ނޭނގި ވެވުނީ ލޯތްބޭ- 3
ފަތިސް ނަމާދުގެ އަޑާއި އެކު ރީމްއަށް ހޭލެވުނެވެ. އަވަސް އަވަހަށް ތެދުވެ ވުޟޫކޮށް ނަމާދު ކޮށްލައިގެން ރީމް ކޮޓަރިން ނުކުތީ އިރުއަރާ މަންޒަރު ބަލައިލުމުގެ އިތުރަށް ސިކުނޑިއަށް ތާޒާކަން ލިއްބައިދިނުމަށެވެ. ކަޅު ކުލައިގެ އަތްދިގު ޓީޝާޓަކާއި ގަދަ ނޫކުލައިގެ ޖިންސަކާއި ކަޅުބުރުގަލެއް އަޅައިގެން ރީމް ގެއިން ނުކުތެވެ.
“އިރު އޮއްސެނީ އަތިރިއާ ވީފަޅިން ވެއްޖިއްޔާ… އިރު އަރާނީ… އަމްމް… މިދިމާލުން!” ރީމް އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ.
މަޑު ހިނގުމެއްގައި ރީމް ދިޔައީ ރަށު ފުޓުބޯޅަ ދަނޑާއި ވީ ދިމާލަށެވެ. ރީމް އުޅޭގެއިން ބޭރަށް ނުކުންނަ އިރަށް ދަނޑު ފެންނަން އޮތުމުން މާ އުނދަގުލެއް ނުވިއެވެ. ދަނޑުގެ މައިދޮރާއި ހަމައަށް ދެވުނު އިރު ކުރިމަތީ ހުރި ވަލުގެ ފަހަތުން ވަރަށް ކުޑަކޮށް އަލިކަން ފެންނަން ހުއްޓެވެ. އުޑުގެ މަތިން ވާގޮތަށް ހުރި ގަދަނޫކުލައިގެ ދަށުން ފަނޑުވަމުން އައި ދަނބުކުލަ ފެންނަ އިރު ނުލާހިކު ހިތްގައިމެވެ. އަވަސް އަވަހަށް ފޯނު ނަގައި އެ މަންޒަރު އޭނާގެ ފޯނުގައި ރައްކާކޮށްފައި އަނެއްކާވެސް ހިނގައިގެތެވެ.
ދަނޑާއި ޖެހިގެން ހުރި ފުޓްސަލް ދަނޑު ތެރޭގައި ބައެއް ޒުވާން އަދި މެދުއުމުރުގެ ފިރިހެނުން ދުވެ ކަސްރަތު ކުރާތަން ފެނެއެވެ. އެއްބައި މީހުން ފުޓްސަލް ދަނޑުގެ ފަހަތުގައި ހަދައިފައިވާ ކުޑަ މަގުން ފެށިގެން ދުވެ ހިނގާތަންވެސް ފެނެއެވެ. މީގެ ތެރޭގައިވެސް މެދު އުމުރު އަދި ޒުވާން އަންހެނުންނާއި ފިރިހެނުން ފެނެއެވެ. މިކަމުން ރީމްއަށް ދޭހަވަނީ މިރަށު މީހުން ސިއްހަތައް ދޭ ސަމާލުކަމެވެ. ފުޓުސަލު ދަނޑު ފަހަތުން ކުޑަކޮށް ހިނގާލައިފައި ނުކުމެވެނީ ރަށުގެ ކުނި ގޮނޑު އޮންނަ ދިމާލަށެވެ. ކުނި ގޮނޑާއި ޖެހިގެން އޮންނަނީ އެރަށުގެ މަސްފެންގަނޑެވެ. މަސްފެންގަނޑާއި ކުނިގޮނޑު ހުންނަނީ ވަކިކޮށްފައެވެ. މަސްފެންގަނޑު އޮތް ދިމާލުން ކުރިއަށް ހިނގާލައިފައި ރީމްއަށް ނުކުމެވުނީ ރަށު ވަލު ސަރަހައްދަށެވެ. އެތަނުގައި އެއްވެސް ތަރުތީބެއް ނެތި އުކާލެވިފައިވާ އެއްޗެހި ތަކެއްހެން ރުއްތައް ފަޅައިފައި ހުއްޓެވެ. އެއްވެސް މިސްރާބެއް ނެތި ދުއްވާ އޮޑިއެއްހެން ރީމްވެސް ދިޔައީ އެއްވެސް މިސްރާބެއް ނެތި ހިނގަމުންނެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ގޮނޑުދޮށާއި ހަމައަށް ދެވުނެވެ.
މުޅި މާހައުލުގައި ވަނީ ރާޅު ބީއްސާލާ އަޑެވެ. ޖެހޭ ފިނި ވައި ރޯޅިތައް ދިޔައީ ރީމްގެ ހިތަށް ފިނިކަން ދެމުންނެވެ. ގޮނޑު ދޮށައް ފައިބައިފައި އެތާ އިން ގަލެއްގެ މަތީ ރީމް އިށީންދެލިއެވެ. އަދި ވަށައިގެންވާ މަހައުލަށް ލޯހިންގާލިއެވެ. ދުވަސް ގަނޑަކަށް ފަހު މިހާ ހިތްފަސޭހަ މާހައުލަކަށް އާދެވުނީތީ ރީމް ހިތްހަމަޖެހުނެވެ. ކުރިމަތިން ފެންނަން އޮތް ކެޔޮދޫގެ ފޮޓޯ ނަގަން ކެމެރާއަށް ފިތައިލިތަނާހެން ފޯނު ޗާޖު ގޮސްގެން ނިވިއްޖެއެވެ.
“އަޅޭ! ރޭ ހަނދާނެއްވެސް ނެތް ފޯނު ޗާޖަށް ޖަހާކަށް!” ނުތަނަވަސްވެ އިނދެ ރީމް އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ. ފޯނު ޖީބަށް ލައިފައި ރީމް ލޯމަރައިލިއެވެ. ފިލްމެއް ރޯލު ވާހެން ދާނިޝްގެ ހަނދާންތައް ދިޔައީ ރީމް ކުރިމަތީ ސިފަވަމުންނެވެ. ކުޑައިރުއްސުރެ އެއްކިލާހެއްގައި އުޅެ ބޮޑުވަމުންއައީ ދެމީހުންވެސް އެކީގައެވެ.
“ރީމް… ތީ އަހަރެންގެ އަލަތު ލޯބި… އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް ރީމް ދޫކުރާކަށް! އިންޝާﷲ ނުވެސް ކުރާނަން!” ރީމްގެ ކަންފަތުތެރޭގައި ދާނިޝްގެ އަޑު ގުގުމާލިއެވެ. ރީމްއަށް ބޭއިޙްތިޔާރުގައި ދެލޯ ހުޅުވައިލެވުނެވެ.
“ކީއްވެ ދާނިޝް؟ ކީއްވެ އެ ހުރިހާ ވައުދުތަކެއް ކޮށްފަ އަހަރެން ދޫކޮށްލީ؟” ރީމް އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރަން ފެށިއެވެ. “ކިހާ އުފަލުގަ އަހަރުމެން އުޅުނީ… ދެން ކީއްވެ ދާނިޝް! ކީއްވެ؟ ދާނިޝްއަށް އެނގޭތަ ދާނިޝް އަހަންނަށް އެހެން ހެދީމަ އަހަރެންނަށް ވީވަރު؟ އަނެއްކާ އެދުވަހު ދާނިޝް އަހަންނާއި ދިމާލަށް އެހެންބުނެފަ ނޭނގެ ދިޔަ ތަނެއްވެސް! ކުޑަމިނުން ދާނިޝްގެ އާއިލާ މީހުންނަކަށްވެސް ނޭނގެ ދާނިޝް ދިޔަ ތަނެއް… ތެދައް ބުނަންޏާ އަހަންނަކަށް ނޭނގެ ދާނިޝް ދިރިހުރި ކަމެއްވެސް މަރުވި ކަމެއްވެސް! އެކަމު…އެކަމު އަހަރެންގެ ހިތް ބުނޭ ދާނިޝް މަރެއް ނުވެޔޭ! ދާނިޝް އަދި އަހަރެން ގަތަށް އަންނާނެޔޭ ވަރަށް އަވަހަށް! މިހާރު އަހަންނަށް އެއްކަމެއް ޔަގީން ވެއްޖެ… އެއީ އަހަންނަށް ދެން ދާނިޝް ފިޔަވައި އެހެން މީހެއް ދެކެ ލޯބި ނުވެވޭނެކަން!” ރީމް އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ. އެހެން ޙިޔާލުގެ ކަނޑަށް ޢަރަގުވެގެން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.
…………..
“އޭ! ރީމް ވީ ކޮންތާކު ކަން އިނގޭތަ؟” ހުދާ ފެންވަރައި ހަދައިގެން ފާހަނައިން ނުކުންނަމުން ޒިއުނީ ގާތު އެހިއެވެ.
“ނޭނގެ! ސިޓިންރޫމަށްވެސް ނުކުމެދާންނު! ނޫނީ ބޭރު ޖޯލިފަތީގަވެސް އިނދެދާނެ!” ލޯގަނޑު ކުރިމަތީ ރީތި ވާން ހުރި ޒިއުނީ ބުނެލިއެވެ.
“ވެދާނެ…” ހުދާވެސް ޒިއުނީއާއި އެއްބަސްވިއެވެ. ދެމީހުންވެސް ރީތި ވެގެން ނުކުތީ ހެނދުނު ސައި ބޯށެވެ. އޭރު ގަޑިން އަށެއް ޖަހަނީއެވެ. ސިޓިންރުމުގައި ރީމް ފެންނަން ނެތުމުން ހުދާއާއި ޒިއުނީ ގޯތިތެރެ ބަލައިލަން ނުކުތެވެ. އޭރު ޔޫޝައު ޖޯލިފަތީގައި އޮތް ތަން ފެނުމުން ދެ މީހުންވެސް ޔޫޝައުއާއި ދިމާލަށް މިސްރާބު ޖެހިއެވެ.
“ޔޫޝައު… ރީމް ދުށިންތަ؟” ހުދާ އެހިއެވެ.
“ނޫން… ރޭގެ ފަހަކުން އަދި ނުދެކެން… ކިހިނެއްވީ؟” ޔޫޝާއު ޖޯލިފަތިން ތެދުވަމުން އެހިއެވެ.
“ނޭނގެ މި ރީމް ވީ ތަނެއްވެސް… ގައިމު އޭނައަކަށް ނޭނގޭނެ މިރަށު ތެރޭ ހިނގާކަށްވެސް… ސިޓިންރޫމަކުވެސް ނެތް!” ޒިއުނީ ކަންބޮޑުވެފައި ހުރެ ބުންޏެވެ.
“ދޮންތަ ކޮޓަރި ބެލިންތަ؟” ގެއަށް ވަންނަމުން ޔޫޝައު އަހައިލިއެވެ.
“ނޫން… އަދި ނުބަލަން” ޔޫޝައު ފަހަތުން ގެއަށް ވަންނަމުން ހުދާ ބުނެލިއެވެ.
“އޭ! އަހަރެން މިހުރީ މިތާއޭ! ކޮޓަރި ދޮރުގަ ޓަކި ޖަހަނީ ކީއްކުރަން!” ތިން މީހުން އައިނާގެ ކޮޓަރީގައި ޓަކި ޖެހުމުން އައިނާ ބުންޏެވެ.
“ދޮންތަ ތިއައީ ކޮންތާކުން؟ ކޮބާ ރީމް؟” ޔޫޝައުގެ އަޑުގައި ވަނީ ހާސްކަމެވެ.
“ދޮންތަ ސައި ތައްޔާރު ކޮށްފަ ތިމީހުންނަށް ގޮވަން އަންނަން މިއުޅުނީ… ދޮންތަ އަކަށް ނޭނގެ ރީމްވީ ތަނެއް… ތިހާ ހާސްވެފަ ތިތިބީ ކީއްވެގެން؟” އައިނާ އަހައިލިއެވެ.
“މިއުޅެނީ ރީމްވީ ތަނެއް ނޭނގިގެން! ކޮޓަރިއަކު ނެތް! ސިޓިންރޫމަކު ނެތް! ގޯތިތެރެއަކުވެސް ނެތް!” ހުދާ ބުންޏެވެ.
“ދެން ރީމްއަށް ގުޅިންތަ؟” އައިނާ އެހިއެވެ.
“އެބުނާހެން! މިގުޅަނީ!” ހުދާ މިހެން ބުނެފައި ފޯނު ނަގައި ނަމްބަރު ތަކަށް ފިތާލަމުން ރީމްއަށް ގުޅާފައި ސްޕީކަރަށް ލިއެވެ.
“މާފް ކުރައްވާ! ތި ގުޅުއްވި ނަމްބަރު މިވަގުތު ވަނީ ނިއްވާލާފަ…” ހުދާ ފޮނު ކަނޑައިލިއެވެ.
“ފޯނު ނިއްވާލާފަ އޮތީ!” ހުދާ ބުންޏެވެ.
“އައްދެ! ހުރިހާ ކުދިން މިތާނގަ؟ ކިހިނެއްވީ؟” ބަދިގެއާއި ދިމާލަށް ހިނގަމުން އައި މަރިޔަމް އަހައިލިއެވެ.
“ރީމް ގެއްލިގެން މިއުޅެނީ!” އައިނާ ބުންޏެވެ.
“ސުބުހާނަﷲ! ޔޫޝައު އަވަހަށް ދޭ ބައްޕަ ސައިކަލަށް އަރައިގެން ރީމް ހޯދަން!” މަރިޔަމް ވަގުތުން ބުނެލިއެވެ.
“ލައްބަ! މިދަނީ!” ޔޫޝައު މިހެން ބުނެފައި ކޮޓަރިއަށް ވަދެ އޭނާގެ ބައްޕަ އަތުން ސައިކަލު ތަޅުދަނޑި ނަގައިގެން ބޭރަށް ނުކުތެވެ.
“ޔޫޝައު! އެންމެ ފުރަތަމަ އަތިރިމަތި ބަލާ! އެތަނަށް އެކަނި ކަންނޭނގެ ރީމްއަށް ދާން އިނގޭނީ!” އައިނާ ޔޫޝައުއަށް ގޮވައިފައި ބުނެލިއެވެ.
“އާން ދޮންތާ! މިދަނީ އެދިމާލަށޭ!” ޔޫޝައު ސައިކަލު އިސްޓާޓު ކޮށްލައިފައި ދުއްވަން ފެށިއެވެ.
……..
ގާ މަތިން ރީމް ތެދުވީ އަނެއްކާވެސް ހިނގާލަން ދިއުމުގެ މަގްސަދުގައެވެ. ދާނެ އެހެން ދިމާލެއް ނޭނގުމުން ހުރި ސީދަލައް ރީމް ހިނގައިގަތެވެ. ހިނގަމުން ހިނގަމުން އައިސް އެރަށު ސުކޫލުގެ ފުރަގަހަށް ދެވުނެވެ. ސުކޫލު ފާރު ކައިރިން ހިނގާފައި ދިޔުމުން އިރުކޮޅެއް ނުވެ ރަށު މަގަށް ނުކުމެވުނެވެ. ސުކޫލު ކުރިމަތީގައި އޮތީ ހޮސްޕިޓަލެވެ. ހޮސްޕިޓަލާއި ޖެހިގެން އޮތީ ފާމަސީއެވެ. ރީމް ކުރިއަށް ހިނގައިގަތީ ގެއަށް ދިޔުމުގެ ނިޔަތުގައެވެ. ނަމަވެސް ހުއްޓުން އެރީ ރީމްއަށް ހުރެވުނު ތަނެއް އަދި ގެއަށް ދާންވީ މަގެއް ނޭނގުމުންނެވެ.
” މިއޮށް ކުޑަ ރަށުގަ އަހަރެން ގެއްލުނީ؟” ރީމްއަށް އަމިއްލަ ނަފްސަށް މަލާމަތް ކުރެވުނެވެ.
“އައިނާއަށް ގުޅަންވީ!” ހިތާއި ހިތުން މިހެން ބުނެ ރީމް އޭނަގެ ފޯނު ނެގިއެވެ.
“އަޅޭ! ފޯނުވެސް އޮތީ ނިވެފަ! ދެން ކިހިނެއް ހަދަންވީ؟ ކުރިން އައި މަގުން ގެއަށް ދާންވީ؟ އަނެއްކާ އެމަގު ހަނދާން ހުންނާނެބާ؟” އުނަގަނޑުގައި އަތް ވިއްދާލައިފައި ރީމް ބުނެލިއެވެ. ރީމް ހުރީ ވަރަށް ހާސްވެފައެވެ. ހަތަރު އުދަރެސް ފެނު ޖެހުންހެން ވެސް ރީމްއަށް އެވަގުތު ހީވިއެވެ.
“ރީމް!” އައި މަގުން ދާން ރީމް އެނބުރެލި ތަނާހެން ޔޫޝައު ރީމްއަށް ގޮވިއެވެ.
“ޔޫޝައު!” އުފަލުން ގޮސް ޔޫޝައު ސައިކަލާއި ހަމަކުރަމުން ރީމް ގޮވައިލިއެވެ.
“ކޮންތާކު މިއޮށް ހުރިހާ އިރު އުޅުނީ؟ ކީއްވެ އެކެއް ގާތުވެސް ނުބުނީ ރީމް ބޭރަށް ނުކުތް ވާހަކަ؟ ރީމްއަށް ގޮތެއްވި ނަމަ؟” ޔޫޝައުގެ ޝަކުވާތައް ރީމްގެ ކުރި މައްޗަށް އޮއްސާލިއެވެ. ޔޫޝައު މިހުރިހާ ވާހަކަ ދެއްކި އިރު ރީމް ގާތަށް ހިނިއައެވެ.
“ކީއްވެ ތި ހެނީ؟” ޔޫޝައު ގެ ފިރިހެން ވަންތަ އަޑުން އަހައިލިއެވެ.
“ކަމެއް ނުވޭ! ޔޫޝައުއަށް ވީވަރުން ހިނި އައީ!” ހެމުން ހެމުން ރީމް ބުނެލިއެވެ.
“އަހަންނަށް އެކަނިތަ ވަރުވީ؟ ގޭ އެންމެން ހީވީ ރީމް ނުފެނިގެން އެހެންފަދަ ކަމެއްހެން! ދެންވެސް ގެއަސް ދާން ސައިކަށް އަރާ!” ޔޫޝައުވެސް ހެމުން ބުނެލިއެވެ. ރީމް ޔޫޝައުގެ ސައިކަލަށް އަރައި ގެއާއި ދިމާލަށް ދާން ދުއްވައިލިއެވެ. ސައިކަލު ގޭ ބޭރުގައި ޕާކު ކޮށްފައި ރީމްއާއި ޔޫޝައު ގޯތިތެރެއަށް ވަނެވެ. ޔޫޝައުގެ އާއިލާ އެންމެން ތިބީ ބޭރުގައި ރީމްގެ އިންތިޒާރުގައެވެ.
“ރީމް… ދަރިފުޅާ… ކޮންތާކު އުޅެފަ ތިއައީ؟” މަރިޔަމް ރީމް ކުރިމައްޗަށް އައިސް އެހިއެވެ.
“ފަތިސް ނަމާދު ކޮށްގެން ބޭރަށް ނުކުމެލީ… އޭރު ގެއަށް އަންނަން ނޭނގޭނެ ކަމަކަށް ހިތަކަށް ނާރާ… އެއަށްވުރެ ބޮޑަށް ބޯހަމަޖައްސާލަން ބޭނުންވެފަ ހުރީ… ވަރަށް ބޮޑަށް ސޮރީ ދައްތާ!” މަރިޔަމްގެ އަތުގައި ހިފާފައި ވަރަށް ލޯބިކޮށް ރީމް ބުނެލިއެވެ.
“އެންމެ ރަނގަޅު… ދެން ބޭރަށް ދާން ބޭނުންނަމަ ޔޫޝައު ނޫނީ އައިނާމެން ގާތު ބުނާތި… ތިހެން ކުއްލިއަކަށް ގެއްލުނީމަ ދައްތަ ހާދަ ހާސްވިއޭ!” މަރިޔަމްގެ އަޑުގައި ވަނީ އޯގާތެރިކަމެވެ.
“ވަރަށް ބޮޑަށް ސޮރީ ދައްތާ!” ރީމް ބުންޏެވެ.
“ދެން ހިނގާ އެންމެން ސައިބޯން ދާން ދޯ!” މަރިޔަމް ބުންޏެވެ. އެންމެންވެސް ގެއަށް ވަދެ ހެނދުނުގެ ސަޔަށް އިންސާފު ކުރަން ފެށިއެވެ.
“އައިނާ… ކޮން އިރަކުން ވެޑިން ޕްލޭން ކުރަން ފަށާނީ؟” ރީމް އަހައިލިއެވެ.
“އަދި ނެތެންނު ތިކަމެއް ނުކުރެވިފައެއް! ދެހަފްތާ އެބައޮތް އަދި! މިއަދު ހިނގާ ޕްލޭން ކުރަން… އޭރަށް އެހެން ދުވަސްދުވަހު އެއްޗެހި ހޯދާ ރެޑީ ކުރެވޭނެއެންނު… ދެން އެހެން އުޅެލާފަ ދަތުރު ގޮސް، ނައިޓް ފިށިންއަށް ގޮސް، ރަށުތެރެ ބާލަލާ… ބައިވަރު ކަންތައް އެބަހުރި ކުރަން! މިހާރު ޑިންގީއާއި އެއްޗެހިވެސް ތައްޔާރު ކުރަނީ ތިއްތަބެ! ދޯ!” ނާހިލްއަށް ދޯ ދެމުން އައިނާ ބުނެލިއެވެ.
“އާން! ހުރިހާ ދަތުރަކަށް ވާ ވަރަށް ޕެޓްރޯލްވެސް ހޯދާފަ ހުންނާނީ!” ނާހިލް ބުންޏެވެ.
“ވަރަށް ކަންތައް ރާވައިފިން ދޯ؟” ޒިއުނީ އަހައިލިއެވެ.
“އާން!” އައިނާ ބުންޏެވެ.
“މިއަދު އޮތީ ކޮންކަމެއް؟” އަތުގައި އޮތް ރޮށިން އެތިކޮޅެއް ނައްޓައިލަމުން ރީމް އައިނާ ގާތު އަހައިލިއެވެ.
“މިއަދު އޮންނާނީ ޕްލޭން ކުރުމެންނު! ސައި ބޮއި ނިންމައިގެން ޔޫނުސްއަށް ގުޅާނަން… އޭނަ އައީމަ ފަށާނީ!” އައިނާ ބުންޏެވެ.
“ތިއްތަވެސް ހުންނާނެ ބައިވަރު އައިޑިއާސް ސޭވް ކޮށްފަ! އެހެންމަ އެގަޑީގަ އެ ފޮޓޯތައް ރީމްއަށް ދައްކަންވީ… ދޯ؟” ސުމައްޔާ ބުންޏެވެ.
“ލައްބަ… ހަމަ ރަނގަޅުވާނެ!” ރީމް ބުނެލިއެވެ.
“އެހެންމަ ބޭނުންވާ އެއްޗެހި މާލެއިން ގެންނަނީތަ؟” ހަސަން އެހިއެވެ.
“ލައްބަ! ރީމް… އެއްކަލަ ބޯޓަށް ލީ އެއްޗެހި ކޮބާ؟” ހުދާ އެހިއެވެ.
“އެބުނާހެން! މިއަދު މީ ކޮންދުވަހެއް؟” ފޯނު ބަލައިލަމުން ރީމް އަހައިލިއެވެ.
“މިއަދު މީ އާދިއްތަ ދުވަހެންނު!” ޔޫޝައު ބުންޏެވެ.
“ބޯޓު ރަށައް އަންނާނީ ކޮން އިރަކުން؟” ރީމް އަހައިލިއެވެ.
“ކޮންމެ އާދިއްތަ ބުރާސްފަތި ދުވަހަކު ބޯޓު އަންނާނެ! އެހެންމަ މިއަދު ބޯޓު އަންނާނެ! މިހާރު ބޯޓު އަންނަން ވަރަށް ގާތްވެސް ވެދާނެ! ނުވަގަޑި ބައި ވަންވާއިރަށް ވާނެދާން! މިހާރު އެއޮށް ނުވަގަޑި ފަނަރަ ހިނގަނީ… ޔޫޝައު ދޭބަލަ ނިކަން ރީމް ގޮވައިގެން ބަނދަރަށް… ބައްޕަ ރަށު ޕިކަޕަށް ގުޅާފަ މިބުނަނީ ދާން!” ހަސަން ބުންޏެވެ.
“ރީމް… ހިނގާ ދަމާ!” ސައިބޮއި ނިމުމުން ޔޫޝައު ބުންޏެވެ.
“އާން! ހިނގާ! ހުދާ… ތިމީހުން ރާވަން ފަށާ! އޭރަށް އަވަސްވާނީ!” ގޮޑިން ތެދުވަމުން ރީމް ބުނެލިއެވެ. ރީމްއާއި ޔޫޝައު އަވަސް ހިނގުމެއްގައި މިސްރާބު ޖެހީ ބަނދަރާއި ދިމާލަށެވެ. ދިޔަ މަގުމަތީ ޔޫޝައު ދިޔައީ ރަށުގެ ތަންތަން ކިޔައިދެމުންނެވެ.
“ޔޫޝައު އަކީ އައިނާގެ ކޮއްކޮކަމަށް ވިއްޔާ… ކީއްވެ އަހަރެން މާލޭގަ އުޅުނު ދުވަސްވަރު ޔޫޝައުއާއި ދިމާ ނުވީ؟” ރީމް އަހައިލިއެވެ.
“ދިމާވާނީ އަހަރެން ރާއްޖޭގަ ހުރި ނަމަތާ! ފޮޓޯގްރަފީ ކޯހެއް ހަދަން ނިއު ޔޯކަށް ދިޔައީ! މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ކޯސްނިންމާފަ ރާއްޖެއައީ! އައިރު މަންމަމެން ރަށައް ބަދަލުވީ… ޖޮބުގަ އުޅޭތީ މާލޭގަ އުޅެނީ…” ޔޫޝައު ބުންޏެވެ.
“އޯހް… ސަޅި! އެހެންމަ އައިނާގެ ވެޑިންގެ ފޮޓޯތަކާއި ހަވާލު ވާނަންދޯ ޔޫޝައު؟” ޔޫޝައުއާއި ދިމާލަށް ބަލަމުން ރީމް އަހައިލިއެވެ.
“ޔަގީނެންނު!” ޔޫޝައު ބުންޏެވެ. ދެމީހުންވެސް ބަނދަރުގައި މަޑުކޮށްގެން ތިއްބައި ރަށު ޕިކަޕުއައެވެ. ދޯނިން ބޭލި ފޮށިތަކާއި ތަނބުތައް ރަށު ޕިކަޕަށް އަރުވައި އޭތި ގެއަށް ފޮނުވާލައިފައި ރީމްއާއި ޔޫޝައުވެސް ގެއަށް ދާން ހިނގައިގަތެވެ.
ދިޔަ މަގުމަތީ ޔޫޝައު ހުއްޓުން އެރީ އަރިމަތީގައި އިން ގެ ފެނުމުންނެވެ.
“ރީމް… އެބަ އަންނަން މިގެއަށް ވަދެލާފަ އިނގޭ… ރީމްވެސް އަންނަންވީނު؟” ޔޫޝައު ރީމް ކުރިމައްޗަށް ހުއްޓިލަމުން ބުނެލިއެވެ.
“ޔޫޝައު ވަދޭ! އަހަރެން މި ޖޯލީގަ އިށީނދެލައިގެން އިންނާނަން! ބައި ދަ ވޭ… ކާކުގެ ގެއެއްތަ އެއީ؟” ރީމް އެހިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



wowwwww.. masha allah.. vr vr vr vr vr furihama rythi mi part vs.. and mee first dhwwww.. yeyayyyyyyyy.. vr vr rythi mi bai vs.. waiting for next part.. alheyyy yooshau evany kaakuge geyakah baa.. stay safe..
awwn thanks nafu 🙂 🙂 yes u are first nafu! hehe yooshau vany kaakuge ge akah kan ingeyen dhw dhn innaa part in stay safe
btw yooshau e aee konthaakun kan nafu ah olhunfilaifitha??
yap vr bodah olhun filaifi…