ތިން ލަފްޒުން (17)
“ލަމްހާއޭ ކިޔައިގެން ތިކަހަލަ އެންމެ ބަހެއް ބުންޏަސް.. ދެވަނަ ފަހަރަށް ދިޔަ ދުލުން އެއްޗެކޭ ނުބުނެވޭ ވަރު ކޮއްލާނަން.. އެނގިއްޖެތަ.. ތިހިރީ ވަރިކޮށްފަ.. ދާން އުޅޭ މިތަނުން.. ރައްކާވޭ!” ވިޝާމް އެހެން ބުނެފައި ބަރު ފިޔަވަޅުތަކެއްގައި ގެއިން ނުކުމެގެން ދިޔައެވެ.
ވިޝާމް ދިޔަފަހުންވެސް އެތަށް އިރަކު ހަނާއަށް އެހުރި ފިޔަވަޅު މަތީ ހުރެވުނެވެ. ހަނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަނީއެވެ. އެކޮޓަރީގެ ހަމަ ހިމޭންކަން ނަގާލީ ހަނާގެ މަޑު ގިސްލުމެވެ.
އާދުވަހަކަށް އިރު އެރިއެވެ. ވަސީމާ އާއި އަހުމަދު ހެނދުނުގެ ނާސްތާކުރަން މޭޒުކައިރީ އިށީނެވެ. އިރުކޮޅަކުން އީމާވެސް އައިސް މޭޒުކައިރީ އިށީނެވެ.
“ވިޝާމްމެން އަދިވެސް ނުތެދުވަނީބާ؟” ވަސީމާ މިހެން ބުނެފައި ގޮނޑިން ތެދުވިއެވެ. ހަނާއަށާއި ވިޝާމުއަށް ގޮވުމުގެ ނިޔަތުގައެވެ. ނަމަވެސް ވަސީމަގެ ފިޔަވަޅު ހުއްޓުނީ ބޭރުން އައި ވިޝާމް ފެނިފައެވެ.
“ދަރިފުޅާ.. ހާދަ މައިރާ ބޭރަށް ގޮސް ތިއައީ؟” ވަސީމާ އަހާލިއެވެ. ވިޝާމްއަށް އެއްޗެކޭ ނުބުނެވެނީސް ހަނާވެސް ކޮޓަރިން ނުކުމެއްޖެއެވެ.
ފުރޮޅުލީ ސޫޓުކޭސްއަކާއި ކޮނޑުގައި އަޅުވާ ދަބަހެއް ހިފައިގެން ނުކުތް ހަނާ ފެނިފައި އެންމެން ހައިރާންވެގެން ބަލަން ފެށިއެވެ.
“ކޮންތާކަށް ދަނީ ދައްތާ؟” އީމާ އަހާލިއެވެ. ނަމަވެސް ހަނާ ވަކި ޖަވާބެއް ނުދެއެވެ. މާޔޫސްވެ ހުރެ ހަނާ ބަލާލީ ވިޝާމްއާ ދިމާއަށެވެ.
“ކިހިނެއްތަ ވެގެން މިއުޅެނީ؟” އަހްމަދުވެސް ތެދުވެގެން އައިސް ސުވާލުކުރިއެވެ.
“ބައްޕާ… އަހަރެން.. އަހަރެން ހަނާ ވަރިކޮއްފިން” ވިޝާމްގެ ބަސްތަށް މުޅި ސިޓިން ރޫމުގައި ގުގުމާލިއެވެ.
“ކީކޭ؟ ވަރިކުރީއޭ؟” ވަސީމާއަށްވެސް ގަބޫލު ނުކުރެވިގެން އަހާލިއެވެ.
“އަހަރެން ބޭނުމެއްނޫން ހަނާއާ ކައިވެނި ކޮއްގެން އުޅޭކަށް.. ލޯބި ނުވާ މީހަކާ އެކީ އުޅޭކަށް އަހަރެން ބޭނުމެއް ނޫން” ވިޝާމް ބުނެލިއެވެ.
“ކައިވެންޏަކީ ކުޅޭ ކުޅޭ އެއްޗެއް ނޫނޭ.. ދެބަސްވާ ކޮންމެ ފަހަރަކު ވަރިކޮއްފަ އަނެއްކާ އިންނާކަށް” އަހްމަދު ރުޅިއައިސްގެން ބުނެލިއެވެ.
“އާން.. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން.. ދެން ކީއްވެ އަހަރެން ލޯބި ނުވާ މީހަކާ ގަދަކަމުން ދެވީ.. މިއީ ކުޅޭ ކުޅިވަރެއް ނޫނިއްޔާމުން ކީއްވެ ބައްޕަ އަހަރެންނަށް މަޖުބޫރު ކުރީ.. ކީއްވެ އަހަރެން ލޯބިވާ މީހަކާ އިނުމުގެ ހުއްދަ ނުދިނީ.. ބައްޕަ އޭރު އަހަންނަށް މަޖުބޫރު ނުކުރިނަމަ މިހެނެއް ނުވީސް.” ވިޝާމް އެހެން ބުނެފައި ކޮޓަރިއާ ދިމާއަށް ހިނގައި ގަތެވެ. ވަސީމާ ވިޝާމްގެ ފަހަތުން ދާން އުޅެން ހެދުމުން އަހްމަދު އޭނާ ހުއްޓުވިއެވެ.
“ހަނާ… މިހިސާބަށް ކަންތަށް ދިޔައިރު ކީއްވެ ބައްޕަމެނަށް އަންގާ ނުލީ” އަހްމަދު ބުނެލިއެވެ.
ހަނާ ދެންވެސް އެއްޗެކޭ ނުބުނެ ގެއިން ނުކުތުމަށް ހިނގައި ގަތެވެ.
“ޓެކްސީއަކަށް ގުޅައި ދެންތަ؟” އަހްމަދަށް ބުނާނެ އެއްޗެއް ނޭނގިގެން އަހާލިއެވެ.
“ނޫން.. ބައްޕަ އެބަ އާދޭ އަޅުގަނޑު ބަލާ” ހަނާ އެހެން ބުނެފައި ހިނގައްޖެއެވެ.
ވިޝާމް ހަނާ ވަރިކުރި ހަބަރު އިވުމުން ހަމްޒާއާއި ހަމްދާދު ހުރީ ކަންތަށް ބޮޑުވެފައެވެ. ކަންތަށް ވަމުން ދަނީ އެދެމީހުން ބޭނުންވާ ގޮތަކަށް ނޫނެވެ. ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭ ހަމްޒާމެން މަސައްކަތް ކުރަމުން ދިޔައީ އަހްމަދުގެ ވިޔަފާރީގެ ހިއްސާތަކުން ބޮޑުބައެއް ފޭރިގަތެމެވެ. ނަމަވެސް އެމީހުން ހީކުރި ވަރަށްވުރެ އެކަން ކުރަން ދައްޗެވެ. އަހްމަދު ހައްލާލަން ފަސޭހަވިނަމަވެސް ވިޝާމްގެ ވިސްނުން ވަރަށް ތޫނެވެ. އެމީހުންގެ ޕުލޭނަށް ކޮންމެ ފަހަރަކުވެސް ވިޝާމް ހުރަސް އަޅައެވެ. އަދި އަހްމަދުގެ ބަދަލަށް ވިޔަފާރީގެ ކަންކަމާ ވިޝާމް ހަވާލުވި ފަހުން ހަމްދާދު މެންނަށް އެއްވެސް ކަމެއް ނުކުރެވެއެވެ.
ހަނާއާއި ވިޝާމް ވަރިވުމަށްފަހު އަހްމަދުގެ ވިޔަފާރީގެ އެއްވެސް ބައެއް ނުލިބޭނެކަން އެނގުމުން ހަމްދާދުއާއި ހަމްޒާ ހުރީ ހާސްވެފައެވެ.
ހަމްދާދުގެ ކެބިންގައި ވާހަކަ ދައްކަން ތިބި ދެމީހުން ސިއްސައިގެން ދިޔައީ ދޮރުގައި ޖަހާލުމަށްފަހު އެތަނަށް ވަދެގެން އައި އަހްމަދު ފެނިފައެވެ.
“ހަމްޒާވެސް އެބަ ހުރިންދޯ.. ކިހިނެއްތަ ހާލު؟” އަހުމަދު ހީލަމުން ހަމްޒާއާ ސަލާމް ކޮއްލިއެވެ. ހަމްޒާވެސް ކަރުކެހިލާފައި ހީލިއެވެ.
“ކަމަކުތޯ ތިއައީ؟” އަހްމަދު އިށީންނަން ތަންދައްކަމުން ހަމްދާދު އަހާލިއެވެ.
“މިއައީ ވާހަކައެއް ދައްކާލަން.. ހަނާއާ ވިޝާމް ދެކުދީންގެ ކަންތަކުގަ އަހަރެން މިހުރީ ވަރަށް ދެރަވެފަ.. އަހަރެން އަސްލު ބޭނުމެއް ނޫން ކުދީންގެ ކަންތަކުގަ އަހަރެމެންގެ އެކުވެރިކަމަށް ބަދަލެއް އަންނާކަށް..” އަހްމަދު އެހެން ބުނުމުން ހަމްދާދު އަދި ހަމްޒާ އެކަކު އަނެކަކަށް ބަލާލަމުން ހީލިއެވެ.
“ރަނގަޅު ވާހަކައެއް… ކުދީންނާ ހުރެ އަހަރެމެން ބޮޑެތި މިހުން ރުޅިއަންނާނެ ކަމެއް ނެތް.. އަހަރެން އަބަދުވެސް އަހްމަދު ދެކެނީ ވަރަށް ގާތް މިތުރެއް ގޮތުގަ..” ހަމްދާދު ބުނެލިއެވެ.
“އެހެންވީމަ.. އަހަރެމެންނަށް ދޭން އެއްބަސްވެފަ އޮތް ހިއްސާވެސް އަހަރެމެންނަށް ލިބޭނެ ދޯ. ކޮންމެ ގޮތެއްވިއަސް އަހްމަދު ވިޔަފާރީގެ ކަންކަމުގަ އަހަރެމެން އޮންނާނީ ވަރަށް ބޮޑަށް އެހީ ވެފަ..” ހަމްޒާ އެހެން ބުނުމުން ހަމްދާދު ބޯޖަހާލިއެވެ.
“ވިޔަފާރީގެ ކަންތަށް މިހާރު ބަލަހައްޓަނީ ވިޝާމް.. އޭނައަށް އެނގޭނީ އެއަށް ހަދާނެ ގޮތެއް.. އެކަމު އަހަރެން ދޭން އެއްބަސްވެފަ އޮތް %4 ހަމަ ޔަގީނުންވެސް ލިބޭނެ” އަހްމަދު އެހެން ބުނުމުން ހަމްދާދުއާއި ހަމްޒާގެ މޫނު ފުސްވިއެވެ. ނަމަވެސް އަވަހަށް އެކަން ނުދައްކަން ވެގެން ހީލިއެވެ.
******
“އެންމެ %4.. އެއީ ކޯއްޗެއް.. އޭގެން އަހަރެމެންނަށް ފައިދާ ކުރާނީ 10 ވަރަކަށް ލައްކަ ރުފިޔާ.. އެ ވިޝާމް ނުދޭނެ އިތުރަށް އެންމެ އެތިކޮޅެއްވެސް.. ” ހަމްޒާ ރުޅިއައިސްގެން ބުނެލިއެވެ.
“އަހަރެންވެސް ހީކުރި ގޮތަކަށް ނޫން މިވީކީ.. އިހަށް އެ ފައިސަތަށް ބަހައްޓާ ހުރިގޮތަށް.. އިތުރަށް އެމީހުން އަތުން ލިބޭތޯ ބަލާފަ އިތުރު ކަމެއް ކުރާނީ” ހަމްދާދު ބުނެލިއެވެ.
“މިހާރު ބިން ވިއްކާލެވުނީތަ؟” ހަމްޒާ އަހާލިއެވެ.
“އާން.. އެއީ ކޫބެކްގެ ވަރަށް މުއްސަނދި މީހެއް.. އަހަރެން ވަރަށް ހައިރާންވި އެމީހުން އަހަރެންގެ ބިން ގަންނަން އެއްބަސްވިމަ.. ނަސީބެއް އެކަންތަށް ހަމަ ޖެހުނު ފަހުން މިކަމެއް ދިމާވިކަން” ހަމްދާދު ބުނެލިއެވެ.
ހަފްތާއެއް ފަހުން ވިޝާމް ކޫބެކަށް ދާން ނިންމިއެވެ. ހަނާ ވަރިކުރުމަށްފަހު ވިޝާމް ހުންނަނީ ވަރަށް ހަމަ ޖެހިފައެވެ. މިހާރު ބޭނުންވަނީ އަވަހަށް ލަމްހާ ކައިރިއަށް ދާށެވެ. މިނިވަނެއް ގޮތުގައި ލަމްހާއާ ބައްދަލުކޮށް ލޯބި ހާމަ ކުރާށެވެ. ވިޝާމް ލަމްހާދެކެ ވާ އިންތިހާ ލޯބި ލަމްހާ ގަބޫލު ކުރާނެ ކަން އޭނާ ގަބުލުކުރެއެވެ.
ދަބަހަށް އެއްޗެހި އަޅަން ހުރިއިރު ވިޝާމްގެ ތުންފަތް މަތީ ވަނީ ހިނިތުންވުމެކެވެ. މަޑުމަޑުން ލޯބީގެ ލަވައެއް ކިޔަމުން ދިޔަ ވިޝާމްއަށް ވަސީމާ ކޮޓަރިއަށް ވަތް ކަމެއްވެސް ނޭގުނެވެ.
“ދަރިފުޅާ.. ކޮންތާކަށް ދާން ތިއުޅެނީ” ވަސީމާ ވަރަށް ލޯބިން އަހާލިއެވެ.
“މިދަނީ ބޭރަށް ޖައްސާލަން.. ކުޑަކޮށް ހަމަ ޖެހިލަން” ވިޝާމް ބުނެލިއެވެ.
“ކޫބެކަށްތަ ތިދަނީ؟.. ދަރިފުޅު ދާން ތިއުޅެނީ ލަމްހާ ހޯދަން ކަމަށް ވަންޏާ އެކަން ހަނދާން ނައްތާލާ.. ލަމްހާ އެއީ ހަތަރު އަހަރުގެ ދަރިއެއް ހުންނަ މީހެއް.. ދަރިފުޅުގެ ދިރިއުޅުން ތިހެން ހަލާކު ނުކޮއްލާ.. އެއީ ހަނާއާ ތިމާގެވެސް ކުއްޖެ.. މީހުން ކިހާ މަލާމަތެއް ކުރާނެ” ވަސީމާ މިހެން ބުނުމުން ވިޝާމް އަތުގައި އޮތް ގަމީސް ގުޅައަކަށް ފޮށިތެރެއަށް ހޫރާލިއެވެ. ވިޝާމް ރުޅިއައީކަން ވަސީމާއަށް އެނގުނެވެ.
“މަންމާ.. ލަމްހާއަށް ދިމާވި ހާދިސާ މަންމައަށް ހަމަ ރަނގަޅަށް އެނގޭނެ. ދެން ކީއްވެ އަބަދު އެހެން ކިޔާފަ ލަމްހާއާ އަހަރެން ތި ދުރު ކުރަނީ.. މީގެ ހަތަރު އަހަރު ކުރީގެ އަހަރެން މަންމައާއި ބައްޕަ ބުނާ އެއްޗެއް ގަބޫލު ކުރި ކަމަކު މިހާރު އެހެނެއް ނުވާނެ.. އަހަރެން މިއީ ކުޑަ ކުއްޖެއް ނޫން.. އަހަންނަށް އަހަރެންގެ ލައިފްގެ ކަންތައްތައް ޑިސައިޑު ކުރުމުގެ ހައްގު އޮންނާނެ.. މަންމަމެން އާދޭސް ކޮއްގެން ހަނާއާ ކައިވެނި ކުރިއަސް އަހަންނަކަށް އުފަލެއް ނުލިބުން… ފާއިތުވި ހަތަރު އަހަރުތެރޭ އަހަރެން އުޅުނު އެކަނިވެރި ހާލު އެނގޭ ނަމަ މަންމަ މިއަދު އަހަރެން ނުހުއްޓުވާނެ..” ވިޝާމް ބުނެލިއެވެ.
“ދަރިފުޅާ… ލަމްހާ ނޫން އެހެން ކޮންމެ މީހަކާ އިނަސް ދެން މަންމަގެ މައްސަލައެއް ނެތް.. އެކަމު ލަމްހާއެއީ ހަނާގެ ތިމާގެ ކުއްޖެ.. އެއީ ރީތި ކަމެއް ނޫން ދަރިފުޅާ” ވަސީމާ ވިޝާމްއަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ.
“މަންމާ.. އަހަރެންގެ އުފާތައް ވަނީ ލަމްހާއާ އެކު.. އަހަންނަށް އެހެން މީހަކާ އެކީ އުފަލަކު ނޫޅެވޭނެ. މީހުން ކިޔާނެ އެއްޗަކަށް އަހަރެން ފަރުވާލެއް ނެތް އިރު މަންމަމެން ހާސްވަނީ ކީއްވެތަ” ވިޝާމް ބުނެލިއެވެ.
ވިޝާމްގެ ގޮތް ދޫނުކުރުން ފެނިފައި މިކުރެވެނީ ބޭކާރު ކަމެއްކަން އެނގުމުން ވަސީމާ އެތަނުން ނުކުތެވެ. މިވަގުތު އޭނާ ކުއްވެރި ކުރަނީ އަމިއްލަ ނަފްސެވެ. އެދުވަހު ލަމްހާއާއި ވިޝާމްގެ ކައިވެންޏަށް ހުރަސް ނޭޅުނު ނަމަ މިއަދު މިހެނެއް ދިމައެއް ނުވީސްކަން ވަސީމާއަށް ދެނެގަނެވުނެވެ. ނަމަވެސް މިހާރު ދެރަވާން ވަގުތުވެސް ފާއިތު ވެއްޖެއެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. ލަމްހާ އާއި ސުހާންގެ ހަޔާތަށް ވަނީ ބަހާރު މޫސުމެއް އައިސްފައެވެ. އަބަދުހެން އޮފީހުގައި އުޅޭ ސުހާން މިހާރަކަށް އައިސް ގިނަވަގުތު ހުސްކުރަނީ ލަމްހާ އަށާއި ކުޑަކުޑަ ލީންއަށެވެ. ލަމްހާ ރޯޔަލް ޑިނާގައި އުޅޭ ވަގުތު ލީން ބަލަނީ ސުހާންއެވެ. އޮފީހުގެ ގިނަ މަސައްކަތް ކުރަނީވެސް ގޭގައެވެ. ސުހާން ދެކޭ ގޮތުގައި ލަމްހާއާއި ލީންއަކީ އޭނާގެ އެކަނިވެރި ހަޔާތަށް އައި އަލިކަމެކެވެ. ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރެވުމުން އެދެމީހުންގެ ދެމެދު އޮތް ލޯބި އަދި އިތުރަށް ވަރުގަދަ ވެގެން ދިޔައެވެ. ސުހާން މިހާރު ބޭނުންވަނީ އަވަހަށް ކައިވެނި ކުރާށެވެ.
ދުވަހަކީ ޗުއްޓީ ދުވަހެއްކަމުން ލަމްހާ ތެދުވީ ތަންކޮޅެއް ލަހުންނެވެ. އޭރު ލީން ސިޓިން ރޫމުގައި ރާވާ ކުޅޭ ސެޓެއް ހިފައިގެން ކުޅެންއިނެވެ. ލީންގެ ބޮލުގައި ފިރުމާލާފައި ލަމްހާ ވަނީ ބަދިގެއަށެވެ.
ލީންއަށް ހެނދުނުގެ ސައި ތައްޔާރު ކޮއްފައި ލަމްހާ ކޮފީތަށި ހިފައިގެން ވަނީ ކޮޓަރިއަށެވެ. އެނދުގެ މަގަތުގައި ހުރި ކުޑަ މޭޒުމަތީ އޮތް ފޯނު ހިފައިގެން ބޭރަށް ނުކުންނަން އުޅެފައި ހިޔާލު ބަދަލުވެގެން ބެލްކަންޏަށް ނުކުތެވެ. އޭރު ސުހާންގެ ކޮޓަރީގެ ކުޑަ ދޮރުވެސް ވަނީ ހުޅުވާފައެވެ. ކޮޓަރީގައި އެކަކުވެސް ފެންނަން ނެތުމުން ލަމްހާ ފޯނު ނަގާ ސުހާންގެ ނަންބަރަށް ގުޅާލިއެވެ.
އިރު ކޮޅަކު ރިންގު ވެލާފައި ސުހާން ފޯނު ނެގިއެވެ.
“މޯނިންގް… ކީއް ކުރަނީ؟” ލަމްހާ ވަރަށް ލޯބިން އަހާލިއެވެ.
“އަހަރެންގެ ހިތުގެ ރާނީ މަތިން ހަނދާން ކުރަނީ” ސުހާން ހަމަ އެރާގަށް ބުނެލިއެވެ.
“ހަހަ.. ހާދަ މުސްކުޅި ހިޓު ލައިނެއް.. އަހަރެން ކޮންއިރަކު ސުހާންގެ ހިތުގެ ރާނީއަކަށް ވީ؟” ލަމްހާ ހިނި އައިސްފައި ބުނެލިއެވެ.
“ކާކު ބުނީ އެއީ ލަމްހާއޭ..” ސުހާން ޖެއްސުމަށް ބުނެލިއެވެ.
“އަހަރެން ނޫނީ ދެން ކާކު.. އަނެއްކާ ސުހާން އެހެން އަންހެން ކުއްޖެއްވެސް ގެންގުޅެނީތަ؟” ލަމްހާ ކުޑަކޮށް ނުރުހިފައި ބުނެލިއެވެ.
“ނޭނގޭތަ އެކަމެއް…” ސުހާން އެހެން ބުނުމުން ލަމްހާ އިތުރަށް ރުޅިއައެވެ.
“ކާކު އެއީ؟ ” ލަމްހާ ރުންކުރުކޮށް އަހާލިއެވެ.
“ލީން އޭނުން… އާން ސޮރީ.. ލީންއަކީ އަހަރެންގެ ހިތުގެ ކުޑަކުޑަ ޕަރީއޭ ދޯ.. އަހަރެންގެ ހިތުގެ ރާނީއަކީ ލަމްއޭނުން..” ސުހާން އެހެން ބުނުމުން ހަމަ ވަގުތުން ލުއި ހިނިތުންވުމެއް ލަމްހާގެ ތުންފަތް މަތީ ފަވާލިއެވެ.
“އަނެއްކާ ލަމް ޖެލަސްވީތަ؟.. ހަހަ ލަމް ޖެލަސްވީމަ ވަރަށް ލޯބި. ހީވަނީ ކުޑަ ކުޑަ ފުއްޕި ކޮއްޔެއްހެން” ސުހާން ލަމްހާ ރުޅިއެރުވިއެވެ.
“ހުމް ވަރަށް ފޫހިވޭ.. ކީއްތަ ތިކުރަނީ ނުކުމެ ބަލަ ބެލްކަންޏަށް.. އަދި މިއަދު މޫނެއްވެސް ނުފެނޭ” ލަމްހާ ބުނެލިއެވެ.
“ނުކުންނަންވީ؟ ” ސުހާން އަހާލިއެވެ.
“ހޫމްމް.. ނުކުމެބަލަ. އަހަރެންވެސް މިހުރީ ބެލްކަނީގަ” ލަމްހާ ބުނެލިއެވެ.
“ހަމަ ޔަގީން.؟ އަސްލުވެސް ނުކުންނަންވީ؟” ސުހާން އަނެއްކަވެސް އަހާލިއެވެ.
ލަމްހާ އާއެކޭ ބުނުމުން ސުހާން ބެލްކަންޏަށް ނުކުތެވެ.
ކޮފީތަށީގައި ތުން ޖަހާލާފައި ސުހާންގެ ކޮޓަރި ބެލްކަންޏަށް ބަލާލި ވަގުތު ލަމްހާގެ ދެލޯ ބޮޑުވިއެވެ. ހަމައެކަނި ނިދަންލާ ދު ހަރުވާލު ކޮޅުގައި ހުރި ސުހާން ފެނުމުން ދިރުވާލަން އުޅުނު ކޮފީތަށި ނުދިރި ކޮށި ނޭރީވެސް ކިރިޔާއެވެ.
ސުހާންގެ ކުލަ އަލި ކަސްރަތީ ހަށިގަނޑު (ސިކްސް ޕެކްސް) ފެނުމުން ލަމްހާ ލަދުން މޫނު ރަތްވިއެވެ. އަވަހަށް އަނެއްފަރާތަށް އެނބުރުނީ ސިކުނޑީގައި ވަށާލި ފާޑުފާޑުގެ ހިޔާލުތަކުގެ ސަބަބުންނެވެ.
“ކޮބާ ކީއްވެ ތިދަނީ؟ ލަމް ބުނީމަ އޭނުން އަހަރެން މިނުކުތީ” ސުހާން ހިނި އައިސްފައި ލަމްހާ އާ ވާހަކަ ދެއްކިއެވެ.
ކަންފަތުގައި ޖަހައިގެން ހުރި ފޯނުން ސުހާންގެ އަޑު އިވުމުން ލަމްހާ އަނެއްކާވެސް ސުހާންއާ ދިމާއަށް އެނބުރުނެވެ.
ނަމަވެސް ވަގުތުން ބަލި ގަބޫލު ކޮއްފައި އިސްޖަހާލިއެވެ. ފުރަތަމަ ފަހަރަށް ސުހާން އެހެން ހުއްޓާ ފެނުމުން ލަމްހާގެ ހިތް އަވަސްވާ ގޮތްވިއެވެ.
“ކާކުތަ ބުނީ ތިހެން ހުރެގެން ނުކުންނާށޭ.. ވަދޭ އެތެރެއަށް” ލަމްހާ އެހެން ބުނެފައި ސުހާން އާ ދިމާއަށް ބަލާވެސް ނުލާ ކޮޓަރިއަށް ވަނެވެ.
ދޮރު ލައްޕާލާފައި ދޮރު ފޮތިގަނޑު ދަމާލިއިރުވެސް ލަމްހާގެ މޭގެ ތެޅުން މަޑުވާ ގޮތެއް ނުވިއެވެ.
ސުހާންގެ ފިރިހެންވަންތަ ހަށިގަނޑު އަދިވެސް ސިފަވަނީއެވެ. އެހެން ހުއްޓާ ފެނުމުން ސުހާންގެ ރީތިކަން އަދި އިތުރަށް ފުރިހަމަކަމަށް ލަމްހާއަށް ފާހަގަ ވިއެވެ. އިސްތަށި ގަނޑުވެސް ކުޑަކޮށް ހޭވިފައި ހުރުމުން ވަރަށް ހިތްގައިމެވެ.
އަމިއްލަ ހިތަށް އަރަމުން ދިޔަ އެއްޗެހިން ލަދުން ލަމްހާ މޫނުގައި އަތް އަޅާ ދެފަރާތަށް ބޯހޫރާލިއެވެ. އަދި ހިނިއައިސްފައި ލީން ކޮބާތޯ ކޮޓަރިން ބޭރަށް ނުކުތެވެ.
މިއަދު ޕާކަށް ދާނަމޭ ބުނެ ލީން ގަތު ވައުދު ވެފާ އޮތުމުން ސުހާން ފެންވަރާ ރީތި ވެލައިގެން ލަމްހާގެ ގެއަށް ދިޔައެވެ. އޭރު ގަޑިން 4 ޖަހަނީއެވެ
ބެލްއަޅާލުމުން ދޮރު ހުޅުވީ ލީންއެވެ. އޭރު ލީން ހުރީ ޕާކަށް ދާން ރީތިވެގެންނެވެ.
“އަހަން ލީން.. ހާދަ ތިއްތިއޭ މިއަދު.. އާދެ ސުހާންބެ އުރާލާނަން” ސުހާން ތިރިވުމުން ލީން ސުހާންގެ ގައިގައި އޮޅުލައިގަތެވެ.
“ކޮބާ މަންމި؟” ގޭތެރޭގައި ލަމްހާ ފެންނަން ނެތުމުން ސުހާން އަހާލިއެވެ.
“މަންމި ކޮޓަރީގަ.. ރެޑީވަނީ” ލީން އެހެން ބުނެފައި ސުހާންގެ އުރުން ދުރަށް ޖެހިލިއެވެ. އަދި ރާވާ ކުޅޭ އެއްޗެހިން ހަދާފައި އިން “ކާސްޓަލްއެއް” ސުހާންއަށް ދެއްކިއެވެ.
ސުހާން ލީންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ލީން ކުރާ ހުރިހާ ކަމެއްވެސް ސުހާންއަށް ކަމުދެއެވެ. ކުޑަކުދިން ހެއްލުމަކީ ސުހާން ކުރިން ކޮއްފައިވާ ކަމެއް ނޫނެއްކަމަކު ލީން އުފާ ކޮއްދިނުމަށް އޭނާ ހެއްލުމަކީ މިހާރު ސުހާންގެ އާދައެކެވެ. ސުހާންގެ ފަރާތުން ތައުރީފުގެ ބަހެއް އަހާލުމަކި ލީންގެ ދުވަހުގެ ” ކޮންމެހެން ކުރަންޖެހޭ ކަންކަމުގެ” ލިސްޓުގައި ވާކަމެކެވެ.
ލަމްހާގެ އިންތިޒާރުގައި ސުހާންއާއި ލީން ސޯފާގައި އިށީންދެ ޓީވީން އަންނަމުންދިޔަ ކާޓޫނު ބަލަން ފެށިއެވެ.
އިރުކޮޅަކުން ދެންމެއަކާ ޖެހެންދެން ރީތިކޮށް އޮތް އުޑުމަތި ބަނަވެފައި ވިއްސާރަވެއްޖެއެވެ. ކުއްލިއަކަށް ގަދަވި ވަޔާއެކު ވާރޭ ކަނި ޖަހަން ފެށިއެވެ.
ވިއްސާރަ ވީ ދޯއޭ ބުނެފައި ބޭރު ބަލާލި ވަގުތު ބެލްކަނީގައި ހިއްކަން އަޅާފައި ހުރި އަންނައުނުތަށް ސުހާންއަށް ފެނުނެވެ. އެއެއްޗެހިތައް ތެމި ފޯނުވަނީހުން އަވަހަށް ސުހާން ބެލްކަންޏަށް ދިޔައެވެ. ހުރިހާ ހެދުންތަކެއް ގުޅައަކަށް ހިފައިގެން އެތެރެއަށް ވަތްވަގުތު ލަމްހާވެސް ކޮޓަރިން ނުކުތެވެ. ސުހާންއަށް އެހީވުމުގެ ގޮތުން ލަމްހާ ސުހާން ގާތަށް ޖެހިލިއެވެ. ހަމަ އެވަގުތު ބިންމަތީގައި އޮތް ލީން ކުޅޭ އެއްޗަކަށް އެރިފައި ސުހާން އަރި އަޅާލާފައި ލަމްހާގެ ގައިގައި ޖެހުނެވެ. ސުހާންގެ ހަށިގަނޑުގެ ބަރަށް ދެމިހުން އެކީގައި ބިންމައްޗަށް ގުޅައަކަށް ޖެހުނެވެ. ސުހާންގެ އަތުގައި ހުރި ހެދުންތަށްވެސް ބިންމައްޗަށް ވެރުނެވެ.
ހެމުން ހެމުން ސުހާން ތެދުވިއެވެ. ލަމްހާ އަތުގައި ހިފާ ތެދުކޮއްލަމުން ސުހާން ބިންމަތީގައި ހުރި ހެދުންތައް ނަގަން ފެށިއެވެ. ނަމަވެސް ސުހާންގެ އަތާ ދިމާއަށް ބަލަހައްޓައިގެން ހުރި ލަމްހާގެ ރަތްވެފައިވާ މޫނު ފެނުމުން ސުހާން ހައިރާން ވިއެވެ. އަތުގައި އޮތް އެއްޗެއް ދެނެގަނެވުނީވެސް ދެނެވެ. ސުހާންގެ އަތުގައި އޮތް ލަމްހާގެ ފިޔާތޮށި ކުލައިގެ އެތެރެއިން ލާ އެތި ފެނުމުން ސުހާންވެސް ލަދުގަތެވެ. ދެމީހުން އެކަކު އަނެކަކު މޫނަށް ބަލާލެވުނެވެ. ސުހާން ލާނެތް ގޮތަކަށް ހީލުމުން ލަމްހާ އަދި އިތުރަށް ލަދުގަތެވެ. އަވަހަށް އެއެއްޗެހި ސުހާންގެ އަތުން އަތުލާފައި ބިންމަތީގައި ހުރި އަންނައުނުތަށް ނަގައިގެން ލަމްހާ ކޮޓަރިއަށް ވަނެވެ. އެނދުމައްޗަށް އެއެއްޗެހިތަށް އަޅާލާފައި ހިންދެމިލި ވަގުތު ދޮރުގައި މިހަކު ޖަހާލިއެވެ.
ލަމްހާ ދޮރު ހުޅުވުމުގެ ކުރިން ސުހާން ދޮރު ހުޅުވާލާފައި އޭނާގެ އަތުގައި އޮތް ހަމަ އެވައްތަރުގެ ކަޅުކުލައިގެ އެތެރެއިން ލާއެތި ދެއިނގިލި ކުރިން ހިފާފައި ލަމްހާއަށް ދިއްކޮއްލިއެވެ.
“ސުހާން!! ޔޫ ޕާވާޓް” ލަމްހާ ސުހާންގެ ބުރަކަށީގައި އެތިފަހަރެއް އަޅާލަމުން ހަޅޭލަވައިގަތެވެ. ސުހާން ހެމުން ހެމުން ދުރަށް ދިޔައިރު ލީންވެސް ހުރީ ހިނިއައިސްފައެވެ. ވެގެން އުޅޭގޮތް އެހާ ބޮޑަށް ނޭންގުނަސް ލީންއަށްވެސް މަޖާވީއެވެ.
“މުޅިން ސަކަރާތެއްނުން.. ވިއްސާރަ ވީމަ ކިހިނެއް ޕާކަށް ދާނީ؟” ލީން ކައިރީ ސޯފާގައި އިށީންނަމުން ސުހާން ބުނެލިއެވެ.
ސުހާން އެހެން ބުނުމުން ލީންގެ އުޖާލަވެފައިވާ މޫނު ވަގުތުން ބަނަވިއެވެ. ލީންގެ މާޔޫސްވެފައިވާ މޫނު ފެނުމުން ސުހާން ކުޑަކޮށް ދެރަވިއެވެ.
“ދެން އެހެން ދުވަހަކުން ދާނީ ދޯ.. ވާރޭ ވެހެންޏާ ޕާކު ހުންނާނީ ބަންދުކޮއްފަ” ލީން ހަމައަކަށް އަޅުވަން ސުހާން މަސައްކަތް ކުރިއެވެ. ނަމަވެސް ލީންގެ ތަބީއަތު އިތުރަށް ގޯސްވީއެވެ. ތުންފިއްތާލާފައި ސުހާންއާ ދިމާއަށް ބަލާލިއިރު ލީންގެ ބޮޑު ދެލޮލުން ވަނީ ކަރުނަ ހިލިފައެވެ.
“ލީން.. އާދޭ ސުހާންބެ ހަގެއް ދޭނަން” ލީން ރޯން ފަށާފާނެތީ ސުހާން ހިސާބަކަށް ޖެހިލުންވިއެވެ. ކުޑަކުދިން ލޯބި ނަމަވެސް ރޯން ފަށާފިއްޔާ ސުހާން ހިސާބަކަށް ބިރުގަނެވެ.
“ލީން..؟ ކިހިނެއްވީ މަންމި ދޫނީ؟” ކޮޓަރިން ނުކުތް ލަމްހާއަށް ލީންގެ ކުލަ ވެއްޓިފައިވާ މޫނު ފެނިގެން އަހާލެވުނެވެ.
“ލަމްހާ ފެނުމުން ލީން މަންމީ އޭ ކިޔާފައި ލަމްހާ ކައިރިއަށް ދުއްވައި ގަތެވެ. ލީން ވަކި އެއްޗެކޭ ނުބުނެ ލަމްހާ ގައިގައި އޮޅުލައި ގަތުމުން ލަމްހާއަށް ސުހާންއާ ދިމާއަށް ބަލާލެވުނެވެ. އަދި ލޮލުގެ އިސާރާތުން ކިހިނެއް ވީހޭ އަހާލިއެވެ.
ސުހާންވެސް ބޯހޫރާލާފައި ދެކޮނޑު ހިއްލާލީ ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ.
“ކިހިނެއްވީ މަންމި ދޫނިއަށް؟ ކީއްވެ ހާދަ ސޭޑުވެފަ ތިހުރީ” ލަމްހާ އަނެއްކާވެސް އަހާލިއެވެ.
“ސުހާންބެ ބުނީ ވާރޭ ވެހެންޏާ ޕާކަކަށް ނުދެވޭނެއޭ.. ކޮއްކި ޕާކަށް ދާން ބޭނުން..” ލީން ކުޑަކޮށް ދެފައި ތަޅާލާފައި ބޮޑާ ހާކާލިއެވެ.
“އުހޫމްމް.. ވާރޭ ވެހެންޏާ ކިހިނެއް ކުޅޭނީ.. ވާރެއާ ތެމުނީމަ ކޮއްކޮ ހުންއައިސް ބަލިވާނެއްނު.. އޭރުން މަންމި ވަރަށް ދެރަވާނެ.. ދެން އެހެން ދުވަހަކުންދޯ ދާނީ” ލަމްހާ ދެތިން ބަހެއް ބުނެލިތަނާ ލީން ބަސް ގަބޫލު ކުރިއެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލާފައި ލީން ކުޅޭ އެއްޗެހި ހިފައިގެން ބިންމަތީގައި އަޅާފައި އޮތް މެޓު މަތީ އިށީނެވެ.
“ލީން މިއީ ހާދަ މޮޅުކުއްޖެކޭ ދޯ” ސުހާން ލީންގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. ސުހާންއާއި ލަމްހާ ލީން ކުޅޭތަން ބަލަން ސޯފާގައި އިށީނެވެ.
“ލީން އެއީ ވަރަށް ބަސްއަހާ ކުއްޖެއް.. އެހެން ކުދީން އުޅޭހެން ބޮޑަލެއް ނަހާކަނެ.. ދެފަހަރު އެއްޗެކޭ ބުނެލީމަ ވިސްނޭނެ” ލަމްހާވެސް ލީން ހައްދަންވެގެން ވާހަކަ ދެއްކިއެވެ.
“އާން.. ލީން އެއީ ލަމްއެއް ނޫނޭ” ސުހާން ލަމްހާގެ ކޮނޑުގައި އަތް އަޅުވާލިއެވެ.
“އަހަރެން ކޮންއިރަކު ބަސްނޭހީ..” ލަމްހާ ސުހާންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
“ކޮންއިރަކު ލަމް ބަސްއެހީ؟” ސުހާން ލަމްހާގެ ކޮލުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ.
“ދެން.. ވަރަށް ފޫހިވޭ.. ސުހާން ކީއްވެތަ އަހަންނަށް އަބަދު ބުލީ ކުރަނީ” ލަމްހާ ދެރަވި ކަމަށް ހެދުނެވެ.
ސުހާން އަވަހަށް ސޮރީއޭ ބުނެ ލަމްހާ ބޮލުގައި ފިރުމާލިއެވެ.
“ސުހާން.. އަހަރެން ބޭނުން ޔުސް ވިހަން ވާއިރަށް ރާއްޖެ ދާން.. އޯކޭ ދޯ؟” ލަމްހާ ސުހާންގެ އިނގިލި ތަކާ ކުޅެމުން އަހާލިއެވެ.
“ލަމް ބޭނުމިއްޔާ ހަމަ ދާންވީ…” ލަމްހާ ފޮނުވާލަން ބޭނުން ނުވިއަސް ސުހާން އެއްބަސްވިއެވެ. ލަމްހާގެ ކަންކަމާ ބެހުމުގެ ހައްގެއް ހަގީގަތުގައި އަދި ސުހާންގެ ނެތްކަން އޭނާ ގަބޫލުކުރެއެވެ.
“ސުހާން ނުދާނަން އަހަރެންނާ އެކީ؟” ލަމްހާ އަހާލިއެވެ.
“ލަމް ބޭނުންތަ އަހަރެން ގެންދަން؟” ސުހާންވެސް ކޮއްލީ ސުވާލެކެވެ.
“ހުމްމް.. އެހެންނޫނީ އަހަރެން ކިހާ އެކަނި ވާނެ.. ސުހާންމަތިން ހަންދާން ވާވަރުން ނުވެސް ނިދޭނެ ކަންނޭނގެ..” ލަމްހާ އެހެން ބުނުމުން ސުހާންގެ ތުންފަތްމަތީ ކުޅެލީ ހިނިތުންވުމެކެވެ.
“ދެން ރާއްޖެގޮސް އެނބުރި އަންނާނީ މެރީ ކޮށްގެން ދޯ؟” ސުހާން ލަމްހާގެ މޫނަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ. ސުހާން އެހެން ބުނުމުން ލަމްހާ ކުޑަކޮށް ހުއްޓުނެވެ. ނަމަވެސް މޫނުމަތިން ވަކި ކުލަވަރެއް ނުދައްކަ ސުހާންގެ އަތުން ދޫކޮއްލާފައި ލީންގެ ގާތަށް ޖެހިލިއެވެ.
“ހިނގާ ލީން ދެން ކައިގެން ފެންވަރަން ދާން.. މިހާރު ނިދާ ގަޑިވެސް ޖެހެނީ” ލީންއަށް ކާންދިނުމުގެ ބަހަނާގައި ލަމްހާ އެތަނުން ދުރަށް ޖެހިލިއެވެ.
ލަމްހާ ކަންތައް ކުރިގޮތުން ސުހާން ކުޑަކޮށް ދެރަވިއެވެ. ލަމްހާ ކައިވެނީގެ ވާހަކަ ދައްކަން ބޭނުން ނުވާ ސަބަބު ސުހާންއަށް އެނގެއެވެ. ލަމްހާގެ މާޒީ ސުހާންއަށް ކިޔައިދޭން އަދިވެސް ލަމްހާ ޖެހިލުން ވަނީއެވެ. ލަމްހާ ދެކެ ސުހާން އިންތިހާއަށް ލޯބިވާކަން އެނގޭއިރުވެސް ލަމްހާ ހިތް ބިރުގަންނަނީއެވެ.
ސުހާންއަށް ކޮންމެވެސް ވަރަކަށް ލަމްހާގެ މާޒީ އެނގެއެވެ. ނަމަވެސް ލަމްހާ އަމިއްލައަށް އެވާހަކަ ނުދައްކާތީ ސުހާންވެސް މަޑުން ހުންނަނީއެވެ.
ރޯޔަލް ޑިނާ ކައިރީގައި ހުންނަ ކުޑަ ކެފޭއެކެވެ. ސިއާ އިނީ ވިޝާމްގެ އިންތިޒާރުގައެވެ. ފާއިތުވި މަސްދުވަސް ތެރޭގައި ވިޝާމްގެ އެއްވެސް ހަބަރެއް ނުވާތީ ސިއާ ހުންނަނީ ކަންތަށް ކުރަންވީ ގޮތެއް ނޭނގިފައެވެ. ސިއާގެ އަމިއްލަ ޕުލޭންއާ އެއްގޮތަށް ކަންތަށް ނުކޮށްވެސް ހުރެވުނީ ވިޝާމް ދޭން އެއްބަސްވެފައިވާ 3 ލައްކަ ރުފިޔާގެ ސަބަބުންނެވެ. ވިޝާމް ބުނާގޮތަށް ކަންތައް ކޮއްފިނަމަ އޭނާއަށް ލާރިވެސް އަދި ސުހާންވެސް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
ކުއްލިއަކަށް ވިޝާމް ގުޅާފައި ބައްދަލު ކުރަން ބުނުމުން ސިއާ ހުރީ ހިތް ނުތަނަވަސް ވެފައެވެ. ވިޝާމްގެ ޕުލޭންއަކީ ކޮބާތޯ ވެސް ބަލާލާ ހިތުންނެވެ.
ވިޝާމް ކެފޭއަށް އައީ ތަން ކޮޅެއް ލަހުންނެވެ. ދެ ކޮފީއަކަށް އޯޑަރު ދީފައި ދެމީހުންވެސް މަސްވަރާ ފެށިއެވެ.
ވިޝާމް ސިއާއަށްވުރެ ކުރިން ކެފޭއިން ނުކުތެވެ. އޭރު ރޭގަނޑު 11 ވެސް ޖަހައިފިއެވެ. ކާރަށް އަރާ ދުއްވާލަން އުޅެނިކޮށް ރޯޔަލް ޑިނާ ކައިރީ ހުރި ލަމްހާ ފެނުނެވެ.
ގަޔަށް ދޫކޮށް ހުރި ބޯ ސުވެޓާއާއި ބާރު ޓައިޓެއްގައި ލަމްހާ ވަރަށް ރީއްޗެވެ. ދުވަސްކޮޅަކީ ކޫބެކަށް “އޯޓަމް” ކަމުން މާހައުލު ކުޑަކޮށް ފިންޏެވެ. ލަމްހާގެ ކަރުގައި ތުނި ސްކާފެއް އޮޅާލެވިފައި ވާއިރުވެސް އެމޫނު ވަނީ ފިނިކަމުން ރަތް ވެފައެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިން ލަމްހާގެ ކަޅު އިސްތަށިގަނޑު ނަށަމުން ދިޔަ މަންޒަރު ވަރަށްވެސް ހިތްގައިމެވެ. ލަމްހާގެ ގާތަށް ދިއުމަށް ކާރުން ފޭބި ވިޝާމްގެ ހިތްވަނީ އަވަސްވެފައެވެ. އަވަސް ފިޔަވަޅުތަކުގައި ވިޝާމް ގޮސް ލަމްހާ ގާތު ހުއްޓުނެވެ
“ވިޝާމް؟؟” ކައިރިއަށް އައިސް ހުއްޓުނު ވިޝާމް ފެނިފައި ލަމްހާ ކުޑަކޮށް ހައިރާންވިއެވެ.
“ކިހިނެއްވީ ހާދަ ހައިރާންވީ؟ ލަމް ކިހިނެއްތަ؟” ވިޝާމް ހީލަމުން ވާހަކަ ދެއްކިއެވެ.
“ރަނގަޅު.. ވިޝާމް ކިހިނެއް.؟” ލަމްހާވެސް އަހާލިއެވެ. އެންމެ ފަހުން އެދެމީހުން ބައްދަލުވި ދުވަހު ވިޝާމްގެ އަމަލުތަށް ހުރިގޮތުން ލަމްހާ ހުންނަނީ ވިޝާމްދެކެ ފޫހިވެފައެވެ. ނަމަވެސް ވިޝާމް ވާހަކަ ދެއްކުމުން އަޅާ ނުލާ ދާކަށް ލަމްހާއަކަށް ނުކެރުނެވެ.
“އަހަރެން ހަނާ ވަރިކޮށްފަ މިއައީ” ވިޝާމް ބުނެލިއެވެ. ލަމްހާ ހައިރާންވިއެވެ. ވިޝާމްއާއި ހަނާގެ ދިރުއުޅުމުގެ ކަންކަމަކީ ލަމްހާއަށް ކޮންކަމެއް ހެއްޔެވެ. ބުނާނެ އެއްޗެއް ނޭނގިގެން ލަމްހާ ހަމައެކަނި ބޯޖަހާލިއެވެ. ޔުސްރާގެ ފަރާތުން ލަމްހާއަށްވެސް ވަނީ އެކަން އެނގިފައެވެ.
“ލަމްހާ އަދިވެސް އުޅެނީ ސުހާންއާ ރައްޓެހިވެގެންތަ؟” ވިޝާމް އަހާލިއެވެ.
“އާން.. ކިހިނެއްވީ؟” ސުހާންގެ ވާހަކަ ދައްކަން ފެށުމުން ލަމްހާ ކުޑަކޮށް ނުރުހުންވިއެވެ. ސުހާންއާއި ލަމްހާގެ ގުޅުމާ ބެހޭގޮތުން އެހެން މީހުން ފާޑު ކިޔުމަކީ ލަމްހާ އެހާ ރުހޭ ކަމެއް ނޫނެވެ.
“އަހަރެން ކޮންމެހެން ތިދެމީހުން ދުރު ކުރާކަށް ބޭނުމެއް ނޫން.. އެކަމު މީހަކާ ރައްޓެހި ވާއިރު އެއީ ކޮންކަހަލަ މީހެއްކަންވެސް ޖެހޭނެ ބަލާލަން” ވިޝާމް ބުނެލިއެވެ.
“ސުޙާންއަކީ ކޮންކަހަލަ މީހެއްކަމެއް އަހަންނަށް ވުރެ ބޮޑަށް އެނގޭނެ މީހެއް ނޫޅޭނެ.. ވިޝާމް ތިވާހަކަ ތިދައްކަނީ ކޮން ބޭނުމަކު ކަމެއް އަހަންނަކަށް ނޭނގޭ.. ހަގީގަތުގަ މިހާރު އަހަރެންނާ ވިޝާމްގެ ދެމެދުގަ އެއްވެސް ގުޅުމެއް ނޯންނާނެ.. އަހަރެން މިހާރު މާޒީ މަތިން ހަނދާން ނައްތާލާފިން.. ހަނާއާ ވަރިކުރި ފަހުން މިހާރު ތިއީ އަހަރެންގެ ބޭބެ އެއް ކަމަކަށްވެސް ނުދެކެވޭ” ލަމްހާ އެހެން ބުނުމުން ވިޝާމް ކުޑަކޮށް ހިނިއައެވެ. އެއީ ވިޝާމް ބޭނުންވާ ގޮތްވެސް މެއެވެ.
ލަމްހާ އޭނާ އާ މެދު ބޭބެއެއް ގޮތުގައި ނުދެކެވޭ ނަމަ އަލުން އެދެމީހުން އާ ގުޅުމެއް ފަށަން ފަސޭހަވާނެއެވެ. ނަމަވެސް ވިޝާމްއަށް ނުވިސްނޭ ތަންކޮޅަކީ ލަމްހާ ސުހާންދެކެ ވާ ލޯބީގެ ފުންކަމެވެ.
ވިޝާމް އެއްޗެކޭ ބުނަން އުޅެފައިވެސް ހިޔާލު ބަދަލުވީ އެމީހުނާ ދިމާއަށް ހިނގާފައި އަންނަ ސުހާން ފެނުމުންނެވެ.
ލަމްހާވެސް އިތުރަށް ވާހަކަ ނުދައްކާ ސުހާންގެ ގާތަށް ދިޔައެވެ.
“ހިނގާ ދާން” ލަމްހާ ސުހާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
ސުހާން ބޯޖަހާލަމުން ވިޝާމްއާ ދިމާއަށް ބަލާލިއެވެ. ވިޝާމްވެސް ލުއި ހިނިތުންވުމެއް ހަދިޔާ ކޮއްލާފައި އޭނާގެ ކާރާ ދިމާއަށް ހިނގައި ގަތެވެ.
“އޭނަ ކިއްކުރަނީ ކޫބެކްގަ؟ އޭނަ އެނބުރި ދިޔަ ވާހަކަ އާޒިމް ބުނި” ސުހާން އަހާލިއެވެ.
“ނޭނގެ.. އަޅާ ނުލާ.. އަހަރެން ދެން މިވަންނަނީ އެތެރެއަށް.. ގުޑު ނައިޓު ލަވް” ލަމްހާ އެހެން ބުނެފައި ދޮރު ލައްޕާލިއެވެ.
ސުހާންވެސް ލަމްހާ އުޅޭ ބައިން ފާބައިގެން އައިސް އޭނާގެ އަމިއްލަ ގެއަށް ވަނެވެ. ކުއްލިއަކަށް ވިޝާމް ފެނުމުން ސުހާންވެސް ހުރީ މޫޑު ކަޓާފައެވެ. ގޮތް ނޭގޭ ބިރެއް އޭނާގެ ސިކުނޑި ވަށާލިއެވެ.
ޖެހިގެން އައި ދުވަސްކޮޅަކީ ސުހާންއަށް ވަރަށް ބުރަ ދުވަސްކޮޅެކެވެ. ލަމްހާއާއެކު ރާއްޖެ ދިއުމުގެ ކުރިން އޮފީހުގެ ގިނަ މަސައްކަތްތަށް ނިންމަން ޖެހޭތީއެވެ. ހެނދުނު ދާގޮތަށް ރޭގަނޑު ލަސްވާއިރުވެސް ސުހާން އުޅެނީ އޮފީހުގައެވެ. ތަފާތު މީޓިން ތަކުގަޔާއި ކޮންފެރެންސް ތަކުގައެވެ. ނަމަވެސް އެންމެ ދުވަހަކުވެސް ލަމްހާ އަށް ގުޅާ ވާހަކަ ދައްކާކަށް އޭނާ ހަނދާނެއް ނުނެތެއެވެ. ކިރިޔާވެސް ހުސްވަގުތެއް ވާއިރަށް ސުހާން ލަމްހާއަށް ގުޅައެވެ.
ސުހާންއާއެކު ވަގުތު ނުލިބޭތީ ލަމްހާ ފޫހިވިއަސް ޝަކުވާއެއް ނުކުރެއެވެ. ސުހާން އެހާ ބުރަކޮށް އުޅެނީވެސް ހަމަ ލަމްހާއަށް ޓަކައިކަން ލަމްހާއަށް އެނގެއެވެ. އެކަމާ ލަމްހާ ހުންނަނީ ނުހަނު އުފާވެސް ވެފައެވެ.
އެއީވެސް ސުހާން އޮފީހުގައި ބުރަކޮށް އުޅުނު ދުވަހެކެވެ. ލީން ސްކޫލަށް ލާފައި ލަމްހާ ދިޔައީ ފިހާރަތައް ބަލާލާށެވެ. ރާއްޖެ ދިއުމުގެ ކުރިން އާއިލާ މީހުންނަށް ކަމުދާނެ ކަހަލަ ހަދިޔާއެއް ފެނޭތޯއެވެ. އެތައް ފިހާރައަކަށް ވަދެވުނު އިރުވެސް ލަމްހާ ހިތްހަމަ ޖެހޭ އެއްޗެއް ނުލިބުނެވެ.
ޔުސްރާއަށް ލިބެން އުޅޭ ދަރިފުޅު މަތިން ހަނދާން ވުމުން ލަމްހާ ވަނީ ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރައަކަށެވެ.
ތުއްތު ކުދިންނަށް ކަމުދާ ކަހަލަ ދެތިން ކުޅޭ އެއްޗަކާ ހެދުން ކޮޅެއް ނެގިއެވެ. ޔުސްރާއަށް ލިބެން އުޅެނީ ކޮންކަހަލަ ކުއްޖެއް ކަމެއް ނޭގޭތީ ދެ ޖިންސުގެ ކުދީންނަށްވެސް ގުޅޭ ކަހަލަ ކުލައަކުންނެވެ. ލަޔާންގެ ދަރިފުޅު ނައުފަލް އަދި ލީންއަށްވެސް ދެތިން ހެދުމަކާ ކުޅޭ އެއްޗެހި ގަނެލިއެވެ.
ދެން ލަމްހާ ވަނީ ބޮޑެތި މީހުންގެ ހެދުން ވިއްކާ ފިހާރައަކަށެވެ. ފަހަރަކު ބައެއް ބަލަމުން ގޮސް ލަމްހާ ހުއްޓުނީ ބެލްޓުތަކެއް ހުރި ހަރެއް ކައިރިއަށެވެ. އެތަށް އިރަކު ވިސްނަން ހުރެފައި ލަމްހާ ނެގީ ވަރަށް ކޮލެޓީ ރަނގަޅު ރީތި ޑިޒައިނެއް ހުރި ލެދާ ބެލްޓެކެވެ. މިއީ ލަމްހާ ސުހާންއަށް ގަނެދޭ ފުރަތަމަ ހަދިޔާކަމުން ލަމްހާ ވަރަށް ފަރުވާތެރިކަމާއެކު އެއާ މެދު ވިސްނިއެވެ. ސުހާންގެ އުފަންދުވަސް އަންނަނީ އަހަރުގެ ކުރީ ކޮޅު ކަމުން، ސުހާންއާ ލަމްހާ ބައްދަލުވިއިރު އޭނާގެ އުފަންދުވަސް ހިނގައްޖެއެވެ. އެހެންކަމުން އަދި ސުހާންއަށް ހަދިޔާއެއް ދެވޭނެ ފުރުސަތެއް އޭނާއަކަށް ނުލިބެއެވެ.
ބެލްޓަށް ރުފިޔާ ދައްކަން ކައުންޓަރާ ދިމާއަށް ދާން އެނބުރުނު ވަގުތު ފަހަތުގައި ހުރި ވިޝާމް ފެނުމުން ލަމްހާ ސިހުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



