ނޭނގިހުރެ ވެވުނު ލޯބި (8 ވަނަ ބައި)
މެންދުރުގެ އެވަގުތުގައި އިކާންއާއި ސާއިލާތިބީ މެންދުރުގެ ކެއުން ކާށެވެ. ފިހުނު ގެރިމަހާއި ވަރަށް ސޯސީކޮށް ކުޅިކޮށް ސާއިލާ ހަދާފައިހުރި މަޝްރޫމް ސްޕެގެޓީ ކާންތިބިއިރު އެދެމެދުގައި ދެކެވެމުން ދިޔައީ މަޝްހޫރު ސީރީޒް ފްރެންޑްސްގެ ވާހަކައެވެ. ވަރަށް މަޖާކޮށް ވާހަކަ ދައްކަމުން ދައްކަމުންގޮސް ކައި ނިންމާލައިފައި ފެންތަށި ބޯލައިން ތެދުވިގޮތަށް ސާއިލާ އަނގައިގައި އަތް އަޅަމުން ވަރަށް ބާރަށް ދުއްވައިގަތީ ފާހަނައާއި ދިމާއަށެވެ. އިކާންވެސް ސާއިލާގެ ފަހަތުން ދުވެފައި ދިޔައިރު ސާއިލާއޮތީ ފާހަނަތަށި ކައިރިޔަށް ގުދުވެ ފާހަނަ ތަށިތެރެއަށް ހޮޑު ލާށެވެ. އިކާންގޮސް ސާއިލާގެ ބުރަކަށީގައި ތަޅާލުމަށްފަހު އެހެންއެވީ މާއަވަސް އަރުވާލައިން މާކުޅިއެއްޗެއް ކެއުމުންކަމަށް ކިޔަމުން ދިޔައެވެ. ހޮޑުލައި ނިމިގެން ފާހަނައިން ރަނގަޅަށް ނުނިކުމެވެނީސް ސާއިލާ އަރި އަޅަލައިގެން ދިއުމުން އިކާން ދުވެފައިގޮސް ސާއިލާ ހިފެހެއްޓުނީ ކިރިޔާއެވެ. އިކާންއަށް ސާއިލާ ހިފެހެއްޓުންކަމެއް ނޭނގެނީސް އިކާންގެ އަތުތެރެއަށް ސާއިލާދެމުނެވެ. އަވަހަށް ސާއިލާ އަތް ދަނޑިމައްޗަށް އުފުލާލައިން ގެންގޮސް އިކާންގެ ކާރަށް އަރުވައިން އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ގޮސް އަވަސް ފަރުވާދޭބައިގައި އެޑްމިޓް ކުރުވިއެވެ.
ސާއިލާގެ ގައިން އެތަކެއް ބައިވަރު ޓެސްޓްތަކެއް ހަދަން ލޭނަގައިގެން ޓެސްޓް ކުރަން ގެންދިޔައިރުވެސް އެއްއަތަށް އައިވީއެއް ގުޅާލާފައި އޮތް ސާއިލާގެ ހެޔެއް ނާރައެވެ. އިކާން ގޮސް ބޭނުންވާ ބޭހާއި ޓެސްޓްތައް ހެދުމަށް ދައްކަން ޖެހޭ ރުުފިޔާ ދެއްކުމަށް ފަހު އައިސް ސާއިލާ ބާއްވާފައި އޮތް ވާޑަށް އައިއިރު ސާއިލާ އޮތީ ސީލިންގާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އިކާން އައިމުން ސާއިލާކައިރީގައި ހުރި ނަރުސް ކުއްޖާ ހީލާފައި ޓޭކް ކެއާރ އޮފް ޔުއާ ވައިފް އޭ ބުނެލާފައި ބޭރަށް ދިޔައެވެ.
ނަރުސްކުއްޖާ އެހެން ބުނި އަޑުވެސް ސާއިލާއަށް އިވުން ހެންނެއް ހިޔެއް ނުވެއެވެ. ސާއިލާ އޮތް ގޮތުން އޭނާ އެޔޮތީ ފުން ވިސްނުމެއްގައިކަން އިކާން އަށް އިނގުނެވެ. ސާއިލާ ހުންނަނީ ފާޑަކަށް ނަފްސާނީގޮތުން ބޮޑު ބަލިމަޑު ކަމެއްގެ ތެރެއަށް ވެއްޓިފައިކަން އިކާންއަށް އިނގޭތީވެ އިކާން އެމަސައްކަތް ކުރަނީ ސާއިލާ އަމިއްލައަށް އިކާން އަށް އޭނާ އެސިއްރު ކުރަމުންދާ ކަންތައްތައް ކިޔައިދޭތޯއެވެ. ޑޮކްޓަރެއްގެ ހައިސިއްޔަތުން ކޮންމެވެސް ވަރަކަށް ލަފާ ކޮށްލަން އިނގުނަސް މީހެއްގެ ސިކުނޑީގައި އެނބުރެމުންދާކަންތަކެއް އިކާންއަކަށް ވަކި ނޭނގޭނެ ތާއެވެ.
އިކާންއާއި ކޮންމެވެސް ވަރަކަށް އެހެނަސް ވަރަށް ކުރުކޮށް ސާއިލާއާއި ދިމާވި ކަންތައްތައް ހިއްސާކުރިނަމަވެސް ސާއިލާގެ ހަޔާތާ ބެހޭ މާބޮޑު ތަފްސީލެއް އިކާންއަކަށްވެސް ނޭނގެއެވެ. ސާއިލާ މީހަކާ ކައިވެނި ކުރިކަން އިކާންއަށް އިނގުން ނަމަވެސް އައިޒަންއާއި ކައިވެނި ކުރެވުނީ ކީއްވެ ކަމާއި ކިހިނެއްކަންވެސް އިކާންއަކަށް ނޭނގެއެވެ. އިކާން ސާއިލާއަށް އިކާންގެ ހަޔާތުގެ މާޒީވި ސަފުހާތައް ތަފްސީލުކޮށް ކިޔައިދީފައިވާއިރު ތެދުތެދަށް ބުނާނަމަ ސާއިލާއަށް އިކާންއާއި ބެހޭގޮތުން އިނގޭވަރަށްވެސް އިކާންއަށް ސާއިލާއާއި ބެހޭގޮތުން ނޭނގެއެވެ. ނަމަވެސް އިކާން ހިތްވަރު އެލުވައިނުލާ އެމަސައްކަތް ކުރަމުން ދަނީ ވަރަށް އަވަހަށް ސާއިލާ އޭނާގެ ހަޔާތުގެ ސަފުހާތައް އިކާންގެ ކުރިމަތީގައި ހުޅުވާލައިތޯއެވެ. އިކާން ބޭނުންނަމަ ޑަކްޓަރެއްގެ ހައިސިއްޔަތުންވެސް ސާއިލާއާއި ވަހަކަ ދެއްކިދާނެއެވެ. އެހެނަސް ޑަކްޓަރަކާ ޕާސަނަލް ވާހަކަތައް ހިއްސާ ކުރުމަށްވުރެ ގާތް އެކުވެރިޔަކާ ހިއްސާކުރަން ފަސޭހަ ވޭނެތިންވީމާ އިކާންއަށް ސާއިލާގެ ހިތުން ގާތް އެކުވެރިޔެއްގެ މަޤާމު ލިބެންދެން ހުއްޓާނުލާ މަސައްކަތް ކުރުމަށް ހިތާ ހިތުން އަޒުމު ކަނޑައެޅިއެވެ.
****
ގަނެގެން ގެނައި ޕޮޕްކޯން ތަށިން ޕޮޕްކޯރން ކަމުން ކޯލާ ބޮމުން ރޫބީ އިނީ ވަރަށް ޝައުގުވެރިކަމާއިއެކު ފިލްމު ބަލަން ކަމުން ކައިރީގައި އިން އައިޒަންއަށް ގޮތްތަކެއް ވަމުން ދިޔަކަން ރޫބީއަށް ރޭކައިވެސް ނުލައެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތް ކުޑަކުއްޖެއް ކާޓޫންއެއް ބަލަންް އިން ފަދައިން ރޫބީ އިނީ އެ ބިރުވެރި ފިލްމުގެ ތެރެއަށް ގެއްލި ހުސްވެފައެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވަރަށް އަވަސްއަވަހަށ ފުންކޮށް ނޭވާ ލައިގެން އައިޒަން އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ.
ފިލްމު ނިމިގެން އައިޒަން ރޫބީ ގެއަށް ލައިދޭން ދިޔަ މަގުމަތީ އެކަކު އަނެކަކާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަދިވެސް ފިލްމުގެ ތެރޭގައި އިން މީހެއް ހެން ރޫބީ އިނީ ވަރަށް މަޑު މަޑުންނެވެ. ކާރު އައިސް ރޫބީގެ ގޭ ދޮރުމައްޗަށް ހުއްޓާލިއިރުވެސް ރޫބީއަށް ވާނުވާ ވެސް ރޭކައި ނުލައެވެ. ދެފަހަރަކު އައިޒަން ގޮވާލުމުންވެސް ރޫބީއަށް އަޑުވެސް ނީވުނެވެ. އެއްތަނަކަށް ބަލަހައްޓައިގެން ރޫބީ އިނީ ހަމަ ރަނގަޅަށްވެސް ދެންމެ ބެލި ފިލްމާއި މެދު ވިސްނަންކަން އައިޒަންއަށް ފަހުމް ވުމުން ރޫބީ އިންގޮތުން އައިޒަންގެ ގާތަށް ހިނިވެސް އަންނަ ގޮތްވިއެވެ.
“ރޫ ބީ !!!!!!!!!!”އަޑަށް ބާރުލާފައި ރޫބީގެ ނަމުގައި ވާ ދެއަކުރު ވަކި ވަކިން ދަމާލައިފައި ގޮވާލުމުން ރޫބީ ސިހިފައި ދެލޯ ބޮޑުކޮށްލާފައި އައިޒަންއާއި ދިމާއަށް ބަލާލިގޮތުން ހީވީ ހަމަ އަސްލަށްވެސް ބޮޑު ބިރެއް ފެނިގެން ބަލާލިހެންނެވެ. ލިބުނު ސިހުމުގައި ރޫބީ އިނީ އެތެރެއަށް ދަމާލި ނޭވާވެސް ބޭރަށް ދޫކޮށް ލާން ހަނދާންނެތިފައެވެ.
ރޫބީއަށް ވީގޮތް ފެނިފައި އައިޒަން ނުހޭން އިންނަމަވެސް އައިޒަންއަށް ހަމަ ރީއްޗަށް ވެސް ހެވިއްޖެއެވެ. އައިޒަންގެ ފުރިހަމަ ރީތި ހިނިތުންވުން ރޫބީއަށް އެފެނުނީ އަލަށްކަމުން ރޫބީ އިނީ އާޝޯހުވެފައި އެސްފިޔަވެސް ޖަހައިނުލާ އައިޒަންއާއި ދިމާއަށް ބަލާށެވެ. “ތިވަރު މީހުން ގޮވައިން ކިހިނެތް ފިލްމު ބަލަންދާނީ.. ތީނދީ އަދިވެސް ފިލްމުގެ އެތެރޭގައިވިއްޔަ” ހެމުން ހެމުންގޮސް ހުނުން މައިތިރި ކޮށްލުމަށްފަހު އައިޒަން އެހެން ބުނުމުން ދެން އަވަހަށް ރޫބީ ގެޔަށް ގެންގޮސްދޭން ހިނގާށޭބުނުމުން އަނެއްކާވެސް ގަދަކަމުން މައިތިރި ކުރި އައިޒަންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. “އެޔޮށް ހުރިހާއިރު ގައިމު ފުންކޮށް ފިލްމާ މެދު ވިސްނިއްޖެތާ.. ގެއަށް އާދެވުން އިރުވެސް ނޭނގުނު ވިއްޔާ.. ނިދާފަ ދެން ހުވަފެނުގަވެސް ފިލްމު ކަންނޭނގެ މިކުއްޖާ ބަލާނީ” ފުރަތަމަ ފަހަރަށް ގާތްގޮތަކަށް ރޫބީއާއި އައިޒަން ވާހަކަ ދެއްކުމުން ރޫބީ އިނީ ވަރަށް ވެސް އުފާވެފައެވެ.
ކާރުގެ ދޮރުފަތުގައި އިން ބިއްލޫރިގަނޑުން ބޭރު ބަލާލިއިރު އަސްލަށްވެސް ގެ ފެންނަން އޮތުމުން ރޫބީއަވަހަށް ބާއި އޭ ބުނެފައި ކާރު ދޮރުފަތް ހުޅުވާލައިފައި ފައިބައިިގެން ކަޑަވެފައިހުރެ ގެޔަށް ވަންނަން ދިޔައެވެ. އާންމުގޮތެއްގައި ރޫބީ ބޭނުންކުރަނީ ސިޑިނަމަވެސް މިއަދު ސިޑިން އެރުމުގެ ބަދަލުގައި ލިފްޓަށް އަރާ އެންމެ މަތީ ފްލޯއަށް މިސްރާބުޖެހީ ސިޑިން އަރާނެހާ ހިތްވަރު ރޫބީގެ ގައިގައި ނެތީމައެވެ. ހަޤީގަތުގައި ރޫބީއަށް އައިޒަން ހައިސްކޫލްއިން ފެށިގެން ވަރަށްވެސް ކަމުދެއެވެ. އިތުރަށް ކިޔަވަން ބޭރަށް ގޮސް އެނބުރި ރާއްޖެ އައިއިރު އައިޒަން މީހަކާ އިން ހަބަރު ލިބުމުން ރޫބީ އައިޒަންއާއި މެދު ވިސްނުން ހުއްޓާލުމަށް އަޒުމް ކަނޑައެޅިނަމަވެސް އައިޒަންގެ އަންހެނުންނާއިއެކު ބޮޑު އެކްސިޑެންޓެއް ވެ އަނބިމީހާ އަށް ވީނުވީއެއްނޭނގި ގެއްލުމުން ރޫބީ އަލުން އައިޒަން ހާސިލު ކުރަން ބޭނުންވިއެވެ. އެއަޒުމުގައްޔާއި އަދި އެބޭނުމުގައި ބައްޕަގެ އޮފީހުގައި އައިޒަންގެ އޮފީހުން އެލިބުނު މަޤާމަށް ވުރެ މާމަތީ މަޤާމެއްގައި ހުރެ ދާއިމީ ކޮށް އެމަޤާމުގައި ހުރެވެން އޮއްވާ ރޫބީ ބޭނުންވީ އައިޒަންގެ ގާތުގައި އައިޒަން ފެންނަ ހިސާބުގައި މަސައްކަތް ކުރާށެވެ.
އޮފީހަށްދާއިރު ގަޔަށްބާރު ހެދުމާ ވީހާވެސް ކުރުކޮށް ހެދުންއަޅާފައި ރީތިކޮށް މޭކަޕް ކުރަނީވެސް އައިޒަން ރޫބީއާއި ދިމާއަށް އެންމެ ފަހަރަކު ނަމަވެސް ރުހުމުގެ ނަޒަރަކުން ބަލައިލާ ރީތިކޮށް ވާހަކަ ދައްކާލާތޯއެވެ. އެހެނަސް އައިޒަން ރީތިކޮށް ވާހަކަ ދެއްކީވެސް މިއަދު އެކަންޏެވެ. މަންމަ އާއި ބައްޕަ ރޫބީއާއި އައިޒަންގެ ކައިވެނި ހަމަޖެއްސިކަން އިނގުން ނަމަވެސް ރޫބީ ބޭނުންވަނީ އައިޒަންގެ ވެސް ލޯބި ލިބިގެން ލަވް މެރިޖެކެވެ. އެނޫންގޮތަކަށް ބުނާނަމަ ހަޤީގަތުގައި ރޫބީ އެރޭންޖްޑް މެރިޖެއް ބޭނުމެއް ނޫނެވެ. ނަމަވެސް އެރޭންޖްޑް މެރިޖްއެއް އައިޒަންއާއިއެކު ކުރެވިގެންވެސް ދެމީހުންނަށް އުފަލުގައި އުޅެވޭކަމަށްވާނަމަ ރޫބީގެ އެއްވެސް އިއުތިރާޒެއް އެކަމުގައިވެސް ނެތެވެ.
ގެއަށް ވަދެފައި ދުވެފައި ރޫބީ ނުކުމެގެން ދިޔައީ ރޫބީއަށް އެއާދެވުނީ އޭނާގެ ދަބަސް އައިޒަންގެ ކާރުގައި ބާއްވާފައިކަން ހަނދާންވުމުންނެވެ. ބާރުބާރަށް ދުވެފައި ދިޔައިރު އައިޒަން ކާރު ބޭރުގައި ދަބަސް ހިފައިން ހުއްޓެވެ. ރޫބީ އައިޒަން ކައިރިޔަށް އައިސް އަތް ދިމާކޮށްލުމުން އައިޒަންގެ އަތުގައި އޮތް ރޫބީގެ ދަބަސް ދިނެވެ. ދިނުމަށްފަހު އެންމެ ހިނދުކޮޅަކުވެސް މަޑުކޮށްނުލައި ކާރަށް އަރަންދިޔައިރު ރޫބީވެސް އޭނާގެ ދަބަސް ހިފައިގެން އަލުން ބިލްޑިނގ އަށް ވަންނަން މިސްރާބު ޖެހިއެވެ.
ރޫބީއަށް ގެޔަށް ވަދެވުނު ކަމެއް ނޭނގެއެވެ. ބާރުބާރަށް ހިނގާލައިފައި ގޮސް ކޮޓަރިޔަށްވަދެ ރޫބީ ލައިގެން ހުރި އަންނައުނުތައް ބާލަމުން އެތަންމިތަނަށް އުކާލައިފައި ގޮސް ފާހަނައަށް ވަދެ ޖަކޫޒީއަށް ފެންއަޅާލުމަށްފަހު ފެންގަނޑުތެރެޔަށް ރޯޒްބާތް އަޅާލުމަށްފަހު ޖަކޫޒީއަށް އެރި އެތަށްއިރެއްވަންދެން ޖަކޫޒީ ތެރޭގައި ލޯމަރާލައިގެން ރޫބީއޮތެވެ. ވަރަށް ހަމަޖެހިލައިގެން ބާތްރޯބްއެއް ނަގަމުން ފާހަނައިން ނުކުމެ ކުރު ސޯޓަކާއި ޓޭންކް ޓޮޕްކޮޅެއް ބޮލުން ވައްޓާލުމަށްފަހު އެނދަށްއަރާ ރަޖާގަނޑު ދަށަށް ވަންކަމެއް ނޭނގެނީން ރޫބީއަށް ފުން ނިންޖެއްގެ ތެރެއަށް ގެނބެވުނެވެ.
****
ސާއިލާއޮތީ ހޮސްޕިޓަލުން ގެޔަށް ނުދެވިފައެވެ. ބައެއް ޓެސްޓްތަކުގެ ނަތީޖާ ލިބިފައިވީއިރު ލޭ ވަރަށްބޮޑަށް މަދުވެފައި ވީތީވެ އައިވީ ގުޅާލައިފައި އޮތް އަތްނޫން އަނެއްއަތަށް ލޭ ޕެކެޓެއްވެސް ގުޅާފައިއިނެވެ. ސާއިލާ ބާއްވާފައި އޮތް އެނދުގެ އެއްފަރާތެއްގައި ހުރި ގޮނޑީގައި އިކާން އިށީނދެ އިނދެގެން އިދެގެން ސާއިލާއާއި އެކިއެކި ވާހަކަތައް ދައްކަމުން ގޮސް ކުއްލިއަކަށް އެއްޗެއް ހަނދާން ވާ ފަދައިން އިކާން ހީ ހީފައި ސާއިލާއަށް އެއްޗެއް ކިޔައިދޭން ފެށިއެވެ. ސާއިލާވެސް ވަރަށް ޝައުޤު ވެރި ކަމާއެކު އިކާން ދެއްކި ވާހަކަތައް އަޑުއަހަން އިނެވެ.
” އިނގޭތަ! ސާއިލާބަލަން އައި ޑަކްޓަރ ހީކުރީ އަހަރެން މީ ސާއިލާގެ ހަޒްބެންޑްކަމަށް. އެހެންވެ ޕްރެގްނެންސީ ޓެސްޓް ހަދަންވެސް ލޭނެގި. އަހަރެން ބޭސްނަގަން ގޮސް އައިތަނާ އައިވީގެ ޑްރޮޕްލެޓްސް އެޑްޖަސްޓް ކުރަންހުރި ނަރުސްކުއްޖަ އެހެން ބުނެފަ ދިޔައީ. ބުނީ ޓޭކް ކެއަރ އޮފް ޔުއަރ ވައިފް އޭ ހަހަހަ.” އިކާން އެވާހަކަ ދައްކާ ނިންމާލުމުން ސާއިލާއަށް ހެވިއްޖެއެވެ.
އެވަގުތު އެތަނަށް ޑަކްޓަރަކާ ނަރުހެއް އައުމުން ދެމިހުންގެ ނަޒަރުވެސް އެދިމާއަށް ހުއްޓިގެން ދިޔައެވެ. ދެމިހުންގެ މޫނަށް ބަލާލަމުން ހިނިތުން ވެލާފައި އެތަނަށް އައި މެދު އުމުރުގެ ޑަކްޓަރ ބުނެލި އެއްޗަކުން ސާއިލާގެ ދެލޯ ބޮޑުވެގެން ދިޔައިރު އިކާންއަށްވެސް އިނދެވުނީ ބަސް ހުއްޓިފައި ސާއިލާއާއި ދިމާއަށް ބަލާށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


Wow????… Varah reethi mi part vx❤????… Varah dhuvas kohlaafa dhw mi part kiyaalan mi libunee… Hehe?☺… Aizan and saailaa dhen nugulheyne thr??… Alhe konmes gothakun e dhemeehun gulhuvahchey… Varah miss vi ingey yoonnal mathin… Vaahaka up vehje tho vx mihaaru neynge belun varah hehe… Next part avahah up kohla dhehchey… Waiting for the next part. When next??? Ly yoonnal??❤?
ހާދަ ރީއްޗޭ…… ކޮން އިރަކުން އަނެއް އެޕިސޯޑު ގެނެސް …….❤️❤️??ދެނީ
Thankyou so much raany. insha’Allah varah avahah genesdheynan
Wow???…. Varah reethi mi part vx????❤… Varah dhuvas kohlaafa dhw mi part kiyaalan mi libunee.. Hehe?… Aizan and saailaa dhen nugulheyne thr??. Aizan and saailaa konmes gothakun gulhuvai dhehchey… Btw varah miss vi yoonnal mathin… Story up veytho belun varu vx neynge?… Next part avahah up kohla dhehchey. Mihaaru vx mihiree kiyaalaa hithun kehmadhu vefa???… Waiting for the next part????… Ly yoonnal
Maii mi story kiyaafa comment kurin enme furathama. Ekam pending ga kan innaanee inguneema anehka vx comment kuree????
Alhey mai this is so sweet. Yea I’m sorry for delaying it. Aizan aaa saaila gulheytho balan keep reading hingey dhoonyaa. I’m trying to finish it long and insha’Allah mi Tuesday ga genesdheynan. Thankyou Mai. Keep reading?✨??
Your comments motivate me so much to write story
Maasha Allah v reethi mi part vx…. Anekka saaila badubodu v baa…. Curiously Waiting fr nxt..
Thankyou Kylie . Let’s see dho alhe
Varah reethi…Maa sha allah
waiting for the next part??
Thank you yaanaa?
Varah Varah reethi mi vaahaka