(ފަނަރަވަނަ ބައި)
ދުވަހެއް ދުވަހަކަށް އަލްޔާއާއި އަކިއަލްގެ ގުޅުން ބަދަހިވަމުން ދިޔައެވެ. އަހަރުގެ ދުވަސްތައް ފާއިތުވެ އާއަހަރަކާއި ކުރިމަތިލީ ސިއްރު ބައްދަލުވުންތަކާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް ހަނދާންތަކެއްގެ ގޮތުގައި ރައްކާކުރަމުންނެވެ. އަކިއަލްއާއި އެކު ވަގުތު ހޭދަކުރެވެމުންދާ ކޮންމެ ދުވަހަކީވެސް އޭނާގެ ހަޔާތައް އަންނަ އެންމެ އުފާވެރި ދުވަސްތަކެކޭވެސް ބުނެވިދާނެއެވެ. ދެމީހުންގެ ލޯބީގެ ބަގީޗާގައި ފަރިވެ ފޮޅެމުންދިޔައީ ކުލަ ރީތި މާތަކާ އެމާތަކުގެ ވަށައިގެން އުދުހި އުޅޭ ރަފީޤުތަކުންނެވެ.
އެހެން ނަމަވެސް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އަޑިގަނޑަކާއި ކުރިމަތިލާން ޖެހޭ ފަހަރުވެސް އަންނާނެއެވެ. އެގޮތުން ކަޅުފޮއި ރެއެއްގެ ކަޅުއަނދިރިކަން އަލްޔާގެ ހަޔާތައް އަންނާކަށްވެސް މާގިނަ ދުވަހެއް ނުނެގިއެވެ. ދެމީހުންގެ ތެރޭގައި މައްސަލަ ޖެހެން ފެށުނެވެ.
ފުރަތަމަ މައްސަލަ ޖެހުނު ދުވަހަކީ އަކިއަލްގެ ފޯނަށް ކުއްޖަކު މެސެޖް ކުރާކަން އަލްޔާއަށް އިނގުނު ދުވަހެވެ. އެއީ އެއްދުވަހަކު ހަވީރު ދުއްވާލަންގޮސް އާޓިފިޝަލް ބީޗްގައި މަޑުކޮށްލައިގެން ހުރި ދުވަހެކެވެ.
***
އަކިއަލްގެ ފޯން ފުރަތަމަ ރިންގް ވުމާއެކު ސްކްރީނަށް ބަލާލާފައި ފޯނު ކަނޑާލިއެވެ. އަލްޔާ އެއީ ކާކުތޯ އެހުމުން އެއްވެސް މީހެއް ނޫން ކަމުގައި ބުންޏެވެ. ފޯނު ކަނޑާލިފަހުން އަނެއްކާވެސް ފޯން ރިންގްވިއެވެ. މިފަހަރުވެސް އަކިއަލް ފޯނު ކަނޑާލިއެވެ. އެހެންނަމަވެސް ތިންވަނަ ފަހަރު ގުޅުމުން އަކިއަލް އަތުން ފޯނު އަތުލުމަށްފަހު އަލްޔާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“އަކިއަލް ކިތަންމެ ވަރަކަށް އަހަރެން އިގްނޯ ކުރިއަސް އަކިއަލްގެ ހަޔާތުން އަހަރެން ބޭރެއް ނުކުރެވޭނެ. ކޮޒް އިންދަ އެންޑް ޔޫ ހޭވް ޓު މެރީ މީ. އަވާ ޕޭރެންޓްސް…” އަލްޔާއަށް އަޑު އިވުނީ ވަކި ހިސާބަކަށެވެ. އަކިއަލް އޭނާގެ އަތުން ފޯނު އަތުލައި ފޯނު ކަނޑާލިއެވެ.
އެކޮޅުން އިވުނީ އަންހެން ކުއްޖެއްގެ އަޑުކަން އަލްޔާއަށް ޔަގީންވިއެވެ.
“ކާކު އެ ގުޅީ؟” އަލްޔާ އަކިއަލްއަށް ޝައްކު ކުރަން ބޭނުން ނުވާތީ ފުރަތަމަވެސް އެއީ ކާކުތޯ އަހައި އޮޅުންފިލުވަން ބޭނުންވިއެވެ.
“ނޭނގެ. ނުދަންނަ ނަމްބަރެއް” އަލްޔާ ފޯނު ނެގުމުން އަކިއަލް އިނީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ހިސާބެއްގެ ކަންބޮޑުވުމެއްވެސް އޭނާގެ މޫނުމަތިން ފެނިގެންދިޔައެވެ. އަލްޔާއަށް ފޯނުން އިވުނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. ފޯނުން ގުޅީ ކާކުކަން އަލްޔާއަށް އެއްގޮތަކަށްވެސް އެނގޭކަށް އޭނާ ބޭނުމެއް ނޫނެވެ. އަކިއަލް ދެން އިތުރަށް އަލްޔާ އެސުވާލު ނުކުރޭތޯ އޭނާ ހިތުން ދުއާކުރިއެވެ.
“ލުކް އޭނީ ސްޓްރީޓް ފުޑް ވިއްކާ ތަނެއް. ހިނގާބަލަ އެތަނަށް އެއްޗެއް ގަނެލަން.”
އަކިއަލް އެދިމާލަށް ހިނގައިގަންނަމުން އަލްޔާ އާދޭތޯ ފަހަތް ބަލާލިއެވެ. އޭރުވެސް އަލްޔާ އެހުރިތާ ގުޑިނުލައި ހުއްޓެވެ.
“ދެންމެ އެގުޅީ އަކިއަލްއަށް ނޭނގެ ނަމްބަރަކުން ނޫން. އެއީ ކާކުކަން އިނގޭނެ. އޭނަ.. އޭނަ އަކިއަލްގެ މައިންބަފައިންގެ ވާހަކަވެސް ބުނި. ދެން ކީއްވެ ނުބުނަން ތިއުޅެނީ. އެއީ ޔުއާ އެކްސް ގާލްފްރެންޑްތަ؟ ”
“ނޯ.. ނޯ. އަހަރެން ފުރަތަމައަށްވެސް ރައްޓެހި ކުއްޖަކީ ތީ. ޝީ ވޯޒް ނެވާ މައި ގާލްފްރެންޑް. ޝީ އިސް ނޯ ވަން.” އަކިއަލް އަޑަށް ބާރުލާފައި ބުންޏެވެ. އަލްޔާ އަކިއަލް ދެއްކި ވާހަކައަށް ސަމާލުކަން ނުދީ އެތަނުން ދިޔުމަށް ހިނގައިގަތެވެ. ބީޗުން ނިކުމެ ބޭރުމަގާއި އަރާ ހަމަވުމާއެކު އަވަސް ފިޔަވަޅުތަކެއްގައި އަލްޔާ ބޭރު މަގު ހުރަސްކުރުމަށްފަހު މަޖީދީމަގަށް އެޅިއެވެ. އަކިއަލް އަލްޔާ ފަހަތުން އައިސް މަގު ހުރަސް ކުރަންވީއިރު ޓްރެފިކް ލައިޓް ރަތް ބޮތްކަށް ބަދަލުވުމާއެކު ދުއްވާއެއްޗިހި ދާންދެން މަޑު ކުރަން ޖެހުނެވެ.
އެވަގުތު ވާރޭ ވެހެން ފެށުމާއެކު އަލްޔާ އަވަހަށް ޓެކްސީއެއް ހޯދަން އަތް ދިއްކޮށްލިއެވެ. ވަރަށް އަވަހަށް މަގުން ދިޔަ ޓެކްސީއެއް ހުއްޓުމާއެކު އަލްޔާ އެއަށް އަރާ ފަހަތު ސީޓުގައި އިށީންނެވެ. ޑްރައިވަރު ގާތު ގޭގެ އެޑްރެސް ބުނުމަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ސީޓުގައި ލެނގިލިއެވެ. އަދި ދެލޯ މަރާލުމާއެކު އެބޮޑު ދެލޮލުގައި ޖަމާވެފައިވާ ކަރުނުތައް އޭނާގެ ކޯތާފަތުގައި ބޮސްދިނެވެ. ކިތަންމެ ނުވިސްނަން މަސައްކަތް ކުރި ނަމަވެސް އަލްޔާއަށް ހަމަ ވިސްނެނީ އެފޯނު ކޯލާއި ދޭތެރޭގައެވެ. އަކިއަލްއަށް ގުޅި އަންހެން ކުއްޖާގެ އަޑު އަދިވެސް އޭނާގެ ކަންފަތްދަށުގައި ހީވަނީ ގުގުމަމުން ދިޔަހެންނެވެ.
” ކޮޒް އިންދަ އެންޑް ޔޫ ހޭވް ޓު މެރީ މީ. އަވާ ޕޭރެންޓްސް…”
އަކިއަލް އަލްޔާއާއި ރައްޓެހިވީ ކީއްވެ ހެއްޔެވެ. އޭނާދެކެ ލޯބިވެޔޭ ބުނީ ކީއްވެ ހެއްޔެވެ. އެހެން އަންހެން ކުއްޖަކާއި މެރީ ކުރަން އެއްބަސްވެފައިވާނަމަ އަލްޔާއާއި ވާހަކަ ދެއްކީ މަޖަލަކަށް ހެއްޔެވެ. ފޫހިފިލުވައިލުމަށްޓަކައި ހެއްޔެވެ. އޭނާއަކީ ކިތަންމެ ނިކަމެތި ކުއްޖަކަސް އެއްވެސް މީހަކަށް އޭނާގެ ހިތާއި ކުޅުމުގެ ހައްގެއް ލިބިގެން ނުވެއެވެ. އަލްޔާ އަކިއަލްއަށް ފުރިހަމައަށް އިތުބާރު ކުރިއެވެ. އެހެން ނަމަވެސް މިހާރު… މިހާރު އޭނާ އިތުބާރު ކުރަންވީ ކާކަށް ކަމެއް އޮޅިއްޖެއެވެ.
އަކިއަލް މަގުހުރަސް ކުރުމަށްފަހު އަލްޔާގެ ނަމުން ގޮވަމުން ފަހަތުން އައެވެ. އެހެން ނަމަވެސް އަކިއަލް ބަލަހައްޓައިގެން ހުއްޓާ ސިކުންތުކޮޅެއްގެ ތެރޭގައި އޭނާގެ ލޯމަތިން ކާރު ގެއްލުނެވެ. އަކިއަލް ދެއަތުން އޭނާގެ ބޮލުގައި ހިފާލިއެވެ. އަލްޔާއަށް ފޯނު ނެގުމާއެކު އިވުނީ އަނެއްކާ ކޮން ވާހަކަތަކެއްބާއެވެ. ދުވަހަކުވެސް އަލްޔާ މިހާ ރުޅި އައިސްފައި ހުއްޓައެއް އޭނާ ނުދެކެމެވެ.
“މިހުރިހާ ކަމެއްވީވެސް ހަމަ އޭނައާ ހުރެ…” ފޯނާއި ދިމާލަށް ބަލައިލުމަށްފަހު އަކިއަލް ގޮށް މުށްކަވާލިއެވެ.
***
އެދުވަހުގެ ފަހުން އަލްޔާ އަކިއަލްއަކާއި ވާހަކައެއް ނުދައްކައެވެ. އަކިއަލް ކިތަންމެ ފަހަރަކު އަލްޔާއާއި ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް އަލްޔާ އޭނާއާއި ވާހަކައެއް ނުދައްކައެވެ. އަކިއަލް އެއީ ކާކުކަން ނުބުނެވެންޏާ އޭނާއާއި ވާހަކަ ދެން ނުދެއްކުމަށްވެސް ބުންޏެވެ. އަކިއަލް ލޯބިވަނީ އަލްޔާ ދެކެ ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަނަމަވެސް އެކުއްޖާއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް އަކިއަލް ކިޔައެއް ނުދެއެވެ. ތެދަށް ކިޔައިދީފިނަމަ އަލްޔާ ދެރަވާނެކަން އޭނާއަށް އިނގެއެވެ. އަލްޔާ ދެރަވާނެ އެއްވެސް ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އާދުވަހަކަށް އިރު އަރައިފިއެވެ. އަލްޔާ ހެނދުނު ނިދާ ހޭލައިގެން ކޮޓަރިން ނިކުމެ ސިޓިންރޫމަށް އައެވެ. އާންމުކޮށް މިހާ ހެނދުނުގެ ވަގުތުގައި ގޭގެ އެކަކުވެސް ހޭލާ ނޫޅޭނެއެވެ. އެހެންނަމަވެސް އެހެންޏާއާއި ހިލާފަށް މިއަދު އަކިއަލް ތެދުވެ ސިޓީން ރޫމްގައި އިނެވެ. އެކަމަށް ސަމާލުކަންނުދީ ކޮފީ ތައްޓެއް ގިރުމަށްޓަކައި އަލްޔާ މިސްރާބު ޖެހީ ކާގެއަށްދާށެވެ.
“ދޫކުރޭ އަތުން.”
ގޮވިޔަސް މަޑުނުކުރާނެކަން އިނގޭތީ އަކިއަލް އަލްޔާ ހުއްޓުވިއެވެ. ގޭގައި އުޅޭ މީހަކަށް ފެނިދާނެކަމަކަށްޓަކައި އޭނާގެ ފަރުވާލެއް ނެތެވެ. އެއަށްވުރެ ބޮޑަށް އަލްޔާ އޭނާއާއި އަނގައިން ނުބުނެ ރުޅިއައިސްފައި ހުންނަތަން ދެކޭކަށް އޭނާގެ ހިތަށް ކުޅަދާނައެއްނޫނެވެ.
“އޭނައާއި އެއްވެސް ގުޅުމެއް ނޯވޭ. ޕްލީސް ގަބޫލުކޮށްބަލަ.”
“ދެން ކީއްވެ ކާކުކަން ނުބުނެވިގެން ތިއުޅެނީ. ތެދަށް ކިޔާ ނުދެވެންވީ” އަކިއަލްގެ އަޑު މަޑުވިއެވެ. މިފަހަރުވެސް އޭނާ ހިމޭންވިއެވެ.
“ލެޓްސް ބްރޭކް އަޕް. ” އަލްޔާގެ ޖުމްލައާއެކު އަކިއަލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ ދުވަހަކުވެސް އަލްޔާގެ ދުލުން އިވިދާނެ ބަސްތަކެއްކަމަށް އޭނާ އުއްމީދު ކުރި ބަސްތަކެއް ނޫނެވެ.
“ވަޓް. ނޯ ”
“އަހަރެން އަލްއަށް ބެޓްރޭއެއް ނުކުރަން. ތެދަށް ނުކިޔާދިނީ އަލްއަށް ވިސްނާފަ. އަލް ދެރަކުރަން ބޭނުން ނުވާތީ. އެކަމް ދެން ނުކިޔާދީ ނުހުރެވޭނެ. އަޑު އަހާ”.
“ލައިޝާ މަންމައާއި އަހަރެންގެ މަންމައަކީ ކުޑައިރުއްސުރެ ބެސްޓް ފްރެންޑްސް. އަހަރެމެންގެ ބައްޕަމެނަކީވެސް ބިޒްނަސް ޕާޓްނާސް. ލައިޝާއާއި އަހަރެން ކައިވެނި ކުރުވަން އެންމެ ކުޑައިރުއްސުރެވެސް އަހަރެމެންގެ މައިންބަފައިން އޮތީ އެރޭންޖްކޮށްފަ. އެންމެ ފަހުން އޯލެވެލް ނިމުނުތަނާ އަނެއްކާ ބައްޕަމެން އެވާހަކަ ދެއްކި. އޭރު އަހަރެން ހީކުރީ އަހަރެންނެކޭވެސް އެއްފަދައިން ލައިވެސް މިކަމާ ދެކޮޅު ހަދާނެކަމަށް. އަހަރެން ދެކެނީ ލައި އަކީ އަހަރެންގެ ކޮއްކޮއެއްގެ ގޮތަށް. އެކަމަކު ހީކުރި ގޮތާ ހިލާފަށް ލައި ކައިވެންޔަށް އެއްބަސްވި. އަދި އޭނަ އަހަރެންދެކެ ލޯބިވާކަމަށްވެސް ބުނި. ”
“އައި ޑޯންޓް ލަވް ހާ އެންޑް އައި ޑޯންޓް ވޯންޓް ޓު މެރީ ހާ. މިހާތަނާ ޖެހެންދެންވެސް މަންމަމެން ބުނި ގޮތަކަށް އަހަރެން ކަންތައްކުރިން. އެކަމަކު މިކަމުގައި މަންމަމެނާއި ދެކޮޅަށް ތެދުވަން ޖެހުނަސް އެކަން ކުރާނަން. ”
” އަހަރެން އަލްދެކެ ވަރަށް ލޯބިވޭ. ދުވަހަކުވެސް ކުއްޖެއްދެކެ މިހާބޮޑަށް ލޯބިވެވިދާނެކަމަކަށް ހިއެއް ނުކުރަން. އަލް އައި ރިއަލީ ލަވް ޔޫ. ޕްލީސް ޑޯންޓް ލީވް މީ.”
އެހުރިހައި ވާހަކައެއ ކިޔައިދީ ނިމުނުއިރު އަކިއަލްގެ އަޑު ކުރެހިގެން ދިޔައެވެ. އޭރު އަލްޔާއަށްވެސް ހުރީ ރޮވިފައެވެ. ކަރުނަތަށް އަތުގެ ނުފުށުން ފުހެލުމަށްފަހު އަލްޔާ އަކިއަލްގެ ގައިގައި ބައްދާލިއެވެ. އަކިއަލް ލަސްލަހުން އޭނާގެ އަތް ހިއްލާލުމަށްފަހު އަލްޔާގެ ހިމަ ހަށިގަނޑުގައި ދެއަތުން ވަށާލިއެވެ. އަދި އަލްޔާގެ ބޯމަތީގައި ދަތްދޮޅި ޖައްސާލަމުން އޭނާގެ ދެލޯ މަރާލިއެވެ.
“އައެމް ސޮރީ. އަހަރެން ހީކުރީ އަކީ އަހަރެންދެކެ ލޯބި ނުވާކަމަށް. ދެން ދުވަހަކުވެސް އަކީ ދެރަވާނެފަދަކަމެއް ނުކުރާނަން”
ފަހަތުން މީހެއްގެ ފިޔަވަޅު ހުއްޓުމާއެކު ދެމީހުންނަށްވެސް އެއްފަހަރާ އެދިމާލަށް ބަލާލެވުނެވެ. ކުރިމަތިން ފެންނަން ހުރި މީހެއްގެ ސަބަބުން ދެމީހުން ލޯވެސް ވަނީ ބޮޑުވެފައެވެ.
(ނުނިމޭ)….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Masha Allah vrh sali Mi part vesss ❤️❤️❤️❤️❤️
Hama best ingeyy keep going sis❤️❤️❤️??
Aleyyyy vrh dera vi alyaa aikal aaa vaahaka nudhakaa hureemaa ?????
But mihaaru okkk edemeehun alun guluny maa ❤️❤️❤️❤️❤️❤️
Omg Kaakah baa efuny alyaa ge aunt baa❤️❤️❤️??
Curiously waiting for the next part ❤️❤️❤️
Lysssssmmmm ❤️❤️❤️❤️
Stay safe and take care ❤️❤️❤️