(ސާދަވަނަ ބައި)
ވާހަކަ ދައްކަން ތިބިއިރު ވަގުތު ދިޔަގޮތްވެސް ދެމީހުން ކުރެ އެކަކަށްވެސް ނޭނގުނެވެ. އަލްޔާ ފޯނު ބަލައިލުމާއެކު ގަޑިންވީ ވަރު ފެނި ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އޭނާ ބޭރަށް ނިކުތް ފަހުން މިހާރު މާ ގިނައިރު ވެއްޖެއެވެ. ކޮލެޖަށް ދިޔުމުގެ ބަހަނާގައި ގެއިން ނިކުތް ނަމަވެސް މިހާރު ކޮލެޖް ބަންދުކުރާ ގަޑިވެސް ފަހަނައަޅައި ހިނގައްޖެއެވެ.
“ހިނގާ ގެއަށްދާން. ވަރަށް ލަސްވެއްޖެ މިހާރު” ގަޑި ބަލާލުމާއެކު އަލްޔާ އަވަސް އަވަހަށް ބުނެލިއެވެ. އަކިއަލްވެސް ހިތާއި ދެކޮޅަށް ބެންޗުން ތެދުވެ ތަންކޮޅެއް ދުރުގައި ޕާކް ކުރެވިފައިވާ އޭނާގެ ސައިކަލު ނަގަން ދިޔައެވެ.
އިސާހިތަކު އަލްޔާމެނަށް ގެއާއި ހަމައަށް އާދެވުނެވެ. އަކިއަލް ބޭރުގައި މަޑުކުރީ ދެމީހުން އެއްފަހަރާ ގެއަށް ނުވަންނަން ވެގެންނެވެ. އަލްޔާ ގެއަށް ވައިން އިރު ބޮޑުދައިތަ އަދި ޝާކިރުބެގެވެސް ހިލަމެއް ނެތެވެ. ލަސް ފިޔަވަޅު ތަކެއްގައި ކޮޓަރިއާއި ދިމާލަށް ދިޔައެވެ.
“ހާދަ ލަހުން ތިއައީ…”
ކުއްލިއަކަށް ސިޓިންރޫމްއިން މާކިންގެ އަޑު އިވުމުން އަލްޔާގެ ފިޔަވަޅުތަކަށް މަޑު ޖެހުނެވެ. އަދި ޖެހިލުންވުމާއެކު ފަހަތަށް އެނބުރި ބަލާލިއެވެ. ސިޓިން ރޫމްއަށް ފެތުރިފައިވާ ފަނޑު އަލިން ސޯފާގައި އިށީނދެ އިން މާކިން އޭނާގެ ލޮލުގައި އަޅައިގަތެވެ.
“މީ.. ގަޑި ނިންމާފައި ކްލާސް ކުދިންނާއެކީ ބޭރަށް ގޮސްލާފައި…” އަލްޔާ މާކިންއަށް ޖަވާބު ދިންއިރު އެއަޑުގައި މަޑު ތުރުތުރެއްވެސް އެކުލެވިފައިވިއެވެ. އޭނާއަށް އަނެއްކާވެސް ދޮގުހެދުނީއެވެ. އެއް ދޮގު ހެދުމުން އެދޮގު ފޮރުވަން ހާސް ދޮގު ހަދަން ޖެހޭނޭ ބުނާ ބަހުގެ ތެދުކަން މިއަދު އޭނާއަށް އިހްސާސްވިއެވެ.
“އޯހް.. އެހެންތަ”
މާކިން ޖަވާބާއެކު އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މާކިން އިތުރު ސުވާލެއް ކުރުމުގެ ކުރިން އަލްޔާ އަވަހަށް އެތަނުން ދާން ނިންމިއެވެ. އަލްޔާ ކޮޓަރިއަށް ހިނގައިގަތުމާއެކު ފޯނާއި ކުޅެންހުރި މާކިންވެސް ތެދުވިއެވެ. އަދި ސިޓިންރޯމާއި އެންމެ ކައިރިއަށް އިންނަ އޭނާގެ ކޮޓަރިއަށް ވަނެވެ. މާކިން އަލްޔާ ދެއްކި ވާހަކަ ގަބޫލުކުރިކަމެއް ނުކުރާ ކަމެއްވެސް ނޭނގެއެވެ. އަނެއްކާ މާކިން މަޑުކޮށްގެން އެއިނީ އަލްޔާ ގެއަށް ނައިސް ލަސްވެގެންބާވައެވެ.
އަކިއަލް ގެއަށް ވަނީ އަލްޔާ ގެޔަށްވަނުމަށްފަހު އިރުކޮޅެއް ވީފަހުންނެވެ.
***
އުޑުމަތި ބަނަ ދުވަހެކެވެ. މަގެއްގެ މަތިން މީހެއްގެ ހިލަމެއްވެސް ނެތެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ ކަށްވަޅު ފަދަ ހިމޭންކަމެކެވެ. އާންމުކޮށް ހަލަބޮލިކޮށް އޮންނަ މިމަގުގައި އެއްވެސް ދުއްވާ އެއްޗެއްގެވެސް އަސަރެއް ނެތުމުން އަލްޔާ ހައިރާންވެގެން ދެކޮޅު ހޯދާ ބަލާވެސް ލައިފިއެވެ. އަލްޔާއާއި އަކިއަލް އަތުގުޅުވާލައިގެން އަމީނީ މަގުގައި ހިނގަމުންދިޔައެވެ. އަކިއަލް އޭނާއާއި ކައިރީގައި ހުރުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް އޭނާއަށް ލިބުނެވެ. އެހެންނަމަވެސް އެހެންޏާއާއި ހިލާފަށް މިއަދު އަކިއަލްގެ ފަރާތުންވެސް ބަސް މަދުވެފައި ފެންނަނީ ހިމޭންކަމެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަޅު ވިލާތައް އިތުރުވެ މުޅި މާހައުލު އަނދިރިވެއްޖެއެވެ. އިސާހިތަކު ވާރޭ ވެހެން ފަށައިފިއެވެ. ބޯވާރޭގެ ތެރެއިން ހިޔާވުމަށްޓަކައި ތަނަކަށް ދެވުމުގެ ކުރިން ދެމީހުންވެސް ވާރެއާއި ތެމި ފޯވެއްޖެއެވެ. ހިނދުކޮޅަކަށްވުރެ ހިނދުކޮޅެއް ވާރޭ ބޯކުރަމުން ގޮސް ވަށައިގެން އެއްވެސް ގެއެއް ފެންނަވަރުވެސް ނުވެއެވެ. ދާންވީ ކޮން ދިމާލަކަށް ކަމެއް މިހާރު އޭނާއަކަށް ނޭނގެއެވެ. ހަދާނެ ގޮތެއް ނޭނގިގެން އަލްޔާ އަކިއަލްއާއި ދިމާލަށް ބަލާލިއެވެ. މީގެ ހިނދުކޮޅެއްގެ ކުރިން އޭނާގެ ކައިރީގައި ހުރި އަކިއަލްއެއް މިހާރަކު ނެތެވެ. ބޯ ވާރޭގެ ތެރެއިން އަލްޔާއަށް އަކިއަލްވެސް ގެއްލިއްޖެއެވެ. އަކިއަލް އޭނާ ބަހައްޓައިފައި ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ހީގެންފައިވާ ހާލު ތުރުތުރުލަމުން ވާރޭގެ ތެރޭގައި އަކިއަލްއަށް އަކިއަލްއަށް ގޮވަމުން ދިޔައެވެ. މުޅި ހިސާބުގައިވެސް އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ބިރުވެރިކަމާއި އެކަނިވެރިކަން އިހްސާސްވެ އަލްޔާއަށް ރޮވެން ފެށުނެވެ. އިރުކޮޅެއްގެ ތެރޭގައި އޭނާއަށް މަންޒަރު ނުސާފުވެ މޫނުމައްޗަށް އަނދިރިވާގޮތް ވިއެވެ.
ކުއްލިއަކަށް އަލްޔާގެ ދެލޯ ހުޅުވުމާއެކު ވަށައިގެން ހޯދާލިއެވެ. އޭނާއަށް މިއޮވެވުނީ އޭނާގެ ކޮޓަރީގެ އެނދުމަތީގައެވެ. އަޅާފައިވާ ރަޖާގަނޑު ކެހިފައިވުމުން ހުވަފެނުގައިހެން އޭނާ އޮތީ ހީކަރުވައިގެންފައެވެ. ކޮޓަރިތެރެ ފެނުމާއެކު ފެނުނީ ހުވަފެނެއްކަން އިހްސާސްވުމާއެކު ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެހެން ނަމަވެސް ފެނުނު ހުވަފެނުގެ ސަބަބުން އޭނާގެ ނިދި މުޅިން ފިލައިފިއެވެ. ކައިރީގައި އޮތް ފޯނު ނަގާ ސްޗރީން ދިއްލާލުމަށްފަހު ގަޑި ބަލާލިއެވެ. ގަޑިން ދޭއް ޖެހީއެވެ. އިތުރަށް ނިދޭތޯ އޮވެ ނިދިނައުމުން އަލްޔާ އެނދުން ތެދުވިއެވެ. ކޮޓަރިން ބޭރަށް ނިކުތްއިރު ބޭރުން ވާރޭ ވެހެމުން ދިޔަކަން އިނގުނެވެ. ވާރޭ ވެހޭ މަންޒަރު ބަލާލުމަށްޓަކައި އޭނާ ބެލްކަންޏަށް ނިކުތެވެ. އޭރު އަކިއަލް ބެލްކަނީގެ ރެއިލިންގައި ހިފަހައްޓައިލައިގެން ވެހެމުން ދިޔަ ވާރެއަށް ނަޒަރު ހުއްޓައިލައިގެން ފުން ވިސްނުމެއްގައި އިނެވެ.
“އަކީ. ނުނިދަންތަ؟”
“އާނ. ނިދި ނައިސްގެން މިއޮޅެނީ. އަލްއަށްވެސް ނުނިދުނީތަ؟”
“ބިރުވެރި ހުވަފެނެއް ފެނިގެން ހޭލެވުނީ. ވަރަށް ހިތްފަސޭހަ މަންޒަރެއްދޯ. އިނގޭތަ ވާރެއާއި ތެމިލުމަކީ ވަރަށް މަޖާ ކަމެއް”
އަލްޔާ ބޭރުން ވެހެމުންދިޔަ ވާރޭގެ ތެރެއަށް އަތް ދިއްކޮށްލިއެވެ. ވެހެމުންދިޔަ ވާރޭ ތިކިތައް އޭނާގެ ކުޑަ އަތްތިލައިގައި ބޮސްދެމުން ދިޔައެވެ. އަލްޔާގެ ކޮންމެ ހަރަކާތަކުންވެސް އަކިއަލްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވައެވެ.
…………
މާކިން ކޮޓަރިން ނިކުތީ ރޯގާ ޖެހި ކަރުތެރެ ސަކަރާތް ވެފައި ހުރުމުން ހޫނު ފެން ތަށްޓެއް ބޯށެވެ. ޖޯޑަށް ހޫނުފެން އަޅައިގެން ކޮޓަރިއަށް ދަމުން ހުޅުވިފައިވާ ބެލްކަނި ދޮރު އޭނާގެ ލޮލުގައި އަޅައިގަތެވެ. ވައިގަދަކަމުން ބެލްކަނި ދޮރުން ގޭތެރެއަށް ފިނި ވައިރޯޅި ވަންނަމުން ދިޔައެވެ. މާކިން ދިޔައީ އަވަހަށް އެދޮރު ލައްޕާލުމަށެވެ.
“ގާއީސް…”
ސިހުމާއެކު އަލްޔާއާއި އަކިއަލް ފަހަތަށް އެނބުރި ބަލާލިއެވެ. ރޭގަނޑުގެ އެފަދަ ދަން ގަޑިއެއް ދެމީހުން އެކަނި ތިއްބާ މާކިންއަށް ފެނުމުން ހުއްޓިފައި ދެމީހުންނަށްވެސް ތިބެވުނީއެވެ.
މާކިން ގޮވާލުމާއެކު އަލްޔާއާއި އަކިއަލް ދެލޯ ބޮޑުވެފައި އޭނާއަށް ބަލަހައްޓައިގެން ތިބިގޮތުން ހިނދުކޮޅެއްގެ ތެރޭގައި އޭނާއަށް ވީގޮތް ފަހުމްވިއެވެ. މީގެ ކުރިންވެސް ގޭތެރެއިން އަލްޔާއާއި އަކިއަލްގެ މެދުގައި ބަދަލު ކުރަމުންދާ ހިނިތުންވުމާއި އަކިއަލްގެ އުޅުމަށް އައި ބޮޑު ބަދަލުގެ ސަބަބުން މާކިންއަށް ވަނީ އެދެމީހުންގެ މެދުގައި ގުޅުމެއް އޮތްކަމަށް ޝައްކު ކުރެވެމުންނެވެ.
މާކިން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ދެމީހުންވެސް ތިއްބާ މާކިން ކިނބިއްސެއް އަޅާލުމާއެކު އަނެއްކާވެސް ސިއްސައިގެން ދިޔައެވެ.
“ޑިޑް އައި ޖަސްޓް ކޯޓް ޔޫ ގާއީސް؟”
މާކިންގެ މިސުވާލާއެކު ދޭނެ ޖަވާބެއް ދެމީހުން ކުރެ އެކަކަށްވެސް ނޭނގުނެވެ. ބަލަހައްޓައިގެން ހުރުން ފިޔަވައި އިތުރު އެއްވެސްކަމެއް އެކަކަށްވެސް ނުކުރެވުނެވެ. އަލްޔާއާއި އަކިއަލްގެ ހިމޭންކަމުގެ ސަބަބުން މާކިންއަށް އޭނާ ކުރި ސުވާލުގެ ޖަވާބު ދޭހަވިއެވެ. ދެން ހޭދަވީ ހިނދުކޮޅެއްގެ ހިމޭންކަމެކެވެ. މާކިން ވާހަކަ ނުދެއްކުމުގެ ސަބަބުން އެކަކަށްވެސް އިސްނަގައި އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭރު އަލްޔާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ދެން ވާނެ ގޮތެއް ނޭނގޭތީ ލޯމަރާލީ މިއީވެސް ހުވަފެނަކަށް ވާނެކަމުގެ އުއްމީދުގައެވެ.
“ވާއޮ. ރިއަލީ؟… ބްރޯ. އައެމް ސޯ ހެޕީ.” ދެމީހުންވެސް ބިރުން ތިބިގޮތް ފެނުމުން ހިނިގަނޑެއް ޖަހާލުމަށްފަހު މާކިން ގޮސް އަކިއަލްގެ ކޮނޑުގައި ޖަހާލިއެވެ.
“ބުނެލައިގެން އުޅެބަލަ. އޭރަށްދޯ ހެލްޕެއްވެސް ވެދޭވޭނީ. ބެސްޓް ފްރެންޑޯ އެކަމު” މާކިން ދެރަވެލަމުން ބުންޏެވެ.
އެވަގުތު އަލްޔާއަށް ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. އޭނާއަށް މިއޮށް ހުރިހާއިރު ހުރެވުނީ ނޭވާހިފަހައްޓައިލައިގެންކަންވެސް އިނގުނީ އަދި ކިރިޔާއެވެ.
“މާކް. ކޭން ޔޫ ކީޕް ދިސް އޭޒް އަ ސީކްރެޓް” އަކިއަލްވެސް ހުރީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް އެކަންތައް ސިއްރު ކުރެވުމުން ދެރަވެފައެވެ.
“ޑޯންޓް ވޮރީ. އަހަރެންގެ ފަރާތުން އެހެންމީހަކަށް ނީވޭނެ.” މާކިން އަނގަމަތީގައި ޒިޕް އަޅުވާގޮތް ހަދާލަމުން ބުނެލިއެވެ. ދެން ފެނުނީ ތިން މީހުންވެސް އެއްފަހަރާ ހީގަތް ތަނެވެ.
(ނުނިމޭ)……..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Wow mi part vess vrh sali❤️❤️❤️
Masha Allah keep it up sis❤️❤️❤️
Maakin Ah ves inguny dhw hehehhe❤️❤️❤️???
Btw waiting for the next part ❤️❤️❤️
Love uuu ❤️❤️❤️❤️
Stay safe❤️❤️❤️❤️
Vàrah reethi ????????
Thanks for the stry??
Stay safe????