Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުފިލާނޭ މިހިތަކުން… 10

Laya Level 310 Stories100 Login
June 8, 2020 6 Mins Read
7 Comments

ދުރުވާން މަސައްކަތް ކުރިޔަސް

އިތުރަށް ހަމަ ގާތޭ ވެވެނީ

ތި ހަނދާން ފޮހެވޭތޯ ބެލިޔަސް

އިތުރަށް ތި ޚިޔާލޭ ކުރެވެނީ

ލޮލުގައި ގިނަ ވަމުން ދިޔަ ކަރުނަތަކާއިއެކު މެހެކް އޭނާގެ ކުރިމަތިން ގެއްލިގެން ދިޔަ މަންޒަރު ބަލަން ހުރިއިރު މާކިންގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ލަސް ލަހުން ޖީބުގައި އޮތް ފޯނު ނަގާ ޝުބާއަށް ގުޅާލުމަށްފަހު މެހެކްއާއި ހަވާލުވުމަށް ބުނުމަށްފަހު ފޯނު ބޭއްވިއިރު އޭނާއަށް ރަނގަޅަށް ރޮވިއްޖެއެވެ. އޭނާގެ ތެދުވެރި ލޯބީގައި ހަމަ އެއްވެސް އަގެއް ނެތީހެއްޔެވެ؟ މެހެކްގެ ކުރިމަތީގައި އޭނާގެ އިހުސާސްތަކާއި، ލޯތްބަކީ އެއްވެސް ގަދަރެއް ނެތް އެއްޗަކީ ހެއްޔެވެ؟ އޭނާއަށް މެހެކް ލިބުން އެއީ ހަމަ ވާން ނެތް ކަމަކީ ހެއްޔެވެ؟

ދެކަކޫ މައްޗަށް ތިރިވެ މެހެކްގެ ނަން ކިޔަމުން ކުޑަކުއްޖަކު ފަދައިން އޭނާ އަޑުން އަޑުނަގާ ރޯންފެށިއެވެ. މެހެކް ދެކެ ވެވުނު ލޯތްބަކީ ކުށެއްކަމުގައި އޭނާއަށް ޤަބޫލުކުރެވެން ފަށައިފިއެވެ.

ޖެހިގެން އައި ދުވަހު މާކިން ކޮލެޖަކަށް ނުދެއެވެ. ކްލާސްތަކުން އޭނާ ނުފެންނާތީ ޝުބާއާއި އިޝާން ކަންތައް ބޮޑުވީ ނަމަވެސް މެހެކް އެކަމާއި މާ ބޮޑަކަށް އަޅާލީހެންނެއް ހިއެއް ނުވެއެވެ. ޝުބާއާއި އިޝާން މެހެކް ގާތުގައި އެވާހަކަ ދެއްކުމުންވެސް އެހާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އެހެންކަމުން މެހެކްގެ ފަރާތުން އެއްވެސް މަޢުލޫމާތެއް އޮޅުން ނުފިލުމުން އިޝާން މާކިންއަށް ގުޅާލީ ޝުބާގެވެސް އެދުމަށެވެ. އެހެން ނަމަވެސް ފޯނު ރިންގުވާން ފެށުމާއިއެކު މާކިން ފޯނު ކަނޑާލިއެވެ. އަދި މެސެޖެއް ފޮނުވާލުމަށްފަހު ހުރިހާ ކަމެއް ރަނގަޅު ކަމަށާއި، ކުޑަކޮށް ބޮލުގައި ރިއްސާތީ ކޮލެޖަށް ދާ ހިތް ނެތީކަމުގައި އޭނާ ބުނެލީ އާދައިގެ ގޮތަކަށެވެ.

އެހެން ނަމަވެސް ކަންތައްތައް ވަމުން ދިޔައީ އާދައިގެ ގޮތަކަށް ނޫނެވެ. އެދުވަހުގެ ފަހުން ހަފްތާއެއް ވީ އިރުވެސް މާކިން ކޮލެޖަކަށް ނުދެއެވެ. ކްލާސްތަކުގައި ކިޔަވައިދެވެމުންދިޔަ ފިލާވަޅުތަކާއި، ހަވާލު ކުރެވެމުންދިޔަ މަސައްކަތްތައް މާކިންއަށް ދިޔައީ ގެއްލެމުންނެވެ. މާކިންގެ ކަމަކީ މެހެކްގެ ފޮޓޯއަށް ބަލަހައްޓައިގެން އޭނާގެ އެނދުގައި އޮތުމެވެ. ކެއުމާއި، ބުއިމާއި، ނިދުމަކީ އޭނާއާއި ދުރުގައިވާ ކަންކަމެވެ. ގެއިން ބޭރަކަށް ނުދެއެވެ. މީހަކު ގުޅިޔަސް ފޯނެއް ނުނަގައެވެ. އެހެން ނަމަވެސް ޓެކްސްޓް ކޮށްލުމަށްފަހު ހެޔޮހާލުގައި ހުރިކަން ކޮންމެވެސް ގޮތަކުން އަންގާލައެވެ. ދޭތެރެއަކުން ޝުބާއާއި އިޝާން ކައިރީގައި މެހެކްގެ ޚަބަރު އަހާލައެވެ. މާކިން ކޮލެޖަށް ނުދާތީ އެކަމާއި އެމީހުން ކަންބޮޑުވެގެން އުޅުނުކަމުގައިވިޔަސް މާކިން އެކަމަކާއި އަޅައެއް ނުލައެވެ. އިޝާންމެން އެގެއަށް އައުމުންވެސް އެމީހުންނަށް ކަންތައް ވެގެން އުޅޭގޮތް އޮޅުންފިލުވާދޭކަށް މާކިން ނޫޅުނެވެ. އޭނާއަށް ވިސްނެނީ ހަމައެކަނި މެހެކްއާއި މެދުއެވެ. އޭނާ މަތިން ހަނދާން ނައްތާލަން ހަދަންވީ ގޮތެއް މާކިންއަކަށް ނޭނގެއެވެ. މެހެކް ނުފެނި، މެހެކްއާއި ވާހަކަ ނުދައްކާ ހުރިހުރިހެން އެހިތުގައިވާ ލޯބި ދިޔައީ އިތުރުވަމުންނެވެ. އޭނާއާއި ދިމާއަށް މެހެކް ބުނެލި ރަހުމް ނެތް ބަސްތައް ހަނދާންކޮށް އެހިތުގައި މެހެކްއާއި މެދު ފޫހިކަން އުފައްދަން އޭނާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެހިތުގައި އުފެދެމުން ދިޔައީ ރިހުމެވެ. ހިތްދަތިކަމެވެ. އެކަނިވެރިކަމެވެ. އެހިތައް ބޭނުންވާ ފަރުވާއަކީ މެހެކްއެވެ. މެހެކްގެ ލޯތްބެވެ. މެހެކްގެ ހިނިތުންވުމެވެ. އެ ނޫން އުފަލެއް، ހިތްހަމަޖެހުމެއް މިހާރަކު މާކިންއަކަށް ނުވެއެވެ.

ކަންތައް މިހާ ހިސާބަށް ދިއުމުން މެހެކްވެސް ކޮންމެވެސް ވަރަކަށް މާކިންއާއި މެދު ކަންބޮޑުވިއެވެ. އަނެއްކާ މާކިން ކޮލެޖަށް އައުން ހުއްޓާލީ ހެއްޔެވެ؟ އެހާ ބޮޑު ޚަރަދެއް ބޭކާރުކޮށްލަން ގަސްތުކުރީ ހެއްޔެވެ؟ އޭނާއާއި ހެދި އެފަދަ ބޮޑު ކަންތައް ގަނޑެއް ހިނގާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެންމެ ފަހުން އެކަމާއި މާބޮޑަށް ވިސްނެން ފެށުމުން މެހެކް ގަސްތުކުރީ ޝުބާމެން ކައިރީގައި މާކިންގެ ވާހަކަ އަހާލުމަށެވެ.

“ޝުބާ.. މިއޮތީ މިއަދުގެ ޕްރެކްޓިކަލް.. މާކިންއާއި ހަވާލުކޮށްލައްޗޭ..” ޕްރެކްޓިކަލް ސެޝަން ނިންމާލުމަށްފަހު ކްލާހުން ނުކުތް މެހެކް ޝުބާގެ ގާތަށް ދިޔައެވެ. އޭރު އިޝާންވެސް އޭނާ ގާތުގައި ހުއްޓެވެ.

“މާކިންގެ ޚަބަރެއް ނުވޭތަ؟..” ޝުބާއާއި އިޝާންއާއި ދެމީހުން ކުރެ އެކަކުވެސް އެއްޗެއް ނުބުނުމުން މެހެކް ލަސްލަހުން އަހާލިއެވެ. އެއާއިއެކު ޝުބާ މެހެކްގެ މޫނަށް ބަލާލީ ކުޑަ ހައިރާންކަމަކާއި އެކުގައެވެ. މެހެކްގެ ފަރާތުން މާކިންއާއި މެދު ކުޑަވެސް ޝައުގުވެރިކަމެއް މީގެ ކުރިން ދުވަހަކުވެސް އޭނާ ނުދެކެއެވެ.

“ކުރީ ދުވަހު ދިޔައިން އެގެއަށް.. ދޯ އިޝާން.. އޭނަ އަންނަ ޚިޔާލެއް ނުކުރޭ.. އަހަރުންނަށް އެނގޭ މެހެކްއާއި ދެމީހުން ދޭތެރޭ ކޮންމެސް ކަމެއް ހިނގީކަން..” ޝުބާ ވިސްނުންތެރިކަމާއިއެކު މެހެކްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު އޭނާ އިސް ޖަހާލައިގެން ހުރެ އަވަސް އަވަސްކޮށް އެސްފިޔަ ޖަހާލިއެވެ.

“އޭނަ އަހާ މެހެކް ވާހަކަ.. މެހެކްއަށް ވާނުވާ ބަލާ.. އެކަމު ކޮލެޖަށް އަންނަ ގޮތަކަށް ނުވިސްނާ..” އިޝާންވެސް ވާހަކައިގައި ބައިވެރިވެލިއެވެ.

“ކެން ކޮލެޖަށް ނާންނަކަން ބިލާލްބެއަށް އެނގިއްޖެއްޔާ ވަރަށް ސަކަރާތް ވާނެ.. މިހާރުވެސް އެނގިފަ ކަންނޭނގެ އޮންނާނީ.. ގެއަށްވެސް ގެންގޮސްފާނެ.. މެހެކް.. އަހަރުންނަށް ހީވޭ މެހެކް ވާހަކަ ދައްކާލީމަ ކެން އަންނާނެހެން.. އަޅެ ޓްރައި ކޮށްލަންވީނުން.. އެއް ސެމެސްޓަރ ގެއްލިދާނެ އެހެން ނޫނީ.. އޭރުން ވަރަށް ޕްރެޝަރު ބޮޑުވާނެ އޭނައަށް..” ޝުބާ ކަންބޮޑުވުމާއިއެކު ވާހަކަ ދައްކަމުން މެހެކްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެވަގުތު މެހެކް ފުންނޭވާއެއް ލަމުން ވިސްނާލިއެވެ. މާކިން ކޮލެޖަށް ނާންނަނީ އޭނާއާއި ހެދިއެވެ. އެދުވަހު އޭނާއަށް އުޅެވުނު ގޮތުން މާކިން ބިރުގަތީ ކަންނޭނގެއެވެ. އޭނާ ހަގީގަތުގައިވެސް މާކިންއާއި ގާތްވާކަށް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް މިހާރު މާކިން އެ ޚިޔާރުކުރި މަގަކީވެސް ރަނގަޅު މަގެއް ނޫނެވެ.

“އެންމެ ރަނގަޅު.. ކިހިނެތް އަހަރެން ހަދަންވީ..” ދެގޮތަކަށް ވިސްނާލުމަށްފަހު މެހެކް އެންމެފަހުން ޝުބާއަށް ބުނެލިއެވެ. އެވަގުތު ޝުބާ އުފާވެރި ހިނިތުންވުމެއް ދެމުން މާކިންގެ ގެއަށް ދާން ތައްޔާރުވެލާށޭ ބުނެލިއެވެ.

މާކިން ކްލާސްތަކުން ނުފެންނާތީ ކަންބޮޑުވީ އޭނާގެ ރަޙްމަތްތެރިންނާއި މެހެކް އެކަންޏެއް ނޫނެވެ. އޭނާގެ ލެކްޗަރަރއިން ކޯސް ކޯޑިނޭޓަރާއި ހަމައަށްވެސް މި ޚަބަރު ގެންގޮސްފިއެވެ. މާކިންއަކީ ކޮން އާއިލާއެއްގެ ކުއްޖެއްކަން އެނގޭތީ އެ އެންމެންވެސް މާކިންއަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. އެހިސާބަށް ކަންތައް ދިއުމުން ދެން އޭނާގެ މައިންބަފައިންނަށް އެކަން ނޭނގި އޮތުމަކީ ނުވެ ނުދާނެ ކަމެކެވެ. މާކިންގެ ބައްޕަ ބިލާލުއާއި ގުޅުން ނެތް މީހަކު ނޫޅޭ މުއްސަސާއެއް ރާއްޖޭގައި މަދުވާނެއެވެ. ހުރިހާ ދިމާލަކަށްވެސް ފައިސާގެ އެހީގައި ނުފޫޒު ފޯރުވާލުމަކީ އޭނާއަށް ކުރަން ވަރަށް ފަސޭހަ ކަންކަމެވެ.

ހަވީރުގެ ވަގުތެވެ. ޓީވީއިން އަންނަމުންދިޔަ އިނގިރޭސި ފިލްމަށް ނަޒަރު ހުއްޓާލައިގެން އިން މާކިންގެ އަތުގައި ކަޕް ނޫޑްލްސް ތައްޓެއް ހުއްޓެވެ. ބަނޑުހައިވާތީ ކާން ބޭނުންވިޔަސް އޭނާ ކާހިތެއް ނުވެއެވެ. ހަދާނެ ގޮތެއް ނޭނގިފައި ނޫޑްލްސް ތައްޓަށް ބަލަހައްޓައިގެން އިން މާކިން ސިއްސައިގެން ދިޔައީ ބޭރު ދޮރުގައި ޓަކި ދިން އަޑަށެވެ. އެއީ ކާކުބާއޭ ހިތައް އަރާ ހާލު އަތުގައި ހުރި ތަށި މޭޒުމަތީ ބެހެއްޓުމަށްފަހު ކަންނެތް ގޮތަކަށް ގޮސް އޭނާ ދޮރު ހުޅުވާލިއެވެ. އެވަގުތު ކުރިމަތީގައި ހުރި މީހާ ފެނުމުން މާކިންގެ ދެލޯ ބޮޑުވިއެވެ.

“ބައްޕާ؟..” އަވަސް އަވަހަށް ހޭވިފައި ހުރި އިސްތަށިގަނޑަށް އަތް ލައްވާލާ ރީތިކޮށްލަމުން މާކިން އޭނާގެ ބައްޕަ ވަނުމަށް ތަން ދިނެވެ. ގޭތެރެއާއި  ކޮޓަރި އަދި އޭނާއަށް ހުރެވުނު ހާލަތު ހިތައް އެރުމުން މާކިން ކަންތައް ބޮޑުވިއެވެ. ބައްޕަ އަނެއްކާ އޭނާ ގެއަށް ގެންދާ ޚިޔާލުވެސް ކޮށްފާނެއެވެ.

ބިލާލް މާކިންގެ އެޕާޓްމެންޓަށް ވަންގޮތަށް ނަޒަރު ހިންގާލީ ތަރުތީބު ގެއްލިފައިވާ ސިޓިންގ ރޫމާއި ބަދިގެ ބަޔަށެވެ. ސޯފާގެ އެއް ކުޝަން ބިންމަތީގައި އޮތް އިރު، ކޮފީ މޭޒުމަތީގައި މާކިން ކާން ގެންގުޅުނު ނޫޑްލްސް ތައްޓާއި ފެންފުޅިއެއް ހުއްޓެވެ. ބަދިގޭގެ ސިންކް ކައިރީގައި ހުސްކޮށްފައި ހުރި ދެތިން ހަތަރު ކަޕް ނޫޑްލްސް ތަށި ހުއްޓެވެ. ތިރީގައި ހުރި ޑަސްބިން ކައިރިވަނީ ކުދި ކުދި ކަރުދާސްކޮޅުތަކާއި، ކުނިކޮޅުތަކުން ފުރިފައެވެ. އެތަންތަނަށް ނަޒަރު ހިންގާލުމަށްފަހު ބިލާލް ނިތްކުރިމައްޗަށް ރޫތަކެއް ވެރި ކުރުވަމުން ސޯފާގައި އިށީނދެލިއެވެ. އޭނާ ކޮޓަރިއާއި ހިސާބަށް ދާ ޚިޔާލު ނުކުރުމުން މާކިން ހިތާއި ހިތުން ޝުކުރުވެރިވަމުން އޭނާގެ ބައްޕަ ކައިރީގައި އިށީނދެލީ އަދަބުވެރިކަމާއި އެކުގައެވެ.

“ދަރިފުޅު ބަލީތަ؟..” ބިލާލް މާކިންގެ ކޮނޑުގައި އަތް ބާއްވާލަމުން ނުހަނު ވިސްނުންތެރިކަމާއިއެކު އަހާލިއެވެ.

“ކުޑަކޮށް.. ގައިގަ ރިއްސާފަ.. ހުން ވައްތަރު ވެފަ..” ބައްޕަގެ ސުވާލު އައި ގޮތުން މާކިން ކުޑަކޮށް ނުތަނަވަސްވިއެވެ.

“އެހެންވެގެންތަ ކޮލެޖަށް ނުދަނީ.. އެހެން ވިއްޔާ ޑޮކްޓަރަށް ދައްކާފަ.. ކޮލެޖަށް އަންގަންވެސް ޖެހޭނެއެއްނު..” ބިލާލްގެ ރާގު ހުރިގޮތުން އޭނާއަށް މާކިން ބުނި ވާހަކަ ގަބޫލު ކުރެވުނުހެންނެއް ހިއެއްނުވެއެވެ. ބިލާލް އެހެން ބުނުމާއިއެކު މާކިން މޫނު އަނބުރާލީ އެމޫނަށް ވެރިވި ހިތްހަމަ ނުޖެހުމުގެ ކުލަވަރު ނުދައްކަން ވެގެންނެވެ. ހަގީގަތުގައި އޭނާ ހިތްހަމަ ނުޖެހެނީ ބައްޕަ އޭނާގެ ކަންކަމާއި ގޮތް ކިޔާތީއެއް ނޫނެވެ. ކޮންމެ ތަނެއްގައި، ކޮންމެ ކަމެއް ވިޔަސް ބައްޕައަށް އަންގާނެ މީހުން ތިބޭތީއެވެ. ނުފޫޒުގެ ބޭނުން ކުރާތީއެވެ.

“ހްމްމް.. ދެން ޑޮކްޓަރަށް ދައްކަންވީ..” މާކިން އެއްގޮތަކަށްވެސް ވެގެން އުޅޭގޮތް އޭނާގެ ބައްޕައަށް އަންގާކަށް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް ބިލާލްއަށް އޭނާގެ ދަރިފުޅުގެ މޫނުމަތިން ތަފާތުކަމެއް ފާހަގަ ކުރެވުނެވެ. ވެގެން އުޅެނީ ސީދާ ކޮން ކަމެއްކަން ނޭނގުނަސް މާކިންގެ ހަރަކާތްތަކާއި މިޒާޖުގައިވާ ތަފާތު ފާހަގަ ކުރެވުނެވެ. އަދި އޭނާއަށް އެކަން ފާހަގަ ވިޔަ ނުދިނުމަށް މާކިން ކުރަމުން ދިޔަ މަސައްކަތްވެސް އެނގުނެވެ. ތެދެކެވެ. މާކިންއަކީ އެ އުމުރުގެ ކުދިންނާއި ބަލާފައި ސާފުތާހިރު، ތަރުތީބު އަދި އަމިއްލައަށް އަމިއްލަ ކަންތައްތައް ކޮށްލުމަށް ލޯބިކުރާ ކުއްޖެކެވެ. އެހެން ނަމަވެސް މިއަދު މާކިން ދިރިއުޅެމުންދާ ތަނުގެ ތެރެއަށް ބަލާލާފައި އޭނާއަށް ކުރިން ނުވާފަދަ ކޮންމެވެސް ބޮޑުކަމެއް ކުރިމަތިވެފައިވާކަން ބިލާލްގެ ވިސްނުންތެރި ސިކުނޑި ބުނެދިނެވެ. މާކިން ނުބުނިކަމުގައިވިޔަސް އޭނާ ވެގެން އުޅޭގޮތް ހޯދާނެއެވެ.

“އެންމެ ރަނގަޅު.. ގޭތެރެ ސާފުކުރާ މީހާއަށް ގުޅާ.. ސާފުކުރުވާ.. މާ ބޮޑަށް ގޯސް ވާނަމަ އެކަނި އުޅޭނެ ކަމެއް ނެތް.. ގެއަށް ދާން ވާނީ..” ބިލާލްގެ އަޑުގައި މަޑުމައިތިރިކަން ވީ ނަމަވެސް ގާތްގޮތެއް ނެތެވެ. އޭނާގެ ވާހަކަ ހުރިގޮތުން މާކިންގެ ބޮލުގައި ރިއްސާލިއެވެ. ބައްޕަމެން ކައިރީ އުޅެން ގެއަށް ދާކަށް އޭނާ ކުޑަކޮށްވެސް ބޭނުމެއް ނޫނެވެ.

“ކޮލެޖަށް ކިރިޔާ ދެވުނަސް ދާތި.. ސްކިޕް ނުކުރާތި.. މާކިންއަށް އެނގެން ވާނެ ބައްޕަ ލަދު ގަންނާނެ ވަރު..” ބިލާލް އެންމެ ފަހުން ބުނެލިއެވެ. އެއާއިއެކު މާކިން ދެދަތްޕިލަ ޖައްސާލަމުން ބޯ ޖަހާލިއެވެ. ބައްޕަ ލަދު ގަންނަނީ އެކަމާއި ހެއްޔެވެ؟ މީހުންގެ އަމިއްލަ ކަންކަމާއި، ވަޒީފާތަކާއި، ސިޔާސީ ކަންކަމުގައި ނުފޫޒު ފޯރުވާކަށް ލަދެއް ނުގަނޭ ހެއްޔެވެ؟

“އެންމެ ރަނގަޅު.. ދެން ދަނީ.. މިއަދު ޑޮކްޓަރަށް ދައްކާ ސެޓްފިކެޓް ހޯދާ.. މާދަން ކޮލެޖަށް ދާތި..” ބިލާލް މާކިންއަށް އަމުރުކޮށްލަމުން ތެދުވިއެވެ. މާކިން ބޯ ކަހާލިއެވެ. އޭނާ ކޮލެޖަކަށް ނުދާނެއެވެ. ކޮލެޖަށް ހިނގައްޖެ ނަމަ މެހެކް ފެންނާނެއެވެ. އެ ނުތަނަވަސް މޫނާއި، ހިތާމަވެރި ލޯ ފެނިއްޖެ ނަމަ މާކިންއަށް އޭނާގެ ނަފްސު ހިފަހައްޓައެއް ނުލެވޭނެއެވެ. މެހެކްއާއި ގާތްވާން ބޭނުން ވާނެއެވެ. އެކަން އެގޮތަށް ވިޔަ ދީގެން ނުވާނެއެވެ. މެހެކްއަށް ވެފައިވާ ވަޢުދު އޭނާ ފުއްދާނެއެވެ. ކޮލެޖަށް ނުދިއުމަށް އިތުރު އުޒުރެއް އޭނާ ހޯދާނެއެވެ.

“ދަނީ.. ބައްޕަ ގުޅާނަން ފަ…” ބިލާލް ވާހަކަ ދައްކަމުން ނުކުންނަން ހިނގައިގަތް ވަގުތު މަޑު ޖެހިލަން މަޖުބޫރުވީ މާކިންގެ ގޭ ދޮރުގައި ޓަކި ޖެހި އަޑު އިވިގެންނެވެ. ސުވާލުގެ ނަޒަރަކުން މާކިންގެ މޫނަށް އޭނާ ބަލާލުމާއިއެކު ދެކޮނޑު އަރުވާލަމުން މާކިން ދޮރާއި ދިމާއަށް ދިޔައީ އަވަސް ފިޔަވަޅުތަކެއްގައެވެ.

“ސަޕްރާއިޒްޒް..” މާކިން ދޮރު ހުޅުވާލުމާއިއެކު ޝުބާއާއި އިޝާން އެކުއެކީގައި ކަހަލަ ގޮތަކަށް ހަޅޭއްލަވައިގަތެވެ. ސިއްސައިގެން ގޮސްފައި ތުންފަތަށް ހިނިތުންވުމެއް ވެރިވި މާކިންއަށް އޭރު އެދެމީހުންގެ ފަހަތުގައި، އެދެމީހުންގެ ނިވަލުގައި މީހަކު ހުރިކަން ފާހަގަވިއެވެ. ބޯ އަރިކޮށްލަމުން އެއީ ކާކުތޯ ބަލާލަން އުޅުނު ވަގުތު ޝުބާއާއި އިޝާން އެކަކު އަނެކަކާއި ދުރަށް ޖެހިލިއެވެ. އެވަގުތު ފެނިގެން ދިޔަ މަންޒަރުން މާކިންގެ ހިތުގެ ހިނގުން ބާރުވެލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ތުންފަތަށް ފިރިހެންވަންތަ ހިނިތުންވުމެއް ވެރިވެ، މޫނުމަތި އުޖާލާވެގެން ދިޔައެވެ. އޭނާގެ ކުރިމަތީގައި އޭނާގެ މޫނަށް ބަލަހައްޓައިގެން އެހުރީ އޭނާގެ ހިތުގެ ފަރުވާއެވެ. އެ ހިތުގެ ވިންދެވެ. އޭނާގެ ލޯބިވާ މެހެކްއެވެ.

“މެހެކް..” މާކިން މެހެކްގެ ނަން ކިޔާލަމުން ކުރިއަށް ފިޔަވަޅެއް އަޅާލި ވަގުތު ގޭތެރޭގައި އޭނާގެ ބައްޕަ ހުރިކަން ހަނދާންވުމުން މަޑުޖެހިލިއެވެ. އަދި އެ ތިން މީހުންނަށް އެތެރެއަށް ވަނުމަށް ތަން ދައްކާލަމުން ލޮލުގެ އިޝާރާތުން ޝުބާއަށާއި އިޝާންއަށް އޭނާގެ ބައްޕަ ދައްކާލިއެވެ.

“އަނހާ ޝުބާ.. އިޝާން.. މާކިންއަށް ގޮވާލަންތަ ތިއައީ..” ބިލާލް ފެނުމުން މަޑުމައިތިރިވީ ޝުބާއާއި އިޝާންއަށް ހިނިތުން ވެލަމުން އޭނާ ވާހަކަ ދެއްކިއެވެ. އޭރު އެތާ ދެން ހުރި ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އަދި އޭނާގެ ދަރިފުޅު މާކިން އެކުއްޖާގެ މޫނަށް ބަލަހައްޓައިގެން ހުރި ގޮތްވެސް ފެނުނެވެ. އެކުއްޖާ ފެނުމާއިއެކު މާކިންގެ މިލާ މޯޅިވެފައިވާ މޫނަށް އައި ބަދަލުވެސް ފާހަގަވިއެވެ. ހިނިތުންވެލާފައި ހުރިއިރު މާކިންގެ ލޮލުގައިވާ ވިދުވަރު ބިލާލްއަށް ފެނުނެވެ. ހަމަ އެއާއިއެކު މާކިންއަށް ޖެހިގެން އުޅެނީ ކޮން ބައްޔެއްކަން އޭނާގެ ވިސްނުންތެރި ސިކުނޑިއަށް ނަގައިގަނެވުނެވެ.

“ލައްބަ.. ބިލާލްބެ ކީކުރަނީ..” ޝުބާ ހީނލަމުން ބިލާލްއަށް ޖަވާބުދިނެވެ.

“ހަމަ މާކިން އުޅޭ ނޫޅޭ ގޮތް ބަލާލަން މި އައީ.. މިހުރީ ކޮން ކުއްޖެއް.. އެހެންޏާ ނުފެނޭ..” އިސް ޖަހާލައިގެން ހުރި މެހެކްއަށް އިޝާރާތްކޮށްލަމުން ބިލާލް އަހާލިއެވެ. އެވަގުތު މެހެކްގެ މޫނަށް ބަލަހައްޓައިގެން ހުރި މާކިން ކުއްލިއަކަށް ބިލާލްއަށް ބަލާލިއެވެ.

“މީ މެހެކް.. ކޮލެޖުގަ.. ކްލާސް މޭޓެއް.. މާކިން ބަލިވެ އުޅޭތީ އަޅުގަނޑުމެން އެކީ އެއައީ..” ޝުބާ ހިނިތުންވެލަމުން އާދައިގެ ގޮތަކަށް ބުނެލިއެވެ. އޭރު މެހެކްވެސް އިސް އުފުލާލާ އަދަބުވެރިކަމާއިއެކު ބިލާލްއަށް ބޯ ޖަހާލިއެވެ.

“އެހެންތަ.. އެންމެ ރަނގަޅު.. މާކިން ބައްޕަ ދެން ދިޔައްޔޭ..” ބިލާލް މާކިންގެ ކޮނޑުގައި އަތްބާއްވާލުމަށްފަހު ނުކުންނަން ހިނގައިގަތެވެ.  ދޮރުކައިރިއަށް ގޮސްފައި ނުރައްކާތެރި ނަޒަރަކުން އޭނާ މެހެކްއަށް ބަލާލިކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.

“މެހެކް..” ހިތާއި ހިތުން މެހެކްގެ ނަން ކިޔާލި އިރު ބިލާލްގެ މޫނުގައި ވަނީ ސީރިއަސްކަމެވެ. މެހެކްއަކީ ކާކުކަން އޭނާ ހޯދާނެއެވެ. އެހާ އަވަހަށް މާކިން އެފަދަ ހާލަތަކަށް ވެއްޓެން މެދުވެރި ކުރުވި އަންހެން ކުއްޖާއަކީ ކާކުކަން ހޯދާނެއެވެ.

“ކީކުރަން ކެންގެ ބައްޕަ އައީ؟..” ބިލާލް ދިޔުމާއިއެކު އިޝާން ވައި އަޑުން ކަހަލަ ގޮތަކަށް އަހާލިއެވެ. އެއާއިއެކު މާކިން އޭނާގެ ބައްޕަ އައި ސަބަބު އެމީހުންނަށް އޮޅުން ފިލުވައިދިނެވެ. އޭރު މެހެކް ހުރީ ގޭތެރޭގެ ގެއްލިފައިވާ ތަރުތީބު ފެނި ކޮންމެވެސް ވަރަކަށް ހައިރާން ވެފައެވެ.

“ކެން.. އަހަރުން އެބަ އަންނަން..” އިރު އިރުކޮޅުން މާކިންގެ ނަޒަރު މެހެކްއަށް ހުއްޓޭތަން ފެނުމުން ޝުބާ އެންމެފަހުން އިޝާންގެ އަތުގައި ހިފައިގެން އެގެއިން ނުކުންނަން ހިނގައިގަތެވެ. އެމީހުން ދިއުމާއިއެކު މެހެކް މާކިންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ހިނިތުންވެފައި ހުރި ނަމަވެސް އެމޫނުގައިވާ ވަރުބަލިކަން މެހެކްއަށް ސިއްރެއް ނުވެއެވެ. ލޯ ކައިރި ކަޅުވެފައި، އިސްތަށިގަނޑުގައި އެއްވެސް ތަރުތީބެއް ނެތެވެ. މާކިންއަށް އެހާވަރު ވަމުން އެދަނީ ހަމަ އޭނާގެ ލޯތްބައްޓަކައި ހެއްޔެވެ؟ މެހެކް ދެފަރާތަށް ބޯ ހޫރާލަމުން ސޯފާގައި އިށީނެވެ. ހަމަ އެއާއިއެކު މާކިންވެސް އިށީނެވެ. އޭނާ އިނީ މެހެކް އައުމުން ވަރަށް އުފާވެފައެވެ. އެހެން ނަމަވެސް މެހެކް ދައްކާނެ ވާހަކައެއް ނޭނގޭތީ ކޮންމެވެސް ވަރަކަށް ނުތަނަވަސްކަންވެސް އެހިތުގައި ވެއެވެ.

“މާކިން.. އަހަރެންނާ ހެދިތަ ކޮލެޖަށް ނުދަނީ..” މެހެކް އިސް ޖަހާލައިގެން އިނދެ މަޑު މަޑުން އެހިއެވެ.

ނުނިމޭ

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Laya

Level 310 Stories100 Login

I found peace in writing ❤️

Other Articles

Previous

ނޭނގޭ! ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ(11)

Next

އަހަރެންގެ ދުނިޔެ

Next
June 8, 2020

އަހަރެންގެ ދުނިޔެ

Previews
June 8, 2020

ނޭނގޭ! ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ(11)

7 Comments!

  1. Nish says:
    June 8, 2020 at 2:18 am

    Wow masha allah varah reethi mi partves avahan up kondhineema thankx.thankolheh dhigukodheythi igey next part

  2. Kylie says:
    June 8, 2020 at 11:25 am

    Maasha allah v reethi mi part vx… Waiting fr nxt part… LYSM sis

  3. Lim says:
    June 8, 2020 at 12:14 pm

    Vvvv.salhi vaahaka.waiting for the next part ?? kithah part ge vaahaka eh mee

  4. R ❤ says:
    June 8, 2020 at 4:40 pm

    Maashaa Allah varah reethi ?

  5. ?Aashko?? says:
    June 9, 2020 at 10:10 am

    Maasha Allah
    V reethi mi part ves when is next sis.
    So curious to read the next part.
    Ly sis

  6. Layaaa says:
    June 9, 2020 at 12:17 pm

    Thannx 2 kudhin.. mihaaru 11th episode submit kollaafa innaany ingey <3

  7. Inaaaa says:
    June 9, 2020 at 12:59 pm

    When next part? Varah reethi mi part ves?

Comments are closed.

Next Episodeނުފިލާނޭ މިހިތަކުން… 11←


All Right Reserved!