Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 2

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 22, 2023 6 Mins Read
0 Comments

މާޔާގެ ކައިވެނި ހެދުން ފެނި އަހަރެންވެސް ކައިވެނީގެ ހުވަފެން ދެކެން ފެށުނެވެ. ހުދު ކުލައިގެ ބޮޑު އެ ހެދުމުގައި އަތްނުލަައި އަހަންނަކަށް ނުހުރެވުނެވެ. “ހާދަ އަތްދިގޭ ދޯ! މައި އައިރުގަ ކީއްވެތަ ނިޝާލް ނުގެނައީ؟” މާޔާގެ ސުވާލުން އަހަރެންގެ ޠަބީޢަތު އެއްކޮށް ބަދަލުވެގެން ދިޔައެވެ. އަހަރެން އެކަމަކަށްޓަކަައި ބިރުގަތް ވަގުތު އައިސް ޖެހުނީއެވެ. މީހަކު ވިކައިގަތުމުން ހޭލެވޭ ފަދައަކުން ހަޤީޤީ ދުނިޔެއަށް އަހަރެންގެ ސިކުނޑި ހޭލިއެވެ.

ޖަވާބު ދިނުމެއްނެތި އަހަރެން ހިނިތުންވެލީމެވެ. ރަށުގައި ހޭދަވާ ދުވަސްކޮޅުގައި ނިޝާލް މަތިން ހަނދަންކޮށް ނަފްސުގެ ހަމަޖެހުން ނަގާލަން ބޭނުންނުވީއެވެ. ހުވަފެނުން ހޭލަން އަދި އަހަރެން ތައްޔާރެއް ނޫނެވެ. އަހަރެން މޫނުގައިވި ކުލަވަރު ބަދަލުވިކަން މާޔާއަށް ފާހަގަވުމާއެކު ސުވާލު ކުރިއެވެ. އަހަރެންގެ ހަޔާތުގެ ވާހަކަތައް އެންމެ ގާތް އެކުވެރިޔާއާ ހިއްސާ ކުރަން އަދި ތައްޔާރެއް ނޫނެވެ. މަޢުޟޫ ބަދަލު ކުރުމުގެ ގޮތުން ކައިވެނީގެ ހެދުމަށް ތަޢުރީފު ކުރަން އަހަރެން ފެށީމެވެ. ކައިވެނި ހަފްލާގައި އަހަރެން ލުމަށްޓަކައި މާޔާގެ މަންމަ ފަހައިދިން ހެދުން ދައްކަން އެދުނީމެވެ. މާޔާ ކުރި ސުވާލު މަތިން ހަނދާންނެތުނީ ކަމެއް ނޫނީ އަހަރެން ނުކިޔައިދޭން އުޅުމުން ގަދަކަމުން ހޯދަން ނޫޅުނީ ކަމެއް ނޭންގެއެވެ. މާޔާ އަހަރެން ގޮވައިގެން ހެދުން ދައްކަން ދިޔައެވެ.

އާންމުގޮތެއްގައި އަހަރެން ލައި އުޅެނީ ކަޅުހެދުން ކަމުގައިވިއަސް އެރޭލުމަށް ފަހައިފައި ހުރީ ފެހިކުލައިގެ ހެދުމެކެވެ. ކޮނޑުގައި އަޅުވާފައި އިން އިރު ހީވަނީ އަހަރެން ހެދުން ލައިގެން އިން ހެނެވެ. ހެދުމުގެ މަތީބައިގައި ހުރީ ހުދުކުލައިގެ ލޭސްފޮތި އަޅައިފައެވެ. އުނގަނޑުން ތިރިއަަށް އޮތްބައިގައި ސްކާރޓެއްހެން ރޫނަގައިފައި ހުއްޓެވެ. އެ ހެދުން ރީތިކަމުން މާޔާގެ މަންމައަށް ތަޢުރީފުކޮށް ޝުކުރު އަދާކުރީމެވެ.

ދުވާލު އެއްކޮށް މާޔާ މެންގޭގައި އުޅެފައި އެނބުރި ގެއަށް އައިއިރު އަށެއްވެސް ޖަހައިފިއެވެ. ފެންވަރާ ތާޒާ ވެލައިގެން އަވަހަށް ނިދާލަން ގަސްތު ކުރީމެވެ. ކުރިއަށް އޮތީ ބުރަ ދުވަހެކެވެ. މާޔާގެ ކައިވެނި ކުރެވޭ ދުވަހެވެ. މުޅި ދުވަހުހެން އެގޭ މަސައްކަތުގައި އުޅޭނަން ކަމަށް އަހަރެން މާޔާއަށް ވަޢުދުވީމެވެ. ނިދުމުގެ ކުރިން ފޯނު ބަލާލިއިރު ޔުއާންގެ މެސެޖެއް އައިސްފައި ހުރި ތަން ފެނުމުން ހިނިތުންވެވުނެވެ. މެސެޖު ހުޅުވާލިއިރު އޮތީ ރަނގަޅުތޯ އަހާފައެވެ. އަހަރެން އާއެކޭ ޖަހަފައިފައި މެސެޖަށް ޖަވާބު ފޮނުވީމެވެ. އަހަރެން ގައިގައި އުފެދިފައިވި ރިހުމެއް ވެއްޖެޔާ ޔުއާންގެ ސަބަބުން ވަނީ ފިލާ ގޮސްފައެވެ. އަހަރެންގެ ޒަޚަމު ވެފައިވާ ހިތަށް ފަރުވާ ލިބިގެން ހިނގައްޖެއެވެ. އަހަރެން ޖަވާބު ފޮނުވިތާ އިރުކޮޅެއް ނުވެ ޔުއާން އަހަންނަށް ގުޅިއެވެެ. ތިންގަޑިއިރު ވާހަކަ ދެއްކުމަށްފަހު ހިތާ ދެކޮޅަށް ނަމަވެސް ބޭެއްވީ އަވަހަށް ނިދަން ޖެހޭތީއެވެ. މާދަމާ ނުހަނު ގާތުން ޔުއާން ފެނުމުގެ ނަސީބު އަހަންނަށް ލިބޭނެއެވެ. މާޔާގެ ކައިވެނި ކުރެވެނީ ޔުއާންގެ ދެބެއިންގެ ދެދަރިއަކާއެވެ. މާދަން ޔުއާން ފެންނާނެކަމުގެ ހިތްހަމަ ޖެހުން މަތީ އޮވެ އަހަރެން އަރާމުކޮށް ނިދީމެވެ.

ފަތިސް ނަމާދުކޮށްގެން ހޫނު ކޮފީއެއް ބޯން އަހަރެން ގޭގެ ގޯތި ތެރެއަށް ނުކުތީމެވެ. ވިއްސާރަމޫސުމަށް ވުމާއެކު ޖައްވުގައި ފިނި ހިފައިފައި ހުއްޓެވެ. ރަށުގެ ހިމޭން ހިތްގައިމު މާހައުލުން ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. ކޮފީ ޖޯޑު ހިފައިގެން ރީތި ގޮތަކަށް ފޯނުން ފޮޓޮއެއް ނަގައިފައި އިންސްޓައަށް ލީމެވެ. ރަށަށް އައި ފަހުން އަދި އިންސްޓަގްރާމް ބަލާނުލަމެވެ. އިންސްޓައިން ބައިވަރު މެސެޖު އައިސްފައި ހުރި ކަމުގައި ވިއަސް އެ ބެލެމުގެ ޝައުޤެއް އަހަރެންގެ ނެތެވެ. ފޮޓޯ ލީގޮތަށް އިންސްޓަ ނިއްވާލާފައި ހަމަޖެހިލައިގެން އިނދެ ކޮފީތަށި ހުސްކޮށްލީމެވެ.

ކަޅުހެދުމަކާއެކު އާދައިގެ ބުރުގާއެއް އަޅައިގެން ތައްޔާރުވީމެވެ. މޫނުގައި ފުށްކޮޅެއް ޖަހައިފައި ތުންފަތުގައި ލިޕްސްޓިކްކޮށްލީމެވެ. ދެތިން ފުޅިއަކުން ގަޔަށް ސެންޓު ބުރުވާލައިފައި ލޯގަނޑުން އަމިއްލަ ނަފްސަށް ބަލާލީމެވެ. ހިތްހަމަޖެހޭ ވަރަށް ތައްޔާރުވެވުމުން މާޔާމެން ގެއަށް ދާން ނުކުތީމެވެ.

މާޔާމެންގޭ ގޯތިތެރެ ވަނީ ފުރިބާރުވެފައެވެ. ޕާޓީއަށް ކައްކަން މުޅި ހިސާބުގަނޑުގެ އަންހެންވެރިން އައިސް ތިއްބެވެ. ދެފަރާތު އާއިލާގެ ފިރިހެނުންވެސް ކޮންމެސް ވަރަކަށް ތިއްބެވެ. އަހަރެންގެ ލޯ ހޯދައިލީ ޔުއާންއެވެ. ދެކޮޅަށް ނަޒަރު ހިންގައިގެންވެސް ލޮލުގައި ޔުއާން އަޅައެއް ނުގަތެވެ. ހިތަށް ލިބުނު ނުތަނަވަސް ކަމުން މޫނު މަތި މިލައިގެން ދިޔައެވެ. މާޔާ ކޮބައިތޯ ބަލަން އަހަރެން ގޭތެރެއަށް ވަނީމެވެ.

ދޮރުން ވަން ގޮތަށް އަހަރެން ހުއްޓުން އެރީ ސިޓިން ރޫމް ސޯފާގައި ފޯނާއި ކުޅެން އިން ޔުއާން ފެނިފައެވެ. ކަޅު ޓީޝާޓަކާ ސޯޓެއް ލައިގެން ހުރިއިރު ކޮނޑާ ހަމައަށް އަންނަ ފަން އިސްތަށިގަނޑު އޮތީ ވޫލް ކޮޅަކުން އައްސާލާފައެވެ. ޔުއާން އިސްއުފުލާލި ވަގުތު އަހަރެމެން ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އަހަރެންގެ ނޭވާ އަރުތެރޭ ތާށިވިއެވެ. ޔުއާން އަހަންނަށް ހިނިތުންވުމެއް ހަދިޔާކޮށްލުމާއެކު މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. “އޭ މައި އާދެެވިއްޖެ ދޯ. މަ ހީކުރީ މައިއަށް އާދެވޭވަވރު ވާނީ މެންދުރު ކަމަށް” މާޔާގެ އަޑު އިވުމުން އަހަރެންގެ ނަޒަރު ޔުއާން އިން ވަކިކޮށްލީމެވެ. މާޔާއާ އެއްކޮށް އޭނާގެ ވާން އުޅޭ ފިރިމީހާ ނާއިމް ހުއްޓެވެ. ނާއިމް އާއި މާޔާއަކީ ވަރަށް ގުޅޭ ޖޯޑެކެވެ. ދެ މީހުން އެކުގައި ތިބޭއިރު ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވައިފައި ތިބިހެންނެވެ.
“ޔުއާން މިހާރު އަދި ވަރަށް ހޮޓު ދޯ. ހަނދާންވޭތަ ކުޑައިރު ޔުއާން ފެނުނީމަ މައި ފިލަން ދުވާ ގޮތް” މަޖާވެލައިފައި މާޔާ ކުޑައިރުގެ ހަނދާނެއް އާކޮށްދިނެވެ.

ކެއްކުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ދޭތެރެއަކުން އަހަންނަށް ޔުއާން ފެނުއެވެ. ނުވަ ގަޑިއަށް ދަޅައީ ބިސްކޯދު ހިފައިގެން އައިސް ކައްކަން އުޅުނު މީހުންނަށް އެ ބަހަން އުޅުނެވެ. ރަށު މީހުން ގިނަވުމާއެކު ޔުއާން އަހަންނާ ދިމާއަށް ބަލާވެސް ނުލައެވެ. އޮޅިގެން ބަލާލެވުނަސް އަވަހަށް ދުރު ބަލާލައެވެ. ޔުއާން އުޅުނު ގޮތުން އަހަންނަށް މަޖާވިއެވެ. އަހަންނަށް ދަޅާއި ބިސްކޯދު ދިން އިރުވެސް ދަންނަކަމަށްވެސް ހަދާނުލައެވެ. އަހަރެންވެސް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.

ވާހަކަ ނުދެެއްކުނު ކަމުގައި ވިއަސް ޔުއާން ފެނުމުންވެސް އަހަރެންގެ ހިތްހަމަޖެހުނެވެ. ދޭތެރެއަކުން އެތަނަށް އައިސް އޭނާގެ ބޮޑުދައިތަމެންނާ ސަކަރާތްޖަހާ ހެދިއެވެ. ޔުއާންއަކީ ރަށުގެ އެންމެންނާވެސް ގުޅޭ ސަކަ މިޒާޖެއްގެ ޒުވާނަކެވެ. ޒުވާން އަންހެންކުދިންގެ މެދުގައި މަޤުބޫލު ފަރާތެކެވެ. ކައްކަން އައިސް ތިބި ބައެއް ޅަ އަންހެންކުދިން ޔުއާން ކުރިމަތީ ތުއިވެފައި އުޅުނެވެ. އެކަމާ އަހަރެން ގާތަށް ރުޅިވެސް އައެވެ. ނަމަވެސް ޔުއާން އެކުދިންގެ ތުއިދެއްކުމަށް އަޅައިނުލާތީ ހިތްހަމަޖެހުނެވެ.

އިރުއޮއްސުމާއެކު އަހަންނާ މާޔާ ގޭތެރެއަށް ވަނީމެވެ. ކައިވެނި ކުރާ ވަގުތު ކައިރިވަމުން ދާތީ ބިރުން މާޔާ އުޅުނެވެ. މުޅި ކުއްޖާ ހުރީ ފިނިވެފައެވެ. ވާހަކަ ދެއްކިއިރު އަޑުވެސް ތުރުތުރު އަޅައެވެ. އެކަމާ އަހަންނާ މާޔާގެ ދައްތަ ދިމާ ކުރީމެވެ.

ފެންވަރައިގެން ނުކުމެ އަހަރެން ޓީޝާޓަކާ ޓައިޓެއް ލީމެވެ. މާޔާ ކައިވެންޏަށް ތައްޔާރުކޮށްދޭން މާ ކުރިއްސުރެ އަހަރެން އޮންނާނީ ވަޢުދުވެފައެވެ. މަޣްރިބު ނަމާދުކޮށްލައިގެން އަހަރެން މާޔާ ކޮޓަރިއަށް ދިޔައިމެވެ. “މައި އަހަރެން ވަރަށް ބިރުގަނޭ އެބަ” މާޔާ ބިރުން އުޅެން ފެށުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ކަމަށް ބުނެ މާޔާގެ ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރީމެވެ.

މާޔާ ތައްޔާރުކޮށް ނިމުނު އިރު ފެންނަމުން ދިޔައީ ބާބީ ޑޯލްއެއް ހެންނެވެ. އާދައިގެ ލުއި މޭކަޕް މާޔާގެ މޫނާ ވަރަށް ގުޅެއެވެ. ކައިވެނީގެ ހެދުންވެސް މާޔާ ލުމާއެކު ވަރަށް ފުރިހަމައެވެ. މާޔާގެ މަންމަ ކޮޓަރިއަށް އައިސް ދޮރު ހުޅުވާލި ވަގުތު މާޔާ ފެނުމުން ލޮލުން ކަރުނައައެވެ. ހުއްޓުން އަރައިފައި އިރުކޮަޅާކު ހުރެފައި މާޔާ ގާތަށް އައިސް ނިއްކުރީގައި ބޮސް ދިނެވެ. ދައްތައާ މާޔާއަށް އެކަނި ވަގުތުކޮޅެއް ދީފައި އަހަރެންވެސް ދިޔައީ ތައްޔާރުވާށެވެ.

ކައިވެނި ކުރާތަނަށް ދާން ޖެހޭތީއާ އެކު އަވަހަށް އަހަރެން ތައްޔާރުވެލީމެވެ. ލޯވަށަައިގެން އަނދުން އަޅައިފައި ތުންފަތުގައި ގަދަ ރަތްކުލައިގެ ލިޕްސްޓިކް ފިޔަވާ އިތުރު މޭކަޕެއް ނުކުރަމެވެ. ހެދުމާ ގުޅޭ ގޮތަށް ގަދަފެހި ކުލައިގެ ޝޯލް އަޅައިފައި ލޮލުގައި ނަންބަރު އައިނު އެޅީމެވެ. ލޯގަނޑުން އަމިއްލަ ނަފްސަށް ބަލާލުމަށްފަހު ހިތާހިތުން ސުވާލު ކުރެވުނީ ޔުއާންއަށް އަހަރެން މިރޭ ހުރި ގޮތް ކަމުދާނެބާއެވެ؟

ކައިވެނި ކުރަން އޮތީ ރަށު ސްކޫލްގައެވެ. ސްކޫލްގެ ބޮޑު ގޯތިތެރެވަނީ ޕާޓީއަށާ ކައިވެންޏަށް ތައްޔާރުކޮށްފައެވެ. ކައިވެނި ކުރަން ތިބޭ މޭޒު ވަނީ ހުދުކުލައާއި ފެހި ކުލައިން ޒީނާތްތެރިކޮށްފައެވެ. ޕާޓީ ނުފެށުނު ކަމުގައި ވިއަސް ދެފަރާތު އާއިލާގެ ކުދިން ވަނީ ކައިވެނި ކުރާ ގަޑިއަށް އައިސްފައެވެ.

ނާއިމްގެ އާއިލާ މީހުން ތިބިތާ ހުރި ޔުއާން ފެނުމާއެކު އެހެން ހުރިހާ ކަމެއްގެ މަތިން އަހަރެން ހަނދާންނެތުނެވެ. ގަަދަފެހި ކުލައިގެ އަތްދިގު ގަމީހަކާ ކަޅު ޖިންސެއް ލައިގެން ހުރިއިރު ނުހަނު ފިރިހެން ވަންތައެވެ. އާންމުކޮށް އައްސައިފައި އޮންނަ ޔުއާންގެ ފަން އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. ޔުއާންއާ އަހަރެންގެ ލޯ ބައްދަލުވުމާއެކު މާނަވީ ހިނިތުންވުމެއް ޔުއާން އަހަންނަށް ހަދިޔާކޮށްލިއެވެ. އެއަށްފަހު ފޯނު ނަގާ ކޮންމެސް އެއްޗެއް ޓައިޕް ކުރަން ފެށިއެވެ.

އަތުގައި އޮތް ފޯނު ވައިބްރޭޓްވުމާއެކު އަހަރެން ބަލާލީމެވެ. “ޔޫ ލުކް ގޯޖަސް” ޔުއާން ފޮނުވާފައި އޮތެވެ. އަހަރެންގެ ތުންފަތް މައްޗަށް އިޚްތިޔާރަކާ ނުލާ ހިނިތުންވުން ވެރިވިއެވެ. އުފަލުން ހިތް ނަށާލިއެވެ. ޔުއާންގެ ފަރާތުން ލިބޭ އެފަދަ ކުދި ކުދި ތަޢުރީފުން ވެސް ހިތް ފުރިގެން ބަންޑުންދާހާ ވެއެވެ. “ޔޫ ޓޫ”އޭ ޖަހައިފައި އަހަރެން މެސެޖަށް ރިޕްލައިކޮށްލީމެވެ.

ކައިވެނިކޮށް ނިންމައިފައި ޕާޓީއާ ދެމެދު ވަގުތު އޮތުމާއެކު އާއިލާ ކުދިންނާ އެއްކޮށް ނާއިމް އަދި މާޔާ ފޮޓޯ ނެގިއެވެ. “އަހަރުން ދެން މި އިންތިޒާރު ކުރަނީ މައިގެ ޕާޓީއަށް އިނގޭ” މާޔާ އަދި ނާއިމްއާ އެއްކޮށް ފޮޓޯ ނަގަން ހުއްޓުމާއެކު ނާއިމް ބުނެލިއެވެ. އެއާއެކު މާޔާވެސް އެއީ ތެދެކޭ ކިޔައި އަހަންނާ ސަމާސާކޮށްލިއެވެ. ހިނިތުންވެލުން ފިޔަވާ އިތުރު ކަމެއް އަހަރެން ނުކުރަމެވެ.

ޕާޓީ ފެށުމާއެކު އަހަރެން ގޮސް ދުރުގައި މަޑުކޮށްލީމެވެ. ރަށުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދީފައި ވުމާއެކު ފުދޭވަރަކަށް ގިނަ މީހުން އެ ވަގުތު ވެސް އަންނަމުން ދިޔައެވެ. އަތުގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު ގުޅަނީ ކާކުތޯ ބަލާލީމެވެ. ނިޝާލްގެ ނަން އަރައިފައި ހުރިތަން ފެނުމުން ހިތް ނުތަނަވަސް ވެގެން ދިޔައެވެ. އަހަރެން ރަށަށް އައި ފަހުން ނިޝާލްގެ ކޯލެއް މި ލިބުނީ އަލަށެވެ. ހަދަންވީ ގޮތެއް ނޭންގިފައި ހުއްޓައި ފޯނު ކެނޑުނެވެ. ހަމަޖެހުމުގެ ނޭވާއެއް ނުލެވި އުޅެނިކޮށް ދެވަނަ ފަހަރަށްވެސް ނިޝާލް ގުޅަން ފެށިއެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަހަރެން ފޯނަށް ޖަވާބު ދިނީމެވެ. “ހެލޯ މައި. ކޮބާ ޕާޓީ ކިހިނެއް؟ އަނެއްކާ ބިޒީތަ މިގަޑީ؟” އަހަރެން ރަށަށް ދިޔައީ ޕާޓީއަކަށް ކަން ނިޝާލް ހަނދާން ހުރީތީވެސް އަހަރެން ހައިރާންވިއެވެ. ގިނަ ފަހަރަށް އަހަރެން ތަނަކަށް ދަނީނަމަ އެއީ ކީއްކުރަން ކަންވެސް އޭނާ ހަނދާނުގައި ނުހުންނާނެއެވެ. ދެތިން މިނެޓު ވާހަކަ ދައްކާލައިފައި ނިޝާލް ފޯނު ބޭއްވިއެވެ. އެއީ އަބަދުވެސް އޭނާގެ އާދެއެވެ. ގުޅާނީ ހާލަކުން ފަހަރަކުއެވެ. ގުޅާ ފަހަރަކުވެސް ދެތިން މިނެޓު ވާހަކަ ދައްކާފައި ފޯނު ބާއްވާނީއެވެ. ކުރިން އެކަމުން ދެރަވިކަމުގައި ވިއަސް މިރޭ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

ޕާޓީ ނިންމާފައި މާޔާ އާއި ނާއިމް ރަށްކަައިރީ އޮންނަ ރިސޯރޓަށާ އެރޭ ދިޔައެވެ. އަހަރެންވެސް ވަރުބަލިވެފައި ހުރުމާއެކު ގެއަށް ގޮސް ނިދަން ތައްޔާރުވީމެވެ.
“މައިރާ ނުކުމެބަ” ނިދަން އޮށޯވެ އޮއްވަ ޔުއާންގެ މެސެޖެއް އައެވެ. ވަރުބަލިވެފައި ހުރިއެއް ކަމަކު އަލުން އެއްޗިހި ބަދަލުކޮށްގެން އަހަރެން ނިކުތީމެވެ.

ގޭގެ ފަހަތު އޮތް ގަސްގަނޑު ތެރޭ ސައިކަލު މަޑުކޮށްލަައިގެން ޔުއާން އިނެވެ. އަނދިރި ގަނޑު ތެރެއިންވެސް އެ ސޫރަ ފާހަގަ ކުރަން އަހަންނަށް އެނގުނެވެ. މަގުގެ ދެކޮޅު ބަލާލުމަށްފަހު މީހަކު ނެތްކަން ޔަގީންކޮށްފައި ދުއްވައިގަތީމެވެ.

“ނިދަން އޮއްވަތަ މި އާދެވުނީ؟” އަހަރެން އަވަހަށް ދެފަރާތަށް ބޯ ހޫރާލައިފަަައި ނޫނެކޭ ބުނީމެވެ. “މާދަންރޭ އަހަންނާއެކު އަހަރެން ބުނާތަނަކަށް ދާން ކެރޭނެތަ؟” އަހަން ނާހަން ހުރެފައި ކަހަލަ ގޮތަކަށް ޔުއާން އަހާލިއެވެ. ދޭނެ ޖަވާބެއް ނޭންގިފައި އިނިގިލިތަކާ ކުޅެން އަހަންނަށް އިނދެވުނެވުނެވެ. “އޯކޭ. މާދަމާ އިރުއޮއްސުމުގެ ކުރިން ޖަވާބެއް ދިނަސް އޯކޭ. ދެންދޭ އެތެރެއަށް. ވާރޭ އޮއްސަން އުޅޭހެން ހީވަނީ!” ޔުއާން އަނގައިގައި އެއްބައި އޮއްވައި ވާރެކަނި ޖަހަން ފެށިއެވެ. އިތުރަށް މަޑު ކުރަން ނަހަދާ ދުވެފައި ގޮސް ގެއަށް ވަނީމެވެ. ޔުއާން ސައިކަލު ދުއްވާލީ އަހަރެން ގެއަށް ވަންކަން ޔަގީންކޮށްފައެވެ.

ވަރަށް ވިސްނުމަށްފަހު ޔުއާންއާ އެއްކޮށް ބުނި ތާކަށް ދާން އަހަރެން އެއްބަސްވީމެވެ. ހިތް ބުނަމުން ދިޔައީ ޔުއާންގެ ފަރާތުން އަހަންނަށް ގެއްލުމެއް ނުލިބޭނެ ކަމެވެ.

ދިހައެއްް ޖެހިއިރު އަހަރެން ހުރީ ޔުއާން ބުނި ތަނަށް އައިހެވެ. އެއީ ޔުއާންގެ އެކުވެރިއެއްގެ ގެއެކެވެ. އެ އެކުވެރިޔާ ރަށުގައި ނޫޅޭ ދުވަސްވަރު ގެ ބަލަހައްޓަނީ ޔުއާންއެވެ. މިރޭވެސް ރެއެކޭ އެއްފަދައިން އޮތީ ވިއްސާރަކޮށެވެ. ޖައްވުގައި ފިނިހިފައިފައި ހުރުމުން އަހަރެން ހީކަރުވަމުން ދިޔައެވެ. ޖައްވު ފިނިވުމަށް ވުރެ ޔުއާންއާ ބައްދަލުވާތީ ހީކަރުވަނީއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އަހަރެން ގުޅާފައި ޔުއާން ގާތު އެ ގޭކައިރީގައި ހުރި ވާހަކަ ބުނީމެވެ. އެވަގުތު ކުރިމަތީ ހުރި ގެއިން ޔުއާން ބޯ ދިއްކޮށްލިއެވެ. ވައްކަން ކުރަން އުޅޭ މީހަކު ފަދައިން ދެފަރާތް ބަލާލުމަށްފަހު އަތުން އެ ތަނަށް ދިއުމަށް އިޝާރަތް ކުރިއެވެ. ޔުއާން އުޅެމުން ދިޔަ ގޮތް ފެނި އަހަރެން ގާތަށް ހިނި އައެެވެ.

އެންމެ ޒަމާނީ ފެންވަރަށް ހަދައިފައި ހުރި އެ ގޭގެ ސިޓިންރޫމަށް ޔުއާން ފަހަތުން ވަނީމެވެ. އޮރެންޖު ކުލައިގެ ފަނޑު އައްޔެއް ފިޔައިވައި އިތުރު އަލިކަމެއް ސިޓިންރޫމް ތެރެއަކު ނެތެވެ. އޭސީގެ ފިނި ސިޓިންރޫމް ތެރޭގައި ހިފައިފައި ހުއްޓެވެ. ސިޓިންރޫމްގެ މެދަށް ވާ ގޮތަށް ބޮޑު ސޯފާއެއް އިނެވެ. އޭގެ ކުރިމައްޗަށް ވާ ގޮތަށް އެކަކަށް އިށީންދެވޭ ސޯފާ ގޮނޑިއެއް އިނެވެ. ދިގު ސޯފާއާ އެއާ ދެމެދު ކަޅު ކުލައިގެ ކުޑަ މޭޒެއް އިނެވެ. އެ މޭޒު މަތީ ޔުއާން ގެންގުޅޭ މުށި ކުލައިގެ ގިޓާ އޮތެވެ.
“ހަނދާންވޭތަ މައިރާއާ ދިމާވީމަ ލަވައެއް ކިޔައިދޭނަމޭ ބުނި ހަނދާން؟ މިރޭ މިތަނަށް މައިރާ މި ގެނައީ އެ ވައުދު ފުއްދަން ވެގެން” އަހަރެން ދިގު ސޯފާގައި އިށީނުމާއެކު ޔުއާން ގިޓާ ހިފައިގެން ގޮސް ކުރިމަތީ ހުރި ސޯފާގައި އިށީނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އުމުރައް ވެސް ލޯބިވިން – ތޭރަ ވަނަ ބައި

Next

އަބަދުވެސް ލޯބިވިން

Next
February 23, 2023

އަބަދުވެސް ލޯބިވިން

Previews
February 21, 2023

އުމުރައް ވެސް ލޯބިވިން – ތޭރަ ވަނަ ބައި



All Right Reserved!