“މަންމާ..” އައިވިން ހިނިތުންވެލާފައި އައިސް ފަޒްލާގެ ގައިގާ ބައްދާލިއެވެ. ގިނަ ދުވަސް ތަކެއް ފަހުން ލޯބިވާ މަންމަގެ މޫނު ފެނުމުން އައިވިން އަށް ބަޔާން ކުރަންދަތި އުފަލެއް ލިބިގެން ދިޔައެވެ.
އައިވިން އޭނާގެ ގައިގާ ބައްދާލައިގެން ހުރި އިރުވެސް ފަޒްލާއަށް ބެލެމުން ދިޔައީ ދުރުގައި ހުރި ޒޯޔާއަށެވެ. ޒޯޔާގެ ނިކުމެފައިވާ ބަނޑާއި ހެނދުން އެޅުމުގެ ވައްޓަފާޅިއަށް ފަޒްލާއަށް ބެލެމުން ދިޔައީ ބިރުވެރި އެއްޗަކަށް ބަލާހެންނެވެ.
އައިވިން އަށްވެސް މަންމައަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވުނީ ކަންނޭނގެއެވެ. ފަޒްލާގެ ގައިން އަތް ދޫކޮށްލަމުން އައިވިން ބަލައިލީ އޭނާގެ މަންމަގެ މޫނަށެވެ. އެ މަންމަގެ ނަޒަރު ޒޯޔާ އަށް ހުއްޓިފައިވާތަން ފެނުމާއެކު އައިވިން ޒޯޔާގެ ކައިރިއަށް ޖެހިލަމުން އެއަތުގައި ހިފައިގެން ފަޒްލާގެ ކައިރިއަށް ގެނައެވެ.
“މަންމާ..މީ ޒޯޔާ..” ފަޒްލާއަށް އައިވިން ކިޔާއެއްޗެއްވެސް އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. ދެލޯ ބޮޑުކޮށްލާފައި ފަޒްލާއަށް ބެލެނީ އައިވިން އާއި ޒޯޔާގެ ގުޅި ލާމެހިފައިވާ އަތަށެވެ. އަނެއްކޮޅުން ޒޯޔާ ހުރީ ހާސްކަމުގެ ތެރެއިން ފަޒްލާއާ ހަތަރު ކަޅި ހަމަކުރަންވެސް ނުކެރިފައެވެ. އައިވިންގެ މަންމަ އޭނާއާ މެދު ދެކޭނެ ގޮތެއް ނޭނގޭތީއެވެ. އެހެނަސް އަދަބު ކުޑަ ކުރަން ބޭނުން ނުވުމުން ޒޯޔާ ގަދަކަމުން ފަޒްލާއަށް ހިނިތުންވުމެއް ރައްދުކުރިއެވެ.
ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން ފަޒްލާގެ ދުނިޔެ ހީވީ އެނބުރިގަތް ހެންނެވެ. ޔަޤީނުންވެސް އައިވިން އާއި ޒޯޔާ އާ ދެމެދު އޮންނަނީ އާދައިގެ ގުޅުމެއް ނޫންކަން އޭނާއަށް އިނގޭވަރު ވެއްޖެއެވެ. އޭނާގެ ދަރިފުޅުގެ މުސްތަޤުބަލަށް ކުރި ފޮނި އުންމީދުތައް ވަޔަށް ބުރައިގެން ދިޔަ ފަދަ އިޙްސާސެއް ކުރެވުނެވެ. ކުރިމަތީގައި އެހުރި މުޑުދާރު އަންހެނާ އޭނާގެ ލޯބިވާ ދަރިފުޅުގެ ދިރިއުޅުމަށް ހިޔަނި އަޅައިފިކަން ވިސްނި ފަޒްލާގެ ދެބޮމަ ގޮށްޖެހިގެން ދިޔައެވެ. އެންމެ ހިނދުކޮޅަކުވެސް އެ އަންހެނާގެ ކުރިމަތީ ހުންނާކަށް ފަޒްލާގެ ހިތެއް ނޭދުނެވެ. ފަހަތަށް އެނބުރި ހަރު ފިޔަވަޅުތަކުގައި ފަޒްލާ ހިނގައިގަތީ މައިދޮރާ ދިމާއަށެވެ. އައިވިން ގޮވާލުމުންވެސް މަޑު ކުރުމެއްނެތި ފަޒްލާ ނިކުމެގެން ހިނގައްޖެއެވެ.
ފަޒްލާ ނިކުމެގެން ދިޔަ ދިމާއަށް އައިވިން އަށް ބަލަން ހުރެވުނީ ނުތަނަވަސްވެ ހުރެއެވެ. މަންމައަށް އައި ބަދަލު ގުޅިފައިވަނީ ޒޯޔާއާ ކަން ޔަޤީނާ ގާތަށް އެނގުމުން އައިވިން ވަކިން ކަންބޮޑު ވެއްޖެއެވެ. މަންމަގެ ފަރާތުން ޒޯޔާއަށް އެއްވެސް ފިއްތުމެއް ކުރިމަތިވާކަށް އޭނާ ނޭދެއެވެ.
އެފިކުރުގައި ހުރި އައިވިން އަށް އޭނާގެ ކައިރީ ހުރި ޒޯޔާއަށް ބަލައިލެވުނެވެ. އެ މޫނުމަތިން ފެނިގެން ދިޔަ މާޔޫސްކަމުން ޒޯޔާވެސް އެހުރީ ފަޒްލާ ކަންތައް ކުރިގޮތުން ދެރަވެފައިކަން އައިވިން އަށް ވިސްނުނެވެ. އައިވިން އޭނާގެ މޫނުމަތި އުޖާލާކޮށްލަމުން ޒޯޔާ އާ ކުރުމަތިލީ އެހާސްކަމުން ޒޯޔާ ސަލާމަތް ކުރުމަށްޓަކައެވެ.
“މަންމަ މާ ބޮޑަށް ސަޕްރައިޒް ވީ ކަންނޭނގެ.. ފަހުން އޯކޭ ވާނެ.. ހިނގާ އަހަންނާއެކު ޒޯއަށް ތައްޔާރު ކުރި ކޮޓަރި ބަލާލަން..” އައިވިން ހަމަޖެހިފައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ޒޯޔާ ކަންބޮޑު ވާންޖެހޭ އެއްވެސް ކަމެއް ނެތްކަން އައިވިން އަންގައިދޭން ބޭނުންވިފަދައެވެ.
“އައިވިން..” ސިޓިންގް ރޫމްގެ އެއްފަރާތުގައި ހުރި ބަދިގެ ބައިން ނިކުން އަންހެނެއް ގޮވާލިއެވެ. ބަލާބެލުން ފަންސާހުގެ އަހަރުތައް ގުނަމުންދާ އަންހެންމީހާ ފުޅާ ހިނިތުންވުމެއް ދެމުން އައިވިންމެން ކުރިމަތީ ހުއްޓުނެވެ.
“ނަޖުމާއްތާ..ކިހިނެތް ހާލު..؟” އައިވިންގެ މޫނުމަތިންވެސް އެއަންހެން މީހާ ފެނުމާއެކު އުފާވެރިކަން ފެނިގެންދިޔައެވެ.
“ދައްތަ ގަދަވެ ސަލާމަތުން މިހުރީ..މިއީތަ ގެންނާނަމޭ ބުނި އަންހެންކުއްޖަކީ..؟” ކުރިމަތީ ހުރި ޒޯޔާއަށް ފުންކޮށް ބަލާލަމުން އޭނާވާހަކަ ދެއްކިއެވެ.
“އާން..މިއީ ޒޯޔާ..ޒޯ މިއީ ނަޖުމައްތަ..މިގޭތެރެ..” އައިވިންގެ ވާހަކަ މެދު ކަނޑާލަން ޖެހުނީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ.
“ޒޯ ދާންވީނު ނަޖުމައްތައާ އެކު ކޮޓަރި ބަލާލަން.. ނަޖުމައްތަ ޒޯޔަށް މިގެ ކުޑަކޮށް ދައްކާލާ ހަދާލަދީ..” އައިވިިިން އެެހެން ބުނުމަށްފަހު ފޯނު ކަންފަތުގައި ޖައްސާލުމުން ބޯ ޖަހާލުމަށްފަހު ނަޖުމާ ހިނގައިގަތީ ޒޯޔާ ގޮވައިގެންނެވެ.
“އަހަންނަށް ކިޔަނީ ނަޖުމުއްނިސާ.. ކުރުކޮށް އެންމެންވެސް ކިޔާނީ ނަޖުމާ.. އައިވިން ކިޔާހެން ނަޖުމައްތަ ކިޔަސް މައްސަލައެއް ނެތް..” ޒޯޔާ އާ އެކު ހިނގަމުން ނަޖުމާ ވާހަކަތައް ކިޔައިދެމުން ދިޔައެވެ. ނަޖުމާ ވެގެން ދިޔައީ ޒޯޔާ ގަޔާވާފަދަ ހިތްހެޔޮ މީހަކަށެވެ. ނަޖުމާ ފެނުމުން ޒޯޔާ އޭނާގެ މަންމަގެ މަތިން ހަނދާންވެގެން ދިޔައެވެ.
“އައިވިން ރޭގަ ގުޅާފަ އަންހެއްކުއްޖެއް ގެންނަވާހަކަ ބުނީމަ ދައްތަ ހުންނާނެ ކޮޓަރި ތައްޔާރު ކޮށްފަ.. މި ގޭގަ މާ ބައިވަރު މީހުންނެއް ނޫޅޭނެ..ކައްކާ ގެ ބަލަހައްޓާ ހަދަން އައިވިން ގެނެއްސަ ހުންނަ މީހެއް ދައްތައަކީ.. އަދި ގޭތެރެ ފޮޅާ ސާފު ކުރަން ފިރިހެނަކު އަންނާނެ..” ނަޖުމާ ގޭތެރޭގެ ކަންކަން ކޮންމެވެސް ވަރަކަށް ޒޯޔާއަށް އޮޅުން ފިލުވަ ދިނެވެ. ޒޯޔާގެ ޚިޔާލަށް އެވަޤުތުވެސް ވެރިވީ އައިވިންގެ މަންމައެވެ. ފަޒްލާ އުޅެނީ ކޮންތާކުބާއޭ ހިތަށް އެރީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ނަމަވެސް ނަޖުމާ ކުރެން އެސުވާލު ކުރާކަށް ޒޯޔާއަކަށް ނުކެރުނެވެ.
“މިހުރީ އެކޮއެގެ ކޮޓަރި..” ނަޖުމާ ދޮރު ހުޅުވާލަދިން ކޮޓަރިއަށް ޒޯޔާ ވަނެވެ. މުޅި ކޮޓަރި ވަނީ ހުދާއި އަޅި ކުލައިން ޒީނަތް ތެރި ކުރެވިފައެވެ. އެތެރެ ފާރުގެ މެދުގައި އެނދު ޖައްސާފައި ހުރި އިރު އެނދުގެ ކަނާއަތް ފަރާތު ފާރު އެކީގައިވަނީ ބިއްލޫރިން ހެދިފައެވެ. އަޅި ކުލައިގެ ދޮރު ފޮތި އެއްފަރާތަކަށް ކެހިފައި ވާއިރު މާލޭގެ އުސް އިމާރާތްތައް ފެންނަމުންދިޔައެވެ. ބިއްލޫރި ފާރުގެ ކުރިމައްޗަށް ވާނެހެން ހުދު ކައުޗް އެއް ހުރި އިރު އަޅި ކުލައިގެ ކުޝަންތައް ތަރުތީބުން ބެހެއްޓިފައި ހުއްޓެވެ. އެނދުގެ ހެޑު ބޯޑާ ދިމާ މަތިން ސީލިންގުން ރިހި ކުލައިގެ ކުދި ބޮކިތަކެއް ތިރިއަށް އެލިފައި ހުއްޓެވެ. ޒޯޔާގެ އިސްކޮޅަށް ވުރެ ދިގުކޮށް ހުރި ލޯގަނޑާއި އަލަމާރި އަދި ރީތިވާ މޭޒުވެސް ނުހަނު ހިތްގައިމެވެ.
ކޮޓަރީގެ ރީތި ކަމަށް ގެއްލިފައި ހުރި ޒޯޔާއަށް ނަޖުމާގެ އަޑު އިވިގެން ދިޔައެވެ. ހާމަ ފެންޑާ ދެކިލަން ހިނގާށޭ ބުނުމުން ދެކޮޅުހެދުމެއް ނެތި ނަޖުމާގެ ފަހަތުން ޒޯޔާ ހިނގައިގަތެވެ.
ސިޓިންގް ރޫމްގެ ދެފަރާތުގައި ހުރި ދެސިޑި ޒޯޔާގެ ލޮލުގައި އަޅައިގަތެވެ. ނަޖުމާގެ ފަހަތުން އެތަނުން އެއްސިޑިން އަރަމުން ދިޔަ ޒޯޔާއަށް ބޮޑު ޓެރަސް އަކަށް ނިކުމެވިގެން ދިޔައެވެ. ކުރިމަތީގައި ވަށްމޭޒެއްގެ އިތުރުން ލައުޖް ގޮނޑިތައް ބެހެއްޓިފައި ހުއްޓެވެ. ތަންކޮޅެއް ދުރުގައި ވަކިން ބިއްލޫރިން ހެދިފައިވާ ކޮޓަރިއެއް ފާޑުގެ ތަނެއް ޒޯޔާއަށް ފެނުމާއެކު ނަޖުމާގެ ކައިރިން އެތަނާ މެދު ސުވާލު ކުރިއެވެ.
“އެއީ އައިވިންގެ ސްޓަޑީ ރޫމް.. ސިޓިންގް ރޫމުގައި ހުރި ދެވަނަ ސިޑިން ނުކުމެވޭނީ އެ ކޮޓަރިއަށް.. ހާމަފެންޑާއާ ގުޅުވާލައިގެން ވަރަށް ހިތްފަސޭހަކޮށް ހަދާފަ ހުރި ތަނެއް އެއީ.. ދައްތަވެސް ހައިރާން ވެގެން މިތަނުގެ ފަރުމާއާ މެދު ސުވާލު ކުރިން.. އައިވިން ބުނީ އޭނާ މިތަން ފަރުމާ ކުރީ ރާއްޖޭގެ އެންމެ މަޝްޙޫރު އަރކިޓެކްޗަރަލް ކުންފުނި ‘ކޭ ޑަބްލިޔު’ އާ ހަވާލުކޮށްގެން ކަމަށް.. އެކޮއެ އެތަނުގެ އެތެރެ ބަލާލަން ބޭނުމިއްޔާ ޖެހޭނީ އައިވިން ކައިރި އަހަން.. ސްޓަޑީ ރޫމުގެ ދަޅުދަނޑި އޮންނާނީ އައިވިން އަތުގަ އެކަނި…” ނަޖުމާ ޒޯޔާއަށް އޮޅުން ފިލުވައި ދިނެވެ.
“ޒޯ..” ސިޑިން މައްޗަށް އަރައިގެން އައި އައިވިން ގޮވާލުމާއެކު ޒޯޔާ ބަލައިލިއެވެ.
“ކޮޓަރީގަ ނެތީމަ ހީވެއްޖެއޭ މިތަނަށޭ އަންނާނީ..މިއީ ނަޖުމައްތަގެ ފޭވްރިޓް ސްޕޮޓް ވިއްޔަ..” އައިވިން އެހެން ބުނުމާކު ނަޖުމާ ހިނިގަނޑެއް ޖަހާލިއެވެ. އަދި ހަވީރުގެ ސައި ތައްޔާރަށް ހުރި ކަމަށް ބުނަމުން ނަޖުމާ ތިރިއަށް ފައިބަން ދިޔައެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސެން ދިޔައެވެ. އުުޑު މަތީގައި ރަތް އަނގުރުގަނޑެއް ހެން ފެވެމުން ދިޔަ ރަތް ވިލާތަކުން މުޅި އުދަރެސްވަނީ ފަޅުފިލުވާލަދީފައެވެ. އެރީތި މަންޒަރަށް ބަލަން ހުރި ޒޯޔާގެ ތުންފަތުގައި ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ދުވެލިޔެވެ.
“ޒޯ ސައިބޮއެގެން ރެސްޓު ކޮށްލަން ދާންވީނު..” ތިހެން ކޮޅަށް ނުވާނެ ގިނަ އިރު ހުންނާކަށް.. އަހަންނަށް ހީވަނީ ޒޯގެ ފައިވެސް ކޮންމެވެސް ވަރަކަށް ދުޅަވާހެން.. އަހަރެން ރަނގަޅު ގައިނީ އަކަށް އެޕޮއިންޓްމެންޓް ހަމަޖައްސާނަން އިނގޭ..” އައިވިންގެ ވާހަކަ އާއެކު ޒޯޔާއަށް އޭނާގެ ފަޔަށް ބަލައިލެވުނެވެ. އައިވިން ބުނިފަދައިން އޭނާގެ ފައި ކޮންމެވެސް ވަރަކަށް ދުޅަކަމަށް ދައްކައެވެ. ޒޯޔާ ހައިރާންވީ އޭނާއަށްވެސް ފާހަގަ ކުރެވިފައި ނުވާ ކަމެއް އައިވިން އަށް އެނގުމުންނެވެ. ޒޯޔާގެ އެންމެ ކުދި ކުދި ކަން ކަމަށްވެސް އައިވިން ދޭ ސަމާލުކަން ފެނުމުން ޒޯޔާގެ ދެލޯ ފެންކަޅިވާގޮތް ވިއެވެ. އެފަދަ އަޅާލުމެއް މީގެ ކުރިން މީހެއްގެ ފަރާތުން ލިބިފައި ނެތުމުން ހިތަށް އަސަރު ކުރީ ކަންނޭނގެއެވެ.
“ޒޯ..ޒޯ ރޮނީތަ..؟” ޒޯޔާގެ ދެލޮލަށް ބޮނޑިވިގަތް ކަރުނަތައް ފެނުމުން އައިވިން ހާސްވިއެވެ. ނަމަވެސް ޒޯޔާ އިސްޖަހާލަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ.
“އަހަރެން އަދި އިރުކޮޅަކު މަޑުކޮށްލަންތަ މިތާ..؟” ޒޯޔާ އޭނާގެ ކަރުނަތައް ހިންދާލާފައި ހަމަޖެހިލަމުން ބުނެލިއެވެ. އެހިތްގައިމު މަންޒަރު ބަލާލަން ގިނަ އިރު ހުންނަން ޒޯޔާ ބޭނުންވިއެވެ.
އައިވިން ހިނިތުންވެލަމުން ބޯޖަހާލާފައި ޒޯޔާ ގެނެސް ހާމަފެންޑާގައި ހުރި ލައުންޖު ގޮނޑިއެއްގައި ބޭނދިއެވެ.
އަހަރެން ނަޖުމައްތަ ކައިރި ބުނާނަން މިތަނަށް ސައިގެންނަން… އޭރުން ޒޯއަށް ގިނަ އިރު އިނދެވޭނެ އެންނު..” އައިވިން ގެ ޚިޔާލު ކަމުދިޔަ ޒޯޔާ ބޯޖަހާލިއެވެ. އައިވިން ނަޖުމާއާ ގުޅިތާ އިރުކޮޅެއްގެ ތެރޭގައި ހަވީރުގެ ސައި ގެނެސް ވަށް މޭޒުގައި އަތުރާލިއެވެ.
******
ސައިބޮއެގެން ކޮޓަރިއަށް ވަތް ޒޯޔާއަށްވަރުބަލި ވެފައި ހުރުމުން ހިނދުކޮޅެއްގެ ތެރޭގައި ނިދިއްޖެއެވެ. ދެން ހޭލެވުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. މޫނު ރީތި ކޮށްލަމުން ޒޯޔާ އައިސް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޝަބާ ފެނުމުން ޒޯޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދެ އެކުވެރިންނަށްވެސް ވީ އެއްވަރެކެވެ. ގިނަ ދުވަސްތަކެއްވެފައި ފެނުމުން ލިބުނު އުފަލުގައި ދެމީހުން ހަޅޭއްލަވައިގެންފައި އެކަކު އަނެކެއްގެ ގައިގާ އޮޅުލައިގަތެވެ.
“ކިހިނެތް ޝަބާއަށް އެނގުނީ އަހަރެން މާލޭގަ ކަން..” އުފާވެރި ކަމުގެ ތެރެއިން ޒޯޔާއަށް ސުވާލު ކޮށްލެވުނެވެ.
“ނަޔޫ ގުޅާފަ ބުނި..އައިވިން އަހަރެން މިގެޔަށް ގެނައީ..” ދޮރުގެ ކުރިމަތީ ހުއްޓުނު އައިވިން އަށް ބަލާލަމުން ޝަބާ ބުނެލިއެވެ. ޒޯޔާއަށް އައިވިން އާ ދިމާއަށް ބަލައިލެވުނީ ޝުކުރުން ފުރިގެންވީ ނަޒަރަކުންނެވެ.
“އަހަންނަށް އެނގޭ ޝަބާ އައީމަ ޒޯ ވަރަށް އުފާވާނެކަން.. އެހެންވެ ނަޔާ ކައިރި އަހައިގެން ޝަބާ އުޅޭތަން ހޯދީ..”އައިވިން ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.
“އޯކޭ ގާލްސް ޓައިމް އަށް ވަޤުތު ދީފަ މިދަނީ..” ސަމާސާ ގޮތަކަށް އައިވިން ބުނެލުމަށްފަހު ކޮޓަރީގެ ދޮރު ޖަހާލިއެވެ.
ޝަބާ ފުރަތަމަ ވެސް ޝަކުވާ ކޮށްލީ ޒޯޔާ އޭނާގެ ކައިރީ އެއްވެސް ވާހަކައެއް ނުކިޔައި ދޭތީއެވެ. ދެ އެކުވެރިންގެ ދެމެދުގައި ހިނގައިދިޔަ ކަންތައް ތަކުގެ ވާހަކަ އެތައް އިރަކު ދެކެވުނެވެ. ޝަބާއަށް ޒޯޔާ މާލެ އައީ ހުސްއަތާކަން އެނގުމުން އޭނާ އާއެކު ބާޒާރު ކޮށްލަން ދިޔުމަށް އެދުނެވެ. ޒޯޔާއަށްވެސް އެގޮތްކަމުދިޔައެވެ. ޝަބާ އާއެކު ދިޔުމުން ހިތްހަމަޖެހިގެން ބާޒާރު ކޮށްލެވޭނެތީއެވެ.
ޒޯޔާ އައިވިން ކައިރި ބުނުމުން އޭނާ އެކަމަށް އެއްބަސްވެ ކާރު ހަމަޖައްސައިދިނެވެ. އޭނާ ރުފިޔާ ދޭން އުޅުމުން ޝަބާ އެކަން މަނާ ކުރީ ޒޯޔާއަށް އެއްޗެހި ގަނެދޭނީ އޭނާ ކަމުގައި ބުނަމުންނެވެ.
ކާރުގައި ޒޯޔާއާއި ޝަބާ ދަންދެން އައިވިން ބަލަން ހުއްޓެވެ. ޑްރައިވަރު ކައިރިން ބަލައިގެން ކާރު ދުއްވުމަށް އައިވިން އެދުނެވެ. އެނބުރި ގޭޓުން ވަދެގެން އައި އައިވިން ލިފްޓަށް އެރި ވަޤުތު ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށިއެވެ. މަންމަގެ ނަން އަރާފައި އިނުމުން އައިވިން އަވަސް އަވަހަށް ފޯނު ނެގިއެވެ. ފަޒްލާ އޭނާ އުޅޭ ބަޔަށް އައުމަށް އެދުމުން އައިވިން ފަޒްލާ އުޅޭ ފަންގިފިލާގެ ނަންބަރަށް އޮބާލިއެވެ.
ގ.ކާނޭޝަން އަކީ ފަޒްލާގެ ބައްޕަގެ ގެއެވެ. ލިބުނު ދެއަންހެން ބެއިންނަށް ގެބަހާފައި ހުންނަ އިރު ފަޒްލާގެ ހަގަށް ހުރި ފާޒިލާ ދިރިއުޅެނީ އޭނާގެ އާއިލާ އާއެކު ރާއްޖޭން ބޭރުގައެވެ. އިމާރާތުގެ ގިނަ ބައިތައް ކުއްޔަށް ދޫކުރެވިފައިވާ އިރު ފަޒްލާއަށް ލިބުނު ބައިތަކުން އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ވަނީ އޭނާގެ ދަރިފުޅަށް ހަދިޔާކޮށްފައެވެ. ފަޒްލާ ދިރިއުޅެމުން ދަނީ އޭގެ ތިރީ ފަންގިފިލާގައެވެ.
ލިފްޓު ހުއްޓުމާއެކު އައިވިން ނިކުމެ އެޕާޓްމެންޓުގެ ރަނގަބީލަށް ފިތާލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ގޭގެ އިސް ޚާދިމާ އައިސް ދޮރު ހުޅުވާލިއެވެ.
“ކޮބާ މަންމަ..؟” އައިވިން އޭނާއަށް ހިނިތުންވުމެއް ރައްދުކުރަމުން އަހާލިއެވެ.
“އެބަ އިންނެވި ކުތުބުޙާނައިގާ..” އެ އެޕާޓްމަންޓްގައި ފަޒްލާ ބޭނުންކުރާ ކުޑަ ވަރެއްގެ ލައިބްރަރީ އަކަށް އިޝާރާތްކޮށް ޚާދިމާ ބުންޏެވެ. އައިވިން މަޑު ހިނގުމެއްގައި އައިސް ލައިބްރަރީގެ ދޮރުގައި ޓަކި ދިނެވެ.
“ވަދޭ..” ފަޒްލާގެ އަޑު އިވުމާއެކު އައިވިން ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައެވެ. އެތަން ފެނި ފަޒްލާ ވައިސޫރިއެއްހެން އައިސް ހުއްޓުނީ ސީދާ އައިވިންގެ ކުރިމަތީގައެވެ. ހީވަނީ އައިވިން އާދޭތޯ ބަލަ ބަލާ ހުރިހެންނެވެ. މަންމައަށް ވީގޮތްފެނި ހުއްޓުން އަރާފައި ހުރި އައިވިން އަށް ސިހުންގެނުވީ އޭނާގެ މޫނު މަތިން ފަޒްލާގެ ފޯނު ހުރަސް ކޮށްލުމުންނެވެ.
“މީ ކޯއްޗެއް އައިވިން.. އޭ..މީ ކޯއްޗެއް..؟؟”ފަޒްލާގެ އަޑުގައިވާ ހަރުކަށި ކަމާއެކު އައިވިން އަށް އޭނާގެ ފޯނުގެ ސްކްރީން ދައްކާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Salaam dear readers.. Enjoy reading the 25th part of neydhemey vakivumeh. Comment ur views about this part and let me know any mistakes i have made.. Thank u all for ur support ❤️❤️
Alheyy woahhhh????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?? mi part vx hama varah varah reethi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????? alhe mi aivin ge mamma anehka mi dhekky koacheh baa dhw???.. and aivin ge mamma ok eh vx noon dhw zoaya akah????????????? soo sad? but aivin aa zoya aa dhuru nukuruvahchey wonder dhoonyyy☹☹ puweess?? curiously waiting for the next part??????… when next??????❤❤ ly wonder dhoonii??
Thank u so much Mai. V ufaavejje mi part ves kamudhiyaeema.. hingaa dhe aivin mom dhehki ehcheh ves balamaa. Hehe.. let’s hope for the best dhw.. Next part In sha Allah before Tuesday up kohla dheynan. Lymm dear?❤️
Wow sis mi part vesss vrh Sali ??????❤️❤️???????????????
Masha Allah??????❤️❤️❤️❤️
Keep it up sis????????❤️❤️❤️
Wow aivin sis so caring vrh happy ehnve❤️❤️❤️???????????????
He deserves Zoya dhw sis??????❤️❤️
Aivivn ge mom anehkaa Zoya ah kameh nukohfee aa vaa ragalu????????? Zafar ge kibain salaamai vevuny maa dhen fazlaa thr omg bigu fight akah dhaane ?????????????
Zoya ah dera eh nulibeyne haahindu okkk vaane????????❤️❤️❤️❤️❤️❤️❤️
Hehhehehehe?????
Anehkaa koonche baa fazlaaa edehkee eyna ge phn in???? si curiouse heevany Zoya aa releted ehche hen dhw ????❤️❤️❤️❤️❤️❤️❤️
Waiting for the next part ?????❤️❤️
Love u sooo much sisyy❤️❤️❤️??
Stay safe ❤️❤️and take gud care ❤️❤️
Thank u so much Ril. V ufaavejje mi bai ves dear ah kamudhiyaeema. Yess. Aivin hama best dhw. Hingaa dhw dhn vaagotheh ves balamaa. Next part In sha Allah v avahah up kohle veythoa balaanan ingey.. lymm dear. U too b safe n tvgc?❤️