ޝާންގެ ހަލުވިކަމާއި އަމަލުތައް ފެނިފައި ނުހާ ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އަރީޝް ކިޔާ މީހަކު ގުޅުމުން މާއަވަސް އަރުވާލައިގެން ދިޔުމުން ނުހާ ހައިރާން ވިއެވެ.
” އަހަރެން ބުނީމެއްނުން އަހަރެން ނުގުޅަނީސް ނުގުޅާށޭ” ޝާން ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.
” ކިހިނެއް ވީ މިހާރު؟ އޮފީހަކު ނުންތަ ތިހިރީ… އަހަރެން ހީކުރީ އޮފީހުގަ ކަމަށް… ސޮރީ” އެކޮޅުން ވާހަކަ ދެއްކީ އަރީކާއެވެ.
” ހޫމް ދެން ހެވޭ…. އާދެ… މިހާރު އިންނާނީ އޭތި ކިރިމިނަލް ކޯޓަށް ލާފަ.. ދެހަފްތާ ވަރު ނަގާނެކަމަށް ވިދާޅުވީ..” ޝާން ވަހަކަ ބަދަލު ކޮށްލީ ނުހާ އައިސް ކުއްލިއަކަށް ބެލްކަންޔަށް ވަނުމުންނެވެ..
” ވަޓް… އޯ ވައިފް ހުރީ ދޯ.. ހޫމް ދެން ބާއްވާ… ގޮސް އެ ފަރިކަމަނާ ކައިރީ އޮވޭ…” އަރީކާ ފޯނު ކަޑާލިއެވެ.
ޝާން އަށް އަރީކާ ހިތްހަމަ ނުޖެހިފައި ހުރިކަން އެގުނެވެ. އަދި ހަދާނެ ގޮތް ނޭގިގެން ބޭރު ބަލަހައްޓައިގެން ހުރެވުނެވެ. ނުހާވެސް އެއްވެސް އެއްޗެކޭ ނުބުނެ ބޭރަށް ބަލަހައްޓައިގެން ހުއްޓެވެ. ދެމީހުންގެ ދެމެދުގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. ޝާން މިހާރު ނުހާ އާ ދައްކަނީ ކޮންމެހެން ދައްކަން ޖެހޭ ވާހަކަ އެކަންޔެވެ. ނުހާވެސް ޝާން ވަހަކަ ނުދައްކާތީ ވާހަކަ ދައްކަން ނުކެރެނީއެވެ.
4 ގަޑި އިރާ 30 މިނިޓުގެ ދިގު ދަތުރަކަށް ފަހު ޝާން އާއި ނުހާ މެލޭޝިއާގެ ކުއަލަލަމްޕުރު އެއާރޕޯޓަށް ފޭބިއެވެ. އަންނަ މީހުންގެ ގޭޓުން ބޭރަށް ނިކުތް އިރު ޒާން ހުރީ އޭނާގެ މައިންބަފައިން ބަލާ އައިސް އެވެ. ނުހާ އުފަލުން ނުފޮޅުނީ ކިރިޔާއެވެ. 5 މަސް ދުވަސް ފަހުން ދަރިފުޅު މިފެނުނީއެވެ. ޝާން ވަރަށް ހެވިލާފައި ޒާން އާ ދިމާލަށް އަތް ހިއްލާލިއެވެ. ޒާންގެ ކަނާތް ފަޅީގައި ހުރި އަންހެން މީހާ ޝާންގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ޝާންގެ ހިނިތުންވުން ފަޑުވިއެވެ. އޭރު އަރީކާވެސް ޝާން ބަލާ އެއާރޕޯޓަށް އައިސް ހުއްޓެވެ. އަރީކާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ޝާން އަވަހަށް ނުހާގެ ކޮޑުގައި ހިފަހައްޓާލައިގެން ޓްރޯލީ ދަމަމުން ޒާން ގާތަށް ދިޔައެވެ.
” މާމީ… އައި މިސްޑް ޔޫ..” ނުހާ ގައިގާ ބާރަކަށް ބައްދާލަމުން ޒާން ބުނެލިއެވެ. އަދި ޝާން އާ ސަލާމް ކޮއްލުމަށްފަހު ކާރާ ދިމާލަށް މިސްރާބު ޖެހިއެވެ. ކަންދިމާކުރި ގޮތުން އޭރު ނުހާގެ ބޭބެ ގޭގައި އިތުރު ކޮޓަރިއެއް ނެތެވެ. އެހެންކަމުން ނުހާމެން ޖެހުނީ ހޮޓަލެއްގަ ތިބޭށެވެ. ރެނައިސަންސް ހޮޓަލް ކުރިމައްޗަށް ކާރު ޕާރކް ކޮށްލިއެވެ. އަދި ޒާން އަވަސް ވެގަތީ ނުހާ އާއި ޝާންގެ ކޮޓަރި ހަމަޖެއްސޭތޯ ބަލާށެވެ.
” ކިހިނެއްވެފަ ތިހިރީ” ނުހާ ޝާން ގައިގާ ކޮއްޓާލަމުން ބުނެލިއެވެ.
ޝާން ދިޔައީ ސިއްސައިގެންނެވެ. ފިނި ހޫނުމިން 5 ޑިގްރިގައި ހުރިއިރުވެސް ޝާން ދިޔައީ ދާ ހިއްލަމުންނެވެ. އަރީކާގެ އެ ރުޅިވެރި ބަލާލުން ހަމަ ހިތަށް އަންނަނީއެވެ.
” ޑޭޑް.. ބަލީތަ.. ހާދަ ދާހިއްލާފަ” ކޮޓަރީގެ ކާޑު ހިފައިން އައިސް ޒާން ނުހާއަށް ދިއްކޮށްލަމުން ބުނެލިއެވެ.
ޝާން އަވަހަށް އޭނާގެ ތަނަވަސް ނިއްކުރި މަތީގައި ހުރި ދާތައް ފޮހެލިއެވެ. އަދި ކަމެއް ނުވެޔޭ ބުނުމަށްފަހު ކޮޓަރިއަށް ދިއުމަށް ލިފްޓަށް އެރިއެވެ.
ދެ ދުވަސް ފާއިތުވެގެން ދިޔައި ނުހާ އެންމެ ބޭނުންވި ގޮތަށެވެ. ޝާންއާއި ޒާންއާއެކު ވަގުތު ހޭދަ ކުރެވުމުން ނުހާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. މި ދެދުވަހު ޝާންގެ މޫނުމަތިން އެއްވެސް ރުޅިވެރިކަމެއް ނުފެނެއެވެ. އަދި ނުހާއާ ވާހަކަ ދައްކަމުން ދިޔައިވެސް ނުހަނު ލޯބިންނެވެ. ބައެއް ފަހަރު ނުހާ ހިތަށް އަރައެވެ. މީ ހަމަ ނުހާގެ ފިރިމީހާ ޝާން ބާއެވެ. ނުހާ މާލެ ދާން އެއާޕޯޓަށް ދިއުމައްޓަކައި ތައްޔާރުވެގެން ހޮޓެލްގެ ލޮބީއަށް ފޭބިއެވެ. އަދި ފޮށި ދަމަމުން ދަމަމުން ފޯނުން މެސެޖް ކުރަމުން ދަނިކޮށް މީހެއް ގައިގާ އަޅައިގަތެވެ.
” އައުޗު… ހޭ ލޭޑީ ވަޗް ޔޯ ސްޓެޕް… ” ނުހާގައިގާ ޖެހުނު އަންހެން މީހާ އިގިރޭސިން ހަޅޭއް ލަވައިގަތެވެ.
“ތަދުވެއްޖެޔޭ” އަދި އެއަންހެންމީހާ މަޑުމަޑުން ބުނެލިއެވެ. ތަދު ވީކީ ހަމައެކަނި އޭނާ އަކަށް ނޫނެވެ. ނުހާއަށްވެސް ތަދުވިއެވެ. މަސްލަހަތަށް ބަލާފައި ނުހާ އެއަންހެން މީހާ ގާތު މައާފަށް އެދުނެވެ.
“ދިވެއްސެއްތަ؟ އަހަންނަށް ކިޔަނީ ނުހާ ” ސަލާމް ކޮށްލަން އަތް ދިއްކޮށްލަމުން ނުހާ ބުނެލިއެވެ.
“އަރީކާ ” އަރީކާ ބުނެލިއެވެ. އަރީކާ ގަސްދުގައި އައިސް ނުހާ ނުބަލާ ހުރުމުން ޖެހިގަތީއެވެ. އަރީކާ ނުހާ ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އަރީކާ ކުޑަކޮށް ދެކޮޅު ބަލާލިއެވެ. އޭރު ތަންކޮޅެއް ދުރުގައި ޝާން މަންޒަރު ބަލަން ހުއްޓެވެ. ޝާންގެ މޫނު މަތިން ނުރުހުންތެރިކަން ފާޅު ވަމުން ދިޔައެވެ. ޝާން އަށް އެއީ އަރީކާ ގަސްދުގައި ކުރި ކަމެއްކަން އެގެއެވެ. އަރީކާ ދެބުމަ ގޮށްޖަހާލުމަށްފަހު ގޮސް ރިސެޕްޝަނުގައި މަޑުކޮށްލިއެވެ. އެދަޑިވަޅު ބަލާފައި ޝާން ގޮސް ނުހާއާ އެއްކޮށް ހޮޓެލްއިން ބޭރަށް ނުކުތެވެ.
ނުހާ ފުރުވާލުމަށްފަހު ޝާން އައީ ހޮޓަލަށެވެ. އައިސް ކޮޓަރިއަށް ދިޔައެވެ. ކޮޓަރި ކުރިމަތީގައި އަރީކާ އިށީދެލައިގެން އިނެވެ. އޭނާގެ އަތުގައި ކާޑު ނެތުމުން ކޮޓަރިއަށް ނުވަދެވިފައި އިނީއެވެ.
“ޝާން” ޝާން ފެނުމުން އަރީކާ ދުވެފައި އައިސް ޝާންގައިގާ އޮޅުލައިގަތެވެ. އަދި ޝާންގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވެލާފައި ޝާންގެ މޫނަށް ދޮނެއް ދިނެވެ.
” އަރީ…. މިތާކު ނުން… ހިނގާބަލަ އިހަށް ރޫމަށް..” އަރީކާ ކުޑަކޮށް ދުރަށް ޖައްސާލުމަށް ފަހު ޝާން ބުނެލިއެވެ. އަރީކާ ތުން ދަމާލުމަށް ފަހު ގޮސް ކޮޓަރިއަށް ވަނެވެ.
” ޝާން އަހަރެން ވެއްޖެއްޔާ އަހަރެން. އެ ނުހާ ގަނޑު ވެއްޖެޔާ އެ ނުހާ ގަނޑު… ކޮންމެވެސް އެކަކާ އެކު އުޅެވޭނީ.. އާން ނުހާ ފެންނަ އިރަށް ޝާން އަށް ތިއޮއް ވާ ގޮތެއް ދޯ… ” އަރީކާ ވަރަށް ރުޅިއައިސްފައި ޝާން އާދިމާލަށް ބަލާލުމަށްފަހު ބުނެލިއެވެ.
“އަރީ އިންގޭނުން ނުހާއަކީ އަހަރެންގެ ދަރިފުޅުގެ މަންމަކަން…. އަހަރެން ކިހިނެއް ނުހާ ދޫކޮށްލާނީ.” ޝާން އަރީކާ އަތް ގާތް ކޮށްލަމުން ބުނެލިއެވެ. އަރީކާގެ ރުޅި ގަނޑު ކުޑަކޮށް މަޑުވިއެވެ. ދެމީހުން އެކުގައި އެތަކެއް ވާހަކައެއް ދައްކަން އެރޭ އެއްކޮށް ހޭދަ ކުރިއެވެ.
*****
” ނުހާ އަވަހަށް ތިރިއަށް ފައިބާ މިހާރު ވެސް މާ ލަސްވެއްޖެ.” ޒީ ގުޅާފައި ބުނެލިއެވެ.
ނުހާ ތެޅެމުން ފޮޅެމުން ވޭނަށް އެރިއެވެ. ސްކްރިޕްޓް ކިޔުމަށް ނުހާއަށް ދެވުނު އިރު ފަނަރަ މިނިޓު ލަސްވެއްޖެއެވެ. އޭރު އެންމެން ނުހާގެ އިންތިޒާރުގައި ތިއްބެވެ. ނުހާގޮސް ވަނުމާއެކު އެންމެ އެއްފަހަރާ ކަހަލަ ގޮތަކަށް ނުހާއަށް ބަލާލިއެވެ. ކުޑަކޮށް ލަދުގަނެފައި ހުރެ ގޮސް ގޮޑީގައި އިށީދެލިއެވެ. ނުހާ ހުރިހާ ކާސްޓުންނަށް ލޯ ހިންގާލިއެވެ. އޭނާގެ ކުރިމަތީގައި އިނީ އެމިހަކާއެކު ދުވަހަކުވެސް ފިލްމު ކުޅެން ނުހާ ބޭނުން ނުވާ އަރިންނެވެ. ނުހާގެ މޫނުގެ ކުލަވަރު ކުއްލިއަކަށް ބަދަލުވިއެވެ. ހަދާނަށް ގެންނަން ބޭނުން ނުވާ އެތަކެއް ކަމެއް ހަދާނަށް އަންނަމުން ދިޔައެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Varah reethi Masha Allah ? waiting curiously
Maasha allah …. very nice …. curiously waiting for the next part ❤❤❤