ނުފިލާނޭ މިހިތަކުން… 2
***** ތި ލޮލާ އަމާޒު ވެވުމުން އަހަރެންގެ ހިތް މި ވިރެޔޭ *****
ކަން ދިމާކުރި ގޮތުން ލިފްޓަށް އެރުނީ މާކިންއަށާއި އެ އަންހެން ކުއްޖާއަށް އެކަންޏެވެ. ދޮރު ލެއްޕުމާއިއެކު އެ އަންހެން ކުއްޖާގެ ނޭވާގެ އަޑު އޭނާއަށް އިވެން ފަށައިފިއެވެ. މާކިން ފުރަތަމަ ފަހަރަށް ފަރުވާތެރި ނަޒަރަކުން އެކުއްޖާއަށް ބަލާލިއެވެ. އެކުއްޖާ ނޭވާލުން އާދަޔާ ޚިލާފަށް އަވަހެވެ. ދެއަތް ދެއަތާ އުނގުޅަމުން ދިޔައިރު ދެލޮލުގައި ވަނީ ސިހުމާއި ހާސްކަމެވެ. އެވީ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ދާތިކިތައް އެކުއްޖާގެ ދޮން މޫނުން ފާޅުވާން ހުއްޓެވެ. މާކިން ހިން ދިރުވާލިއެވެ. އަނެއްކާ އެކުއްޖާ އޭނާދެކެ ބިރު ގަތީހެއްޔެވެ؟
ދާން ބޭނުންވާ ހިސާބަށް ދެވުމުން ލިފްޓުން ފޭބުމަށްފަހު އެ އަންހެންކުއްޖާ ފުންނޭވާއެއް ދޫކޮށްލި މަންޒަރު މާކިންއަށް ފެނުނެވެ. އެހެން ނަމަވެސް ހަލުވި ހަލުވިކޮށް އެކުއްޖާ ހިނގާލާފައި ދިޔައިރު އިތުރަކަށް އޭނާއާއި ދިމައެއް ނުބަލައެވެ. ކްލާހަށް ވަދެގެން ދިޔައިރުވެސް މާކިންގެ ސަމާލުކަން ހުއްޓިފައިވަނީ އެއަންހެން ކުއްޖާގެ ހަރަކާތްތަކަށެވެ. ރަތްކުލައިގެ މާޖެހި ހެދުމަކާއި، ރަތްކުލައިގެ ޝޯލްގެ ތެރެއިން މާކިންއަށް އެއަންހެން ކުއްޖާގެ މޫނު ފާޅުވީ މައުސޫމް ގޮތަކަށެވެ. އެސްފިޔަތައް ތިރިކޮށްލައިގެން އިން އިރު އޭގެ ދަށުގައިވާ ލޮލުގެ ރީތިކަން ވަނީ ފޮރުވިފައެވެ. ދޮން މޫނުގައިވަނީ އާދަޔާ ޚިލާފު ހުދުކަމެކެވެ. ބައްޓަން ރީތި ދެބުމައާއި، ކުޑަ ނޭފަތެކެވެ. ހިނިތުންވުމެއް ނުވާ އެހެން ނަމަވެސް މަޑު ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. މޭޒުމަތީގައި ދެއަތް ޖޯޑުކޮށްލައިގެން ބާއްވައިގެން އިން އިރު ހުދުކުލައާއި ގާތްކުރާ ހިމަ ހިމަ ދިގު އިނގިލިތަކުގައި މަޑު މަޑު ހަރަކާތެއް ހުއްޓެވެ.
އާދަޔާ ޚިލާފަށް ދޮނެވެ. އާދަޔާ ޚިލާފަށް ހިއްކެވެ. އެހެން ނަމަވެސް ސަމާލުކަން ދިނުމުން ފާހަގަ ކުރެވުނީ ހުސް ރީތި ސިފަތަކެވެ.
“މާކިން.. ޓީޝާޓު ލައިގެން ނުވަދެވޭނެ ކްލާހަކަށް..” މާކިން މަޑު މަޑުން ހިނގާލާފައި ގޮސް ގޮނޑީގައި އިށީންނަށް ތައްޔާރުވެލިތަނާ އެގަޑީގެ ލެކްޗަރަރ ޝާހިދާ މިސް ހަރުކަށި ރާގަކަށް ބުނެލިއެވެ. މާކިން ލޯ މަރާލާފައި، ކުޑަކޮށް ދޫ ބޭރަށް ލުމަށްފަހު ބޯ ކަހާލަމުން ވަށައިގެން ތިބި އޭނާގެ ކްލާސް ކުދިންތަކަށް ބަލާލިއެވެ. އެންމެންވެސް އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހިނިގަނޑު ހިފަހައްޓާލެވޭތޯ މަސައްކަތްކުރަނީއެވެ. އޭނާގެ އެންމެ ގާތް ދެ ރަހްމަތްތެރިންވެސް އަނގަމަތީގައި އަތް އަޅައިގެން ހީފައި ތިއްބެވެ. އެންމެންގެ ސަމާލުކަން ލިބުނު އިރުވެސް އެއްކަލަ އަންހެން ކުއްޖާ އެކަމާ މާބޮޑު އަޅައެއް ނުލައެވެ. އެންމެންނަށް ދެލޯ ހަނިކޮށްލަމުން މާކިން އޭނާގެ ލެކްޗަރަރ އާއި ކުރިމަތިލިއެވެ.
“މިސް.. ނޭނގެ…” “އެންމެ ރަނގަޅު.. އެކަމަކު ތަކުރާރު ވެގެން ނުވާނެ” މާކިން އޭނާގެ އަމިއްލަ ދިފާއުގައި ވާހަކަ ދައްކަން އުޅުނު ވަގުތު އިނގިރޭސި ބަހުން ހަރުކަށި ގޮތަކަށް ޝާހިދާ މިސް ބުނެލިއެވެ.
އެއް ގަޑި އިރުގެ ކްލާހަކަށް ފަހު މާކިން ކްލާހުން ނުކުތީ އޭނާގެ އެންމެ ގާތް ދެ ރަޙްމަތްތެރިން ކަމުގައިވާ އިޝާންއާއި ޝުބާއާއި އެކުގައެވެ. ތިން ކުދިންގެ މަންމަމެންގެ ދެމެދުގައި އޮންނަ އެކުވެރިކަމެއްގެ ސަބަބެއް އެ ތިން ކުދިންނަކީ އެންމެ ކުޑަ އިރުއްސުރެވެސް އެކުގައި އުޅެމުން ބޮޑުވި ތިން ކުދިންނެވެ. ޕްރީ ސްކޫލުން ފެށިގެން ކިޔަވަމުން ދިޔައީ އެއް ސްކޫލެއްގައެވެ. ސްކޫލުގައާއި ސްކޫލުން ބޭރުގައިވެސް އަބަދުވެސް އުޅެނީ އެއްކޮށެވެ. ސާނަވީ ތައުލީމު ނިމި، މަތީ ސާނަވީގައިވެސް ކިޔެވީ އެއް މާއްދާ ތަކެކެވެ. ތިން ކުދިންގެ ވެސް ޝައުގުވެރިކަން ހުންނަނީ ސައިންސްގެ ދާއިރާ އަށެވެ. އެހެން ނަމަވެސް އޭލެވެލް ނިންމިއިރު މާ ރަނގަޅު ނަތީޖާއެއް ތިން ކުދިން ކުރެ އެއް ކުއްޖަކަށްވެސް ނުލިބެއެވެ. އޭލެވެލް ނިންމުމަށްފަހު އެކި ކަހަލަ ކުދި ކުދި ވަޒީފާގައި އަހަރެއްހާ ދުވަހު ތިން ކުދިންވެސް ހޭދަކޮށްލީ އިތުރަށް ކިޔެވުމުގެ ކުރިން ކިޔެވުމުން ބްރޭކެއް ނަގާލުމަށެވެ. ތިން ކުދިންނަކީވެސް ތަނަވަސް އާއިލާތަކަށް ނިސްބަތްވާ ކުދިންކަމުން މިކަން މާ ބޮޑު ކަމަކަށް ނުވެއެވެ. ބެޗިލާސް އޮފް ސައިންސް ކޯހުގައި ބައިވެރިވުމަށް ތިން ކުދިންވެސް ފައުންޑޭޝަން ކޯހުގައި ބައިވެރިވާން ޖެހުނެވެ. އެންމެ ފަހުން އަސްލު ކޯހާއި ހަމައަށް އާދެވުނު އުމުރުން 22 އަހަރު ފުރި 23 އަހަރަށް އެޅުނީއެވެ. އެހެން ނަމަވެސް އެއިން އެއްކުއްޖަކުވެސް ދުވަސްތައް ހޭދަކުރެވުނު ގޮތާއިމެދު ދެރައެއް ނުވެއެވެ. ތިން ކުދިންނަށް އެކުގައި އުޅެވެނިކޮށް ހުރިހާ ކަމެއް ފުރިހަމަވެފައިވާ ފަދައެވެ.
“މިއަދު ގަޑި ނުޖެހި އައީމަ ޓީޝާޓު ލައިގެން.. ޝާހިދާ މިސްގެ ބޮމެއް ނުލިބެންޏާ ކަމު ނުދަނީތަ..؟” މާކިން ކޮނޑުގައި ބާރަށް ޖަހާލަމުން ޝުބާ ލާނެތް ރާގަކަށް ބުންޏެވެ. އެވަގުތު އިޝާންވެސް ހޭންފެށިއެވެ.
“އޭނަ ހުންނަނީ މަށާ އަޅައިގަނެފަ..” ތުން ދަމައިގެން ހުރެގެން މާކިން ފޫހި ރާގަކަށް ޖަވާބު ދިނެވެ. އެވަގުތު ޝުބާއާއި އިޝާން ބާރުބާރަށް ހީނގަތެވެ. ތިން ކުދިން ހެމުން ސަކަރާތް ޖަހަމުން މިސްރާބު ޖަހާފައި ހުރީ ކެންޓީނަށެވެ. ކާ އެއްޗެހި ހިފައިގެން ގޮސް މޭޒު ދޮށުގައި އިށީނދެލި ވަގުތު މާކިންގެ ލޮލުގައި އަޅައިގަތީ ކެންޓީނަށް ވަދެގެން އައި އެއްކަލަ އަންހެން ކުއްޖާއެވެ. ކާ އެއްޗެހި ނަގާ ތަށިތައް ހިފައިގެން އެކުއްޖާ ވަށައިގެން ބަލާލި އިރު ހުސް މޭޒެއް ނެތެވެ.
“މެހެކް.. އާދޭ މިތަނަށް..” އެކުއްޖާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން މާކިން ސިއްސައިގެން ދިޔައީ ޝުބާގެ ގަދަ އަޑަށެވެ. އޭނާގެ އެހުންނަ ތޫލި، ވަރުގަދަ އަޑަކީ އަޑު އިވޭ މީހަކު އަވަދިވެދާނެ އެއްޗެކެވެ.
“އޭ ސްޕީކަރު.. ތިހާ ބާރަށް ނުގޮވިޔަސް ވެދާނެ..” މާކިން ޝުބާގެ ބޮލުގައި އަޅުވާލަމުން ދެ ދަތްޕިލަ ޖައްސައިގެން އިނދެ ބުނެލިއެވެ. އޭރު އިޝާން އަނގަމަތީ އަތް އަޅައިގެން ހެވިފައި އިނެވެ.
“ޕިސް.. މަޑުން އިނދެބަލަ.. މެހެކް..” ޝުބާ މާކިންގެ އަތް ފޮޅުވާލަމުން އަނެއްކާވެސް ބާރު ބާރަށް ގޮވާލިއެވެ.
އޭރު އެ އަންހެން ކުއްޖާ އެމީހުންގެ މޭޒާއި އަރާ ހަމަވެއްޖެއެވެ.
“މޭޒެއް ނެތެއްނު.. މިތާ އިށީންދޭ..” އެކުއްޖާ އައުމާއިއެކު ޝުބާ ހިނިތުންވުމަކާއިއެކު ބުނެލިއެވެ. އިޝާންއާއި މާކިން އެކަކު އަނެކަކާ ދިމާއަށް ބަލާލުމަށްފަހު ހީނލިއެވެ. ޝުބާއަކީ އެއީއެވެ. ހިތް ހެޔޮވެފައި މީހުންނާއި ގާތްވެލަން ނުހަނު ފަސޭހަވާނެއެވެ. އަޑު ގަދަވެފައި، ފިރިހެން ކުއްޖެއްހެން އުޅުނަސް ޝުބާދެކެ ފޫހިވުމަކީ ވަރަށް ނުވާނޭ ކަމެކެވެ.
“ތޭންކްސް.. މްމް.. ނަންތަކެއްވެސް ހަނދާނެއް ނެތް..” އެކުއްޖާ އިށީނދެލަމުން ޝުބާއަށް ބުނެލިއެވެ. މާކިން ފަރުވާތެރި ކަމާއިއެކު އެކުއްޖާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނީ ކުރިން ފެނުނު އިރު އެކުއްޖާގެ ހަރަކާތްތަކަށް ހުރި ގޮތް ހަނދާން ވެފައެވެ.
“އެއް ކްލާސްތަކަކަށް ވިއްޔަ ދަނީ.. އަހަރެންނަށް މިހާރު ހުރިހާ ކްލާހަކަށް ދާ ހުރިހާ ކުދިންނެއްގެ ނަން އެނގޭ..” ޝުބާ މަޖާ ރާގަކަށް އަނގަ ތަޅުވަން ފެށިއެވެ.
“ޝުބާ ނޫން އިތުރު އެކަކުވެސް ނޫޅޭ ރައްޓެހިން މަދުވެގެންނެއް..” އިޝާން ލާނެތް ގޮތަކަށް ބުނެލިއެވެ.
“ހެވޭ.. މެހެކް.. މީ ޝުބާ.. މީ އިޝާން.. މީ މާކިން..” ޝުބާ އަމިއްލައަށް ތަޢާރަފް ވެލުމަށްފަހު އިޝާންއާއި މާކިންވެސް ތަޢާރަފް ކޮށްދިނެވެ.
“މެހެކް.. ހީވަނީ ހިންދީ ނަމެއް ހެން..” މާކިން ހިނިތުން ވެލަމުން މެހެކްއާއި ސަލާމް ކޮށްލަން އަތްދިއްކޮލިއެވެ.
“އުރުދޫ ނަމެއް…” ކުޑަ ކުޑަ ހިނިތުންވުމަކާއިއެކު މެހެކް މާކިންއާއި އަދި އިޝާންއާއި ވެސް ސަލާމްކޮށްލިއެވެ.
މާކިންމެން ކައި ނިމިގެން ނުކުމެގެން ދިޔައިރުވެސް މެހެކް އިނެވެ. ނުކުމެގެން ދަމުން މާކިން ފަސް އެނބުރި މެހެކްއަށް ބަލާލިއެވެ. އެވީ ވަގުތު ކޮޅުގެ ތެރޭގައި މެހެކް މާ ގިނަ ވާހަކައެއް ނުދައްކައެވެ. ޝުބާ ކުރާ ސުވާލަކަށް ޖަވާބު ދިނުން ފިޔަވައި އިތުރު ކަމެއް ނުކުރެއެވެ. ހިނިތުންވެލަނީ ވަރަށް ކުޑަކޮށެވެ. ގިނަވަގުތު އިންނަނީ އެސްފިޔަތައް ތިރިކޮށްލައިގެންނެވެ.
“މެހެކް..” ހިތާއި ހިތުން އެނަން ކިޔާލަމުން މާކިން ކުރިއަށް ހިނގައިގަތް އިރު އޭނާގެ ތޫނު ދެލޮލުގައި އާދަޔާ ޚިލާފު ވިދުވަރެއް ހުއްޓެވެ.
ޖެހިގެން އައި ދުވަހެވެ. ކޯހުގެ އެންމެ ފުރަތަމަ ލެބް ސެޝަން ނަގާ ދުވަސްކަމުން ކެމިސްޓްރީ ލެބަށް ހުރިހާ ކުދިން ވަނީ ޝައުގުވެރިކަމާއިއެކުއެވެ. ކިޔެވުމުގެ ތެރެއިން މާކިންވެސް އެންމެ ގަޔާވާއި ބަޔަކީ އެއީއެވެ. ލެކްޗަރަރ އެދުވަހު ކިޔައިދެމުން ދިޔައީ ލެބްގެ ގަވާއިދުތަކެވެ. އަދި އަބަދުވެސް ލެބްގެ މަސައްކަތް ކުރަން ޖެހޭނީ ބައިވެރިއަކާއި އެކުގައި ކަމަށާއި، މުޅި ސެމެސްޓާގައި ވެސް ހުންނަންވާނީ އެއް ލެބް ޕާޓްނަރއެއް ކަމެވެ. ލެބްގެ ބައިވެރިން އިޚްތިޔާރު ކުރަން ކުދިންނަށް ދޫކޮށްލުމުން ވަރަށް އަވަސް އަވަހަށް އެކުއްޖެއްގެ ގާތް މީހަކު އިޚްތިޔާރުކޮށް ބައިވެރިން ނަގާ ނިމިއްޖެއެވެ. ޝުބާއާއި އިޝާން ބައިވެރިންނަށް ވުމުނެ މާކިން ހުރީ އެކަންޏެވެ. ކަން ދިމާ ކުރި ގޮތުން ދެން ބައިވެރިއަކާއި ނުލާ ހުރީ މެހެކްއެވެ. އެންމެ ފަހުން މާކިންގެ ބައިވެރިއަކަށްވީ މެހެކްއެވެ. ކޮންމެ ގްރޫޕަކުންވެސް އެކްސްޕެރިމެންޓްތައް ހަދަން ސްޓޭޝަނެއް ކަނޑައެޅުމަށް ލެކްޗަރަރ އެދުނެވެ. އެ ސްޓޭޝަނަކީވެސް މުޅި ސެމެސްޓާގައި އެ ގްރޫޕަކުން މަސައްކަތް ކުރަން ޖެހޭނެ ސްޓޭޝަން ކަމުގައި ކިޔާދިނެވެ. މާކިންއާއި މެހެކް އަދި ޝުބާއާއި އިޝާން ކަނޑއެޅީ ކައިރި ކައިރީގައިވާ ދެ ސްޓޭޝަނެވެ.
އެދުވަހުގެ ގަޑި ނިމުނު އިރު، ކޮންމެ ގްރޫޕަކަށްވެސް މަސައްކަތެއް ލެކްޗަރަރ ހަވާލު ކުރިއެވެ. އޭގެ ބޭނުމަކީ ލެބްގެ އެކްސްޕެރިމެންޓްތަކާއި ގުޅޭ މައުލޫމާތު ހުރިވަރު ބެލުން ކަމަށާއި، މަސައްކަތް ކުރަންވާނީ ދެކުދިން ދެކުދިން މަޝްވަރާކޮށްގެން ކަމުގައި ބުންޏެވެ. މާކިން މަސައްކަތު ކަރުދާސް ލިބުމުން ކިޔާލުމަށްފަހު ހިން ދިރުވާލާފައި ކަރުދާހަށް ނަޒަރު ހުއްޓާލައިގެން ހުރި މެހެކްގެ މޫނަށް ބަލާލިއެވެ. އޭނާއަށް އޭގެން ހަނދާން ހުރި ހަމަ އެކައްޗެއްވެސް ނެތެވެ.
“ހަނދާން އެބަހުރިތަ މި އެއްޗެހި ހަދަން؟..” މާކިން ކުޑަކޮށް ބޯ އަރިކޮށްލަމުން މަޑުމަޑުމް މެހެކްއަށް ބުނެލިއެވެ. އެވަގުތު މެހެކް އިސް އުފުލާލުމެއް ނެތި އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. މާކިން ލޯ ހަނިކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. މިކުއްޖާއާއި ބައިވެރި ވެގެން އޭނާއަށް މިކަން ވާނެބާވައެވެ.
ދުވަހަކަށްފަހު ދުވަހެއް ވޭތުވަމުންދެއެވެ. މާކިންއަށް މެހެކް ފެންނަނީ ކްލާސްތަކުންނެވެ. ލެބް ގަޑީގެ ފަހުން އަދި ވަކިން ދިމައެއް ނުވެއެވެ. ނިންމަން ދިން މަސައްކަތް ނިންމާނެ ގޮތެއް ނޭނގެއެވެ. ފޯނު ނަމްބަރެއް އެނގެނީއެއް ނޫނެވެ. ޝުބާއާއި އިޝާންއަށް ދީފައި އޮތް މަސައްކަތް ކުރަން ތިބޭއިރު އޭނާވެސް އިނދެއެވެ. އެމީހުންނާއި އެކީވެސް ކުރުވޭނީ އެއް މަސައްކަތެއް ނަމަތާއެވެ.
“މެހެކް.. މެހެކް..” މަސައްކަތް ހަވާލު ކުރަން އޮތް ދުވަހުގެ ކުރީ ދުވަހު ކްލާސް ނިމިގެން ނުކުތްވަގުތު މާކިން މެހެކް ގޮސް ގޮސް ހުއްޓާ މަޑު ކުރުވިއެވެ. މާކިންގެ އަޑަށް މެހެކްގެ ހަލުވި ފިޔަވަޅުތައް މަޑު ޖައްސާލުމަށްފަހު އެނބުރިލިއެވެ. އަދި ސުވާލުގެ ނަޒަރަކުން މާކިންގެ މޫނަށް ބަލާލިއެވެ.
“އެއްކަލަ.. ލެބް ސެޝަން މަސައްކަތް.. މާދަމާ ހަވާލުކުރަން ޖެހޭނެއެއްނު.. ނޭނގެޔޭ މަށަކަށް އެ ހަދާކަށް..” މާކިން އާދައިގެ ރާގަކަށް ބުނެލިއެވެ. އެވަގުތު މެހެކް ކުޑަކޮށް ލޯ ބޮޑުކޮށްލަމުން ހަނދާންވެސް ނެތޭ ބުނެލިއެވެ. “މިގަޑީގަ ފްރީތަ؟.. މިގަޑީގަ ނިންމާލަންވީނުން..” މެހެކް އެސްފިޔަތައް ތިރިކޮށްލަމުން ބުނެލިއެވެ.
“އޯކޭ.. ޝުބާމެންވެސް ބެންޗަށް އެދިޔައީ.. ހިނގާ..” މާކިން އަވަސް އަވަހަށް ބުނެލިއެވެ. ބެންޗުތަކަށް ދާން މެހެކް މިސްރާބު ޖެހީ ސިޑިއާއި ދިމާއަށެވެ.
“ލިފްޓުގަ އަވަސްވާނެއްނު..” ފަރުވާތެރި ނަޒަރަކުން ބަލާލަމުން މާކިން މެހެކްއަށް ބުނެލިއެވެ. އެއާއިއެކު ބޯ ހޫރާލަމުން މެހެކް ސިޑިން ފައިބަން ފެށިއެވެ.
ބެންޗުގައި ޝުބާމެން ކައިރީ މަޑުކޮށްލައިގެން ތިބެ މެހެކް މާކިންއަށް ސުވާލު ކަރުދާސް ކިޔާދެމުން ދިޔައެވެ. އެބައިތަކަށް މެހެކް ފަރިތަކަމުން މާކިން އާއި ޝުބާ އަދި އިޝާންވެސް ތިބީ ހައިރާންވެފައެވެ. މާކިންއަށް ކިޔާދީ ނިންމުމަށްފަހު ޝުބާމެންގެ ކަރުދާސްވެސް މެހެކް ކިޔާލަދިނެވެ.
“މެހެކް.. ހާދަ ގަދައޭ.. މި އެއްޗެހި ހަނދާނުގައި ހަރުލާފަ ހުރޭތަ؟..” އިޝާން މަސައްކަތުގައި އިނދެ މެހެކްއަށް ބުނެލިއެވެ.
“އުނދަގޫ އެއްޗެއް ނޫން ތިއެއް..” މެހެކް ޖަވާބު ދިނީ އާދައިގެ އަޑަކުންނެވެ. މާކިން މެހެކްގެ މޫނަށް ބަލާލިއެވެ. މީހަކަށް ޖަވާބު ދިނަސް އެކުއްޖާ އެސްފިޔަތައް ހިއްލައި ނުލައެވެ. އަނެއްކާ އެ ރީތި ދެލޯ ފެނިދާނެތީ ބާވައެވެ. ހިތައް އެރި އެއްޗަކުން މާކިންއަށް ހެވިއްޖެއެވެ.
“އޭއް ޑަމީ.. މިހާރު ކީއްވަނީ..” މާކިން ހޭން ފެށުމާއިއެކު ޝުބާ އޭނާގެ ކޮނޑުގައި އަޅުވާލުމަށްފަހު ތޫލި އަޑުން ބާރުބާރަށް ބުނެލިއެވެ.
“ވޮއިސް ބޮކްސް.. ސްޕީކަރު.. ތިއަށްވުރެ މަޑުން ވާހަކަ ދައްކަން ދަސްކޮށްބަލަ..” މާކިން ދަތްކުނޑި ވިކާލަމުން ޝުބާގެ ޝޯލްއަށް ދަމާލިއެވެ. އޭރުވެސް މެހެކް އެމީހުންނަށް އެއްވެސް ސަމާލުކަމެއް ނުދީ އޭނާގެ މަސައްކަތުގައި އަވަދިނެތި އިނެވެ.
“މާކިން.. އެނގޭނެތަ އެކަނި ހަދަން މިހާރު..” ކުއްލިއަކަށް މެހެކް މާކިންގެ ކަރުދާހަށް ބޯ ދިއްކޮށްލަމުން އަހާލިއެވެ. މާކިން ދެލޯ ބޮޑުކޮށްލަމުން ބޯ ޖަހާލިއެވެ. މެހެކް އޭނާގެ ނަން އެކިޔާލީ އަލަށެވެ. ސުވާލު ކޮށްލި ގޮތުން ހީވަނީ މެހެކްއަކީ އޭނާގެ މުދައްރިސް ހެންނެވެ.
“ހަލޯ..” ހަތަރު ކުދިން އަވަދި ނެތި މަސައްކަތުގައި ތިއްބާ ކުއްލިއަކަށް މެހެކްއަށް ފޯނެއް އައެވެ. އެވަގުތު ތިން މީހުންގެ ސަމާލުކަންވެސް މެހެކްއަށް ހުއްޓުނެވެ.
“ކީކޭ..؟ ކޮން އިރަކު..؟ … އޯކޭ…” ފޯނު ބޭއްވިއިރު މެހެކްގެ ލޮލުގައި އެންމެ ފުރަތަމަ ދުވަހު މާކިންއަށް ފެނުނު އިރު ހުރި ނުތަނަވަސްކަން އުފެދިއްޖެއެވެ. މެހެކް އިތުރު އެއްވެސް އެއްޗެކޭ ނުބުނެ ދަބަހަށް އެއްޗެހިތައް ލައިގެން އަވަސް ފިޔަވަޅުތަކެއް އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެވަގުތު ޝުބާއާއި އިޝާން އެކަކު އަނެކަކަށް ސުވާލުގެ ނަޒަރުން ބަލަހައްޓައިގެން ތިއްބެވެ. މާކިން ބަލަހައްޓައިގެން އިނީ މެހެކް ދިޔަ ދިމާއަށެވެ.
މެހެކްއަށް ކޮންމެވެސް ބޮޑު ކަމެއް ދިމާވެއްޖެއޭ އޭނާގެ ހިތް ބުނަނީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Nice story ?
thanks ❤️
mi part v kada ?
Speechless varah reethi maashaa allah… when next??❤
V reethi mi part ves. When is next sis…
Curiously waiting for the next part.
Love this story
Ly
very soon insha Allah
Thank you ❤️