މޭޒުގައި ދެއަތުގެ އޮޅަނބުށި ވިއްދާލައިގެން އިން ޒަފަރް ގެެއްލިފައިވަނީ ފުން ވިސްނުމެއްގެ ތެރެއަށެވެ. ދެއަތުގެ އިނގިލިތައް މަހާލައިގެން ނިތްކުރީގައި ޖައްސާލައިގެން އިން ޒަފަރް އަށް ކެބިންގެ ދޮރުގައި ޓަކި ޖެހުމާއެކު ނިތްކުރިމަތިން އަތް ދުރު ކޮށްލަމުން ވަނުމުގެ ހުއްދަ ދިނެވެ.
ކެބިންގެ ތެރެއަށް ވަދެގެން އައި ޔަޢުޤޫބު ޒަފަރްގެ ކުރިމައްޗަށް ވާނެހެން މޭޒު ކައިރީގައި ހުއްޓުނެވެ.
“އަހަރެން ބުނި ކަންތައް ކިހާ ހިސާބަކަށް ގޮށްސި..؟” ޒަފަރް ޔަޢުޤޫބަށް ބަލައިލުމެއް ނެތި މޭޒުގައި ޖޯޑު ކޮށްލެވިފައިވާ އޭނާގެ އަތްތިލައަށް ނަޒަރު ހުއްޓާލައިގެން ވާހަކަ ދެއްކިއެވެ.
“ހީކުރިހާ ފަސޭހަކަމަކަށް ނުވި.. އައިވިންގެ އެއްވެސް މުޢާމަލާތަކުން ނުވަތަ މިލްކިއްޔާތަކުން ރިޝްވަތަށް ބެލެވޭނޭ ކަހަލަ ކަމެއް ފެނިފައެއް ނުވޭ.. އޭނާ އެކަހަލަ ކަންކަމާ ދުރީ..ނޫނީ ބޯ ބޮޑީ.. އެކަންތައްތައް ފަސް އަޅާ ފޮރުވާލަން މޮޅީ..” ޔަޢުޤޫބުގެ ވާހަކަ ތަކާއެކު ޒަފަރްގެ މޫނުމައްޗަށް ރޫތައް ގިނަވެގެން ދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ގޮނޑިން ތެދުވެ ފުންނޭވާއަކާއެކު ހަށިގަނޑު ދަމާލި އިރު ޒަފަރްގެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހިފައި ހުރި ކަމުގެ އަސަރުތަކެވެ.
” އަހަރެން ހާހެއް ނުވޭ.. އޭނަ ބަދުނާމު ކޮށްލުމައްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް އަހަރެން ކުރާނަން.. އަދި އަމުދުން މިހާރު.. އޭނަ ފަސް އަޅާ ފޮރުވާފަ ހުރި އެއްޗެއް ވެއްޖިއްޔާ އެހުރި ހިސާބަކުން ކޮނެގެންވެސް ނަގާނަން.. އެވަރުންވެސް ނުވިއްޔާ.. އަހަރެން އޭނާގެ ބޮލުގައި ތުޙުމަތު އެޅޭ ވަރުގެ ބޮޑު ޢިލްޒާމެއް އުފައްދާނަން..” ޒަފަރް އޭނާގެ އިށީނދެގެން އިން ގޮނޑިން ތެދުވެގެން އައިސް ސޯފާގައި ޖައްސާލިއެވެ. ތުންފަތައް ވެރިވި ވިހަ ހިނިތުންވުމާއެކު އޭނާ ބޭނުންވާ ކަމެއް އެއްގޮތް ނެތިއްޔާ އަނެއްގޮތުންވެސް ކުރާނެކަން ދޭހަވެއެވެ.
“އެކަމަކު.. ޒޯޔާ ދޫކޮށްލުމަކީ ޒަފަރް އަށް ހެދޭ ގޯހަކަށް ނުވާނެތޯ..؟ އެކަމުން ހައްތަހާ އައިވިންގެ ބާރު ގަދަވެދާނެ..” ޔަޢުޤޫބު އޭނާގެ ހިތުގައިވާ ކަންބޮޑުވުން ފާޅުކުރިއެވެ.
ޔަޢުޤޫބުގެ ވާހަކަ ނިމުމާއެކު ޒަފަރް ޖަހާލީ ހިނިގަނޑެކެވެ.
“ކީއްކުރެވޭނީ..؟ އެއްކަމެއްވެސް ނުކުރެވޭނެ.. ޒޯޔާ ހީކުރީ ކަންނޭނގެ އަހަރެންގެ ކިބައިން އުމުރަށް ސަލާމަތް ވެވޭނެއޭ.. އެކަމަކު ދުވަހަކުވެސް އެކަން ވާނެތަ..؟ އޭނާގެ ބަނޑުގައި އެއޮތީ އަހަރެންގެ ނިޝާން.. އަހަރެންގެ ލޭ..” ޒަފަރް މޭގައި ޖަހާލަމުން އޭނާގެ ބޮޑުކަން ހާމަކޮށްލިއެވެ.
“އެދަރިފުޅު އޭނާގެ އަތުން ޖަހައިގަތުމަކީ އަހަންނަށް އެއްވެސް ކަމެއް ނޫން.. އޭރުން.. އޭރުން ޒޯޔާ އަށް ކެތްވާނެތަ..؟ ޚުދު އައިވިން އަށް ވެސް އޭނާއަށް އެއްވެސް ކަމެއް ނުކޮށްދެވޭނެ..” ޒަފަރް ގެ ލޮލުން ފެނިގެން ދިޔައީ ނުރައްކާތެރި ކަމުގެ ވިދުވަރެކެވެ. ޒޯޔާއާއި އައިވިންގެ ދިރިއުޅުމަށް ވިހަ ލާން ތައްޔާރަށް އޮތް ހަރުފައެއް ފަދައެވެ. އޭނާގެ ހިތުގައި އެދެމީހުންނާއި މެދު ޒައްރެއްގެ މިންވަރުވެސް ޙަމްދަރުދީ ނުވާފަދައެވެ.
********
މޯޅި އަކަށް ދެމިލަމުން ޒޯޔާ އޭނާގެ ދެލޯ ހުޅުވާލިއެވެ. ބީރައްޓަހި މާޙައުލެއްގައި އޮވެވުނުކަން އިޙްސާސް ވުމާއެކު ޒޯޔާ ފުންމައިގެން ތެދުވިއެވެ. ރޭގައި ހިނގާ ދިޔަ ހުރިހާ ކަމެއް ސިކުނޑިން ހަނދާން ކޮށްދިނީ އެވަޤުތުއެވެ. އޮވެވުނީ ގެސްޓް ހައުސްގައި ކަން ނަގައިގަނެވުމާއެކު ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
ޒޯޔާ އެނދުން ފޭބުމާއެކު ހުއްޓުން އެރީ އަލަމާރީގެ ދޮރުފަތުގައި އަޅުވާފައި ހުރި ހެދުން ފެނުމުންނެވެ. އޭނާ އާންމުކޮށް ލާކަހަލަ ކުރުތާ ހެދުމެެއް ކޮނޑުގައި އަޅުވާފައި ހުއްޓެވެ. ހެދުމުގައި އަތް ޖައްސާލުމާއެކު އޭނާއަށް އެހެނދުން ގެނެސްދިން މީހަކާ މެދު ވިސްނާލުމާއެކު ހިތަށް ވެރިވީ އައިވިންގެ ނަމެވެ. އޭނާ ލާކަހަލަ ހެދުން ވަކިކުރަން އެނގޭނެ މީހަކަށް ހުރީ އައިވިން އެކަންޏެވެ. އެއާއެކު ޒޯޔާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ.
ފެންވަރާލައިގެން ނިކުން ޒޯޔާ ރީތިވާ މޭޒު ކުރިމަތީ އިށީނދެ އިސްތަށިގަނޑު އޮމާންކޮށްލުމަށްފަހު ވޫލް ކޮޅަކުން އަސްލައިލިއެވެ. ދޮރުގައި ޓަކި ޖެހި އަޑު އިވުމާއެކު ޒޯޔާ ތެދުވެގެން އައިސް ދޮރު ހުޅުވާލިއެވެ.
“ގުޑް މޯނިންގް..” ކުރިމަތީގައި ހުރި އައިވިން ޒޯޔާއަށް ހިނިތުން ވުމެއް ރައްދު ކުރަމުން ބުނެލިއެވެ.
“ހިނގާ ބްރެކް ފާސްޓް އަށް ދާން..” އައިވިން އޭނާގެ އަތުގައި އަޅާފައިވާ ގަޑިއަށް ބަލައިލަމުން ބުނެލިއެވެ.ބަދަލުގައި ޒޯޔާ ބޯ ޖަހާލަމުން ކޮޓަރިން ނިކުމެ އައިވިންގެ ފަހަތުން ހިނގައިގަތެވެ.
ގެސްޓް ހައުސްގެ ރެސްޓޯރެންޓްގައި ހެނދުނުގެ ބުފޭ ކުރިއަށް ދަމުން ދިޔައެވެ. އައިވިން އާ ޒޯޔާވެސް ހެނދުނުގެ ސަޔަށް އިންސާފު ކުރަމުން ދިޔައެވެ. ކެެއުން ނިންމާލުމަށްފަހު އައިވިންގެ އެދުމުގެ މަތިން ޒޯޔާ އައިވިން އާއެކު އައިސް ހުއްޓުނީ ގެސްޓް ހައުސްގެ ހާމަ ފެންޑާގައެވެ.
ހާމަ ފެންޑާގެ ވަށައިގެން ހުރި ރެއިލިންގެ ތަކުގައި ޒޯޔާ އަތް އަޅުވާލަމުން މުޅި ސަރަހައްދަށް ނަޒަރެއް ދިނެވެ. މަތި މައްޗަށް ގެތައް ނަގާފައި ނުވުމުން ރަށުގެ ބޮޑު ސަރަޙައްދެއް ގެސްޓް ހައުސްގެ މަތިން ފެންނަމުން ދިޔައެވެ. އެ އިމާރާތަކީ ރަށުގައި ހުރި އެންމެ އުސް އިމާރާތްހެން ޒޯޔާއަށް ސިފަވިއެވެ.
“އަން..މިއޮތީ..” އައިވިން އައިސް ދިއްކޮށްލީ ހިމަ ދިގު ގަނޑުކޮޅެކެވެ. ޖެހެމުން ދިޔަ ވަޔާއެކު ނިތްކުރި މައްޗަށް ފައިބަމުން ދިޔަ ކުރުއިސްތަށިތައް ކަންފަތް ކައިރިއަށް ލައްވާލަމުން ޒޯޔާ އެގަނޑުގައި ހިފިއެވެ. އެހިނދު އެއީ ފުރުމުގެ ޓިކެޓު ކަން އެޔަށް ބަލާލުމާއެކު ޒޯޔާއަށް އެނގިގެން ދިޔައެވެ.
“ހަވީރު ފުރުން ހަމަޖެހިފަ އޮތީ.. ޒޯ ތައްޔާރުވެގެން ހުންނާތި…” ޒޯޔާއަށް ބަލަހައްޓައިގެން ހުރެ މިފަހަރުވެސް އިސްވެ ވާހަކަ ދެއްކީ އައިވިން އެވެ. އިސްޖަހާލައިގެން ޓިކެޓަށް ބަލަން ހުރި ޒޯޔާގެ ހިތް އަވަސް ވަމުން ދިޔައެވެ. މި ކުރެވެން އުޅޭ ކަމުން ނިކުންނާނެ ނަތީޖާ އަންދާޒާ ކޮށްލަންވެސް އޭނާ ނުކުޅެދިފައި ވެއެވެ.
“އައިވިން..” އައިވިން ޒޯޔާގެ އެއްފަރާތުގައި ހުއްޓި ކުރިމައްޗަށް ނަޒަރު ހުއްޓާލުމުން ޒޯޔާ ގޮވާލިއެވެ. އެ އަޑުގައިވީ ޖެހިލުންވުން އިޙްސާސް ކުރެވުނު އައިވިން ގެ ސަމާލުކަން ވަޤުތުން ޒޯޔާއަށް ހުއްޓުނެވެ. ޒޯޔާގެ ބަސް މަދުކަމުން އެހިތަށް ވަނީ އުނދަގޫވެފައެވެ. ޒޯޔާ އަކީ ހުރިހާ ކަމެއް ފޮރުވައިގެން ސިއްރުކޮށްގެން ހުންނަ މީހެއްކަން ވޭތުވެ ދިޔަ ދުވަސްތަކުގައި އައިވިން އަށް ވަރަށް ރަނގަޅަށް އެނގުނެވެ. އެހެން ކަމުން ޒޯޔާ ވާހަކަ ދައްކަން ފެށުމާއެކު އެބުނަން އުޅޭ އެއްޗެއް އަޑު އެހުމަށް އައިވިން ކެތްތެރިކަން ކުޑަވިއެވެ.
ޒޯޔާ އައިވިން އަށް ބަލާލުމަށްފަހު ތުންފަތުގައި ދަތް އަޅާލިއެވެ.ހީވަނީ ޒޯޔާ ބުނަން އުޅޭ ވާހަކަ ފާޅުކުރުމަށް އޭނާއަށް އުނދަގޫ ވެފައި ވާހެންނެވެ.
“ޒޯ ޓެލް މީ.. އަހަރެން ޒޯ ދައްކާ ކޮންމެ ވާހަކައެއްވެސް އަޑު އަހާނަމޭ..އަހަރެންދެކެ ބިރުން ނޫނީ ނުކެރިފަ ހުންނާނެ ކަމެއްނެތް.. ޒޯ ބޭނުންވާ ގޮތަށް ކޮންމެ ކަމެއްވެސް ކޮށްދެވޭތޯ އަހަރެން ބަލާނަން.. އެކަމަކު އަހަންނަކަށްވެސް ޒޯގެ ހިތުގައިވާ ހުރިހާ އެއްޗެއް ފަޙުމް ކުރާކަށް ނޭނގޭނެ.. ޒޯ ޖެހޭނީ ތި ދުލުން އެކަމެއް އަހަރެން ކައިރީ ބުނަން..” އައިވިން ޒޯޔާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ޒޯޔާ ހިތްހަމަ ޖެއްސޭތޯ މަސައްކަތް ކުރިއެވެ.
“އައިވިން..އަހަރެން ވަރަށް ބިރު ގަނޭ.. އަހަންނަށް މިކުރެވެނީ ރަނގަޅު ކަމެއްތަ..؟ އަހަރެންގެ ސަބަބުން އައިވިންގެ ދިރިއުޅުން ހަލާކުވެގެން ދާކަށް ނޭދެން..” ޒޯޔާގެ ލޮލުންވެސް އޭނާ ހާސްވެ ކަންބޮޑުވެފައި ހުރި ވަރު އައިވިން އަށް ފެންނަމުން ދިޔައެވެ.
އައިވިން ފުންނޭވަަޔަކާއެކު ޒޯޔާއާ ކުރިމަތި ލިޔެވެ.
“އަހަރެން ޒޯޔާ މިގެންދަނީ އަހަރެންގެ ހިތް އެކަމަށް ބޭނުންވާތީ..އަހަރެން ޒޯއަށް އުފާވެރިކަން ހޯދަ ދެން ބޭނުންވާތީ.. އަހަންނަށް އިތުބާރުކުރޭ.. އިރާދަ ކުރެއްވިއްޔާ ޒޯ އަހަންނާއެކު ހުރިހާ ހިނދަކު ކޮންމެ ހާލެއްގައިވެސް ޒޯޔާ އެކު އަހަރެން ވާނަން.. މުޅި ދުނިޔެ އަހަރެމެން ދެމީހުންނާ ދެކޮޅަށް ނިކުތަސް އަހަރެންގެ ފަރުވާލެއް ނެތް.. ބިކޯޒް އައި ލަވް ޔޫ މޯރ ދެން ދެޓް.. ޒޯ ބުނެބަލަ.. އަހަރެންނާ އެކު މާލެ ދާނަންތަ؟ އަހަރެންނާ އެކު ދިރިއުޅެން ބޭނުންތަ..؟” އައިވިން ޒޯޔާގެ މޫނުގެ ދެފަރާތުގައި އަތުން ހިިފަހައްޓާލަމުން ސުވާލުކޮށްލީ ސީދާ ޒޯޔާގެ ލޮލަށް ބަލަން ހުރެއެވެ. ލޮލުގައި ގައިދުވެފައިވާ ކަރުނަތަކުގެ ތެރެއިން ޒޯޔާ ބޯ ޖަހާލިއެވެ. އެވަޤުތު އައިވިންގެ ތުންފަތުގައި ފުރިހަމަ ހިނިތުންވުމެއް ދުވެލިއެވެ.
“އޯކޭ..އެހެންވީމަ ޒޯ ފުރަން ރެޑީ ވެގެން ހުންނާތީ އިނގޭ..” އައިވިން ޒޯޔާގެ އިސްތަށިގަނޑާކުޅެލަމުން ބުންޏެވެ. ޒޯޔާ ހިނިތުންވެލަމުން ބޯ ޖަހާލި އިރު އޭނާގެ ހިތުގައިވީ ހާސްކަން އައިވިން އާއި ހިއްސާކުރުމުން އެހިތަށް ލުއިކަމެއް ލިބިފައިވެއެވެ.
******
ފުރަން އެއަރޕޯޓަށް އައުމާއެކު ޒޯޔާއަށް ކޮޅު ކޮޅަށް ނަޒަރު ހިންގާލެވުނެވެ. ކޮންމެ ދިމާއަކަށް ބަލާލި ނަމަވެސް އޭނާއަށް ހީވަނީ މީހުންތައް ބަލަމުން ދިޔައީ ޒޯޔާއަށް ހެންނެވެ.ނުވަތަ ހާސްވެފައި ހުރުމުން ޒޯޔާއަށް އެގޮތަށް އިޙްސާސްވީއެވެ. މާލެދިޔުމަށްފަހު އޭނާއަށް އަމާޒުވަމުންދާ ބެލުންތައް ގިނަވާނެ ކަން ޒޯޔާއަށް ވިސްނުނެވެ. އައިވިން ފަދަ މުޅި މާލެ ދަންނަ މޫނަކާއެކު އޭނާފަދަ މީހަކު ފެނުމުން މީހުންނާއި މީސްމީޑިއާގައި ދަޢުރު ވަމުންދާނެ ވާހަކަ ތަކާމެދު ޒޯޔާ ކަންބޮޑުވިއެވެ. ކައިރީގައި ހުރި އައިވިން އަށް އިސްއުފުލާ ޒޯޔާ ބަލައިލީ އެހާސްކަމުގައި ހުރެއެވެ. އެހެނަސް އޭނާއަށް އައިވިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހިފައި ހުރި ކަމުގެ އަސަރުތަކެވެ.
ފްލައިޓް ރަންވޭއިން ނައްޓާލުމާއެކު ޒޯޔާއަށް ހާސްކަމާއެކު ދެލޯ ތަޤުޅި ކޮށްލެވުނެވެ. މިއީ އޭނާގެ ހަޔާތުގައި ފްލައިޓަށް އަރާ ފުރަތަމަ ފަހަރު ކަމުން ޒޯޔާއަށް ނުތަނަވަސްކަންލިބިފައިވެއެވެ. އައިވިން އަށް އެމަންޒަރު ފެނުމާއެކު ޒޯޔާގެ އަތުގައި ހިފަހައްޓާލާ ހަމަޖެހުމަށް ހިތްވަރު ދިނެވެ.
********
ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓަށް ފްލައިޓް ޖެއްސި އިރު، އިރު އޮއްސެނީއެވެ. އައިވިންގެ ބޮޑީގަރޑް ލަގެޖް ތަކާއި ހަވާލު ވީއިރު މާލެ ދިއުމަށްޓަކައި ހުދުކުލައިގެ ލޯންޗެއް ތައްޔާރަށް އޮތެވެ. ލޯންޗުގައި ގިނަ އިރުތަކެއް ނުވެ މާލެއަށް ދެވުނު ވަޤުތު އައިވިން ބަލާ އައިސް އޮތް ކާރު ފެނުމުން ޒޯޔާ އާޝޯޙު ވިޔެވެ.
ކަޅު ކުލައިގެ ދަޅަ އަޅަމުން ދިޔަ އެ ޝާޙީކަން އެކުލެވޭ ކާރުގެ އެތެރޭން ކުޑަ މިންވަރެއްވެސް ފެންނަން ނެތެވެ. ކާރުގެ ލޯގަނޑުތައްވެސް ވަނީ ބޭރު ނުފެންނާނެ ކަޅު ބިއްލޫރިން ބަންދުކުރެވިފައެވެ. ކާރު ދުއްވަން އިން ޑްރައިވަރު ދޮރު ހުޅުވާލަމުން ޒޯޔާއަށް ވަނުމަށް ފަހަތު ސީޓުގެ ދޮރު ހުޅުވާލަ ދިނެވެ. ޒޯޔާ އެރުމާއެކު އައިވިންވެސް ހިނދުކޮޅެއްގެ ތެރޭ ކާރަށް އެރިއެވެ. ބޮޑިގަރޑް ކާރަށް އެރުމާއެކު ބޭރު މަގުން ކާރު ދުއްވާލީ މާލެ ތެރެއަށެވެ.
ކާރު ހުއްޓުމާއެކު ހާސްވެފައި އިން ޒޯޔާއަށް ކުރިމަތީ ފެންނަން ހުރި އުސް އިމާރާތަށް ނަޒަރެއް ދެވުނެވެ. ގެއަށް ވަންނަން ހުރި ގޭޓު ކުރިމަތީ ހުރި ދޮރުވާނު ގޭޓު ހުޅުވާލަ ދިނެވެ. އެއާއެކު ކާރު ގޭގެ ގަރާޖު ކުރިމަތީގައި މަޑު ކޮށްލިއެވެ. ކާރުގެ ދޮރު ހުޅުވާލަ ދިނުމާއެކު ޒޯޔާ ކާރުން ފޭބިއެވެ. އޭރު މުޅި މީހާ ހުރީ ހާސްގެން ގޮސް ދާހިތްލާ ފޯވެފައެވެ.
“ޒޯ ދެން ހާސްނުވޭ.. މިހާރު ޒޯ ތިހުރީ އަހަރެންގެ ރައްކާތެރި ކަމުގެ ދަށުގަ..އިރާދަކުރެއްވިއްޔާ ދެން އެއްވެސް މީހަކަށް ޒޯ އަށް ދެރައެއް ނުދެވޭނެ..” އައިވިން ހާސްވެފައި ހުރި ޒޯޔާއާ ދިމާއަށް އޭނާގެ އަތް އުފުލާލިއެވެ.
ޒޯޔާ ހަމަޖެހެން މަސައްކަތް ކުރަމުން އައިވިންގެ އަތުގައި ހިފާލައިގެން ގޭތެރެއަށް ހިނގައިގަތެވެ. ދެމީހުން ގޮސް ލިފްޓަށް އެރުމާއެކު އައިވިން ފިއްތާލީ އެންމެ މަތީ ފަންގި ފިލާއަށެވެ. ލިފްޓު ގޮސް ހުއްޓުމާއެކު އައިވިން އެޕާޓްމެންޓްގެ ދޮރު އޭނާގެ ކީ ކަރޑުން ހުޅުވާލިއެވެ. ދޮރު ފޭކޮށްލުމަށްފަހު އައިވިން ހުއްޓިލައިގެން ހުރީ ޒޯޔާއަށް ވަނުމަށް ފުރުސަތު ދޭށެވެ.
އައިވިން އަށް ބަލާލަމުން އެެތެރެއަށް ވަދެގެން އައި ޒޯޔާއަށް ވަށައިގެން ނަޒަރު ހިންގާލެވުނު އިރު އޭނާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އެ ޕެންޓް ހައުސްގެ ބިއްލޫރި ފާރު ތަކުގެ ބޭރުން މާލޭގެ މަލަމަތި ފެންނަމުން ދިޔައެވެ. ތަނަވަސް ކަމާއި ހިތްގައިމު ކަން އެކުލެވިގެންވާ ބޮޑު ސިޓިންގް ރޫމްގެ މެދުގައި ހުދުކުލައިގެ ދެ ސޯފާ ސެޓު ބެހެއްޓިފައި ވާއިރު ތިރީގައި މަޑު ރަގެއް އެޅިފައިވެއެވެ. ސޯފާތަކުގެ މެދުގައި ބެހެއްޓިފައިވާ ބިއްލޫރި ކޮފީ މޭޒާ ދިމާ މަތިން ސީލިންގުގައި ހަރުކުރެވިފައިވާ ރިހި ކުލައިން ދަޅަ އަޅަމުން ދިޔަ ޗާންދަލިއާ އިން ސިޓިންގް ރޫމް ފަޅު ފިލުވައި ދީފައި ވެއެވެ.
“ކަމުދޭތަ..؟” އައިވިން އައިސް ޒޯޔާގެ ފަހަތުގައި ހުއްޓިލަމުން ސުވާލު ކޮށްލިއެވެ. ޒޯޔާއަށް އަވަސް އަވަހަށް އޭނާގެ ބޯ ޖަހާލެވުނު އިރު ހަޤީޤަތުގައިވެސް ތަނުގެ ފުރިހަމަ ކަމުން އޭނާ ހުރި ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒަފަރް ފަދަ މަހުޖަނަކާއެކު ދިރި އުޅުމުގެ ފުރުސަތު ޒޯޔާއަށް ލިބުނު ނަމަވެސް އޭނާއަށް މުއްސަނދި ކަމަކީ ކޮބައިކަމެއް ނޭނގެއެވެ.
“ދަރިފުޅާ އައިވިން..” ޒޯޔާއާއި އައިވިން އަށް އެއްފަހަރާ ދޮރާ ދިމާއަށް ބަލައލެވުނެވެ. އޭރު ލަގެޖްތައް ގެޔަށް ވައްދަމުން ދިޔަ ބޮޑީގަރޑްގެ ފަހަތުން ފަޒްލާ ގޭތެރެއަށް ވަންނަނީއެވެ. އެހެނަސް ފަޒްލާގެ ފައިގާ ތަޅު އެޅުވިގެެން ދިޔައީ އައިވިން ގެ ކައިރީ ހުއްޓިގެން ހުރި އަންހެންކުއްޖާ ފެނުމުންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.







Wooow iss so nice??♥️ can’t wait for nxt part..n yesh me first dhw
Thank u so much Shein.. v ufaavejje mi part kamudhiyaeema.. yes ur first.. congrats! In sha Allah next part avahah up kohla dheveythoa balaanan?❤️
Heiiiii sisooo❤️❤️❤️
How’s yuh❤️❤️❤️❤️
Masha Allah vrh reethi Mi prt vss ❤️❤️❤️❤️
Masha Allah keep it up sisooo❤️❤️❤️❤️❤️
Pis Aleyyyy zafar gada ge baaa ebain dhw ?vrh foohi Mi zafar deke ?Hama hitha araa nolaalaanamey vess ehenoony zoo Ah laan eee??????????????????
Zafar kaneyge faslaafaa foruvanveee eyrun sali vaane heheehhehe?????????????????
Vrh lwbi aivin aa Zoya ge part tha ❤️❤️❤️❤️????
Omg dhn kihinehbaa vaany i am so curious sisoo????
Waiting for the next part of ❤️❤️❤️❤️
Love u sooo muc ❤️❤️❤️❤️❤️
Stay safe and take care ❤️❤️❤️
Haaii Ril.. im good Al’hamdhulillah.. how abt u? Thank u so much dear. v ufaavejje mi bai ves kamudhiyaeema. Ahaha.. kukulheh hen nolhaalaafa fihelyma rangalhu vaane?? glad u liked their parts . In sha Allah next part avahah up kohla dheynan. Lymm dear.. b safe ?❤️
Ril vesss Hama baraabaru ❤️❤️❤️❤️
Anytime sisooo?????❤️❤️❤️❤️
Hehheh Aaan fihelan Hama enme baraabaru vaane
????????????????? ahahahahha
Ooh v salhi mi part vx❤️ This is my first comment on this story, ekam I read this from the start ingey?? Really love how it’s going. I read “Vaashe Mashaa Ekee” and loved it too?? Anyways curiously waiting for next… Hope it will be updated soon.❤️❤️❤️
Thank u so much Ninthy. vv ufaavejje wonder ge vaahaka thah kiyaakah engunyma.. n so happy finally to c a comment from you dear. Really gald u loved my first story too. Yes. In sha Allah avahah up kohla dheveythoa mi balany.?❤️