މިޙަޔާތާ ދުރުނުވޭ (4ވަނަބައި)
ހަވާއަރުވާ މަންޒަރުވީ ލިމްޝާއަށް ވަރަށް ކަމުދިޔަ މަންޒަރަކަށެވެ. އެހެންކަމުން އޭނާ މަސައްކަތްކުރީ އެމަންޒަރުގެ ފޮޓޯއެއް ނަގާލުމަށެވެ. ފޮޓޯ ނަގަމުން ގޮސް ލިމްޝާއަށް ފަހަތަށް ޖެހިލެވުނުވަގުތު ގޮސް ލައްވީ މީހެއްގެ މޭމަތީގައެވެ. ލިމްޝާ އަވަސްއަވަހަށް ފަސްއެނބުރި ބަލާލިއެވެ. އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކުރިމަތީގައި ހުރީ ނަޝާމެވެ. ނަޝާމްއަށްވެސް ފުރަތަމަ ހައިރާންކަމެއް ލިބުނު ނަމަވެސް ދެވަނަ ސިކުންތުންގައި އޭނާގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ.
“ލިމް…” ނަޝާމް މަޑުމަޑުން ބުނެލިއެވެ. ލިމްޝާ އަދިވެސް އެހުރިގޮތަށް ނަޝާމަށް ބަލަހައްޓައިގެން ހުރީއެވެ.
“ލިމް މިޔަދުވީ ކަންތަކާ ވަރަށް ބޮޑަށް ސޮރީ… އަހަންނަށް އެނގޭ އެކަހަލަ ވަގުތެއްގައި އެހެން ބުނެގެން ނުވާނެކަން…. އެކަމަކުވެސް އަހަންނަށް ކެތްނުވީ ލިމް ރޯތަން ބަލަން… އެހެންވެ ވިސްނާނުލާ ހިތުގެ ހާލު ބަޔާން ކޮށްލެވުނީ…” ލިމްޝާ އިސްޖަހާލިއެވެ. ނަޝާމް ލިމްޝާގެ ފިނފިނި އަތްތިލާގައި ހިފަހައްޓާލިއެވެ. އަދި މަޑުމަޑުން ބުނެލިއެވެ.
“ލިމް.. އައި ލަވް ޔޫ…” ނަޝާމްގެ ޖުމްލައިން ލިމްޝާގެ ހިތް ހީވީ އުފަލުންގޮސް ނަށާގަން ހެންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ކަންފަތުގައި ގުގުމަންފެށީ ޒީދާގެ ޖުމްލަތަކެވެ.
“އަހަރެން މީ ނަހަލާލު ކުއްޖެއްވީމަ…” “އަހަރެންމީ ނަހަލާލު ކުއްޖެއްވީމަ…” ލިމްޝާއަށް ހީވީ ފަޒާގެ ތެރޭގައި މި ޖުމްލަތަކުގެ އަޑު ގުގުމާލެވިފައިވާ ހެންނެވެ.
“ނޫން…” މިހެން ބުނެފައި ލިމްޝާ ނަޝާމްގެ އަތްތެރޭގައިވާ އޭނާގެ އަތްދަމާގަތެވެ. އެއަށްފަހު އެތަނުން ދުރަށް ހިނގައިގަތެވެ. ލިމްޝާއަށް މިއައި ކުއްލި ބަދަލުން ނަޝާމް ހައިރާންވިއެވެ. އަދި ކައިރީގައި ހުރި ޒަޔާންގެ ގާތު ދުރުގައި ހުރި ނަޝްވާއަށް ބަލާލުމަށް ބުނެފައި ނަޝާމްވެސް ހިނގައިގަތީ ލިމްޝާގެ ފަހަތުންނެވެ. ނަޝާމް ދިޔަދިމާއަށް ބަލަން ހުރެފައި ޒަޔާން ގޮސް ނަޝްވާގެ ގާތު މަޑުކޮށްލިއެވެ.
“ހެއި…” ނަޝްވާގެ ގާތު މަޑުކޮށްލަމުން ޒަޔާން ބުނެލިއެވެ.
“ޒަޔާން… ސަޅިދޯ….” ހަވާއަރުވަމުންދާ މަންޒަރަށް އިޝާރާތްކޮށް ނަޝްވާ ބުނެލިއެވެ. ނަޝްވާ ހުރީ އެމަންޒަރު ފެނި ރީތިކަމުން މޮޔަވާވަރުވެފައެވެ.
“ހޫމް… އެކަމަކު ނަޝްއަށްވުރެ އެންމެ ތަންކޮޅެއްވެސް ރީއްޗެއް ނޫން….” ނަޝްވާގެ މޫނަށް ބަލަން ހުރެ ޒަޔާން ބުނެލީ ހުވަފެނީ ގޮތަކަށެވެ. ނަޝްވާއަށް ޒަޔާންއާއި ދިމާއަށް ބަލާލެވުނެވެ.
“އެހެންތަ…؟؟ އަހަރެން ހަމަ އެހާވެސް ރިތިތަ…؟؟؟”
“ހޫމް… މިރާއްޖެއަކުން އަދި ތިހާ ރީތި ކުއްޖެއް އަހަރެން ނުދެކެން….” ހިތުގެ ހާލު ނަޝްވާއަށް ފަޅާއަރާފާނެތީވެ ޒަޔާން ބުނެލީ މަޖާވެފައި ހުރެއެވެ.
“ޒަޔާންވެސް ދޯ… މިހާރު ހާދަ ލާނެއްވެއްޖޭ….” ޒަޔާންގެ ކޮނޑުގައި ޖަހާލަމުން ނަޝްވާ ބުނެލިއެވެ.
“ކޮބާ ތުއްތު…” ނަޝާމް ފެންނަން ނެތުމުން ދިމަދިމާއަށް ބަލާލަމުން ނަޝްވާ އަހާލިއެވެ.
“ވާނެ މިތާގަ ކޮންމެވެސްތާކު…” މަތި ބަލާލަމުން ޒަޔާން ބުނެލިއެވެ.
ލިމްޝާ ގޮސް މަޑުކޮށްލީ ސުނާމީ ބިނާ ކައިރީގައެވެ. ހަނދުވަރުގެ ރިހި އަލި މޫދަށް އެޅިފައިވާއިރު ފެންނަލެއް ނުހަނު ހިތްގައިމެވެ. ލިމްޝާ އޭނާގެ ލޮލުގައިވާ ކަރުނަތައް ފުހެލިއެވެ. މިރޭ އޭނަޔަށް ކުރިމަތިލާންޖެހިފައި މިވަނީ ކޮންފަދަ ހިތްދަތިކަމަކާބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެތައް އަހަރަކަށްފަހު ހިތްއެދޭ ޒުވާނަކާ ދިމާވެ އޭނާގެ ފަރާތުން ލޯބި ހުށަހެޅުމުންވެސް އެލޯބި ގަބޫލުކުރަންވެސް ޖެހިލުންވަނީއެވެ. އޭނާގެ ކަޅުމާޒީގެ ސަބަބުންނެވެ. އޭނާއަކީ ނަހަލާލު ކުއްޖަކަށްވުމުން ޒީދާއަށް ދިމާވިކަހަލަ ކަމެއް ދިމާވެދާނެތީ ހިތްބިރުގަންނަނީއެވެ.
“ލިމް…” ލިމްޝާގެ ފަހަތަށް ހުއްޓިލަމުން ނަޝާމް ގޮވާލިއެވެ. ލިމްޝާ އަނގައަކުން ނުބުނެއެވެ.
“ކިހިނެއްވީ…؟؟؟ ކީއްވެ ޖަވާބެއް ނުދީ މިތަނަށް ތިއައީ….” ނަޝާމް އަހާލިއެވެ. ލިމްޝާ ދެލޯ މަރާލުމަށްފަހު ފުންނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އަދި ނަޝާމާ ކުރިމަތިލިއެވެ.
“އަހަރެން ނަޝާމްދެކެ ލޯތްބެއް ނުވެ…. އަހަރެން ވަރަށް ހައިރާންވި ނަޝާމް އަހަރެންދެކެ ލޯބިވާ ވާހަކަ ބުނީމަ… އަހަރެން ހީކުރީ ނަޝާމްވެސް ދެކެނީ އަހަރެންމީ ގާތް ރަހުމަތްތެރިޔެއްގެ ގޮތުގައި ކަމަށް… އަހަރެން ގޮތަށް….” ލިމްޝާގެ ޖުމްލަތަކުން ނަޝާމަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. މިވީދުވަސްތަކުތެރޭގައި ނަޝާމް ހީކުރީ ލިމްޝާގެ ހިތުގައިވެސް އޭނަޔަށްޓަކައި ލޯބިއުފެދިފައިވާ ކަމަށެވެ. އޭނާގެ ހިތްއަދިވެސް ބުނަމުން ދަނީ ލިމްޝާވެސް އޭނާދެކެ ލޯބިވާކަމުގައެވެ.
“ލޯބިނުވަންޏާ ކީއްވެ ނޫރާ އެދުވަހު އެހެންބުނީމަ އެހާ ރުޅިއައިސްގެން އުޅުނީ…. އަހަނަށް އެދުވަހު ގާތްގަޑަކަށް ޔަގީންވި ލިމްވެސް އަހަރެނެދެކެ ލޯބިވާކަމަށް…”
“ބުނެފީމެއްނު އަހަންނެއް ލޯތްބެއް ނުވޭ ނަޝާމްދެކެ…. އެދުވަހު ރުޅިއައީ ނަޝާމްދެކެ ލޯބިވާތީކީ ނޫން… އަހަރެން ވަރަށް ރުޅިއާދެ އަހަރެންގެ އެކުވެރިން އަހަންނަށް ދޮގުހަދައިގެން އުޅެންޏާ… ނަޝާމް ދޮގުހެދީ ކަމަށް ހީކޮށް ރުޅިއައީ…” މިހެން ބުނެފައި ލިމްޝާ އެތަނުން ދިޔުމަށްޓަކައި ހިނގައިގަތެވެ. އެވަގުތު ނަޝާމް ލިމްޝާގެ އަތުގައި ހިފެހެއްޓިއެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ބޭރުވެދާނެތީ ލިމްޝާ އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. ނަޝާމްގެ ކުރިމަތީ އެކަރުނަތައް ބޭރުކުރާކަށް ލިމްޝާ ބޭނުމެއް ނުވެއެވެ.
“ލިމް ޕްލީޒް އަހަންނަށް ތިހެން ނަހަދާ… އަހަރެން ލިމް ދެކެ ވަރަށް ލޯބިވޭ… އަހަންނަށް ތިހިތުން ޖާގައެއްދީ…” ނަޝާމް އަޑުގައި އެކުލެވިފައިވާ ރިހުން ލިމްޝާއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އޭނާކުރާނީ ވަކި ކީއްހެއްޔެވެ؟ މިދުވަސްކޮޅު އެކަހަލަ ގުޅުމަކަށް ދާކަށް ލިމްޝާ ބޭނުމެއް ނުވެއެވެ. އަނެއްކޮޅުން އޭނާގެ އަސްލު އޮޅުވާލައިގެން މީހަކާ ގުޅޭކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ.
“ނަޝާމް… އަހަރެންގެ އަތުން ދޫކޮށްލާ…. އަހަންނާ ދޭތެރޭ ނަޝާމް ތިދެކޭގޮތް ބަދަލުކުރޭ…. ތިހިޔާލް ދޫކޮށްލާ….” ލިމްޝާ މިހެން ބުނުމުން ނަޝާމް ލިމްޝާގެ އަތުން ދޫކޮށްލިއެވެ. އަދި ލިމްޝާ ދިޔަ ދިމާއަށް ބަލަން ހުރެ ބުނެލިއެވެ. “އަހަންނަކަށް ދެން ލިމްއާ ދޭތެރޭ ދެކޭގޮތް ބަދަލެއްނުކުރެވޭނެ…. އަހަރެން ލިމް ދެކެ އެޔަށްވުރެ ބޮޑަށް ލޯބިވޭ…. މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެން ލިމްގެ ލޯބި ކާމިޔާބު ކުރާނަން… އަހަރެންގެ ހަޔާތުން ލިމް ދުރަށް ދިޔަކަ ނުދޭނަން…..”
“މިއައީނު….” ލިމްޝާ ގޮސް ސުހާމެންގާތު މަޑުކޮށްލުމުން ޒީދާ ބުނެލިއެވެ.
“ލިމް ކޮންތާކުން ތިއައީ…؟؟؟ ނުފެނުނީމަ ގުޅަން އުޅެނިކޮށް ތިއައީ….” ސުހާ އަހާލިއެވެ.
“ހިނގާ ގެއަށް ދާން….” ސުހާގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި މިހެން ބުނުމަށްފަހު ލިމްޝާ ހިނގައިގަތެވެ. ލިމްޝާއަށް މިއައި ކުއްލިބަދަލު ސުހާއަށް ފާހަގަ ކުރެވުނެވެ. ލިމްޝާ ކޮންމެވެސް ކަމެއް އެބަ ސިއްރުކުރެއޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.
ޖެހިގެން އައިދުވަހުގެ ހެނދުނުގެ ވަގުތެވެ. ދެޚިޔާލެއްގައި ހުރެ ލިމްޝާ ތައްޔާރުވަމުން ދިޔައީ އޮފީހަށް ދިޔުމަށްޓަކައެވެ. ލިމްޝާގެ ހިތް ކިތަންމެވަރަކަށް ނަޝާމަށް އެދުނު ނަމަވެސް ނަޝާމާއި ކުރިމަތިލާކަށް ލިމްޝާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އެއްއޮފީހެއްގައި އުޅޭއިރު އޭނާއާ ކުރިމަތިނުލާ އުޅޭނީވެސް ކިހިނަކުންހެއްޔެވެ؟ މިޚިޔާލުތަކުގައި ހުރެ ތައްޔާރުވެލައިގެން ލިމްޝާ އޮފީހަށް ދިޔައެވެ.
އާދައިގެ މަތިން މިޔަދުވެސް ލިމްޝާ އޮފީހަށް ދިޔައީ ތަންކޮޅެއް ކުރިންނެވެ. އޭރު އޮފީހުގައި އުޅެނީ ދެތިންކުދިންނެވެ. ލަސް ހިނގުމެއްގައި ހިނގާފައި ގޮސް ކެބިންއަށް ވަން ލިމްޝާ ސިހުނީ ކެބިން ތެރޭގައި ހުރި ނަޝާމް ފެނުމުންނެވެ. އޭރު އެ ކެބިންގައި އިތުރު މީހަކު ނެތެވެ.
“ނަޝާމް… މިގަޑީގައި މިތާ ކީއްކުރަނީ….؟؟؟” މޫނުމަތީގައިވާ ހާސްކަން ފޮރުވަމުން ލިމްޝާ ބުނެލިއެވެ.
“ލިމް ދެކިލާހިތުން… ޝައުގުވެރިކަމާއިއެކު ލިމްޝާއަށް ބަލާލަމުން ނަޝާމް ބުނެލިއެވެ. ލިމްޝާ ހުރީ ކަޅުކުލައިގެ ބޯޑަރު އެޅި އޮރެންޖް ހެދުމެއް ލައިގެންނެވެ. ޕްލޭން އޮރެންޖް ދޯބައްޓާއެއް ކަރުގައި އޮޅާލާފައި ހުއްޓެވެ. ފަން އިސްތަށިގަނޑުވަނީ ފަހަތަށް ދޫކޮށްލާފައެވެ. ދޮންމޫނުން ތާޒާކަން ފެންނަމުން ދިޔައެވެ. އެއްވެސް މޭކަޕެއް ނުކޮށް ހުންނައިރުވެސް ނިކަން ފުރިހަމަވެފައި ހިތްގައިމެވެ. ނަޝާމް އެވަރަށް ބަލަން ފެށުމުން ލަކުނެއް ނުވާ އެއޮމާން މޫނަށް މަޑުރަތްކުލައެއް ވެރިވެގަތެވެ.
“އެކީއްކުރަން….؟؟؟” ލިމްޝާ ވާހަކަދައްކަމުން ދިޔައިރު ނަޝާމާއި ދިމާއަށް ނުބަލަން މަސައްކަތްކުރާކަން ނަޝާމަށް ފާހަގަ ކުރެވުނެވެ.
“ހިތަށް ފިނިކަމެއް ލިބޭތޯ….” ނަޝާމްގެ މިޖުމްލައިން ލިމްޝާއަށް ނަޝާމަށް ބަލާލެވުނެވެ. އޭރު ނަޝާމް ހުރީ ދެޖީބަށް އަތްޖަހާލައިގެންނެވެ. އެހެން ހުންނައިރު އޭނާގެ ފިރިހެންވަންތަ ޝަހުސިއްޔަތު ފެނި ލިމްޝާގެ ހިތް ހީވީ ބޭރަށް ނުކުމެގެން ހިނގައިދާނެހެންނެވެ. އެހެންނަމަވެސް އޭނާ ހިތުގެ އިހުސާސް ތަކުގެ މައްޗަށް ބާރުފޯރުވިއެވެ.
“ޕްލީޒް ނަޝާމް… ތިގޮތަށް ވާހަކަ ނުދައްކާ… އަހަންނާ ދޭތެރޭ ނަޝާމް ތިދެކޭގޮތް ބަދަލުކުރޭ…”
“ނޫން ލިމް… ތީ ނުވާނެ ކަމެއް… އަހަރެން ލިމް ދެކެ އިންތިހާއަށް ލޯބިވޭ…. އަހަންނަށް ލިމްއާއި ދޭތެރޭ މިނޫން ނަޒަރަކުން ނުދެކެވޭނެ….” ނަޝާމް ހުރީ އެހާއަވަހަށް ބަލި ގަބޫލުކުރާކަހަލަ ގޮތަކަށް ނޫނެވެ.
“އެހެންވިޔަސް ހެޔޮ… އަހަރެން ނަޝާމްދެކެ ލޯތްބެއް ނުވެއޭ… އެއް އަތް ޖެހިޔަސް އަޑެއް ނުކިޔާނެ….” ލިމްޝާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ހިތާއި ދެކޮޅަށެވެ.
“މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެން ލިމްގެ ލޯބި ހޯދާނަން… އަހަންނަށް ލިމްގެ ލޯބި ލިބޭނެ… ފަހުނޭވަޔާ ޖެހެންދެންވެސް އަހަރެން އެދުވަހަކަށް އިންތިޒާރުކުރާނަން…..” މިހެން ބުނެފައި ނަޝާމް އެތަނުން ނުކުމެގެން ދިޔައީއެވެ. ނަޝާމްގެ މޫނުމަތީގައިވާ މޮޅިވެރިކަން ފެނުމުން ލިމްޝާ ދެރަވިއެވެ. އެމޫނުމަތިންވެސް އޭނާ ލިމްޝާދެކެ ލޯބިވާވަރު ހާމަވެގެންދެއެވެ.
ހިތާމައާއި މޮޅިވެރިކަން އެކުލެވިގެންވާ ހިތަކައިގެން ނަޝާމްގޮސްވަނީ އޭނާގެ ކެބިންއަށެވެ. އޭނާގެ ފަހަތުންހެން ކަހަލަ ގޮތަކަށް ޒަޔާންވެސް އެތަނަށް ވަނެވެ.
“އޭ ރޯމިއޯ… ހާދަ މޫޑީވެފަ….. ކޮބާތަ ޖޫލިއެޓް މިހާރު…؟؟؟ އަދިވެސް އެއްބަހެއް ނުވިތަ…؟؟؟” ނަޝާމްގެ ކޮނޑަށް އަތްވައްޓާލަމުން ޒަޔާން އަހާލިއެވެ.
“ދެންމެވެސް މަސައްކަތް ކޮށްލައިފިން… އެކަމަކު….”
“އެކަމަކު ލިމްޝާ ނަޝާމްގެ ލޯތްބަށް ފާޅުގައި އިންކާރު ކުރީ….” ނަޝާމް ބުނަން އުޅުން ޖުމްލަ ޒަޔާން ފުރިހަމަ ކޮށްލިއެވެ.
“ކިހިނެއް ޒަޔާނަށް އެނގުނީ…؟؟؟” ނަޝާމް ކުޑަކޮށް ހައިރާންވިއެވެ.
“އަހަރެން އަޑުއެހިން ތިދެމީހުން ދެއްކި ވާހަކަ…. އަސްލު އަހަރެން ވަރަށް ހައިރާންވި ލިމް ނުގަބޫލުވީމަ… އަހަރެންހީކުރީ ލިމްވެސް ނަޝާމްއާއި ވާހަކަ ދައްކާ އުޅުންގޮތުން އޭނަވެސް ނަޝާމްދެކެ ލޯބިވާކަމަށް….”
“އަހަރެންވެސް މިހުންނަނީ ތިކަމާ ހައިރާންވެފަ…. އޭރުގަ ރޭގަނޑު ވަރަށް ލަސްވަންދެންވެސް އަހަންނަށް ފޫހިކަމެއްނެތި މެސެޖްކުރަންވެސް އޮންނާނެ… އޮފީހުގައިވެސް އަހަންނާ ވާހަކަ ދައްކާ އުޅޭ ގޮތުން ހީވެ ވަރަށް ލައިކްވާހެން…. ނޭނގެ އޭނަޔަށް އެވީގޮތެއް… މިހާރު ބޯގޮވަން ފަށައިފި….” އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން ނަޝާމް ބުނެލިއެވެ.
“ތިހާ އަވަހަށް ބޯގޮވާނެކަމެއް ނެތް… އަދި ގޮތްހުސްވީކީ ނޫނެއްނު… އަހަންނަށް ފެންނަނީ ތިކަމާ ބެހޭގޮތުން ސުހާއާއި މަޝްވަރާކޮށްލަން…” މިހެން ބުނެފައި ޒަޔާން ދިޔައީ އޭނާގެ ރޫމާއި ދިމާއަށެވެ.
ހަވީރުގެ ހިތްފަސޭހަވަގުތެވެ. ލިމްޝާއޮތީ އެނދުމަތީގައި ވާހަކަފޮތެއް ހިފައިގެން އެޔަށް ގެއްލިފައެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ޖިންސެއް ލައިގެން އޮތްއިރު އޭނާގެ ފަން އިސްތަށިގަނޑުވަނީ ދޫކޮށްލާފައެވެ. އިސްތަށިގަނޑުގައި ތެތްކަން އެކުލެވިފައިވެއެވެ. ބަގީޗާއާއި ދިމާއަށްވާގޮތަށް ހުޅުވާފައި ހުރިކުޑަދޮރުން ފިނިފިނި ވައިރޯޅި ވަންނަމުން ދިޔައެވެ. އެވައިރޯޅިޔާއިއެކު ކުޑަދޮރުގައި އެލުވާފައި ހުރި ކާޓޭންގަނޑު ހެލިލާއިރު ހީވަނީ ކޮމްޕިއުޓަރުން ޖަހާފައިހުރި ލަވައާއި އެއްވަރަށް ނަށަމުންދާހެންނެވެ. މުޅި ކޮޓަރީގައިވަނީ ބަގީޗާގައިވާ މާމަލުގެ މީރުވަހާއި ލިމްޝާ ޖަހައިގެން އޮތް އެޑޯރަބަލް ސެންޓްގެ މީރުވަސް ހިފާލާފައެވެ. ލިމްޝާ ސިހިގެން ދިޔައީ އޭނާގެ ކޮނޑުގައި މީހަކު އަތްޖަހާލުމުންނެވެ. ބަލާލިއިރު އެނދުގެ މަގަތުގައި އިށީނދެލައިގެން އިނީ ސުހާއެވެ.
“ސުހާތަ…؟؟ ސިއްސައިގެންނޭ މިދިޔައީ…. ކޮންއިރަކުތަ އައީ…؟؟؟ ވާހަކަފޮތް ލައްޕާލަމުން ތެދުވެ އެނދުގައި އިށީންނަމުން ލިމްޝާ ބުނެލިއެވެ.
“ސާބަސް ލިމްއަށް… ވާހަކަ ފޮތަށް ގެއްލުނަސް ތީދެންބޮޑުވަރު…. ކޮން އިރެއް އަހަރެން މިތާ އިންނަތާ….” ދެފަރާތަށް ބޯހޫރާލަމުން ސުހާ ބުނެލިއެވެ.
“ދެންހެވޭ ތިވަރަށް ދިމާނުކުރިޔަސް… ބުނެބަލަ… ކަމަކުތަ ތިއައީ….؟؟؟” ލިމްޝާ މިހެން އެހުމުން ސުހާ އާނ އެކޭ ބުންޏެވެ.
“މިޔަދު އޮފީސް ގަޑީގަ ނަޝާމް އަހަރެންގެ ގާތު ލިމްގެ ވާހަކަ ދެއްކި…. އޭނަ ލިމްދެކެ ވަރަށް ލޯބިވޭ…. ލިމް ކީއްވެ އޭނަގެ ލޯބި ގަބޫލު ނުކުރަން ތި އުޅެނީ… އަހަންނަށް ޔަގީން ލިމްވެސް އޭނަދެކެ ލޯބިވާކަން… އޭނަޔާ ދިމާވީއްސުރެ ލިމް އަބަދާ އަބަދު ދައްކާނީ އޭނަގެ ވާހަކަ…. ބުނެބަލަ ލިމް އޭނަދެކެ ލޯތްބެއް ނުވޭތަ….؟؟؟” ލިމްޝާ ވަކި ޖަވާބެއް ނުދެ އިސްޖަހާލައިގެން އަތުގެ އިނގިލިތަކާ ކުޅެލަ ކުޅެލާ އިނީއެވެ.
“ލިމްގެ ތި ހިމޭންކަމުން އަހަންނަށް ޖަވާބު ލިބިއްޖެ…. ލިމް އޭންދެކެ ތިހާ ލޯބިވާއިރު ކީއްވެތަ އެގޮތަށް ކަންތައް ކުރަނީ…؟؟؟ ލިމް ބޭނުންވަނީ އޭނަ ތަޅުވަންތަ….؟؟؟؟”
“ނޫން… އަހަރެން ބިރުގަންނަނީ…..”
“ކޮންކަމަކާތަ ބިރުގަންނަނީ….؟؟؟ އަހަންނަކަށް ނުވިސްނޭ މިކަމުގައި ބިރުގަންނަންވީ ސަބަބެއް….”
“ސުހާއަކަށް ނުވިސްނޭނެ….”
“ކީއްވެ…؟؟؟ އަހަންނަށް އެނގޭ މިފަހަކަށް އައިސް ލިމް އަހަންނަށް ކަންތައްތަކެއް ސިއްރުކުރާކަން….” ވަރަށް ފުން ނަޒަރަކުން ލިމްޝާއަށް ބަލާލަމުން ސުހާ ބުނެލިއެވެ. ލިމްޝާ އިސްޖަހާލިއެވެ.
“ލިމް ޕްލީޒް… ހިތުގައި ފޮރުވައިގެން ތިއުޅޭ ސިއްރުތައް އަހަންނާ ހިއްސާ ކޮށްބަލަ… އޭރުން ލިމްގެ ހިތަށްވެސް ހަމަޖެހުމެއް ލިބޭނެ….” ލިމްޝާ ފުން ނޭވާއެއް ލިއެވެ.
“ސުހާ….” ލިމްޝާ ތެދުވެގެން ގޮސް ކުޑަދޮރުކައިރީގައި މަޑުކޮށްލިއެވެ. ސުހާވެސް ލިމްޝާގެ ގާތަށް ދިޔައެވެ.
“ސުހާ…” އަނެއްކާވެސް ލިމްޝާ ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ.
“ހޫމް އަޑުއަހާށޭ މިހުރީ…. ކުރިއަށް ގެންދެބަލަ….” ލިމްޝާގެ އަތުގައި ހިފަހައްޓާލަމުން ސުހާ ބުނެލިއެވެ. ލިމްޝާ ވަރަށް ހިތްވަރުކޮށްފާ އޭނާގެ އަސްލު މަންމަގެ ވާހަކަ ސުހާއަށް ކިޔާދިނެވެ.
އެވާހަކަ ކިޔައިދީ ނިމުންއިރު ލިމްޝާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ސުހާވެސް ހުރީ ފެންކަޅިވެފައެވެ.
“ދެން ނުރޮއި ހުއްޓާލާ….” ސުހާ ލިމްޝާގެ ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލައިދިނެވެ.
“ބުނެބަލަ… ދެން ކީއްވެތަ ނަޝާމްއާއި ރައްޓެހިވާން ބިރުގަންނަނީ….”
“ސުހާވެސް އަޑުއެހީމެއްނު ކުރީރޭ ޒީދާ ދެއްކިވާހަކަ… ޒައިކް ޒީދާއާއި ރުޅިވީ ޒީދާއަކީ ނަހަލާލު ކުއްޖެއްވީމައެއްނު…. އަހަރެންވެސް މީ ހަމަ އެކަހަލަ ކުއްޖެއްނު… އަހަރެންގެ ހަގީގަތްވެސް ނަޝާމަށް އެނގިއްޖެއްޔާ އޭނަ އަހަންނާ ގުޅޭނެހެން ހިޔެއްނުވެ…. އެހެންވެއްޖެއްޔާ އަހަރެން މާ ދެރަވާނެ….”
“އެކަމަކު ނަޝާމް ލިމްދެކެ ވަރަށް ލޯބިވޭ…. އެހެންވީމަ އެއީ އޭނައަށް މާ ބޮޑުމައްސަލައަކަށް ނުވެދާނެއްނު….” ސުހާ ވާހަކަ ދެއްކީ ވިސްނާދޭ ކަހަލަ ގޮތަކަށެވެ.
ޒައިކްވެސް ޒީދާ ހޯދަން ކިހާވަރަކަށް އުޅުން…. އެކަމަކު ހަގީގަތް އެނގުނީމަ ބަލާބަ އޭނަ ހެދިގޮތް…. އެހެންވީމަ ކިތަންމެ ރަނގަޅުމީހަކަށްވިޔަސް އިތުބާރުކުރާނީ ކިހިނެއް…..؟؟؟”
“ތީވެސް ތެދެއް…” ސުހާ ލިމްޝާގެ ބަހަށް ތާއީދު ކުރިއެވެ.
“ސުހާ… އަހަރެންގެ މި ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވައްޗޭ…..” ސުހާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނަޝާމް އެކި ގޮތްގޮތުން މަސައްކަތްކޮށްގެންވެސް ލިމްޝާގެ ލޯބި ކާމިޔާބުވާގޮތެއްނުވިއެވެ. ނަޝާމް އިނީ މޭޒުގައި ބޯއަޅާލައިގެންނެވެ.
“ދެން ލިމް މަތިން ހަނދާން ނައްތާލަންވީނު….” އޮފީހުގެ ކުއްޖެއްކަމަށްވާ އިޖާޒު ނަޝާމްގެ ގާތު މަޑުކޮށްލަމުން ބުނެލިއެވެ. ނަޝާމް ބޯހިއްލާލިއެވެ. އަދި ދެފަރާތަށް ބޯހޫރާލީ ތިކަމެއް ނުވަނޭ ބުނާކަހަލަ ގޮތަކަށެވެ. އެވަގުތު ޒަޔާންވެސް އެތަނަށް އައެވެ.
“އެހާ އަވަހަށް ހިތްވަރު އެލުވާ ނުލާބަލަ…. ބައެއް އަންހެންކުދިން ކާމިޔާބުކުރެވޭނީ ވަރަށް އުނދަގުލުން….” ޒަޔާންވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވެލިއެވެ.
“އަހަރެން ދެންތަ ވަރަށް މޮޅު ޚިޔާލެއް….” ކުއްލިއަކަށް މޮޅު ޚިޔާލެއް އައުމުން އިޖާޒު ބުނެލިއެވެ. އަދި އޭނާގެ ވިސްނުމަށް އައި ޕްލޭން ނަޝާމްމެންނާ ހިއްސާ ކޮށްލުމަށްފަހު ކަންކުރަންވީ ގޮތް ކިޔާދިނެވެ. ނަޝާމްއަށާއި ޒަޔާނަށްވެސް މި ޚިޔާލް ވަރަށް ކަމުދިޔައެވެ.
އޮފީހުގެ ހުރިހާ ސްޓާފުން މީޓިންގްރޫމަށް އެއްކުރީ އޮފީހުގެ އަހަރީ ދުވަހު ޕިކްނިކް ދިޔުމަށް ރޭވުމަށެވެ. ލިމްޝާ ފިޔަވާ ހުރިހާ ސްޓާފުންވެސް މިދަތުރުގައި ބައިވެރިވާން ބޭނުންވިއެވެ. ސުހާއާއި އެހެންދެކުއްޖެއްގެ އާދޭހާއިއެކު ލިމްޝާއަށް ޖެހުނީ އެންމެފަހުން ދަތުރުގައި ބައިވެރިވާށެވެ.
“ސުހާ… އަހަރެން ބޭނުމެއް ނޫން މިދަތުރުގައި ބައިވެރިވާކަށް…. ނަޝާމްވެސް ދާނެއްނު…. އަހަންނަކަށް އެހާ ފަސޭހައެއް ނޫން އޭނާގެ ކުރިމަތީގައި އުޅޭކަށް…” މީޓިން ނިންމާލާފައި ދަމުން ލިމްޝާ ބުނެލިއެވެ.
“ލިމް… ލިމް އޭނަދެކެ ތިހާ ލޯބިވާއިރު އޭނަޔަށް ހަގީގަތް ކިޔާދޭންވީނު….”
“ނޫން… އަހަންނަކަށް ނުކެރޭނެ….”
“ލިމްއަށް ނުކެރެންޏާ އަހަރެން އޭނަޔަށް ކިޔައިދެންތަ…؟؟؟”
“ނޫން ސުހާ…. އޭނަޔަކަށް ނޭނގޭނެއެއްނު އަހަރެން އޭނަދެކެ ލޯބިވާކަމެއް…. އެހެން އުޅެލާފަ އަހަރެން ކާމިޔާބު ނުވީމަ ހިނގައިދާނެ ދުރަށް….”
“އޭރުން ލިމްއަށް ކިހިނެއްވާނީ….؟؟؟ ލިމް ދެރައެއް ނުވާނެތަ އޭނަ ގެއްލުނީމަ….؟؟؟؟”
“ދެން ތިވާހަކަ ހުއްޓާލާ….” ލިމްޝާ އިތުރަށް އެވާހަކަ ކުރިޔަށް ގެންދާކަށް ބޭނުމެއް ނުވިއެވެ.
އާދައިގެ މަތިން ފަތިސް ނަމާދު ބަންގީގެ އަޑަށް ނަޝާމަށް ހޭލެވުނެވެ. ހޭލި ގޮތަށް އޭނާ ޒަޔާނަށް ގުޅާލިއެވެ. ދެތިންފަހަރަކު ރިންގުވުމާއިއެކު ޒަޔާން ފޯނު ނެގިއެވެ. ޒަޔާން ހޭލެއްވުމަށްފަހު އަދި އޮފިހުގެ ދެތިންކުއްޖަކަށް ގުޅާ ހޭލެއްވިއެވެ. ދެން އޭނާ ގުޅީ ލިމްޝާއަށެވެ. މިހާރަކަށްއައިސް ނަޝާމްގެ ކޯލްތަކަށް ލިމްޝާ ޖަވާބު ނުދޭތީ މިފަހަރުވެސް ގުޅީ ފޯނުނަގާނެ ކަމަކަށް ނޫނެވެ. ނަމަވެސް ކަންތައްވީ ނަޝާމް ހީކުރިގޮތާއި މުޅީން ޚިލާފަށެވެ. ލިމްޝާ ފޯނަށް ޖަވާބުދިނެވެ.
“ހެލޯ….” ނިދީގެ އަސަރު އެކުލެވިފައިވާ އަޑަކުން ލިމްޝާ ވާހަކަ ދެއްކިއެވެ. ލިމްޝާގެ އަޑު ނަޝާމްގެ ކަންފަތުގައި ޖެހުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނިދީގެ އަސަރު އެކުލެވިފައިވާއިރު އެލޯބި އަޑުގައި އެވަނީ ކޮންފަދަ ހިތްދަމާގަންނަ ޖާދުވީ ބާރެއް ހެއްޔެވެ.؟
“ހެލޯ…” އަނެއްކާވެސް ލިމްޝާ ގޮވާލިއެވެ.
“ލިމް…” ނަޝާމް މަޑުމަޑުން ގޮވާލިއެވެ. ނަޝާމްގެ އަޑުއިވުމުން މެރިފައިވާ ލިމްޝާގެ ދެލޯ ބޮޑުވެ، ކުއްލިއަކަށް ތެދުވެ އެނދުގައި އިށީނދެވިއްޖެއެވެ. އެއަތްފަހު ފޯންގެ ސްކްރީން ބަލާލިވަގުތު ނަޝާމްގެ ނަން ފެނުމުން ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ދެވަނަ ސިކުންތުގައި އަމިއްލަ ބޮލުގައި އަތުން ޖަހާލަމުން ފޯނު ކަނޑާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.







thank u dear up kohdhini ma.. v balaafin up veythooo 🙂
ummi abadhu ulheny vaahakaige dhuniye ehgaitha? 🙂
mihen mi buny vaahaka upp kohlaairah ummi vaahaka kiyaathy
btw thanks for reading my story.. 🙂
hummm eyy ummi foohivegen kuraaa kamaky mi eee… v v reethi … abadhu up veytho balan hunnani 🙂 🙂
ehentha… thanks 🙂
wow..varah reethi..eem u r doin a great job..keep it up.. 🙂
Vrh nyc mi part ves anehbai avahah upkohdhehchey luv u miss bodu koh
Thanks elsa n ishy
adhi dhaleh rytthi..foohi vandhen up nukoh nhunahche..ebaoi gotheh up kura dhuvas thah bunanvinun erun edhuvas thskuga balaleveyne nun kihaa hithun keimadhuvefa thibey kudhinah
Ebunaahen eemi bunebala dhuvas thakeh up koh dheyne but v gud story can’t wait ☺fai mihaaru bimathee haruves nulaa!hadha awesome story ekey
Thanks aii & minte 🙂
Thikama visnaalaanan aii.. aslu vaki dhuvasthakeh bunefa edhuvahah up nukurevijja eem v dhera vaane. baeh faharu kanthah hunna gothun delay eh vs vedhaane.. ehnve vaki dhuvasthakeh nubunan mi ulheny. ekmvs enme lasvegenves 3 days thereyga vaahaka up kuraanan in sha allah.
next part mirey nuny maadhan up kohlaanan.. 🙂
Mee semi he kithah bana vaahakatha?
Mee eemi ge kithah van a vaahakatha*?
Masha allah! Vv lwbi vahaka eh!! Lim ah e vany maee ah vx va goi….vvvv salhi!! Sifakurevethy adhi maa furihama….gud job eem! Maee ah comnt nukurevunas barabarah mi vahaka kiyan….dhn ithurah bunane ehcheh neyngun….all the best eem….
Minte, this is my second story
My first story was “eleesha”
Actually i published this story at the first place.. bt that time some problem occured during the publish… Thats y i stopped this story and worked on another story (eleesha)
Thanks maee..
ehentha?? ekamaku lim kuraa kahalaige moya kanthah maeee nukurahche.. hehe.. 🙂 🙂
Vahaka Konmeakas Varah Furihama (Y)
Heevany Lim Aa Nashaam Aa eky Ulheveny Hen Emyhunge Dhhuniyeygai
Vahaka kiyaa meeheh Nuun meeky Ekm Miadhu Mi site ah kuri furathama Visit In ves Thivaahaka Mihaa Hisaabah Kiyaa levijje Varah Nuvaa kameh 😛
Vahaka Hama V Furihama (Y)