Skip to content
އެސްފިޔަ

ދުޝްމަން – 9

ޝާޔާ އަމިއްލައަށް މަރުވަން އެ އުޅެނީ އަހަރެންނާއި ހެދިއެވެ. ޝާޔާގެ މަރު އެޅޭނީ އަހަރެންގެ ބޮލުގައެވެ.
ވަގުތު ބޭކާރުނުކޮށް ގައިގައި ނެތް ހިތްވަރު ލަމުން އަހަރެން ބަކަ ތަޅައިގަތީމެވެ. ކުރެވެނީ ކީއްކަމެއް ނޭނގެއެވެ. އިނގޭ އެއްޗަކީ އަދި އަޑިއަށް ނުދާ ކަމެވެ. ފަޔާއި އަތް ހޫރަމުން އެއްލަމުން، ނޭވާ ލަމުން ޝާޔާ ގެއްލުނު ހިސާބަށް ވެސް ދެވިއްޖެއެވެ. ވެލިގަނޑުގައި ފައި ޖައްސަން މަސައްކަތްކޮށްފިއްޔާ ގެނބޭނެކަން އަހަރެންނަށް އިނގެއެވެ. ވަށައިގެން ބެލިއްޖެއެެވެ. ލޮނުގަނޑު އެތެރެއަށް ވެސް ބެލިއްޖެއެވެ. ޝާޔާގެ ހިލަމެއް ނުވިއެވެ.
“ޝާޔާ! ޕްލީސް. ކޮންތާކު ތިހިރީ؟!”
ނޭވާ އަވަސްވެ އަތާއި ފައި ވަރުބަލިވާން ފަށައިފިއެވެ. ދެން މާކައިރު ފެން މައްޗަކު ނޯވެވޭނެއެވެ. ޖަހާ ކޮންމެ ރާޅަކުން އަނގަޔަށް ޖަމާވަމުން ދިޔަ ލޮނު ފެންތައް ގިނަވިއެވެ. ލޮލުން ނަގަމުން ދިޔަ ދިލައިން ލޯ ވެސް ހުޅުވޭ ވަރެއް ނޫނެވެ.
“ޝާޔާ!! ތިހެން ނަހަދަބަ!! އައިމް ސޮރީ!! ޕްލީސް!”
އައިކޮޅަށް ދެވޭތޯ އަހަރެން މަސައްކަތް ފެށީމެވެ. އޮޔަ ދަމާވަރުން އެކަން ވެސް ކާމިޔާބު ނުވިއެވެ. ގައިގައި އެ ވަރަށް ހަކަތަ ނެތީމައެވެ. ނަގާ ބޮޑު ރާޅުތަކުން ނޭވާ ލާން ބޯ ހިއްލޭ ކަމެވެ. މި އަޑިއަށް ދަނީއެވެ. ދެން މާކަ ގިނަ އިރެއް ނެތެވެ. އެންމެ ފަހު ނޭވާއިން ވެސް އަހަރެން ޝާޔާއަށް ގޮވާލަން ބޭނުމެވެ. އޭނާ ކައިރީ މަޢާފަށް އެދެން ބޭނުމެވެ. އަހަރެން އޭނާޔަށް ދިން އަނިޔާ ބޮޑެވެ. ޝާޔާ އަހަރެންނަށް ކިތަންމެ މަލާމާތެއް ކޮށް ފުރައްސާރު ކުރިިޔަސް އަންހެން ކުއްޖެއްގެ އިއްފަތްތެރިކަމަށް އަރައިގަތުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެއެވެ.
“ޝާޔާ އަހަރެންނަށް މަޢާ…”
ޖެހި ބޮޑު ރާޅަކުން އަހަރެން އަޑިއަށް ދިޔައެވެ. އަނގަޔަށާއި ފުއްޕާހަމަށް ފެން އެޅެމުން ދިޔައީ ހަލުވިކޮށެވެ. ވީނުވީއެއް ނޭނގި ލޯމައްޗަށް ފުސްވެ ހޭނެތޭހެން ހީވިއެވެ. މުޅި ހަށިގަނޑު ފިނިވެ ހަޔާތުގެ ހުޅުކޮޅު ނިވޭ ކަމުގެ އިންޒާރު ލިބުނެއެވެ. އަހަރެންގެ ސިކުނޑިއަށް ސިފަވީ ޝާޔާއެވެ. މިދިޔަ އަހަރު އަހަރެން އޭނާ ދެކެ އެންމެ ފޫހިވި ދުވަހުގެ މަތިންނެވެ. އަހަރެންގެ ހަޔާތުގެ ސަފްހާތައް އުކެމުން ދިޔައިރު ވަގުތު ހުއްޓުނު ކަހަލައެވެ. ދެލޯ އެބަ މެރެއެވެ. ނަމަވެސް އެހަނދާންތައް ސިކުނޑި ދޫކޮށްފައި ނުދާން ގަދަހެދިއެވެ. ދެން މިޖެހުނީ އަލުން އެ ދުވަސްތަކުގެ ތެރެއަށް ފީނާށެވެ.

އެ އަހަރު އަހަރެންނަށް ސޯޅަ އަހަރު ފުރުނެއެވެ. ރަނާ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އަަހަރެންނަށް ލޯބި އަކީ ކޯއްޗެއް ކަމެއް ރަނގަޅަށް ނޭނގުނަސް ރަނާ ދެކެ ވަނީ ލޯބި ކަމަށް މި މޮޔަ ހިތަށް ބުނެދިނީ ނުވިސްނޭ ސިކުނޑިއެވެ. އެ އަހަރަކީ ކޮންމެ ދުވަހަކު އަހަރެންގެ ލޮކަރަށް ސިޓީއެއް އަންނަން ފެށި އަހަރެވެ. ކުދި ކުދި މެސެޖުތައް ލިޔެފައި ހުރި އެ ސިޓީތަކުގައި އަހަރެން ދެކެ ވާ ލޯބި ބަޔާން ކޮށްދީފައި ވިއެެވެ. އަހަރެންގެ ރީތި ކަމާއި ތޫނުފިލިކަމަށް އަބަދުވެސް ތަޢުރީފު އެ މެސެޖު ލިޔާ ކުއްޖާ ކުރެއެވެ. އަބަދު ޕިންކު ގަލަމަކުން ލިޔާ އެ ކުއްޖާއަކީ ރަނާއެވެ. އެކަމާ މެދު އަހަރެންގެ ހިތް ޔަޤީންކަން ދިނެވެ. ކަށަވަރު ކޮށްދިނެވެ. ރަނާ އަތުގައި ޕިންކު ގަލަމެއް އޮވެއެވެ. ހެނދުނު ގަޑީގައި އަހަރެންގެ ލޮކަރު ކައިރި އެނބުރެނިކޮށް ވެސް ދުށީމެވެ. އެއީ އެކަމުގެ ހެކިކަމަށް އަހަރެންނަށް ގަބޫލުކުރެވުނެއެވެ. ޝާޔާއަކީ ވެސް އޭރު އަހަރެންގެ ކިލާހުގައި އުޅޭ ކުއްޖެކެވެ. އަހަރުމެން ދެމީހުން މާކަ ގިނަ ވާހަކައެއް ނުދެއްކި ކަމަކު ޝާޔާ ބައެއް ފަހަރު ހިނިތުންވެލާނެއެވެ. ޝާޔާއަކީ ހިތްހެޔޮ ކުއްޖެއް ކަމަށް ހީވެވުނީ އެ ރީތި ހިނިތުންވުމުގެ އަވައިގައި ޖެހިފައެވެ.
ރަނާދެކެ ލޯބިވާކަން އުޅުމުން ވެސް ނޫނީ ހަރަކާތަކުން ވެސް އޭރަކު ނާންގަމެވެ. ރަނާ ގައިގައި ނޫނީ އިތުރު އެހެން އަންހެން ކުއްޖެއް ގައިގައި އިނގިލި ކުރި ވެސް ޖައްސާނުލަމެވެ. ރަނާއަށް ލޯބި ހުށަހަޅަން ނުކެރުނީ ވެސް ރަނާއާއި އޭލެވެލް ހަދާ ކުއްޖަކާ މެދު ގުޅުމެއް އޮވެއޭ ތުންތުންމަތިން ދެކެވޭ ވާހަކަތައް އިވިފައި ހުރީމައެވެ. އަދި ދެމީހުން މެދުގައި އޮންނަ ގާތް އެކުވެރިކަމަށް ބުރޫ އަރާކަށް އަހަރެން ބޭނުމެއް ނުވެއެވެ.
އަހަރެންގެ ހިޔާލު ބަދަލުވީ އެ ކުދި ސިޓީތައް ލިބެން ފެށެމުންނެވެ. އެކުވެރިކަމުގައި ލޯބީގެ ކުލަވަރު ޖައްސަން ރަނާ އިސްނެގީތީ އަހަރެން އުފާވިއެވެ. ރަނާއަކީ ލަދުރަކި ކުއްޖެއްކަން އޭނާ ފޮނުވާފައި ހުރި ސިޓީތަކުން ވެސް ދޭހަވިއެވެ.
ވީ އުފަަލަކުން އަހަރެން އެ ދުވަހު ނިންމީ ރަނާއަށް ލޯބި ހުށަހަޅާށެވެ. ލޮކަރާއި ހިސާބަށް ދެވުނު އިރުވެސް ކެތްމަދުވެފައި ހުރީ މިއަދުގެ ސިޓީ ލިބޭނެކަމުގެ އުއްމީދުގައެވެ.
ލޮކަރާއި ހިސާބަށް ދެވުނުތަނާހެން ލޮކަރު ކުރިމަތީގައި ސިޓީ ހިފައިގެން ހުރި ޝާޔާ ފެނިފައި އަހަރެންގެ ފިޔަވަޅު ހުރިތަނަށް ގަނޑުވިއެވެ. ދެލޯ ބޮޑުކޮށްގެން ހަދާނެ ގޮތެއް ނޭނގި ހުއްޓައި އެ ސިޓީ ޝާޔާ ވީދާ ކުދިކޮށްލިިއެވެ.
“ކީއްވެ އެހެން ހެދީ؟ އެއީ ރަނާ ލިޔާ އެއްޗެހި..”
އަހަރެން ހުރީ ހައިރާންވެފައެެވެ. ޝާޔާއަކީ ރަނާގެ ކަޒިންކަން އަހަރެންނަށް ވެސް އޮތީ އިނގިފައެވެ. ޝާޔާ އަހަރެންދެކެ ރުޅިއަންނަންވި ސަބަބެއް ނޭނގުނެއެވެ.
“ކަލޭ ކަހަލަ ދަށް ފަންތީގެ މީހެއް ރަނާއާއި އަރަފޯދިގެން ވޭތަ؟ ރަނާ މަތިން ހަނދާން ނައްތާލާ!”
ޝާޔާގެ އަޑު އައީ ކެނޑިގެންނެއެވެ. އެހާވެސް އޭނާ ހުރީ ރުޅި ގަދަވެފައެވެ. އަހަރެން ރަނާއާއި ރައްޓެހިވެއްޖިއްޔާ މި ދުނިޔެ ބޮލަށް ވެއްޓެނީ ހެއްޔެވެ؟
“އެއީ ޝާޔާއާ ބެހޭ ކަމެއް ތަ؟”
ރުޅި އެރުވީމާ ބާރަށް އަންހެން ކުދިންނަާއި ދިމާލަށް ވެސް އެއްޗެހި ކިޔޭ ފަހަރު ވެސް ދާނެއެވެ. ޝާޔާގެ ރުޅި އަމާޒުވަނީ ސައްހަ ސަބަބެއް ވެސް އޮވެގެނެއް ނޫނެވެ.
“އާނ.. ރަނާ އުޅެނީ ފައިސަލްއާ ރައްޓެހިވެގެން. އަހަރެން ބޭނުމެއް ނޫން ރަނާ އޭނަޔަށް ދެރަ ގޮތެއް ހަދާކަށް. ހާއްސަކޮށް ކަލޭ ކަހަލަ ރަނޑަކާ ހެދި.”
ކޮނޑުގައި އެތި ފަހަރަށް އަޅާލަމުން ޝާޔާ ފަހަތަށް ބަލާވެސް ނުލައި ދިޔައީ އަހަރެންގެ ހިތް ކުދިކުދި ކޮށްލާފައެވެ.
ފައިސަލްއަކީ އޭލެވެލް ހަދާ ކުއްޖެކެވެ. އޭނާ ވެސް އުޅެނީ އަހަރުމެންނާއި އެއް ސުކޫލެއްގައި އެވެ. ސުކޫލުގެ ކޮރިޑޯތަކުގައި ގޭންގު ހަދާފައި އޭނަޔާއި އޭނަގެ އައުވާނުން އުޅޭނެއެވެ. ރަނާވެސް ފައިސަލްގެ އަތްދަނޑި މަތީ ފެނުނު ފުރަތަމަ ދުވަހު މުޅި ސުކޫލަށް އެ ހަބަރު ފެތުރުނީ އަލިފާން ޕެޓްރޯލުގައި ހިފާވަރަށް ވުރެވެސް އަވަހަށެވެ. ވާނީވެސް އެހެނެވެ. ފައިސަލްއަކީ މުއްސަނދި ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. ރަނާއަކީ ބޮޑު ކަތީބު ދަރިއެވެ.
އެދުވަހަށް ފަހު ރަނާ އަހަރެންނާއި ދުރުވިއެވެ. ލިބެމުން ދިޔަ ސިޓީ ތަކަށް ވެސް ނިމުމެއް އައެވެ. އެކަމާ ދެރަވެ ހިތާމަ ކުރިއެއް ކަމަކު މޫނުން އެކަމެއް ނާންގަމެވެ. ރަނާ އެހެން އުޅެލާފައި ހިނިތުންވާއިރަށް އޭގެ ރައްދު ނުހަނު ހިތްހެޔޮކޮށް ދެމެވެ. ކަމު ނުދިޔައީ ޝާޔާއެވެ.
ވީގޮތް އަހަރެންނަކަށް ވެސް ނޭނގެއެވެ. ފައިސަލްގެ ގޭންގުގެ މީހުންތައް ސުކޫލް ނިންމާފައި ގޭޓު ކައިރި އެނބުރުނު ދުވަހެކެވެ. ފައިސަލްގެ އަތަށް އަތް މަހައިގެން ހުރި ރަނާ ފެނުމުން އިސްޖަހައިގެން އަހަރެން ދިޔައީ ނުހަނު ހަލުވި ކޮށެވެ. އެ މަންޒަރު ފެނުނީމާ ހިތަށް ކުރި އަސަރަކުންނެވެ.
ފައިސަލް ފުރަތަމަ އެއްލީ ކަރުދާސް ބޯޅައެކެވެ. އެ ގޮސް ޖެހުނީ އަހަރެންގެ މޫނުގައެވެ. ލޯ މަރާލަމުން އަޅާނުލާ އަހަރެން ހިނގައިގަތީ ކުރިއަށެވެ. ރަނާގެ މޫނެއް ނުފެނެއެވެ. ނަމަވެސް އޭނާގެ އަޑެއް ވެސް ނީވެއެވެ. އަހަރެން ދިފާޢުކުރަން ރަނާ ގަސްދެއް ނުކުރޭ ހެއްޔެވެ؟ އެއީ އަބަދުވެސް ހިތަށް އުނދަގޫކުރި ސުވާލެކެވެ. މިހާރު ލޯބިވެޔޭ ރަނާ ބުނެއެވެ. އޭރު ކުޑަކޮށް ގަޔާވިނަމަވެސް ފައިސަލް ހުއްޓުވަން އެއްޗެކޭ ބުނިއްޔާ ވާނީ ކީއް ހެއްޔެވެ؟
ކުރިއަށް ހިނގައިގަންނަން އެޅި ފިޔަވަޅު ރަނގަޅަށް ނޭޅި އަހަރެން ވެއްޓުނީ އަނގަ ވަތަށެވެ. ވެއްޓުނީ އެއް ނޫނެވެ. ވައްޓާލީއެވެ. ފައިސަލްގެ ފައިން ޖަހާ ވައްޓާލީއެވެ.
ވަށައިގެން ފަސް ވަރަކަށް ފިރިހެން ކުދިން އެއްވެ އަހަރެންނާއި ދިމާއަށް ހޭން ފެށިއެވެ. ރަނާގެ މޫނުމަތިން އެއްވެސް އިހްސާސެއް ނުފެނެއެވެ. ރަނާ ހުރީ ބިރުން ތޯއްޗެއެވެ. އެއީ އެވަގުތު އަހަރެންގެ ހިތް ބުނަމުން ގެންދިޔަ ގޮތެވެ.
“މިއީ ޔޭ މަގޭ ބިޓު ކަޓުވަން އުޅުނު ރަނޑު ފިރިހެން ކު* އަކީ. މީ ދެން ކާކުތަ؟ ކަލޭގެ ފެންވަރު އޮޅިގެން ނޫޅެބަލަ.”
ފައިސަލްގެ އަނގައިން ހަފަމުން ދިޔަ ކަރަންފޫ އަހަރެންގެ ކޯތާފަތަށް އޭނާ ކުޅެއްގެ ސިފައިގައި ޖެހިއެވެ. އެ ވަގުތު އިހުސާސުވި ދެރައާއި ލަދު އެއީ ހަނދާނުން ފޮހެލަން އުނދަގޫވި ކަމެކެވެ. ފައިސަލްގެ ރައްޓެހިންގެ ތެރެއިން އެކަކު އަހަރެންގެ ފުއްޕާމޭގައި ކޮޅުފައިން އަޅުވާލިއެވެ. ވީ ތަދުން ވެލިގަނޑުމަތީގައި އަހަރެން ކުރު ގެޅުނެއެވެ. ރަނާ އަދިވެސް ހުރީ އިސްޖަހައިގެން އެއްޗެކޭ ނުބުނެއެވެ. އޭ ރަނާއެވެ. އާދޭސްކުރަމެވެ. ލިޔުނު ހުރިހާ ސިޓީއެއްގެ ހައްޤުގައި ވެސް އެއްޗެކޭ ބުނެބަލާށެވެ. އަހަރެންގެ ހައްޤުގައި ތި ރީތި ލޮލުން ކަރުނަ ތިއްކެއް ވައްޓާލަބަލާށެވެ. އެވަރުން އަހަރެންނަށް ފުދޭނެއެވެ.
ވޭނީ އަސަރަކުން ދުލުން ބޭރުނުކޮށް އަހަރެން ލޮލުން ރަނާއަށް އާދޭސްކުރީމެވެ.
ރަނާ އެހުރިހާ ކަމަކަށް ކަނުވެގެން ގޮސް ފައިސަލްމެންނާއި ދުރަށް ހިނގައިގަތެވެ.
“އޭ! ފައިސަލް!”
ދޮން ހަންގަނޑަށް އެޅުނު ދަޅައިން އެއީ ޝާޔާކަން ޔަޤީންވިއެވެ. ޝާޔާ އައީ ކޮންމެހެން އަހަރެން ސަލާމަތް ކުރާކަށް ނޫނެވެ. އޭނާ އައީ ޒަހަމުގައި ލޮނު އުނގުޅާށެވެ.
“ކީއްކުރަން ތިކަހަލަ މީދަލަކަށް އަނިޔާކުރަން ވަގުތު ބޭކާރު ކުރަނީ؟ މިހާރު ގައިން ވެސް ދޮވަނީ މަސް ވަސް ކަންނޭގެ. މަސް ކައްކަން އަންހެނެއް ހެން އަމަޔާއި އެއްކޮށް އުޅެފައި އަންނަ އެއްޗެއް ވިއްޔަ މި.”
ދެލޯ ބޮޑުކޮށްގެން ޝާޔާއަށް ދިމާލަށް ބަލަން އޮވެވުން އިރެއް ވެސް ނޭނގެއެވެ. ޝާޔާގެ މޫނުގައި ރުޅިވެރިކަން ހުރިއިރު އޭނާގެ އަތް މޮއްކަވާފައި ހުރިލެތް ބާރުކަމުން ލޭ އަންނަތަން ވެސް މި ދެލޮލުން ދުށީމެވެ. މިހާ ރުޅިވެރިކަމާއި މަލާމާތް ހައްޤުވާން އަހަރެން ކުރީ ކީއް ހެއްޔެވެ؟ ހަމައެކަނި ލޯބިވުން ހެއްޔެވެ؟ އެވެސް އަހަރެން އިސްނަގައިގެން ކުރި ކަމެއް ނޫނެވެ.
ތެދުވަމުން އަހަރެން ފަޓުލޫނު ފޮޅައިލީމެވެ.
“ކަލޭގެ މިހިރަ ބިޓޭ މަށަށް ސިޓީއާ އެއްޗެހި ލިޔުނީ ލޯބިވެޔޭ ކިޔާފައި. އަހާބަލަ އޭނާ…”
ޖުމުލަ ނުނިމެނިކޮށް ޝާާޔާގެ އަތުގެ ހޫނު އެތިފަހަރެއް އަހަރެންގެ ކޯތާފަތަށް އެރިއެވެ. ރުޅި އައިސްގެން ގޮސް ޝާޔާގެ ލޯ ވެސް ހުރީ ފެންކަޅިވެފައެވެ.
“ކޮން ސިޓީއެއް؟”
ރަނާ ފުރަތަމަ ފަހަރަށް އެއްޗެކޭ ބުންޏެވެ.
“އެއްޗެއް ނޫން ރަނާ. މީނަ މޮޔަ ގޮވަނީ.”
ޝާޔާ އިސްޖަހާލަމުން އެހެން ބުނެފައި ދިޔުމުން އަހަރެންގެ ހާލަށް ދޫކޮށްލާފައި އެންމެން ކުރިއަށް ހިނގައިގަތެވެ. މަޢާފެއް ނުކުރާނަމެވެ. ޝާޔާއަކަށް މަޢާފެއް ނުކުރާނަމެވެ.
ފައިސަލްގެ ނިމުން އައީ އަހަރެން ހީކުރި ވަރަށް ވުރެ ފޮނި ކޮށެވެ. އަސްލަމް ސަރ އާއި ދިމާވެގެން ޑްރަގު މައްސަލައެއްގައި އޭނާ ވާ ވައްދާލަން ސިކުންތެއް ވެސް ނުނެގިއެވެ. ދޮގު ތުހުމަތެއް ވިޔަސް ހެވެއެވެ. ފައިސަލްއަކީ މަސްތުވާތަކެއްޗަށް ވުރެވެސް ބޮޑު ވަބާއެކެވެ. މުޖުތަމަޢުގައި އަޅާ ފުޅައެކެވެ. އޭނާ ނައްތާލެވުނު ދުވަހު ރަނާގެ އުޅުން އެއްކޮށް ބަދަލުވިއެވެ. ކުރިން އަހަރެން ލޯބިވި ރަނާ ލިބުނެއެވެ. އަހަރެންނާއި ގުޅުން ބަދަހިވެ އެ ގުޅުމުގައި ލޯބީގެ ސިފަ ޖައްސަން ބޭނުންވިއެވެ. ޝާޔާއާއި ރަނާގެ ދޭތެރޭ މައްސަލައެއް އުފެދުނު ހެން ވެސް ހީވިއެވެ. އެކަނި ޝާޔާ ހޭދަކުރާ ވަގުތުތައް ގިނަވިކަން އަހަރެންނަށް ފާހަގަވިއެވެ. އަދި އެއީ ޝާޔާ ގެއިން ފިލި އަހަރެވެ.
ނަމަވެސް އަދިވެސް ޝާޔާގެ ކުށް އޮތީއެވެ. އެކަމަށް އަދި އެކަށޭނެ އަދަބު ވެސް ދޭންޖެހޭނެއެވެ.

އެރޭ ދަންވަރު ބާރަ ޖަހަން ގާތްވަނީއެވެ. ފަޅު ގެޔެއްގެ އެތެރޭގައި އަހަރެން ހުރީ ތުނި ގަމީހެއް ލައިގެނެވެ. ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. މަސް ކައްކަން އޮންނަ ފިރިހެނެއްގެ ގައިން ދުވާ ވަސް މީނައަށް ރަނގަޅަށް އަންގާލާނަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. Sleepy puffin

    Mi part v salhi. ?????????????Thanks for fast upload. ????????????????waiting for next part.

    1. Rainoppa
      Sleepy puffin

      Thanks, sleepy puffin
      Varah avahah up vaane next bai ves

  2. jiji

    Vv rythi?…kiyaa hithun indha nimuny❤..
    Dhn in bai vec avahah upkohladhehcheyy?…Waitinn fr the nextt

    1. Rainoppa
      jiji

      Thanks, Jiji.

  3. Ash

    Rainoppa vvv reethi mi part i hope next part miavure maamreethi vaane kamah????

  4. Ash

    When is the next part????

    1. Rainoppa
      Ash

      Very soon 🙂
      Thanks for the compliment, Ash

    2. Ash
      Ash

      Yeah thanks?

  5. Ash

    Mi vaahaka kiyaairah heevani lolah sifa vaahen ehaame ibaaraithah furihama ???

    1. Sleepy puffin
      Ash

      Ash ah haadha vis neyey. I vex bunan ulhunee hama ehen. But ash maa kuree bunee dho.

    2. Ash
      Ash

      ?

    3. Sleepy puffin
      Ash

      Awwwn??

  6. Ibsha

    Varah reethi

  7. azker

    Keep up the good work sis?????♥️♥️♥️♥️♥️♥️

    1. Naf
      azker

      Sis ehnoon dhahtha axker ? by the ways this part is amazing ..love it ..dhigukohlla part thah eyrun maa furihama vaane

    2. Rainoppa
      azker

      Thank you, Azker 🙂

  8. azker

    ???????????????nafffffffah

  9. The Alpha

    Varah salhi

  10. Ekujjaa

    Angayashaa fuhppaa hamashey nukiyaanu..Ethan rangalhu kohllahcheyy.. Aneh hn hama v rythi story..

  11. @$#@t#❤️❤️❤️❤️

    It’s really nice story ❤️❤️❤️❤️

  12. Zaan

    v loabi Maasha Allah
    When next
    curious to know what happens next

    1. Rainoppa
      Zaan

      It is currently pending. Will be uploaded very soon. Thanks for reading, Zaan

  13. Maheerios4life

    Nice story ❤?

    1. Naf
      Maheerios4life

      Shadhin kamekn …axker rohvaa thilii ?

    2. Rainoppa
      Maheerios4life

      Thanks for reading, Maheerios4life
      I really appreciate it 🙂

    3. azker
      Maheerios4life

      V.funny I don’t cry for *****like him….???????

Comments are closed.