ހުރީމެ އިންތިޒާރުގަ (5)
ސާހިލް ވިސްނަމުން ދިޔައީ ވަޒީފާއެއް ހޯދާނެ ގޮތަކާއި ދޭތެރޭއެވެ. މި މާހައުލާއި މުޅިން ދުރަށް ދިޔުމަށެވެ. އޭނާގެ ވެސް އަމާޒަކަށް ވީ އެ ހިސާބުގަނޑުގައި އުޅޭ ކަރީމެވެ. އެ ހިސާބުގަނޑުގައިވެސް ކިރިޔާވެސް ފުދިގެން އުޅޭ މީހަކީ އެއީއެވެ. އޭނާ މެދުވެެރިކޮށް އެތައްބަޔަކު މިހާރުވެސް ވަޒީފާ ހޯދައިގެން ހިނގައްޖެއެވެ.. ނަމަވެސް އެބުރި އަންނަނީ ވަޒީފާއަށްދާ ވަރަށް މަދުމީހެކެވެ. އަނބިންނާއި ދަރިން ތިބެނީ ވާއެއް ނުވާއެއް ނޭގިފައެވެ. އެތަނަށް ދެވުނީމަ އަންނަހިތް ނުވަނީވެސް ކަންނޭގެއެވެ. ނަމަވެސް ސާހިލްގެ ފަރުވާލެއް އެކަމުގައި ނެތެވެ. މިއަދު އޭނާ އަށް އަޅާލާނެ މީހަކު މިތަނުގައިނެތެވެ. އަންނަ ހިތް ނުވިޔަސް ވާނީ ކީއްހެްްޔެވެ. އެދާތަނަކުން ރަގަޅު ދިރިއުޅުމެއްވެސް ލިބިދާނެއެވެ. ހިތް ހެޔޮ އޯގާތެރިންވެސް ވާނެއެވެ. ސާހިލްގެ ހިޔާލުތައް ހުރީ އޭގެ އެންމެ އުހުގައެވެ.
ސާހިލް ދިޔައީ ކަރީމް އުޅޭ ގެޔަށެވެ. އެއީވެސް އަތު ޖައްސަން އެހާ ފަސޭހަ މީހެއް ނޫނެވެ. ނަސީބަކުން ސާހިލް އަށް ދެވުނީ ކަރީމް ގޭގައި އުޅެނިކޮށެވެ. ސާހިލް ފުރަތަމަ ފެނުމުންވެސް ކަރީމް އަށް އޭނާ އެއައީ ކޮން ބޭނުމަކުކަން އެގިއްޖެއެވެ. މިއީ ކަރީމަށް އާކަމެއް ނޫނެވެ. ރަށަށް އަންނައިރަށް ގޭދޮަށަށް އޭނާ ހޯދަން އެތައްބަޔަކު އާދެއެވެ. ކަރީމް އެދުނީ ވީހާވެސް އަވަހަކަށް ޕާސްޕޯޓު ހެދުމަށެވެ. އަތުގައި އެވަގުތު ހުރި މަދު ރުފިޔާކޮޅުވެސް އެއްކޮށް ދިނީ އޭގަވާ ގާނޫނުތަކާއި ގަވާއިދުތައް އެނގިގެނެއްނޫނެވެ. އޭނާ ހުރީ އެއަށްވުރެން ބޮޑަށް އެތަނަށް ދާން ބޭނުންވެފައެވެ.
******
ކަޝަފް އަށް އޮތީ ނުނިދިފައެވެ. ވިސްނަމުން ދިޔައީ ސާހިލް އާއި ދޭތެރޭގައެވެ. ސާހިލްގެ ހާލަތާއި ދޭތެރޭގައެވެ. ބައްޕަ ސާހިލްއާއި ދޭތެރޭ ކަންތައް ކުރެއްވި ގޮތާއި ދޭތެރޭގައެވެ. ބައްޕަ ކޮންމެ ގޮތަކަށް ކަންތައް ކުރެއްވިނަމަވެސް ކަޝަފް ބޭނުންވަނީ ސާހިލް އާއި ބައްދަލުކުރުމަށެވެ.
ކަޝަފް ސާހިލް އާއި ބައްދަލް ކުރާނެ ގޮތަކާއި ދޭތެރޭ ވަރަށް ވިސްނައިފިއެވެ. ފަތިސް ވެއްޖެއެވެ. އޭނާގެ ސިކުނޑިއަކަށް ގޮތެއް ނުނިންމުނެވެ.
ފަތިސް ނަމާދު ކޮށްލައިގެން ކުޑަދޮރުން ބޭރުބަލާލިވަގުތު ޑުރައިވަރު ގޭޓުން ވަދެގެން އަންނަނީއެވެ. މިއީ އޭނާގެ ޑިޔުޓީ ފެށޭވަގުތެވެ. ކަޝަފް ވަގުތުކޮޅެއްވެސް ނަގާނުލާ ކޮޓަރިން ނުކުތެވެ.
ޑުރައިވަރުގެ އެހީތެރިކަމާއެކު ސާހިލް އާއި ބައްދަލު ކުރުމަށް ނުކުތެވެ. ވަގުތުގެ ގޮތުން މަގުތައް ވަރަށްވެސް އަމާނެވެ. ކާރޫބާރޫ ބޮޑުވެގެން ކާރު ހުއްޓާލާކަށްވެސް ނުޖެހެއެވެ. ނަމަވެސް ކަޝަފް އަށް އިނީ އެ ގެއާއި ހިސާބަށް ދެވޭލެއް ލަސްވެފައެވެ.
މާގިނަ އިރުތަކެއްނުވެ ކާރު މަޑުކޮށްލައިފިއެވެ. ކަޝަފް ކާރުން ފައިބާ ރަގަޅަށް މުޅި ހިސާބުގަނޑަށް ބަލާލިއެވެ. މިތަނުގެ މީހުންގެ ދިރިއުޅުމުގެ ހހާލަތު ގެތަކަށް ބަލާލުމުންވެސް އެގެއެވެ. މިތަނުން ސާހިލް ދިރި އުޅޭތަނަކީ ކޮބާބާއެވެ.
ޑުރައިވަރުގެ ފަހަތުން ކަޝަފް ކުރިއަށް ހިނގަމުން ދިޔައެވެ.
އޭނާ ހުއްޓުނީ ކުޑަ ކުޑަ ގެއެއްގެ ކުރިމަތީގައެވެ. އަދި އެއީ ސާހިލް ދިރިއުޅޭ ގޭކަމަށް ބުންޏެވެ.
ކަޝަފް ދޮރުގައި ޓަކިޖަހާލުމަށް ނެގި އަތް ތިރި ކޮށްލީ ބޭރުގައި އަޅުވާފައި އިން ތަޅު ފެނުމުނުންނެވެ. ވަގުތުން ކަޝަފްގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. މީއޮތް ހުރިހާއިރު ސާހިލްއާ ބައްދަލުވާތީ އަވަސްވެފައިވާ ހިތް ހަމަ ހިމޭން ވެއްޖެއެވެ.
” ސާހިލް އިއްޔެ ހަވީރު މިގެ ދޫކޮށްފަ ހިނގައްޖެ” ޖެހިގެން ހުރިގެއިން ނުކުތް މީހަކު ބުންޏެވެ.
” ދިޔަތަނެއް އެގޭތޯ” ކަޝަފްގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯކޮށްލިއެވެ.
” ދިޔައީ ކޮންތަނަކަށް ކަމެއް އެއްވެސް ވަރަކަށް ނޭގެ. ” މި ޖުމްލައާއިއެކު ކަޝަފްގެ ހިތުގައި ރޯކޮށްލި ހުޅުކޮޅު ނިވި އެއްކޮށް އަދިރިވެއްޖެއެވެ.
ކަޝަފް އަވަސް އަވަހަށް ކާރަށް އަރައިފިއެވެ. އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ދެން ހަދާނެގޮތް ނޭގި ގޮތް ހުސްވެފައެވެ. ނަމަވެސް ދޭތެރެއަކުން ސާހިލް އާދޭތޯ ބެލުމަށް ޑްރައިވަރުކައިރިން އެދުނެވެ.
******
އަނެއްކާވެސް ” ތާޖުވިލާ” ކުލަބޮކިތަކުން ޖަރީވެއްޖެވެ. ބޮޑުދައިތަގެ ދަރިފުޅު ސަމީރު އައީއެވެ. ކަމާލް ހުރީ ދުވަސް ދުވަހުން ނިވިދިއްލެމުންދާ ބޮކިތަކަށް ނިމުމެއް ގެނައުމުގެ އުއްމީދުގައެވެ. އޭނާ ބޭނުންވަނީ މިފަހަރު ބޮކިތައް ދިއްލުމަށްފަހު ދެން ދުވަހަކުވެސް ނިއްވާނުލުމަށެވެ. ސަމީރުގެ މިފަހަރު ގެއަށް އެބުރި އެއައި އައުމަކީ ދާއިމީ އައުމަކަށް ހަދާށެވެ.
” މި ކުއްޖާ މިހާރު ހާދަ ބޮޑުވެއްޖެ. މީހަކާ އިންނަންވީއޭ ދެން” ކަޝަފް ފެނުމާއެކު ސަމާސާ ނުކޮށްލަ އެއް ސަމީރަކަށް ނުހުރެވުނެވެ.
” އަހަހަރެން މީހަކާ އިންނަ ވަރު ވެއްޖެތަ؟” ކަޝަފްވެސް ސަމީރު ކޮށްލި ސަމާސާއިން ދެރަވާކަށް ބޭނުމެއް ނުވިއެވެ.
” ނޫނޭ އެއްގޮތަކަށްވެސް ނުވޭ.. މިހާރު މާމައަށް ވުރެން މުސްކުޅި ވައްތަރު ޖަހަނީ” ކަޝަފް ރުޅި އަރުވާލުމަކީ ސަމީރު އަބަދުވެސް އެންމެ ކުރާހހިތުން ކުރާ އެއްކަމެވެ.
ގޭ އެންމެން މިމަންޒަރު ބަލަން ހެވި ދިލިފައި ތިއްބެވެ. ސަމީރު އައުމުން ގޭތެރޭގައި މުޅިން ހަލަބޮލި ވެއްޖެއެވެ. ހުނުމުގެ އަޑު ގޭތެރެއިން ކަޑައިގެންދާއިރެއް ނާދެއެވެ.
ނަމަވެސް ކަޝަފްގެ ހިތުގައިވާ މާޔޫސްކަން ފިލައިގެންނެއް ނުދެއެވެ. ދޭތެރެއަކުން ސާހިލްގެ ހަދާންތައް ކަޝަފްއަށް އުދަގޫ ކުރަމުން ދިޔައެވެ.
” ކީއްވެފަ ތިއިނީ” ސަމީރުއަށް ކަޝަފް މާމަޑުން އިންނަހެން ހީވެގެން އަހާލިއެވެ.
” އަހަރެން މުސްކުޅިޔޭ ބުނީމަ ދެރަވީތަ” ސަމީރުބެލީ އަނެއްކާވެސް ސަމާސާ ކޮށްލެވޭތޯއެވެ.
” އެއްވެސް ކަމެއް ނުވޭ ” މިހެން ބުނުމަށް ފަހު ކަޝަފް ހިނގައިތީ އެތަނުން ދިޔުމަށެވެ. އޭނާގެ ހިތުގެ ހާލު އެއްވެސްމީހަކަށް އަންގައިދޭން ބޭނުންނުވަނީއެވެ.
ކަޝަފްގެ އަޑުގައި ކޮންމެވެސް އެހެން ރާގެއް ވާކަން ދެނެގަންނާކަށް ސަމީރުއަކަށް އުދަގުލެއް ނުވިއެވެ. މީގެ ކުރިން އޭނާ އަކީ ހިތުގައި ކަންކަން ފޮރުވައިގެން އުޅޭ ކުއްޖެއް ނޫނެވެ.
******
މިރެއަކީ ” ތާޖު ވިލާ” އަށް އަންނާނެ އެންމެ މުހިންމު އެއްރެއެވެ. ކަމާލްގެ އެންމެ ބޮޑު ނިންމުން ނިންމާ ރެއެވެ. މިރޭ ކަމާލް އެކަން އިއުލާން ކުރާނެއެވެ. އެންމެން ތިބީ އުފަލުންނެވެ. ވާއެއް ނުވާއެއް ނޭނގިފައި ތިބީ ސަމީރުއާއި ކަޝަފްއެވެ. ވާން އުޅޭކަމެއް ނޭގުނަސް އެދެމީހުންވެސް އެހެންމީހުންހެ ހުރީ ހެވިފައެވެ.
ވަގުތު ޖެހިއްޖެްެއެވެ.
” މިރޭ އިއުލާން ކުރަން މި އުޅެނީ މިގޭގައި ވަރަށް އަވަހަށް ކައިވެންޏެއް ކުރެވޭނެ ކަން.” ކަމާލްގެ މިހެން ބުނުމާއެކު އެންމެން ކަޝަފްއާއި ސަމީރު އަށް ބަލަންފަށައިފިއެވެ.
” ޔަގީން އެއީ ކަޝަފްގެ ކައިވެނި” ސަމީރު ކަޝަފްގެ ކަންފަތް ދޮށުގައި ލާނެއް ފާޑަކަށް ބުންޏެވެ.
” ކިހިނެތް އެގެނީ އެއީ ސަމީރުގެ ކައިވެނި ނޫންކަމެއްވެސް” ކަޝަފް ވަކި ސަމީރުއަކަށް ދުލެއްނުކުރިއެވެ.
” ކަޝަފްއާއި ސަމީރުގެ ކައިވެނި އަންނަމަހުގެ ތެރޭގައި އިރާދަ ކުރެއްވިއްޔާ ކުރެވޭނެ” ކަމާލް މިހެން ބުނުމާއެކު އެންމެންނަށް އުފަލުން ކޮޅަށް ތެދުވެވިއްޖެއެވެ.
ކަޝަފް އަށް ލިބުނީ ޝޮކެކެވެ. ވަށައިގެން ހިނގަމުންދާ އެއްވެސް ކަމެއް ނޭނގެއެވެ. މަރުހަބާ ކިޔުމަށް މީހުން އަތުގައި ހިފާ ތަޅުވާއިރުވެސް ކަމެއްވާހެނެއްވެސް ހިއެއް ނުވެއެވެ.
ސަމީރުއަށްވެސް ވީ ހަމަ އެހެންނެވެ. އެ އިވުނު އަޑު އަދިވެސް އިނީ ގަބޫލު ނުކުރެވިފައެވެ. މިއީ ދުވަހަކު ހުވަފެނުންވެސް ފެނިދާނެކަމަށް ހީކުރި ކަމެއް ނޫނެވެ. މިކަހަލަ ކަމެއް ހިޔާލަށް ގެންނާނީވެސް ކިހިނެތް ހެއްޔެވެ. އަބަދުވެސް ސަމީރު ކަޝަފް އާއިދެތެރޭ ދެކުނީ ކޮއްކޮއެއްގެ ގޮތުގައެވެ. ސަމީރުގެ ހިތް ވަނީ ދުބާއީއަށް ދިޔުމާއި ހަމައިންވެސް އެހެން އަންހެންކުއްޖަކަށް ހިބައިން ދީފައެވެ. މިއަދު އެބުރި މިތަނަށް މަންމަ ދެކިލުމަށްވެސް މިއައީ އެކުއްޖާކައިރީ އެތަކެއް އަހުދަކާއި ވައުދުތަކެއް ކޮށްފައެވެ. ކައިވެނީގެ އެތަކެއް ފޮނި ހުވަފެން ތަކެއް ދައްކާފައެވެ. ނަމަވެސް ސިކުންތު ކޮޅެއްގެ ތެރޭގައި ބޭވަފާތެރިންގެ ލިސްޓަށް އެރީއެވެ. އެކުއްޖާގެ އޮތީ ކޮން ކުށެއް ހެއްޔެވެ.؟ ސަމީރުގެ ލޯ ވަގުތުން ފެންކަޅިވެެއްޖެއެވެ. މި ކައިވެންޏަށް އިންކާރު ކުރަން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް މި އެމެންގެ ކުރިމަތީގައި އާއިލާގެ ގަދަރު ކުޑަކޮށްލުމަކީވެސް ކުރަން ކެރޭވަރަށް ވުރެން މާ ބޮޑުކަމެކެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



V reethi…. Waiting fr nxt…
❤
Varah reethi.? maa sha Allah.? waiting for the next part ❤❤❤