ނޭނގި ވެވުނީ ލޯތްބޭ- 5
ޔޫޝައު ކޮޓަރިއަށް ވަދެ ދިޔަ ގޮތައްގޮސް އެނދަށް ޖެހިގަތެވެ. ފުދޭވަރަކަށް ބޮޑު ކޮޓަރީގައި ހުރި ބޮޑު ކުޑަ ދޮރުން ކޮޓަރި ތެރެއަށް އެޅިފައިވާ އަލިން ކޮޓަރީގެ ހިތްގައިމުކަން އިތުރު ކުރުވައެވެ. އޮށޯވެގެން އޮތް “ކުވީން” ސައިޒުގެ އެނދުގެ އެއްފަރާތުގައި ކުޑަވަރެއްގެ ކަބަޑެއް ބަހައްޓައިފައި ހުއްޓެވެ. އަދި އެ ކަބަޑު މަތީގައި “ލޭމްޕް” އަކާއި ޔޫޝާއުގެ އަވި އައިނު ބާއްވައިފައި އޮތެވެ. ކޮޓަރީގައި ލައިފައި ހުރި “ކްރީމް” ކުލައާއި ބެޑްރޫމް ސެޓު ވަރަށް ގުޅެއެވެ. ބަންޑުން އޮށޯވެލަމުން ޔޫޝައު ފޯނު ނަގައި ލަމްނާއަށް ގުޅާލިއެވެ.
“ހަލޯ ލަވް!” އެކޮޅުން ފޯނު ނެގުމުން ޔޫޝައު ލޯބިން ފުރިފައިވާ އަޑަކުން ގޮވައިލިއެވެ.
“ލަމް؟ ލަމް؟!” އެކޮޅުން އިވުނު ހަޅޭކުގެ އަޑާއިއެކު ޔޫޝައު އެދުމަތިން ތެދުވެ ލަމްނާއަށް ގޮވަން ފެށިއެވެ.
“ކިހިނެއްވީ ލަމް؟” އެކޮޅުން ހިމޭންވުމުން ޔޫޝައު އަހައިލިއެވެ.
“ކުރަތްޕެއް ފެނުނީ!” ލަމްނާ ދޮގު ހެދިއެވެ.
“ސާބަސް ލަމް! ކުރަތްޕެއް ފެނުނީމަ އެހާ ވަރުވޭތަ؟” އަނެއްކާވެސް އެނދުމަތީގައި އޮށޯވެލަމުން ޔޫޝައު އަހައިލިއެވެ.
“ފައި ކައިރީގައޭ އޮތީ! އެހެންމަ ސިއްސައިގެން ދާނެއެންނު!” ލަމްނާ ބުނެލިއެވެ. ހަޤީޤަތުގައި ލަމްނާ އަދިވެސް އިނީ ކޮޓަރީގެ ކަނުގައި އިށީންދެގެންނެވެ. އޭނައަށް ހޭވެރިކަން އައީ ޔޫޝައު ގުޅުމުންނެވެ. ފޯނު ނަގާން ނުނަގާން އިނދެފައިވެސް އެންމެ ފަހުން ލަމްނާ ފޯނު ނެގިއެވެ. ރޯން ބޭނުންވިޔަސް ލަމްނާ އަކަށް ނުރޮވުނެވެ. އެހެންކަމުން އޭނާގެ ލަގޮނޑީގައި ރިހުމެއް އުފެދިފައިވިއެވެ. ކިތަންމެ ވަރަށް ޔޫޝައުއާއި ދިމާލަށް އެއްޗެހި ގޮވަން ބޭނުންވިޔަސް ލަމްނާއަށް ހަނުހުރުން މަޖުބޫރުވިއެވެ. އެހެންކަމުން ޔޫޝައު ފޯނުނެގުމާއި އެކު ލަމްނާ ހަޅޭއްލަވައިގަތެވެ.
“އެހެންތަ! ހާދަ މިސްވެޔޭ!” ޔޫޝައު އެނދުގައި އިށީންނަމުން ބުނެލިއެވެ.
“ސާބަސް! މިއަދު އެއް ނޫންތަ ދިމާވީކީ؟” ކޮޅަށް ތެދުވެ ކޮޓަރި ތެރެއަށް ވެއްޓިފައި އޮތް ފެންފުޅީގެ ބިއްލޫރި ކޮޅު ކޮޅު ނަގަމުން ލަމްނާ ބުންޏެވެ. ދެ ލޯބިވެރިންވެސް މިގޮތުގައި އެކި އެކި ވާހަކަތަށް ދައްކަމުން ދިޔައެވެ.
ޔޫޝައު ލަމްނާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދޮޅު އަހަރުވެދާނެއެވެ. އެދެމީހުން ދިމާވީ ޔޫޝައު ބޮޑު ޢީދު ޗުއްޓީގައި އައިސް އުޅެނިކޮށެވެ.
***ދޮޅު އަހަރު ކުރިން***
އިރުއޮއްސޭ ވަގުތު އުޑުމަތީގައި ފާޅުވާ ރަތްކުލައާއި އޮރެންޖު ކުލަ ބަލައިލަން ނުލާހިކު ހިތްގައިމެވެ. މި މަންޒަރުން ފޮނި މީރުކަން ހާސިލް ކުރާނެ އެތައްބައެއް ފެލިދޫ ބަނދަރުމަތީގައި ތިއްބެވެ. އެއްބަޔަކު އެ މަންޒަރަށް ގެއްލި ހުސްވެފައި ތިބިއިރު އަނެއްބަޔަކު ފޯނުގައި މި ހިތްގައިމު މަންޒަރު ރައްކާކުރުމުގައި މަސްއޫލުވެ އުޅުނެވެ. ޔޫޝައު ވަންނާނީ މީގެ ދެވަނަ ބަޔަށެވެ. ތަފާތަކީ ޔޫޝައު ގެންގުޅެނީ އޭނާގެ ކެމެރާ ކަމެވެ. ފަހަރަކު ދިމާލަކުން އިރުއޮއްސޭ މަންޒަރު ފޮޓޯ ނަގަމުން ދިޔައިރު އޭނާގެ ލޮލަށް އަޅައިގަތީ ކެފޭ މަތީގައި ތިބި އަންހެން ގުރޫޕެކެވެ. އިރު އިރު ކޮޅަކާހެން ހޭތީ އެމީހުން ތިބީ ކޮންމެވެސް މަޖާ ވާހަކައެއް ދައްކަން ކަން ހާމަވެގެން ދެއެވެ.
އެދިމާލަށް ބަލަން ހުރެފައި ޔޫޝައު މިސްރާބު ޖެހީ ރަށުގެ ބަނދަރުގެ ވާތު ފަޅީގައި އޮތް ބީޗަށެވެ. ބީޗަށް ވަދެވެން އޮންނަ ހިމަ މަގުގެ ދެފަރާތުގައި ބޯކޮށް މަގޫ ގަސްތައް ހެދިފައި ހުއްޓެވެ. ބީޗަށް ވަދެވުމާއިއެކު ޔޫޝައު ދެފަރާތަށް ލޯ ހިންގާލިއެވެ. ހުދު ބޯކިރު ފޮދެއް ފަދަ ހުދު ވެލީގައި އޮއްސޭ އިރުގެ ދޯދިތައް އެޅިފައި ހުންނަ އިރު ވަރަށް ރީއްޗެވެ. ކަރުގައި ކެމެރާ އަޅުވައިލުމަށްފަހު ޔޫޝައު ހިނގައިގަތީ މޫދާއި ދިމާލަށެވެ. މޫދާއި ކުޑަ ތަންކޮޅެއް ދުރުގައި ހުރެ ޔޫޝައު އޭނާ ލައިގެން ހުރި ކަޅުކުލައިގެ ޖިންސުގެ ފައި ކުރި އޮޅާލިއެވެ. އަދި ރާޅު ބީއްސާލާ ހިސާބުގައި މަޑުކޮށްލިއެވެ. ފިރުކެމުން އަންނަ ރާޅުތައް ޔޫޝައުގެ ފައިގައި ބޮސްދީފައި އަނބުރާ މޫދަށް ދެއެވެ. ޔޫޝައު ވައިގެ ތެރެއަށް ދެއަތް ފުޅާކޮށްލީ ޖެހެމުން ދިޔަ ލުއި ވައިރޯޅިތައް އިތުރަށް އިހްސާސް ކޮށްލުމަށްޓަކައެވެ. މޫނު މަތީގައިވާ ފުޅާ ހިނިތުންވުމުގެ ދެފަޅީގައި އެވާ ކުޑަ އަޑިކޮޅަކީ ޔޫޝައުގެ އެރީތި ސޫރަ ފުރިހަމަކޮށްދޭ އެކައްޗެވެ.
އެހެން އިރު ކޮޅެއް ވަންދެން ހުރެފައި ބަންގި ގޮވާ ވަގުތު ގާތް ވުމުން ޔޫޝައު އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު ޔޫޝައުގެ ލޮލުގައި އަޅައިގަތީ ރުއް ބުޑުގައި އިށީނދެލައިގެން އިން ފަންމިންޏެވެ. އެފަނޑު އަލިކަމުގެ ތެރެއިންވެސް ޔޫޝައުއަށް އެކުއްޖާގެ މޫނު ފެނުނެވެ. އިރު އިރު ކޮޅަކާހެން ވަޔާ ވިހުރެމުންދާ އިސްތަށިތައް ކަންފަތް ދަށައް ލައެވެ. މިހެން ޔޫޝައުއަށް އޭނައާއި ދިމާލަށް ބަލަން ހުރެވުނެވެ. އެހަނދުފަދަ މޫނަށް ހިތާއި ހިތުން ތައުރީފް ކޮށްލެވުނެވެ. އެއީ ކުރިން ކެފޭ މަތިން ޔޫޝައުއަށް ފެނުނު ކުއްޖާއެވެ. ތިޔަ ކިއުންތެރިން ތި ހީކުރެއްވީ ރަނގަޅަށެވެ. އެތާ އިނީ ލަމްނާއެވެ. އިރު އޮއްސި އަނދިރިވާން ގާތް ވެފައި ވަނިކޮށް ލަމްނާ އެހެން އެތާ އިށީންދެލައިގެން އިނުމުން ޔޫޝައުގެ ހިތުގައި ސުވާލު އުފެދުނެވެ.
“ލަމްނާ! މިތާ އެކަނި ކީއްވެ ތިއިނީ… އެއޮށް މިހާރު އިރު އޮއްސެނީ… އިރުކޮޅަކުން ވަރަށް އަނދިރި ވާނެ… ހިނގާ އަހަންނާއި އެކީ ދާން!” ލަމްނާ ކުރިމައްޗަށް ވާގޮތަށް މަޑުކޮށްލަމުން ޔޫޝައު ބުންޏެވެ.
“ކަމެއް ނުވޭ މިތަނަށް އަންނަ ހިއްވީ ހަމަ… ހިނގާ ދާން… އަނދިރި ވެއްޖިއްޔާ އެކަނި ދާކަށް ނުކެރޭނެ” ލަމްނާ ކޮޅަށް ތެދުވަމުން ބުނެލިއެވެ. ފެލިދޫއަކީ ކުޑަ ރަށެކެވެ. އެހެންކަމުން ރަށުގައި ދިރިއުޅޭ އެންމެނަކީ އެކަކު އަނެކަކަށް ދެކެފަރިތަ ބެއެއްކަމުން ދެމީހުންނަށްވެސް ދެމީހުން އެނގެއެވެ. މީގެ އިތުރުން ޔޫޝައުއާއި ލަމްނާއަކީ ޔޫޝައު ކިޔަވަން މާލެ ބަދަލުވުމަށް ދާންދެން އެއްކިލާހެއްގައި އުޅުނު ދެމީހުންނެވެ.
“ޔޫޝައު ކޮން އިރަކު މިކޮޅަށް އައީ؟” ލަމްނާ ބީޗުން ނުކުންނަމުން އަހައިލިއެވެ.
“އިއްޔެ އައީ” ޔޫޝައު ދިނީ ކުރު ޖަވާބެކެވެ.
“އަހަރެން ހީކުރީ ޔޫޝައު މާލެ ބަދަލުވީމަ ދެން މިކޮޅަށް ނުވެސް އަންނާނެކަމަށް!” ސަމާސާ ރާގަކަށް ލަމްނާ ބުނެލިއެވެ.
“އަހަރެން މާލެ ބަދަލުވިޔަސް އުފަން ފަސްގަނޑު މަތިންނެއް ހަނދާނެއް ނުނެތޭނެދޯދެން! ހާދަ މިސްވިޔޭ ކްލާސް އެންމެން މަތިންވެސް! އަދި އެއަށްވުރެ ބޮޑަށް ލަމް މަތިން…” ޔޫޝައުއަށް ހުއްޓަން މަޖުބޫރުވީ އޭނައަށް ބުނެވެން އުޅުނު އެއްޗެއް ރެއަކާ ލައިގެންނެވެ. ހުރި ފިޔަވަޅު މަތީ ހުއްޓި ހުރި ލަމްނާ ހައިރާންވެ ހުރެ ޔޫޝައުއާއި ދިމާލަށް ބަލައިލިއެވެ. ލަދުން އިސްޖަހައިގެން ހުރި ޔޫޝައުވެސް ލަމްނާއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެވަގުތު ޔޫޝައުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރިކަހަލައެވެ. ގަތް ލަދުން ލަމްނާ ރަކި ހިނިތުންވުމެއް ބަދަލު ކޮށްލާފައި އެތަނުން ދުއްވައިގަތެވެ. ޔޫޝައުގެ ތުންފަތާއި ކުޅެލި ހިނިތުންވުމާއިއެކު ޔޫޝައު އޭނާގެ ބޮލުގައި އަތް ހިންގާލިއެވެ.
އައު ދުވަހަކަށް ދުނިޔެ މަރުހަބާކީ އެންމެންގެ ހިތްތަކަށްވެސް އުޖާލާކަމާއި އުފާގެންނަމުނެވެ. މިހެން ނުވާންވީ ސަބަބެއްނެތެވެ. މިއަދުމިއީ އަޞްހާ ޢީދު ދުވަހެވެ. އައު ހެނދުންލައިގެން ހުވަނދުލައިގެން ރަށުގެ ކުދި ބޮޑު އެންމެންވެސް މިސްކިތަށް އެއްވަނީއެވެ. މިސްކިތު ގޯތިތެރޭގައިވެސް މީހުންވަނީ ފުރި ބާރުވެފައެވެ. ނަމާދުކޮށްނިންމައިގެން އެންމެންވެސް އެކަކު އަނެކަކަށް ސަލާމްކޮށް ޢީދު މުބާރަކުބާދު ދެނީއެވެ. އެހިސާބުގަނޑު އޮތީ މީހުންތައް އެއްވެތޮށް ޖެހިފައެވެ. މިއޮށް ބާރުބޮޑު ވަގުތުގައިވެސް ޔޫޝައުގެ ލޮލުގައި އަޅައިގަތީ މިސްކިތުން ނުކުތް ލަމްނާއެވެ. ލައިގެން ހުރި “ނޭވީ ބްލޫ” ކުލައިގެ ހެދުމާއިއެކު ބޯ އައްސައިފައި ހުރި ސާދާ ގޮތް ލަމްނާއަށް ވަރަށް ގުޅެއެވެ. ލަމްނާ ލައިގެން ހުރި ހެދުން އިތުރަށް ފުރިހަމަ ކޮށްދެނީ އެ ހެދުމުގެ އަތުކުރި ފުޅާވުމުންނެވެ. ކުޑަ ނިކަގަސް ކައިރީ ހުރި ޔޫޝައު ހުރީ ކަޅިވެސް ޖަހާނުލާ ލަމްނާއާއި ދިމާލަސް ބަލާށެވެ. އެހެން ހުއްޓާ ޔޫޝައުގެ އެންމެ ގާތް އެކުވެރިޔާ ނާއިފް އައިސް ޔޫޝައުގެ ކޮނޑުމަތީގައި މަޑުމަޑުން ޖަހައިލިއެވެ.
“އެހެމް އެހެމް… ކާކު އެތާ ހުރީ؟” ލަމްނާ ހުރި ދިމާލަށް ބަލައިލަމުން ނާއިފް ޖެއްސުން ކުރާ ރާގަކަށް ބުނެލިއެވެ. އޭރު ލަމްނާ ހުރީ އޭނާގެ އެކުވެރިންނާއި އެކު ކޮންމެވެސް ވާހަކަ އެއްގައެވެ.
“ޕިސް… މީހަކު ނެތެންނު އެތާކު!” ވަރަށް ނޫން ކަމަށް ހަދައިފައި ޔޫޝައު ބުނެލިއެވެ.
“އެއްކަލަ ޔޫޝައު! މާލެ ބަދަލުވިޔަސް އަހަރުމެންނަށް އިނގެޔޭ ޔޫޝައުގެ ހިތުގެ ރާނީއަކީ ލަމްނާކަން!” އަމިއްލަ މޭމަތީގައި އަތްބާއްވާލައިފައި ލޯމަރައިގެން ހުރެ ނާއިފް ބުނެލިއެވެ.
“އޭ! ތި ތަންކޮޅެއް މަޑުން ބުނެބަލަ!” ނާއިފްއާއި ދިމާލަށް ޔޫޝައު ބުނެލިއެވެ.
“އޯހޯ! ތި ދޭބަލަ ޢީދު މުބާރަކު ކިޔަން!” ނާއިފް ޔޫޝައުގެ ކޮނޑަށް އަތްވައްޓާލައިފައި ބުނެލިއެވެ. އެވަގުތުވެސް މީހުން އެތަނުން ހުސްނުވެއެވެ.
“ދިޔާމުހޭ! އެކަމަކު…” ޔޫޝައު ބުންޏެވެ.
“އެކަމަކު…؟” ޔޫޝައުއާއި ދިމާލަށް ނިތް އަރުވައިލަމުން ނާއިފް އެހިއެވެ.
“އިއްޔެ މަށް ބުނެވުން އެއްޗަކުން…” ޔޫޝައު އަނެއްކާވެސް ހުއްޓުނެވެ.
“ތި ކިޔާ އެއްޗެއް އެއްފަހަރުން ބުނެބަލަ މާ ސަސްޕެންސް ކުރިއޭޓު ނުކޮށް؟!” ޔޫޝައުގެ ކޮނޑުން އަތް ނަގަމުން ތަންކޮޅެއް ބާރަށް ނާއިފް ބުންޏެވެ.
“އޯކޭ…އޮކޭ… މީ…މީ އިއްޔެ އިރު އޮއްސުނު އިރު އަހަންނަށް ލަމް ފެނުނީ ހާބަރު ކައިރީ އިންނަ ބީޗުން… ދެން އަހަރެން ބުނީ އޭނަ ގާތު ހިނގާށޭ އަހަންނާ އެއްކޮށްދާން…
އަހަރުމެން ވާހަކަ ދައްކަމުން ދައްކަމުން ގޮސް އަހަންނަށް ބުނެވުނީ ލަމް މަތިން ވަރަށް މިސްވިޔޭ! ދެން އޭނަ ލަދުން އެތަނުން ދުއްވައިގަތީ!” ޔޫޝައު މިހެން ބުނެ ނިމުނުއިރު ނާއިފްގެ ދެލޯ ވަނީ ބޮޑުވެ އަނގަ ތަންމިނަށް ހުޅުވިފައެވެ.
“ތި އަނގަ ލައްޕަބަލަ މެއްސެއް ވަދެދާނެ!” ޔޫޝައު ނާއިފް ގާތު ބުންޏެވެ.
“ހިނގާ އަހަންނާ އެއްކޮށް ދާން… އެތިބީ ހުސް އަހަރުމެން ކުލާހުގަ އުޅުނު އެންމެނޭ… ހަނދާން އެބަހުރި ތަ؟ އެތިބީ ވިލްދަނުއާ އިޝާނުމެންވެސް… ހިނގާ ދާން!” ނާއިފް ބުންޏެވެ.
“ޕްލީސް…” ޔޫޝައުއަށް މިހާ ހިސާބަށް ބުނެވުނު އިރު ނާއިފް އޭނާގެ އަތުގައި ހިފަހައްޓައިގެން އެދިމާލަށް ގެންދަނީއެވެ.
“ތި ދޫކޮށްބަލަ! އަހަރެން މިދަނީއޭ!” ޔޫޝައު މިހެން ބުނުމާއި އެކު ނާއިފް އޭނާގެ އަތުން ދޫކޮށްލިއެވެ. އަދި ދެމީހުންވެސް ލަމްނާމެނާއި ދިމާލަށް މިސްރާބު ޖެހިއެވެ.
“ޢީދު މުބާރަކް ކްލާސްމޭޓްސް!” ދިޔަ ގޮތަށްގޮސް ނާއިފް ބުނެލިއެވެ.
“އަހަނ! މިއޮށް ކްލާސް އެންމެން ހަމަވީ އެންނު… ޢީދު މުބާރަކް!” އިޝާން ބުންޏެވެ. ޔޫޝައު އެމީހުންނާއި އަރާ ހަމަވިއިރު ލަމްނާ ޔޫޝައުއާއި ދިމާލަށް ބަލައިލައިފައި ރަކިގޮތަކަށް ހިނިތުންވެލިއެވެ.
“ޢީދު މުބާރަކް ލަމް!” ޔޫޝައު ލަމްނާއާއި ދިމާލަށް ގެއްލިފައި ހުރެ ބުނެލިއެވެ.
“ޢީދު މުބާރަކް!” ލަމްނާވެސް ބުންޏެވެ.
“އޭ! ހިނގާ ސުކޫލާ ދިމާލަށް ދާން! ސައި ތައްޔާރު ކުރާނެ މިހާރު ވަރަށް ބަޑުހައިވެސް ވެއްޖެ!” ވިލްދާން މިހެން ބުނުމާއި އެކު އެންމެންވެސް ސުކޫލާއި ދިމާލަށް މިސްރާބު ޖެހިއެވެ. މީހަކު ބަލާހެން ހިވެގެން ލަމްނާ ބަލައިލި އިރު ޔޫޝައު އިރު އިރު ކޮޅަކާހެން ލަމްނާއާއި ދިމާލަށް ބަލައިލައެވެ. ލަމްނާ ބަލަން ހުއްޓައި ޔޫޝައު ލަމްނާއަށް ބަލައިލުމުން ވަރަށް ނޫންކަމަށް ހަދައިލައި އިސްޖަހައިލިއެވެ.
ތިން ވަރަކަށް މިނެޓުގެ ކުރު ހިނގުމުކަށްފަހު ހުރިހާ އެންމެނަށްވެސް މަދަރުސާއއާއި ހަމައަށް ދެވުނެވެ. އެވަގުތު މީހުންތަށް މަދަރުސާއަށް އެއްވަނީއެވެ. މަދަރުސާގެ ތެރެއަށް ވަދެ ހެނދެނުގެ ސައި ތައްޔާރުކޮށްފައި ހުރި ކުލާސްތަކަށް އެންމެންވެސް ވަނެވެ. ސުފުރާ މަތި ހުރީ އެކި ކަހަލަ ދިވެހި ކެއުންތަކުން ފުރިފައެވެ. ސަޔަށް އިންސާފު ކުރުމަށް ފަހު ނުވައެއްޖަހައި ނުވަގަޑި ބައިވަނިކޮށް ޔޫޝައު ފެންކުޅި ކުޅެން ތައްޔާރުވެގެން ގެއިން ނުކުތެވެ. ހުދުކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްލައިގެން ޔޫޝައު މިސްރާބު ޖެހީ ފިހާރައަށެވެ. އަވިއައިނު ނަގައި ބޮލުގައި ބައިންދައިލަމުން ޔޫޝައު ފިހާރައަށް ވަދެ ކުލައާއި ޖޫސްޕެޓީ ކޮތަޅު ގަތެވެ. ފިހާރައިން ނުކުތްތަނާހެން ނާއިފު އައިސް ޔޫޝައުގެ މޫނުގައި ކުލަ ހާކާފައި ދުއްވައިގަތެވެ. ޔޫޝައުވެސް ނާއިފް ފަހަތުން ދުއްވައިގަތެވެ. ކުޑަކުދިން އަތްލާ ކުޅޭހެން ދެމީހުން ދުވަމުން ދުޔައެވެ. ޔޫޝައު އެންމެ ފަހުން ހުއްޓާލީ ނާއިފްވެސް ކުލައިން ތަތްތަޅުވައިލައިފައެވެ. ދެމީހުންވެސް ހެމުން ހެމުން މިސްރާބު ޖެހީ އެމީހުންގެ އެކުވެރިން ހޯދާށެވެ. މުޅި ރަށުތެރޭގައި މީހުންތައް ދުވެ ނަގަނީއެވެ. ރަށުގެ މީހުންނާއި ބޮޑު ޢީދަށް ރަށައް ޗުއްޓީ ހޭދަކޮށްލަން އައިސް އުޅޭ މީހުންނެވެ.
“އައްދޯތް!” ދެމީހުންވެސް އަޑުގެ ނެތް ކޮޅަށް ހަޅޭއްލަވައިގަތީ ބަޔަކު އެމީހުން ގަޔަށް ފެންޕެޓީ ޖެހުމުންނެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ދާނިޝްއާއި ވިލްދާންއާއި އެކު ހުރީ ލަމްނާއާއި އިތުރު ދެ އަންހެން ކުދިން ތިއްބެވެ.
“ކާކު ޖެހީ؟” ފެން ޕެޓީ ޖެހުނުތަނުގައި ފިރުމަމުން ޔޫޝައު އަހައިލިއެވެ. އެންމެންވެސް އިނގިލިން ލަމްނާއާއި ދިމާލަށް އިޝާރާތް ކުރިއެވެ. ލަމްނާ ޔޫޝާއުއާއި ދިމާލަށް ބަލައިލައިފައި ދުއްވައިގަތެވެ. ޔޫޝައުވެސް ލަމްނާ ފަހަތުން ދުއްވައިގަތެވެ. މި މަންޒަރު ފެނި ބާކީ ތިބި އެންމެންވެސް އެދެމީހުން ފަހަތުން ދުއްވައިގަތެވެ. ލަމްނާއަށް ދުވެވުނެހައި ބާރަކަށް ދުވެފައި ގޮސް ރަށުގެ ބޮޑުމަގަށް އެޅިއެވެ. ޔޫޝައު އާއި ބާކީ އެންމެންވެސް ހުއްޓުނެވެ. އެކަކަށްވެސް ފަރުވާލެއް ނުދީ ޔޫޝައު ދުއްވައިގަތީ އަނެއްމަގުން ބޮޑުމަގަށްވީ ފަޅިއަށް ނުކުތުމަށެވެ.
“އެހުރީ ހަމަ ރަނގަޅަށްވެސް ދީވާނާވެފަ! މަށަކަށް ދެނެއް ނުދުވެވޭނެ ދުވެފައެއް! ވަރަށް ވަރުބަލި… ހިނގާ ޔޫޝައު ފަހަތުން!” މާނޭވާލެވޭ ހާލު ނާއިފް ޔޫޝައުގެ ފަހަތުން ހިނގައިގަތެވެ.
ޔޫޝައު ގޮސް ބޮޑުމަގަށްވީ ފަޅީގެ ކަނެއްގައި މަޑުކޮށްލީ ލަމްނާ އެމަގަށް އަޅާނެ އިރެއްގެ އިންތިޒާރެއްގައެވެ. މީހަކު އެމަގަށް އަޅާހެން ހީވެގެން ޖީބުތެރެއިން ކުލަ ޕެކެޓުނަގައި އަތަށް ކުލައަޅައިފައި އަނެއްކާވެސް ކުލަޕެކެޓު ޖީބަށްލިއެވެ. މަތީ ދަތްޕިލަތަކުން ތުންފަތުގައި ދަތްއަޅަމުން ޔޫޝައު މަގަށްވީ ފަޅިއަށް އެނބުރެލިތަނާ ލަމްނާ ޔޫޝައު ގައިގައި ޖެހި ބިންމައްޗަށް ވެއްޓުނެވެ.
“ވަރަށް ބޮޑަށް ސޮރީ!” ވެއްޓިފައި އޮތް ލަމްނާއާއި ދިމާލަށް ކުލަނާޅާ އޮތް އަތް ދިއްކޮލަމުން ޔޫޝައު ބުނެލިއެވެ. އެވަގުތު ލަމްނާ އެއްފަހަރު ޔޫޝައުއާއި ދިމާލަށް އަނެއްފަހަރު ޔޫޝައުގެ އަތަށް ބަލައިލިއެވެ. ޔޫޝައު ނިތްއަރުވައިލުމުން ލަމްނާ އޭނާގެ އަތުގައި ހިފިއެވެ. ޔޫޝައު ލަތްކެތް ޖަހައިލައިފައި ލަމްނާ ކޮޅަށް ނެގިއެވެ. ޔޫޝައު ހެދިގޮތުން ލަމްނާއަށް ޔޫޝައުގެ ތަނަވަސް މޭމަތީގައި ބޯއަޅައިލެވުނެވެ. ވަގުތުން ލަމްނާ ދުރަށް ޖެހިގަތެވެ. ޔޫޝައު މަޑުމަޑުން ލަމްނާއާއި ދިމާލަށް ފިޔަވަޅު އަޅަން ފެށިއެވެ. ލަމްނާގެ މޫނާއި ވާވަރަށް ތިރިވެލުމަށްފަހު ޔޫޝައު ލަމްނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ލަމްނާގެ ރީތިކަމުގައި ހައްޔަރުވެފައި ޔޫޝައުއަށް ހިނދުކޮޅަކު ހުރެވުނެވެ. ލަމްނާއާއި އިތުރަށް ގާތްވެލުމަށްފަހު ޔޫޝައު ލަމްނާގެ މޫނުގައި ކުލަހާކައިލިއެވެ. ލިބުނު ސިހުމަކުން ލަމްނާއަށް ފަހަތަށް ޖެހިލެވުނެވެ. ޔޫޝައުއަށް ނޭނގުނު ކަމަކީ ލަމްނާގެ އަތުގައިވެސް ކުލަ ހުރި ކަމެވެ. ލާނަތް ހިނިތުންވުންވުމެއް ބަދަލު ކޮށްލުމަށްފަހު ލަމްނާވެސް ޔޫޝައުގެ މޫނުމަތީ ކުލަހޭކިއެވެ. ދެމީހުން މިކަހަލަ ސަކަރާތެއްގައި ތިއްބައި ނާއިފްމެން އެތަނަށް އައެވެ.
“އޭ! ވާހަކަ ނުދައްކަޗޭ! މަ މިއުޅެނީ މިދެމީހުންގެ ފޮޓޯއެއް ނަގަންވެގެން!” ނާއިފް ފޮޓޯނަގަން ތައްޔާރުވެލަމުން ބުނެލިއެވެ. އެންމެންވެސް ލަމްނާއާއި ޔޫޝައު ސަކަރާތް ޖަހާތަން ބަލަންތިބީ ހެވިފައެވެ. ރަނގަޅު ދަނޑިވަޅުބަލައިފައި ނާއިފް އެދެމީހުންގެ ވަރަށް ރީތި ފޮޓޯއެއް ނެގިއެވެ.
އެންމެންގެވެސް ލޯތަށް އަމާޒުވީ ނާއިފް ނެގި ފޮޓޯއަށެވެ. ނާއިފް ނެގި ފޮޓޯގައި ދެމީހުންގެވެސް ތުންފަތްމަތީވަނީ ފުޅާ ހިނިތުންވުމެކެވެ. އެފޮޓޯގައި ޔޫޝައު ލަމްނާ ކުރިމަތީގައި ހުރިއިރު ފޮޓޯ ނެގި ވަގުތު ޔޫޝައު ލަމްނާއާއި ދިމާލަށް ބުރުވައިލި ކުލަތަށް ވަނީ އެދެމީހުން ވަށައިލައިފައެވެ. ލަމްނާގެ މޫނު ފޯނާއި ވީފަޅިއަށް އެނބުރިފައިވީއިރު އޭނާގެ ދެއަތް ވަނީ މޫނާއި ދިމާލަށް އަންނަ ކުލަތަކުން ސަލާމަތްވާން މޫނު ކުރިމައްޗަށް ލެވިފައެވެ. ޔޫޝައު ނުލާހިކު ލޯބިން ލަމްނާއަށް ބަލަން ހުރިއިރު ލަމްނާ ހުރީ ލޯމަރައިގެންނެވެ.
“އެހެމް އެހެމް!” އަޑުގެ ނެތް ކޮޅަށް ވިލްދާން އަޑުލެއްވިއެވެ. ސިއްސައިގެން ގޮސް ދެމީހުންނަށްވެސް ބަލައިލެވުނީ ވިލްދާނުމެން ތިބި ދިމާލަށެވެ.
“ފޮޓޯ ނެގީމޯ!” ނާއިފް ގޮސް ޔޫޝައުގެ ކަންފަތް ކައިރީ ބުނެލިއެވެ. ވަގުތުން ޔޫޝައު ނާއިފްއާއި ދިމާލަށް ބަލައިލައިފައި މޫނަށް ވައްތަރެއް ޖައްސަމުން ބޯދެފަރާތަށް ހޫރުވަން ފެށިއެވެ.
“އޭ! ހިނގާ މޫދަށް ދާން!” ނާއިފް މިހެން ބުނެލުމުން އެންމެންވެސް މޫދާއި ދިމާލަށް ހިނގައިގަތެވެ. އެހެން އެންމެން ވާހަކަ ދައްކަމުން ދިޔައިރު ނާއިފް ތަންކޮޅެއް ފަހަތަށް ޖެހިލައިފައި ވަރަށް ސިއްރު ސިއްރުން ފޯނު ނަގައި ޔޫޝައުއާއި ލަމްނާގެ ފޮޓޯ އިންސްޓަގްރާމަށް ޕޯސްޓު ކޮށްލިއެވެ. އަދި އޭގެ ކެޕްށަންގައި “މައި ފޭވަރިޓް ކަޕުލް!”
މޫދަށް އެރެންވެގެން ފޯނު ނަގައި އެތާ އިން ގޮނޑިއެއްގައި ބާއްވަންވެގެން ފޮނު ނެގިއިރު ޔޫޝައުގެ ފޯނަށް “ނޮޓިފިކޭށަނެއް” އައިސްފައި އިނެވެ. އެއަށް ފިތައި ބަލައިލިއިރު އެއްކަލަ ނާއިފް އެދެމީހުންގެ ފޮޓޯ އިންސަޓަގްރާމަށް ލައިފައި އިނެވެ.
“ނާއިފް! ކީއްތިކުރީ؟؟!” ވަކިން ނާއިފް ގާތަށް ގޮސް ޔޫޝައު އެހިއެވެ. އެވަގުތު ބާކީ އެންމެން ތިބީ މޫދުގައެވެ.
“ފޮޓޯ އެއްލީއެންނު އެވަރު ކަމެއްތަ؟” ނާއިފް ވަރަށް ނޫންކަމަށް ހަދައިފައި ބުނެލިއެވެ. “ބަލަ… އަހަރެން ބުނާ ގޮތް ހެދީމަ މި ފޮޓޯ ރިއަލިޓީއަށް ބަދަލުވެދާނެ… މި ބުނީ މަ ކެޕްށަންގަ ލިޔެފަ އިން އެތި ވާހަކަ! މިރޭ ބުނެބަލަ ލަމްނާ ގާތު ޔޫޝައު އޭނަ ދެކެ ލޯބިވާ ވާހަކަ! ތިހާ ލަދުން އުޅެގެން އެންމެފަހުން އޮންނާނީ ކަމެއް ނުވެފަ! ބީ އަ މޭން ބުރޯ!” ޔޫޝައުގެ ކޮނޑުމަތީގައި ޖަހައިލަމުން ނާއިފް ބުނެލިއެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ހަނދަށް ތަންދެމުން ދުނިޔެއާއި ވަކިވިއެވެ. ޔޫޝައު އެކަމަކަށް އެންމެ ގަދަޔަށް ތައްޔާރުވީ ވަގުތު އައިސް ޖެހިއްޖެއެވެ.
“ލަމްނާ! ލަމްނާ! ޔޫޝައުއަށް… ޔޫޝައު…” ނާއިފަށް ހާސްވެފައިވެފައި ހުރިވަރުން ވާހަކައެއްވެސް ނުދެއްކުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



Yayyy me first dho anyways varah reethi mi part ves curiously waiting for the next part ☺️☺️☺️☺️
Yess?? thank you very much starlight vixx? in sha allah vrh avahah 6 vana bai genesdheynan??
Varrrrrasalhi I get. Keep it up. ???????be safe sis. Curiously waiting for the next part. Lymorrrr sis ??
awwn… thank you sooo much shaima shaee 🙂 keep waiting… stay safe 🙂 and ly more and more
masha allah.. mi baivs ehn bai thakekey ehgothah vr rythi.. vr furihama vaahaka dhaa goii.. masha allah.. keep it up.. gud lukkkkkkkkk.. stay safe always.. miss u
Awwwn??? thanks nafu? stay safe ly miss u moree?????
Ma sha allah ❤️mi part ves vvvvvvvv reethi dhenh part kiyanh kehmadhu vefa mi inii ❤️? keep it up dear ❤️?
awwn… thanks saaya… 6 vana bai submit kohlaifin … miadhuge vaguthehgai kiyaalan libeyne… in sha allah 🙂