޅަށް ހުރުމުން ލަމްހާ މާޔޫސްވިއެވެ.  އެރޭގެ ނިދިން ލަމްހާ ވަނީ މަހްރޫމް ވެފައެވެ. ދެފަރާތަށް ފުރޮޅިލަ ފުރޮޅިލަ ލަމްހާ އޮތެވެ. އެންމެ ފަހުން ފޯނުގައި ހުރި ފޮޓޯ އަލްބަމަށް ފިއްތާލިއެވެ. އަލްބަމުގައި ފުރިފައި އޮތީ ލީން އާއި ސުހާންއާއެކު ނަގާފައި ހުރި ފޮޓޯތަކެވެ. ސުހާންއާ ރުޅިވި ފަހުންވެސް އެފޮޓޯތަށް ފުހެލުމުގެ ހިތްވަރެއް ލަމްހާއަކަށް ނުލިބުނެވެ. ނުނިދިގެން އުޅޭ ކޮންމެ ރެއެއްގައިވެސް އެފޮޓޯތަށް ބެލުމަކީ މިހާރު ލަމްހާގެ އާދައެކެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައިރު ސުހާންގެ އެތަށް ހިޔާލުތަކެއް ހަނދާން ވަމުން ދިޔައެވެ. ސުހާން ލަމްހާއަށް ދެރަގޮތެއް ނަހަދާނެ ކަމަށް އޭނާގެ ސިކުނޑީގެ ކޮންމެވެސް ހިސާބެއް ވިސްނަދޭ އިރުވެސް ލަމްހާ ވިޝާމްގެ ބަސްތަށް ގަބޫލު ކުރެވެނީ ކީއްވެ ކަމެއް ނޭނގެއެވެ.

ކޮންމެ އިންސާނަކީވެސް ފުރިހަމަ ބަޔަކަށް ނުވާއިރު ސުހާންއަށް އެކުރެވުނު ކުށަށް މާފްކޮށް އިތުރު ފުރުސަތެއް ދޭން ޖެހޭނެ ކަންވެސް އޭނާއަށް އިނގެއެވެ. ނަމަވެސް ލަމްހާ ރާއްޖެ އައުމަށްފަހު ސުހާން އޭނާ ކޮބާތޯވެސް ބަލާ ނުލާތީ ލަމްހާ ދެރަވިއެވެ. ސުހާން ލަމްހާ ދެކެ ލޯބި ވާނަމަ އޭނާ ހޯދަން އަންނާނެ ނޫން ހެއްޔެވެ. ލަމްހާއަށް އެރޭ ނިދުނީ ސުހާންގެ ހަނދާނުގައި ރޯލަ ރޯލާ އޮށްވައެވެ.

އާދައިގެ މަތިން މިއަދުވެސް ލަމްހާ ޔުސްރާގެ ގާތަށް ދިޔައެވެ.

“ޔުސް.. އަހަރެން މިއުޅެނީ ވިޝާމްއާ ކައިވެނި ކުރަން” ލަމްހާ ބުނެލި ޖުމްލައިން ޔުސްރާ ދިރުވާލަން އުޅުނު ޖޫސްފޮދު ނުދިރި ކޮށިއެރިއެވެ.

“ކިކޭ؟ ވިޝާމްއާއޭ؟ ދެން ސުހާންއޯ” ޔުސްރާ ކެއްސަމުން ބުނެލިއެވެ.

“އަހަރެން ސުހާންއާ ދޭތެރޭ ވިސްނާކަށް ބޭނުމެއް ނޫން.. މަންމަވެސް އަދި ބައްޕަވެސް ބޭނުންވަނީ އަހަރެން އަވަހަށް މީހަކާ އިންނަން.. އަބަދަކު މިހެނެއް ނުހުރެވޭނެއްނު” ލަމްހާ ބުނެލިއެވެ.

“އާން އަބަދު ތިހެނެއް ނުހުރެވޭނެ.. އެކަމު ވިޝާމްއާ ކައިވެނި ކުރުމަކީ ރަނގަޅު ގޮތެއް ނޫން..” ޔުސްރާ އޭނާގެ ހިޔާލު ފާޅު ކުރިއެވެ.

“އަހަރެންނަށް ހީވަނި މިއީ އެންމެ ރަނގަޅު ގޮތްހެން.. ބައްޕަވެސް އަހަރެން ކައިރީ އެހާވަރަށް އާދޭސްކުރި.. މިފަހަރު ބައްޕަގެ ބަސް ގަބޫލުކުރަން އަހަރެން ބޭނުން.. އަނެއްކާ ބައްޕައާ ދޭތެރޭ ހަމަ ނުޖެހުމެއް އުފައްދާކަށް އަހަރެން ބޭނުމެއް ނޫން” ލަމްހާ ބުނެލިއެވެ.

“އެނގޭ  މިކަމާ ލަމްހާ އިންކާރު ކުރީމަ ލަމްހާ ބައްޕަ ރުޅިއަންނާނެކަން.. އެކަމު ބައްޕަ ހިތްހަމަ ޖައްސަދޭން ވިޝާމްއާ ކައިވެނި ކުރީމަ ލަމްހާއަށް ލިބޭނީ ކޮން އުފަލެއް” ޔުސްރާ އެހެން ބުނުމުން ލަމްހާގެ ދޫ ބަންދުވިއެވެ.

ވިޝާމްއާ ކައިވެނި ކުރުމުން ލަމްހާއަކަށް އެއްވެސް އުފަލެއް ނުލިބޭނެކަން ލަމްހާއަށް އެނގެއެވެ. އަދި ލަމްހާ ލޯބިވަނީ ހަމައެކަނި ސުހާންދެކެ ކަންވެސް އެނގެއެވެ. އެކަމު އަމިއްލަ އުފާ ގުރުބާން ކޮއްފައި ބައްޕަ ބުނާގޮތް ހަދަން އޭނާ ބޭނުމެވެ.

“އަހަރެން ދެން ސުހާންއަށް އިންތިޒާރު ކުރާކަށް ބޭނުމެއް ނޫން.. ފުރުސަތެއް ދޭކަށްވެސް ބޭނުމެއް ނޫން.. ސުހާން އަހަރެންދެކެ ލޯބި ވާނަމަ އަހަރެން ހޯދަން ނައިސް އެހުންނަނީ ކީއްވެ..؟” ލަމްހާ ބުނެލިއެވެ.

“ލަމް.. ސުހާންގެ ފަރާތުން ހަގީގަތް ހޯދާކަށް ލަމްހާ ބޭނުމެއް ނޫންތަ.. ލޮލަށް ފެންނަ ހުރިހާ މަންޒަރަކީ ހަމަ ހަގީގަތަކަށް ނުވެދާނެ..” ޔުސްރާ ލަމްހާއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. ލަމްހާގެ ދިރިއުޅުން ހަލާކުވެ އުފާތަށް ފުނޑު ފުނޑުވާ މަންޒަރު ބަލަކަށް ޔުސްރާ ބޭނުމެއް ނޫނެވެ.

“ސުހާންއާ ސިއާގެ މެދުގަ ގުޅުމެއް ނެތްނަމަ.. އަހަރެންދެކެ ސުހާން ލޯބިވަނަމަ ކީއްވެ މިހުރިހާ ދުވަހެއް ވީރު އަހަރެން ކައިރިއަށް ނައިސް އެހުރީ..” ލަމްހާ ބުނެލިއެވެ. ޔުސްރާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“ލަމް ހަމަ އަސްލުވެސް ފަހަކުން ދެރައެއް ނުވާނެ؟” ޔުސްރާ އަހާލިއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ލަމްހާ ބޯޖަހާލިއެވެ. ފަހުން ކޮންމެ ކަމެއްވިއަސް ލަމްހާގެ ފަރުވާލެއް ނެތެވެ. ލަމްހާ ދުނިޔެ މަތިން ފޫހިވެއްޖެއެވެ. މިދުނިޔެ މަތީ އިތުރަށް އުފާ ހޯދާކަށް އޭނާ ބޭނުމެއް ނޫނެވެ.

ސުހާންގެ ފަރާތުން އެލިބޭ ހިތްހަމަ ޖެހުމާ ލޯތްބެއް އެހެން މީހަކު ފަރާތުން ލަމްހާ ބޭނުމެއް ނޫނެވެ.

*****

 

“ކީކޭ ޑަކުޓަރ ބުނީ؟” އާޒިމް އަތުގައި ހުރި ފައިލުތަށް މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ.

“ނިދި ހަމަ ނުވާތީ ވާ ގޮތެކޯ؟” އާޒިމް ހާސްވެދާނެތީ ޑަކްޓަރު ދެއްކި ވާހަކަތަށް ސުހާން ސިއްރު ކުރިއެވެ.

“ދެން ކީއްކުރަން ކާ ބޭހެއް؟” އާޒިމް އަހާލިއެވެ.

“ޑިޕުރެޝަނަށާ ނުނިދޭތީ ކަ ބޭހެއް” ސުހާން ބުނެލިއެވެ.

” ތިޔަ ބޭސް ކެއުމަކުން ސުހާންގެ ތިބަލީގެ ފަރުވާއެއް ނުލިބޭނެ.. ތިބަލީގެ ފަރުވާއަކީ ލަމްހާ ވިއްޔަ.” އާޒިމް ބުނެލިއެވެ.

“އާޒިމް.. ހަމަ ކުއްލިއަކަށް ލަމްހާ އަހަރެންނާ ރުޅިވާން ނިންމީ ކީއްވެ؟.. އަހަންނަކަށް ނޭނގުނު އަހަންނަށް ކުރެވުނު ކަމެއްވެސް. ލަމްހާ ދެރަވާވަރުގެ އެއްވެސް ކަމެއް އަހަރެން ނުކުރަން” ސުހާން ކުޑަ ކުއްޖެއް ފަދައިން ޝަކުވާ ކޮއްލިއެވެ.

” ލަމްހާ ސުހާން ދޫކޮއްލާފަ ދިޔައީ ސުހާން އޭނާާގެ ހިތް ހަލާކު ކޮއްލިކަމަށް ބުނެ ބޮޑު މެސެޖެއް ލިޔެފަ.. އެކަމު ސުހާން ތިބުނަނީ ލަމްހާ ދެރަވާވަރު ކަމެއް ނުކުރަމޭ.. އެހެންވީމަ ތިދެީހުން ދޭތެރޭގަ މައްސަލަ ޖެހޭ ވަރުގެ ކަމެއް ނޫނީ ވާހަކައެއް ލަމްހާ ކައިރީ ކޮންމެވެސް މިހަކު ކިޔާފަ ތިއޮތީ” އާޒިމް އޭނާއަށް ވިސްނުނު ގޮތް ބުންޏެވެ.

“ކާކު އެކަހަލަ ކަމެއް ކުރާނީ؟” ސުހާން ބުނެލިއެވެ.

“ވިޝާމް… ނޫނި ސިއާ. އަހަރެން އަޑު އެހިން ވިޝާމް ލަމްދެކެ ވަރަށް ލޯބިވާކަމަށް. އޭނަ މިފަހަރު ކޫބެކަށް އައީ ހަނާ ވަރިކޮށް ލަމްހާ ހޯދަންވެގެން.. ލަމް ދިއުމާއެކީ ވިޝާމްވެސް ފުރާފި” އާޒިމް ބުނެލިއެވެ.

“ލަމްއާ ވިޝާމް އެހާ ކުލޯސްއެއް ނުވާނެ.. ހިއެއް ނުވޭ ވިޝާމް ދައްކާ ވާހަކައެއް ލަމް ގަބޫލު ކޮއްފާނެހެނެއް” ސުހާން ބުނެލިއެވެ.

“ލަމްގެ މަންމަ ސްޓުރޯކު ޖެހުނު ހަބަރު ލިބުނު ރޭވެސް ތިދެމިހުން ދޭތެރޭ މައްސަލައެއް ނުޖެހޭނުން.. ކަންތަށް ގޮސްވީ ފުރަން އޮތް ދުވަހު އޭނުން.. ލަމް އެހާ ހާސްވެފަ ހުންނަ ގަޑިއެއްގަ މީހަކު އައިސް ބުހުތާން ދޮގު ވާހަކަތަކެއް ދައްކާލީމަ ހެއްކަކާ ނުލާވެސް ގަބޫލު ކުރެވިދާނެ.. ސުހާންއަށްވެސް ވާނީ އެހެން..” އާޒިމް ބުނެލިއެވެ.

“ދެން އަހަރެން ކިހިނެއް ހަދަންވީ؟” ސުހާން އަހާލިއެވެ.

“ހިނގާ އަހަރެމެންނާ އެކީ އެކޮޅަށް.. ލަމްވެސް އުޅެނީ ހުޅުމާލޭގަ” އާޒިމް ބުނެލިއެވެ.

“އަހަރެން ތިކަމާ ވިސްނާނަން” ސުހާން އެހެން ބުނުމުން އާޒިމް ބޯ ހޫރާލިއެވެ.

“އަހަރެން ހިތަށް އަރާ ތިކަހަލަ ޅަ ސިކުނޑިއަކުން ސުހާން މިޔޮތް ބޮޑު ވިޔަފާރި ހިންގަނީ ކިހިނެއް ބާވައޭ” އާޒިމް އެހެން ބުނެފައި ކެބިންއިން ނުކުތެވެ. އެރެއަށް މަސައްކަތް ނިއްމާލާފައި ސުހާންވެސް ނުކުތެވެ.

 

ހަރު ހިނގުމެއްގައި ކާރު ޕާކު ކޮއްފައި ހުރި ދިމާއަށް ސުހާން ދިޔައެވެ. ފޯނުން ލޯނައްޓާލާ އިސްއުފުލާލި ވަގުތު ސިއާ ފެނުމުން ސުހާންގެ ދެބުމަ ގޮއްޖަހާލިއެވެ.

“ސުހާން.. އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ.. ޕުލީސް” ސިއާ ސުހާންއާ ދިމާއަށް ހިނގައި ގަތެވެ.

“އަހަރެން ބޭނުމެއްނޫން  އަޑުއަހާކަށް..” ސުހާން ސިއާއާ ދުރަށް ޖެހިލަމުން ބުނެލިއެވެ.

“އަހަރެންނަށް އެނގޭ އަހަންނަށް ކަންތަށް ކުރެވުނީ ރަނގަޅަކަށް ނޫންކަން.. އަހަންނަށް މާފްކުރޭ..” ސިއާ ބުނެލިއެވެ.

“އިނަފް.. ގެޓް ލޮސްޓް” ސުހާން ސިއާ ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް ބޭނުމެއް ނުވިއެވެ.

“އެނގޭތަ ލަމްހާ ސުހާންދެކެ ރުޅިއައި ސަބަބު..” ސިއާ އެހެން ބުނުމުން ސުހާން ހުއްޓުނެވެ.

“ސިއާ އަށް ކިހިނެއް އެނގުނީ އަހަރެމެން ދޭތެރޭ މައްސަލަ ޖެހުނު ކަން” ސުހާން އަހާލިއެވެ.

‘އެއީ.. އެއީ ތިދެމީހުން ދޭތެރޭ މައްސަލަ ޖެއްސީ އަހަރެމެން ކަމުން” ސިއާ ބުނެލިއެވެ.

“ކީކޭ؟.. ކަލެމެންނޭ؟” ސުހާންގެ އަޑު ބާރުވިއެވެ.

“މިއީ މިހެން ތިބެގެން ދެއްކޭނެ ވާހަކައެއް ނޫން.. ހިނގާބަލަ މިނޫން އެހެން ތާކަށް” ސިއާ ބުނެލިއެވެ.

ނަމަވެސް ސުހާން އެކަމަށް އިންކާރު ކުރުމުން އެތަނުގައި ހުރެ ހުރިހާ ވާހަކައެއް ކިޔައިދޭން މަޖުބޫރުވިއެވެ.

“ސުހާން.. އަހަރެން ސުހާންދެކެ ވަރަށް ލޯބިވިން.. ލާރިއާ ސުހާންގެ ދަހިވެތިކަމުގަ މީހެއްގެ ބަސްތަކަށް ހެއްލެވުނީ އަހަރެންގެ މޮޔަކަމުން. ސުހާން.. އަހަރެންނާ ބެކާއާ ދެމެދު ދެކެވިފަ ހުރި ވާހަކަތައް ސުހާންއަށް އެނގުނީ ކިހިނެއް؟” ސިއާ އަހާލިއެވެ.

“މީހަކު ފަރާތުން” ސުހާން ބުނެލިއެވެ.

“އެމާހާ އަކީ ވިޝާމްތަ..؟ އެއީ އެހާ ރަނގަޅު މީހެއް ނޫން” ސިއާ ބުނެލިއެވެ.

“ކިހިނެއް ވިޝާމް ދަންނަނީ؟” ސުހާން ހައިރަންވިއެވެ.

“ތިދެމީހުން ދޭތެރޭ މައްސަލަ ޖައްސަން އަހަރެން ކައިރީ ބުނީ ވިޝާމް.. އޭނަ އަހަރެންނަށް ވަރަށް ބައިވަރު ފައިސާވެސް ދިން.. އަދި ސުހާންއަށް ތި ފޮޓޯތަށް ދައްކާނެ ކަމަށްބުނެ ބިރުވެސް ދެއްކި.. އަހަރެން އޭނާގެ ރޭވުމަށް އެއްބަސްވީވެސް އެހެންވެ.” ވިޝާމްއާއި ސިއާގެ ދެމެދު ރޭވުނު ހުރިހާ ކަމެއް ސިއާ ސުހާންއަށް ކިޔައިދިނެވެ.

“ސުހާން.. ލަމްހާ ސުހާންދެކެ އެހާ ރުޅިއައީ މި ފޮޓޯތަށް އޭނާއަށް ދެއްކީމަ” ސިއާ އޭނާގެ ފޯނުގައި ހުރި ފޮޓޯތަށް ދައްކާލަމުން ބުނެލިއެވެ. އެ ފޮތޯތަށް ފެނުމުން ސުހާންވެސް ދެލޯ ބޮޑުވިއެވެ. އެއީ ސުހާން ޑިއުޓީ ނިމޭގަޑިއަށް ސިއާ އޭނަ ފަހަތު އަޅުވާލި ދުވަސްތަކުގައި ނަގާފައި ހުރި ފޮޓޯއެވެ. އެފޮޓޯތަށް ފެނުމުން ހުދު ސުހާންއަށްވެސް ނެގޭނީ އެހެން މާނައެކެވެ. އެހެންކަމުން ލަމްހާ އެހާ ރުޅިއައިސް ގުޅުން ކަނޑާލަން ބޭނުންވުމަކީ ހައިރާން ވާވަރު ކަމެއް ނޫނެވެ.

“ސިއާ އަހަންނަށް މިކަންތައް ކިޔައި ދިނުމުގެ ބޭނުމަކީ ކޮބާ؟” ސުހާން އަހާލިއެވެ.

“ހެހެ.. އަހަރެންގެ މޮޔަކަން ވިސްނުނީމަ.. އަހަރެންގެ ބޭނުން ނެތުނީމަ ވިޝާމް އަހަރެން ކުރި ކަންތައް ސުހާންއަށް ކިޔައިދިނީ.. އެކަމުގެ ސަބަބުން އަހަންނަށް ސުހާންވެސް އަދި އަހަރެންގެ ވަޒީފާވެސް ގެއްލުނީ.. ވިޝާމް ހިތްހަމަ ޖެހިގެން އުޅޭތަން ދެކޭކަށް އަހަރެންނަށް ކެތް ވާނީ ކިހިނެއް. ވިޝާމް އަހަންނަށް ދިން ފައިސާއަކުން އަހަންނަކަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބުން..

އަހަރެންގެ މޮޔަކަން ދޯ.. މިއަދު އަހަންނަށް ވިސްނުނު ސުހާންގެ ކައިރީ ލަމްހާ ނެތްނަމަވެސް އަހަންނަކަށް ސުހާންއެއް ނުލިބޭނެކަން. އެއީ ލޯތްބަކީ ގަދަކަމުން ލިބޭނެ އެއްޗެއް ނޫންވީމަ.. އަހަންނަށް ކުރެވުނު ކަންކަމުން އަހަރެން ވަރަށް ލަދުގަނެއްޖެ.. މާފަށް އެދެން ބޭނުންވި ނަމަވެސް ދެން އަޅާ ނުލާ.. އަހަރެން ދަނީ” ސިއާ އެހެން ބުނެފައި ދުރަށް ހިނގައި ގަތެވެ.

“ސިއާ.. ދެންމެ ދެކެވުނު ހުރިހާ ވާހަކައެއް އަހަރެން ފޯނުން ރެކޯޑު ކުރިން. އުންމީދު ކުރަން ތިދެއްކީ ތެދު ވާހަކައެއް ކަމަށް” ސުހާން ފޯނު ދައްކާލަމުން ބުނެލިއެވެ.

“އިތުރު ދޮގުތަކެއް ހެދުމުގެ ބޭނުމެއް ނެތެއްނު..” ސިއާ ކުޑަކޮށް ހީލަމުން ބުނެލިއެވެ.

” އަހަރެން ސިއާގެ ވާހަކަ ގަބުލު ކުރަނީކީ ނޫން. އެކަމު އެކަކަށްވެސް އިތުބާރު ކުރާނެ ގޮތެއް އަހަންނަކަށް ނޭނގެ. ތެންކްސް.. ހަގީގަތް އަހަންނަށް ކިޔައި ދިނީމަ ވަރަށް ބޮޑަށް ތެންކްސް.. މާދަން ފެށިގެން ރޯޔަލް ޑިނާއަށް ވަޒީފާއަށް ނުކުމޭ.. މިކަމުގެ ބަދަލު އަހަންނަށް ދެވޭނީ މިހެން” ސުހާން ބުނެލިއެވެ.

“ލައްބަ ސާރ.. ޝުކުރިއްޔާ ” ސިއާ ހިނިތުންވެލަމުން އޭނާގެ މަންޒިލަށް ހިނގައި ގަތެވެ.

 

ބާރު ދުވެއްޔެއްގައި ހުޅުމާލޭ ހޮސްޕިޓަލުގެ މައި ގޭޓުގެ އެތެރެއަށް ވަތް ކާރަށް މަގުގައި ތިބި މީހުންގެ ލޯތަށް ހުއްޓެމުން ދިޔައެވެ. އޭރު ނަރުސް ދެކުއްޖަކާ ހެލްތު ވޯކަރެއް ސްޓުރެޗާ ހިފައިގެން މައި ދޮރުކައިރީ ހުއްޓެވެ. ކާރު މަޑުކޮއްލުމާއެކު އަނަސް ކާރުން ފޭބިއެވެ. އަދި ފަހަތު ސީޓުގައި އިން ޔުސްރާގެ އަތުގަ ހިފާ ކާރުން ބާލުވަ ދިނެވެ. އަނަސްގެ ކޮއްކޮ އަކާ ނަރުސް ކުދިންގެ އެހީއާ އެކު ޔުސްރާ ސްޓުރެޗާ މަތީ ބޭއްވިއެވެ. އޭރު ބަނޑުގަ ރިހޭތީ ޔުސްރާ ތެޅި ފޮޅެނީއެވެ. މުޅި މީހާ ވަނީ އޮއްދާ ހިއްލާފައެވެ.

އަނަސްމެންގެ ކާރުގެ ފަހަތުން އައި ވިޝާމްގެ ކާރުވެސް ހޮސްޕިޓަލުގެ ބޭރުގައި މަޑުކުރިއެވެ. ލަމްހާއާއި ވިޝާމް އަދި ޔުސްރާގެ މަންމަވެސް އަވަހަށް ކާރުން ފާބައިގެން އެތެރެއަށް ހިނގައި ގަތެވެ.

ޑަކްޓަރު ބެއްލެވުމަށްފަހު ވަގުތުން ޔުސްރާ ވިއްސާ ކޮޓަރިއަށް ވެއްދިއެވެ. ވިއްސާ ކޮޓަރި ބޭރުގައި ތިބި އެންމެންގެ މޫނު މަތީގައިވެސް ވަނީ ނުތަނަވަސްކަމެވެ. ދެފަރާތަށް ހިނގާލަ ހިނގާލާ ހުރި އަނަސް އިރު އިރު ކޮޅާ ދޮރާ ދިމާއަށް ބަލާލައެވެ. އެހެން އެންމެނަށްވުރެ އަނަސްގެ މޫނު މަތީގައިވި ނުތަނަވަސްކަން ބޮޑެވެ. ހީވަނީ ދެންމެ ދެންމެ ރޯން ފަށާ ފާނެހެނެވެ. އެޑްމިޓު ވާން ބުނެފައިވާ ދުވަހަށްވުރެ ދެ ދުވަސް ކުރިން ޔުސްރާ މާބޮޑަށް ބަނޑުގައި ރިހެން ފެށުމުން އަނަސް ހީކުރީ ބަނޑުގައި އޮތް ދަރިފުޅަށް ކަމެއް ވީކަމަށެވެ.

ޔުސްރާ ވިއްސާ ކޮޓަރިއަށް ވެއްދިފަހުން ގަޑި ހިނގަމުން ދިޔައީ ވަރަށްވެސް ލަހުންނެވެ. ލަމްހާއަށްވެސް އިރު އިރުކޮޅާ ފޯނުން ގަޑި ބަލާލެވެއެވެ.

“ލަމް.. ހާސްނުވޭ.. ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ” ވިޝާމް ލަމްހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ވިޝާމްގެ އިނގިލި ތަކުގެ އިހްސާސް ކުރެވުމާއެކު ލަމްހާއަށް ދުރަށް ޖެހިލެވުނެވެ. ވިޝާމްގެ މޫނަށް އައި ބަދަލު ފެނުމުން ލަމްހާ ކުޑަކޮށް ހީލިއެވެ. ވިޝާމްއާ ކައިވެނި ކުރަން އެއްބަސްވި ނަމަވެސް ލަމްހާގެ ހިތުގައި ވިޝާމްއާ ދޭތެރޭ ކުޑަވެސް ގާތްކަމެއް ނެތްކަން ވިޝާމްއަށް އެނގެއެވެ.

ދޮޅު ގަޑީރަކަށް ފަހު އެންމެންގެވެސް އިންތިޒާރަށް ނިމުމެއް އައެވެ. ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު މުޅި ހޯލްވޭގައި ގުގުމާލިއެވެ. ދެންމެއަކާ ޖެހެންދެން އެންމެންގެ މޫނު މަތީވި ނުތަނަވަސްކަން ހިނިތުންވުމަކަށް ބަދަލުވެގެން ދިޔައެވެ.

ކުޑަ އިރު ކޮޅެއްގެ ތެރޭ ކޮޓަރީގެ ދޮރު ހުޅުވާލާފައި ނަރުސް ކުއްޖަކު ނުކުތެވެ. ހުދު ތުވާއްޔެއް އޮޅާލެވިފައިވާ ލޯބި ފުއްގަނޑު ފެނުމުން އަނަސް އަވަހަށް އެކުއްޖާ ކައިރިއަށް ޖެހިލިއެވެ.

“މަރުހަބާ.. ފިރިހެން ކުއްޖެ” ނަރުސް ކުއްޖާ ބުނެލިއެވެ. އަނަސް ތުއްތު ދަރިފުޅު އުރާލިއެވެ.

“ދަރިފުޅުގެ މަންމަ ކިހިނެއް؟” ޔުސްރާގެ މަންމަ އަތަށް ކުޑަ ދަރިފުޅު ލައިދެމުން އަނަސް އަހާލިއެވެ.

“ޕޭޓިއެންޓުގެ ހާލު ވަރަށް ބަރާބަރު. އިރު ކޮޅަކުން ބައްދަލު ކުރެވޭނެ. އެކުއްޖާ ކުޑަ ދަރިފުޅު ގޮވައިގެން ވަންނަމުން ބުނެލިއެވެ. ޔުސްރާ ވޯޑަށް ބަދަލު ކުރެވުމާއެކު އާއިލާ މީހުނާ ހެޔޮ އެދޭ ރައްޓެހިން މުޅި ވޯޑު ފުރާލިއެވެ. ޔުސްރާގެ އާއިލާގެ ފުރަތަމަ މާމަ ދަރިފުޅު ކަމުން އެންމެންވެސް ތިބީ ނުހަނު އުފާވެފައެވެ.

އިރު އޮއްސުމާއެކު ޔުސްރާއަށް ގޮވާލަން އައިސް އުޅުނު މީހުންތަށް މަދުވެ ވޯޑަށް ފަޅުކަމެއް އައެވެ. ރައްޓެހި ބަޔަކާއެކު އަނަސް ކޮފީއަކަށް ދިއުމުން ވޯޑުގައި ތިބީ ޔުސްރާގެ މަންމައާއި ލަމްހާއެވެ.

“ދަރިފުޅާ މަންމަ މިދަނީ ފެނަވަރާލާ ނަމާދަށް އަރާލަން.. އަދި މިއުޅެނީ އަސުރުވެސް ނުކޮށް.. ލަމްހާ އިންނާނަންދޯ ޔުސްރާ ކައިރީ؟” ޔުސްރާގެ މަންމަ ބުނެލިއެވެ. ލަމްހާ ބޯޖަހާލުމުން އޭނާ އެތަނުން ނުކުތެވެ.

“ޔުސް.. ހިނގާ ޖޫސްފޮދެއް ބޯލަން..” ލަމްހާ ގޮނޑިން ތެދުވަމުން ބުނެލިއެވެ.

“ހާފް ތަށި އިނގޭ” ޔުސްރާ ތެދުވެ އެނދުގައި ހަމަ ޖެހިލަމުން ބުނެލިއެވެ.

“ލަމް.. އަދިވެސް އަހަންނަކަށް ގަބޫލެއް ނުކުރެވޭ އަހަރެން މިއީ މިހާރު މަންމައެއް ކަމަކަށް.. އެނގޭތަ.. އޭރު ބަނޑުގަ ރިހެން ފެށިގޮތުން އަހަރެން ވަރަށް ބިރުގަތް.. ދެން އެހެން ކުއްޖެއް ނުހޯދާނަމޭވެސް ހިތަށް އެރި. އެކަމު ހަމަ ބޭބީ ފެނުމާއެކީ އަނެއްކާވެސް ހަމަ އެކަހަލަ ބޭބީއެއް ހޯދން ބޭނުންވީ.. ހެއްވާ ދޯ” ޔުސްރާ ޖޫސްތަށީގައި ހިފަމުން ބުނެލިއެވެ.

“ހަހަ.. ވަރަށް ހެޕީ ވެފަ ދޯ މިހާރު ތިއިންނަނީ..” ލަމްހާ ހީލަމުން ގޮނޑީގައި އިށީނެވެ.

“ހޫމް.. އަހަރެން މިހާރު ވަރަށް ހެޕީ.. ލަމް މިހާރު ހެޕީތަ؟” ޔުސްރާގެ މޫނު މަތީގައިވި ހިނިތުން ފިލައި ސިރިއަސްކަމެއް ވެރިވިއެވެ.

“ތިބުނީ؟ އަހަރެން އަބަދުވެސް ހެޕީ އެއްނުން” ލަމްހާ ބުނެލިއެވެ.

“ނޫން.. ލަމްގެ މޫނުމަތީގައި ތިވާ ހިނިތުންވުމަކީ އަސްލެއް ނޫން.. ލަމްގެ އަސްލު ފީލިންގްސް ފޮރުވާފަ ތިހެން ހިނިތުންވެގެން ހުންނާތީ އަހަރެންގެ ހިތަށް ވަރަށް އުނދަގޫވޭ.. ” ޔުސްރާ ބުނެލިއެވެ.

“ޔުސް ތިކިޔާ އެއްޗެއް ނުވިސްނުނު.. ޔުސް އުފަލުން ހުންނައިރު އަހަރެންވެސް ވަރަށް އުފާވޭ..” ޔުސްރާ އެދައްކާ ވާހަކައެއް ނޭނގޭ ކަމަށް ހެދެމުން ލަމްހާ ބުނެލިއެވެ.

“އެނގޭނެ. މެރީ ކުރާ ދުވަސް ކައިރިވާ ވަރަކަށް ލަމްހާ ދެރަވެފަ ހުންނަކަން އަހަންނަށް ފާހަގަ ކުރެވޭ.. ލަމް އޮޅުވާލަން އުޅުނަސް އަހަންނަށް އެނގޭނެ.. ސުހާންއާ ރައްޓެހިވެގެން އުޅުނު އިރު ލަމްހާގެ އެ ހުންނަ އުފާވެރިކަމާ މަޖާކަމެއް މިހާރަކު ލަމްގެ ނެތް.. މިހާރު ލަމްހާ ހީވަނީ އެހެން މީހުން ބޭނުންވާ ގޮތަށް ކޮންޓުރޯލް ކުރާ ބުދެއްހެން.. ބައްޕައަށް ޓަކައި އަމިއްލަ ދިރިއުޅުން ތި ހަލާކު ކޮއްލަނީ” ޔުސްރާ ބުނެލިއެވެ.

“ޔުސް.. އަހަރެން ހެޕީއޭ.. ޔުސް އެކަމާ ނުވިސްނަބަލަ..” ލަމްހާ ބުނެލިއެވެ.

“ތިއީ އަބަދުވެސް ގޮތްދޫ ނުކުރާ ކުއްޖެއްކަން މަށަށް އެނގެޔޭ.. އެކަމު ތިހާ ގޮތް ދޫނުކުރާނެ ކަމަކަށް މަށެއް ހިޔެއް ނުކުރަން. ލަމް ދޮގު ހަދައިގެން މަށަށް އޮޅުވާލެވި ދާނެ.. އެކަމު އަމިއްލަ ނަފްސަކަށް އޮޅުވައެއް ނުލެވޭނެ.. ބުނެބަ.. ލަމްހާ މިހާރު ސުހާންދެކެ ލޯތްބެއް ނުވޭތަ؟ ސުހާންގެ ކައިރީ އަހައިގެން ވީގޮތް އޮޅުން ފިލުވާކަށް ބޭނުމެއް ނުވޭތަ.. ސުހާންއަށް ދެވަނަ ފުރުސަތެއް ދޭކަށް ބޭނުމެއް ނޫންތަ؟ ލަމްހާއަށް ވިޝާމްއާއެކު އުފަލުގަ އުޅޭވޭނެތަ؟ ލަމް މިއަދުގެ ތި ޑިސިސަން ރިގުރެޓެއް ނުވާނެތަ؟” ޔުސްރާ ބުނެލިއެވެ.

ޔުސްރާގެ ސުވާލުތަށް ސިކުނޑި ވަށާލުމުން ލަމްހާގެ ދޫ ބަންދުވިއެވެ. އެސުވާލު ތަކަށް ދޭނޭ ޖަވާބެއް ނޭނގުމުން ލަމްހާއަށް އިސްޖަހާލެވުނެވެ.

އެއަށް ފަހު ދެއެކުވެރިންގެ ދެމެދަށް ވެރިވީ ހަމަ ހިމޭންކަމެވެ. ލަމްހާ އިސްޖެހި ގޮތަށް އެހެން އިނުމުން ޔުސްރާވެސް ވަކި އެއްޗެކޭ ނުބުނެއެވެ. ބައި ގަޑީރެއް ހާއިރު ފަހުން އަނަސް އެނބުރި އައުމުން ލަމްހާ ގެޔަށް ދާން ތެދުވިއެވެ.

“ޔުސް.. އަހަރެން ދަނީ. މާދަން އަންނާނަން” ލަމްހާ އެހެން ބުނުމުން ޔުސްރާ ހަމައެކަނި ބޯޖަހާލީއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އަނަސްއަށް އެނގުނެވެ.

“ކިހިނެއްވީ ހާދަ މޫޑީވެފަ؟” ލަމްހާ ދިޔުމުން އަނަސް ޔުސްރާގެ މަގަތުގައި އިށީނެވެ.

“އަނަސް.. ލަމް ކީއްވެތަ އެހާ ގޮތް ދޫނުކުރަނީ؟ އަހަރެން ދައްކާ އެއްވެސް ވާހަކައެއް އޭނަ ގަބުލެއް ނުކުރޭ” ޔުސްރާ ތުން އަނބުރާލަމުން ބުނެލިއެވެ.

“ދޫނީ.. އެކަމާ އަޅާ ނުލާބަ. ލަމް އަކީ މިހާރު ކުޑަ ކުއްޖެއް ނޫނޭ.. ލަމްގެ ދިރިއުޅުމުގެ ކަންކަމާކާ އަހަރެމެންނަކާ ނުބެހެވޭނެ.. އެއީ ލަމް ބޭނުން ވާގޮތް ނަމަ ޔުސްވެސް ޖެހޭނި ސަޕޯޓު ކުރަން.. އެހެއްނު؟” އަނަސް ޔުސްރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އެކަމު.. ލަމް ދެރަވެފަ ހުންނަތަން ބަލާކަށް އަހަރެން ބޭނުމެއް ނޫން..” ޔުސްރާ ބުނެލިއެވެ.

ލަމްހާ ހޮސްޕިޓަލުން ނުކުތް އިރު ވިޝާމް އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ވިޝާމް ފެނުމުން ލަމްހާ އޭނާ ކައިރިއަށް ހިނގައި ގަތެވެ.

“ލަމްގެ އިންތިޒާރުގަ މިހުންނަނީ” ވިޝާމް ބުނެލިއެވެ.

“މެސެޖެއް ކޮއްލިނަމަ.. ތަންކޮޅެއް އަވަހަށް ނުކުތީމުސް.. ހިނގާ ދާން” ލަމްހާ ބުނެލިއެވެ.

“ލަމް އާއެކީ ހިނގާލާ ހިތުން ކާރު ބާއްވާފަ މިއައީ.. އޯކޭދޯ؟” ވިޝާމް ބުނެލިއެވެ. ލަމްހާ ވަކި އެއްޗެކޭ ނުބުނެ ބޯޖަހާލުމުން ވިޝާމް ލަމްހާގެ އަތުގައި ހިފާލާފައި ހިނގައި ގަތެވެ.

ވިޝާމް އޭނާގެ އަތުގައި ހިފުމުން ލަމްހާއަށް އުނދަގޫވިއެވެ. ނަމަވެސް ވިޝާމް އެއަތުގައި ބޮޑަށް ހިފާ ފިއްތާލުމުން ލަމްހާއަކަށް އެއަތެއް ދުރު ކޮށެއް ނުލެވުނެވެ. ހިތާ ދެކޮޅަށް އޭނާވެސް ވިޝާމްގެ އަތުގައި ހިފާލިއެވެ.

“ލަމް އަހަންނާ މެރީ ކުރަން އެއްބަސްވީމަ އަހަރެން މިހުންނަނީ ވަރަށް އުފަލުން.. އިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް ލަމްހާ ދެރަވާކަހަލަ އެއްވެސް ކަމެއް ނުކުރާނަން.. އެހެން އެކަކަށްވެސް ނުދެވޭނެހާ އުފާ އަހަރެން ލަމްހާއަށް ދޭނަން” ވިޝާމް ލަމްހާގެ އަތަށް ބާރުކޮއްލަމުން ބުނެލިއެވެ.

ލަމްހާ ވަކި އެއްޗެކޭ ނުބުނެއެވެ. ވިޝާމްގެ ލޯބީގެ ބަސްތަކުން ލަމްހާގެ ހިތަކަށް އެއްވެސް އަސަރެއް ކުރި ހެނެއް ހިޔެއް ނުވެއެވެ. ވިޝާމްގެ ބަސްތަކަކުން ލަމްހާގެ ހިތަކަށް އުފަލެއް ނުލިބުނެވެ. އެވަގުތުވެސް ލަމްހާގެ ހިޔާލުތައްވަނީ ސުހާންއާ އެކީގައެވެ.

“އަހަރެންނަށް އެނގޭ މިވަގުތު ލަމް އަހަރެންދެކެ ލޯތްބެއް ނުވާކަން.. މެރީކުރަން އެއްބަސްވީ ބައްޕަ ބުނީމަކަން.. އެކަމު އިރާދަކުރެއްވިއްޔާ ލަމްހާގެ ލޯބި އަހަރެން ހާސިލް ކުރާނަން.. ލަމްހާ ފެނުނު ފުރަތަމަ ދުވަހުންސުރެވެސް އަހަރެން ލަމްހާ ދެކެ ވަރަށް ލޯބިވިން.. އަހަރެންގެ މި ދިގު އިންތިޒާރަކީ ބޭކާރު އެއްޗަކަށް ނުވާނެ ކަން އަހަރެން ގަބޫލު ކުރަން. ދެން ވަދޭ އެތެރެއަށް.. ” ވިޝާމް ލަމްހާގެ އަތުން ދޫކޮއްލަމުން ބުނެލިއެވެ.

“ގުޑު ނައިޓު” ލަމްހާ އެހެން ބުނެފައި އެތެރެއަށް ވަނެވެ. ލަމްހާ އެތެރެއަށް ވަދެގެން ދިޔަތަން ބަލަން ހުރެފައި ވިޝާމް ހިނގައި ގަތެވެ. ވިޝާމްގެ ހިތުގައި ރިހުމެއް އުފެދުނެވެ. ސުހާންއާއެކު ލަމްހާ އުޅޭއިރު އެހުންނަ އުފާވެރިކަން މިހާރު ނުހުންނަނީ ކީއްވެ ހެއްޔެވެ. އޭނާ ލަމްހާދެކެ ވީ ލޯބި ގަބޫލު ނުކުރެވެންވީ ކީއްވެހެއްޔެވެ. ލަމްހާގެ ލޯބި ސުހާންއަށް ލިބެންވީ ކީއްވެ ހެއްޔެވެ. ސުހާންދެކެ ވީ ލޯބި އޭނާދެކެ ނުވެވެންވީ ކީއްވެ ހެއްޔެވެ.

ސުހާންއާ މެދުވި ނަފްރަތާ ހަސަދަ އިތުރުވި ވަރަކަށް ވިޝާމްގެ އަތް މުއްކެވެން ފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ކައިރީގައި ހުރެލަން އަދު ބޭނުންވޭ-5

Next

އެހަނދާންތަކުގައި

Next
November 25, 2020

އެހަނދާންތަކުގައި

Previews
November 25, 2020

ކައިރީގައި ހުރެލަން އަދު ބޭނުންވޭ-5

4 Comments!

  1. YEOJA says:
    November 25, 2020 at 7:41 pm

    Vrh sali vaahaka eh meee
    Masha Allah keep it up
    Hama kiyaa hithun kiyaalevey vaahaka Ah gehlifaa ina varun nimunu kameh vess neygunu
    Alah Mi vaahaka Ah cmnt Eh vess kohlevuny mi aslu Mi vaahaka kiyan fehteee kuree dhuvahaku Ehn ve
    Lamhaa aa suhaan ge Love stry varah hihdathi edemeehun guleyne dhuvahakah Mi Wait kurany
    Vishaal vess e Uley gothe Kaleyney dhw Hehhehehe siaa Ah heyo visnaneee maa vrh ufaavehje vehje
    Dhen oi bayah vrh bodah Wait kuran eba
    Stay safe and take care

    1. Dheem&Eekku says:
      November 26, 2020 at 9:04 pm

      Thank you so much YEOJA ❤️❤️
      Hope Kuri ah huri parts ves kamudhaane kamah. ?
      You too stay safe and tc

  2. RrYn says:
    November 26, 2020 at 7:18 am

    Maasha Allah varah reethi ???? ! coment nukuriyas kiyan ingey ! then hama nuhurevigen coment mi kury ! ? ! mi story akee hama kiyaahithun kiyaa story eh ingey ! and how old are u??? ????✌✊
    love u ??
    stay safe???

    1. Dheem&Eekku says:
      November 26, 2020 at 9:08 pm

      Thank you RrYn ❤️❤️❤️
      Kuriah huri parts avves comment kollache.. It gives me more motivation ???
      BTW I’m 18. you too stay safe ❤️

Comments are closed.

Next Episodeތިން ލަފްޒުން (22)←


All Right Reserved!