ނުފިލާނޭ މިހިތަކުން… 9
ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ
ލޯބިވެރިއެއް ތި ނޫނީ މަށެއް ނޭދެމޭ
“މެހެކްއަށް މިހާރު އެނގޭނެ އަހަރެންގެ ހިތުގަ މެހެކްއަށްޓަކައި ވާ އިހުސާސްތައް……” “މާކިން އަޅެ ކިހިނެތްތަ ވެގެން ތިއުޅެނީ؟.. ކިތައް ފަހަރު ބުނިއްޔާތަ އަޑު އަހާނީ.. އަހަރެންނަށް އުނދަގޫވެއޭ..ދުރަށް ދާށޭ.. ނާންނާށޭ.. ނުވިސްނާށޭ.. މާކިންއަކަށް ނީވޭތަ މިބުނާ އެއްޗެއް” މާކިން އޭނާގެ ހިތުގައިވާ އިހުސާސްތައް ހާމަކޮށްލަން އުޅުނު ވަގުތު އޮށޯވެ އޮތް މެހެކް ކުއްލިއަކަށް ތެދުވެ އިށީންނަމުން ރުޅިވެރިމަކާއިއެކު ބުނެލިއެވެ. އެއާއިއެކު އެ ބޮޑު ދެލޮލުން ފެނުނު ރުޅިވެރި ކަމުގެ ސަބަބުން މާކިން ޖެހިލުންވިއެވެ. މެހެކްގެ ދުލުން އޭނާއާ ދިމާއަށް އެބުނެލި ބަސްތަކުން ހިތުގައި ޖެހުނެވެ. އެހެން ނަމަވެސް މެހެކްގެ ނަފްސާނީ ޙާލަތު ރަނގަޅު ނޫންކަން ހިތައް އެރުމުން އޭނާ ކެތްތެރިވާން މަސައްކަތް ކުރިއެވެ.
“ނުތެދުވޭ.. ބޮލަށް އެނބުރުން އަރާފާނެ.. އަހަރެން އުނދަގުލެއް ނުކުރަމެއްނު.. މެހެކް ގެއިން މީހަކު އަންނަހާ އަވަހަކަށް ދާނަން..” މާކިން ހަމަ ޖެހިލަން މަސައްކަތް ކުރަމުން މެހެކްގެ ދެކޮނޑުގައި ހިފާ ބާލީހުގައި ބާއްވާލިއެވެ.
މާކިންގެ އޯގާތެރިކަމާއި އަޅާލުން ލިބެމުން ދިޔަ ވަރަކަށް މެހެކްގެ ހިތުގައިވާ ނުތަނަވަސްކަން ވަމުން ދިޔައީ އިތުރެވެ. އިތުރު މީހަކު އޭނާއާއި މެދު ވިސްނަން ފެށީއެވެ. އިތުރު މީހަކަށް އޭނާގެ އުނދަގޫ ފޯރަން ފެށީއެވެ.
“މެހެކް.. ސުއިސައިޑް ކުރަން އުޅުނީ ކީއްވެ..” މާކިންގެ ގާތްކަމާއި މެދު ވިސްނަން އޮތް މެހެކް ސިއްސައިގެން ދިޔައީ މާކިން ކުއްލިއަކަށް ކޮށްލި ސުވާލަކުންނެވެ. އޭނާ އަވަސް އަވަހަށް މާކިންގެ މޫނަށް ބަލާލި އިރު މާކިން އިނީ އޭނާގެ އަތުގައިވާ ލަކުނުތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. އެކަންވެސް އެނގުނީއެވެ. މާކިން އެދަނީ ފޮތެއް ފަދައިން އޭނާގެ ނަސީބު ދެރަ ހަޔާތުގެ ސަފްޙާތައް ނިއުޅާ، ކިޔަމުންނެވެ.
“މާކިން ނުޖެހޭނެ ބަލާކަށް..” ހެދުމުގެ އަތުކުރި ތިރިކޮށްލަމުން މެހެކް އަނެއްކާވެސް މާކިންގެ ހިތުގައި ޖައްސާލަމުން ބުނެލިއެވެ.
އެ ރޭގެ ފަހުބައި ހޭދަވެގެން ދިޔައީ ހަމަ ހިމޭންކަމާއިއެކުއެވެ. ގާތްގަނޑަކަށް ހެނދުނުވުމާއި ހަމައަށް މެހެކް ނިދާފައި އޮތުމުން މާކިންއަށް އިތުރަށް އޭނާއާއި ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބެއެވެ. ބޭނުންވާ ވަރަށް ލޭ އެޅުމުން ބަލަން ޖެހޭ އިތުރު ކަންތައްތައް ބެލުމަށްފަހު ހޮސްޕިޓަލުން މެހެކް ދޫކޮށްލީ ބޭސްތަކަކާއި، ނަސޭހަތްތަކަކާއި އެކުގައެވެ. ގަޑިން ގަޑިއަށް ކެއުމާއި، ލެއަށް ރަނގަޅު ކާނާ ކެއުމުގައި ހިމެނުމަށާއި ބޭސްތައް ގަޑިއަށް ބޭނުން ކުރުމަށް ނަސޭޙަތްތެރިވިއެވެ. އެވާހަކަތައް ދެއްކިއިރު މެހެކް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަން މާކިންއަށް ފާހަގަ ކުރެވުނެވެ. ދިރިހުރުމުގެ ހަމަ ކުޑަވެސް އުއްމީދެއް ނެތީ ހެއްޔެވެ؟
ދުވަސްތައް ފާއިތުވެގެން ދިޔައީ އާދައިގެ ގޮތެއްގައެވެ. މާކިންގެ ހިތުގައި މެހެކްއަށްޓަކައި އުފެދެމުންދިޔަ އިހުސާސްތައް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވެ، ވަރުގަދަ ވަމުންނެވެ. ދިރިއުޅުމުގެ އެހެން ހުރިހާ ކަމެއްގެ މަތިން މާކިން ހަނދާން ނައްތާލާފައި ވާފަދައެވެ. އޭނާގެ ދިރިއުޅުމުގެ މަޤްޞަދަކީ ހަމައެކަނި މެހެކްއަށް އަޅާލުމާއި، މެހެކްއަށް ވާނުވާ ބެލުން ފަދައެވެ. މެހެކްއާއި އެކަހެރިކޮށް ވާހަކަ ދައްކާލުމުގެ ބޭނުމުގައި ގަޑި ޖެހުމުގެ މާ ކުރިން ކެމްޕަހަށް ދިއުމަކީ އޭނާގެ އާދައަކަށް ވެއްޖެއެވެ. ކްލާހުގައި އިންނަ އިރު ކިޔަވައިދެވެމުންދާ އެއްޗަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި މެހެކްގެ ހަރަކާތްތަކަށް ފާރަލުމަކީ އޭނާގެ އުފަލަކަށް ވެއްޖެއެވެ. ކްލާހުގެ އެކި އެކި ކަންކަމުގައާއި، މަސައްކަތްތަކުގައި އުޅެމުން ދާއިރު އެއްވެސް މީހެއްގެ ފޯނެއް ވައިބްރޭޓް ވެއްޖެނަމަ އެ ފޯނަކުން ވައިބްރޭޓް ކަނޑުވާލުމަކީ އޭނާގެ ޒިންމާއަކަށް ވެއްޖެއެވެ. ލިފްޓްގެ ބަދަލުގައި މެހެކްގެ ފަހަތުން ސިޑިން ދަތުރުކުރުމަކީ އޭނާއަށް އާދައިގެ ކަމަކަށް ވެއްޖެއެވެ. ކްލާހުގައި، ނުވަތަ ކެމްޕަހުގައި ހުއްޓާ ވިއްސާރައިގެ ކަންފުޅެއް ވިޔަސް އޭނާ މެހެކްގެ ގާތަށް ދެއެވެ. މި ބޭނުމުގައި އޭނާ އާންމުކޮށްވެސް މިހާރު ކްލާހުގައި އިންނަނީ މެހެކްގެ ފަހަތުގައެވެ. އެ ނޫން ވަގުތެއްގައި، އުޑުމަތި ބަނަވެލައި ވިއްސާރައިގެ ކުލަވަރު ފެނިލިޔަސް އޭނާ މެހެކްއަށް ހުއްޓާނުލާ މެސެޖު ކުރެއެވެ. ގިނަ ފަހަރު މެސެޖުތަކުގައި ދައްކަނީ ފިލާވަޅެއްގެ ވާހަކައެވެ. މާކިންގެ މަޤްޞަދަކީ އެފަދަ ވަގުތުތަކުގައި މެހެކް އެކަނި ވިޔަ ނުދިނުމެވެ.
މާކިންގެ މިޒާޖާއި އުޅުމަށް އަންނަމުންދިޔަ ބަދަލުތައް އޭނާގެ އެންމެ ގާތް ދެ ރަޙްމަތްތެރިންނަށް ސިއްރެއް ނުވެއެވެ. މެހެކްއަށް މާކިން ދޭ ސަމާލުކަން އެ ދެމީހުންނަށް ފާހަގަ ކުރެވެއެވެ. އެންމެ ފަހުން އެކަމާއިމެދު ހުއްޓުމެއްނެތި ސުވާލު ކުރަން ފެށުމުން މާކިން އޭނާގެ ހިތުގެ ހަގީގަތް އޭނާގެ ރަޙްމަތްތެރިންނަށް ކިޔާދިނެވެ. މެހެކްއަށްޓަކައި އެހިތުގައިވާ ލޯބި ހާމަކުރިއެވެ. އުމުރުގެ ތަފާތާއި މެދު އެމީހުން ސުވާލު ކުރުމުން މާކިންގެ ޖަވާބަކަށްވީ އޭނާ މެހެކްދެކެ ލޯބިވީ ގަސްތުގައި ނޫންކަމެވެ. އަދި އެ ލޯބި ހާސިލްކުރުމަށް އޭނާއަށް ފަސޭހަ ނުވާނެ ކަމެވެ. އެހެން ނަމަވެސް އެންމެ ފަހަރަކު މެހެކް ފުރަގަސް ދިނުމުން އެ ލޯބި މަތިން ހަނދާން ނައްތާލާ ވަރަށް ވުރެ އޭނާގެ ހިތުގައި އުފެދިފައިވާ ލޯބި ވަރުގަދަ ކަމެވެ. އެވާހަކަތައް އަޑު އެހުމަށްފަހު ޝުބާއާއި އިޝާން ހައިރާންވީ ނަމަވެސް މާކިންއަށް ހިތްވަރު ދިނެވެ. މާކިން ކުރިމަތިލާ ކޮންމެ ކަމެއްގައި އޭނާއާއި އެކު އެދެމީހުން ތިބޭނެ ކަމުގެ ޔަގީންކަށް ދިނެވެ. އެކަމާއި މާކިން ޝުކުރުވެރިވިއެވެ. އެއީވެސް އޭނާއަށް ލިބުނު ހިތްވަރެއް ކަމުގައި ވިއެވެ.
މާކިންގެ ދުވަސްތައް މިގޮތުގައި ހޭދަ ވަމުން ދާއިރު މެހެކް ކުޑަކޮށްވެސް އޭނާއާއި އިތުރަށް ގާތްވުމަށް ކުޑަ ފުރުޞަތެއްވެސް ނުދެއެވެ. އޭނާއާއި ބައްދަލުވުމަށް މާކިން ހެނދުނު ކޮލެޖަށް ދާން ފެށުމުން އޭނާ ދަނީ ލަހުންނެވެ. ކްލާހުގައި އޭނާގެ ފަހަތުގައި މާކިން އިންނަން ފެށިޔަސް އެކަން ފާހަގަވީ ކަމަކަށް އޭނާ ނުހަދައެވެ. ވިއްސާރަ ވާ ވަގުތުތަކުގައި މާކިން އޭނާ އެކަނިވިޔަ ނުދިނުމަށް ކުރާ މަސައްކަތް ފެނުނު ނަމަވެސް އޭނާ އެކަން ދެނެހުރި ކަމަކަށް ނުހަދައެވެ. މާކިންގެ މެސެޖްތަކުން އޭނާގެ އިންބޮކްސް ފުރެމުންދާއިރު، އޭނާ މާކިންއަށް ކޮށްފައިވާ މެސެޖު އިނގިލިތަކުން ގުނާލެވޭހާ މަދެވެ. ހަގީގަތުގައި މާކިންގެ އެފަދަ ކޮންމެ އަމަލަކުން، މެހެކްއަށް ވަނީ އިތުރު އުނދަގުލެކެވެ. އޭނާއަށް މިހާރު މާކިންއަކީ ހިތާމައާއި ޝަކުވާއިން ފުރިފައިވާ ހިތާއި ސިކުނޑިއަށް ވިސްނަން އިތުރުވެފައިވާ ބޮޅެކެވެ. އޭނާގެ ބޮލުގެ ރިހުމަށް އިތުރުވެފައިވާ ނަމްބަރެކެވެ.
ހަވީރުގެ ވަގުތެވެ. ޖެހިގެން އޮތް ދުވަހަށް ނިންމަން ޖެހޭ ޓިއުޓޯރިއަލް އެއްގެ މަސައްކަތުގައި އިޝާންއާއި، ޝުބާއާއި، މާކިން އަދި މެހެކް ތިބީ މާކިންގެ އެޕާޓްމެންޓްގައެވެ. ދާން ބޭނުން ނުވެފައި ހުރެގެންވެސް މެހެކްއަށް އެގެއަށް ދާން ޖެހުނީ ޝުބާ އާދޭސް ކުރާ ވަރުންނެވެ. މެހެކްއަށް ކިތަންމެ ފަސޭހަޔަސް އެ ތިން މީހުންނަށްވެސް އެ މާއްދާއަކީ ނުހަނު އުނދަގޫ މާއްދާއެކެވެ. އެހެން ކަމުން މެހެކް އެދުވަހު ގޮސް އެއިނީ އެމީހުންނަށް އެހީތެރި ވުމުގެ ގޮތުންނެވެ.
“ވިއްސާރަ ހަދާފަ ދޯ އޮތީ.. ހިނގާ އަވަހަށް ދެވޭތޯ ބަލަން..” ޓިއުޓޯރިއަލް ނިމުމާއިއެކު އިޝާން ބެލްކަނިން ބޭރު ބަލާލުމަށްފަހު ޝުބާއަށް ބުނެލިއެވެ. އެއާއިއެކު މެހެކްއަށް ނުތަނަވަސްކަމާއިއެކު ބެލްކަންޏާއި ދިމާއިން ބޭރަށް ބަލާލެވުނެވެ. ހަމަ އެވަގުތު އެ ނުތަނަވަސްކަން އޭނާއާއި ނުހަނު ގާތުގައި އިން މާކިންއަށް ފާހަގަ ކުރެވުނެވެ.
“އެކަމަކު މަށަށް މިބައި އަދި ހަމަ އެއްގޮތަކަށްވެސް ނޭނގޭ..” ޝުބާއާއި އިޝާންގެ ފަހަތުން ދިއުމަށް މެހެކް ތެދުވި ވަގުތު މާކިން އޭނާގެ އަތުގައި އޮތް ކަރުދާސް ދައްކާލަމުން ބުނެލިއެވެ. އެ ސުވާލަކީ މެހެކްއާއި އެކުގައި ވަކިން ވަގުތުކޮޅެއް ހޯދުމަށް ގަސްތުގައި ދޫކޮށްލި ސުވާލެކެވެ. މިއަދު އޭނާ ބޭނުންވަނީ އެހިތުގައިވާ ލޯބި މެހެކްއަށް ހާމަކޮށްދޭށެވެ. އެކަން ޝުބާއަށާއި އިޝާންއަށް އެނގުމުން އެދެމީހުން އެކަކު އަނެކަކަށް ބަލާލުމަށްފަހު ހީނލިއެވެ.
“އަޅޭ.. އެކަމު ނުހަދާ ދިޔަސް ކަމަކު ނުދާނެ.. މެހެކް ކެންއަށް ކިޔާދޭންވީނު.. އަހަރުން މަޑު ނުކުރިޔަސް އޯކެ ވާނެ.. ވާރޭ ވެހިގަނެއްޖެއްޔާ ހުއްޓާނެ އިރެއްވެސް ނޭނގޭ.. މްމް.. ނިމުނީމަ ކެން މެހެކް ގެއަށް ގެންގޮސްދޭތި..” ޝުބާ އޭނާގެ އާދައިގެ ހަލުވިކަންމަތީ ވާޙަކަ ދައްކަމުން އިޝާންގެ އަތުގައި ހިފައިގެން އެގެއިން ނުކުތީ މެހެކް ބުނާ އެއްޗަކަށް ބެލުމެއް ނެތިއެވެ.
ޝުބާމެން ގޮސް ދެމީހުން އެކަނި ވެލުމުން މާކިން ފަރުވާތެރިކަމާއިއެކު މެހެކްއަށް ބަލާލީ ހިނިތުންވެލަމުންނެވެ. މެހެކް ލާފައި ހުރީ ކަޅު ނޫ ކުލައިގެ ކުރުތާއަކާއި، މަޑު ނޫކުލައިގެ ޖީންސެކެވެ. ބޮލުގައި ކުރުތާއާއި އެއްކުލައެއްގެ ޝޯލްއެއް އާދައިގެ ގޮތަކަށް އޮޅާލާފައި ހުއްޓެވެ. ޝޯލްގެ ސަބަބުން މޫނުގެ ބައްޓަން ފެންނަނީ ކުކުޅުބިސް ބުރަށެވެ. ހުދުކުލަ އަރާ މޫނުގައިވާ މަޑުމައިތިރިކަން އަބަދުވެސް ހުންނަ ފަދައިން އެމޫނުގައި ހަރުލާފައިވެއެވެ. ބައްޓަން ރީތި ކަޅުކަން ގަދަ ބުމަ ކައިރިކޮށްލާފައިވުމުގެ ސަބަބުން އެމޫނުގައިވާ ނުތަނަވަސްކަން ނުހަނު ރީއްޗަށް ފާޅުވެއެވެ. ތިރިކޮށްލާފައިވާ ދިގު އެސްފިޔަތަކުން ހިޔާއެޅި ފޮރުވާލެވިފައިވާ ދެލޮލުގައި އެންމެ ފަހަރަކުވެސް އުފާވެރިކަން ނުވަނީ ކީއްވެހެއްޔެވެ؟ ލިޕް ގްލޮސްގެ ސަބަބުން ފިޔާތޮށި ކުލަ އަރަމުންދިޔަ ރީތި ތުންފަތުން ހިނިތުންވުމެއްގެ ކަންފުޅެއްވެސް ނުފެނެއެވެ.
“ކޮން ތަނެއްތަ ނޭނގުނީ..” މެހެކްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރި މާކިންގެ މޫނަށް ބަލާލަމުން މެހެކް އެންމެފަހުން ބުނެލިއެވެ. އޭނާގެ އަޑުގައި ޝައުގުވެރިކަމެއް ނެތެވެ. ދެންވެސް މާކިންގެ ނަޒަރު މެހެކްގެ މޫނުން ވަކިކޮށެއް ނުލިއެވެ. ހީވަނީ މެހެކްގެ މޫނު އޭނާގެ ކުރިމަތިން ގެއްލިދާނެތީ އުޅޭހެންނެވެ.
“މާކިން..” މާކިންގެ އެއްވެސް ޖަވާބެއް ނުލިބުމުން މެހެކް ސޯފާގައި އިށީނދެލަމުން ތަންކޮޅެއް ބާރަށް އޭނާއަށް ގޮވާލިއެވެ. އެއާއިއެކު މާކިން އައިސް މެހެކްގެ ގާތުގައި އިށީނެވެ. އޭރު މެހެކް އިނީ މާކިންގެ ޓިއުޓޯރިއަލް ކަރުދާސް ނަގާ އެއަށް ބަލަހައްޓައިގެންނެވެ.
“މެހެކް.. އަހަރެން ވާހަކައެއް ބުނަން ބޭނުން…” މެހެކްގެ އަތުގައި އޮތް ކަރުދާސް އަތުލަމުން މާކިން މަޑުމަޑުން ބުނެލިއެވެ. މެހެކް ހިތްހަމަ ނުޖެހޭނެވަރު ހިތައް އަރާތީ މާކިން އިނީ ޖެހިލުންވެފައެވެ.
“މާކިން.. ނޭނގޭ އެއްޗެއް އޮތިއްޔާ ބުނެބަލަ.. އަހަރެން ދާން ވެއްޖެ.. ” މެހެކްއަށް މާކިން ދެއްކި ވާހަކަ އަޑު ނީވޭ ފަދައެވެ.
“އަޑު އަހާބަލަ މެހެކް.. އަހަރެން ދައްކާ ވާހަކައަށް އަޅާނުލަނީ ކީއްވެތަ؟..” މެހެކްގެ މޫނުގައި ހިފާ، މާކިންއާއި ވީ ފަރާތަށް އެނބުރުވުމަށްފަހު ގަދަކަމުން އިސް އުފުލުވަމުން އޭނާގެ އަޑަށް ބާރު ލާފައި ބުނެލިއެވެ. އޭރު މާކިންގެ ލޮލާއި ލޯ ހަމަ ކޮށްލައިގެން އިން މެހެކްގެ ދެބުމަ ކައިރިވެ ކަރުނަތައް ލޮލުތެރެއަށް ގިނަވާން ފަށައިފިއެވެ. މާކިންގެ އެ ގާތްކަން އޭނާއަށް ތަޙައްމަލެއް ނުކުރެވޭނެއެވެ.
“މެހެކް.. އައި ލަވް ޔޫ.. މެހެކްގެ ތި އެކަނިވެރިކަން ފިލުވާދެން ބޭނުން.. އެހީ ވެދެން ބޭނުން.. ޕްލީޒް.. މަށަށް ފުރުޞަތެއް ދީބަލަ..” ކަރުނައިން ފުރެމުންދިޔަ މެހެކްގެ ލޮލަށް ބަލަހައްޓައިގެން އިނދެ މާކިން ލޯބިން ފުރިގެންވާ އަޑަކުން ބުނެލިއެވެ. އެހެން ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ރީތި މަންޒަރު ބަދަލުވެގެން ދިޔައީ މާކިންގެ އަތް ފޮޅުވާލުމަށްފަހު މެހެކް ކޮޅަށް ތެދުވުމުންނެވެ.
“މެހެކް…” “ހުއްޓާލާ…” މާކިން ތެދުވެ މެހެކްގެ އަތުގައި ހިފާލުމާއިއެކު މެހެކް އެއަތް ފޮޅުވާލަމުން ކަރުތެރެއިން ހަޅޭއްލަވައިގަތެވެ. އެއާއިއެކު މާކިންއަށް ލިބުނު ސިހުމާއި ހައިރާން ކަމާއިއެކު ދެލޯ ބޮޑުކޮށްފައި މެހެކްއާއި ދިމައަށް ބަލަހައްޓައިގެން ހުއްޓެވެ.
“މާކިންއަކަށް އަޑެއް ނީވުންތަ އަހަރެން އުނދަގޫ ވެއޭ ބުނި އިރު.. އަޑެއް ނީވުންތަ ނުވިސްނާށޭ ބުނިއިރު.. މާކިންއަކަށް ނޭނގޭތަ އަހަރެންގެ ހަގީގަތެއް.. އަހަރެން މާކިންއަށް ވުރެ ދޮށީ.. 8 އަހަރު ދޮށީ.. ލޯތްބޭ ކިޔާފަ ކުޅިވަރު ކުޅެން އަހަރެން ނޫނީ ނުފެނުންތަ..”ލޮލުން ފައިބަމުންދިޔަ ކަރުނަތަކާއިއެކު އަޑުގެ ނެތް ތަނަށް މެހެކް މާކިންއާއި ދިމާއަށް އެއްޗެހި ކިޔަމުން ދިޔައިރު އެ ރުޅިވެރިކަން ފެނި މާކިންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ކުރީ ދުވަހު ބުނީމެއްނު އަހަރެންގެ ދިރިއުޅުމަށް ވެފަ އޮތް ގޮތް.. މާކިންއަށް ހީވޭތަ އަހަރެން ހިތުގައި އެހެން މީހަކަށް ދޭނެ ލޯތްބެއް އޮންނާނެހެން.. ކިހިނެތް އަހަރެން މީހަކު ދެކެ ލޯބިވާނީ.. މީހެއްގެ ލޯބި ގަބޫލު ކުރާނީ.. ދިރިއުޅުންވެސް އަހަންނަށް ވަނީ ބުރައަކަށް.. އެންމެ ދުވަހެއްގެ އެންމެ ވަގުތުކޮޅެއްވެސް އަހަރެން އުޅޭ ހިތަކުން ނޫޅެން.. އަހަރެންގެ ލޯބިވާ ފިރިމީހާއާ ދަރިފުޅު ވީ ތާކަށް ދާން އަހަރެންވެސް ބޭނުން.. މަރުވާން ބޭ…..” “މެހެކް…” މެހެކް އަޑަށް ބާރުލާފައި މާކިންއަށް އެއްޗެހި ކިޔަމުން ދަނިކޮށް ކުއްލިއަކަށް އޭނާ މެހެކްގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ވާހަކަ ހުއްޓުވާ ދެފަރާތަށް ބޯ ހޫރާލިއެވެ.
“ޕްލީޒް.. ތިކަހަލަ އެއްޗެހި ނުކިޔާ.. މެހެކްގެ ހާލަތު ނޭނގޭތީއެއް ނޫނޭ.. އަހަރެންގެ ލޯބިން މެހެކްގެ ހިތް ފުރާލަދޭ…..” މާކިންއަށް އޭނާ ބުނަން ބޭނުންވި ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އަނެއްކާވެސް މެހެކް ހަޅޭއްލަވައިގަންނަމުން މާކިންއާއި ދުރަށް ހިނގައްޖެއެވެ.
“މާކިންއަށް އެނގޭތަ މާކިންއާ ހެދި އަހަރެންނަށް ހާދަ އުނދަގޫވެޔޭ.. މިހެން ބުނީމަ ގަބޫލު ނުކުރަނީ ކީއްވެތަ؟.. އުނދަގޫ ވާތީއޭ އެހެން ބުނަނީ.. މާކިންގެ ސަބަބުން އަހަރެންނަށް އިތުރަށް ކަންކަމާ ވިސްނަން ޖެހޭ.. ކުރިއަށްވުރެ ބޮޑަށް ފިކުރު ކުރަން ޖެހޭ.. ކަންބޮޑުވޭ.. ޕްލީޒް މާކިން.. އަހަރެންނާ ކައިރި ނުވޭ.. އަހަރެންނަށް އުނދަގޫ ނުކުރޭ.. ދުރަށްދޭ.. ޕްލީޒް.. އަހަރެންގެ ހާލަށް އަހަރެން ދޫކޮށްލާ.. ހެޔޮ ނުވާނެ މާކިން..” މެހެކްގެ އަޑުގައިވާ ހަރުކަށިކަން ފިލާ އޭނާއަށް ގިސްލެވެން ފެށިއެވެ. އޭރު މަންޒަރު ބަލަން ހުރި މާކިންގެ ލޯ ކަރުނުން ފުރިއްޖެއެވެ. މެހެކް އޭނާއާއި ދިމާއަށް ދެންމެ އެބުނި ކޮންމެ ބަހެއް އޭނާގެ ހިތުގައި ޒަޚަމްތަކެއް ލައްވައިފިއެވެ. އެހެން ނަމަވެސް އަދިވެސް.. އަދިވެސް މެހެކްއާއި ދުރަށް ދިއުމަށް އެ ހިތް އެއްބަހެއް ނުވެއެވެ.
“މަށަށް އެންމެ ރަނގަޅު މެހެކް ލޯބި ނުވިޔަސް.. ވަގުތު ނުދިނަސް.. އެކަމަކު އަހަރެން މެހެކްއާއި އެކު ވުމަށް ފުރުސަތެއް ދީ… ” މާކިންގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ. އެއާއިއެކު މެހެކްއަށް ބޮލުގައި ހިފަހައްޓާލަމުން ލޯ މަރާ ބާރުކޮށްލެވުނެވެ. އޭނާއަކީ މާކިންއަށް ޖެހޭނެ ބޮޑު ބުރައެއްކަން މާކިންއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ މާކިން ހުއްޓާލާނީ ކިހިނެއް ހެދިއްޔާ ހެއްޔެވެ؟ ކުއްލިއަކަށް ހިތައް އެރި އެއްޗެއްގެ ސަބަބުން މެހެކް ބާރުބާރަށް ބަދިގެ ބަޔަށް ގޮސް ވަޅިއެއް ނަގާ އަތުގެ ކުޑަ ހުޅާ ދިމާގައި ޖެއްސިއެވެ.
“މެހެކްކް..” މެހެކްގެ ހަރަކާތްތަކަށް ބަލަން ހައިރާންވެފައި ހުރި މާކިން އޭނާ ވަޅި އަތުގައި ޖެއްސުމާއިއެކު ހަޅޭއްލަވައިގަތެވެ. ދެލޯ ބޮޑުކޮށްފައި ހުރެ ދުވެފައި މެހެކްގެ ގާތަށް ދެވުނު އިރު ލޯ ކަރުނައިން ފުރި، ހިތުގައި އިންތިހާ ދަރަޖައިގެ ބިރުވެރިކަން އުފެދިއްޖެއެވެ.
“ދުރުގަ ހުރޭ.. މާކިންއަށް ފެނުންދޯ މި އަތުގަ ހުރި ލަކުނުތައް.. އެގޮތް ބޭނުންތަ.. ބަލަން ބޭނުންތަ އެމަންޒަރު..” މެހެކްގެ އަޑުގައި ވަނީ ތުރުތުރެއް އުފެދިފައެވެ. ދެލޯ ބޮޑުކޮށްގެން މާކިންއަށް ބިރު ދައްކަމުން ދިޔައިރު އޭނާ ހީވަނި ބުއްދި ފިލާފައި ހުރިހެންނެވެ.
“ޕްލީޒް.. މެހެކް.. ހަމަ ހޭވެރިކަން ވެބަލަ..” މާކިންގެ އަޑު ބެދި އޭނާގެ ލޮލުން ކަރުނަތައް ބަންޑުން ވެއްޖެއެވެ. މެހެކްއާއި ދިމާއަށް އަތްދިއްކޮށްލަމުން އާދޭހާއިއެކު އޭނާގެ އަތަށް ވަޅި ދިނުމަށް އެދުނެވެ.
“އަހަރެންނާ މާކިން ގާތްވާން މަސައްކަތް ނުކުރޭ.. ދުރަށް ދޭ.. މާކިންއަށް ކުރެވިގެން ތިއުޅޭ ކުށްހީއާ ދުރަށްދޭ.. އަހަރެންނާ މެދު ވިސްނުން ހުއްޓާލާ.. ވައުދުވޭ.. ވައުދުވޭ ދެން އަހަރެންނާއި ގާތްވަން މަސައްކަތް ނުކުރާނެކަން…” މެހެކްގެ އަޑު މަޑުވަމުން ދިޔައެވެ. ގިސްލެވެމުން ދިޔުމުގެ ސަބަބުން އޭނާގެ މޫނުން ވަރުބަލިކަން ފެނެއެވެ.
“މެހެކް…ޕްލީޒް..” މާކިން އާދޭހާއިއެކު ގޮވާލިއެވެ. އެ ލޮލުން ފައިބަމުންދާ ކަރުނަތަކަށް ބަލާލިޔަސް އޭނާގެ ލޯބީގެ ތެދުވެރިކަން ފެންނާނެއެވެ.
“ވައުދުވޭ..” އަތުގައު އޮތް ވަޅި ދައްކާލަމުން މެހެކް އަނެއްކާވެސް ބުނެލިއެވެ. އޭރު ބޯކޮށް ވާރޭ ވެހިގަތުމާއިއެކު މެހެކްގެ ނުތަނަވަސްކަން ވަނީ ދެގުނައަށް އިތުރުވެފައެވެ. މާކިން ލޯ ފޮހެލިއެވެ. މެހެކް އޭނާގެ އަމިއްލަ ހަށިގަނޑަށް ގެއްލުމެއް ނުދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް މާކިންއަކަށް ނެތެވެ. މެހެކްގެ ނަފްސާނީ ހާލަތު އެހާވެސް ބަލިކައްޓެވެ.
“އެންމެ ރަނގަޅު.. އައި ޕްރޮމިސް.. ދެން ވަޅި ބާއްވާ.. ޕްލީޒް..” މާކިން މަޑު މަޑުން މެހެކްގެ އަތުން ވަޅި އަތުލަމުން ބުނެލިއެވެ. އޭރު ގަދައަށް ވެހެމުން ދިޔަ ވާރޭގެ އަޑަށް މެހެކްގެ ހަށިގަނޑުގައި ތުރުތުރުލުން އުފެދިއްޖެއެވެ. އެހެން ނަމަވެސް އިތުރަށް މަޑު ކުރުމެއްނެތި ހަލުވި ފިޔަވަޅުތަކެއްގައި ދަބަސް ހިފައިގެން އޭނާ މިސްރާބު ޖެހީ އެގެއިން ނުކުންނާށެވެ.
“މެހެކް.. ވާރޭ ވެހެނީނު…” މެހެކް ދާން ފެށުމުން މާކިންއަށް ބޭއިޚްތިޔާރުގައި އޭނާގެ ފަހަތުން ހިނގައިގަނެވުނެވެ.
“އަހަރެން ފަހަތުން ނާންނާތި.. ވީ ވައުދު ހަނދާން ނެތުނީތަ.. އަހަރެން މި ހަދަނީ ދޮގެއް ނޫން.. އިތުރު އެހެން މީހަކަށް ބުރައަކަށް ވުމަށްވުރެ މަރުވުން އަހަރެންނަށް މާ ރަނގަޅު..” ފަހަތް ބަލާލުމެއްނެތި މެހެކް ބުނެލި ޖުމްލައިން މާކިންގެ ފައި ހީވީ ބިމުގައި ތަތްލީ ހެންނެވެ. ލޮލުގައި ގިނަ ވަމުން ދިޔަ ކަރުނަތަކާއިއެކު މެހެކް އޭނާގެ ކުރިމަތިން ގެއްލިގެން ދިޔަ މަންޒަރު ބަލަން ހުރިއިރު މާކިންގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ލަސް ލަހުން ޖީބުގައި އޮތް ފޯނު ނަގާ ޝުބާއަށް ގުޅާލުމަށްފަހު މެހެކްއާއި ހަވާލުވުމަށް ބުނުމަށްފަހު ފޯނު ބޭއްވިއިރު އޭނާއަށް ރަނގަޅަށް ރޮވިއްޖެއެވެ. އޭނާގެ ތެދުވެރި ލޯބީގައި ހަމަ އެއްވެސް އަގެއް ނެތީހެއްޔެވެ؟ މެހެކްގެ ކުރިމަތީގައި އޭނާގެ އިހުސާސްތަކާއި، ލޯތްބަކީ އެއްވެސް ގަދަރެއް ނެތް އެއްޗަކީ ހެއްޔެވެ؟ އޭނާއަށް މެހެކް ލިބުން އެއީ ހަމަ ވާން ނެތް ކަމަކީ ހެއްޔެވެ؟ ދެކަކޫ މައްޗަށް ތިރިވެ މެހެކްގެ ނަން ކިޔަމުން ބާރުބާރަށް އޭނާ ރޯންފެށިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Here’s the 9th episode, huriha kudhinnah kamudhaane kamah ummeedhu kuran.
10 vana bai miadhuge vaguthegga submit kollaanan Insha Allah.
Thank you all for the support <3 love you all <3
Yess mi part hama varah sali amzing masha allah.
lysm♥♥♥♥♥
Maasha Allah……?? Mi part ves v reethi. Alheyy dhen mehek kairiy sis buneba maakin ah ehen nuhadhaasheyy.
Curiously waiting for the next part.
Lysm sis
Masha Allah
Mi part vess varah varah varah varah reethi
Curiously waiting for the next part
❤❤❤❤❤❤❤❤❤❤❤❤❤❤