މިޙަޔާތާ ދުރުނުވޭ (3ވަނަބައި)
މަންމަމެން އެދައްކަނީ ކޮން ހަގީގަތެއްގެ ވާހަކަ ބާވައޭ ލިމްޝާގެ ހިތަށް އެރިއެވެ. އޭނާގެ ސިކުނޑިވަނީ ސުވާލުމާކު ތަކަކުން ފުނިޖެހިފައެވެ. “އަނެއްކާ މަންމަ ނޫނީ ބައްޕަގެ ބޮޑު ބައްޔެއް ހުންނަނީބާ…؟؟؟ ކޮންމެވެސް ނުބައެއް އެބައުޅެ… އެމީހުން އަހަންނަށް ވަރަށް ބޮޑު ކަމެއް އެބަ ސިއްރުކުރޭ…. އަހަރެން ބޭނުން ހުރިހާ ހަގީގަތެއް އެނގެން..” ލިމްޝާގެ ހިތަށް އަރާ ފައިބަމުންދާ އެއްޗެހީގެ ސަބަބުން ސިކުނޑިއަށް ބާރުވަމުން ދިޔައެވެ. ހާސްވެފައިވާ ވަރުން ނިއްކުރީގައި ބޮޑެތި ދާތިކިތައް ވިދަމުން ދިޔައެވެ. މޫނުގައިވާ ދާތިކިތައް ފޮހެލަމުން ލިމްޝާ މިސްރާބު ޖެހީ ކޮޓަރިއާއި ދިމާއަށެވެ.
ނިދަން އޮވެވެސް ލިމްޝާއަށް ވިސްނެމުން ދިޔައީ އެކަމާ ދޭތެރޭގައެވެ. ލިބުނު ޚަބަރަކުން ނިދިވެސް އެކީ ފިލައިގެން ދިޔައީއެވެ. ފަތިސްނަމާދަށް ބަންގި ގޮވިއިރުވެސް ލިމްޝާއޮތީ ނުނިދި އެކަމާ ދޭތެރޭ ވިސްނާށެވެ. ބަންގި ގޮވުމުން ފަތިސްނަމާދުކޮށްލައިގެން ގޭތެރޭގައިވާ ބަގީޗާއަށް ލިމްޝާ ނުކުތީ ހާސްވެފައިވާ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.
ބަގީޗާގައި ހައްދާފައިވާ އެކިޒާތްޒާތުގެ މާގަސްތަކުގައި އަޅާފައިވާ މާތަކުގެ މީރުވަހުން މުޅިފަޒާގައި ވަނީ ހުވަނދުލެވިފައެވެ. ފަތިހުގެ ފިނިވައިރޯޅިތައް އައިސް ލިމްޝާގެ ފަންއިސްތަށިގަނޑުގައި ބޮސްދެމުން ދިޔައެވެ. ހަށަންބަދެލައިގެން ހުރެ މަޑުހިނގުމެއްގައި ގޮސް ލިމްޝާ އިށީނދެލީ އަނބުގަހުގައި އެލުވާފައި ހުރި ބޮޑު އުދޯލީގައެވެ.
އެޚިޔާލުތަކާ ދުރުވާން ލިމްޝާ ކުރިހާ މަސައްކަތެއްވީ ބޭކާރެވެ. އެއީ ލިމްޝާގެ ކަށީގައި ހަރުލާފައިވާ އާދައެކެވެ. ކަމަކާ ވިސްނަން ފަށާފިނަމަ އެކަމުގެ ހަގީގަތެއް ނޭނގެނީސް އެޚިޔާލުތަކާއި ދުރުވުމަކީ ލިމްޝާއަށް ކުރަން ވަރަށް އުނދަގޫކަމެކެވެ. ބައެއްފަހަރު އެގޮތަށް ވިސްނަމުންގޮސް ރޮވޭފަހަރުވެސް މަދެއް ނޫނެވެ. ޚާއްސަކޮށް މީހެއްގެ އަޅާލުން ލިބިއްޖެނަމަ އިތުރަށް ރޮވޭގޮތްވެއެވެ.
ބަގީޗާއަށް ނުކުމެގެންވެސް ހިތަށް އެއްވެސް ކަހަލަ ހަމަޖެހުމެއް ނުލިބުމުން ލިމްޝާ އެނބުރި ކޮޓަރިއަށް ދިޔައެވެ. މިގޮތުގައި ވަގުތުތައް ހޭދަވުމަށްފަހު އޮފީހަށްދާ ގަޑި ގާތްވުމުން އޮފީހަށްދާން ތައްޔާރުވެލިއެވެ.
އެހެން ދުވަސްދުވަހާ ޚިލާފަށް މިޔަދު އޮފީހުގައި ލިމްޝާ އިނީ ވަރަށް މަޑުމައިތިރިކޮށެވެ. އެއްވެސް މީހަކާ ވާހަކައެއްވެސް ނުދައްކައެވެ. މަސައްކަތެއް ކުރުމަކަށްވެސް މާބޮޑު ޝައުގުވެރިކަމެއް ނެތެވެ. އެއްފަހަރު ސުހާވެސް ކިހިނެއް ވެފާހޭ އަހާލިއެވެ. ކަމެއް ނުވެއޭ ބުނެ ކުރު ޖަވާބަކުން ލިމްޝާ ފުއްދާލިއެވެ. ނަމަވެސް ލިމްޝާއަށް އައިސްފައިވާ ބަދަލު އޮފީހުގެ ހުރިހާ މުވައްޒިފުންނަށްވެސް ފާހަގަކުރެވުނެވެ. އޭނާގެ މައުސޫމް މޫނަށް ނަޒަރު ހިންގާލާފި އެއްވެސް މީހަކަށް އެމޫނުމަތީގައިވާ ހިތާމައާއި މޮޅިވެރިކަން ސިއްރެއް ނުވާނެއެވެ. އެރީތި މޫނުމަތީގައިވާ ޖާދުވީ ހިނިތުންވުމުގެ އަސަރުވެސް މިޔަދު އެމޫނުމަތިން ފެންނާކަށް ނެތެވެ.
ލިމްޝާގެ ހިމޭންކަމާއި މަޑުމައިތިރިކަމުން ނަޝާމަށް އުނދަގޫވާންފެށިއެވެ. މަސައްކަތަށް ދެވޭ ސަމާލުކަމަށްވުރެ ބޮޑަށް އޭނާއަށް ސަމާލުކަންދެވުނީ ލިމްޝާއަށެވެ. އޭނާގެ ހަރަކާތްތަކަށެވެ. އެންމެފަހުން ކުރަންއިން މަސައްކަތް ހުއްޓާލުމަށްފަހު ލިމްޝާގެ ގާތަށް ދިޔައެވެ. އޭރު ލިމްޝާ އިނީ މޭޒުމަތީގައި ބޯއަޅާލައިގެންނެވެ.
“ލިމް ބަލީތަ..؟؟؟” ލިމްޝާއަށް ގޮވާލަމުން ނަޝާމް އަހާލިއެވެ. ލިމްޝާ ބޯހިއްލާލުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ. ނަމަވެސް އަނގަޔަކުން ނުބުނެއެވެ. އިސްޖަހާލައިގެން އިނީއެވެ. އެވަގުތު ސުހާވެސް އައިސް އެތާ މަޑުކޮށްލިއެވެ.
“ގޭމީހަކު ބަލީތަ…؟؟؟” ލިމްޝާގެ ބޮލުގައި ފިރުމާލަމުން މިފަހަރު ވާހަކަދެއްކީ ސުހާއެވެ. ލިމްޝާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުންޏެވެ.
“ދެން އެހެންވީއިރު ތިވެގެން އުޅޭގޮތެއް ބުނެބަލަ… ގޭތެރޭގައި ކަމެއް ހިނގީތަ…؟؟؟” ސުހާގެ މިޖުމްލައިން ލިމްޝާއަށް ބަލާލެވުނީ ސުހާގެ މޫނަށެވެ. އޭރު އޭނާގެ ބޮޑުދެލޮލުގައި ވިދަވިދާ ހުރީ ކަރުނައިގެ އަސަރުތަކެވެ. ސުހާގެ ގައިގާ ބައްދާލުމަށްފަހު ލިމްޝާ ރޯންފެށިއެވެ. ސުހާމެންގެ ގާތްކަން ލިބުމުން އިތުރަށް އިހުސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫވީއެވެ.
ލިމްޝާ ރޯންފެށުމުން ސުހާއާއި ނަޝާމް ތިބީ ވަރަށް ހާސްވެފައެވެ. އެހާމެ ދެރަވެސްވެފައެވެ. ނަސީބަކުން އެވަގުތު އެތާކު އެތިންމީހުން ފިޔަވައި އިތުރުމީހަކު ނެތެވެ. ބުރޭކްގަޑިއަށް ވުމުން ގިނަކުދިން ބުރޭކަށް ދިޔައީއެވެ.
“ލިމް ޕްލީޒް… ނުރޮއެ ތި ވެގެން އުޅޭގޮތެއް ކިޔާދީބަލަ…. ލިމްގެ ލޮލުން ކަރުނަ ފައިބާތަން ބަލާކަށް އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނޫން… ތިލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކަކީ އަހަރެންގެ ހިތަށް ހަރާލެވޭ ތޫނު ކައްޓެއްފަދަ…. އަހަރެން ލިމްދެކެ ވަރަށް ލޯބިވޭ….” ނަޝާމަށް ބުނެވުނު އެއްޗެއް ރޭކާލީ ސުހާއާއި ލިމްޝާ ސުވާލުގެ ނަޒަރަކުން ނަޝާމަށް ބަލާލުމުންނެވެ. އެންމެފަހުން އޭނާއަށް ބުނެވުނު ޖުމްލައަކީ މިވަގުތު ބުނުން އެހާ ރަނގަޅު ޖުމްލައެއް ނޫންކަން ވިސްނުމުން އަތުން އަމިއްލަ ބޮލުގައި ޖަހާލެވުނެވެ. ހާސްވެފައި ހުރިވަރުން އޭނާއަށްވެސް ވިސްނާނުލާ ބުނެވުނީއެވެ.
ލޮލުގައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު ލިމްޝާ ނަޝާމަށް ބަލާލިއެވެ. އަދި އެތަނުން ނުކުންނަން ހިނގައިގަތްވަގުތު ދުރުގައި ހުރި ޒަޔާން ފެނުމުން ހުއްޓުނެވެ. ބޮލުގައި ރިއްސަނީކަމަށްބުނެ ގެއަށްދިޔުމުގެ ހުއްދަ ހޯދުމަށްފަހު ލިމްޝާ ދިޔައީ ގެއަށެވެ.
ލިމްޝާ ދިޔުމުން ޒަޔާން އައިސް ލިމްޝާ ރޮއުނީ ކީއްވެތޯ އަހާލިއެވެ. ޖަވާބުގައި ވީގޮތެއް ނޭނގެއޭ ބުނެ އެތަނުން ދިޔުމަށްޓަކައި ނަޝާމް ހިނގައިގަތެވެ. ޒަޔާންވެސް ފަހަތުން އައިސް ނަޝާމްގެ ކޮނޑަށް އަތްލަމުން އޭނާ ގޮވައިގެން މިސްރާބު ޖެހީ ޒަޔާންގެ ކެބިންއާއި ދިމާއަށެވެ. ކެބިންއަށް ވަންގޮތަށް ނަޝާމް ގޮނޑިއަށް ވެއްޓިގަނެ އޭނާގެ ހަށިގަނޑު ދަމާލިއެވެ. އެއަށްފަހު ޓައީ ދޫކޮށްލަމުން މޫނުގައި އަތްހާކާލިއެވެ. އިސްތަށިގަނޑު ތެރެއަށް އިނގިލިތައް މަހާލަމުން ދެލޯމަރާ ހިންދިރުވާލިއެވެ. ޒަޔާން އިނީ ފަރުވާތެރިކަމާއިއެކު ނަޝާމްގެ ހަރަކާތްތަކަށް ބަލާށެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނަޝާމްގެ ހަރަކާތްތަކުން ޒަޔާން ދެނެގަތެވެ.
“ކިހިނެއްތަ ވީ….؟؟؟” ޒަޔާން އަހާލިއެވެ. ނަޝާމް ދެލޯ ހުޅުވާލުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ.
“އަހަންނަށް ބުނެވިއްޖެ ލިމް ދެކެ ލޯބިވާ ވާހަކަ….؟؟؟؟” ދުރުބަލަހައްޓައިގެން އިނދެ ނަޝާމް ބުނެލިއެވެ.
“ދެން އޭނަ ދޭނެ ޖަވާބަކާ ދޭތެރޭތަ ތިވަރަށް ތި ވިސްނަނީ…؟؟؟” ވިސްނާލަމުން ޒަޔާން އަހާލިއެވެ.
ނަޝާމް ފުން ނޭވާއެއް ދޫކޮށްލިއެވެ. “އޭނަ ދޭނެ ޖަވާބެއް ނޭނގޭތީވެ އެކަމާވެސް ވަރަށް ހާސްވެ… މިޔަދު އޮފީހަށް އައީއްސުރެ އޭނަގެ މޫޑު އެހާ ރަނގަޅެއް ނޫން… އަހަންނަށް ލޯބިވާ ވާހަކަ މި ބުނެވުނީ ރަނގަޅު ވަގުތަކު ނޫން….. އެހެންވެ ވަރަށް ބޯގޮވާއެބަ”
“ތިހާ ވަރަށް ނުވިސްނާ… މާތް ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…”
ރޭގަޑުގެ ވަގުތެވެ. ލިމްޝާއާއި އޭނާގެ އާއިލާ އިނީ ކާންށެވެ. ލިމްޝާއަކަށް ކެއުމަކާއިގެން ކުރިއަކަށް ނުދެވެއެވެ. ސަމްސަލާ ކުޅެލަ ކުޅެލާ ވިސްނުމަކަށް ގެއްލިފައި އޭނާ އިނެވެ. ލިމްޝާގެ މަންމައަށް މިކަން ފާހަގަ ކުރެވުނެވެ.
“ދަރިފުޅާ ކީއްވެ ނުކައި ތިއިނީ… އަވަހަށް ކާންފަށާ… މިހާރު ބޮލުގަ ރިއްސުން ރަނގަޅުތަ..؟؟؟” ލިމްޝާގެ ބޮލުގައި ފިރުމާލަމުން ލީނާ ބުނެލީ ނުހަނު ލޯތްބާ އެކީގައެވެ. ލިމްޝާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. އަދި ކުޑައެތިކޮޅެއް ނަމަވެސް ކެވޭތޯ އުޅުނެވެ. “މަންމާ އަޅުގަނޑު ވާހަކައެއް އަހާލަންތޯ…؟؟؟” ވަރަށް ވިސްނުމަށްފަހު ލިމްޝާ އަހާލިއެވެ. ލީނާ ބޮލުގެ އިޝާރާތުން އާނ އެކޭ ބުނެލިއެވެ.
“މަންމަމެން އަޅުގަނޑަށް އެއްވެސް ކަމެއް އެބަ ސިއްރު ކުރަންތޯ…؟؟؟ މިހެން މިބުނީ ރޭގަ މަންމަމެން ދެއްކި ވާހަކަ ކޮންމެވެސްވަރަކަށް އަޅުގަނޑަށް އަޑު އިވުނީމަ…” ލިމްޝާ އެއްފަހަރު މަންމަގެ މޫނަށް އަނެއް ފަހަރު ބައްޕަގެ މޫނަށް ބަލާލިއެވެ. ލިމްޝާގެ މިސުވާލުން ލީނާއާއި މަތީނުގެ މޫނުމަތިން ސީރިޔަސްކަން ފާޅުވާން ފެށިއެވެ. ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލީ ހާސްވެފައި އިނދެއެވެ.
“ދަރިފުޅު ފެންތަށި ބޯލައިގެން ދެން ދޭ ޓީވީ ބަލަން…” ކައިރީގައި އިން ލައިޝާއަށް ފެންތަށި ދެމުން ލީނާ ބުނެލިއެވެ. ލައިޝާ ފެންތަށި ހުސްކޮށްލުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ. ލައިޝާ ދިޔުމުން ލީނާ ބަލާލީ ލިމްޝާއާށެވެ. ލިމްޝާއިނީ “މިއިނީ އިންތިޒާރުގައޭ” ބުނާފަދަގޮތަކަށް ލީނާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ލީނާ ދެން ބަލާލީ މަތީންއަށެވެ. މަތީން ބޮލުގެ އިޝާރާތުން ވާހަކަ ކުރިޔަށް ގެންދިއުމަށް ބުންޏެވެ. ލީނާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އެއަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
“ދަރިފުޅާ މަންމަ މިޔަދު ދަރިފުޅަށް ހުރިހާ ހަގީގަތެއްވެސް ކިޔާދޭނަން… އެކަމަކު އޭގެ ކުރިން މިކަން ދަރިފުޅަށް ސިއްރު ކޮށްފައި ބޭއްވުނީތީ މަންމައާއި ބައްޕަ ދަރިފުޅުގެ ކިބައިން މާފަށް އެދެން…” ލީނާގެ މިޖުމްލައިން ލިމްޝާ އިތުރަށް ހާސްވިއެވެ. ލިމްޝާ މޭޒުމަތީގައި އޮތް ލީނާގެ އަތުގައި ހިފަހައްޓާލީ ނުހަނު ބާރަށެވެ. ލިމްޝާއިނީ ލީނާ ބުނަންއުޅޭ ހަގީގަތެއް ނޭނގޭތީ ނޭވާ ހިފަހައްޓާލައިގެންނެވެ.
“ދަރިފުޅާ… ދަރިފުޅުތީ މަންމަމެންގެ ދަރިއެއްނޫން…” ލީނާގެ މިޖުމްލައިން ލިމްޝާއަށް ލީނާގެ އަތުން ދޫކޮށްލެވުނެވެ. އޭނާއަށް ކޮޅަށް ތެދުވެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާގެ ބޮޑު ދެލޮލުން ކަރުނަ ނީރާލިއެވެ.
“ތީ ދޮގެއް… މަންމަ ސަމާސާ ކުރަނީ ދޯ… ޕްލީޒް މަންމާ ބުނެބަލަ ތީ ދޮގެކޭ… ކީއްވެ އެހެން ވާންވީ…؟؟؟” ލިމްޝާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. މަތީން ލިމްޝާގެ ބޮލުގައި ފިރުމާލިއެވެ. އަދި އޭނާ ގޮނޑީގައި ބޭންދިއެވެ.
“ދަރިފުޅާ މަންމަ އެބުނީ ތެދެއް… ދަރިފުޅު ދެރަވެދާނެތީ މިހުރިހާ ދުވަހަކު ބައްޕަމެން ދަރިފުޅަށް އެކަން ސިއްރުކުރީ…” ލީނާގެ ވާހަކަ ތެދު ކުރަމުން މަތީން ވާހަކަ ދެއްކިއެވެ.
“އެހެންވީއިރު ކޮބާ އަހަރެންގެ އަސްލު މައިންބަފައިން….؟؟؟” ކަރުނުން ފުރިފައިވާ ލޮލަކުން ލީނާއަށާއި މަތީންއަށް ބަލާލަމުން ލިމްޝާ ސުވާލުކުރިއެވެ.
“ދަރިފުޅަށް މިރޭ ހުރިހާ ހަގީގަތެއްވެސް މަންމަކިޔާދޭނަން…” މިހެން ބުނެފައި ލީނާ ލިމްޝާގެ ކުރިމަތީ މާޒީގެ ސޮފްހާތައް ހުޅުވާލިއެވެ.
“ދަރިފުޅުގެ މަންމަގެ ނަމަކީ ލައިލާ… ލައިލާއަކީ އަހަރެންގެ އެންމެގާތްއެކުވެރިޔާގެ އިތުރުން އަހަރެންގެ ދެބެންގެ ދެދަރި ކުއްޖެއް.. ލައިލާގެ އުމުރުން ދިހަ އަހަރުގަ ބައްޕަ މަރުވުމުން ލައިލާގެ މަންމަ އެހެން މީހަކާ އިނީ… އުމުރުން ސޯޅައަހަރުވީތަނާ ލައިލާގެ މަންމަވެސް މަރުވެއްޖެ… މަންމަ މަރުވުމުން ލައިލާ އުޅެމުން ދިޔައީ ދޮންބައްޕަގެ ގާތުގަ… ނަމަވެސް ރޭގަނޑު ނިދަން އަންނަނީ އަހަރެމެންގެ ގެއަށް… އެގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް އަހަރެންގެ ކައިވެނި މަތީންއާއި ކުރެވި އާއިލާއާއި އެކު އަހަރެން މާލެ ބަދަލުވީ…. އެދުވަސްކޮޅު ލައިލާގެ ދޮންބައްޕަ ބަލިވެ އުޅޭތީ ލައިލާއަށް އަހަރެމެންނާއި އެކު މާލެ ނާދެވުނު….
އޭގެ ދެއަހަރުވަރަކަށް ފަހުން އެއްރޭ ލައިލާއަށް ހޭލެވުނީ މީހެއްގެ ހޫނު ނޭވާތައް އޭނާގެ ކަނދުރާއަށް އެޅުމުން.. ލައިލާ ދެލޯ ހުޅުވާ ބަލާލިއިރު އޭނާގެ ދޮންބައްޕަ ހަމީދު، ބުޅާ މަސްގަނޑަކަށް ބަލާ ފަދައިން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އޭނާއާއި ދިމާއަށް ގުދުވެގެން އޮތް…. ލައިލާ މަސައްކަތް ކުރީ އެނުލަފާ މީހާގެ ކިބައިން ސަލާމަތްވާން…. ނަމަވެސް ވަރުގަދަ ބޮޑު ފިރިހެނެއްގެ ގާތުގައި ލައިލާއަށް ދެއްކޭނީ ކޮންބާރެއް…. އެހެން ނެހެދުމަށްއެދި އެތައް އާދޭހެއް ކުރުމުންވެސް އެނުލަފާ މީހާގަނޑު އެއާދޭސްތަކަށް ދިނީ ބީރު ކަންފަތެއް… އެހީއަކަށް އެދި އަޑުގެކޮޅަށް ހަޅޭލެވުމުންވެސް ދަންވަރުގެ ވަގުތުކަމުން އެއަޑު އަހާނެ މީހަކު އަދި އިވުނު މީހަކުވެސް ނެތް…. އެފަކީރު ރޮއެ ރޮއެ އޮއްވާ އެނުލަފާ މީހާގަނޑު ލައިލާގެ އިއްޒަތާއި އަބުރު ވެއްޔާ މޮޑެލީ…” ލީނާ އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަނެއްކާވެސް ވާހަކައާއިގެން ކުރިއަށް ދިޔައެވެ.
“ތިންމަސް ދުވަސް ވަންދެން ލައިލާއަށް އުޅެން ޖެހުނީ އެފަދަ ހާލެއްގަ… ކޮންމެ ރެއަކުވެސް ހަމީދުގެ އުނދަގޫ ލައިލާއަށް ފޯރަމުންދިޔަ…. އަޅާލާނެ ގާތް މީހަކު ނެތުމުން ލައިލާ ހުރީ ގޮތް ހުސްވެފަ… ހަމީދަކީ ރަށުގެ އިއްޒަތްތެރިއެއްކަމުން ލައިލާ ދައްކާ އެއްވެސް ވާހަކައެއް އެހެންމީހުން ގަބޫލު ނުކޮށްފާނެތީ ހަމީދުގެ ވާހަކަ އެއްވެސް މީހެއްގެ ގާތު ބުނާކަށް ލައިލާއަކަށް ނުކެރުނު…. އޭގެ ދުވަސްކޮޅެއްގެތެރޭގައި އެނގުނީ ލައިލާ ބަނޑުބޮޑުކަން… މިކަން އެނގުމުން ހަމީދު ލައިލާ ގެއިން ނެރެ އެއްލާލީ އެކަހަލަ ވިޔާ ނުދާ މީހަކު ގޭގާ ބަހައްޓާކަށް ބޭނުމެއްނޫނޭ ބުނެ…. އެއީ ލައިލާ އޭނާގެ ސިއްރު ލޯބިވެރިޔަކާއިއެކު ހިންގި ވިޔާ ނުދާ އަމަލެއްކަމަށް މީހުންގެ ގާތު ބުނުމުން މީހުންވެސް ގަބޫލުކުރީ ހަމީދުގެ ވާހަކަ… ލައިލާއަށް ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލަ… މުޅި ރަށުތެރެއަށް އެޚަބަރު ފެތުރިގެން ގޮސް ރަށުގެ މީހުންގެ މަލާމާތާއި ފުރައްސާރަ ލައިލާއަށް ކުރިމަތިވަމުންދިޔަ…. މިހުރިހާ ކަމެއް ހިނގައި ދިޔައިރު ލައިލާ އަހަންނަށް އަންގާވެސް ނުލި….” ލީނާ އަނެއްކާވެސް އޭނާގެ ކަރުނަތައް ފޮހެލިއެވެ. ލިމްޝާ އިނީ ލީނާގެ ވާހަކަ އަޑުއަހާށެވެ. އޭނާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ. ލީނާ އަނެއްކާވެސް ވާހަކަ ކުރިޔަށް ގެންދިޔައެވެ.
“ހަމީދު އެގެއިން ލައިލާ ބޭރަށް ލުމުން ލައިލާ ދިޔައީ ލައިލާގެ ބައްޕަގެ ގެއަށް…. އެގޭގައި ލައިލާ އުޅެމުން ދިޔައީ އެކަނި މާއެކަނި…. އޭނާގެ ހާލު ބަލާލާނެ މީހަކަށް އެރަށުގައި ހުރީ އެގޭ ކުރިމަތީ ހުންނަ ގޭގައި އުޅޭ މުސްކުޅި ފަގީރު އައިސައްތަ އެކަނި…. ބަނޑަށް ދުވަސްހަމަވެ ލައިލާ ވިހެއީ ދަންވަރުގެ ވަގުތެއްގައި ބޯވާރޭގެތެރޭގައި އައިސައްތައަށް ގޮވަންދިޔަ މަގުމަތީ އެއްވެސް މީހެއްގެ އެހީތެރިކަމަކާ ނުލާ…. ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑަށް އައިސައްތަ މަގަށް ބޯދިއްކޮށްލިއިރު ލައިލާއޮތީ މަގުމަތީ ހޭނެތިފައި… ކައިރީގައި އޮތް ތުއްތު ދަރިފުޅު ހުއްޓާލުމެއްނެތި ރޮމުންދިޔަ…. އައިސައްތަ ތުއްތު ދަރިފުޅާއި ލައިލާ އެގެއަށް ގެންގޮސް އެދެމައިންނަށް އެހީވި…. ޖެހިގެން އައިދުވަހު އަހަރެމެން ދެމަފިރިން ރަށަށް ދިޔައީ ކުއްޖަކު ނުލިބިގެން ދިވެހި ބޭސް ކުރުމަށްޓަކައި… ރަށަށް އެރުމާއިއެކު އަހަރެންގެ ކަންފަތާއި ހަމައަށް ލައިލާގެ ޚަބަރުތައް ލިބުނު… އަހަރެން ވަގުތުން އައިސައްތަ ގެޔަށް ދިޔައިން…. އޭރު ލައިލާ އޮތީ ހޭއަރާފަ… އަހަރެން ވަރަށް އެހުމުން ލައިލާ އަހަރެމެންނަށް ހުރިހާ ހަގީގަތެއް ކިޔާދިން… އަދި އޭނާގެ ލޯބިވާ އަންހެން ދަރިފުޅު އަހަރެމެންނާ ހަވާލުކުރީ އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލާދިނުމަށް އެދި ވަސިއްޔަތް ކުރަމުން….އޭރުވެސް ލައިލާގެ ހާލު ވަރަށްދެރަ… އަހަރެމެން ނިންމީ ޖެހިގެން އައި ދުވަހު ލައިލާ ގޮވައިގެން މާލެ ގެންގޮސް ފަރުވާ ދިނުމަށް…. ނަމަވެސް އެދުވަހުގެ ހަވީރު ލައިލާ މިކެހިވެރި ދުނިޔެއާއި އަބަދުގެ އަބަދަށް އަލްވަދާޢު ކިޔާފި…. މާތް ﷲ ލައިލާއަށް ހެޔޮ ރަޙުމަތް ލައްވާށި… އާމީން…” ލީނާ އޭނާގެ ދެއަތުން މޫނުގައި ފިރުމާލިއެވެ.
“ލައިލާ އެރޭ ވިހޭ ލޯބިލޯބި ދަރިފުޅަކީ ތިއީ ދަރިފުޅާ…. އޭގެ ފަހުން ދަރިފުޅު ބެލީ މަންމަމެން… ދަރިފުޅުގެ އުމުރުން ފަނަރަ އަހަރުގައި މާތްﷲ ގެ ހެޔޮ ރަޙުމަތްފުޅުން މަންމަމެންނަށް އުފަން ދަރިއަކު ލިބުނީ… އެއީ ލައިއްކޮ…. ދަރިފުޅަކީ މަންމަގެ އުފަންދަރިޔަކަށް ނުވި ނަމަވެސް މަންމަޔަށް ދަރިފުޅެކޭ ލައިއްކޮއެކޭ އެއްވެސް ތަފާތެއް ނެތް…. މަންމަ ތި ދެކުދިންދެކެ އެއްވަރަށް ލޯބިވޭ….” ލީނާގެ ވާހަކަ ނިމުމުން ލިމްޝާ ލީނާގެ ގައިގާ ބައްދާލައިގެން އިނދެ ރޮމުން ދިޔައެވެ.
“ދަރިފުޅާ… މިޔަދާ ޖެހެންދެން ދަރިފުޅަށް މިކަން ސިއްރުކުރެވުނީތީ ބައްޕަމެންނަށް މާފުކުރޭ….” ލިމްޝާގެ ބޮލުގައި ފިރުމާލަމުން މަތީން ބުނެލީ ނުހަނު ލޯތްބާ އެކީގައެވެ.
“ނޫން ބައްޕާ… ތިހެން ނުބުނޭ… އެދުވަހު އަޅުގަނޑަށް މަންމަޔާއި ބައްޕަގެ ލޯބި ދީގެން ބައްޕަމެން އަޅުގަނޑަށް އެހީ ނުވިނަމަ މިޔަދު އަޅުގަނޑު އުޅޭނެ ހާލެއްވެސް ނޭނގެ. އަޅުގަނޑު ފަށްފަށުން ބައްޕަމެންނަށް ޝުކުރު ކުރިޔަސް ނުފުދޭނެ. މާތް ﷲ މަންމައަށާއި ބައްޕައަށް ހެޔޮ ރަޙުމަތްލައްވާށި….” މިހެން ބުނެފައި ލިމްޝާ ކޮޅަށް ތެދުވެ މަތީންގެ މޭގައި ބޯއަޅާލިއެވެ. ލީނާ ލިމްޝާގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ބައްޕަމެން އެކޮށްދިން ހެޔޮކަމަށްޓަކައި ބައްޕަމެން އެދުނު ކޮންމެ ކަމެއް ކޮށްދޭން ލިމްޝާ ހިތުގެ އަޑިން އަޒުމް ކަނޑައެޅިއެވެ.
ލިމްޝާ ކޮޓަރިއަށް ގޮސް އެނދުގައި އޮށޯވެލިއެވެ. ހުޅުވާފައިވާ ކުޑަ ދޮރުން ހިތްގައިމު ފިނިފިނި ވައިރޯޅި ވަންނަމުން ދިޔައެވެ. ބައެއްފަހަރު ވައިރޯޅިއާއި އެކު ކުޑަދޮރުގައި އެލުވާފައި ހުރި ކާޓޭންގަނޑުވެސް ނަށާލައެވެ. ކޮޓަރީގައި ހަރުލާފައިވަނީ ކުޑަދޮރާ ދިމާލުގައި ހައްދާފައިވާ މާބަގީޗާގައިވާ މާތަކުގެ މީރުވަހެވެ. ލިމްޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ހަގީގަތް އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް މަންމަގެ ކަޅު ސޮފްހާތަކުން ހިތަށް އަސަރު ކުރިއެވެ. އެވަގުތު އޭނާގެ މަރުވެފައިވާ މަންމައަށް ހެޔޮރަޙުމަތް ލެއްވުމަށްއެދި މާތްﷲ ގެ ހަޟްރަތަށް ދުޢާ ދެންނެވިއެވެ.
ކުއްލިއަކަށް ދޮރު ހުޅުވާލުމުން ލިމްޝާ ސިހިފައި އެދިމާ ބަލާލިއެވެ. އޭރު ސުހާއާއި އެމީހުންގެ ސުކޫލްދައުރުގެ އެކުވެރިއެއްކަމުގައިވާ ޒީދާ އެތެރެއަށް ވަންނަނީއެވެ. ފަހަތުން ލީނާވެސް އައެވެ.
“މިހާރު ކިހިނެއް….؟؟؟” ނަދުވާ އަހާލިއެވެ.
“ރަނގަޅު…”ލިމްޝާ ހީލިއެވެ.
“އެހެންވީއިރު ހިނގާބަލަ ހިނގާލަންދާން…..” ލިމްޝާގެ އަތަށް ދަމާލަމުން ސުހާ ބުނެލިއެވެ. “ހިނގާލާށޭ…. މިހާރު ގަޑިން ވީވަރު އެނގޭތަ…. އެއޮތް އެގާރަ ގަޑި ފަނަރަވީ…. މިހާ ލަސްވީމަ ކޮންތާކަށް ދާން…؟؟؟” ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލަމުން ލިމްޝާ ބުނެލިއެވެ.
“ގަޑިން ވާވަރު އެނގެއޭ…. މާދަމާ އެއީ ނިއުއިޔާރ ފެށޭ ދުވަސް… އެހެން ވީމަ ގައިމުވެސް ކޮންމެވެސްތާކު ހަވާއަރުވާނެ މިރޭ…. ދެން ހިނގާބަލަ ދާން….”
“އެތެދެއް ދަރިފުޅާ… ދޭ އެކުދިންނާއެކު ގޮސްލާފަ އާދޭ…..” ލީނާ ބުނެލިއެވެ. ހަވާއަރުވާ މަންޒަރަކީ ލިމްޝާ ވަރަށް ބަލާ ހިތްވާ މަންޒަރެކެވެ. އެހެންކަމުން ރެޑީވެލައިގެން ސުހާމެންނާއެކު ދިޔައެވެ.
ލިމްޝާމެން މިސްރާބުޖެހީ ރާޅުގަނޑު ސަރަހައްދާ ދިމާއަށެވެ. ސުހާއާއި ޒީދާ މަޖާ އެކި ވާހަކަ ދައްކަމުން ދިޔައިރު ލިމްޝާ ހުރީ ހިމޭނުންނެވެ.
“އޭ ޒީދާ… ކޮބާތަ މިހާރު ޒައިކް… އޭނަ ހާދަ ނުފެނޭ މިހާރު…” ކުއްލިޔަކަށް ހުރެފާ ސުހާ ކޮށްލި ސުވާލަކުން ޒީދާގެ މޫނުމަތީގައިވި ހިނިތުންވުންފަނޑުވިއެވެ.
“އޭނަ އަހަންނާ ރުޅިވެއްޖެ….” މަޑުމަޑުން ޒީދާ ބުނެލިއެވެ.
“ކީކޭ…؟؟؟ ރުޅިވެއްޖޭ…؟؟؟ ކީއްވެ…؟؟؟” ލިމްޝާއަށާއި ސުހާއަށް އެއްފަހަރާ އަހާލެވުނެވެ.
“އަހަންނަކީ ނަހަލާލު ކުއްޖެއް ވީމަ….” ޒީދާގެ މި ޖުމްލައިން ހީވީ ލިމްޝާގެ މެޔަށް މީހަކު ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. ވާނީވެސް އެހެންނެވެ. އޭނާއަކީވެސް އެފަދަ ކުއްޖެކެވެ. އެކަން އެނގިއްޖާ އޭނަޔާވެސް ރައްޓެހިވާނެ ކުއްޖަކު ނުވާނެބާއޭ ލިމްޝާގެ ހިތަށް އެރިއެވެ.
“ރައްޓެހިވީއިރު ޒައިކްއަކަށް އެކަމެއް ނޭނގޭތަ….؟؟؟” ސުހާ މިހެން އަހާލުމުން ޒީދާ ބޯޖަހާލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ރާޅުގަނޑު ސަރަހައްދުގައެވެ. ގަޑިން ބާރަޖަހަން ދެމިނެޓަށް ވެއްޖެއެވެ.
“މިތާނގަ ހިޔެއް ނުވެ ކަމެއް އޮތްހެންނެއް….” ދިމަދިމާއަށް ބަލާލަމުން ޒީދާ ބުނެލިއެވެ. ޒީދާ މިހެން ބުނުމުން ސުހާއާއި ލިމްޝާވެސް ފަރާތް ފަރާތް ބަލާލިއެވެ. އެކަހަލަ ކަމެއްގެ އަލާމާތެއް ފެންނަން ނެތަސް އެތާ ވަރަށް މީހުން ގިނައެވެ. އެމީހުން ފަދައިން ކަމެއް އޮންނާނެ ކަމަށް އައިސް ތިބިހާ މީހުން ކަންނޭނގެއެވެ.
އެވަގުތު އެތާ ތިބި އެންމެންވެސް ސިއްސައިގެން ދިޔައީ އިވިގެން ދިޔަ ބާރު އަޑުފަށްގަނޑަކުންނެވެ. ދެން ފެނުނީ ގ.ބޯޅަދަނޑާ ދިމާލުން ރޮކެޓެއްހެން މައްޗަށް އަރައިގެންދިޔަ އަލިކޮޅު ފަޅައިގެން ގޮސް އެކިކުލަކުލައިން ދިއްލިފައިވާ އަލިފާން ކަނިތަކެއްހެން ބުރަބުރައިގެން އެކި ދިމާއަށް ދިޔަތަނެވެ. އޭރުގަޑިން ބާރަޖެހީއެވެ. ދުނިޔެ އާ އަހަރަކަށް ކުރިމަތިލުމުން ހަވާއަރުވަން ފެށީއެވެ. މިރީތި މަންޒަރާއިއެކު އެތަނަށް އެއްވެ ތިބިމީހުން އެއްއަޑުން “ވާއު” އޭ ބުނެލިއަޑު ފަޒާގައި ގުގުމައިގެން ދިޔައެވެ. މިމަންޒަރުވީ ލިމްޝާއަށް ވަރަށް ކަމުދިޔަ މަންޒަރަކަށެވެ. އެހެންކަމުން އޭނާ މަސައްކަތްކުރީ އެމަންޒަރުގެ ފޮޓޯއެއް ނަގާލުމަށެވެ. ފޮޓޯ ނަގަމުން ގޮސް ލިމްޝާއަށް ފަހަތަށް ޖެހިލެވުނުވަގުތު ގޮސް ލައްވީ މީހެއްގެ މޭމަތީގައެވެ. ލިމްޝާ އަވަސްއަވަހަށް ފަސްއެނބުރި ބަލާލިއެވެ. އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.







dear friends.. happy new year.. 🙂
samw to you dear.. v v salgi mi baivesss … waiting for the next part. .. hehe kaaku gai ga baa mi jehevuniiii… v v salhi igey. kiyaa hithun huhta e nimuni.. :-D:-D ♥
Happy new year everyone. Mi part. Vx hama v eythi :*
Nishaam gaiga jehuny hen hevany 🙂
Vvvvv nice update next part soon
Thanks ummi, shooty, minte and fary
v salhi…. update next part soon
V v v nice
Thanks shimaa n maash 🙂
kaaku kan bunelaafa ninmaali nama… anyways very nice and next part avaha up kohdhheh chey 😀
kobaatha aneh baiiiii eemiyaa …. waiting waiting waiting
Thanks aish…
kiyuntherin kudakoh thalhuvaalan vegen kaakukan nubuny…
Ummi 3rd ga up kohlan v masakai kurin… bt nunimuny… sorry for the delay…