Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރު….3

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 27, 2023 5 Mins Read
0 Comments

“ހަނދާންވޭތަ މައިރާއާ ދިމާވީމަ ލަވައެއް ކިޔައިދޭނަމޭ ބުނި ހަނދާން؟ މިރޭ މިތަނަށް މައިރާ މި ގެނައީ އެ ވައުދު ފުއްދަން ވެގެން” އަހަރެން ދިގު ސޯފާގައި އިށީނުމާއެކު ޔުއާން ގިޓާ ހިފައިގެން ގޮސް ކުރިމަތީ ހުރި ސޯފާގައި އިށީނެވެ.

 

ޔުއާންގެ ޖާދުވީ ފުން ދެލޮލުން އަހަންނަށް ބަލާލުމާއެކު ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. މޭ ތެރޭގައި އޮވެ އޮބި ނޯންނަވަރަށް ހިތްތެޅެމުން ދިޔައެވެ. މޭފަޅައިލަައިފައި ނުކުންނަން އުޅޭހެންވެސް ހީވިއެވެ. “ދީވާނާ ވޭ މޫސުމް ތިޔަހެން ބަލާލުމުން ހިނިތުންވެލީމާވެސް ހިތްފުރޭ” ޔުއާންގެ ފިރިހެންވަންތަ އަޑުން ކިޔައިލުމާއެކު މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުރިންވެސް ޔުއާން ލަވަ ކިޔައި އަޑު އަހަންނަށް ވަނީ އިވިފައެވެ. އެހެނަސް ސީދާ އަހަންނަށް އެކަނި ކިޔައިދިނުމުން ބަޔާން ކުރަން ނޭންގޭ ފަދަ އިހްސާސެއް ކުރެވުނެވެ. ލަވަ ކިޔަމުން ގިޓާ ޖަހަމުން ދިޔައިރު އެ ނަޒަރު ވަނީ އަހަންނަށް ހުއްޓިފައެވެ. އިސްޖަހައިގެން އިން ގޮތަށް އިސްއުފުލާލަންވެސް އަހަންނަށް ނުކެރުނެވެ. މުޅި އުމުރަށް އެއަޑުން އަހަންނަށް ލަވަ ކިޔައިދޭ އަޑު އަހަން ހުންނަ ހިތްވިއެވެ.

“ކޮބާ ކިހިނެއްވަނީ؟” ދެތިން ކަޑި ކިޔައިފައި ޔުއާން އަހާލިއެވެ.

 

ޔުއާން ލަވަ ކިޔައިދިންލެން ފުރިހަމަކަން ބަޔާން ކޮށްދޭނެ ބަސްތަކެއް ދުލައި ހަމައަކަށް ނަޔެވެ. ހަޔާތުގައި ގިނަ ލަވަތަކެއް އަޑުއިވިފައި ހުރި ނަމަވެސް އެންމެ ފުރިހަމަ ލަވަޔަކީ ޔުއާން އަހަންނަށް ކިޔައިދިން ލަވައެވެ. މުޅި އުމުރުވެސް އަޑު އަހަން އަހަންނަށް ހުރެވި ދާނެއެވެ. އެހާވެސް ފުރިހަމައެވެ.

 

“އަނެއްކާ އަހަރެން ކީލެއް ހަޑީތަ؟” އަހަރެން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޔުއަން އަހާލިއެވެ. އެ މޫނު މަތިން މާޔޫސްކަން ފެންނަން ހުއްޓެވެ. “އުނހޫ. ރީތި ކަމުން ބުނާނެ އެއްޗެއް ނޭންގިފަ މީނީ” އަހަރެން އަވަސް އަވަހަށް ބުނީމެވެ. ވަގުތުން ޔުއާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

 

ޔުއާން ގިޓާ މޭޒު މަތީގައި ބޭއްވުމާއެކު އަހަރެން އެ ގިޓާ ނެގީމެވެ. އެ ގިޓާ ބޮޑު ކަމުން އަތަށް ހެޔޮވަރުވީ ކިރިޔާއެވެ. “މައިރާ ކިޔައިދީބަ މަށަށް ލަވައެއް” އަހަރެން ގިޓަޔާ ކުޅެން ފެށުމުން ޔުއާން އެދުނެވެ. އަހަރެން ދެލޯ ބޮޑު ކޮށްފައި ވަގުތުން ދެކޮޅު ހެދީމެވެ. “އަޅެ ޕްލީޒް” ޔުއާން އާދޭސް ކުރުމުންވެސް އަހަރެން ދެކޮޅު ހެދީމެވެ. ދެރަވާ ކަމަށް ހެދެމުން ޔުއާން ކިޔަން ފެށި މަޖާ އެއްހިން އަހަންނަށް ހެވެމުން ދިޔައެވެ. އަހަރެން ހެއްވާލުން ވެގެން ދިޔައީ ޔުއާންއަށް އުނދަގޫ ކަމަކަށް ނޫނެވެ. “ހެޔޮ ނުވާނެ ދެން ހުއްޓާ” ހީހީ ގޮސް ވަރުބަލި ވެގެން އަހަރެން ބުނީމެވެ. އަހަރުމެން ދެމީހުންގެ އުފާވެރި ވަގުތުކޮޅަށް ނިމުން އައީ އަހަރެންގެ ފޯނު ރިންގުވުމުންނެވެ. ޔުއާން މޫނު މަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ހާސްވެ ބިރުގަނެފައި ހުރެ ގުޅަނީ ކާކުތޯ އެހިއެވެ. ޔުއާން މޫނުގެ ކުލަވަރު ފެނި އަހަންނަށް އިތުރަށް ހެވުނެވެ. “ބިރުވެސް ގަންނަން އިނގޭ މީހެއް ދޯ މިއީ!” ދަބަހުގައި އޮތް ފޯނު ނަގަމުން ޔުއާން އައި ދިމާކޮށްލީމެވެ.

 

ފޯނަށް އަރައިފައި އިން ނިޝާލްގެ ނަން ފެނި އަހަންނަށް ކުސްތަޅައިލެވުނެވެ. ކޮންމެހެން ހަމަ މިރޭ ގުޅަން ޖެހޭހެއްޔެވެ. ފޯނަށް ނިޝާލްގެ އަރައިފައި އިން ތަން ފެނުމުން ޔުއާންގެ އަތް މުށްކެވިގެން ދިޔަ ގޮތް ރީތިކޮށް އަހަންނަށް ފެނުނެވެ. އަހަރެން ބަލާލުމުން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލި ނަމަވެސް ހިތްހަމަ ނުޖެހިފައި ހުރިކަން އެނގެއެވެ.

 

އަހަންނާ ނިޝާލް ދައްކާ ވާހަކަ ޔުއާންއަށް އަޑު އިއްވަން ބޭނުންނުވާތީ ޔުއާންއަށް އަޑު ނީވޭ ހިސާބަށް ގޮސްފައި ހުއްޓިލީމެވެ. “މައިރާ. ނީޑް ސަމް ހެލްޕް” އާދައިގެ މަތިން ނިޝާލް އަހަރެން ގާތުން އެދުނީ ލާރި ފޮނުވަންށެވެ. ވަރަށް ބޮޑު ކަމަކު ހަސަތޭކަ ރުފިޔާ ފޮނުވަން އެދުނެވެ. އެ ވަގުތު ވައިފައި ލިބެން ނެތުމުން ގެއަށް ގޮސްފައި ފޮނުވާނަމޭ ބުނުމާއެކު ނިޝާލް ފޯނު ކަނޑާލިއެވެ.

 

ލަސްވާތީވެ ގެއަށް ދާން އަހަރެން ނުކުތީމެވެ. އަހަރެންގެ ފަހަތުން ޔުއާން ވެސް ނުކުތެވެ. ދޮރޯށިން ބޭރަށް ނުކުނަންނަށް އަހަރެން ފިޔަވަޅު އަޅާލި ވަގުތު ޔުއާން އަހަންނަށް ގޮވައިލިއެވެ. އަހަރެން ބަލާލުމާއެކު މަޑު ކުރާށޭ ކިޔައިފައި ޔުއާން ބޭރަށް ނުކުތެވެ.

 

“އޯކޭ މީހަކު ފެންނާކަށް ނެތް. މާ ލަސްނުވަނީސް މައިރާ އަވަހަށް ގެއަށް ދޭ” ޔުއާން ބޭރުން އެތެރެއަށް ވަދެފައި ބުންޏެވެ. އަހަރެން ބޯ ޖަހައިލުމަށް ފަހު ހިތްމަތީ ގާގަނޑެއް  ބާއްވާފައި ގެއަށް ދާން ނުކުތީމެވެ. އަހަރެން ގޮސް ގޯޅި އަޅަންދެން ޔުއާން ބަލަން އިނެވެ.

 

 

 

ހެނދުނު ހޭލީންސުރެ އަހަރެންގެ މޫޑު ވަނީ ޚަރާބުވެފައެވެ. މާލެ ދާ ދުވަސް އަތުވެއްޖެކަން ހަނދާންވުމުން މޭ ނުބައި ކުރާ ގޮތްވިއެވެ. އެނބުރި މާލެ ދާން އަހަރެންގެ ހިތް އެއް ގޮތަކަށް ވެސް ނޭދެއެވެ. ހިތް ގޮވަމުން ދިޔައީ ކޮންމެސް ބަހަނާއެއް ދައްކާފައި ރަށުގައި މަޑު ކުރާށެވެ. ނަމަވެސް ހިތްއެދެހާ ގޮތަކަށް ދިރިއުޅުން ބައްޓަން ނުކުރެވޭނެއެވެ. އެހެންނަމަހީ އަހަރެންގެ ޙަޔާތް މިހާރަށް ވުރެ އުޖާލާވީހެވެ. ވޭނާއި ހިތްދަތި ކަމަކީ ކޮބައިކަން އަހަންނަކަަށް ނޭންގޭނެއެވެ.

 

އަހަރެން އެއާޕޯޓްގައި ހުއްޓައި ޔުއާން އައެވެ. އިއްތިފާގުން އޭނާގެ ގާތް އެކުވެރިއަކު އަހަންނާ އެއް ފްލައިޓަކުން މާލެ ދާން އޮތެވެ. ޔުއާން އެއާޕޯޓަށް އައީ އެ އެކުވެރިޔާ ފުރުވަންށެވެ.

 

އަހަރެން ފުރުވަން ނާޔާ އައިސް އިނެވެ. އެހާ އަވަހަށް މާލެ ދާތީވެ ނާޔާ ވަރަށް ޝަކުވާ ކުރިއެވެ. އަދި ދެތިން ދުވަސް މަޑު ކުރާނެ ނަމައޭ ކިޔައީ ކުސް ތަޅަމުން ދިޔައެވެ. “އަހަރެން ވެސް ހިތަށް އަރާ މަޑު ކުރެވޭނެ ނަމައޭ. ވަރަށް ބޭނުން މަޑު ކުރަން. އެކަމު ކީއްކުރާނީ ދާން ޖެހޭ ވިއްޔާ” ނާޔާއާ ވަދާއުގެ ސަލާން ކުރީމެވެ. ބޯޑިންއަށް ގޮވުމުން އެތެރެއަށް ވަންނަން ދިޔައިރު އަހަރެންގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ފަހު ފަހަރަށް އަހަރެން ޔުއާންއަށް ބަލާލީމެވެ. އޭރު އަޅިކުލައިގެ ޖާދުވީ ދެލޯ ވަނީ އަހަންނަށް އަމާޒުވެފައެވެ. ޔުއާންގެ ބެލުމުގައި ވީ އަސަރުން ލޮލަށް ބޮނޑިވެފައި ހުރި ކަރުނަތައް ކޯތާ ފަތަށް ފައިބައިގެން ދިޔައެވެ.

 

“މައިރާ ޕްލީޒް ނުދޭ” އެންމެންގެ ތެރޭ ޔުއާން އައިސް އަހަރެން އަތުގައި ހިފައި އެތެރެއަށް ވަނަ ނުދީ ހިފެހެއްޓިއެވެ. ޔުއާން އަޑުގައިވީ އާދޭހެވެ. ދުލުން ނުބުނި ކަމުގައި ވިއަސް ޔުއާން ހިތުގައި އަހަންނަށްޓަކައި ވީ އިޙްސާސްތައް އެ ދެލޮލުން ފެންނަން ހުއްޓެވެ. އަހަރެން އެތެރެއަށް ނުވަދެ ގޮސް ޔުއާން ކަނދުރާގައި ދެއަތް ވަށައި އޭނާ ގައިގައި ބައްދާލީމެވެ. އެއާޕޯޓްގައި ތިބި އެންމެންގެ ނަޒަރު އަހަރުމެންނަށް ހުއްޓިފައި ހުރިއެއް ކަމަކު އަހަރެންގެ ފަރުވާލެއް ނެތެވެ.

 

“އެކްސްކިއުޒް” ޚިޔާލީ ދުނިޔެއަށް ހަޤީޤީ ދުނިޔެއަށް އަހަންނަށް ލޯ ހުޅުވާލެވުނީ ފަހަތުގައި ހުރި ކުއްޖާ ހިތްހަމަ ނުޖެހިފައި ގޮވާލުމުންނެވެ. އޭރު ވެސް ޔުއާން ދުރުގައި ބަލަން ހުއްޓެވެ.

 

އަމިއްލަ މޮޔަކަމާއި މެދު ވިސްނި އަހަނަށް ހެވުނެވެ. އަހަރެންގެ ވިސްނުން ހުރީ ފުރާވަރުގެ އަންހެން ކުއްޖެއް ފަދައިންނެވެ. އުމުރުން ފަންސަވީސް އަހަރުވީ އިރުވެސް އަހަރެންގެ ސިކުނޑިއެކޭ ފުރާވަރު ކުއްޖެއްގެ ސިކުނޑިއެކޭ އެއްވަރެވެ.

 

އެރައިވަލްސް އިން ނުކުތްއިރު އަހަރެންގެ އިންތިޒާރުގައި ބައްޕާއެކު ނިޝާލް ވެސް ހުއްޓެވެ. ނިޝާލް އަހަރެން ބަލާ އައުމުން ހިތުގައި ސުވާލު ގޯންޏެއް އުފެދުނެވެ. ބައްޕަ ފެނުމުން އުފާވި ނަަމަވެސް ނިޝާލްއާ ހެދި ފޫހިވިއެވެ. ގަދަ ކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރި ކުރަމުން އަހަރެން ބައްޕަ އާއި ނިޝާލްއާ ކުރިމަތި ލީމެވެ.

 

“ދަރިފުޅަށް ސަޕްރައިޒެއް ދޭން ނިޝާލް އެހެރީ ދަރިފުޅު ބަލައި އައިސް”  އަހަރެން މޫނު މައްޗަށް އަރައިފައިބަމުން ދިޔަ ކުލަވަރުން ކަންނޭންގެއެވެ. ސުވާލެެއް ކުރުމުގެ ކުރިން ބައްޕަ ބުންޏެވެ. އަހަރެން ގަދަ ކަމުން ހިނިތުންވެލީމެވެ. “ބައްޕަ އަތަށް ދަރިފުޅުގެ ސާމާނުތައް ދީފައި ދަރިފުޅު ދޭ ނިޝާލްއާ އެއްކޮށް” ބަސް އަހާ ދަރިއަކު ފަދައިން އަހަރެން ބައްޕަގެ ބަހަށް ދެކޮޅު ހެދުމެއް ނެތި އަހަރެން ގެނައި ފޮށްޓާއި ރަށުން ހަދިޔާއަށް ފޮނުވި ދެ ފޮށިގަނޑު ބައްޕައާ ހަވާލުކޮށްފައި ނިޝާލްއާ އެއްކޮށް ސައިކަލުގައި މާލެ ދާން ދިޔައިމެވެ.

 

އަހަރެންގެ ހަށިގަނޑު މާލެގައި ވީ ނަމަވެސް ހިތާއި ސިކުނޑި ވީ ރަށުގައެވެ. އަހަރެންގެ ސިކުނޑީގައި ބަނދެވިފައިވީ ޔުއާންގެ ޚިޔާލުތަކެވެ. ހިތަށް އަރަމުން ދިޔައީ މި ވަގުތު ޔުއާން ކުރާނީ ކީއްތޯއެވެ. އަހަރެން މާލެ އައުމުން ޔުއާން ދެރަވާނެތޯ ހިތަށް އެރިއެވެ. އަހަންނަށް ޔުއާންގެ ޚިޔާލު ކުރެވޭ ފަދައިން ޔުއާންއަަށް އަހަރެންގެ ޚިޔާލު ކުރެވޭތޯއެވެ؟

 

“މައި. މައިރާ އަހަރެން އެބަ ވާހަކަދައްކަމޭ. ކޮން ޚިޔާލެއްގަ؟” އަހަންނަށް ޚިޔާލުތަކުން ނުކުމެވުނީ ނިޝާލް ނިކަން ބާރަށް ވާހަކަ ދެއްކުމުންނެވެ. ޚިޔާލުތަކުގެ ސަބަބުން ގެއަށް އާދެވުނުކަން ވެސް އަހަންނަށް ނޭންގުނެވެ. “އޯ ގެއަށް އާދެވުނީދޯ. ޝުކުރިއްޔާ ގެނެސްދިނީމަ” “މައި. އަހަރެން ބުނީ އެއްކަލަ ސިކްސް ހަންޑްރެޑް ރުފިޔާ މަށަށް ފޮނުވާލަ ދޭށޭ. ވަރަށް އާރޖެންޓްކޮށް ބޭނުންވޭ. ނޫނީ މައިގެ ކްރެޑިޓް ކާރޑް ދޭންވީނު” ނިޝާލް އަހަރެން ބަލާ އައީ ކީއްވެކަން އަހަންނަށް އެނގުނެވެ. ޔުއާންއާ މެދު ވިސްނަން ހަދައިގެން ނިޝާލްއަށް ލާރި ފޮނުވަން އަހަރެން ހަނދާންނެތުނީއެވެ. އަހަރެން އަތް ދަބަސް ތެރޭ އޮތް ވޮލެޓުން ކްރެޑިޓް ކާރޑް ނަގައި ނިޝާލްއަށް ދިނީމެވެ. އޭނާ ބޭނުންވި ކަންތައް ޙާސިލް ވުމުން އިތުރަށް މަޑު ކުރަން ނަހަދައި ދިޔައެވެ.

 

އަހަރެން ލިފްޓަށް އަރައިފައި ހަޔަކަށް ފިއްތާލީމެވެ. ލިފްޓް ތެރޭ ހޭދަވީ މަދު ވަގުތުކޮޅު ވެސް އަހަންނަށް ހީވީ ގަރުނެއްހެންނެވެ. ހަވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު އަހަރެން ނިކަން އަވަހަށް އޭގެ ތެރެއިން ނުކުތީމެވެ.

 

އަހަރެން އަންނަން ދެން ދޮރު މަތީ މަޑުކޮށްލައިގެން ބައްޕަ އިނެވެ. އަހަންނަށް ވުރެއް ކުރިން ބައްޕަ އައިސް އިނުމުން ނިޝާލް އައީ އަހަރެން ގޮވައިގެން މުޅި މާލެ ވަށާއި ބުރެއް ޖަހައިފައިކަން އެނގުނެވެ.

 

 

ގެއަށް ވަދެފައި ފުރަތަމަ ވެސް އަހަރެން ފޯނު އޮންކޮށްފައި ވައިފައި ޖެއްސީމެވެ. ޔުއާންގެ މެސެޖެއް އިންތޯ ބެލުމަށެވެ. މާލެ އާދެވިއްޖެތޯ އަހާފައި ޔުއާން އިންސްޓަގްރާމް އިން މެސެޖު ކޮށްފައި އިނެވެ. އަހަރެން ނިކަން އަވަހަށް ޖަވާބު ދިނީމެވެ.

 

މަތިންދާ ބޯޓުން ކަމަށް ވިއަސް ދަތުރު ކުރުމުން އަހަރެން ހުރީ ވަރުބަލި ވެފައެވެ. އަހަންނަކީ ދަތުރަށް ބަލި މީހެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ކާރަކަށް އެރިއަސް ބޯ އަނބުރައެވެ. ކަނޑު ދަތުރެއް ކޮށްފިނަމަ ކޭ ހުރިހާ އެއްޗެއް ހޮޑަށް ލެވެއެވެ. މަތިންދާ ބޯޓަކަށް އަރައިފި ނަމަ ކަންފަތް ބައްވެ އަޑު ނީވިގެން ދެތިން ދުވަހު އުޅެން ޖެހޭނެއެވެ.

 

އަހަންނަށް ނިދުނީ ކޮން އިރަކު ކަމެއް ވެސް ނޭންގެއެވެ. ހޭލެވުނީ ބޯދަށު އޮތް ފޯނު އެލާމްވާ އަޑަށެވެ. ކަންނެއް ގޮތަކަށް ލޯ ހުޅުވާލާފައި އެލާމް ނިއްވާލީމެވެ. އަދިވެސް ވަރުބަލިކަން އިޙްސާސް ކުރެވޭތީ ބޭނުންވީ ނިދަން އޮންނާށެވެ. ނަމަވެސް އެނދުގައި އޮވެވުނީ އިރުކޮޅަކުއެވެ. ފަސްގަޑި ބައިވުމުން މަންމަ އައިސް ފަތިސް ނަމާދަށް ހޭލަށްވަން ދޮރުގައި ތަޅަންފެށިއެވެ. އަހަރެންގެ ޖަވާބެއް ނުލިބެނީސް ތެޅުން ހުއްޓާނުލާނެތީވެ ހޭލާ އުޅޭކަމަށް ބުނީމެވެ.

 

ނަމާދުކޮށްގެން އަހަރެން ކޮޓަރިން ނިކުތްއިރު ސިޓިން ރޫމް ސޯފާގައި މަންމަ ކިޔަވަން އިނެވެ. އަހަރެން ފެނުމުން ކިޔެވުން ހުއްޓާލާފައި ކޮފީއެއް ހަދާދެންތޯ އެހިއެވެ. އަހަރެން ނޫނެކޭ ބުނެފައި ގޮސް އައިސަލަމާރިން ޖޫސް ޕެކެޓެއް ނަގައި ތަށްޓަކަށް އަޅާލީމެވެ. ބޮލުގައި ރިހުން ހުރުމުން ކޮފީއަށް ވުރެ ރަނގަޅުވާނީ ޖޫސްތަށްޓެއް ބޯލުމުންނެވެ.

 

ޖޫސްތަށި ހިފައިގެން އަހަރެން ނުކުތީ ގޭގައި ހުރި ކުޑަ ބެލްކަންޏަށެވެ. ގެ އިންނަ ތަނުގެ ގޮތުން ބެލްކަންޏަށް ނުކުތުމުން އިރު އަރާ މަންޒަރު ރީތިކޮށް ފެނެއެވެ. ކުރިމަތީ އިން ކުޑަ މޭޒުމަތީ ޖޫސްތަށި ބައިންދާފައި އިރު އަރާ މަންޒަރު ފޮޓޮއެއް ނަގާފައި އިންސްޓަ ސްޓޯރީއަަށް ލީމެވެ. ސްޓޯރީ ލީތާ މިނެޓެއްގެ ތެރޭ ޔުއާން ރިއެކްޓް ކުރިއެވެ. އަދި މާލެ ދެވުމުން އޭނަ މަތިން ހަނދާން ނެތުނިދޯ އޭ ކިޔައިފައި މެސެޖު ކުރިއެވެ.

 

މާލެ އައުމުން ޔުއާން އަހަންނަށް މެސެޖު ކޮށްފާނެ ކަމަކަށް އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރަމެވެ. އަހަރެން ހީކުރީ ޔުއާން އަހަރެން މަތިން ހަނދާން ނުވާނެ ކަމަށެވެ. ނަމަވެސް އަހަރެންގެ ޔުއާން އަހަރެން މަތިން ހަނދާނެއް ނުނެތެއެވެ. ހިތަށް ލިބުނު ހަމަޖެހުމުން އަހަންނަށް އެކަނި އިނދެ ހެވުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ފުރަތަމަ ލޯބި (ހަތަރުވަނަ ބައި)

Next

އުމުރައް ވެސް ލޯބިވިން – ސާދަ ވަނަ ބައި

Next
February 27, 2023

އުމުރައް ވެސް ލޯބިވިން – ސާދަ ވަނަ ބައި

Previews
February 23, 2023

ފުރަތަމަ ލޯބި (ހަތަރުވަނަ ބައި)



All Right Reserved!