ޒާޔާ – އެއްވަނަ ބައި
ސްކޫލް ރަނގަބީލު ޖެހުމާއިއެކުހެން ސްކޫލް ގޯތިތެރޭ މަޑުކޮށްގެން ތިބި ހުރިހާ ކުދިންތައް ސްކޫލްގެ މައި ގޭޓުން އެތެރެއަށް ވަންނަން ފެށިއެވެ. މިއަދަކީ ދިރާސީ އައު އަހަރު ފެށޭ ދުވަސްކަމުން ކޮންމެ ކުއްޖެއްގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ބޮޑު ޗުއްޓީއެއް ހޭދަކޮށްލުމަށްފަހު އަލުން އަނބުރާ ސްކޫލަށް އާދެވުމުން އެ ކުރެވެނީ ވަރަށްވެސް ތަފާތު އިޙުސާސްތަކެކެވެ. ހިތަށް ހަމަޖެހުން ގެނުވައިދޭނޭ އިޙުސާސްތަކެކެވެ. ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ އެކުވެރިންތަކާއިއެކީ ކްލާސްތަކަށް ވަންނަމުން ދިޔައެވެ. ޒާޔާވެސް އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ކަމަށްވާ ފަވާޝަތު އާއި އެކީ އެމީހުންގެ ކުލާހަށް ދިޔައެވެ. އެހެން ކުދިންނާއި ޚިލާފަށް ޒާޔާ ވޭތުވެ ދިޔަ ބޮޑު ޗުއްޓީ ހޭދަކުރީ ރުއިމާއި ހިތާމަ ކުރުމުގައެވެ. ވޭނާއި ކެކުޅުމުގައެވެ. ނަމަވެސް ގިނަ ދުވަސްތަކަކަށްފަހު އެކުވެރިޔާ އާއި ދިމާވެ ސްކޫލް މާޙައުލަށް އާދެވުމުން އެހެންކުދިންނެކޭ އެއްފަދައިން ޒާޔާއަށް ވެސް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް އެއީ ވަގުތީ ހިތްހަމަޖެހުމެކެވެ.
މިއަދަކީ ކިޔެވުން ފެށުނު ފުރަތަމަ ދުވަސްކަމުން ކޮންމެ ޓީޗަރަކުވެސް ކޮންމެ ދަރިވަރަކާއި ސުވާލުކުރީ ޗުއްޓީ ހޭދަކުރި ގޮތާއި ބެހޭގޮތުންނެވެ. ކުދިން ދޭ ޖަވާބުތައް އަޑުއިވިފައި ޒާޔާގެ ހިތުގައި ޖެހެއެވެ. އެކަމަކު އެކަން މޫނުމަތިން ނުދައްކައިވޭތޯ ޒާޔާ މަސައްކަތްކުރަމުން ދިޔައެވެ. ޒާޔާ އާއި ސުވާލު ކުރެވޭ ކޮންމެ ފަހަރަކު ޒާޔާ އަށް އިސްޖަހައިލެވެއެވެ. އަދި ޗުއްޓީ ހޭދަވީ އުފަލާއި މަޖަލުގައޭ ޒާޔާ ބުނަނީ އެއްވެސް އަސަރެއް ނެތް ގޮތަކަށެވެ. އެއިން ކޮންމެ ފަހަރަކު ފަވާޝަތު ހަމްދަރުދީގެ ނަޒަރަކުން ޒާޔާ އަށް ބަލައިލައެވެ. ޒާޔާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނުކަން އިނގުނު ދުވަހުން ފެށިގެން ފަވާޝަތު އަބަދުވެސް ޒާޔާއަށް ހިތްވަރުދޭން މަސައްކަތް ކުރެއެވެ. ނަމަވެސް ޒާޔާ އެ ފުރުޞަތު ފަވާޝަތަކަށް ނުދިނެވެ. މުޅި ޗުއްޓީ އެއްކޮށްހެން ހޭދަކުރީ އުފަން ބައްޕަގެ އުނގުގައި ބޯ އަޅައިގެން ރުއިމުގައެވެ.
ގަޑިއަކަށްފަހު ގަޑިއެއް ނިމެމުން ގޮސް ސެޝަން އެއްކޮށް ނިމުމާއި އެކީ ކުދިންތައް ކްލާހުން ނުކުންނަން ފަށައިފިއެވެ. ޒާޔާ ބެލީ ހުރިހާ ކުދިންނަށް ވުރެ އަވަހަށް ގޭޓުން ނުކުމެވޭތޯއެވެ. ނަމަވެސް ފަހަތުން ފަވާޝަތު ގޮވައިލުމުން ޒާޔާއަށް ޖެހުނީ ފަވާޝަތު ކައިރިއަށް ދާށެވެ. “އަދި މަޑުކޮށްލާ ހިނގާ.” ބާރައިގެ ކުލާހަށް ބަލައިލަމުން ފަވާޝަތު ބުންޏެވެ. “އެ ކީއްކުރަން؟ އަހަރެން ބޭނުން އަވަހަށް ދާން.” ކެތްތެރިކަން ކޮޅުންލައިފައިވި ގޮތަކަށް ޒާޔާ ބުންޏެވެ. އެހާ ގެއަށް ދާ ހިތުން ހުއްޓައި ފަވާޝަތު ޒާޔާ ހުއްޓުވުމުން ޒާޔާ ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. “މަޑުކޮށްބަލަ ނޫމާން މެން ނުކުންނަންދެން.” ފަވާޝަތު ބުންޏެވެ. “ފަވާ އެމީހުން އެހާ އަވަހަކަށް ނުނިމޭނެ ކަންނޭނގެ. އަހަރެން ބޭނުން ވަރަށް އަވަހަށް ގެއަށް ދާން.” ޒާޔާގެ އަޑު ކުރެހިގެން ދިޔައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކާއި ހަނގުރާމަކުރަމުން ޒާޔާ ދިޔައެވެ. ގޭގެ ހަތަރު ފާރު ނޫނީ އެހެން އެއްވެސް ތަނެއްގައި ރޯކަށް ޒާޔާ ބޭނުމެއްނުވެއެވެ. “ޒާޔާ. ނޫމާންމެން މިހާރު ނިމެންވަނީ. ދެން އިހަށް ކެތްކޮށްލާ. އަހަރެން އެކަނި މަޑުކުރަން ނުކެރިގެން ޒާޔާއާއެކީ މި މަޑުކުރަނީ. ނުރޮއްޗޭ ޒާޔާ.” ޒާޔާގެ ބޮޑު ދެލޮލުގައި ޖަވާހިރުތަކެއް ފަދައިން ވިދަމުން ދިޔަ ކަރުނަތައް ފެނި ފަވާޝަތު ބުންޏެވެ. މީހަކަށް ފެނުމުގެ ކުރިން ޒާޔާ އަވަސްއަވަހަށް އޭނާގެ ދެލޯ ފުހެލިއެވެ. އަދި ގަދަކަމުން ހިނިތުންވެލިއެވެ.
“ހޭ ގަރލްސް. އަހަރުން އަންނަންދެން ދޯ ތި ތިބީ.” ޒާޔާމެން ކައިރިއަށް ހުއްޓުނު ނޫމާން ބުންޏެވެ. ނޫމާން އާއިއެކީ އޭނާގެ އެކުވެރިޔާ ކަމަށްވާ ހަސްނައިން ވެސް ހުއްޓެވެ. ނޫމާން އާއި ހަސްނައިން އާއި ފަވާޝަތު އަކީ ގިނަދުވަސްވީ އެކުވެރިންނަށް ވިޔެއްކަމަކު ޒާޔާއަށް ނޫމާނާއި ހަސްނައިން ވަރަށް އަލެވެ. މިދިޔަ އަހަރު އެ ދެ ކުދިންނާއި ބައްދަލުވެފައިވިއެއްކަމަކު އަދިވެސް ޒާޔާ އެމީހުނާއި ބީރައްޓެއްސެވެ. ވާހަކަ ދައްކާ ހަދަނީވެސް މަދުފަހަރަކުއެވެ. “އާނ. ތިމީހުންގެ އިންތިޒާރުގަ މިތިބީ. ހިނގާ ދާން.” މަޑު ހުނުމަކާއިއެކު ފަވާޝަތު ބުންޏެވެ. ހަތަރު ކުދިންވެސް އެކުއެކީ ގެއަށް ދާން ހިނގައިގަތެވެ.
ޒާޔާގެ އިންތިޒާރަށް ނިމުމެއް އައީ ދިހަ މިނެޓް ފާއިތުވީފަހުންނެވެ. ގެއާއި ހަމައަށް އާދެވުމުން ޒާޔާ އަވަހަށް ގެއަށް ވަންނަން އުޅުނެވެ. ނަމަވެސް ފަވާޝަތު ޒާޔާގެ އަތުގައި ހިފެހެއްޓުމުން ޒާޔާއަށް މަޑުކޮށްލަން މަޖުބޫރުވިއެވެ. “އަހަރެން އަންނާނަން މިރޭ މިގެއަށް. ޒާޔާ ބައްޕަ ކައިރީ ބުނާތި އަހަރެން އަންނާނެ ވާހަކަ. އޯކޭ؟ ޓޭކް ކެއަރ.” ޒާޔާ ރައްދުގައި އެއްޗެކޭ ބުނަން އުޅުމުން ފަވާޝަތު އެކަން ހުއްޓުވައިފައި އޭނާގެ ގެއަށް ދާން ހިނގައިގަތެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހައިލުމަށްފަހު ޒާޔާ ގެއަށް ވަނެވެ. އޭރު ގޯތިތެރޭ ހުންނަ ބޮޑު އުނދޯލީގައި ނޫސްކަރުދާހެއް ކިޔަން ނިހާން އިނެވެ. “ބައްޕާ! މިރޭ ފަވާ އަންނާނެ މިގެއަށް.” ނިހާން ގާތަށް ގޮސް ނިހާން ކައިރީ އިށީންނަމުން ޒާޔާ ބުންޏެވެ. “ހްމްމް ބައްޕައަށް އަޑުއިވުނޭ ފަވާ ތިހެން ބުނި އަޑު. މިއަދު ސުކޫލް ކިހިނެތްވަނީ؟ ވަރަށް މަޖާތަ؟” ޒާޔާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލަމުން ނިހާން އެހިއެވެ. ޒާޔާގެ މޫނުމަތިން އެ ފެންނަ ހިތާމައިގެ ކުލަވަރުތައް ފިލުވައިލަން ނިހާން ނުހަނު ބޭނުންވެއެވެ. އުފަން ދަރިފުޅު އެފަދަ ގޮތަކަށް ހިތާމަކުރާކަށް އެއްގޮތަކަށްވެސް ނިހާން ބޭނުމެއްނުވެއެވެ. ޒާޔާ ހަމައެކަނި ބޯ ޖަހައިލީއެވެ. އަދި އިތުރު އެއްޗެކޭ ނުބުނެ ގޭތެރެއަށް ވަދެގެން ދިޔައެވެ. ޒާޔާގެ މި ޢަމަލުން ނިހާންގެ ހިތުގައި ރިއްސައިލިއެއްކަމަކު ނިހާން ކެތްތެރިކަން އިސްކުރެވޭތޯ ބެލިއެވެ. ނިހާންގެ އަންހެނުން މި ދުނިޔެ ދޫކޮށްދިޔަ ފަހުން ހުރި ހަމައެކަނި އަންހެން ދަރިފުޅު އެ ހުންނަނީ ހިތާމައިގެ ތަސްވީރެއް ހެނެވެ. ޒާޔާ އާއި މެދު ނިހާން ނުވިސްނާ އެންމެ ދުވަހެއް ވެސް ވޭތުނުވެޔޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ.
ކޮޓަރިއަށްވަދެ ދޮރު ލައްޕައި ތަޅުލުމަށްފަހު ޒާޔާ ދަބަސް ލިޔާ މޭޒުމަތީގައި ބާއްވައިފައި އައިސް އެނދުގައި އޮށޯވެލިއެވެ. މަންމަގެ ޚިޔާލުތަކުން އޭނާގެ ސިކުނޑި ފުރެމުން ދިޔައެވެ. މާޒީގައި އޭނާގެ މަންމަ އާއި ބައްޕަ އާއި އެކީ ހޭދަކުރި އުފާވެރި ދުވަސްތައް ހަނދާންވާން ފެށުމުން އަނެއްކާވެސް ޒާޔާއަށް ގިސްލައިފައި ރޮވެން ފެށުނެވެ. އަދިވެސް އޭނާގެ މަންމަ މަރުވި ދުވަސް އިއްޔެވީކަމެއްހެން ޒާޔާގެ ހަނދާނުގައި ހުރެއެވެ. އެހެނީ ޒާޔާގެ މަންމަ މަރުވީ ހަމަ އޭނާގެ ކުރިމަތީގައިކަމަށްވާތީއެވެ. ޒާޔާގެ މަންމަ މަރުވީ ހިތުގެ ބައްޔަށް ފަރުވާކޮށް ގެއަށް ދޫކޮށްލެވުނު ދުވަހުއެވެ. ޒާޔާ އެދުވަހު ފިލާވަޅު ހަދަން އިންދައި އޭނާގެ މަންމަ ވަރަށް ލޯބިން ގޮވައިލި އަޑަށް ޒާޔާ ތެދުވެ އޭނާގެ މަންމަ ގައިގައި ބައްދައިލަން އުޅުނެވެ. އެހެނަސް ބައްދައިނުލެވެނީސް މަންމަ ހުރިތަނަށް ވެއްޓުނީއެވެ. ކިހާ ހިތްދަތި ހެއްޔެވެ؟ ނަމަވެސް ޤަބޫލުކުރަން ޖެހޭ ކަމަކީ ﷲ އިރާދަކުރައްވައިފިނަމަ ކޮންމެ ވަގުތެއްގައިވެސް އެމީހާގެ ފުރާނަ ގެންދަވާނެކަމެވެ.
ކޮޓަރި ދޮރުގައި ޓަކި ދޭ އަޑަށް ޒާޔާ އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން އެނދުން ތެދުވެ ގޮސް ދޮރުހުޅިވިއެވެ. “ދަރިފުޅާ! އަދިވެސް ޔުނީފޯރމް ބަދަލުނުކުރަނީތަ؟” ނިހާން ޙައިރާންވީ މިއޮތް ހުރިހާ ވަގުތެއް ފާއިތުވެގެން ދިޔައިރުވެސް ޒާޔާ ޔުނީފޯރމް ބަދަލުނުކޮށް ހުރުމުންނެވެ. ހަމަ އެވަގުތު ޒާޔާގެ ދުޅަވެފައިވާ ދެލޯ ފެނުމުން ނިހާންގެ މޫނުމަތިން ފާޅުވާން ހުރި ޙައިރާންކަން ފިލައި ހިތާމަވެރިކަން އެ މޫނުމައްޗަށް ވެރިވިއެވެ. ޒާޔާގެ އަތުގައި ހިފައިގެން ނިހާން ކޮޓަރިއަށްވަދެ ޒާޔާ އެނދުގައި ބޭންދިއެވެ. އަދި ޒާޔާ ގާތުގައި އިށީންނަމުން ޒާޔާގެ ބޮލުގައި ލޯބިން ފިރުމައިލިއެވެ. “ދަރިފުޅާ. ބައްޕަ ވަރަށް ދެރަވޭ ދަރިފުޅު އަބަދު ތިގޮތަށް ހިތާމަ ކުރާތަން ފެންނާތީ. ދަރިފުޅު ވިސްނާލަބަލަ. މީ ދަރިފުޅު އޯ ލެވެލް ހަދާ އަހަރު. ކިޔެވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ އަހަރެއް މިއީ. ދަރިފުޅު ތިގޮތަށް ހިތާމަ ކުރަންޏާ ދަރިފުޅަށް ހީވޭތަ މި އަހަރު ދަރިފުޅަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެހެން؟” ނިހާން މަސައްކަތް ކުރަމުން ދިޔައީ ޒާޔާއަށް ވިސްނައިދެވޭތޯއެވެ. އޭނާގެ އުންމީދުތައް ގުޅިފައިވަނީ ޒާޔާއާއިއެެވެ. އެހެންކަމުން ޒާޔާއަކީ މުޖުތަމަޢުއަށް ފައިދާ ހުރި މޮޅު އަދި ރަނގަޅު ކުއްޖަކަށް ހަދަން ނިހާން ބޭނުންވެއެވެ. “އެކަމަކު ބައްޕާ. އަޅުގަނޑަށް ވަރަށް އުނދަގޫ މަންމައާ ވަކިން އެންމެ މިނެޓެއްވެސް ހޭދަކޮށްލަން. މިއޮތް ހުރިހާ ދުވަހު އަޅުގަނޑު ގިނަ ވަގުތު ހޭދަކުރީ މަންމަ އާއި އެކީގަ. ކިޔެވުމަށް އެންމެ ބޮޑަށް ހިތްވަރުދިނީ މަންމަ. ގޭތެރޭގެ މަސައްކަތްތައް ކުރަން ދަސްކޮށްދިނީ މަންމަ. ފިލާވަޅު ހަދަން އެހީތެރިވެދިނީ މަންމަ. މި ވޭތުވެދިޔަ އަހަރުތަކުގަ އަޅުގަނޑަށް ކިޔެވުމުން ރަނގަޅު ނަތީޖާއެއް ނެރެވުނީ ހަމަ މަންމަގެ ސަބަބުން. ހުރިހާ ކަމެއްހެން އަޅުގަނޑަށް ކޮށްދިނީ މަންމަ. ދެން މަންމައާ ނުލާ އަޅުގަނޑު ކިހިނެތްތަ އުޅޭނީ ބައްޕާ؟ ބައްޕަ އަޅެ ބުނެބަލަ.” ނިހާންގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ޒާޔާ ރޮމުން ދިޔައެވެ. ޒާޔާ ދެއްކި ވާހަކަތަކުން ނިހާންގެ ލޮލުން ކަރުނަ ނީރައިލިއެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި އަނެއްކާވެސް ޒާޔާއާއި ވާހަކަދައްކަން ފެށިއެވެ. “މަންމަ ނެތަސް މިއަދު ބައްޕަ މިހުރީނު ދަރިފުޅަށް ހުރިހާ ކަމެއް ކޮށްދޭން. ބައްޕަ މިއަދު މިހުރީނު ދަރިފުޅަށް ހިތްވަރުދޭން. އަނެއްކާ ދަރިފުޅުގެ އެކުވެރިންވެސް އެބަ ތިއްބެއްނު. ދަރިފުޅާ! ދުނިޔޭގެ މި ދިރިއުޅުމަކީ އިމްތިޙާނެއް. ޖެހޭ ކޮންމެ މުޞީބާތަކަށް ކެތްކުރަންވާނެ. ﷲ އެއްވެސް އިންސާނަކަށް ނުއުފުއްލޭވަރުގެ ބުރައެއް ނުޖައްސަވާނެ ދަރިފުޅާ. މިންވަރަށް އީމާންވާންވާނެ. ދުނިޔެއަކީ އަބަދު އެއްގޮތަކަށް އޮންނާނެ ތަނެއްނޫން ދަރިފުޅާ. ބައްޕައާ ދަރިފުޅުގެ ހެޔޮ އެކުވެރިން ދޭ ނަޞޭޙަތް އަޑުއަހައިގެން ދަރިފުޅު ކާމިޔާބުކަމާއިއެކު މި އަހަރުގެ ކިޔެވުން ނިންމާލާ. އިރާދަކުރެއްވިއްޔާ ބައްޕަ ދަރިފުޅު ގޮވައިގެން މިއަހަރު ނިމުނީމަ މާލެ ދާނަން. ދަރިފުޅު ބުނީމެއްނު އެގާރަ ބާރަ ކިޔަވަން ބޭނުންވަނީ މާލޭގައޭ. ދޯ!” ނިހާން ބެލީ ވީހާވެސް ބޮޑަކަށް ޒާޔާގެ ހިތްހަމަޖައްސައިދެވޭތޯ އެވެ. އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް ވިއެވެ. ނިހާން ޒާޔާގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލައިދީފައި ކޮޓަރިން ނުކުތެވެ. ޒާޔާ ދޮރު ތަޅުލުމަށްފަހު އަވަސްވެގަތީ ތާޒާވެލާށެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. އާދައިގެ ވަރަކަށް ވައި ޖެހެމުން ދިޔައިރު ކަނޑުމަތި އޮމާންކަމުން ކަނޑަށް ފުންމައިލާ ހިތްވާކަހަލައެވެ. ރަށުގެ އަންހެންވެރިން ރަށުތެރެ ކުނިކެހުމާއިގެން އުޅެއެވެ. ގިނައީ މެދު އުމުރުގެ މީހުންނެވެ. އެއްބަޔަކު ސައިކަލު ތަކުގައި އެމީހުންގެ އަނބިދަރީން ގޮވައިގެން ބުރު ޖަހަން ނުކުމެ އުޅެއެވެ. އަނެއްބަޔަކު އެމީހުންގެ ސިކުނޑި ތާޒާ ކޮށްލުމަށްޓަކައި ބަނދަރުގައި ހުރި ހޮޅުއަށްޓާއި ޖޯލިފަތި ތަކުގައި ތިއްބެވެ. ނިހާންވެސް ޖޯލިފައްޗެއްގައި އޮތީ އޭނާގެ ސިކުނޑި ތާޒާކޮށްލުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ޒާޔާގެ ރުއިމުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމަމުން ދާކަހަލައެވެ. ޒިޔާނާ މަރުވި ދުވަހު ޒާޔާ ރުއި ރުއިން އެންމެ ގާތުން ދެކުނީ ނިހާން އެވެ. އޭގެ ފަހުން ވެސް ޒާޔާ އޭނާގެ އުނގުމަތީ ބޯ އަޅައިގެން އޮވެ ރުއި ދުވަސްތައް ހަނދާންވެފައި ނިހާންގެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. މާޙައުލުގެ ގޮތުން ނިހާން އަވަސްއަވަހަށް އޭނާގެ ދެލޯ ފުހެލިއެވެ. އެއްވެސް މީހަކަށް އޭނާ ހިތާމަކުރާތަން ފެންނާކަށް ނިހާން ބޭނުމެއް ނުވެއެވެ.
ޖެހިގެން ހުރި ޖޯލީގައި މީހަކު އިށީންހެން ހީވެގެން ނިހާން އެ ދިމާލަށް ބަލައިލިއެވެ. “އުސްމާން. ކީއްކޮށްލަނީ؟” ހިނިތުންވެލަމުން ނިހާން އަހައިލިއެވެ. “ކަމެއް ނުކުރަން.” އުސްމާން ދިނީ ވަރަށްވެސް ކުރު ޖަވާބެކެވެ. އުސްމާން އަކީ ނިހާން އާއި އެކީ އެއް އޮފީހެއްގައި މަސައްކަތްކުރާ މީހެއްކަމުން ދެމީހުންގެ އެކުވެރިކަން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެހީއެއް ބޭނުން ވެއްޖެނަމަ އެކަކު އަނެކަކަށް އަބަދުވެސް އެހީވެއެވެ. އެކަކު އަނެކަކަށް ޤަދަރު ކުރެއެވެ. އިޚްތިރާމް ކުރެއެވެ. އިތުބާރު ކުރެއެވެ. “ކޮބާ ނިހާންގެ ދަރިފުޅު ކިހިނެތްތަ؟” އުސްމާނަށް އެހެން އަހައިލެވުނީވެސް ޒާޔާއާއި ދޭތެރޭ ވިސްނޭވަރުންނެވެ. “ދެން އެކަހަލަ ގޮތެއް. އަދިވެސް މުޅިއަކުން ހަމައަކަށް ނޭޅޭ.” ނިހާން ބުންޏެވެ. އޭނާގެ އަޑުގައި ހިތާމައިގެ އަސަރު އެކުލެވިގެން ވާކަން އުސްމާނަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ. ނިހާންގެ ކޮނޑުގައި އުސްމާން އަތް ބާއްވައިލީ އެކުވެރިޔާ އަށްޓަކައި ޙަމްދަރުދީވާ ޙާލުގައެވެ. އެކުވެރިޔާގެ ހިތާމައިގައި ތިމަންނަވެސް ބައިވެރިވަމޭ ބުނާ ފަދައިންނެވެ. “އަހަންނަށް އިނގޭ ނިހާން ވަރަށް ހިތާމަ ކުރާކަން. ނިހާންގެ ދަރިފުޅު ވެސް. ޚުދު އަހަރެންވެސް ހިތާމަކުރަން. ޒާޔާ އަބަދު ހިތާމަކުރާތަން ދެކުން އެއީ ނިހާން އެއްގޮތަކަށްވެސް ބޭނުންވާނެކަމެއް ނޫން…. ނިހާން ދެވަނަ ކައިވެންޏެއް ކުރަންވީނު.” އުސްމާން އެންމެ ފަހުން ބުނި ޖުމުލައިން ނިހާނަށް ދެލޯ ބޮޑުކޮށްލަމުން އުސްމާނާއި ދިމާލަށް ބަލައިލެވުނެވެ. “ނޫން. އަހަރެން ތިކަމެއް ނުކުރާނަން. ޒާޔާއަށް އިތުރު ހިތާމަތަކެއް ކަންނޭނގެ ދެންވެސް ލިބޭނީ.” ނިހާން އަވަސްއަވަހަށް ބުންޏެވެ. އުސްމާންގެ އެ ޚިޔާލާއި އެއްބަސްވާން ނިހާން އަށް އުނދަގޫވިއެވެ. “ތިހެން ހީނުކުރޭ. އެންމެން އެއްގޮތެއް ނުވާނެ. ވަރަށް ރަނގަޅު މީހުންވެސް އުޅޭނެ. ނިހާން ދެވަނަ ކައިވެންޏެއް ކޮށްފިއްޔާ ޒާޔާ އަށް ނުޖެހޭނެ މަންމަ ނެތްކަމުގެ ފަޅުކަން އިޙުސާސްކުރާކަށް…. އަހަރެން މި ދެއްކި ވާހަކަތަކާ ދޭތެރޭ ނިހާން ވިސްނާނެކަމަށް އުންމީދު ކުރަން. އަހަރެން ދެން ގޮސްލަނީ.” އުސްމާން ދިޔަ ދިމާލަށް ބަލަހައްޓައިގެން ނިހާންއަށް އިނދެވުނެވެ. އުސްމާން އެ ދެއްކީ ހަމަ ރަނގަޅު ވާހަކަތަކެއްބާއެވެ؟ އެކަން ހަމަ ކުރަންވީބާއެވެ؟ ޒާޔާގެ އުފަލަށްޓަކައި ކޮންމެފަދަ ކަމެއް ކުރަންވެސް ނިހާން އެހުރީ ތައްޔާރަށެވެ. އެކަމަކު މި ކަމުގައި ޒާޔާގެ ވިސްނުން ހުރި ގޮތެއްވެސް ބަލައިލަން ޖެހޭނެތާއެވެ. އިރުއޮއްސެން ކައިރިވުމުން ނިހާން ދެން މިޞްރާބު ޖެހީ މިސްކިތާއި ދިމާލަށެވެ.
މަޣްރިބް ނަމާދުކޮށްލައި ކިޔަވައި ހެދުމަށްފަހު ޒާޔާ އޭނާގެ ލެޕްޓޮޕް ހިފައިގެން އިށީނެވެ. ޒިޔާނާ އާއި ޒާޔާ އާއި ދެމީހުން ނަގައިފައި ހުރި މަޖާ ފޮޓޯތަކަށް ބަލަން ޒާޔާ އިނީ ހެވިފައެވެ. ޒިޔާނާ ހޮސްޕިޓަލުގައި އޮތް ދުވަސްކޮޅު ޒާޔާ އާއި ޒިޔާނާ ނަގައިފައި ހުރި ސެލްފީތަށް ފެނި ޒާޔާއަށް އިތުރަށް ހެވުނެވެ. ފަވާޝަތާއި ޒިޔާނާގެ މަޖާ ފޮޓޯތައްވެސް ހުއްޓެވެ. ހެވިފައި އިން ޒާޔާގެ ލޮލުން އިސާހިތަކު ކަރުނަ ނީރައިލައިފިއެވެ. އެ ދުވަސްތައް އަނބުރައި ލިބޭނެ ނަމައެވެ. އެދުވަސްތަކަށް އަނބުރައި ދާން ޒާޔާ ނުހަނު ބޭނުންވެއެވެ. އެހެންނަމަވެސް އެއީ ވާނެކަމެއްނޫންކަން ޒާޔާ ޤަބޫލުކުރެއެވެ.
އަށެއް ޖަހަން ކައިރިވެފައި ހުއްޓާ ފަވާޝަތު ޒާޔާމެން ގެއަށް އައެވެ. “ނިހާންބޭ.” ސިޓިންގްރޫމުގައި ޓީވީ ބަލަން އިން ނިހާނަށް ފަވާޝަތު ގޮވައިލިއެވެ. “އަހަނ. ފަވާ. އާދޭ އަވަހަށް. ޒާޔާ ވެއްޖެ ކޮޓަރީގަ. އަވަހަށް ދޭ.” ޒާޔާގެ ކޮޓަރިއަށް އިޝާރާތްކުރަމުން ނިހާން ބުންޏެވެ. ފަވާޝަތު ގޮސް ޒާޔާގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލިއެވެ. ޒާޔާ ދޮރު ހުޅުވުމުން ފަވާޝަތު އެތެރެއަށް ވަނެވެ. “ޒާޔާ ކީއްކޮށްލަނީ ތި؟” އެނދުގައި އިށީންނަމުން ފަވާޝަތު އެހިއެވެ. އޭރު ޒާޔާގެ ލެޕްޓޮޕް ސްކްރީން ފަވާޝަތަށް ފެނުނެވެ. “ޕިސް ޕިސް. ހާދަ ވަރަކަށް ގޭމް ކުޅެނީ.” ލެޕްޓޮޕުން އަޅުވައިފައި އިން ފީޑިންގް ފްރެންޒީ ގޭމް ފެނުމުން ފަވާޝަތު ބުންޏެވެ. “ސާބަސް. ހަމަ ގޭމް އެޅުވިތަނާ ފަވާ ތި އައީ. އާދޭ ގޭމް ކުޅޭތަން ބަލަން.” ޒާޔާ ލެޕްޓޮޕް އޭނާގެ އުނގުގައި ބައިންދަމުން ބުންޏެވެ. ފަވާޝަތު އެނދަށް އަރައި ޒާޔާ ކައިރީގައި އިށީނެވެ. “ޒާޔާ މިހާރު އޯކޭތަ؟” ގިނަ ދުވަސްތަކަކަށްފަހު ޒާޔާގެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފާޅުވާން ހުރުމުން ފަވާޝަތު އަހައިލިއެވެ. “އާނ. އަހަރެން އޯކޭ.” ހިނިތުންވެލަމުން ޒާޔާ ބުންޏެވެ. ޒާޔާ އެހެން ބުންޏަސް ފަވާޝަތު ދިޔުމުން ޒާޔާގެ މޫޑު މުޅިން ބަދަލުވެގެންދާނެކަން ފަވާޝަތަށް އިނގެއެވެ. މި ވަގުތުގެ އުފާވެރިކަން ނަގައިލަން ބޭނުން ނުވުމުން ފަވާޝަތު އިތުރު ވާހަކަތަކެއް ނުދައްކައި ޒާޔާ އާއި އެކީ ގޭމްގައި ބައިވެރިވެލިއެވެ. ގޭމް ކުޅެމުން ދިޔައިރު ބައެއްފަހަރު ދެ އެކުވެރިންގެ ހުނުމުގެ އަޑު ކޮޓަރިތެރޭ ގުގުމައިގެން ދެއެވެ.
ފަވާޝަތު ގެއަށް ދިޔައީ އޭނާގެ ބޭބެ އޭނާ ބަލައި އައުމުންނެވެ. ޒާޔާއަށް އެރޭގެ ވަދާޢީ ސަލާމް ފަވާޝަތު ކުރީ ހިނިތުންވުމަކާއިއެކީގައެވެ. އެހެންޏާ އެހެން ދުވަސް ދުވަހު ފަވާޝަތު އެގެއިން ދާން ޖެހެނީ ރޮވިފައި ހުރެއެވެ. އެކުވެރިޔާ ހިތާމަކުރާވަރު ފެނުމުގެ ސަބަބުންނެވެ. ފަވާޝަތު ދިއުމުން ނިހާން ޒާޔާގެ ކޮޓަރިއަށް ވަނެވެ. “ދަރިފުޅާ. ބައްޕަ މިއައީ ކުޑަ ވާހަކައެއް ދަރިފުޅާ ދައްކާލަންވެގެން.” އެނދުގައި އިށީންނަމުން ނިހާން ބުންޏެވެ. ޒާޔާ ލެޕްޓޮޕް ބަހައްޓައިފައި އޭނާގެ ހުރިހާ ސަމާލުކަމެއް ނިހާން އަށް ދިނެވެ. “ކޮންވާހަކައެއް ބައްޕާ؟” ޒާޔާ އިނީ ނިހާން އެ ބުނަން އުޅޭ ވާހަކައެއް އަޑުއަހާ ހިތުންނެވެ. ނިހާން އިނީ ވާހަކަ ފަށާނެ ހިސާބެއް ނޭނގިފައެވެ. އުސްމާން ދެއްކި ވާހަކަ ތަކާ ދޭތެރޭ ނިހާން މިއަދު އެތައް ވަގުތަކު ވިސްނިއެވެ. ހަވީރު ގެއަށް އައިގޮތަށް އެނޫން ކަމަކާ ނިހާން އަކަށް ނުވިސްނުނެވެ. ނިހާންގެ ހިތް އުސްމާންގެ ވާހަކަތަކަށް އެއްބަސްވާން ބުނަމުން ދިޔައިރު އޭނާގެ ސިކުނޑި އެކަމާ ދެކޮޅު ހަދަމުން ދިޔައެވެ. ހިތާއި ސިކުނޑިއާއި ދެމެދު ވަރުގަދަ ހަނގުރާމައެއް ކުރެވެމުން ދިޔައިރު ނިހާން ފުން ނޭވާތަކެއް ލަމުން ދިޔައެވެ. “ބައްޕާ؟” އަނެއްކާވެސް ޒާޔާ ގޮވައިލި އަޑަށް ނިހާން ހިމޭންވިއެވެ. “ބައްޕަ އެހެން ކައިވެންޏެއް ކުރިޔަސް ދަރިފުޅަށް އެންމެ ރަނގަޅުތަ؟” ދެވަނަ ވިސްނުމަކަށް ނުގޮސް ނިހާން ޒާޔާ އާއި ސުވާލުކުރިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޒާޔާ އިން އިރު ދެލޯ ބޮޑުކޮށްގެން ނިހާން އާއި ދިމާލަށް ބެލުން ނޫންކަމެއް ޒާޔާއަކަށް ނުކުރެވުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.





Me first dhw ❤️❤️❤️❤️
MI part varah varah reethi ???
Nd waiting for nxt part ??
STAY home STAY safe????
Awww. Yes Ahuu au first libunee. Hehe. Thank you so much Ahuu. Keep waiting inge. You too stay safe at home. ?
Pis pis bestie kuraa kanthah
Salaam all readers. Alhamdhulillah miothee furathama bai upload vefa. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. Mi vaahakaige vaki hisaabakun kudakoh biruverivefa magical es vaane. That’s how I planned this story. Enjoy reading and leave a comment. Love you all my readers. ❤️❤️❤️❤️
??❣️❤️????????????❤️?????Vrh reethi
Thank you so much Fauzaan ????❤️
Donthy keeh ve me ge comment ah answer nudheynee
Donthy keeh ve me ge comment ah answer nudheynee
Alhey Ahuu dhonthi au hama comment annairakau reply nudhevidhaane inge ??? Dhonthi au vaguthu veevarakun comment thakau reply kuramennu dhw ??? Dhn faharakun mibuni vaahakathau handhaanuga bahattachchey inge Ahuu ?????❤️
Oops eydhee anonymous
Yhh dhonthy ?????
Alhyy… Dhonthyy mi part thi nimaalyy haadha curious kohfa???……..mi part ves varah Varah salhi ?? Masha Allah ?? curiously waiting for the next part ??? miss yeahh ….. Luv yeahh??be safe….❤️❤️ttyl✌️✌️
Awlhey Meekkooo. Hama curious kollaa hiy vee ey. Haha. Thank you so much meekko. Yes keep waiting curiously. Haha. Miss you more Meekko. Love you too dear and stay safe ❤️❤️❤️❤️❤️?
Whn next vrh reethi story♥️
Alheyyy dhonthy mi part vx v reethi… Waiting fr nxt… Ly sis… Stay safe dear
Awlhey Kylie thank you so much dear. Yes dear! Keep waiting inge. Mihaaru next episode liyamun mi dhanee. Insha Allah mireyge vaguthegga submit kollaanan. Love you too Kylie and stay safe dear.
Vrh salhi ma sha allah .
Waiting fr next..
?
Awww thank you so much Sadha. Yes keep waiting inge. Submit kollaifin next part. Dhn admin will publish it. So let’s wait dhw. ???❤️
Dhonthy vrh curious kohlaafa ingey thi ninmaaly?…varah varah reethi mi bai vx???….masha allah….waiting for the nxt part….nd whn nxt…stay safe..lysm
Kairaa ????❤️? keekkuraanee hama kairaamen curious kollaahiyvee ey. Btw vvvvvv bodau thank you Kairaa. And yes! Keep waiting dear. Next part upload vaane ireh neynge. Submit koffa innaanee inge. Love you too and stay safe darla ❤️❤️❤️❤️❤️?
Woww mi prt Varah reethi Nd whn nxt
STAY HOME # STAY SAFE #
Awww thank you so much SHARAN. Stay home and stay safe ?