” އަހަރެން އާރްޔަން އާ އިންނަން ގަބޫލު..” ނަފީސާގެ ވާހަކަ މެދުކަނޑާލުމާއެކު،ލޮލުން ފައިބަމުން ދިޔަ ކަރުނަ އަތުގެ ނުފުށުން ފުހެލަމުން މަލްދާ ބުންޏެވެ. ” ދަރިފުޅަށް ކިހިނެތް އިނގުނީ..” ނަފީސާ އިނީ ހައިރާން ވެފައެވެ. ” އަސްމައްތަ މިއަދު ދެއްކި ވާހަކަތައް އަޑު އިވުން.. ބުނޭ މަލް ކައިވެނި ކުރަން ތައްޔާރަށޭ ހުރީ..” މިވާހަކަ އަޑު އިވުމާއެކީ ނަފީސާގެ މޫނަށް އުފާވެރިކަން ވެރިވިއިރު ދުރުގައި މިވާހަކަތައް އަޑުއަހަން އިން ސާރާގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގެންހެންނެވެ. ދެލޯ ބޮޑުކޮއްލައިގެން މަލްދާ އާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ. ” އަނހަ.. ސާރާ ކޮންއިރަކު އައި؟..” ދޮރު ކައިރީ އިން ސާރާ ފެނިފައި ނަފީސާ ސުވާލުކޮއްލިއެވެ. “ދެންމެ..” ހިނިތުންވެލަން މަސައްކަތް ކުރަމުން ސާރާ ޖަވާބު ދިނެވެ. އެއަށްފަހު ހެވިދިއްލިފައި ހުރި ނަފީސާ އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ” އާރްޔަން އާ އިންނަނީ؟ .. އޭޒް ފާ އޭޒް އަ ނޯ… ޔޫ ޑޯންޓް ލައިކް ހިމް..” މަލްދާ ކައިރީ ހުއްޓެމުން ސާރާ ސުވާލުކޮއްލިއެވެ. ” އެގްޒެކްޓްލީ.. އައި ހޭޓް ހިމް..” އަކުރުތަކަށް ބާރު ލަމުން މަލްދާ ބުނި ޖުމްލައިން ސާރާގެ ދެލޯ ބޮޑުވިއެވެ. ” މި ކައިވެނި ކުރުމަކީ ކިހާ ބޮޑު މިސްޓޭކެއްކަން އޭނަ އަށް ވިސްނޭނެ. އައިލް މޭކް ހިޒް ލައިފް ހެލް.. އައިލް މޭކް ޝުއާ ހީ ރިގްރެޓްސް އެވްރީ ސެކެންޑް އޮފް ހިޒް ލައިފް..” މިހެން ބުނި އިރު މަލްދާގެ ދެލޮލުގައިވަނީ ޔަގީންކަމެވެ. މަލްދާ ގަބޫލު ކުރާ ގޮތުގައި އޭނަގެ މުޅި ހަޔާތް އެފުށް މިފުށަށް ޖެހުނީ އާރްޔަންގެ ސަބަބުންނެވެ. އާރްޔަން އަކަށް އޭނަ ދުވަހަކުވެސް މާފެއް ނުކުރާނެއެވެ. މިހުރިހާ ވާހަކައެއް އަޑުއަހަން ސާރާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާރްޔަން ދެކެ ކިތައްމެ ލޯބިވިނަމަވެސް އެވާހަކަ ދައްކާކަށް ދެން ނުކެރޭނެއެވެ. މަލްދާ އަށް އެކަން ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ސާރާގެ ހިތުގައިވީ ޝަކުވާއެވެ. ނަމަވެސް އެ ޝަކުވާ ކުރުމުގެ ހައްގު މިއަދު ސާރާ އަތަކު ނެތެވެ. ސާރާ އަށް ކުރިން ކަންތައް ކުރެވިފައި އޮތް ގޮތާ މެދު ކިތައްމެ ދެރަވިނަމަވެސް އެވާހަކަ ހާމަކުރަން ސާރާއަށް ލާހިކެއް ނޫނެވެ.
” އަހަރެން ގަބޫލެއް ނޫން..” އަނެއް ދުވަހު އިރު އެރުމާއެކުހެން އާރްޔަން ކައިރީ އަސްމާ ގޮސް ކައިވެނީގެ ވާހަކަ ދެއްކުމުން އަސްމާ ލިބުނު ޖަވާބަކީ އެއީއެވެ. ” އެއީ؟.. މަންމަ އަށް ރަނގަޅަށް އިނގޭ ދަރިފުޅު މަލްދާ ދެކެ ލޯބިވާވަރު..” އަސްމާ އިނީ އާރްޔަންގެ ޖަވާބުން ހައިރާންވެފައެވެ. ” މަންމަ އަށް ތިހާ ރަނގަޅަށް އިނގެންޏާ އިނގޭނެ މަލްދާ އަހަރެން ދެކެ ލޯބިނުވާކަން.. އިންފެކްޓް .. ޝީ ހޭޓްސް މީ… އަހަރެން އަމިއްލަ ފައިދާއަށް.. ނޯ.. އަހަންނަކަށް ނުވާނެ..” އިސްތަށިގަނޑަށް ދެއަތް މަހާލަމުން އާރްޔަން ބުންޏެވެ. ” އެކަމް ދަރި..” އަސްމާގެ ވާހަކަ މެދު ކަނޑާލަން ޖެހުނީ އޭނަގެ ފޯން ރިންގްވާން ފެށުމުންނެވެ. ” ހަލޯ.. ކީކޭ.. އަސްލު.. އާނ އާނ.. އެބަ ބުނަން..” އަސްމާ ދައްކަމުން ދިޔަ ވާހަކަތަކަށް މާބޮޑު ފަރުވާލެއް ނުދީ އިން އާރްޔަން ސިއްސައިގެން ދިޔައީ އަސްމާ ހަޅޭއްލަވައިގެން އަޑަށެވެ. ބަލައިލިއިރު އުފަލުން ފުމެނީއެވެ. ” މަންމާ…” އާރްޔަން އަށް ގޮވާލެވުނެވެ. ” ދަރިފުޅު ބުނާނެ މަލްދާ ބޭނުމެއް ނުވާނޭ.. އެކަމް ކޮބާ؟.. މަލްދާ ކައިވެންޏަށް އާނއެކޭ ބުނެފި..” އަސްމާ ގެ ޖުމްލަ އަޑު އިވުމާއެކު އާރްޔަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އާރްޔަން އަށް އަނެއްކާ ނުބައިކޮށް އަޑުއިވުނީބާއެވެ. މަލްދާ އޭނަ ދެކެ ލޯބި ނުވާކަން އާރްޔަން އަށް ރަނގަޅަށް އިނގެއެވެ. ދެން ކީއްވެގެން ހެއްޔެވެ؟ އާރްޔަންގެ ހިތުގައި ދިޔައީ ސުވާލުތައް ގިނަވަމުންނެވެ. “އެކަމް..” ” ކޮން އެކަމަކޭ ކިޔާކަށް.. މަލްދާ ދަރިފުޅާ ގަޔާނުވާނަމަ އާނއެކޭ ނުބުނާނެއެއްނު.. އެހާ ބޮޑަށް ނުވިސްނަބަލަ.. މަންމަ މީނީ ވަރަށް އުފަލުން.. މިހާރު އޯކޭއެއްނު ކައިވެނި ކުރަން.. އެހެންނޫނީ މަލްދާ ދެރަ ކޮއްލާފަ ނޫނެކޭ ބުނާނީތަ..؟ ” “ނޫން..” އަސްމާގެ ފަހު ޖުމްލަ އަޑު އިވުމާއެކީ އާރްޔަންގެ ދުލުން ބޭރުވިއެވެ. މަލްދާ އޭނަގެ ހަޔާތައް ގެންނަން ކިތައްމެހާވެސް އާރްޔަން ބޭނުމެވެ. އެކަމް މަލްދާ ކައިރީ މިވާހަކަ އަދި ދައްކާލަން ބޭނުމެވެ. މަލްދާ ކައިވެންޏަށް އެއްބަސްވީ އެއްވެސް މީހެއް ބާރުއަޅައިގެންތޯ ބަލަން ބޭނުންވިއެވެ. އެކަމް ފަހުން ވީ ކަންތަކަށްފަހު އެކަކުވެސް މަލްދާއަށް މަޖުބޫރު ކުރާނެ ހެނެއް ހިޔެއްނުވެއެވެ. އެކަމަކުވެސް އެއްފަހަރު ވާހަކަ ދައްކާލުން ރަނގަޅެވެ.
މަލްދާ އާއި ކައިވެނި ކުރެވޭނެ ކަން ހިތައް އަރާފައި އާރްޔަން ގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. މިހުރިހާ ދުވަހަކަށފަހު އާރްޔަންގެ ހުވަފެން ހަގީގަތަށް ވަނީއެވެ. މަލްދާއާއި އެކު ހޭދަކުރާނެ އުފާވެރި ދުވަސްތައް ސިފަކުރެވެންފެށީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. އަލީވެސް އިނީ އެހަބަރު އިވުމުން ވަރަށް އުފަލުންނެވެ.
ދުވަސްތައް އޭގެ ހަލުވިކަމާއެކު ދައުރުވަމުން ދިޔައެވެ. އެންމެން އުޅުނީ އާރްޔަން އާއި މަލްދާގެ ކައިވެނީގެ ތައްޔާރީގައެވެ. މަލްދާ އޭނަގެ މީހަކަށް ހަދަން އާރްޔަން އަށް ކެތްވަނީކީއެއް ނޫނެވެ. ކުރިން މިލާ މޯޅިވެފައިވާ މޫނުގައި މިހާރު ވަނީ އުޖާލާކަމެވެ. މަލްދާ ބޭނުންވީ މާ ގޮތް ބޮޑު ނުކޮއް ކައިވެނި ކުރުމަށެވެ. އެހެންކަމުން އެމީހުން މާ ގޮތް ބޮޑު ކުރާކަށް ބޭނުމެއް ނުވިޔެވެ. ނަމަވެސް އަސްމާ ކައިވެނި މާލޭގައި ކުރަން ބޭނުންވުމުން ހަފަތާއެއް ފަހުން އެންމެން ފުރީ މާލެ ދިޔުމަށެވެ. އާރްޔަން މަލްދާ އާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އަނެއްކޮޅުން މަލްދާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ދެން ވާނެ ގޮތަކާމެދު ވިސްނެނީއެވެ. ހަމަގައިމުވެސް އޭނަގެ މަޤްސަދު އޭނަ ހާސިލް ކުރާނެއެވެ. މަލްދާމެންގެ ކައިވެންޏަށް އަލީމެން އާއިލާ އާއި އެކު ސާރާވެސް ބައިވެރިވިއެވެ. އަލީ ބެލީ ވީހާވެސް ސާރާ އާއި ދުރުން އުޅެވޭތޯއެވެ. އަލީ ފެނުމުން ސާރާގެ ހިތައްވެސް ކޮންމެވެސް ވަރެއްގެ ނުތަނަވަސްވެރިކަމެއް ވެރިވިއެވެ. އެއީ އޭނަގެ ސިއްރު އިނގޭ ހަމައެކަނި މީހަކީ އަލީ ކަމަށްވާތީއެވެ.
**
ހުދުކުލައިގެ ފަސްބައި ފުޅާހެދުމެއް ލައިގެން ކޮޓަރިތެރޭ އިން މަލްދާގެ ހިތް ވަނީ އަވަސްވެފައެވެ. އޭރު މޭކްއަޕް ކުރަން ކުއްޖަކު ހުރި އިރު އަނެއް ކުއްޖާ އިސްތަށިގަނޑު ކޮންމެވެސް ރީތި ގޮތަކަށް “ސްޓައިލް” ކުރެވޭތޯ އުޅުނެވެ. މޫނުގައި ލުއި ލުއި މޭކްއަޕް އެއް ކުރެވިފައިވާއިރު އިސްތަށިގަނޑުގެ ދެފަރާތުން ބައެއް ނެގުމަށްފަހު ފަހަތުން ދެބައި ގުޅުވާލެވިފައިވާ ހިސާބުން ހުދުކުލައިގެ މަލެއް ޖަހާފައިވާއިރު އަނެއްބައި އޮތީ ފަހަތައް ދޫކޮއްލެވިފައެވެ. ހުދުކުލައިގެ ހެދުމުގައި މިރޭ މަލްދާ ފެންނަމުން ދިޔައީ ނުހަނު ހިތްގައިމުކޮށެވެ. މިރޭ މަލްދާ ފެނުމުން ކޮންމެ މީހަކުވެސް މޮޔަވާވަރުވާނެއެވެ. އެހާވެސް ފުރިހަމައެވެ. ނަމަވެސް މަލްދާގެ މޫނުމަތީގައި ރީތި ހިނިތުންވުމެއް ވިނަމައެވެ. ހިތުގެ ތެޅުން އަވަސްވެފައިވާއިރު ދެއަތް ތުރުތުރުލަމުން ދިޔައެވެ. ރީތިކޮއްދޭން އިން ކުދިން މަސައްކަތް ނިންމުމަށްފަހު އެކޮޓަރިން ނިކުތެވެ. އެއާއެކު ކޮޓަރިތެރޭ އެކަނިވިއެވެ. ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލިއެވެ. މިރޭ ހުރިހާ ކަމެއްވެސް ފުރިހަމައެވެ. ލައިގެން އިނީ ނުލާހިކު ރީތި ހެދުމެކެވެ. މޫނުގައި ރީތި މޭކްއަޕްއެއް ކުރެވިފައެވެ. ކައިވެނީގެ ތައްޔާރީތައްވެސް އެހާމެ ފުރިހަމައެވެ. ހުރިހާ ކަމެއްވެސް އޮތީ މަލްދާ އެންމެ ހިތްހަމަ ޖެހޭ ގޮތަށެވެ. އެންމެ ކަމެއް ފިޔަވައެވެ. އެއީ ކައިވެނި ކުރެވެން އުޅޭ ފަރާތެވެ. އާރްޔަންގެ ބަދަލުގައި އަޒްހާންވިނަމައޭ ހިތައް އެރި އަދަދެއްވެސް މަލްދާއަކަށް ނޭނގެއެވެ. އާރްޔަންގެ ހަނދާވުމުން އަނެއްކާވެސް މަލްދާގެ ދެލޯ ފެންކަޅިވިއެވެ. މަޑުމަޑުން ތުންފަތުގައި ދަތްއަޅާލުމަށްފަހު ކަރުނަތައް ހިފަހައްޓާލީ އޭނަ ރުއިކަން އެކަކަށްވެސް އަންގަން ބޭނުންނުވާތީއެވެ. ކުއްލިއަކަށް މަލްދާ ސިއްސައިގެން ދިޔައީ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. އޭރު ނަފީސާ ކޮޓަރިއަށް ވަންނަނީއެވެ. ނަފީސާގެ ފަހަތުން ސާރާވެސް ވަނެވެ. މަލްދާގެ ރީތިކަން ފެނިފައި ނަފީސާގެ މޫނަށް އުފާވެރިކަން ވެރިވިއިރު ސާރާގެ މޫނު ވަނީ ބަނަވެފައެވެ. މަލްދާގެ ނަސީބު އޭނައަށް ލިބުންނަމައޭ ސާރާ ހިތައް އެރިއެވެ. އާރްޔަން މަތިން ހަނދާން ނައްތާލުން ވާނީ ސާރާއަށް ހަމަ ޔަގީނުންވެސް ވަރަށް އުނދަގޫ ކަމަކަށެވެ.
ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި އިން އާރްޔަންގެ ހިތްވަނީ އަވަސްވެފައެވެ. މަލްދާގެ ސޫރަ ދެކިލުމަށް އެހިތް އެދިގޮވަނީއެވެ. އިރުއިރުކޮޅާ އަލީ އައިސް ކަންފަތްދޮށުގައި ކޮންމެސް އެއްޗެކޭ ބުނެ އާރްޔަން އާ ދިމާކޮއްލައެވެ. އާރްޔަން ރުޅި އަންނަ ކަމަށް ހެދިގެން އިނެއްކަމަކު މިއަދު އާރްޔަންހާ އުފާވެފައި އިން މީހަކު އެތާ ނުހުންނާނެއެވެ. އެހާ ގިނަދުވަހަށްފަހު ފުރަތަމަ ލޯބި ހާސިލްވާން އުޅޭ މީހެއްވިއްޔާ އުފާވާނެތާއެވެ. އިސްދަށަށްޖަހާލައިގެން މަލްދާ އާއި މެދު ވިސްނަން އިން އާރްޔަން ސިއްސައިގެން ދިޔައީ އަލީ އައިސް ކަންފަތްދޮށުގައި މަލްދާ އަންނަ ވާހަކަ ބުނުމުންނެވެ. މަޑުމަޑުން އިސްއުފުލާލައި ބަލާލިއިރު އޭނަގެ ހިތުގެ މަލިކާ ސިޑިން ފައިބަނީއެވެ. މަލްދާފެނުމާއެކު އާރްޔަން އަށް އެހެން ދިމާލަކަށް ބަލަން ނުކުޅެދުނެވެ. އެހާވެސް ފުރިހަމައެވެ. އަނެއްކޮޅުން މަލްދާ އާރްޔަންއާއި ދިމާލަށް ނުބަލަން ހުވާކޮއްގެން އިން ކަހަލައެވެ. ނަފީސާ އައިސް މަލްދާ އާރްޔަން އާއި ޖެހިގެން އިން ގޮނޑީގައި ބޭންދިއެވެ. ދެމީހުން އެކީގައި ފެންނަލެއް ލޯބި ކަމުން އެންމެންގެ މޫނުމަތީގައި ފެންނަނީ އުފާވެރިކަމެވެ. އެއީ ސާރާ ފިޔަވައެވެ. ސާރާގެ މޫނުމަތީގައި ވާ ކުލަވަރުތައް ފެނިފައި އަލީ އައިސް ސާރާ ކައިރީ ހުއްޓިލިއެވެ. ” ޖެލެސް؟.. ޑޯންޓް ޔޫ ޑެއާ ކަމް އިން ބިޓްވީން ދެމް..” ކުޑަވަރެއްގެ އިންޒާރެއް ދިނުމަށްފަހު އަލީ ހިނގައިގަތެވެ. އަލީގެ ލޮލުން ސާރާއަށް ފެނުނީ ރުޅިވެރިކަމެވެ. މީގެ ކުރިން އެހާ ގާތްކޮއް އުޅެއުޅެފައި ހުރިހާ ކަމެއް ބަދަލުވީއެވެ. އަލީގެ ބީރައްޓެހިކަން ފެނިފައި ދެރަވިނަމަވެސް މިގަޑީ އޭނަ އެންމެ ދެރަވަނީ އާރްޔަންގެ ހަޔާތައް އެހެން ބައިވެރިޔަކު ގެންނާތީއެވެ. އަދި އެވެސް އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކުވެރިޔާގެ އުފަލުގައި ބައިވެރިވާން ކިތައްމެ ބޭނުންވިނަމަވެސް އިތުރަށް ކެތްކުރެވޭވަރެއް ނޫނެވެ. އަވަސްއަވަހަށް އެތަނުން ނިކުންނަން ހިނގައިގަތެވެ.
” އަނބި ގަބޫލުކޮއްފިން…” އާރްޔަންގެ ދުލުން މިހެން ނިކުތުމާއެކު އިސްޖަހާލައިގެން އިން މަލްދާއަށް އާރްޔަން އާއި ދިމާލަށް ބަލައިލެވުނެވެ. އާރްޔަންވެސް މަލްދާއާއި ދިމާލަށް ބަލައިލީ އެވަގުތެވެ. އާރްޔަންގެ މޫނުމަތިން ފެންނަނީ ލޯތްބެވެ. އާރްޔަން ހީކުރީ މަލްދާވެސް އާރްޔަން ދެކެ ލޯބިވާކަމެވެ. މަލްދާގެ ހިތުގައި ފޮރުވިފައިވާ ނަފުރަތު އިނގޭ ދުވަހަކުން އެހިތައް ކުރާނީ ކޮންކަހަލަ އަސަރުތަކެއްބާއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

