ޒާޔާ – ދެވަނަ ބައި
“ދަރިފުޅު ޖަވާބެއް ދީބަލަ.” ޒާޔާ ދެލޯ ބޮޑުކޮށްގެން އިންނަން ފެށުމުން ނިހާން އަށް އުނދަގޫވިއެވެ. ބައެއްފަހަރަށް މިއީ ޒާޔާ އާއި ކޮށްގެން ވާނެ ކަހަލަ ސުވާލެއް ވެސް ނޫނޭ ނިހާންގެ ހިތަށް އަރައެވެ. އެކަމަކު މިކަން ކުރަން ކޮންމެވެސް އެއްގޮތަކުން ނިހާން އަށް ވަނީ މަޖުބޫރުވެފައެވެ. އޭނާއަށް އަބަދަކު ޒާޔާ ރޮއެ ހިތާމަކުރާ މަންޒަރު ބަލަން ކެތެއް ނުކުރެވޭނެއެވެ. “އަދި މަންމަ މަރުވިތާ މަހެއްވެސް ނުވެގެން މިއުޅެނީ. ދެން ބައްޕަ ހާދަ އަވަހަކަށް އެހެން ކައިވެންޏެއް ކުރަން ތިއުޅެނީ! ބައްޕަ މަންމަ ދެކެ ލޯބިނުވަނީތަ؟” ޒާޔާ ސުވާލުކުރިއިރު އޭނާގެ އަޑު ކުރެހި އެދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ޒާޔާ އެންމެ ފަހަކަށް ކުރި ސުވާލުގެ ސަބަބުން ނިހާން އަށް އަވަސްއަވަހަށް ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. “ނޫން ދަރިފުޅާ. އެއްގޮތަކަށްވެސް ބައްޕަ މަންމަ ދެކެ ލޯބިނުވަނީކީ ނޫން. ހަމަ ދަރިފުޅަށްޓަކާ ބައްޕަ ނިންމި ނިންމުމެއް މިއީ.” ކަރުނުން ފުރިފައިވި ޒާޔާގެ ދެ ލޮލަށް ބަލައިލަމުން ނިހާން ބުންޏެވެ. “ބައްޕާ. އަޅުގަނޑަކީވެސް މިހާރު ކުޑަކުއްޖެއް ނޫން. އަމިއްލައަށް ހުރިހާ ކަމެއް ކުރަން އެނގޭ. މަންމަ މި ދުނިޔެއާ ވަކިވެގެން އަޅުގަނޑު ހިތާމަ ކުރިޔަސް ބައްޕަ ނުޖެހޭނެ އަޅުގަނޑަށް އެހެން މަންމައަކު ހޯދަދޭކަށް. ބައްޕާ ޕްލީޒް. އެކަހަލަ ކަމެއް ނުކުރައްޗޭ. އަޅުގަނޑަށްޓަކާ. ޕްލީޒް!” ޒާޔާ އައިސް ނިހާން ގާތު ކުޑަކަކޫމައްޗަށް ތިރިވެ އޭނާގެ ކަކުލުގައި ބޯއަޅައިލަމުން އާދޭހުގެ ރާގެއްގައި ބުންޏެވެ. އުސްމާން ބުންޏަސް އޭނާއަށް މި ނިންމުނީ މޮޔަ ނިންމުމެއްކަން ނިހާން އަށް އެވަގުތު ރޭކައިލައިފިއެވެ. ދަރިފުޅު އެގޮތް ބޭނުމެއްނުވާއިރު އެކުވެރިއެއްގެ އެދުމަކަށް އެހެން ކައިވެންޏެއް ކުރުން ރަނގަޅެއް ނޫންކަން ނިހާން އަށް އެނގެއެވެ. “ދަރިފުޅު ނިދަން އުޅޭ އަވަހަށް. ބައްޕަ ނުކުރާނަން އެކަހަލަ ކަމެއް އިނގޭ. ދަރިފުޅު ދެރަވާފަދަ އެއްވެސް ކަމެއް ބައްޕަ ނުކުރާނަން.” ޒާޔާގެ ދެކޮލުގައި ހިފަހައްޓައިލަމުން ނިހާން ބުންޏެވެ. ނިހާން އެ ކޮޓަރިން ދަމުން ދިޔައީ ޒާޔާގެ ނިތަށް ބޮސްދީފައެވެ. ޒާޔާ އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލަމުން އޭނާގެ ލެޕްޓޮޕް ބަހައްޓައި ނިދަން ތައްޔާރުވިއެވެ.
އަރައިގެން އައި އިރާއިއެކު ރަށުގެ މަގުތަންމަތި ހަލަބޮލިވާން ފެށިއެވެ. ސްކޫލް ދަރިވަރުންނާއި އޮފީސްތަކުގެ މުވައްޒަފުންނާއި އެހެނިހެން މަސައްކަތް ކުރާ މީހުން ތަކުން މަގުތައް ވަނީ ފަޅުކަން ފިލައިފައެވެ. ހެނދުނުގެ ސައި ތައްޔާރުކުރުމަށްޓަކައި އުސްމާނާއިއެކު އޭނާގެ ބޭބެގެ ދަރިއެއްކަމަށްވާ ޖަމީލާ ބާޒާރުކުރަން ނުކުމެ އުޅެއެވެ. އުސްމާނާއިއެކު ފިހާރަތައް ބަލައި އޭނާ ބޭނުންވާ އެއްޗެހި އުސްމާން ލައްވާ ގަންނަމުން ދިޔައެވެ. ގެއަށް ދިޔައިރުވެސް ހުރިހާ ކޮތަޅުތަކެއް އުފުލަން ޖެހުނީ އުސްމާނަށެވެ. އެއިން އެއްވެސް ކޮތަޅެއްގައި ޖަމީލާ އަތްޖައްސައިނުލިއެވެ. އޭނާ ޤަބޫލުކުރާގޮތުގައި އޭނާއަކަށް އެއްވެސް ކަހަލަ ބުރައެއް އުފުލާކަށް ނުޖެހޭނެއެވެ. ޖަމީލާގެ ނަޒަރުގައި މިދުނިޔެއަކީ އަރާމާއި އުފަލުގައި ދިރިއުޅެންޖެހޭ ތަނެކެވެ. އެ ވެސް އޭގެ އެންމެ ގޯސް ގޮތުގައެވެ.
“ބޮޑުބޭ ނިހާން އާ ވާހަކަދެއްކިންތަ؟” ގެއަށް އައިސް ވަތް ގޮތަށް ޖަމީލާ އެންމެ ފުރަތަމަވެސް އުސްމާން ގާތު ކުރީ އެ ސުވާލެވެ. ސަބަބަކީ އިއްޔެ ޖަމީލާ ވަނީ އޭނާ ބޭނުންވާ ކަންތައް އުސްމާނަށް ކިޔައިދީ އެކަން ނިހާން އަށް އެންގުމަށް ބުނެފައެވެ. ޖަމީލާއަކީ ފެށުނީއްސުރެ ވެސް ނިހާންގެ ފަސްފަހަތުން އުޅުނު މީހެކެވެ. އެކަމަކު ނިހާން ޖަމީލާގެ އާދޭސްތަކުގައި ކޮޅުފައިން ޖަހައިފައި ރަށުގައި ހުރި އެންމެ ރީތި ކަމަށް މީހުން ދަޢުވާ ކުރާ ޒިޔާނާއާއި ކައިވެނި ކުރީއެވެ. ޒިޔާނާގެ ކިބައިން ބަދަލު ހިފަން ޖަމީލާ ހުރީ އަތުކުރި އޮޅައިލައިގެންނެވެ. އެކަމަކު އެކަން ނުވަނީސް އޭނާއަށް ރާއްޖޭން ބޭރަށް ދާން ޖެހުނީއެވެ. އެނބުރި ރާއްޖެ އައިތާ ހަފްތާއެއްވީފަހުން ޖަމީލާއަށް ލިބުނީ އޭނާއަށް ވަރަށްވެސް އުފާވެރި ޚަބަރެކެވެ. ޒިޔާނާއަށް ހިތުގެ ބަލި ޖެހި މަރުވި ޚަބަރެވެ. އެހެންނަމަވެސް އެ ދެމަފިރިންގެ ދަރިއެއް ހުންނަކަން އެނގުމުން ޖަމީލާގެ މޫޑު ޚަރާބުވިއެވެ. އޭނާ މިފަހަރު އެހުރީ ކަމަކަށް ފައިވިއްދައިލައިގެންނެވެ. ނިހާން އާއި ޒިޔާނާގެ ދަރިފުޅުގެ ދިރިއުޅުން ޒަލްޒަލާއަކަށް ހަދައިލާށެވެ.
“ބޮޑުބެ ބުނިން. އެކަމަކު ސީދާ ނުބުނަން ޖަމީލާއާ ކައިވެނިކުރާށެކޭ. ބޮޑުބެ ބުނީ ދެވަނަ ކައިވެންޏެއް ކުރަންވީނުންހެއްޔޭ. ބޮޑުބެއަކަށް ހިއެއްނުވޭ ނިހާން އެގޮތް ބޭނުންވާނެހެނެއް. އަނެއްކޮޅުން ތިހިރީ ޖަމީލާ އުޅޭގޮތް. ސާޅީސް ފަސް އަހަރު ވީއިރު ވެސް ޅަކުދިން އުޅޭގޮތަށް ތިއުޅެނީ. ދެން އަދި ނިހާން ކައިރީ ޖަމީލާއާ ކައިވެނި ކުރަން ބުންޏަސް އެކަން ކުރާނެތަ؟” އުސްމާން ވާހަކަދައްކަމުން ދައްކަމުން ގޮސް އެންމެ ފަހު ޖުމުލަތައް ބުނެލީ މަލާމާތުގެ ރާގެއްގައެވެ. އެއާއިއެކު ޖަމީލާ ތުން އަނބުރައިލިއެވެ. “ހަހް. އޭ. އަވަހަށް ސައި ތައްޔާރުކުރަން އުޅޭ. އަހަރެން މިދަނީ ނިދާލަން. ސައި ތައްޔާރުވީމަ ގޮވާތި އަހަންނަށް.” ބަދިގޭގައި ހުރި ބިދޭސީ މީހާއަށް އަމުރުކުރަމުން ޖަމީލާ ބުންޏެވެ. އުސްމާނަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. ޖަމީލާ އާއި ހެދި އޭނާ މިހާރު ކޮސްވެއްޖެއެވެ. ބަލިދާނުގައި އޮތް އަނބިމީހާ ބަލަން މި ޖެހެނީ އޭނާއާއި އޭނާގެ ދަރިފުޅު ނޫމާން އަށެވެ. އޭނާގެ އަނބިމީހާއަށް ޖަމީލާގެ ފަރާތުން އަދި އެހީތެރިކަމެއް ނުލިބެއެވެ.
އެނދުގައި އޮށޯވެ ހަމަޖެހިލަމުން ޖަމީލާ އޭނާގެ އެއް އަތް ގެންގޮސް ނިއްކުރީގައި ބާއްވައިލިއެވެ. “ހްމްމް. އެހެން މީހަކު ލައްވާ މިކަމެއް ނުވާނެ. އަހަރެން އެކަނި ކަންނޭނގެ އެކަން ކުރަން ޖެހޭނީ. ވެއްޖެ އެއްގޮތަކުން ނިހާން އާ ދިމާކޮށްލަން. އޭރުން ރަނގަޅަށް ވާހަކަ ދައްކާލެވޭނީވެސް އޭނަޔާ. މިފަހަރު އަހަރެން މިކަން ކާމިޔާބުކުރާނަން. އަހަރެން މިހާ ރީތިކޮށް ހުންނައިރު ހީވޭތަ އޭނާއަށް އަހަރެންގެ ނިންމުމަށް އިންކާރު ކުރަން ކެރޭނެހެން؟ ހަަހަހަ.. ޔަގީން. މިފަހަރު އޭނަ ހަމަ ޖެހޭނީ އަހަރެން އެދޭގޮތަށް ކަންތައް ކޮށްދޭން. އެގޮތަށް އެކަން ނުވެއްޖެއްޔާ މަށަކަށް ޖަމީލާއެކޭ ނުކިޔާނެ.” ސީލިންގުގައި ހަރުކޮށްފައި ހުރި ފަންކާއާއި ދިމާލަށް ބަލަހައްޓައިގެން ޖަމީލާ އޭނާގެ އަމިއްލަ ނަފްސާއި ވާހަކަދައްކަމުން ދިޔައެވެ. ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ޖަމީލާ އަރިމަތީގައި އޮތް ބާލީހެއްގައި ބައްދައިލަމުން ދެލޯ މަރައިލިއެވެ. ނިހާން އާއި އޭނާ އާއި ގުޅުވައިގެން ފޮނި ފޮނި ހުވަފެންތައް ދެކެމުން ދިޔަ ޖަމީލާއަށް ނޭނގުނު ކަމަކީ ނިހާން އަކީ އޭނާގެ ޒީނަތްތެރިކަމަށް ހެއްލޭނެ މީހެއް ނޫންކަމެވެ. އެއަށްވުރެ އޭނާގެ ދަރިފުޅާއި ދެމެދު އޭނާގެ ހިތުގައިވާ ލޯބި ވަރުގަދަ ކަމެވެ.
ސްކޫލުން އައިސް މެންދުރުގެ ކެއުން ފުރިހަމަކުރުމަށްފަހު ޒާޔާ ދިޔައީ ހަވީރު ލާން ހެދުމެއް އިސްތިރިކުރާށެވެ. އޭނާ އާއި ފަވާޝަތާއި ދެކުދިން ވަނީ މިއަދު ހަވީރު ރަށުގެ ތުނޑިއަށް ދާން ނިންމައިފައެވެ. ހެދުން އިސްތިރިކޮށްގެން ޒާޔާ އޭނާގެ އަލަމާރީގައި ހެދުން އެޅުވުމަށްފަހު ނިހާންގެ ކޮޓަރިއަށް ދިޔައެވެ. “ބައްޕާ. ނިދަނީތަ؟” އެނދުގައި އޮށޯވެ ދެލޯމަރައިލައިގެން އޮތް ނިހާން ފެނި ޒާޔާ އެހިއެވެ. “ނޫނޭ. ނަމާދުކޮށްލައިގެން ހަމަ ޖައްސާލީ. ދަރިފުޅު ކަމަކުތަ ތިއައީ؟” ނިއްކުރީގައި ފިރުމަމުން ނިހާން ބުންޏެވެ. “ބައްޕަ ބޮލުގަ ރިއްސަނީތަ؟” ނިހާން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޒާޔާވެސް ކޮށްލީ ސުވާލެކެވެ. “ކުޑަކޮށް އެބަ ރިއްސާ.” ނިހާން ބުންޏެވެ. ޒާޔާ ނިހާންގެ މަގަތުގައި އިށީންދެލަމުން ނިހާންގެ ބޯ މޮޑެދޭންފެށިއެވެ. ނިހާން އަށް ދެލޯ މަރައިގެން އޮވެވުނީ ބޮލަށް ލުއިވާކަމުގެ އިޙުސާސްކުރެވުމުންނެވެ. “މިއަދު ހަވީރު ފަވާއާއެކީ ތުނޑިއަށް ދާން މިއުޅެނީ. އޯކޭތަ އަޅުގަނޑު ދިޔަޔަސް؟” ޒާޔާ ނިހާން ކައިރިން ހުއްދައަށް އެދުނީ ނިހާން އެކަމަށް ހުއްދަ ދޭނެކަން އެނގިހުރެ އެވެ. އެހެންނަމަވެސް ތަނަކަށް ދަންޏާ އެންމެ ގާތުގައި ހުރި މީހާ ގާތު އެވާހަކަ އެއް ބުނަން ޒާޔާގެ މަންމަ ވަނީ ޒާޔާއަށް ނަޞޭޙަތްތެރިވެފައެވެ. “ދަރިފުޅު ހަމަ ދާންވީ. އެކަމަކު ހަނދާންކުރަންވާނެ ލަސްނުކޮށް ގެއަށް އަންނަން. ފޯނު ހިފައިގެން ދާންވާނީ. ބައްޕަ ގުޅީމަ ފޯނު ނަގާތި ހަނދާންކޮށް.” ޒާޔާ ތަނަކަށް ދާން އުޅެންޏާ ނިހާން އަބަދުވެސް ޒާޔާ ގާތުގައި ބުނާ ވާހަކައަކީ އެއީ އެވެ. ޒާޔާ އެންމެ ރަނގަޅޭ ބުނަމުން ކުޑައިރުކޮޅަކު ނިހާންގެ ބޯ މޮޑެދޭން އިނެވެ. ނިހާން ހިތްހަމަޖެހޭވަރު ވުމުން ޒާޔާ އޭނާގެ ކޮޓަރިއަށް ދިޔައީ ހިތާހިތުން ﷲ އަށް ޙަމްދުކުރަމުންނެވެ. އެކަހަލަ ބައްޕައެއް ލިބޭނީ ހަމަ ނަޞީބުގަދަ ކުދިންނަށްތާއޭ އެވަގުތު ޒާޔާގެ ހިތަށް އެރިއެވެ.
ނިހާން އަށް އަދިވެސް އުސްމާން ދެއްކި ވާހަކަތަކާ ދޭތެރޭ ވިސްނެނީއެވެ. އެ ޚިޔާލުތަކާއި ދުރުވާން އުޅުނަސް އެކަމެއް ކާމިޔާބެއް ނުވިއެވެ. ސިކުނޑިއަށް ނުކުޅަދާނަވާވަރުވުމުން ނިހާން އެންމެ ފަހުން އަލަމާރީން މުޞްޙަފް ނަގައިގެން ކިޔަވަން ފެށިއެވެ. ކިޔަވަމުން ދިޔަ ވަރަކަށް ބޮލުގެ ރިހުން މައިތިރިވެ އެ ޚިޔާލުތަކުން އޭނާއަށް ދުރުވާން ފަސޭހަވެގެން ދިޔައެވެ. ޢަޞްރު ނަމާދަށް ބަންގި ގޮވަންދެންވެސް ނިހާން އިނީ ޤުރްއާން ކިޔެވުމުގައެވެ. ބަންގި ގޮވުމުން މުޞްޙަފް ލައްޕައިލައިފައި އޭނާއަށް ކޮންމެ ކަމެއްގައިވެސް ސާބިތުކަން ދެއްވުން އެދި ހެއްދެވި ފަރާތަށް ދުޢާ ކުރިއެވެ. އަދި ޒާޔާއަށްޓަކައި އެތައް ދުޢާއެއް ކުރިއެވެ.
ދަރިއަކަށްޓަކައި ބައްޕައަކު ކުރާ ދުޢާ އިރާދަކުރެއްވިއްޔާ ހުސްއަތާ ތިރިކުރާކަށް ނުޖެހޭނެއެވެ. ބައްޕައަކު ދަރިއަކަށްޓަކައި ކުރާ ދުޢާއަކީ ބާރުގަދަ އެއްޗެކެވެ. ނިހާން އަބަދުވެސް އެކަން ހަނދާންކޮށް ޒާޔާއަށްޓަކައި ގިނަގިނައިން ދުޢާ ކުރެއެވެ. މިހާރުވެސް އެ ދުޢާތައް އިޖާބަކުރައްވައިފި ކަމުގެ ޢަލާމާތްތައް ފެންނަމުން އެބަ ދެއެވެ. ޒާޔާ މަޑުމަޑުން ހަމައަކަށް އެޅޭތަން ނިހާން އަށް ފެންނަމުން ދެއެވެ. އެކަމަށްޓަކައި އެތައް ފަހަރަކު ނިހާން ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ.
ތުނޑިއަށް ދާން ތައްޔާރުވެގެން ޒާޔާ އޭނާގެ ފޯނު ހިފައިގެން ގޭ ދޮރުމައްޗަށް ނުކުތެވެ. އޭރު ތަންކޮޅެއް ދުރުން ފަވާޝަތު އަންނަތަން ޒާޔާއަށް ފެނެއެވެ. “ކޮބާ ހިނގާ ދާން.” ފަވާޝަތު އައިސް ޒާޔާ ގާތުގައި ހުއްޓެމުން ބުންޏެވެ. ވާހަކަ ދައްކަމުން ދިޔަ ދެ އެކުވެރިންގެ މިޞްރާބަކަށް ވެފައިވީ ރަށުގެ ތުނޑިއެވެ. ދެ އެކުވެރިން ހިނގަމުން ހިނގަމުން ގޮސް ޖެހިގެން އޮތް މަގަށް އެޅުނުއިރު އިސާހިތަކު ޒާޔާ މީހެއް ގައިގައި ލައިގަތެވެ. ފަވާޝަތު އަށް ވަގުތުން އަނގަ މަތީގައި އަތް އަޅައިލެވުނެވެ. އެކަކު އަނެކަކު ގައިގައި ޖެހުނު ދެމީހުން ނުވެއްޓި ސަލާމަތްވީ ވެސް ދެމީހުންނަށް ދެމީހުންގެ ހަށިގަނޑު ބެލެންސް ކުރެވުނީތީއެވެ. “ބަލާލުމެއްވެސް ނޯ….” ރުޅިއައިސް ރަތްވެފައި ހުރި ޖަމީލާގެ ރުޅިގަނޑު އެވަގުތު ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ. ޒާޔާގެ ސޫރަ ފެނުމުން އޭނާ ކުޑަކޮށް ޖެހިލުން ވިއެވެ. ނިހާންގެ ދަރިފުޅަށް ވީތީ ޖަމީލާ އަދި ބޭނުންވަނީ ނުސީދާކޮށް މަސައްކަތްކޮށްގެން ވިޔަސް ޒާޔާގެ ރުހުން ހޯދާށެވެ. ޒާޔާގެ ފަރާތުން އިތުބާރު ހޯދާށެވެ. “ސޮރީ. ދައްތައަށް ބަލާނުލާ އާދެވުނީ. ކުޑަކަމަކާ ހިތްހަމަނުޖެހިފަ ހުރީމަ ދައްތައަށް ފުރަތަމަ ރުޅި އިސްކުރެވުނީ. ސޮރީ ވަރަށް ބޮޑަށް.” މަތިއޮމާންކޮށްލުމުގެ ގޮތުން ޖަމީލާ ދޮގެއް ހަދައިލިއެވެ. ޒާޔާ އެއީ އެއްވެސް ކަމެއް ނޫނޭ ބުނެ ފަވާޝަތު އާއި އެކީ ހިނގައިގަތެވެ.
ޒާޔާމެން ދިޔަ ދިމާލަށް ޖަމީލާ ބަލަހައްޓައިގެން ހުރީ އަލިފާނުގެ ނަޒަރަކުންނެވެ. ޒާޔާގެ ސޫރަ ފެނުނަަސް އޭނާގެ ގާތަށް އެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ހާމައަށް ފެންނަން ހުރި ޒާޔާގެ ދެއަތްތިލަ އާއި މޫނު ފެނުމުން ޖަމީލާގެ ހިތުގައި ޙަސަދައިގެ ވަރުގަދަ ހުޅުގަނޑެއް ރޯވެގެން ދިޔައެވެ. އަދި އެ މަޑު މުށިކުލައަކަށް ދާ ރީތި ދިގު އިސްތަށިގަނޑު ފެނި އެ ހުޅުގަނޑު އިތުރަށް ބޮޑުވެގެން ދިޔައެވެ. އޭނާއަށް ނުލިބި ހުރި ކިތަންމެ ރީތިކަމެއް ޒާޔާއަށް ލިބިފައި އެބަ ހުއްޓެވެ. އޭނާގެ ހަމުގެ ކުލަ އަށްވުރެ ޒާޔާގެ ހަމުގެ ކުލަ މާ އަލިވެފައި ރީއްޗެވެ. އޭނާގެ އިސްތަށިގަނޑަށް ވުރެ ޒާޔާގެ އިސްތަށިގަނޑު މާ ރީއްޗެވެ. ކޮންމެއަކަސް މިކަހަލަ ޚިޔާލުތަކުން ޖަމީލާގެ ސިކުނޑި ފުރެމުން ދިޔައިރު ޖަމީލާ އެކޭ ގޮވަން ތައްޔާރުވެފައި ހުރި އަލިފާން ފަރުބަދައެކޭ އެއްވެސް ތަފާތެއް ނެތެވެ. މަގުމަތީ ހުރެފައި ވެސް ޖަމީލާ އަށް ހަޅޭއްލަވައިގަނެވުނީ ރުޅި ކޮންޓްރޯލް ނުކުރެވިގެންނެވެ. ހިތާއި ހިތުން ޒާޔާ އާއި ދިމާލަށް ހެއްދެވި ނެހެއްދެވިއެއް ގޮވަމުން ޖަމީލާ އޭނާގެ ގެއަށް ދެވޭތޯ ބެލިއެވެ.
ތުނޑީގައި ރަށުގެ ގިނަ ޒުވާނުން ތަކެއް ޙަރަކާތްތެރިވަމުން ދިޔައެވެ. އެއްބަޔަކު މޫދު ކުޅިވަރު ކުޅުމުގައި އަވަދިނެތި އުޅެއެވެ. އަނެއްބަޔަކު ބާބަކިޔު ހަދަނީ އެވެ. އަނެއްބަޔަކު ވައި ޖައްސައިލަން އައިސް އުޅެއެވެ. ޒާޔާ އާއި ފަވާޝަތު ވެސް ތުނޑި އަށް އައީ ހަމަ އެ ނިޔަތުގައެވެ. ތާޒާ ވައި ލިބިގަތުމަށްޓަކައެވެ. މީހުން ޙަރަކާތްތެރިވާ ހިސާބާއި ތަންކޮޅެއް ދުރު ހިސާބެއްގައި ފަވާޝަތު އާއި ޒާޔާ ތިއްބެވެ. ސާފު އޮމާން ބިއްލޫރިކޮޅެއް ފަދައިން މޫދު އޮތްއިރު މޫދަށް އެރޭހިތްވާހާވެއެވެ. އަނެއްކޮޅުން އެ ހުދު ދޮންވެލިގަނޑު ފެނުމުން ވެލިގަނޑު މަތީ އޮށޯވެލާހިތްވެއެވެ. ޚިޔާރުކުރަންވީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. މޫދާއި ދޮންވެލިގަނޑުވެސް އެހާމެ ރީއްޗެވެ.
“ޒާޔާ ހާދަ ހަމަޖެހިލާފަ އިންހެން ހީވެޔޭ. މިހާރު ރަނގަޅުތަ ހުރިހާ ކަމެއްވެސް؟” އެތައް ދުވަހަކަށް ފަހު ޒާޔާގެ މިޒާޖަށް ކުޑަވަރެއްގެ ބަދަލެއް އައިހެން ހީވެގެން ފަވާޝަތު އެހިއެވެ. “ރަނގަޅޭ ހުރިހާ ކަމެއްވެސް. އޭރު އަހަރެން ކުޑަކޮށް ގޯސްވިޔަސް މިހާރު ހުރިހާ ކަމެއް ރަނގަޅުވާހެން ހީވޭ އެބަ. އެކަމަކު މަންމަ މަތިން ހަނދާން ވާ ކޮންމެ ފަހަރަކު ރޮވޭ.” ޒާޔާ ބުނި ވާހަކަތައް އަޑު އިވިފައި ފަވާޝަތުގެ މޫނަށް އުފާވެރިކަމުގެ ކުލަވަރު ފާޅުވާން ފެށިއެވެ. އެންމެ ގާތް އެކުވެރިޔާ އެބަ ހަމައަކަށް އެޅޭކަން ޒާޔާގެ ވާހަކަތަކުން ފަވާޝަތަށް އެނގުންވިއެވެ. “ޒާޔާ ހަމަ ކުޑަ ހިތްވަރެއް ކޮށްލަންވީ. މަންމަ މަތިން ހަނދާން ވިޔަސް ކިޔެވުމަށް ފަރުވާކުޑަ ނުކުރާތި. ޒާޔާގެ މުސްތަގްބަލަށްޓަކާ ޒާޔާ އެބަ ޖެހޭ މަސައްކަތްކުރަން. އަހަރެންވެސް އަހަރެންގެ މުސްތަގްބަލަށްޓަކާ ވަރަށް މަސައްކަތްކުރަން އެބަ. ޒާޔާ އަށް ކޮންމެ ކަމެއް ވިޔަސް އަހަރެން މިހުރީ ހަމަ ޒާޔާއަށް އެހީވާން ތައްޔާރަށް. އަދި ޒާޔާގެ ބައްޕަ ވެސް އެބަހުއްޓެއްނު ދޯ. އެހެންވީމަ އުންމީދުކަނޑާނުލާ ހަމަ ހިތްވަރާއެކީ ކުރިއަށް ދާންވީ. ޒާޔާއަށް މިކަން ވާނެ. އެއީ ހަމަ ޔަގީން ކަމެއް.” އެކުވެރިޔާގެ ފަރާތުން ލިބުނު ހިތްވަރުގަދަ ބަސްތަކުގެ ސަބަބުން ޒާޔާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އުންމީދު ކަނޑައިނުލައި ކުރިއަށްދާން އިތުރު ހިތްވަރެއް ވެސް ލިބުނެވެ.
ނިހާންމެންގެ ގެއާއި ކައިރިއަށް އާދެވުމުން ޖަމީލާ އޭނާގެ ހިނގުން މަޑުކޮށްލިއެވެ. ނިހާންގެ ސޫރަ ފެނިނުލައި ދާން އޭނާގެ ހިތް އެއްބަހެއް ނުވިއެވެ. ސަލާމް ގޮވައިލުމެއް ނެތި އެއްވެސް ޖެހިލުންވުމަކާ ނުލައި ޖަމީލާ އެގެއަށް ވަނެވެ. ގޯތިތެރެ ހިމޭންކޮށް އޮތްއިރު ޖެހޭ ވަޔަށް ޖަނބުރޯލު ގަހުގެ ފަތްތައް ހެލޭތަން ފެނެއެވެ. ތަންކޮޅެއް ދުރުގައި ހުރި ގުރާ ކޮށްޓަކުން ގުރާ ތަކެއް ގޮވާ އަޑު ވެސް އިވެއެވެ. އެކި ދިމަދިމާލަށް ކަޅި ހިންގަމުން ގޮސް ތަންކޮޅެއް ދުރުގައި ޖޭމު ގަހަކަށް ފެން ޖަހަން ހުރި ބިދޭސީ މީހާ ޖަމީލާގެ ލޮލުގައި އަޅައިގަތެވެ. “އޭތް. ނިހާން އެބަ އުޅޭތަ؟” ޖަމީލާގެ އަޑަށް އެ މީހާ ދިޔައީ ސިއްސައިގެންނެވެ. “ނ..ނު..ނޫން…ނޫޅެނީ.” ޖަމީލާގެ ރުޅިން ރަތްވެފައިވާ މޫނު ފެނި އެމީހާ ހުރީ ބިރުގަނެފައެވެ. ވާހަކަދެއްކުނީވެސް އަޅައަޅައިގަނެގެންނެވެ. ޗޮކެއް ކަނޑައިލަމުން ޖަމީލާ އެގެއިން ނުކުންނަން ހިނގައިގަތެވެ.
ހަމަ އެ ވަގުތެވެ. ނިހާން ގެއަށް ވަންނަން ވެގެން ދޮރާށި ހުޅުވައިލައިފިއެވެ. ނިހާން އަށް ޖަމީލާ ފެނުމުން އޭނާގެ ދެލޯ ބޮޑުކޮށްލެވުނެވެ. ޖަމީލާ އަށް ވެސް ދެލޯ ބޮޑުކޮށްލެވުނެވެ. އެކަމަކު ޖަމީލާ އަށް ދެލޯ ބޮޑުކޮށްލެވުނީ ނިހާންގެ ރީތިކަން ފެނިފައެވެ. ނިހާންގެ އުމުރު ފަންސާހަށްވުރެ މަތިވެފައި ވިއެއްކަމަކު އަދިވެސް އޭނާގެ ހަށިގަނޑު ހުންނަނީ ވަރުގަދަކޮށެވެ. ހަމުގެ ކުލަ ވެސް އެހާ ދޮނެވެ. “ކީއްކުރަން މިގެއަށް އައިސް ތިއުޅެނީ؟” ނިހާންގެ އަޑުގައި ވަނީ ފޫހިކަމެވެ. ނިހާން ދުރު ބަލަން ފެށީ ޖަމީލާ ހުރި ގޮތުން އޭނާއާއި ދިމާލަށް ބަލައިލަންވެސް ނުކެރިގެންނެވެ. “ކަމެއް ކުރާކަށް ނޫން. މިގޭ މީހުން ކޮބާތޯ ބަލާލަންވެގެން އައީ ހަމަ.” ކަރުތެރެއިން ނެރެވުނު އެންމެ ލުއި އަޑު ބޭނުންކޮށްގެން ޖަމީލާ ވާހަކަދެއްކިއެވެ. އެކަން ވީ ނިހާން އިތުރަށް ފޫހިކުރުވި ކަމަކަށެވެ. “ދެން ފެނިއްޖެއްނު މިގޭ މީހުން. ދެން ދޭ.” ނިހާން ހުރީ ޖަމީލާ އެތަނުން ފޮނުވައިލަން ބޭނުންވެފައެވެ. ޒިޔާނާ މަރުވިފަހުން މިހާ އަވަހަށް ޖަމީލާގެ އުނދަގޫ އޭނާއަށް ޖެހޭނެ ކަމަކަށް ނިހާން ހިއެއް ނުކުރެއެވެ. ޖަމީލާ އިތުރު ބަހަނާ ތަކެއް ނުދައްކައި އެގެއިން ދިޔައީ ނިހާންގެ ސަމާލުކަން ލިބޭތޯ ބަލަންވެގެންނެވެ. އެހެނަސް އެ ސަމާލުކަމެއް ޖަމީލާ އަކަށް ނުލިބުނެވެ. ނިހާން ގޭތެރެއަށް ވަދެގެން ދިޔައީ ހިތްހަމަނުޖެހިފައި ހުރެއެވެ.
ފަސްގަޑި ބައިވާންވެފައި ހުއްޓައި ޒާޔާއަށް ނިހާން ގުޅިއެވެ. ބައްޕަ ދެއްކި ވާހަކަ ތަކަށް ހްމްމް ލައްވަމުން ޒާޔާ ފޯނު ކަނޑައިލިއެވެ. “ބައްޕަ ގުޅައިފި. ދާންވީއޯ.” ޒާޔާ ބުންޏެވެ. “އާނ ހިނގާ ދާން ދޯ. މާބޮޑަށް ލަސްވެއްޖެކަންނޭނގެ.” ހެދުމުން ވެލި ފޮޅައިލަމުން ފަވާޝަތު ތެދުވިއެވެ. ޒާޔާވެސް އޭނާގެ ހެދުމުން ވެލި ފޮޅައިލަމުން ތެދުވެ ފަވާޝަތާއިއެކީ ހިނގައިގަތެވެ. ދެ އެކުވެރިންނަށް މަގަށް ނުކުމެ ކުޑަތަންކޮޅަކަށް ދެވުނު ތަނުން ހަސްނައިން އާއި ނޫމާން އާ ބައްދަލުވިއެވެ. “އޭ ފަވާ. ހިނގާބަލަ އަހަންނާއެކީ. ވަރަށް ބޮޑު ސަރޕްރައިޒެއް އެބައޮތޭ.” ނޫމާން އައިސް ފަވާޝަތުގެ އަތުގައި ހިފަހައްޓަމުން ބުންޏެވެ. “ދެން ޒާޔާ އޯ؟ އަހަރެން ދިޔައީމަ ޒާޔާ އެކަންޏެއްނު ގެއަށް ދާން ޖެހޭނީ.” ޒާޔާއަށް ބަލައިލަމުން ފަވާޝަތު ބުންޏެވެ. “ހަސްނައިން އެހުރީއެއްނު. އޭނަ ޒާޔާ ގެންގޮސްދޭނެޔޭ ގެއަށް. ހިނގާބަލަ ދާން ފަވާ. ހަމަ ވަރަށް މުހިންމު ސަރޕްރައިޒެކޭ އެއީ.” ނޫމާން ކުރުނުކޮށް ކިޔަން ފެށުމުން ފަވާޝަތު އެންމެ ފަހުން ނޫމާން އާއިއެކީ ދިޔައެވެ. ޒާޔާ އާއި ހަސްނައިން އަށް ހުއްޓުން އަރައިފައި ހުރެވުނީއެވެ. ދެ މީހުންނަކީވެސް މަދުމަދުން ވާހަކަ ދައްކައި އުޅޭ ދެމީހުން ކަމުން އެކަކަށްވެސް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ.
“އަމްމް.. ހިނގާ ދާން.” ވާހަކަ ދައްކަން ނުދައްކަން ހުރެފައި ވެސް ހަސްނައިން ބުންޏެވެ. “ނޫން. އަހަރެން ބައްޕަ އަށް ގުޅާފަ ބުނާނީ ބަލައި އަންނަން…. ނޫމާން ފަވާ އެ ގެންދިޔައީ ކޮންކަމަކުތަ؟” ނުކެރިފައި ހުރެވެސް ޒާޔާ އޭނާގެ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ. “އެއީ ފަވާގެ ބޮޑުދައިތަ މި ރަށަށް އަންނާތީވެ. ފަވާއަށް ނާނގާ މިފަހަރު އެ އަންނަނީ. އެހެންވެ ފަވާ ގޮވައިގެން ބަނދަރަށް އެ ދިޔައީ.” ހަސްނައިން ހުރިހާކަމެއް ތަފްޞީލާއިއެކު ކިޔައިދިނެވެ. ޒާޔާ އޯ އޭ ބުނަމުން އޭނާގެ ފޯނު ނަގައި ބައްޕަގެ ނަމްބަރަށް ގުޅައިލިއެވެ. “ބައްޕާ. ފަވާ ގޮއްސި ކުއްޖަކާ އެކީ ބަނދަރަށް. އަޅުގަނޑަށް އެކަނި ދާކަށް ނުކެރޭނެ. އާދެބަލަ ބައްޕާ. ތުނޑި އާ ކައިރީގަ މިހުރީ ހަމަ.” ނިހާން މި އަންނަނީއޭ ބުނެ ފޯނު ކަނޑައިލިއެވެ. ދެމީހުންގެ ދެމެދަށް އަނެއްކާވެސް ހިމޭންކަން ވެރިވެގަތެވެ. ހަސްނައިން ހުރީ ޒާޔާ އެކަނި އެތާ ބަހައްޓައިފައި ދާން ނުކެރިފައެވެ. އޭނާ އެތާ ހުރުމުން ޒާޔާއަށް އުނދަގޫވާނެއޭވެސް ހަސްނައިންގެ ހިތަށް ބައެއްފަހަރު އަރަމުން ދިޔައެވެ. އަނެއްކޮޅުން ޒާޔާ ހުރީ އޭނާ އެކަނި ބަހައްޓައިފައި ހަސްނައިން ހިނގައިދާނެތީ އެކަމާ ކަންބޮޑުވެފައެވެ. ބައްޕަ އަންނަންދެން މަޑުކޮށްލަން ބުނާކަށް ޒާޔާއަކަށް ނުކެރުނެވެ.
ނިހާން އައީ ދެމީހުން އެގޮތުގައި ތިއްބައެވެ. ޒާޔާ ގާތަށް އައިސް ހުއްޓެމުން އަވަހަށް ގެއަށް ހިނގާށޭ ބުންޏެވެ. ދެވަނަ ސިކުންތުގައި ކައިރީގައި ހުރި ޒުވާނާ އަށް ސުވާލުގެ ނަޒަރަކުން ނިހާން އަށް ބަލައިލެވުނެވެ. އެއާއިއެކު ހަސްނައިން އަށް އުނދަގޫވެގެން ދިޔައެވެ. ޒާޔާ ގާތުގައި އެއީ ކޮންކުއްޖެއް ތޯ އަހައިލެވުނީ ނިހާން އަށް ކުރެވުނު ކުށްހީއެއްގެ ސަބަބުންނެވެ. “އެއީ އަޅުގަނޑު މިތާ އެކަނި ހުރީމަ ބައްޕަ އަންނަންދެން މިތާ މަޑުކޮށްލި ކުއްޖެއް.” ޒާޔާގެ ޖަވާބު އިވިފައި ނިހާން އަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. ނިހާން ހަސްނައިން އަށް ޝުކުރު އަދާކުރުމުން ހަސްނައިން ހިނިތުންވެލިއެވެ. ޒާޔާވެސް ހަސްނައިން އަށް ޝުކުރުވެރިވާ ޙާލު ނިހާން އާއި އެކީ ގެއަށް ދާން ހިނގައިގަތެވެ.
“ޖަމީލާ!” ޖަމީލާ ގެއަށް ވަތް ތަނުން އިވުނީ އުސްމާނުގެ ބާރު ހަޅޭކުގެ އަޑެވެ. “ކިހިނެތްތަވީ؟” ނޭނގޭ ކަމަށް ހެދެމުން ޖަމީލާ ސުވާލުކޮށްލިއެވެ. “ކީއްކުރަން ނިހާންގެ ގެއަށް ދިޔައީ؟” އުސްމާން ދިޔައީ ހަމަ ސީދާ މަޢުޟޫއަށެވެ. ދުރުދުރުން ވާހަކަ ފައްޓާކަށް އުސްމާން ބޭނުމެއް ނުވެއެވެ. “އަހަރެން ނުދަން އެގެއަކަށް.” އެއްވެސް ޖެހިލުންވުމަކާ ނުލައި ޖަމީލާ ދޮގެއް ހަދައިލިއެވެ. “ނުދަންޏާ ދެން ކީއްކުރަން ނިހާން އަހަންނަށް ގުޅާފަ ބުނަންވީ ޖަމީލާ މިއަދު އެގެއަށް ދިޔައޭ؟” އުސްމާން ކުރި ސުވާލުން މިފަހަރު ޖަމީލާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވާން ފެށިއެވެ. އޭނާ ޚިޔާރުކުރީ ހިމޭނުން ހުރުމަށެވެ. އެހެންކަމުން އެއްވެސް ޖަވާބެއް ނުދީ އިސްޖަހައިގެން އެހުރިތާ ޖަމީލާ ހުރީ އެވެ. “ދެންވެސް ހަނދާންކުރާތި. ދެން އެއްފަހަރު ނިހާން އަށް އުނދަގޫވާ ގޮތަށް އުޅެފިއްޔާ ކަންތައް ވަރަށް ގޯސްވާނެ. އެކަން ހަނދާނުގަ ބަހައްޓައިގެން އުޅޭތި ކަލޭ.” އުސްމާނުގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. ޖަމީލާ މަޑުމަޑުން ބޯ ޖަހައިލަމުން އޭނާގެ ކޮޓަރިއަށް ދިޔައެވެ.
“އަދި މިހެން މިކަން ކޮށްގެން ކަމަކު ނުދާނެ ކަންނޭނގެ. ފުރަތަމަ ޖެހޭނީ އެ ޒާޔާގެ ރުހުން ހޯދަން. އޭރުން ކަންނޭނގެ އަހަންނަށް މިކަން ވާން އޮތީ. އަޅެ ދެން އަހަރެން ހާދަ ބޭނުމޭ ނިހާން. ހިތަށް އަރައި އަހަންނަށް އޭނާގެ ސިކުނޑި ނަގާ ބަދަލުކޮށްލެވޭނެނަމައޭ. ހިތް ނަގައި ބަދަލުކޮށްލެވޭނެނަމައޭ. އަރގްގްގް. ވެއިޓް….. ފުރަތަމަ ޒާޔާ. ދެން ޒާޔާ ލައްވާ ނިހާން އަށް މިކަމަށް ބާރުއަޅުއްވާނީ. ދެޓްސް އަ ގްރޭޓް އައިޑިއާ ޖަމީލާ. ޔެސް އައި ކޭން ޑޫ ދިސް.” ޖަމީލާ އޭނާގެ އަމިއްލަ ނަފްސާއި ވާހަކަދައްކަމުން ދިޔައެވެ. މިފަހަރު ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް ޖަމީލާ އޭނާގެ އެދުން ފުރިހަމަ ކުރަން އެބަ ބޭނުންވެއެވެ. ޖަމީލާ އެކަން ކުރާނެއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.





Salaam all readers. Miothee dhevana bai upload vefa Alhamdhulillah! Unmeedhukuran hama hurihaa kiyuntherinnau es kamudhaanekamau. Enjoy reading and leave a comment. Stay safe all my dear readers. Love you all ❤️❤️❤️❤️❤️❤️❤️❤️?
Yey..mee frst thrrrr……ehnkamah vanyaa v hppy…dhonthiiii ur amaizing…Masha Allah…febulous…LYSM❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤LOOKING FORWARD ❤❤❤❤❤❤❤❤❤❤❤❤❤❤keep up the great wrk…..comment nukuriyas mi stry kiyan…ekm miburu hama dhonthii ge rply eh libeynekamah mi kohllii…oh dhonthiii ur the bst…LYMMMM❤❤❤❤❤❤❤❤❤❤❤❤❤
Laalu au first libunee. Kairaa au second. Aha. Laalu ge comment publish vefa meenee v lahunney dhw ? ? ? Anyways thank you soooo much Laalu. It really means a lot for me. Thank you soooo much from the bottom of my heart for this lovely and supportive comment ? ? ? ? ? Love you toooo Laalu <3 <3 <3 <3 <3 <3 <3 <3
Mi bai vx varah varah reethi??…speechless…curiously waiting for the nxt part??…nd whn nxt…waiting..lysm dhonthy
Nd me first dhw???
Thank you so much kairaa ???❤️ Yes keep waiting dear. Insha Allah next ep submit kollaanan maadhamaa noon aneh dhuvahu inge????❤️ Love you too Kairaa ❤️❤️❤️❤️❤️❤️
Mi part vx hama habeys igey sis.???… Aslu vx vvv reethi..???… Kn Jameela aa ehtha????? Whn nxt??… Waiting 4 next..??. LYSM..??? Stay safe
Awlhey thank you so much Kylie ????❤️ Awwww vvv ufaavejje comment kiyaalaafa ???? Ahaha jameelaa dheke haadha rulhi ekey thi aee ?? Haha. Next episode maadhamaa noon aneh dhuvahu submit kollaanan inge. Keep waiting dear ????❤️ Love you too Kylie and stay safe dear ❤️❤️❤️❤️❤️❤️?
Reethi mi part vs
Shukuriyyaa v bodau
Dhonthyy mi part ves varah Varah salhi ???? curiously waiting for the next ???miss yeahh??ttyl ✌️✌️ be safe ❤️❤️❤️
Meekkooo thank you so so so much ????❤️ It really means a lot for me. Yes Meekko! Keep waiting for the next episode?? Miss you more dear and stay safe ❤️❤️❤️❤️❤️❤️
Woooow woow wooww .. vrh vrh vrh rythi mi part vx.. in sha allah on going parts ga vx sadha ge comments fennaane.. dhonthy ur so talented ma sha allah??
Awlhey vvvvvvvvvvvv bodau thank you Sadha ?????❤️❤️ It really really means a lot for me ????❤️ Aww vv ufaavejje ??? Will always wait for your comments. Once again thank you so so so so so much ❤️❤️❤️❤️❤️❤️
Mee mi stry ga loabyge evvx kameh nuvaane thr like zaaya nd hasnain or someone else.. vrh ufaavaane zaaya ah loabiveriyeh libijeyya
Anonymous ??? Mi storyga lwbiige eh es kameiy nuvaane hama. Lwbiige kameiy vaanama mi story ‘lwbii’ mi category au laafa ineehennu. Ehen noonas dhonthi dhekey gothuga dhonthi adhi lwbiige story liyaavareiy nuwe ???? Sorry for that but heekuran hama ufaaverikamaaekee anonymous mivaahaka kiyaalaanekamau. ?????❤️
Sorry dhonthy kurey ge part ah comment eh nukurevuny ma…mi dhuvaskolhu v busy kon ulhenjeheythee…but e part vx kiyaafa ❤ eh dhinin.
V reethi mi part vx…keep it up dhonthy ??????❤❤❤lysm
It’s okay Mint. Comment nukurevunas eba kiyamennu dhw. So that’s fine. Anyways thank you so so so so much Mint. Vvv bodau thank you thi dhin hiyvaru. Love you too Mint ❤️❤️❤️❤️❤️❤️❤️❤️❤️????
❤Ur always wc dhonthy
Wooooowww Dhonthy mi part ves vvvvvvvvvvvvvvvvv reethi ❤️❤️❤️❤️❤️❤️❤️
Nd waiting 4 nxt part lysm siss ?????
Jameelaa dheke Haadha rulhiaey mi part kee iru ???
STAY HOME) home STAY safe ???
Awlhey thank you so much Ahuu. Really means a lot for me. Keep waiting inge Ahuu. Hahaha. Haadhavarakashey jameelaa dheke rulhiaraiganegen thiulhenee ?? You too Ahuu. Stay safe at home. Love you too ❤️❤️❤️❤️❤️❤️
Haadha lahakun ney dhw Mi vaahaka kiyuny hehe any way love ya dhonthy
That’s not a big problem dear. Lahun viyas vaahaka kiyaalevijjenu dhw ? ? Love you too SHARAN <3 <3