ނުފިލާނޭ މިހިތަކުން… 3
**** ކުރެހުން އެޅުނޭ.. ހިތުގެ އަޑީގައި..
ފަނާ ނުވާނެ ގަލަމަކުން.. ****
“ކީކޭ..؟ ކޮން އިރަކު..؟ … އޯކޭ…” ފޯނު ބޭއްވިއިރު މެހެކްގެ ލޮލުގައި އެންމެ ފުރަތަމަ ދުވަހު މާކިންއަށް ފެނުނު އިރު ހުރި ނުތަނަވަސްކަން އުފެދިއްޖެއެވެ. މެހެކް އިތުރު އެއްވެސް އެއްޗެކޭ ނުބުނެ ދަބަހަށް އެއްޗެހިތައް ލައިގެން އަވަސް ފިޔަވަޅުތަކެއް އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެވަގުތު ޝުބާއާއި އިޝާން އެކަކު އަނެކަކަށް ސުވާލުގެ ނަޒަރުން ބަލަހައްޓައިގެން ތިއްބެވެ. މާކިން ބަލަހައްޓައިގެން އިނީ މެހެކް ދިޔަ ދިމާއަށެވެ.
މެހެކްއަށް ކޮންމެވެސް ބޮޑު ކަމެއް ދިމާވެއްޖެއޭ އޭނާގެ ހިތް ބުނަނީއެވެ.
އެދުވަހުގެ ފަހުން ޖެހިގެން އައި 4 ދުވަހުވެސް މެހެކް ކްލާސްތަކަކަށް ހާޟިރެއް ނުވެއެވެ. އެކަމާއި ފުރަތަމަ ދެދުވަހު ބައެއް ކުދިން ވާހަކަ ދައްކާ ހެދި ނަމަވެސް މާ ބޮޑު ކަމަކަށް ނުވިއެވެ. ހަގީގަތުގައި މެހެކް އިންނަލެއް މަޑުމައިތިރިވެފައި، އަދި ކޯސް ފެށުނު ފަހުން މާ ގިނަ ދުވަސްތަކެއް ނުވާތީ އޭނާ ނެތުމުން އެކަން ފާހަގަ ކުރެވޭ ވަރު ކުޑައީއެވެ.
ރޭގަނޑުގެ ވަގުތެވެ. ނިދާލެވޭތޯ މަސައްކަތް ކުރަމުން ދިޔަ މާކިންއަށް އެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވިއެވެ. މެހެކް ކޮލެޖަށް ނުދާތީ މާކިންއަށް އާދަޔާ ޚިލާފު އުނދަގޫތަކެއް ވަނީއެވެ. އޭނާގެ ޚިޔާލުތަކުގައި ވަނީ އެދުވަހު ފޯނެއް އައުމުން މެހެކްގެ މޫނުމައްޗަށް އައި ބަދަލެވެ. އޭނާ ތެދުވެގެން ދިޔަގޮތެވެ. ފުރަތަމަ ފެނުނު ދުވަހު މެހެކްގެ ފަރާތުން ފެނުނު ހަރަކާތްތަކެވެ. ހުދުކުލައާއި ގާތްވެފައި ހުންނަ އާދަޔާ ޚިލާފަށް ދޮން މޫނެވެ. ހިނިތުންވުމެއް ނުވާ ތުންފަތެވެ. އަބަދުވެސް ތިރިކޮށްލާފައި ހުންނަ އެސްފިޔަތަކެވެ. އެހެން މީހުންނަށް އަންގަން ބޭނުން ނުވާ ކަންތައްތަކެއް މެހެކްގެ ކިބައިގައި ވަނީ ހެއްޔެވެ؟ އަބަދު ހިތާމަ ކުރަން ޖެހޭފަދަ ކަމެއް ކުރިމަތި ވަނީހެއްޔެވެ؟ އެ ލޮލުގެ ތެރެއިން ނުތަނަވަސްކަން ފިލާ ނުދަނީ ކީއްވެ ހެއްޔެވެ؟ އެ ތުންފަތުގައި ހިނިތުންވުމެއް ނުވަނީ ކީއްވެގެން ޖެއްޔެވެ؟ މާކިން ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ލޯ މަރާލިއެވެ. އޭނާ މެހެކްއާއި ބައްދަލު ކުރަން ބޭނުމެވެ. ވާހަކަ ދައްކަން ބޭނުމެވެ. ސުވާލު ކުރަން ބޭނުމެވެ. މެހެކްގެ ފޯނު ނަމްބަރު އެނގޭ ނަމަ މިހާރު އޭނާ މެހެކްގެ ޚަބަރު ބަލައިފީހެވެ. އެހެން ނަމަވެސް ފޯނު ނަމްބަރެއްވެސް، އުޅޭ ގެއެއްވެސް އެނގެނީއެއް ނޫނެވެ. ކްލާސް ވައިބަރ ގްރޫޕްވެސް ޗެކު ކުރެވިއްޖެއެވެ. އެއަކުވެސް ނެތެވެ.
މާކިން މުޅި ރޭގަނޑުގެ ހަތަރުދަން ހޭދަކޮށްލީ މެހެކްއާއި މެދު ވިސްނުމުގައެވެ. ނިދަން އުޅެ އުޅެ އެއްގޮތަކަށްވެސް އޭނާއަށް ނުނިދުނީއެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން އަދި އަދަށްވެސް މާކިންއަކީ ނިންޖާ ވަރަށް ރައްޓެހި ކުއްޖެކެވެ. އެކަމަކު މިރޭ އޭނާއަށް ނިންޖަށްވުރެ ރުޅި އެހެން އެއްޗެއް ނުވެއެވެ. އެކަމާއި ޚުދު މާކިންވެސް ހައިރާންވިއެވެ. އޭނާގެ ހަޔާތަށް ބޮޑު ބަދަލެއް އަންނަން އުޅޭ ކަމުގެ އިހުސާސް އެހިތުގައި ހިނގާލިއެވެ.
ނުނިދާ ހުރުމުގެ ސަބަބުން މާކިންއަށް ހެނދުނުގެ ކްލާހަށް ގަޑިއަށް ދެވުނެވެ. ކްލާހަށް ވަންގޮތަށް ކްލާހުގައި ތިބި ކުދިންނަށް ވަކިވަކިން ބަލާލުމަށްފަހު މެހެކް ފެންނަން ނެތުމުން ފުން ނޭވާއެއް ދޫކޮށްލަމުން ގޮސް ގޮނޑިއަށް ވެއްޓިގަތެވެ. ދެލޮލަށް ވެރިވެފައިވާ ރަތްކަމާއި، މޫނުމަތީގައިވާ ވަރުބަލިކަމުން މާކިން ނުނިދާ ހުރިކަމުގެ ނިޝާންތައް އެ މޫނުމަތިން ފެންނަން ހުއްޓެވެ. ލެކްޗަރަރ އައިސް ކިޔަވައިދެން ފެށުމާއިއެކު ހިފި ނުހުންވަރަށް މާކިންގެ ލޮލަށް ނިދި އަންނަން ފެށިއެވެ. ނިދި އަންނަންވީ ދެން ހެއްޔެވެ؟ ހިތާއި ހިތުން އަމިއްލަ ނަފްސަށް ކުދި ކިޔަމުން އޭނާ ޑެސްކުގައި ބޯ ޖަހާލިއެވެ.
ޑެސްކުގައި ބޯ ޖަހާލައިގެން ދެލޯ މަރައިގެން އޮތް މާކިން ކުއްލިއަކަށް ބޯ ހިއްލާލީ ކިޔަވައިދޭން ހުރި ލެކްޗަރަރގެ އަޑު ކެނޑުމުންނެވެ. އެވަގުތު އޭނާއަށް ފެނުނީ ލެކްޗަރަރ އާއި ވާހަކަ ދައްކަން ކްލާސް ދޮރުމަތީގައި ހުރި މެހެކްއެވެ. ދެއްކި ވާހަކަ ދައްކާ ނިމުމުން މިސް މެހެކްގެ ކޮނޑުގައި އަތްބާއްވާލުމަށްފަހު ކްލާހަށް ވަންނަން އިޝާރާތްކޮށްލިއެވެ. ކްލާހުގެ ތެރެއަށް އޭނާ ހިނގައިގަތުމާއިއެކު ދެލޯ ބޮޑަށް ހުޅުވާލަމުން މާކިންގެ ހަށިގަނޑު ތެދުކޮށްލުމަށްފަހު ފަރުވާތެރިކަމާއިއެކު މެހެކްގެ މޫނަށް ބަލާލިއެވެ. ހަމަ އެ ނުތަނަވަސްކަމެވެ. މެހެކް ގޮސް ޝުބާއާއި ޖެހިގެން އިން ޑެސްކުގައި އިށީނދެލުމަށްފަހު ޝުބާއަށް ބަލާލާ ކުޑަކުޑަ ހިނިތުންވުމެއް ދިނެވެ. މާކިންއަށް އޭނާގެ ލޯ ފެނުނީ އެވަގުތެވެ. އެ ދެލޮލުގައި މިއަދު ތަފާތުކަމެއް ވެއެވެ. ލޮލުގެ ތިރީ ކައިރީގައި ވަނީ ކުރިން ނުވާ ފަދަ ރަތްކަމެކެވެ. ރަތްކަމުން ހީވަނީ ރަތްކުލައިން އައި ލައިނަރ އެއް އަޅާލާފައި ހުރިހެންނެވެ. މާކިންގެ މޫނު އަނބުރާލިއެވެ. މެހެކްއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާ ޔަގީން ކުރިއެވެ.
ކްލާސް ނިމިގެން ނުކުމެގެން ދަމުން ޝުބާ މެހެކްގެ އަތުގައި ހިފާ މަޑުކުރުވިއެވެ. އަދި މާކިންއާއި އިޝާންއާއިވެސް އެކު މެހެކް ގޮވައިގެން ސްޓަޑީ އޭރިއާގެ ތެރެއަށް ވަނެވެ.
“މެހެކް.. ކީއްވެތަ ކްލާސްތަކަށް ނައީ.. ބަލިވީތަ؟..” ޝުބާ އޭނާގެ ދަބަހުގެ ތެރެއިން އެއްޗެހިތަކެއް ހޯދަމުން ގޮނޑީގައި އިށީނދެލައިގެން އިން މެހެކްއާއި ސުވާލު ކުރިއެވެ. އޭރު މާކިންގެ ފަރުވާތެރި ނަޒަރު ހުއްޓިފައި ހުރީ މެހެކްގެ މޫނަށެވެ.
“ބައްޔެއް ނުވޭ..” މެހެކްގެ ޖަވާބު ކުރެވެ. ޖަވާބު ދިނީ އާދައިގެ މަތިން އިސް އުފުލާ ބަލާލުމެއް ނެތިއެވެ.
“ދެން ކިހިނެތްވީ؟.. މިހުރީ ކްލާހަށް ނާދެވުން ދުވަސްތަކުގަ ދިން މެޓީރިއަލްސް.. ވަރަށް ހަނދާން ކޮށްގެން ކޮންމެ އެއްޗަކުންވެސް މެހެކްއަށް ނެގޭތޯ ބެލިން.. ދެން ކެމިސްޓްރީ ލެބް ވާރކް.. އޭތި އޮންނާނީ ކެން އަތުގަ.. އެވެސް ނިންމާތި އިނގޭ.. ކެން މެހެކްއަށް ބުނެދޭތި.. ހުމްމް.. ދެން ކީއްވެގެންތަ ނައީ؟..” ޝުބާ އާދައިގެ މަތިން ފަތިވަރެއް ހެން އޭނާ ދައްކަން ހުރި ވާހަކަތައް ދެއްކުމަށްފަހު ސުވާލުކޮށްލިއެވެ. މާކިންގެ ނަޒަރު އޭރުވެސް މެހެކްގެ މޫނުން ވަކިކޮށެއް ނުލައެވެ. ޝުބާގެ ސުވާލާއި އެކު މެހެކްގެ ނޭވާލުން އަވަސްވީކަން މާކިންއަށް އެނގުނެވެ. އުނގުތެރޭގައި ބާއްވާފައި އޮތް އަތުގެ އިނގިލިތަކުގައި ހަރަކާތެއް އުފެދުނުތަން ފެނުނެވެ. އޭނާގެ ކޮންމެ ހަރަކާތެއް، އަންނަ ކޮންމެ ބަދަލެއް މާކިންގެ ހިތުގައި ބިންވަޅު ނެގެމުން ދިޔައެވެ.
“އެއީ.. ރަށަށް ގޮސްލާފަ މިއައީ..” މެހެކް އަބަދުވެސް ޖަވާބުދޭ އުސޫލުން އެ އިންގޮތަށް އިނދެ ބުނެލިއެވެ.
“ރަށަށޭ.. އެއީ ކީއްވެ؟..” މިފަހަރު ސުވާލު ކުރީ އިޝާންއެވެ.
“އެއީ ބައްޕަ ކުއްލި ގޮތަކަށް ނިޔާވެގެން..” މިފަހަރު މެހެކް ޖަވާބު ދިނީ އިސް އުފުލާލަމުންނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން މާކިންގެ މޫނަށްވެސް އޭނާ ބަލާލިއެވެ. އެލޮލުން އެތައް އެތައް ވާހަކަތަކެއް މާކިންއަށް ބުނެދެން އުޅޭ ފަދައެވެ. މެހެކް ބުނެލި އެއްޗަކުން މާކިންއަށް މޫނު އަނބުރާލެވުނެވެ. ހަގީގަތުގައި މެހެކް ތަހައްމަލް ކުރަމުން އެދަނީ ކިހާ ބޮޑު ހިތްދަތިކަމެއް ހެއްޔެވެ؟
“އޯހް.. ސޮރީ.. ކިހިނެތް ވެގެން.. މެހެކް.. އަޅެ އަންގާލަން ވާނެއްނު.. ދެންވެސް ފޯނު ނަމްބަރު ދީބަލަ.. ބޮޑު ކަމެއް ވިޔަސް އަންގާލެވޭނެ ގޮތެއް އޮންނަން ވާނެއެއްނު.. މިހާރު މީ ފްރެންޑްސް އެއްނު..” ޝުބާ މެހެކްގެ އަތުގައި ހިފާލަމުން ނުހަނު ހިތްހެޔޮކަމާއި ލޯތްބާއިއެކު ވާހަކަ ދެއްކިއެވެ. މާކިންގެ ހިތުގައި ޝުބާއަށް ޚާއްސަ ގަދަރެއް ދެވިފައި އޮންނަނީ އެފަދަ މާތް ސިފަތަކުގެ ސަބަބުންނެވެ.
“ހާޓް އެޓޭކެއް.. ހަމަ ކުއްލިއަކަށް.. ތޭންކްސް ޝުބާ..” މެހެކް އިސްޖަހާލުމަށްފަހު ޝުބާގެ އަތުގައި ހިފަހައްޓާލަމުން ވާހަކަ ދެއްކިއެވެ. އިތުރަށް މެހެކްގެ ބައްޕައާއި ބެހޭ ސުވާލުތައް ނުކޮށް ޝުބާ އޭނާގެ ފޯނު ނަމްބަރު ހޯދިއެވެ. އަދި އޭނާއާއި، މާކިންއާއި އިޝާންގެ ނަމްބަރު މެހެކް ގެ ފޯނުގައި ސޭވް ކުރުމަށްފަހު، އެ ދެމީހުންނަށްވެސް މެހެކްގެ ނަމްބަރު ދިނެވެ. އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ އެ ތިން މީހުން ކުރެ އެކަކަށް ގުޅުމަށް ޝުބާ ދެތިން ހަތަރު ފަހަރަކު އެދުނެވެ.
ދުވަހަކަށްފަހު ދުވަހެއް ވޭތުވަމުން ދެއެވެ. އެދުވަހުގެ ފަހުން މެހެކް ބަރާބަރަށް ކޮލެޖަށް ދެއެވެ. ގަޑިތަކުގައި ބައިވެރިވެއެވެ. އޭނާގެ މޫނުމައްޗަކަށް ބަދަލެއް ނާދެއެވެ. މަޑުމައިތިރިކަން ކުރިއެކޭވެސް އެއްގޮތެވެ. އޭނާގެ ކޮންމެ ހަރަކާތެއް މާކިން ދިޔައީ ވަރަށް ރަނގަޅަށް ބަލަމުންނެވެ. މެހެކްގެ ފަރާތުން ހައިރާން ވާފަދަ އެތައް ކަމެއް އޭނާއަށް ފާހަގަ ކުރެވުނެވެ. މެހެކް އޮޅިގެންވެސް ލިފްޓަކަށް ނާރައެވެ. ފޯނުގެ ވައިބްރޭޓް އަޑަށް ސިހެއެވެ. އޭނާގެ ކައިރީގައި މީހުން ގިނަވެއްޖެ ނަމަ ނުތަނަވަސްވެ ދާހިއްލައެވެ. ދުވަހަކުވެސް އިސްވެ ވާހަކަ ދައްކާކަށް ނުފަށައެވެ. ވާހަކަ ދައްކާއިރު ހަތަރު ކަޅި ހަމަ ކުރަނީ ވަރަށް، ވަރަށް މަދު ފަހަރެއްގައެވެ. މެހެކްގެ ސިއްރަކީ ކޮބާތޯ ބެލުމަށް މާކިން އިންތިހާއަށް ބޭނުންވެއެވެ. އެހެން ނަމަވެސް އޭނާއަށް މެހެކްއާއި އެވާހަކަ ދައްކާކަށް ނުކެރުނެވެ. އެންމެ ކުޑަ މިނުން ފޯނުން މެސެޖެއް ކޮށްލަންވެސް ނުކެރުނެވެ. އޭނާ އެ ސުވާލު ކުރާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ކިތަންމެ ރަހްމަތްތެރިވާން އުޅުނަސް އެކަމަށް މެހެކް ފުރުސަތެއް ނުދެއެވެ. މާކިންގެ ހިތުގައި ހިނގާ ޝުއޫރުތައް އިތުރު މީހަކާއި ހިއްސާ ކުރަން ބޭނުންވިއެވެ. ކުޑަ ކުޑަކޮށް ޝުބާއާއި އިޝާން ކައިރީގައި އެކަމަށް އަލި އަޅުވާވެސް ލިއެވެ. އެހެން ނަމަވެސް އެމީހުންނަށް މެހެކްގެ ފަރާތުން އާދަޔާ ޚިލާފު އެއްވެސް ކަމެއް ފާހަގަ ނުވާ ކަހަލައެވެ. ޝުބާ ބުނި ގޮތުގައި މެހެކްއަކީ އެމީހުންނާއި ބަލާފައި މަޑުމައިތިރި ކުއްޖަކީއެވެ. އަދި އެއީ މުޅީން އާދައިގެ ކަމެކެވެ. އެހެން ނަމަވެސް މާކިންއަށް އެކަން ގަބޫލެއް ނުކުރުވެއެވެ. އޭނާ މެހެކްގެ ހަރަކާތްތަކަށް ފާރަ ލާ ވަރަށް އެހެން މީހުންނަށް ފާރަ ނުލެވޭތީ ނޭނގެނީއެވެ. އޭގެ ފަހުން މާކިން އެވާހަކަތައް އިތުރު މީހަކާއި ހިއްސާއެއް ނުކުރެއެވެ. އަދި އެކަން ކުރުމަށް ހިތައްވެސް ނާރުވައެވެ.
ކޯހުގެ މަސައްކަތްތަކާއި، ބުރަކަން އިތުރުވަމުން ގޮސް މާކިންމެންގެ އެންމެ ފުރަތަމަ ގްރޫޕް އެސައިންމެންޓް ހަވާލުކޮށްފިއެވެ. އެސައިންމެންޓްގެ ގޮތުގައި ހަދަން ޖެހުނީ ޕްރެޒެންޓޭޝަނެކެވެ. ގްރޫޕުގައި ތިބެން ޖެހެނީ 4 ކުދިންނެވެ. ކުދިން އަމިއްލައަށް ގްރޫޕް ބަހަން ލެކްޗަރަރ އެދުމުން ޝުބާ އެންމެ ފުރަތަމަ މެހެކް އާއި މާކިން އަދި އިޝާން ލައިގެން ގްރޫޕް ހެދުމަށްފަހު ލިސްޓް ހަވާލު ކުރިއެވެ. އެކަމާއި ހިތުގެ އަޑިން އެންމެ އުފާ ކުރީ މާކިންއެވެ. އެސައިންމެންޓް ނިންމުމަށްފަހު ހަވާލު ކުރުމަށް ކަނޑައަޅާފައި އޮތީ އެއްހަފްތާ ފަހުން ޖެހިގެން އަންނަ އާދިއްތަ ދުވަހަށެވެ. ފުދޭ ވަރަކަށް ވަގުތު ލިބުމުން، ފަސޭހަ ކޮށްލައިގެން އުޅެން ހަދައިގެން އެ ހަފްތާގެ ބުރާސްފަތި ދުވަސް ޖެހުނުއިރުވެސް މާކިންމެންގެ ގްރޫޕަށް އެކަށީގެންވާ ވަރަށް މަޝްވަރާކޮށް މަޢުލޫމާތުވެސް ނުހޯދެއެވެ. އަނެއްކޮޅުން މެހެކްއަކީ ސްކޫލު ކުދިންނަށް ޓިއުޝަން ދޭ ކުއްޖެއް ކަމުން އޭނާއަށް ކޮންމެ ކޮންމެ ގަޑިއަކު ކެމްޕަހަށް އަންނަންވެސް އުނދަގުލެވެ. އެންމެ ފަހުން ދުވަސް އައިސް ޖެހުނު އިރުވެސް އެމީހުންނަށް އެއްވެސް މަސައްކަތެއް ނުކުރެވުނެވެ.
“ކިހިނެތް ދެން އެ ނިންމާނީ… މައުލޫމާތު ހޯދާފަ، ރިސާރޗް ހަދާފަ.. ޕްރެޒެންޓޭޝަން ހަދާފަ، ޕްރެޒެންޓް ކުރަން ޕްރެކްޓިސްވެސް ކުރަން ޖެހޭނެއެއްނު… ” ޝުބާ ހަލުވި ހަލުވި ކޮށް އޭނާގެ ބަސްތައް ފަތިވަރަކަށް އަމުނަމުން ދިޔައެވެ. އެމީހުން ތިބީ ކެމްޕަހުގެ ކައިރީގައި ހުންނަ ރެސްޓޯރެންޓެއްގައި މެންދުރުގެ ކެއުމަށް އިންސާފު ކުރާށެވެ.
“ވީކެންޑް އޮތީ ދެން.. ވީކެންޑްގަ ނުނިންމޭނެތަ؟..” ކާން އިން ތައްޓަށް ނަޒަރު ހުއްޓާލައިގެން އިނދެ މިފަހަރު ވާހަކަ ދެއްކީ މެހެކްއެވެ.
“އެންމެން ކިހިނެތް ދިމާވާނީ.. ހުކުރު ދުވަހު ކެމްޕަހެއް ނުހުޅުވާނެ.. ހޮނިހިރި ދުވަހުން އެކަނި ނިންމޭނެތަ؟..” އާންމުކޮށް އެކަހަލަ ކަންތައްތަކުގައި މާބޮޑަށް ހާސް ވެގެން ނޫޅޭ އިޝާން ސުވާލުކޮށްލިއެވެ.
“މްމްމް… ކެން… ކެންގެ އެޕާޓްމެންޓް…” އިރުކޮޅެއްގައި މަޑުމަޑުން އިނުމަށްފަހު މާކިންގގެ އަތުގައި ހިފަހައްޓާ ތަޅުވައިގަންނަމުން ޝުބާ ބާރު ބާރަށް ބުނެލިއެވެ. އެވަގުތު މާކިން ބޯން އިން ފެންތަށިވެސް ބަންޑުން ނުވީ ކިރިޔާއެވެ. މާކިން ވަގުތުން ދަތްކުނޑި ވިކާލަމުން ޝުބާގެ އަތް ފޮޅުވާލިއެވެ. އޭރު އިޝާން އަނގަމަތީ އަތް އަޅައިގެން ހީނފައި އިނެވެ. އެދެމީހުންގެ ކޯޅުންގަނޑު ބަލަން އިނުމަކީ އިޝާން މުނިފޫހި ފިލުވުމަށް އެންމެ ކުރާހިތްވާ ކަންތަކެވެ.
“ހޫންންނ.. އަޑު ފޮށި.. މަވެސް ތިހެން ހިތައް އަރާފައޭ މި އިންނަނީ.. މަގޭ އެޕާޓްމެންޓްގައި ވީކެންޑް ކޭމްޕެއް ޖަހަންވީނުންހޭ.. އޭރުން ވަރަށް ފަސޭހަ ވާނެއެއްނު..” މާކިން ސިއްރު ނަޒަރަކުން މެހެކްއަށް ބަލާލަމުން ބުނެލިއެވެ.
“އޭރުން ގޭގަ އުޅޭ އެހެން މީހުންނަށް އުނދަގުލެއް ނުވާނެތަ؟” މެހެކް ކުޑަކޮށް އިސް އުފުލާލަމުން އެހެން ނަމަވެސް މާކިންގެ މޫނަށް ބަލާލުމެއް ނެތި އަހާލިއެވެ.
“ނޫޅޭނެ.. ކެން އެކަނި އެތާ އުޅެނީ.. މިއީ ފެމިލީއާއި ވަކިން އެކަނި އުޅުއްވާ ބޭފުޅެއް..” މެހެކްގެ ސުވާލަށް ޖަވާބު ދިނުމަށް މާކިން އަނގަ ހުޅުވާލި ވަގުތު ޝުބާ މާކިންގެ ކޮލުގައި ވިކައިގަންނަމުން ޖަވާބު ދިނެވެ. ހަމަ ވަގުތުން ޝުބާގެ އަތުގައި އަޅުވާލަމުން މާކިން އޭނާއަށް ލޯ ހަނިކޮށްލިއެވެ. އޭރު މެހެކްވެސް އިނީ އެދެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އެ މަންޒަރުތައް ފެނުމުން މެހެކްގެ ތުންފަތުގައިވެސް ހިނިތުންވުމެއް އުފެދެން އުޅޭ ފަދައެވެ. މާކިންއަށް ބޭ އިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Wowww this story is just aweeesommee I love it curiously waiting for the next part ❤?
V v v reethi mi part ves.
Whn is next layaa.
Curiously waiting for the next part
aww thank you so much ❤️
Alhuga first dhw…..???
Maasha allah vv reethi Mi part vxx… Waiting fr nxt… Ly nd Stay safe