ކާރު އާދައިގެ ދުވެލީގައި އައިސް ބަނދަރު ދޮށުގައި މަޑު ކޮށްލިއެވެ. ބޮޑީ ގަރޑް ދޮރު ހުޅުވާލުމާއެކު އައިވިން ކާރުން ފައިބަން އުޅެފާމެ އިސްޖެހިފައި އިން ޒޯޔާއަށް ބަލައިލިއެވެ.
“ޒޯ އެހަށް ކާރުގައި މަޑުކޮށްލާ އިނގޭ… ފައިބަން ވީމަ އަހަރެން ބުނާނަން.. އަދިވެސް ވާރެ ތުނިކޮށް އެބަ ވެހޭ..” އައިވިން ގެ އޯގާތެރި އަޑު ޖެހުމާއެކު ޒޯޔާގެ ހިތަށް ބުނެދެން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އައިވިން އަށް ބަލައިލާ ކޮންމެ ފަހަރަކު ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގައި ޒޯޔާގެ ހިތް ބުނެލައެވެ. އައިވިން ދެއްކި ވާހަކަތަކަށް ޒޯޔާ ބޯ ޖަހާލުމުން ލުއި ހިނިތުންވުމެއް ރައްދު ކުރުމަށްފަހު އައިވިން ކާރުން ފޭބިއެވެ. ބޮޑީގަރޑް އައިވިންގެ ކުޑަ ހިފަހައްޓާލައިގެން ހުރި އިރު ދެމީހުން ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އިރުކޮޅަކުން އައިވިން ފޯނު ނެގުމަށްފަހު މީހަކަށް ގުޅި ތަން ފެނިގެން ދިޔައެވެ.
މިހުރިހާ މަންޒަރެއް ކާރުގެ ބިއްލޫރިގަނޑުން ޒޯޔާ ބަލަމުން ދިޔައެވެ. އައިވިން ފޯނު ބޭއްވުމަށްފަހު އަނެއްކާވެސް ބޮޑޯގަރޑް އާ ވާހަކަތަކެއް ދެއްކިތަން ޒޯޔާއަށް ފެނިގެން ދިޔައެވެ.
****************
ޒޯޔާ އަށް އިރު އިރު ކޮޅާ ކާރުގެ ބިއްލޫރި ގަނޑުން ބޭރު ބަލާލުމަށްފަހު ދެއަތް ދެއަތާ މޮޑެލެވެއެވެ. ބަނދަރަށް ކާރު މަޑު ކުރި ފަހުން މިހާރު ބައިގަޑި އިރު ނުވާނެ ކަމެއްވެސް ނޭނގެއެވެ. އެހެނަސް އަދިވެސް އައިވިން ހުރީ އޭނާގެ ބޮޑީގަރޑް އާއެކު ކާރާ މާ ދުރު ނޫން ހިސާބެއްގައި ތޮށިގަނޑު މަތީ ހުއްޓިލައިގެން ނެވެ. ޒޯޔާއަށް ވާނުވާ ނޭނގުމުގެ ސަބަބުން ހިތަށް ހާސްކަން ވެރިވަމުން ދިޔައެވެ. އޭނާގެ ސަބަބުން އައިވިންގެ ފުރުން ކެންސަލް ވަނީ ބާއޭ ވެސް އެތައް ފަހަރަކު ޒޯޔާ ހިތަށް އެރިއެވެ. އެފަދަ ނުބައި ޚިޔާލުތަކެއްގައި ވަނިކޮށް އަނެއްކާވެސް އައިވިން ފޯނު ނަގާ ކަންފަތުގައި ޖައްސާލިތަން ޒޯޔާއަށް ފެނުނެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ފޯނު ކަންފަތާ ދުރުކޮށްލަމުން ޖީބަށް ލިޔެވެ. ދެން އައިވިންގެ ނަޒަރު ސީދާ ހުއްޓުނީ ކާރުގެ ތެރޭގައި އިން ޒޯޔާ އަށެވެ. އޭރު އައިވިންގެ ތުންފަތުގައިވާ ހިނިތުންވުން ފެނި ޒޯޔާ އަވަސް އަވަހަށް އިސްޖަހާލިއެވެ.
އައިވިން އައި ގޮތަށް އައިސް ކާރުގެ ދޮރު ހުޅުވާލިއެވެ. ކާރުގެ ތެރެއަށް ބޯދިއްކޮށްލުމަށްފަހު އައިވިން ބަލައިލީ ޒޯޔާއަށެވެ. އޭނާގެ ކަނާއަތް ދިއްކޮށްލަމުން ޒޯޔާއަށް ބަލައިލި ގޮތުން ހީވަނީ އެ އަތުގައި ހިފާށޭ ބުނަމުން ދާހެންނެވެ. އެއްފަހަރު އައިވިންގެ ދެލޮލަށް އަނެއްފަހަރު އެ އަތަށް ބަލައިލުމަށްފަހު ޒޯޔާ ފުންނޭވާއެއް ދޫކޮށްލަމުން އެއަތުގައި ހިފިއެވެ. އެހިނދު ފަސޭހަކަމާއެކީ ޒޯޔާ ކާރުން ފޭބުމަށް އައިވިން އެހީތެރިވެދިނެވެ.
އައިވިން ޒޯޔާގެ އަތުގައި ހިފައިލައިގެން ހިނގައިގަތީ ކައިރީގައި އޮތް ލޯންޗާ ދިމާއަށެވެ. އޭރު އައިވިންގެ ލަގެޖް ތަކާ އެއްޗެހި ލޯންޗަށް އަރުވަނީއެވެ. ބޮޑީގަރޑް ލޯންޗަށް އެރުމާއެކު އައިވިން ވެސް ލޯންޗަށް އަރައިފިއެވެ. ޒޯޔާ ލޯންޗަށް އެރުމަށް އެހީވެދިނީ ޚުދު އައިވިން އަމިއްލަ އަށެވެ. ޒޯޔާގެ އެއްވެސް ކަމެއް އެހެން މީހަކަށް ހަވާލު ކުރަން އޭނާ ބޭނުން ނުވާފަދައެވެ. ނުހަނު ބަލައިގެން ޒޯޔާ ލޯންޗަށް އެރުވުމަށްފަހު ގޮނޑީގައި ބޭނދިއެވެ. އައިވިން އިށީނީ ޒޯޔާގެ ކުރިމައްޗަށްހެން ހުރި ގޮނޑީގައެވެ. އިރުކޮޅެއްގެ ތެރޭގައި ލޯންޗުގެ އިންޖީނުގެ އަޑާއެކު ދެން ފެނުނީ ލޯންޗު މާ ކަނޑުގެ ތެރެއަށް ނުކުން ތަނެވެ.
ބައި ގަޑި އިރުގެ ދަތުރަކަށްފަހު ލޯންޗު އައިސް ބަނދަރު ކޮށްލީ އަތޮޅުގައި ހުރި ހަމައެކަނި ޑޮމެސްޓިކް އެއަރޕޯޓް ހުރި ރަށުގެ ފަޅުތެރޭގައެވެ. އައިވިން މެން ފޭބި އިރު އެމީހުންގެ އިންތިޒާރުގައި ޓެކްސީ އެއް އޮތެވެ. ލަގެޖް ތައް ކާރަށް އެެރުވުމާއެކު އައިވިން ޒޯޔާގެ އަތުގައި ހިފާލީ ކާރާ ދިމާއަށް މިސްރާބު ޖަހަމުންނެވެ.
އެއް އަތޮޅެއް ނަމަވެސް ކުރިން ދުވަހަކުވެސް އައިސްފައިވާ ރަށެއް ނޫންކަމުން ޒޯޔާއަށް މުޅި ތަނަށް ނަޒަރު ހިންގާލެވުނީ ބީރައްޓެހި ނަޒަރަކުންނެވެ. ކާރުގައި ކުރެވުނު ދަތުރުވެސް މާ ދިގު ނުވެ އޭގެ މަންޒިލަށް އާދެވިއްޖެއެވެ.
ކާރުން ފޭބުމާއެކު ކުރިމަތީގައި ހުރި ގެސްޓް ހައުސް އަށް ޒޯޔާއަށް ބަލައިލެވުނެވެ. ގެސްޓް ހައުސްގެ ދޮރުގެ މަތީ ދެއަރީގައި ދިއްލާފައިވާ ވައްކޮށް ހުރި ދެބޮކީގެ އަލިން މުޅިތަން ވަނީ އަލިވެފައެވެ. އެއާއެކު ދޮރުގެ ތިރީ ތަޅަންގަނޑުގެ ދެފަރާތުގައި ދެ ލެންޓާން ފާޑުގެ ދެ އެތި ދިއްލާފައި ވެއެވެ. އެމަންޒަރުވެގެން ދިޔައީ ޒޯޔާ ގަޔާވި ހިތްގައިމު މަންޒަރަކަށެވެ.
ދޮރުމަތީގައި ހުރި އައިވިން އަށް ލެންޓާން ތަކަށް ބަލަން ހުރި ޒޯޔާގެ ތުންފަތުގައިވީ ލުއި ހިނިތުންވުން ފެނިގެން ދިޔައެވެ. އެ ތަކެތީގެ އަލި ޒޯޔާގެ މޫނަށް އެޅިފައިވާ އިރު އެ މޫނުން ފާޅުވާ ކޮންމެ އަސަރަކަށް ފަރުވާތެރި ކަމާއެކު ކަޅި ޖަހާ ނުލާ އައިވިން އަށް ބެލެމުން ދިޔައެވެ.
އައިވިންގެ ކައިރީ ހުއްޓިލަމުން އޭނާގެ ބޮޑީ ގަރޑް ލަގެޖް ތައް ލައި ހުރިހާ ކަމެއް ހަމަޖެހިއްޖެ ކަމަށް ބުންޏެވެ. އައިވިން ބޯ ޖަހާލުމާއެކު ހިނގައިގަތީ ޒޯޔާގެ ކައިރިއަށެވެ.
އައިވިން ޒޯޔާގެ ކައިރީ ހުއްޓި ގޮވާލުމާއެކު އޭނާއަށް ސިހުންގެނުވިއެވެ. ހިނިތުންވެލުމަށްފަހު އެތެރެއަށް ވަންނަންވީ ކަމުގައި އައިވިން ބުނުމުން ޒޯޔާ ވެސް ހަމަޖެހިލަމުން އައިވިން އާއެކު ހިނގައިގަތެވެ.
ގެސްޓް ހައުސްގެ ރޫމް ސަރވިސްގެ މުވައްޒަފަކު އައިވިން މެންނަށް މަގު ދައްކަމުން ދިޔައެވެ. ލިފްޓު ގޮސް ހުއްޓުނީ ގެސްޓް ހައުސްގެ އެންމެ މަތީ ފަންގި ފިލާ ކަމުގައިވާ ފަސްވަނަ ފަންގި ފިލާއަށެވެ. ހޯލްވޭ އަކުން ހިނގާފައި އައިސް އޭނާ އެއްފަރާތުގައި ހުރި ތިންކޮޓަރިއަށް އިޝާރާތް ކުރިއެވެ. އެތަނުން މެދަށް ހުރި ކޮޓަރި އައިވިން އަށް ހަމަޖެހިފައިވާ އިރު ކަނާތް ފަރާތުގައި ހުރީ ޒޯޔާގެ ކޮޓަރިއެވެ. ވާތް ފަރާތުގައި ހުރީ އައިވިންގެ ބޮޑީ ގަރޑް އަށް ކަނޑައަޅާފައިވާ ކޮޓަރިއެވެ.
އައިވިން ތަނުގެ މުވައްޒަފަށް ޝުކުރު އަދާ ކުރުމާއެކު އޭނާ އައި ކޮޅަށް ހިނގައި ގަނެއްޖެއެވެ. އޭރު އައިވިންގެ ބޮޑީގަރޑްވެސް ދޮރު ހުޅުވާލުމަށްފަހު ކޮޓަރިއަށް ވަދެއްޖެއެވެ. ކައިރީގައި ހުރި ޒޯޔާއަށް އައިވިން ބަލައިލީ ދެނެވެ.
އައިވިން ޒޯޔާ ކައިރީ ކޮޓަރީގެ ދޮރު ހުޅުވަން ބުނުމާއެކު ޒޯޔާ އެކަމަށް އަވަސް ވެގަތެވެ.އެހެނަސް ޒޯޔާގެ އަތްވެސް ދިޔައީ ތުރު ތުރު އަޅަމުންނެވެ. އައިވިން އަށް އެތަން ފެނި އައިސް ޒޯޔާގެ އަތުގައި ހިފަހައްޓާލަމުން އޭނާއަށް ދައްކާށޭ ބުންޏެވެ. ޒޯޔާ އައިވިން އަށް ފުރުސަތު ދިނުމާއެކު ފަސޭހަ ކަމާއެކު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ.
ތަނަވަސް ބޮޑު ކޮޓަރިއެއްގެ ތެރެއަށް ވަދެވުން ޒޯޔާ ފަރާތް ފަރާތް ބަލަމުން އައިސް ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުއްޓުނެވެ.
“ޒޯ ބޭނުންވާނެ ހުރިހާ އެއްޗެއް ހުންނާނެ ތި ކޮޓަރީގަ.. އެއްޗެއް ނުގެނެވުނީތީ ހާސްވާކަށް ނުޖެހޭނެ.. ހޫނު ފެނުން ފެން ވަރައިގެން ނިދާލަން އޮށޯވޭ.. މިހާރު ޒޯ ހުންނާނީ ވަރަށް ވަރުބަލި ވެފަކަން އަހަންނަށް އެނގޭ.. ” އައިވިން ދޮރުމަތީގައި މަޑުކޮށްލައިގެން ހުރެ ޒޯޔާއާ ވާހަކަ ދައްކަމުން ދިޔައެވެ.
“ގުޑް ނައިޓް..” ޒޯޔާ އެއްޗެއް ބުނޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އެފަދަ އިޝާރާތެއް ނުވުމުން އައިވިން ރޭގަނޑުގެ ސަލާމް ކޮށްލިއެވެ.
އައިވިން އާ ދިމާއަށް އެނބުރިގެން ކަނާއަތުން ވާއަތުގެ އޮޅަނބޮށީގައި ހިފަހައްޓާލައިގެން ހުރި ޒޯޔާއަށް މަޑު މަޑުން ބޯ ޖަހާލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ. މިވަޤުތު އައިވިން އާއި ވާހަކަ ދެއްކުމަށްވެސް އޭނާ ނުކުޅެދިފައިވާ ކަހަލައެވެ.
ޒޯޔާއަށް ފަހުފަހަރަށް ނަޒަރެއް ދެމުން ހިނިތުންވެލުމަށްފަހު އައިވިން ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ޒޯޔާއަށް އިތުރު ހަރަކާތެއް ކުރަން ހޭވެރިކަންވީވެސް ދޮރު ލެއްޕުނުތާ އިރުކޮޅެއް ފަހުންނެވެ. މަޑު މަޑުން ކޮޓަރި ތެރެއަށް ނަޒަރު ހިންގަމުން އައިސް ކޮޓަރީގެ އެއްފަރާތު ބިތުގައި ޖައްސާފައި ހުރި ފުޅާ އަލަމާރި ކައިރީ ޒޯޔާ ހުއްޓުނެވެ. އަލަމާރީގެ ދޮރުފަތްތައް ހުޅުވާލުމާއެކު އައިވިން ބުނި ބަހުގެ ތެދުކަން ޒޯޔާއަށް ވިސްނުނެވެ.
ކޮނޑުގައި އަޅުވާފައި ހުރި ނައިޓް ގައުން ޒޯޔާ އަތަށް ނެގުމަށްފަހު ބަލައިލިއެވެ. ކަޅާއި ރަތުގެ ރޮނގުތަކެއް ދަމާފައިވާ މަޑު މަޑު ފޮތީގެ ގައުން އާއެކު އެތެރޭން ލާނެ ކަޅު ކުލައިގެ ހެދުން ކޮޅަކާއި ދޫ ހަރުވާޅެއް ހުއްޓެވެ. އޭގެ އިތުރުންވެސް އަންހެން ކުއްޖަކު ބޭނުންވާނެ ސާމާނު ހަމަޔަށް ހުރުމުން ޒޯޔާ އަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެހެނަސް އެހުރިހާ ކަމެއް އެހާ ފުރިހަމައަަށް ތައްޔާރުކޮށްފައި ހުރުމުން ޒޯޔާ ހައިރާން ވިއެވެ. ހީވަނީ ކުރިން ބައިން އޭނާ އަށްޓަކައި ކޮޓަރި ތައްޔާރު ކުރެވިފައި ވާހެންނެވެ. ޒޯޔާއަށް ނޭނގުނު ކަމަކީ ރަށަށް އައުމުގެ ކުރިން އައިވިން އެހުރިހާ ކަމެއް އިންތިޒާމް ކޮށްފައިވާކަމެވެ. ފުރުން ލަސްވުމަށް މެދުވެރިވީވެސް އެސަބަބަށްޓަކާކަމެވެ.
ކޮޓަރި ތަޅު ލުމަށްފަހު ޒޯޔާ ފާޚާނާއަށް ވަދެ ހޫނުފެނުން ފެންވަރާލިއެވެ. ފެންވަރާލުމާއެކު ހަށިގަނޑަށް ލިބުނު އަރާމާއެކު ލޮޑުކަން އިޙްސާސް ކުރެވިގެން ދިޔައެވެ. ނިދާ ހެދުން ލުމަށްފަހު ތެތް އިސްތަށިގަނޑު ތުވާއްޔަކުން ހިއްކަމުން އައިސް ޒޯޔާ އެނދުގައި ޖައްސާލިއެވެ. ދެއަތް ފޭކޮށްލަމުން އެނދުގައި އަރިއަކަށް އޭނާ އޮށޯވެލިއެވެ. އެނދުން ބޭރަށް ދެފައި އެލުވާލައިގެން އޮތް ޒޯޔާގެ ވިސްނުން ފުން ކަނޑެއްގެ ތެރެއަށް ޣަރަޤު ވަމުން ދިޔައެވެ.
ޙަޔާތުގައި އޭނާއަށް އާދެވިފައި ހުރިހާލަތައް ވިސްނާލަން މަޖުބޫރުވިއެވެ. އެއްކޮޅުން އޭނާއަކީ މިހާރު ޒަފަރްގެ އަންބެއް ނޫންކަން އެނގުމުން ހިތަށް ހިތްހަމަ ޖެހުން ލިބުނު ނަމަވެސް އަނެއްކޮޅުން ޒަފަރްގެ ފަރާތުން އަތުވެދާނެ ފިއްތުމަކަށް އެހިތް ބިރުގަނެފައި ވެއެވެ. ދެއަތުން އޭނާގެ ބަނޑުގައި ޒޯޔާއަށް އަތްޖައްސާލެވުނީ ޒަފަރްގެ ނުފޫޒުން އޭނާގެ ދަރިފުޅު ހިމާޔަތް ކުރަން ބޭނުންވެފައި ވީ ވަރުންނެވެ. އައިވިން އާއެކު ވުމުން އެ ހިތަށް ފިނިކަން ލިބުނު ނަމަވެސް އޭނާގެ އާއިލާ ޒޯޔާފަދަ އަޅާލާނެ ޔާރެއް އިޔާރެއް ނެތް ނިކަމެއްޗެއް ޤަބޫލު ކުރާނެ ހެއްޔެވެ؟ އޭނާގެ ސަބަބުން އައިވިންގެ ދިރިއުޅުން ބޮޑު ހަލަބޮލި ކަމެއްގެ ތެރެޔަށް ނުވެއްޓޭނެ ހެއްޔެވެ؟
ޚިޔާލު ތަކުގެ ތެރެއަށް ގެއްލިފައި އޮވެވުނުލެއް ބޮޑު ކަމުން ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމާއެކު ޒޯޔާ ދިޔައީ ސިއްސައިގެންނެވެ. ހަމަ އެވަޤުތު އައިވިންގެ އަޑު އިވިގެން ދިޔުމާއެކު ޒޯޔާ އަވަސް އަވަހަށް ތެދުވެ އަތުގައި އޮތް ތުވާލި އެހުންނަން ޖެހޭތާ ބޭއްވުމަަށްފަހު ތެތް އިސްތަށިގަނޑު އަތުން ރީތި ކޮށްލިއެވެ. ލައިގެން ހުރި ފުޅާ ގައުން ގެ ބަންދު ކުރިމައްޗަށް އަސްލާލަމުން ޒޯޔާ އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
ދޮރުމަތީގައި ހުރި އައިވިން ޒޯޔާއަށް ދައްކާލީ ފޯނެވެ. އަދި އަޑު ބޭރު ކޮށްލުމެއްނެތި ތުންފަތް ހަރަކާތް ކޮށްލަމުން ނަޔާ އޭ ބުނެލިއެވެ. ޒޯޔާ އަވަސް އަވަހަަށް ފޯނުގައި ހިފުމުން އައިވިން އަނެއްކާވެސް ކޮޓަރީގެ ދޮރުލައްޕާލިއެވެ. ދެ އެކުވެރިންގެ ދެމެދުގައި ދެކެވޭ ވާހަކަތައް އަޑު އަހަން ހުންނާކަށް އައިވިން ބޭނުމެއް ނުވިއެވެ. ޒޯޔާއަަށްވެސް ހަމަޖެހިލައިގެން ވާހަކަ ދެކެވޭނީ އޭނާ ނެތުމުން ކަމުގައި އައިވިން އަށް ޤަބޫލު ކުރެވުނެވެ.
ޒޯޔާ ހަލޯ އޭ ބުނުމާއެކު ނަޔާގެ ސުވާލުތައް އޮހެން ފެށިއެވެ. ޒޯޔާ ފުރައިގެން އައިކަން ނަޔާ އަަށް އެނގުމުން ހައިރާންވީ ނަމަވެސް ދެވަނަ ސިކުންތުގައި އައިވިން ބުނާނީކަން އޭނާއަށް ވިސްނުނެވެ.
“އައިވިން ގުޅާފަ ބުނީ ޒޯގެ ޑޮކް ކައިރި އަހާބަލާށޯ ޒޯ ދަތުރު ކުރަން ހުއްދަ ދެވިދާނެހޭ.. އެހެން ބުނީމަ އަހަރެން ދިޔައީ ސިއްސައިގެން.” ނަޔާއަށް ޒޯޔާ ފުރައިގެން ދިޔަކަން އެނގުނު ގޮތް ކިޔައިދޭން ފެށިއެވެ.
“ޒޯ ކުރިން ބްލީޑް ވީމަ ދަތުރު ކުރުން ނުރައްކާތެރި ވެދާނެތީ އޯ.. ނަސީބަކުން ޒޯ މިރޭ އެންނު ސްކޭން ކުރީވެސް ދޯ.. ޑޮކްޓަރ ބުނީ މައްސަލައެއް ނެތޯ..”
ނަަޔާގެ ވާހަކައާއެކު ޒޯޔާއަށް ސިހުންގެނުވިއެވެ. އައިވިން ޒޯޔާއަށް ނޭނގި ހުރިހާ ކަމެއް ހަމަޖެއްސިގޮތް އެނގުމުން އުފާވެސް ވިއެވެ. އަދި ޒޯޔާ އާއި ދަރިފުޅުގެ ރައްކާތެރިކަމަށް އައިވިން ވިސްނުމުން އެހިތުގައި އައިވިން އަށް ދެވިފައި އޮތް މަޤާމު އުފުލިގެން ދިޔައެވެ.
ނަޔާ އެދުނީ ކަންތައްވީ ހުރިހާ ގޮތެއް އޭނާއަށް ކިޔައި ދިނުމަށެވެ. އައިވިންވެސް އޭނާއަށް ތަފްސީލުތައް ނުދޭކަމުގައި ނަޔާ ބުންޏެވެ. އެންމެ ފަހުން ޒޯޔާއަށް ޖެހުނީ ވީ ހުރިހާ ކަމެއް އަލިފުން ޔާއަށް ކިޔައިދޭށެވެ. ޒޯޔާގެ ވާހަކަތައް ނިމުމާއެކު ނަޔާ ބުރަވީ ޒޯޔާގެ ކޮޅަށެވެ. ޒޯޔާގެ ނިންމުން ރަނގަޅު ކަމުގައި ނަޔާ ވިސްނައިދިނެވެ.
“އެކަމަކު ނަޔޫ..އަހަރެން ހަޤީގަތުގަ ވަރަށް ބިރުގަނޭ.. އަހަންނަށް އިޙްސާސްވަނީ އަހަރެންގެ ސަބަބުން އައިވިން އަށް އިތުރު ތަކުލީފުތަކެއް ދެވެޔޭ..” ޒޯޔާ މާޔޫސްކަން މަތީ އޭނާގެ ހިތުގެ އަޑު އެކުވެރިޔާއާ ހިއްސާކުރިއެވެ.
“ޒޯ ހުރިހާ ކަމަކާ މަ ނެގެޓިވް ކޮށް ތިވިސްނަނީ.. ފުރަތަމަ އައިވިން އަމިއްލައަށް ޒޯ ކައިރިން ނޭދޭނެ އެންނު އޭނައާއެކު މާލެ އައުމަކަށް ބުރައަކަށް ވަންޏާ.. ހުރިހާ ކަމެއް އަހަރެމެން ބޭނުންވާހާ އޮމާންކޮށް ކުރިއަށް ނުގޮސްދާނެ.. އެކަމަކު އަހަރެންގެ ހިތެއް ނުބުނޭ އައިވިން ޒޯއަށް ދެރައެއް ދޭނެއެކޭ.. ނުވަތަ ޒޯއާ ހެދި އޭނާއަށް އުނދަގުވެދާނެ އެކޭ..” ނަޔާ ނަސޭހަތް ތެރިވީ ހުރިހާ ކަމެއްގައިވެސް ރަނގަޅަށް ހީކުރުމަށެވެ. އަދި އައިވިންގެ އެހީގައި ޒޯޔާގެ މިލާ މޯޅިވެފައިވާ ހަޔާތަށް އާރޯކަމާއި ދިރުން ގެންނަން މަސައްކަތް ކުރުމަށް އެކުވެރިޔާގެ ކިބައިން ނަޔާ އެދުނެވެ.
އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ނަޔާ ފޯނު ބޭވުމުން ދެކެވުނު ވާހަކަތަކަށް ވިސްނާލަން ޒޯޔާ އަށް ހުރެވުނެވެ. ނަޔާ ބުނިފަދައިން ދިރިއުޅުމައިގެން ކުރިއަށް ދާން އޭނާ ވެސް ބޭނުންވެއެވެ. އެނދުގައި ކުރުގެޅިލައިގެން ފޯނު މެއާލައި ބާރުކޮށްލައިގެން ޒޯޔާއަށް އޮވެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލި ކަމާއެކު ޒޯޔާގެ އެސްފިޔަތައް މެރިގެން ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
އައިވިން އައިސް ދޮރުގައި ޓަކި ޖެހުމުން ވެސް ޒޯޔާގެ އަޑެއް ބަޑެއް ނީވުނެވެ. ދެފަހަރަކު ޒޯޔާގެ ނަމުން ގޮވާލުމުންވެސް ޚަބަރެއް ނުވިއެވެ. އައިވިން މަޑުމަޑުން ތަޅުގައި ހިފާލި ވަޤުތު ތަޅުނުލާ ހުރުމުން ދޮރު ހުޅުވިގެން ދިޔައެވެ.
ދޮރުން އެތެރެއަށް ބޯދިއްކޮށްލި އައިވިން އަށް އެނދުގައި ދެފައި ގަޔާ ކައިރިކޮށްލައިގެން ނިދިފައި އޮތް ޒޯޔާ ލޮލޮގައި އަޅައިގަތެވެ. ޒޯޔާ ހޭލައްވަން ބޭނުން ނުވުމުން އަޑެއް ނީވޭނޭހާ މަޑުން އައިވިން ހިނގާފައި އައިސް އެނދުގެ ކައިރީ ޒޯޔާ ފެންނާނޭހެން ކުޑަ ކަކޫ ޖަހާލިއެވެ. ނުހަނު މަޢުސޫމު ކަމާއެކު ޒޯޔާ ނިދާލާފައި އޮތް ގޮތް ފެނުމުން އައިވިން އަށް ބޭއިޚްތިޔާރުވައި ހިނިތުން ވެލެވުނެވެ. ޒޯޔާގެ މޫނު މައްޗަށް ވެރިފައިވާ ތެތް އިސްތަށިތައް އެއްފަރާތް ކޮށްލުމަށްފަހު ޒޯޔާގެ އަތުގައި ދޫވެފައި އޮތް އޭނާގެ ފޯނު މަޑު މަޑުން އައިވިން ނެގިއެވެ. އެވަޤުތު ޒޯޔާ ނިދީގައި އޮވެ އައިވިންގެ އަތްތިލާގައި ހިފާ ގަޔާ ކައިރި ކޮށްލީ އެއީ ފޯނު ކަމަށް ހިތައެވެ.
ޒޯޔާގެ އެ ހަރަކާތާއެކު އައިވިންގެ ހިތް ހުދުހިގެން ދިޔަފަދައެވެ. ލޯތްބާއެކު ޒޯޔާއަށް ބަލަހައްޓައިގެން އިން އިރު އެ އަތް ދުރު ކުރަން އެއްވެސް ވަރަކަށް އޭނާ ނުވިސްނާ ފަދައެވެ.
އައިވިން ތެދުވީ އެންމެ ފަހުން ޒޯޔާގެ އަތުން އޭނާގެ އަތް ދޫވުމުންނެވެ. ޒޯޔާގެ ގައިމަތީ ބޯ ރަޖާގަނޑު އަޅާލުމަށްފަހު އައިވިން ތެދުވެ ނިދާ ބޮކި ޖައްސާލިއެވެ. ދޮރުން ނިކުންނަން ހިނގައިގެން ފައިވެސް އައިވިން މަޑު ޖެހިލިއެވެ. އެނބުރި ޒޯޔާގެ ގާތުގައި އިށީނދެލަމުން ލުއި ގޮތަކަށް ޒޯޔާގެ ނިތްކުރީގައި އައިވިން ބޮސްދިނެވެ. އެއަށްފަހު ތެދުވެގެން އައިސް ދޮރު ހުޅުވާލުމަށްފަހު އައިވިން ކޮޓަރިން ނިކުމެ މަޑު މަޑުން ދޮރު ޖަހާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







Salaam dear readers. I wasn’t really feeling well when writing this. so i feel like i haven’t given my best to this part n it is making me sad. However, i do hope it’s not that noticing and u all will like this part too.. feel free to tell me ur view for this part as well! Enjoy reading and b safe!❤️❤️??
Heiiiii sis❤️❤️❤️❤️
Mi part vess vrh furihama❤️❤️❤️❤️
Masha Allah ❤️❤️❤️❤️❤️
Wow vrh ufaavehje aivin ehaa caring veemaa ❤️❤️❤️❤️❤️??
Nope U have given ur best in this part tooo I love it❤️❤️❤️❤️❤️??
Ril Hama vrh ufaave hure Mi part mikeee???? Eyyy zafar ge thankoleh naayaa heheheh ????????????
Dhen Zoya dhaany Male dhw heevany❤️❤️❤️❤️
Waiting for the next part curiously ❤️❤️❤️❤️
Love u sooo muc sis??❤️❤️❤️❤️
Stay safe and take care ❤️❤️❤️❤️
Wow???? mi part vx varah varah reethi❤❤❤????? dhn rangalhu vaany e zafaru gandu ge undhagoo zoaya ah nujehijeyyaa????????? btw mi part varah hiyhama jehigen kiyaalevun zafar gandu nethyma???❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ enme fahun aivin aa eku zoaya dhiyaii dhw♥? curiously waiting for the next part????? when next?.. love you wonder❤???