Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިޙަޔާތާ ދުރުނުވޭ (14ވަނަބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
January 31, 2015 7 Mins Read
8 Comments

ކަރުނުން ފުރިފައިވާ ދެލޮލުން ލިމްޝާ ބަލާލީ އަޒީމްއާއި ދިމާއަށެވެ. އޭރު އަޒީމް ގަދަކަމުން ނަޝްވާ ގެންދަނީއެވެ. ނަޝްވާ ސަލާމަތްވުމަށްޓަކައި އޭނާއަށް ވީވަރަކުން ގަދަހަދަމުން ދިޔައެވެ. ލިމްޝާއަށް މިމަންޒަރު ފެނުމުން ވަރަށް ދެރަވިއެވެ. އެންމެ ދެރަވީ އޭނާއަށް އެހީވެދޭން ނުދެވުނީތީއެވެ. ލިމްޝާ އަވަސްއަވަހަށް ފޯނު ނަގައި ނަޝާމަށް ގުޅާލިއެވެ. އަދިކުރުގޮތަކަށް ކަންވީގޮތް ކިޔައިދީފައި އަވަހަށް އެތަނަށް އައުމަށް ބުނަމުން ފޯނުކަނޑާލިއެވެ.

އޭގެ ދިހަވަރަކަށް މިނެޓްފަހުން ނަޝާމްއާއި ޒަޔާން އެތަނަށް އައެވެ. ނަޝާމަށް ލިމްޝާ އިން ހާލު ފެނި ދުވެފާ ލިމްޝާގެ ގާތަށް ގޮސް އޭނާގެ ގާތުގައި އިށީނެވެ.

“ލިމް… މީ ކިހިނެއް ވީކަމެއް…؟؟؟” ނަޝާމް އޭނާގެ ދެއަތުން ލިމްޝާގެ މޫނުގައި ހިފަހައްޓާލަމުން އަހާލިއެވެ. އޭރު ޒަޔާންވެސް އައިސް އެތާ މަޑުކޮށްލިއެވެ.

“ނަޝާމް… ނަޝް… އެމީހާ ނަޝް ގެންގޮއްސި އެދިމާއަށް….” ރޮމުން ރޮމުން އަޒީމް ނަޝްވާ ގެންދިޔަ ދިމާއަށް އިޝާރަތްކޮށް ލިމްޝާ ބުނެލިއެވެ. ޒަޔާން އެންމެ ހިނދުކޮޅަކުވެސް އެތާގައި މަޑުނުކޮށް ނަޝްވާއަށް ގޮވަމުން އެދިމާއަށް ދުއްވައިގަތެވެ. ނަޝާމް އުޅުނީ ލިމްޝާ އެތަނުން ނަގާށެވެ.

“ނަޝާމް އަހަންނާ ދޭތެރޭ ނުވިސްނާ… އަހަރެން ރަނގަޅު… ޕްލީޒް ދޭބަލަ ނަޝް ސަލާމަތް ކުރަން… އެހެން ނޫނީ އެމީހާގަނޑު ނަޝްގެ ދުވަސް ދުއްވާލަފާނެ…” ލިމްޝާ ނަޝާމްގެ ގާތު އާދޭސްކުރިއެވެ.

“އަހަރެން މިތާ ލިމް އެކަނި ބައިންދާފައެއް ނުދާނަން…. ޒަޔާން އެދިޔައީ ނަޝް ސަލާމަތްކުރަން… މާތް ﷲ އިރާދަކުރެއްވިއްޔާ ނަޝްއަކަށް އެއްވެސް ގޮތެއް ނުވާނެ…” ނަޝާމް ލިމްޝާ ކޮޅަށް ނަގަމުން ބުނެލިއެވެ.

“އެހެންވީއިރު ހިނގާ އެދިމާއަށް…. އަހަރެންވެސް ދާނަން…” ލިމްޝާ ބޭނުންވީ ދާށެވެ.

“މިހާލުގައި ލިމްއަކަށް ނުދެވޭނެއެއްނު…” ނަޝާމް ލިމްޝާއަށް ބަލާލަމުން ބުނެލިއެވެ. ނަމަވެސް ލިމްޝާ އެއްގޮތަކަށްވެސް ކުރުނުކުރުމުން ނަޝާމަށް ޖެހުނީ އެންމެ ފަހުން ލިމްޝާ ގޮވައިގެން ދާށެވެ. ލިމްޝާ ކޮރުޖަހަމުން ކަހަލަ ގޮތަކަށް ނަޝާމްގެ އެހީގައި ކުރިޔަށް ހިނގައިގަތެވެ.

 

“ނަޝް…” ނަޝްވާއަށް ގޮވަމުން ޒަޔާން ކުރިޔަށް ދިޔައިރު އޭނާގެ މޫނުމަތިން ފެންނަމުން ދަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. އެވަގުތު ކުރިޔަށް ގޮސްގޮސް ހުއްޓާ އޭނާއަށް ފެނުނީ ބިންމަތިން އެތިކޮޅެއް ވިދާލިތަނެވެ. ޒަޔާން ކައިރިއަށް ޖެހިލާ އެއީ ކޯއްޗެއްތޯ ބަލާލިއެވެ. އޭނާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. އެއީ އޭނާ ނަޝްވާގެ އަތުގައި އަޅާދިން ކެވެލި ކޮޅެވެ. ޒަޔާން އޭތިކޮޅުނަގާ މުށުތެރެއަށް ލަމުން އަނެއްކާވެސް ބާރަށް ނަޝްވާއަށް ގޮވާލިއެވެ. ކިތަންމެ ރުޅިއައިސްފައި ހުރިނަމަވެސް އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައީ މިވަގުތު ނަޝްވާގެ ހާލެއް ނޭނގެތީއެވެ. ހިތާ ހިތުން ނަޝްވާ ސަލާމަތުން ލެއްވުމަށްއެދި މާތްﷲގެ ހަޟްރަތަށް ދުޢާކޮށްލެވުނެވެ. އޭނާއަށް ޔަގީންވީ އެތާ ކައިރީގައި ނަޝްވާ ވާނެކަމެވެ.

 

އަޒީމް ނަޝްވާ ގެންދިޔައީ ގަސްތަކުގެ އެތެރެއަށެވެ. މަގުތަކުގައި ދިއްލާފައިވާ ހޮޅިބުރިތަކުގެ އަލި ކޮންމެވެސް ވަރަކަށް އެތަނަށް އެޅިފައި ވެއެވެ. އަޒީމްގެ އަތްދަށުން ސަލާމަތްވާން އޭނާއަށް ވީވަރަކުން މަސައްކަތް ކުރަމުން ދިޔައެވެ. ނަޝްވާ މާވަރަކަށް ގަދަހަދަން ފެށުމުން އަޒީމްގެ ގާތަށް އައި ރުޅީގައި ނަޝްވާގެ ކަންކަށިމަތީ ބާރަކަށް ޖެހިއެވެ. އެއްފަހަރަކު ނޫނެވެ. ދެފަހަރުއެވެ. ތަދުވީވަރުން ނަޝްވާގެ ބޮލަށް އެނބުރުން އަރައިގަތެވެ. ވީތަދުން އޭނާއަށް ރޮއެގަނެވުނެވެ. އަޒީމް ދޫކޮށްލުމުން އޭނާއަށް އަމިއްލަ ބާރުގައި ކޮޅަށް ނުހުރެވިގެން ބިންމައްޗަށް ވެއްޓުނީއެވެ. އަޒީމްވެސް މަޑުމަޑުން ނަޝްވާއާއި ދިމާއަށް ތިރިވާންފެށިއެވެ. ފުސްވެފައިވާ ދެލޮލަށް މިމަންޒަރު ފެނުމުން އޭނާ ބެލީ އެހާލުގައިވެސް ސަލާމަތްވެވޭތޯއެވެ.

ނަޝްވާ އެއިންގޮތަށް އިނދެ ފަހަތަށް ޖެހެން ފެށުމުން އަޒީމްވެސް ނަޝްވާއާއި ގާތްވަމުން އޭނާގެ އިސްތަށިގަނޑުގައި ހިފައި އިތުރަށް ގާތްކޮށްލިއެވެ. އަދި ނަޝްވާގެ މޫނާ އޭނާގެ މޫނުގާތްކޮށްލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. އަޒީމްގެ ހޫނު ނޭވާތައް ނަޝްވާގެ މޫނަށް އެޅެން ފެށުމުން ނަޝްވާގެ ހިތް ކުރިއަށްވުރެވެސް ބޮޑަށް ތެޅެން ފެށިއެވެ. އެވަގުތު އަޒީމްގެ ގައިން ދުވި ނުބައި ވަހުން ނަޝްވާއަށް އޯކަށް ދެމެން ފެށުނެވެ. މިމަންޒަރު ފެނުމުން އަޒީމް ނުބައި ވައްތަރެއް މޫނަށް ޖައްސައިގެން އިނދެ ހޭން ފެށިއެވެ. އަދި އަނެއްކާވެސް ނަޝްވާއާއި ގާތްވާން ފެށިއެވެ. ނަޝްވާ ބަލަން ނީނދެ އޭނާގެ މޫނަށް ކުޅުޖެހިއެވެ.

“އައްޗީ…. ކަލޭ ތިއުޅެނީ އަދި އަހަރެންގެ ގޮތް ނޭނގިގެން… ކޮންމެގޮތެއް ހެދިޔަސް މިފަހަރު ދުލެއް ނުކުރާނަން…” އަޒީމްގެ ގާތަށް އައިރުޅީގައި އޭނާގެ މޫނުމަތީގައިވާ ކުޅުތައް ފޮހެލަމުން ނަޝްވާގެ މޫނުމަތީގައި ޖެހިއެވެ. ޖެހިލެއް ބާރުކަމުން ނަޝްވާގެ އަނަގަމައްޗާއި ނޭފަތް ފަޅައިގެން ދިޔައެވެ.

އަޒީމް ނަޝްވާގެ ފައިގައި ހިފައި ދަމާލިއެވެ. ދެން އޭނާ ހިފީ ނަޝްވާ ލައިގެން އިން ހެދުމުގެ ކަރުގައެވެ.

“ނޫން…. މީހެކޭ…” އަޒީމް ހަދަން އުޅޭގޮތް އެނގުމުން ނަޝްވާއަށް ދެފަރާތަށް ބޯހޫރާލަމުން ބާރަށް ރޮއިގަނެވުނެވެ. އަދި އަޒީމްގެ މޭގައި އަތްއަޅާފައި އޭނާގެ ގައިގައި ހުރި ބާރެއް ލާފައި ކޮށްޕާލީ ސަލާމަތަށް އެދިގޮވަމުންނެވެ. ނަމަވެސް އަޒީމްގެ ކުރިމަތީގައި އޭނާއަކަށް ގަދައެއް ނުވެވުނެވެ. ވިހަ ހިނިތުންވުމަކާއިއެކު އަޒީމް ނަޝްވާގެ ހެދުމުގެ ކަރުގައި ހިފައި ދެފަރާތަށް ދަމާލިއެވެ. އިސާހިތަކު ހެދުން ވީދާގެންގޮސް ނަޝްވާގެ ހަށިގަނޑު އަޒީމްގެ ކުރިމަތީގައި ބަރަހަނާވެގެން ދިޔައެވެ. އަޒީމް ދަހިވެތިބެލުމަކުން ނަޝްވާގެ ހަށިގަނޑަށް ބަލާލިއެވެ.

“ނޫން….” ދެލޯ މަރައިގެން އޮވެ ނަޝްވާ ގިސްލާފައި ރޮމުން ދިޔައީ އެހެން ނުހެދުމަށް ބުނަމުންނެވެ. ނަމަވެސް އަޒީމަށް އެއަޑު އިވޭހެނެއް ހިޔެއްނުވެއެވެ. ނަޝްވާގެ ހަށިގަނޑާއި ދިމާއަށް ތިރިވާން ފެށިއެވެ. ނަޝްވާއަށް އެހިސާބުން އުއްމީދުކަނޑާލެވުނެވެ. އޭނާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެވިގެންދަނީއެވެ. ދެން އޭނާއަށް ސަލާމަތްވުމުގެ އެއްވެސް އުއްމީދެއް ނެތެވެ. ދަހިވެތިބެލުމަކުން އަޒީމް ނަޝްވާއާއި ދިމާއަށް ގުދުވެ އޮއްވާ މީހަކު އައިސް އޭނާ ކޮށްޕާލިއެވެ. އަޒީމް ގޮސްޖެހުނީ ގަހެއްގެ ބުޑުގައެވެ.

“އައްދޯއި…” ވީތަދުން އަޒީމަށް ބުނެވުނެވެ. މިއަޑަށް ނަޝްވާ ދެލޯ ހުޅުވާ ބަލާލިއިރު ޒަޔާން ފައިގައި ހުރިބާރެއްލާފައި އަޒީމްގެ ބަނޑުގައި ޖަހަނީއެވެ. ޒަޔާންގެ މޫނުމަތީގެ ކުލަވަރުތަކުން އޭނާހުރީ ވަރަށް ރުޅިއައިސްފައިކަން އެނގެއެވެ. ނަޝްވާ އަވަސްއަވަހަށް ތެދުވެ ދެކަކޫ ކައިރިކޮށްލަމުން ހަށިގަނޑު ކަކުލުގައި ޖައްސާލައިގެން އިނދެ ކަކުލުގައި ބައްދާލިއެވެ. ގެންފައިވާ ބިރުންނާއި ވާތަދުން އަދިވެސް އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ.

ޒަޔާން ޖެހިޖެހީނުން އަޒީމް އޮތީ ބަނޑަށް ތަދުވާވަރުން އެތަނުން ނުތެދުވެވިފައެވެ. ޒަޔާން އަޒީމަށް ބަލާލަމުން ދެން ބަލާލީ ނަޝްވާއަށެވެ. ނަޝްވާ އިންހާލު ފެނިފައި ޒަޔާން ދެރަވިއެވެ. އޭނާގެ ދެލޯފެންކަޅިވިއެވެ. މަޑުމަޑުން ހިނގައިފައި ގޮސް ނަޝްވާގެ ގާތުގައި އިށީނދެ ނަޝްވާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ނަޝްވާ ކުއްލިއަކަށް ގެނައި ހަރަކާތަކާއިއެކު ޒަޔާންގެ ގައިގައި ބައްދާލަމުން ރޯންފެށިއެވެ. ނަޝްވާގެ އެވޭނީ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުމުން އޭނާއަކަށް ކެތެއް ނުވިއެވެ. އޭނާގެ ލޮލުންވެސް ކަރުނަ ނިރާލިއެވެ. މަޑުމަޑުން ނަޝްވާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައިރު އޭނާ ބޭނުންވީ އަޒީމަށް ދެން ދުނިޔެއަށް ނޭވާ ނުލެވޭވަރު ކޮށްލާށެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް މިވަގުތު ނަޝްވާއަށް އޭނާގެ އެހީތެރިކަން މާބޮޑުވާނެތީ އޭނާ ކެތްކޮށްލީއެވެ. އެހެން ނޫންނަމަ މިޔަދު އޭނާގެ އަތުން އަޒީމްގެ ދުވަސް ދިޔައީހެވެ.

“ހިނގާ ދާން….” ނަޝްވާ އެތަނުން ނަގަމުން ޒަޔާން ބުނެލިއެވެ. ޒަޔާންގެ އެހީއާއިއެކު ނަޝްވާ ކޮޅަށް ތެދުވިއެވެ. އެވަގުތު އެތަނަށް ނަޝާމްމެނަށްވެސް އާދެވުނެވެ.

“ނަޝް….” ނަޝާމްގެ އަޑަށް ނަޝްވާއާއި ޒަޔާން އެދިމާއަށް ބަލާލިއެވެ. ޒަޔާން އެއްފަރާތްވުމުން ނަޝާމަށް ނަޝްވާހުރިހާލު ފެނުމުން ދެފައިން ވާގި ދޫނުވީ ކިރިޔާއެވެ. ނޭފަތާއި ތުންފަތުން ލޭއަންނަމުންދިޔައިރު އޭނާގެ މޫނުމަތީގައި އަޒީމްގެ އަތުގެއިނގިލިތަކުގެ ނިޝާން ފެންނަން ހުއްޓެވެ. ވީދިފައިވާ ހެދުމުން ހަށިގަނޑު ނިވާކުރަން މަސައްކަތް ކުރަމުން ދިޔައިރު ނަޝްވާ ހުރީ އިސްޖަހާލައިގެންނެވެ. ނަޝާމް ލަސްފިޔަވަޅުތަކެއްގައި ނަޝްވާއާއި ދިމާއަށް ދިޔައިރު އޭނާގެ ދެފައި ތުރުތުރު އަޅައެވެ. ކޮއްކޮ ހުރި ހާލުފެނުމުން ހިތަށް އަސަރު ކުރިއެވެ. ލިމްޝާއަށްވެސް ނަޝްވާ ހުރިހާލު ފެނުމުން ވަރަށް ދެރަވިއެވެ. ފާޑަކަށް ކޮރުޖަހަމުން އޭނާވެސް ނަޝްވާގެ ގާތަށް ދިޔައެވެ.

“ނަޝް….” ނަޝްވާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ނަޝާމް ނަޝްވާއަށް ގޮވާލިއިރު އޭނާއަށް ރޮވިއްޖެއެވެ. ނަޝްވާވެސް ނަޝާމްގެ މޭގައި ބޯއަޅައިލައިގެން ހުރެ ރޮމުން ދިޔައިރު ޒަޔާންއާއި ލިމްޝާގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ.

“އޭއި….” އެވަގުތު އަޒީމް ތެދުވެގެން ކޮރުޖަހަމުން ހިނގައިގަތްތަން ފެނުމުން ނަޝާމް އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ. އަޒީމް ސިހިފައި ނަޝާމަށް ބަލާލިއިރު ލިމްޝާއާއި ޒަޔާންގެ އިތުރުން ނަޝްވާވެސް އެދިމާއަށް ބަލާލިއެވެ. ދެންފެނުނީ ނަޝާމް ދުވެފައި ދިޔަގޮތަށްގޮސް އަޒީމްގެ ކަރުގައި ހިފިތަނެވެ.

“ކަލޭ ހީކުރީތަ މަގޭ ކޮއްކޮއަށް އެހާލު ޖައްސާފައި ކަލެއަށް ދެވޭނެހެން… އޭން… ހުރި ނުބައިކަން… އަހަރެން މިޔަދު ކަލޭގެ ދުވަސް ދުއްވާލާނަން….” ނަޝާމް ރުޅިއައިސްފައި ހުރިވަރުން ކިޔޭނުކިޔޭއެއްވެސް ނޭނގެއެވެ. ރުޅިއައިސްފައި ހުރިވަރުން އޭނާ ތުރުތުރުލަނީއެވެ.

“ޒަޔާން… ޕްލީޒް ނަޝާމް ހުއްޓުވާ… އޭނާ މިވަގުތު އަތުން ފައިން ގޯހެއް ހަދާކަށްވެސް ފަހަކަށް ނުޖެހޭނެ….” ނަޝާމްގެ ހަރަކާތްތައް ހުރިގޮތުން ލިމްޝާ ހާސްވެފައި މިހެން ބުނުމުން ޒަޔާން އެދިމާއަށް ގޮސް ނަޝާމް ދުރުކުރުވަން އުޅުނެވެ. ލިމްޝާ އޭނާގެ ކަރުގައި އަޅާފައި އޮތް ދޯބައްޓާ ނަގައި ނަޝްވާގެ ހަށިގަނޑު ނުފެންނާނެހެން އޭނާގެ ގައިގައި އޮޅާލަދިނެވެ. އެވަގުތު ނަޝްވާ ލިމްޝާގެ ގައިގައި ބައްދާލަމުން ރޯންފެށުމުން ލިމްޝާ ނަޝްވާއަށް ހިތްވަރުލައިދިނެވެ.

ވަރަށް މަސައްކަތުން ޒަޔާނަށް ނަޝާމް އަޒީމްއާއި ދުރުކޮށްލެވުނެވެ. އޭރުވެސް ނަޝާމްގެ ރުޅިމައިތިރިއެއް ނުވެއެވެ. ނަޝާމް ދޫކޮށްލުމުން އަޒީމް އެތާހުރި ގަހެއްގައި ލެނގިލަމުން ތިރިވިއެވެ. އޭނާހުރީ ކަރުގައި ހިފަހައްޓާލައިގެންނެވެ.

“ނަޝާމް ރުޅިމަޑުކުރޭ…. ރުޅިއައިސްގެން ކުރެވޭ ކަމަކުން ފަހުން ނުކުންނަ ނަތީޖާ މާ ހިތިވެދާނެ…” ޒަޔާން ނަޝާމަށް ވިސްނާދިނެވެ. އެވަގުތު އެތަނަށް ޕޮލިހުންވެސް އައެވެ. ނަޝާމްމެން އެތަނަށް އަންނަމުން އައީ ޕޮލިހުންނަށްވެސް ގުޅާފައެވެ. އެމީހުން އައިސް ކަންވީގޮތް އޮޅުންފިލުވުމަށްފަހު އަޒީމް ގޮވައިގެން ދިޔައެވެ. ޒަޔާންއާއި ނަޝާމްވެސް ނަޝްވާއާއި ލިމްޝާ ގޮވައިގެން ގެއަށް ދިޔައެވެ.

 

ގޭތެރެއަށް ވަދެގެން އައި ނަޝްވާއާއި ލިމްޝާ ހުރިހާލު ފެނިފައި މޭޒުދޮށުގައި ކާންހަދަންހުރި ހުރި ފަރީޝާގެ ދެލޯ ބޮޑުވެ އަތުގައި އޮތް ސަމްސާ އަތުން ދޫވެގެން ވެއްޓުނެވެ. އޭނާ ދުވެފައި އައިސް ނަޝްވާގެ ގައިގައި އޮޅުލައިގަންނަމުން ރޯންފެށިއެވެ. އަދި ނަޝްވާގެ މޫނުގައި ފިރުމަމުން އެހާލު ޖެއްސީ ކާކުތޯ އެހިއެވެ.

“މަންމާ… މިވަގުތު ނަޝްކޮއާއި އެވަރަށް ސުވާލުނުކޮށް އޭނާ ގޮވައިގެން ކޮޓަރިއަށްދޭ… އޭނަ ހެދުން ވެސް ބަދަލުކުރަން ޖެހޭނެއެއްނު…” ފަރީޝާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ނަޝާމް މިހެން ބުނުމުން ފަރީޝާ ލިމްޝާއަށް ބަލާލަމުން އޭނާގެ ކޮލުގައި އަތް ޖަހާލާފައި ނަޝްވާ ގޮވައިގެން އޭނާގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ނަޝްވާމެން ދިޔަދިމާއަށް ބަލަން ހުރެފައި ޒަޔާން އަތް މުށްކަވާފައި ފާރުގައި ޖެހިއެވެ. ނަޝާމް ޒަޔާންގެ ކޮނޑުގައި ހިފަހައްޓާލަމުން އޭނާއަށް ހިތްވަރުލައިދިނެވެ. ޒަޔާން އެބައަންނަމޭ ބުނެފައި ދިޔައީ ޓެރަހަށެވެ. ޒަޔާން ދިޔުމުން ނަޝާމް ލިމްޝާއަށް ބަލާލިއެވެ. އޭރު އޭނާވެސް ހުރީ ނަޝާމަށް ބަލަހައްޓައިގެންނެވެ. ނަޝާމް ލިމްޝާގެ ގައިގައި ހިފަހައްޓާލައިގެން ގެންގޮސް ސޯފާގައި ބޭންދިއެވެ. އޭނާ ކޮޓަރިއަށް ގޮސް ފަސްޓްއެއިޑް ބޮކްސް ހިފައިގެން އައިސް ލިމްޝާގެ ނިއްކުރީގައި ބޭސްއަޅައިދޭން އުޅުން ވަގުތު ނާއިޝް އެތަނަށް އައެވެ. އޭނާ އެއައީ އޭނާގެ މަންމަ ގުޅާފައި އެޚަބަރު ދިނުމުންނެވެ.

“ނަޝާމް… ކޮބާ ނަޝްކޮ މިހާރު…؟؟؟” އެތެރެއަށް ވަންނަމުން ނާއިޝް އަހާލީ ނަޝާމްގެ ގާތުގައެވެ. ނަޝާމް އޭނާވީ ކޮޓަރީގައޭ ބުނުމުން ނާއިޝް ދެން ބަލާލީ ލިމްޝާއަށެވެ.

“ލިމްއަށްވެސް ވަރަށް އަނިޔާވިދޯ… ގެނޭ އަހަރެން އަތަށް ބޭސް އަޅާދޭނަން…” މިހެން ބުނެފައި ނާއިޝް ނަޝާމްގެ އަތުން ފަސްޓް އެއިޑް ބޮކްސް އަތުލުމަށްފަހު ލިމްޝާގެ ނިއްކުރީގައި ބޭސް އަޅައިދިނެވެ.

“އަސްލު ކިހިނެއްތަވީ..؟؟؟” ނާއިޝް މިހެން އެހުމުން ނަޝާމް ވީގޮތް ކިޔައިދިނެވެ. ނަޝްވާއަށް ކަންތައް ދިމާވީގޮތުން ނާއިޝްވެސް ވަރަށް ދެރަވިއެވެ.

“އެވަގުތު ލިމް ނަޝާމް އަށް ނުގުޅިނަމަ ނޭނގެ ނަޝްކޮއަށް ވާނެގޮތެއްވެސް… ތޭންކްސް…” މިހެން ބުނެފައި ނާއިޝް ލިމްޝާ އޭނާގެ އަތުތެރެއަށްލާ ލިމްޝާގެ ގައިގައި ބައްދާލިއެވެ. ލިމްޝާއަށް ބަލާލެވުނީ ނަޝާމްއަށެވެ. ނަޝާމްގެ މޫނުމައްޗަށް އަރާފައިބަމުންދާ ކުލަވަރުތަކުން އެއީ އޭނާއަށް ބަލަން މާ ފަސޭހަ މަންޒަރެއްނޫންކަން ލިމްޝާއަށް ޔަގީންވިއެވެ. އެކަމާ އޭނާ ވަރަށް ދެރަވެސް ވިއެވެ. ނަޝާމް އިތުރަށް އެތާ މަޑުނުކޮށް ދިޔައީއެވެ.

ލިމްޝާއަށް ހިގެން ނެތުމުން ފަރީޝާ ލިމްޝާގެ މަންމައަށް ގުޅުމަށްފަހު ލިމްޝާ އެރޭ އެގޭގައި ބެހެއްޓީއެވެ.

ފެންވަރައިލައިގެން އައިސް ނާއިޝް އެނދުމަތީގައި ޖައްސާލީ ނިދާށެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ ޕާކުތެރޭން އޭނާއަށް ފެނުނު ޒޯޔާގެ ފޮޓޯގަނޑުގެ މަތިންނެވެ. އެދުވަހު އެފޮޓޯ ވޮލެޓުން ނެގިގޮތަށް ބަލާވެސް ނުލާ އޭނާ އެލީ އަލަމާރިއަށެވެ. ނާއިޝް އެނދުން ތެދުވެގެން ގޮސް އަލަމާރި ހުޅުވާލުމަށްފަހު އެފޮޓޯ ނަގައިގެން އައިސް އަނެއްކާވެސް އެނދުގައި ޖައްސާލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއިއެކު އެފޮޓޯއަށް ބަލާލިއެވެ. އެއީ މީގެ ދެއަހަރުކުރިން އެމީހުން މެލޭޝިޔާގައި ކިޔަވަން އުޅުންއިރު ރައްޓެހިކުއްޖެއްގެ އުފަންދުވަހުގެ ޕާޓީ ބޭއްވި ހޯލްގައި ނަގާފައިވާ ޒޯޔާގެ ފޮޓޯއެކެވެ. ނާއިޝް އެފޮޓޯއަށް ބަލަމުން ދިޔައިރު އޭނާގެ ލޮލުގައި އަޅައިގަތީ ޒޯޔާގެ އަތުގައި އަޅާފައިވާ އެން އަކުރު ޖެހި ނޫކުލައިގެ އަނގޮޓިއެވެ. އެފެނުމާއިއެކު އޭނާގެ ދެލޯ ބޮޑުވެގެންދިޔައިރު އަތްވެސް ތުރުތުރުލަމުން ދިޔައެވެ. އޭސީގެ ފިނިކަން ކޮޓަރިތެރޭގައި ރަސްކަން ކުރަމުން ދިޔައިރު އޭނާގެ ނިއްކުރިމަތީގައި ބޮޑެތި ދާތިކިތައް ވިދަމުން ދިޔައެވެ. ފޮޓޯގަނޑު އެނދުމަތީގައި ބޭއްވުމަށްފަހު މޫނުގައި ދެއަތުން އަތް ހިންގާލިއެވެ. އެއަށްފަހު އެނދުކައިރީގައި ހުރި ސައިޑްޓޭބަލްގެ ވަތްގަނޑު ދަމާލުމަށްފަހު އޭގެ ތެރޭގައި އިން ކުޑަ ފޮށްޓެއް ނެގިއެވެ. އޭރުވެސް އޭނާގެ ދެއަތް ތުރުތުރުލަމުން ދިޔައެވެ. ފޮށި ހުޅުވާލުމަށްފަހު އޭގެ ތެރޭގައި އޮތް އަނގޮޓި ނެގުމަށްފަހު ފޮޓޯގައި ޒޯޔާގެ އަތުގައި އަޅާފައި އޮތް އަނގޮޓިއަށް ބަލާލިއެވެ. އެއީ ހަމަ އެއް އަނގޮޓިއެކެވެ. އެދޭތީގައި އެއްވެސް ތަފާތުކަމެއް ނެތެވެ. ނާއިޝް މީގެ ދެއަހަރު ކުރީގައި ހިނގާދިޔަ ހާދިސާގެ ހަނދާން އާކޮށްލިއެވެ.

***އެއީ ގާތްގަނޑަކަށް މީގެ ދެއަހަރުކުރިން މެލޭޝިޔާގައި އޭނާގެ އެކުވެރިއެއްގެ ޕާޓީ ބޭއްވި ރެއެވެ. ނާއިޝްގެ އެކުވެރިންތަކެއް ދިން ޖޫސްތަށްޓެއް ބޮއެގެން ނާއިޝް އުޅުނީ ބޮލަށް ގޮތްތަކެއް ވާތީއެވެ. އެންމެ ފަހުން އޭނާ ބޭރަށް ނުކުތީ ބޮލަށް ތަދުވާވަރުން ކެތްނުކުރެވިގެން ގެއަށް ދިޔުމަށްޓަކައެވެ. ނަމަވެސް އޭނާއަށް ކުރިޔަށް ނުދެވިގެން އެތާހުރި ގޮނޑިއެއްގައި އިށީނީއެވެ. އެވަގުތު އަންހެން ކުއްޖަކު އައިސް އޭނާއަށް އެހީވެދިނެވެ. އޭނާ ގެއަށް ގެންގޮސްދިނެވެ. ބޮލަށް ވާންވެފައި ހުރިވަރުން އެއީ ކޮން ކުއްޖެއްކަމެއް ނާއިޝްއަކަށް ނޭނގުނެވެ. އޭނާ ނާއިޝް ނާއިޝްގެ ގެއަށް ގެންގޮސްދިނުމަށްފަހު އެނބުރި ދާން އުޅުން ވަގުތު ނާއިޝް އެކުއްޖާ ހުއްޓުވިއެވެ. އޭރު ހަށިގަނޑަށް އައިސްފައިވާ ބަދަލެއްގެ ސަބަބުން އޭނާގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ޝައިޠާނީ ވަސްވާސްތަކެވެ. ނާއިޝް ގަދަކަމުން އެކުއްޖާގެ އިއްފަތްތެރިކަން ނަގާލީ އެކުއްޖާ ރޮއެރޮއެ އޮތްހާލުގައެވެ.

ޖެހިގެން އައި ދުވަހު ނާއިޝްއަށް ހޭލެވުން އިރު އޭނާގެ ހަށިގަނޑުގައި އެއްވެސް އަންނައުނެއް ނެތެވެ. އޭރުވެސް އޭނާގެ ބޮލުގައި ރިއްސައެވެ. އޭނާ އޮތްހާލުން ނާއިޝްއަށް ކޮންމެވެސް ވަރަކަށް ރޭގެ ހާދިސާ ހަނދާނަށް އައުމުން އޭނާ ވަރަށް ދެރަވިއެވެ. އެންމެ ބޮޑަށް ދެރަވީ އެއީ ކޮންކުއްޖެއްކަން ހަނދާނަށް ނައުމުންނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި އޮތް އަނގޮޓިއެވެ. އޭނާއަށް ޔަގީންވީ އެއީ އެއަންހެންކުއްޖާގެ އެއްޗެއްކަމެވެ.

އެދުވަހު ޔުނިވަރސިޓީއަށްގޮސްވެސް އެކިގޮތްގޮތުން އެއަނގޮޓީގެ ވެރިޔަކީ ކާކުތޯ ބަލަން ނާއިޝް ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެހާ ވަރަށް މަސައްކަތް ކުރުމުންވެސް ނާއިޝްއަށް އެއީ ކޮންކުއްޖެއް ކަމެއް ނޭނގުނެވެ.***

އެރޭގެ ހަނދާންތައް އާވުމުން ނާއިޝްގެ ލޮލުން ކަރުނަ ނިރާލިއެވެ. އޭނާ ޒޯޔާގެ ގާތުގައިވެސް އެއަނގޮޓީގެ ވާހަކަ އެހިއެވެ. ނަމަވެސް ޒޯޔާ އެއީ އޭނާގެ އެއްޗެއް ނޫންކަމަށް ބުންޏެވެ. އޭރު ޒޯޔާ ދޮގުހެދި ސަބަބެއް ވިސްނާ ވިސްނާވެސް ނާއިޝްގެ ޚިޔާލަކަށް ނައެވެ. ނަމަވެސް އޭނާ ބޭނުންވީ ދެން ވީހާވެސް އަވަހަކަށް ޒޯޔާއާއި ބައްދަލްކޮށް ހުރިހާ ހަގީގަތެއް ހޯދާށެވެ. އެރޭ އޭނާއަށް ނިދޭގޮތްވީ ވަރަށް ލަސްވެސްވީފަހުންނެވެ.

 

ޖެހިގެން އައިދުވަހުގެ ހެނދުނުގެ ވަގުތެވެ. ލިމްޝާއިނީ ނަޝާމްމެންގޭ ސިޓިންރޫމްގައެވެ. އެވަގުތު ކޮފީތަށްޓެއް ހިފައިގެން ނަޝާމް އެތަނަށް އައިސް ލިމްޝާއަށް ދިއްކޮށްލިއެވެ. ނަޝާމަށް ބަލަން އިނދެ ލިމްޝަ ކޮފީޖޯޑުގައި ހިފުމަށް އަތްދިއްކޮށްލިވަގުތު ނަޝާމްގެ ލޮލުގައި އަޅައިގަތީ ލިމްޝާގެ އަތުގެ އިނގިލިތަކެވެ. އޭނާގެ އިނގިލިތައްވެސް ހުރީ މަށައިގެން ގޮއްސައެވެ.

“ލިމް ކީއްވެ އިނގިލިތައް މަށައިގެން ދިޔަވާހަކަ ނުބުނީ….” ކޮފީތަށި މޭޒުމަތީގައި ބަހައްޓަމުން ލިމްޝާގެ ގާތުގައި އިށީނދެ ލިމްޝާގެ އަތުގައި ހިފާލަމުން ނަޝާމް ލިމްޝާގެ އިނގިލިތަކަށް ފުމެލިއެވެ. ލިމްޝާ ނަޝާމަށް ބަލަން އިނދެފައި ލޯމަރާލިއެވެ. އިސާހިތަކު އޭނާގެ އެސްފިޔަތައް ދޭތެރެއިން ފޭދެންފެށި ހޫނުކަރުނަތައް ކޯތާފަތުގައި ފިރުކިފައި ތިރިއަށް ފައިބައިގަތެވެ. މިމަންޒަރު ފެނުމުން ނަޝާމް އޭނާގެ އިނގިލިތަކުން އެކަރުނަތައް ފޮހެލައިދިނެވެ. ލިމްޝާ ދެލޯ ހުޅުވާލަމުން ނަޝާމަށް ބަލާލިއެވެ. ނަޝާމް ބޮލުގެ އިޝާރާތުން ނުރޯށޭ ބުނެލިއެވެ. ލިމްޝާއަށް ކެތްވީ އެހިސާބަށެވެ. ނަޝާމްގެ ގައިގައި ބައްދާލަމުން ރޯންފެށިއެވެ. ލިމްޝާގެ ބުރަކަށީގައި ނަޝާމް ފިރުމާލީ ގަބޫލުނުކުރެވިފައި އިނދެއެވެ.

“ނަޝާމް… މީތަ އަހަރެމެންނަށް ހުރިގޮތަކީ…؟؟؟ އަހަރެމެންނަށް ދެން ދުވަހަކުވެސް އެކީގަ ނޫޅެވޭނެތަ….؟؟؟” ރުއިމުގެ ތެރޭން ލިމްޝާ ބުނެލިއެވެ. ނަޝާމްގެ ދެލޯވެސް ފެންކަޅިވެގެން ދިޔައީ އެހެން ހިތަށް އަރުވާލުމުންނެވެ. އެދެލޯބިވެރިންނަށް އެވަނީ ދުރުވާން މަޖުބޫރުވެފައެވެ. އެހެންމީހުންގެ އުފާތަކަށްޓަކައެވެ. ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ.؟

“ލިމް ދެރަ ނުވޭ… އަހަންނަށް ހަމަ ޔަގީން ދޮންބެ ލިމްއަށް ވަރަށް ރަނގަޅުވާނެ…. އަހަރެން މަތިން ހަނދާން ނެތޭވަރަށް ދޮންބެ ލިމްއަށް ލޯބިދޭނެ… ވަރަށް އުފަލުގައި ގެންގުޅޭނެ….” ވަރަށް ހިތްވަރުކޮށްފައި ނަޝާމް ވާހަކަ ދެއްކިއެވެ.

“ނަޝާމް އާއި ނުލާ އަހަންނަށް އޮތީ ކޮންއުފަލެއް.؟؟؟ ކޮންމެ މީހަކު އަހަންނަށް ކިތަންމެ ވަރަކަށް ލޯބިދިނަކަސް އަހަންނަށް ނަޝާމް މަތިން ހަނދާން ނައްތައެއް ނުލެވޭނެ… އަހަރެން ނަޝާމްދެކެ ވާ ލޯތްބަށް އެއްވެސް ބަދަލެއް ނާންނާނެ….” ނަޝާމްގެ ގައިގައި ބާރަށް ބައްދާލައިގެން އިނދެ ލިމްޝާ ވާހަކަ ދެއްކިއެވެ. ނަޝާމަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށްވެސް ލިމްޝާގެ މަތިން ހަނދާން ނައްތާލުމަކީ ވާނެކަމެއް ނޫނެވެ. އޭނާވެސް އިންތިހާއަށް ލިމްޝާދެކެ ލޯބިވެއެވެ. އެހެން މީހަކު ދެކެ ލޯބިވުމަކީ ދެން އޭނާއަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.

“ލިމް….” ފަހަތުން އިވުނު ނާއިޝްގެ އަޑަށް ސިހިފައި ލިމްޝާއާއި ނަޝާމް އެކަކު އަނެކަކާ ދުރުވެލިއެވެ. އަދި ދެމީހުން އެކަކު އަނެކަކަށް ބަލާލަމުން ނާއިޝްއަށް ބަލާލިއިރު ނާއިޝް ބުނާނެ އެއްޗެއް ނޭނގޭތީ ދެމީހުންވެސް ތިބީ ހާސްވެފައެވެ. ލިމްޝާ ލޮލުން އައިސްފައިވާ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ސައިބަރބުލީންގް

Next

މަންމަގެ ނަސޭޙަތް

Next
February 1, 2015

މަންމަގެ ނަސޭޙަތް

Previews
January 30, 2015

ސައިބަރބުލީންގް

8 Comments!

  1. mary says:
    February 1, 2015 at 2:53 pm

    ey v reethi mi part vess
    aneh part avahah up kollahchey…
    waiting 4 the next part

  2. Lovely says:
    February 1, 2015 at 9:32 pm

    Nice nice..

  3. Faai says:
    February 2, 2015 at 8:09 am

    Dhen naaish n zoya gulhuwyma nimuny…..

  4. fary says:
    February 2, 2015 at 11:17 am

    Vvvvv Nala. Avaha up kolati

  5. Shadhi says:
    February 2, 2015 at 2:47 pm

    V salhi up kollla dheebo avahah….

  6. eemiyaa says:
    February 2, 2015 at 5:25 pm

    Thanks all 🙂

  7. shadows says:
    February 2, 2015 at 11:55 pm

    Eem konirak next part up kohladeynee mihaar kuriyah oh part Mihuree vary kiyaahithun pls pls eem avahah upkohladeebala

  8. eemiyaa says:
    February 7, 2015 at 4:56 am

    🙂

Comments are closed.

Next Episodeމިޙަޔާތާ ދުރުނުވޭ (15ވަނަބައި)←


All Right Reserved!