ބެލްކަނީގައި ތިރިކޮށް ރާނާފައިވާ ގާފޮޅާއި ގާތްވަމުންދިޔައިރު މަރުން ސަލާމަތްވާން އިޝާރު މަސައްކަތްކުރިއެވެ. ދެފައިވިއްދާ ގަދަކަން ދެއްކިއެވެ. އޭރު އައްމާރު އޭނަގެ ކަރަށް ބާރުކޮށްލައިފައިވީ ގޮތުން އިޝާރުގެ ކަޅި މައްޗަށް އަރާފައިވިއެވެ. ނޭވާހާސްވެގެން ރޯ މަހެއް ތެޅޭފަދައިން އިޝާރު ތެޅެމުންދިޔައެވެ. އައްމާރުގެ ދެއަތް ކަރުނައްޓުވަން މަސައްކަތްކުރިއެވެ. ނޭވާހޮޅި ބެދެމުން ދިޔައިރުވެސް އޭނަ މަސައްކަތްކުރީ އަނގައިން ބަހެއް ބޭރުކުރެވޭތޯއެވެ. އައްމާރަށް އާދޭސްކުރާށެވެ. ނަމަވެސް އައްމާރުގެ ހިތުގައި ރަހުމުގެ ކުޑިފަށެއްވެސް ނުއުފެދުނެވެ.
އެ މަންޒަރު ބަލަން ތިބި ޒުވާނުން އެދޭތެރެއަށް ވަދެ އިޝާރުގެ ކަރުގައި ވާންކޮށްލެވިފައިވާ އައްމާރުގެ އަތް ނައްޓުވަން މަސައްކަތްކުރިއެވެ. އައްމާރު މިހާރު ހުރި ހިސާބުން މީހަކު މަރަންވެސް ފަސްނުޖެހޭނެކަން އެ ޒުވާނުންނަށް ޔަގީންވެއެވެ. އިރުކޮޅެއްފަހުން އައްމާރު ހަމަ ބުއްދިއައިފަދައަކުން އިޝާރުގެ ކަރުން ދޫކޮށްލިގޮތަށް ވަރުދެރަވެފައިވާ ބުޅާގަނޑެއް ފަދައިން އިޝާރު ދުރަށް ހޫރާލިއެވެ. ފިލާތަކެއްމައްޗަށް އިޝާރު ވެއްޓުމާއި އެކު ހަށިގަނޑުގައި އެޅި ވޭނާއިއެކުވެސް އިޝާރު ކޮއްޅަށް ތެދުވިއެވެ. އޭނަ އަވަސްވެގަތީ އެ ސިންގާއެއްފަދަ ކޮށިން ސަލާމަތްވެވޭތޯއެވެ. އައްމާރުގެ ރަހުމްކުޑަކަން އޭނަގެ ހަމަ ލޮލަށް ފެނިއްޖެއެވެ. ދެން އެތާގައި އެންމެ މިނެޓަކު މަޑުކުރިޔަސް އޭނަގެ ފުރާނަހުރި ހާލު އެތަނުން ނިކުމެވޭނޭ ކަމާއިމެދު އޭނައަށް ޝައްކެވެ.
ކަރުގައި އަތް ޖައްސާލައިގެން ހުރެ ކޮރު ޖަހަމުން ސިޑިއާއި ދިމާލަށް އިޝާރު ދިޔައެވެ. އޭރުވެސް އޭނަ ކޮށިގޮތަކަށް ކެއްސަމުންދިޔައެވެ. އޭނަގެ ކަރުގައި އައްމާރު ހިފައި ވާންކޮށްލިތަނުން އައްމާރުގެ އަތުގެ ނިޝާން ރީތިކޮށް ފާޅުވާން ހުއްޓެވެ. ވޭތުވެގެންދިޔަ މިނެޓްކޮޅަކީ އޭނަގެ ފަހު ވަގުތުކޮޅުހެން އޭނައަށް ހީވިއެވެ. ނޭވާނުލެވި ހާސްވެގެންދިޔައިރު އޭނަގެ ސިކުނޑި އައްސިވިއެވެ. އޭނަގެ ހަށިގަނޑު ފިނިވަމުންދިޔަކަމުގެ އިހުސާސް ކުރުވުނެވެ. މަރާއި އެހާ ގާތަށް އައުމަަށްފަހު އޭނައަށް ސަލާމަތްވެވުނީ ހެއްދެވި ފަރާތުގެ ރަހްމަތުގެ މަތިވެރިކަމުންނެވެ. މިހުރިހާ ދުވަހު އޭނަވީ އެ ފަރާތުގެ މަތިން ހަނދާންނެތިފައެވެ. ދުލުން ހެޔޮ ބަހަށް ބޭރުކޮށް އެފަރާތަށް ދުއާއެއް ދަންނަވަން ހަނދާންވީ ފުރާނަ ހަށިގަނޑާއި ވަކިވެދާނެހެން ހީވި ހިނދުއެވެ. އެވަގުތުކޮޅު އެ ހިތި އިހުސާސް އޭނައަށް ނުހަނު ބޮޑުކަމެއް ފަހުމްކޮށްދީފިއެވެ. ވިސްނާލަން މަޖުބޫރުކޮށްފިއެވެ.
އިޝާރު ވީއެންމެ އަވަސްގޮތަކަށް އެ އިމާރާތުން ބޭރުވިއެވެ. ނަމަވެސް އޭނައަށް އިމާރާތުގެ ބޭރަށް އަޅާލެވުނީ އެންމެ ފިޔަވަޅެކެވެ. އޭނާގެ ބޮލުގެ ފުންކިބައަށް ކުއްލިއަކަށް އެރި ބާރު އެތިފަހަރާއިއެކު އިޝާރުގެ މޫނުމައްޗަށް އަނދިރިވެގެންދިިޔައެވެ. ބޮލުގައި ނަގައިގަތް ޒަވި ރިހުމާއިއެކު އޭނަގެ ހަށިގަނޑު ވަރުދޫވިއިރު ތަނެއްގައި ހިފައްޓަން އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް ހަރަކާތެއް ނުގެނެވެނީސް ކަނޑާ ވައްޓާލި ރުކެއްފަދައިން އިޝާރުގެ ހަށިގަނޑު ބިންމައްޗަށް ޖެހުނެވެ. ދުނިޖަހާފައި ބޮލުން ފައިބައިގަތް ލޭގަނޑުން ތަޅުންގަނޑުގެ ފެވިގެންދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެ މަންޒަރު ދެކެން ހުރި ޒުވާނާ އޭނަގެ އަތުގައި އޮތް ލަޓިބުރި އިޝާރުގެ މޫނާއި ދިމާލަށް މަޅާލިއެވެ. އެވަގުތު ބާރު ހަޅޭކެއްގެ އަޑު އިވުނެވެ.
އެ އިމާރާތުގެ ކައިރީ ޕާރކްކޮށްފައިވާ ކާރަށް އަރަން އައި މަޔާންއަށް ފެނުނު މަންޒަރަކުން އޭނަގެ ދެފައި ބިމުން ކެނޑިގެން ދިޔަފަދައެވެ. އޭނަގެ އަޑު ހަޅޭކެއްގެ ގޮތުގައި ބޭރުވެގެންދިޔައީ އޭނައަށްވެސް ނޭނގިއެވެ. ހުޅުވާލެވިފައިވާ ކާރުގެ ދޮރު ލައްޕާލުމެއްވެސް ނެތި މަޔާން ދުވެފައި ގޮސް ބިންމައްޗަށް ވެއްޓިފައި އޮތް މީހާ ކައިރިއަށް ދެކަކޫ ޖަހާ ތިރިވިއެވެ. ތަންވަޅު ބަލައިގެން ދެމިގަތް ކުށްވެރިޔާގެ ފަހަތުން ދިޔުމުގެ ބަދަލުގައި މަޔާން އަވަސްވެގަތީ ބިންމަތީ ހޭހުސްވެފައިވާ މީހާއަށް ފަރުވާއެއް ދެވޭތޯއެވެ. އެ މީހާގެ އަތުގައި ހިފާ ވިންދު ލިބޭތޯ ބެލުމަށްފަހު އޭނަ އެންބިއުލާންސަށް ގުޅިއެވެ. ފުލުހުންނަށް ގުޅާ ވެހިކަލް ފޮނުވުމަށް އެދުނެވެ. އެ ހުރިހާކަމެއް ކުރަމުންދިޔައިރުވެސް ހޭހުސްވެފައިވާ މީހާގެ މޫނަށް ބަލާލާކަށް މަޔާން ހަނދާނެއް ނުވިއެވެ.
ފުލުސް އޮފީހަށް ކުރި ކޯލް ނިންމާލުމަށްފަހު ކަންފަތާއި ފޯނު ދުރުކޮށްލި މަޔާންގެ ނަޒަރު އެ މީހާގެ މޫނަށް ދަތުރުކުރީ އޭނަގެ އިހްތިޔާރަކާއިނުލާއެވެ. އެއާއިއެކު މަޔާން ސިހިގެންދިޔައެވެ. އޭނަގެ ހަރަކާތްތަކަށް އައި މަޑުޖެހުމާއިއެކުވެސް އިޝާރަށް ފަރުވާއެއްދޭން އޭނަ އަވަސްވެގަތެވެ. އިޝާރުގެ ބޮލުން ބޭރުވަމުންދާ ލޭމަނާނުވެ އެންބިއުލާންސްވެސް ނައިސް ލަސްވާތީއާއިއެކު އެވަގުތު އެތަނާއި ކައިރިވި ދެފަރާތެއްގެ އެހީގައި އިޝާރުގެ ހަށިގަނޑު ނަގައި މަޔާންގެ ކާރަށް އެރުވިގޮތަށް ހޮސްޕިޓަލާއި ދިމާލަށް މިސްރާބުޖެހިއެވެ.
*** *** *** *** *** ***
ހޮސްޕިޓަލަށް ގެނައުމަށްފަހު އިޝާރަށް އަވަސްފަރުވާދޭ ބައިގައި ފަރުވާދިނުމަށްފަހު ޕްރައިވެޓް ރޫމްއަކަށް ބަދަލުކުރެވުނެވެ. އެ ހުރިހާ ކަމަކާއި އިސްނަގައިގެން އުޅުނީ މަޔާންއެވެ. އިޝާރު އޭނައާއި މެދު ކޮންމެ ގޮތަކަށް ދެކުނު ނަަމަވެސް އެކަން ހިތުގައި ނުބާއްވާ މަޔާންގެ އޭނާގެ ވާޖިބު އޭގެ ފުރިހަމަގޮތުގައި އަދާކުރިއެވެ. އިޝާރުގެ ރޫމްގެ ކަންތައް ހަމަޖެއްސުމަށްފަހު ކައުންޓަރާއި ދުރުވި މަޔާން ޝަލީންއަށް ގުޅާ އެ ހަބަރުދިނެވެ. އިޝާރުގެ ފަރުވާގެ ކުރީން އޭނަ ޝަލީންއަށް އެ ހަބަރުނުދީ ލަސްކޮށްލީ ޝަލީން ހާސްވެދާނެއަތީއެވެ. މަޔާން މާބޮޑު ތަފްސީލެއްނެތި ޝަލީން ގާތު ބުނެލުމަށްފަހު ފޯނު ބޭއްވިގޮތަށް އިޝާރު އޮތް ރޫމްއަށް ވަދެލިއެވެ.
މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑަށް އެނދުގައި އޮތް އިޝާރު ލޯހުޅުވާލައި ބަލާލިއެވެ. އޭނަގެ ސަލާމަތްކުރި މީހަކު އިނގުމުގެ ބޭނުމުގައި ދޮރާއި ދިމާލަށް ބަލާލި އިޝާރުއަށް ފެނުނު ސޫރައަކުން ހިނދުކޮޅަކަށް އޭނަގެ ސިކުނޑި ގަނބުވިއެވެ. ޤަބޫލުކުރަން ދަތިވެފައި އޭނައަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނަމަވެސް މަޔާންގެ ގަމީހުގައި އުނގުޅިފައިވާ ލޭތައްވެސް އޭނައަށް ޤަބޫލުނުކުރެވިގެން އުޅޭ މަންޒަރަށް ހެއްކަކަށްވިއެވެ.
“މަޔާން… މަޔާންތަ އަހަރެން ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެނައީ…” ޤަބޫލުނުކުރެވިފައިވާފަދަ ގޮތަކަށް އިޝާރު ސުވާލުކުރިއެވެ.
“ލައްބަ… މިހާރު ކިހިނެތްތޯ…” މަޔާން ހުރީ އިޝާރާއި މުއާމަލާތުކުރާނޭގޮތެއް ނޭނގިފައެވެ. މިއީ އޭނަ އެންމެ ލޯބިވާ ފަރާތުގެ ބައްޕަކަމުގައިވިޔަސް އޭނައާއި އެއްވެސް ގުޅުމެއްނެތް ފަރާތެކެވެ. އިޝާރު ނުހައްޤުން އޭނަދެކެ އަންނަ ރުޅިއާއިއެކު އޭނަ މިތަނުން ބޭރުނުކުރީތީ މަޔާން ޝުކުރުކުރިއެވެ.
“ޝުކުރިއްޔާ….” އިޝާރުއަށް އިސްޖަހާލެވުނީ ލަދުގަތްވަރުންނެވެ. އޭނަގެ ނުބައިކަން ހެޔޮ އަމަލެެއްގެ ގޮތުގައި މަޔާން ރައްދުކުރިގޮތުން އޭނަ އިސްއޮބާލަން މަޖުބޫރުކޮށްފިއެވެ. އޭނަގެ މަޤާމުގައި މަޔާން ހުރިނަމަ ގައިމުވެސް އޭނަ ކަންކުރާނޭގޮތް މަޔާންއާއި ތަފާތުވާނެއެވެ.
ދުޝްމިނެއްގެ ގޮތުގައި އޭނަ ނަންކޮށް އަދި ގަދަކަމުން ހުރިހާ އުފަލަކާއި ވަކިކުރުވި އޭނަގެ އަދުއްވު މަރުން ސަލާމަތްކޮށްގެން މަޔާންއާއި މެދު އެހެންގޮތަކަށް ވިސްނަން މަޖުބޫރުވާފަދަ މިސާލެއް މަޔާން އޭނައަށް ދައްކައިދީފިއެވެ. މިޙުރާންއާއި މަޔާންއަށް ދިން ތުރާތަކަށްފަހުވެސް މަޔާންގެ ހިތް އޭނަައާއި މެދު ކަފަކޮޅެއްހާ ސާފެވެ. ވާހަކަދެއްކީ އިހުތިރާމާއިއެކުގައެވެ. އެކަމަކު އެހާ މަތީ މަޤާމެއްގައި ހުރިއިރު މަޔާންްއަށް އޭނައަށް ކުރެވުނީ ކޮން އިހުތިރާމެއް ހެއްޔެވެ؟ ޙައްޤުން ކަމަކާއިނުލާ އެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލީއެވެ. ހިތަށް އެރިހާ އެއްޗެއް ކިޔާލިއިރުވެސް މަޔާންގެ ފަރާތުން ދިފާއުގައި ބަހެއްވެސް ބޭރެއްނުވިއެވެ. ކިޔަމަންތެެރިކަމާއި ރިވެތި އަޙްލާޤްގެ ނަމޫނާއެވެ. ކުރިން އޭނައަށް އެ ސިފަތައް ފާހަގަނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟
“ޝުކުރު އަދާކުރާވަރުގެ ކަމެއް ނޫނޭ… މިހިރީ މިވަގުތަށް ބޭނުންވާނޭ ބައެއް ބޭސްތައް… އަޅުގަނޑު ޝަލީއަށް… އަމް.. ބޭބެގެ އާއިލާއަށް އަންގައިލައިފިން… އިތުރުކަމެއް ނެތްނަމަ އަޅުގަނޑު ގޮސްލީ…” އެނދުގައި ކައިރީގައި ހުރި ކަބަޑު މަތީގައި ބޭސްކޮތަޅު ބަހައްޓާލަމުން މަޔާން ވާހަކަދެއްކިއިރު އިޝާރުގެ ނަޒަރު ހުއްޓުނީ ގަމީހުގެ އަތުކުރި މައްޗަށް އޮޅާލައިފައިވާ މަޔާންގެ އަތަށެވެ. އަތުގެ އުޅަބުއްޓާއި ހަމައިގައި ހިއްޕާލެވިފައިވާ ކަފަކޮޅުން އޭނައަށް ލޭ ހަދިޔާކުރީ މަޔާންކަން ދެނެގަންނާކަށް އިޝާރަކަށް އުނދަގުލެއްނުވިއެވެ. އޭނަގެ އަތާއި ގުޅާލެވިފައިވާ ލޭޕެކެޓާއި ދިމާލަށް ބަލާލެވުނެވެ.
ކޮޓަރީގެ ދޮރުހުޅުވާލައިފައި މަޔާން ނިކުތްއިރު އިޔާނާ ޝަލީން ދުވެފައި އައިސް ދޮރާއި އަރާހަމަވީއެވެ. މަޔާން ފެނުމާއިއެކު ޝަލީން ހުރިތަނަށް ގަނޑުވިފަދައެވެ. އެލޮލުގައި މިވަގުތު ވިދަމުންދިޔަ ކަރުނަތައް ފެނިފައި މަޔާންގެ ހިތަށް އުނދަގޫވިއެވެ. އެ ކަރުނަތައް ފުހެލައި އެ މޭގެ ތެރޭ ޝަލީން ފޮރުވާލަން ބޭނުންވިޔަސް އިޔާނާ ހުރުމުން މަޔާންއަކަށް އެ ހިތްވަރެއްނުކުރެވުނެވެ. ޝަލީންގެ ލޮލާއި ގުޅިފައިވާ ނަޒަރު އެހެންދިމާލަށް ބަދަލުކޮށްލަމުން މަޔާން ޝަލީންއާއި އަރާހަމަވެ އެއަތުގައި ހިފައި ފިއްތާލިއެވެ. އެ މަޑު އަތްތިލައިން މަޑުމަޑުން ދޫކޮށްލުމަށްފަހު ދުރަށް ހިނގައިގަތެވެ.
*** *** *** *** *** ***
ތެތްވެފައިވާ އިސްތަށިގަނޑު ތުވާލިން ހިއްކަމުން ޝާދީން ފާހަނައިން ނިކުމެގެން އައިރު އެލޯ ރަތްވެފައިވެއެވެ. މޫނުވެސް ރަތްވެގެންގޮސް ތުވާއްޏާއި އެކުލައަކަށްވެފައިވެއެވެ. ލޮލުގެ ބޮޑި ދުޅަވެ އަރާފައިވާއިރު ލޯކައިރީ ހެދިފައިވާ ކަޅުދާއިރާއިން އެރީތިކަން ފަޑުކޮށްލައިފައިވެއެވެ. ނޭފަތާއި ތުންފަތްރަތްވެފައިވެފައިވާއިރު އެ މޫނުމަތީގައި އާރޯކަމެއްނުވެއެވެ. ގިނަ ދުވަހު ބޮޑު ހިތާމައެއްގައި އުޅެފައިވާ މީހަކާއި ތަފާތެއް ނެތެވެ.
ބޮލުގައި އޮތް ތުވާލި ވަކިކޮށްލިގޮތަށް ޑްރެސިން ޓޭބަލް ކުރިމަތީ ޝާދީން އިށީދެލިއެވެ. ލޯގަނޑުން ފެންނަ ސޫރަައަށް ޝާދީން ބަލަހައްޓައިގެން އިނދެވުނީ ކުރާނޭ ކަމެއް ނޭނގިފައި ކަހަލަ ގޮތަކަށެވެ. ފަރިވެ ނަލަވުމަކީ އޭނަ މިހާރު އެންމެ ކުރަން ބޭނުންނުވާ ކަންތަކެވެ. ކޮޓަރީގެ ހަތަރު ފާރުތެރޭ ބަންދުވެގެން އޮވެ ރޮއެ ހިތާމަކުރުން ނޫނީ އޭނައަށް ހިތްހަމަޖެހުން ލިބޭކަމެއްނެތެވެ. އޭނަގެ ދިރިއުޅުން މިފަދަ ފައްތަރަކަށް ވެއްޓޭނޭ ދުވަހެއް އަންނާނޭކަމަކަށް އޭނަ ދުވަހަކު ހިޔެއްނުކުރެއެވެ. އޭނަގެ ދިރިއުޅުން ކުއްލިއަކަށް މިވެއްޓުން އަޑިގަނޑު އުސްގަނޑަކަށް އަރައިނުގެނޭވާހާ ފުނެވެ. މިއަޑިގަނޑުން ދުވަހަކު އަރައިގަނެވޭނޭކަމެއް ނޭނގެެއެވެ.
ޝާދީންގެ ސިކުނޑި ހިޔާލުގެ ސިލްސިލާއާއި ލާމެހިގެން ދިޔުމުގެ ކުރިން ކޮންމެވެސް މީހަކު ކޮޓަރީގެ ތަޅުގައި ހިފައި ދޮރު ހުޅުވާލައިފިއެވެ. ޝާދީންގެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވިއެެވެ. އޭނަވަނީ ނޯކަރުންނަށްވެސް އޭނަގެ ކޮޓަރިއާއި ހަމަޔަށް ނައުމަށް އަންގާފައެވެ. އެއްވެސް މީހެއްގެ އެހީތެރިކަމެއް އޭނަ ބޭނުމެއްނޫނެވެ.
ވަންނަން ނުކެރިފައި ހުރިކަހަލަގޮތަކަށް ކޮޓަރިއަށް ވަދެގެން އައި ހައިޒަލް ޝާދީންއަށް ފެނުނީ އޭނާގެ ކުރިމަތީ ހުރި ލޯގަނޑުންނެވެ. ހައިޒަލްގެ ސޫރަ ލޯގަނޑަށް އެރި ވަގުތުކޮޅުން ފެށިގެން ހަށިގަނޑަށް ހަރަކާތެއްގެންނާކަށްވެސް ޝާދީންގެ ހަށިގަނޑު އެއްބަހެއްނުވިއެވެ. ލަސްފިޔަަވަޅުތަކެއްގައި ހައިޒަލްއާއި އޭނައާއި އަރާހަމަވީއިރުވެސް ލޯގަނޑަށް ނަޒަރު ހުއްޓާލިގޮތަށް ޝާދީން އިނީއެވެ.
“ދޮންތާ….” ހައިޒަލް ދެކަކޫ މައްޗަށް ތިރިވިގޮތަށް ޝާދީންގެ ކޮނޑުގައި ބޯއަޅާލިއެވެ. އެއީ ކަމަކާއި ދެރަވެއްޖެނަމަ ކުޑައިރުވެސް ހައިޒަލް ހަދާ ގޮތެވެ. އެދުވަހެކޭ އެއްފަދައިން މިއަދުވެސް ދޮންތަގެ އުނގުތެރޭގައި އޭނަ ފޮރުވާލާނޭކަމަށް ހައިޒަލް އުންމީދުކުރިއެވެ. ނަމަވެސް ޝާދީންގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނުނެވެ.
“ދޮންތާ… ޕްލީޒް… އަހަރެން ތިވަރަށް ދުރުކޮށްނުލާ… ދޮންތަ ނުރުހޭކަމެއް އަހަންނަށް ކުރެވިފައިވާ ނަމަވެސް ބުނޭ… އަހަރެން ކުށްވެރިކުރޭ… އެކަމަކު ތިގޮތަށް އަހަންނާއި ވާހަކަ ނުދައްކާ ނުހުރޭ… މިއަދު އަހަރެންގެ މަންމައަކީވެސް ބައްޕަައަކީވެސް ދޮންތައަކީވެސް ތިއީ….” ހައިޒަލްގެ ލޮލުން ވެއްޓުނު ކަރުނަތިކީގެ ފިނިކަން ޝާދީންގެ ކޮނޑާއި ދިމާލުން އިހުސާސްވެގެންދިޔައިރު ޝާދީން ނުރޯންވެގެން ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ.
“އަހަންނަށް ދޮންތަ ހިތުގައި ޖެއްސިފައިވާނަމަ އަަހަންނަށް މައާފުކޮށްދީ… އަހަންނަށް އިނގޭ ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން… އެހުރިހާކަމެއް އިނގުމުގެ ހައްޤު ދޮންތައަށް އޮތްކަން… އެކަމަކު ބުނާނެހާ ހިތްވަރު އަހަންނަށް ނުކުރެވުނީ… އަހަރެން ދޮންތައަށް ކަންކަން ސިއްރުކުރަން ފެށީ ދޮންތަ ދުރުވެގެނެއްނޫން… ކިޔައިދީގެން ދޮންތަައަށް ދެރައެއްދޭން ބޭނުންނުވާތީ…. ބައްޕައާއި ދޮންތަ ޖައްސަން ބޭނުންނުވާތީ… އެއަށްވުރެ ދޮންތަގެ އުފާތަށް އަހަންނަށް މުހިންމުވީތީ… ތިއީ އަހަރެން މިދުނިޔެއިން އެންމެ ލޯބިވާ ފަރާތް….” ހައިޒަލް މަޑުމަޑުން މާޒީގެ ސޮފްހާތައް ޝާދީންގެ ކުރިމަތީ ނިއުޅަންފެށިއެވެ. އެންމެ ސަފްހާއެއް ވައްޓާލުމެއްނެތި ކޮންމެ ވާހަކައެއް ކިޔައިދެމުންދިޔައިރު ހައިޒަލްގެ ލޮލަށް ކަރުނަ ފުނިޖެހުނީ ޝާދީންގެ ހިތަށް ކުރާނޭ އަސަރު އިހުސާސްކުރެވިފައެވެ. އެއީ ޝާދީންއަށް އަޑުއަހަން ފަސޭހަ ވާހަކަތަކަކަށް ނުވާނެއެވެ. ނަމަވެސް އޭނަގެ ހިތްއެކީހެން ޝާދީންގެ ކުރިމަތީ ހުޅުވައިލައިގެންވެސް އެދެމެދުގައި ދުރުކަމަށް ނިމުމެއް ގެންނަން އޭނަ ބޭނުމެވެ. ލޭގެ ގުޅުމެއްނެތަސް ޝާދީންއަކީ އަދިވެސް އޭނަގެ އެއްބަނޑު އެއްބަފާ ދައްތައެެވެ. އެ ގުޅުމަކަށް ދުވަހަކު ބަދަލެއް ނާންނާނެއެވެ.
ޝާދީން ކަރުނަަތައް ފޮރުވަން މަސައްކަތްކުރިއެވެ. ނޭފަތްދަމާލަމުން ތުންފަތުގައި ދައިގަތެވެ. ދަތްތަކަށް ބާރުކޮށްލިއެވެ. ޝާދީންއަށް އަންނަމުންދިޔަ ބަދަލުތައް ދެކެން އިނދެފައި ހައިޒަލް ތެދުވެ ޝާދީން ގެނެސް މޭގައި ޖައްސާލިއެވެ. އިތުރަށް ކަރުނަ ހިފަހައްޓާލަން ޝާދީންއަށް ނުކުޅަދާނަވިއެވެ. ހައިޒަލްގެ މޭގައި މޫނު ފޮރުވާލިގޮތަށް ލޮލުން ކަރުނަ ހުސްވާންދެން ޝާދީން ރޯލިއެވެ.
“ހައި ކީއްވެ މިހުރިހާ ދުވަހު ނުބުނީ…” ރުއިން މެދުކެނޑި އަމިއްލަ ނަފްސު ހަމަޔަކަށް އެޅުވުމުގައި ހޭދަވިވަގުތުކޮޅަކަށްފަހު ޝާދީން ސުވާލުކުރިއެވެ.
“ދޮންތަގެ މަންމައާއި ބައްޕައާއި ހެދި ހައިއާއި ނައިނާ… ހައި ދޮންތައަށް މައާފުކުރައްޗޭ… ދޮންތައަށް އިނގިހުރެ ހައިއަށް ހުރިހާކަމެއް ސިއްރުކުރީ… މިކަމުގެ އަޑީގައި އޮތް ކަންތައްގަނޑު އިނގޭނަމަ ދޮންތަ އެންމެ ފުރަތަމަ ދުވަހުވެސް ހައިއަށް ހަޤީގަތެއް ކިޔައިދިނީމުސް… ހައި ރަނގަޅަކަށް ކަމަށް ހުރިހާ ކަމެއް ސިއްރުކޮށްގެން ހުރިއިރު އަމިއްލަ މައިންބަފައިންގެ ކުށަށް އެއްބާރުލުންދެވެނީކަމަށް ހީކުރެވޭނީ ކިހިނެތް؟ މިހުރިހާ ދުވަހު ހައި ކިހާ އުނދަގުލެއް ތަހައްމަލްކުރީ… ދޮންތަ ގާތު ބުނިނަމަ…” ޝާދީން ވާހަކަދެއްކިއިރު އެލޮލުން އޮހެން ތައްޔާރުވި ކަރުނަތައް ހައިޒަލް ފުހެލަދިނެވެ. ހައިޒަލްއަށް އެ ހުރިހާކަމެއް ސިއްރުކުރެވުނީތީ ޝާދީން ހިތާމަކުރެއެވެ. މައިންބަފައިންގެ ކުށުގައި ބައިވެރިވެވުނުކަމުގެ އިހުސާސް އޭނައަށް ކުރެވެއެވެ.
“ދެން ދުވަހަކުވެސް ދޮންތަ އަހަރެންގެ ފަރާތުން މައާފަށް ނޭދެއްޗޭ… ވެދިޔަ އެއްވެސްކަމެއްގައި ދޮންތަގެ ކުށެއްނުވޭ… ދޮންތައަށް އެހެން ހީވާނަމަ އަހަރެން ދޮންތަައަށް ހެޔޮހިތުން މައާފުކޮށްފިން… އަހަރެންގެ ދެކެ ތެދުހިތަކުން ލޯބިވި ހަމައެކަނި ފަރާތަކީ ދޮންތައާއި ނައިނާ… އަދިވެސް ތިއީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ… މިހިތުން ދޮންތައަށް ދީފައިވާ މަޤާމަށް ދުވަހަކު ބަދަލެއްނާންނާނެ… އަހަރެން ހަނދާނެއް ނުނެތޭނެ އަހަންނަށްޓަކައި ދޮންތަ ވީ ޤުރުބާނީ…” ހައިޒަލް ވާހަކަދައްކަމުން ޝާދީންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ނިތަށް ބޮސްދިނެވެ. އެއިން ކޮންމެ އަމަލަކުން ހާމަވީ ހައިޒަލްގެ ހިތުން ޝާދީންއަށް ދެވިފައިވާ މަޤާމަށް ބަަދަލެއް ނާންނަކަމެވެ. އެ ކުޑަކުޑަ އަދާއިންވެސް ޝާދީންގެ ހިތުގެ ޒަހަމްތަކުގައި މަލަންއަޅާލެވުނުފަދައެވެ.
ޝާދީން މާޒީގެ ވާހަކަތައް ހަނދާންހުރިވަރަކުން ހައިޒަލްއަށް ކިޔައިދިނެވެ. އާއިލާއެކުގައި ނެގިފައިވާ ފޮޓޯތައް ދައްކާ ކޮންމެ ދުވަހެއްގެ ހަނދާންތައް ތަފްސީލުކޮށް ކިޔައިދިނެވެ. ޝާދީންވެސް ފާހަގަކުރީ ހައިޒަލްއާއި އަޒްހާން ވައްތަރުކަމެވެ. މިވީ އަހަރުތަކުގެ ތެރޭގައި ހައިޒަލް ފެންނަ ކޮންމެ ފަހަރަކީ އޭނަގެ ލޯމައްޗަށް އަޒްހާން ފެންނަ ފަހަރެކެވެ. އޭނަގެ ލޯމަތީގައި ކުޑަބެ އުޅޭކަމުގެ އިހުސާސްކުރެވޭ ފަހަރެކެވެ. ހައިޒަލްދެކެ އެހާ ލޯބިވެވޭ ސަބަބަކީ އެއީއެވެ. ކުޑަބެ ދެކެ އޭނަ ވާ ލޯބި ހައިޒަލް މިލްކުކޮށްލީއެވެ.
ޝާދީން އެކަނިވާނޭ އެންމެ ވަގުތުކޮޅެއްވެސް ހައިޒަލް ނުދިނެވެ. އެތަށްވާހަކައެއްދައްކާ އޭނަގެ ހުރިހާ ވަގުތެއް ޝާދީންއަށް ހުސްކޮށްލަދިނެވެ. އޭނަގެ ދިރިއުޅުމުގެ ހުރިހާކަމެއް ފޮރުވުމެއްނެތި ހިއްސާކުރިއެވެ. އެކީގައި ވަގުތު ހޭދަކުރަން ފެށުމުން ޝާދީން ކޮންމެވެސް ވަަރަކަށް ހިނިތުންވެ އުޅޭން ފެށިޔަސްް ދޭތެރެއަކުން ލޮލުން ކަރުނަފެނިލައެެވެ. އެއިން ކޮންމެ ފަހަރަކު ހައިޒަލް އެ ކަރުނަތައް ފުހެލަދެނީ ލޯބިންނެވެ. ޝާދީން މުޅީން ހަމަައަކަށް އެޅޭން ވަގުތު ނަގާނޭކަން އޭނައަށް އިނގެއެެވެ. އެ ހިނިތުންވުންތައް އަލުން ދެކިލަން އޭނަ މިހިރީ ކުރަންޖެހުނު ހުރިހާކަމެއް ކުރާށެވެ.
*** *** *** *** *** ***
ގަނޑީގެ ކަށިން ދަަންވަރުވީކަން އިއުލާންކުރިވަގުތެވެ. ޖަވަށް ވެރިވެފައިވާ ފިނިކަމުގެ ސަބަބުން ލޮނޑުވެފައިވާ ހަށިތައް ނިދީގެ އަރާމު ހޯދަމުންދިޔަވަގުތު ނިއްމަތީ އަތްބާއްވައިލައިގެން އިޝާރު އޮތީ ހިޔާލެއްގައެވެ. ފެނުނު ހުވަފެނަކުން ދަންވަރުގެ އެ ފިނިވަގުތުވެސް އޭނަގެ ލޮލާއި ނިދި ރުޅި ހަދާފައިވެއެވެ. މިވަގުތުވެސް އޭނަގެ މޫނާއި ކަނދުރާގައި ދާތިކިތައް ވިދަމުންދިޔައެވެ. އޭސީގެ ފިނިކަމުގައިވެސް އޭނަގެ ހަށިގަނޑަށް އިހުސާސްވަމުންދިޔައީ އުދާސްކަމެވެ. ފެނުނު ހުވަފެނަކުން އޭނަގެ ހުރިހާ ހިއްސެއްހެން ގައިދުކޮށްލައިފައިވެއެވެ. އެތަށް އަހަރެއްފަހުން އޭނައަށް ހުވަފެނުގައި އަޒްހާން ފެނުނީ ފެންނަންޖެހޭތީއެވެ. މުއްސަނދިކަމުގެ ދަޅައިގައި އެކުވެރިޔާ ކުރި ނުބައި އަމަލުގައި ބައިވެރިވުމުގެ ކުރިން މިދުވަސް އަންނާނޭކަމާއިމެދު އޭނައަށް ވިސްނާލެވުނުނަމައެެވެ. މިއަދު އޭނަ އެކަމާއި ދެރަވި ހިތާމަކުރިޔަސް ކުރެވޭނެކަމެއްނެތެވެ. ގެއްލިއްޖެވަގުތެއް އަލުން އަނބުރާ ނުލިބޭނޭފަދައިން ވެދިޔަ ކަމެއް ބަދަލެއްވެސް ނުކުރެވޭނެއެވެ.
އިޝާރު ވިސްނަމުންދިޔަވަރަކަށް ހިޔާލުތައް ގޮސް ގުޅެންފެށީ އޭގެ 21 އަހަރުކުރިއާއިއެވެ. އޭނަގެ ސިިކުނޑީގައި ތަޅުލާފައިވާ ހަނދާންތައް ސިކުނޑީގައި ޓަކިދޭންފެށުމާއިއެކު ހުއްޓުވާކަށް އޭނަ މަސައްކަތެއްނުކުރިއެވެ. ލޯމަރާލުމާއިއެކު އެ ދުވަހުގެ މަންޒަރުތައް ލޯމައްޗަށް ސިފަވެގެން އައީ އިއްޔެ ވީކަމެއް ފަދައިންނެވެ.
*** *** *** *** *** ***
އަމިއްލަ ސަލާމަތާއިގެން ދުވަމުންދިޔަ މީހުންތަކުން އޭ.އެޗް. އިންޑަސްޓްރީސްގެ އިމާރާތްތެރެ ވަނީ ފުރި ބާރުވެފައެވެ. ފަޔަރ އެލާރމްތަކުން ގުގުމާލި އަޑާއިއެކު އެ މީހެއްގެ ސަލާމަތާއިގެން މީހުންގަނޑު ގަނޑުގަނޑަށް ދޮރުން ބޭރުވަމުންދިޔައެވެ. އިމާރާތުން ނިކުމެވޭގޮތަށް އިން ދޮރުކުރިމައްޗަށް ބޮޑިވަމުންދިޔަ މީހުންގެ ތެރެއިން ފުރޭނިގެން ދޮރުން ނިކުތް އިޝާރުގެ ފިޔަވަޅުތައް ބެހެއްޓީ ގޯތިތެރޭގައި ހުރި ގުދަނެއްފަދަ ތަނާއި ދިމާލަށެވެ.
އިމާރާތާއި ތަންކޮޅެއް ދުރުގައި ގުދަނަށް އަޒްހާންއާއި އާއިލާ ލުމަށްފަހު އެނބުރި އަންނާނޭކަމުގެ ޔަގީންކަންދެމުން އިޝާރު ދޮރުލައްޕާލައިފައި އެތަނުން ނިކުތެވެ. ބަރު ފިޔަވަޅުތަކެއްގައި ވަކި ހިސާބަކަށް ގޮސްފައި އިޝާރު ފަސްއެނބުރި ބަލާލިއިރު އެ މޫނުމަތީވީ ހީލަތްތެރިކަމެވެ. ގުދަނުގެ ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ފިޔަވަޅުގެ އަޑު ނީވޭހާ މަޑުން ދޮރާއި ކައިރިވުމަށްފަހު ދޮރުގައި އިން ތަންޑަށް އިޝާރު އަތްފޯރުވާލިއެވެ. ބޭރު ދޮރުގެ ތަންޑު އެޅިގެންދިޔަ އަޑާއިއެކު އެތެރެއިން އަޒްހާން ދޮރުގައި ތަޅައިގަތް އަޑުއިވުނީ ދާދި އެކުއެކީގައެވެ. ސަލާމަތަށް އެދި އަޒްހާން ހަޅޭލަވަމުންދިޔަ އަޑުއަހަން ހުރިއިރު އިޝާރުގެ މޫނުން ރަހުމުގެ ކަންފުޅެއްވެސް ފާޅެއްނުވިއެވެ. އޭނަ ޖީބުން އަލިފާން ފޮށި ނަގައި އަލިފާން ކަނޑަށް ތައްޔާރުކޮށްލިވަގުތު ދުރުން ކޮންމެވެސް މީހަކު އޭނައަށް ގޮވާލިއެވެ. ވަގުތުން ޖީބަށް އަލިފާން ފޮއްޓާއި ދަނޑިކޮޅު ވައްޓާލުމަށްފަހު އޭނަ އެދިމާލަށް ދުއްވައިގަތެވެ.
ފަނަރަވަރަކަށް މިނެޓްފަހުން އިޝާރު މައި އިމާރާތުގެ ފަހަތު ދޮރުން ނިކުމެގެން އައިސް މީހަކަށް ޝައްކުނުވާނޭފަދައިން ގުދަނުގެ ބިއްދޮށަށް ވަނެވެ. އޭރުން އެތެރެއިން އިވެމުންދިޔަ އަޑުފަށްގަނޑު ކެނޑިފައިވެއެވެ. ކުޑައިރުކޮޅެއްވަންދެން އަޑެއް އިވޭތޯ ހުރެފައި އަޑެއް ނީވުމުން އޭނަގެ މަސައްކަތުގެ ދެވަނަ ފިޔަވަހި ފަށަން އިޝާރު ތައްޔާރުވިއެވެ. ޖީބަށް ލީ އަލިފާންފޮށި ނެގުމަށްފަހު އަލިފާން ފޮށީގެ އެއްއަރީގައި ދަނޑިކޮޅު ހާކަމުން އަލިފާން ކަނޑަންފެށިއެވެ. ދަނޑިކޮޅުގައި އަލިފާން ހިފުމާއިއެކު އެ ދަނޑިކޮޅު ބިންމައްޗަށް ވައްޓާލިއެވެ. ބިންމަތީގައި ޖެހުނު އަލިފާންކޮޅު ވެލިގަނޑު މަތީގައި ދުއްވާލައިފައިވާ ޕެޓްރޯލް ރޮނގުގެ މަތީގައި ޖެހިގެންދިޔުމާއިއެކު ހިކިފަންވަތެއްގައި ހުޅު ރޯވެގެންދާ އުސޫލުން ހުޅުގަނޑު ދެފަރާތުން ސީދާ ރޮނގުން ފެތުރިގެންދިޔައެވެ. ވެލިގަނޑު މަތީން ދުވަމުންދިޔަ އަލިފާނުގެ ރޮނގަށް ބަލަހައްޓައިގެން ހުރުމަށްފަހު ދުރަަށް ދިޔުމުގެ ކުރީން އޭނައާއިއެކު ހުރި ޒުވާނާއަށް އިޝާރު ބަލާލިއެވެ.
“އަހަރެން އިޝާރާތެއްދެންދެން މިތާ ފާރައަށް ހުރޭ… ހަނދާންކުރާތި… އެމީހުން މިތަނުން ފިލާނެ ފުރުސަތެއްނުދޭތި… އެ އަޒްހާންއާއިއެކު އެ އަންހެނާގެ ދުވަސްވެސް ދާންޖެހޭނެ….” އަމުރުވެރި ގޮތަކަށް އިޝާރު އަންގަމުން އިޝާރު ދުރަށް ހިނގައިގަތެވެ. ބިއްދޮށްކޮޅުން ލާފައި އޭނަ ނިކުތީ ގުދަނަށް ވަންނަ ދޮރު އިންނަ ދިމާލަށެވެ. އޭރު ދޮރުގެ ކުރިމަތީ ކޮންމެވެސް މީހެއް މަޑުކޮށްލައިގެން ހުއްޓެވެ. އެ މީހެއްގެ މޫނުވަނީ ކަޅުކުލައިގެ މާސްކަކުން ފޮރުވާލައިފައެވެ. އެމީހަކީ ކާކުކަން ދެނެގަންނަންވެގެން އިޝާރު އެދިމާލަށް ފިޔަވަޅު ނަގަންފެށީ އެމީހެއްގެ މޫނަށް ނަޒަރު ސީދާކޮށްލައިގެން ހުރެއެވެ. ކުރިއަށް އަޅާލެވުނު ދެތިން ފިޔަވަޅާއިއެކު ފެނުނު މަންޒަރުން އިޝާރުގެ ދެލޯ ބޮޑުވެގެންދިޔައެވެ. ހަޅޭލަވައިގަންނަން އަނގަ ހުޅުވާލިޔަސް އޭނަގެ އަރުތެެރެއިން އަޑުވެސް ބޭރެއްނުވިއެވެ. ދެލޯބޮޑުކޮށްލައިގެން ހުއްޓާ ދޮރުގެ ދޭތެރެއިން ނެރުނު ލެއިންކަޅިވެފައިވީ ވަޅި ތިރިއަށް އެލުވާލަމުން އެ މީހަކު އޭނަ ހުރި ދިމާލަށް ބަލާލީ މީހަކު ހުރިކަން އިނގިގެން ބަލާލާލައިފަދަ ގޮތަކަށެވެ.
“އަލްހާން…” މާސްކެއްގައި ނިވާވެގެން ހުއްޓަސް އައްމާރު އެއީ އަލްހާންކަން ދެނެގަތީ ވައަތު ލޮލުގެ އެއްފަރާތުން ފާޅުވަމުންދިޔަ ލޭކުލައިންނެވެ. އިރުކޮޅެއްވަންދެން ޤަބޫލުނުކުރެވިފައި ހުރިފަދަ ނަޒަރަކުން އަލްހާންގެ މޫނަށް ބަލަހައްޓައިގެން ހުރުމަށް ފަހު އިޝާރު ދުވެފައި ގޮސް އަލްހާންގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު އެ މޫނުމަތީގައިވީ ކުލަވަރު ތަފާތުވެފައިވެއެވެ. އެންމެފަހުވަގުތު އޭނައަށް އެންގުމެއްވެސް ނެތި އަލްހާން ޕްލޭން ބަދަލުކުރުމުން ހިތްހަމަނުޖެހިފައިހުރީކަން މޫނުމަތިން ހާމަވިއެވެ. އޭނަ އެއްބަސްވި ރޭވުމުގައި ވީގޮތުން ނަމަ އިމާރާތުގައި ތިބި މީހުން ސަލާމަތްކުރުމަށްފަހު އެ މީހުން މިހާރު ތިބޭނީ އިމާރާތުން ބޭރުގައެވެ.
ކުއްލިއަކަށް ފަހަތުން އިވުނު ކަންފަތް ބީރުވާހާ ބާރުއަޑުފަށްގަނޑާއިއެކު އިޝާރު ފަސްއެނބުރި ބަލާލިއެވެ. އޭރު އިމާރާތުގެ ތެރޭގައި ގޮވި ދެވަނަ ގޮވުމާއިއެކު އިމާރާތުގެ މައްޗަށް އަލިފާންގަނޑު އަރައިގަތީއެވެ. އަލިފާންގަނޑު ކުޑަދޮރުތަކުގައި ޖެހިގަތްއިރު ބިއްލޫރިތައް ތެޅި އެކިދިމަދިމާލަށް ބުރައިގެންދިޔައެވެ. ކުޑަދޮރުގެ ހިންމިތަކުން ނިކުތް ކަޅު ދުންތަކުން ފަޒާ ފުސްކޮށްލިއެވެ. އެވަގުތު އިމާރާތާއި ދިމާލުން ބާރު ރުއިމެއްގެ އަޑުއިވުނެވެ. ބޮޑަށް ހީވީ އެތަށް ބަޔަކު އެއްފަހަރާ ހަޅޭލަވައިގަތީހެންނެވެ. ލޮލަށް ފެނުނު މަންޒަރު ޤަބޫލުނުކުރެވިފައިހުރެ އިޝާރު އައްމާރާއި ދިމާލަށް ބަލާލީއެވެ. އޭރު އަތުގައި އޮތް އަލިފާންދަނޑިން ގުދަނުގައި ރޯކޮށްލުމަށްފަހު ދަނޑިކޮޅު ދުރަށް ހޫރާލަމުން އަލްހާންވެސް އިޝާރާއި ދިމާލަށް ބަލާލީއެވެ. އެލޮލުން ފެނުނު ކުލަައަކުން އިޝާރު ހަަމައިން ނެއްޓިފަދައެވެ. ވައިރޯޅިއެއްހާ ހަލުވިކޮށްގޮސް އޭނަ އަލްހާންގެ ޓީޝާޓުގެ ކަރުގައި ދެއަތުން ހިފިގޮތަށް ދަމައިގަތެވެ.
“އަލްހާން… މޮޔަވީތަ… ނޭނގޭތަ އެތައްބަޔަކު އިމާރާތުގެ ތެރޭގައި ނުނިކުމެވިފައި ތިބިކަމެއް… ނުބުނަންތަ އަޒްހާންއާއި ހައިލާއާއި އެ މީހުންގެ ދަރި އެކަންޏޭ މަރުވާނީ… ކަލޭ އެންމެ ފަހު ވަގުތު މަށަށް ދޯކާދިނީދޯ… އެތައްބައެއްގެ މަރޭ ބޮލުގައި ތިއެޅީ… ކަލޭ ތިހިރީ މޮޔަވެފަަތަ؟” އަލްހާންގެ ޓީޝާޓުގައި ހިފަހައްޓާލެވިފައިވާ އަތް ނައްޓުވާލަމުން އިޝާރު ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ހުޅުހިފަމުން އައި އިމާރާތަށް ބަލާލިއެވެ. އޭނަގެ ހިޔާލުހުރިގޮތެއް އިނގިގެން ކަހަލައެވެ. އަލްހާން ވަގުތުން އޭނަގެ އަތުގައި ހިފެހެއްޓިއެވެ.
“މޮޔަކަމެއްކުރަން ނޫޅޭ އިޝާރު… ދެން އެތަނަށް ވަދެގެން އެއިން މީހަކު ސަލާމަތްނުކުރެވޭނެތާ ކަލޭވެސް ސަލާމަތެއްނުވާނެ… މިކަން އަހަރެމެންގެ ދެމެދުގައި ސިއްރެއްގެ ގޮތުގައި ބާއްވާ… އަހަރެން ތަފާތެއް ގެނެޔަސް މިއީ ކަލޭވެސް އެއްބަސްވީގޮތް… މިގޮތަށް ކަންތައް ނުކުރިނަމަ އަހަރެމެންގެ މައްޗަށް އެންމެ ޝައްކުކުރާނެ…” އަލްހާން އިޝާރުގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ވާހަކަދައްކަމުން އެލޮލަށް ބަލާލުމާއިއެކު އިޝާރު ދާދިފަސޭހައިން އެ ވާހަކަތައް ޤަބޫލުކޮށްފިއެެވެ. އެހާ ބޮޑު ހާދިސާއެއްގައި ހަމައެކަނި އަޒްހާންގެ އާއިލާގެ ނެތިދިޔުމުން އެންމެންގެ ހިތުގައި ޝައްކުއުފެދޭނެކަން އޭނައަށްވެސް ވިސްނުނީއެވެ.
“އަވަހަށް މިތަނުން ނިކުންނަން ހިނގާ… މިހާރު ގޮސްގެން ނޫނީ ސަލާމަތެއްނުވެވޭނެ….” އަނދާހުލިވަމުންދިޔަ އިމާރާތަށް ބަލާލަމުން އަލްހާން ވާހަކަދެއްކިއެވެ. އޭރުވެސް އިމާރާތުގެ ތެރެއިން މެދުކެނޑުމެއްނެތި ބާރުއަޑުފަށްގަނޑުތަކެއް އިވެމުންދިޔައެވެ. އެއަޑުގެ ސަބަބު އިޝާރުއަށް އިނގެއެވެ. މީގެ ދުވަސްތަކެއް ކުރީން ފެށިގެން އައްމާރުގެ އެހީއާއިއެކު އަލްހާން އެ ހާދިސާއަށް ނުހަނު ބޮޑަށް ތައްޔާރުވިއެެވެ. އޭނަގެ މަސައްކަތްފެނަށް ނުދާނޭފަދައިން އާލާތްތައް އެއްކުރިއެވެ. އެތެރޭގައިހުރި ކެމިކަލްތައް ގޮއްވައިލައިގެން އިމާރާތްވެސް ސަލާމާތްނުވާނޭކަން ޔަގީންކުރިއެވެ. އެންމެ ފުރަތަމަ އިވުނު ބާރު އަޑަކީ އެ ކެމިކަލްތައް ގޮއްވާލި އަޑެވެ. އެއީ އަޒްހާން އިމާރާތުން ނެރުމަށް އަލްހާން ބެހެއްޓި މައިތިރިއެވެ.
އަތުގައި އޮތް ވަޅި ފައިދޮށަށް ވައްޓާލުމަށްފަހު އިޝާރުއާއިއެކު އަލްހާން ކުރިއަށް ހިނގައިގަތެވެ. އަލިފާންގަނޑުގެ ތެރޭ ތިމަރަކޮޅެއްފަދައިން ދަޅައަޅަމުންދިޔަ ވަޅީން އޭރުވެސް ތާޒާކަމާއިއެކު އަޒްހާންގެ ލޭ ފާޅުވެއެވެ. ވަޅީގެ މިޔައިގައި ލޭތިކިތައް ދެމެމުންދިޔައިރު ކޮޅުން ލާފައި ބިންމައްޗަށް ތިކިތަޅަމުން ދިޔައެވެ. ބިންމަތީގައި ލޭގެ ރޮނގުތަކެއް ކުރަހަމުންނެވެ. އެއްވެސް ކުށެއްނެތް މައުސޫމް އިންސާނެއްގެ ލެއިން ބިންގަނޑު ކަޅިކުރަމުންނެވެ.
*** *** *** *** *** ***
ހިޔާލުގެ ވާފަށް ކެނޑިގެން އައިސް އޭނަގެ ހާލަތާއި ގުޅިގެންދިޔުމާއިއެކު އިޝާރުއަށް ލޯހުޅުވާލެވުނެވެ. އޭރު އެލޮލުގައި ރަތްވިކަމެއްވިއެވެ. އެސްފިޔަތަކުގެ ދޭތެރެތަކުން ފުރޭނިގެން ކޯތާފަތްމައްޗަށް ކަރުނައިގެ ތިކިތައް ފައިބައިފައިވެއެވެ. ކޯތާފަތުގައި އަތްޖައްސާލަމުން އޭނަ ފުންނޭވާއެއްދޫކޮށްލިއެވެ.
އަލްހާންގެ ފަރާތުން އިވުނު ވާހަކަތަކަށްފަހު އޭނަގެ ހިތުގައި ހިފައި ލަކިޖަހަމުންދާފަދަ އިހުސާސެއް ވެއެވެ. އޭނަގެ ހިޔާލުގައި ތާއަބަދު އެނބުރެނީ އޭނަ ކުރި ވިޔާނުދާ އަމަލެވެ. ލޯހުޅުވައިގެން ހުންނައިރު ވެސް ލޯމައްޗަށް އެ މަންޒަރުތައް ސިފަވާކަހަލައެވެ. އުނދަގޫ އިހުސާސްތައް އޭނަ ނަފްސުގެ މައްޗަށް ގަދަވެގަންނަމުން އޭނަގެ ހުރިހާ ގުނަވަންތަކެއް ކަމުންދަނީއެވެ.
މިހުރިހާދުވަހު އޭނައަށް އުޅެވުނީ އޮޅުމެއްގެތެރޭގައެވެ. އަމިއްލަ ލާބައަށްކަމަށްދެކި އޭނައަށް ފުއްދައިދެވުނީ އެހެން މީހެއްގެ މުޑުދާރު އެދުމެކެވެ. އަމިއްލަ ނަފްސުގެ ސަލާމަތަށް އައްމާރު އެންމެ ފަހުވަގުތު އަމަލުކުރިގޮތުން އޭނައަށް އެކަން ޔަގީންކުރެވިއްޖެއެވެ. އަމިއްލަ ނަފުސު ރައްކާތެރި ކުރުމަށްޓަކައި 21 އަހަރުވީ އެކުވެރިކަމުގެ ގުޅުމުގެ އަގުވަަޒަނެއް އައްމާރު ނުކުރިއެވެ. އެކުވެރިޔާގެ ފުރާނައިން އަތްދޮވެލައިގެން ނަމަވެސް އޭނަ ބެލީ އަމިއްލަ ސަލާމަތް ހޯދޭތޯއެވެ. މަތިން ގިރިޓީ ކުލަމުން އައި ކުލައިގެ މައްޗަށް އަމިއްލަ ކުލަ ދައްކާލީއެވެ. އެ ހިތުގައި ރަހުމޭ ކިޔާ އިހުސާސުގެ ޒައްރެއްވެސް ލައްވާފައިނުވާކަން އައްމާރު ހާމަކޮށްދީފިއެވެ. ވަގުތު އޮއްވާ އައްމާރުގެ ފަރާތުން ސަލާމަތްވެވުނީކަމީ އޭނަގެ ނަސީބެވެ. ނަމަވެސް އޭނަގެ ހިޔަންޏަށްވެސް އައްމާރު ފާރަވެރިވާނެކަން އޭނަ ދަނެއެވެ.
*** *** *** *** *** ***
ތިންދުވަސްވާންދެން ހޮސްޕިޓަލްގައި ބޭއްވުމަށްފަހު އިޝާރު ގެއަށް ދޫކޮށްލިއެވެ. އެއާއިއެކު ލައިޝާ ގޮވައިގެން ޝަޔަމް މިޑޯވިއުއަށް ބަދަލުވިއެވެ. އިޝާރުއަށް ދިމާވި ކަންތަކަށްފަހު މާޒީގައި އެދެމެދުގައިވީ ރުޅިވެރިކަމާއި ޝަލީންގެ މައްސަލައިގައި އުފެދުނު ނުތަނަވަސްކަމުގައި ހިފަހައްޓައިގެން ހުންނާކަށް ޝަޔަމް ބޭނުމެއްނުވިއެވެ. ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް އެއީ އޭނަގެ ބައްޕަކަން ޝަޔަމް ދަނެއެވެ. ބުނެލައި އެންމެ ބަހަކުން އޭނަގެ ކޮނޑުމަތީން އިޝާރުގެ ވާޖިބު ނެގިގެންނެއް ނުދާނެއެވެ. އެހެން ނޫނަސް އޭނަ ގޮތުގައި ހިފަހައްޓައިގެން ހުއްޓަސް ވެދިޔަތަން ބަަދަލުނުކުރެވޭނެކަން ޝަޔަމް އެންމެ ފަހުން ޤަބޫލުކުރީއެވެ. އޭނަގެ ގޮތްދޫނުކުރުން ފަހަތަށް ދޫކޮށްލަމުން އެއްފިޔަވަޅު ކުރިއަށް އަޅާލީއެވެ. ލައިޝާގެ ސަބަބުން އެ ހަރު ހިތް ފުއްކޮޅެއްފަދައިން މަޑުވެފައިވެއެވެ.
ރޭގަނޑުގެ ނިދާވަގުތާއި ގާތްކޮށްލައިފައި ލައިޝާ ފެންވަރާ ތާޒާވެލައިގެން އައިރު ހީކަރުވައިގެން ގޮސް ކަތުރު ކަށިގަނޑަށް ދާންދެން ތުރުތުރުއަޅަމުންދިޔައެވެ. ވިއްސާރަ ދުވަސްކޮޅަކަށްވާތީ އަބަދުހެން ފަޒާގައި ހިފާލައިފައި އޮންނަ ފިނީގެ އަސަރުކޮށްގެން އެ ދޮންމޫނަށް ފިނިފެންމާ ކުލަ ވެރިވެފައިވެއެވެ. ތުންފަތް ރަތްކަމުން ލޭ ފައިބަމުންދާހެން ހީވިއެވެ. މަޑު ފިޔާތޮށި ކުލައިގެ ތުނި ޓީޝާޓަކާއި ކްރީމްކުލައިގެ ކަކުލަށްވުރެ މައްޗަށް އޮތް ސޯޓްކޮޅުގައި ލައިޝާ ފެންނަލެއް އުމުރަށްވުރެ ޅަވެފައި ނުހަނު މައުސޫމެވެ. ދެފަރާތުން ގެނެސް ކުރިމައްޗަށް ވައްޓާލައިފައިވާ ފަން އިސްތަށިކޮޅު އިރުއިރުކޮޅުން އެވަށް ކޯތާފަތަށް ބޮސްދެމުންދިޔައެވެ.
ފިންޏަށް ބަލިވެފައިހުރި ލައިޝާ ފަންކާ ނިއްވާލިގޮތަށް ޓްރެސިން ޓޭބަލް ކުރިމަތީ އިށީދެ ނިދުމަށް ތައްޔާރުވާންފެށިއެވެ. އޭނަގެ ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަމާއިއެކު އަތާއި ފައިގެ ހަރަކާތްތައް ލަސްވަމުންދިޔަކަން ލައިޝާ އަމިއްލައަށްވެސް އިހުސާސްކުރެވުނެވެ. ނޭނގޭ ލޮޑުކަމެއް އިހުސާސް ވަމުންދިޔައިރު ލައިޝާގެ ލޯމެރެމުންދިޔައެވެ. އެއީ މިދުވަސްކޮޅު އާންމުކޮށް ވާގޮތަކަށްވާތީ ލައިޝާ ޔަގީންކޮށްގެން ހުންނަނީ އެއީ ފިނީގެ އުނދަގޫތައްކަމުގައެވެ. މަޑު ތަންމައްޗެއްގެ އަރާމުކަން ހޯދަން ކެތްމަދުވެފައި ހުރެ ލައިޝާ އޭނަގެ ހަރަކާތްތައް އަވަސްކޮށްލިއެވެ.
ލޯޝަން ފުޅި ނަގައިގެން ފައިގައި ލޯޝަންލާން އިނދެފައި ލައިޝާއަށް ބެލްކަންޏަށް ބަލާލެވުނުގޮތަކުން އޭނަގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. އޭނަގެ ހަށިގަނޑަށް ފިނިވެގެންދިޔައީ ހުޅުވާލެވިފައިވާ ބެލްކަނީގެ ދޮރުންލާފައި އައިސް އޭނަގެ ހަށިގަނޑުގައި ބީހިލި ވައިރޯޅީގެ ސަބަބަކުން ނޫނެވެ. ބެލްކަނީގައި ހުރި ޝަޔަމްގެ ތޫނު ނަޒަރު އޭނަގެ މޫނަށް އަމާޒުވެފައިވީ ގޮތުންނެވެ. ވަގުތުން ފުންމައިގެން ގޮނޑިން ތެދުވެވުނުގޮތުން ލައިޝާގެ އަތުގައި އޮތް ލޯޝަން ފުޅިވެސް އަތުން ދޫވެގެން މާބްލްސް މައްޗަށް ވެއްޓުނެވެ. ލައިޝާ ވަގުތުން އޭނަ ލައިގެން ހުރި ޓީޝާޓާއި ސޯޓަށް ދަމާލިއެވެ. ޝަޔަމްއާއި ކައިވެނިކުރިފަހުން އޭނަ އާންމުކޮށް ލައިނޫޅޭހާ ކުރު އެއްޗެއް ލީ ޝަޔަމް މިރޭ ގެއަށް ނާންނާނޭކަމަށް ހީކޮށެވެ. އެއްރޭ ރިސޯޓުގައި މަޑުކުރާގޮތަށް އިޝާރުގެ ރިސޯޓަށް ދާކަހަލަ ވަހަކައެއް ޝަޔަމް ފޯނުން ކޮންމެވެސް މީހަކާއި ދެއްކި އަޑުއިވިފައިވެއެވެ.
“އަހަރެން ފެނުނީމަ ދަމަދަމާފައި އުޅޭވަރު ބަލާބަލަ… އަހަރެން ދުރުމީހަކަށްނުވެއެއްނު ލައި… އައިމް ޔޯރ ހަޒްބެންޑް…” ޝަޔަމް ބެލްކަނީގެ ރެއިލިންގައި ލެގިލައިގެން ހުރެފައި ލައިޝާއާއި ދިމާލަށް ބަލާލީ ނުހަނު ހިތްގައިމު ނަޒަރަކުންނެވެ. އެއްއަތް ހިއްލާލަމުން ގާތަށް އަންނަން އިޝާރާތެއްދިނެވެ. އޭނަ މޫސުމް ގޯސްކަމުން ދަތުރު ކެންސަލްކޮށްލުމަށްފަހު ގެއަށް އައުމުން ފެނުނު މަންޒަރަކުން އޭނަގެ ތޫނު ނަޒަރު ލައިޝާގެ މޫނުން ވަކިކޮށްލަން ދަތިވިއެވެ. ހިނދުކޮޅަކަށް ބާރުގަދަ ސިހުރެއްގައި އޭނަ ޖެހިގެންދިޔަފަދައެވެ. މިހުރިހާ ދުވަހު ލައިޝާގެ ރީތިކަން އޭނަގެ ލޮލަށް ނުފެނުނީ ކީއްވެހެއްޔެވެ؟
ރަކިވެފައިހުރެވެސް ލައިޝާ މަޑުފިޔަވަޅުތަކެއްގައި އައިސް ބެލްކަންޏަށް ނިކުމެލިއެވެ. އެއާއިއެކު ހަށިގަނޑުގައި ފިރުމާލައިފައި ދިޔަ ވައިރޯޅީން ހީކަރުވާގަތުމާއިއެކު ދެއަތް ނަގާ މޭގައި ބޮޑިކޮށްލިއެވެ. އޭރު އެ ތުންފަތުގައި މަޑުމަޑު ތުރުތުރުލުމެއް އެކުލެވެމުންދިޔައެވެ.
“ލައި މިއޮއް ހީކަރުވައިގަނެގެން ހަލާކުވަނީނު…. ވާރޭކޮޅެއް ވެހިލިޔަސް ލައި ގަނޑުވެދާނެދޯ…. ތިހާ ފިންޏަށް ބަލިވެގެން މަށާއިއެކީ ނޫޅެވޭނެ އިނގޭ…. އައި ލަވް ރެއިން….” ޝަޔަމް އިޒުނައާކާއިނުލާ ލައިޝާގެ އުނަގަނޑުގައި ހިފާ ދަމާލިގޮތަށް އޭނަގެ ހަށިގަނޑުގައި ތަތްކޮއްލިއެވެ. އޭނަގެ ދެއަތް ލައިޝާގެ ބަނޑުގައި ވަށާލިއެވެ. އެހެންފަހަރުތަކަކޭ އެއްފަދައިން ސިހި ދުރަށްދާކަށް ލައިޝާ ނޫޅުނެވެ. އެއީ ޝަޔަމްއަށް ލިބުނު ހަމަޖެހުމެކެވެ.
“ހާދަ ހާޓްބީޓް ފާސްޓް… ސްޓެތޯއަކާއި ނުލާވެސް އެބައަޑުއިވޭ އިނގޭ…” ލައިޝާގެ ބާރުވަމުން އައި ހިތުގެ ތެޅުން އިހުސާސްކުރަން ހުރެފައި ޝަޔަމް ހިނިތުންވެލިއެވެ. އެއީ އޭނަގެ ގާތްވެލުމުން އައި ބަދަލެއްކަން އިނގި ބުނަން ނޭނގޭ ހިތްހަމަޖެހުމެއްލިބުނެވެ.
“ލައި ހީވަނީތަ އަދިވެސް ހިތްހަމަނުޖެހިފައި ހުންނަހެން… ބުނެބަލަ އަދިވެސް އަހަންނާއި ރުޅީތަ؟” ހިނދުކޮޅަށް ދެމިގެންދިޔަ ހިމޭންކަމަށްފަހު ލައިޝާގެ ފަރާތުން ބަހެއްވެސް އަޑުނީވުމުން ޝަޔަމް ވާހަކަދެއްކިއެވެ. އެދެމެދުގައި ދުރުކަން ނައްތާލުމަށް އޭނަ ކުރާ މަސައްކަތާއިއެކުވެސް ދުވަހެއް ދުވަހެއް ލައިޝާ އޭނައާއި ދުރަށްދާހެން އޭނައަށް ހީވަނީ ކީއްވެގެން ހެއްޔެވެ؟
“ނޫން…” ލައިޝާ ކުރުޖަވާބެއްދެމުން ޝަޔަމްއާއި ދުރަށްޖެހިލިއެވެ. އެއަތުގެތެރެއިން ލިބުނު ހޫނާއިއެކު އޭނަގެ ކޮންމެ ހިއްސެއްވެސް އެދެމުންދިޔައީ ޝަޔަމްއަށެވެ. މިފިނިރޭވެސް ޝަޔަމްގެ ހަށިގަނޑު އަލިފާންކޮޅެއްހާ ހޫނެވެ. އެ ހޫނުގައި ވިރިގެންދާން އޭނަގެ ހިތް އެދެއެވެ.
“އަހަންނަށް ފީލްވަނީ އަހަރެން މިހާ މަސައްކަތްކުރާއިރުވެސް ދުވަހެއް ދުވަހަކަށް ދެމީހުން ދުރުވާކަން… ލައިގެ ފަރާތުން އަހަންނަށް އެފަދަ ކަމެއް ފާހަގަކުރެވެންޖެހެނީ ކީއްވެތަ… ބުނެބަލަ… ލައި މިހާރު އަހަރެން ދެކެ ފޫހިވަނީތަ… އަހަންނާއި ދުރުން އުޅެން ބޭނުންވަނީތަ؟” ޝަޔަމް ލައިޝާގެ އަތުގައި ހިފައި އޭނައާއިދިމާލަށް އަނބުރާލިއިރު އެލޮލުން ލައިޝާއަށް ކަރުނަ ފެނުނެވެ. ނޫނީ އެއީ އޭނަައަށް ހީވި ހީވުމެއް ހެއްޔެވެ؟ އޭނައަށްޓަކައި ޝަޔަމް ކަރުނަތިއްކެއްވެސް ވައްޓާލާނޭކަމަށް ލައިޝާ ޤަބޫލެއްުނުކުރެއެވެ.
“ހަތަރު އަހަރުވެގެންދިޔައިރު އަހަރެން ސެމް ދެކެ ނުވި ފޫއްސެއް ދެނެއްނުވާނެ… ދުރުން އުޅުމަކީ ސެމް ބޭނުންވިގޮތް….” ލައިޝާ ޝަޔަމްގެ ފުންދެލޮލާއި ކަޅިހަމަކޮށްލައިގެން ހުރިއިރު އެއަޑުގައިވީ ސާބިތުކަމެވެ. ފުރާވަރުގެ އުމުރުގައި އޭނައަށް ޝަޔަމްދެކެ ވެވުނު ލޯތްބަށް ފަޑުކަމެއް އައުމެއްނެތެވެ. އަނިިޔާއާއި ވޭން އަދި ހިތާމައިން ހިތުގައި ޖަހާ ވިންދުތައް ކަނޑުވައެއްނުލެވޭނެއެވެ. އެހެންނޫންނަމަ އެރެއަށްފަހުވެސް ޝަޔަމްގެ ގާތުގައި ހުރުމަށް އަމިއްލަ ނަފްސުވެސް އޭނައަކަށް މަޖުބޫރެއް ނުކުރާނެއެވެ.
“މިހާރު އަހަރެން އެގޮތް ބޭނުމެއްނޫނޭ ބުނެފިއްޔާ…” ޝަޔަމްގެ ޖުމްލައަކާއިއެކު ލައިޝާގެ ކަޅީގެ ތެރެއަށް ފޭދިގެންދިޔަ ޝުއޫރުތައް ޝަޔަމްއަށް ރީތިކޮށް ފެނުނެވެ. ހިތުގައި ރިއްސާލީ ލައިޝާ އޭނަގެ ދުލުން ބޭރުވާ ބަސްތަކަށްވެސް އިތުބާރުނުކުރާކަން ވިސްނިފައެވެ. ލައިޝާއަށް ޤަބޫލުކުރެވޭނޭ ސަބަބެއްނެތެވެ. ހުދު އެއީ އޭނަގެ ދުލުން ބޭރުވާ ބަސްތަކަކާއިމެދު އޭނަގެ ހިތުގައި ޝައްކުު އުފެދިފައިވެއެވެ. ގައިމުވެސް އޭނަގެ ހިތަށް ކޮންމެވެސް ބަދަލެއް އައިސްފިއެވެ. ނޭނގެނީ ހިތުގައި ހިނގަމުންދާ ގޮތްނޭނގޭ އިހުސާސްތަކުން އޭނަައަށް މޭރުންކޮށްދޭން މަސައްކަތްކޮށްދޭކަމެކެވެ.
ޝަޔަމް ލައިޝާ ގެނެސް މޭގައި ޖައްސާލިގޮތަށް އެ ފިނި ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަކަށްފަހު ޝަޔަމް ލައިގެން ހުރި ޓީޝާޓުގެ މަތީން ލައިޝާގެ އަތުގެ އޮމާންކަން އިހުސާސްވިއެވެ. ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކާއިއެކު ލައިޝާގެ އަތުގެ ތެރެއަށް ޝަޔަމްގެ ޓީޝާޓް ބޮޑިވަމުންގޮސް ކަރަށް ވާންވެގެންދިޔައިރު ޝަޔަމް އިސްއުފުލާ ލައިޝާއާއި ދިމާލަށް ބަލާލިއެވެ. އޭރު ޓީޝާޓުގެ ކަރުވަޅުގައި ހިފަހައްޓާލެވިފައިވާ އިނގިލިތައް ދޫވެ ލައިޝާގެ ހަށިގަނޑު މަޑުމަޑުން ބިމާއި ދިމާލަށް ތިރިވަމުންދިޔައެވެ. އެ ހަށިގަނޑުގައި މަޑުމަޑު ތުރުތުރުލުމެއް އެކުލެވިފައިވެއެވެ.
“ލައި…” ޝަޔަމް ލައިޝާގެ އުނަގަނޑުގައި ހިފައި ގާތަށް ދަމާލިގޮތުން އެ ލޫޅާފަތި ހަށިގަނޑުގައި ދެއަތްވަށާލިއެވެ. އޭރު އެ މޫނުން ހާސްކަން ފާޅުވަމުންދިޔައެވެ. މަޑުމަޑުން ލައިޝާގެ ހަށިގަނޑުން ވަރުދޫވަމުންދާކަން އިހުސާސްވެފައި ޝަޔަމްގެ ވިންދުތައް ހުއްޓުނުފަދައެވެ.
“ލައި ކިހިނެތްވީތަ؟” ޝަޔަމްގެ ދިގު އިނގިލިތައް ލައިޝާގެ އިސްތަށިގަނޑުތެރެއަށް ވައްދާލުމަށްފަހު ލައިޝާގެ ބޮލުގައި ދަތްދޮޅިއަޅުވާލިއެވެ. އޭރު ލައިޝާ އޮތީ ޝަޔަމްގެ މޭމަތީގައި ބޯއަޅާލައިގެންނެވެ. ވަރުބަލިކަމުން އޭނަ އޮތީ ލޯހުޅުވާލާނެވަރު ނެތިފައެވެ. ފިނިރޯޅިތައް ހަށިގަނޑު ގަނޑުކުރަމުން ދިޔައިރުވެސް އެ މޫނުމަތީ ދާތިިކިތައް ވިދަމުން ދިޔައެވެ. މިރޭ މާގިނައިރުވާންދެން އޭނައަށް ކެތްކުރެވިއްޖެއެވެ.
“ވަރުބަލިވަނީ…” ލައިޝާގެ މޫނު ފޮރުވައިލައިގެން އޮތް ދިމާލުން ޝަޔަމްގެ ޓީޝާޓް ތެމެންފެށިއިރު ޝަޔަމްގެ ހިތަށް އަސަރުކުރީ ލައިޝާ ބޮޑު ވޭނެއްގައި އުޅެމުންދަނީކަން ނަގައިގަނެވިފައެވެ. އޭނަ ކުރިއަށްވުރެވެސް ބޮޑަށް ލައިޝާ އެއަތުގެ ތެރޭ ބޮޑިކޮށްލިއެވެ.
“ފިނީގެ އުނދަގޫތައް ބޮޑުވަނީދޯ… ހިނގާއެނދަށް…” ޝަޔަމް ލައިޝާ އުފުލާލައިގެން ގޮސް އެނދުގައި ބޭއްވުމަށްފަހު ކިލްޓް އޮޅާލަދިނެވެ. އެނދުގެ އެއްފަރާތެއްގައި އިށީދެ ލައިޝާގެ އަތް ގެނެސް އޭނަގެ އަތުގެ ތެރެއަށްލިއެވެ. އަމިއްލަ ބާރަކާއިނުލާ ލޯމެރެމުންދަނިކޮށް ލައިޝާ ޝަޔަމްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އޮވެފައި އަނެއް ފަރާތަށް ފުރޮޅިލިއެވެ. އެއާއިއެކު އޭނަގެ ދެލޯ ފުރިބާރުވެގެންއައީ ކަރުނަތަކުންނެވެ. މުޅިއުމުރަށް ޝަޔަމްގެ އަތުގެ ހިމާޔަތުގައި އެގޮތުގައި ހުރެވޭނޭކަމުގެ އެއްވެސް ޔަގީންކަމެއް އޭނައަކަށް ނެތެވެ. ޝަޔަމްއާއި އޭނަ ދުރަށްދާން މަސައްކަތްކުރާ ސަަބަބަކީ އެއީއެވެ. ޝަޔަމްއާއި ކައިރިވާވަރަކަށް އޭނައަށް ދުރަށްދާން އުނދަގޫވާނީއެވެ. އެދުވަހަކު އެއިން ކޮންމެ ހަނދާނެއްވާނީ އޭނައަށް ލިބޭ އަނިޔާއަކަށެވެ. އިޒާދެކެ އަދިވެސް ލޯބިވާކަމަށް އެއްބަސްވީ ޝަޔަމްގެ ދުލުންނެވެ. ވީއިރު އެހިތުން އޭނައަށް ލިބޭނެ ޖާގައެއް ނޯންނާނެއެވެ.
*** *** *** *** *** ***
ދަންވަރުގެ ވަގުތު މުޅި މިޑޯވިއުވެސް ނިދާފައިވާފަދައެވެ. މުޅި ސިޑިބަރިއާއި ހުރިހާ ފްލޯރތަކެއް ގައިވެސް ވަނީ ނުހަނު ލޮލަށް ފަސޭހަ ރީނދޫ އަލިކަމެކެވެ. ލައިޝާއާއި މެދު ކަންބޮޑުވެ ލޮލާއި ރުޅި ދުރުުވެފައިވާތީ ޝަޔަމް ކޯރިޑޯއަށް ނިކުމެލިއެވެ. ހުސްކޮށް އޮތް ދިގު ކޯރިޑޯއިން ހިނގާލައިފައިދަމުން ޝަޔަމްގެ ފިޔަވަޅުތައް މަޑުޖެހުނީ ކަންފަތުގައި ޖެހުނު އަޑަކުންނެވެ. ހިނދުކޮޅަކަށް އޭނަ ހުރި ޖާގައަށް ހުއްޓިފައިވެސް އަޑު އައި ދިމާލަށް ޝަޔަމް ހިނގައިގަތެވެ.
“ތޭންކްސް ޔާން… ޔާންއަށް ނާދެވުނުނަމަ ބައްޕައަށްވާނެގޮތްވެސް ބުނާކަށް ނޭނގެ… ޔޫ ސޭވްޑް ހިމް… އަދި އެއްދުވަހަކު ބައްޕަގެ ރުހުމާއިއެކު އަހަރެމެންނަށް ގުޅެވޭނެ… އެދުވަހަށް އަހަރެން އިންތިޒާރުކުރާނަން… އުމުރުހުސްވިޔަސް… އެހާ ލޯބިވޭ ޔާން…” ޝަލީން ހުރީ ބެލްކަނީގައި ރެއިލިންގައި އަތްއަޅުވާލައިގެން ފޯނެއްގައެވެ. އެދިމާލަށް ލެބިފައިވާ ގަސްތަކުގެ ބިޔަކަމާއިއެކު ކޯރިޑޯވެސް އަނދިރިކަމަށް ގެނބިފައިވުމުން ބެލްކަނީގައިވަނީ ވަރަށްވެސް ފަޑުއަލިކަމެކެވެ. ފަހަތުން ޝަލީންވެސް ފެންނަމުންދިޔައީ ހިޔަންޏެއް ފަދައިންނެވެ.
ޝަޔަމް ޝަލީންގެ ވާހަކަތައް އަޑުއަހަން ހުރިއިރު އެ މޫނަށް ތަފާތު ކުލައެއްއަރާފޭބިއެވެ. ޝަލީންގެ ދުލުން ބޭރުކޮށްލި ކޮންމެ ބަހަކުން އޭނަގެ ހިތުގައި ޝައްކުތަކެއް ހިނގާލިއެވެ. ހައިޒަލްއާއި ޝަލީން ކައިވެނިކުރެވުނުއިރުވެސް އެ ކައިވެނި އަމާންކަންމަތީ ކުރިއަށް ނުދާނޭކަން އޭނައަށް އިނގުނެވެ. ނަމަވެސް ޝަލީން ބަލިވެއިން ހަބަރު ލިބުމާއިއެކު ޝަޔަމް އޭނަގެ ހީކުރުންތައް ދޮގުކުރިއެވެ. ކޮއްކޮއާއިމެދު އުފާކުރިއެވެ. ނަމަވެސް ދަރިފުޅު މަރުވެގެން ޝަލީން ހޮސްޕިޓަލްގައި އޮތް އިރު ފެނުނު މަންޒަރުތަކުން އޭނަގެ ހިތުގައި ކޮންމެވެސް ވަރަކަށް ޝައްކުތައް އުފެދުނެވެ. ހައިޒަލްއާއި ޝަލީންގެ ދުރުކަން ފެނި އޭނައަށް ފުރަތަމަ ހީކުރެވުނީ މީހުންގެ ތެރޭގައި ލޯބި ފާޅުކަން ހައިޒަލް ޖެހިލުންވާކަމަށެވެ. ނަމަވެސް މިރޭ އޭނައަށް އިވުނު ވާހަކަތައް އެކަން ދޮގުކޮށްފިއެވެ.
ޝަލީން ފޯނު ކޯލް ނިންމާލުމަށްފަހު ދޮރާއި ދިމާލަށް އެނބުރިލިއިރު ކުރިމަތިން ފެނުނު ސޫރައަކުން ސިހިގެންދިޔައެވެ. އޭނަގެ މޫނުމައްޗަށް ވެރިވީ ވަގަކު ވައްކަންކުރަން އުޅެނިކޮށް ފަޅާއެރުމުން އަރާކަހަލަ ކުލަވަރެކެވެ. ޝަލީން ދުލުގެ ކުރީގައި ދައިގަތެވެ. މަޔާންއާއި މާފޮޅުވަނިކޮށް އަޑު މިއިވުނީ އެންމެ ނީވެންވީ މީހާއަށެވެ. ދޮންބެގެ ތޫނު ސިކުނޑި ހުރިހާކަމެއް ނަގައިގަންނާނޭކަން އޭނައަށް ޔަގީންވެއެވެ.
“ކޮއްކޮ… އަދިވެސް ނުނިދަންތަ؟” ޝަޔަމްގެ ހިތުގައި ސުވާލުތައް އުތުރިއެރިޔަަސް ބޭރުފުށުން އެކަން ދައްކައެއްނުލިއެވެ. އިވޭ ކަންފަތަށް ނީވޭ ކަމަށް ހަދާލައިގެން ހުރެ ސުވާލުކުރަމުން އޭނަ ޝަލީންގެ މޫނަށް ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ.
“ނިދިނައިސްގެން ބެލްކަންޏަށް ނިކުމެލީ… ދެން ނިދަންދާންވީ… ގުޑް ނައިޓް ދޮންބޭ… ” ޝަލީން ބުނެލިގޮތަށް ދުމެއް ޖަހާފައި ގޮސް ކޮޓަރިއަށްވަނެވެ. ޝަލީން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ޝަޔަމް ސޯޓުގެ ޖީބަށް އަތްޖަހާލިއެވެ. ލައިޝާގެ ހިޔާލުގައި ހުރެގެން އޭނަ ބެލްކަންޏަށް ނިކުމެެލިއެވެ.
އޭރު ވާރޭ ކުރިއަށްވުރެ ބޯކޮއްލާފައިވާއިރު ޓެރެސްއާއި ދިމާލަށް ލެބިފައިވާ ގަސްތައްވެސް ނަށަމުން ވާރެއާއި ބައިވެރިވަމުން ދިޔައެވެ. ބިޔަ ވިލާގަނޑަކުން މުޅި އުޑު ބައްދާލާ ކުރިއަށްވުރެވެސް އަނދިރިކޮށްލައިފިއެވެ. އޮމާން މާބްލްސްމަތީ ފެންތިކިތައް ވިދަމުންދިޔައެވެ. ރެއިލިންއާއި ދިމާލުން ފެންގަނޑު ބޮޑުވެ ބާނިލައްވަމުން ސައިލެއްފަދައިން އެއްކޮޅަށް ދެމެމުން ދިޔައެވެ. ވަށައިގެންވާ ގުދުރަތީ ރީތިކަމާއިއެކު ދީވާނާވެފައިވާ މޫސުުމެވެ. ހިއްސުތައް ހިލުވާލާހާ ފިނިކަމެވެ.
*** *** *** *** *** ***
މަޔާންގެ އަތުގައި އޮތް ކަރުދާހަށް ނަޒަރު ހިންގަމުން އައިސްފައި ކަރުދާސްގަނޑު ތިރިއަށް އެލުވާލިގޮތަށް މޭޒުކައިރީގައި އިން އަކްމަލްގެ މޫނަށް ބަލާލިއެވެ. އޭރު އަކްމަލްގެ ނަޒަރު ސީދާވެފައި ހުރީ މަޔާންގެ މޫނަށެވެ. ހިމޭންކަމާއިއެކު ފާއިތުވެގެންދިޔަ ވަގުތުކޮޅަކަށްފަހު އެއްޗެކޭ ބުނަން މަޔާން އަނގަހުޅުވާލިއެވެ. ހަމަ އެ ބާރުމިނުގައި އަނެއް ފަރާތަށް އެނބުރުނުގޮތަށް އަނގަމަތީގައި އަތް އަޅާލިއެވެ.
“ތިންވަނަ މީހަކީ އިޝާރުތަ؟” މަޔާންގެ އަޑު ފާޅުވީ އެކަން ޤަބޫލުނުކުރެވިގެން އުޅޭފަދަ އަސަރުތަކެކެވެ. ޖަވާބެއްގެ ގޮތުގައި އަކްމަލް ބޯޖަހާލުމާއިއެކު މަޔާންއަށް ދެއަތުން ބޮލުގައި ހިފާލެވުނެވެ. ދެކޮޅަށް ހިނގަންފެށުނެވެ. އޭނަގެ ލޯމައްޗަށް ސިފަވީ ޝަލީންއެވެ. ހިޔާލަށް އައީ އެކަން އިނގުމުން ޝަލީން ކުރާނޭ ހިތާމައެވެ. އަޑުއެހުންތަކުގައި ޝާދީން ރުއިވަރު އެންމެ ގާތުން ފެނުނީ އޭނާއަށެވެ. އެފަދަ ހާލެއްގައި ޝަލީން ވާތަން ދެކެން ހިތެއް ނޭދެއެވެ.
“އަޒްހާންގެ ބަނޑުން ވަޅި ދަމައިގަތް ގަނޑީގައި އިޝާރުވެސް އެތާ ހުރި… އެ ގަނޑީގައި އިމާރާތުގެ ތެރޭގައި ބޮޑަށް ރޯވެގަތީ… އެދެމީހުން އެތާގައި ޒުވާބުވެސް ކުރި… ފަހުން އަލްހާން ކޮންމެވެސް އެއްޗެއް ކިޔައިގެން މައިތިރިވީ… ދެމީހުން ފިލަންދުއްވައިގަތީ ގުދަނުގައި އަލިފާން ޖަހާފައި….” އަަކްމަލް އޭނަގެ ލޮލަށް ފެނުނު މަންޒަރު ކިޔައިދެމުންދިޔައިރު މަޔާންއަކަށް އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއްނުދެވުނެވެ. އެއީ އަޑުއެހުމަށް ނުހަނު މުހިންމު ވާހަކަތަކަކަށްވިޔަސް އެ ވާހަކަތައް އަޑުއަހާކަށް މަޔާންއަކަށް ފަސޭހައެއްނުވިއެވެ. އެއިން އެންމެ ލަފްޒެއްްވެސް އޭނަގެ ކަންފަތާއި ހަމަޔަކަށް ނުފޯރިއެވެ. އޭނަގެ ކަންފަތްވީ ބަށްވެފައެވެ. ފުރަތަމަ ފަހަރަށް އެ މައްސަލައާއި ހަވާލުނުވެވުނުނަމައޭ ހިތަށް އެރިއެވެ. ޝާދީން ގޮތަށް މިކަންތައްގަނޑުގެ ތެރޭގައި ޝަލީން ހަފުސްވެގެންދިޔުމަކީ އޭނަ ދެކެން ބޭނުންވާ މަންޒަރެއްނޫނެވެ.
އިތުރަށް އެތާ ހުރެގެންވެސް އޭނައަށް އެއްވެސް ކަމަކަށް ސަމާލުކަން ނުދެވޭނެކަން އިނގޭތީ މަޔާން ބާރު ފިޔަވަޅުތަކެއްގައި އިންޓްރޮގޭޝަން ކޮޓަރިން ނިކުތެވެ. ދުވެފައި ގޮސް ކާރަށް އަރާ ދުއްވާލިއެވެ. ނަމަވެސް ދާންވީ މަންޒިލެއް ހުދު އޭނައަކަށް ނޭނގެެއެވެ.
*** *** *** *** *** ***
މެންދުރުގެ ގަދަ އަވީން މުޅި ދުނިޔެވެސް ދިއްލާލައިފައިވާ ވަގުތެވެ. ހުރަހަކާއި ނުލާ ދުނިޔެއަށް އެޅިފައިވާ ހޫނު އަލިން ބޭރަށް ލޯ ދިއްކޮށްލަންވެސް ނުކެރެއެވެ. ރޭގައި ވެހުނު ވާރޭއަށްފަހު ޖައްވުގައި ހިފާލައިފައިވާ ފިނިކަން ކެނޑެމުންދިޔައެވެ. ވައިރޯޅިތައް ހިނދިފައިވާތީ އެ ހޫނުދުވަހުގެ އުދާސްކަން ވަކިން ގަދަވެފައިވެއެވެ.
ފުޅާ ދިގު މަގުގެ މެދަށްވާގޮތަށް ހުރި ދެފަންގިފިލާގެ އިމާރާތުގެ ކުރިމައްޗަށް ހައިޒަލް ކާރުހުއްޓާލިއެވެ. ކާރުގެ ޑްރައިވަރ ސީޓުން ފައިބަމުން ކުރިމަތިން ފެންނަން ހުރި “ރައިޓްސް” ލޯރ ފާރމަށް ހައިޒަލްގެ ނަަޒަރު ހުއްޓާލިއެވެ. ދެބުރިއަށް ނަގާފައިވާ އެއިމާރާތުގެ ބޭރު ފާރުތައް ފޮރުވާލައިފައިވަނީ ކަޅުކުލައިގެ ބިއްލޫރިންނެވެ. އެއިމާރާތާއި އިންވެގެން އެއަށްވުރެ އުސްކޮށް ހިއްލާލައިފައިވާ އިމާރާތަކީ މިޙުރާންގެ “އެވަރޓަން”އެވެ. ހައިޒަލްގެ ނަޒަރު ހަވޭލީއަށްފަދަ އެވަރޓަންއަށް ހުއްޓުނުވަގުތުކޮޅު ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ ކުޑައިރުގެ ހަނދާންތައް އާވެފައެވެ. އެއީ ވިންޓަރ ބްރީޒްއަށް ފަހު ތުއްތުއިރު އޭނަ އެންމެ ގިނަ ވަގުތު ހޭދަކުރި މަންޒިލެވެ. އޭނަގެ ދެވަނަ މަންމައާއި ބައްޕަގެ ގެއެވެ.
ލޮލުގައި އަޅާފައި އިން އަވިއައިނު ނަގައި އިސްތަށިގަނޑު މަތީގައި ބައިންދަމުން ހައިޒަލް ދުވެލައިފައި ގޮސް އެއިމާރާތުގެ އެތެރެއަށްވަނެވެ. ދޮރުން ވަންނަތަނުން ޖެހެން އިން ކައުންޓަރުދޮށަށް ލެފިލުމަށްފަހު ހައިޒަލް ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އެއާއިއެކު އޭނަގެ ފަހަތުން އައުމަށް އިޝާރާތްކުރަމުން އެ އަންހެންކުއްޖާ ކައުންޓަރުންދޮށުން ތެދުވެ ކުރިއަށް ހިނގައިގަތެވެ.
ބިއްލޫރި ދޮރު ކެހިގެންދިޔުމާއިއެކު ފެނިގެން ދިޔަ ކެބިންގެ ތެރޭގައިވީ ތަރުތީބުކަމެވެ. ކެބިންގެ ތިންްބިތުގައި ފޮތް ހަރުގަނޑުތައް ޖައްސާލައިފައިވާއިރު މެދުގައި ބޮޑު ރޯޒްވުޑް މޭޒެވެ. އޭގެ ކުރިމައްޗަށް ކަޅުކުލައިގެ ބޮޑު ސޯފާއެވެ. ވަށައިގެން ބިއްލޫރި ޖަހާފައިވާކަން އިނގެނީ ކެބިން ތެރެއަށް ވަންނަމުންދިޔަ އިރުގެ އަލިކަމުންނެވެ.
“ސަރ… ސަރއާއި ބައްދަލުކޮށްލަން ބޭފުޅަކު ދުރުވެ އެބަހުންނެވި…” ކެބިންގެ ދޮރުގައި ޓަކިދެމުން ދޮރުމަތީ ހުރި އަންހެންކުއްޖާ ބުނެލުމާއިއެކު ދެފޮތްހަރުގަނޑު ދޭތެރެއަށް ވާގޮތަށް އިން ބިއްލޫރި ދޮރުކައިރީގައި ހުރެފައި އެ މީހަކު ފަސްއެނބުރި ބަލާލީއެވެ. އޭރު ދޮރުގެ އެއްފަރާތެއްގައި ހުރެފައި ހައިޒަލް ދޮރު މައްޗަށް އެރީއެވެ.
ލޮލަށް ފެނިލެއްވި ސޫރައަކުން މިޙުރާންގެ ދައްކަވަމުންދިޔަ ވާހަކަތަކަށްވެސް ހުއްޓުމެއްއައެވެ. ކަންފަތުގައި ޖައްސާލެވިފައިވާ ފޯނު ތިރިކޮށްލެއްވިގޮތަށް ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ހެޔޮވަރުކޮށްލެވުނީ އޭނަގެ ދެލޯވެސް އޭނައަށް ކެހިދެނީކަމަށް ހީކޮށެވެ. 21 އަހަރުފަހުން އެކުވެރިޔާގެ ދިރިހުރި ތަސްވީރު އެ ހުރީ އޭނަގެ ކުރިމަތީގައެވެ. އޭނަ އެކަމަށް އުންމީދުނުކޮށް ހުއްޓައެވެ.
“އަންކަލް…” މިޙުރާންގެ މޫނަށް ވެރިވެގެންދިޔަ ކުލަައަކުން ކުރިއަށް ފިޔަވަޅެއް އަޅާލަން ނުކެރިފައިހުރެ ހައިޒަލް ގޮވާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
53 Comments!
Comments are closed.






miadhu mashah first libunee tha mee
dhira ah vure kurin comment kohgen first hoadhy dhw.. congrats dear
hei dears.. heres the 75th part of Bunedheyshe Ruhemey.. hope you all will like this part too.. readers vaahaka nimen mihaaru miulheny.. madu madun kankan unfoldvamun mihaaru midhanee.. sorry dears haizal aai naina ge parts thah varah madhu vey dhw eba.. next part ga ebai include kohlaanan ingey.. enjoy reading and leave a comment… i will be meeting you on friday night.. last part ge comments thakah dhira mirey reply kohlaanan
Wow ❤️❤️❤️
thanks dear
Wowowowo…. Raan Uncleee… Yeyyyy… Dhen Yaan aa Zel ah avahah ingen beynumy dhen They’re like Best Friends Kan ????????… Mivaahaka Varah Habeys… Sifa kurun thah vx Hama oohh laa laa… Varah bodu fan eh ingey mi ??
?… It’s true la_la_la
thankss dears.. lets see they are going to find out soon.. thankss dear.. im so happy to hear that.. nice to meet you my fan anonymous fan
wow its really nice dhiraa
thanks dear
Ohhhh finalyyy haizal met his uncle.. am so happy?? & dhen vaaney goi kiyaahithun hurevenyykyy noon????…. & shayam aa lai ge mahsala solve kohladhyy..haadha dheravey shayam ah ehen vaathyy??? … bt stry is fascinatinggg??❤❤… lyyyysssssssmmmmm???
dhw.. after 21 years.. hingaa dhw vaagotheh balamaa.. thee hama shayam ge aih mathee oih kameh.. thankss dear… ly too
Wow..dhiraa haadha molhey…mi bai vx v rythi..alhey so curious..waiting for the next ingey dhiraa <3 <3 <3❤❤❤❤❤❤???????????????
thankss dear.. love from me
Diraa Dhen haizal ge mom aa bahdhalu kohba ehmen nah ves an gaba plz v reethi mi vaa haka
dear bunaa gothah ekamah enme ekasheyne vaguthu ais fa dhw miothy.. maa laheh nu ekan vedhaane… thanks dear
Masha Allah vaahaka varah reethi. Dhiraa hama superb. Dheraves ver vaahaka nimen ulheytheeve ves. Dhiraa abadhuves mirogun kuriah dhaanekamah ummeedhu kuran. Dhen anna bayakah mihaaru dhen inthizaaru kurevenee. ?????
thankss dear.. dhira ah superb koh vaahaka genesdhevenee thigothah support dheythee ey.. all thanks goes to my readers.. dhira ves varah dheravey ninmaalan jeheythee.. mulhi mi aharu dhiraa miulheny mi characters aai eku.. insha allah dhira mi rogun kuri ah dhaathan fehnaane ingey
Oooh dhiraaaa reethi huskuri ❣️❣️
thankss dear
Wow hama best ….. V dhera vey eba story nimeythee ekm I love each n every bit of this story …. Emme furathama ep in feshigen mihaathanah ves mi story mi kiyanee gavaaidhun … Mee dhn hama emme curious kohlaa kahala v thafaathu vaahaka e … N I love it … N v happy vo lai ge bae himeneema …. N shaadheen a happy ending dheveytho balachey dhiraa … As alwys love this story n love u dhiraa …. Good luck ??????
N yes mi story ninmaafa ehn story e liye veytho balacey ❤?
thanks dear.. dhira ves dhera vey nimaalan jeheythee ekm konme kamakahves nimumeh ahnaane ehnu dhw.. anehkaa meega miulhey couple kolhah happily after eh dheynves eba jehe ehnu dhw.. shaadheen dhw.. shaadheen goih dhookurun theega ohnaanee.. higaa balamaa dhw.. thanks dear and love you.. insha allah dhira adhi story eh liyaanan ingey
I think saleen is pregnant dho
Not shaleen..lai
lets see dhw
shayam and lai ge parts ves gina kolachey..varah salhi and hama kiyaa hithun keh nuvey ?
yes i will ingey.. thanks dear
wowww….varah reethi inggy waiting for next part siss….luv yeahhh..
thanks dear
Masha allah the talent! May you always shine bright dhiraa darling! ??
thank dear
Vaahaka v reethi..but konmeves varakah kuh eba huri..4 inch loagandehge kuri mathy shaadheen huri vaahaka in..wedhaane 4ft ey liyan ulhuny kamah..anyways waiting for the next part..
thankss dear.. kuhfiluvaafa mihaaru ihnaanee.. thanks for pointing out
Varah Reethi
thankss dear
Wow dhiraa. This part is great… Exam feshifa otheema busy koh ulheythee comment nukurevunee …. Sorry for that??????… Next partah inthizaaru koh laanan.. best to luck for the next part.. love you…????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????????????
thankss dear.. its okey dear.. studies comes first.. best of luck and study well for your exams.. love you too
Masha Allah…. V v reethi mi part vex. ❤️❤️??.. When is next…. You r so talented… Anyway mi vhk Niamey thee v dheravey….
thanks dear.. i even feel the same way when its coming to the end
Rangalhy nimunyma cox… maa dhigu vany… mi ah vure dhigu vaahaka eh mi site akun nufenun
thankss dear
Varh reethi
thankss dear
Thanks faathumaa
Lai preg v dhw
hama lai ah ingeynee.. shayam ahaalabala laisha gaathu
Yayyy??..mireyy ga up vaane dho..mi vaahaka yahh inthizaaru kureveyy varehh vss neigeyy…haadha reecheyyy…dhiraa you are a great writer????mivahaaka nimeyyirahh dhiraa ehnn vaahaka eh fashacheyy..dhiraage vaahaka emme kiyaa hiyy vanee❤❤
Mirey vs avahah up kolladhehchey..
Alhey dhiraa koba tha mirey ge part…… Avahah up kohladhyyba
Hey dhiraa.. koba mirey ge part.. im waiting
Dhiraa mirey upload kohdheynan dhw???? Hope u will upload it sooonnn……
vaahaka kobaa tho… haadha inthizaare key mikurevenee
Enme fahun up kuri dhuvahu avahah up kureema ekanthah eulheny..bunaa dhuvahah up kuramey bunyas kihine gabool kuraany 2 3 jahaairah up kuranyyaa