މިޙަޔާތާ ދުރުނުވޭ (15ވަނަބައި)
“ލިމް….” ފަހަތުން އިވުނު ނާއިޝްގެ އަޑަށް ސިހިފައި ލިމްޝާއާއި ނަޝާމް އެކަކު އަނެކަކާ ދުރުވެލިއެވެ. އަދި ދެމީހުން އެކަކު އަނެކަކަށް ބަލާލަމުން ނާއިޝްއަށް ބަލާލިއިރު ނާއިޝް ބުނާނެ އެއްޗެއް ނޭނގޭތީ ދެމީހުންވެސް ތިބީ ހާސްވެފައެވެ. ލިމްޝާ ލޮލުން އައިސްފައިވާ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ.
“ލިމް ތީ ކޮންކަމެއް….؟؟؟” ލިމްޝާމެންނާއި ދިމާއަށް ހިނގައިގަންނަމުން ނާއިޝް މިހެން އަހާލިއިރު އޭނާގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ.
“ދޮންބޭ…” ނާއިޝް އައިސް އެތާ މަޑުކޮށްލުމުން ނަޝާމް އެތަނުން ތެދުވިއިރު އޭނާއަށް ނާއިޝްއަށް ގޮވާލެވުނެވެ. ލިމްޝާ ބުނާނެ އެއްޗެއް ނޭނގިފައި ނާއިޝްއާއި ދިމާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.
“ލިމް ބުނެބަލަ.. ކީއްވެތަ ތިރޮނީ..؟؟؟” ލިމްޝާގެ ގާތުގައި އިށީންނަމުން ނާއިޝް އަހާލީ ނުހަނު ލޯތްބާއިއެކީގައެވެ. ނާއިޝްގެ ސުވާލާއިއެކު ނަޝާމަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ނާއިޝްއަށް ދެންމެ ދެކެވުނު ވާހަކަ އަޑުނީވޭކަން ޔަގީންވުމުންނެވެ.
“ބަލާބަލަ ލިމްގެ އަތް… އޭނާގެ އަތް މަށައިގެން ގޮސްފައި އޮތީމަ އަހަރެން ކީއްވެފަހޭ އަހާލީމަ ރޭގެ ހާދިސާ މަތިން ހަނދާންވެގެން ރޯންފެށީ….” ނަޝާމް އަވަސް އަވަހަށް ބުނެލިއެވެ. ނާއިޝް އެއީ ތެދެއްތޯ އަހާލިއެވެ. ލިމްޝާއަށް ބަލާލެވުނީ ނަޝާމްއާއި ދިމާއަށެވެ. ނަޝާމް ބޮލުގެ އިޝާރާތުން އާނއެކޭ ބުނުމަށް ބުންޏެވެ. ލިމްޝާ ނާއިޝްއަށް ބަލާލަމުން ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.
“އެކަން މިހާރު އެ ނިމުނީނު… ދެން އެކަމާ އެހާ ބޮޑަށް ނުވިސްނާ…” ލިމްޝާގެ ބޮލުގައި ފިރުމާލަމުން ނާއިޝް ބުނެލީ ވަރަށް ލޯބިންނެވެ.
“ލިމް ނަޝާމްއާއި ވަރަށް ރައްޓެހި ދޯ…” ނާއިޝްގެ ޖުމްލައިން ލިމްޝާއަށާއި ނަޝާމަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެވަގުތު ނާއިޝްއަށް ހަގީގަތް ކިޔައިދޭންވީއޭ ލިމްޝާގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާއަކަށް ނާއިޝްގެ ގާތުގައި އެވާހަކަ ބުނާކަށް ނުކެރުނެވެ.
“އެއް އޮފީހެއްގައި މަސައްކަތް ކުރަންޏާ ދެން ރައްޓެހިވާނެއެއްނު….” ދެމީހުންކުރެ އެކަކުވެސް އަނގައިން ނުބުނެ އެހެން ތިއްބާ ޖަވާބުދިނީ އެތެރެއަށް ވަދެގެން އައި ޒަޔާނެވެ. ތިންމިހުން އެއްފަހަރާ ޒަޔާނަށް ބަލާލިއެވެ. ޒަޔާން ލޮލުގެ އިޝާރާތުން އޭނާގެ ފަހަތުން އައުމަށް ބުނުމުން ނަޝާމް ޒަޔާންއާއިއެކު ދިޔައެވެ.
“ލިމް ކީއްވެތަ ނަޝާމްއާއި ވާހަކަ ދައްކާގޮތަށް އަހަންނާ ވާހަކަ ނުދައްކަނީ…. އަހަރެން އުއްމީދުކުރަން ނަޝާމްއާއި ތިއޮންނަކަހަލަ ގާތް ގުޅުމެއް އަހަންނާ ދޭތެރޭވެސް ބާއްވާނެކަމަށް….” ލިމްޝާގެ ކަންފަތްދޮށުގައި ނާއިޝް މިހެން ބުނުމުން ލިމްޝާއަށް ދެލޯބޮޑުކޮށްގެން ނާއިޝްއަށް ބަލަން އިނދެވުނީއެވެ.
“އައްދޭ އަހަރެން ބިރުގެންފި… ކޮންމެވެސް އަހަރެން ކާނުލާތި…” ލިމްޝާ އެގޮތަށް ބަލަހައްޓައިގެން އިނުމުން ލިމްޝާގެ ކޮލުގައި ހިފާލަމުން ލާނެއް ގޮތަކަށް ނާއިޝް ބުނެލިއެވެ. ނާއިޝް މިހެން ބުނުމުން ލިމްޝާ އަވަސްއަވަހަށް ދުރުބަލާލިއެވެ.
ވ.މޫރިތިގޭގެ އެންމެންގެ އިތުރުން ލިމްޝާއާއި ޒަޔާން ތިބީ ހެނދުނުގެ ނާސްތާ ކުރުމަށްޓަކައި ކާމޭޒުދޮށުގައެވެ. ނާއިޝް އެކިކަހަލަ މަޖާ ވާހަކަ ދައްކައިގެން އެންމެން ހެއްވާލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ނަޝްވާ އާއި ލިމްޝާގެ އިތުރުން ނަޝާމްއާއި ޒަޔާންގެ މޫނުމަތިން ހިނިތުންވުން ފެންނަނީ މަދު ފަހަރަކުއެވެ.
“އެންމެން ހާދަ މަޑުމަޑުން ތިތިބީ..” ނާޝިދު ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން އަހާލިއެވެ.
“އަހަރެން މިހާ ވަރަށް މަޖާ ވާހަކަ ކިޔައިދޭއިރު އެކަކުވެސް ހީނުލާ… ދެން މިހާރު ވެއްޖެއެއްނު ރޭގެ ކަންތައް ހަނދާން ނައްތާލަން…. އަޒީމްވެސް މިހާރު އެހުރީ ޕޮލިހުންގެ ބެލުމުގެ ދަށުގައި…” ވަކިވަކިން އެންމެންގެ މޫނަށް ބަލާލަމުން ނާއިޝް ބުނެލީ އެއްވެސް މީހަކު އަނގައިން ނުބުނެ އިނުމުންނެވެ.
“އަހަރެން ނިމިއްޖެ….” އިންތަނުން ތެދުވެ ހިނގައިގަންނަމުން ނަޝްވާ ބުނެލިއެވެ. ފަރީޝާ އުޅުނީ ނަޝްވާ ހުއްޓުވާށެވެ. ނަމަވެސް އޭނާ އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ދިޔައީއެވެ. އެންމެންވެސް ނަޝްވާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ތިބީއެވެ.
“އަހަރެންގެ ދަރިފުޅުގެ އުފާވެރިކަން އެނުލަފާ މީހާގަނޑު ފޭރިގެންފި…” ފަރީޝާ އިސްޖަހާލަމުން ރޮވިފައިވާ އަޑަކުން ބުނެލިއެވެ. ނާޝިދު ފަރީޝާގެ ކޮނޑުގައި ހިފަހައްޓާލީ އޭނާއަށް ހިތްވަރުދެމުންނެވެ.
“މަންމާ..، އެހާދިސާ ހަނދާން ނައްތާލަން އަހަރެމެންނަށް ފަސޭހަވިޔަސް ނަޝްކޮއަކަށް އެހާ ފަސޭހައެއް ނުވާނެ.. ނަޝްކޮއަށް ވަގުތު ބޭނުންވާނެ… އަހަރެމެން ޖެހޭނީ އޭނާއަށް ވަގުތުދޭން… ނަޝްކޮ ފަހުން ހަމައަކަށް އެޅިދާނެ…..” ފަރީޝާގެ އަތުގައި ހިފާލަމުން ނަޝާމް ބުނެލީ އޭނާއަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.
“އަހަރެން ހިތަށް އަރަނީ އެހާލުގައި އެމަންޖެއާއި އިންނާނެ މީހަކު ވާނެބާއޭ…؟؟” ނާޝިދުގެ މޫނަށް ބަލާލަމުން ފަރީޝާ ބުނެލިއެވެ.
“މަންމާ ހެޔޮނުވާނެ… ތިކަހަލަ ވާހަކަ ނުދައްކާ… ކީއްވެތަ ނަޝްކޮއާއި އިންނާނެ މީހަކު ނުވާންވީ..؟؟؟ އޭނާ އެހުރީ ސަލާމަތުން… މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ނަޝްކޮގެ އިއްފަތްތެރިކަން ގެއްލުމުގެ ކުރިން އެނުލަފާ މީހާގެ އަތްދަށުން ނަޝްކޮ ސަލާމަތް ކުރެވިއްޖެ… މަންމަ ތިކަހަލަ ވާހަކަ ދައްކަންޏާ ނަޝްކޮއަށް ވާނީ ކިހިނެއް…؟؟؟” ނަޝާމް އިންތަނުން ތެދުވެ އެތަނުން ދާން ހިނގައިގަތެވެ.
“ދައްތާ އަހަރެން ނަޝްއާއި މެރީ ކޮށްފާނަން….” ޒަޔާންގެ ޖުމްލައިން އެންމެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ބޭރަށް ނުކުންނަށް އެޅިފިޔަވަޅު އެތެރެ ކޮށްލަމުން ނަޝާމްވެސް ޒަޔާންއަށް ބަލާލިއެވެ. ޒަޔާން ވަކިވަކިން އެންމެންގެ މޫނަށް ބަލާލިއެވެ. ނަޝާމްއަށް ވީހެން ލޯބިވެރިޔާ ގެއްލޭކަށް ޒަޔާން ބޭނުމެއް ނޫނެވެ. އެހާދިސާއާއި ގުޅިގެން ނަޝްވާގެ މައިންބަފައިން އަވަސްއަރުވާލާފައި ނަޝްވާ އެހެންމީހަކާ ދެވުމުގެ ކުރިން ނަޝްވާ ކާމިޔާބުކުރަން އޭނާ ކިތަންމެހާވެސް ބޭނުމެވެ.
“ޒަޔާންއަށް އެނގޭތަ ތިބުނެވުނު އެއްޗެއް..؟؟ ހުރިހާކަމެއް އެނގިހުރެވެސް ޒަޔާން ނަޝްއާ ކައިވެނި ކުރަން ބޭނުންތަ…؟؟؟” ޒަޔާންގެ ދުލުން ނުކުތް ބަސްތައް ގަބޫލުކުރަން ދަތިވެފައި އިނދެ ނާޝިދު އަހާލިއެވެ.
“ލައްބަ ބޭބޭ… އަޅުގަނޑަށް އެނގެ އަޅުގަނޑަށް ބުނެވުނީ ކީކޭކަން…. އެއީ އަޅުގަނޑު ބޭނުންވާ ގޮތް… ނަޝްއާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ހިނގައިދިޔަޔަސް އަހަރެން ހިތުން ރުހުމުން ނަޝް ބޭނުން… އަހަރެން ނަޝްދެކެ ވަރަށް ލޯބިވޭ….” އެއްވެސް ޖެހިލުމެއްނެތި ޒަޔާން ވާހަކަ ދެއްކިއެވެ. ފަރީޝާ ނާޝިދަށް ބަލާލިއިރު ނާޝިދުވެސް އިނީ ފަރީޝާއަށް ބަލަހައްޓައިގެންނެވެ. ނާއިޝް ނަޝާމަށް ބަލާލީ އެއީ ތެދެއްހޭ އަހާލާފަދަ ގޮތަކަށެވެ. ނަޝާމް ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. ލިމްޝާ އަނގައިން ނުބުނެ އެންމެންގެ ވާހަކަތައް އަޑުއަހަން އިނީއެވެ.
“އެކަމަކު ނަޝް… ނަޝް ގަބޫލުވާނެތަ…؟؟؟” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ފަރީޝާއަށް އަހާލެވުނެވެ.
“މަންމާ… ނަޝްކޮވެސް ޒަޔާންދެކެ ލޯބިވޭ…” ނަޝާމް އަވަސްއަވަހަށް ބުނެލިއެވެ.
“ޒަޔާންއަކީ ވަރަށް ރަނގަޅު އަދި އަހަރެން ވަރަށް ހިތްހަމަވެސް ޖެހޭ ކުއްޖެއް… ޒަޔާންގެ މައިންބަފައިން ގަބޫލިއްޔާ އަހަރެން މިހުރީ ތިދެކުދިންގެ ކައިވެނި ކޮށްދެން ހަމަ ތައްޔާރަށް…” ފުންނޭވާއެއް ބޭރުކޮށްލަމުން ހިނިތުންވެލަމުން ނާޝިދު އޭނާގެ ޖަވާބު އިއްވިއެވެ.
“އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑުގެ އެއްވެސް ނިންމުމަކަށް ފާޑެއް ނުކިޔާނެ….” ނާޝިދުގެ ޖަވާބު އަޑުއިވުމުން ޒަޔާން ވަރަށް އުފާވިއެވެ. އޭނާގެ ބޮލުން ބޮޑު ބަރެއް ލުއިވެގެން ދިޔަކަހަލައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
“އަހަރެން މިދަނީ ނަޝްކޮއަށް ތިޚަބަރު ދޭން… އޭނަ ވަރަށް އުފާވާނެ… އޭރުން އޭނާގެ މޫޑުވެސް އެއްކޮށް ރަނގަޅުވެދާނެ….” ކޮއްކޮއަށް އޭނާގެ ލޯބި ހާސިލްވުމުން ނަޝާމް ހުރީ ވަރަށް އުފާވެފައެވެ.
“ނަޝާމް…” ޒަޔާން ގޮވާލުމުން ނަޝާމް މަޑުކޮށްލިއެވެ.
“ބޭބޭ… ބޭބެ ގަބޫލިއްޔާ އަޅުގަނޑު ނަޝްއަށް ކައިވެނީގެ ޚަބަރުދޭން ދަންތޯ…؟؟؟” ޒަޔާން ނާޝިދުގެ ކިބައިން ހުއްދައަށް އެދުނެވެ. ނާޝިދު ހީލަމުން ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. ނާޝިދުގެ ޖަވާބާއިއެކު ޒަޔާން ފުއްމައިގެން ތެދުވެ ހިނގައިގަތެވެ. ޒަޔާންގެ ހަރަކާތްތައް ހުރިގޮތުން އެންމެން ހޭންފެށިއެވެ. ހެމުން ހެމުން ނަޝާމް ލިމްޝާއަށް ބަލާލިއެވެ. އޭރު ލިމްޝާވެސް އިނީ ހެވިފައެވެ. ލިމްޝާގެ މޫނުމަތިން ހިނިތުންވުން ފެނުމުން ނަޝާމްގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެވަގުތު ނާއިޝް އެއިން މަގާމުގައި އޭނާއަށް އިނދެވޭނެ ނަމައޭ ނަޝާމްގެ ހިތަށް އެރިއެވެ. ލިމްޝާ ނަޝާމްއާއި ދިމާއަށް ބަލާލިވަގުތު ނަޝާމް ބަލަހައްޓައިގެން އިނުމުން އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. ނަޝްވާ ފަދައިން އޭނާއަށްވެސް އޭނާގެ ލޯބިވެރިޔާ އެހާ ފަސޭހައިން ކާމިޔާބުވާނެނަމައޭ ލިމްޝާގެ ހިތަށް އެރިއެވެ. ނަމަވެސް މީ ދުނިޔެއެވެ. މިދުނިޔެމަތީގައި އެމީހަކު ލޯބިވާ މީހަކު ލިބޭނީ މަދުމީހަކަށެވެ. އޭނާގެ ނަސީބުގައި އޭނާގެ ލޯބިވެރިޔާ ކާމިޔާބުވުން ނެތީ ކަންނޭނގެއެވެ.
ނަޝްވާ ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ޖެހެމުންދާ ނަލަނަލަ ވައިރޯޅިން އޭނާގެ ހިތަށް ފިނިކަމެއް ލިބޭހެނެއް ހިޔެއްނުވެއެވެ. މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ހަށަންބަނދެލައިގެން ހުރިއިރު އޭނާގެ ނަޒަރު ސީދާވެފައިވަނީ ދުރުން ފެންނަން އޮތް މޫދަށެވެ. އެވަގުތު މީހަކު އައިސް އޭނާގެ ކޮނޑުގައި އަތްލުމުން ހަޅޭލަވައިގަންނަމުން ފަހަތް ބަލާލިއިރު އޭނާގެ ދެލޯވަނީ ބޮޑުވެފައެވެ. އެދެލޮލުގައިވަނީ ބިރުވެރިކަމެވެ. ކުރިމަތީގައި ހުރި ޒަޔާން ފެނުމުން މޭގައި އަތްއަޅާލަމުން ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ. އަދި ހަމަޔަށް އެޅެން މަސައްކަތް ކުރަމުން ގޮސް އެނދުގައި އިށީނދެލިއެވެ.
“ޒަޔާން މިތާ ކީއްތިކުރަނީ…؟؟ ކިރިޔާއެއްނު އަހަރެން ބިރުން ގޮސް ހަލާކުނުވީ….” މޭގައި އަތް އަޅައިގެން އިނދެ ނަޝްވާ ބުނެލިއެވެ.
“އަހަރެން މީ މިނިކާއެއްޗެއްތަ އަހަރެން ފެނުނީމަ ބިރުގަންނަން…؟؟؟” އަނގަޔަށް ގޮތެއް ހަދާލަމުން އައިސް ނަޝްވާގެ ގާތުގައި އިށީންނަމުން ޒަޔާން ބުނެލިއެވެ. ނަޝްވާ އެތަނުން ތެދުވެގެން ގޮސް ކުޑަދޮރުކައިރީގައި މަޑުކޮށްލިއެވެ.
“އަހަންނެއް އެހެންނެއް ނުބުނަމެއްނު… ޒަޔާން އިހަށް މިތަނުންދޭ… އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކާ ވާހަކަ ދައްކާކަށް….” ބޭރު ބަލަހައްޓައިގެން ހުރެ ނަޝްވާ ބުނެލިއެވެ. ޒަޔާން އެތަނުން ތެދުވެގެން އައިސް ނަޝްވާގެ ގާތުގައި މަޑުކޮށްލިއެވެ.
“ރޭގަވެސް އަހަރެން ނަޝް ބުނީމަ ވާހަކަ ނުދައްކާ ހުރީ… ދެން އެކަމަކު މިޔަދަކު ނުހުރެވޭނެ…” ނަޝްވާގެ އަތުގައި ހިފާލަމުން ޒަޔާން ބުނެލިއެވެ.
“ދެން ޒަޔާން ޕްލީޒް… ކިހިނެއް ވެގެންތަ ތިއުޅެނީ…؟؟؟” ޒަޔާންގެ އަތުތެރޭން އޭނާގެ އަތް ދަމައިގަންނަމުން އެތަނުން ހިނގައިގަންނަމުން ނަޝްވާ ބުނެލިއެވެ.
“އޯކޭ އެންމެ ރަނގަޅު ނަޝް ދޭ ދުރަށް… އަހަރެން މޮޔަކަމުން މަންމަމެން އަހަރެންގެ ކައިވެނި ކުރުވަން އުޅެންފެށީމައި އެކައިވެނި ކެންސަލްކޮށްލާފައި ނަޝްގާތަށް މިއާދެވުނީ… ނަޝް އަހަރެން ބޭނުން ނުވަންޏާ އަހަރެން އޭނާއާއި ކައިވެނި ކޮށްފާނަން… އަހަރެން މިދަނީ….” މިހެން ބުނެފައި ވަށްކަޅިން ނަޝްވާއަށް ބަލާލަމުން ލާނެއްގޮތަކަށް ހީލަމުން ޒަޔާން ހިނގައިގަތުމުން ނަޝްވާ ޒަޔާންގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“ކައިވެންޏޭ…” ޒަޔާނަށް ބަލަހައްޓައިގެން ހުރެ ނަޝްވާ އަހާލިއެވެ. ޒަޔާން ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.
“އަހަންނަށް އެނގޭ ޒަޔާންވެސް ދެން ބޭނުންވާނީ އަހަންނާ ދުރަށް ދާންކަން…” ނަޝްވާއަށް ރޮވެން ފެށުމުން އަނެއް ފަރާތަށް އެނބުރުނެވެ.
“އަހަރެން ކޮން އިރަކުތަ ނަޝްއާއި ދުރަށް ދާން އުޅުނީ…؟؟؟ ނަޝްއެއްނު އަހަންނާ ދުރަށް ދަނީތި… އަހަރެން އަބަދުވެސް ބޭނުންވަނީ ނަޝްގެ ގާތުގައި ހުންނަން….” ނަޝްވާ އޭނާއާއި ވީ ދިމާއަށް އަނބުރާލަމުން ޒަޔާން ބުނެލިއެވެ. ނަޝްވާ ޒަޔާންގެ މޭގައި ލައްވެލިއެވެ. ޒަޔާން އޭނާގެ ވަރުގަދަ ދެއަތުން ނަޝްވާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ.
“ޒަޔާން ދެން ހަމަ ކައިވެނި ކުރަނީތަ…؟؟؟” އެހުރިގޮތަށް ހުރެ ނަޝްވާ އަހާލިއެވެ. ޒަޔާން ހޫމް އެކޭ ބުނެލިއެވެ. ނަޝްވާ ކުއްލިއަކަށް ޒަޔާންއާއި ދުރަށް ޖެހިލިއެވެ. ޒަޔާން ހައިރާންވެފައި ކިހިނެއްވީހޭ އަހާލިއެވެ.
“އެހެންމީހަކާ ކައިވެނި ކުރަން އުޅޭއިރު ކީއްކުރަން އަހަރެން ކައިރީގައި ތިހުރީ…؟؟؟” ޒަޔާންއަށް ލޯއަޅާލަމުން ނަޝްވާ ބުނެލިއެވެ. ޒަޔާންގެ ގާތަށް އައީ ހިންޏެވެ.
“ނަޝްއާއި މެރީ ކުރާކަންނު ނަޝްގެ ގާތުގައި ހުންނާނީ….” ދެޖީބަށް އަތްޖަހާލަމުން ހިނިތުންވެފައިހުރެ ޒަޔާން ބުނެލިއެވެ. ޒަޔާން ކިޔާ އެއްޗެއް ސާފުނުވުމުން މޫނަށް ވައްތަރެއް ޖައްސައިގެން ނަޝްވާ ޒަޔާނަށް ބަލަހައްޓައިގެން ހުރީއެވެ.
“ނަޝް އަހަރެމެންގެ ކައިވެނި ހަމަޖެހިއްޖެ….” ނަޝްވާގެ މޫނުގައި ދެއަތުން ހިފަހައްޓައިގެންހުރެ ޒަޔާން ބުނެލީ ހިނިތުންވެފައި ހުރެއެވެ.
“އަސްލުވެސްތަ….؟؟؟” ގަބޫލުނުކުރެވިފައިހުރެ ނަޝްވާ އަހާލިއެވެ. ޒަޔާން ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލުމުން ނަޝްވާ އުފަލުންގޮސް ޒަޔާންގެ ގައިގައި ބައްދާލިއެވެ. ޒަޔާން އެއްއަތުން ނަޝްވާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރެ އަނެއް އަތުން ނަޝްވާގެ ބޮލުގައި ފިރުމާލިއެވެ.
“ދެން ކީއްވެތަ މިއޮށްހާއިރު ދޮގުހަދައިގެން އަހަރެން ތެޅުވީ….” ޒަޔާންއާއި ދުރަށް ޖެހިލަމުން ނަޝްވާ އަހާލިއެވެ.
“ނަޝް އަހަރެންދެކެ ލޯބިވާ ވަރެއް ބަލާލަންވެގެން….” ނަޝްވާގެ ނޭފަތުގައި ހިފާލަމުން ލާނެއް ގޮތަކަށް ޒަޔާން ބުނެލިއެވެ. ނަޝްވާ ޒަޔާނަށް ލޯއަޅާލަމުން އޭނާގެ މޭގައި އަތް އަޅާ ކޮށްޕާލިއެވެ.
ދޮރުކައިރީގައި މިމަންޒަރު ބަލަން ހުރި ނަޝާމް ހިނިތުންވެފައި ހުރެ ނަޝްވާގެ ޙަޔާތަށް އަނެއްކާވެސް އުފާވެރިކަން ގެނެސްދިނީތީ ހިތާހިތުން މާތްﷲ އަށް ޝުކުރުދެންނެވިއެވެ.
އެރޭގެ ރޭގަނޑުގެ ވަގުތެވެ. ނާއިޝް ގުޅާލާފައި ބައްދަލްކޮށްލަން ބޭނުންވާހަކަ ބުނުމުން ޒޯޔާ ހުރީ ގޭކައިރީގައި ނާއިޝްގެ އިންތިޒާރުގައެވެ. ފަސްވަރަކަށް މިނެޓްފަހުން ނާއިޝް ސައިކަލްގައި އައިސް މަޑުކޮށްލުމުން ޒޯޔާ ނާއިޝްގެ ސައިކަލްގެ ފަހަތަށް އެރިއެވެ. ބޮޑުތަކުރުފާނު މަގުން ދުއްވަމުން ގޮސް ނާއިޝް ސައިކަލް މަޑުކޮށްލީ ތަންކޮޅެއް މީހުން މަދު ހިސާބެއްގައެވެ. ދެމީހުން އެއްހަމައެއްގައި ހިނގާލާފައި ގޮސް ފާރުގަނޑުގެ މަތީގައި އިށީނެވެ.
“ހޫމް ދެން ބުނެބަލަ… ކޮންވާހަކައެއް ދައްކަންތަ ތިއުޅެނީ…؟؟؟” ހަމަޖެހިލަމުން ޒޯޔާ އަހާލިއެވެ. ނާއިޝް ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ޒޯޔާ އިނީ ނާއިޝްގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއިއެކު ބަލާށެވެ. ނާއިޝް އޭނާގެ ޖީބުން އަނގޮޓި ނެގުމަށްފަހު ޒޯޔާއަށް ދައްކާލިއެވެ. ޒޯޔާގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިއިރު އެމޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.
“އަދިވެސް ތީގެ ވެރިއެއް ނޭނގިގެންތަ ތިއުޅެނީ…؟؟؟” މޫނުމަތީގައިވާ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ގަދަކަމުން ހިނިތުންވެލަމުން ޒޯޔާ އަހާލިއެވެ. ނާއިޝް ވަކި ޖަވާބެއް ނުދީ ހީލިއިރު އެހިނިތުންވުމުގައި އެއްވެސް އަސަރެއް ނެތެވެ.
“ދެން ތިކަން ހުއްޓާލަންވީނު…” ދުރު ބަލާލަމުން ޒޯޔާ ބުނެލިއެވެ.
“އަނގޮޓީގެ ވެރިޔާ އަހަންނަށް އެނގިއްޖެ….” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ނާއިޝް ބުނެލިއެވެ. ޒޯޔާ ސިހިފައި ނާއިޝްއަށް ބަލާލިއިރު ކާކުތޯ އަހާލެވުނެވެ. ނާއިޝް ޖަވާބެއް ނުދެއެވެ. އޭނާގެ ޖީބުން ޒޯޔާގެ ފޮޓޯގަނޑު ނަގާ ޒޯޔާއަށް ދިއްކޮށްލިއެވެ. ޒޯޔާ ހައިރާންވެފައި އިނދެ ފޮޓޯގައި ހިފަމުން އެއަށް ބަލާލިއެވެ. އެއާއިއެކު އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
“މިފޮޓޯ…؟؟” ނާއިޝްއަށް ބަލާލަމުން ޒޯޔާ މަޑުމަޑުން އަހާލިއެވެ.
“އާން… ތިފޮޓޯ… ކުރީދުވަހު ޕާކު ތެރެއަށް ވެއްޓިފައި އޮއްވަ އަހަރެން ހޮވީ… ތިފޮޓޯގެ ސަބަބުން އަހަންނަށް ހަގީގަތް އެނގުނީ….” ނާއިޝް މިހެން ބުނުމުން ޒޯޔާ އިސްޖަހާލިއެވެ. ކުށްވެރިއެއް ފަދައިންނެވެ. ދެން ވޭތުވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ.
“ނަޒާން އެއީ އަހަރެންގެތަ…؟؟؟” ޒޯޔާގެ މޫނަށް ބަލަހައްޓައިގެން އިނދެ ނާއިޝް އަހާލިއެވެ. ޒޯޔާ އިސްއުފުލާ ނާއިޝްއަށް ބަލާލިއެވެ. އަދި ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. އޭރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ޒޯޔާގެ ޖަވާބާއިއެކު ނާއިޝްއަށް ދެލޯ މަރާލަމުން ދެފަރާތަށް ބޯހޫރާލެވުނެވެ. ނާއިޝްގެ ހަރަކާތްތައް ހުރިގޮތުން ޒޯޔާގެ ދިގު އެސްފިޔަތައް ދޭތެރޭން ލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ބޭރުވާން ފެށިއެވެ. ޒޯޔާ އަވަސްއަވަހަށް ކަރުނަތައް ފޮހެލަމުން އިސްޖަހާލިއެވެ.
“ޒޯޔާ ކީއްވެ އަހަންނަށް ސިއްރުކުރީ…؟؟؟” އިރުކޮޅަކު އެގޮތުގައި ހޭދަވުމަށްފަހު ނާއިޝް ވާހަކަދައްކަން ފެށިއެވެ. އޭނާގެ އަޑުވަނީ ކުރެހިފައެވެ. ޒޯޔާ ވަކި ޖަވާބެއް ނުދީ އެއިންގޮތަށް އިނީއެވެ. އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުންދިޔައެވެ.
“ޒޯޔާ ގާތު އަހަންނަށް ކިތައްފަހަރު އެހުންތަ އެއީ ކާކުގެ އަނގޮޓިއެއްތޯ…؟؟؟ އެކަމަކު އަބަދުވެސް ޒޯޔާގެ ޖަވާބަކީ ނޭނގެއޭ…. އަހަރެން ބޭނުންވި އެކުއްޖެއްގެ ކިބައިން މާފަށް އެދެން… އެހެންވެ އަހަރެން އެވަރަކަށް އެއަނގޮޓީގެ ވެރިޔެއް ހޯދަން އުޅުނީ…” ނާއިޝްގެ ވާހަކަ ހުއްޓާލީ އޭނާއަށް އެވާހަކަ ކުރިއަށް ގެންދަން އުނދަގޫވުމުންނެވެ. އަނެއްކާވެސް ހޭދަވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ.
“އަނގޮޓީގެ ވާހަކަ ނުބުނިކަމުގައި ވިޔަސް ޕުރެގްކަން އެނގުމުން އަހަރެން ގާތުނުބުނީ ކީއްވެ…؟؟؟” ޒޯޔާއަށް ބަލާލަމުން ނާއިޝް އަހާލިއެވެ.
“އަހަރެން ބޭނުންނުވީ ނާއިޝްގެ ކިޔެވުމަށް ހުރަސް އެޅެން… އެހެންވެ އަހަރެން އެކަން ސިއްރުކުރީ….” ކަރުނައިން ފުރިފައިވާ ދެލޮލުން ނާއިޝްއަށް ބަލާލަމުން ޒޯޔާ ބުނެލިއެވެ.
“އެކަމަކު އަހަރެން ކައިރީގައި އޭރު ތެދަށް ބުނިނަމަ… އަހަރެން ޒޯޔާއާއި މެރީކުރީސް… ނަޒާން އެއީ އަހަރެންގެ ދަރިއެއް ކަމަށް އަހަރެން ގަބޫލުވެސް ކުރީސް….” ނާއިޝްގެ ޖުމްލައާއިއެކު ޒޯޔާ ނާއިޝްއަށް ބަލާލީ އުއްމީދާއިއެކީގައެވެ.
“އެކަމަކު… އަހަންނަށް މާފުކުރޭ… އަހަންނަކަށް ދެން ނެތް ޒޯޔާއާއި މެރީ ކުރެވޭކަށް… އަހަރެން މިއުޅެނީ ވަރަށް އަވަހަށް މެރީ ކުރަން… އަހަރެން އެކުއްޖާދެކެ ވަރަށް ލޯބިވޭ… އޭނަ އަހަރެންގެ ޙަޔާތުން ދުރަށްލާކަށް އަހަރެންގެ ހިތެއް ނޭދޭ… އަހަންނަށް އޭނަ ނުލިބުންނަމަ އަހަރެން ޒޯޔާއާއި މެރީކުރީސް… ޒޯޔާ ތީ އަހަރެންގެ ދެވަނަ ހޮވުން…. އެކަމަކު އަހަރެން ކޮންމެ މީހަކާ މެރީކުރިކަމުގައިވީނަމަވެސް ނަޒާންއަކީ އަހަރެންގެ ދަރިއެއްކަމަށް ގަބޫލު ކުރާނަން…” ނާއިޝްގެ ޖުމްލަތައް ހީވީ ޒޯޔާގެ ހިތަށް ހަރާލެވުނު ތޫނު ތީރުތަކެއްހެންނެވެ. އޭނާއަށް ދެލޯމަރާ ފިއްތާލެވުނީ އެވާހަކަތައް ގަބޫލުކުރަން ބޭނުންނުވާތީއެވެ. އޭނާގެ ހިތްއެދި ގޮވަމުން ދިޔައީ ނާއިޝްގެ ޙަޔާތުން އޭނާއަށް ޖާގައެއް ދިނުމަށް އެދިއެވެ. ނަމަވެސް މިއަޑެއް ނާއިޝްގެ ކަންފަތާއި ހަމައަށް ކީއްކުރަން ހިތާހަމައަށްވެސް ނުފޯރައެވެ.
“އަހަރެން ވަރަށް ދެރަވޭ އަހަންނާ ހެދި ޒޯޔާއަށް ކިޔެވުން ހުއްޓާލަން ޖެހުނީމަ… އެންމެންގެ ތެރެއަށް ބަދުނާމް ވާން ޖެހުނީމަ… ނަޒާން ބައްޕައެއްގެ ލޯބިން މަހުރޫމްވީމަ… އެކަމަކު އޭގަ އަހަރެން ކުރާނީ ވަކީ ކީއް…؟؟ އަހަރެން ހަމަހޭގަ ކުރިކަމެއް ނޫން އެއީ… އަހަރެން ގަސްތަކު ޒޯޔާ ކީއްކުރަން އެއްވެސް އަންހެން ކުއްޖަކަށް އެކަހަލަ ކަމެއް ނުކުރާނަން… އެކަމަކު އަހަރެންގެ އެކުވެރިންތަކެއް ސަމާސާއަކަށް ކުރި ކަމެއްގެ ސަބަބުން މިހެން މިވީ… މިކަމުގަ ކުށްވެރިއަކީ އަހަންނެއް ނޫން… އަދި ޒޯޔާއެއްވެސް ނޫން… އަހަންނަށް މާފުކުރޭ ޒޯޔާ… ތަންކޮޅެއް ކުރިން ޒޯޔާ އަހަރެންގެ ދިރިއުޅުމަށް އައި ނަމަވެސް އަހަރެން ޒޯޔާ ގަބޫލުކުރީސް…އެކަމަކު މިޔަދު….” ނާއިޝްގެ ޖުމްލަ މެދުކަނޑާލީ ޒޯޔާ ނާއިޝްގެ އަނގަމަތީގައި އަތް އެޅުމުންނެވެ.
“ނާއިޝްގެ ދިރިއުޅުމަށް އަހަރެން ނުގެންދިޔަސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް… ނާއިޝްގެ އުފާވެރި ދިރިއުޅުމަށް އަހަރެންގެ ސަބަބުން ހިޔަނި އެޅެން ބޭނުން ނުވާތީ އަހަރެން މިކަން ނާއިޝްއަށް ސިއްރުކުރީވެސް…. އަހަރެން މިއޮށްހާ ދުވަހުވެސް ނަޒާން ގޮވައިގެން އުޅުން ގޮތަށް ދެންވެސް އަހަރެން އުޅޭނަން…. ނާއިޝް އެކަމާ ހާސްނުވޭ… އަހަންނާ ދޭތެރޭ ނުވިސްނާ… އަހަރެން ވަރަށް އުފާވެއްޖެ އެންމެ ފަހުން ނާއިޝްއަށް ނާއިޝް ލޯބިވާ ކުއްޖާ ހާސިލްވީމަ…” ޒޯޔާއަށް ވާހަކަ ދެއްކުނީ އެހިސާބަށެވެ. އޭނާއަށް ރޮވިއްޖެއެވެ. ނާއިޝް ޒޯޔާގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލާދެމުން ޒޯޔާ ގެނެސް އޭނާގެ އަތުތެރެއަށްލިއެވެ. ޒޯޔާ ނާއިޝްގެ މޭގައި މޫނު ފޮރުވައިލައިގެން ހުރެ ރޮމުން ދިޔައެވެ.
“އަހަންނަށް އެނގޭ ޒޯޔާ އަހަރެންދެކެ ވަރަށް ލޯބިވާކަން… އަހަންނަށް މާފުކުރޭ… އަހަރެން ވަރަށް ދެރަވޭ މިގޮތަށް ކަންތައް ކުރަން ޖެހޭތީ…. އެކަމަކު… އެކަމަކު އަހަރެން ކޮންމެތާކު އުޅުނަސް ނަޒާންއަށް ބައްޕައެއްގެ ލޯބިދޭނަން… އޭނައަށް އަހަރެންގެ ފަރާތުން ލިބިދޭންޖެހޭ ހުރިހާ ހައްގެއްވެސް ފުރިހަމައަށްދޭނަން….” ޒޯޔާގެ ބޮލުގައި ފިރުމާލަމުން ނާއިޝް ބުނެލިއެވެ. ޒޯޔާ ނާއިޝްއާއި ދުރަށް ޖެހެލަމުން ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލުމަށްފަހު ގެއަށްދާން ހިނގާށޭ ބުނުމުން ނާއިޝްވެސް އިތުރަށް އެއްޗެއް ނުބުނެ ޒޯޔާ ގެއަށް ލައިދޭން ދިޔައީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Huh mulhin sakaraatheh nu… nice adhi rangalhu vaane
Varan reethi mi vahaka, next upload avah kondhechy…..
v nice
next part avahah up kurahchey
Thanks Shadhi, Lilaa and mary.. 🙂
Woow vvv kiya hiy vehje…ekam bxy kamun vahaka nukeegen miulheny….athoo sissy!! Habaren velaba plxxx!!
maee mi khabareh veleenu.
wow!!!!
this story is very intresting….
just started to read…..
and it was so intrestin that i just finished it in one day…..
good job emiyaaa 🙂
lookin foward to the next part 🙂
Eem kobaatha haaadha lahey.. 🙁
Eem koba haadha lahey up kohlaadey lah
Thanks maee & swyt girl 🙂
Shadhi & shadows sorry for the delay
midhuvas kolhu bxy koh ulheythy las v…