ނޭނގި ވެވުނީ ލޯތްބޭ – 6
“ފޮޓޯ އެއް ޕޯސްޓް ކޮށްލީއެންނު! އެވަރު ކަމެއްތަ؟” ނާއިފް ވަރަށް ނޫންކަމަށް ހަދައިފައި ބުނެލިއެވެ. “ބަލަ… އަހަރެން ބުނާ ގޮތް ހެދީމަ މި ފޮޓޯ ރިއަލިޓީއަށް ބަދަލުވެދާނެ… މި ބުނީ މަ ކެޕްޝަންގަ ލިޔެފަ އިން އެތި ވާހަކަ…މިރޭ ބުނެބަލަ ލަމްނާ ގާތު ޔޫޝައު އޭނަ ދެކެ ލޯބިވާ ވާހަކަ! ތިހާ ލަދުން އުޅެގެން އެންމެފަހުން އޮންނާނީ ކަމެއް ނުވެފަ! ބީ އަ މޭން ބުރޯ!” ޔޫޝައުގެ ކޮނޑުމަތީގައި ޖަހައިލަމުން ނާއިފް ބުނެލިއެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ހަނދަށް ތަންދެމުން ދުނިޔެއާއި ވަކިވިއެވެ. ޔޫޝައު އެކަމަށް އެންމެ ގަދަޔަށް ތައްޔާރުވީ ވަގުތު އައިސް ޖެހިއްޖެއެވެ.
“ލަމްނާ! ލަމްނާ! ޔޫޝައުއަށް… ޔޫޝައު…” ނާއިފަށް ހާސްވެފައިވެފައި ހުރިވަރުން ވާހަކައެއްވެސް ނުދެއްކުނެވެ.
“ނާއިފް؟! ކީކޭ؟ ޔޫޝައުއަށް ކިހިނެއްވީއޭ؟!” ލަމްނާ ކޮޓަރީގެ ދެފަރާތަށް ހިނގަމުން ހުރެ އެހިއެވެ.
“ވަރަށް އަވަހަށް ބަނދަރާ ދިމާލަށް އައިސްބަލަ ޔޫޝައު….” މިހާ ހިސާބަށް ބުނެފައި ނާއިފް ގަސްދުގައި ފޯނު ކަނޑައިލިއެވެ.
“ނާއިފް ހަމަ އަސްލަށްވެސް ދާންވީ ފިލްމު ކުޅެން! މަ މި ހުންނަނީ ނާއިފް އެކްޓު ކުރާލެއް މޮޅުކަމުން ހަމަ އަންތަރީސްވެފަ! އެ ފަކީރަށް ވާނެ ވަރު ހީކޮށްބަލަ!” ޔޫޝައު ނާއިފް ގާތު ބުންޏެވެ.
“ދެންވެސް އޭނަ އަންނަން ވާއިރަށް ބީޗަށްވަދެ ރެޑީ ވެގެން ހުރެބަލަ! މީ ހަމައެކަނި ލަމްނާ މިކޮޅަށް ގެންނަން ކުރާކަމެއް އެކަންޏެއް ނޫނޭ! މީ އޭނައަށް ދެވޭ އިމްތިހާނެއްކަމަށްވެސް ހީކޮށްލާ!” ނާއިފް ޔޫޝައު ގާތު ބުނުމުން ޔޫޝައު ބީޗަށް ވަނެވެ. އިރުކޮޅެއް ފަހުން ނާއިފަށް ލަމްނާ ބަނދަރުމަތިން ބާރުބާރަށް އަންނަތަން ފެނުނެވެ. އެއްފަހަރު ހިނގައިލައިފިއްޔާ އަނެއްފަހަރު ދުވެލަނީއެވެ. ނާއިފްވެސް މޫނުމައްޗަށް ހާސްކަން ގެނުވަމުން ލަމްނާއާއި ދިމާލަށް ދުއްވައިގަތެވެ.
“ކޮބާ ޔޫޝައު؟! އޭނައަށް ކިހިނެއްވީ؟” މައިނޭވާލެވޭ ހާލު ލަމްނާ ނާއިފް ގާތު އެހިއެވެ.
“އައިސްބަލަ އަހަރެން ފަހަތުން!” ނާއިފް ބުންޏެވެ. ނާއިފްގެ ފަހަތުން ލަމްނާ ހިނގައިގަތެވެ.
“ދޭބަލަ!” ބީޗާއި ހަމައަށް އާދެވުމުން ނާއިފް ލަމްނާ ވަންނަން ތަންދައްކައި ލަމްނާއަށް ފިލިއެވެ. މިކަމެއް ލަމްނާއަކަށް ނޭނގުނެވެ. އޭނަ ބެލީ އަވަހަށް ބީޗަށް ވަދެވޭތޯއެވެ. ބީޗަށް ވަދެވުމާއި އެކު ލަމްނާއަށް އޭނާގެ އަނގަމަތީގައި އަތް އަޅައިލެވުނެވެ. ލަމްނާ ދާންވީ ދިމާ ފާހަގަ ކުރުމަށްޓަކައި ކުޑަ މަގެއް ހަދައިފައި އޮތެވެ. މަގުގެ ދެ ފަރާތް ކޮނެފައި ވާއިރު އެދޭތެރޭގައި އުއްބައްތި ތަކެއް ބަހައްޓައިފައި ހުއްޓެވެ. އެމަގުގެ އެހީގައި ލަމްނާ ހިނގަމުންދިޔައިރު ސާދަ ވިލޭރޭގެ ބުރުހަމަ ހަނދާއިއެކު ވިދަމުން ދިޔަ ތަރިތަށްވެސް ހީވަނީ ލަމްނާއަށް މަރުހަބާ ކިޔާހެންނެވެ. ތައްޔާރީތަށް ހަމަ އެހާމެ ފުރިހަމަވެފައި ބަލާލަން ރީއްޗެވެ. މަޑު ހިނގުމެއްގައި ހިނގަމުންދިޔަ ލަމްނާގެ މޫނުމަތިން އަދިވެސް ފެންނީ ހައިރާންކަމެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ލަމްނާއަށް ރުށްދަށުގައި ތައްޔާރު ކޮށްފައިވާ މޭޒު ފެނުނެވެ. ހުދު ފޮތިގަނޑެއް މޭޒުމަތީގައި އަޅައިފައި ވީއިރު ބިއްލޫރި މާޓުކުރި ތެރޭގައި ރަތްފިނިފެންމާތަކެއް ބަހައްޓައިފައި ހުރުމުން އެތަން އިތުރަށް ފުރިހަމަވެގެން ދެއެވެ. ދެފަރާތުގައި ދެގޮނޑި ބައިންދައިފައިވީ އިރު ދެމީހުންނަށް ވާވަރަށް ކުޑަ ކެއުމެށްވެސް އޮތީ ތައްޔާރުކޮށްފައެވެ. ލަމްނާއަށް މޭޒުދޮށުގައި ހުރި ޔޫޝައު ފެނުމުން އޭނައާއި ދިމާލަށް ދުއްވައިގަތެވެ.
“ޔޫޝައުއަށް ކިހިނެއްވީ؟ މީ ކޮންކަމެއް؟!” ލަމްނާ އެހިއެވެ.
“ހަޝް…” ޔޫޝައު އޭނާގެ ތުންފަތް މަތީގައި ޝަހާދަތް އިނގިލި ބައިންދައިލަމުން ބުނެލިއެވެ. ލަމްނާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލައިފައިވެސް އަނގަ ލެއްޕީ ޔޫޝައު އޭނާގެ އަތުގައި ހިފައިފައި މޫދާއި ދިމާލަށް ގެންދަން ފެށީމައެވެ. ރާޅު ބީއްސާ ހިސާބުގައި ދެމީހުންވެސް މަޑުކޮށްލިއެވެ.
“ފަހަތް ބަލާބަލަ!” ޔޫޝައު ލަމްނާއަށް ފަހަތް ދައްކަމުން ބުނެލިއެވެ. ލަމްނާ ފަހަތަށް އެނބުރެލިއެވެ. ފަހަތުގައި ވަނީ އިނގިރޭސި ބަހުން “އައި ލަވް ޔޫ” މިހެން ޖަހައިފައެވެ. ލަމްނާގެ މޫނުމަތިން ވަގުތުން އުފާވެރިކަން ފާޅުވާން ފެށިއެވެ. ހެވިފައި ހުރެ ލަމްނާ ޔޫޝައުއާއި ދިމާލަށް އެނބުރެލި ވަގުތު ބޭއިޙްތިޔާރުގައި ލަމްނާއަށް ފަހަތަށް ޖެހެވުނެވެ. އަނގަމަތީގައި އަތް އެޅުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ކުރިމަތީގައި ޔޫޝައު އެ އިނީ އެއްކަކޫ މަތީގައި އިށީނދެގެން ފިނިފެންމަލެއް ހިފައިގެންނެވެ.
“ލަމްނާ…” ޔޫޝައު ވާހަކަ ދައްކަން ފެށިއެވެ. “ފަހަތުގައި ލިޔެފައި އެ އޮތީ ހަމަ ތެދައް! އައި ލަވް ޔޫ ލަމްނާ! އައި ލަވް ޔޫ… މިއީކީ މިއަދު ނޫނީ އިއްޔަވީ ކަމެއް ނޫން! ސުކޫލު އުޅުނީއްސުރެ! ހާދަ ހިތްވަރެއް ކޮށްފަޔޭ މިރޭ މިބުނަނީ މިހެން… އަހަރެން ކިޔަވަން މާލެ ބަދަލުވާން އުޅުނު ދުވަސްވަރުވެސް ވަރަށް ބެލިން އަހަރެންގެ ހިތުގަ ލަމްނާއަށްޓަކައި އޮތް ލޯބި ހާމަކޮށްދެވޭތޯ… އެކަމު އެހާ ހިތްވަރެއް ނުލިބުން! އޭރު އަހަރެން ހިތަށް އެރީ ލަމްނާ އަހަރެން ދެކެ ރުޅި އައިއްސިއްޔާ ކިހިނެއްހޭ ވާނީ… ލަމްނާ އަހަރެން ދެކެ ލޯބި ނުވަންޏާ ކިހިނެއްހޭ ހަދާނީ.. މިކަހަލަ ބައިވަރު ސުވާލުތައް އަހަރެންގެ ސިކުނޑީގަ ދައުރުވި… އެކަމު މިރޭ އެ ހުރިހާ ސުވާލު ތަކެއް އެއްފަރާތް ކޮށްލާފަ މި އަހަނީ… ވިލް ޔޫ ބީ މައިން؟ އައި ލަވް ޔޫ ވެރީ މަޗް! ވަރަށް ވަރަށް ވަރަށް ބޮޑަށް ލޯބިވޭ ލަމްނާ ދެކެ!” ޔޫޝައު މިހުރިހާ ވާހަކައެއް ދެއްކި އިރު ލަމްނާއަށް ހުރީ ހަމަރަނގަޅަށްވެސް ރޮވިފައެވެ.
“ޔެސް! ޔެސް! އައި އޭމް ރެޑީ ޓު ބީ ޔުއާރސް… ފޮއެވާރ!” ލަމްނާގެ އުފަލުގެ ކޮޅެއް ނެތެވެ. “އަހަރެންވެސް ވަރަށް ލޯބިވޭ ޔޫޝައު ދެކެ… ހަމަ ޔޫޝައު ހެން ބުނަން ނުކެރިފަ މިހުރިހާ ދުވަހު މިއުޅުނީ!” ލަމްނާ ބުންޏެވެ. ޔޫޝައު ކޮޅަށް ތެދުވެލިއެވެ. އަދި ލަމްނާ އޭނާގެ މެޔާ ލާ ބޮނޑިކޮށްލިއެވެ.
“އައި ލަވް ޔޫ!” ޔޫޝައު ވައި އަޑުން ބުނެލިއެވެ.
“އައި ލަވް ޔޫ ޓޫ!” ލަމްނާވެސް ބުނެލިއެވެ.
“ނާއިފް އަހަންނަށް ގުޅާފަ ބުނި ޔޫޝައުއަށް ކޮންމެވެސް ގޮތެއް ވެގެން އެބައުޅެޔޭ…” ޔޫޝައު ދުރުކޮށްލައިފައި މޭޒާއި ދިމާލަށް ދަމުން ލަމްނާ އަހައިލިއެވެ.
“އަދިވެސް ލަމްނާއަކަށް ނޭނގޭތަ ކީއްވެގެން ކަމެއް އޭނަ އެހެން ހެދީ؟ އަހަރެން ހީކުރީ މިހާރު އެނގޭނެކަމަށް!” ޔޫޝައު ލަމްނާ ގޮނޑީގައި ބައިންދައިފައި އޭނާ ކުރިމަތީގައި އިން ގޮނޑީގައި އިށީންދެލަމުން ބުނެލިއެވެ. ޖަވާބުދާރީ ވުމުގެ ގޮތުން ލަމްނާ އޭނާގެ ކޮނޑު ހިއްލައިލިއެވެ.
“ހެހެ… މީ ހުސް އަހަރުމެން ދެމީހުންގެ ރޭވުންގަނޑު… މިއަދު ހަވީރު ބޮޑުބެރު ޖަހާތަނަށް ނުގޮސް ކުރި ކަންތައް މިއީ… ލަމް މިކޮޅަށް ގެންނަންވެގެން ނާއިފް ގުޅީ… އެންޑް ލަމް ކޮންތާކަށް ދާން ތިހާ ރީތިވެގެން ތިއިނީ؟” ޔޫޝައު އެހިއެވެ.
“މިރޭ ޝޯ އަށް ދާން އުޅެނިކޮށް އެ ނާއިފް ގުޅީ… އޭނަ އެހެންބުނި ވައްތަރުން އަހަރެން ކިރިޔާ ބިރުން ހަލާކު ނުވީ! އެކަމުވެސް ރަނގަޅެންނު! އިސްތަށިގަނޑަށް ރީތި ގޮތެއް ހަދާލާފަ… ރީތި ހެދުމެއް ލުމުގެ ބޭނުން ޖެހުނީތާ!” ލަމްނާ ހެމުން ބުނެލިއެވެ. ދެމީހުންވެސް ވާހަކައިގައި ތިބެފައި އެމީހުންނަށް ހާއްސަކުރެވިފައިވާ ކެއުމަށް އިންސާފުކުރަން ފެށިއެވެ. އެރޭ ނިމިގެންދިޔައީ ވަށައިގެންވާ މާހައުލުވެސް އެމީހުންގެ އައު ފެށުމަށް މަރުހަބާ ކިޔަމުންނެވެ.
*** މިއަދު ***
ރީމް މެންގެ ކޮޓަރީގައި ހުދާއާއި ޒިއުނީއާއި ރީމްއާއި އައިނާ އަދި ސުމައްޔާމެން ތިބެގެން ކައިވެނި ޕާޓީ ރާވަނީއެވެ. އެގޮތުން ގަންނަން ޖެހޭ އެއްޗެހީ ލިސްޓު ހަދައި، އެކި މީހުންނަށް ކަންތައްތައް ބަހާ ހަދައި ނިމުނު އިރު މެންދުރު ނަމާދަށް ބަންގި ގޮވައިފިއެވެ. އެހެންކަމުން މަސައްކަތް ހުއްޓާލައިފައި އެންމެންވެސް ނަމާދު ކުރަން އަވަސްވެގަތެވެ. ޔޫޝައުވެސް ލަމްނާއާއި ވާހަކަ ދައްކައިފައި ބަންގި ގޮވުމުން ފޯނު ބާއްވައިފައި ނަމާދު ކުރަން ހަސަނާއި އެކު މިސްކިތަށް ދާން ހިނގައިގަތެވެ.
އެފުށުން މިފުށަށް ޖެހިފައިވާ ކޮޓަރި ސާފު ކުރުމުގައި ލަމްނާ މަސްޢޫލުވެ އުޅުނެވެ. އައިސްފައި ހުރި ރުޅިގަނޑު މަތަ ކުރުމަށްފަހު ބެޑުޝީޓު އެނދަށް ލައްވައިފައި ބާލިސްތަށް އެނދުމަތީގައި އަތުރާލިއެވެ. ވެއްޓިފައި އޮތް މޭޒުނަގާ ކޮޅަށް ބޭންދުމަށްފަހު ފިހިގަނޑު ހިފައިގެން އައިސް ކޮޓަރި ތެރެ ފޮޅަން ފެށިއެވެ. އެއަށްފަހު ކޮޓަރި ތެރޭގައި މޮޕު ލާފައި އައިސް ލަމްނާ އެނދުމަތީގައި އޮށޯވެލީ ވެފައިހުރި ވަރުބަލި ކަން ފިލުވައިލުމަށްޓަކައެވެ. އޭސީ ސައުވީހަށް ލާފައި ހުރިނަމަވެސް ލަމްނާގެ ނިތްކުރި މަތިން ދައު ތިކިތަށް ވިދަމުން ދިޔައެވެ. މި ހޫނުކަމަށް އިތުރަށް ކެތްނުކުރެވިގެން އޭސީ ސޯޅައަށް ލައިފައި ތުވާލި ހިފައިގެން ލަމްނާ ފާހަނައަށް ވަނީ ފެންވަރައި ތާޒާ ވެލުމުގެ ނިޔަތުގައެވެ. ފެންވަރައި ހަދައިގެން ގޭތެރޭގައި ލާކަހަލަ އާދާއިގެ ޓީޝާޓަކާއި ދޫ ހަރުވާޅެއް ލައިގެން ބޮލުގައި ހުޅިއެއް ޖަހަމުން ލަމްނާ އަނެއްކާވެސް އެނދުމަތީގައި އޮށޯވެލިއެވެ. މެންދުރު ނަމާދަށް ބަންގި ގޮވި އަޑު ލަމްނާގެ ކަންފަތުގައި ޖެހުނުނަމަވެސް ތެދުވެ ނަމާދު ކޮށްލާ ކަހަލަ ޙިޔާލެއް ނެތެވެ. އެއަށްވުރެ ބޮޑަށް އޭނަ ބޭނުންވީ ނިދައިލާށެވެ. މާލަސްތަކެއް ނުވެ ލަމްނާގެ އެސްފިޔަތަށް ބަރުވެ ނިދީގެ ފުންކަނޑަށް ލަމްނާ ޢަރަޢުވެގެން ދިޔައެވެ.
ނާމާދުކޮށް ނިމިގެން ރީމްއާއި ހުދާއާއި ޒިއުނީ ލެޕްޓޮޕުން އެމީހުންގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
“އޭ ޒިއު… ޝައުނާއަށް މިއަދު ހެދި ލިސްޓު މެއިލް ކޮށްލަބަ! ބުނޭ އެއްކަލަ މާތަށް ހަދަން ފަށާށޭ.. ދެން ލިސްޓުގަ ހުރި އެއްޗިސްވެސް ހޯދަން ފަށާށޭ ބުނޭ!” ރީމް އޭނާގެ ލެޕްޓޮޕަށް ބަލަން އިނދެ ޒިއުނީ ގާތު ބުންޏެވެ.
“އާން! ތިކަން ކުރަން މިއުޅެނީ… މެރޫން އެންޑް ގްރޭ ދޯ ކުލައަކީ؟” ޒިއުނީ އެހިއެވެ.
“ޔެސް… އެ ދެކުލަ… އަދި ބުނައްޗޭ އެކިއެކި ސައިޒުންނޭ މާ ހަދާނީ!” ރީމް އިތުރަށް ޒިއުނީއަށް އިރުޝާދު ދިނެވެ.
“މި ގެސްޓު ލިސްޓު ހާދަ ބޮޑޭ! ބޯގޮވައިފި މިހާރު! މީ އަދި އައިނާމެންގެ އާއިލާ ފަރާތުން އަންނަ މީހުން… އަދި އޮތީ ޔޫނުސްގެ އާއިލާ ފަރާތު މީހުން!!” ލެޕްޓޮޕު އެއްފަރާތަށް ޖައްސައިލަމުން ހުދާ ބުނެލިއެވެ.
“ރެސްޓެއް ނަގާ… މީޓިންއެއްގަ ބިޒީވެގެން ޔޫނުސްއަކަށް ނާދެވުނެންނު މިއަދަކު… ޔޫނުސްމެންގޭ މީހުންގެ ލިސްޓު ގެންނަން ވާއިރަށް އައިނާމެންގެ ލިސްޓު ހަދާލާ!” ރީމް ބުނެލިއެވެ.
“އާން! ދެން ހިނގާ ރީމްއާ ޒިއުނީވެސް ބޭރަށް ނުކުމެލަން… މިހާރު ގަޑިއިރެއް ވެދާނެ ލެޕްޓޮޕަށް ގެއްލިފަ ތިބިތާ! ވަރަށް ބަނޑުހައިވެސް ވެއްޖެ… ދައްތަ ބުނީ މިއަދު ހަދާނީ ފްރައިޑް ރައިސްއޯ މެންދުރަށް… ހިނގާދާން! އަދި މިރޭ އެބަ އޮތެންނު ޔޫޝައުގެ ސަޕްރައިޒްވެސް!” އަނގަ ހުއްޓާނުލާ ހުދާ ވާހަކަ ދައްކަމުން ދިޔައެވެ.
“އޯކޭ އޯކޭ! ދެން ހުއްޓާލަބަލަ! ޕެޓްރޯލް ބޮއެގެންތަ ތިއުޅެނީ؟” ޒިއުނީ ހެމުން ހެމުން ބުނެލިއެވެ.
“ހުމް… ދެން ހެވޭ… ހިނގާ ދާން ރީމް… ރީމް؟” ހުދާ ރީމްއަށް ގޮވައިލިއެވެ.
“ކީކޭ؟” ޙިޔާލަށް ގެއްލިފައި އިން ރީމް ދިޔައީ ސިއްސައިގެންނެވެ.
“ކޮން ޙިޔާލަކަށް ގެއްލިފަ؟ ފަޔަށް ތަދުވަނީތަ އަނެއްކާ؟” ހުދާ އަހައިލިއެވެ.
“ހުދާ މެންގާތު މިވާހަކަ ބުނަންވީތަ؟ މީވާހަކަ ނުބުނެފިއްޔާ އަހަރެން ބޯ ގޮވާފާނެ! އެކަމު… ޕިސް ދެން ހަމަ ބުނާނީ!” ރީމް ހިތާއި ހިތުން ބުނެލިއެވެ.
“ރީމް؟” ޒިއުނީވެސް ގޮވާލިއެވެ.
“އަމްމް… އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް!” ރީމް ތަންކޮޅެއް މަޑުން ބުނެލިއެވެ.
“ތި ތަންކޮޅެއް ބާރަށް ބުނެބަލަ… ހުސް ބީރު މީހުންނޭ މިތިބީ!” ޒިއުނީ ބުންޏެވެ.
“ޕިސް ޕިސް! ތިން މީހުން ކޮޓަރީގެ ތިން ތަނުގަ ތިބެންޏާ ވާނީި މިހެން! މި އެނދަށް އައިސްބަލަ ދެމީހުން!” ރީމް އިށީންދެގެން އިން އެނދަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.
“ދެން ކިޔާބަލަ!” އެނދުގައި އިށީންނަމުން ހުދާ ބުނެލިއެވެ.
“އަޑުއަހާ… މީ.. މިއަދު އަހަރެން ދިޔައީ މެންނު ދޯ ޔޫޝައުއާއި އެކު ބަނދަރަށް… އެއްޗެހި ގެޔަށް ފޮނުވާލާފަ އަހަރުމެން ދެމީހުން ހިނގާފަ ގެއަށް އަންނަނިކޮށް އެތާ އިން ގެއަކަށް ޔޫޝައު ވަނީ… އޭނަ ބުނި އަހަރެން ގާތު ވަންނާށޭވެސް… އެކަމު އަހަންނެއް ނުވަންނަން… އޭނަ ވަން ފަހުން އަހަރެން އެތާ އިން ޖޯލީގަ އިށީނީ… ދެން އަހަންނަށް ފެނުނީ އެގެއިން ފިރިހެނަކު ނިކުންނަނިކޮށް… އޭނަ އަހަރެން ފެނުނީމަ ސިއްސައިގެންގޮސް އަވަސް އަވަހަށް އަނެއް ގޯޅިއަށް ލަނބާލީ!” ރީމް ބުނެދިނެވެ.
“ދެން އެގެއިން ފިރހެނަކު ނުކުތޭ ކިޔާފަ އަހަރުމެން ކީއްކުރަންވީ؟” ޒިއުނީ ފާރުގައި ލެނގިލަމުން ބުނެލިއެވެ.
“ޒިއުނީ މަޑުކޮށްބަ… ކާކުގެ ގެއަކަށްތަ ޔޫޝައުވަނީ؟” ހުދާ ވަރަށް ސީރިއަސްކޮށް އަހައިލިއެވެ.
“ލަމްނާ” ރީމް ބުންޏެވެ.
“ލަމްނާއޭ؟” ހުދާއާއި ޒިއުނީއަށް އެއްފަހަރާ ބުނެވުނެވެ.
“އާން! ޔޫޝައުގެ ގަރލްފްރެންޑް!” ރީމް ބުންޏެވެ.
“ހަހަހަހަ! އެހެންވެގެން ތިހާ ދެރަވެގެން ތިއުޅެނީ؟” ޒިއުނީ ހެމުން ހެމުން ބުނެލިއެވެ.
“ޒިއުނީ! ޕްލީސް!” ރީމް ތަންކޮޅެއް ބާރަށް ބުނެލިއެވެ.
“އޭނަ ގޭ މީހަކަށް ވެދާންނު؟” ހުދާ އެހިއެވެ.
“ނޫނޭ… އަހަރެން އެގެއަށް ވަނީ އެތާ އިނދެ ކެތްނުކުރެވިގެން! އަހަރެން އެހިން ލަމްނާ ގާތު ގޭ އެކެއްވެސް ނޫޅޭހޭ! އޭނަ ބުނީ ގޭ އެކަކުވެސް ނެތޯ ރަށަކު… އޭނަ މަންމަ ބަލިވެގެން ރާއްޖެއިން ބޭރަށް ގޮހޯ ވަނީ!” ރީމް ބުންޏެވެ.
“ވެއިޓް ވެއިޓް ވެއިޓް! މިހާރު އެބަ ގެޓުވޭ ވެގެން އުޅޭ ގޮތް! ލަމްނާއާއި ޔޫޝައުއާއި އުޅޭނީ ރައްޓެހިވެގެން… ލަމްނާ މެންގެއިން ރީމްއަށް ފެނުނީ ކޮންމެވެސް އެހެން ފިރިހެނެއް ނިކުންނަ ތަން! ޑޫ ޔޫ މީން ދެޓް ލަމްނާ އިސް ޗީޓިން ޔޫޝައު؟” ހުދާ އަހައިލިއެވެ.
“ވެއިޓް އާ ޔޫ ސީރިއަސް؟” ޒިއުނީ އަހައިލިއެވެ.
“އާނއެކޭ! އަހަންނަކަށް ޔަގީނެއް ނޫން އިނގޭ އަދި… އެކަމު ވަރަށް ހީވޭ!” ރީމް ބުންޏެވެ.
“ޔޫޝައު އަކަށް ނުފެނުންތަ އެގެއިން މީހަކު ނުކުތް ތަނެއް؟” ހުދާ އެހިއެވެ.
“ނޭނގެ ތިއެއްވެސް! ވެދާނެއެންނު އެހެން ދިމާލަކުން ނުކުތީ ކަމަށްވެސް… މިސާލަކަށް ކުޑަ ދޮރު؟” ރީމް ބުންޏެވެ.
“ދެން ކީއްކުރާނީ؟ އަހަރެން ހީކުރީ ރީމް އަހަރުމެން ހައްދަން ކިޔާ އެއްޗެހި ކަމަށްވިއްޔާ!” ޒިއުނީ ބުންޏެވެ.
“ދެން ރީމްވެސް އެކަހަލަ ވާހަކައެއް ނުދައްކާނެ ދޯ މަޖަލަކަށެއް!” ހުދާ ބުންޏެވެ.
“ދެން ކީއްހޭ ކުރާނީ؟” ޒިއުނީ އަނެއްކާވެސް އަހައިލިއެވެ.
“ކޮންކަމެއް ކުރާނީ؟” އައިނާ ކޮޓަރި ދޮރު ހުޅުވައިލަމުން އަހައިލިއެވެ. ވަގުތުން އެންމެންގެ އަނގައިގައި ތަޅެއް ލެވުނު ކަހަލައެވެ. އެކެއްވެސް އެކެއްޗެކޭވެސް ނުބުނެއެވެ.
“ކިހިނެއްވީ…” އައިނާ އަނެއްކާވެސް އަހައިލިއެވެ.
“މީ…މި ޒިއުނީ މެއިލް… މެއިލް ނުފޮނުވިގެން އުޅޭތީ އެ އުޅެނީ!” ހުދާ ބެލީ އަވަހަށް ވާހަކަ ބަދަލު ކޮށްލެވޭތޯއެވެ.
“އެހެންތަ؟ ދައްކާލަބަލަ!” އައިނާ ބުންޏެވެ.
“މިހާރު އޯކޭ… ކުރިން… ކުރިން ނުފޮނުވިގެން އުޅުނީ!” ޒިއުނީ ބުންޏެވެ.
“އެހެންދޯ؟ ހާދަ ފާޑަކަށް ތިއުޅެނީ؟” އައިނާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.
“ކަމެއް ނުވޭ… ދެންމެ މަސައްކަތް ނިމުނީ… ވަރަށް ބަނޑުހައިވެސް ވެއްޖެ… އެހެންވެގެން!” ރީމް ބުންޏެވެ.
“އެހެންތަ؟ އާދޭ ބަތް ކާން ދާން!” އައިނާ ކޮޓަރިން ނުކުންނަމުން ބުނެލިއެވެ.
“އޭ! އެކެއްވެސް މިވާހަކަ އެކެއް ގާތުވެސް ނުދައްކާތި! އަދި އަހަރުމެނަކަށްވެސް ޔަގީނެއް ނޫން!” ރީމް އެނދުމަތިން ތެދުވަމުން ބުނެލިއެވެ.
“އޯކޭ!” ޒިއުނީ ބުންޏެވެ. ތިން މީހުންވެސް ކޮޓަރިން ނުކުމެ ކާގެއަށް ދާން ހިނގައިގަތެވެ. އޭރު ގޭއެންމެންވެސް ކާން ތައްޔާރުވެގެން ތިއްބެވެ. ރީމްމެން އިށީނދުމާއި އެކު އެންމެންވެސް ކެއުމަށް އިންސާފު ކުރަން ފެށިއެވެ.
“މަންމާ… މިރޭ ސަޕްރައިޒާއި ބެހޭ ގޮތުން އެއްޗެއް ބުނެލަންތަ؟” ޔޫޝައު މަރިޔަމް ގާތު އެހިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Yayyy me first dho anyways varah reethi mi part ves curiously waiting for the next part ☺️☺️ take care ♥️♥️
Hehe… yess starlight?? awwnn❤❤❤ thanks dear… thursday ge 7 vana bai genesedheynan insha allah????❤
Yeey…mi first..raayoo mi part ves v.salhi…MA
waiting
OHHH…first EH NOON
Not this dhww… awwnn?? thanks abu… keep waiting?? stay safe❤❤
Wow? mi part ves vvvvvvvv reethi….. Waiting for next part…. Keep it up dear….. ly❤️
awwn thanks saaya 🙂 🙂 thursday ga next part genesdheynan in sha allah 🙂 ly moree
Varah salhi mi part ves… raya keep up the gud work ?
vrh bodah shukuriyya shamm.. 🙂
Wow…vaahaka Vvvvvvvvvvvvv salhi….please next part upload Kobba can’t wait to see….. Mi story ge Nala vaahaka dhakkaane Gothah vs Neynge Hama ihaa best?❤️❤️❤️????????
awwwn…thanks frozenquinny 🙂 iyye submit kohlin aneh bai but neyge keevve kameh site ah up nuvany… alheyyy it means a lot to mee.. thank you sooooo soooo much