ހީވޭ ހިތް ބުނާހެން 28
އިޔާދު ޒައިނާއަށް ހެދި ގޮތް އަޑު އަހަން ނިހާން މަޑުން އިން ނަމަވެސް ނިހާންގެ ސިކުނޑީގައި ރުޅިގަނޑު ކެކެމުން ދިޔައެވެ. ޒައިނާ ވާހަކަ ދެއްކުން ހުއްޓަލުމާއެކު އިން ތަނުން ތެދުވެގެން ނިހާން ގޭ ދޮރާ ދިމާއަށް ދިޔައެވެ.
“ނިހާން!” ވަސީމް ނިހާންއަށް ގޮވާލިއެވެ.
“ބައްޕާ، ތަޅައިގަނެގެންވެސް ޒައިނާއާ އިންނަން އޭނަ އެއްބަސް ކުރުވާނަން. އެހެން ނޫނީ އަހަރެންގެ އަތުން އޭނަ—” ރުޅި އައިސް ރަތްވެފައި ހުރި ނިހާން ބޭނުން ވީ އިޔާދުއަށް އަނިޔާ ކުރާށެވެ.
“ތީ ހައްލެއް ނޫން. ރަނގަޅު ގޮތެއްވެސް ނޫން ތީކީ. ތިހެން ކަންތައް ކުރީމަ ހައްތަހާ ގޯސް ވާނީ. ފުރަތަމަ ވާހަކަ ދައްކަން ވީ. އޭރުން މި ކަންތަކަށް ހައްލެއް ހޯދޭނީ. ހުޒާމްއަކީ ނުވިސްނޭ މީހެއް ނޫން، މި ވަރުގެ ކަމެއް ވީމަ ނަފްރަތު ހަނދާން ނައްތާލާފަ އެކަކަށްވެސް ދެރައެއް ނުވާ ގޮތަށް ނިންމޭތޯ ވާހަކަ ދައްކާނީ” ވަސީމް ބުންޏެވެ.
ވަސީމްއާ ނިހާންއާ ނަވާޒް އަދި ނަޝީލާ، ޒައިނާ ގޮވައިގެން ގޮސް ބެލް ޖަހާލުމުން ދޮރު ހުޅުވީ ހުޒާމްއެވެ. ވަސީމްމެން ފެނުމުން ހައިރާން ވެފައި ހުޒާމްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ފަހަރުން ރާބިޔާ ކާކުހޭ އަހާލި އަޑު އިވުމުން ރާބިޔާއަށް ޖަވާބެއް ނުދީ ވަސީމްމެން ވަނުމަށް ހުޒާމް ދައުވަތު ދިނެވެ.
މޭޒު ކައިރީ ސައި ބޯން ތިބި ރާބިޔާއާ އަސަދުއާ ޝަނާޒް ހައިރާންވެފައި ތިއްބެވެ.
“ކަމަކުތަ؟” ހުޒާމް އަހާލިއެވެ.
ވެގެން އުޅޭ ގޮތް ކިޔާދިނީ ވަސީމްއެވެ.
“އަސަދު، އިޔާދުއަށް ގުޅާފަ ގެޔަށް އަންނަން ބުނެބަލަ” ވަސީމް ވާހަކަ ދައްކާ ނިމުމުން ހުޒާމް ބުންޏެވެ.
ފަނަރަ ވަރަކަށް މިނަޓް ތެރޭ އިތާދު އައި އިރު އެ ގޭގައި ޒައިނާމެން ތިއްބާ ފެނުމުން ވީ ގޮތް އިޔާދުއަށް ވަގުތުން އެނގުނެވެ.
“ޒައިނާ އެ ބުނަނީ ތެދެއްތަ އިޔާދު؟” ހުޒާމް އެހިއެވެ.
“ކީކޭ ޒައިނާ ބުނީ؟” އިޔާދު އެއްވެސް އެއްޗެއް އެނގޭ ކަމަކަށް ނުހެދިއެވެ.
“ޒައިނާ ބަލިވެ އިނީ އިޔާދުގެ ކުއްޖަކަށޭ ބުނީ” ލަދުން އިސް ޖަހައިގެން އިން ޒައިނާއަށް އިޝަރާތް ކޮށްލަމުން ހުޒާމް ބުނެލިއެވެ.
“ދޮގެއް އެއީ” ފަސް ޖެހިލުމެއް ނެތި އިޔާދު ދެކޮޅު ހެދިއެވެ.
“އިޔާދު!” ޒައިނާއަށް އިޔާދުގެ ނަމުން ގޮވާލެވުނީ އިޔާދު ދެކޮލު ހެދުމުން އެ ކަން ގަބޫލު ނުކުރެވިގެންނެވެ.
“ދެ މީހުން ދުވަސްތަކެއް ވަންދެން ފޯނުން ވާހަކަ ނުދައްކަންތަ؟ މަހެއްހާ ދުވަސް ކުރިން، އިޔާދުގެ އުފަން ދުވަހު އިޔާދު ބުނެގެން ޒައިނާ މި ގެޔަކަށް ނާދޭތަ؟ އެ ރޭ… ދެމީހުންގެ މެދުގަ އެއްވެސް ކަމެއް ނުހިނގާތަ؟” ނިހާން ތެދުވެފައި އެހި އިރު ރުޅި އައިސްފައި ހުރި ވަރުން ނިހާންގެ ދެ އަތްތިލަ މުށްކެވިގެން ދިޔައެވެ.
“ވާހަކަ ދެއްކިން، މިގެއަށްވެސް ޒައިނާ އައި. އެކަމަކު އަހަންނާ ޒައިނާގެ މެދުގަ ތި ބުނާ ކަހަލަ ކަމެއް ނުވޭ” ދެންވެސް އެ ކަމާ އިޔާދު ދެކޮޅު ހެދިއެވެ.
“އިޔާދު ޕްލީޒް…” ޒައިނާއަށް ބުނެވުނެވެ.
“ކީކޭތަ ދެން އަހަރެން ބުނަން ވީ؟” އިޔާދު އަހާލިއެވެ.
“ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ޒައިނާއަށް އެހީ ވެވެން އޮތީ އިޔާދުއަށް އެކަނި. ތި ގޮތަށް އޭނަ ދުކޮށް ނުލާ… އެއީ ޒައިނާގެ އެކަނި ކުރި ކުށެއް ނޫން. އިޔާދު ޒިންމާ ނެގުން އެންމެ ރަނގަޅު ގޮތަކީ. ޒައިނާއަށް ތިހެން ނަހަދާ” ވަސީމްގެ އަޑުގައި ވަނީ މަޑުމައިތިރި ކަމެވެ. ދަރިފުޅަށް ޓަކާ އާދޭސް ކުރަންވެސް ވަސީމް ހުރީ ތައްޔާރަށެވެ.
“އަހަރެން ނުކުރާ ކަމެއްގެ ޒިންމާ ނަގަން ޖެހޭ ސަބަބެއް ނުވިސްނޭ” ވަސީމްގެ މޫނަށް ބަލަން ހުރެ އިޔާދު ބުންޏެވެ.
“އަމިއްލަ ދަރި ކައިވެނިން ބޭރުން ބަލިވެ އިނީމަ އެކަން އަޅުވަން ފެނުނީ މަގޭ ދަރިތަ؟ ކުރިން މަގޭ ދަރިން ވަރުގެ ނުބައި ކުދިންނެއް ނެތް. އެކަމަކު މިއަދު ޒައިނާ ބަލިވެ އިނީމަ އެ ކަން ފޮރުވަން ވީމަ މަގޭ އިޔާދުތަ ފެނުނީ؟” އެހާ އިރު ވަންދެން އެއްޗެއް ނުބުނެ ހުރި ރާބިޔާ ބުންޏެވެ.
“ރާބިޔާ!”
“މަންމާ!”
ހުޒާމްއާ ޝަނާޒް އެއްފަހަރާ ގޮވާލިއެވެ.
“ދެންވެސް އަހަރެން ހުންނަންވީތަ އެއްޗެއް ނުބުނެ؟ މަގޭ ދަރިންގެ ބޮލުގަ ކަންތައް އަޅުވާ އަޑު އަހާކަށް ނުހުރެވޭނެ” ރާބިޔާ ބުންޏެވެ.
“ބައްޕާ، ޒައިނާ ދޮގެއް ނުހަދާނެ. ކަމެއް ނުވެ ކީއްކުރަން އޭނަ އިޔާދުގެ ނަން ބުނަންވީ؟ އިޔާދުވެސް އެ ބުނަނީ މި ގެޔަށްވެސް ޒައިނާ ގެނައިމޭ” ޝަނާޒް ހުޒާމްއަށް ބުންޏެވެ.
“އަހަންނާ ޒައިނާއާ ވާހަކަ ދެއްކިޔަސް، ދުވަސްކޮޅަކު ރައްޓެހިވެގެން އުޅުނަސް އަހަރުމެންގެ މެދުގަ ތި ވަރު ކަމެއް ވާ ވަރުގެ ކަމެއް ނުހިނގާ. އަހަރެން ހިއެއް ނުކުރަން އަހަރެންގެ ބޮލުގަ ޒައިނާ މި ކަހަލަ ކަމެއް އަޅުވަފާނެއެކޭ. ޒައިނާ ބަލި އިނީ ކާކުގެ ދައރިއަކަށް ކަމެއް އަހަންނަކަށް ނޭނގޭ. ގައިމުވެސް ތީ އަހަރެންގެ ދަރިއެއް ނޫން” އިޔާދު އަނެއްކާވެސް ދެކޮޅު ހެދިއެވެ.
“ޓެސްޓް ކޮށްފަ ގުޅާފަ ބުނީމަ އިޔާދު ނުބުނަންތަ އަހަންނަށް އެހީ ވާނަމޭ؟ އަހަރެން ދޫކޮށެއް ނުލާނަމޭ ނުބުނަންތަ؟ މި ގެޔަށް އައި ރޭވެސް އަހަރެން ނާންނަން އުޅުނީމަ އިޔާދު ކީ ވަރުން އަހަރެން އައީ. އެރޭވެސް… އިޔާދު ބޭނުން ވެގެންނެއްނު ވީ ކަމެއް ވީ؟ ދެން ކީއްވެތަ މިއަދު ނޫނެކޭ ތި ބުނަނީ؟ ކީއްވެތަ ތިހެން ތި ހަދަނީ؟” ރުއިމުގެ ތެރެއިން ޒައިނާ ވާހަކަ ދެއްކިއެވެ.
“ޒައިނާއަށް ކިހިނެއް ވެފަތަ ތިހިރީ؟ އިތުރަށް އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާ ވާހަކަ ބުނީމަ ކީއްވެތަ މަގޭ ފަހަތުން ތި އުޅެނީ؟” އިޔާދު ރުޅިއައިސްފައި ބުނެލިއެވެ.
“ދެ މީހުންގެ މެދުގަ ނުވާންނީ ހުރިހާ ކަމެއް ވީމަތަ ގުޅުން ކަނޑާލަން އުޅުނީ؟ ޒައިނާގެ ފަރާތުން ބޭނުން ވާ ކަންތައް ފުދުނީމަތަ ދޫކޮށްލީ؟ އިނަސް ދެން ކުރާނެ އިތުރު ކަމެއް ނޯންނާނެތީތަ؟ ޒައިނާ ބަލިވެ އިނިއްޔާ އެއީ ޒައިނާގެ އެކަނި ކުށެއް ނޫން. އެއީ އިޔާދުގެވެސް ކުށް، ޒިންމާ ނަގަން ޖެހޭނީ” ރުޅި ގަދަވެފައި ހުރި ނިހާން އަޑަށް ބާރުލާފައި ބުންޏެވެ.
“ކިހާ ދެރަ ކަމެއްތަ؟ މި ބުނަނީ ޒައިނާ އަހަރެންގެ ދަރިއަކަށް ބަލިވެއެއް ނީންނާނެޔޭ. ކޮންމެވެސް އެހެން މީހަކާ އެކީ އުޅެފަ ބަލިވެ އިނީމަ އަހަރެންގެ ބޮލަށް ޖަހަން އެ އުޅެނީ. އެ މީހެއް ކައިރިއަށް ގޮސް ރޯން ވީނު؟ އަހަންނާ އެކީ ޒައިނާ މި ގެޔަށް އައިއްޔާ އެހެން ކިތައް މީހުންނާ އެކީ ގޮއްސަ ހުންނާނެ ކަމެއް ކާކަށްތަ އެނގެނީ؟” ނިހާންއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން އިޔާދު ބުންޏެވެ.
އިޔާދު އެހެން ބުނުމާ އެކު ނިހާންއަކަށް ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. ވަސީމް ކައިރީ އިން ނަވާޒްވެސް އިޔާދުގެ ފަހު ޖުމްލައާއެކު ތެދުވިއެވެ.
ނިހާންއާ ނަވާޒް ދިޔަ ގޮތަށް ގޮސް އިޔާދު ގައިގައި ތަޅައިގަތެވެ. ނަޝީލާއާ ޒައިނާއަށް އެ ތަން ފެނި ރޮވުނީއެވެ. ރާބިޔާ ހަޅޭލަވައިގަތުމާ އެކު ރޯން ފެށިއެވެ. އަސަދުއާ ވަސީމް، ނިހާންއާ ނަވާޒް އިޔާދުއާ ދުރު ކުރަން އުޅުނެވެ. ނަމަވެސް އެކަން ފަސޭހަ ކަމަކަށް ނުވިއެވެ.
ހުޒާމް ވަގުތުން ފުލުހުންނަށް ގުޅިއެވެ.
ވަސީމްއާ ނިހާންއާ ނަވާޒްއަށް ޖެހުނީ ފުލުހުންނާ އެކު ދާށެވެ. ތިން މީހުންނަށްވެސް ގެޔަށް އާދެވުނީ އަނެއް ދުވަހުއެވެ. މުޅި އެރޭ ޒައިނާއާ ނަޝީލާވެސް ހޭދަ ކުރީ ރުއިމުގައެވެ. ގެޔަށް އައިސްވެސް ނަޝީލާ ޒައިނާއާ ދިމާއަށް އެއްޗެހި ކިޔެވެ. އެއްވެސް އެއްޗެއް ނުބުނެ ރޯން އިން ޒައިނާ އިނީ ނަޝީލާ ކިޔާ ކޮންމެ އެއްޗެއް އަޑު އަހާށެވެ.
ތިން ދުވަސް ވަންދެން ނަޝީލާ ޒައިނާއާ ވާހަކައެއް ނުދައްކައެވެ. ގޭތެރޭގެ ހުރިހާ ކަމެއް ކުރަން ކޮޓަރިން ނިކުތް ނަމަވެސް ނަޝީލާ އެކަކާވެސް ވާހަކައެއް ނުދައްކައެވެ. އެގޭގައި ކޮންމެ އިރަކަށް ކެއްކި ނަމަވެސް ކާ މީހަކު ނެތެވެ. ޒިދުނާ ގުޅުމުން ނަޝިލާ ފެށީ ރޯށެވެ. ވީ ގޮތެއް ނޭނގިގެން ވަގުތުން ޒިދުނާ ގެޔަށް އައުމުން ވެގެން އުޅޭ ގޮތް ކިޔާދިނީ ނަބާހާއެވެ. އަޔާޒްއާ ހޫރިޔާއަށް އެނގުނީ އާހިލްގެ ފަރާތުންނެވެ.
އެ ދުވަހުގެ ފަހުން ނިހާންއާ ނަވާޒް އޮފީހަށް ނުގޮސް ގޭގައި ތިބީއެވެ. ޒައިނާ އެއްގޮތަކަށްވެސް ކާ އެއްޗެއް ނުކާތީ އެކަމާ ދެރަ ވެގެން ނަބާހާ ބުނުމުން ނަވާޒް ގޮސްގެންވެސް ޒައިނާ އެއްޗެއް ނުކެއެވެ. އެ ކަން އެނގުމުންވެސް ނަޝީލާ ޒައިނާއާ ވާހަކައެއް ނުދެއްކިއެވެ.
ކޮންމެ ދުވަހަކު ޒިދުނާ އައިސް ނަޝިލާއަށް ހިތްވްރު ދެއެވެ. ޒައިނާއަށް ކުށެއް ކުރެވުނީ ކަމަށް ބުނެ ޒައިނާއަށް މާފުކޮށްދިނުމަށް އެދި ނަސޭޙަތް ދެއެވެ. ނަމަވެސް ޒައިނާގެ ނަން އިވުމާއެކު ރުއިން ނޫން ކަމެއް ނަޝީލާއަކަށް ނުކުރެވެއެވެ. ޒައިނާއަށް ކާ އެއްޗެއް ދޭން ޒިދުނާވެސް މަސައްކަތް ކުރެއެވެ. ނަމަވެސް ޒައިނާ ކާކަށް ބޭނުމެއް ނުވެއެވެ.
އޭގެ ފަހުން ހަތަރުވަނައަށް ވީ ދުވަހު ޒައިނާ ކޮތަރިން ނިކުތީ ނަޝީލާ ނުފެންނާތީ ދެރަވެގެންނެވެ. ނޭނގި ވިޔަސް މަންމައަށް އެހާ ބޮޑު ހިތާމައެއް ދެވުނިތީ އެކަމާ މާފަށް އެދެން ބޭނުން ވެގެންނެވެ.
ޒައިނާ ނިކުތް އިރު ނަޝީލާ ހުރީ ސައި ހަދާށެވެ. ޒައިނާ ފެނުމާއެކު ނަޝީލާ އަނެއް ފަރާތަށް އެނބުރުނެވެ.
ޒައިނާ ދިޔަ ގޮތަށް ގޮސް ނަޝީލާގެ ފައިގައި ހިފާފައި ރޯން ފެށިއެވެ.
“މަންމާ، އަހަންނަށް މާފުކޮށްދީ، ޕްލީޒް… އަހަރެން ގަސްތުގަ އެއްވެސް ކަމެއް ނުކުރަން… ދުވަހަކުވެސް މަންމަ ދެރަވާ ކަހަލަ ކަމެއް ނުކުރަން… އަހަންނަށް މާފުކޯށްދީ މަންމާ ޕްލީޒް… މަންމައަށް އަހަންނަށ ްމާފުކޯށް ނުދެވެންޏާ މަންމަގެ ދެ އަތުން އަހަރެން މަރާލަދީ… މަންމަ އަހަރެން ދެކެ ރުޅި އަންނަންޏާ އަހަރެން ބޭނުމީ މަރުވާން… ޕްލީޒް މަންމާ… އަހަރެން މަރާލާ…” ޒައިނާ ރޮމުން ތެދުވެ ނަޝީލާގެ ދެ އަތްތިލައިގައި ހިފާ ގެނެސް ޒައިނާގެ ކަރު ވަށައިގްނެ ޖެއްސިއެވެ.
“ޒައިނާ…!” ރޮވިފައި ހުރި ނަޝީލާ ފަހަތަށް ޖެހުނެވެ.
އޭރު އަޑު ގަދަ ވެގެން އައިސް ވަސީމްއާ ނިހާންއާ ނަވާޒްއާ ރާއިދުއާ ރިޔާންވެސް އެތާ ތިއްބެވެ.
ނަމަވެސް ޒައިނާ އަނެއްކާވެސް ކުރިއަށް ޖެހިލަމުން ނަޝީލާގެ އަތް ޒައިނާގެ ކަރުގައި ޖެއްސިއެވެ.
“މަންމާ، އަހަންނަށް އެނގޭ އަމިއްލައަށް މަރު ވުމަކީ ފާފައެއް ކަން… އެކަމަކު އަހަރެން ކަހަލަ ބަސް ނާހާ މަންމަގެ ނަން ހަޑި ކުރާ ދަރިއަކު މަންމަގެ އަތުން މަރު ވިޔަސް މަންމައަކަށް އަޒާބެއް ނުލިބޭނެ… ޕްލީޒް މަންމާ، އަހަރެން ބޭނުމެއް ނޫން މަންމައާ ބައްޕަ ލަދު ގަންނަ ކަހަލަ ކަމެއް ކޮށްފަ ދުނިޔޭގަ ހުންނާކަށް… އަހަރެން ބޭނުމެއް ނޫން ބައްޕަ ނެތް ކުއްޖަކު ދުނިޔެއަށް ގެންނާކަށް… ޕްލީޒް މަންމާ… ޕްލީޒް…” ޒައިނާ ރޮމުން ވާހަކަ ދައްކަމުން ދިޔަ އިރު އެ ތަން ބަލަން ހުރި ނަބާހާވެސް ރޮމުން ދިޔައެވެ.
“ދަރިފުޅާ…”
ދުރުގައި ބަލަން ހުރި ވަސީމް ލޯ ފޮހެލާފައި އައިސް ޒައިނާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.
“ބައްޕާ، އަހަންނަކީ ވަރަށް ގޯސް ދަރިއެއް… މަންމަ އެހާ ވަރަށް ހުރިހާ އެއްޗެއް އަހަންނަށް ކިޔާދިން އިރުވެސް އަހަރެން އަޑު ނޭހީ… ބައްޕަވެސް ހުންނާނީ އަހަރެންނާ ހެދި ލަދުން… ދޮންބެމެން… އެ މީހުންވެސް އަހަރެން ދެކެ ރުޅި އަންނާނެ… ލަދު ގަންނާނެ އަހަންނަކީ ކޮއްކޮ ވީމަ… މަންމާ… އަހަރެން ބޭނުމެއް ނޫން އެންމެން ރުޅި އަންނާކަށް… އެންމެން އަހަންނާ ހެދި ލަދު ގަންނާކަށް…
މަންމަ ވަރަށް ރުޅި އާދެއެއްނު އަހަރެން ދެކެ؟ ބައްޕަވެސް ރުޅި އާދެއެއްނު؟ ޕްލީޒް މަންމާ… އަހަރެން ބޭނުމީ މަރު ވާން… އަހަރެން ބޭނުމެއް ނޫން ދުނިޔޭގަ ހުންނާކަށް… މި ކުއްޖާވެސް މަރުވާން ބޭނުމީ…” ބާރަށް ރޮމުން ވާހަކަ ދައްކަމުން ދިޔަ ޒައިނާ ހީވީ މޮޔައެއް ހެންނެވެ.
“ޒައިނާ… ދަރިފުޅާ… މަންމަ ރުޅިއެއް ނާންނަމޭ ދަރިފުޅު ދެކެއެއް… ތިހެން ބުނާކަށް ނުވާނެ… ހުއްޓާލަބަލަ…” ނަޝީލާ ދެ އަތުން ޒައިނާގެ މޫނުގައި ހިފާލަމުން ބުނަން ފެށިއެވެ. ނަމަވެސް ޒައިނާ ނަޝީލާއަށް ފުރުސަތު ނުދީ ވާހަކަ ދައްކަމުން ދިޔައެވެ.
“ނޫން މަންމާ، އަހަންނަކީ ރަނގަޅު ކުއްޖެއް ނޫން… އަހަރެން ދެކެ ރުޅި އާދޭ… އަހަރެން ވަރަށް ގޯސް…” ވާހަކަ ދައްކަމުން ދިޔަ ޒައިނާ ކުއްލިއަކަށް ނަޝީލާގެ އަތުތެރެއަށް ދެމުނެވެ.
ޒައިނާ ގައިގައި ހިފަހައްޓައިގެން ހުރި ނަޝީލާވެސް ޒައިނާއާ އެކު ތިރިވިއެވެ. އެއާއެކު އެންމެން އައިސް އެ މީހުން ވަށާލިއެވެ. ނިހާން އަވަސް ވެގަތީ ޓެކްސީއެއް ހޯދާށެވެ.
ބާރަ ގަޑިއިރު ފަހުން ހޮސްޕިޓަލުން ޒައިނާ ދޫކޮށްލި އިރު ޒައިނާ ހުރީ ހަމައަކަށް އެޅިފައެވެ. އޭގެ ފަހުން ނަޝީލާ އިރުކޮޅަކަށްވެސް ޒައިނާއާ ދުރަށް ނުދެއެވެ. ނަޝީލާއަށް ޒައިނާ ކައިރީ ނުހުރެވޭ ވަގުތެއް ވިއްޔާ އެހެން ކުއްޖަކު ގެނެސް ޒައިނާ ކައިރީ ބައިންދައެވެ.
އެ ދުވަހު ދެއްކި ފަދަ ވާހަކައެއް ނުދެއްކި ނަމަވެސް، އެ ފަދަ ޚިޔާލެއް ނުގެންގުޅުނު ނަމަވެސް ޒައިނާއަށް އެ ދުވަސްވަރު އެކި ކަންތަކާ ކުރިމަތި ވަމުން ދިޔައެވެ. ނޭވާލާން އުނދަގޫ ވެގެން ހޮސްޕިޓަލަށް ދާން ޖެހުމާ، ދެރަ ވެގެން ރުއިން އާދަވިއެވެ.
އަޒްމަންއާ ޒައިނާ ދިމާވީ ޒައިނާގެ ބަނޑަށް ފަސް މަހުގައި ނޭވާ ލާން ދަތިވެގެން ހޮސްޕިޓަލަށް ދިޔަ ރެއެއްގައެވެ.
ފުރަތަމަ ފެނުނު ވަގުތުވެސް ޒައިނާގެ ސޫރަ އަޒްމަންގެ ހިތުގައި ކުރެހުނެވެ. ޑޮކްޓަރެއްގެ ހައިސިއްޔަތުން ޒައިނާއަށް ފަރުވާ ދިން ނަމަވެސް، ޒައިނާއާ ބެހޭ މައުލޫމާތު ހޯދަން ފެށީ އަޒްމަންގެ ހިތުގައި ޒައިނާއާ މެދު އުފެދުނު ޝައުގުވެރިކަމުގެ ސަބަބުންނެވެ.
އުމުރުން އެންމެ އަށާރަ އަހަރުގައި ކައިވެންޏަކާ ނުލާ ބަލިވެ އިން އެ އަންހެން ކުއްޖާއަށް އެހެން ދިމާވީ ކިހިނެއް ތޯ އަހާލަން ބޭނުން ވި ނަމަވެސް އަޒްމަންއަށް އެ ސުވާލު ކުރާކަށް ނުކެރުނެވެ. ހަ ގަޑި އިރު ފަހުން ޒައިނާ ދޫކޮށްލި އިރުވެސް ޒައިނާއާ މެދު އެ ހިތުގައި ވީ ސުވާލުތަކެއް މަދެއް ނުވިއެވެ.
ދެވަނަ ފަހަރަށް ޒައިނާއާ ދިމާ ވެދާނެ ކަމަށް ހީކޮށްފައި ނެތް ނަމަވެސް މަހެއް ހާ ދުވަސް ފަހުން އަނެއްކާވެސް ހަމަ އެ ގޮތަށް އަޒްމަންއަށް ޒައިނާއާ ދިމާވިއެވެ. ދެން އެ ގޮތަށް ޒައިނާ ހޮސްޕިޓަލަށް ގެންނަން ޖެހޭ ދުވަހަކުން އަޒްމަންއަށް ގުޅުމަށް އެ ދުވަހު ޒައިނާ ގޮވައިގެން އައިސް ތިބި ޒައިނާގެ މަންމައާ ބައްޕަގެ ކިބައިން އަޒްމަން އެދުނެވެ. އެ ބަހަނާގައި އެ މީހުންނަށް އަޒްމަންގެ ފޯން ނަމްބަރު ދީ، އަދި އެ މީހުންގެ ފޯން ނަމްބަރު އަޒްމަން ހޯދިއެވެ.
ޒައިނާ ވިހެއުމާ ހަމައަށް ވީ ހަތަރު މަސް ދުވަހުގެ ތެރޭ، ޒައިނާއާ މެދު އަޒްމަން ނުވިސްނާ ދުވަހެއް ނުދެއެވެ. ޒައިނާ ދެކެ ލޯބި ވެވިއްޖެ ކަން އަޒްމަންއަށް ޔަގީން ވީ، ކޮންމެ ހާލެއްގައިވެސް އަޒްމަންގެ ޙަޔާތަށް އެ އަންހެން ކުއްޖާ ގެންނަން ބޭނުން ކަން އަޒްމަންއަށް ޔަގީން ވުމުންނެވެ.
ވިހެއުމުގެ ކުރިން، އެންމެ ފަހުން ޒައިނާ ޑޮކްޓަރަށް ދައްކަން އައި ދުވަހު އަޒްމަން ޒައިނާ ކައިރިން ކައިވެންޏަށް އެހިއެވެ. ނަބާހާވެސް ހުއްޓައެވެ. ޑޮކްޓަރަށް ދައްކާ ނިމިގެން ހޮސްޕިޓަލުގެ ކެންޓީނުގައި ތިބެފައި އަޒްމަން އެ ވާހަކަ ދައްކަން ނިންމީ، ޒައިނާ ވިހެއުމުގެ ކުރިން ދެން އެ ފުރުސަތު ނުލިބިދާނެތީއެވެ.
“ޒައިނާ ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ…” ޖެހިލުންވެފައި އިނދެ ނަބާހާއަށް ބަލާލާފައި އަޒްމަން ޒައިނާއަށް ބުންޏެވެ.
“ކޮން ވާހަކައެއް؟” އަޒްމަން ޒައިނާއާ މެދު ކަންތައް ކުރާ ގޮތް ފެނި، ހިތުގައި ޝައްކު އުފެދިފައި ހުރި ނަބާހާ އަހާލިއެވެ.
“ޒައިނާ، އަހަންނަށް އެނގޭ މި ކަހަލަ ވާހަކައެއް ބުނީމަ ގަބޫލު ކުރަން އުނދަގޫ ވާނެކަން… އަހަރެން ބޭނުން ޒައިނާއާގޭ މި ކަހަލަ ވާހަކައެއް ބުނީމަ ގަބޫލު ކުރަން އުނދަގޫ ވާނެކަން… ިފައި ހުރި ނަޝީލާ އަހާލިއެވެ. ބޭނުން ކަނ ކައިވެނި ކުރަން” އަޒްމަން ބުންޏެވެ.
“އަޒްމަން… ކޮން ކަހަލަ ވާހަކައެއް ތި ދައްކަނީ؟” ޒައިނާއަށް ބުނެވުނެވެ.
“ވަރަށް ވިސްނާފަ އަހަރެން ބުނި އެއްޗެއް މީ. ގަބޫލު ކުރަން ޒައިނާ ވިސްނަން ވަގުތު ބޭނުން ވާނެކަން…” އަޒްމަން ބުންޏެވެ.
“ތިއްތިބޭދައްތަ…” ޒައިނާ އެހީއަކަށް އެދި ނަބާހާއަށް ބަލާލިއެވެ.
“ޕްލީޒް، ޒައި، އަހަރެން މި ބުނި ވާހަކައާ މެދު ވިސްނައްޗޭ. އަހަރެން… އަހަރެން ވަރަށް ލޯބިވޭ ޒައި ދެކެ…” ލަސްލަހުން އަޒްމަން ހިތުގެ ހާލު ހާމަ ކުރިއެވެ.
“އަޒްމަންއަށް އެނގެއެއްނު އަހަރެން މީ ކޮން ކަހަލަ މީހެއް ކަން…؟ މީ ކޮން ކަހަލަ ކުއްޖެއް ކަން…؟ ހުރިހާ ކަމެއް އެނގި ހުރެ ތި ކަހަލަ ސަމާސާ ކުރާކަށް ނުވާނެ” އަޒްމަން އެ ދައްކްނީ ތެދު ވާހަކައެއް ކަން ގަބޫލު ކުރަން ޒައިނާއަށް ދަތިވިއެވެ.
“އަހަރެން ސަމާސާއެއް ނުކުރަން… މި ވަގުތު ޒައި ޖަވާބެއް ދޭކަށް ނުޖެހޭ. ވިސްނާފަ، ޒައި ބޭނުން ދުވަހަކު ޖަވާބު ދެން ދެކަށް އަހަރެން މަޑު ކުރާނަން” އެއްވެސް ގޮތަކުން ޒައިނާއަށް މަޖުބޫރު ކުރާކަށް އަޒްމަން ބޭނުމެއް ނޫނެވެ.
އެ ދުވަހުގެ ފަހުން ޒައިނާއަށް އަޒްމަންއާ މެދު ވިސްނެއެވެ. ޒައިނާ ފަދަ މީހަކާ މެދު، އަޒްމަން ކަހަލަ ޒުވާނަކު އެ ފަދަ ނަޒަރަކުން ދެކެފާނެ ކަމާ މެދު ޒައިނާއަށް ޝައްކު ވަނީއެވެ. އިޔާދު ކަންތައް ކުރި ގޮތުން ފިރިހެނުންނާ މެދު ޒައިނާގެ ހިތުގައި އެއްވެސް ޔަގީން ކަމެއް ނެތެވެ. އަޒްމަން ދެއްކި ވާހަކަޔާ މެދު ވިސްނޭ ކޮންމެ ފަހަރަކު، އެއީ އަޒްމަން ކުރާ ސަމާސާއެއް ހެން ހީވަނީއެވެ.
ވިހެއުމާ މެދު ދިޔަ ދުވަސްތަކުގައި ޒައިނާއަށް އިޔާދު ފެނެއެވެ. އެހެން ފެންނަ ފަހަރެއްގައިވެސް ޒައިނާއަކީ ދަންނަ މީހަކަށްވެސް އިޔާދު ނަހަދައެވެ. އިޔާދު ފެންނަ ދުވަސްތަކުގައި ޒައިނާގެ މިޒާޖަށް ބަދަލު އާދެއެވެ. އެ ކަން ގޭ މީހުންނަށާ، ދައުހާއަށް ފާހަގަ ކުރެވެއެވެ. އިޔާދު ފެނުމުން ދެރަވެ، ރޮވޭ އިރު ކޮންމެ މީހަކުވެސް ބަލަނީ ޒައިނާއަށް ހިތްވަރު ދީ، އެ ޚިޔާލުތަކުން ދުރުކޮށްދެވޭތޯއެވެ.
ޒައިނާ ބަލިވެ އިނދެ، ވިހެއުމާ ހަމައަށްވެސް ކޮންމެ ދުވަހެއްގައިހެން އޮފީހުން ނިމޭ ގޮތަށް ދައުހާ ދަނީ ޒައިނާމެން ގެޔަށެވެ. ދިހައެއް އެގާރަ ޖަހަން ދެން ޒައިނާ ކައިރީ އިންނަ އިރު ދައުހާއަށް ނިހާންއާ މެދުވެސް ވިސްނެއެވެ. އެހާ ދުވަސް ވީ އިރުވެސް ދައުހާއާ މެދު ނިހާންގެ ދެކޮޅު ހެދުމަކަށް ބަދަލެއް ނާދެއެވެ. އެހެން ނަމަވެސް ދައުހާއާ މެދު ނިހާން ވިސްނާ ކަން ދައުހާއަށް އެނގެއެވެ. ބައެއް ރޭރޭ ދައުހާ ނިހާންއަށް ގުޅާލުމުން އެ ދެމެދުގައި ވާހަކަ ދެކެވެއެވެ. އެ ވާހަކައިގެ ތެރެއިންވެސް ނިހާންއާ މެދު ދައުހާގެ ހިތުގައި ވާ އިހުސާސްގެ ވާހަކަ ބުނެފިނަމަ ވަގުތުން ނިހާން ވާހަކަ ބަދަލުކޮށްފައި ފޯން ކަނޑާލައެވެ.
އެހެން ނަމަވެސް ދައުހާ އުއްމީދު ދޫކޮށެއް ނުލައެވެ. ކޮންމެވެސް ދުވަހަކުން ނިހާންގެ ލޯބި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން ކަން ދައުހާގެ ހިތުގައި ވެއެވެ.
އަސަދުއާ ޝަނާޒްގެ މެދުގައި ފުރަތަމަ ފަހަރަށް ދެބަސްވުމެއް ހިނގީ އިޔާދުއާ ޒައިނާގެ ކަންތަކާއެވެ. ފުރަތަމަ އަސަދު އިޔާދުއާ އެއްކޮޅަށް ވާހަކަ ދެއްކުމުން ޝަނާޒް ރުޅިއައެވެ. ޒައިނާގެ ވާހަކައާ މެދު ޝަނާޒް ކުޑަކޮށްވެސް ޝައްކެއް ނުކުރެއެވެ. އިޔާދުއަކީ އަސަދުގެ ކޮއްކޮއަށް ވީތީ އިޔާދު ދައްކާ ވާހަކަ ގަބޫލު ކުރުމުގެ ބަދަލުގައި ހަގީގަތަކީ ކޮބާތޯ ބެލުމަށް ޝަނާޒް ބުނުމުން ޒައިނާގެ ވާހަކަ ގަބޫލު ކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމުގައި އަސަދު ބުނުމުން، ޝަނާޒް ރުޅި އައިސްގެން އަސަދުއާ ވާހަކަ ނުދައްކާ ހުއްޓެވެ.
އަސަދު އިޔާދުއާ ސުވާލު ކުރިއެވެ. އެއްބަސް ނުވާން ހުރެފައިވެސް އަސަދު އެހުމުން އިޔާދު ހުރިހާ ވާހަކައެއް ތެދަށް ކިޔާދިނެވެ. ނަމަވެސް އަސަދު ބުނުމުންވެސް ޒައިނާއަށް އެހީ ވާހަކަށް ގަބޫލެއް ނުވިއެވެ. އަސަދު ނޫން އެހެން މީހެއް ކުރިމަތީ އެއްބަސްވެސް ނުވާނެ ކަމަށް އިޔާދު ބުނުމުން އަސަދުއަށް އިޔާދު ދެކެ ރުޅި އާދެވުނެވެ. އޭގެ ފަހުން އެތައް ދުވަހެއް ވަންދެން އިޔާދުއާ ވާހަކަ ނުދައްކާ އަސަދު ހުއްޓެވެ. އަދި ހަމަ އެ ދުވަހު ޝަނާޒްގެ ކައިރިން މާފަށް އެދުނެވެ.
ޒައިނާ ވިހަން ބަނޑުގައި ރިއްސަން ފެށީ އެއްރެއެއްގެ ދަންވަރު އެކެއް ޖަހަން އުޅެނިކޮށެވެ. އެރޭ ޒައިނާ ގޮވައިގެން ހޮސްޕިޓަލަށް ދާން ނަޝީލާއާ ވަސީމްއާ ނިހާން ނިކުތް އިރު، ގޭ ދޮރުމަތީ އިޔާދު ހުއްޓެވެ. ކުރެވުނީ ރަނގަޅު ކަމެއް ކަމާކެދު ފުރަތަމަ ފަހަރަށް އިޔާދުގެ ހިތުގައި ސުވާލެއް އުފެދުނީ އެރެއެވެ.
އަށްގަޑި އިރުގެ ވޭނަށް ފަހު ޒައިނާ އަންހެން ކުއްޖަކު ވިހެއީ އޭގެ އަނެއް ދުވަހު ހެނދުނު ދިހަގަޑި ސާދައިގައެވެ.
ޒައިނާ ވިހެއުމާއެކު ނިހާން ފުރަތަމަވެސް އެ ޚަބަރު ދިނީ ޝަނާޒްއަށެވެ.
****
ޚިޔާލުތަކުން ނިކުމެވުމާއެކު ޝަނާޒް ދެ ފަރާތަށް ބޯ ހަލުވާލިއެވެ. ކުރީގެ ހަނދާން ކުރުމަކުން މިއަދު ކުރާނެ ފައިދާއެއް ނެތެވެ. މިއަދު ޝަނާޒްގެ ދިރިއުޅުން އޮތީ އަސަދުއާ ގުޅިފައެވެ. ޝަނާޒްގެ ބަނޑުގައި އުފެދެމުން އަންނަ އެ ދަރިފުޅަކީ އެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔުމަށް މެދުވެރިވި ސަބަބެއް ކަން ޔަގީނެވެ.
ވީހާވެސް އަވަހަކަށް އަސަދުއާ ވާހަކަ ދައްކަން ބޭނުން ވެފައި ހުރި ޝަނާޒް މޫނު ދޮވެލައިގެން ގޮސް އަމިއްލަ ކޮޓަރިއަށް ވަނެވެ. ނަމަވެސް އަސަދު ކޮޓަރިއަކު ނެތެވެ.
އެހެން ވިޔަސް އެންމެ ރަނގަޅެވެ. އަސަދު އަންނާނެ ނޫން ހެއްޔެވެ؟
އަސަދު އަންނަން ވާ އިރަށް ޝަނާޒް ކޮޓަރިތެރެ ސާފުކޮށްލިއެވެ. ތަންމަތި ބަދަލުކޮށް، ކޮޓަރިތެރެ ފޮޅާ މޮޕްލާ ނިންމާލި އިރު ޝަނާޒް ހުރީ ވަރުބަލި ވެފައެވެ. ހެނދުނު އެއްޗެއް ނުކައި ހުރުމުން ބަނޑުހައި ވި ނަމަވެސް ޝަނާޒް ބޭނުން ވީ ފުރަތަމަ ފެން ވަރާލާށެވެ.
ފެންވަރައިގެން ތުވާލި އޮޅާލައިގެން ނިކުތް ޝަނާޒް، ހެދުމެއް ނަގަން އަލަމާރި ހުޅުވާލަގެން ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުމުން ސިހިފައި ޝަނާޒް ބަލާލިއެވެ. ދޮރު ލައްޕާލި އަސަދު އެ ހުރި ގޮތަށް ޝަނާޒްއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
ހަދާނެ ގޮތެއް ނުވިސްނިފައި ޝަނާޒް ހުއްޓާ ބާރަށް ހިނގާފައި އަސަދު އައިސް ޝަނާޒް ގައިގައި ބައްދައިގަތެވެ. ރޭގެ ޒުވާބާ އެކު ޝަނާޒްގެ ޚިޔާލުތައް ހިތުން ނުފިލާ ހުރި އަސަދުއަށް އެ ގޮތަށް ޝަނާޒް ފެނުމުން އެއްވެސް ބަހެއް ބުނުމެއް ނެތި ހިތުގެ އެދުން ހާމަ ކުރަމުން ދިޔައެވެ. ދެ އަތުން ޝަނާޒްގެ މޫނުގައި ހިފާލަމުން ޝަނާޒް އިންކާރުގެ ބަހެއް ބުނާނެ ފުރުސަތެއް ނުދީ ޝަނާޒް އުރާލައިގެން އެނދާ ހަމައަށް ދިޔައިރު އިތުރު ވާހަކައެއް ދައްކަން ޝަނާޒްގެ ހިތަށް ނުވެސް އަރައެވެ.
އަސަދުގެ ދެ އަތުގެ ތެރެއިން ދުލެއް ލިބުމުން ޝަނާޒް ތެދުވެ އިސްތަށިގަނޑު އެއްކޮށްފައި ހުޅިއެއް ޖަހާލިއެވެ.
“އެ ގޮތަށް އަހަންނާ ދިމާލަށް އެއްޗެހި ކިޔާފަ ތީތަ އަސަދު ކަންތައް ކުރަން ވީ ގޮތަކީ؟” ޝަނާޒް އަހާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.








Salaam kudhin, here’s part 28. Hope u all like it, kiyaalaafa like akaa comment akaa dhehchey ??. 29 on Tuesday. Stay at home, pray n be safe everyone.
Vvvv reethi mi part vx…???????????
Waiting for next part…….???????
Varah varah reethi mi part vx…waiting for the nxt part…..
varah reethi mi part ves ❤❤❤curiously waiting for next part❤❤
OMG vaahaka hama habeys
v furihama v reethi hehe
mi maazee ge bai nunimefa mihuree Dhen oiii baii kiyaa hithun
ekam mi bai nimunbaarah minimunee part ves dho
hehe
Maasha allah … mi baives v reethi … curiously waiting for the next part ❤❤❤❤
alhe vaahaka up vitho belunu vare ves neyge…. avahah up kohla dheebaa
Alhey, vvv bodah sorry to keep u guys waiting, but yesterday and today I hv been really busy, ehenve comments ah reply ves nukurevuny, adhi time eh mi vee, mihaaru miulheny story ge kanthakaa, type koh nimunu haa avahakah upload kollaanan.