އިންތިޒާރު….1
ކަޅުފޮއެ އަނދިރި ރެއެކެވެ. ވިއްސާރަ ވިލާތަކުގެ ސަބަބުން އުޑުގައިވި ތަރިތައް ވަނީ ފަރުދާވެފައެވެ. ވައި ގަދަވުމުގެ ސަބަބުން ތަންތަނުން އެއްޗިހިތައް އުކާ އަޑު އިވެމުން ދިޔައެވެ. ދޭތެރެއަކުން ވިދާލައިފައި ގުގުރާލައެވެ. އެެއިން ކަމަކަށް ސަމާލުކަން ދިނުމަށްވުރެ އަހަރެންގެ ސިކުނޑިވަނީ އެހެން ކަމަކަށް ގޮސް ހުސްވެފައެވެ. އަހަންނަކީ ގުގުރާ އަޑު އިވުމުން ބިރުގަންނަ މީހަކަށް ވިއެއް ކަމަކު މިރޭ ބިރުގަންނަންވެސް ހިތަށް ނާރައެވެ. އެއަށްވުރެ ހިތަށް ލިބިފައިވި އުފާވެރިކަން ބޮޑެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ އަހަރެންގެ ހިތުގެ ވެރިޔާގެ އަޑެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު އެ ސޫރަ ހިތަށް ސިފަވެގެން ދެއެވެ. އެ ސޫރަ އެހާ ގާތުން ފެނިލުމުގެ ނަސީބު ލިބޭނެކަމަކަށް ދުވަހަކު ކޮޅުންވެސް އަހަރެން ހިތަކަށް ނާރައެވެ. އެހެނަސް ތަޤްދީރުން އެ ފުރުސަތު އަހަންނަށް ލިބިއްޖެއެވެ. އެ ޖާދުވީ އަޑުން އަހަންނާ މުޚާތަބުކޮށް ވާހަކަ ދައްކާ އަޑުއަހާލެވިއްޖެއެވެ. ފަނަރަ އަހަރު ކުރިން ހިތުތެރޭގައި ތަޅުލާ ބަންދުކޮށްފައި ހުރި އިޙްސާސްތައް އުތުރި އަރަން ފަށައިފިއެވެ. ޚިޔާލީ ދުނިޔޭގައި އޮއްވައި ހަމަބިމަށް އާދެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ސްކްރީނަށް އަރައިފައި އިން ނަން ފެނުމުން ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ސިކުންތެއްވެސް ލަސްނުކޮށް ޖަވާބު ދިނީމެވެ. އެކޮޅުން އަހަރެންގެ ނަން ކިޔާލި އަޑުއިވިފައި މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނޭންގޭ ބާރުމިނެއްގައި ހިތްތެޅެން ފެށިއެވެ. އަތްފައި ފިނިވެ ނޭވައި ކުރުވާ ގޮތްވިއެވެ. “މައިރާ؟” އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުމުން ކަންނޭންގެއެވެ. ދެވަނަ ފަހަރަށްވެސް އަހަރެންގެ ނަމުން ގޮވާލިއެވެ. މީހާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަހަރެން ހޫން އަޅުވާލީމެވެ. ތުރުތުރު އަޅައި ފިނިވާ ވަރުން ދުލުން ބަހެއް ބޭރުކޮށްލަން އަހަރެން ނުކުޅެދުނެވެ. “ނިދި އައިސްފަ ދޯ؟ އަސްލު އޯކޭތޯ ބަލާލަން ގުޅާލީ. ދޮރުތަކާ އެއްޗިހި ލައްޕައި ތަންޑު އަޅުވައިގެން އޮންނައްޗޭ. ވަރަށް ވިއްސާރަވެފަ ވައިގަދަ. ރަނގަޅަށް ނިދާތި. މާދަން ގުޅާނަން” އަހަންނަށް ކުރެވުނުހާވެސް ކަމަކީ ހޫން އެޅުވުމުވެ. ފޯނު ނުބާއްވާށޭ ބުނަން ހިތަށް އެރިއެއް ކަމަކު އަނގައިން ބޭރެއް ނުވިއެވެ. ފޯނު ކަނޑާލުމުންވެސް ފަސްވަރަކަށް މިނެޓު ކަންފަތުގައި ފޯނު ޖަހައިގެން އިނދެވުނެވެ. “ޔުއާން” ހިތާހިތުން އަހަންނަށް ޔުއާންގެ ނަން ކިޔައިލެވުނެވެ. ޔުއާންގެ ނަން އިވުނަސް އަހަރެންގެ މެއަށް ގޮތްވެއެވެ. ފޯނު މޭގައި ޖައްސައިލައިގެން އަހަރެން އެނދުގަައި ފޮރެޅެލީމެވެ. އޭރުވެސް ތުންފަތްމަތީގައި ބޮޑު ހިނިތުންވުމެއް ވިއެވެ. މިރޭ އިރާކޮޅު ގޭދޮށުން ޔުއާންއާ ބައްދަލު ކުރި ވަގުތު ހަނދާންވުމާއެކު ތުންފަތުން ލޭ އަންނަހާ ބާރަށް ތުންފަތުގައި ދައި ގަނެވުނެވެ. ކޯތާފަތަށް ލޭ ޖަމާވި ކަމުގެ އިހްސާސް އަހަންނަށް ކުރެވުނެވެ. ރަކި ގޮތަކަށް މޫނުގައި އަތް އަޅައި ދެއަތުން މޫނު ފޮރުވާލީމެވެ.
އަހަރެންގެ އުމުރުން ތިން އަހަރުގައި މައިންބަފައިންނާއެކު މާލެ ބަދަލުވީމެވެ. ރަށުގައި ތިބެގެން ރަނގަޅު ތަޢުލީމެއް ނުލިބޭނެތީވެ މަންމަނެން އަހަރެން ގޮވައިގެން މާލެ ބަދަލުވީއެވެ. އެހެނެއްކަމަކު ޗުއްޓީއެއް ލިބޭއިރަށް ރަށަށް ދަމަވެ. އަހަންނަށް އެންމެ ފުރަތަމަ ޔުއާން ފެނުނީ ޢީދު ޗުއްޓީއެއްގަައި ރަށަށް ގޮސް އުޅެނިކޮށެވެ. އޭރު އަހަރެންގެ އުމުރުން އެންމެ ބާރަ އަހަރެވެ. ޔުއާންއޭ ކިޔާ އަޑު އަބަދުވެސް އަހަމެވެ. އެއީ ރީތި ކަމުން ރަށުގައި ނަން މަޝްހޫރުވީމައެވެ. އަހަންނަށް ޔުއާން ފެނުނީ ޢީދު ޝޯއެއްގައި ލަވަ ކިޔަން އަރައި ހުއްޓައެވެ. ފުރަތަމަ ނަޒަރުންވެސް ހިތުގައި އެ ސޫރަ ބިންވަޅު ނެގިގެން ދިޔައެވެ. އިސްކޮޅުން ދިގުވެފައި ބައިމަތި ފުޅަލެވެ. ހަމުގެ ކުލަ އައްޔެވެ. އަޅިކުލައަކަށްދާ ކަޅީގެ އަސަރުގަދަ ކަމުން ހިތްތަށްކަތިލާހާވެއެވެ. ކަޅުކަންގަދަ ފަންބޯ އިސްތަށިގަނޑު އޮތީ ރީތިވަރަކަށް ކޮށާލާފައެވެ. ކިރިޔާ ފަޅަން ފަށައިފައި ހުރި ތުނބުޅިން ފިރިހިންވަންތަކަށް އިތުރެވެ.
ޔުއާންގެ ފިރިހެންވަންތަ ބަރު އަޑު ކަންފަތުގަައި ޖެހުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލަވައިގެ ފުރަތަމަ ބައި ކިޔާލި ހިސާބުން އަންހެން ކުދިންތައް ތޫލި އަޑުން ހަޅޭއްލަވަން ފެށިއެވެ. އެކުދިންނާ ޚިލާފަށް އަހަންނަށް އިނދެވުނީ އަނގަ ހުޅުވި ގޮތަށް ލައްޕަންވެސް ނޭންގިފައެވެ. އެހާ ރީތި ފިރިހިނެއް އަހަރެން ހަޔާތުގަައިވެސް ފެނުނީ އަލަށެވެ. ސޫރަ ރީތި ވެފައި އަޑުވެސް އެހާ ހިތްގައިމެވެ. އެ އަޑުގެ ޖާދޫގައި ނުޖެހޭ އަންހެނަކު ނޫޅޭނެކަން ޔަޤީނެވެ.
އިރުގެ އަލި ލޮލަށް އެޅުމާއެކު އުނދަގޫ ގޮތަކަށް އަހަންނަށް ހޭލެވުނެވެ. ޔުއާންގެ ޚިޔާލުތަކުގައި އޮއްވަައި އަހަންނަށް ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ. ކަންނެއް ގޮތަކަށް ތެދުވެފައި މޯޅިއަކަށް ދެމެލީމެވެ. ރޭގައި އެއޮށްވަރަށް ވާރޭ ވެހިފައި މިއަދު އެއޮތީ އަވި ދީފައެވެ. ފުރަތަމަ ކަމަކަށްވެސް އަހަރެން ބެލީ ފޯނަށް މެސެޖެއް އައިސައި އިންތޯއެވެ. މެސެޖެއް ނެތުމުން ހިތަށް މާޔޫސްކަން ލިބިގެން ދިޔައެވެ. ޗޮކެއް ކަނޑާފައި އެނދުން ތެދުވެ ފާޚާނާއަށް ވަންނަން ދިޔައީމެވެ.
ރޭގައި ބޯކޮަށް ވާރޭ ވެހުމުން މަގުގައި ފެންހެދިފައި އޮތެވެ. އެއީ މާބޮޑު ކަމަކަށް ނުހަދައި ފެން ގަނޑު ތެރެއިން ލައިފައި އަހަރެން ހިނގައިގަތީމެވެ. މަންމަ އާއި ބައްޕަ އަދި ކޮއްކޮމެންވެސް ނުލައި ރަށަށް އައި ފުރަތަމަ ފަހަރު ކަމުން އެ ފުރުސަތުގެ ބޭނުން އަހަރެން ހިފަމުން ދިޔައީމެވެ. މަގު ހުރަސްކޮށް ފައި ޖެހިގެން އޮތް ގޯޅިއަށް އެޅިއިރު ރަށުގައި އުޅޭ ދުރުތާ ތިމާގެ ކުއްޖަކު އަހަރެންގެ އިންތިޒާރުގައި އިނެވެ. ތިމާގެ ކަމުގެ ގުޅުމަށް ވުރެ ބޮޑަށް އަހަރުމެން ދެމީހުންގެ މެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން މާ ވަރުގަދައެވެ. “އައްދެ މައިރާ ހާދަ ހެވިފަ. އަނެއްކާ ކޮންފަދަ ކަމެއް ހިންގައިގެން ތި އުޅެނީ؟” ނާޔާއަށް އަހަރެންގެ މޫނުމަތީގައިވި އުޖާލާކަން ފާހަގަވިއެވެ. އަހަރެން ވަކި ޖަވާބެއް ނުދީ ނާޔާ އަތުގައި ބޮނޑިއެެއް އަޅާލީމެވެ. ޔުއާންއާ އަހަންނާ ދެމެދު އެކުވެރިކަން އޮންނަކަންވެސް އެހެން މީހަކަށް އެނގޭކަށް އަހަރުމެން ދެމީހުންވެސް ބޭނުމެއް ނޫނެވެ.
ނާޔާމެން ގެއިން ހެނދުނު ސައިބޮއެގެން އަހަރުމެން ދެމީހުން ބައިސްކަލު ދުއްވަން ދިޔައިމެވެ. ބައިސްކަލު ދުއްވުމަކީ އަހަރެން ވަރަށް ކުރާ ހިއްވާ ކަމަކެވެ. ރަށުގެ ވެލި ފަސްގަނޑުގައި އަހަންނާ ނާޔާ ބައިސްކަލު ރޭސް ޖެހީމެވެ. އެ ގަޑީގެ ގޮތުން އިތުރު ބަޔަކު އެ ހިސާބުގަނޑުގައި ނޫޅެއެވެ. އަހަންނާ ނާޔާއާ މަޖާވެފައި ދުއްވޭހާ އެންމެ ބާރަކަށް ދުއްވަމުން ދިޔައީމެވެ. އެއްލި ކަޅިއަކުން ރުއްބުޑެއްގައި އިށީންދެލައިގެން އަހަރުމެންނަށް ބަލަން އިން ޔުއާން ލޮލުގައި އަޅައިގަތެވެ. ވަގުތުން ބައިސްކަލްގެ ކޮންޓްރޯލު އަހަރެން އަތުން ދޫވިއެވެ. އަހަންނަށް އެނގުމުގެ ކުރިން ގުޅަޔަކަށް ވެލިގަނޑުމައްޗަށް ބައިސްކަލާ އެކީ އަހަރެން ޖެހުނެވެ. ގަޔަށް ތަދުއެރިއެއް ކަމަކު ޔުއާން ބަލަން ހުރުމުން އަވަހަށް ތެދުވަން އަވަސްވެ ގަތީމެވެ. ނަސީބު ހުރީ އަހަންނާ އިދިކޮޅަށެވެ. އަހަރެން ލައިގެން ހުރި ކަޅު ހެދުމުގެ ފަސްބައި އޮތީ ބައިސްކަލުގެ ޗޭނުގަނޑުގައި އެޅިފައެވެ. އަވަހަށް ނައްޓަށް އުޅެނިކޮށް ހެދުމުގެ އަރިމަތިން އިރައިގެން ދިޔައެވެ. ޔުއާން ކުރިމަތީ އެ ހާލު ޖެހުމުން ރުޅި އާދެވުނެވެ. ދަތްކުނޑި ވިކައިލައިފައި ދެފައި ވެލިގަނޑުމަތީ ތަޅައިގަތީމެވެ. އެ ނާޔާ ގަނޑުވެސް ގޮސް އޮތީ މަގު ނިމޭކޮޅުގައެވެ.
މޫނާ ދިމާއިން އަތްތިލައެއް ފެނުމުން އަހަރެން ބަލައިލީމެވެ. ޔުއާން ހުރީ އޭނާގެ އަތް އަހަންނަށް ދިއްކޮށްގެންނެވެ. ހަދަންވީ ގޮތެއް ނޭންގި އަހަންނަނަށް ލަސް ލަހުން އިސްޖަހައިލެވުނެވެ. އަހަރެން ގުޑިވެސް ނުލައި އިން ގޮތަށް އިނުމުން ދެފަރާތަށް ބޯ ހޫރާލައިފައި ބައިސްކަލު އަހަރެން ގައިމަތިން ނަގައިފައި އަތުގައި ހިފައި އަހަރެން ނަގައިދިނެވެ. ޔުއާންގެ ވަރުގަދަ އަތުން އަހަރެން އަތުގައި ބީހިލުމާއެކު ގައިގައި ކަރަންޓު ޝޮކެއް ޖެހުނުހެން ހީވިއެވެ. “ދެންވެސް ބަލައިގެން ދުއްވާނީ!”
ނަސޭހަތްދޭ ފަދަ ރާގެއްގައި ބުނި ކަމުގައި ވިއަސް ޔުއާން ތުންފަތް މަތީގައި ލާނެއް ހިނިތުންވުމެއް ވިއެވެ. އަހަންނަށް އިޙްސާސް ވަމުން ދިޔައީ ހުވަފެނެއްގައި އުޅެވޭފަދައިންނެވެ. އަހަރެންގެ ހަމަނުޖެހޭ ޙަޔާތުގައި މި ފަދަ ނަސީބެއް ލިބިދާނެ ކަމަށް ޤަބޫލު ކުރަން ދަތީއެވެ. ހުވަފެނުން ހޭލެވިދާނެ ކަމުގެ ބިރު ހީވުމާއެކު އިޚްތިޔާރަކާ ނުލައި ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. “މައިރާ ތަނަކަށް ތަދުވަނީތަ؟” އަހަރެންގެ ލޮލަށް ކަރުނަ ޖަމާވިތަން ފެނިފައި ޔުއާން މޫނުމަތީގައިވި ސަމާސާ ގޮތްގަނޑު ކެނޑި މޫނު މަތިން ކަންބޮޑުވުން ފާޅުވާން ފެށިއެވެ. ޔުއާންގެ އެ އަޅާލުން ފެނި އަހަރެންގެ ހިތުގައި އުފާވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކޮށްލިއެވެ. “ނޫން. ލޮލަށް ވެލި އެޅުނީ” ހަޤީޤަތް ހަމާކުރަން ޖެހިލުންވުމުން އަހަރެން ދޮގެއް ހަދައިލީމެވެ. ޔުއާން އަހަންނާ ގާތްވެލައިފައި ލޮލަށް ފުމެލިއެވެ. އަހަރެން ގައިގައި ހުރިއްޔާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. އަހަރެންގެ ހިތް ގަނޑުވެގެން ދިޔަހެންވެސް ހީވިއެވެ. ޔުއާން ފުމެލައިފައި ރަނގަޅު ހެއްޔޭ އެހުމުން އަހަރެން އާއެކޭ ބުނީމެވެ. އޭރު އަތުން ބައިސްކަލު ގަނޑު ހިފައިގެން ދުވެފައި ނާޔާ އަހަރުމެންނާ އަރާހަމަކުރީއެވެ. “އޯ މައި ގޯޑް! މައިރާ އޯކޭތަ؟” ލުއި ހިނިތުންވުމަކާއެކު އަހަރެން ބޯ ޖަހައިލީމެވެ. ދެންވެސް ބަލަައިގެން ބައިސްކަލު ދުއްވަން ބުނެފައި ޔުއާން ހިނގައިގަތެވެ. ލޮލުކޮޅަށް ގެއްލެންދެންވެސް ބަލަން އަހަންނަށް ހުރެވުނެވެ.
ގެއަށް ގޮސް ފެންވަރައިލައިގެން އަހަރެން ޖޯއްޔަށް ނުކުމެލީމެވެ. މެންދުރުގެ ވަގުތަށް ވިއަސް ޖައްވުގައި މަޑު ފިނިކަމެއް ވިއެވެ. އެ އަރާމު ހިތްގައިމު މާހައުލުގެ ހިތްހަމަ ޖެހުން ލިބިގަތުމަށް އަހަރެން ދެލޯ މަރާލައިފައި ފުން ނޭވައެއް ދޫކޮށްލީމެވެ. އަހަރެން އަރާމުގައި ޖޯލީގައި އޮއްވައި މީހަކު އައިސް އަތުގައި ބޮނޑިއެއް އަޅައިލިއެވެ. ސިހިފައި ލޯ ހުޅުވާލިއިރު ރަށުގައި އުޅޭ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މާޔާއެވެ. އަހަރެން އެ ދުވަސްކޮޅަށް އައިވެސް މާޔާގެ ކައިވެނީގައި ބައިވެރިވުމަށެވެ. “ބަލާބަ މިހިރަ އަންހެނާ. މަގޭ ކައިވެންޏަށޯ އައީ. އެކަމު ރަށަށް އައިންސުރެ ދައްކާނުލައި” ރުޅި މޫނު ހަދާލަމުން މާޔާ ޝަކުވާ ކުރިއެވެ. “އޭ ސޮރީއޭ އިއްޔަ ވާރޭ ވެހޭ ވަރުން ތިގޭ ދޮށަށް ނުދެވުނީ” ހަޤީގަތަކީ ޔުއާންއާ ޖެހި ރަށަށް އަސްލު އައި ބޭނުން މަތިން އަހަރެން ހަނދާން ނެތުނުކަމެވެ. މާޔާ މަތިން އެއްގޮތަކަށްވެސް އަހަރެން ހަނދާނެއް ނެތެވެ. ކުށްވެރިކަން އިޙްސާސް ކުރެވުމުން އަހަރެން ދެތިން ފަހަރު މާފަށް އެދުނީމެވެ.
މާޔާގެ ކައިވެނި ހެދުން ފެނި އަހަރެންވެސް ކައިވެނީގެ ހުވަފެން ދެކެން ފެށުނެވެ. ހުދު ކުލައިގެ ބޮޑު އެ ހެދުމުގައި އަތްނުލަައި އަހަންނަކަށް ނުހުރެވުނެވެ. “ހާދަ އަތްދިގޭ ދޯ! މައި އައިރުގަ ކީއްވެތަ ނިޝާލް ނުގެނައީ؟” މާޔާގެ ސުވާލުން އަހަރެންގެ ޠަބީޢަތު އެއްކޮށް ބަދަލުވެގެން ދިޔައެވެ. އަހަރެން އެކަމަކަށްޓަކަައި ބިރުގަތް ވަގުތު އައިސް ޖެހުނީއެވެ. މީހަކު ވިކައިގަތުމުން ހޭލެވޭ ފަދައަކުން ހަޤީޤީ ދުނިޔެއަށް އަހަރެންގެ ސިކުނޑި ހޭލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






ވާހަކަ އަދި ރީތި.ލިޔުމުގެ ފެންވަރު ވެސް ސިފަކުރުން ވެސް ހަމަ ރީތި. ތި ގޮތުގައި ކުރިޔަށް
ވާހަކަ އަދި ރީތި.ސިފަކުރުން ވެސް ރީތި.ލިޔުމުގެ ފެންވަރު ވެސް ރަނގަޅު